ދާނިޝް ބައްޕަ އާއި އެކު ދޮރާށްޓާއި ހަމަޔަށް ދިޔައެވެ. ބައްޕަ ކާރު ދުއްވާލުމުން ދާނިޝް އަވަށް ފިޔަވަޅުތަކެއްގައި ގެއަށް ވަނެވެ. އެ ސިޓީގައިވާ އިބާރާތްތަކެއް ދެކިލާ ހިތުން ހާދަ ދިގު އިންތިޒާރެއް ކުރެވިއްޖެއެވެ. ތެޅިތެޅި ވާހިތަކާއި އެކު އޭނަ ސިޓީ ނިއުޅާލައިފިއެވެ. 
ސިޓީ ކިޔަމުން ދިޔައިރު އޭނަ ގެ ހިތުގައި އަލީޒާ އާއި މެދު އެތައް ޝަކުވާ އެއް އުފެދުނެވެ. އޭނަގެ ބޮލުގައި މިހާ ދޮގު އިލްޒާމެއް އެޅުވީ ކީއްވެހެއްޔެވެ؟ ދެރޭ ކޮޓެޖަށް އޭނަ ގަދަކަމުން ގެންގޮއްސަ ނަފުސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލިކަމަށާއި ދެރޭވެސް އޭނަ ރޭޕްކުރިކަމަށާއި އަނިޔާ ކުރިކަމަށެވެ. ދާނިޝް އަކީ ސައިކޯ އެއްކަމަށާއި މެންޓަލް ހޮސްޕިޓަލަކަށް ގެންދިޔުން ރަގަޅު ވާނެކަމަށާއި ނޫނީ އެއްވެސް އަންހެން ކުއްޖަކު އޭނަގެ ވަކިތަކުން ސަލާމަތް ނުވާނެކަމަށެވެ.
ޝިޓް.....ދާނިޝް އަށް ކިޔާލެވުނެވެ. މއީ ހަމަ އަލީޒާ ފޮނުވި ސިޓީއެއްހެއްޔެވެ؟ މިއީ އަލީޒާ ގެ ސޮއި ހެއްޔެވެ؟ އަލީޒާ މިހާ ބޮޑު ދޮގެއް ހެދީ ކީއްވެހެއްޔެވެ؟ ބައްޕަ އާއި ބޭބެ އޭނަ އާއި ދޭތެރޭ ދެކޭނީ ކޮންގޮތަކަށް ހެއްޔެވެ؟ އޭނަ އެންމެ ބޮޑަށް އިހުތިރާމް ކުރާ މީހުންގެ ކައިރީގައި މިހާރު އޭނަގެ އެއްވެސް އަގެއް ނުހުންނާނެއެވެ. މަޑުމަޑުން ތުންފަތުގައި ދަތް އަޅާލައިގެން ހުރެ ސިޓީ ކިޔާ ނިންމާލުމަށްފަހު ދެން އޮތް ކަރުދާސްގަނޑުވެސް ނެގިއެވެ.
މިއީ ދެވަނަ ސިޓީއެއް ނޫނެވެ. ލެބޯޓްރީ ޓެސްޓް ނަތީޖާއެކެވެ. އިއްޔެގެ ތާރީޚު ޖަހާފައި އޮތް އަލީޒާގެ ޓެސްޓެކެވެ. މިއިން ދައްކަނީ އަލީޒާގެ ޔޫޕީޓީ ޕޮޒިޓިވް ކަމަށެވެ.

ސިޓީ ފެނުމުންވެސް މިފަދަ އަސަރުތަކެއް އޭނައަކަށް ނުކުރެއެވެ. އޭނައަށް ހީވީ ލައި ލައި ހުރި ނޭވާވެސް ހުއްޓުނުހެނެވެ. ވަގުތުން ފެންކަޅިވިއެވެ. ދެލޯ މަރާލެވުނީ އެއަށް ނުބަލަން ވެގެންނެވެ. ފުރަތަމަ އެހެންމީހަކު އެ ސިޓީ ލިޔުނީ ކަމާއިމެދު ޝައްކުކުރެވުނެވެ. ބައްޕަ ބުނުއްވި ފަދައިން ޢާއިލާ މީހަކު ފައިދާ ތަކެއް ހޯދުމުގެ ބޭނުމުގައިކުރި ވިޔާނުދާ ކަމެއް ކަމަށް ހީކުރެވުނެވެ. އެކަމަކު އޭނަގެ އަތުގައި މިއޮތީ އަލީޒާ ގެ ވިޔާނުދާކަމުގެ ހެއްކެކެވެ. ޓެސްޓުގެ ނަތީޖާއެވެ. ދާނިޝް ކުއްލިއަކަށް ހަދާންވީ އެރޭ އޭނަ ގާތު އަލީޒާ ބޯއިފްރެންޑެއް ހުންނަ ކަމަށް އިޢުތިރާފު ވިކަމެވެ. އެހާރީތިކޮށް އަލީޒާ އެވާހަކަ ބުނެދިނީމަ އެކަން އޭނަ ހަނދާން ނެތުނީހެއްޔެވެ؟ އޭނަ ހާދަ މޮޔައެވެ. ގަމާރެވެ. އެއީ މީހެއްގެ ޙައްޤެކެވެ. ހިތާމަ އަކީ އަލިޒާ އެ ބޮޑު ފާފަ އޭނަގެ ބޮލުގައި އަޅުވަން އުޅޭތީއެވެ. ނަހަލާލު ދަރިއަކަށް ބަލިވެ އިންކަން އެގުނީމަ ބައްޕަ އަށް އެ ދޮގުވެރި ސިޓީ ލިޔެގެން ބައްޕަ އަށް މަޖުބޫރު ކުރީއެވެ.

ބައްޕަ ހީކުރައްވާނީ އަލީޒާއަށް ލިބެން އުޅޭ ދަރިފުޅުގެ ބައްޕަ އަކީ ދާނިޝް ކަމަށެވެ. އަލީޒާ އާއި ކާވެނި ކުރަން ބައްޕަ ބާރު އެޅުއްވި ސަބަބަކީ އެއީއެވެ.

