"ސްޓްޕިޑް ޕްރިޓީ ގާރލްސް...." ދާނިޝް ވިސްނާލިއެވެ. އަންހެންކުދިންގެ ތޫނު ނަޒަރުންނާއި އެމީހުން ބެހޭވަރުން ހޮސްޕިޓަލްގައިވެސް ހަމަޖެހިލައިގެން އުޅެވޭކަށް ނޯވެއެވެ. ލޮލުން ކާލަފާނެހެން ހީވާ ފަހަރުވެސް އާދެއެވެ. ރިސެޕްޝަން ހުރަސްކުރާ ކޮންމެ ފަހަރަކު ލަދެއް ނެތި ދިމާކުރެއެވެ. އެވަރުން ނުވެގެން އޭނަގެ ފޯނަށްވެސް ގުޅައެވެ. ކެތްނުކުރެވިގެން ބައެއްފަހަރު ކަޅިއަޅާލާފައި ހުރިހާ ކުދިން ހަމަ ބިމަށް ތިރިކޮށްލަން އޭނަ ބޭނުމެވެ. އެކަމަކު ވަރަށް ބޮޑަށް ކެތްކުރަން ޖެހެއެވެ. މަޤާމުގެ ގޮތުންނެވެ. ބައްޕަގެ އިއްޒަތާއި ޤަދަރަށް ބަލަން ޖެހޭތީއެވެ. އޭނަގެ އަސްލު ފޮރުވަންވެސް ޖެހިފައިވާތީއެވެ.

ދާނިޝް ޑިޔުޓީ އަށް ނައުމުން އަލީޒާ މޮޅިވެރިވެ މޫނުގެ ކުލަ ފަނޑުވާގޮތްވިއެވެ. އޭނަގެ ދުވަސް ބާއްޖަވެރިވަނީ ދުވަސް ފެށޭއިރު ދާނިޝްގެ މޫނު ފެނުމުންނެވެ. މިއަދު ދާނިޔާލް އާއި ރިހާނާ ޑިޔުޓީ އަށް އައިއިރު ދާނިޝް ނައުމުން އަލީޒާގެ ހިތަށް ވަރަށް ބޮޑަށް އުދަގޫވެ ސުވާލު އުފެދުނެވެ. ދާނިޝް ބަލިވީ ހެއްޔެވެ؟ އަލީޒާގެ ހިތަށް އަސަރުކުރިވަރުން ފެންކަޅިވިއެވެ.
އެހެން ކުދިން ކޮފީއަށް ދިޔުމުން ލިބުނު ރަނުގެ ފުރުސަތުގައި އަލީޒާ އަވަހަށް ގުޅާލީ ދާނިޝްގެ ނަމްބަރަށެވެ. އެންމެ ފަހަރަކުނަމަވެސް އެ ފިރިހެންވަންތަ އަޑުއަހާހިތުން އޭނަގެ ކަންފަތް ބޭޤަރާރުވީއެވެ. އެންމެ ފަހަރަކު ހެލޯ އޭ ބުނެލާނެނަމައެވެ. ވިއްސަކަށް ފަހަރު ގުޅާލެވުނުތަނާ ކުއްލިއަކަށް ދާނިޔާލް ކައުންޓަރަށް އައުމުން އަލީޒާ ވަރަށް ހާސްވެ ލަދުގަތެވެ. މޫނު ޖަންބެއްހާ ރަތްވިއެވެ. އޭނައަށް ހީވީ ފައިދަށުން ބިންގަޑު ދެމިގަތްހެނެވެ. ރީއްޗަށް ބޭޒާރުވިއެވެ. މިވީ ކިހިނެއްހެއްޔެވެ؟
" ދާނިޝް ގުޅާފައި ބުނީ ކައުންޓަރ އިން ގުޅާ ކަމެއް ބަލާލަދޭށޯ..." ދާނިޔާލް ހުރީ ވަރަށް ސީރިޔަސްވެފައެވެ.
"އެއީ...ކޮންމެވެސް ޕޭޝަންޓެއްގެ..... ރިލޭޓިވް އެއް އެދިގެން...ޑޮކްޓަރ ރައުންޑަށް ނުދުރުވެގެން...." އަލީޒާ ލަދުންގޮސް އަނބުރައިނުގަތީ ކިރިޔާއެވެ. އާގަނެގަނެފައި އެވަގުތު ހިތަށް އައި އެއްޗެއް ބުނެލާފައި ސަލާމަތްކަން ހޯދަން މަސައްކަތްކުރިއެވެ. ދާނިޔާލް އަށް ހުރިހާ އެއްޗެއް ވިސްނުނެވެ. އަންހެންކުދިން ހާދަ މޮޔަ އެވެ. ދާނިޝް އާއި ހެދި މަރުދަންޖެހެނީއެވެ. 
"އަޅުގަނޑު މިއައީ ދާނިޝް ގެ ޕޭޝަންޓުން ދެކިލާފައި...ތިވާނީ އޮޅުމެއްކަމަށް...." ދާނިޔާލް ހީލާފައި ދިޔައީއެވެ. އަލީޒާ ހުރީ ހިރިލާން ވެސް ނޭގިފައެވެ. ގަތް ލަދެއްގެ ބޮޑުކަމުން ބިންގަނޑު އޭނަ ދިރުވާލާނެނަމައޭ ހިތަށް އެރިއެވެ. ކޮންފަދަ ނުބައިގޮތަކަށް ބޭޒާރުވެއްޖެ ހެއްޔެވެ؟ ދާނިޔަލް އޭނަގެ ކޮއްކޮ ގާތުގައި އޭނަގެ ވާހަކަ ބުނެފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟
ކޮފީބޮއިގެން އައިސް ހުރިހާ ކުދިން ހުސް ވަގުތުކޮޅު ދުއްވާލީ އާދައިގެ މަތިން ފޭސްބުކް ނުވަތަ ވައިބަރ ފަދަ އެއްޗެއްގައެވެ. އަލީޒާ އިނީ ފޫހިވެފައެވެ. އެއްވެސް ކަމެއް ކުރާހިތްނުވެފައެވެ. ހިތަށް ލިބޭ އެކަނި އުފަލަކީ ހަމަޖެހުމަކީ ދާނިޝް އާއިމެދު ވިސްނުމެވެ.
