އެއީ ކާކު ހެއްޔެވެ؟ ދާނިޝް އާއި ދާނިޔާލް ކަމަކަށް ނުވާނެއެވެ. އެދެޒުވާނުންގެ ލޮލުގައި ހުންނަނީ ކަޅުކުލައެވެ. އަލީޒާ އޭނަ ގެ މަންމަގެ ގާތުގައި ވަރަށް ގިނަ ދުވަސްވާންދެން އެ ފިރިހެންކުއްޖާގެ ލޮލުގެ ކުލަ ރީތިވެގެން އެވާހަކަ ދެއްކިއެވެ. އެކުލައިގެ ލޮލެއް އޭނަވެސް ބޭނުން ކަމަށް ބުނަމުން ދިޔައެވެ. އެކަމާ ދެރަވެގެން އުޅުނެވެ. މަންމަ ބުނެދިންގޮތުން އައިސްގޭޓްފަދަ ގެއަށް ޓޫރިސްޓުކުދިންވެސް އަންނާނެއެވެ. އަލީޒާއާއި ދިމާވީ އެފަދަ ކުއްޖަކާއެވެ.

މިފަދަ ތޫފާނީ އަނދިރި ރޭގައި ކަރަންޓް ކެނޑިފައިވާތީ ކިތަންމެހާވެސް އުދަގުލެވެ. އެކަމަކު އަލީޒާ އަށް އުއްބައްތީގެ ހިތްގައިމު އަލިވެސް ކަމުދެއެވެ. އުއްބައްތީގެ އައްޔަށް އަންނަ ކުދިކުދި ޕަރުވާނާތައް ކުޅެމުންދާ މަންޒަރު ވަރަށް ނަލައެވެ. ތުއްތު އިރުން ފެށިގެން އޭނަ އެ ޕަރުވާނާ ތަކަށް ޝައުޤު ހުންނާތީ މިފަދަ މަންޒަރެއް ފެނުމުން މާޒީގެ ހަނދާންތަކުގެ ތެރެއަށް ގެއްލިދާން މަޖުބޫރުކުރުވައެވެ.

ބޭރުގައި އުފެދިފައިވާ ތޫފާން އޭނަގެ އެތެރެހަށީގައި ވެސް އުފެދި ލޯ ތެމެން ފެށިއެވެ. ހިތްވަރުކުރިނަމަވެސް ހިތް ފުރިގެން ބަންޑުންވަނީއެވެ. އޭނަ އަށްޓަކައި ދާނިޝް ގެ ހިތުގައި އެއްވެސް މަގާމެއް ނުވާކަން އޭނަ އަށް ވަނީ ޔަގީން ކުރެވިފައެވެ. ދާނިޝް އޭނަ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އެކަމަކު އެލޮލުން ލޯބީގެ އެއްވެސް ކުލަވަރެއް އަލީޒާ އަކަށް ނުފެނުނެވެ. އަލީޒާ ނޫން ކޮންމެ އަންހެންކުއްޖެއް ހުރިނަމަވެސް އޭނަ ސަލާމަތްކޮށްދޭނެއެވެ. ބޭއިޚުތިޔާރުގައިވެސް އަތް ދިއްކޮށްލެވޭނެއެވެ. އޭނަގެ ހިތް ދާނިޝް ގެ މުށުތެރޭގައި ލައި ޗިސްކޮށްލީއެވެ. އެހާ އަސަރު ކުރިއެވެ. އޭނާ ފަނާވެގެންދާނީ ވެސް މިހިތާމައިގަ ހެއްޔެވެ؟ މަންޒިލެއް މަގުސޫދެއް ނެތް ދަތުރުވެރިޔެކޭ އޭނައެކޭ ތަފާތެއްނެތެވެ.

ހިތި ވޭނީ ކަރުނަ ތަކުން ބާލީސް ތެމި ފޯވަމުން ދިޔައެވެ. ރޮވޭވަރުން އެންމަފަހުން އަލީޒާ ތެދުވެގެން ގޮސް ނަމާދު ކުރަން ފެށިއެވެ. ކެތްތެރިކަން ދެއްވާ ހިތާމަ ފިއްލެވުމަށް އެދި ދުޢާ ކުރަމުން ދިޔައިރު އޭނަ ގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. މާތް ﷲ އަކީ ރަޙުމަތުގެ ވެރި ރަސްކަލާނގެއެވެ. ދުނިޔޭގެ ހުރިހާ ކަމަކުން އުއްމީދުކަނޑާލާ އިތުބާރު ގެއްލުނަސް ހެއްދެވިފަރާތުގެ ރަޙުމަތުން ހިނދުކޮޅަކުވެސް އުއްމީދު ކަނޑާލާކަށް ނުވާނެއެވެ.

