ޝަލީންއަށް ހޭލެވުނީ ހުވަފެނެއްގައި އޮވެގެން ރޮވެނިކޮށެވެ. ފުންމައިގެ ތެދުވެ އިށީންއިރު ގިސްލެވޭ ވަރުން މުޅިކުއްޖާ ތުރުތުރުލައެވެ. އެކަމަކު ސިކުނޑިއަށް ބާރުލައިލައި ހުވަފެނުގައި ވީގޮތެއް ނޭނގުނެވެ. އެނގުނުހާވެސް އެއްޗަކީ ދެރަކަމެއް ވެއްޖެކަމެވެ. އަދި އެއީ ވަރަށް ބޮޑު ކަމެކެވެ. ކަރުނަ ފުހެލާފައި ތެދުވެ ފެންތައްޓެއް އަޅައިގެން ބޯން ހުއްޓާ ފަތިސް ނަމާދަށް ބަންޤި ގޮވަން ފަށައިފިއެވެ. ޝަލީން ހުސްތަށި ބަހައްޓާފައި އަވަސްވެގަތީ ވާޖިބު އަދާކުރުމަށެވެ. ފެންވަރާ ތާޒާވެގެން ނިކުމެ ނަމާދުކޮށްލުމުން ހިތް ހަމައަކަށް އެޅުނެވެ. ލޮލުގައި ނިދީގެ އަސަރެއް ނެތުމުން އޭނާ ދެން މިސްރާބު ޖެހީ ތިރިއަށެވެ.
ސިޑިން ފޭބިއިރު ސިޓިންރޫމް އޮތީ ފަނޑު އަލިކަމެއްގެ ތެރޭގައެވެ. އެކަމަކު ބަދިގެތެރެއިން ހުދު އައްޔެއް ފެންނަން ހުއްޓެވެ. ޝަލީން ގޮސް ދޮރުމައްޗަށް އެރިއިރު މަންމަ ހުރީ ކޮފީ ތައްޔާރު ކުރާށެވެ. "މަންމާ!" ޝަލީން ގޮވައިލުމުން ނަޖުމާ އެނބުރި ބަލައިލިއެވެ. "ދަރިފުޅު ބޭނުންތަ ކޮފީއެއް؟" ނަޖުމާ ނުހަނު ލޯއްބާއެކު އެހިއެވެ. ޝަލީން ބޯ ހޫރައިލީ ދެފަރާތަށެވެ. "ފިނި އެއްޗެއް ބޯލާނީ." ޝަލީން ގޮސް ފްރިޖު ހުޅުވާލައިފައި ޖޫސް ޕެކެޓެއް ނަގައި ތަށްޓަކަށް އެޅިއެވެ. ދެމައިން އެކުއެކުގައި ކަހަލަ ގޮތަކަށް ސިޓިންރޫމަށް ނިކުތްއިރު އިމާދު އެތެރެއަށް ވަންނަނީއެވެ. "ދަރިފުޅު ހާދަ އަވަހަށް ތެދުވެގެން ތިއުޅެނީ؟" އިމާދު އައިސް ކައިރިވެފައި ޝަލީން ކޮނޑުގައި ފިރުމާލިއެވެ. އަނބިމީހާ ދިއްކޮށްލި ކޮފީމަގުގައި ހިފާފައި އޭނާ އިށީންދެލީ ސޯފާގައެވެ.
"ފާޑެއްގެ ހުވަފެނެއް ފެނިގެން ހޭލެވުނީ." ޝަލީން ސިއްރު ކުރާކަށް މަސައްކަތެއް ނުކުރެއެވެ. ބައްޕަ އެމޫނަށް ފުންކޮށް ބަލައިލިތަން ފެނިގެން އޭނާ ބޭނުންވީ ހިތުގެ އުދާސްތައް ބައްޕަ ކުރިމައްޗަށް ބަންޑުންކޮށްލާށެވެ. "ކިހިނެތްވީ؟" އިމާދުވެސް ވާހަކަދެއްކީ އޮޅުންފިލުވަން ބޭނުންވެފައެވެ.
