ދާނިޝް ސައިކަލްމަތީގައި އިންއިރުވެސް ޖީނާ ހީހީފައި ރީތިކޮށް ވާހަކަ ދެއްކިއެވެ. އެކަމަކު ކުއްލިއަކަށް ގުޅުން ކަނޑައިގެންދިޔުމުން ދާނިޝް ނުތަނަވަސްވި އެވެ. ޖީނާގެ ފޯނަށް ގުޅޭތޯ އޭނަ މަސައްކަތްކުރިއެވެ. މެސެޖް ލިބެނީ ފޯނު ނިވާލާފައިކަމަށެވެ. ދާންވީ ދިމާލެއްނޭގިފައި ދާނިޝް އިންއިރު ބައެއްފަހަރު އަލީޒާއެކަނި ކޮށްލާފައި ނުދާންވެސް ހިތަށް އެރިއެވެ. ނަމަވެސް ޖީނާގެ ޚަބަރު ބަލައިނުލާ ހުރުމަކީވެސް އޭނަ ހިތްހަމަޖެހޭނެ ކަމެއްނޫނެވެ. އެތާ މަޑުކޮށްލެވުނު ފަސްވަރަކަށް މިނިޓަކީ އަބަދުގެ އަބަދަށްޓަކައި އެކަމާއި އަމިއްލަ ނަފުސަށް މައާފު ނުދެވޭނެ ކުށެއްކަން ދާނިޝްއަށް އެނގުނުނަމައެވެ.

އެންމެފަހުފަހަރަށް ދާނިޝް ޖީނާގެ ފޯނަށް ގުޅާފައި ޚަބަރެއްނުވުމުން އޭނަ ސައިކަލް ދުއްވާލީ ފުލްސްޕީޑްގައެވެ. މަގުމަތީގައި މިވަގުތު ދުއްވާ އެއްޗެހިތައް މަދުވުން އެއީ ކާކުގެ ނަސީބެއްކަމެއް ނޭގެއެވެ. މަގު އޮތީ ހިތަކަށް ލިބިފައެވެ . ޖީނާ ހުންނާނެހެން އެންމެހީވާ ދިމާލަށް ދަނިކޮށް ކުއްލިއަކަށް މީރާން ސައިކަލް ގެ ކުރި ބެއްދިއެވެ. އޭނަ ބްރޭކް ހިފާލިގޮތުން ސައިކަލް ވަރަށް ބޮޑަށް ކަހައިގެންވެސް ދިޔައެވެ. އެހެންމީހަކަށް ނަމަ އެހެން މީރާން ކުރިބެއްދުމުން އެހާ ބާރު ސްޕީޑްގައި އަންނަމުން ސައިކަލް ކޮންޓްރޯލް ނުކުރެވުނީހެވެ.

މީރާން ދާނިޝްގެ އަތާއި އެކީ ސައިކަލްގެ ހުންގާނުގައި ހިފަހައްޓާލަމުން އެބުނި ޖުމްލައިން ދާނިޝް ގެ މެޔަށް ފިނިފެންއެއްޗެއް އޮއްސާލިހެން ހީވިއެވެ. ސިކުނޑީގައި ކޮންވެސް އެއްޗެއްގޮވައި އެތިކޮޅުތައް ބުރައިގެން ދިޔަކަމުގައި އިހުސާސްކުރެވުނެވެ. ސައިކަލްގެ ހުންގާނުގައި ހިފަހައްޓާލެވުނީ މާބާރަކަށެވެ.

ދާނިޝްއަށް ލޯމަރައިލެވުނެވެ. ތަދު އިހުސާސްކުރެވޭ ކަހަލަގޮތަކަށް އާހް އޭ ބުނެލެވުނެވެ. އޭނައަށް ދެފަހަރުވެސް ނާކާމިޔާބުވީއެވެ. ލޯބިވާފަރާތެއް ސަލާމަތްކުރުމަށް ނުކުޅެދުނީއެވެ. ލިބިފައިވާ އާދަޔާޚިލާފުބާރާއި ކުޅަދާނަކަން އަދި ހަލުވިކަމަށް އެންމެ ބޭނުންވި ވަގުތު ފައިދާއެއްނުކުރިއެވެ.

ހިތް ގެނބި ކުދިކުދިވަމުން ދިޔައިރުވެސް ދާނިޝް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. ހިނދުކޮޅަކަށް ލިބެމުންދިޔަ ވޭނާއި ހިތްދަތިކަމާއި ހަނގުރާމަކުރުމަށްފަހު އޭނަ ހިތްވަރުކޮށްލާފައި އެބަރު އެސްފިޔަތައްހުޅުވާލައިފިއެވެ. އެންމެ ބަލާލުމަކުންވެސް އަންހެންކުދިންގެ ހިތްތައް ކަތިލާލާފަދަ ރީތި ދެލޮލުގައި އެތައް ވޭނީ އަސަރުތަކެއް އެކުލެވިފައިވެއެވެ. ހިތާމައިގެ ރީތި ތަސްވީރެއްފަދައެވެ. ލިއޮނާރޑޯ ޑާވިންސީ ފަދަ ކުރެހުންތެރިއަކު ފިހިގަނޑުން ސިފަކޮށްލަން އެންމެ ބޭނުންވާނެފަދަ ފުރިހަމަ މޮޑެލްއެވެ.

ދާނިޝް ނަޒަރު ހުއްޓާލީ ދުރުދުރަށްދާންދެން ފެތުރިފައިވާ ކަޅުކުލައިގެ ކަނޑާއި ދިމާލަށެވެ. ކަނޑުކިތަންމެ ގަދަނަމަވެސް ވިއްސާރައިގެ ކުނޑިފަށެއްވެސް ނުވެއެވެ. ކުދިކުދި ތަރިތައް އުޑުމަތީގައި ވިދާބަބުޅަމުންދިޔައެވެ. އެކަމަކު ބިޔަ ރާޅުތައް ތޮށިގަނޑުމައްޗަށް ބިންދާލާނީ ފޮނުއަރުވާލާފައި ލޮނުގަޑު ބުރުއްސާލަމުންނެވެ. އިންސާނަކު ދިރުވާލާފައިވެސް ހިތްނުފުރޭފަދައެވެ. ފުންނޭވަޔެއްލުމަށްފަހު އޭނަ ސައިކަލުން ފައިބައިގެންގޮސް ތޮށިގަނޑުމައްޗަށް އެރިއެވެ. ހިތް ގެނބެމުން ދިޔައިރުވެސް އިސްއުފުލާލައިގެންހުރެ އެ ސްމާޓްހިގުމުގައެވެ. އޭނަ ހުއްޓިލައިގެން ހުރީ ތޮށިގަޑުގެ އަރިމަތީގައެވެ. ކިރިޔާ މީހަކު ޖެހިލިޔަސް މޫދަށް ވެއްޓިދާނެހާ ކާރިފަށުގައެވެ.

