ދާނިޝް އެ ކޮޓަރީގެ ދޮރުހުޅުވާލީ ޖެހިލުންވެފައި ހުރެއެވެ. 
"އެއީ ހަގީގަތަކީ. އަޅުގަޑަށް މާފުކޮށްދެއްވާ. ތަގުދީރު މިފަދަ ސަމާސާއެއްކޮށްފާނެކަމަކަށް އަޅުގަޑު ހިޔެއްނުކުރަން. މިފަދަ ބޮޑު ކުށެއްގެ އަދަބު މި ދުނިޔެއިން ލިބެމުން މިދަނީ...." ސައްފޫރު ކުށްވެރިއެއްފަދައިން އިސްޖަހާލައިގެން ހުރެ ބުނަމުން ދިޔައެވެ. ކުއްލިއަކަށް މައުމޫން ދަލުން ފެންވެރުނެވެ. ކެތްނުކުރެވޭފަދަ ވޭނަކަށް ކެތްނުކުރެވިގެން ކަހަލަ ގޮތަކަށް މޭގައި އަތްއަޅާލައްވަމުން އެނދާއި ދިމާލަށް އެއް ފިޔަވަޅު ކުރިއަށް އެޅުއްވިއެވެ.
"ބައްޕާ......." ދާނިޔާލް އާއި ޝާހާން އެއްފަހަރާ ގޮވާލެވުނެވެ. މައުމޫން ބިންމަތީގައި ޖެހުމުގެ ކުރިން އެ ދެބެއިން ހިފެހެއްޓިއެވެ. ދާނިޝް ހުރީ ގަނޑުވެފައެވެ. އޭނަގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހުނީކަން ދާނިޝްއަށް އެގުނެވެ. މިފަދަ ވަގުތެއްގައި އޭނަ ހާދަ ފިނޑިވެއެވެ. ލޯބިވާ ފަރާތަކަށް ދެރަކަމެއްވެއްޖެނަމަ ރުޅިގަދަވުން ނޫނީ ފިޑިވުން މިއީ އޭނަގެ ބަލިފަޔެވެ. އޭނަ ޖެހޭނީ މިކަން ކޮންޓްރޯލްކުރާށެވެ. ވަގުތުން އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިސްކަންދޭށެވެ. ދާނިޔާލްމެން ވެސް އޭނަފަދައިން ހުއްޓުން އެރިނަމަ ދެން ވާނެގޮތެއް ޚިޔާލުކުރަންވެސް ދަތިއެވެ.

މި ފެނުނު ބިރުވެރި މަންޒަރު ބަލަހައްޓައިގެން ސައްފޫރުހުރީ ގަބުވެފައެވެ. ފަހަތަށް ޖެހެމުންގޮސް ފާރަށް ލެގެވިއްޖެއެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް އެ ދިގު އެސްފިޔަތައް ފޫދުއްވާފައި އޮހިގަތެވެ. މޫނުގައި އަތް އަޅާލެވުނީ ކުޑަކުއްޖެއް ފަދައިންނެވެ. މި ކެހިވެރި ދުނިޔެއަށް އަލުން ލޯ ހުޅުވާލާކަށް އޭނަވެސް ބޭނުމެއް ނޫނެވެ.

އައިސްގޭޓް ހޮސްޕިޓަލުގެ އައިސީ ޔޫ ގެ ބޭރުގައި ހުރި ގޮނޑިތަކުގައި އެތައްބަޔަކު އިށީދެލައިގެން ތިއްބެވެ. އެންމެން ގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ފެންކަޅިވެފައިވާ ލޯތަކެވެ. ވަރުބަލިކަމާއި ނިދީގެ އަސަރުތައްވެސް ވޭމެއެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުކަމުން މުޅި ހިސާބުގައި ރަސްކަން ކުރަނީ ފުން ހިމޭންކަމެކެވެ. ދޭތެރެއަކުން އިވިލާ މެޝިނެއްގެ ބީޕް ގެ އަޑު ފިޔަވާ މީހަކު ނޭވާލާ އަޑެއްވެސް ނީވެއެވެ.

ޓޮއް ޓޮއް ޓޮއް ހިމޭންކަމުގެ ތެރެއިން އިވެންފެށި އަޑަކުން އަލީޒާ ގެ ހިތް އިތުރަށް ބިރުގަންނަގޮތްވިއެވެ. ކަށި ހަންޑިއެއްބާވައެވެ. ކަށި އަޑު ގޮއްވަމުން އައި ފިޔަވަޅުގެ އަޑު ތަންކޮޅެއް ކައިރިވުމުން އަލީޒާއަށް ވެސް ބަލާލެވުނެވެ.
މި ދަންވަރު މާއަޑު ގޮވާ ފައިވާނަކަށް އަރައިގެން ވަރު ގެ ކޮޅަށް މޭކަޕްކޮށް ސެންޓް ބުރުވާލައިގެން އަންނަނީ ހަފާ އެވެ. ކެޓްވޯކް ހިނގުމުގައެވެ. ރޭމްޕް މޮޑެލްއެއް ފަދައިންނެވެ. ރަތް ކުލައިގެ ކުރު ކުރު މިޑީއަކާއި އެކު ރަތް ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ނުފޮޅޭ ރަތް ފިނިފެންމަލެއް ތުންފަތުގައި ޖައްސާލައިގެނެވެ. ހީވަނީ ޑޭޓަކަށް ދާން ތައްޔާރުވެލައިގެން ހުރިހެނެވެ. 

"ދޮންތާ......" ހަފާ އަޑުގެ ކޮޅަށް ގޮވާލުމުން އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ހަމަ " ގްރޭންޑް އެންޓްރޭންސް" އެކެވެ. އޭނަ ޚިޔާލުކުރިވަރަށް ވުރެވެސް ރަގަޅަށެވެ. ރަގަޅު ތަނެކެވެ. ރަގަޅު ވަގުތެކެވެ. ސަޅި ބިޓުންތަކެއްވެސް އެބަތިއްބެވެ. ރާހިލް އިނީ އުޅަބޮށި ކަކުލުގައި ޖައްސައިގެން ދެއަތުން މޫނު ފޮރުވައިގެނެވެ.

. "ހައި....ވަރަށް ޓަފްކަމަށް ހެދިގެން ހުއްޓަސް ހަމަ ޗިކަން ދޯ ކެކެ........." ރާހިލްއާއި އަރާހަމަވަމުން ހަފާ ބުނެލިއެވެ 

އަލީޒާ ލަދުން ހަލާކުވާވަރުވިއެވެ. އާއިލާގެ އެންމެ އިސްވެރިޔާ ދިރިހުރުމާއި މަރާއި ދެމެދު ހަގުރާމަކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި އޭނަގެ ކޮއްކޮއަކު މިފަދަ ގޮތަކަށް އައިސް ތަނުގެ ހިމޭންކަން މުގުރާލުމުން ހުރިހާ ލަދެއް މިގަތީ އޭނައެވެ. ވަރަށް ބޮޑަށް ފޫހިވިއެވެ. މޫނު އަނެއްފަރާތަށް އަބުރާލެވުނެވެ.

"ދޮންތަ ބަލާމިއައީ. މަންމަ އެއްޗެއް ނުކައި ނުބޮއި އޮވެ ދޮންތައަށް ގޮވަނީ. އެދުވަހު ދޮންތައާއި ދިމާލަށް ނުހައްގުން އެއްޗެހި ކިޔުނީމަ އެކަމާ މަންމަ ދެރަވީ. އެކަމަކު ދާނިޝް އާއި ކާވެނިކުރިފަހުން މަންމަ ދެކެން ނުދަންޏާ އެއްޗެހިވެސް ކިޔޭނެއްނު. ބަފާބެއަށް ވުރެ މާ އައުލާވާނެ އަމިއްލަ މައިމީހާ ގެ ހާލުދެކެން ދިޔައްޔާ. މައިމީހާ ނިކަމެތިވިޔަސް ތިވަރު ތަންކޮޅެއް ބޮޑު. ހަމަ ކުއްޅަވައްފަލި ރަނިން ދޯ......." ހަފާ އަޑަށް ބާރުލާފައި އެހެން ބުނުމުގެ މަގުސަދަކީ އެތާ ތިބި އެންމެނަށް އިއްވާލުމަށެވެ. އަލީޒާ މާތް އާއިލާއެއްގެ ޅީދަރިއަކަށް ވީމަ އަމިއްލަ އާއިލާ މަތިން ހަދާންނައްތާލާފައި ކިބުރުވެރިވީކަން އެންގުމަށެވެ. ހަފާ ގެ އެ ވިޔާނުދާކަމަށް ހިތާހިތުން ތަރުހީބު ދިނީ ހަމައެކަނި ފަރުޒާނާއެވެ. ކަރުނަ އޮއްސަން ހުރެވެސް އޭނައަށް ހެވުނެވެ.

