"އެންމެފަހުން އެ ސޮރު ރިޕޯޓަރަކަށްވެގެން އެ ވާހަކައާއިގެން ހިގަން ފެށީދޯ...." ދާނިޝް އެންމެހައިރާންވީ މިފަދަ ސިއްރެއް މިގޮތަށް ފެތުރިގެންދާއިރުވެސް މީރާންމެންގެ ފަރާތުން އެއްވެސް އެހީއެއް ނުލިބުނީތީއެވެ. މިއީ އެންމެންގެ އިއްޒަތާއި ގަދަރާއި ގުޅިފައިވާ ސިއްރެކެވެ. ހަމަދު އެގޭގައި އުޅުނީ ދެލޯ ކިތަންމެހާވެސް ރަގަޅަށް ހުޅުވައިގެން ކަން މިހާރު އެގިއްޖެއެވެ. ސިކިއުރިޓީއަށްވެސް ނޭގޭހާކަންތައް އޭނައެވަނީ ހޯދާފައެވެ. އަލީޒާ އަށް މިޚަބަރު ގެނެސްދިން މީހަކު އިތުރު ކިތައްމީހުން ކައިރީ ކިޔާނެހެއްޔެވެ؟ ދާނިޝް ގެ އެ ޖުމްލައަކީ އޭނައާއި ޖީނާގެ ގުޅުމަށް އެއްބަސްވުންކަމަށް އަލީޒާދުށްޓެވެ. އެއާއިއެކު މޭގައި ރިހުމެއް އުފެދުނެވެ. ރޯން ބޭނުން ނުވިޔަސް ލޯ ކަރުނުން ފުރުނެވެ.

"އެލީ ވިސްނަނީ ވަރަށް ނުބައިކޮށް ދޯ. އަމިއްލަ އަންހެންކޮއްކޮ ދެކެ ލޯބިވެގެން އުޅޭ ވިޔާނުދާ ދަށްމީހެއްކަމަށް؟ އެލީ. ޖީން އަކީ އަހަރެންގެ ކޮއްކޮ އެއްނޫނޭ. މި ސިއްރު އެނގެނީ މަދު ބަޔަކަށް. ޖީންގެ ބައްޕައަކީ ބޮޑުބޭބެ ސޮއްފޫރު...." ދާނިޝް އޭނައަށް ބޮޑުބޭބެއާއި މަމްގެ ލޯބީގެ ހާދިސާތައް އެގިހުރި މިންވަރުން ކިޔާދިނެވެ. އައިސްގޭޓްގެ އެންމެ އަނދިރި އެއް ސިއްރު އަލީޒާއަށް ހާމަވެގެން ހިގައްޖެއެވެ. އާދަޔާޚިލާފު ގުޅުންތަކެވެ. ޖީނާ އާއި ދާނިޝް އެކަކު އަނެކަކު ދެކެ ލޯބިވީ އިރު ލޭގެ ގުޅުމެއް ނެތްކަމަށް ހީކުރިޔަސް ހާދަ ތިމާގެއެވެ. ދެބެންގެ ދެދަރި ޒުވާނުންނެވެ. ދާނިޝް ޖީނާގެ ލޯބީގެ ހާދިސާވެސް ކުޑަގޮތަކަށް ކިޔާދިނެވެ.

ދާނިޝްއާއިމެދު ޝައްކު ކުރެވުނީތީ އަލީޒާ ދެރަވިއެވެ. ދެން ދުވަހަކުވެސް އެއްވެސްކަމަކާއި އޭނަގެ ފުރާނަފަދަ ލޯބިވާ ފިރިމީހާއާއި ޝަކުވާ ނުކުރަން ހިތާހިތުން އަޒުމްކަޑައެޅިއެވެ. ބާކީ ކިތަންމެ ސިއްރުތަކެއްވިޔަސް އަލީޒާއަށް ހެޔޮއެވެ. އަލީޒާއަށް ހެވީ ނޭގުނިއްޔާއެވެ. ދާނިޝްގެ ކިތަންމެ ނުބައި ސިފައެއްހުއްޓަސް ލޯތްބަށް ކުޑަނަމަވެސް ބަދަލެއްނާންނާނެ ވިއްޔާއެވެ. ދުވަހަކަށް ވުރެ ދުވަހެއް ދާނީ އިތުރުވަމުންނެވެ.

ދާނިޝް އެރޭ އެދުނީ އަލީޒާ ގާތުން އޭނަ ބުނާ އެކްޓެއް ޖައްސާދިނުމަށެވެ. ހޮލީވުޑްގެ ތަރިއަކަށް ނުވިޔަސް އަލީޒާއަށް އެވަރުކަމެއް ކޮށްލެވޭނެ ކަމަށާއި އޭރުން އަލީޒާއަށް ވަރަށް ބޮޑު ފިލާވަޅެއްލިބިގެން ދާނެކަމަށް އޭނަ ބުނެލިއެވެ. ދާނިޝް ބުނި ވާހަކައަކުން އަލީޒާ ލޯބޮޑުވިއެވެ. އެތައް ސުވާލުތަކެއް އުފެދުނެވެ. ދާނިޝް ބުނީ ފަހުން ޖަވާބު ދޭނެކަމަށާއި މާދަން އަލީޒާ ގެ ކުޅަދާނަކަން ދައްކާދިނުމަށެވެ. އެ މަންޒަރު ރަގަޅަށް ކުޅެވިއްޖެއްޔާ އަގުހުރި ހަދިޔާއެއް ލިބޭނެކަމަށްވެސް ދާނިޝް ބުންޏެވެ.

ތުނިކޮށް ވާރޭވެހެމުން ދިޔައިރު ހަފާ ހުރީ ކޮޓެޖްގެ ދޮރާށި ކައިރީގައެވެ. މިއީ މީރާން އޭނައާއި ބައްދަލު ކުރަން ބުނި ތާރީޚެވެ. އެ ގަޑިއެވެ. އެ ތަނެވެ. ގަޔަށް ބާރު އަތްކެނޑި ޓޮޕަކާއި ކުރު ކުރު ސޯޓެއްލައިގެން ފުރިހަމަޔަށް މޭކަޕްކޮށްލައިގެން ހުރިއިރު ހަފާ ކަންބޮޑުވީ ހަމައެކަނި " ކޮޓެޖް" ގެ ދޮރު ހުޅުވާލާފައި ދާނިޝް ނުވަތަ އަލީޒާ ނިކުމެދާނެތީއެވެ.

މި ރެއަށް އޭނަވަނީ ނަމެއް ދީފައެވެ. " މެޖިކް ނައިޓް" އެވެ. 