ދާނިޝް ގެ ލޮލުން ވެއްޓުނު ކަރުނަ ތިކި އެ ރިޕޯޓްގެ ބައެއް އަކުރުތައް ފަވާލިއެވެ. އޭގައިވާ އަކުރުތައް އޭނައަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. އޭނަ ކަރުނަތައް ހުއްޓުވަން ލޯމަރާ ތަގުޅިކޮށްލިނަމަވެސް އެބޯ އެސްފިޔަތައް ފޫދުއްވާފައި ކަރުނަ އޮހިގަތެވެ. އެނާ ސޯފާގައި އިށީދެ މޭޒުމަތީގައި އުޅަބޮށިވިއްދާލަމުން ދެއަތް މޫނުގައި އެޅިއެވެ. ހިތްވަރު ކުރަން ކިތަންމެ މަސައްކަތް ކުރިނަމަވެސް ކަރުނަތައް ނުހުއްޓުވުނެވެ. ދެލޮލުގައި ކިތަންމެ ބާރަށް ހިފެހެއްޓިނަމަވެސް ހިތަށް ލިބެމުންދާ ވޭން ލުޔެއް ނުވިއެވެ. ހައްތަހާ ވޭން އިތުރުވީއެވެ.
ކޮޓަރިއަށް އެޅިފައިވާ ރަން ދޯދިތައް ފަޑުވަމުން ދާން ފަށައިފިއެވެ. ލީޒާ އަންނާނެނަމައެވެ. މި ފިނިފެންމާ ގަސްކާރީގައި ދެ ދުވަސް ކުރިން އެ ހޭދަކުރެވުނު އިޝްގީ ވަގުތުކޮޅު ހިތުން ފިލައިގެން ދާ ގޮތެއް ނުވިއެވެ. ހާދަ އެހެންކަހަލަ އިހުސާސްތައް ކުރެވުނެވެ. އަލުން އެތަންކޮޅު ރިވައިންޑް ކޮށްލަން އޭނަ ބޭނުމެވެ.
ކޮންމެވެސް މީހަކުގެ ފިޔަވަޅު ގެ އަޑު އިވުމުން ދާނިޝް ލަސްލަހުން އެބުރުނެވެ. އެއާއިއެކު ނުތަނަވަސްވާގޮތްވިއެވެ.
ނަމަވެސް އޭނާގެ މޫނުމަތިން އެކަން ފާޅުވިޔަނުދީ ވަރަށް ހަމަޖެހިލަމުން ބުމަ އަރުވާލިއެވެ.

"ޔެސް މަމް؟ " 
ފަރްޒާނާ ކޮޓެޖްގައި ފައި ބީއްސާލާނީ ޖެހުނު ބޮޑުކަމެއްގެ ސަބަބުން ކަން ދާނިޝް އަށް ޔަގީނެވެ. އެހެންނޫންނަމަ ދާނިޝް ފެންންހިސާބަށް އައުމަށް ވެސް ފަރްޒާނާގެ ހިތެއް ނުރުހޭނެއެވެ. ދާނިޝް އައިސްގޭޓް ދޫކޮށްލަން ޖެހުނު އެއް ސަބަކީ ވެސް ފަރުޒާނާ ގެ އަލިފާނުގެ ބެލުން ތަކާއި " މަގޭ ދަރިފުޅާއި ދުރުން އުޅޭށޭ " ނަޒަރު ތަކުންނެވެ.
ފަރުޒާނާ ތަންކޮޅެއްކާރިއަށް އައުމުން ލޮސިޓޭން ގެ ރޯޒް ވަހުން މުޅި ހިސާބު އެއްވަސްވެލައިފިއެވެ. ޒުވާން އަންހެން ދަރިއެއްގެ މަންމަ އެކޭ ބުނާނީ ކާކުހެއްޔެވެ؟ އެހާ ނަލަވެފައި ސްޓައިލިޝް އެވެ. ގަވާއިދުން ސެލޫން އަށް ގޮސް އިސްތަށިގަނޑާއި ހަށިގަނޑު ފަރުވާތެރިކަމާއި އެކު ގެންގުޅުމުގެ ސަބަބުން ހީވަނީ ޖީނާ ގެ މަންމައަށްވުރެ ބޮޑަށް ދައްތަހެނެވެ. 
" ދާނިޝް މިހާ ރީތިކޮށް ގަސް ހައްދާ ސިއްރު ބުނެދީފާނަންތަ؟ މި ވީރާނާ ކޮޓެޖް ސުވަރުގެއަކަށް ހަދައިފީމު.." ފަރުޒާނާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ބަގީޗާގެ ތެރޭގައި ހިނގަން އޮތް ހަނި މަގަށް އޮތީ ކުލަކުލައިގެ އޮމާން ހިލަވެލި އަޅާފައެވެ. ދެފަރާތުގައި ހުރީ ލެވެންޑަރ ފަދަ ވިނަހެން ތިރިކޮށް ހެދޭގަސްތައް ހައްދާފައެވެ. ދަނބުކުލައިގެ ލެވެންޑަރ މަލާއި ރަތާއި ހުދު އަދި ފިޔާތޮށި ކުލައިގެ މާތަކެއް އާދަޔާ ޚިލާފަށް ރީތިކޮށް ފޮޅިފައި ހުއްޓެވެ.

" ބިންގަޑު ރަގަޅީ ކަމަށް ވާނީ..." ދާނިޝް ފަރުވާކުޑަގޮތަކަށް އެހެން ބުނެލާފައި އިށީދެލީ ފިނިފެންމާ ގަސްތަކާއި ކުޑަ ތަންކޮޅެއް ދުރުގައި ހުރި ރީދޫމަލުން ބަރާވެފައި ހުރި ގަހެއްގެ ހިޔަލުގައި ހުރި ހުދު ބެންޗެއްގައެވެ. އެ ގަހުގެ މާތައް އެ ބެންޗް މަތި އަދި ވިނަގަނޑު މައްޗަށް ވެރިފައި ހުރި މަންޒަރު ވެސް ފަރުޒާނާއަށް ރީތިވިއެވެ. 