"ދޮންތާ. މަންމަ އެހެން ބުނީ ރުޅިގަދަވިވަރުންނޭ. މަންމަ ހުވާކޮށްފައި ބުނި ދޮންތައަކީ ތިމަންނަ ބަޑުއަޅާ ވިހޭ ފުރަތަމަ ދަރިއޭ...މަންމަ ވިއްޔާ ކޮންމެފަދަ އެއްޗިއްސެއް ކިޔަސް މާފުދޭންވާނެދޯ....." ހަފާ އެ ޖުމްލަ ބުނީ އަލީޒާއަށް އެކަނި އިވޭ ވަރަށް ސިއްރުންނެވެ. ބާރަށް ހެމުންނެވެ. 
އަލީޒާ ކިތަންމެ ފޫހިވެފައި އިނަސް ހަފާ މައިތިރިކުރެވޭނީ ރީތިކޮށް ވާހަކަދައްކައިގެން ކަން އަލީޒާއަށް ވިސްނުނެވެ.
"ދާނަމޭ......މަންމައަށް ކިހިނެއްވީ؟ ހުން އައީތަ؟ " އަލީޒާ އަހާލިއެވެ.

"ދާނިޝް ގޮތްދައްކަން ޝޯ އޮފްކުރަން ޕްލާސްޓަރގަނޑުގައި ޑާލިން އޭ ކިޔަކިޔާފައި ލިޔުނަސް ތަޅާފޮޅުން ނޫންކަމެއް ނުކުރެވޭދޯ. ދުވަސްކޮޅަކުން ތި ލައިލާ މަޖުނޫން ގެ ހަގީގަތް ދުނިޔެއަށް ބޭޒާރުވެދާނެ. އިހަށް ދުވަހު ދާނިޝް ތިމަންނަ ވަރިކޮށްފިޔޭ ކިޔާފައި ރޮމުން ގެއަށް ދިޔައީ......" ހަފާ އަލީޒާގެ ސުވާލަށް ޖަވާބެއް ނުދީ އެންމެނަށް އަޑުއިވޭހާ ބާރަށް ބުންޏެވެ. އަލީޒާ ގެ އަތުގައިވާ ޕްލާސްޓަރގައި އެކި މީހުން ހެޔޮ އެދުމުގެ މެސެޖްތައް ލިޔެފައިވާއިރު ރަތްކުލައިގެ މާކަރަކުން ލިޔެފައިވަނީ ހަމައެކަނި ދާނިޝްއެވެ. ހަފާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އެނަ ދެކެ މިހާ ލޯބިވާނެ ބައިވެރިޔަކު ލިބޭނެހެއްޔެވެ؟

. "ހަފާ.....އަޑުގަދަނުކޮށްބަލަ....ހެޔޮނުވާނެ...." އަލީޒާ އާދޭހުގެ ރާގެއްގައި ބުންޏެވެ
"ނޫނީ ހަމަ މިހާރު ގެއަށް ދާން ހިގާ..." ހަފާ އަމުރުވެރިގޮތަކަށް ބާރަށް ބުންޏެވެ. އެއާއެކު އަތުގައި އޮތް ފޯނުން އަޑުގަދަކޮށް އގިރޭސި ހެވީމެޓަލް ލަވައެއްޖަހަން ފެށިއެވެ. ބޮލަށް އުދަގޫވެގެން އެންމެން ނުރުހުމާއި އެކު ހަފާ އާއި ދިމާލަށް ބަލަން ފެށިއެވެ. އަލީޒާގެ ކޮއްކޮއަށް ވީތީ އެކަން ހުއްޓުވުމަކީ އަލީޒާ ކުރަންޖެހޭނެ ކަމެއްކަން އެންމެންވެސް ދެކޭނެއެވެ. އަލީޒާ ގޮތްހުސްވެފައިވާ ބެލުމަކުން ހަފާއާއި ދިމާލަށް ބަލާލިއިރު އޭނަގެ މޫނު ރަތްވަމުން ދިޔައެވެ. މި ފިނިކޮށްފައިވާ ތަނުގައިވެސް އޭނާގެ އޮމާން ނިތްކުރިން ދާތިކިތައް ވިދާލައިފިއެވެ. ރޮވެން އުޅުނީމަ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލެވުނެވެ. ދާނިޝް އައުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.

ދާނިޝް އައިސީޔޫ އިން ނުކުތީ އެވަގުތުއެވެ. އެވަގުތު އަލީޒާއަށް ޔަގީންވީ ގުޅިފައިވަނީ ހަމައެކަނި ހިތާއި ހަށިގަނޑު ނޫންކަމެވެ. ފުރާނަވެސް ކޮންމެވެސްގޮތަކުން ގުޅި ލާމެހިފައިވާކަމެވެ. ކޮންމެގޮތަކުންވެސް ހިތުގެ އަޑު އިއްވާލަދެވިއްޖެއެވެ.
ދާނިޝް ފެނުމުން ހަފާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފާޑަކަށް ލޯބޮޑުވެ އަނގަހުޅުވުނެވެ. މިފަދަ ހިތާމަވެރި ދަޑިވަޅެއްގައި ރުޅިއިސްކުރާނެ ހިތްވަރު ދާނިޝްގެ ހުރެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ދާނިޝް އައި ބާރުމިނުގައި ހަފާ ގެ އަތުގައި އޮތް ފޯނު ޖަހައިގެންފާ ހޫރާލީ ފަންސާހަކަށް ފޫޓް ދުރުގައިވާ ފާރާއި ދިމާލަށެވެ. ތޫނު އަޑަކާއި އެކު އެ ފޯނު އެތައް ސަތޭކަ އެތިކޮޅުތަކަށް ބުރައިގެން އެކި ދިމާލަށް ދިޔައެވެ. ދާނިޝްއެ ފޯނު ހޫރާލި ސްޕީޑް ބާރުވެފައި މައިކްރޯ ސިކުންތުކޮޅެއްގެ ތެރޭގައި އެހިގި ކަންތައްގަނޑުން އެންމެން ލޯބޮޑުވިއެވެ. ދާނިޝްގެ ކުޅަދާނަކަމާއި މެދުވެސް ހައިރާންވިއެވެ. ފަޒާގައި ގުގުމާފައިވާ އެ ލަވައިގެ އަޑު ވަގުތުން ކެނޑި ތަން ފަޅުވެގެން ދިޔަހެން ހީވިއެވެ. ހިމޭންކަމުގެ ސުކޫތުކޮޅެއް ގެނެވުނުކަހަލައެވެ. އެންމެންވެސް ތިބި ނޭވާހިފަހައްޓާލައިގެނެވެ.


އެ ފުން ހިމޭންކަން މުގުރާލީ ހަފާ ގެ އެ ބާރު ހިނިގަނޑެވެ. ހެވުނަސް އޭނަހުރީ ބިރުގަންނަގޮތްވެފައެވެ. ހުއްޓުންއަރާފައެވެ. މި ފޮނި ފިރިހެނާގެ ބައްޕަ މަރުވީމަވެސް މައިތިރިނުވަނީހެއްޔެވެ. އަދި މަރުނުވަނީކަން ނޭގެއެވެ. ހަފާ ބޭނުންވީ އައި ސީ ޔޫއަށް ވަދެ މައުމޫން ގެ ނޭވާ ހާސްކޮށްލުމަށެވެ. ގުޅާފައިވާ އޮކްސިޖަން އެއްޗެހި ދަމައިގަތުމަށެވެ. މި ފިރިހެނާ ރޮއްވާލަން ބޭނުމެވެ. ކޮންމެ އަކަސް ދާނިޝް ރުޅިއަރުވާލުމުގައި ކާމިޔާބު ކުރެވިއްޖެއެވެ. އެންމެންގެ ސަމާލުކަން ހޯދުމުގައި ކާމިޔާބުވެއްޖެއެވެ.