އަލީޒާ ޑިޔުޓީ ނިންމާލާފައި ގެއަށް ދާން ނުކުތްއިރު އުޑުމަތި އޮތީ ބަނަކޮށެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސައިގެންފާނެހެނެވެ. ފިނިފިނި ވައިރޯޅިތައް އޭނަގެ މުށި އިސްތަށިގަނޑު ވިހުރުވަމުން ކޯތާފަތާއި ދޮން އަތުގައި ފިރުމަމުން ދިޔައެވެ. އައިސްގޭޓް އާއި އަރާ ހަމަވުމުން އަލީޒާގެ ބޭޤަރާރުވެފައިވާ ދެލޮލުން އެގެއާއި ދިމާލަށް ބެލުނީ އެންމެ މޫނެއް ދުށުމުގެ އުއްމީދުގައެވެ.
އައިސްގޭޓްގެ ކުރިމަތީގައި ވާ ހުސްތަނުގައި މޭވާއާއި މާ ގަސްތައް ގިނަކަމުން ޕާކެއް ފަދައެވެ. ވެޔޮތަކުގައިވާ ކުލަކުލައިގެ މާތައް އުދުހެމުން ދާއިރު ހުރިހާ ދިމާލަކުން ފެނުނީ ޚަރީފު މޫސުމުގެ ކުލަވަރެވެ. އެގޭގެ ޖާދޫގައި ޖެހިފައި އިރުކޮޅަކު ހުރެފައި ފޮޓޯއެއް ނަގަންކަމަށް ޖީބުގައި އަތްލެވުނެވެ. މޮބައިލް ކައުންޓަރގައި ބާއްވާފައި އާދެވުނުކަން ހަނދާންވީ ޖީބުގައި މޮބައިލް ނެތީމައެވެ. ކިތަންމެ އުނދަގޫ ވިޔަސް އެބުރި ދާން ޖެހުނީ އެވެ.
އަލީޒާ ހޮސްޕިޓަލްގެ ގޭޓުން އެތެރޭގައި ފައި އެޅުމާއިއެކު ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ފެންޑާގެ ކައިރީގައިވާ ތަބަކަށް ލެގިލައިގެން ދާނިޔާލްއާއި ވާހަކަ ދައްކަން ހުރީ އޭނަގެ ހިތުގެ ވެރިޔާ ދާނިޝް ފިޔަވާ ދެވަނަ މީހެއް ނޫނެވެ. މިއަދު ހުރީ ނުރަސްމީކޮށެވެ. ޓީޝާޓަކާއި ޖިންސެއްގައި ޖިންސްގެ ޖީބަށް އެއްއަތް ޖަހާލައިގެން ވަރަށް ހިތްގައިމުކޮށް ހުއްޓިލައިގެންނެވެ. އަލީޒާ މަޑުމަޑުން ހިނގާލާފައި ގޮސް ފެންޑާގެ ފަތްތަރު މަތިން އަރަންފެށި ވަގުތު ދާނިޝް ބަލާލައިފިއެވެ. އެ ބާރުގަދަ ލޯ އެހާ ކައިރިން ފެނުމުން އަލީޒާ އަށް ވީ ބުނަން ނޭގޭފަދަ ގޮތެކެވެ. ފައި އޮޅިގެން ވަގުތުން އަރިއަޅާލައިފިއެވެ
ދާދިކާރީގައި ހުރި ދާނިޝް ހުޝިޔާރުކަމާއިއެކު ނުހިފެހެއްޓިނަމަ އޭނަ ޖެހުނީހީ ބިންމަތީގައެވެ. އެއަތުގެ ބީހިލުމާއިއެކު މުޅިގައިގާ އިލެކްޓްރިކް އަސަރު ހިނގާލާ ހޫނު އުއްކޮޅެއްހެން އެއަތުގެ ތެރެއަށް ވިރިގެން ދިޔަފަދަ އިހުސާސްތަކެއް ކުރެވުނެވެ. މުޅިގައިން ހީބިހިނަގާ ރޫރޫއެޅިއެވެ. މުޅި ޢުމުރަށް އެ ބާރުގަދަ އަތުގެ ހިމާޔަތުގައި ހުންނަން ހިތް އެދުނެވެ. އެއީ އަލީޒާގެ ޙަޔާތުގެ އެންމެ ހަނދާން ނައްތާލުން ދަތި ޚާއްސަ ވަގުތުކޮޅެވެ. އެންމެ ރީތި ވަގުތުކޮޅެވެ.
ދާނިޝް ވަރަށް އަވަހަށް އަލީޒާ ގެ އަތުން ދޫކޮށްލައިފިއެވެ. އޭނަ ހުރީ ވަރަށް ސީރިޔަސް ވެފައެވެ. އެ ޚަންޖަރުގެ މިޔަފަދަ ތޫނު ދެލޮލުގައި ރައްޓެހިކަމެއްނެތެވެ.
"ބަލައިގެން ހިނގާ........" ދާނިޝް ވާހަކަދެއްކީ އަމުރުވެރި ގޮތަކަށެވެ.