"ހުވަފެނުގަ ވީގޮތެއް ހަނދާނެއް ނުވި ތެދުވިއިރަކު. އެކަމަކު ވަރަށް ނުބައި އިހްސާސެއް ކުރެވުނީ. ކީއްވެ ކަމެއް ނޭނގެ، އެކަމަކު ބައެއްފަހަރު ހިތަށް އަރާ އަހަރެންގެ ފިލާފައިވާ ހަނދާންތަކާއެކު އަގުބޮޑު އެއްޗެއްވިއަސް ގެއްލިފައިވޭ ބާއޭ." ޝަލީން އިށީންދެފައި ކިޔައިދިނެވެ. "ތީ ދަރިފުޅަށް ހީވާ އެއްޗެއް. އެކަހަލަ ކަމެއް ވެފަ އޮތްނަމަ ބައްޕަމެނަށް އެނގޭނެއެއްނު." އިމާދުއާ ނަޖުމާ އެކަކު އަނެކަކަށް ބަލާލުމަށްފަހު އިމާދު ބުނެލިއެވެ. "އެކަހަލަ ކަމެއް ވެފަ އޮތިއްޔާ ބައްޕަމެން އަހަރެންނަށް ކިޔައިދޭނަން ދޯ." ޝަލީން ހިތްހަމަޖައްސާލައިފައި ކުރިމަތީ ތިބި މަންމަމެނަށް ދޯދިނެވެ. އެދެމީހުން ހިނިތުންވެފައި ބޯޖަހައިލުމުން ހަށިފުރާ ނޭވައެއް ދޫކޮށްލިއިރު ބައްޕަ އޭނާގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ.
"އަދި އަހަރެން ކޮންމެހެން ބުނަން ޖެހޭ އެހެން ވާހަކައެއްވެސް އެބައޮތް. ބައްޕަ ރުޅިއަތުވެދާނެތީ ބިރުގަނޭ." ޝަލީންއަށް ވިސްނުނީ ވަޒީފާގެ ވާހަކަ ބުނަން އެއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމުގައެވެ. ބައްޕަމެން ޝައުޤުވެރިވެފައި ބަލަން ފެށުމުން އޭނާ ނޭވާ ހިފަހައްޓާލައިފައި އެވާހަކަ ހާމަކޮށްލިއެވެ. އެވަގުތު ދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބުނުތަން ފެނުނެވެ. މަންމައަށްވުރެ ބޮޑަށް ޝަލީން ބެލީ ބައްޕަ މޫނަށެވެ. ނިތަށް ރޫ ގިނަ ކޮށްލާފައިވެސް ބައްޕަ އެއްޗެއް ނުބުނެ އިނީތީ އޭނާ ޝުކުރުކުރިއެވެ. ވަރަށް އާދޭސް ކޮށްފައި އެވަޒީފާއަށް ދާން ބޭނުންވާ ވަރާއި އެކަމުން ލިބޭ ހިތްހަމަ ޖެހުމުގެ ވާހަކަ ކިޔައިދިނުމުން ކަންވީ އޭނާ ބޭނުން ގޮތަށެވެ. ބައްޕަ އިސްކުރީ އޭނާގެ އުފަލެވެ. ހުއްދަދިނީ އޭނާ ބޭނުން ނަމަ އެގޮތުގައި ކުރިއަށް ދެވިދާނެ ކަމުގައެވެ.