"ޑޭން އާރ ޔޫ އޯކޭ؟" މީރާން ދާނިޝްގެ ފަހަތުން ގޮސް ކޮނޑަށް އަތްވައްޓާލިއެވެ. 
" ހޮސްޕިޓަލަށް ނުދާނަންތަ؟ "މީރާން އިރުކޮޅެއްފަހުން ދެވަނަ ސުވާލުކޮށްލިއެވެ. ދާނިޝްއަށް މީރާންކިޔާ އެއްޗެއް އަޑުއިވޭހެނެއް ހިޔެއްނުވެއެވެ. އޭނަ ގެ ސިކުނޑިހުސްވެފައިވާކަހަލައެވެ. ޖެހެމުން ދިޔަ ވައި ރޯޅިތައްވެސް ކުޑަކޮށް ބާރުވެލައިފިއެވެ. ވައިރޯޅިތަކުގެ ގޯނާއިން ދާނިޝް ގެ އިސްތަށިގަނޑު ވިހުރަމުންދިޔައެވެ. ވައިރޯޅިތަކާއި ލާމެހިގެން އެއަންނަ ކަނޑުގެ ތެތްކަން ތުންފަތުގައި ފިރުމަމުން ލޮނުރަހަލައްވަމުން ދިޔައެވެ. އެއީ މިއަދު ނުލާހިކު ރީތިއަންހެންކުއްޖެއްގެ ފޮނިކަން އިހުސާސްކޮށް ސްޓްރޯބެރީއާއި އާވި ޗޮކްލެޓްގެ މީރުރަހަ އަދިވެސްލަމުންދާ ރީތި ތުންފަތެވެ. ދާނިޝް ތުންފަތުގައި މަޑުމަޑުން ދަތްއަޅާލުމަށްފަހު ނިތްކުރީގައި ފިރުމާލީ ބޮލުގައި ރިހެން ފެށުމުންނެވެ. ވަގުތު ފާއިތުވެދިޔުމުން ފިކުރުކުރުމުގެ އެއްވެސްބޭނުމެއްނެތެވެ. އޭނައަށް ދުނިޔޭގެ ހުރިހާބާރަކާއި ހަގުރާމަކުރެވުނަސް ތަގުދީރަކާއި ނުކުޅެވޭނެއެވެ.

ދާނިޝް ހަދާންވާން ފެށީ ޖީނާ މާރީތިވެގެންއުޅޭ ލަވައެކެވެ. މައި ހާރޓް ވިލް ގޯ އޯންއަކީ ދާނިޝްއަށް އައިސްގޭޓްއިން ތާއަބަދުހެން އިވުނުލަވައެކެވެ. ޖީނާގެ ހިތުގެ އަޑު ދާނިޝްއަށް އިއްވާލީ އެލަވައިންނެވެ. ފުރަތަމަކޮޅު އެލަވައިވުމުން ބޮލަށް އުދަގޫވާގޮތެއްވިއެވެ. ދުވަސްކޮޅަކުން ދާނިޝްއަށްވެސް ފުން އަސަރުތަކެއް ކުރުވި ރީތި ލަވައަކަށް ވެގެންދިޔައެވެ. މިވަގުތުވެސް އެ ލަވައިގެ ބައިތުތައް ކޮންމެވެސް މީހަކު މަޑުމަޑުން ކަންފަތް ކައިރީގައި ކިޔަމުންދާކަމުގައި ހީވިއެވެ. ބައެއްފަހަރު ކަނޑުގެ ރާޅުތަކުގެ އަޑުވެސް އިވުނީ މިއުޒިކެއްފަދައިންނެވެ. އެ ލަވަ އަދި ކަނޑުވެސް އަބަދުގެއަބަދަށް ޖީނާގެ ހަދާން އާކުރުވާނެއެވެ. ޓައިޓޭނިކް ގައި ޖެކް އެފިނިކަޑުގެ ތެރެއަށް މަރުވެގެންދިޔަ ފަދައިން އެހަދާންތައް ގުޅުވަން ޖީނާގެ ހަށިގަނޑުވެސް އެ ހަވާލުކުރީ ކަނޑުގެ ބިޔަ ރާޅުތަކާއެވެ. ދާނިޝްގެ ހިތުން ދުވަހަކު ފިލުވާލައިގެން ނުދާނެފަދަ ގޮތަކަށެވެ.

ޖީނާ މިފަދަ މޮޔަކަމެއް ތަކުރާރުކުރި ސަބަބެއް ނޭގުނެވެ. އޭނާގެ ގާތުގައި މިއަދު ވީ ވައުދު ހަމަ އެހާފަސޭހައިން ހަދާންނައްތާލީއެވެ. ޖީނާ އޭނަ އަށް މުޅިން އޮޅުވާލީއެވެ. އަމިއްލަ ފުރާނަ ގެއްލުވާލީ ލޯބީގެ ހައްގުގައި ކަމަށްވެއްޖެއްޔާ އެއީ ޖީނާ ކުރި އެންމެ ބޮޑުމޮޔަކަމެވެ. އަމިއްލައަށް މަރުވުމުން އެލޯބި ކޮންމެވެސް ޒަމާނެއްގައި ހާސިލުކުރުމުގެ ހުރިހާ މަގެއްވެސް ބަންދުކޮށްލެވޭތީއެވެ. ހިތާމަހުއްޓެވެ. އޭނައަށް ޖީނާއަށް ރަގަޅަށް ބުނެނުދެވުނީހެއްޔެވެ؟ ޖީނާގެ މައިންބަފައިން އެވަރު އަންގާނުދެނީހެއްޔެވެ؟ އަމިއްލައަށް މަރުވުމުގެ ނުބައިކަމާއި ލިބޭނެ އަޒާބު ޖީނާއަށް އެގޭނަމަ މިފަދަ ފާފައެއްނުކުރީހެވެ.

"ޑޭމްއިޓް.."ހަމަ ކުއްލިއަކަށް ޖީނާ އެވަރަށް ސަކަރާތްވީ ސަބަބު ދާނިޝްއަށް ވިސްނުނެވެ. އެއީ ދާނިޝް ވިސްނާނުލާ ޖީނާ ގާތު ފޯނުން ދައްކަން ނުޖެހޭ ވާހަކައެއް ދެއްކީމައެވެ. ޖީނާ ވަރަށްބޮޑަށް އުފާވިކަމަށް ހެދިގެން ދާނިޝްގެ ކަންފަތް ހަލާކުވާހާ ބާރަށް ހަޅޭއްލަވައިގަތަސް އެއީ އޭނައަށް ކެތްކުރެވޭނެވަރުގެ ކަމަކަށް ނުވީތާއެވެ. ހަގީގަތުގައިވެސް އެއީ ޖީނާއަށް އަޑުއަހަންފަސޭހަވާނެ ޚަބަރެއްނޫނެވެ. އުފަލާއި އެއްވަރަށް މޮޅިވެރިކަންވެސް އިހުސާސްކުރުވާނެއެވެ. ދާނިޝްއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ކުށްވެރިޔަކީ ހަމަ އޭނައެވެ. ޖީނާގެ މަރުގެ ޒިންމާއެޅޭނީ އޭނަގެ ބޮލުގައެވެ. އޭނަގެ ތޫނުފިލިކަމާއި ވިސްނުން އޭނައާއި ވަކިވީހެއްޔެވެ؟ މުޅިންވެސް މިހެދެނީ ގޯސްތަކެވެ. އޭނައަށް އެވަރު ރޭކާނުލީ ކީއްވެހެއްޔެވެ؟

" އިޓްސް އޯލް މައި ފޯލްޓް.............................." ދާނިޝް އަނެއްފަރާތަށް އެބުރުނެވެ. ބޭކާރުގޮތުގައި އެސިއްރު ހާމަކުރެވުނުކަމުގެ މޮޔަހީވިއެވެ. އެ ސިއްރު ފޮރުވާފައި ބޭއްވުނުނަމަ މިހިތާމަވެރި ހާދިސާ ނުހިގީހެވެ. ދާނިޝް މޮބައިލް ބަލާލުމުން އެގުނީ އޭނައަށް ލަސްވިވަރެވެ. ފަސްމިނިޓްކަމަށް ހީކުރެވުނަސް ވަގުތު ދިޔައީ ހީނުކުރާހާހަލުވިކޮށެވެ. ޖީނާއާއި ފޯނުން ގުޅުންކެޑުނު ފަހުން އޭނަ ޖީނާއަށް ގުޅިގަޑިއާއި ތޮށިގަޑުކާރިޔަށް އައުމާއި ދެމެދު ބަރާބަރު ފަނަރަ މިނެޓްވިއެވެ. މާބޮޑަށް ވެސް ލަސްވީއެވެ.

