ލޫކް އަހަރެން އެބަ ބިރުގަނޭ." މައި ދޮރުން ވަންއިރު ޝަލީންއަށް އަލޫކް އަތަށް ބާރުކޮށްލެވުނެވެ. ސިހޭގޮތްވެފައި އަލޫކްއަށް ބަލައިލެވުނީ ފުރަތަމަ އެއަތަށެވެ. ދެން ޝަލީންގެ ރީނދޫވަމުން އައި މޫނަށެވެ. "އަހަރެންނަކަށް ނޭނގެ އެކައްޗެއްވެސް. އެކަމަކު އަހަރެންނަށް އިހްސާސް އެބަކުރެވޭ ނުހައިކް އަހަރެންދެކެ ރުޅި އެއަންނަނީ އަހަރެންނަށް ކުރެވިފަ ހުރި އެފަދަ ބޮޑު ކަމެއްގެ ސަބަބުންކަން." ޝަލީން ހަތަރުކަޅި ހަމަކޮށްލާފައި ކިޔައިދިނެވެ.

"ވެދާނެ ތީ ތެދަކަށް. ގައިމުވެސް އަހަރެން ދަންނަ ޝަލީއަކީ ދުޝްމަނުން ގިނަ ކުއްޖެއް." އަލޫކް ލާނެތް ހިނިތުންވުމަކާއެކު ރައްދު ދިނެވެ. ޝަލީން އަޖައިބުވެފައި ހަމަތެދެއްހޭ އަހައިލުމުން އޭނާ ބޯޖަހައިލީ އެއީ ތެދެއްކަން އަންގައިދިނުމުގެ ގޮތުންނެވެ. "އޯހ ނޯ." އަލޫކްގެ ވާހަކައަށްފަހު ޝަލީން އިތުރަށް ކަންބޮޑުވެގެން ކިޔައިލިއެވެ. ލިފްޓުން ނިކުމެގެން ދެމީހުން އެކުގައި ގޮސް ރިސެޕްޝަނުގައި އިން ކުއްޖާއާ ވާހަކަދެއްކީ އަލޫކްއެވެ. ޝަލީން ހިމޭނުން ހުރެގެން ވަށައިގެން ލޯ ހިންގިއިރު އެހެން ދިޔަ ކޮންމެ މީހަކުވެސް އޭނާއަށް ބަލައިލަނީ ދެކެފަރިތަ އެކުވެރިއެއް ފަދައިންނެވެ.

"ފަޞީހު ސަރ އެންގެވީ ތިބޭފުޅުން އެތެރެއަށް ވެންނެވުމަށް." ރިސެޕްޝަނުގައި އިން އަންހެންކުއްޖާ ފޯނުގެ އަތްގަނޑު ބާއްވާފައި ބުނެލިއެވެ. އަލޫކް ހިނިތުންވުމަކާއެކު ޝުކުރު އަދާކުރިއިރު ޝަލީންގެ ސަމާލުކަން ހޯދަންވެގެން ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު ދެމީހުން އެތަނުން ދުރަށް ޖެހިލާފައި ގޮސް ފަޞީހުގެ ކެބިންއަށް ވަންއިރު އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އެމީހުން ފެނިގެން އަވަހަށް ފޯނު ބާއްވާފައި އިށީންނަން އިޝާރާތްކޮށްލިއެވެ.