"އަހަރެން ހިއެއް ނުކުރަން އިމާދު އެއްބަސްވާނެ ކަމަކަށް." ޝަލީން ތެދުވެގެން ދިއުމުން ނަޖުމާ ހައިރާންކަން ފައުޅުކޮށްފައި ވާހަކަދެއްކިއެވެ. "އެއްފަހަރު މިހާރު އަހަރެންނަށް ޝަލީން ގެއްލިއްޖެ. ދެވަނަ ފަހަރަށް އެހެން ވާކަށް ބޭނުމެއް ނޫން." ނަޖުމާގެ ވާހަކަ އަހާފައި އިމާދު ވިސްނުމެއްގައި އިނދެގެން ބުނެލި ބަހުގައި ފުން މާނައެއް ވިއެވެ. ނަޖުމާއަށް އެޖަވާބު ދޭހަ ނުވެގެން އަހައިލި ނަމަވެސް ފިރިމީހާގެ ފަރާތުން އެދެވޭ ތަފްޞީލެއް ނުލިބުނެވެ. ކޮފީތަށީގެ ބޮޑުބައެއް ހުސްނުކޮށް ބަހައްޓާފައި ތެދުވެގެން ދިޔައީ ހެނދުނު އޮންނަ ހާއްސަ މީޓިންއަކަށް ތައްޔާރުވާން ވެފައޭ ކިޔަމުންނެވެ.
އަރައިގެން އައި އިރުގެ އަލީން ދުނިޔެ ރަންކުރަން ފެށިއިރު ވިޝާއާ ޝާހަމްއަށް އަދި އޭގެ ޚަބަރެއް ނުވެއެވެ. ފުން ނިދީގައި ދެމީހުން ތިބިއިރު ހޭލަން ހިތަށްވެސް ނާރައެވެ. ސައިގަޑީގައި އެއިން އެކަކުވެސް ދައްކައިނުލުމުން ނަޖުމާ ސުވާލުކުރީ ޝަލީންއާއެވެ. އޭނާ ބުނީ އެކަކުވެސް ތެދުވެ އުޅެނިކޮށް ފެނިފައި ނުވާ ވާހަކައެވެ. ނާސްތާ ކުރަން ހުރި ތަކެތީގެ ފޮޓޯއެއް ނަގާފައި އިންސްޓަގްރާމް ކޮށްލިތަނާ އަލޫކް ވައިބަރ އިން ފޮނުވާލީ "އައި މިސް ޔޫ" ޖަހާފައި އިން ސްޓިކާއެކެވެ. "އޮފީސްތަކުގައި ބިޒީކޮށް އުޅޭމީހުންނަށްވެސް މިސްވާނެ ވަގުތު ވޭތަ؟" ޝަލީން ދިމާކޮށްލިއެވެ. "ހިނގާ މިއަދު ލަންޗްގަޑީގަ މީޓްކުރަން. ގެޓް ރެޑީ. އަހަރެން ދާނަން ޝަލީ ބަލައި." އަލޫކް ދެއްކީ އެހެން ވާހަކައެކެވެ. ޝަލީން އެއްބަސްވެ ޖަވާބު ފޮނުވިއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ނިދިން ހޭލެވުމާއެކު ވިޝާގެ ނަޒަރު ހުއްޓުނީ ދާދި ކައިރިން ފެންނަން އޮތް ފިރިމީހާގެ ރީތި މޫނަށެވެ. ޝާހަމް ފުން ނިންޖެއްގައި ބަންޑުން އޮތީ އޭނައާ ދިމާއަށް މޫނު އަނބުރާލައިގެންނެވެ. އުނަގަނޑުގެ ތިރި ގައިމަތީ އޮތް ރަޖައިން ނިވާވެފައި އޮތްއިރު ބުރަކަށި ހާމައަށެވެ. އެވަގުތު ވިޝާއަށް ވިސްނައިލެވުނީ ޝާހަމް