ގުޑްމޯނިން!" ވިޝާ ފާޑަކަށް ހުރެލާފައި ދުއްވައިގަނެގެން ގޮސް ބޭރަށް ނިކުތެވެ. "ގުޑްމޯނިން ވިޝް." ވިޝާ ގޮސް ގެއްލުމުން ޝާހަމް އެނދުން ތެދުވެފައި އެކަނި ހުރެ ކިޔައިލިއެވެ. ފާޚާނާއަށް ނުދެވި އުޅެނިކޮށް ސައިޑު ޓޭބަލް މަތީ އޮތް ފޯނަށް މެސެޖެއް އައިސްގެން ބަލައިލެވުނެވެ. ޒިޔާން އެދިފައި އޮތީ ބައްދަލު ކުރުމަށެވެ. ޝާހަމް ޒިޔާން ނަންބަރަށް ޑައިލްކޮށްލައިފައި ގޮސް ބެލްކަންޏަށް ނިކުތްތަނާ އެކޮޅުން ވަރަށް އަވަހަށް ޖަވާބުދިނެވެ. އޭނާ ޒިޔާންއާ ވާހަކަދައްކަން ހުރެފައި އެއްލިކަޅިއަކުން ވިޝާ ފެނިގެން ސަމާލުކަން ދެވުނެވެ. ކޮފީމަގެއް ހިފައިގެން ވިޝާ ގޮސް އިށީންދެލީ ގޯތިތެރޭ ބަހައްޓާފައި ހުރި ވަށްމޭޒުގެ ދޮށުގައެވެ. ޝާހަމްގެ ހަނދާނަށް އެވަގުތު އައީ ވިޝާ ރޭގައި ރުއި ރުއިމާއި މަޢާފަށްއެދިފައި ކުރި އާދޭހެވެ. ސުވާލުމާކުން ފުރިފައި ހުރެގެން ބުމަ ކައިރިކޮށްލެވުނެވެ. ޒިޔާން ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭނެކަމަށް ވަޢުދުވެ ފޯނު ބާއްވާފައި އޭނާ އަދިވެސް ބަލަން ހުރީ ވިޝާއަށެވެ. ނޭނގުމުގެ ތެރޭގައި އިނދެގެން އިރުކޮޅަކުން ވިޝާވެސް މަތި ބަލާލައިފިއެވެ. ހަތަރުކަޅި ހަމަވުމުން ވިޝާގެ މެއަށް ފިނިވެގެން ދިޔައެވެ. އެހާ ދުރުންވެސް ޝާހަމް އޭނާގެ ހިތަށް ބާރު ފޯރުވުމުގައި ކާމިޔާބު ހޯދައިފިކަން ޔަޤީނެވެ. އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނާ އެސްފިޔަތައް ތިރިކޮށްލާފައި ބަލަންފެށީ ތިރީގައި އޮތް ވިނަގަނޑަށެވެ.

"މާ އަވަހަށް ހޭލެވުނީތަ؟ ނޫނީ ރޭގަ އެއްގޮތަކަށްވެސް ނުނިދަނީތަ؟" ދާދިކައިރިން ޝަލީންގެ އަޑު އިވިގެން ވިޝާ ސިހިފައި ބަލާލިއިރު ހެވިލާފައި ހުރެގެން އެދިމާއަށް އާދެއެވެ. ވިޝާ ރަކިވެގެން ތުންފަތުގައި ދަތް އަޅައިލިގޮތް ފެނުމުން ޝަލީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "އައެމް ހެޕީ ފޯ ޔޫ ވިޝް." ޝަލީން އަތުގައި ހުރި ޖޫސްތަށިން ކޯވަރެއް ދަމާލައިފައި އިށީންދެލީ ކުރިމަތީ ހުރި އަނެއް ގޮނޑީގައެވެ. ދަލުން ތެމިފައިވާ ޓީޝާޓާއި ކަކުލާއި ހަމައަށް އަންނަ ޓައިޓްކޮޅެއްގައި ޓެނިހަށް އަރާލައިފައި ހުރުމުން ޝަލީން އެއައީ ކަސްރަތުކޮށްފައިކަން ދޭހަވިއެވެ. ވިޝާ ދެއްކުމުގެ ހިނިތުންވުމަކާއެކު ޝާހަމް ކޮބައިތޯ ބަލައިލިއިރު ފެންނަން ނެތުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ.