"ހާދަ ނުގަޑިއެއްގައި ތިއައީ ހާއްސަކަމެއް އޮތީތަ؟" ފަޞީހު ވާހަކަދެއްކިވަގުތު ޝަލީންއަށް ކަޅިއެއް އެއްލިކަން އެދެމީހުންނަށްވެސް ފާހަގަވިއެވެ. "ވެލް...ކޮންމެވެސް ކަމަކާ ގުޅިގެނެއްނު ފަޞީހުމެން ކަހަލަ ބިޒީ މީހުންނާ ބައްދަލު ކުރެވޭނީ. އަހަރެން އަސްލު މިއައީ ޝަލީގެ ބޭނުމަކަށް." ޖަވާބުދިންއިރު އަލޫކް އިޝާރާތް ކުރިތަން ފެނިގެން ޝަލީންވެސް ފަޞީހުއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެހިނިތުންވުން ފިލައި ހައިރާންކަމަކަށް ބަދަލުވީ ރައްދުގައި ފަޞީހު ބުނި އެއްޗެއް އަހައިފައެވެ. "ކީކޭ ތިބުނީ؟" ޝަލީން ފަދައިން އަލޫކްއަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ. ދެމީހުން އެކަކު އަނެކަކަށް ނަޒަރެއް ދީފައި އަނެއްކާވެސް ފަޞީހު މޫނަށް ކަޅި ހުއްޓާލައިފިއެވެ. "އަހަރެން މިބުނީ ޝަލީފަދަ މިތަނުގެ މުވައްޒިފެއްގެ ކަމަކާ އެހެންމީހެއްގެ އެހީ ހޯދުމުގެ ބޭނުމެއް އަސްލު ނެތޭ." ފަޞީހު އަދިވެސް އެއްފަހަރު ޖަވާބުދިނެވެ. ކުރިމަތީ ތިބި ދެޒުވާނުން ޔަޤީން ނުކުރެވިފައި ތިބިއިރު އެތަކެއް ސުވާލުތައް އެމީހުންގެ ސިކުނޑީގައި ވިއެވެ.

"ވަޒީފާއަށް ނުނިކުމެ ގިނަ ދުވަސް ވާން ފެށީމަ އަހަރުމެން ޝަލީގެ އެމަޖެންސީ ކޮންޓެކްޓަކަށް ޖަހާފަ އިން ނަންބަރަށް ގުޅިން. ޝާހަމް ކިޔައިދިނީ ޝަލީއަށް ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކަ. އަދި އޭނަ އެދުނުގޮތުގެ މަތިން އެމަޖެންސީ ލީވްވެސް ވާނީ ހަމަޖައްސާދީފަ. މިކޮޅަށް އައިފަހުން ޝާހަމް އައިސް ބައްދަލުކޮށްފަ ދުވަސް އިތުރުކޮށްދޭން އެދުމުން އެކަންވެސް ހަމަޖައްސައިދިނިން. އެކަމަކު މިހާރު ޝަލީ އައިސް ތިއިނީ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ވާހަކަދައްކަން ކަމަށްވަންޏާ މިކޮޅުން ބުނަން އޮތީ ހަމަ މަރުހަބާއޭ." ފަޞީހު އިތުރަށް ފަށައިގެން ކުރިއަށް ގެންދިޔައެވެ.

"ތެންކިއު ސަރ. ތެންކިއު ސޯމަޗް." ޝަލީން ކުއްލިއަކަށް ތެދުވެފައި ކިޔައިލިއެވެ. އެއަޑަށް އަލޫކް ތެޅިގަނެފައި އެމޫނަށް ބަލައިލިއެވެ. އޭނާ ވާހަކަ ދައްކަން އުޅުނުވަގުތު ޝަލީން ފަޞީހުގެ ހުއްދަ ހޯދައިގެން ނިކުންނަން ދާން ފެށުމުން އެކުވެރިޔާއާ ސަލާމްކޮށްލައިފައި ހިތާއި ދެކޮޅަށް ނަމަވެސް ފަހަތުން ދިޔައެވެ.

"ޝަލީ މޮޔަވީތަ؟" ބޭރަށް ނިކުމެފައި އަލޫކް ކުއްލިއަކަށް ޝަލީން އަތުގައި ހިފައި ހުއްޓުވިއެވެ. "މިތާކު ނޫން. ބޭރަށް ގޮސް." ޝަލީން ލޮލު ކޮޅުން ބަލައިލީ ރިސެޕްޝަނުގައި އިން ކުއްޖާއަށެވެ. އަލޫކްއަށް އެކަން ވިސްނިގެން އަތުން ދޫކޮށްލައިފައި ގޮސް ލިފްޓަށް އެރިއެވެ. އިތުރު ދެމީހަކު ހުރުމުން އަލޫކް ބޭނުންވިއަސް ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އޭނާ އިންތިޒާރު ކުރީ ކާރަށް އެރެންދެނެވެ.