ނުތެދުވަނީސް ފާޚާނާއާ ހަމައަށް ދިއުމާ މެދުގައެވެ. މެއާއި ހަމައިގައި އޮތް ރަޖާ އެއަށްވުރެ ތިރިއަށް ހިނގައިދާނެތީ ހިފަހައްޓާލައިގެން ތެދުވެ އިށީންދެފައި ތިރި ބަލައިލީ އަތުޖެހޭ ހިސާބުގައި އަންނައުނުގަނޑެއް އޮތްތޯއެވެ. ދާދި ކައިރިން ޝާހަމްގެ ޓީޝާޓް ފެނުމުން އެއްފައި އެނދުން ތިރިއަށް އެލުވާލައިފައި އިނގިލިތަކުގެ އެހީގައި ނަގައި ބޮލަށް މަހާލައިފިއެވެ. ވިޝާ އެނދުން ފައިބާފައި ބުޑަށްވުރެ ތިރިއަށް ހުރި ޓީޝާޓް ކައިރިފަށުގައި ހިފާ ދަމައިލިއެވެ. ދިގު ދެއަތް މައްޗަށް ޖައްސާލައިފައި ތިރީގައި އޮތް އަންނައުނުތައް ހޮވާ ނެގިތަނާ ސައިޑު ޓޭބަލްމަތީ އޮތް ފޯނު ރިންގް ވާން ފަށައިފިއެވެ. "ޝިޓް.ޝިޓް.ޝިޓް!" ވިޝާ ކަންބޮޑުވެފައި އެއްފައްޗަކަށް ކިޔާލިއެވެ. އޭނާ އަވަހަށް ގޮސް ފޯނު ނަގައި ރިންގް ކަނޑާލިއިރު ވަގުތު ފާއިތުވެއްޖެއެވެ. ނިދިން ހޭލެވުމާއެކު ޝާހަމްގެ ތޫނު ނަޒަރު އެމޫނަށް ހުއްޓުނުތަން ފެނިފައި މެއަށް ހީވީ ފެން އެއްޗެއް އޮއްސާލިހެންނެވެ. ހަދާނެގޮތެއް ނޭނގިފައި ބުދެއްހެން ހުއްޓާ ޝާހަމް ތެދުވެ އިށީންދެފައި އެނދުން ފައިބަން އުޅޭހެން ހީވެގެން އަވަހަށް އެނބުރެވުނީ އަނެއްފަރާތަށެވެ. ވިޝާގެ މިލަދުރަކިކަން ފާހަގަވެފައި ޝާހަމް ގޮސް ފާޚާނާއަށް ވަންއިރު ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.
ދޮރު ލައްޕާލި އަޑާއެކު އޭނާ ބަލަން ނުހުރެ ފުރަތަމަވެސް އެނދުގައި އޮތް ބެޑްޝީޓް ބަދަލުކޮށްލިއެވެ. ޝާހަމް ނިކުތްއިރު ހަމައެކަނި ޓީޝާޓްގައި ނުހުންނަންވެގެން އެބާލާފައި ރޯބްމަހާލައި ވާގަނޑު އައްސާލިއެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ފާޚާނާގެ ދޮރު ހުޅުވުނު އަޑާއެކު ޝަވަރޖެލްގެ ތާޒާ ވަހުން ހިއްސުތައް ހޭލައްވައިލިއެވެ. ވިޝާ ބަލާލިއިރު ޝާހަމް އުނުގައި އޮތް ތުވާއްޔާއެކު ނިކުމެގެން އަންނަނީއެވެ. އޭނާ އެންމެ އިރުކޮޅަކުވެސް މަޑުނުކޮށް އަވަހަށް ގޮސް ފާޚާނާތެރެއަށް ދެމިގެންފައި ދޮރު ލައްޕައިލިއެވެ.