" ނޫނޭ. ތިހެން ވިސްނައިގެން އަމިއްލަ ނަފުސަށް އަނިޔާ ނުދީބަލަ. ދުނިޔޭގެ އެއްވެސް ބާރަކަށް މީހެއްގެ މަރު ޖެހުމުން ނުހިފެހެއްޓޭނެ. ޖީން އަށް ދިމާވީއެކްސިޑެންޓެއް. މިތާ އޭރު ތިބި ބޯއިސްއިންނާއި ސުވާލުކޮށްލީމަ އެގުނީ. ޖީންގެ އަތުގައި އޮތް ފޮޓޯ ދޫވެގެން ވަޔާއި ދާންފެށީމަ ވިސްނާނުލާ އެފޮޓޯގައި ހިފަން ދުއްވައިގަތީ. ޖީންއަކަށް ނޭގުނީ މިހުރެވުނީ ކަނޑުގެ އައްސޭރީގައިކަމަށް. ހުރިހާކަމަކަށް ވުރެ އެ ފޮޓޯ މުހިއްމުވީ. މިތާތިބި ފަތަން އެނގޭ ބޯއިސްއިން އޭނަ ސަލާމަތްކުރަން ފުންމާލި. އެކަމަކު ކަނޑު ގަދަވެފައި އޮއިބާރުކަމުން އެމީހުންވެސް ސަލާމަތްވީ ހަމަ ކިރިޔާ................."

މީރާންގެ ވާހަކަތައް އަޑުއަހަން ހުރިއިރު ދާނިޝް ގެ ހިތަށް އިތުރު އުދަގޫތަކެއްވިއެވެ. ޔަގީނެވެ. ޖީނާ އެވަރުން އެއުޅުނީ އޭނަ ގެ ފޮޓޯއަކާއިގެނެވެ. މިރޭ ގުޅައިގެން ހުރިއިރުވެސް އެފޮޓޯގެ ރީތިކަމަށް ޖީނާތައުރީފުކުރިއެވެ. ދަގަތްފާނުގެ ބާރު އެކުލެވޭ ލޮލުން ޖީނާގެ ހިތަށްކުރުވާ އަޖާއިބެއްފަދަ އަސަރުތަކުގެ ވާހަކަ ދެއްކިއެވެ. އުމުރުހުސްވަންދެން އެފޮޓޯއަށް ބަލަހައްޓައިގެން އިނަސް ފޫހިނުވާނެކަމަށް ޖީނާވަނީ ބުނެފައެވެ. އެކަމަކު ހަމަ ފޮޓޯއަކަށްޓަކައި ޖީނާ އަމިއްލަ ފުރާނައާއިމެދު ފަރުވާކުޑަކޮށްލީއެވެ. ދުނިޔޭގައި ހުރެއްޖެއްޔާ އެފަދަ ހާސް ފޮޓޯއެއްވެސް ނެގިދާނެކަން ޖީންއަށް ނޭގުނީހެއްޔެވެ؟

ޖީނާގެ އެންމެފަހު ވަގުތުކޮޅު ހިތަށް ގެނެވެންފެށުމުން ދާނިޝްގެ ލޯ ތެމުނެވެ. ގެބިގެންމަރުވުމަކީ ދާނިޝް ދެކޭގޮތުގައި އިންސާނަކު މަރުވާން އެންމެ އުދަގޫވާނެ އެއްގޮތެވެ. ހާދަ ވަރަކަށް ނޭވާނުލެވިގެން ތެޅިފޮޅޭނެއެވެ. ސަލާމަތްވާން ހާދަ މަސައްކަތެއް ކުރާނެއެވެ. ކިތަންމެބޮޑަށް އެހީއަށް ބޭނުންވިނަމަވެސް އެކަކަށްވެސް ގޮވައެއްނުލެވޭނެއެވެ. އެންމެ ފަހު ވަގުތު ވެސް ޖީނާ އޭނަގެ މަތިން ހަދާންކުރިބާވައެވެ. ސަލާމަތްކޮށްދޭން އަންނާނެކަމުގެ އުއްމީދުކުރާނެހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ. އެންމެފަހު ވަގުތު ހަދާންކުރާނީ ހަމައެކަނި ހެއްދެވިފަރާތެވެ.

ދާނިޝް ޖީނާއަށް ހެޔޮ ރަހުމަތާއި ސުވަރުގޭގޭ ދާއިމީ ނަސީބުލެއްވެވުމަށް ހިތާހިތުން ދުއާކުރިއެވެ. އެއަށްފަހު ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިގެން އޭނަ ގޮސް ސައިކަލަށް އެރިއެވެ. ދާންވީ ތަނެއްވެސް އޭނައަކަށް ނޭގެއެވެ. މިވަގުތު ހޮސްޕިޓަލަށް ގޮއްސިއްޔާ އިތުރަށް ހިތް ދަތިވާނީއެވެ. ދާނިޝް ގޮތްހުސްވެފައިވާ ބެލުމަކުން މީރާންއަށް ބަލާލިއެވެ.

މީރާން ދާނިޝްގެ ހާލާއި މެދު ހަމްދަރުދީވިއެވެ. ކިތަންމެބޮޑަށް އެ ހިތާމަ ފިލުވާލަދޭން ބޭނުންވިޔަސް އެއީ ނުވާނެކަމެއްކަން މީރާންއަށް އެގެއެވެ. މީރާންއަށް ރޫހާނީ ބާރުތަކެއް ލިބިފައިވިނަމަވެސް މަރުވެފައިވާ މީހަކު ނުދިރުވޭނެއެވެ. އެއީ މުސްތަހީލުކަމެކެވެ. މިވަގުތު ދާނިޝް ހޮސްޕިޓަލަށް ދިޔައްޔާ ހައްތަހާބޮޑަށް ނުތަނަވަސްވާނީއެވެ. އެންމެން ރޯތަން ފެނުމުން އަސަރު ނުކުރާނީ ކާކަށްހެއްޔެވެ ؟އެންމެ ރަގަޅުވާނީ ކޮޓެޖަށް ދިޔައީމައެވެ. ދާނިޝް ތަންކޮޅެއް ހަމަޖެހިލުމުން ޖީނާ ދެކިލަން އާދެވިދާނެއެވެ.