" ހެވޭ، އެނގޭ މިހެން އެހިއިރުވެސް ދާނިޝް ނުބުނާނެކަން... " ފަރުޒާނާ ފިނިފެންމާ ބޯށިތަކުގައި ފިރުމަމުން އެ ގަހުގެ ކުލަގަދަކަމާއި ފަތްތަކުގެ ވަރުގަދަކަމަށް ހިތާހިތުން ތަޢުރީފު ކުރިއެވެ. 
ދާނިޝް އިތުރު ޖަވާބެއް ނުދީ ފޯނާއި ކުޅެމުން ދިޔައެވެ. އޭނަ އެހެރީ އަލީޒާ އާއި ބައްދަލުކުރަން ދާން ތައްޔާރުވެގެން ކަމަށް ވެސް ވެދާނެއެވެ. ދާނިޝް އާއި އަލީޒާ ގެ ކައިވެންޏަކީ އެނަ ދެކޭގޮތުގައި ހެޔޮފާލެކެވެ. އޭނަގެ ދަރިފުޅު ޖީނާ އަށް ދެން ދާނިޝްގެ ބިރު ކުރިމަތިނުވާނެ ކަން އެގޭތީއެވެ. ފުރަތަމަ ދާނިޝް އަލީޒާ އާއި ދުރުކުރުވަން އޭނަ ހާދަ މަސައްކަތެއް ކުރިއެވެ. އޭރު އޭނަ ވިސްނީ އަލީޒާ އެގޭގެ ރަނިއަކަށް ވެއްޖެނަމަ އެއީ ފަރުޒާނާގެ ފަސްބައިގައި ޖެހޭނެ ލައްގަނޑެއްކަމަށެވެ. އަލީޒާ ފަދަ ނިކަމެތި އަންހެންކުއްޖަކު އެގެއަށް ވަނުމަށް އޭނަ ވެސް ނުރުހެއެވެ. ފަހުން ޚިޔާލު ބަދަލު ވީ އެވެ. ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑީ އަލީޒާ އާއި ދާނިޝް ގުޅުމުން ކަމަށްވާތީއެވެ.

" ވަރަށް ރީތި މި ގާޑްން. އަލީޒާ އުފަލުން މޮޔަވާނެ. ނަސީބު ރަގަޅު ކުއްޖެކޭ ބުނެވޭނީ. އެހާ ރަގަޅު ބަސްއަހާ ރީތި ކުއްޖެއް މާލޭގައި މަދުވާނެ. ދެކުދިން ވަރަށް ގުޅޭ. ދާނިޝް ގެ ޗޮއިސް ބަރާބަރު..." ފަރުޒާނާގެ ހިތުގައި ދާނިޝް އާއި މެދު ނަފްރަތާއި ހަސަދަ ވެރިކަން އުފެދިފައިވި ނަމަވެސް ވާހަކަ ދެއްކީ ރީތިކޮށެވެ. އޭނަ ދުވަހަކުވެސް އޭނަ ގެ ސްކަލްޕްޗަރ ތައް ތަޅާލީތީ ދާނިޝް އަށް މައާފެއް ނުދޭނެއެވެ. ދުވަހަކު ހިތް ހެޔޮނުކުރާނެއެވެ. އެ ދުވަހު ދާނިޝް އާއި އޭނަގެ އޮތް ކުޑަކުޑަ ނާޒުކް ގުޅުން ވެސް ދާނިޝް ކަނޑާލައިފިއެވެ. މުޅި އުމުރު ވެސް ދާނިޝް ހުންނާނީ އޭނަގެ ދުޝްމިނެއްގެ ގޮތުގައެވެ.

" އިޓް ޝުޑްބީ. އައިމް ޕާފެކްޓް. މައި ޗޮއިސް ވޯންޓް ބީ އެނީތިންގް ލެސް ދޭން ޕާފެކްޓް..." ދާނިޝް ހަމަ އެ ބޮޑާގޮތަށް ބުނެލިއެވެ. ފަރުޒާނާ ކޮންމެވެސް ވަރަކަށް އޭނަގެ ފުރަތަމަ ލޯބިވެރިޔާ ގެ މަތިން ހަދާންވިއެވެ. މިހާ ރީތި ނުވިޔަސް އެވެސް ފިރިހެންވަންތަ ރީތި ޒުވާނެކެވެ. ހަމަ މިފަދަ ބޮޑާ ގޮތެކެވެ.
ފަރުޒާނާ ކިތަންމެ ގަދަޔަށް ރުޅިއައިނަމަވެސް ކެތްތެރިވެލިއެވެ. ދާނިޝްގެ މޫނުގައިވާ ރީތި ކަމާއި ބޮޑާކަން ނިގުޅައިގަންނަން ބޭނުންވިއެވެ. ޝުކްރިއްޔާ އޭ ބުނެލުމަކީ ވެސް މި ބޮޑާ އިންސާނާގެ އިއްޒަތަށް އުނިކަމެއް އަތުވެދާނެކަމެއް ކަމަށް ހީކުރަނީހެއްޔެވެ؟ އަޚުލާގުގެ ކަންފުޅެއްވެސް ނެތެވެ.

