ގެއަށް ގޮސް ހެދުން ބަދަލު ނުކުރެވި އުޅެނިކޮށް ވައިބަރ އިން އައީ މެސެޖެކެވެ. ޝަލީން ފޯނު ނެގިއިރު ނުދަންނަ ނަންބަރުން ފޮނުވާފައި ހުރި ފޮޓޯ ފެނިފައި މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަލިފާން ރޯވެފައި އޮތް މަތިން ދާ ބޯޓުގެ ފޮޓޯ ފޮނުވާފައި އޮތީ ރަނގަޅަށް އޭނާގެ ހަޤީޤަތް އެނގޭ މީހަކުކަން ޔަޤީނެވެ. ޝަލީންއަށް ލިބުނު ސިހުމުގައި ފޯނު ދޫކޮށްލިއިރު ހީވީ ވިހަގަދަ ސުއިއްޕެއް ނަމަވެސް އެއްޗެއް ކަށި ޖަހައިގެން ފޮޅައިލި ހެންނެވެ. ހިތް އަވަސްވެގެން އައިއިރު ނޭވައަށް ދަތިވާހެން ހީވާން ފެށިއެވެ. އަވަހަށް ދުވެފައި ގޮސް ބެލްކަންޏަށް ނިކުމެ ރެއިލިންގައި ބަނޑު އަޅައިލެވުނެވެ. މޫނުގައި ބީހިލި ފިނި ވައިރޯޅިތައް އެއީ އެވަގުތު ލެއްވި ނަސީބެއްކަމުގައި ސާބިތުވިއެވެ. އޮށްދާ ހިލިފައިވާ ނިއްކުރީގައި އެރޯޅިތައް ބީހުލުމުން ހިތުގެ އުދާސްގަނޑަށް ފިނިވާގޮތްވިއެވެ. ޝަލީން ފުން ނޭވާތަކެއް އޮތްވާ ހުއްޓާ ޝާހަމް ގޮވައިލި އަޑު އިވުނީ ޖެހިގެން ހުރި ބެލްކަނިންނެވެ. ފޯނެއް ހުރެގެން ނިކުތްވަގުތު ކޮއްކޮ އޮތްގޮތް ފެނިގެން އޭނާގެ ސަމާލުކަމާއި ގުޅުނީއެވެ.

"އާ ޔޫ އޯލްރައިޓް؟" ޝަލީން އެނބުރި ބަލައިލިވަގުތު ޝާހަމް އަހައިލިއެވެ. ބުނަން އުޅެފައި ފަސްޖެހެވުނީ ކީއްވެކަމެއް އެވަގުތު ޝަލީންއަކަށް ނުވިސްނުނެވެ. ހިތަށް އެރީ އެއީ އޭނާގެ ގާތް މީހަކު ކޮށްލި ތާކުން ތާކު ނުޖެހޭ ސަމާސައަކަށް ވެދާނެކަމުގައެވެ. އެހެންވެއްޖެނަމަ ދޮންބެ ހާސްކަމުގެ ތެރެއަށް އެވައްޓައިލެވެނީ އެކަށީގެންވާ ސަބަބެއް ނެތިއެވެ. ކަމެއްނުވެއޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލުމާއެކު ޝަލީން ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. ދޮންބެ ފޯނު ކަންފަތުގައި ޖަހާފައި ވާހަކަދައްކަން ފެށުމުން އޭނާ ތިރި ބަލަން ހުރެފައި ވަދެ އެއްޗެހި ބަދަލުކޮށްގެން ނިކުތެވެ.