އޭރު އަލީޒާ އާއި ދާނިޝްއަށް ކިތަންމެ ލޯތަކެއް އަމާޒުވެފައި ހުއްޓެވެ. އެންމެނަށްވެސް ހީވީ ފިލްމެއްގެ މަންޒަރު ލައިވް ކޮށް ބަލާލެވޭހެނެވެ. އެހާ ރީތި ދެޒުވާނުންގެ ދެމެދުގައި ހިނގިކަމެއް ވިއްޔާއެވެ.
އަލީޒާގެ ދޮންމޫނު ބީޓްރޫޓެއްހާ ރަތްވިއެވެ. ގަނޑުވެފައިވާ ބުދެއްފަދައިން އިރުކޮޅަކު ގެއްލިފައި ހުރުމަށްފަހު އޭނަގެ ގަނޑުވެފައިވާ ފައި ހަރަކާތްކުރިއެވެ. ވިދުވަރެއްހާ ހަލުވިކޮށް ދުވެފައި ގޮސް އެތެރެ އަށް ވަދެ މީހުންގެ ލޯމަތިން ގެއްލުނެވެ.

އެވަގުތާއި ދިމާކޮށް ވާރޭގެ ހަމަލާވެސް އައެވެ. ފުރާޅުގައި ވާރޭގެ ބޮޑެތި ތިކިތައް ބީހެންފެށިއިރު ވެލިތަކުން ތަޅައިގަތްފަދަ އަޑުފަށްގަނޑެއް އިވުނެވެ. ހޮސްޕިޓަލްގެ މެދުގޯތީގައި އިންދާފައިވާ ގަސްގަހުގެ ހިޔަލުގައާއި ގޮނޑިތަކުގައި އިށީދެލައިގެން ވާހަކަ ދައްކާލަން ތިބި މީހުން ވެސް ވާރެއިން ސަލާމަތް ވާން ދުއްވައިގަތީ ފެންޑާއާއި ދިމާލަށެވެ. ދާނިޝް ތަފާތެވެ. އޭނަ އެބޯ ވާރެއަށް ފަރުވާލެއް ނުބަހައްޓާ ނުކުމެގެން ހިނގައިގަތީއެވެ. ވާރޭ އަވި އަދި ސްނޯވ އަކަށް ވެސް މިވީހާތަނަށް އޭނަ ބޭނުންވާ އެއްވެސް ކަމަކަށް ހުރަހެއް ނޭޅެއެވެ. ދާނިޝް ދިޔައީ އެންމެންގެ ސަމާލުކަން ހޯދައިގެންނެވެ. ހިތުން ފިލުވާލަން އުދަގޫ ޒުވާނެކެވެ.

ފަނަރަވަރަކަށް މިނިޓްފަހުން ވާރޭ ތުނިކޮށްލައިފިއެވެ. އެއްރާގަކަށް ނާނާއަޅުވަމުން ދާއަޑު މިއުޒިކެއްފަދައިން ފަޒާގައި ހަރުލިއެވެ. އޭރުވެސް އުޑުމަތި ބައްދާލާފައި އޮތީ އަނދުންކުލައިގެ ވިލާތަކުންނެވެ. ވައިރޯޅިތަކުގެ ހަމަލާތަކުގައި ބިޔަ ގަސްތައްވެސް ހަލުވަމުން ދާއިރު މުލުން ލުއްސާލައިގެން ނުދާކަމީ ނަސީބެކެވެ. ފުރާޅުގައި ވައި އަޅުވާ އަޑު އިވުމުން ވެސް ބަލިކަށި ހިތްތަކަށް ބިރުވެރިކަން އިހުސާސް ކުރެވޭނެއެވެ. ވާރޭވެހޭ މަންޒަރު ދެކެން ޑޮކްޓަރ މައުމޫނާއި ފަރުޒާނާގެ އަންހެން ދަރިފުޅު ޖީނާ ބެލްކަނީގައި ހުންނަތާ އިރުކޮޅެއްވެއްޖެއެވެ. ކުލަކުލައިގެ ސްޓްރައިޕް ސްވެޓަރަކާއި ނޫ ޓައިޓެއް ލައިގެން ހުރިއިރު ސްކާފް ކަނދުރާގައި އަޅުވާލާފައި އޮތެވެ. ހުވަފެނެއްގެ ތެރޭގައި ހުރިކުއްޖެއް ފަދައިން އޭނަ ދެކޮޅަށް ހިނގަމުން ދިޔައިރު އެދެލޮލުގައި ވީ މާޔޫސް ކަމެވެ. ހިތި ވޭނީ އަސަރުތަކެވެ.
" ލަވް ކެން ޓަޗް އަސް ވަން ޓައިމް އެންޑް ލާސްޓް ފޯރ އެ ލައިފް ޓައިމް......" ޖީނާ ވިސްނަމުން ދިޔައެވެ. އަޖާއިބުވަނީ އޭނަގެ ހިތުގައި އުފެދުނު މިލޯތްބެވެ. އެލޯބީގެ ހޫނުކަން މުޅި ހަށިގަނޑުގެ ހުރިހާ ހިއްސުތަކަށް ވެރިވެގެންފިއެވެ. ތެދުވެރި ނިމުމެއްނެތް ލޯތްބެކެވެ. ރޯމިޔޯ ޖޫލިއަޓް ފަދައިން އޭނަގެ ނަން ވެސް ތާރީޚުގައި ލިޔެވިގެން ދާނެބާވައެވެ.
މޫސުމުގެ ރީތިކަމުން ހިތް އުފާކުރުމުގައި ވަގުތުތަކެއް ހޭދަކޮށްލާފައި ޖީނާ ކަންނެތް ހިނގުމެއްގައި ގޮސް އެނދަށް ބަންޑުން ވެއްޓިގަތެވެ.