"ހަނީމޫނަށް ދަނީ ކޮންތާކަށް؟" ޝަލީން އިނީ އޮޅުންފިލުވާ ހިތްވެފައެވެ. އެވަގުތު ވިޝާގެ މޫޑު ކުރިއަށްވުރެ ގޯސްވިއެވެ. "މިހާ މޫސުން ގޯސްކޮށް އުޅޭ ދުވަސްވަރެއްގަ ތަނަކަށް ދާކަށް އަހަރެން ބޭނުމެއް ނުވޭ. ތަންކޮޅެއް ފަހުންވެސް އަދި ހަނީމޫނަށް ދެވިދާނެ." ވިޝާ ބަހަނާއެއް ހޯދައިލިއެވެ. އޭނާ ކޮފީމަގުން ކޯވަރެއް އެތެރެއަށް ދަމާލައިފައި ފޯނަށް އައިސް ހުރި މެސެޖްތަކަށް ޖަވާބު ފޮނުވަން ފެށިއެވެ. ކައިވެނި ހަފްލާގައި ބައިވެރި ނުވެވުނު އެކުވެރިންގެ މުބާރިކްބާދީ މެސެޖްތަކުން ލުއި ނަމަވެސް ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.

"ދަނީ އިނގޭ. ފެންނުވަރާ އިންދަ މަންމައަށް ފެނިއްޖެއްޔާ ރުޅިގަދަވެދާނެ." ޝަލީން ޖޫސްތަށީގެ ފަހު ކޯވަރު ދިރުވާލައިފައި ތެދުވެގެން އެތެރެއަށް ދުވިއެވެ. ދޮރާއި ހަމައިން ފެނުނު ނޯކަރު ކުއްޖާއަތަށް ހުސްތަށި ދީފައި އޭނާ ގޮސް ސިޑީގެ ފުރަތަމަ ހަރުފަތުގައި ފައިއަޅައިލުމާއެކު ބޮލުގައި ރިއްސައިގަތްލެއް ބާރުކަމުން ތަންދޮރު ވަކިނުވާވަރުވިއެވެ. ބާރުބާރަށް އަތްގަނޑުގައި ހިފާ ބާރުކޮށްލައިގެން ހިނގައިނުގަނެވިފައި ހުންނަން ޖެހުނެވެ. މަޑުމަޑުން ތިރިވެ ހަރުފަތުގައި ފޫޖައްސާލައިގެން އިންދާ މަންމަ އައިސް ގޮވާއަޑު އިވުނީ ހުވަފެނެއްގައި އޮތްވާ ގޮވާލުމުން އިވޭފަދައިންނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

"ސަމެންތާ ދޭބަލަ ޝާހަމްއަށް ގޮވަން. ބުނޭ ޝަލީން އަނބުރައިގަތް ވާހަކަ." ނަޖުމާ ޝަލީންކައިރީ ކުޑަކަކޫ ޖަހައިގެން އިނދެފައި އެދިމާއަށް އައިސް ހުއްޓުނު ސަމެންތާއަށް އެންގިއެވެ. ސަމެންތާ ދުވެލާފައި ސިޑިން މައްޗަށް އަރައިގެން ގޮސް މިނިޓެއްގެތެރޭ ޝާހަމް ހަމަ އެހާ ބާރުމިނުގައި ތިރިއަށް އައެވެ. "ކިހިނެތްވީ ކޮއްކޮއަށް؟" ޝާހަމްގެ ނޭވާ ހުރީ އަވަސްވެފައެވެ. އޭނާ ފައިބައިގެން އައީ ގަޔަށް ޓީޝާޓެއްވެސް ނުމަހައި ފެންވަރައިގެން ނިކުމެލީ ޖިންސާއެކުގައެވެ. ނަޖުމާ ބާރުބާރަށް ގޮވައިގަތް އަޑަށް ވިޝާވެސް ބޭރުގައި އިނދެފައި އައިސް ގެއަށް ވަނެވެ. ޝާހަމް ގުދުވެލާފައި ޝަލީން އަތްދަނޑިމައްޗަށް ލައިގެން އަރަންފެށުމުން އޭނާވެސް އެދިމާއަށް ދިޔައެވެ.