ފޯނު ބާއްވާފައި ޝާހަމް ވަންއިރު ނޯކަރު ކުއްޖާ ވަދެ ހުރީ ކޮޓަރި ސާފު ކުރަން ވެގެންނެވެ. އެތަނުން އޭނާ ފެނިގެން ކަންބޮޑުވެފައި ފަހުން އަންނާނެ ކަމަށްބުނެ ދާން ވެގެން އެނބުރިލިއެވެ. "އެންމެ ރަނގަޅު ކުރިއަށް ގެންދިޔަސް. އަހަރެން މިދަނީ ބޭރަށް ޖެހިލަން." ޝާހަމް އެމީހާއަށް ފުރުސަތު ދީފައި ނިކުމެގެން ދިޔައެވެ. ސިޓިންރޫމްގައި ފިނި ދަޅެއް ބޯން ކޮއްކޮ އިންދާ ފެނުމުން ފުންކޮށް ބަލައިލެވުނެވެ. ކުރިއާ ޚިލާފަށް ޝަލީންގެ މޫނުގައި އިހުގެ ނުތަނަވަސްކަމެއް ނެތެވެ. ޝާހަމް ނިކުމެގެން ގޮސް ކާރަށް އެރިއިރު ބައްޕަވެސް އޮފީސް ނިންމާފައި އައިސް ވަންނަނީއެވެ.

ވަކި މިސްރާބެއްނެތި ދުއްވާލި ކާރު މާލޭގެ އެކި ސަރަހައްދުގައި ބުރު އަޅަމުން އެންމެ ފަހުން ހުއްޓާލެވުނީ ޒެނިތް ކައިރިއަށެވެ. އޭނާ ވަދެގެން ގޮސް ދޮރު ހުޅުވާލުމާއެކު ނޭފަތުގައި ޖެހުނުހެން ހީވީ ލިޒްގެ ޖިސްމުން އަރާ ހިތްގައިމު ސެންޓްވަހެވެ. ހަނދާނުގެ ފުންކަނޑަކަށް ގެނބެމުން އޭނާ ގޮސް ބެލްކަންޏަށް ނިކުތްއިރު ހަވީރު ފިނީގައިވެސް ޕޮޓްތަކުގައި ހައްދާފައި ހުރި ގަސްތައް ފެންނަން ހުރީ ވީރާނާ ކޮށެވެ. އަޅާނުލައި ގިނަ ދުވަސްވުމުގެ ސަބަބުން ގިނަ ގަސްތައް ހިކި މުށި ކުލައަކަށް ބަދަލުވެފައެވެ. ލިޒް ވަކިވެގެން ދިޔަ ފަދައިން އޭނާގެ ނިޝާންތައްވެސް އެވަނީ ފިލަން ފަށައިފައެވެ. ޝާހަމް ކަޅި ޖަހާނުލާ ހުރެގެން އެގަސްތައް ބަލަމުން ދިޔައިރު ކަންފަތްދޮށުގައި ވައިރޯޅި ކިޔައިލި ސިއްރެއްހެން އައިސް ޖެހުނީ ލިޒްގެ އަޑެވެ. ތެޅިގަނެފައި އެނބުރި ބަލައިލިއިރު ލިޒް ހުރީ ދުރުގައި ސިންކް ކައިރީ ކުރާގަނޑަކަށް ފެންފުރާށެވެ. ހައިރާންވެގެން ދެފަރާތަށް ބޯ ހޫރައިލި ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. ގިނައިރު މަސައްކަތުގައި އުޅެލާފައި އައިކަން އެނގުނީ ލިޒް އެނބުރުނުއިރު ދޮން ނިއްކުރިން ތިރިއަށް ފިރުކެމުން ދިޔަ ދާތިކިތައް ފެނިފައެވެ. ޝާހަމް ބަލަން ހުއްޓާ ލިޒް އައިސް ގަސްތަކަށް ފެންދޭން ފެށުމުން ދާދި ދެންމެއަކު ހިކި ފަތްތަކެއްގެ ގޮތުގައި ފެނުނު ގަސްތައް ދެން ފެނުނީ އާރޯކަން ލިބި މާމެލާމެލިން ބަރާވެފައި ވަނިކޮށެވެ.