އަލީޒާ ގެ މޮބައިލް ރިންގްވާން ފެށިއެވެ. މިސްކޯލެކެވެ. ނުދަންނަ ނަމްބަރެކެވެ. 
" ހޭއި ރީތި އަންހެންކުއްޖާ. އެކުވެރިވާން ބޭނުންތަ؟" އިނގިރޭސިން ލިޔެފައިވާ ކުރު މެސެޖެކެވެ. މިއީ ކާކުހެއްޔެވެ؟ އަލީޒާ ގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. ދާނިޝް އަށް ވެދާނެބާވައެވެ. އަލީޒާ ތަކުރާރުކޮށް އެމެސެޖް ކިޔަމުން ދިޔައެވެ. ކޮންފަދަ ކިއުޓް ޖުމްލައެއް ހެއްޔެވެ؟ 
" ތިއީ ކާކުތަ؟ " ތުރުތުރުއަޅާ އިނގިލިތަކުން އަލީޒާ ލިޔުނެވެ.
" އައި އޭމް ހޫ އައި އޭމް ބޭބީ. ޑެންޖަރަސް. މިސްޓީރިޔަސް. އިރެސިސްޓަބްލް. ހެހެ. ޖަސްޓް ކިޑިން. މާދަން ރޭ އަށެއް ޖަހާއިރަށް "ކޮޓެޖް" ގައި އަހަންނާއި މީޓްކުރޭ....."

ދާނިޝް މިހާ ޖެހިލުންކުޑަ މެސެޖް ތަކެއް ފޮނުވަފާނެ ހެއްޔެވެ؟ އެއީ ހުރިހާ ރީތި ސިފަތަކެއް ލިބިފައިވާ ޝަޚުސިއްޔަތު ވަރުގަދަ ހައިބަތު ހުރި ޒުވާނެކެވެ. އަލީޒާ އަށް ހާސިލު ކުރަން ފަސޭހަ ވާވަރަށް ވުރެ މަތިވެރި ޑޮކްޓަރެކެވެ . އެހާ ޅަ އުމުރުގައި ނިއުރޯސާރޖަން އެކެވެ.
އެކަމަކު މި މެސެޖް ތަކުގައި ދާނިޝް ފަދައިން ދަމާ ބާރެއް ވަނީ ކީއްވެހެއްޔެވެ؟ އޭނަ

ހިތް މިހާ ދަމައިގަތީ ކީއްވެހެއްޔެވެ؟ އެއީ ދާނިޝްކަމުގައި ހިތް ބުނީ ކީއްވެހެއްޔެވެ؟ ދުޢާގެ އަސަރު އެހާ އަވަހަށް ކުރުމުން އޭނަ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ.

އެބީރައްޓެހި ޒުވާނާ އަލީޒާ އަށް އިރުޝާދު ތަކެއް ފޮނުވިއެވެ. ކޮޓެޖް ހުންނަ ހިސާބާއި އަންނަންވީ އެކަނި ކާރެއްގައި ކަމަށާއި ކާރުމަޑު ކުރަންވީ އެގެއާއި ޖެހިގެން އޮތް ގޯޅީގައި ހުރި ފިހާރައަށް ކަމަށް ބުނެ މެސެޖްކުރިއެވެ. އޭނާ ފިހާރައިގެ ކަންމަތީގައި އިންތިޒާރު ކުރާނެ ކަމަށާއި ލައިގެން ހުންނާނީ ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްކަމަށެވެ. އިރުޝާދުތަކަށް ފަހު އެޒުވާނާ ފޯނު ނިވާލައިފިއެވެ. އަލީޒާ ގެ ހިތް މާ ވަރަކަށް ޝައުޤު ވެރިކުރުވާ ނިދި ގެއްލުވާލާފައެވެ. ހަތަރުދަމު އެމެސެޖް ތައް ކިޔާލަ ކިޔާލާ އޮވެވުނީ ކޮންފަދަ ބާރެއްގެ ސަބަބަބުން ކަމެއް ނޭގެއެވެ.

އަނދިރި ބަނަ ދުވަސް ތަކަކަށް ފަހު އާ ރީތި ދުވަހަކަށް އަލިވިލިއްޖެއވެ. ބޯ ވިލާތަކުގެ ފަހަތުގައި އިރު ފިލާ ހުރުމަށްފަހު އޭގެ އެންމެ ފުރިހަމަކަމާއިއެކީގައި ދިއްލާ ވިރުވާއަޅަމުން ދިޔައެވެ. ދުދުރަށްދާންދެން ނޫކުލައިގެ ސަދުވާއެއް ފަދައިން އުޑުފެންނަމުން ދިޔަ ނަމަވެސް ދޭތެރެއަކުން ހުދު ވިލާތައް ފެނިލައެވެ. އިރުގެ ރަން ކުލައިގެ ދޯދިތައް ބިޔަގަސްތައް ފުރާނާލާފައި އައިސްގޭޓް ގެ ބަގީޗާ ވެސް އުޖާލާކޮށްލައިފިއެވެ.