" އާން ބޭރުފުށުން މާބޮޑަށްވެސް ޕާރފެކްޓް. ހިތާއި ސިކުނޑިވެސް އެހާ ފުރިހަމަކޮށްބަލަ..." ފަރުޒާނާ ޕްލާސްޓިކް ހިނިތުންވުމެއް އެތުންފަތް މައްޗަށް ވެރިކުރިނަމަވެސް އެ ހިނިތުންވުން ލޮލާއި ހަމަޔަކަށް ނުފޯރިއެވެ.
ދާނިޝް އެސުވާލަށް ޖަވާބުދޭން ހިތަށްއަރާފައިވެސް ހިމޭންވިއެވެ. އެހާވަރަށް ދޮންމަންމަ ރުޅިއަރުވާލުމަކީ ބުއްދިވެރިކަމަކަށް ނުވާނެއެވެ. 
ތެތްފިނި ވައިރޯޅިތައް ބާރުވެ ގަސްތައް ހަލުވަން ފެށީ ހަމަ ކުއްލިއަކަށެވެ. އުޑުމަތީގައި ބޯވަމުން ދިޔަ ވިލާތައް ދުނިޔެމަތި އަނދިރިކޮށްލާ ތޫފާނެއްގެ ސިފަ ޚިޔާރުކުރިއެވެ. ގޮތްނޭގޭ މޫސުމެކެވެ. ރީތިކޮށް އަވިދީފައި އޮވެފައި ވެސް ބޯ ވިލާގަޑެއް ނަގާލަފާނެއެވެ. ހިތްފުރޭވަރަށް ގަސް ތައް ބަލައިނުލެވެނީސް ފަރުޒާނާއަށް ފިނިވާން ފަށައިފިއެވެ. ހީކަރުވާގޮތްވިއެވެ.

" ބައްޕަ ބުނުއްވި މިގެ ވަރަށް ރީއްޗޭ. ޕާޕްލްގެ އެކި ޝޭޑްތަކުންނޭ ގެއާއި ފަރުނީޗަރ ދޫލަ އަދި ގެންގުޅޭ ސާމާނު ހުރީ. ޕާޕްލް ހާދަ ޚާއްސަކޮށްލައިގެން މިއުޅެނީ. ކީއްވެ ފިރިހެނަކު މާވަރުން ޕާޕްލް އާއި އަޅައިގެން އުޅެނީ؟ފިރިހެންނަށް ބޮޑަށް ރީތިވާން ޖެހޭނީ އާރތް ކަލަރސް ތަކެއްނު..." ފަރުޒާނާ ގެއާއި ދިމާލަށް ހިގައިގަތެވެ. ދެންވެސް ދާނިޝް ޚިޔާރުކުރީ ހިމޭންކަމެވެ.

" އާދެބަލަ. މިގެ ދައްކާލަންވާނެނު. ގެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ރަގަޅަށް ކަންތައް ކުރިޔަސް ފާފަވެރިއެއްނުވާނެ..." ފަރުޒާނާ ބުންޏެވެ.

" މަމް. ތިއީ މެހުމާނެއްނޫން. ވެދާނެ އަދި މުސްތަގުބަލް ގެ މަމް އިން ލޯވ އަށް ވެސް...." ދާނިޝް ލާނެތް ގޮތަކަށް ހިނިތުންވެލުމަށްފަހު ގޮނޑިން ތެދުވިއެވެ. މާތްﷲ މި ކުއްޖާއަށް އެންމެ ރީތިސިފަތައް ދެއްވާފައިވާއިރު ލަދުގެ ކަންފުޅެއްވެސް ނެތީހެއްޔެވެ؟ ކަންކަށިމައްޗައް ހޫނު އެތިފަހަރެއް ވީއްލާލަން ފަރުޒާނާ ބޭނުންވިއެވެ. އެކަމަކު އޭރުން މިނުލަފާކުއްޖާ އޭނަ މަރާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. މިގޭގައި އޭނަގެ ސަލާމަތަށް އަންނާނީވެސް ކާކުހެއްޔެވެ؟

"އިމްޕޮޒިބަލް... ދާނިޝް ތިއުޅެނީ އަހަރެންގެ ކެތްތެރިކަން އިމްތިހާން ކުރަންތަ؟ " ފަރުޒާނާގެ މޫނުމަތީގައި މިހާރު ހިނިތުންވުމުގެ އެއްވެސް އަސަރެއްނެތެވެ.
އިރުގެ ގަދަ އަލިކަން ފަނޑުކޮށްލާ ދުނިޔެ ބަނަވިފަދައިން ފަރުޒާނާގެ ރީތި މޫނުވެސް ބަނަވެލައިފިއެވެ.