"މަންމަ އަބަދުވެސް ބުނާނެ. ކުރާ ހުރިހާ ކަމެއް ހަމައެކަނި އަމިއްލަ ފައިދާއަށް ނުކުރާށޭ. އެއިން އެހެން ބަޔަކަށް ފައިދާ ވާނެ ކަންކަމުން އެމީހަކު ނިމި ދިއުމަށްފަހުވެސް ސަވާބު ލިބި ލިބި ހުންނާނެ ކަމަށް ބުނާނެ. މިގަސްތަކުގައި މާމެލާމެލި ފޮޅިފައި ހުންނައިރު އެއިން ހިތްހަމަޖެހުން ލިބޭނީ ކިތައް މީހުންނަށް ކަމެއް ނޭނގެ." ލިޒް ވާހަކަދެއްކީ ކައިރީގައި މީހަކު އަހަން ހުރި ނަމަވެސް ވާހަކަދައްކާނެ އުސޫލުންނެވެ. ޝާހަމްއަށް އެނބުރި ބަލައިލެވުނީ އަޑު އިވޭ ހިސާބުގައި އިތުރު މީހަކު ހުރިތޯ ޔަޤީންކުރަން ވެގެންނެވެ. "ލިޒް!" އިތުރު މީހަކު ނެތްކަމާއި އަދި ލިޒް އެމުޚާތަބު ކުރަނީ ޚުދު އޭނާއަށްކަން އެނގުމުން ގޮވާލެވުނެވެ. އިސާހިތަކު ލޮލަށް ކަރުނަ ގިނަވެ މަންޒަރު ފުސްވާން ފެށިއެވެ.

ބިއްލޫރިގަނޑުގައި މީހަކު ތަޅައިގަތުމުން ޝާހަމް ސިއްސައިގެން ގޮސް ވިސްނާލެވުނުއިރު އިނދެވުނީ ޒެނިތް ކުރިމައްޗަށް ކާރު މަޑުކުރި ގޮތަށެވެ. ކަރުނަތައް އޮއްބާލައިފައި ލޯގަނޑު ތިރިކޮށްލިއިރު ޒިޔާން ހުރީ ހިނިތުންވެފައެވެ. "ކޮންއިރަކު މާލެ އައީ؟ އަންގާވެސް ނުލަމެއްނު." ޒިޔާން ޝަކުވާ ކުރިއެވެ. "އަރާބަލަ ކާރަށް." މަގު މެދުގައި ގިނައިރު މަޑު ނުކުރަންވެގެން ޝާހަމް ދައުވަތު ދިނެވެ. އެކުވެރިޔާ އަރައި އިށީންނުމުން ދުއްވާލައިފައި ގޮސް އެންމެ ކައިރީ ހުރި ކޮފީޝޮޕެއްގެ ކައިރިއަށް މަޑުކޮށްލައިފިއެވެ.

ބޭރުގައި ކަންތައް ހިނގާދިޔަ ގޮތުގެ ތަފްޞީލު ދިނުމުން ޒިޔާންވެސް އިނީ އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ. އެވަރުގެ ބޮޑު ހާދިސާއަކަށްފަހު ޝާހަމް ހެޔޮހާލުގައި ހުރިކަމަށްޓަކާވެސް އޭނާ ޝުކުރު ކުރިއެވެ. ދުވަސްގަނޑަކަށްފަހު ހިތުގެ އުދާސްތައް ބޭރުކޮށްލެވޭފަދަ އެކުވެރިޔަކާ ދިމާވުމުން ޝާހަމް އެތައް އިރެއް ވަންދެން ގެއަށް ނައިސް މަޑުކުރިއެވެ. އިރު އޮއްސި ނުވައެއް ޖެހިފަހުން އޭނާ އައިސް ގެއަށް ވަންއިރު އެންމެން ވާހަކަދައްކާ އަޑު އިވުނީ ކާކޮޓަރިންނެވެ. ކާހިތް ކެނޑިފައި ހުރުމުން އައިސް ވަނީ ކޮޓަރިއަށެވެ. އެވަގުތު ލޮލުގައި އަޅައިގަތީ އެނދުކައިރީ ވެއްޓިފައި އޮތް ކަރުދާސްގަނޑެކެވެ. އޭނާ ގޮސް ގުދުވެފައި ނަގައި ބަލައިލިއިރު ކައިވެނީގެ ދައުވަތު ކާޑެވެ. އަދި އެއީވެސް އޭނައާ ވިޝާގެ ކައިވެންޏަށް މީގެ ތިން މަސް ދުވަސް ކުރިން ހަދާފައި އޮތް ކާޑެވެ. ސާފުކުރިއިރު ކޮންމެވެސް ދޭތެރެއަކުން ނިކުމެފައި އެއޮތީ އެމީހާއަށް ނުފެނިފައި ކަންނޭނގެއެވެ.