އެނދުގައި ޝަލީން ބާއްވާފައި ފެންފޮދަކުން މޫނު ތެންމާލުމުން އެސްފިޔަތައް ތަޅުވާލައިފައިވެސް ލޮލެއް ނުހުޅުވިއެވެ. ޝާހަމް ކަންބޮޑުވީ އެތަން ފެނިފައެވެ. އޭނާ ހަށަން ބަނދެލައިގެން ދުރުގައި ހުރެފައި މަންމަ ތެދުވުމުން ޝަލީންގެ މަގަތުގައި އިށީންދެ ގޮވަންފެށިއެވެ. "ޝާހަމް އޭނައަށް ނުގޮވާ ބާއްވާ. ކުރީފަހަރަކު އަލޫކްވެސް އޭނައަށް މިކަހަލަ ގޮތެއް ވެގެން ގެނެސް ނިންދަން ބޭއްވީމަ ރަނގަޅު ވެގެން އަމިއްލައަށް ތެދުވީ." ނަޖުމާ ކުރީގެ ހަނދާނެއް އާކޮށްލަމުން ކިޔައިދިނެވެ. ޝާހަމް މަންމަގެ ވާހަކަ ޤަބޫލު ކުރަން ބޭނުން ވިއަސް ހިތް އޮތީ ނުތަނަވަސްވެފައެވެ. އެކަމަކު ދެކޮޅެއް ނުހަދައެވެ.

"ޝަލީއަށް ކީއްވެ އެހެން އެވަނީ؟" ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ތިބެގެން ދެމީހުން އެކީ ގޮސް ކޮޓަރިއަށް ވަދެފައި ވިޝާ ބުނެލިއަޑު އިވުނެވެ. ވިޝާ ފަހަތުން އައިކަން ޝާހަމްއަށް އެނގުނީ އެހިސާބުންނެވެ. އޭނާ ފަސްއެނބުރި ބަލައިލިއިރު ވިޝާ ބަލަހައްޓައިގެން ހުއްޓެވެ. "މަންމަ އެބުނީނު ކުރިންވެސް އެހެންވިޔޭ. ކުރީގެ ހަނދާންތައް އަނބުރާ އަންނަނީތަ؟" ވިޝާ އިތުރަށް އަހައިލިއެވެ. "ހީވަނީ އެހެން." ޝާހަމް ކުރު ޖަވާބެއް ދީފައިގޮސް ޑްރެސިންޓޭބަލް ކުރިމައްޗަށް ހުއްޓުނެވެ. ވިޝާ ގޮސް ވަނީ ފާޚާނާއަށެވެ. މާގަނޑު ދަށުގައި ހުރެގެން އޭނާ ވިސްނީ ހަނީމޫން ދަތުރު ކެންސަލްކޮށްލަން ޝާހަމް ކައިރީ ބުނާނެ ގޮތަކާމެދުގައެވެ. ފުރަތަމަ މިކައިވެންޏަކީވެސް ޝާހަމް އަމިއްލައަށް ބޭނުންވެގެން ކުރި ކައިވެންޏެއް ނޫނެވެ. ވީއިރު ހަނީމޫނަކީ ސުވާލެއްވެސް އުފެދޭނެ ކަމެއް ނޫނެވެ. ދެރައީ ޝާހަމްއަށް ވެފައި ހުރިވަރު ކުރިން އިހްސާސް ނުވީމައެވެ. އެކަމަކު އަދިވެސް ޝާހަމް އޭނާދެކެ ލޯބިނުވެއޭ ހިތަށް އަރާއިރަށް ކަރުނައިގެ ތެރެއަށް ހިތް ގެނބިގެން ދެއެވެ. އޭނާގެ ހިތުގައި އޮތް އެންމެ ބޮޑު ސުވާލަކީ ޝާހަމް އޭނާ މަތިން ފޫހިވި ސަބަބެވެ. އޭނާދެކެ ވީ ލޯބި ފުހެވި އެލޯބި ލިޒްއަށް ބަދަލުވެގެން ދިޔަ ގޮތެވެ. ކިހިނެތްކަން ނޭނގުނަސް އޭގައިވެސް ކުށް އޮންނާނީ ޚުދު އޭނާގެ ކަމުގައި ވިޝާއަށް ޤަބޫލު ކުރެވުނެވެ.