"ދޮންތާ. ދޮންތަގެ އަތް ބިންދާލީ ކާކުކަން މިހާރު އެނގިއްޖެ.....ފުޑާލެވިގެން މުގުރިގެން ޗިސްވެގެން ތެޅުވިގެން ވެސް މަރުވަންދެން އުޅޭނީ ތި އެރޮގަންޓް މޮންސްޓަރ އާއި އެކު ދޯ................." ހަފާ ނަންނުކިޔަސް އެ މާނަކުރީ ދާނިޝްކަން ޔަގީނެވެ.

އަލީޒާއާއި ދިމާލަށްމީހަކު ކިތަންމެ އެއްޗެއްކިޔަސް އަލީޒާ ކެތްކޮށްފާނެއެވެ. އެކަމަކުވެސް އޭނަގެ ފުރާނަފަދަ ލޯބިވާ ދާނިޝްގެ ބޮލުގައި މިފަދަ ތުހުމަތެއް އެޅުވުމުން ހިމޭނުން ހުރެވިދާނެހެއްޔެވެ؟ އެންމެންގެ ތެރޭގައި އެކީ ކޮންފަދަ ނަމެއްހެއްޔެވެ؟ އެވަގުތު އަލީޒާ ބޭނުންވީ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމަށެވެ. ވަށައިގެން މީހުން ތިބުމުން އެކަން ނުކުރަން ގަދަހެދީމަވީ ނުބައިގޮތެކެވެ. ހީވީ ހަޅޭއްލަވަންއުޅުނީމަ މީހަކު އަގައިގާ ކަފަގަނޑެއްޖަހާ ބަންދުކޮށްގެން ހިފަހައްޓައިގެން ހަޅޭއްލެވުނަނުދިންހެނެވެ. ތާށިކޮށް ހާސްކޮށްލިހެނެވެ. އެކަމަކު އެތެރެހަށީގައި ރުޅިގަނޑު ގަދަވެގެންގޮސް ކެތްނުކުރެވިފަޅަފަޅައިގެންދާން ކާރިވަނީއެވެ. ހީވީހަމަ މޮޔަވެދާނެހެނެވެ. އަލީޒާ އެ ޖަޒުބާތުތައް ކޮންޓްރޯލްކުރެވޭތޯ ބޮލާއި އެކު ކަންފަތުގައި އަތް އެޅިއެވެ. ދަތްތައް ބިންދައިގެން ދާހާ ބާރަށް ދަތްކުނޑިވިކައިގެންފާ ދެލޯ މަރާލިއެވެ. ނޫނެކެވެ. އެވަރުންވެސް ކެތެއް ނުކުރެވުނެވެ.

އަލީޒާ ވައަތުގެ ކުއްލި ހަރަކާތަކާއި އެކު ހަފާގެ މޫނަށް އެތިފަހަރެއް ވީއްލާލައިފިއެވެ. ހަފާގެ ލޮލުން ޗިސްލާފައި ކަރުނައައެވެ. ތަދުވިވަރުންނެވެ. ހަފާ ގަބޫލުކުރަން ދަތިވެފައިހުރެ ކޯތާފަތުގައި ފިރުމާލިއެވެ. މި ފިޑި އަލީޒާ ކޮންތާކުން ހޯދި ހިތްވަރެއްހެއްޔެވެ؟ ޖެހިހާ ބެރަކަށް ނަށަންހުރި ފިޑި މީހެކެވެ. މާގަދަކޮށްލީ ކީއްވެހެއްޔެވެ؟ ރުޅިއަކީ ކޯޗެއްކަން އަލީޒާ ކުރިއަކުން ނުދަނެއެވެ. 

"ހުއްޓާލާ. ކިޔާ އެއްޗެއް މަށާއި ދިމާލަށް ކިޔާ ބަލަ. މަގޭ ޑޭން އާއި ނުބެހޭތީ. އަތް ބިންދާލިމީހަކީ ތި ކުއްޖާގެ މަންމަ....އެއީ މޮންސްޓަރއަކީ. އަޑު އިވިއްޖެތަ؟މިވީހާތަނަށް ދުވަހަކު ހުވަފެނެއްގައިވެސް ޑޭން ހާނިއްކައެއްކޮށްފައެއް ނުވޭ. ހީޒް ލައިކް އެން އެންޖަލް. އެއްވެސް މީހަކަށް މިހާ ކެއަރިން ލަވިން ހަޒްބެންޑެއް ނުލިބޭނެ. ވީއިރު ދޮގުހަދައިގެން ފޫހިކުރުވަން ނޫޅޭތި. މިތަނުން ނުކުގެން ހަމަ މިހާރު ދޭ. މިއީ އެޑޮޕްޓްކޮށްފައިވާ މީހެކޭ ކިޔާފައި އެންމެން މަލާމާތްކޮށް ހިތަށް އެރިހާ އެއްޗެއްކިޔާފައި ދޮންތައޭ ކިޔުމުގެ މާނައެއްނެތް. އަހަރެންގެ ފެމިލީ އަކީ ހަމައެކަނި ޑޭން..........." އަލީޒާ ދާނިޝްގެ އަތުގައި ހިފާލިއިރު އަލީޒާގެ ލޯ ވަނީ ކަރުނުން ފުރިފައެވެ. ހިތުގައި ވާ ހާ ރުޅިއެއް ބަންޑުންކޮށްލެވުމުން އަލީޒާ ގެ ސިކުނޑިއަށް ލުއިވިއެވެ. ލަފުޒުތަކަކާއި ކަރުނައިގެ ސިފައިގާ އަލީޒާ ހިތުގައިވާހާ އުދާސްތަކެއް ބޭރުކޮށްލައިފިއެވެ. މިހާރު އަލީޒާ އަށް ލިބިފައިވަނީ ނޭގޭފަދަ ހިތްހަމަޖެހުމެކެވެ. ރަގަޅަށް ނޭވާލެވިއްޖެއެވެ. އެތެރެހަށީގައި އުފެދުނު ތޫފާން މައިތިރިވެލައިފިއެވެ. 

ފަރުޒާނާވެސް އެ މަންޒަރު ބަލަހައްޓައިގެން ހުރީ ހައިރާންކަމާއިއެކުގައެވެ. އަލީޒާ ފަދަ މަޑުމައިތިރި ލަދުރަކި ކުއްޖަކު މިފަދަ ރުޅިވެރިކަމެއް ދައްކާލިގޮތެއް އޭނަގެ ވިސްނުމަކަށް ނައެވެ. ދާނިޝްގެ ފަރާތުން އެ ބަލިއެރީކަމަށް ވެދާނެއެވެ. ނޫނެކެވެ. އެ ވިޔާނުދާ ނުބައި އާއިލާއިން ވާރުތަވި ބައި މިހުރިހާދުވަހު ފޮރުވައިގެން ހުރެފައި ދައްކާލީއެވެ. ކިތަންމެވަރަކަށް މަތިމައްޗަށް ޕޮލިޝް ކުރިޔަސް ގާގަނޑެއް ޖަވާހިރަކަށް ނެހެދޭނެއެވެ. ރަގަޅެވެ. އާއިލާ އެތައް ބަޔަކަށް އަލީޒާގެ ފަތިފުށް އެގުނީއެވެ. ފަރުޒާނާ އަށް ނޭގުނީ އެހެންމީހުން ތާއީދުކުރީ އަލީޒާއަށްކަމެވެ.

"ކޮބާ ކޮބާ އެންމެނަށް ގޮތްގަޑު ދައްކާނުލައި ނުހުރެވުނެއްނު. ހަމަ ހުވާ ބަދަލުހިފާނަން. ސަފަރުކައްދަ. މޫނުހީވަނީ ތަވައެއްގެ ބޭރުހެން....................." ހަފާ ރުޅިގަދަވެގެން އަލީޒާ އާއި ދިމާލަށް ފުންމައިގެން އައެވެ.