ޝާހަމް ކާޑު ބޮނޑިކޮށްލާފައި ޑަސްބިނާއި ދިމާއަށް އެއްލުމަށްފަހު އެނދު ހުރަހަށް ވެއްޓިގަތެވެ. ނިތުގައި ހިފަހައްޓައިގެން އޮތްގޮތަށް އޮވެލާފައި ދެން ގޮސް އައީ އެކާޑު އަނބުރާ ހިފައިގެންނެވެ. ޝާހަމް ކާޑު ނިއުޅާލައިފައި އޭގައި އޮތް ލިއުންކޮޅު ރަނގަޅަށް ކިޔައިލިއެވެ. އެވަގުތު ހަނދާނަށް އައީ މީގެ ތިންމަސް ކުރިން ވިޝާގެ ހިނިތުންވެފައިވާ މޫނެވެ. އެކައިވެނި އެތާރީހަށް ހަމަޖެހިގެން އައެއް ކަމަކު ވިޝާ ފުރާވަރަށް އެރީއްސުރެ އެއީ ދެކެމުންއައި ހުވަފެނެއްކަން ޝާހަމްއަށްވެސް އެނގެއެވެ. ދެމީހުން އެކީގައި ހެދިބޮޑުވެގެން އައި ދުވަސްވަރު، އެމީހުން ބޮޑެތި މީހުންނަށް ވުމުން ކައިވެނިކޮށްދޭނެ ވާހަކަ ބުނުމުން ޚުދު ޝާހަމްވެސް ދެކޮޅެއް ނުހަދައެވެ. އޭނާގެ ނަޒަރުގައިވެސް އެމަޤާމަށް ވިޝާއަށްވުރެ ރަނގަޅު އެހެން ކުއްޖަކު ނުހުންނާނެއެވެ. ވިޝާ އޭނާއާ ހެދި ދީވާނާ ވެފައި ހުންނަކަން އެނގި ހުރެ އެހިޔާލު ހިތުން ނެރެލުމަށް ކުޑަވެސް ބާރެއް ނޭޅީ މިސަބަބާ ހުރެއެވެ. އޭނާއަށް ނޭނގުނީ ހަޔާތުގެ ވަކި ހިސާބަކުން އެކައިވެނި އެއީ އުފާވެރިކަމަށް އެޅެން އޮތް ހުރަހެއްކަމެވެ. ނޭނގުނީ ވިޝާ ހުއްޓާ އެހެން އަންހެންކުއްޖެއްދެކެ ލޯބިވެވިދާނެ ކަމެވެ.

ވިސްނަން އޮތްވާ ޝާހަމް ހަނދާންވިއެވެ. ބެލްކަނިން ލިޒް ފެނުމަށްފަހު ދެވަނަ ފެނިލުމަކަށް އެދި އޭނާ މޮޔަވާވަރުވިއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެމަގުން ކުރުކާލި ކަނޑާލަ ކަނޑާލާ ހުރެވެން ފެށުނީ އެއަންހެންކުއްޖާގެ ކުޑަ އެންމެ އަދާއެއްވިއަސް ދެކިލާހިތުން ކެތްމަދުވީވަރުންނެވެ. ހިތުގެ މުރާދު ހާސިލްވާން މާގިނަ ވަގުތެއް ބޭނުމެއްނުވިއެވެ. އެއަންހެންކުއްޖާ ހެނދުނު ހެނދުނާ މަސައްކަތަށް ނިކުމެގެން ދިއުމަށްފަހު އެނބުރި އަންނައިރުވެސް ޝާހަމް ހުންނަނީ ބަލާށެވެ. އެގޮތުން އޭނާ ހިތްވަރުކޮށްފައި ވާހަކަދައްކަން ނިންމީ ފަސް ދުވަސް ފަހުންނެވެ.