ކޮޓެޖްގެ ކުޑަދޮރުތަކުން ދީފައިވާ ފަނޑުއައްޔެއް ފިޔަވާ މުޅި ހިސާބުގައި ރަސްކަންކުރަނީ އަނދިރިކަމެވެ. އެއީވެސް ހަފާ ދެކުނުގޮތުގައި ހެޔޮ ފާލެކެވެ. މީރާން މިފަދަ އަނދިރި ފަޅު ތަނެއް ޚިޔާރުކުރުމުގެ މަގުސަދު ހިތަށް އަރުވާލުމުން ހަފާ އަށް ފަރިވެވުނެވެ. މީރާން ރެސްޓޯރެންޓަކަށް ދާކަށްވެސް ބޭނުމެއްނުވިއެވެ. ވަރެއްގެ ފިރިހެނެކެވެ.

"ވަރަށް ނޯޓީ ފިރިހެންކުއްޖެއް. މި ޑޭޓްގައި ނޯ އެސްކޭޕްއޭ އެބުނީ ނުބައި މާނައެއްގައި..........ކެކެ" ހަފާ ތުއިވަމުން އިނގިލި އަނގަޔަށްލިއެވެ. އޭނަ މިރޭ ސަލާމަތްވާކަށްވެސް ބޭނުމެއްނުވެއެވެ. މިރޭ ޝިކާރަވެރިޔެއްގެ ދަލުގައި ޖެހުމުގެ މަޖާދެނެގަންނަން އޭނަ ބޭނުމެވެ. ކޮށްޓެއްގައި ފިޔަކޮށާފައި އެތައް ޒަމާނެއްވެ އޭނަ ވަރުބަލިވިފަހުން މަންމަ އޭނަ މިނިވަންކޮށްފައި އުދުއްސާލައިފިއެވެ. ދެން އޮތީ މަޖާ ކުރުމެވެ. ފޫހި ފިލުވުމެވެ. ވެމްޕަޔަރަކާއި ރައްޓެހިވުމުގެ ފޮނި ފޮނި ހުވަފެން އަބަދު ދެކެމުން އަންނަނިކޮށް " ވެމްޕަޔަރެއް" އޭނަގެ ދިރިއުޅުމަށް މިއައީ އޭނަގެ ރޫހާނީ ކަރުހިއްކުން ފިލުވާލަދިނުމަށެވެ.

ރާހިލްއަށް އޭނަ ކުޑަކުއްޖެއްގެ ގޮތުގައި ފެނުނަސް ހަގީގީ ފިރިހެނުން ގެ ލޯ އަދި އަނދިރިއެއްނުވެއެވެ. ރާހިލް ހާދަ ނާކާމިޔާބެވެ. ތަނަކުން ފެނުނު ކަޅު ބަބުރަކާއި ރައްޓެހިވީ ހަމަ އަންހެނަކު ނުވެގެން ހެއްޔެވެ؟ އަދި އަލިކަން ބޭނުންވާދުވަސް އަންނާނެއެވެ. މުޅި އުމުރަށް އަނދިރީގައެއް ނޫޅެވޭނެއެވެ. ބޮޑު މޮޔައެކެވެ.

މަންމަ ކިތަންމެވަރަކަށް އޭނައާއި ދިމާލަށް އެއްޗެހިކިޔާ ހަޅޭއްފަޅޭއްޖެހިޔަސް އޭނަ ރާހިލްއާއި ގުޅޭކަށް ބޭނުމެއްނޫނެވެ. އޭނަ ބޭނުމީ މިފަދަ ހަރު ތަޖުރިބާހުރި ޒުވާނެކެވެ. އޭނަ ބޭނުމީ "ވެމްޕަޔަރިޝް" ލޯބިވެރިޔެކެވެ. ރާހިލް ފަދަ މާތް މީހެއްނޫނެވެ. ޑޮކްޓަރެއްނޫނެވެ. ކޮންފަދަ ފޫހި ވަޒީފާގަނޑެއް ހެއްޔެވެ؟ ދުވާލު ހަތަރުދަމު ބަލިމީހުނާއި ޖަރާސީމުތަކާއި ކުޅެފައި ގެއަށް ވަދެލީމަ އޭނަ ހާދަ ފަކުރު ގަންނާނެއެވެ. ހަފާ ހިނިއަތުވެއްޖެއެވެ. 

ކުއްލިއަކަށް މީރާން ހަފާގެ ފަހަތުން އައިގޮތަށް ލޮލުގައި އަތްއެޅުމުން ހަފާއަށް ހީގަނެވުނެވެ.

"މަގޭ ޕްރިންސް އައީތަ؟ އާވް......ސެކްސީ.......ގުޑް އިނަފް ޓު އީޓް..........." ހަފާ އަށް މިރޭ މީރާން ފެނުމުން ހުއްޓުންއެރިއެވެ. ފަނޑުއަލީގެ ތެރެއިން މީރާން ފެންނަނީ ކުރިއަށްވުރެ ލާނެތްވެފައި ނުލަފާކޮށެވެ. ވިދަމުންދާ ލޮލުގެ ޖާދޫގައި ޖެހުނުވަރުން ދިރިހުއްޓާ ސުވަރުގެ ވަދެވުނުހެން ހީވިއެވެ. ފައި ތުރުތުރުއަޅާފައި ނުވެއްޓުނީވެސް ކިރިޔާއެވެ. 

"ވެމްޕަޔަރ ޕްރިންސް.............. " މީރާން ލާނެތް ހިނިތުންވުމަކާއިއެކު ކުށް ރަގަޅުކޮށްލަދިނެވެ. މުޅީން ކަޅު ހެދުމުގައި މީރާންހުރިއިރު އެބުނާހެން ޕްރިންސެއްފަދަ ޝާހީގޮތެއްވެސް އެބަހުއްޓެވެ. އަދިރި ދުނިޔޭގެ މަޚުލޫގުންނަށްޓަކާއި ހިތުގައި ވާ ޝައުގުވެރިކަން މިވީގޮތުން އެތައްގުނަ އިތުރުވެގެން ހިގައްޖެއެވެ.
އޭނަ މިދުވަހަށްޓަކާ ހާދަ ދިގު އިންތިޒާރެއްކޮށްފިއެވެ. މިހާ ފަހުގެ ތާރީޚެއް ހަމަޖެއްސުމުން ހަފާ ވީދެރައިން ކިތަންމެވަރަކަށްވެސް އާދޭސްކުރިއެވެ. އެކަމަކު މީރާން ބުނީ އޭނަވެސް މަންމައާއި އެކު އެމެރިކާއަށް ފުރަނީކަމަށާއި އާދެވޭނީ ތަންކޮޅެއް ފަހުންކަމަށެވެ. ހަފާއަށް އިންތިޒާރު ނުކުރެވެންޏާ ކުރާނެކަމެއް ނެތްކަމަށް ބުންޏެވެ. ހަފާ ބުނީ އޭނަ މިހިރީ ގަރުނެއްވިޔަސް މީރާންއަށް އިންތިޒާރުކުރަން ކަމަށެވެ.