"ޑޯންޓް ޔޫ ޑެއަރ..........." ދާނިޝް ގެ އިންޒާރުގެ ނަޒަރުން ހަފާ ކުރިޔަށް ނެގި ފިޔަވަޅު ހުއްޓުނެވެ. އެ ތޫނުފިލި ދެލޮލުގައިވާ ބާރަކުން ހިތަށް ކޮންމެވެސް ގޮތެއްވެއްޖެއެވެ. ހީވީ މެޔަށް ފެން އެއްޗެއް އޮއްސާލިހެނެވެ. ދާނިޝް މިވަގުތު މިތަނުގައި ހުރީ އަލީޒާގެ ނަސީބު ރަގަޅުކަމުންނެވެ. އެހެންނޫންނަމަ އޭނަގެ ދިގު ވަކިތައްހެން ހީވާ ނިޔަފަތިތަކުން މޫނުމަތި ނޮޅާލީހެވެ. އެ ނިޔަފަތިތަކުގައި ރަތްކުލައިގެ ކިއުޓެކްސް ޖައްސާލާފައިވެއެވެ. އޭނަ އަލީޒާގެ މޫނާއި ދިމާލަށް ގެންދިޔައަތް ތިރިކޮށްލައިފިއެވެ. އޭރު ހުރީ ލޯވަށްކޮށްލައިގެނެވެ.

"އަލީޒާ......ޔޫ ވިލް ޕޭ ފޯރ ދިސް...." ހަފާ އިނގިލި ދިއްކޮށްލަމުން ބާރަށް ބުނެލިއެވެ.

ރާހިލްގެ ލޮލުން ފޭބިކަރުނަތަކަށް ވަނީ ހުއްޓުމެއް އައިސްފައެވެ. ނަމަވެސް ހިތާމައިން ހިތް ކުދިކުދިވަނީއެވެ. ލޯބިވާ ބޮޑުބޭބެ މަރުގެ ތުންފަތްމަތީގައެވެ. ބައްޕަ އެކަމުގެ ފުން ހިތާމައިގާ އެދުން ތެދުވާނެ ވަރެއްނެތިފައެވެ. އެކަމަކު ހަފާގެ ލަދުކުޑަކަމުން ހިތާމައަށް ވުރެ އެހެން ޖަޒުބާތެއް ގަދަކޮށްލައިފިއެވެ. ހިމޭނުންއިންނަން އުދަގޫވިއެވެ. ދުވަހަކު ކަމަކާ ބޮލަށް އުދަގޫވެ މިހާ ރުޅިގަދަވި ހަދާނެއް ރާހިލް ނުވެއެވެ. އާއްމުކޮށް އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު ޒުވާނަކަށް ވިނަމަވެސް ކެތްތެރިކަން ކޮޅުންލައިގެން ހިގައްޖެއެވެ. 

"ވަރިއޭ ކިޔައިގެން އާއިލާގެ އެންމެނަށް އޮޅުވާލަން އުޅޭއިރު އަހަރެމެނަށް ދާނިޝް އާއި އަލީޒާ މާރަގަޅަށް އެގޭ....މީހާއަށް ބަލާފައިވެސް ތިއީ ކިހާފެންވަރެއްގެ ކާކުކަން އެންމެނަށް ވިސްނޭނެ. އަނެއްކާ ތިދައްކާ ތާކުންތާކުނުޖެހޭ ވާހަކަ ގަބޫލުކުރާނެފަދަ މޮޔައެއް މިތާ ނެތް. ބޭކާރު މީހަކު ވަދެ އާއިލާމީހުނަށް ޖެއްސުންކުރަންޏާ ކެތެއްނުކުރެވޭނެ. ހަމަ މިހާރު މިތަނުން ނުކުމޭ......" ރާހިލް ގޮނޑިން ތެދުވެގެންއައިސް ވަރަށް ސީރިޔަސް އަދި އަމުރުވެރި ގޮތަކަށް ބުނެލިއެވެ.

"ނޯ ވޭ......ތިއީ މަށަށް އަމުރުކުރަން ކާކު. މިހުރިހާއިރުވަންދެން އިނީ އަންހެންދުޅާ ވެގެން ރޯން. ފިޑި. އަންހެންދުޅާ.....ކަޅު ބަބުރެއް ލިބުނީމަ ހިތުން މާމޮޅުކަމެއް ކުރެވުނީ؟ ކެކެ....." ހަފާ ދޫ ނެރެ ވައްތަރެއް ޖައްސާލައިފިއެވެ.

ރާހިލް ބަލާކަށް ނުހުރެ ހަފާގެ އަތުގެ މުލައްދަޑީގައި ހިފެހެއްޓިއެވެ. ހަފާ ނުދާން ގަދަހަދަހަދާ އޮތްވާ ދަމާ ކޫއްތަމުންގޮސް ހޮސްޕިޓަލުގެ ގޭޓުން ބޭރަށް ލާފައި އިންޒާރެއްދިނެވެ. ސިކިއުރިޓީއިންނަށް މި މޮޔަ ކުއްޖާ އެތެރެއަށް ނުވައްދަން އަމުރުކުރިއެވެ. ހަފާ ކިތަންމެ ރުޅިގަދަވިނަމަވެސް ބާރެއްނެތްކަން އެގުނީމަ ހިމޭނުން ހުންނަން މަޖުބޫރުވިއެވެ. އެކަމަކު ގޭޓްކައިރީ ހުރެ އިރުކޮޅެއްވަންދެން ސިކިއުރިޓީ މީހުނާއި ޒުވާބުކުރިއެވެ. ދާނިޝްގެ ގާތު ކުޓުވައިގެން އެންމެން ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުވެސް ދެއްކިއެވެ. ދަބަސް ހޫރުވަމުން ގެއަށް ދާން ހިގައިގަތީ ނާކާމިޔާބު ވުމުންނެވެ.

ހަފާއަށް އަލީޒާ ގެ އަތް ބިދުނުކަން އެގުނީ ފަނާގެ ފަރާތުންނެވެ. އަލީޒާ ވަރިކުރިކަމަށް ބުންޏަސް އެ ދެމަފިރިން އުޅެނީ ވަރަށް ލޯބިންކަމަށް ފަނާ ބުންޏެވެ. ސާއިރާ އަށް އެކަން އެގުމުން އެވާނީ ދާނިޝްމެން ރާވައިގެން ކުޅުނު ޑްރާމާއެއްކަން ވިސްނައިގަނެވުނެވެ. ވީމަ ސާއިރާ ބޭނުންވީ ވަގުތުން އެ ހެދުނު ގޯސް އަބުރާ ރަގަޅު ކުރާށެވެ. އަލީޒާ އާއި ހެދި ނުކައި ނުބޮއި މަރުވަނީކަމަށް ބުނުމުން އަލީޒާގެ މަޑުފުށްކޮޅެއްފަދަ ހިތަށް އަސަރުކުރާނެއެވެ. ވަގުތުން ދުވެފައި ސާއިރާ ދެކެން އަންނާނެއެވެ. ކަރުނައަޅާނެއެވެ. އަލީޒާ އެގެއަށް އައުމުން ސާއިރާ އަށް އާދޭސް ކުރެވިދާނެއެވެ. އޭނަގެ ކަރުނައިން އަލީޒާގެ ހިތަށް ސިހުރު ހަދާލެވިދާނެއެވެ. ދާނިޝް އަށް ހިލަހިތެއް ލިބިފައިވިނަމަވެސް އަލީޒާ އޭނަގެ ވާހަކަ ގަބޫލުކުރާނެއެވެ.

އަލީޒާއަކީ ސާއިރާގެ ދަރިއެއްނޫންކަން އެނގެނީ ހަމަ އެންމެ މީހަކަށެވެ. އެމީހާވަނީ އެ ސިއްރު ފޮރުވަން އަލީޒާ ލައްވާ ވައުދުކުރުވާފައެވެ. ވީއިރު އެއީ ފަސްއެޅިފޮރުވިފައިވާ ހާދިސާއެކެވެ. ދާނިޝް އަށް ވެސް ހެއްކެއް ނުދެއްކޭނެއެވެ. ސާއިރާ ޕްލޭންތަކެއް ކުރުމަށްފަހު ހިތް ހަމަޖައްސާލައިގެން ހުއްޓަސް ކުރެވުނު މޮޔަކަންތަކާއި ނިހާޔަތަށް ކަންބޮޑުވެއެވެ. އަބަދާއަބަދުހެން އެކަމާމެދު ވިސްނައެވެ. ވީދިފައިވާތަންކޮޅު ބައްދާލާފައި އަލުން ކުރީގެ އެގުޅުން އަލީޒާއާއި ބާއްވަން ކިތަންމެހާވެސް ބޭނުންވިއެވެ. ފޮނި ބަސްތަކުން އަލީޒާ ހައްލާލެވިދާނެކަމުގެ އުއްމީދު އަދި އެބައޮތެވެ.