ދާނިޔާލް ޝާހާން އަދި ޖީނާ އަނބުގަހުގެ ހިޔަލުގައި ކުރުބާ ބޯން ތިއްބެވެ. ދެކެވެމުން ދިޔައީ މުޅިން ވެސް ބިރުވެރި ވާހަކަތަކެވެ. ރޭ ފެނުނު ހިޔަނީ ގެ ސަބަބުން ބިރުގެންފައި ހުރި ޖީނާ ހަމަޔަކަށް އަޅުވަން ބޭބެމެން މަސައްކަތް ކުރަމުން ދަނީ ކަން ނޭގެއެވެ. ރޭ ހަތަރުދަމު އޭނަ ހުރީ ފަރުޒާނާ ގެ ފަހަތުގައި ޖައްސާލާފައެވެ. އެންމެ މިނިޓަކަށް ވެސް އެކަނި ހުންނާކަށް ނުކެރުނެވެ. ފަތެއް ހެލިލިޔަސް އޭނަ ބަލާލަނީ ލޯ ބޮޑުކޮށްފައެވެ.

"ޖީން. ތިހާ ޑެވިލްސް އިން ދެކެ ބިރުން އުޅޭ އިރު މާވަރަކަށް ވެމްޕަޔަރ ޑައިރީސް ޓްވައިލައިޓް ފޭން އަކަށް ވެގެން އުޅެނީ ކީއްވެ؟ ގޮތިކް ގާރލް އެކޭ އަބަދު ބުނަމެއްނު...." ޝާހާން އަހާލިއެވެ. ޖީނާ ވަރަށް ގިނައިން ލޮލުގައި އަނދުން އަޅާ ފަވާލާ ކަޅު ލިޕްސްޓިކް ޖައްސައެވެ. ފޭސްބުކް ސްޓޭޓަސް ތައް މުޅިން ހުންނަނީ ގޮތިކްވެފައެވެ.
"ވެމްޕަޔަރސް އިން އުޅެއެއްނު. ހާދަ ބިރުގަނޭ..." ޖީނާ ހެވާކޮޅެއް ކާލަމުން ބުނެލިއެވެ.
"ޖީން. އެއީވެސް ރަގަޅަށް ވިއްޔާ ފްރީމޭސަނުންގެ ކްރިއޭޝަނެއް. ޑެވިލް އިންނަށް ބާރުދީ ގަދަކޮށްލާފައި އެހުންނަނީ. އިމްމޯޓަލް ބަޔަކު އުފެއްދީ. އަދި އިންސާނުންނަށްވުރެ އެތައްގުނަ ބާރުގަދަ އަންހެން ކުދިން މޮޔަކޮށްލަން ހުރިހާ ރީތި ސިފަ ތަކެއް ހުރޭ. ކުރީގައި އަވީގަ ނޫޅެވޭ. މިހާރު މޮޑިފައި ކޮށްލާފައި ފާޑެއްގެ އަނގޮޓި އެއް އެޅީމާ އަވީގައި ވެސް އުޅެވޭ. ހައްތާ ފޭކް. ހަމަ ކަޑަ ފޫހި ބަޔެއް. އުޅޭ އެއްޗެއް ނޫނޭ އެއީ ބޭބީ ސިސް......" ދާނިޔާލް އިނީ އަނބުގަހުގައި ބުރަކަށި ޖައްސާލައިގެން ގަހުގެ މޫމަތީގައެވެ.
"އާނ ވެމްޕަޔަރުން އަސްލު ވެސް ވަރަށް ފޫހި. ހަމައެކަނި ލޭ ބޮއިގެން ރީތި މީހުންގެ ސިފަ ޖެހިގެން. ދެން ހަންޑި ޖިންނި އުޅެއެއްނު. ރޭގައި ދެން އެފެނުނީ ކޮންކަހަލަ އެއްޗެއްތަ؟ ލައިކް އެ ޝެޑޯ........" ޖީނާ ވަށައިގެން ހޯދާފައި ތަންކޮޅެއް މަޑުން ބުނެލިއެވެ.
"ޖިންނިން އުޅޭދޯ. އެކަމަކު ރަގަޅު ޖިންނިން އިންސާނުންނަށް ގޯނާ އެއް ނުކުރާނެ. ޖީން ހަމަޖެހިބަލަ، އެއްވެސް މަޚުލޫގަކަށް ޖީން އާއި ކާރިވާކަށް ނުކެރޭނެ. އަހަރެމެން މިތިބީ ޖީން ސަލާމަތް ކޮށްދޭން......." ޝާހާން ސިއްރުވެރިގޮތަކަށް ހިނިތުންވެލިއެވެ. ޝާހާން ދާނިޝް އާއި އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު ޝާހާންގެ ތުންފަތްމަތިން އަބަދު ހިނިތުންވުމުގެ އަސަރު ފާޅުވާންހުރެއެވެ. ކޯތާފަތަށް އެޅޭއަޑިކޮޅު ތަންކޮޅެއް ގިނައިން ފެނެއެވެ. ދާނިޝް ތަފާތެވެ. އޭނަ ހުންނަނީ އަބަދު ލޯ ހަނިކޮށްލައިގެނެވެ. ކަތި ނަޒަރެވެ. ބުމަ ގޮށް ޖަހާލާފައެވެ.
"ރަގަޅު ޖިންނިން އުޅޭނީ ރީތި ސިފަސިފައިގާ ދޯ......." ޖީނާ އަހާލިއެވެ.
"ނޫން. އެންމެ ރިތި ސިފައިގާ އުފައްދަވާފައިވަނީ އިންސާނުން ކަމަށް ޤުރުއާނުގައި ވެސް އޮވޭދޯ. ޖިންނިން އިންސާނުންނަށް ފެންނަނީ ރީތި އިންސާނެއްގެ ސިފައިގާ. ސިފަ ބަދަލު ކުރެވޭތީ...އެކަމަކު ދެ ފިޔަގަނޑު ލީމަ ރީތިވާނެތަ؟ " ޝާހާން ހޭން ފެށިއެވެ.
"ނޯ...." ޖީނާ އަށް މަޖާ ވިއެވެ.