" އިމްޕޮޒިބަލް އަކީ އަހަރެން ގަބޫލުކުރާ ވޯރޑެއްނޫން....." ދާނިޝް ޖިންސް ގެ ޖީބަށް އަތްޖަހާލައިގެން ނުލާހިކު ސްމާޓްކޮށް ހިނގާލާފައި އައުމުން ފަރުޒާނާގެ ހިތްދަތިވިއެވެ. މިރީތިކަން ފަނޑުވާނެނަމައެވެ. މި ފިރިހެންވަންތަކަމާއި ރީތި އާދަތައް ގެއްލިގެންދާނެނަމައެވެ. ކިތަންމެ ޖީނާއާއި ދާނިޝް ދުރުކުރަން މަސައްކަތް ކުރިޔަސް މި ރީތިކަން މުޅި އުމުރަށް ވެސް ޖީނާ ގެ ހިތަށް ކަށި ހަރަމުން ދާނެއެވެ. ހޮސްޕިޓަލުގައި ވެސް އަންހެންކުދިން ތިބެނީ މައުމޫންގެ ފިރިހެން ދަރިންނަށްޓަކާ ފިދާވާން ތައްޔާރަށެވެ. އޭގެ ތެރެއިންވެސް ޚާއްސަ ވަނީ މިބޮޑާ ދާނިޝްއެވެ. މި ހުންނަ ބޮޑާ ގޮތަކީ ވެސް އަންހެންކުދިން މާއަޅައިގަންނަ ސިފައަކީ ކަމަށް ވެދާނެއެވެ.
ދާނިޝް ގޭގެ ދޮރުހުޅުވާލުމުން ފަރުޒާނާ އަވަހަށް އެތެރެއަށް ވަނެވެ. އިޝްގީ ކަމަށް ފެންނަނީ ހަމައެކަނި ބަގީޗާއެއްނޫނެވެ. ބޮޑުކޮޓަރިވެސް ވަނީ އަންހެންކުދިންގެ އިހުސާސްތަކާ ކުޅެލާފަދަ ގޮތަކަށެވެ. ބިއްލޫރި މޭޒުމަތީގައި ހުރި ހުދު ބޯވލްގައި ވަނީ ބޮޑު ހުދު ފިނފެންމާބޮނޑިއެކެވެ. ލެވެންޑަރ އުއްބައްތިތަކެވެ. ސޯފާމަތީގައި ހުރި ކުދިކުދި ކުޝަންތަކާއި ފާރުގައިވާ ކުރެހުންތައްވެސް ފަރުޒާނާގެ ލޮލުގައި އަޅައިގަތެވެ. މިގޭގައި ދިރިއުޅެނީ ވަރަށް ރޮމޭންޓިކް ލޯބިވެރިޔެއްތާއެވެ. ޖީނާވެސް ދީވާނާވެގެން މިއުޅެނީ ރީތިކަމާއި އެއްވަރަށް ރޮމޭންޓިކް ވީމަކަމަށް ވެދާނެއެވެ.
ފަރުޒާނާ ފުން ނޭވަޔެއްލިއެވެ. މިއީ އަލީޒާގެ ނަސީބުކަމަށް ވިޔަސް އޭނާގެ ދަރިފުޅާއި އެކަށީގެންވާކަމެއް ނޫނެވެ. އަލީޒާއަށް ނޭގުނަސް ފަރުޒާނާ ދާނިޝްގެ އަނދިރި ފަރާތް ދަނެއެވެ. ފުރަތަމަ އަލީޒާއަށް އުޑުގައިވާ ތަރިތައް ވެސް ބާލަދޭނެކަމަށް ބުނާނެއެވެ. ފަހުން އަލީޒާއަށް ލިބޭނެ ލަނޑެއް އެގެނީކީ ވެސް ނޫނެވެ. އެކުއްޖާ ފަކީރުގެ ދުވަސް ދުއްވާލާނެއެވެ. އެލޮލުން ދުވަހަކު ކަރުނަ ހުހެއްނުވާނެއެވެ. އެކަމަކު ކިތަންމެ ބޮޑެތި އަނިޔާ އެއް ލިބުނަސް އަލީޒާ ދުރަށް ދާނެކަމެއް ނޭގެއެވެ. މިރީތިގެއާއި ބަގީޗާ އަދި "ޕާފެކްޓް" ކަމަށް މުޅި މާލެއަށް މަޝްހޫރުވެފައިވާ ޒުވާނާ ދޫކޮށްލާފައި އަލީޒާ ފަދަ ނިކަމެތި ކުއްޖަކަށް ނުދެވޭނެ ނޫންހެއްޔެވެ؟ ލާރި ހުރިހާ އެއްޗަކަށް ވުރެ މުހިއްމުވާނެއެވެ.

ދާނިޝް ޓީވީ ހުޅުވާލައިގެން ސޯފާއެއްގައި އިށީނެވެ. ވާރޭވެހެންފެށީމަ ބޭރަށް ދިޔުމުގެ ޚިޔާލު ދޫކޮށްލީކަމަށް ވެދާނެއެވެ.

" ޖީނާ މީހަކާއި އިންނަން އުޅޭކަން ދެނެހުރިންތަ؟ " ފަރުޒާނާ ފިނިވެފައިވާ އަތްތިލަ އުނގުޅާލަމުން ސޯފާއެއްގައި އިށީދެއްޖެއެވެ. ބާލީސް އުނގުމަތީގައި ބާއްވާލައިގެން އިންއިރު ފަރުޒާނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުވެސް ފެނެއެވެ.
ދާނިޝް ސިހުނެވެ. އޭނަ ހުރީ އެފަދަ ޚަބަރެއް އަޑުއަހަން ތައްޔާރުވެގެނެއް ނޫނެވެ. ނޭގޭ ބިރަކުން ހިތް ތެޅިލިއެވެ. އަލީޒާގެ ސަބަބުން އޭނަ މިހިރީ މުޅިންހެން ޖީނާ ގެ މަތިން ހަދާން ނެތިފައެވެ. ޖީނާވެސް އުޅެނީ އެހާދުރުންނެވެ. އެ ހިމޭންކަމާއި މަޑުމައިތިރިކަމަކީ އަންނަންއުޅޭ ތޫފާނެއްގެ އަސަރު ނޫންކަމެއްވެސް ނޭގެއެވެ.

" އޯވްހް.... ލަވް މެރިޖް އެއްތަ؟ ޖީން އަންގާވެސް ނުލި..." ދާނިޝް ޚިޔާލެއްގައި އިދެ ރިމޯޓުން ޗެނަލް ތައް ބަދަލު ކުރަމުން ދިޔައެވެ. ޖީނާ ކައިވެނި ކުރާ ޚަބަރު ލިބުމުން އޭނަ ކަންބޮޑުވާންވީ ސަބަބެއް އޭނައަކަށް ވެސް ނޭގުނެވެ. އަޖައިބެކެވެ.

" ނޫން. އަހަރެންނަށް ވަރަށް ކަމުދާ ފިރިހެންކުއްޖަކު ފެނުނީމަ މި ކައިވެނި ހަމަޖެއްސީ. ފައިޒާން އަކީ އަހަރެންގެ އެކުވެރިއެއްގެ ދަރިއެއް. އެމީހުން ދިރިއުޅިނީ އޮސްޓްރޭލިއާގައި. ފައިޒާން ވެސް ދާނިޝް އަކަށް ވުރެ ހުތުރެއްނޫން. ނޭގޭ ޖީނާ ގަބޫލުނުވެގެން އުޅޭ ސަބަބެއް. ހެދުނު އަހަރެން މިވާހަކަ ފެށިގޮތަށް ނުކައި ނުބޮއި ކޮޓަރީގައި. ބޯ ހަލާކު. އަހަންނަށް ސަބަބު އެނގޭ. އޭނަ ލޯބިވަނީ ދާނިޝް ދެކެ. ދުނިޔޭގެ ނަޒަރުން ނަމަ އަމިއްލަ ބޭބެ ދެކެ. ދާނިޝް ޖީނާއަށް ވިސްނާދީބަލަ. ހެޔޮނުވާނެ. އޭނަ ހަމަޔަކަށް އެޅުވޭނީ ހަމައެކަނި ދާނިޝްއަށް...." ފަރުޒާނާ މިގެއަށް އައީ މުޅިން ގޮތްހުސްވެގެންނެވެ. އޭނާގެ މާޒީގެ އެ އަނދިރި ސިއްރު ކޮންމެވެސް ސިފައެއްގައި ދާނިޝްއަށް އެނގިފައިވާތީވެސް މެއެވެ.