"ލޫކް. އައި ނީޑް ދިސް. އައި ނީޑް ދިސް ޖޮބް." ކާރުގައި އެކަނިވުމުން އަލޫކްއަށްވުރެ ކުރިން ޝަލީން ފެށިއެވެ. އަލޫކް އެވަގުތު އެއްޗެއް ބުނަން އުޅެފައި އެއް އަތުން ހިފަހައްޓައިލީ ނިތުގައެވެ. ކާރު ސްޓާޓްކޮށްލުމުގެ ބަދަލުގައި އޭނާ ހިމޭނުން ވިސްނަން އިންތަން ފެނިގެން ޝަލީން ކަންބޮޑުވިއެވެ. "އަހަރެން ޝަލީ ހުއްޓުވަން ބޭނުން ވަނީއެއް ނޫން. އެކަމަކު އަހަރެން ކަންބޮޑުވަނީ މިކަމުން ލިބިދާނެ ގެއްލުމަކަށްޓަކާ. ނުދަންނަ ބައެއްގެތެރޭ އުޅެން ފެށުމުން އޭގެ ނުބައި އަސަރު ފޯރަފާނެތީ ހާސްވަނީ. ޝަލީއަށް އެބަ އެނގޭ ދޯ އަހަރެން މިބުނާ އެއްޗެއް." އަލޫކް ހަތަރުކަޅި ހަމަކޮށްލާފައި ވާހަކަދެއްކިއިރު ފުރަތަމަ ފަހަރަށް އޭނާއަށް އަޅައިލާ މިންވަރު ހާމަވިއެވެ. "ތިކަން އަހަރެންނަށްވެސް ނުވިސްނެނީއެއް ނޫން. އެކަމަކު ނުހައިކް އެއީ އެމީހަކު ފެނިގެން އެއީ އަހަރެން ދެކެފަރިތަ މީހެއް ކަމުގައި ހިތް ބުނި ފުރަތަމަ މީހާ. އަހަރެންގެ މައިންބަފައިންނާ ދޮންބެއާ އެކުވެރިން ކައިރީ އެތައް ދުވަހެއް ހޭދަ ކުރި ފަހުންވެސް ނުފެނުނު ނަތީޖާ ފެނުނީ އެނުދަންނަ ޒުވާނާ ފެނިގެން. އެހެންވެ އަހަރެން މިހުރީ ރިސްކް ނަގަން ތައްޔާރަށް. ހުރިހާވެސް އެދުމަކީ އަހަރެންގެ ހަނދާނުން ކުޑަމިންވަރެއްވެސް ނަމަވެސް އަނބުރާ އިއާދަ ވާނެ މަގެއް ހޯދުން. އެންމެ ބޮޑު ވަރަކަށް އަހަރެންގެ އާއިލާ ކުރިމަތީ އަހަރެންމީ ބީރަތްޓެއްސެއް ނޫންކަމުގެ އިހްސާސް ވާން އަހަރެން ބޭނުން. ސޯ ޕްލީޒް، އަހަރެންނަށް ކަމެއް ކޮށްދެންޏާ މިކަން އެހެން މީހުންނަށް ސިއްރުކޮށްދީ." ޝަލީން ފެންކަޅިވެފައި އިނދެގެން ނުހަނު އަސަރާއެކު ވާހަކަދެއްކިއެވެ. އަލޫކް ޖަވާބު ނުދީ ބަލަން އިންނަން ފެށުމުން އެއަތުގައި ހިފާލައި ފިއްތައިލެވުނީ އާއެކޭ ބުނުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

"ޝަރުތެއްގެ މަތިން." އަލޫކް އެންމެފަހުން އެއްބަސްވާން ނިންމިއެވެ. ޝަލީން ޝައުޤުވެރިވެފައި އިނދެގެން އެއީ ކޮން ޝަރުތެއްތޯ އަހައިލާފަދަ ގޮތަކަށް ބުމަ އަރުވައިލިއެވެ. "ކޮންމެ ދުވަހަކު ޝަލީ އޮފީހަށް އައިސް ގޮސް ވާން ޖެހޭނީ އަހަރެންނާއެކު." އަލޫކްގެ އެދުމަކީ އެންމެގާތުން ވާނުވާ ބެލުމެވެ. ޚުދު ޝަލީންއަށްވެސް އެކަން ވިސްނުނެވެ. އޭނާ ހިނިތުންވެ ބޯޖަހާލި ވަގުތު އަލޫކް އޭނާގެ ކޯތާފަތުގައި މަޑުމަޑުން ޖަހާލައިފައި ކާރު ދުއްވައިލިއެވެ.