މީރާން ތޮށިގަނޑުމަތިން ފުންމާލައިގެން ސައިކަލާއި ހަމަޔަށް އައީ އެ ކްލެސިކް ވެމަޕޔަރ ހިގުމުގައެވެ. ބިމުގައި ފައި ނުޖައްސާ ހިނގާފަދައެވެ. ކުޑަކޮށް ދިގުކޮށްލެވިފައިވާ އިސްތަށިގަނޑާއި ކަޅު ހެދުމުގައި ހުރިއިރު މާލެތެރެއިން ފެންނަ ޒުވާނުންނާއި ވަރަށް ތަފާތެވެ. ދިމާވާ ކޮންމެމީހަކު އެބުރިފައިވެސް ބަލާލަން މަޖުބޫރުކުރާހާ ޖާދުވީ ލޮލެކެވެ. އެ ލޮލަށް ބަލަހައްޓައިފިއްޔާ ހުއްޓުންއަރާނެއެވެ.

ދާނިޝްއަށް ކުއްލިއަކަށް މީރާންގެ އެ ޖުމްލައާއި މެދު ޝައްކު އުފެދުނެވެ. މިރާން "އިޓްސް ޓޫ ލޭޓް ޑޭން ޝީއިޒް ގޯން އޭ" ބުނެލީ ޖީނާ މަރުވިކަން ޔަގީން ކުރެވުނީމަހެއްޔެވެ؟ ކުށްހީއެއްގެ މައްޗަށް ބިނާކޮށްފައިވެސް އެހެން ބުނެވިދާނެއެވެ. ބައެއްފަހަރު ގެނބިފައިވެސް ސަލާމަތްވާމީހުން މަދެއްނޫނެވެ. ކޯމާއަކަށް ގޮސްފައިވެސް ފުރާނަ ސަލާމަތް ކުރެވޭފަހަރު މަދެއްނޫނެވެ. ހަތްދިހަވަރަކަށް މިނެޓް ފިނިފެނުގެ އަޑީގައި އޮވެފައިވެސް މީހަކު ސަލާމަތްކުރެވުނެވެ. އެހާ ފިނީގައި މެޓަބޮލިކް ރޭޓް ވަރަށް ދަށްވާތީއެވެ. އަދި ތާޒާފެނަށްވުރެ ލޮނުފެނުގައި ސަލާމަތްވުމުގެ ފުރުސަތުބޮޑުވާނެކަން އޭނަ ދަނެއެވެ. މީރާންއަށް މިފަހަރު ކުށްހީއެއް ކުރެވޭނެނަމައެވެ. ނުބައި މެސެޖެއް ދެވުނީކަމުގައިވާނަމަ ކިތަންމެހާވެސް ރަގަޅެވެ. އުމުރުގައި ފުރަތަމަފަހަރަށް މީރާން އެހާ ތެދުވެރިނުވާނެނަމައޭ ދާނިޝްހިތަށް އެރިއެވެ. މިއީ ކޮށްލި ލާނެތް ސަމަސާއަކަށް ވާނެނަމައެވެ. އޭނަ ތަޅުވާލަން ބުނި ޖުމްލަތަކަކަށް ވާނެނަމައެވެ. ކުއްލިއަކަށް ހީގަނެފައި އެޕްރިލްފޫލް ހެއްދުނީ ނޫންހެއްޔޭ ބުނެލާނެނަމައެވެ. މައްސަލައަކީ މިވީހާތަނަށް ސަމާސާއަކަށް ވެސް މީރާން ދޮގެއް ހަދާފައި ނުވާތީއެވެ. ޝާހާންއާއި ދާނިޔާލް ފަހަރެއްގައި އޭނަ ތަޅުވާލަން ސަމާސާއެއްކޮށްފާނެއެވެ. އެޕްރިލް ފޫލްވެސް ހައްދަފާނެއެވެ. ހެލޮވީންޑޭ އެޕްރިލްފޫލްއަކީ މީރާން ދެކޭގޮތުގައި ކުޑަކުދިންގެކަމެކެވެ. ދާނިޝް ގެ ހިތުގައި އުއްމީދު ގެ ކުޑަކުޑަ ދޯދިފަށެއްވީ މަދު ސިކުންތުކޮޅަކަށެވެ.

" މީރާން...؟ ޔަގީން ތަ؟ ޖީން ދުށިންތަ؟ " ދާނިޝް ގެ އަޑުވަނީ ކުރެހިފައެވެ.
" އައިމް ރިއަލީ ސޮރީ ބްރޯ. ޔަގީން ނުކޮށް އެފަދަ ހަބަރެއްނުވެސް ދޭނަމެއްނު. ޖީން ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ މަރުވެފައި...." މީރާން މަޑުމަޑުން ބުންޏެވެ.
ދާނިޝް ޖަވާބެއްނުދީ ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެން އިން އިރު އޭނަގެ އެތެރެހަށިވެސް ފިނިވަމުން ދާކަމުގައި އިހުސާސްކުރެވުނެވެ. ޖީނާ އަމިއްލައަށް މަރުވީއެއްނޫނެވެ. އެއީ ބަދުނަސީބު އެކްސިޑެންޓެކެވެ. އެކަމަކު އެ ހަދިސާހިގީވެސް އޭނަ ގެ ސަބަބުންކަމަށް ދާނިޝް އަށް ގަބޫލުކުރެވެއެވެ. ޖީނާ މަރުވެގެން ދިޔައީ އޭނަގެ ލޯތްބަށްޓަކައެވެ. ކޮންމެސިފައެއްގައި ނަމަވެސް އޭނަ އެދިޔައީ ލޯބިވާވަރު އަންގާދީފައެވެ. ޖީނާ އޭނަ ދެކެ ވީ ލޯބީގެ މަތިވެރިކަމާއި އަގު މިއަދުއޭނައަށް ވަޒަންކުރެވިއްޖެއެވެ. ހަމަ ޖޫލިއަޓްފަދައެވެ.

އޭރު އެހެންލާފައި އައި ޒުވާން ދެ ފިރިހެންކުދިންވެސް ދައްކަމުން އައީ ޖީނާގެ ވާހަކައެވެ.

" އެއީ ހަމަ އަޖައިބެއް. ޖީނާ މަރުވެފައި އޮތްއިރުވެސް މުށްކެވިފައިވާ އަތުތެރޭގައި އެ ފޮޓޯއޮތް. ގެބެމުންދާ މީހަކު ސަލާމަތްވާން މަސައްކަތްކުރާއިރު ފޮޓޯ އަތުން ދޫވެދާނެތީ ވިސްނާނެތަ؟ އެހާ ހޭވެރިކަން ހުންނާނެތަ؟" އެކަކު ބުނެލިއެވެ.
" މޯނާލިސާގެ ފޮޓޯއަށް ވުރެ އަގުބޮޑު ފޮޓޯއެއްކަން ނޭގެއެއްނު. އެ ފޮޓޯ ސަލާމަތް ކުރަން ހަދައިގެން ވިއްޔާ އެކުއްޖާގެ ފުރާނަ އެދިޔައީ......." އެ ޒުވާނުން ގޯޅިން ލަބާލާފައި ދިޔުމުން ދެން ދެއްކިވާހަކަތައް އަޑުނީވުނަސް ދާނިޝްގެ ހިތް އިތުރަށް ޒަޚަމް ކޮށްލައިފިއެވެ. އޭނައަށް އިތުރަށް ކެތެއްނުކުރެވުނެވެ. މީރާންގެ ކުރިމަތީގައި ރޮއިގެން ފިނޑިކަމުގެ ލޭބަލް އެޅޭކަށް އޭނަ ބޭނުމެއްނޫނެވެ. އެކަމަކުވެސް ލޯ ކަރުނުން ފުރެންފެށުމުން މޫނުގައި އަތްއަޅާލަމުން ސައިކަލް ގެ ހުންގާނުގައި ބޯ ޖައްސާލެވުނީއެވެ. މީރާންއަށް ވެސް ދާނިޝް ގެ ހިތަށް ކުރާނެ ފުން އަސަރުތަކާއި ރޮވޭނެވަރު އެގުނެވެ. އިންސާނުންނަށް ކެތްކުރެވޭނީވެސް ވަކިވަރަކަށެވެ. ޖީނާ މަރުވެގެން އެދިޔައީ ހަމަ ދާނިޝް ގެ ލޯބީގައެވެ.