" ލަވް އިޒް ވެން އައި ލަވްޑް ޔޫ ވަން ޓުރޫ ޓައިމް........" ޖީނާ އަށް ހީވީ މީހަކު އޭނަގެ ކަންފަތް ދޮށުގައި މިރީތި ބައިތު ތައް ކިޔަމުން ދާހެނެވެ. އެއިން ކޮންމެ ބައިތެއް އޭނަގެ ހިތުގެ ވިންދު އަވަސް ކުރުވާ ލޮލުން ކަރުނަ ހިލުވާލިއެވެ. މިއީ އިޝްޤީ ލޯބި ހެއްޔެވެ؟ ނޫނީ އެހެން ކަހަލަ އިޙުސާސްތަކެއް ހެއްޔެވެ؟ ޖީނާ އޭނަގެ ނޫކުލައިގެ ޑައިރީ ނަގައިގެން ލިޔަން ފެށިއެވެ.
" ޑިއަރ ޑައިރީ......
މި ލޯބީ ގެ ނިމުމަކީ ކޮބައިކަމެއް ނޭގޭ. އެކަމަކު އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އެ ކިލަރ އައިސް އަދި ބްރެތް ސްޓީލިންގް ޑިމްޕަލްސް ފެނުނީމާ ނޭވާލާން ހަދާނެއް ނުހުރޭ. ފެއިންޓް ވާގޮތްވޭ. ފައިން ވާގި ހުސްވޭ. ބައެއްފަހަރު ހިތް އަވަސްވާވަރުން ހަމަ ހުއްޓިދާނެހެން ހީވާ ވަގުތު ވެސް އާދޭ. އޭމް އައި ކްރޭޒީ އޯރ ވަޓް ؟
އަހަންނަކީ އެހާ ގޯސްކުއްޖެއްނޫން. މާތް ﷲ ދެނެވޮޑިގެންވާނެ. މިހިތުގެ ކުށަކީ ކޮބާ؟ ހިތުގައި ލޯބި ލައްވަނީ ވެސް އެފަރާތުން. ކޮންމެވެސް ސަބަބެއް އޮންނާނެ. މިހާރަކަށް އައިސް އަބަދު ހަނދާނުގައި ވަނީ ހަމަ އޭނަ. އެ ފެހި ދެލޮލަށްޓަކައި މަރުވެވިދާނެ. ފުންކަޑެއް ފަދަ ރީތި ދެލޮލާއި ހަތަރުކަޅި ހަމަވާވަގުތު ނޭވާލާކަށްވެސް ހަނދާނެއް ނުހުރޭ. އަހަރެން ގެ ލޯބިވެރިޔާއަކީ ހަމަ ޕާރފެކްޓް ޕެކޭޖެއް. އެކަމަކު އޭނައަށް ލިބިފައިވާ އާދަޔާ ޚިލާފު ރީތިކަމުގެ ސަބަބުން އިންސާނެއްކަމާމެދު ވެސް ޝައްކު ކުރެވޭ. އިންހިއުމަން ބިއުޓީ އެނޑް ސްޓްރެންތު. އަނެއްކާ ވެމްޕަޔަރެއްބާވައޭވެސް ހިތަށް އަރާ. އެކަމަކު މިއީ ހުއްދަ ލޯތްބެއް ނޫން. ހުއްދަވާނެ އެއްވެސް ގޮތެއްނެތް. ވާޖިނިއާ އެންޑްރޫސްގެ ވާހަކަތައް ކިއިމާ އަހަންނަށް އޭގެ ނުބައި އަސަރުކުރީކަމަށްވާނީ. އަމިއްލަ ބޭބެއަކު ދެކެ ލޯބިވުމަށްވުރެ އަމިއްލައަށް މަރުވުންވެސް މާރަގަޅު. މި ބަސްނާހާ ހިތަށް ވިސްނާދޭނީ ކިހިނެއްތަ؟"

ހާސްވިވަރާއި އެއްވަރަށް ކުރެވުނު ވަހުމާއި ޝައްކުތަކުން ޖީނާގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދުނީ ކުއްލިއަކަށެވެ. ސަބަބާއި ނުލައި ގައިން ހީބިހި ނަގައިގެން ދިޔުމުން ގައިގާ އަތް ހިންގާލެވިއްޖެއެވެ. ބިރުވެރިގޮތަކަށް ވަށައިގެން ހޯދަން ފެށުނެވެ. އެވަގުތު ވިދާލި ވިދުވަރަކާއި އެކު މުޅި ކޮޓަރިތެރެއަށް އަލިވެގެން ދިޔައެވެ. އެހުދު އަލީގެ ސަބަބުން ޖީނާގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އޭނަ ލޯ ބޮޑުކޮށްފައި ކުޑަދޮރުން ބޭރުބަލާލިއެވެ. ކުޑަދޮރުތައް ވެސް ވަޔާތަޅަމުންގޮސް އެއްލާލަފާނެހެން ހީވިއެވެ. ޖީނާ އެނދުން ފުންމާލައިގެންގޮސް ދޮރުތައް ލައްޕާލާފައި ތަންޑުއެޅުވިއެވެ. ބޯ ފަރުދާތައް ދަމާލައިފިއެވެ.
އޭރުވެސް ޖީނާގެ މޭގަނޑު ނެގިނެގިފައި ޖެހެއެވެ. ސަބަބަކާއި ނުލައި އޭނަގެ ޅަހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ފާރަށް ލެނގިލައިގެން ހިރިލާން ވެސް ނުކެރިފައިހުއްޓާ އޭނަ އަށް ފެނުނީ ކުޑަ ދޮރުން ހުރަސްކުރި ހިޔަންޏެކެވެ. އެހާ ބާރު ސްޕީޑެއްގައެވެ. ދަތުރުކުރީ އައްޔަށްވުރެ ބާރަށެވެ. ޖީނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އަޑަށް ލެވުނުހާ ބާރަށް އޭނަ މަންމަ އަށް ގޮވަމުން ހަޅޭއްލަވަމުން ސިޑިން ފޭބިއިރު އޭނަގެ ފައި ބިންމަތީގައި ރަގަޅަށް ހަރުނުލައެވެ. މުޅި ކުއްޖާ ތުރުތުރުއަޅަމުން ދިޔައެވެ. މަންމަ ފެނުމުން މެދުހަށީގައި ބައްދައިގަތީ ތަދުވާހާ ބާރަށެވެ.