ގެއަށް ވަދެވުމުން ޝަލީންގެ ބޭނުމަކަށް ވީ ޝާހަމް ހޯދުމެވެ. ނޯކަރުން ފަރާތުން ދޮންބެ އަދި ހޭލައިގެން ތިރިއަށް ނާންނަކަން އެނގުމުން މާޔޫސްވާ ގޮތް ވިއެވެ. ބައްޕަވެސް އޮފީހަށް ދިއުމުން ގޭގައި އިތުރު މީހަކު ނެތެވެ. މަންމަ ވީ ހިސާބެއް ގޭގައި އުޅޭ ނޯކަރަކަށްވެސް ނޭނގެއެވެ. ޝަލީން ސޯފާއަށް ދެފައި ނަގައިގެން ފޯނާއި ކުޅެން އިންދާ ވިޝާ ގުޅިއެވެ. އެކުވެރިޔާގެ ތަބީއަތު ރަނގަޅު ވާހަކަ ބުނުމުން ޝަލީން ހިތްހަމަޖެހުނެވެ. ވާހަކަ ދައްކަން އިންދާ ޝާހަމް ތިރިއަށް ފައިބާތަން ފެނިގެން އަވަސް އަރުވާލައިފައި ފޯނު ބޭއްވިއެވެ.

"ދޮންބެ ނާސްތާކުރަންތަ ތިދަނީ؟" ޝާހަމްގެ މިސްރާބު ކާކޮޓަރިއަށް ހުރިތަން ފެނިގެން ޝަލީން ތެދުވެފައި ފަހަތުން ހިނގައިގަތެވެ. އެނބުރި ބަލާލައިފައި ޝާހަމް ބޯޖަހާލިއެވެ. ދެބެން ވަދެ އިށީނުމާއެކު ސަމެންތާ އައިސް ޝާހަމްއަށް ނާސްތާ ތައްޔާރުކޮށްދޭން ފެށިއެވެ. "ސެމްތާ ދެން ދިޔަސް އެންމެ ރަނގަޅު." އަވަހަސް ފޮނުވާލަންވެގެން ޝަލީން ދޮންބެގެ ސައިތަށި ގިރައިދޭން ފެށިއެވެ. އެއަޑު އިވިގެން ޝާހަމްވެސް ކޮއްކޮގެ މޫނަށް ބަލައިލިއެވެ. މިއަދު އަނެއްކާވެސް އެއުޅެނީ ވާހަކައެއް ދައްކަންވެގެން ކަން އެނގިގެން އޭނާ ސަމާލުވިއެވެ.