ރޯބްމަހާލައިގެން ނިކުމެ ބަލާލިއިރު ޝާހަމް އެއް ނެތެވެ. ވިޝާ ގޮސް އެނދުގައި އިށީންދެ އިންއިރު ތެމިފައިވާ އިސްތަށިގަނޑު ތިންކަކަށްފަހު ތިއްކެއް ވެއްޓި ރޯބްތެރެއަށް ވިރެމުން ދިޔައެވެ. ގަނޑުވެފައިވާ ބުދެއްހެން އެގޮތުގައި އިންދާ ޝާހަމް ދޮރު ހުޅުވާލައިފައި ވަންއަޑަށް އެދިމާއަށް ބަލައިލެވިއްޖެއެވެ. ހަތަރުކަޅި ހަމަވާނެ ފުރުސަތެއް ނުދީ ވިޝާ އަވަހަށް އިސްޖަހައިލިއެވެ. އެވަގުތު ޝާހަމް އައިސް އިށީންދެލީ ދާދި ގާތުގައެވެ. ދެފަރާތުން އަތް ވިއްދާލައިގެން އިނދެފައި ވިޝާގެ މޫނަށް އޭނާ ބަލައިލީ ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވެފައިކަން ދޭހަވިއެވެ. ވިޝާ ނުބަލާ އިންދާވެސް ޝާހަމްގެ ތޫނު ނަޒަރު އިހްސާސްވެގެން މޫނު ރަތްވިއެވެ. ކުރާނެ ކަމެއް ނޭނގިގެން ދަތްއަޅައިލެވުނީ ތިރީ ތުންފަތުގައެވެ.

"ވިޝް. އާ ޔޫ އޯކޭ؟" ޝާހަމް ވިޝާގެ އަތުގައި ހިފާލިއިރު ފިނިކަމުން ސިހުމެއް ލިބުނެވެ. އެވަގުތު އެބީހުމުން ވިޝާގެ ހަށިގަނޑުގައިވާ ހުރިހާ ނާރަކަށް ވާންވެލިއެވެ. އެނބުރި ބަލައިލި ނަމަވެސް އޭނާއަށް އިނދެވުނީ ޖަވާބު ދޭން ނޭނގިފައެވެ. "އެނގެއެއްނު އަހަރެން ކެއަރ ކުރާވަރު." ޝާހަމް އަނެއް އަތް އުފުލާލައިފައި ވިޝާގެ ކޯތާފަތުގައި ތަތްވެފައި އޮތް އިސްތަށިކޮޅެއް އެއްފަރާތް ކޮށްލަދިންއިރު އިނގިލިތައް ބީހުނެވެ. ތެޅިގެންފައި ވިޝާއަށް ތެދުވެވުނީ ކޮޅަށެވެ. އެކަމަކު ޝާހަމް އަދިވެސް އަނެއް އަތުގައި ހިފަހައްޓައިގެން ހުރުމުން ފުރަގަސްދީފައިވެސް ދުރަކަށް ނުދެވުނެވެ.