" ޖީން. ޖީން. ވެގެން އުޅޭ ގޮތެއް ބުނެބަލަ ދަރިފުޅާ........." ފަރުޒާނާ އަށް އޭނަގެ ދަރިފުޅު ބިރުގެންފައި ހުރިލެއް ބޮޑުކަމުން ނުބައިގޮތަކަށް ސިހުނެވެ. 
ޖީނާ ހަމަޖެހެން އެތައް ވަގުތެއް ނެގިއެވެ. އޭނަ ގެ ލޮލުގައިވާ ކަރުނަ ފޮހެމުން ވަރަށް މަސައްކަތުން ބުނެވުނީ ހިޔަންޏެއް ފެނުނު ކަމަށެވެ. ފަރުޒާނާ އެވާހަކަ ގަބޫލުކުރިއެވެ. މިދުވަސްކޮޅު ފަރުޒާނާވެސް ވަނީ ޝައްކުތަކާއި ވަހުމުގެ ޝިކާރައަކަށް ވެފައެވެ. އޭނަ އަށް ވެސް ބަގީޗާ ތެރެއިން ހުދު އަލިކޮޅުތަކާއި ހިޔަނިތައް ފެނެއެވެ. ގާޑަންލައިޓް ތައް ނުދިއްލޭތީ ކަރަންޓުގެ މަސައްކަތްކުރާ މީހުން ގެނެސްގެން ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. ޖެހިގެން އައި ރޭ ބޮކިތަކުން ކަނިކަނިލާފައި އެނދިއެވެ.

" ތިއީ ދަރިފުޅު ބިރުވެރި ފިލްމު ތައް މާ ގިނައިން ބަލާތީ ހީވާ ގޮތް. އެންމެ ބިރުވެރި ވާހަކަތައް ނޫނީ ޖީންއަށް ކިޔޭކަމަކަށް ނުވާނެ. އެވާނީ ގަހެއްގެ ހިޔަނި އެޅުނީކަމަށް. ގިނައިން ކުރުސި ކިޔަވަބަލަ........." ފަރުޒާނާ ބިރުން ހުރިނަމަވެސް އެކަން ސިއްރުކުރިއެވެ. ފަރުޒާނާ އޭނަގެ ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން އެކުއްޖާގެ ހިތް ހަމަޖައްސާދޭން ކިތަންމެ މަސައްކަތް ކުރިނަމަވެސް މިގޭގައި ނާމާން ރޫޙާނީ ބާރެއް އުޅޭކަން ފަރުޒާނާއަށްވެސް ޔަގީނެވެ. ޝައިތޯނާއަށް ދަޢުވަތު ދެވޭފަދަ ގޮތަކަށް ގޭގެ އެންމެންގެ އުޅުން ހުރުމުން ޝައިތޯނާ ގޭގައި ރަސްކަން ކުރަންފެށީ ހެއްޔެވެ؟ އޭނަގެ ހުރިހާ ކުދިން ވެސް ހެވީ މެޓަލް ލަވަތަކަށް ލޯބިކުރެއެވެ. ހަތަރު ދަމު ގެ ގުގުމާލާފައިވަނީ އެފަދަ މިއުޒިކުންނެވެ. އިސްލާމީ މަތިވެރި އުސޫލުތަކަށް ތަބާ ނުވުމުގެ ސަބަބުން މިރީތި ގަނޑުވަރު ޝައިތޯނީ ހާލިއަކަށް ބަދަލު ވީ ހެއްޔެވެ؟މިގެއިން ޝައިތާނުން ފައްސާލާނީ ކިހިނެއް ހެއްޔެވެ؟

މިއަދަކީ ކުރީ ދެދުވަހަށް ވުރެ މޫސުމް ގޯސް ދުވަހެކެވެ. ތޫފާން މައިތިރިވުމުގެ ކުރިން ވަރުދައްކާލަނީ ކަމަށް ވެދާނެއެވެ. ބޯ ވާރެއާއި ފިނިން ސަލާމަތް ވުމަށް އެންމެން މަސައްކަތްކުރިޔަސް ތަފާތު އިންސާނުން އުޅެއެވެ. ދާނިޔަލް ވަރަށް ހަމަޖެހިލައިގެން ހުރެ ހިނގަމުން ގޮސް ގޭގެ ވަލު ފަރާތަށް ވަނެވެ. މިހިސާބު އަނދިރިކޮށްލާފައިވަނީ ބިޔަ ގަސް ތަކުންނެވެ. ތަރުތީބެއް ނެތި ފަޅާފައިވާ ވިނަގަސްތަކުގައި ކުލަކުލައިގެ މާތައް ފޮޅިފައި ހުއްޓެވެ. ދާނިޔަލް އަނބުގަހާއި އަރާހަމަވިތަނާ ފަތުއަޑު ކިޔާފައި އައި ބޮޑު އަނބެއް އޭނާގެ ބޮލާއި ދިމާލަށް އައެވެ. އޭނަ ވަރަށް ހުޝިޔާރުކަމާއި އެކީ ބޯ އަރިކޮށްލަމުން އަނބުން ސަލާމަތްވިއެވެ. އެއީ އޭނަގެ ކޮއްކޮ ދާނިޝް ގެ ލާނެތް އަމަލެއްކަން އޭނަ އަށް ވިސްނުނެވެ. އޭނަ މައްޗަށް ބަލާލަމުން ހީލިއެވެ.