"ދޮންބެ ކީއްވެ އަހަރެން ޖޮބެއްގަ އުޅުނު ވާހަކަ ނުބުނީ؟" ޝަލީން ސުވާލުކޮށްލިއެވެ. އެއަޑު އަހާފައި ޝާހަމް ސިހުނުކަން އަންގައިދިނީ ތަށިތެރެއަށް ދޫވި އުލެވެ. "ތިވާހަކަ އެހެންމީހަކު ކައިރީ ބުނިންތަ؟" ޝާހަމް ކަންބޮޑުވީ އެހެން ކަމަކާއެވެ. ލޮލުގެ ކޮޅުން ދޮރަށް ނަޒަރެއް ދީފައި އޭނާ އަވަހަށް އެހިއެވެ. "އުހު ނުބުނަން." ޝަލީން ޖަވާބުދިންއިރު އަލޫކްގެ ވާހަކަ ނުބުނީ ޝާހަމް އިޝާރާތްކުރީ ހަމައެކަނި އެއާއިލާއަށްކަން އެނގިގެންނެވެ. އެހެންނޫނަސް އަލޫކް އޮތީ އެކަން ސިއްރުކޮށްދޭން އެއްބަސްވެފައެވެ. "ނުބުނީ ޝަލީއަށް ރަނގަޅަކަށް. އެހެންނޫނަސް ބައްޕަ ޤަބޫލެއް ނުވާނެ މިގޭ ކުއްޖަކު އެހެން މީހެއްގެ އޮފީހުގަ މަސައްކަތް ކުރާކަށް." ޝާހަމް ސަބަބު ބުނެދިނެވެ. "އަހަރެން ގަސްތުކޮށްފިން އަލުން އެތަނާ ޖޮއިންވާން." ޝަލީން އިތުރަށް ބުނެލި ވާހަކަވެސް ޝާހަމް ސިއްސުވައިލިއެވެ. "ވަޓް؟" ތުނބާއި ކައިރިކޮށްލި ސައިޖޯޑު ތިރީގައި ބެހެއްޓިލެއް ބާރުކަމުން އެއިން އެތިކޮޅެއް މޭޒަށްވެސް ބަންޑުންވިއެވެ. "ޝަލީ ކައިރީ ދޮންބެ ކިތައްފަހަރު ބުނީމަ ޤަބޫލު ކުރާނީ. ކުރީގެ ހަނދާންތައް ގެންނަން ކީއްކުރަން ތިހާ މަސައްކަތް ތިކުރަނީ. އެހަނދާންތަކާ ނުލާ މިހާރު ތިއުޅޭ ދިރިއުޅުން ވަކި ދެރައީތަ؟" ޝާހަމް ބުމަ ކައިރިކޮށްލައިގެން އިނދެ ދެއްކި ވާހަކައިން ޝަލީން ފިނިވިއެވެ. އޭނާ ދެރަވެ ފެންކަޅިވެފައި އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އޭނާގެ އެމަސައްކަތާއި ގުޅިގެން ދޮންބެ އެހާ ހިތްހަމަނުޖެހެންވީ ސަބަބެއް ނުވިސްނުނެވެ.

"ޝަލީގެ އަމިއްލަ ދިރިއުޅުންވިއްޔަ ދޯ. ދޮންބެ މީ ކާކު ޝަލީގެ އަމިއްލަ ކަންކަމާ ބެހެން. އެމީހަކު އުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށް. ދޮންބެއަށް ހެޔޮ ޝަލީ ކޮންމެތާކަށް ޖޮބަށް ދިޔަސް." ޝާހަމް އެންމެފަހުން ކެއުން މެދުކަނޑާލައިފައި ތެދުވިއެވެ. ހިތްހަމަނުޖެހިފައި ހުރިވަރުން ދޮރާއި ހަމައަށް ދިޔައިރުވެސް އޭނާއަށް ހުރެވުނީ ބުމަ ކައިރިކޮށްލައިގެންނެވެ. އެވަގުތު އެދޮރުން ވަންނަން ވެގެން އައިސް ކުރިމައްޗަށް އެރި ވިޝާ ފެނިފައި ކުއްލި ސިހުމެއް ލިބުނެވެ. "ވިޝް؟" ވިޝާ ވިސްނަފާނެ އެއްޗަކާމެދު ކަންބޮޑުވެފައި ޝާހަމް އަވަހަށް ހިނިތުންވުމެއް ތުންފަތަށް ވެރިކުރެވޭތޯ މަސައްކަތް ކުރިއެވެ. "ޝާހަމް!" ފަހަތުގައި ހުރި ޝަލީންއަށް އިވިގެން ތެދުވެ ބަލަން ހުރުމުން ވިޝާ އުޅުނީ އެތެރެއަށް ވަންނާށެވެ. "ގުޑް ޓު ސީ ޔޫ." ޝާހަމް ވިޝާ ވަންނަން ތަންދައްކާފައި މަޑުމަޑުން ބުނެލިއެވެ. އެޖުމްލައިން ވިޝާގެ އަތްފައި ފިނިވެލިއިރު އާދަޔާ ޚިލާފަށް ހިތް ތެޅިގަތެވެ. ކުދި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެން ދިޔައިރު އޭނާގެ ކަންފަތް ކޮޅަށް ޖެހިފައި ހުރީ ދުރުވަމުން ދިޔަ ޝާހަމްގެ ފިޔަވަޅުގެ އަޑު އެހުމަށެވެ.