ލިޒް ފޯނުން ވާހަކަދައްކަމުން މަގުގެ އެއްކައިރިން އައިއިރު ޝާހަމް މަޑުމަޑުން ކާރު ދުއްވަމުން ދިޔައީ ފަހަތުންނެވެ. އެންމެފަހުން އޭނާގޮސް އެއްވަރުކޮށްފައި ލޯގަނޑު ތިރިކޮށްލިއެވެ. ލިޒްއަށް ޝައްކެއް ވެގެން ބަލައިލުމުން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމުން ޚުދު ލިޒްވެސް ހިނިތުންވެލިއެވެ. ޝާހަމްގެ މެއަށް ފިނިވެގެން އައި ވަގުތު ކުރަން ރޭވި އިތުރު ކަންކަންވެސް ދިޔައީ ހަނދާނުން ފިލައިގެންނެވެ. ލިޒް ގެއާ ހަމަވުމުން އެތެރެއަށް ވަދެގެން ދިޔައިރު ފަސްއެނބުރި ބަލައިނުލި ނަމަވެސް އިރުކޮޅަކުން ފެނުނީ ބެލްކަނީ އޭނާއަށް ބަލަން ހުއްޓައެވެ. އެކަމަކު އޭނާއަށް ފެނުނުކަން ޔަޤީންވާއިރަށް އަވަހަށް އެތެރެއަށް ދެމިގެންފިއެވެ.

ޖެހިގެން އައި ދުވަހު އޭނާ ހެނދުނު ހެނދުނާ އައިސް ލިޒްގެ އިންތިޒާރުގައި އިންދާ ނިކުމެގެން އައީ އަތް ދަބަހާއެކު އިތުރު އެއްޗެއްވެސް ހިފައިގެންނެވެ. ޝާހަމް ބަލަން އިންދާ ލިޒް އައިސް ކައިރިވެފައި ކުޑަކޮށް ގުދުވެލުމުން ލޯގަނޑު ތިރިކޮށްލިއެވެ. "ރޫމްމޭޓް ބުނި މިތަނުން ފެންނަތާ ހަފްތާއެއްވާން ކައިރިވެއްޖެ ވާހަކަ." ލިޒް ވާހަކަދައްކަމުން ޝާހަމްއަށް ދިއްކޮށްލީ އާވި އަރައަރާ ހުރި ކޮފީ މަގެކެވެ. "މިހިސާބުގެ ސެކިއުރިޓީ ބަލަހައްޓާއިރު އަހަރުމެންވެސް ވާނެއެއްނު އެޕްރިޝިއޭޓް ކުރަން." ޝާހަމް ހައިރާންވެފައި ބަލަން ފެށުމުން ލިޒް އެކޮފީތަށި ގެނެސްދިން ސަބަބު ބުނެދިނެވެ. އެއީ ލިޒް ކޮށްލި ލާނެތް މަލާމާތެއްކަން އެނގުމުން ޝާހަމްގާތަށް އައީ ހިންޏެވެ. އޭނާ ދެރަނުވާން ބޯ ޖަހާލައިފައި ކޮފީމަގުގައި ހިފުމުން ހިނިތުންވެލާފައި ގޮސް ލޯމަތިން އޮބާލިއެވެ.

"ސެކިއުރިޓީ ބަލަހައްޓާކަށް ނޫން މިމަގުގައި އައިސް ހުންނަނީ. އައި ފައިންޑް ޔޫ އިންޓްރެސްޓިން." ލިޒް ހަވީރު އަންނަ ގަޑިއަށް ޝާހަމް ކޮފީ މަގު އެގޭ ދޮރާށިން އެތެރެކޮށްލާފައި ބެއިންދީ ނޯޓު ކޮޅަކާއެކުގައެވެ. ހަވީރު ލިޒް އައިސް އޭނާއަށް ބަލާލައިފައި ގޮސް ވަނުމަށްފަހު ބެލްކަނީގައި ނޯޓް ކިޔަން ހުއްޓާ ފެނުމުން ހިތްހަމަޖެހިގެން ގެއަށް ދާން ނައްޓާލިއެވެ.