އެވަގުތު އެހެންލާފައި ޒުވާން ކުދިންތަކެއް އަންނަން ފެށުމުން ހަފާ އެކުދިންނަށް ފޮނި ދައްކަން މީރާން އާއި ކައިރިއަށް ޖެހިލިއެވެ. އިގިރޭސިބަހުން ވަރަށް ލޯބިން ވާހަކަދެއްކިއެވެ. އަތުގައި ބޮސްދިނެވެ. ބައްދާލައިފިއެވެ. ފުރާނަނެތް ބުދެއްފަދައިން މީރާންގެ އަތުގެ ތެރެއަށް ވެއްޓިގެންފިއެވެ. އެކުދިން ކުރާކަމެއްވެސް ސިއްރުން ބެލުނެވެ. ހަފާ އެކަނި ހުރެ މިގަންނަ ސަކަރާތްގަނޑު ދެކެފައި އެކުދިން ބާރަށް ހެމުން މޮޔަ އަންހެންކުއްޖެއް ބާވައޭ ކިޔާފައި ދިމާކުރަމުން ދިޔައީއެވެ. ހަފާ ހައިރާންވިއެވެ. މޮޔައެކޭ އެބުނީ ކީއްވެއްހެއްޔެވެ؟ 

ހަފާއަށް ނޭގުނީ އެކުދިންނަށް މީރާން ނުފެނުނުކަމެވެ. ހަފާ އެކަނި ހުރެ ވާހަކަތަކެއް ދައްކާފައި ހަރަކާތްކުރާތަން ފެނުނީމަ އެކުދިންނަށް ވެސް މޮޔައެއްކަމަށް ހީކުރެވުނީއެވެ.

"ހިގާބަލަ ގަސްތަކުތެ ތެރެއަށް. އެހިސާބު މާއަނދިރިވާނެ. މިތަނުގައި ތިއްބާ ދޮންތައަށް ފެނިއްޖެއްޔާ އެއްޗެހި ކިޔައިގެންފާނެ. ވަރަށް ލަދުކުޑަ އަންހެނެއް އެއީ..........." ހަފާ މީރާންގެ އަތުގައި ހިފާ ދަމަން ފެށިއެވެ. މީރާން ހުރިތަނުން ގުޑާވެސް ނުލިއެވެ. މި މޮޔަ ކުޑައަންހެންކުއްޖާއަށް އެފަދަ ލަނޑެއް ދޭހިތެއް އޭނަ ނުވެއެވެ. އޭނަ ބޭނުމީ ފަނާއަށް ކުޅިދައްކާލުމަށެވެ.

"އެތަނަށް ދަނީ ކީއްކުރަން؟ އަހަރެން ވަރަށް ބިރުގަނޭ. ފުރޭތައެއް އަރާ ކާލަފާނެ........" މީރާން ނުލަފާގޮތަކަށް ހީލިއެވެ. އެ " ނުލަފާ" ހިނިތުންވުން ހަފާ ގެ ހިތް ހަމަ ބަންޑުންކޮށްލިއެވެ. ރީތިކަމާއި އެއްވަރަށް ސިއްރުތަކުން ފުރިފައިވާފަދަ ގޮތެއް އެބަހުރެއެވެ. މިހާ ރީތި މީހެއް ފިލްމަކުންވެސް އޭނައަށް އަދި ފެނިފައެއްނެތެވެ. 

"އޯލް މަސްލްސް. ފުރޭތަ ވެސް ބިރުގަންނާނެ މި ބާރާއި ކުރިމަތިލާން. ހިގާބަލަ ދާނިޝް އާއި އަލީޒާއަށް ފެނުމުގެ ކުރިން. މިގޭ ބަގިޗާ ތެރެ ވަރަށް ހިތްގައިމެއްނު. ވިނަގަޑު ހައްދާލާފައި އޮންނަނީ. ވިނަގަޑުމަތީގައި އޮށޯވެލައިގެން ތިބެ ތަރިތައް ގުނާނީ. ކޮޅަށް ހުރެ ފައި ވާޅުވެއްޖެ........." ހަފާ މީރާންގެ އަތުގެ މުލައްދަނޑީގައި އެލިގަތެވެ. ކޮންފަދަ ރީތި މުލައްދަނޑިއެއްހެއްޔެވެ. ހާދަ ބާރުގަދައެވެ. ދީވާނާވެފައި ވާ ކުއްޖެއް ފަދައިން އޭނަ މީރާންގެ އަތުގައިވެސް ބޮސްދިނެވެ.

ތަރިތައް ގުނާށޭ ބުންޏަސް މީރާންއަށް ހަފާގެ ސިކުނޑީގައި ހިގަމުން ދާކަންތައް ކިތަންމެހާވެސް ރަގަޅަށްއެގުނެވެ. ކުޑަޔަކަސް ވަރެއްގެ އަންހެންކުއްޖެކެވެ. މިއަށް ވުރެ ޒުވާންވީ ދުވަހަކުން ސަލާމަތެއްނުވާނެ ނޫންހެއްޔެވެ؟ މީރާން ހުރީ ވަރަށް މަޖާވެފައެވެ. ހަފާ އަތް ދިގުކަމުން އަތުގައި ހިފަހައްޓަންވެސް މީރާންއަށް މަޖުބޫރުވިއެވެ.

"ހާދަ ނޯޓީ ކުއްޖެއް. ތިހެން އުޅެންޏާ އަދަބެއް ލިބޭނެ އިގޭ..." މީރާން ގެ ބަރުއަޑުން ހަފާގެ ގައިން ހީބިހިނަގާލައެވެ.

"ހާދަ ސެކްސީ އަޑެއް. ދިން ކޮންމެ އަދަބެއް އުފަލާއެކު ގަބޫލުކުރާނަން. އެކަމަކު މިރޭ ހަތަރުދަމު ތިބެންވީ ކޮޅަށް...؟" ފިނިފިނި ވައިރޯޅިތައް ހަފާގެ ފަޔާއި އަތުގައި ފިރުމަން ފެށުމުން ފިނިވެގެން އޭނަ މީރާންގެ ހަށިގަޑުގެ ހޫނުކަން ބޭނުންވިއެވެ. މީރާން ހާދަ ހޫނެވެ. ކައިރިވެލުމުން ހަފާއަށް ވަރަށް އަރާމުވިއެވެ.