" ވީއިރު އަހަރެން ދެ އަންހެންކުދިންނާއި އިންނަންވީ ދޯ. ރަގަޅު ހައްލެއްނު. އޭރުން ޕާޓީވެސް ތަފާތުވާނެ. ދެ އަންހެންކުދިން ދެފަރާތުގައި...." މިފަހަރު ދާނިޝް ފަރުޒާނާ ރުޅި އަރުވާލުމުގައި ކާމިޔާބުކުރިއެވެ. ދޮންމަންމަ ފުރާނަ ގުރުބާންކޮށްލައިގެން ވެސް އެ ކައިވެނި ވިޔަނުދޭނެކަން ދާނިޝްއަށް ރަގަޅަށް އެނގެއެވެ. ޖީނާގެ ހިތް ހަލާކުކޮށްލާފައިވެސް ދޮންމަންމަ އޭނަގެ އިއްޒަތް ހިފަހައްޓާނެއެވެ. މުއްސަދިންނަށް ދަރިން ގެ އުފަލަށް ވުރެ އިއްޒަތާއި ގަދަރު މުހިއްމުވާނެއެވެ.

" ދާނިޝް......." ފަރުޒާނާގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ. ރުޅިގަދަވިވަރުން އޭނަ ގެ މޫނު އަނގުރު އަލިފާންގަނޑަކަށްވިއެވެ.

" އޯކޭ...އޯކޭ...ދެން އަހަރެން ކޮށްދޭންވީ ކޮންކަމެއް؟ " ދާނިޝްގެ ތަބީއަތު ވަރަށް ބޮޑަށް ގޯސްވާންފެށިއެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވެންފެށިއެވެ. ޖީނާ އޭނަ ދެކެ ހިތާއި ފުރާނައިން ލޯބިވެއެވެ. އެކަމަކު އޭނަ މިއުޅެނީ ނުދެނެހުރިކަމަށް ހަދާލާފައި އެހެން އަންހެންކުއްޖަކާއި ކާވެނިކުރާށެވެ. މިއީ ރަގަޅު ގޮތެއްހެއްޔެވެ؟ ޖީނާ ހާދަ ބޮޑަށް ހިތާމަކުރާނެއެވެ. ހާދަ ވަރަކަށް ކަރުނަ އޮއްސާނެއެވެ. ނުވިތާކަށް މަންމަ އެއުޅެނީ މަޖުބޫރުކޮށްގެން އެހެންމީހަކާއި ކާވެނިކުރުވާށެވެ. އެއަށްވުރެ ބޮޑު އަނިޔާއެއް އަންހެންކުއްޖަކަށް ދެވޭނެ ހެއްޔެވެ؟ ދާނިޝް އިސްޖަހާލިއެވެ. ފުން ނޭވަޔެއްދޫކޮށްލެވުނެވެ. ވަރަށްބޮޑަށް ނުތަނަވަސްކަން އިހުސާސްކުރެވެންފެށިއެވެ.

" ދާނިޝް އޭނަ ގާތު ބުނެދީބަލަ ފައިޒާން އާއި އިންނާށޭ. ދާނިޝް އަށް ޖީނާގެ ބައްޕަ އަކީކާކުކަން އެގޭތަ؟ ނޭގެންޏާ އަހަރެން ބުނެދީފާނަން. އެއީވެސް ދާނިޝް ފަދައިން ބޮޑާވެގެން ތިމާގެ ރީތިކަން ތިމާއަށް ފެނިގެން އުޅުނު ޒުވާނެއް. ހީވާގޮތުން ފެނުނު ކޮންމެ އަންހެންކުއްޖަކާ ހިތާވެ ރައްޓެހިވެގެން ލަނޑުދެމުން އުޅުނު މީހެއް. ނަސީބު ދެރަކަމުން އަހަންނަށް އެ ޒުވާނާދެކެ ލޯބިވެވުނީ. ދީވާނާވެވުނީ. އިތުބާރުވެސް ކުރެވުނީ. އޭރު އޭނަގެ އަންބަކާއި ދެދަރިން ތިބި. ޖީނާއަށް ބަލިވެ އިންކަން އެގުނީމަ އަހަރެން ބޭނުންވި އަވަހަށް ކާވެނިކުރަން. އޭނަ ބުނީ ތިމަންނަގެ އަންހެނުން މިހާރު ޕްރެގްއޭ. ތިން ދަރިން ވީމަ ދެން ނުކެރޭނެޔޭ އިތުރު ކައިވެންޏެއްކުރާކަށް. އަހަރެއް ހާދަވަރަކަށް ރުއިން. ހާދަ އާދޭހެއް ކުރިން. އެކަމަކު އެ ބޯ ހަރު އިންސާނާ އަހަރެން ރޯން ދޫކޮށްލާފައި ދިޔައީ. މައުމޫން އާއި ކާވެނިކުރަން އަހަރެން ނިންމީ ބަދަލު ހިފުމުގެ ގޮތުން...."
އެ ހިސާބަށް ވާހަކަ ގެންދެވުނުއިރު ފަރުޒާނާއަށް ރޮވިއްޖެއެވެ.
ކިތަންމެ ވަރަކަށް އެ އަނިޔާވެރިޔާގެ މަތިން ހަދާން ނައްތާލަން އުޅުނަސް އެކަމެއް ފަރުޒާނާއަކަށް ނުވިއެވެ. އެއީ ފަރުޒާނާ ގެ ފުރަތަމަ ލޯތްބެވެ. އޭނަ ހިތާއި ފުރާނައިން ލޯބިވި އިންސާނާއެވެ. ލޯބިވާ އަންހެން ދަރިފުޅުގެ ބައްޕައެވެ. އޭނަގެ ހިތުން އެ ލޯބި ދުވަހަކުވެސް ފޮހެވިގެނެއް ނުދާނެއެވެ.
ދާނިޝްއަށް އެއީ ކާކުކަން ވަގުތުން އެގުނެވެ. ޕަޒްލް ގެ ހުރިހާ އެތިކޮޅުތައް އަތުރާލެވިއްޖެއެވެ. ދާނިޝް ހައިރާންވިނަމަވެސް އޭނަ އަށް ވެސް ގަބޫލުކުރެވުނެވެ. އެކަމަކު މިސިއްރު ފަޅާއަރައިފިއްޔާ އެތައްބަޔެއްގެ ދިރިއުޅުން ގުޑުވާލާނެކަން ގައިމެވެ.