ދެން އައި ދުވަހު ޝާހަމް އައީ ތާޒާ ފިނިފެންމާބޮނޑިއެއް ގަނެގެން ކާރުގައި ބާއްވައިގެންނެވެ. އޭނާ ފަސްޖެހުނީ ލިޒް ފެނުނީމައެވެ. އެހާ ފަސޭހައިން އެކުވެރިކަން އުފައްދާފައިވާ ކުރެވޭ އެންމެ ކަމަކުން އެކަން ފުނޑު ފުނޑުވެދާކަށް ހިތެއް ނޭދުނެވެ. ލިޒް ގެނެސްދިން ކޮފީމަގާއެކު ފަތް ޖަހާލައިފައި އޮތް ކަރުދާސްކޮޅެއް ދިނުމުން ޝާހަމްއަށް އިނދެވުނީ ހިނިތުންވެފައި އެމޫނަށް ބަލާށެވެ. "އަހަރެން ދިޔައީމަ އިނގޭ ކިޔާނީ!" ލިޒް ޅަކުއްޖެއްހެން ހީގަނެފައި އަމުރުކޮށްލިއެވެ. ދެން ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކައިރިއަށް އޮތް ގޯޅިން އަޅައިލިއެވެ. ޝާހަމް ކޮފީމަގު ބަހައްޓާފައި އަވަހަށް ކަރުދާސްކޮޅު ނިއުޅައިލިއެވެ.

"އަހަރެންވެސް މީ ތަނަކުން ފެންނަހާ މީހަކާ ވާހަކަ ދައްކާ ކުއްޖެއްނޫން. މިހެން ބުންޏަސް ބިލީވްކުރަން އުދަނގޫވެދާނެ އެހާ އަވަހަށް ވާހަކަދެއްކީމަ. އެކަމަކު އަހަރެން ވާހަކަދެއްކީ ފެންނަ ފެނުމަށް ޑީސެންޓްކަމުން. ހިތް ބުނީ ތީ ގޯސްމީހަކަށް ނުވާނެއޭ." ލިޒްގެ ލިއުންކޮޅު ކިޔާފައި ޝާހަމްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

ޝާހަމް ގެއަށް ގޮސް ވަންއިރު ހެނދުނު ހެނދުނާ ގޭތެރޭގައި ބައިގިނަކޮށްލާފައި އޮތީ ފިރުދައުސްގެ އާއިލާ އައިސްގެންނެވެ. ކާކޮޓަރީ އެންމެން ނާސްތާ ކުރަން ތިއްބާ އޭނާ ގޮސް ބޯދިއްކޮށްލިހާއިރުން ބައްޕަ އަވަހަށް ގޮވައިފިއެވެ. ވިޝާ މަލެއްހެން ހެދިލައިގެން އިނީ ނިކަން އުފާވެރިކޮށެވެ. ޝަލީން އޭރުވެސް ފޯނުން ކޮންމެވެސް އެއްޗެއް ލިޔެލިޔެފައި އިރުއިރުކޮޅާ އެކިމީހުންގެ ކަޅިމަތި ބަލައިލައެވެ.