ފަނާ އިނީ އެދުމަތީގައި ދެފައި ވަށްކޮށްލައިގެން ބޮޑު ޓިރަމިޒޫ އައިސްކްރީމް ތަށްޓެއްކާށެވެ. ބަޑުހައިވެ ހާންތިވާން ފެށުމުން މިފަދަ އެއްޗެއް ކާލެވުނަސް ގިނަވަގުތު ނުކައި ހުރުމުގެ ސަބަބުން ވަރުދެރަވެ އެޑްމިޓްވެސް ކުރަން ޖެހުނީއެވެ.

"ފަނާ...ކިހިނެއް ކިހިނެއް؟ " ޝައުނާ އައިގޮތަށް އެނދުގެ މަގަތުގައި އިށީނެވެ. 

"މުޅިން ސަކަރާތް. ވަރަށް ރަގަޅު ވަގުތެއްގައި ޝައުއަށް ތި އާދެވުނީ. ސިކުނޑި ފަޅައިގެން ގޮސްދާނެހެން ހީވަނި. މިއަށް ވުރެ އިތުރަށް ސިކުނޑިއަށް ބާރު ބޮޑުވެއްޖެއްޔާ ހަމަ ގޮވާފާނެ. ޝައު ވީމަ މިކިޔާދެނީ ފަނާގެ ހިތާމަވެރި ލަވް ސްޓޯރީ........" ފަނާ އޭނަ މީރާން ދެކެ މޮޔަވާން ދިމާވި ސަބަބުތައް ކިޔާދެމުން ދިޔައިރު ޝައުނާ އިނީ ނުތަނަވަސްވެފައެވެ. ފަނާ ފިރިހެންކުދިންގެ ފަހަތުގައި އުޅެމުންގޮސް އެންމެފަހުން ރަގަޅު ބޮޑިއެއް ބުއީ ބާވައެވެ. އެހެން ކޮންމެ ފިރިހެނަކަށް ވިނަމަވެސް މައްސަލައެއްނެތެވެ. މިއޮތް ބޮޑު ދުނިޔެއިން ފަނާއަށް ފެނުނީ ހަމައެކަނި މީރާންހެއްޔެވެ؟ 

ޝައުނާއަށް މީރާންގެ ހަގީގަތް ކިތަންމެ ރަގަޅަށް އެގުނަސް ފަނާގެ ކާރީ އެވާހަކަތައް ބުނެވޭކަށް ނެތެވެ. އެއީ އާއިލީ ސިއްރެކެވެ


"މީރާން އުޅޭތަނެއް ޝައުއަށް އެގޭތަ؟ ކޮންޓެކްޓް ކުރެވޭނެ ގޮތެއްނެތްތަ؟ އެއީ ޑޮކްޓަރ ޝާހާން ގެ ބޭބެއެއްނު. މިވަރުން ދަންޏާ ހަމަ މޮޔަވެދާނެ. ޕްލީޒް. ޕްލީޒް. އެންމެ ފަހަރަކު އޭނައާއި މީޓް ކޮށްދީބަލަ......." ފަނާ ގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.

"ދުވަސްކޮޅެއް ވެއްޖެ މީރާން ނުފެނި. ފޯނެއްވެސް ގެންގުޅެނީކީ ނޫން. އެކަމަކު ބަލާނަން މީރާން ގެ ޚަބަރެއްވޭތޯ. ޑޯންޓް ވޮރީ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ދާނީ ރަގަޅަށް...... " ޝައުނާގެ ހިތުގައި ފަނާއާއި މެދު ރަހުމް އުފެދުނެވެ. އެކަމަކު މިއީ ފަނާ އަމިއްލައަށް ވެއްޓިގަތް އަނދަވަޅެކެވެ. އޭނަ ކައިރިން ލަފާ ހޯދިނަމަ ވީ ކީއްހެއްޔެވެ؟ ތަނަކުން ރީތި ފިރިހެންކުއްޖެއް ފެނުނަސް ގޮތްބަލާނުލާ ގުޅޭކަށް ނުވާނެއެވެ. އެމެރިކާގައި އޭނަ ކިޔަވަންހުރިއިރު ވަރަށް ގާތް އެކުވެރިއަކު ޑޭޓް ރޭޕްގެ ޝިކާރައަކަށް ވިއެވެ. އެފަހުން ޝައުނާ ފިރިހެނުންނަށްކުރި އިތުބާރު ގެއްލުނެވެ. އަމިއްލަ ނަފުސް ސަލާމަތް ކުރުމަށް އަޒުމް ކަޑައެޅިއެވެ. ޝާހާން ފެނުމުން ޝައުނާއަށް ވަގުތުން އެއީ އޭނަގެ ފުރާނައިގެ ބައިވެރިޔާކަން ޔަގީންވިއެވެ. އެކަމަކު ޝާހާންއާއި އެކަނި ކޮޓަރީގައި ބައްދަލުކުރީވެސް ވަރަށް ބޮޑަށް ޝާހާން ދަސްކޮށްގެނެވެ. ޝާހާން އަށް ފުރިހަމައަށް އިތުބާރުކުރެވުނީމައެވެ.

"ޝައުއަށް އެގޭތަ؟ އަހަންނަށް ހީވާގޮތުގައި އަހަރެން ޕްރެގް...." ފަނާ ރަގަޅަށް ރޯން ފަށައިފިއެވެ. އޭނަގެ މަންމަމެނަށް މިޚަބަރު ލިބިއްޖެއްޔާ ހިތްހުއްޓިގެން މަރުވާނެއެވެ. ފަނާއަކީ ފުދޭވަރެއްގެ ރަގަޅު ތަނަވަސް އާއިލާއެއްގެ ކުއްޖެކެވެ. މަންމައާއި ބައްޕަ އަކީ މީހުން ގަދަރުކުރާ ބަޔެކެވެ. އެ އާއިލާގެ އަގުވެއްޓި ބަދުނާމުވުމަކީ ފަނާއެއްގޮތަކަށްވެސް އެދޭކަމެއްނޫނެވެ.

"ވަޓް؟ " ޝައުނާއަށް ލިބުނީ ޝޮކެކެވެ. ވީއިރު މީރާން ގަސްތުގައި ފަނާއަށް ލަޑެއްދިނީހެއްޔެވެ؟ 

އިތުރު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ފަނާ ގަދަޔަށް އޯކަށް ދަމާފައި ހޮޑުލައިފިއެވެ. ފަނާގެ މަންމައަށްވެސް އާދެވުނީ އެވަގުތުއެވެ. ވުމާއިއެކު ޝައުނާއަށް އިތުރުވާހަކަތަކެއް ދައްކާނެ ފުރުސަތެއް ނުލިބުނެވެ. އޭނަ ބޭނުންވީ ވީހާވެސް އަވަހަށް ޝާހާން އާއި މިވާހަކަ ހިއްސާކޮށްލުމަށެވެ. ބައްޕަ އައިސީ ޔޫ ގައި އޮންނެވުމުން ޝާހާންމެން ގިނަ ވަގުތު ހޭދަކުރަނީ އެތަނުގައެވެ. މިފަދަ ވާހަކައެއް ފަށައިފިއްޔާ ޝާހާން ހިތްހަމަނުޖެހުމަކީވެސް އެކަށީގެންވާކަމެކެވެ.

ނަމަވެސް ޝައުނާ ވިސްނަމުން ދިޔައީ ފަނާއަށް މީރާންގެ ދަރިއެއް ލިބިއްޖެއްޔާ ވާނެގޮތަކާއި މެދުގައެވެ. އެކުއްޖާ ގައިމު ފުރިހަމަ އިންސާނަކަށް ނުވާނެއެވެ. ފަނާއަށް އެކަން އެނގިއްޖެއްޔާ ބިރުގަންނާނެހެއްޔެވެ؟ މި ޕްރެގްނެންސީ އެހެން އިންސާނުންނާއި ތަފާތު ވާނެބާވައެވެ. މާލިޔާ ކައިރިން އަހާލެވޭނެނަމައެވެ. ޝާހާންގެ މަންމަ ކިތަންމެ ހިތްހެޔޮވެފައި ގާތްގުޅުމެއް އޮތަސް އެފަދަ ވާހަކައެއްވީމަ ޝައުނާއަށް ވަނީ އަހާނުލެވިފައެވެ. މާލިޔާ ގެ ދަރިފުޅު މީރާން އަށް ބަލިވެއިންއިރު އާދަޔާ ޚިލާފުކަމެއް ދިމާވިބާވައެވެ.
ފަނާފަދަ ކޭސްއެއްގައި އެބޯޝަން ހުއްދަވާނެބާވައެވެ. ކިތަންމެ ސުވާލުތައް ޝައުނާގެ ސިކުނޑީގައި ފުނިޖެހެމުން ދިޔައެވެ. ޝައުނާ އެކުވެރިޔާއާއި މެދު ހަމްދަރުދީވެ އެކަން ހައްލުކުރަން ކިތަންމެހާވެސް ބޭނުމެވެ.