" މިވެސް ހިފާ.." ދާނިޝް ގަހުގެ ގޮފިގަނޑެއްގެ މަތީގައި ހަމަޖެހިލައިގެން އިންއިރު އޭނަގެ އިސްތަށިގަނޑުންނާއި މޫނުން ފެން ތިކިތަޅަމުން ދިޔައެވެ. ވަރަށް ތާޒާކަމަށް ދައްކައެވެ. ދާނިޝް އެއްލާލި އަނބު ކޯނީގައި ދާނިޔާލް ހިފީ ހުޝިޔާރު ގޯލްކީޕަރެއް ފަދައިންނެވެ.
" ކޫލް އިނގޭ ބްރޯ........" ދާނިޝް އެއްލޯމަރާލާމުން ގަހުން ފުންމާލައިފިއެވެ. މަޑުމަޑު ވިނަގަނޑު މަތީ އުންޑުން ޖެހުނު ގޮތަށް އޮވެ އޭނަ ދެލޯ މަރާލަމުން ވެހެމުންދިޔަ ވާރެއަށް މަރުހަބާ ކިއެވެ. ވާރޭގެ ބޮޑެތި ތިކިތައް އޭނަ ގެ މޫނުގައި ހަރުލާފައިވާއިރު ފޮޓޯގްރާފަރަކަށް ފެންނާނެނަމަ މޮޔަވީހެވެ.
"ޑޭޑްރީމިން އޯރ ވަޓް؟ " ދާނިޔާލް އަނގައިގާ އަނބެއް ޖަހާލަމުން އިށީނދެލީ ސިމެންތި ގޮނޑިއެއްގައެވެ. 
" އެކަހަލަގޮތެއް. ހިތަށްއަރާ މިވަގުތު އަންހެންކުއްޖެއް މިތާ ހުންނާނެނަމައޭ. ޚާއްސަކޮށް މިޑްނައިޓްގައި ބޭނުމީ. ހަނދުވަރުދޭ ރެއެއްގައި ވާރޭވެހޭއިރު ކިހާ ރޮމޭންޓިކް ވާނެ......" ދާނިޝް ކުއްލިއަކަށް ސިހިފައި ލޯ ހުޅުވާލީ ކޮންމެވެސް އަންހެން ކުއްޖެއް ގެ ތަސްވީރު ފްލޭޝްއެއްހެން ލޮލުގެ ކުރިމަތީގައި ސިފަވެގެން ދިޔުމުންނެވެ. އޭނަ ނުތަނަވަސްވާގޮތްވިއެވެ. އެތައް މިލިއަން އަންހެންކުދިންނެއްގެ ތެރެއިން އެކުއްޖާގެ ސޫރަ ފެންނަންވީ ސަބަބެއް ވިސްނުމަކަށް ނައެވެ.
" އަލީޒާ ކަމުދޭތަ؟ " ދާނިޔާލް ބުމަ އަރުވާލިއެވެ.
" އެއީ ކާކު؟ " ދާނިޝް އަށް އެނަމަކީ ދަންނަ ނަމަކަށް ނުވިއެވެ.
" ދެދުވަސް ކުރިން ވެއްޓުނަ ނުދީ ސަލާމަތް ކުރިކުއްޖާ. ކައުންޓަރުގައި އިންނަ ބްރައުން ކުލައިގެ އިސްތަށިގަނޑާއި ދެލޮލުގެ ވެރިޔާ. އެވަރު ތިފޮޓޯގްރެފިކް މެމަރީ އިން ފޮހެވިގެނެއް ނުދާނެ........" ދާނިޔާލް ވަރަށް ފަސޭހަ އިން އަނބު ކަމުން ދިޔައެވެ. އެ ހުދު ހުދު ތޫނު ދަތް ތައް ވާރޭގެ ތިކިތަކުގެ ތެރޭގައި ވިދަމުން ދާއިރު ތަފާތުގޮތެއް ހުއްޓެވެ.
" ހެހެ...ހަނދާން ވެއްޖެ. އަލީޒާ އަކީ އެއީ ދޯ. ގުޅާވަރުން ބޮލަށް އުދަގޫ ވޭ. އެކަމަކު ރީތި ކުއްޖެއް. ނޭގޭ އެކުއްޖާ ބޭނުންވެގެން އުޅޭ އެއްޗެއް.........." ދާނިޝްއަށް އެދުވަހު އެ އަންހެން ކުއްޖާގެ ލޮލުން ހުރިހާ އެއްޗެއް ސާފު ވިއެވެ. އަލީޒާ ގެ ހިތް ވަނީ އޭނަ ގެ މުށު ތެރޭގައެވެ. އޭނަ ބޭނުމިއްޔާ އެ ހިތް ޗިސްޗިސް ކޮށްލެވިދާނެއެވެ. ނޫނީ އެހިތުގައި ލޯބީގެ ބައްތި އެއް ދިއްލާލެވިދާނެއެވެ. އެކަމަކު އަންހެންކުދިންނަށް އޭނަގެ އަނދިރި ފަރާތް އެނގިއްޖެއްޔާ އޭނައާއި އެކު އުޅެން ބޭނުންވާނެ ހެއްޔެވެ؟ އޭނަ ދެކެ ލޯބިވާނީ ނަސީބު ކުޑަ މޮޔަ އަންހެންކުއްޖެކެވެ. އޭނަ ގެ ޙަޔާތަށް ނަސީބު ކުޑަ އަންހެން ކުއްޖަކު އަޔަދޭށެވެ. ޝިކާރަ އަމިއްލައަށް ދަލުގައި ޖެހިގެން އަޔަސް އޭނަ ވަކި ކީއްކުރާނީހެއްޔެވެ؟ އޭނަ އެއްވެސް އަންހެން ކުއްޖަކަށް ދަޢުވަތެއް ނުދެއެވެ. ޢުމުރުދުވަހުވެސް އަންހެންކުއްޖަކަށް އޭނަ ގެ ފަރާތުން ހިތްހަމަޖެހުމެއް އުފަލެއް ނުލިބޭނެއެވެ. އޭނަ އަކީ ރީތި ތަރިއެކެވެ. ދުރުގައި ތިބެ ބަލާލަން ރިތިވެދާނެއެވެ.