"ބުނެބަލަ! ކީއްވެ ރޭގަ އެހާ ދެރަވެގެން ރުއީ؟ އަހަރެންނަށް ނޭނގުމުގެ ތެރޭގަ ވިޝް ދެރަވާކަހަލަ ކަމެއް ކުރެވުނީތަ؟" ޝާހަމް އިތުރަށް ކުރި ސުވާލުތަކުން ވިޝާގެ ހިތަށް ކުރި އަސަރަކުން ލޯ ފުރިގެން އައެވެ. ވިޝާ ކުއްލިއަކަށް އެނބުރި ބަލާލިއިރު އޭނާއަށް ފެނުނީ ބޮޑު ބޮޑު ދެލޮލުން ތިރިއަށް ރޮނގުދެމެމުން ދިޔަ ދެ ކަރުނަ ތިއްކެވެ. އެވަގުތު އިޚުތިޔާރެއް ނެތި އެއަތަށް ދަމާލައިފައި އަނެއްކާ ގެނެސް ކައިރީގައި ބައިންދާލެވުނެވެ.

"ވަޓް؟" ޝާހަމް ބުމަ ކައިރިކޮށްލަމުން އެހިއެވެ. ވިޝާ ޖަވާބެއް ނުދީ ބަލަބަލާފައި ފެނުނީ އިސްޖަހައިލިތަނެވެ. "ވިޝް! ކިހިނެތްތަ ތިވަނީ؟ އަހަރެން މިވަރަށް ސުވާލުކުރާއިރު ކީއްވެތަ އެއްވެސް ޖަވާބެއް ނުދެވިގެން ތިއުޅެނީ؟" ޝާހަމް އެންމެފަހުން އަތުން ދޫކޮށްލައިފައި މަޑުމަޑުން ކޯތާފަތް ފުހެދޭން ފެށިއެވެ. "އަނެއްކާ މިކައިވެނި ކޮށްފަ ރިގްރެޓްކުރަނީތަ؟" ޝާހަމް އެންމެ ބުނަން ބޭނުން ނުވި ޖުމްލަވެސް ދުލާއި ހަމައަށް ގެނައެވެ. އެހެން ބުނަން ޖެހުނީ ރޭގައި ސޯފާމަތީ އޮތް އަލްބަމް މަތިން ހަނދާންވެފައެވެ. ފަހަރުގައި އޭގައި ހުރި ފޮޓޯތައް ފެނިގެން ވިޝާގެ ހިޔާލު ބަދަލުވީ ކަމަށް ވެދާނެ ކަމުގައި ވިސްނުނީއެވެ. ނަމަވެސް އޭނާ ސުވާލުކޮށް ނިމުނުއިރަށް ވިޝާ އަވަހަށް ލޯބޮޑުކޮށްލައިފައި ދެފަރާތަށް ބޯހޫރަން ފެށިއެވެ.

"އޯލްރައިޓް. ދެން ހުއްޓާލާ!" ފޯނު ރިންގް ވާން ފެށުމުން ޝާހަމް ތެދުވެފައި ޖީބުގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. "ޒިޔާން އެގުޅަނީ. އޭނައަށް މުހިންމުކަމެއް ކޮށްދޭން އެއްބަސްވެފަ އޮތީމަ އެހެންވެ މިދަނީ. އަހަރެން އަންނަންދެން މަޑުނުކޮށް ސައިބޮއިގެން އިންނާތި." ޝާހަމް ނުހަނު އޯގާތެރިކަމާއެކު ވިޝާގެ ކޯތާފަތުގައި ހިފަހައްޓާލައިފައި ނިކުމެގެން ދިޔައެވެ.

*****

އިމާދު ދައުވަތު ދީގެން ނާސްތާގަޑިއަށް ފިރުދައުސްމެން ދެމަފިރިންނާއި އަލޫކްއައެވެ. ޝާހަމް ނެތިގެން ސުވާލުކޮށްލުމުން ޖަވާބުދިނީ ވިޝާއެވެ. އެވަގުތު ފިރާޝާއާ ފިރުދައުސް އެކަކު އަނެކަކަށް ބަލާލައިފައި ހިނިތުންވެލިއެވެ. އަންހެން ދަރިފުޅުގެ ހުރިހާ ހުވަފެންތަކެއް ފުރިހަމަކޮށްދެވުމުން އެދެމަފިރިން ތިބީ އިންތިހާއަށް އުފާވެފައެވެ. އަދި ވިޝާގެ މޫނަށް ބަލާފައި އެމީހުންގެ ގުޅުންވެސް ހީކުރި ވަރަށްވުރެ ރަނގަޅުކަމަށް ޤަބޫލު ކުރެވުނެވެ.