ކޮޓަރިއަށް ވަދެފައި ދެއަންހެންކުދިން ތިބީ އެނދަށް އަރައެވެ. ދޮރު ހުޅުވާފައި ހުރުމުން ތާޒާ ވައިރޯޅިތައް މެދުކެނޑުމެއްނެތި ބެލްކަނިން ވަދެ ވަދެ ހުއްޓެވެ." ޝަލީ ނެތި މިދިޔަ ދުވަސްކޮޅު ވަރަށް ހަނދާންވި. މި ކޮޓަރިއާ މި އެނދުމަތިންވެސް." ސީލިންގަށް ބަލަން އޮވެފައި ވިޝާ ވާހަކަދެއްކިއެވެ. ޝަލީން މޫނު އަނބުރާލިތަނާ ވިޝާވެސް މަގަތަށް އެނބުރިފައި ހަތަރުކަޅި ހަމަކޮށްލިއެވެ. ޝާހަމް ފެނުނުފަހުން ފާއިތުވީ ދެދުވަހެއް ތެރޭވެސް ވިޝާގެ ސިފައަށް ބަދަލު އަތުވެއްޖެއެވެ. ލޮލުގެ ވިދުން ގަދަވެ މޫނު އުޖާލާ ވެއްޖެއެވެ. ލޮލުގެ ވަށައިގެން ލެވިފައިވާ ކަޅުދާއިރާ އެވަނީ ފިލަން ފަށާފައެވެ. ނުވިތާކަށް ތުންފަތުގެ ހިކިކަން ކެނޑި ކުރީގެ އޮމާންކަމަށް ބަދަލުވެއްޖެއެވެ. "އަހަރެންގެ އެކްސިޑެންޓަށްފަހު ވިޝް ދެން ކީއްކުރީ މިއޮތްހާ ދުވަހު؟" ޝަލީން ބަލަން އޮވެލާފައި އެހިއެވެ. އޭނާ އޮޅުންފިލުވަން ބޭނުންވީ ވިޝާގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުންނެވެ. "އަމް.." ވިޝާ ފަސްޖެހުނުކަން އެނގުނީ އެމޫނަށް ވެރިވި ކުލައިންނެވެ. ގަދަކަމުން ހިނިގަނޑެއް ޖަހާލައިފައި ކަމެއް ނުކުރަމޭ ބުނެލި ގޮތުން ޝަލީން ހިތުގައި ޝައްކު އުފެދުނެވެ. ޝައްކު އުފެދުނީ އެދެމެދުގައި ކައިރިމިން އޮތް މިންވަރާއި ބެހޭގޮތުންނެވެ. އެހެންވީއިރު ވިޝާއަށްވުރެ ބޮޑަށް އޭނާއާ ގާތީ އަލޫކްތާއޭ ހިތަށް އެރިއެވެ. ވިޝާއަށް އެއުޅެނީ އަމިއްލަ ހާލަތު ބުނެދޭން ނުކެރިގެންނެވެ. ދައްކަން އޮތީ އޭނާގެ އަމިއްލަ ދޮންބެގެ ވާހަކަ ކަމަށް ވާތީވެސް ކަންނޭނގެއެވެ.

"މިއަދު ހަވީރު ސައިބޮއިގެން ދޯ ގެއަށް ދާނީ. އެހާ ގިނަ ދުވަސްފަހުން އައީމަ އަހަރެން ބޭނުމެއް ނޫން ވިޝް އެހާ އަވަހަށް ގެއަށް ފޮނުވާކަށް." ޝަލީން އެންމެފަހުން މައުޟޫ ބަދަލުކޮށްލިއެވެ. ވިޝާ އެއްބަސްވެ ބޯޖަހައިލިއިރު ހިތުގައި އިތުރު އެދުމެއްވެސް އުތުރި އަރައިގަތެވެ. އޭނާގެ އެދުމަކީ ދިއުމުގެ ކުރިން އަދި އެއްފަހަރު ނަމަވެސް ޝާހަމްއާ ބައްދަލު ވުމެވެ.