އެވަގުތު ތިރި ތިރިން ދިޔަ އަލިކޮޅެއް އެއައިގޮތަށް ގަސްތަކުގެ ތެރެއަށް ތިރިކޮށްލައިފިއެވެ. ހަފާއަށް އެ މަންޒަރު ފެނުނެވެ. އެކަމަކު އޭނަ އެއްގޮތަކަށްވެސް ބިރެއްނުގަނެއެވެ. ހަފާ ބުނިގޮތުގައި އޭނަގެ މަންމަފަދަ މުސްކުޅިން ޖިންނި ޝައިތޯނުންނަށް އީމާންވާނެއެވެ. މިފަދަ " ޔޫ އެފް އޯ " އެއް ފެނިއްޖެއްޔާ އެއަށް ކިޔާ ނަމަކީ އަލިގުޅައެވެ. ހެއްވާ މުސްކުޅި ޚިޔާލުތަކެވެ. މިޒަމާނުގައި ހުރިހާއެއްޗެއްވެސް މޮޑިފައިކުރެވެން ޖެހޭނެއެވެ. ހަފާ ދެކޭގޮތުގައި ޒަމާނީ އެއްޗިއްސަކީ ވެމްޕަޔަރުންނާއި ވިއަރވޫލްފުންނެވެ. ހަފާގެ އަބަދުގެ ހުވަފެނަކީ ވެމްޕަޔަރަކާއި ރައްޓެހިވުންކަމަށާއި މީރާން ވެސް އެ ކެޓަގަރީއަށް ފެތޭކަމަށް ހަފާ ބުންޏެވެ. 
ހަފާ ކިޔާވަރުން މީރާން އެންމެފަހުން ގަސްތަކުގެ ތެރެއަށް ވަނެވެ. ވިނަގަނޑުމަތީގައި އޮށޯތެވެ. ތަރިތައް ގުނާކަމުގެ ބަހަނާ ދެއްކިޔަސް ހަފާ ޝައުގު ހުރީ އެހެން ކަމަކަށެވެ.

"ހަފާ ދެނެހުރިންތަ؟ ދާނިޝް އާއި އަލީޒާ ހާދަ ވަރަށް ފައިޓް ކުރޭ. އެލީ ހަފާގާތު ނުބުނޭ ދޯ. މީހުން ތިބޭތަންތާ ވަރަށް ލޯބިން އުޅެނީ ......އެކަމަކު.........." މީރާން ބޯ ދަށަށް އަތްލައްވައިގެން އޮތްއިރު އޭނަވެސް ބޭނުންވީ ތަރިތަކުގެ ޖާދޫގައި ޖެހޭށެވެ. ނަމަވެސް ބޯ ވިލާތަކުގެ ސަބަބުން އެ ގުދުރަތީ ރީތި ސީލިންވަނީ ފޮރުވިފައެވެ. އަދަދު ނުކުރެވޭފަދަ އެ ތަރިތަކުގެ ދުނިޔެއާއި އޭނަ އާއި ހާދަބޮޑު ގުޅުމެއް އޮވެއެވެ.

"އޭނ އޭނ؟ ފައިޓް ކުރެޔޭ ؟ ކިހިނެއް އެގުނީ؟ " ހަފާ ފުންމައިގެން ތެދުވެ އިށީދެއްޖެއެވެ. މިއީ ފަނާ އުފަލުން ހޭނެތޭނެފަދަ ހަބަރެކެވެ. އެކަމަކު އޭނަ ފަނާއަށް މިޚަބަރު ދޭނީވެސް އެއް ހާސް ރުފިޔާ އަތުލާފައެވެ. ކާފަ ލައްވާ އަދި ފަންޑިތަ ނެހެދިގެން އުޅެނީވެސް ކާފަ އިންޑިޔާއިން އައިގޮތަށް މުޅިން ބަލި ރަގަޅު ނުވާތީއެވެ. ފަންޑިތަ ހަދަން ނުފެއްޓެނީސް ރޯމިޔޯ ޖޫލިއަޓް ފަނިވީއެވެ. ހަފާ ހިނިގަޑެއް ޖަހާލައިފިއެވެ.

"ކޮންމެ ފަދަ ފައިޓަކަށްވެސް ވެދާނެއްނު. އެއްވެސް މީހެއްގެ ގާތު ނުބުނާތީ. މައްސަލަތައް ގޯސްވާވަރުން ވަރިއާއި ހަމަޔަށްވެސް ގޮސްދާނެހެން ހީވޭ. މިޒާޖު ނުގުޅޭ ދެމީހުން އިންނާކަށް ނުވާނެ ދޯ.............." މީރާން މަޑުމަޑުން ބުނެލިއެވެ. 

"ވަރި އޭ. ހަމަ އެހާ މައްސަލަ ހޫނުތަ؟ މަޑުކޮށްބަލަ. އަހަރެން ވަރަށް އަވަހަށް އެބައަންނަން ތަކުރުބޭގެ ކަޑާއަށް ވަދެފައި....މިރޭ ނުކައި ހުރީމަ ވަރަށް ބޮޑަށް ބަޑުހައިވެއްޖެ.... " ހަފާގެ އެންމެބޮޑު ބަލިފަޔަކީ ސިއްރެއް އެގުމަށްފަހު ހިދުކޮޅަކަށްވެސް އެކަން ފޮރުވައިގެން ހުރުމެވެ. މިވަގުތުވެސް ފަނާއަށް ގުޅާފައި އެ އުފާވެރި ޚަބަރު ދީގެން ފަނާގެ ތައުރީފުގެ ބަސްތަކެއް އަޑުއަހަން އޭނަ ބޭނުންވިއެވެ. ގިނަ ވަގުތުވާންވެއްޖެއްޔާ އޭނަގެ ސިކުނޑި ފަޅައިގެން ހިނގައިދާނެއެވެ.

ހަފާ ދުވަމުން ދުވަމުން ކޮޓެޖުން ނުކުމެ ވަގުތުން ގުޅީ ފަނާއަށެވެ. ފަނާއަށް ގުޅައިގެން ފަނާ ތަޅުވަން އެތައްއިރެއްވަންދެން ހުރުމަށްފަހު ފަނާ އެއްހާސް ރުފިޔާ ދޭން ބުނުމުން އެ ޚަބަރު ދިނެވެ. ކާފަގެ ފަންޑިތައިގެ އަސަރު މިހާއަވަހަށް ކުރަން ފެށީކަމަށާއި ދާނިޝް އަލީޒާ ވަރި ކުރީމަ ވަގުތުން ދިހަހާސް ރުފިޔާއަތަށް އަރަން ޖެހޭނެކަމަށް ހަފާ ބުންޏެވެ. ހާސް ރުފިޔާ ލިބޭނެކަން ޔަގީން ވުމުން ލިބުނު އުފަލުގައި ހަފާ ދިޔައީ ކަޑާއަށެވެ. ކުޑަކޮށް ޕިކްނިކް ހަދާލަން އަލަފޮތި އަދި ބަބުކެޔޮ ޕެކެޓްތަކާއި ޗިޕްސް އަދި ކޯކް ގަނެލައިގެން ހަފާ އެނބުރިއައީ ފުދޭވަރަކަށް ބާރަށް ހިގާލާފައެވެ. 

ކޮޓެޖްއާއި އަރާހަމަވާން އުޅެނިކޮށް އެގޭ ފާރުމަތިން ޖެހި ބޮޑު ފެންބާލިދީގެ ހަމަލަޔެއް އެރީ ހަފާގެ ގަޔަށެވެ. ހަފާ ހުރިގޮތަށް ތެމި ފޯވިއެވެ.