ނާސްތާއިން ނިމިގެން އެންމެން ނިކުތްގަޑީގައި ސިޑިން ފައިބައިގެން އައި ނުދަންނަ ޒުވާނާ އަލޫކްގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު އިމާދު ގޮވައިލުމުން އެޒުވާނާ އައިސް ހުއްޓުނީ އެމީހުންގެ ކައިރިއަށެވެ. "ފިރުދައުސް! މީ ޑޮކްޓަރ ޝިވަމް. ޝަލީންގެ ސައިކޭޓްރިސްޓް." ފިރުދައުސް ތައާރަފް ކޮށްދިނެވެ. ފިރުދައުސް ލުއި ހިނިތުންވުމަކާއެކު ސަލާމަށް އަތް ދިއްކޮށްލުމުން ޝިވަމް އޭގެ ޖަވާބުދީފައި ސަލާމްކޮށްލިއެވެ. އެއަށްފަހު އިމާދުއާ އެކު ދޮރާއި ހަމައަށް ދިއުމުން އަލޫކް މިސްރާބު ޖެހީ މައްޗަށެވެ.

ދޮރުފަތުގައި ޓަކި ޖަހާލައިފައި ޖަވާބެއް ނުލިބުމުން އަލޫކް ދޮރު ހުޅުވައިލިއެވެ. ޝަލީން އެނދުން ތިރިއަށް ދެފައި އެލުވާލައިގެން އިނީ ވިސްނުމެއްގައި އިން ކުއްޖެއް ފަދައިން ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. އަލޫކް ގޮސް ކައިރީގައި އިށީންދެފައި ކުޑަކޮށް ކަރުކެހިލުމުން ކުއްލިއަކަށް ބަލާލިއެވެ.

"ފީލިން އޯކޭ؟" އަލޫކް އޯގާތެރި އަޑަކުން އެހިއެވެ. ޝަލީން ލުއި ހިނިތުންވުމަކާއެކު ބޯޖަހައިލިއެވެ. "ކޮންބައެއް އައިސް އުޅެނީ؟" އެހިސާބުން ޝަލީންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލިއެވެ. "އަހަރެމެން އެންމެން. އަހަރެން ހީކުރީ ޝަލީވެސް ބައިވެރިވާނެ ކަމަށް. ޑޮކްޓަރ ނިކުމެގެން އެދިޔައީ ވަކި ހާއްސަކަމަކާ ގުޅިގެންތަ؟" އަލޫކް ޖަވާބުދީފައި އަނެއްކާ ކުރީގެ މައުޟޫއަށް ވާހަކަ ގެންދިޔައެވެ. އޭނާ އޮޅުންފިލުވަން ވެގެން އެހުމުން ޝަލީން ބުނީ ހަމަ އާދައިގެ ސެޝަންއެއް ކަމުގައެވެ.

"އަހަރެން މިއުޅެނީ ޖޮބަށް ދާ ވާހަކަ ބައްޕަމެން ކައިރީ ބުނަން." ޝަލީން ހިމޭނުން އިނދެފައި ކުއްލިއަކަށް ބުނެލިއެވެ. އަލޫކް ބުމަ އަރުވައިލީ ކީއްވެހޭ އަހައިލާފަދަ ގޮތަކަށެވެ. "ހިތަށް އެރީ ސިއްރު ކުރުމުގެ މާނައެއް ނެތޭ. އެހެން އުޅެނިކޮށް ފަޅާއެރީމަ ބައްޕަ ރުޅިއަތުވެދާނެ. އެކަމަކު އަހަރެން އެގޮތް ބޭނުންވެގެން ރީތިކޮށް ބުނެފިއްޔާ ބައްޕަ ހިއެއްނުވޭ މިހާރު ދެކޮޅު ހަދާނެ ހެނެއް." ޝަލީން ސަބަބު ބުނެދިނެވެ. އަލޫކްވެސް ބޯޖަހައިލީ ޝަލީންގެ އެހިޔާލަށް ތާއީދުކޮށްފައެވެ.