މިދުނިޔެއިންވެސް މިވީހާ ތަނަށް ދާނިޝް އާއި ޝާހާން ފަދަ އާދަޔާޚިލާފު ރީތި ފުރިހަމަ ފިރިހެނެއް ޖީނާ ނުދެކެއެވެ. އެ ދެ ޒުވާނުންވެސް ލޭ ބޯން ވެއްޖެއްޔާ ނުވަތަ ދެ ފިޔަގަނޑު ފަޅައިފިއްޔާ ގައިމު މިހާ ފުރިހަމައެއް ނުވާނެއެވެ.

ޖީނާ ވެމްޕަޔަރުންނާއި ޖިންނިންދެކެ ވަގުތުން ފޫހިވިއެވެ. އެއީ އަނދިރި ދުނިޔޭގެ މަޚުލޫގުންނެވެ. އޭނާ ލޯބިކުރާނީ އަލި ކަމަށެވެ. ދުވާލަށެވެ. އިންސާނުންނަށެވެ. ގުދުރަތީ މިރީތި ކަމަށެވެ. ޚާއްސަކޮށް އޭނާގެ ފުރިހަމަ ރީތި ލޯބިވެރިޔާއަށެވެ. އޭނާ ގޮތިކް ގާރލްއަކަށް ވެގެން އުޅޭކަށް ބޭނުމެއް ނޫނެވެ.

"މޯނިން...." ދާދިގާތުން ދާނިޝް ގެ އަޑުއިވުމުން ޖީނާ ސިހިގެންދިޔައެވެ. އޭނާ އެބުރި ބަލާލިއެވެ. ދާނިޝް ފުންމާލީ ބެލްކަނިން ބާވައެވެ. އަޖާއިބެކެވެ. ކުއްލިއަކަށް މިފެނުނީ ކުރިމަތީގައި ހުއްޓައެވެ. އައިސްގޭޓްގެ "ބޭޑް ބޯއި" ގެ މިހިރަ ސިއްރުވެރި ގޮތެކެވެ. ކަޅުފެހިކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި ދާނިޝް ފެންނަލެއް ކުރިއަށްވުރެވެސް ރީތިހެން ހީވިއެވެ. ހަމައެ ކަތި ނަޒަރެވެ. އެފޮނި ގޮތެވެ. އެ ސްމާޓްކަމެވެ. 
"އަދި ކިރިޔާ މޯނިން ތިވީ......" ދާނިޔަލް ހީލަމުން ކުރުނބާއެއް ދިއްކޮށްލިއެވެ.
"ރޭގަ ނުނިދުނު..." ކުރުކުރު ޖަވާބެކެވެ. ނުނިދުނަސް އެރީތި މޫނު ހާދަ ތާޒާއެވެ. 
"މާބޮޑަށް އަލީޒާގެ މަތިން ހަނދާންވީ ދޯ....." ދާނިޔާލް ދިމާކޮށްލިއެވެ. ދާނިޔާލްގެ އެޖުމްލައެކޭ ކެކިކެކި ހުރި ތެޔޮއެއްޗަކަށް ފެންއޮއްސާލުމެކޭ އެއްވަރުވިއެވެ. ޖިނާ ބޮއިބޮއިއިން ކުރުނބާ އަތުކޮޅަށް އެއްލާލުމުން އަމާޒުވީ ކުޑަދޮރަށެވެ. ގަދަ އަޑުފަށްގަނޑަކާއިއެކު ބިއްލޫރިގަނޑު ތެޅި ބިއްލޫރިތައް ބުރައިގެން ދިޔައެވެ. އޭނާ ރާސްލާފައި ދުއްވައިގަތުމުން ދާނިޔާލް އާއި ޝާހާން އަށް ލިބުނީ ސިހުމެކެވެ. ދާނިޝް ހުރީ ނުތަނަވަސްވެ ލަދުގަންނަގޮތް ވެފައެވެ. ދާނިޔާލް ގެ ހިތުގައި ކިތަންމެ ސުވާލުތަކެއް އުފެދުނެވެ. ހިމޭންވަގުތުކޮޅެއް ފާއިތުވެގެން ދިޔުމަށްފަހު ދާނިޝް ޝާހާންގެ ފަޔާއި ބެހޭގޮތުން ވާހަކަ ދައްކަން ފެއްޓިއެވެ. މަންމަގެ "މެޖިކް ޕޯޝަން" ގެ ސަބަބުން ޝާހާން ގެ ފައިގެ އިނގިލިތައް ކުޑަކޮށް ޙަރަކާތްކުރެއެވެ. އެނުރައްކާތެރި ބިރުވެރި އެކްސިޑެންޓަށް ފަހު ޝާހާން ސަލާމަތްވިކަން އެއީ ޑޮކްޓަރުން ދުށްގޮތުގައި ހަމަ މުއުޖިޒާތެއްފަދަ ކަމެކެވެ. މަންމަ ތެޔޮދަމާފައި ކަސްރަތުކުރުވައިގެން ޝާހާންއަށް އަލުން ހިނގައި އުޅެވެން ފެށިއްޖެއްޔާ އެވާނީވެސް ހަމައެފަދަ ޢަޖާއިބަކަށެވެ.