ހަފާ އަޑުނެތްތަނަށް ހަޅޭއްލަވައިގެންފާ މަންމަގެ ފަރާތުން މިފަދަ ވަގުތުތަކުގައި އަޑުއިވޭ ހުތުރު އެއްޗެކޭވެސް ކިޔާލައިފިއެވެ. ފެން އައި ދިމާލަށް ބަލާލިއިރު ކުޑަ ކުޑަ މީހަކު ފާރުމަތިން ބޯ ދިއްކޮށްލައިގެން ހުއްޓެވެ. އޭނަގެ ދަތްތައް ހުރީ ބޭރަށް ނުކުމެފައެވެ. އިންސާނެއްހެނެއް ހިޔެއް ނުވެއެވެ. 

. "މާފު..........." އެމީހަކު ބުނަން އުޅުނެވެ. ވަރަށް ތުއި އަޑެކެވެ
ހަފާ ރަގަޅަށް ވިސްނާލިއިރު މިއީ ސާފު ފެނެއްވެސް ނޫނެވެ. ދުވަންފެށި ކުނިބިހުގެ ސަބަބުން ނޯށް ދަމާލާކަށްވެސް ނުކެރުނެވެ. މި ކުޑަ އިންސާނާ އޭނަގެ މި ރީތި ރޭ މުޅިން ޚަރާބުކޮށްލައިފިއެވެ. މުޅި ރޭ މީރާން އާއިއެކު ބަގީޗާގައި ހޭދަކުރަން ނިންމައިގެން ހުއްޓާ މިލިބުނީ ނުބައި ލަނޑެކެވެ. މިވީގޮތުން ފެންވަރާ ރީތި ހެދުމެއް ލައިގެން ނޫނީ އަނެއްކާ މީރާން ފެންނަ ހިސާބަށް ދާކަށް ނުކެރޭނެއެވެ. އާދެވުނު ރުޅީގައި ހަފާ ކިރިޔާއަތަށް އުފުލާލެވޭވަރުގެ ގާގަނޑެއް ނަގާފައި އެ މީހާއާއި ދިމާލަށް ހޫރުވާލައިފިއެވެ. އެކުޑަ އިންސާނާ ތިރިއަށް ދެމިގެންފިއެވެ.

ހަފާ ގެއަށް ގޮއްސަ އަންނަންވާއިރަށް މީރާން ގޮއްސިއްޔާ މާދެރައެވެ. ވިސްނާލާފައި އޭނަ ކޮޓެޖްގެ ފަތްތަރުމަތިން އަރައިގެން ގޮސް ދޮރުގައި ދެއަތުން ތަޅަންފެށިއެވެ. އޭރު މީރާން އާއި އެ ކުޑަމީހާ ބަގީޗާތެރޭގައި ހޭން ތިއްބެވެ. ހަފާއަކަށް އެ މަންޒަރެއް ނުފެނުނެވެ.

އިރުކޮޅަކުން ދާނިޝް ދޮރުހުޅުވާލައިފިއެވެ. ސިޓިންރޫމްގެ ބިއްލޫރި މޭޒުމަތީގައި ހުރި ކުލަކުލައިގެ ކުދި އުއްބައްތި ތައް ފެނުމުން ހަފާ ވަގަށް ގެންދަން ބޭނުންވިއެވެ. ހާދަ ލޯތްބެވެ. ހަފާ ފެނުމުން ދާނިޝް ބުމަގޮށްޖެހިއެވެ. ދޮރުމަތިން ދުރަކަށްވެސް ނުދިޔައެވެ. 

"އަނގަޔަށް ގޮތްހަދަނީ ކީއްވެ؟ނުބައިވަސް ދުވަނީ މަގޭ ގަޔަކު ނޫނޭ. މިގޭގައި އުޅޭ ލޯ ކަނު ނޯކަރުކަލޭގެ ކުނިބިސްތަކެއް ލާފައި ހުރި ފެންގަނޑެއް ފާރުމަތިން ހޫރާލީމަ ނަސީބުކުޑަކަމުން ވީގޮތް. ހާދަ މުޑުދާރޭ. ކުނިގޮނޑަށް އެއްޗެހި އުކަންވީމަ ފަސޭހައަކަށް މަގަށް ޖަހަންވީ؟ އޭނ؟........އެނީވޭސް. ރޯންގެ ޕާރސަން. ރޯންގް ޓައިމް. ތަންދައްކަބަލަ.....ކޮބާ ދޮންތަ؟ " ހަފާ އެއްވެސް އަދަބެއްނެތި އަމުރުވެރިގޮތަކަށް ބުންޏެވެ. ހީވަނީ ގޭގެ ވެރިމީހާއަކީ އޭނަހެނެވެ. އޭނަހުރީ އުކުޅުގައި އަތްވިއްދާލައިގެން ބޮޑާގޮތަކަށް ހުއްޓިލައިގެން މޫނު ބަނަކޮށްލައިގެނެވެ. ހަފާއަށް ނޭގުނަސް ލޮލުގައި އަޅާފައި ހުރި އަނދުން ފޭވިގެން މޫނަށް ފޭދިފައި ހުރުމުން ކުރިއަށް ވުރެ ނުލަފާ ގޮތެއްހުއްޓެވެ.

ހަގީގަތުގައި މުޅި އުމުރުގައިވެސް ހަފާގެ ތަބީއަތު މިހާ ގޯސްވި ހަދާނެއް ނުވެއެވެ. މިކަންތަކުން ނިމިގެން އޭނަ އެ ނިކަމެތި ނޯކަރުކަލޭގެއަށް ކުޅިދައްކާލާނެއެވެ. އެވަގުތު ދާނިޝްއަށް މީރާން އާއި ހަމްޒާދު ފެނުމުން މިއީ އެމީހުންގެ ލާނެތް އަމަލެއްކަން އެގުނެވެ. ދާނިޝް ގެ ތުންފަތްމައްޗަށް ކަންނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

. "މިގަޑީގައި އަލީޒާއަކާ ބައްދަލެއް ނުވެވޭނެ...." ދާނިޝް ފާޑަކަށް ބުނެލިއެވެ
"ހެހެ. ތިވަރަށް ރުޅިގަދަވަނީ ބެޑްރޫމް ސީންއެއް މެދުކަޑުވާލެވުނީމަ ދޯ......." ހަފާ އަނގަ ވަށްކޮށްލަމުން ނުލަފާގޮތަކަށް ބުންޏެވެ. ލަދުގެ ކަންފުޅެއްވެސް ނަހައްދަވާކުއްޖެކެވެ. ހަފާ އެހެން ބުނިވަގުތު އަލީޒާ ކޮރިޑޯރއަށް ނުކުތްތަން ފެނުމުން ފާޑަކަށް ކަރުކެހިލިއެވެ.

" އާވް..... ދޮންތަވެސް ތުނި ޓޮޕް ކޮޅަކާއި ސޯޓެއްގައި. ހާދަ ސްޓައިލިޝް އޭ.." ހަފާ ތައުރީފުކޮށްލައިފިއެވެ.