ބިރުވެރި ފިލްމެއް ބަލަން ދެމީހުން ތިއްބާ ނޯކަރަކު ފިނި ބުއިން ހިފައިގެން އައިސް ދޮރު ހުޅުވާލިއަޑަށް ސިއްސައިގެން ގޮސް ހަޅޭތްލަވަން ފެށިއެވެ. އެއަޑު އިވުނީ ބޭރުން އައިސް ވަން ނަޖުމާއަށެވެ. ނަޖުމާ ދުވަމުން އައިސް ވަންއިރު ވިޝާ ފެނުމުން ހިތްހަމަޖެހުނެވެ. ވީގޮތް އޮޅުން ފިލުމުން އޭނާ އެކުދިންނަށް ފުރުސަތު ދީފައި ތިރިއަށް ގޮސް މެންދުރު ކެއުމަށް ހާއްސަ އެއްޗެހީގެ ލިސްޓެއް ހަދަން ނޯކަރުންނާއި ހަވާލު ކުރިއެވެ. މެންދުރު ވާން ކައިރިވުމުން ދެއަންހެންކުދިން ފެންވަރައިގެން ނަމާދު ކުރީ އެކަކަށް މަންމަގެ މުސައްލަ ގެނެސްގެންނެވެ. ޝަލީން ފެންބޯށޭ ކިޔާފައި ތިރިއަށް ދިއުމުން ވިޝާ ތެތްއިސްތަށިގަނޑު ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލައިގެން ފަންކާދޮށުގައި އިނދެލާފައި ނިކުތެވެ. ދެކޮޅު ބަލަން ހުރެފައި އޭނާ ގޮސް ހުއްޓުނީ ޖެހިގެން ހުރި ޝާހަމް ކޮޓަރި ދޮރުމައްޗަށެވެ. ނުކެރި ހުރެވެސް ޝާހަމް ކޮޓަރި ތަޅުގައި ހިފާ އަނބުރާލެވުނެވެ. އެވަގުތު ފާޚާނާއިން ޝާހަމް ނިކުތްތަން ފެނި ހަމަ އެހާ އަވަހަށް އެދޮރުފަތް ކައިރިވެސް ކޮށްލައިފިއެވެ. އެކަމަކު އޭރު އޮތީ ވާނެއެއްޗެއް ވެނިމިފައެވެ.

"ކާކު؟" އެއްލި ކަޅިއަކުން ޝާހަމްއަށް ދޮރުކައިރިކޮށްލިތަން ފެނިގެން ގޮވާލިއެވެ. ވިޝާއަށް އެއަޑު އިވިގެން ދެފައި ބިމުގައި ތަތްލީ ގޮތަށް އިތުރު ހަރަކާތެއް ނުކުރެވުނެވެ. "ޝަލީތަ؟' ޝާހަމް އައިސް ދޮރުފަތް ހުޅުވާލިއިރު ވިޝާ ހުރީ ފުރަގަސްދީގެންނެވެ. ކޮއްކޮގެ ހެދުންމެއް ލައިގެން ހުއްޓާވެސް އެއީކާކުކަން ފާހަގަކުރާކަށް އުދަނގުލެއް ނުވިއެވެ. އޭނާ އެވަގުތު އެއްޗެއް ބުނަން ތައްޔާރުވެލިތަނާ ވާހަކަދައްކަމުން ސިޑިން މައްޗަށް އެރި މަންމައާ ބައްޕަގެ އަޑު އިވިފައި މޭގަނޑު ފިނިވެގެން ދިޔައެވެ. އެމީހުންނަށް ވިޝާ އެކޮޓަރި ކައިރިން ދުރަށް ދާތީ ފެނުމުން ވިސްނާނެ ގޮތް އޭނާއަށް ރަނގަޅަށް ލަފާ ކުރެވުނެވެ. ބޭނުން ނުވީ އެފުރުސަތު ލިބޭފަދަ އެއްވެސް ކަމެއް އޭނާގެ ފުށުން ވާށެވެ.