އިރުކޮޅަކުން ހަމަދު ނިކުމެ ތެޅިފައިވާ ބިއްލޫރިތައް ނަގާ ސާފުކުރަންފެށިއެވެ. ހަމަދު ޔަގީންކުރީ ދާނިޝްގެ ހަމަލާއެއް ކަމަށެވެ. ގެންފައި ހުރި ބިރެއްގެ ސަބަބުން ދާނިޝްމެން ތިބިތަނާއި ދިމާލަށް ލޮލުކޮޅުން ބަލާލާކަށް ވެސް ހަމަދުއަކަށް ނުކެރުނެވެ.

ފަރުޒާނާ ފެންޑާއަށް ނިކުތެވެ.

"ކުރާނެކަމެއް ނެތް. ކިތަންމެ ބަލައިގެން އުޅުނަސް ވާނުވާއެއް ނޭގި ދާނިޝް ރުޅިގަނޑު ހިލުވާލާނެ. ކޮންމެ ދުވަހަކު އެބަޖެހޭ ކޮންމެވެސް ތަނެއް މަރާމާތުކުރުވަން. ރުޅިގަދަ ވާ ވަގުތު އެލިބެނީ ކޮންފަދަ ބާރެއްބާވައޭ ވެސް ހިތަށްއަރާ......" ފަރުޒާނާ އަށް ނޭގުނީ މިއީ ޖީނާ އޭނާގެ ބޭބެ ކޮޕީކޮށްގެން ކުރި ވިޔާނުދާ ޢަމަލެއް ކަމެވެ. ދާނިޔާލް ޝާހާން އަދި ދާނިޝް ވެސް އެކަން ސިއްރުކުރިއެވެ. ހަޤީޤީ ސަބަބު ފޮރުވިއެވެ.

އިރުއެރީ އަލީޒާއަށް ވެސް އުފާވެރި ރީތި ދުވަހަކަށެވެ. ހެދުނު އާއްމުކޮށް އެޢާއިލާއިން ކައި އުޅެނީ ރޮއްޓާއި ރިހާކުރު ނުވަތަ ރިހަ ކަހަލަ އެއްޗަކަށް ވިޔަސް އަލީޒާ މިއަދު ޚަރަދުކުރަން ބޭނުންވެއެވެ. އެންމެންނާއި މިއުފާ ހިއްސާ ކުރަން ބޭނުންވިއެވެ.

އަލީޒާ އެދުވަސް ފާހަގަކުރަންވެގެން ހެނދުނު ނާސްތާއަށް ގަތީ ބްލޫބެރީ ޗީޒްކޭކާއި ސަބްމެރިންއެވެ. އޭނާއަށް ހުރެވުނީ އަބަދު ލޯބީގެ ލަވައެއް ކިޔާލަ ކިޔާލައެވެ. ހިނިތުންވެވިފައެވެ. އިރުއިރުކޮޅާ ފޯނުގައި ހުރި މެސެޖްތައް ކިޔާލެވުނެވެ. އާ މެސެޖަކަށް އިންތިޒާރުކުރެވުނެވެ.