"ލިސަން ދޮންތާ. އިމަޖެންސީއަކާއި ދިމާވެއްޖެ. އާޖެންޓްކޮށް ފެންވަރާލައިގެން ދޮންތަ ގެ ހެދުމެއް ބޭނުން......" ހަފާއަށް ވެވޭނެނަމަ ދާނިޝް ކޮށްޕާލާފައި އެތެރެއަށް ދެމިގަތީހެވެ. އެކަމަކުވެސް ދާނިޝް ފެނުނީމަ ޖެހިލުންވެއެވެ. ބާރުގަދަވާނެކަމާއިމެދު ހިތުގައި ޝައްކެއްނެތެވެ. ގަދަކޮށްލަން އުޅެފިއްޔާ މެއްސެއް ފޮޅިހެން ފޮޅާލަފާނެއެވެ. އެވަރު ދަނެގެން ހަފާ ހުއްޓިލައިގެން ހުރީ ދާނިޝްގެ އަތްނުފޯރާ ހިސާބު ދުރުގައެވެ.

. "ކިހިނެއްވީ؟ މުޅިގައިގާ ކޯނޗެއްތަ؟" އަލީޒާ ހިނިތުންވެލަމުން ކޮއްކޮ ވަންނަން އެދުނެވެ

"އަލީޒާ....ހަމަ މިހާރު ކޮޓަރިއަށް ދޭ. އަލީޒާގެ ކޮއްކޮއަށް ވިޔަސް އޭނައަކަށް މިގެއަކަށް ނުވަދެވޭނެ....." އަމުރުވެރިގޮތަކަށް ދާނިޝް ހަރުކަށިކަމާއިއެކު ބުނެލިއެވެ. ހަފާ ލޯބޮޑުކޮށްލިއެވެ. ހާދަ ފޮންޏެވެ. ހާދަ އަމުރުވެރިއެވެ. އަލީޒާވެސް އަވަހަށް މި ފިރިހެނާ ދެކެ ބިރުން އަބުރާލާފައި އެދިޔައީއެވެ. ޔަގީނެވެ. މީރާން ބުނިހެން ދާނިޝް އަލީޒާ މިގެންގުޅެނީ ނޯކަރެއް ފަދައިންނެވެ. ފިރިދަށުވިޔަސް މިވަރު ތަންކޮޅެއްބޮޑެވެ. އަލީޒާއެހާ ނިކަމެތިވެގަތީމާ ދެން މިމީހާގަޑު ހާދަ ބޮޑާވާނެއެވެ.

ހަފާ އަނގަ ހަދާލައިގެން އިރުކޮޅަކު ހުރުމަށްފަހު ދާނިޝް ގޮތްދޫނުކުރާނެކަން ވިސްނުމުން ދާން ހިގައިގަތެވެ. ދުލަށް އައިހާ އެއްޗެއް ކިޔަމުންނެވެ. މަންމަ ބުނަނީ ދޮގެއް ނޫނެވެ. އަލީޒާ މުއްސަދި މީހަކާ އިނުމުން އެމީހުނަށް ވީ އެއްވެސް ފައިދާއެއް ރަގަޅުކަމެއް ނެތެވެ. އެންމެކުޑަމިނުން އެ ގަޑުވަރުގައި ފައި ބީއްސެނީވެސް ވަކި ފެންވަރުގެ ބަޔަކަށެވެ. ދާނިޝްގެ ލަދުކުޑަކަމާމެދު އޭނަ މިހިރީ ހައިރާންވެފައެވެ. މީހަކު ހާލުގައި ޖެހުނީމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ބަދަލުގައި ކޮށްޕާ ބޭރުކޮށްލަނީއެވެ.

ހަފާ ގެއަށް އައިގޮތަށް އޭނަގެ މަންމަ ގާތު ދާނިޝް އާއި އަލީޒާވަރަށް އަރައިރުން ބޮޑުކަމަށާއި ވަރިފަށަށް އަރާފައިވާ ކަމަށް ބުނީ ވަރަށް ފޯރިއާއިއެކުގައެވެ. ފޮނިތޮށި ކާފޫރު އަޅައިގެން އެތައް ތަނެއް ހަދައިގެން އޭނަ ކޮޓެޖްއިން ބޭރުކޮށްލި ވާހަކަވެސް ކިޔާދިނެވެ. ސާއިރާ ހަފާއަށް ހިތްވަރު ދީދީ ފައި ދާނިޝްއަށް ކޮންމެހެންވެސް ލަނޑެއްދޭން ވާނެކަމަށާއި ފަންޑިތައިގެ ބާރު ދައްކާލާނެކަމަށް ބުނެ އެއްޗެހި ކިޔެވެ. 

ހަފާ ތައްޔާރުވެލައިގެން ދެވަނަފަހަރަށް ކޮޓެޖަށް ދިޔައިރު މީރާންގެ އެއްވެސް ހިލަމެއް ނުވިއެވެ. ހަފާގެ ހިތް ހަލާކުވާވަރުވިއެވެ. ގުޅޭނެ ގޮތެއް އޮތްނަމަވެސް އެންމެ ރަގަޅެވެ. ހަފާ ފޯނު ނަމްބަރު ހޯދަން ކިތަންމެފަހަރު އުޅުނެވެ. އެއިން ކޮންމަފަހަރަކު ވާހަކަ އޮޅުވާލައިގެން އެހެން މިސްރާބަކަށް ގޮސް އެކަންއޮތީ ނުކުރެވިފައެވެ. ކީއްވެކަމެއް ނޭގެއެވެ. މީރާން ހަމަ ވެމްޕްޔަރެއް ފަދައިން ގޮތްނޭގެއެވެ. ތަފާތެވެ. ސިއްރުވެރިއެވެ.

ހަފާ މީރާންގެ އިންތިޒާރުގައި ދޮރާށި ދޮށަށް ނުކުމެ ހުއްޓާ އިންޒާރަކާއި ނުލައި ވާރޭ އޮއްސައިގެތެވެ. ހިޔާވެލާނެ ފުރުސަތެއްވެސް ނުދީ ހަފާ އެކަށް ތެންމާލައިފިއެވެ. ހަފާ ރުންކުރުވިވަރުން މޮޔައެއްފަދައިން ބާރަށް ހަޅޭއްލަވައިގަތެވެ. 

ހީވާގޮތުން ތަގުދީރުވެސް މިރޭ އޭނައާއި އެއްބަޔަކަށް ނެތެވެ. ތަގުދީރުވެސް އޭނައާއި މިކުރަނީ ސަމާސާއެވެ. ދެވަނަފަހަރަށް ތެމުނީއެވެ.