" ކޯޗެއް ތި ވިސްނަނީ؟ ފެންސީ ރެސްޓޯރެންޓަކަށް ކެންޑްލްލިޓް ޑިނަރ އަކަށް ގެންދެބަލަ. ފުރަތަމަ ރޭ ޕްރޮޕޯސް ކުރޭ........." ދާނިޔާލް ރިޙާނާ ކާމިޔާބު ކުރީ ހަމަ އެފަދަ ގޮތަކަށެވެ. ރިހާނާވެސް ހުންނަނީ ދާނިޔަލް ދެކެ ދީވާނާވެފައެވެ. ދުވަސް ވަމުން ދާ ވަރަކަށް ދާނިޔާލް އަށް ތަޖުރިބާ ލިބި އަމިއްލަ ނަފުސް މައިތިރިކުރަން އެނގިފައިވެއެވެ. އެހެންމީހުން ގެ ރުހުމާއި ލޯބި އަދި ގަދަރާއި އިހުތިރާމް އޭނާ ވަނީ ހޯދާފައެވެ.
"ވިސްނާލަން ޖެހޭނީ. މޮޔަ މޮޔަ އަންހެން ކުއްޖަކު އޮޅުވާލައިގެން އެހާ ބޮޑު ލަނޑެއް ދޭންވާނެތަ؟ އެމީހުންނަކަށް އަހަންނަކީ ކާކު ކަމެއް ނޭގޭ......." ދާނިޝް ކުރު އަތް މައްޗަށް އޮށޯންނަމުން ނަޒަރު ހުއްޓާލީ އުޑަށެވެ.
" ހަމަ އެކަނި ޑޭން ކުރަންވީ ކަމަކީ ރުޅި މައިތިރި ކުރުން. އޭރުން އަންހެން ކުއްޖަކަށް ޑޭން ގެ އެއްވެސް ގޯސް ސިފައެއް ނުފެންނާނެ. އެހެން ނޫނަސް އަލީޒާ އެހާވަރުން އުޅެންޏާ އޭނަގެ ހިތްހަމަޖައްސާދިނުމުގައި އޮތީ ކޮން ގެއްލުމެއް؟ ޑޭން އާއި ވަރަށް ގުޅޭ ކުއްޖެއްނު ދޯ. ކާމިޔާބުވާނެ. އަހަންނަކަށް ހިޔެއްނުވޭ ލަނޑަކަށް ވާނެހެނެއް........"
ދާނިޝް ވިނަގަޑު މަތިން ތެދުވުނުއިރު ޓީޝާޓް ގައި ވިނަކޮޅުތަކާއި ޗަކަ ތަތްލަވާފައި ހުއްޓެވެ. އޭނާ ބޭނުންވީ މި ފިނި ވާރޭގައި ފެންވަރާލުމަށެވެ. ކުޑައިރު އޭނަ ޝާހަން އަދި ދާނިޔާލް ވާރޭކޮޅެއް ވެހިލާއިރަށް ހުސްގަޔާއި ނުކުމެ ވާރޭ ތެރޭ މަޖާ ކުރެއެވެ. ދުވެ ފުމެ ކުޅެހަދައެވެ. އުސްގަސް ތަކަށާއި ފުރާޅުމަތީގައި ބިރެއް ނެތި ވަގުތު ހޭދަކުރެއެވެ.
ދާނިޝް ޓީޝާޓް ދާނިޔަލްގެ މޫނާއި ދިމާލަށް އެއްލާލުމަށް ފަހު ވާރޭގެ ތިކިތަކުން މޫނު ދޮންނަމުން ދިޔައެވެ. އޭރު ބޯ ވާރޭތެރެއިން ފުރޭނިގެން އައިސް އޭނަގެ ކަންފަތުގައި ހިމޭން މިޔުޒިކެއްގެ އަޑު ހިފާލާފައިވިއެވެ. މައި ހާރޓް ވިލް ގޯ އޯން އަކީ ހިތަށް އުދަގޫ ކުރާފަދަ ލަވައެކެވެ. މިފަހަކަށް އައިސް މިގެއިން ތަންކޮޅެއް ގިނައިން މިލަވަ އިވެނީ ކީއްވެގެން ކަން އޭނަ އަށް ރަގަޅަށް އެނގެއެވެ. އެއީ ކޮންމެވެސް އަންހެންކުއްޖެއްގެ ހިތުގެ އަޑެވެ. އެ ހިތުގެ ޝުޢޫރު ތަކެވެ. ދާނިޝް ބޭނުންވީ އަވަހަށް މިތަނުން ދިޔުމަށެވެ.
"ކިރިޔާ ހަނދާންވީ. ފްރެންޑެއް ގެ ކާރީގައި މިގަޑީގަ ކޮފީއަކަށް ދާން ބުނެފައި ހުރީ. މިވަގުތު ދަނީ އޭ........." ދާނިޝް އަވަސް އަރުވާލާފައި ޓީޝާޓް ބޮލަށް މަހާލަމުން ވިދުވަރެއްހާ ހަލުވިކޮށް ގޮސް ގެއްލުނެވެ. ދާނިޔާލް ބޮލުގައި އަތުން ޖަހާލިއެވެ.