"ޝާހަމް މިގަޑީ އައިކަން ރަނގަޅު. ބައްޕަމެން މިކިޔަނީ މާމަގެ އުފަންދުވަސް ފާހަގަ ކުރަން ބޮޑު ސަޕްރައިޒެއް ދޭ ވާހަކަ. ދަރިފުޅަށްވެސް ފެންނަ ރަނގަޅު ހިޔާލެއް އޮތިއްޔާ އަވަހަށް ހުށައަޅަންވީ" އިމާދު ވާހަކަ ދެއްކިއެވެ. އިމާދުގެ މަންމަ ދިރިއުޅެނީ ދެން އެބަނޑުގައި ހުރި އަންހެން ދަރިފުޅު އަރީފާގެ ކައިރީގައި ލަންކާގައެވެ. ދަތުރުވަރެއްގައި މާލެ އައިސް މަޑުކޮށްލިއަސް މާލެ ބަދަލުވުމުގެ ހިޔާލެއް ނުގެންގުޅެއެވެ. ދުވަސްގަނޑަކަށްފަހު މާމަ މާލެ އަންނައިރު އުފަންދުވަހާއި ދިމާވާތީ އާއިލާއިން ގަސްތުކޮށްފައިވަނީ ކުލަގަދަކޮށް ފާހަގަ ކުރުމަށެވެ. ޝާހަމްގެ ކައިވެނީގެ ކުރިއަށް ގޭތެރެ އިތުރަށް އުފާވެރިވެ އެންމެން އެއްބައިވަންތަ ވާނެ ކަމުގައި އިމާދު ޤަބޫލު ކުރެއެވެ.

ބައްޕަގެ ވާހަކައަށް ޝާހަމްވެސް ތާއީދުކޮށްފައި ހިޔާލުތައް ހުށައެޅިއެވެ. ފިރުދައުސްއާ އެއާއިލާގެ މީހުންވެސް ހީވަނީ އެގޭގެ މެމްބަރުންނެވެ ފެށުނީއްސުރެ ފިރުދައުސްއާ އިމާދު އޮންނަ ގުޅުން ދެއާއިލާގެ އަންހެނުންގެ ކިބައިގައި އުފެދި ދަރިންނަށްވެސް ވަނީ އޭގެ އަސަރު ފޯރާފައެވެ. އަލޫކްއާ ޝަލީން ކުޑައިރުއްސުރެ އެންމެގާތް ދެއެކުވެރިންނަށް ވާއިރު ޝާހަމްއާ ވިޝާއަކީ ކައިވެނި ހަމަޖެހިފައިވާ ދެޒުވާނުންނެވެ.

ނާސްތާކޮށް ނުނިމެނީސް ޝަލީން އެންމެކުރިން ނިކުމެގެން ދިޔައިރު ފޯނަކުން ނަޒަރު ވައްކެއް ނުވެއެވެ. ކޮއްކޮ ދޮރުން ނިކުތްއިރު ދޮރުދާރައިގައި ލައިގަތްތަން ފެނިފައި އެކަމަށް ގެއްލިފައިވާ މިންވަރު ޝާހަމްވެސް ފާހަގަވިއެވެ. އޭނާ ގަސްތުކުރީ ޝަލީން ވަކިން ފެންނައިރަކުން ސުވާލު ކޮށްލާށެވެ. އެއުމުރުގެ ކުދިންނަކީ އަޅައިނުލެވިއްޖެނަމަ ކޮންމެފަދަ ގޯސް މަގަކުންވެސް ދާން ފަސްނުޖެހޭނެ ކުދިންނެވެ. ޝަލީން އުމުރުން ނަވާރަ އަހަރުވީއިރު މިހާތަނަށްވެސް އުޅެފައި ހުރީ ނުހަނު މިނިވަން ކޮށެވެ. ބައްޕަ ކުރިމަތީ ފުކަކަށްވެގެން އިނަސް ސިއްރުން ކަންތައްގަނޑެއް ނުހިންގައިލާނެ ކަމާމެދު ޝާހަމްއަށް ޝައްކެވެ. އޭނާ ކޮއްކޮއާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަނީ އެފަދަ ނޭދެވޭ ކަންތަކުގެ ވާހަކަވެސް ހިއްސާކުރުމަށް އެދޭވަރުންނެވެ.