"އައި ހޭޓް ޔޫ ދާނިޝް. ފޮނި ފިރިހެނާގެ ސަބަބުން މިހުރިހާ ކަމެއް މިދިމާވީ...." ހަފާ ރުޅިގަދަވިވަރުން ޗަކަގުޅަވަރުތަކުން ކޮޓެޖް ގެ ފާރަށް ހަމަލާދިނެވެ. އެ ދަނބުކުލައެއްގެ ރީތި ފާރު ހަޑިވީތަން ފެނުމުން ހަފާގެ ހިތަށް ކުޑަހަމަޖެހުމެއް ލިބުނެވެ. އެވަރުން ނުފުދިގެން ބަގީޗާގައިވާ ގަސްތަކަށްވެސް ގޯނާކުރިއެވެ. އެންމެފަހުން އެ ބޯވާރޭ ތެރޭގައި ކާރަކަށް ގުޅައިގެން ކާރުގެ ޑިކީ ފުރެންދެން ގަސްތައް އަރުވައިގެން ހަފާ ހިގައްޖެއެވެ.

ފަނާ ކިތަންމެވަރަކަށް ދާނިޝް އަށް މޮޔަވެގެން އުޅުނަސް ރީތި ފިރިހެނަކު ބަލާލައިފިއްޔާ ހިތް ކިޔޭގޮތްވެއެވެ. މީރާން ގެ މަތިންވެސް ހަދާންވެއެވެ. މީރާންފަދަ ފުރިހަމަ ސްވިސް ފިރިހެންކުއްޖަކާއި އެކު އުޅުނީމަ ކިތަންމެ ކުދިންނެއް ހަސަދަވެރިވާނެކަން އޭނަ ދަނެއެވެ. ދެރަކަމަކީ ޕާޓީ ރެޔަށް ފަހު މީރާންގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވިކަމެވެ. ހިތްއެދޭ ހުރިހާ ސިފަތަކެއް ހަމަޔަށް ހުރި ބައިވެރިޔަކު ނުލިބުމުގެ ސަބަބުން ފަނާ ވަނީ މާޔޫސްވާން ފަށާފައެވެ. ހަފާގެ ފަރާތުންވެސް ލިބެނީ އަބަދު އުއްމީދު ގެއްލޭފަދަ ޖަވާބެވެ. އުމުރު ބޭކާރުކޮށް ވޭތުވެގެން ދާއިރު ކޮންމެ ފަހަރަކު އޭނައަށް މިޖެހެނީ ދެމީދާފެހި ބުޅަލަށް ޖެހޭ ނިކަމެތި ހާލެވެ.

އެހެންހުއްޓާ ފަނާގެ ނަސީބު އޭނަގެ އަތުގައި ހިފީ ވިއްސާރަ ރެއެއްގެ އެގާރަ ޖަހާކަށްހާއިރު ޑިޔުޓީ ނިންމާލާފައި އެކަނިމާއެކަނި ގެއަށް އައިތަނާއެވެ. ކާރުން ފޭބިއިރު ދޮރާށްޓަށް ލެގިލައިގެން ހުރީ މީރާން ފިޔަވާ ދެވަނަ މީހެއްނޫނެވެ. ފަނާ އުފަލުން މޮޔަވާވަރުވިއެވެ. ވާނުވާވެސް ނޭގުނެވެ. ވަގުތުން ގޮސް މީރާންގެ އަތުގައި ހިފާލެވުނީ ނުހަނު ބާރަށެވެ. ގެއްލިދާނެތީ ބިރުހީވިއެވެ. މީރާން ބުނީ ވާރޭ ވެހޭތީ ހިޔާވެލަން މިތާ މަޑުކޮށްލީކަމަށެވެ. ފަނާ އެގެއަށް ވަންނަން ދައުވަތު ދިނެވެ.

ނަސީބަކުން އެގޭގެ ހުރިހާ ދިމާލެއްގައި ރަސްކަންކުރަމުން ދިޔައީ ފުން އަނދިރިކަމެވެ. ފަނާ ކޮޓަރިއަށް ވަދެ ބޮކި ދިއްލަން އުޅުނީމަ މީރާން އެކަން މަނާކުރިއެވެ. އެތައް ދުވަހަކުއްސުރެ ލޯތްބަށް ފެންބޮވައިގެންފާ ހުރި ފަނާ އެއްވެސް ގަދަ ދެއްކުމެއް ނެތި މީރާންގެ އަތުތެރެއަށް ވަނެވެ. މީރާން ވިސްނާދޭން މަސައްކަތްކުރިޔަސް އެވަގުތު ފަނާގެ ބޮލަށް ޝައިތޯނާ ވެރިވެފައިވަނީ ހެޔޮވިސްނޭފަދަ ގޮތަކަށް ނޫނެވެ. ފަނާ ވިސްނީ ވަގުތީ އުފަލަށެވެ. ފަހުން ލަނޑެއް ލިބިދާނެކަމަކަށް ވިސްނާނުލައެވެ.

ރެއަށް އިރުއޮއްސުމާއެކު ވާރޭބޯކޮށްލައިފިއެވެ. މިފަދަ ފިނި ރެއެއްގައި ގިނަމީހުން ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަކަށް ނުނިކުމެއެވެ. މަގުތައް ތަންކޮޅެއް ފަޅެވެ. 
ސާއިރާ ކުޑަ ލައްޕާލުމަށްފަހު ގެއަށް ވަންއިރު ހަފާ އާއި ފަވާދު އެނދުމަތީގައި އިށީދެލައިގެން ތާސްކުޅެން ތިއްބެވެ. ގެ ފަޅުވެދާނެޔޭ ކިޔާފައި ހަޅޭއްލަވާފައިވެސް ސާއިރާވެސް ވަރަށް ފޯރިއާއިއެކު ތާސްކުޅެއެވެ. އަލީޒާ ހުންނައިރު ދެ ނަމާދު ދޭތެރޭގައި ގުރުއާން ޖަހައެވެ. އެއްގޮތަކަށްވެސް ތާސްފަދަ ކުޅުމަށް އަލީޒާ ޝައުގެއްނުހުރެއެވެ. އަލީޒާ ދިޔަފަހުން އެގެއިން ދީނީ އެއްވެސްކަމެއް ނުފެނެއެވެ.

"މަންމާ...ޑޮކަޓަރަށް ދެއްކިއްޖެތަ؟" ހަފާ އަހާލިއެވެ.
"މައުމޫންގެ ހޮސްޕިޓަލް މީހުނާއި ދިމާލަށް ދުލަށް އައިހާ އެއްޗެއް ކިޔާފައި މިއައީ. ލާރި ދޭން ދެކޮޅު ހެދުމުން މައުމޫންއަށް ޖެހުނީ ލާރި ނުނަގާ ބޭސްކޮށްދޭން. އެހެންޏާ. ދިޔަހާއިރުން ބުނެފި ދުއިސައްތަ ރުފިޔާއަށޭ ދެއްކޭނީ. މަ ބުނިން މަށަކީ ދާނިޝް ގެ މައިދައިތަ އޭ. ބުނީމަވެސް އެތާހުރި ކަޅުކަޅު މަންޖެއަކު ގޮތްދޫނުކުރީމަ ބަވާލީނުން ފުކަކަށް ހަދާލާފައި އެންމެފަހުން ބައި ލާރިވެސް ނުދީ ދައްކައިގެން މިއައީ. އެހެންޏާ ނޭވާ ނުލެވިގެން ކުއްލި ފަރުވާއަށް ބޭނުންވިއިރުވެސް އެ މުއްސަދި މަހުޖަނުން އުޅެނީ ނިކަމެތިން ފޭރެން......" ސާއިރާ ހިތުން އޭނަ އެކުރީ ވަރަށް މޮޅު ރީތިކަމެކެވެ.