މެންދުރު ފަސް ވަންދެން ރީތިކޮށް އޮވެފައި އަނެއްކާވެސް މޫސުން ގޯސްވާން ފެށިއެވެ. ޝާހަމް ގެއަށް އައިސް ވަންއިރު ވިޝާ އިނީ ކޮޓަރިތެރޭގައި ވާހަކަ ފޮތެއް ހުޅުވައިގެންނެވެ. ޝާހަމް އަވަސް އަރުވާލައިފައި ޓީޝާޓް ބާލައި ބޮލުން ވަކިކޮށްލުމަށްފަހު ޓައިލްސް މައްޗަށް ދޫކޮށްލައިފައި ގޮސް ފާޚާނާއަށް ވަންއިރު ވިޝާ ވަށްކަޅިން ބަލައިލިއެވެ. އޭނާ ތެދުވީ މާގަނޑު ދޫކޮށްލި އަޑު އަހައިފައެވެ. ކުދި ފިޔަވަޅުތަކެއްގައި ގޮސް ޓީޝާޓް ނަގައި ދާވަށިގަނޑަށް ވައްޓާލައިފައި އަނެއްކާ އައިސް އެނދަށް އަރައި ފޮތް ހުޅުވައިލިއެވެ. ގިނައިރެއް ނުވެ ޝާހަމް ފެންވަރާ ތާޒާވެލައިގެން ނިކުތެވެ. ވިޝާގެ ސަމާލުކަން ފޮތުން ނެއްޓި ޝާހަމްގެ ރީތި ހަށިގަނޑަށް ހުއްޓާލައިގެން އިނދެވުނީ އެސްފިޔަ ޖަހައިލަން ނޭނގިފައެވެ. އަނދެގެން ހުރި ތުވާއްޔާއެކު ޖިންސްލައި ގޮށް އަޅުވާލައިފައި އެނބުރުނުތަން ފެނިގެން އޭނާ އަނެއްކާވެސް ފޮތް ކިޔާކަމަށް ހެދުނެވެ. އެހެން އިންދާ ޝާހަމްގެ ފިޔަވަޅުތައް އެދިމާއަށް އަންނަކަމުގެ އިހްސާސް ކުރެވި މޭގަނޑު ފިނިވިއެވެ.

"ވަރަށް ޓަޔަޑްވެފަ މިހުރީ. ކުޑަކޮށް ނިދާލައިފަ ތެދުވާނީ." ވިޝާ ވިސްނާނެ ފުރުސަތެއްވެސް ނުދީ ޝާހަމް އައިސް އެނދަށް އަރައި ދާދި ގާތަށް ވެއްޓިގެންފިއެވެ. އެވަގުތު އޭނާ ބޭރަށް ލައިލައި ހުރި ނޭވާ ތާށިވީ ކަރުތެރޭގައެވެ. ތަނެއް ގުޑުވާލިއަސް ޝާހަމް ގައިގަ ޖެހިދާނެތީ ނުކެރިފައި އިނދެގެން މޫނު އަނބުރާލިއިރު ބާލީހުގައި ބައްދާލައިގެން އޮވެ ލޯމަރާލައިފިއެވެ. ވިޝާއަށް ހަމަ ނޭވާ ލެވުނީ ޝާހަމް އެލޯ ނުހުޅުވައި އޮވެ މިނިޓެއް ފާއިތުވެ ދިޔަ ފަހުންނެވެ. ހަރަކާތްތެއްވެސް ކޮށްނުލާ އޮވެ ފުން ނިދީގެ ތެރެއަށް ޤަރަގުވެގެން ދިޔަތަން ފެނިފައި އޭނާއަށް ފުރުސަތު ލިބުނެވެ. ފޮތް އެއްފަރާތުގައި ބާއްވާފައި އެދިމާއަށް އަރިވެލައިގެން އެރީތި މޫނަށް ބަލަން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގުނެވެ. ނޭނގުމުގެ ތެރޭގައި އަތް ތިރިކޮށްލެވި ޝާހަމްގެ ފަން އިސްތަށިކޮޅާއި ކުޅެލެވުނުތަނާ ނިދީގައި ނިއްކުރިއަށް ރޫއަރުވައިލުމުން ސިއްސައިގެން ދިޔައެވެ. ޝާހަމް ހޭލަނީ ކަމަށް ހީކޮށްފައި އަވަހަށް އަތް ދުރަށް ޖައްސާލުމަށްފަހު އޭނާ ދެން އޮތީ ކައިރީގައި ބަލާށެވެ.