ފަރުޒާނާ ކަރުނަ އޮއްސަމުން ދާނިޝްއަށް އެސިއްރު ފޮރުވާދިނުމުގައި އެހީތެރިވުމަށް އެދި އާދޭސްކުރިއެވެ. ފަރުޒާނާއާއި މެދު ދާނިޝް ގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ޅަ އުމުރުގައި ބަލިވެ އިނުމުން ގޮތް ހުސްވާނެވަރާއި އެހީތެރިޔަކު ބޭނުންވާނެވަރު ކިތަންމެ ރަގަޅަކަށްވެސް އޭނައަށް އިހުސާސްކުރެވުނެވެ. އަލީޒާއަށް ވެސް ދިމާވީ އެކަހަލަ ގޮތެއްބާވައެވެ. މީހަކު ނުބައި ލަނޑެއްދީފައި ފިލީހެއްޔެވެ؟
ފަރުޒާނާ އެގެއިން ނުކުތީއިރުއޮއްސި އަނދިރިވީފަހުންނެވެ. އޭރުވެސް ވާރޭކަނި ޖަހަމުން ދިޔައެވެ. މިހާރު ކޮޓެޖް ފެންނަނީ ކުޑަކޮށް ނާމާން ކޮށެވެ. ބަގީޗާގައި އެއްވެސް އަލިކަމެއްނުވެއެވެ. ހުރިހާ ފަރާތްތަކުން ފެންނަނީ ކަނު އަދިރިކަމެވެ. އުޑުމަތި ރީތި ރެއެއްނަމަ ހާދަ ރީތިކޮށް ތަރިތައް ވިދަމުންދާ މަންޒަރު މިގެއިން ފެނުނީހެވެ. ފަރުޒާނާ އަވަސް ފިޔަވަޅުތަކެއްގައި މަގަށް ނުކުތްއިރު އެގޭދޮރާށި ދޮށަށް ކާރެއް މަޑުކޮށްލަނީއެވެ. އެ ކާރުން ފޭބީ އަލީޒާއެވެ. އަލީޒާ ކުޑަކޮށް ޖެހިލުންވިއެވެ. 
ފަރުޒާނާ އަލީޒާ ފެނުނުކަމަށް ހަދާނުލައި އަވަހަށް ކާރަށް އަރައި ދޮރު ލައްޕާލައިފިއެވެ.
އަލީޒާއަށް ފަރުޒާނާ ގެ ރަތްވެފައިވާ މޫނާއި ލޯ ފެނުމުން ކޮންމެވެސް ކަމަކާ ދެރަވެ ރޮއިފަހުރިކަން އެގުނެވެ. ކިހިނެއްވީހެއްޔެވެ؟ އަނެއްކާ ދާނިޝް ބަލިވީބާވައެވެ. އަލީޒާ އަށް ވެސް އަސަރުކުރިއެވެ. އޭނައަކީ ކަންކަމާ ފަސޭހައިން އަސަރުކުރާ ޖާޒުބީ އަންހެންކުއްޖެކެވެ. މީހުނާއި އަޅާލާ އޯގާތެރި އަންހެންކުއްޖެކެވެ. އޭނަ ފަރުޒާނާގެ ހިތާމަ ފިލުވަދޭން ބޭނުންވިނަމަވެސް ވެގެން އުޅޭގޮތެއް އަހާލާނެ ފުރުސަތެއްވެސް ނުދީ އެ ދިޔައީއެވެ. ކުރާނެކަމެއްނެތެވެ. އެންމެ ދެރައީ އެ އާއިލާގެ އެއްވެސް މީހެއްގެ ފަރާތުން އަލީޒާއަށް މަރުހަބާ ނުކިޔާހެން ހީވާތީއެވެ. އެކަކުވެސް ގަބޫލުނޫނީ ހެއްޔެވެ؟. އެކަމަކުވެސް އޭނަ ދެރަވާކަށް ބޭނުމެއްނޫނެވެ. އެއަށް ވުރެ އޭނައަށް ލިބިފައިވަ އުފާތައް އަދި މާ މަތިވެރިއެވެ. 
އަލީޒާ މި ވިއްސާރަ ރޭ " ކޮޓެޖް" އަށް ދަމާފައި މިގެނައީ ލޯބީގެ ބާރެވެ. ދާނިޝް ދެކެ ހިތުން ހިތް ބޭގަރާރުވާން ފެށުމުން ގޭގައި ނުހުރެވުނީއެވެ. ކެތްނުކުރެވުނީއެވެ.
އަލީޒާ ބޭނުންވަނީ އެ ބާރުގަދަ އަތުގެ ހިމާޔަތެވެ. އެ އަތުގެ ފިރުމުންތަކެވެ. ހިތް އެދެނީ އެ ތަނަވަސް މޭމަތީގައި ބޯ އަޅާލުމަށެވެ. އެ ޖަދުވީ އަޑު އަހާލާހިތުން ހުރެވެނީއެއްނޫނެވެ. ނިމުމެއްނެތް ރީތިކަމަށްޓަކައި ގުރުބާންވެވެނީއެވެ. އެ ލޯބިން ފުރިގެންވާ " މެޖިކް ކިސް" ގެ ވަގުތުކޮޅު އޭނަ ހާދަ ބޮޑަށް ގެއްލުނެވެ. މުޅި ދުނިޔެ ހަދާން ނެތުނެވެ. އެންމެ ރޮމެންޓިކް ހިޔާލުގެ ތެރެއަށް ވަދެވުނެވެ. މުޅި އުމުރަށް މި ދެހިތުގެ ވިންދު އެކުވާނެނަމައެވެ. މި ލޯބީގެ ސަބަބުން ތަރިތަކުގެ ދުނިޔޭގައި އުދުހެވޭހެން ހީވެއެވެ. ރެއިންބޯގައި އަތްލެވޭހެންވެސް ހީވެއެވެ. އެހާ ރީތި އިހުސާސްތަކެވެ. އެހާމެ ރީތި ދުނިޔެއެކެވެ. ޖާދުވީ އަސަރުތަކެވެ. ލޯތްބޭ ކިޔަނީ މިހާވަރުގަދަ ޖަޒުބާތަކަށް ހެއްޔެވެ؟ މިފަދަ ރީތި އިހުސާސްތަކަށް ހެއްޔެވެ؟