ވިސްނަން ނުހަދާ ޝާހަމް ކަންތައް ކުރީ އެވަގުތަށް ފެނުނު އެންމެ ރަނގަޅު ގޮތަށެވެ. ވިޝާގެ އަތު މުލައްދަނޑީގައި ހިފައި އެތެރެއަށް ދަމައިގެންފައި އަވަހަށް ދޮރު ލައްޕާލައިފިއެވެ. "ޝާހަމް...." އެވަގުތު ވިޝާ ވާހަކަ ދައްކަން އުޅުމުން އެއަތުން ދޫކޮށްނުލައި ހުރެ ފާރުގައި ތަތްކޮށްލި ގޮތަށް އަނެއްއަތުން ވިޝާގެ އަނމަގަތީ އަތް އަޅައި ނިވާކޮށްލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު އަސަރު ކުރީ އެކަނި ވިޝާގެ ހިތަކަށް ނޫނެވެ. ނޭވާ ނުލައި ހުރެގެން ވިޝާ އެމޫނަށް ބަލަމުން ދިޔައިރު އެލޮލުގައިވާ ފުން ލޯބި ދެކެފައި ޝާހަމްގެ ހިތަށް ތަދުވިއެވެ. އޭނާ ބޭނުންވިއަސް ވިޝާގެ ހިތުން އެލޯބި ފުހެލާނީ ކިހިނެތް ހެއްޔެވެ؟ އޭނާ އެހުރިހާ އަނިޔާއެއް ދިންފަހުންވެސް ވިޝާ ގެ ހިތް ބަދަލު ނުވަނީ ކީއްވެ ހެއްޔެވެ؟ ކުޑަމިނުން ނަފްރަތު ނުކުރަނީ ކީއްވެ ހެއްޔެވެ؟

"ދެންމެ އެންމެ ރަނގަޅު ނިކުތަސް. މިހާރު މަންމަމެން ދުރަށް ހިނގައްޖެ ކަންނޭނގެ." ވިޝާގެ ހިތަށް އަނިޔާވާނެ ވަރު އެނގި ހުރެ ޝާހަމް ބުނެލިއެވެ. އެވަގުތު ވިޝާ ތެޅިގަތީ ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިންނެވެ. އަދިވެސް އެއްފަހަރު އޭނާގެ އަމިއްލަ ހިތަށް ކެހި ލިބުނުކަން އިހްސާސްވެފައި ލޮލަށް ކަރުނަ ޖަމާވިއެވެ. ޝާހަމް އޭނާ އެތެރެއަށް ވެއްދީ އެތަނުން ދެމީހުން އެކީ ފެނިގެން މީހަކު ހިތަށް އަރާފާނެ އެއްޗެއްކަށް ބިރުވެތި ވެގެންނެވެ. ކޮންމެހެން އޭނައާމެދު ޝައުޤުވެރި ވެގެނެއް ނޫނެވެ.

"ހޫމް...." ހިތަށް އަނިޔާވިކަން ނާންގަންވެގެން ވިޝާ ތުންފަތުގައި ދަތް އަޅައިލިއެވެ. ޝާހަމް ދުރަށް ޖެހިލުމުން އޭނާ ފުރަގަސްދީފައި ގޮސް ނިކުންނަން ދެން ޝާހަމް ހުރީ ފާރުގައި އަތް ވިއްދާލި ގޮތަށް ކަޅި ޖަހާނުލާ ބަލާށެވެ. ފަހަތުން އެދޮރު ލެއްޕުނު އަޑާއެކު އޭނާ ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލީ ފާރަށެވެ. ދެން ބާރު ބާރަށް ގޮސް އެނދަށް ވެއްޓިގެންފައި ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ.

"ޝަލީ އަހަރެން ބޭނުން ގެއަށް ދާން. ހަވީރު ވަންދެން މަޑެއް ނުކުރެވޭނެ." ޝަލީން އެނބުރި އައިސް ވަންތަނާ ވިޝާ ބުނެލިއެވެ. ޝަލީން ސިހިފައި ބަލައިލިއިރު ވިޝާ ހުރީ ގެއަށް ދާން ތައްޔާރުވެގެން ކޮނޑުގައި އަތް ދަބަސްވެސް އަޅުވާލައިގެންނެވެ. ކޮށްފައިހުރި ލުއި މޭކަޕާއިއެކުވެސް ސިއްރު ނުވީ އޮއްސިފައިވާ މޫނުގެ ކުލައެވެ. "ކިހިނެތްވީ؟ މީހަކު އެއްޗެކޭ ބުނީތަ؟" ޝަލީންއަށް ޝައްކުވެގެން ކައިރިއަށް ދަމުން އެހިއެވެ. "އުހު. އެކަހަލަ ކަމެއް ނޫން. އައިމް ނޮޓް ފީލިން ވެލް." ވިޝާ ހެދީ ދޮގެކެވެ.

 

ކޮމެންޓް 0