އަލީޒާއަށް އައިސްފައިވާ އުފާވެރި ބަދަލު ފެނުމުން މަންމަ ސާއިރާވެސް ހުރީ ހިތްހަމަޖެހިފައެވެ. އަނެއްކާ އޭނާގެ ދަރިފުޅުގެ ޒުވާން ހިތްވެސް ކޮންމެވެސް ފިރިހެންކުއްޖަކަށް ހަދިޔާ ކުރެވުނީހެއްޔެވެ؟ އަލީޒާ ނުބުންޏަސް އޭނާގެ ހަރަކާތް ހުރިގޮތުން ސާއިރާގެ ތޫނު ވިސްނުމުން އެކަން ދެނެގެންފިއެވެ. މިއުމުރަކީ ހިތް އަތުންވީއްލިގެންދާ އުމުރެވެ. ރަގަޅު ފިރިހެންކުއްޖެއް ވިއްޔާ ސާއިރާވެސް މަރުހަބާ ކިޔާނެއެވެ.

އޮފް ދުވަހަކަށް ވާތީ އަލީޒާ ފުނިޖެހިފައިވާ ދާ ހެދުންތައް ދޮވުނެވެ. ގެ ފޮޅާ ސާފުކޮށް ތަރުތީބުކުރިއެވެ. ހަވީރުވާން ދެންވެސް އޭނާ އުޅުނީ މަސައްކަތުގައެވެ. ފަވާދުއާއި ހަފާ ވެސް ކޮންމެވެސް ވަރަކަށް އެހީވިއެވެ.

އަލީޒާ ފެންވަރާލައިގެން ތައްޔާރުވާން ވަގުތުނެގިއެވެ. ފަހަރަކު ހެދުމެއް ލައި ލޯގަނޑު ކައިރީގައި ހުރެ ބެލިއެވެ. އެންމެ ފަހުން ހިތްހަމަޖެހުނީ ވައިލެޓާއި ހުދުގެ ހެދުމަކާއި ޖީންސެއް ލެވުނީމައެވެ. މޭކަޕްދެކެ ފޫހިވާ ކުއްޖަކަށް ވިޔަސް އަލީޒާ މިއަދު ލޮލުގައި އަނދުން އެޅިއެވެ. އެރީތި ދެލޯ އިތުރަށް ވިދާ ދެގުނަ ރީތިވިކަހަލައެވެ. މަޑުމަޑު ދެ ތުންފަތުގައި ލިޕްގްލޮސް ހޭކިއެވެ.

އަލީޒާއަކީ ކަޅުކުލައިގެ ސްޓޯންތަކަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އެކިކުލައިގެ ތަފާތު ވައްތަރުގެ އެސްތައްޖެހި ގަހަނާތައް އޭނާގެ ކަލެކްޝަނުގައި ހުރެއެވެ. ކަޅު އަދި ހުދުކުލައިގެ ޕާލް ތަކާއި ފީރޯޒްތަކެވެ. އަގީދު ޒަބަރުޖުދު އަދި މޫންސްޓޯން އާއި ނީލަމުގެ ގަހަނާތައް ވެސް ހުރެއެވެ. މުއްސަދި އަންހެންކުއްޖަކަށް ވީނަމަ ޔަގީނުންވެސް ޖަވާހިރު އަލިމަސް ޔާގޫތުފަދަ އަގުބޮޑު އެއްޗެހި އެއްކުރީހެވެ.

އަލީޒާ ނެގީ ޕާލް ސެޓެކެވެ. މިއީ އޭނާގެ އުފަންދުވަހުގައި އީނާގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. މިއީ ތާޒާ ފެނުގައި އާލާކުރުވައިގެން އިންދާ ކަހަލަ ޕާލްއެކެވެ. އޭނާ ފަދަ އަންހެންކުއްޖަކަށް އެތައް ލައްކަ ރުފިޔާގެ އަގުބޮޑު ޕާލްތަކެއް ނުލިބޭނެ ވިއްޔާއެވެ.

ހުދުވިދާ ޕާލްތަކުން އެރީތި ދޮން ކަނދުރާއާއި އަތް އަދި ކަންފަތާއި އިނގިލި ފަޅުފިލުވާލިއެވެ. ލޯގަނޑުން އަލީޒާގެ ރީތި ސޫރަ ފެނުމުން އޭނާގެ ހިތްވެސް ތައުރީފް ކުރިއެވެ. މިއަދު އޭނާ ހާދަ ރީއްޗެވެ. ދާނިޝް ވެސް ފިނިވާނެކަން ޔަގީނެވެ.