މީރާން ވެސް ހިމޭނުންހުރީއެވެ. ހިތްވަރުދޭން މަސައްކަތްކޮށްފިއްޔާ އިތުރަށް ރޮވޭނީކަން އޭނައަށް އެގުނެވެ. އެ ކަރުނަތައް ހުއްޓުވުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ހިތުގައިވާ އުދާސްތައް އެންމެފަސޭހައިން ބޭރުވާނީވެސް ކަރުނައޮއްސުމުންނެވެ. ދިހަވަރަކަށް މިނެޓްވީއިރުވެސް ދާނިޝްބޯ އުފުލައެއްނުލިއެވެ. އެ ހިމޭން ކަރުނަ މީރާން ގެ ލޯ ވެސް ތެންމާލިއެވެ.

" ޑޭން...ހިގާ ގެއަށް ދަމާ...." މީރާން ދާނިޝް ގެ ކޮނޑުގައި އަތްބޭއްވިއެވެ. އެވަގުތު ދާނިޝްގެ ފޯން ރިންގުވާން ފެށިއެވެ. ތަކުރާރުކޮށް ރިންގުވާން ފެށުމުން އޭނަ ކަރުނުން ތެމިފައިވާ ބޯ އެސްފިޔަތައް ފޮހެލަމުން ޖީންސްގެ ޖީބުން މޮބައިލް ނެގިއެވެ. އެއީ އޭނަ ގެ މަންމަ މާލިޔާގެ ފޯނެކެވެ. ދާނިޝް މަންމަގެ ވާހަތައް އަޑުއަހަން ހިމޭނުންހުރީއެވެ. އަގައިން ބުނާނެ ހިތްވަރެއްނުލިބިފައެވެ. އެންމެ ފަހުން މީރާން ފޯނު އަތުލިއެވެ. އޭނަ ފޯނު ހިފައިގެން ތަންކޮޅެއްދުރަށް ގޮސް ކަންތައްވެގެން އުޅޭގޮތް މާލިޔާއަށްކިޔާދިނެވެ. މާލިޔާގެ ހިތުގައި ދަރިފުޅާއިމެދު ހަމްދަރުދީ އާއި ކުލުނު އުފެދުނެވެ. އޭނަ ދުށްގޮތުގައި ކުށްވެރިޔަކީ ފަރުޒާނާ ފިޔަވާ ދެވަނަ މީހެއްނޫނެވެ. މިއީވެސް ހަގީގަތުގައި ފަރުޒާނާއަށް ލިބެންޖެހޭނެ ފިލާވަޅެކެވެ. އަމިއްލަ ދަރިފުޅު ނަގާލެވުނު ޒިންމާ ފަރުޒާނާ އުފުލަން ޖެހޭނެއެވެ.

މީރާން ދާނިޝް ގޮވައިގެން އައިސްގޭޓަށް ދިޔައިރު އެގެ އަދިއޮތީ ފަޅަށެވެ. އެކަމަކު މަގުގަޔާއި ހޮސްޕިޓަލް އޮތީ މީހުންއެއްވެ ތޮތްޖެހިފައެވެ. އެންމެންވެސް ދައްކަމުން ދިޔައީ އެ ހިތާމަވެރި މަރުގެ ވާހަކައެވެ. އެމީހަކަށް ހީވާގޮތަކަށް އެވާހަކަ ދެކެވެމުން ދިޔައެވެ. ދާނިޝް އައިސްގޭޓަށް ވަންނަންދިޔައިރު ކިތަންމެ ބަޔަކު އޭނައަށް ބަލާލާފަވެސް ސިއްރު ވާހަކަތަކެއް ދެއްކިއެވެ. ޚާއްސަކޮށް ދާނިޝްއަށް ތަކުރުބެ ފާހަގަކުރެވުނެވެ. އާއްމުކޮށް ހިގާފައި ދާއިރު މީހުނާއި ދިމާލަށް ބެލުމަކީ މިވީހާތަނަށް ނުކުރާކަމަކަށް ވިޔަސް މިއަދު ދާނިޝް އެތާ އެއްވެފައިއޮތްހާ މީސްތަކަށް ބަލާލިއެވެ. ހިތާމަ ފާޅުކުރިޔަސް މިފަދަ ހަދިސާއެއްހިގުމުން އެންމެނަށް ފޯރިއަކާއި ޖޯޝެއްލިބިފައިވާ ފަދައެވެ. އާ ޚަބަރެއް ލިބުނީވިއްޔާއެވެ. ފޫހި ސާދާ ދިރިއުޅުމުގައި އުޅޭބަޔަކަށް މިފަދަ ވަހަކައެއް ލިބުމަކީ މުނިފޫހިފިލުވާލަން ދެކެވޭ ވާހަކައަކަށްވެސް ވެގެން ދާނެއެވެ. އެފަދަ ކަމަކުން އާއިލާއަކަށް ލިބިފައިވާ ކެތްނުކުރެވޭފަދަ ހިތާމަ އެކަކަށްވެސް އިހުސާސްކުރެވޭނެހެއްޔެވެ؟

އަލީޒާ ހޭލެވުނީ ވަރަށް ކުއްލިގޮތަކަށް ސިއްސައިގެންގޮސްފާ ތޫނުއަޑަކުން ހަޅޭއްލަވައިގަންނަމުންނެވެ. އޭރުބިރުވެރިގޮތަކަށް ހިތްތެޅެމުން ދިޔައެވެ. އަނެއްކާ ބިރުވެރި ނުބައި ހުވަފެނެއް ފެނުނީހެއްޔެވެ؟ ހުވަފެން ހަދާނެއްނުވިއެވެ. ސިކުނޑި މުޅިން ހުސްވެފައިވިއެވެ. އެއްވެސް އެއްޗެއްނުވިސްނުނެވެ. މިއީ ކޮން ގަޑިއެއްކަމާއި ކޮންތަނެއްކަންވެސް ވިސްނައެއް ނުގެނެވުނެވެ. ހުރިހާ ހަދާންތަކެއް އޭނައާއި ވަކިވެގެން ގޮސްފައިވާކަހަލައެވެ. އަލީޒާ ބިރުގަންނަގޮތްވިއެވެ.