ޝާހަމް ނިދާނެހާ އިރަކު ނިދާފައި ހޭލަންދެން ފޫހިކަމެއް ނެތި ބަލަން އޮވެ ވަގުތު ދިޔަގޮތެއްވެސް ވިޝާއަކަށް ނޭނގުނެވެ. އޮއްސެން ކައިރިވެފައިވާ އިރާއެކު ކޮޓަރިތެރެ އަނދިރިވަމުން ދިޔައިރު އަދިވެސް އޭނާ އޮތީ ޝާހަމްގެ މޫނާއި މޫނު ޖެހޭ ހިސާބުގައި އަރިއަކަށް އޮށޯވެ އެމޫނަށް ބަލާށެވެ. ނިދި ހަމަވުމުން ޝާހަމް ލޯހުޅުވައިލީ ވިޝާ ކުޑަކޮށްވެސް އުންމީދުނުކޮށް އޮތްވައެވެ. އެވަގުތު ލިބުނު ސިހުމަކުން އަވަހަށް ފުންމައިގެން ތެދުވެފައި ފަހަތަށް ޖެހިލެވުނީ މާބޮޑަށެވެ. ވިޝާއަށް ވާނުވާ އެނގުނުއިރު ވެއްޓި ޖެހިފައި އޮތީ ޓައިލްސް މަތީގައެވެ. އެވަގުތު ޝާހަމްވެސް ފުންމައިގެން ތެދުވެފައި "ވިޝް"އޭ ކިޔާ ގޮވައިލިއެވެ.

"ކިހިނެތް ތިހެދީ؟" ޝާހަމް އެނދުގެ މަގަތަށް ޖެހިލާފައި ވިޝާގެ މޫނަށް ބަލަމުން އެހިއެވެ. ތެދުވެ އިށީންއިރު ވިޝާ އިނީ އަނގަ ސަކަރާތްވެފައެވެ. އެހާ ރީތިކޮށް ބޭޒާރުވުމުން ލަދުވެސް ގަތެވެ. އޭނާ އުޅަބޮށީގައި ފިރުމާލަން އިންދާ ދެން އިވުނީ ޝާހަމް ހޭންފެށި އަޑެވެ. އޭނާ ތެޅިގަނެފައި ޤަބޫލު ނުކުރެވިގެން އެދިމާއަށް މޫނު އަނބުރާލުމުން ޝާހަމް އަނގަމަތީ އަތް އެޅިއެވެ. އެވަރުންވެސް ހުނުމުގެ އަޑެއް ނުކެނޑުނެވެ. ވިޝާ އިތުރަށް ރަކިވީ ދެނެވެ. ހަދާނެގޮތެއް ނޭނގިގެން އެހެން އިނދެފައި ޝާހަމް ހުނުން ނުހުއްޓުމުން ރުޅިއައިސްގެން ކުޑަކުއްޖެއްހެން ތުންކޮޅު އޫކޮށްލިއެވެ.

 

ކޮމެންޓް 0