މިދެތިން ރޭ މައުމޫން އައިސީޔޫ ގައި އޮންނެވުމާއި ގުޅިގެން އެކަކަށްވެސް ރަގަޅަކަށް ނުނިދެއެވެ. މައުމޫންގެ ފުރާނަ ނުރައްކަލުން ބޭރުވެފައިވާކަން ޔަގީންވި ނަމަވެސް މައްސަލަތައް އޮތީ ކުރިއަށެވެ. ދެރަވެ ލަދުގެންފައިވާލެއް ބޮޑުކަމުން ސައްފޫރުއަށް ބޭބެ ދެކިލަން ދާކަށް ނުކެރުނެވެ. އާއިލާ އެންމެނަށްވެސް މައުމޫން ބަލިވީ ދެބެއިންގެ އަރައިރުމަކަށްފަހުކަން އެގިފައިވެއެވެ. ނޭގުނީ އެ ހޫނު ހަގުރާމައިގެ އަސްލެވެ. އެ ހާދިސާ އެގެނީ މަދުބަޔަކަށެވެ. ބޭބެ ކޮއްކޮގެ ގުޅުމުގެ ލާމަސީލު މިސާލަކަށްވެފައި ވާ ދެބެންގެ މިފަދަ ހަނގުރާމައެއް ހިގުމުން އެންމެން ހައިރާންވިއެވެ. ގަބޫލުކުރަން ދަތިވިއެވެ.

މައުމޫން އަށް އަނގައިން ބުނެލެވޭވަރުވުމުން ދާނިޔާލް ގާތު ބުނުއްވީ ސޮއްފޫރު އަށް ގޮވާލަދިނުމަށެވެ. ސައްފޫރުއަށް މާފުކޮށްފިކަމަށާއި ކުށްވެރިޔަކީ ފަރުޒާނާ ކަމަށެވެ. ވީހާވެސް އަވަހަށް ފަރުޒާނާ މިނިވަންކުރައްވާނެ ކަމަށެވެ. ފަރުޒާނާއަކަށް އަދި މިއިން ކަމެއް ރޭކާނުލައެވެ. 

މައުމޫން އެމެރިކާއަށް ފުރުއްވީ ދާނިޔާލް އާއި ރިހާނާ އާއެކީގައެވެ. ސައްފޫރުއަށް މައުމޫންއާ އެކު ދާކަށް ނުކެރުނެވެ. ފަރުޒާނާއަށްވެސް މި ދަތުރުގައި ބައިވެރިވާނެ ހިތްވަރެއްނުލިބުނެވެ. ހިތްހެޔޮކުރުވާނެ ފުރުސަތެއްވެސް ނުލިބުނެވެ. ސައްފޫރުއަށް ވުރެ ބޮޑަށް ކުށްވެރިވީ ފަރުޒާނާކަން އޭނައަށް އެގެއެވެ. މައުމޫން ދެކިލަން އައިސީ ޔޫއަށް ވަދެވުނު އަދަދެއްނޭގެއެވެ. އެއިން އެންމެ ފަހަރަކުވެސް މައުމޫން އޭނައާއި ދިމާލަށް އިސްއުފުލާ ބައްލަވާނުލެއްވިތާ އަނގައިން ބުނަންވެސް ދެކޮޅުހެއްދެވިއެވެ.

ދާނިޝް ސިޑިން ފައިބައިގެން އައީ ލަސް ފިޔަވަޅުތަކެއްގައެވެ. ދެތިން ދުވަހު ތުނބުޅި ނުބާލާހުރުމުގެ ސަބަބުން ކުރިއަށް ވުރެ ފިރިހެންވަންތަކަމަށް ދައްކައެވެ. ސީރިޔަސް ނަޒަރެކެވެ. އެކަމަކުވެސް ކުރިއެކޭ އެއްފަދައިން މޫނިމަތިން ފެންނަނީ ތާޒާކަމެވެ. ސިޑި ބަރިއާއި ދިމާލަށް ހުރި ލޭމްޕްޝޭޑް ތަކުގެ ރީދޫ އަލީގައި އޭނަ ފެންނަލެއް ވަރަށް ފުރިހަމައެވެ. ފަރުޒާނާ ކޮޓަރިއަކުން ނުކުންނަން އުޅެނިކޮށް ދާނިޝްގެ ރީތި ސޫރަ ފެނުމުން މޫނު ބަނަވިއެވެ. އިތުރަށް ހިތްދަތިވިއެވެ. ދާނިޝްއަށް ނުފެންނަކަމަށް ހީކޮށް އެތެރެއަށް ދެމިގެންފިއެވެ.
ދާނިޝް ހިނިއައެވެ. މަމްއަށް އަދިވެސް އަހަރެން ދަސްނުވަނީބާވައެވެ. 
"ސްޕޯޓް. މަމްއާއި ދެކުދިން ފޯނު ބަދަލުކުރީތަ؟ ހާދަ ގުޅުން ރަގަޅޭ. ދެންމެވެސް މަމް އަށް އަހަރެން ފެނުނީމަ ބިރުންދުވެ ފިލައިފި.... " ޝާހާން ފަރުޒާނާގެ ފޯނު ހިފައިގެން ހަމަޖެހިލާފައި ސޯފާގައި އޮތްތަން ފެނުމުން ދާނިޝް އަހައިލިއެވެ.
"ހެހެ.... މަމް ހަދާންނެތިގެން ސޯފާމަތީގައި ފޯނު ބާއްވާފައިއެދިޔައީ. މި މެސެޖް ކިޔާލަބަލަ. މިވަރަށް ހާވާލީ އަންކަލް އާއި މަމް މިފަހުން އޮތީ ކިހާވަރެއްގެ ގުޅުމެއްކަން ދެނެގަންނަން. ޑޭޑް މަމް ވަރިކުރަން ނިންމެވީމަ ހިތަށް އެރީ މާކުރީގައި ހިގާފައި އޮތްކަމަކަށްޓަކައި އެހެން ހެއްދެވުން ރަގަޅެއްނޫނޭ. އެކަމަކު ....ވަރަށް ރޮމެންޓިކް އިގޭ....." ޝާހާން އޮތީ ހައިރާންވެފައެވެ.

"ހާދަބޮޑަށް ދެރަވޭ އަހަރެން ގެ ލޯބި މިވަގުތު މަގޭ ބޭބެ ގާތު ނިދާފައި އޮންނާނެކަން އެގޭތީ. އިންސާނަކަށް މިއަށް ވުރެ ބޮޑު ހިތްދަތިކަމެއް ލިބޭނެތަ؟އެހެން މީހަކަށްވިނަމަ އިތުރު ސުވާލަކާއި ނުލައި ޖަހައިގަތީމު. އެކަމަކު އަމިއްލަ ބޭބެވީމަ ކޮންފަދަ ބޮޑު ހިތާމައެއް. ތިއެނދުގެ އަނެއްފަޅީގައި އޮތުމުގެ ހައްގު މަށަށް ނުދިނީ ކީއްވެގެންތަ ފަޒީ. ކިހިނެއް ކެތްކުރާނީ. އަހަރެން ގެ މިއެކަނިވެރިކަން ފިލުވާލަދޭން އަހަރެން ގެ ގާތަށް އާދެބަލަ. ހެޔޮނުވާނެ. އާދޭސްކޮށްފައި މިބުނަނީ. ފަޒީގެ ހަދާންތަކުގައި ތެޅިފޮޅި ކިތައް ރޭގެ ނިދި ބޭކާރުވެއްޖެ. އަހަރެމެނަށް އަދިވެސް ޖީން އެއް ހޯދިދާނެ. ފަޒީ ބޭނުމެއްނުވޭތަ؟ ދަރިފުޅު އަބުރާ ގެނެސްދޭށޭ ބުނީމެއްނު......" ސޮއްފޫރު މިމެސެޖް ތައް ލިޔެފައިވަނީ އިގިރޭސިންނެވެ. 