އަލީޒާ އޮތީ އޭނަ ނިދާ ގޮނދަޑި މަތީގައި ދެއަތަކަށް ފުރޮޅި ފުރޮޅިއެވެ. މުޅިގެ ނިދާ ހިލަވަޅު އޮބިއްޖެއެވެ. އަލީޒާ އޮތީ ކޮޓަރީގެ ކަނުގައި ބަހައްޓާފައި ހުރި އުއްބައްތީގެ ހޫރެމުންދާ ފަނޑު ހުޅުކޮޅަށް ބަލަހައްޓައިގެން މާކުރީގެ މާޒީ އަކަށް ގެއްލިފައެވެ.
އޭރު އޭނަ ގެ އުމުރުން ވާނީ ފަސް ވަރަކަށް އަހަރެވެ. އައިސްގޭޓް ކާރީގައި ހުންނަ ފިހާރައަކަށް އޭނަ ދިޔައީ ބައްޕަ އާއި ފަވާދު އާއިއެކީގައެވެ. އޭރު އެގޭގައި މިހާ ވަރުގަދަ ގޭޓެއް ލާފައެއް ނުހުރެއެވެ. ދޮރުމަތީގައި ހުންނަނީ ބޮޑު މޫނިމާ ގަހެކެވެ. އެގަހުގެ ހިޔާ މަގަށް އެޅިފައި އޮވެއެވެ. އަލީޒާ އެދުވަހު ބައިވަރު މޫނިމާ އޮށް ހޮވިއެވެ. އޭނަ އަށް އެ އޮށް މީރުވީ ވަރުން އޭގެ ގަހެއް ގޭގަ އިންދަން ބައްޕަ ގާތުގައި އެދުނެވެ.
" ބައްޕާ. އެލީ ބޭނުން މިގޭގައި އުޅެން. މިތަނުގައި ފެއަރީސްއިން ތައް އުޅޭނެތަ؟ " އަލީޒާ ހީކުރީ އެއީ ގަނޑުވަރެއް ކަމަށެވެ.
" އާނ ދަރިފުޅަކީ ޕްރިންސެސް އެއް. ބައްޕަގެ ކުޑަ ކުޑަ ޕްރިންސަސް. ކީއްވެ މިތަނުގައި ނޫޅެވެންވީ؟ "
ފަހުދުވަހު ފަވާދު އާއިއެކީ އަލީޒާ މޫނިމާއޮށް ހޮވަން އައިސްގެން އުޅެނިކޮށް ކުޑަ ފިރިހެން ކުއްޖަކު އެގެއިން ނުކުތެވެ.
"ތިއީ ކާކު؟ ބުދެއްތަ؟ " އެ ފިރިހެންކުއްޖާ ޝައުޤުވެރިކަމާއިއެކު އަލީޒާއަށް ބަލަން ހުރެފާ އަހާލިއެވެ. އަލީޒާ ހައިރާންވީ އެކުއްޖާގެ ލޮލުގައި ހުރީ ފެހިކުލަ ފެނިފައެވެ. އަލީޒާ ކިތަންމެ ޅަނަމަވެސް އޭނަ އަށް އެ ލޯ ރީތިވީ ވަރަށް ބޮޑަށެވެ.
" މިއީ ޕްރިންސެސް އެއް. ޕްރިންސެސް އެލީ. ކީއްވެ ލޮލުގައި ގްރީން ކުލަ ތިހިރީ........." އަލީޒާ ލޯ ބޮޑުކޮށްލިއެވެ.
"ހީކުރީ ޝޮޕްގައި ވިއްކަން ހުންނަކަހަލަ ބުދެއް ކަމަށް....." އެފިރިހެން ކުއްޖާ ބާރަށް ހީގަތެވެ. އެކަމަކު އޭނަގެ ލޮލުގައި ފެހިކުލަ ހުރި ސަބަބު ބުނެދޭކަށް ނޫޅުނެވެ.

އެއީ ކާކު ހެއްޔެވެ؟ ދާނިޝް އާއި ދާނިޔާލް ކަމަކަށް ނުވާނެއެވެ. އެދެޒުވާނުންގެ ލޮލުގައި ހުންނަނީ ކަޅުކުލައެވެ. އަލީޒާ އޭނަ ގެ މަންމަގެ ގާތުގައި ވަރަށް ގިނަ ދުވަސްވާންދެން އެ ފިރިހެންކުއްޖާގެ ލޮލުގެ ކުލަ ރީތިވެގެން އެވާހަކަ ދެއްކިއެވެ. އެކުލައިގެ ލޮލެއް އޭނަވެސް ބޭނުން ކަމަށް ބުނަމުން ދިޔައެވެ. އެކަމާ ދެރަވެގެން އުޅުނެވެ. މަންމަ ބުނެދިންގޮތުން އައިސްގޭޓްފަދަ ގެއަށް ޓޫރިސްޓުކުދިންވެސް އަންނާނެއެވެ. އަލީޒާއާއި ދިމާވީ އެފަދަ ކުއްޖަކާއެވެ.
މިފަދަ ތޫފާނީ އަނދިރި ރޭގައި ކަރަންޓް ކެނޑިފައިވާތީ ކިތަންމެހާވެސް އުދަގުލެވެ. އެކަމަކު އަލީޒާ އަށް އުއްބައްތީގެ ހިތްގައިމު އަލިވެސް ކަމުދެއެވެ. އުއްބައްތީގެ އައްޔަށް އަންނަ ކުދިކުދި ޕަރުވާނާތައް ކުޅެމުންދާ މަންޒަރު ވަރަށް ނަލައެވެ.

ކޮމެންޓް 0