ފެންވަރަން ހުރިއިރު އިރުއިރުކޮޅާ ތުންފަތުގައި ދަތް އަޅައިލެވެއެވެ. ރޭގައި ޝާހަމް ދިން ލޯބިން އޭނާގެ ހިތުގައި ލެވުނު ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެއެވެ. ހުރިހާ ޝަކުވާއެއް ނެތިފިލައި ހިތް ސާފުވެއްޖެއެވެ. ވިޝާ ނިންމީ ދެން ފަހަރެއްގައިވެސް ޝާހަމްއާ ދުރަށް ދާން މަސައްކަތް ނުކުރުމަށެވެ. މިއަދު އިރާދަކުރެއްވީތީ ހުރިހާ ހުވަފެނެއް ސީދާ ވެއްޖެއެވެ.
ވިޝާ ނިކުތްއިރު ޝާހަމް ނާސްތާކޮށްގެން ބޭރަށް ހިނގައްޖެއެވެ. ގޭގައި ބޮޑުމީހަކު ނެތުމުން އޭނާ ގެއިން ނިކުންނަން ވެގެން އެވާހަކަ ބުނީ ޝަލީން ކައިރީގައެވެ. ޝަލީން އޭރު އަލަމާރި ހުޅުވާލައިގެން ފަހަރަކު ހެދުމެއް ނަގައި ގައިގައި ޖައްސާލައިފައި ބަލައިލަނީ ލޯގަނޑަށެވެ. ވިޝާދެއްކި ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނެތި ހަމައެކަނި ހޫމ އަޅުވާލައިފައި އަތުގައި އޮތް ހެދުން އެނދުމައްޗަށް އެއްލާލުމަށްފަހު އަނެއް ހެދުން ނަގަން އަލަމާރި ކައިރިއަށް ދިޔައެވެ.
މުޅި އަލަމާރި އެފުށް މިފުށަށް ޖެހިފަހުން ޝަލީންއަށް ކަމުދާ ހެދުމެއް ފެނުނެވެ. ފެންވަރާލައިގެން ނިކުމެ އޭނާ ލީ ކަށިމައްޗާއި ހަމައަށް ހުރި މާޖެހި ހެދުމަކާއިއެކު މަތިން ހުދުކުލައިގެ ޖެކެޓްކޮޅެކެވެ. އެއިސްތަށިގަނޑު އޮމާންކޮށްލައިފައި ގެނެސް ކަނާތު ކޮނޑުމަތިން ކުރިމައްޗަށް އޮންނާނެހެން ދައްޗަކުން ހަރުކޮށްލިއެވެ. ތުންފަތުގައި މަޑުކުލައެއް ޖައްސާލައިފައި އަތުކުރީ ގަޑި ނަގައި ހެއުވަރު ކޮށްލިތަނާ އަލޫކް ތިން ވަނަ ފަހަރަށް ގުޅައިފިއެވެ. ޝަލީން ފޯނު ނެގުމުގެ ބަދަލުގައި ބިޒީކޮށްލިއެވެ. އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ދުވެފައި ސިޑިން ފޭބިއިރު އަލޫކް ވަދެ ހުރީ ސިޓިންރޫމްގައެވެ. ޝަލީން ފެނުމުން އޭނާ ހިނދުކޮޅަކަށް ހުއްޓުނުކަން ފާހަގަވިއެވެ. އެކަމަކު އެއްޗެއް ނުބުނެއެވެ.