އަލީޒާ ގެއިން ނުކުތީ ވަރަށް ބޮޑަށް އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ހުރެ ވަރުގަދަ ޔަގީންކަމަކާއި އެކީގައެވެ. ކާރުގެ އިންތިޒާރުގައި ދޮރާށި ކައިރީގައި އޭނާ ހުރިއިރު މަގުން ހިގާފައި ދާހާ ބަޔަކު އޭނާއަށް ބެލިއެވެ. އަލީޒާ އިރުއިރުކޮޅާ އެނުދަންނަ ނަންބަރަށް ގުޅިއެވެ. ރޭގަ ފޯނު ނިއްވާލިގޮތަށް އަދިވެސް ފޯން ޖައްސާނުލައިގެން އުޅެނީ ކީއްވެހެއްޔެވެ؟ އަޖައިބެކެވެ. މިރޭ ކެއްސެއް ނުލިބުނިއްޔާ ރަގަޅެވެ. އެންމެ ފަހު ވަގުތު އަލީޒާގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. ނުދަންނަ ނަމްބަރަކުން ގުޅާއިރަށް އިތުބާރުކޮށްގެން އަންހެންކުދިންނަށް ކުރިމަތިވާ ދެރަކަންތައްތައް ވާހަކަތަކުން ކިޔައިގެން އޭނައަށް އިބުރަތެއް ނުލިބުނީ ކީއްވެހެއްޔެވެ؟ އޭނަ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ.

ކާރުއައުމުން އަލީޒާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަށެއް ޖަހަން ބާކީ އިނީ މަދު ވަގުތުކޮޅެކެވެ. އޭނާގެ އިންތިޒާރުގައި ހުންނާނީ އޭނާގެ ހިތް މި ޤުރުބާންވާ ރީތި ޒުވާނާހެއްޔެވެ؟ ނުދާންކަމަށް ހިތަށް އަރުވާފައިވެސް ދާނިޝްއަށް ވެދާނެތީ ނުގޮސް ހުންނާކަށް ޒަމީރު އެއްބަހެއްނުވިއެވެ. އޭރުވެސް އަލީޒާގެ ދެލޯ މަގުމަތިން ދާހާ ބަޔަކަށް ހުއްޓައިލެވެނީ އެންމެ މޫނެއް ފެނިދާނެކަމަށެވެ.

ފޮތް ފިހާރައާއި އަރާ ހަމަވުމުން އަލީޒާ ޑްރައިވަރު އަތަށް ފަންސާސް ރުފިޔާ ދިއްކޮށްލާފައި ކާރުން ފޭބިއެވެ. ޑްރައިވަރ ބާކީ ދޭންވެގެން ގޮވާލީމަވެސް އަލީޒާ އަށް އަޑުއިވުނުކަމަކަށް ނުވިއެވެ. ހުވަފެނެއްގައިވާ ކުއްޖަކު ފަދައިން ގެއްލިފައި ހުރެ އޭނާ ހިގަމުން ދިޔައީ އޭނާގެ އިންތިޒާރުގައި ހުރި ޒުވާނަކު ފެނޭތޯއެވެ.

ފިހާރައިގެ ކަންމަތީގައި ހުރި އިސްކޮޅުން ކުރު ހިމަތޮޅި ޒުވާނަކު އަލީޒާއަށް ގޮވާލިއެވެ. ވަރަށް އަންހެން އަޑަކުން ތުއި ގޮތަކަށެވެ. 
"އެލީ ހަމަ އައީތަ؟" އެ ޒުވާނާގެ ދަތްތައް ހުރީ ބޭރަށް ނިކުމެފައެވެ. ލޯވެސް ހީވަނީ ފުންމާލަފާނެހެންނެވެ. އަލީޒާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާގެ މޫނަށް ވެރިވެގެން ދިޔައީ ބިރުވެރި ކުލަވަރުތަކެކެވެ. ލޯބޮޑުވެ އަނގަ ހުޅުވުނެވެ. އެ މޫނުގައިވާ އުފާވެރި ކުލަ އޮއްސުނެވެ. ހީވަނީ ހަންޑިއެއް ފެނިގެން ހުއްޓުން އަރާފައިވާ ކުއްޖެއް ހެންނެވެ. އަލީޒާ ދެތިން ފިޔަވަޅު ފަހަތަށް ޖެހުނެވެ. "އަހަންނަށް މެސެޖް ފޮނުވި މީހަކީ ތީތަ؟" އަލީޒާގެ އަޑު ނުކުތީ ވަރަށް އުދަގުލުންނެވެ. 
"ހޫމް ކިހިނެއްވީ؟ ރުޅިއައީތަ؟" އެޒުވާނާ ކަރުއެލުވައިލަމުން ތުން ފިއްތާލިއެވެ. ހުރިވަރަށްވުރެ ކުޑަވެ ހިމަ ވެގެންގޮސް އޭނާ ފާރަށް ލެނގިލައިގެން ހުއްޓުނެވެ. އެ ކުޑަކުޑަ އިންސާނާ ގެ ހިތަށް އަސަރުކުރީބާއެވެ؟ އަލީޒާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މީހެއްގެ ސޫރައަށް ބަލާފައި އަދި މީހަކު ދަހެއް ނުވާނެއެވެ. އެކަމަކު އޭނާގެ ހިތް ހަދިޔާ ކުރެވިފައިވަނީ އެހެން މީހަކަށެވެ. އަލީޒާގެ ލޮލުން ކަރުނަ ހިލުނެވެ.