ލޯބަރުކަމުން އަދިވެސް މުޅިން ނިދިފިލައިގެންނުދާކަން އޭނައަށް އެގުނެވެ. ބަރުވެފައިވާ އެސްފިޔަތައް ހުޅުވާލަންޖެހުނީ ގަދަކަމުންނެވެ. ފުރަތަމަވެސް ފެނުނީ ސީލިންގައި އޮތް ރީތި ކްރިސްޓަލް ޗާންދަލިޔާއެވެ. އެއާއިއެކު މިއޮވެވުނީ ކޮންތާކުކަމާއި ރޭގެ ހަދާންތައް އޭނަގެ ހިތަށް ތަދުކުރުވަން ފެށިއެވެ. ދާނިޝް ކަންތައްކުރި ގޮތުން ލިބުނު ހިތްދަތިކަމާއި ބިރުވެރިކަން ފިލުވާލުމަށް އޭނައަށް ފެނުނު އެންމެ ރަގަޅު ހައްލަކަށްވީ ނިދާބޭހެވެ. ނަސީބަކުން ދަންނަ ޑޮކްޓަރަކު ލިޔެދިންނިދާ ބޭހެއް އޭނަގެ ދަބަހުގައި ހުއްޓެވެ. އެބޭސް ހޯދަން ޖެހުނީވެސް މިފަހަކަށްއައިސް ދާނިޝްގެ ހަދާންތަކުގައި ނުނިދި ތެޅިފޮޅެންޖެހޭ ރޭތައްގިނަވެ އުދަގޫވާންފެށުމުންނެވެ. އެ ބޭސްކެއިގޮތަށް އޭނަ ނިދުނުގޮތުން ޒަލްޒަލާއެއް އަޔަސް ހޭނުލުވޭނެކަން ގައިމެވެ. ނިދީގައި އޮވެފައި ބިރުވެރިގޮތަކަށް ހޭލެވުނީ ބޭހުގެ ނުގުޅޭ އަސަރުތަކުން ހެއްޔެވެ؟

ގަޑިން ވީ ކިހާއިރެއްހެއްޔެވެ؟ ކޮޓަރިއަށް އެޅިފައިވަ އިރުގެ ރަން ދަޅަތަކުން މިއީ ދުވާލުގެ ވަގުތެއްކަން ޔަގީންވިއެވެ. އަލީޒާ އަށް ދެން ބަލައިލެވުނީ ގައި މަތީގައި އަޅާފައި އޮތް އެކި ޝޭޑްގެ ދަނބު ރަޖާއަށެވެ. މިއީ ދާނިޝް ގެ ރަޖާހެއްޔެވެ؟ އެ ރަޖާގައި ދުވަނީ ވަރަށް ލުއި ތާޒާ ވަހެކެވެ. އަލީޒާ ރަޖާ މޫނުމަތީގައި އެޅިއެވެ. ނޭފަތް އެތެރެއަށް ދަމާލުމުން ސިކުނޑީގައިވާ ބުރަހެލިކަން ކެނޑިގެން ދިޔަކަމުގައި ހީކުރެވުނެވެ. ސިކުނޑި އިތުރަށް ހުޅުވެންދެން އޭނަ އޮތީ ހިމޭނުންނެވެ. އަލީޒާ ރޭ ނިދަން އައިއިރު މިއެނދުގައި ރަޖައެއްނެތެވެ. ދާނިޝް ދަންވަރު ކޮޓަރިއަށްކަން ޔަގީނެވެ. އޭނައަށް ފިނިވާނެކަން އެގުނީމަ ރަޖާ އަޅާލަ ދިނީކަމަށް ވެދާނެއެވެ. ހާދަ ރަގަޅެވެ. ކޮންމެވެސް ނޭގޭ ސަބަބަކާހުރެ ދާނިޝް ދުރުން އުޅުނަސް އޭނައާއި އަޅާލާކަން އެބަ އެގެއެވެ.

އަލީޒާ ގެ އަތުޖެހޭހިސާބުގައި ފޯންއޮތެވެ. އެކަމަކު ފޯނުގެ ބެޓެރީ ހުސްވެފައި އޮތުމުން މުޅިން ބޭކާރެވެ. މިގެއަށްއާދެވުނީ ޗާޖަރު ވެސް ނުލައެވެ.
އަލީޒާ ވަށައިގެން ހޯދާބަލައިލިއެވެ. އަދިވެސް ބޮކިތަކާއި އުއްބައްތިތައްވަނީ ދިއްލާލެވިފައެވެ. ގައިދަށުވެ ޗިސްވެފައި ހުރި ރަތް ފިނިފެންމާފިޔަ ތަކަށްވެސް ބަލާލެވެނެވެ. އެއާއިއެކު އޭނަ ގެ ކައިވެނިރޭ ބޭކާރުވެގެން ދިޔަކަމުގެ ހިތިކަން ފުރަތަމަ ފަހަރަށް އިހުސާސްކުރެވި ލޮލުން ފެން އަންނަގޮތްވިއެވެ. ކުރާނެކަމެއްނެތެވެ. އެރޭވެސް ބަދުނަސީބުވެރިގޮތަކަށް މާޒީއާއިއެކުވެގެން ދިޔައީއެވެ. އޭނަ ރަޖާ ރީތިކޮށް ފައްޖަހާލާފައި އެދުން ތެދުވުމާއި އެކު މޫނަށް އަދިރިވާގޮތްވިއެވެ. މޭނުބައިކޮށްފައި ހޮޑުލެވިދާނެހެންވެސް ހީވިއެވެ. ހާދަ ވަރުބައްޔެވެ. ސަބަބުވެސް އެގުނެވެ. އޭނަ މިހިރީ އިއްޔެ މެންދުރު ކެއިގޮތަށް އެއްޗެއް އަނގަޔަށް ނުލައެވެ. ހާންތިވެފައެވެ. ތަށީގައި އަދިވެސް ސްޓްރޯބެރީއާއި ޗޮކްލެޓްތައް އެބަހުއްޓެވެ. އަލީޒާ އަވަހަށްއެ ތަށި ނެގިއެވެ. އަވަސްއަރުވާލައިގެން ސްޓްރޯބެރީ ތަކާއި ޗޮކްލެޓް ކާލެވުނެވެ. އެކަމަކުވެސް ބަނޑުފުރޭކަށް ކައިރިއެއްވެސް ނުވެއެވެ. ކޮޅަށް ހުރެވޭނެ ހިތްވަރު ލިބޭނީވެސް ރަގަޅަށް ކައިލެވުނީމައެވެ. ބްރޭކްފާސްޓަކަށް އޯޑަރކޮށްލެވޭނީވެސް ފޯނެއް އަތުގައި ޖެހިގެންނެވެ. ދާނިޝް ކޮބާހެއްޔެވެ؟

މި ހިތްގައިމު އަރާމު ކޮޓަރި އަށް ފިނި މޫސުމް އައިސްފައިވާފަދައެވެ. ގަނޑުވާހާފިންޏެވެ. އޭސީ މިހިރީ އެންމެ ދަށްކޮށްލާފައިކަމަށް ވެދާނެއެވެ. އަލީޒާ ހީކަރުވަމުންދިޔައީ ވަކިވަރެއް ބަލާފައެއްނޫނެވެ. ރޫރޫއަޅަންފެށުމުން އޭނަ ގައިގާ ރަޖާ އޮޅާލިއެވެ. އޭސީކަނޑާލައިފިއެވެ. ސައިބުއިމުގެ ކުރިން ދަތްއުނގުޅާލާ މޫނު ދޮވެލާހަދަންވެސް ވާނެތީ އޭނަ ފާޚާނާގެ ދޮރު ހުޅުވާލައިފިއެވެ.