"ކްލެސިކް. ޕޮއެޓިކް. ރޮމެންޓިކް. ކީކޭ ބުނާނީ. ހަމަ ރޯމިޔޯ ޖޫލިއަޓް .އަދިވެސް އެލޯބި ކުރިއަށް ގެންދަނީ........." ދާނިޝް ހީލިއެވެ. ހީވާގޮތުން ބައްޕަ ފަރުޒާނާ ވަރިކުރަން ނިންމެވީ ސައްފޫރު ބޮޑުބޭބެގެ ފަރާތުން ހަގީގަތް އެނގުމުންކަމަށް ވެދާނެއެވެ. އޭނަ ހުރީ އަނެއްފަރާތަށް އެނބުރިގެން ކޮޅަށެވެ. 

ކުއްލިއަކަށް އުދުހިފައި ކަހަލަ ގޮތަކަށް ފަހަތުން އައިމީހަކު ފޯނު ޖަހައިގަތެވެ. 
"މަމް.....ކުޑަތަންކޮޅެއް ލަސްވީ......." ދާނިޝް އެބުރިބަލާނުލިޔަސް އެއީ ފަރުޒާނާކަން އެގުނެވެ. އޭނަ ފަހަތުން އައިކަންވެސް އެގުނެވެ. އޭނަ ބޭނުންވީ މެސެޖްތައް ފެނުނުކަން ފަރުޒާނާއަށް އަންގާށެވެ. ފޯނު ސޯފާއަށް އެއްލާލާފައި އެތަނުން ދެވޭނެހާ ވަގުތުއޮތްވާ ފަރުޒާނާ އަންނަކަން އޭނަގެ ހަވަނަ ހިއްސު އަންގާދިނެވެ. ދާނިޝް ބޭނުންނަމަ ހުޝިޔާރުކަމާއި އެކު އެތަނުން ދެވުނީހެވެ. 

ޝާހާން ވަރަށް ނޫންކަމަށް ހަދައިގެން ލޯ މަރާލައިފިއެވެ. އެކަމަކު އޭނައަށް ފަރުޒާނާގެ މޫނަށް ވެރިވި ގަދަ ރަތްކުލަ ފެނުނެވެ. ބޭޒާރުވުމުން މަމް ގަތް ލަދުން އިތުރު އެއްޗެކޭ ބުނެނުލާ އެދިޔައީއެވެ.

"މަމް ރުޅިއަރުވާނުލާ ނުހުރެވޭ ދޯ ހެހެ.....ނަސީބެއްނު ޑޭންއަތުގައި ފޯނުއޮތްކަން. އެހެންނޫންމަ އަހަރެންނާވެސް ޖައްސާލީސްކަން ޔަގީން. ކޮންމެ ގޮތެއް ވިޔަސް މަމް ވީމަ ހަމްދަރުދީ އެބަވޭ. އަނެއްކޮޅުން އަންކަލް. ޑޭން ހާދަ ނޯޓީ އޭ. މަމް އަންނަކަން ރަގަޅަށް އެގިހުރެ މެސެޖް ކިޔާލަކިޔާލާ.....ކޫލް އިގޭ ބްރޯ........." ޝާހާން ތަންކޮޅެއް މަޑުން ބުނެލިއެވެ.

"އަހަރެމެން ރޮމެންސް ދަސްކުރަންދާންވީ ސޮއްފޫރު އަންކަލް ކައިރިއަށް. ހާދަ ސްވީޓޭ......ހުރިހާ މެސެޖްތައް ބަލާނުލެވެނީސް މަމް އައިކަން މުޅިން ސަކަރާތް. އަދިވެސް ޖީންއެއް ހޯދަންވެސް ބޭނުމޭ. އަހަރެމެން ވެސް އަދި ކުއްޖެއް ހޯދަން ޕްލޭން ނުކުރާއިރު މަމް މެން ހާދަ ކުރީގައި އުޅެނީ........." ދާނިޝް މަޖާވެލާފައި ޝާހާންގެ ގައި މައްޗަށް ވެއްޓިގަތެވެ. އެއް ސޯފާއެއްގައި ދެބެއިން އޮށޯވެލައިގެންތިބެ ސިއްރުން ކޮންމެވެސް ވާހަކަތަކެއް ދައްކަން އެތައް އިރެއްވަންދެން ތިއްބެވެ. ހަގީގަތުގައި އެއީ އެގޭގެ ފުރަގަހުގައި ހަދާފައި ވާ ފަތާފެންގަޑަށް އަލުން ފެން އެޅޭނެގޮތްހަދާ އެތަން ނިންމަން ކުރި މަޝްވަރާތަކެވެ.

ފަރުޒާނާ ފިލާހުރެ ކަންފަތް ކިތަންމެވަރަކަށް ތޫނު ކުރިނަމަވެސް އެކިޔާއެއްޗެއް އޮޅުމެއްނުފިލިއެވެ. ފަރުޒާނާ ކިތަންމެވަރަކަށް އެ ސިއްރު ދެނެގަންނަން އުޅުނަސް ވީ ބޭކާރުކަމަކަށެވެ. އިންސާނަކު ކަމަކަށް މާބޮޑަށް އެދެންފަށައިފިއްޔާ އެކަމެއް ނޭގެނީސް ނުވަނީސް ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ފަރުޒާނާގެ ސިކުނޑިއަށް އިތުރު ބުރަކަމެއް ކުރިމަތިވީއެވެ. އިތުރު ހިތްހަމަނުޖެހުމެކެވެ. ދާނިޝްމެން އެ ދައްކަނީ އޭނަގެ ވާހަކަބާވައެވެ. މީގައި ހުރި ހުރިހާ މެސްޖްތަކެއް ފެނުނުބާވައެވެ. އޭނަ މޮޔަކަމުން ސައްފޫރު ފޮނުވާފައިވާ މެސެޖްތައް ނުފޮހެ ބެހެއްޓުނީއެވެ.
ކޮޓެޖްގެ ބަގީޗާތެރޭގައި ހުރި ކާނޭޝަން މާގަހަކުން މާ ބިންނަން އަލީޒާ ހުރިއިރު އަވީގެ ދޯދިތަކުން އެރަން އިސްތަށިގަޑާއި ހަމަށް ރަންކުލަ ވެރިކޮށްލާފައިވެއެވެ. އަލީޒާ ހުރީ ރީދޫކުލައިގެ އަތްދިގު ޓީޝާތަކާއި ހުދުކުލައިގެ ޖިންސެއްގައެވެ. އިސްތަށިގަނޑު މައްޗަށް އޮމާންކޮށް ރަންކުލައިގެ ވޫލްކޮޅަކުން އައްސާލަދިނީ ދާނިޝްއެވެ. އެހެދުމުގައި ހުރިއިރު އެ ދޮންކަން ވިދަމުން ދިޔައެވެ.

"ދޮންކަބުލޮ ހާދަ ނަލައޭ......." ސާއިރާގެ އަޑުއިވުމުން އަލީޒާ ދިޔައީ ސިއްސައިގެނެވެ. މަންމަ އެގޮވާލީ ހާދަ ލޯބިންނެވެ. ވަރަށް އައިބުގޮތެއް ހުއްޓެވެ. ދުވަހަކު އެ ފަދަނަމަކުން ގޮވާލި ހަދާނެއް އަލީޒާ ނުވެއެވެ. އަލީޒާ ލަސްލަހުން އެބުރުނެވެ. ދެތިން ފޫޓް ދުރުގައި ސާއިރާ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ހުއްޓެވެ. ދެއަތުގައި ދެކޮތަޅު އޮތެވެ.

"މަންމަ މިހުރިހާ ދުވަހު ބަލިވެ އުޅުނީމަ މިގެއަށް ވެސް ނާދެވުނީ. މިހިރީ މަންމަ ގެނައި ހަދިޔާ. ކޮބާ ދަރިފުޅުގެ ފިރިމީހާ. މަންމަ އައިކަން އެގިއްޖެއްޔާ ހިތްހަމައެއްނުޖެހޭނެ ދޯ......" ސާއިރާ އެ ދެކޮތަޅު ގެނެސް ބެހެއްޓީ ހުދު ބެންޗްމަތީގައެވެ. ޗަކަވެ ހަޑިވެފައި ހުރި ފައިވާން އަރުވައިގެން ގޮނޑީގައި ސާއިރާ ހަމަޖެހިލިއެވެ. 