ކާކޮޓަރިން ނިކުމެ ޝާހަމް މަޑުކޮށްލައިގެން އިނީ ސިޓިންރޫމްގައެވެ. ފޯނަށް ބަލަން އިންދާ ވިޝާ ކުރިމަތީ އިށީންކަމެއް ނޭނގި ނަމުން ގޮވައިލުމުން ކުޑަކޮށް ސިހުނެވެ. "ކަމަކު އެދެންތަ؟" ވިޝާ ޖެހިލުންވެފައިވާ ރާގެއްގައި އެހިއެވެ. މީގެ ކުރިން ދެމީހުން ކިތަންމެ ގާތްކޮށް އުޅުނަސް ކައިވެނި ކައިރިވީ ވަރަކަށް ވިޝާ ފެންނަނީ ލަދުރަކިކަން އިތުރުވަމުން ދާތަނެވެ. ކިތަންމެ ކުޑަ ވާހަކައެއް ބުނަންވެސް ހުއްދަ ހޯދަފާނެއެވެ. މިހާރު އަދި އޭނާ އުޅޭ ކޮޓަރިއަށްވެސް ނުވަދެއެވެ. ޝަލީންގެ އުދަނގޫ ބޮޑުވެ ކިޔެވި ދުވަސްވަރު ދެމީހުން ހޯމްވޯކް ހަދަންވެސް ތިބެނީ ކޮޓަރިތަޅުލައިގެންނެވެ. ވިޝާއަށް އެބަދަލު އަންނަކަން އެންމެ ފުރަތަމަ ފާހަގަވީ ޝާހަމް ބޭރުގައި ކިޔަވަން ހުރެފައި އައިފަހުންނެވެ. ގިނަ ދުވަސްތަކެއްގެ ދުރުމިން އެދެމެދުގައި ލަދުވެތިކަމުގެ ފާރެއް ލައިފިކަހަލައެވެ.

"ކިޔާބަލަ!" ޝާހަމް ފޯނުން ނަޒަރު ވަކިކޮށްނުލާ އިނދެ ހުއްދަދިނެވެ. "މިއަދު ހަވީރު ހިނގާބަލަ އަހަރެން ގޮވައިގެން އެކުވެރިންތަކަކާ ބައްދަލުކޮށްލަން ދާން. ވަރަށް ގިނަދުވަސްވެއްޖެ އެމީހުންނަށް ޝާހަމް ބައްދަލުނުކޮށްދީގެން ކިޔާތާ." ވިޝާ ރަކިގޮތަކަށް ހީލަމުން ކިޔައިދިނެވެ. ޝާހަމް ވަގުތުން އެއްބަސްވެ ބޯޖަހާލައިފައި ކޮޓަރިއަށް ދާން ވެގެން ތެދުވިއިރު ވިޝާ އިނީ އުފަލުން ފޮޅިފައެވެ.

އެދުވަހު ހަވީރު ޝާހަމް ބަލާދިޔައިރު ވިޝާ ފަރިވެގެން ނިކުތްތަން ފެނިފައި ޚުދު ޝާހަމްއަށްވެސް ތައުރީފްކޮށްލެވުނެވެ. ތިވަރުން ދަންޏާ މީހެއްގެ އެސްފީނާ ނުޖެހި ނުހުންނާނެއޭ ބުނެލީ ސަމާސަ ރާގެއްގައެވެ. ވިޝާ އެވަގުތުވެސް މަލެއްހެން މޯޅިވިއެވެ. ދެމީހުން ކާރު މަޑުކޮށްފައި ގޮސް ރެސްޓޯރެންޓަށް ވަދެ ތިއްބާ ވޭޓަރު އައިސް ކުރިމައްޗަށް ހުއްޓިފައި ބޭނުންވަނީ ކޯއްޗެއްތޯ އެހިއެވެ. އެވަގުތު ޝާހަމްގެ ސަމާލުކަމާއި ގުޅުނީ އެއަޑެވެ. އޭނާ ތެޅިގަނެފައި ބަލާލި ވަގުތު މެއަށް ފިނިވެގެން ދިޔައެވެ. ކުރިމަތީގައި މެނޫ ދިއްކޮށްލައިގެން ހުރީ ލިޒްއެވެ.

 

ކޮމެންޓް 0