ރަސްމީ ހެދުމުގައި އަލޫކްވެސް ހުރީ ނިކަން ހިތްގައިމުކޮށެވެ. މަޑުފެހި ކުލައިގެ އަތްދިގު ގަމީހާއި ކަނޑުނޫ ފަޓްލޫނާއެކު ގުޅޭ ޓައީއެއް ބައްދާލައިފައެވެ. ފިރިހެންވަންތަ މުލައްދަނޑި ހާމަވާނެހެން ދެއަތު ކުރި އުޅަބޮށްޓާއި ހަމައަށް އޮޅާފައެވެ. ކައިރިއަށް ގޮސް ހުއްޓުނުތަނާ އަލޫކް ޖީބުން އަތް ނަގާފައި އަތުގައި އޮތް ގަޑިއަށް ބަލައިލިތަން ފެނިގެން ޝަލީންއަށް ނިތް އަރުވާލެވުނެވެ. "އަވަސްކަމުން." އަލޫކް ނުސީދާ ބަހުން ކޮށްލީ މަލާމާތެއްކަން އެނގުމުން ޝަލީން ވައްތަރު ޖައްސައިލިއެވެ. ބޭރަށް ދާންވެގެން އޭނާ އަލޫކްގެ މުލައްދަނޑީގައި ހިފާލުމުން އަދިވެސް އެއްފަހަރު ނިކަން ރީތިކޮށް އެމޫނަށް ބަލައިލިކަން ފާހަގަވިއެވެ. ބޭރަށް ނިކުމެފައި އަލޫކް ޓައީ ނަގައި ފަޓްލޫނު ޖީބަށް ކޮށްޕައިލިއެވެ. ފޯނެއް އައިސްގެން ނަގާފައި ދައްކަންފެށީ ކޮންމެވެސް ވިޔަފާރީގެ ވާހަކައެއްކަން އެނގުމުން ޝަލީން މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"ސަމެންތާ ކައިރީ އަހާލީމަ ބުނި ވިޝް ގެއަށް ދިޔަ ވާހަކަ. ކަމެއް ހިނގީތަ މިހާ އަވަހަށް؟" ޝާހަމް ފޯނު ބާއްވާފައި ކާރު ދުއްވާލަމުން ސުވާލުކުރިއެވެ. "މީހަކާ އިނީމަ އޭނަދެން ގެއަށް ނުގޮސްތަ އުޅެންވީ؟" ޝަލީން ތުން އަނބުރައިލިއެވެ. "އަހަރެންގެ ވައިފް ކޮޓަރިންވެސް ނިކުތަ ނުދޭނަން." ޝަލީން ހިތްހަމަނުޖެހުނުތަން ދެކެފައި އަލޫކް އިތުރަށް ހޫނުކޮށްލަން ވެގެން ބުނެލިއެވެ. "ޗީ ވަރަށް ފޫހިވޭ މާބާރުކުރާ ފިރިހެނުންދެކެ. ބައެއް މީހުން ބޭނުންވާނީ އަންހެންކުއްޖާ މުށުތެރޭ ބޮނޑިކޮށްލަން." ޝަލީން ކުރިންވެސް ބުނި ރާގުގައި ވާހަކަދެއްކިއެވެ. "އެކަމަކު އަހަރެން އޭނަ ކޮޓަރިން ނިކުތަނުދޭން މިއުޅެނީ މުށުތެރޭ ބާރުކުރާކަށް ނޫނޭ." އަލޫކް ލާނެތް ޖަވާބެއް ދީފައި ޝަލީންއަށް ވިސްނުނުތޯ ބަލަންވެގެން ބަލައިލިއެވެ. އޭނާ ގާތަށް ހިނިއައީ އެއަޑު އަހާފައި ޝަލީންގެ މޫނު ރަތްވިތަން ދެކެފައެވެ.