އޭނާ ބޭނުންވީ އަވަހަށް ކާރެއް ހުއްޓުވުމަށެވެ. އެހެން މީހަކަށް ހަމްދަރުދީވެ ހިތްހަމަޖައްސާދެވޭ ވަރަށް ވުރެ އޭނާގެ ހިތުގެ ހާލުބޮޑެވެ. އަލީޒާ ހިތްވަރުކުރަމުން އަނެއް ފަރާތަށް އެބުރުނެވެ. ޓެކްސީއެއް ހުއްޓުވަން އަތް ނެގިއެވެ. 
"ހެލޯ........." ފިރިހެންވަންތަ އަޑަކުން ގޮވާލުމުން އަލީޒާގެ ފިޔަވަޅު ވަގުތުން ހުއްޓުނެވެ.

"އެއީ މަގޭ ފްރެންޑެއް. ކުޑަކޮށް ހުއްޓަސް ވަރަށް ރަގަޅުވާނެ އިނގޭ..." ކުއްލިއަކަށް ދާނިޝްގެ ހިތްގައިމު ޖާދުވީ އަޑުގެ ސިހުރުން އަލީޒާއަށް ހީވީ ވަގުތުން ފައިގެ ވާގިދޫވިހެންނެވެ. އޭނާގެ ހުރިހާ ހިއްސުތައް ވިހުރުވިގެން ދިޔައެވެ. ލަސްލަހުންއެބުރި ބަލާލިއިރު އޭނާގެ ދާދި ކައިރީގައި ހުރީ ދާނިޝް އެވެ. އެކުޑަކުޑަ މީހާގެ އެއްވެސް ހިލަމެއް ނެތެވެ.

ދާނިޝް ހުރީ ވެމްޕަޔަރެއް ފަދައިން މުޅިން ކަޅު ހެދުމުގައެވެ. ލޮލުގައި އަވިއައިނެއް އަޅައިގެން އެރީތި ދެލޯ ވަނީ ފޮރުވާފައެވެ. އޭނާގެ ގައިން ދުވާ ސެންޓުގެ ވަސް މުޅި މަގުގައި ހިފާލާފައި ވެއެވެ. އަލީޒާ އަދިވެސް ހުރީ އަތް އުފުލާލިގޮތަށް ހުއްޓުން އަރާފައެވެ. ކިރިޔާ އެސްފިޔަ ޖަހާލިޔަސް ދާނިޝް ގެއްލިދާނެތީ ބިރުން ހުރި ކަހަލައެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟ ހަޤީޤަތެއް ހެއްޔެވެ؟

އަލީޒާ ހަމަހޭވެރިކަންވީ ދާނިޝް ގެ އަވަސް ހަލުވި ހަރަކާތަކާއި އެކު އަލީޒާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. ދާނިޝް އަލީޒާ ދުރުކޮށްނުލިނަމަ ބާރު ސްޕީޑްގައި އައި ސައިކަލްގެ ދަށުވެ އަލީޒާ ޗިސްޗިސްވެގެން ދިޔައީހެވެ.
"ކަމް ވިތް މީ........" ދާނިޝް ކުރީ އަމުރެކެވެ. އޭނަ ހިގާފައި ދިޔައީ އެ އަނދިރި ގޯޅީގެ ފާރު ކައިރިންނެވެ. އަލީޒާ ދެފަޔަށް ލެވޭނެ އެންމެ ބާރުލާފައި ދިޔައިރުވެސް ދާނިޝްއާއި އަރާ ހަމަކުރެވޭނެ ގޮތެއްނުވިއެވެ. ދާނިޝް ހުންނަނީ ދެތިން ފޫޓު ކުރީގައެވެ.

ދާނިޝް ވަނީ ފަޅުގެއަކަށެވެ. ތަރުތީބެއް ނެތް ގަސްތަކުން މެދުގޯތި ފުރާލާފައިވެއެވެ. މުޅިހިސާބަށް ވެރިވެފައިވަނީ ކަށްވަޅު ފަދަ އަނދިރިކަމެވެ. އެއްވެސް އަލިކަމެއް ނެތެވެ. ދާނިޝް ތަޅުގައި ހިފާލުމުން ދޮރު ހުޅުވުނެވެ.

އަލީޒާ ހުވަފެނެއްގައިވާ ކުއްޖެއްހެން ދާނިޝްގެ ފަހަތުން އެގެއަށް ވަނެވެ. ނޭގޭބާރެއްގައި ޖެހި އަމިއްލަ ނަފުސަށް އޭނަގެ އެއްވެސް ބާރެއްނެތް ފަދައަކުންނެވެ.

ކޮމެންޓް 0