ފާޚާނާއަށް ވަދެފައިވެސް ހުއްޓުންއެރިއެވެ. ހާދަ ރީއްޗެވެ. ބާތުޓަބްކާރީގައިވެސް އުއްބައްތިތައް ދިއްލާލާފައި ހުއްޓެވެ. ތާޒާ މާތަކެވެ. މަޑު ލުއިމީރުވަހެކެވެ. ފާޚާނާ ހަޑިވެދާނެތީ ފެންއިސްކުރަށް ދޫކޮށްލަންވެސް އަލީޒާ ފަސްޖެހުނެވެ. ހޫނުފެންވެސް އެބަހުއްޓެވެ. އެންމެފަހުން އަލީޒާއަށް ނުހުރެވިގެން ޓަބްތެރެއަށް އެރި ރަގަޅަށް ފެންވަރާލައިފިއެވެ. ފާޑުފާޑުގެ މީރުވަސްދުވާ ބާތު އޮއިލްތަކާއި އެއްޗެހި ގިނަކަމުން ބޭނުންކުރަންވީ އެއްޗެއްވެސް ނޭގުނެވެ. އަލީޒާ ފެންވަރާ ތާޒާވެލައިގެން ކޮޓަރިއަށްވަދެ ޑްރެސިންޓޭބަލް ދޮށުގައި އިށީނުމުން މާބޮޑަށް ފިނިވެ ތުރުތުރުއަޅަންފެށިއެވެ. އޯކަށްދަމައިގަތެވެ. ދުވެފައި ފާޚާނާއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ފާޚާނާތަށިތެރެއަށް ބައިވަރު ހޮޑުލެވިއްޖެއެވެ. މާތްކަލާކޯއެވެ. އޭނަ ބަލިވީކަން ޔަގީނެވެ. ނިތްކުރީގައި އަތްލިއިރު ފުދޭވަރަކަށް ހޫނެވެ. ވަރުބަލިކަން ފިލުވާލަން އެދުގައި އޮށޯވެލިތަނާ އެ ހަމަހިމޭން ގޭތެރެއިން ރަގަބީލުގެ އަޑުއިވުނެވެ. ތަންކޮޅެއްބާރަށެވެ. ކާކުބާވައެވެ. 
ކާކުކަން ޔަގީން ނުވަނީސް ދޮރުހުޅުވަންވީހެއްޔެވެ؟ ދާނިޝް ހޯދަންއައި މީހަކަށްވެސް ވެދާނެއެވެ. ދެ ފިކުރެއްގެ ތެރޭގައި ހުރެގެން އަލީޒާ ތެދުވެގެން ހިނގައިގަތީ މަޖުބޫރުވެފައިހުރެއެވެ. އޭނަ ބޭނުންވަނީ ލޯމަރާލައިގެން ހިމޭނުން އޮތުމަށެވެ. އަލީޒާ ކުޑަދޮރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލާލިއެވެ. އެއީ އީނާއެވެ. އީނާގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމާއި ހާސްކަމުގެ ކުލަވަރެވެ. އޭނަ ހުރީ ފެންކަޅިވެފައެވެ. 
އަލީޒާ ވަރަށް އުފާވެރި ހިނިތުންވުމަކާއި އެކީގައި އައިސް ދޮރުހުޅުވާލަމުން ގުޑް މޯނިން އޭ ބުނެލައިފިއެވެ.

"އަވަހަށް އާދޭ އީން. މިއުޅެނީ ބްރޭކްފާސްޓަށް އޯޑަރކޮށްލަންވެގެން. މިހިސާބުގައި ރަގަޅު ތަނެއް ހުންނާނެތަ؟" އީނާ އެތެރެއަށް ވަނުމުން އަލީޒާ ދޮރުލައްޕާލައިފިއެވެ. އަލީޒާ ހުރީ ހިނިތުންވެލައިގެނެވެ. ވިދާ ފިނިފެންމާކުލައިގެ ޓޮޕްލައިގެން ހުރިއިރު އެ ހެދުމުގެ ހިޔަނިމޫނަށް އެޅި މޫނުގެ ކުލަ ގަދަވިއެވެ. އެކަމަކުވެސް ވަރުބަލިކަމަށް ދައްކައެވެ.

އަލީޒާގެ ވާހަކަހުރިގޮތުން ޖީނާމަރުވިކަން އެގިފައިނުވާކަން އީނާއަށް ޔަގީން ކުރެވުނެވެ. އާއިލާގައި މިހާ ބޮޑުހާދިސާއެއް ހިނގައިގެންއުޅޭއިރު އަލީޒާއަށް އެންގުމަކީ ބޭނުންކަމެއްކަމަށް އެމީހުން ނުދެކެނީހެއްޔެވެ؟ އަލީޒާ ބާކީކޮށްލެވިފައިވަނީ ހެއްޔެވެ؟ ދާނިޝް އަލީޒާއާއި ކައިވެނިކުރީ ގޭމީހުން ގެ ރުހުން ނެތިކަމަށް ވެދާނެއެވެ. އާއިލާއިން ދާނިޝްއާއިވެސް ގުޅުން ކަނޑާލީކަމަށް ވެދާނެއެވެ. އާއިލާ އެންމެން ރޭ ހޮސްޕިޓަލަށް އެއްވިއިރު ދާނިޝްނައި ސަބަބަކީ އެއީއެވެ. އެކަމަކު ޔަގީނުންވެސް ދާނިޝްއަށް އޭނަގެ ކޮއްކޮގެ މިކުއްލި ހިތާމަވެރި މަރު ސިއްރުވެފައެއް ނޯންނާނެއެވެ. އެހާބޮޑުކަމެއް ދިމާވުމުން ގައިމު ބޭބެއަކަށް ހިތްހަރުކޮށްލައިގެން ކޮއްކޮގެ މޫނު ދެކެން ނުގޮސް ހުރެވިދާނެހެއްޔެވެ؟ އަޖައިބެކެވެ.