" ޑޭން....ޔޫ އާރ އެ ގިފްޓް ފްރޮމް ގޯޑް...." އަލީޒާ ހިތާހިތުން ކިޔާލިއެވެ. 
އަލީޒާގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަވަރަކަށެވެ. ފިނިވެ ގަޑުފެންކޮޅަކަށް ވަމުން ދިޔަ އަތްތިލަ އުނގުޅާލައިގެން ހޫނުކުރެވޭތޯ ބެލިއެވެ. ފުންނޭވާތަކެއް ލެވުނެވެ. ފެންޑާގައި ހުރެ ހިތް ހަމަޔަކަށް އަޅުވަން އިރުކޮޅަކު މަސައްކަތް ކުރުމަށްފަހު އޭނަ ބެލް ޖެހިއެވެ. ފަސް ވަރަކަށް މިނެޓް ފަހުން ދާނިޝް ދޮރުހުޅުވާލައިފިއެވެ.
"އަލީޒާ......." އުފާވުމުގެ ބަދަލުގައި ދާނިޝް ކަންބޮޑުވިއެވެ. ދާނިޝް ގެ ހިތުގެ ވިންދު އަވަސްވެލިއެވެ. އަލީޒާ ހުރީ އެކިކުލައިގެ ސްޓްރައިޕް ސްވެޓަރެއްކަހަލަ ހެދުމެއްގައެވެ. ކުޑަކޮށް މޭކަޕްކޮށްލާފައި ހުރުމުން ތަންކޮޅެއް ހަރުކަމަށް ދައްކައެވެ. ހާދަ ރީއްޗެވެ. މިނޫނީ އަންހެންކުއްޖަކަށް މިގޮތަށް އޭނަގެ ހިތާއި ކުޅެއެއްނުލެވެއެވެ. މިރޭ އަލީޒާ ގެއަށް ވަންނަން ދައުވަތު ދޭކަށް އޭނަ ބޭނުމެއް ނޫނެވެ. ފިނި ވިއްސާރަ ރެއަކަށް ވެފައި މާހައުލުގެ ގޮތުންނެވެ. އަލީޒާ އާއި ކައިރިވެލުމުން އެކުރެވުނު ވަރުގަދަ އިހުސާސްތައް ތަޖުރިބާ ކުރެވިފައިވާތީއެވެ. މިރޭވެސް އެ ދަގަތްފާނުގެ އަސަރު ހުންނާނެކަން ރަގަޅަށް އެގޭތީއެވެ. އޭނައަކީ މަލާއިކަތެއްނޫނެވެ. އިންސާނެކެވެ. ގޯހެއް ހެދިދާނެތީ އޭނަ ކަންބޮޑުވެއެވެ.
އަލީޒާ އޭނަ ދޮރުކަނީ ގައި އަތްއަޅުވާލައިގެން ހުއްޓާ އަތުގެ ތެރެއިން ދެމިގަނެގެން ގެއަށް ވަނެވެ. އެވަގުތުވެސް ދެމީހުނަށް ތަފާތު އަސަރުތަކެއް ކުރިއެވެ. ދާނިޝް މަޑުމަޑުން ތުންފަތުގައި ދަތްއަޅާލިއެވެ. އޭނަ ހުރީ މާދުރަށް ބަލަހައްޓައިގެނެވެ. ގެއަށް ވަންނަން ބޭނުންނުވެފައެވެ.
އެ މަޑު ދޫލަމަތީގައި ފައި ޖައްސާލެވުމުން އަލީޒާގެ ފަޔަށް މަސާޖުވިއެވެ. އިންތިހާއަށް އަރާމުވިއެވެ. ރޯކޮށްލެވިފައިވާ ލެވެންޑަރ އުއްބައްތި ތަކާއި ހުދު ފިނިފެންމާ ބޮނޑިއަދި ރީދޫ ލައިޓް ޖައްސާފައި ހުރުމުން ދާނިޝް ފެނުނުލެއް ސަޅި ކަމުން މުޅި މާހައުލުގައި ކަރަންޓް ހިފާލިހެން އަލީޒާއަށް ހީވިއެވެ. ހާދަ ރޮމެންޓިކްއެވެ. އަލީޒާ ގެ ހިއްސުތައް ވިހުރެން ފެށިއެވެ.

ކޮމެންޓް 0