މިއަދު ސާއިރާ މަންމަ އޭ ކިޔާފައި ވާހަކަ ދެއްކުމުން އެ ލަފުޒުވެސް އަލީޒާއަށް ބީރައްޓެހިވިއެވެ. އެއަޑު އިވުމުން ނުބައި ގޮތެއްވިއެވެ. އޭނައަށް ދެން މަންމާއޭ ކިޔާފައި ގޮވާލެވޭނެހެއްޔެވެ؟ ސާއިރާ ވަނީ އެކަން މަނާކޮށްފައެވެ. އެއީ އޭނަގެ މަންމަ ނޫންކަމަށް ހުވާކޮށްފައެވެ. އޭނަގެ މަންމަ ވަނީ ކަށްވަޅުގައިކަން ބުނެދީފައެވެ. މިހާރު އަލީޒާއަށް ވަނީ ނަފުސާނީގޮތުން އެކަން ގަބޫލުކުރެވިފައެވެ. ވަރަށް މަސައްކަތުން ސިކުނޑިއަށް އެކަންވައްދާދީފައެވެ. އަލުން އޭނައަށް އެއްވެސް މީހަކަށް މަންމަކިޔާފައި ދެނެއް ނުގޮވޭނެއެވެ.

"ދާނިޝް ބޭރުގައި..އިރުކޮޅަކުން ދުރުވާނެ...." ދާނިޝް ދިޔައީ މެންދުރު ނަމާދަށެވެ. ނަމާދުކޮށްގެން އަންނައިރު ސާއިރާ ފެނިއްޖެއްޔާ މޫޑު ކަޓާނެކަން ޔަގީނެވެ. އެދެމަފިރިންގެ މި އުފާވެރި ދިރިއުޅުމަށް ސާއިރާމެންފަދަ މީހުންގެ ހިޔަނިއެޅޭކަށް އަލީޒާވެސް ބޭނުމެއް ނޫނެވެ. ސާއިރާއަކީ އޭނައަށް ހެޔޮއެދޭމީހެއް ނޫންކަން އޭނަވަނީ އެތައްފަހަރު ސާބިތުކޮށްދީފައެވެ. އޭނަވަނީ އެތައްފަހަރުމަތިން ދާނިޝްއަށް ފާޑުކިޔާފައެވެ. ދާނިޝް ދެކެ ފޫހިވާބަޔަކަށް އޭނަގެ ހިތުން އެއްވެސް ޖާގައެއް ނުލިބޭނެއެވެ. ހަދިޔާތަކުން އޭނަ ހައްލައެއް ނުލެވޭނެއެވެ. އުމުރުގެ ދުވަސް ވޭތުވަމުންދާވަރަކަށް އޭނައަށްވެސް މީހުން ދަސްވަމުން އެބަދެއެވެ. ދުނިޔެއަށް ލޯ ހުޅުވެމުން އެބަދެއެވެ.

އަލީޒާގެ މޫނުން މިހުރިހާއިރުވަންދެން ފެނުނު ލޯބިވެތި ހިނިތުންވުން ވެސް މިހާރު އެމޫނުމަތިން ފިލައިފިއެވެ. ފޫހިވެއްޖެއެވެ. މާތަކުގެ ދުނިޔޭގައި އުފަލުންހުއްޓާ މިއައީ ކާކުހެއްޔެވެ؟ 

. "މަންމައަށް މާފުކޮށްދީ. އެނގޭ ދަރިފުޅު ތިހިރީ މަންމަދެކެ ހިތްހަމަނުޖެހިފައިކަން...." ސާއިރާ ފެށީ ދުރުންނެވެ
އަލީޒާއަށް ސާއިރާގެ ވާހަކަތަކުން މިއަދު ބޮލަށް އުދަގޫވިއެވެ. އެންމެ ލޯބި ބޭނުންވިދުވަހު މަންމަގެ ފަރާތުން އެއްވެސް ލޯތްބެއް ނުލިބުނެވެ. ގަދަ ހުމެއްގައި އޮތްދުވަހެއްގެ މަތިން އަލީޒާހަދާންވިއެވެ. އެކަކުވެސް އޭނައާ އަޅައެއްނުލިއެވެ. ބޮލުގައި މޮޑެލަދޭށޭ ހަފާގާތުވެސް ބުނެވުނީ ކެތްނުކުރެވިގެންނެވެ. ސާއިރާއާއި ހަފާވެސް ބުނީ ކެތްކުރުމަށެވެ. މަންމަ ބޭސްގުޅަތަކެއް އަތަށް ދީފައި ބުނީ ބޭސް ކެއުމަށެވެ. އެހާލުގައި އޮވެ ތެދުވެގެން ގޮސް ޖޫސްތަށްޓެއް ހަދަން ޖެހުނެވެ. ކުރުބާ ފަނި ބޯ ހިތުން ބުނީމަވެސް އެއެއް ނުލިބުނެވެ. ރޮއި ރޮއި ވަރުބަލިވެގެން ކުކުރާލަ ކުކުރާލާ ހަމްދުކޮށްގެން އޮތީއެވެ. ހޮޑުލަވައިގެން ބޮލަށް ގޮތްގޮތްވެ އުދަގޫ ވެގެން މަންމަމެނަށް ގޮވިޔަސް ފިރުމައެއްނުދިނެވެ. އެފަހުން ބަލިވިޔަސް އަލީޒާ އެއްވެސް މީހެއްގެ އެހީ ހޯދާކަށް ނޭދެއެވެ. އެކަމަކު މަންމަ ނުވަތަ ހަފާ ބަލިވެއްޖެއްޔާ އަތް ވާޅުވިޔަސް ބޯ މޮޑެދެއެވެ. ފެންފޮތިލައެވެ. ވީވަރަކުން އެއްޗެހި ބޯންދެއެވެ. ނޫނެކެވެ. ސާއިރާ އަކީ އޭނަގެ ލެއެއްނޫނެވެ. މިއީ ހިލޭ އަންހެނެކެވެ. 

އޭނަ ތުއްތުއިރު އޭނައާއިމެދު މިއަނިޔާވެރިޔާ ކަންތައްކުރިގޮތް ދެނެވޮޑިގެންވަނީ މާތްﷲއެވެ. ބަޑުހައިކޮށް ރޮއްވާލީ ކިތައްދުވަހު ކަމެއްވެސް ނޭގެއެވެ. ގައިމު ހަދާން ހުންނަންފެށީއްސުރެ ދޮންމަންމައެއްފަދައެވެ.

އަލީޒާ އިތުރު އެއްޗެކޭ ނުބުނެ ގަޑިއަށް ބަލާލައިފިއެވެ. ތިންކުލައިގެ ރަނުންވާ އެގަޑި ވަގުތުން ސާއިރާގެ ލޮލުގައި އަޅައިގަތެވެ. ލޮލޮގައިވާ ދަހިވެތި އަދި މަކަރުވެރިކަމުގެ ވިދުވަރުގަދަވިއެވެ. މިހާރު އެނޫންތަނަކަށް ސާއިރާއަށް ނުބެލެއެވެ.

"އަލީޒާ. ހުވާކޮށްފައި ބުނާ ތެދެއްމިއީ. ތިއީމަންމަ ވިހޭ ދަރިއެއް. އެދުވަހު ރުޅިގަދަވިވަރުން އެހެން ބުނެވުނީ ދަރިފުޅުގެ ބައްޕަ މަންމައަށް ލަނޑުދީފައި ހުރީމަ. އެރޭ ޕާޓީގައިއުޅުނު ބިޔަމީހާ މަންމައާ ބެހުނީ. ދަރިފުޅު ލިބުމަށްފަހު އޭނަ މަންމަ އަކަށް ނުފެނޭ. އެހެންވެ ކަން ނޭގޭ ދަރިފުޅާމެދު ތަންކޮޅެއް ހަރުކަށިކޮށް ކަންތައްކުރެވުނީ....." ސާއިރާގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ.
އަލީޒާ ހައިރާންކަމާއި އެކު ސާއިރާގެ މޫނަށް ބަލާލިއެވެ.

 

ކޮމެންޓް 0