ޖީނާ ގެނބިގެން ހޮސްޕިޓަލަށް ގެނެވުނުއިރު އީނާވެސް އިނީ ޑިޔުޓީގައެވެ. އިމަޖެންސީ ރޫމުގެ ބޭރުގައި އާއިލާމީހުންނާއިއެކު މަޑުކޮށްލައިގެން ރާހިލްވެސް ހުއްޓެވެ. އެންމެންވެސް ތިބީފެންކަޅިވެފައެވެ. ރާހިލް ފާރަށް ލެގިލައިގެން މޫނުދެއަތުން ފޮރުވައިގެން ހުރިތަންފެނުމުން އީނާގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. މި ގަރުނުގައިވެސް ދެން ހޮސްޕިޓަލް މިވަރަށް އިމަރޖެންސީ ނުވާނެކަން ޔަގީނެވެ. އެންމެން އެވަގުތުކޮޅު ހާދަ ހާސްވެފައި ތެޅިފޮޅުނެވެ. ޑޮކްޓަރުންވެސް ނެތް ހިތްވަރުކޮށްލާފައި ޖީނާ ނޭވާލައްވަން މަސައްކަތްކުރިއެވެ. ފަރުޒާނާވެސް މަގޭ ދަރިފުޅަށް ކިހިނެއްވީޔޭ ކިޔަމުން ރޮމުން ދުވެފައީ އެވަގުތުއެވެ. އޭނަގެ ހަމަ ހޭވެރިކަމެއްވެސް ނެތެވެ. ދުވަމުން އައިއިރު އޭނަ ހުރީ ނިދާހެދުމުގައެވެ. ފައިވާނަކަށްވެސް ނާރައެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އޭނަ އިމަޖެންސީ ރޫމަށް ވަންނަން އުޅުމުން ޝާހާން ހިފެހެއްޓިއެވެ. ފަރުޒާނާ ބާރު ބާރަށް ރޮއިގެންފާ ޝާހާންގެ އަތުތެރެއިން ފޮޅުވިގަނެގެން ދާން އުޅުނެވެ. މީހަކު ބުނެނުދިނަސް ފަރުޒާނައަށް ވިސްނުނީކަން ނޭގެއެވެ. ވަކި ހިސާބަކުން ފަރުޒާނާ ޚަބަރު ހުސްވެގެން ޝާހާންގެ އަތުތެރެއަށް ދެމުނެވެ. ޖީނާ މަރުވިކަން ޔަގީން ވުމުން އެތައް މުވައްޒަފުންނެއްގެ ލޮލުން ކަރުނައައެވެ.

" އެލީ. ފޯނު ކޮބާތަ؟ ހާދަ ވަރަކަށް ގުޅައިފިން. ބުނަން އެލީ........................." އީނަ އެއްޗެކޭ ބުނަން އުޅުނެވެ. އީނާގެ ވާހަކަ ހުރިގޮތުން ކޮންމެވސް ބޮޑުކަމެއްވެއްޖެކަން ވަގުތުން އަލީޒާއަށް އެގުނެވެ. ކިހިނެއްވީބާވައެވެ. އަނެއްކާ ދާނިޝްއަށް ކަމެއްވީހެއްޔެވެ؟ ނޭގޭ ބިރަކުން އަލީޒާ ގެ ހިތްތެޅިގަތީ ބާރަށެވެ

"ފޯނުގެ ޗާރޖް ގޮއްސައޮތީ. އީން ކިހިނެއްވީ. ބުނެބަލަ. ކޮންމެވެސް ކަމެއް ވެއްޖެ ދޯ...." އަލީޒާ ގެ މޫނުގެ ކުލަ ވަގުތުން ފަނޑުވިއެވެ.
" އެލީ. ވަރަށް ބޮޑުކަމެއްވެއްޖެ. އެކަމަކު. ކޮބާ ދާނިޝް؟ " އީނަ އަހާލިއެވެ.
" ނޭގޭ. ޑޭންއަށް ކަމެއްވީތަ؟ " އަލީޒާ ގެ ހިތް ތެޅެމުން ދިޔައީ އޮބިއޮންނަވަރަކަށް ނޫނެވެ. އޭނަ ފަހަތަށްގޮސް ސޯފާއަށް ތިރިވިއެވެ.

" ނޫން...އިރާދަކުރެއްވިއްޔާ ޑޭން މުޅިން ރަގަޅު...އެކަމަކު.............................." އެ ހިތާމަވެރި ޚަބަރު ދޭން އީނާ ޖެހިލުންވިއެވެ. އަލީޒާ އާއި ޖީނާ ކިތަންމެ ކުޑަދުވަސްކޮޅަކަށް އެކީގައި އުޅެވުނަސް ދެކުދިންގެ ދެމެދުގައި އާދަޔާޚިލާފު ގާތްކަމަކާއި ގުޅުމެއް އޮތްކަން އީނަ ދަނެއެވެ.

" އީން ހާދަ ފިނިއެބަވޭ. ކޮޓަރީގައި އޮތްރަޖާ ގެނެސްދީބަލަ އީން..............." ހީކަރުވާވަރުން ކަކުލުގައި ދަތްދޮޅިޖައްސާލަމުން ވަރުދެރަގޮތަކަށް އަލީޒާ ބުންޏެވެ.
" އެލީ...ހުން އައީތަ؟ " އީނަ ކަންބޮޑުވިއެވެ. އަނެއްކާ އަލީޒާވެސް އޭނައެކޭ އެއްފަދައިން ޑެންގީގެ ޝިކާރައަކަށްވީހެއްޔެވެ؟

އަލީޒާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ހަގީގަތުގައި ހުމުގެ އުދަގޫތައް ބޮޑުވާން މިފެށީ އީނާ އައުމަށްފަހުގައެވެ. ކޮންމެވެސް ބޮޑުކަމެއް ދާނިޝްގެ މީހަކަށް ވިކަން އެގުމުންނެވެ. އީނަ ރަޖާގެނެސް އަލީޒާގެ ގައިގާ އަޅުވާދީފައި ކާރަކަށް ގުޅަން އުޅުނެވެ.
" އެލީ....އީންއަށް ފެންނަނީ ހޮސްޕިޓަލަށް ދިޔުން....."

ނޫން...ނޫން..އީން އަށް ރަގަޅަށް އެގޭނެ ނީޑްލްތައް ދެކެ ބިރުގަންނަވަރު. އެތަނަށް ދިޔައިމާބަލި ހައްތަހާ ގޯސްވާނީ. އީން ބުނެބަލަ. ކިހިނެއްވެގެން މިއުޅެނީ. ޕްލީޒް. ބުނެބަލަ....މިހާރު މިވަނީ ހިތްވަރުކުރަން ދަސްވެފައި. ކެތްނުކުރެވޭނީ ޑޭންއަށް ކަމެއްވެއްޖެއްޔާ. އެނޫނިއްޔާ ދެން ހިތްވަރުކުރެވެންވާނެ ދޯ................" އަލީޒާ ސޯފާގައި ކުރުގެޅިލައިގެން އިން އިރު އެބޮޑު ބޮޑު ލޯ ވަނީ ތެމިފައެވެ.
" ޖީން ވަރަށް ބަލި. ހާލު ވަރަށް ސީރިޔަސް.........................."އީނާ ފެށި ދުރުންނެވެ.
" ޖީންއޭ.......... ކިހިނެއްވީތަ؟ " އަލީޒާ ދެލޯބޮޑުކޮށްލިއެވެ.
" މޫދަށް ވެއްޓުނީ............................." އީނަ އިސްޖަހާލިއެވެ.
" ޖީން ގެނބުނީތަ؟ ވަރަށް ބޮޑުވަރުވިތަ؟ ޖީންއަށް ރަގަޅުވާނެތަ؟ ކޮންތާކު ޖީން ވީ؟ ބުނެދީބަލަ އީން......................" އަލީޒާ އެތައް ސުވާލެއް އެއްފަހަރާކޮށްލިއެވެ. އަލީޒާ އީނާގެ އަތުގައި ހިފެހެއްޓިއެވެ. އޭރު އަލީޒާގެ ލޮލުގައި ގިނަވަމުން ދިޔަކަރުނަތައް ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ.

 

ކޮމެންޓް 0