ސާއިރާ އޭނަގެ ދަރިންނަށް ސިއްރު ކުރީ އޭނަ މައުމޫން ކައިރިއަށް ގޮސް މިރޭ ދެއްކި ވާހަކަތަކެވެ. ސައްފޫރުއާއި ފަރުޒާނާ ތުންގުޅުވާލައިގެން ތިބިތަން އޭނަގެ ދެލޮލުން ދެކުނު ކަމަށާއި މައުމޫން އަށް ސިއްރުން އެދެމީހުން ކުޅިގަނޑެއް ކުޅެމުންދާކަމުގައި ބުނެލިއެވެ. ފަރުޒާނާ އެކަމާ ބިރުން އޭނަ ގާތު ރޮއި އާދޭސްކުރިވަރުން މައުމޫންއަށް ނާންގަން ވައުދުވިކަމަށާއި ކަންތައް ބޮޑުވާން ހެދުމުން ބުނެލެވުނީކަމަށްވސް މައުމޫން ގާތު ބުނެލިއެވެ. ހިލޭ ބޭސްވީވެސް ބޭޒާރުކޮށްލާނެކަމުގެ ބިރު މައުމޫންއަށް ހީވީމަ އާއިލާގެ އިއްޒަތް ރައްކާތެރިކުރަން ވެގެންނެވެ.

ހަފާ ހޭންފެށިއެވެ. ފަވާދު ގަތީ ލަދެވެ. އޭނައަށް މި އަންހެންވެރިން ދުވަހަކު ދަހެއް ނުވާނެއެވެ.

"މަންމަ ކްލީން ކްލީން އާއި ބްލީޗް އެއްކޮށްލީ ވިއްޔާ. ބްލީޗްއާއި ފާޚާނާ ސާފުކުރާ އެއްޗެހި އެއްކޮށްލީމަ ކްލޮރޮމިން ގޭސް ވަގުތުން އުފެދި މީހަކު މަރުވުމަކީވެސް އެކަށީގެންވާ ކަމެކޭ ދޮންތަ އަބަދުވެސް ބުނޭ. ކިތަންމެ ބަޔަކު ނޭވާ ހާސްވެ މައްސަލަ ޖެހިގެން ހޮސްޕިޓަލަށް ގެންދެއޭ. ފުއްޕާމޭ ހަލާކުވެގެން މަރުވެސް ވެދާނެޔޯ. މަންމަ ވެއްޖެ ވިއްޔާ އެވާހަކަ ދޮގުކުރަން.............." ހަފާ ފަވާދުއަށް ވެގެން އުޅޭގޮތްކިޔާދިނެވެ.

"އަލީޒާ ހުންނައިރު މަ ނުޖެހޭނެ ގުދާރު ބިންދައިގެން އޮވެ މަސައްކަތްކުރާކަށް. އަލީޒާ ދިޔަފަހުން އަދި މީހަކު ދުވަހަކު އެ ފާޚާނާގަނޑު ސާފެއް ނުކުރޭ. އެކަނި ފާޚާނާ ސާފުކުރާ އެއްޗެހިންވެސް ފިލުވާނުލެވުނީމަ ބްލީޗް އެޅީ. އޭނަ ނެތީމަ މަށަށް ހާދަ އުދަގޫވެޔޭ. އެކަމކުވެސް ނަސީބެއް މުއްސަދި މީހަކާ އިންކަން. އަދި އަހެރެމެނަށް އެއިން ބައި ލިބޭނެ. މިއަދުވެސް މިއައީ ނު ހިލޭ ބޭސްކުރުވައިގެން. މާތް ރަސްކަލާގެ އިރާދަފުޅާއި އެކު ނަސީބު މިވަނީ އަހަރެމެންނާއި އެކީ.

އިންތިޒާރުކުރަންވީ......" ސާއިރާ ބޭސްކައިގެން އަވަހަށް ގޮދަޑިމަތީގައި އޮށޯވެ ރަޖާގަނޑުލައިފިއެވެ. ރަގަޅަށް ނޭވާނުލެވިގެން އަޑު ބޭރުނުވާއިރުވެސް ސާއިރާއަށް ދޫ ހިމޭނުން ބާއްވައިގެން އޮވެވޭ ކަމަކަށް ނުވެއެވެ. ކޮންމވެސް މީހަކާއި ދިމާލަށް އެއްޗެހި ކިޔުމުން ހިތްހަމަޖެހުން ލިބެނީކަމަށް ވެދާނެއެވެ. ހަފާވެސް މަންމަގެ ވާހަކައިގަ ދޭތެރެއަކުން ބައިވެރިވެއެވެ. ފަވާދު އިނީ ހިމޭނުންނެވެ. ބޮލަށް އުދަގޫވެފައެވެ. އޭނަގެ މިޒާޖުގައި ހުންނަނީ އަލީޒާގެ ފަރާތުން ދަސްވެފައިވާ ސިފަތަކެވެ. ޗަކަގަނޑެއްގައި ފޮޅިފައިވާ ދެލޮޓަސް މަލެވެ.

ވާރޭ ބޯކަމުން މީހަކު ދޮރުގައި ޓަކިދޭއަޑު އިވުނީ ކިރިޔާއެވެ. އަންހެންވެރިން ކަންނެތްކަމުން ބުރަކަށިތައް ހިއްލާލާކަށް ބޭނުމެއްނުވިއެވެ. ދޮރު ހުޅުވަން ދާންޖެހުނީ ފަވާދުއަށެވެ. ދޮރުމަތީގައި ތެމިފޯވެގެން ހުރީ އަލީޒާއެވެ. އަލީޒާގެ ލޮލުގައި ހުރީ ކަރުނައެވެ.
. "ދޮންތާ........." ފަވާދު ކަންބޮޑުވިއެވެ
"ކިހިނެއްވީ. މަގުއޮޅުނީތަ؟ ނުބައި ތަނަކަށް ތިވަދެވުނީ......" ސާއިރާ މޫނު ކުރިއަށް ވުރެ ބަނަވެގެން ދިޔައެވެ.
"މަންމާ. ދާނިޝް އަހަރެން ގެއިން ބޭރަށް ލީ......" އަލީޒާ މަޑުމަޑުން ބުނެލިއެވެ.

 

ކޮމެންޓް 0