"ކީއްވެ އެއްޗެކޭ ނުބުނީ؟ އަހަރެން ބޭނުންވާ ގޮތް އެނގުނީމަ އަހަރެންނާ އިންނަން ބޭނުންވީ ދޯ؟" ޝަލީން ހިމޭންވުމުން އަލޫކް އަދި އެވަރުން ހުއްޓައިލާކަށް ގަސްތެއް ނުކުރިއެވެ. އޭނާ ހިނިގަނޑު ފަޅައިގެން ދިޔަ ނުދޭން މަސައްކަތް ކުރަމުން އިތުރަށް ޝަލީން ލަދުގަންނަވާލިއެވެ. ސިކުންތެއް ނުވެ ކޮނޑަށް އަރައިގެންދިޔައީ ޝަލީންގެ އަތުގެ ހޫނު ދިލައެވެ. "ނީންނާނަން. ނީންނާނަން. އިންނާނެ މީހަކު ނުވިއަސް ނީންނާނަން." ޝަލީން ގަދަކޮށްލަންވެގެން ފައްޗަކަށް އަމުނާލައިފައި ހަށަން ބަނދެލައިގެން ބަލަންފެށީ ދުރަށެވެ. "އެކަމަކު ބުނަންތަ؟ ތިގޮތަށް ވަކި މީހަކާ ދިމާއަށް ނީންނާމޭ ބުނެފިއްޔާ އެމީހަކާ ނޫނީ ނީނދެވޭނެ ކަމަށް ވަނީ." އަލޫކް ކޮނޑުގައި ފިރުމާލައިފައި އިތުރުކޮށްލިއެވެ. ޝަލީން އެއްޗެއް ނުބުނެ އިނަސް އަލޫކްގެ އެވާހަކައިން ހިތަށް އެނގުންވިކަން ޔަޤީނެވެ. އެހިތް އާދަޔާ ޚިލާފަށް އަވަސްވެ އެވާހަކައާމެދު ވިސްނެން ފެށުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ.
ގެއަށް ދިޔައިރު ވިޝާގެ މަންމަ ފިރާޝާ އުޅެނީ ގަދައަށް ހުންއައިސް ތަންތާ ރިއްސާތީއެވެ. ވިޝާ އަވަހަށް ދިޔައީ މަންމަ ޑޮކްޓަރަށް ދައްކާށެވެ. ގެއަށް އައިސް އޭނާ ބޭނުންވީ މަންމަގެ ހުރިހާ ކަމެއް އަމިއްލަ އަތުން ކޮށްދޭށެވެ. ނޯކަރުންނާ ހަވާލުކޮށްފައި އޭނާ އެނބުރި ދާކަށް ކުޑަކޮށްވެސް ހިތެއް ނުރުހުނެވެ. ހަވީރު ފިރުދައުސް އައިސް ވިސްނައިދީގެންވެސް ވިޝާ ގެއަށް ދާ ހިޔާލެއް ނުކުރިއެވެ.
"އެހެންވިއްޔާ ޝާހަމް ގުޅައިގެން ހުއްދަ ހޯދާ! އޭނަ އެގޮތަށް އެއްބަހިއްޔާ ބައްޕަމެން މައްސަލައެއް ނެތް." ފިރުދައުސް އެންމެފަހުން ދޫކޮށްލިއެވެ.
ވިޝާ ޝާހަމްއަށް ގުޅައިގެން އައިސް މަޑުކޮށްލީ ބެލްކަނީގައެވެ. ފޯނު ރިންގްވާ ކޮންމެ ފަހަރަކު ހިތުގެ ތެޅުން އަވަސް ވަމުން ގޮސް ޝާހަމް ފޯނު ނެގިއިރަށް މެއަށް ފިނިވެގެން ދިޔައެވެ. "ވިޝް!" ވިޝާއަށް އެއްޗެއް ނުބުނެވިފައި ހުއްޓާ ޝާހަމް ގޮވައިލިއެވެ. "ޝާހަމް. އަހަރެން ކަމަކު މިގުޅީ." ވިޝާ ހިތްވަރުކޮށްފައި ބުނެލިއެވެ. ޝާހަމް ހޫމ ލައްވާލުމުން އޭނާ މަންމަ ބަލިވި ވާހަކައާ އެރޭ އެގޭގައި މަޑުކުރަން އެދޭކަން ހާމަކޮށްލިއެވެ. "އެންމެ ރަނގަޅު." ހީކުރިވަރަށްވުރެ ފަސޭހައިން ޝާހަމް އެއްބަސްވިއެވެ. "މަންމައަށް ސަލާމް ބުނާތި!" ބާއްވަމުން ޝާހަމް ބުނެލިއެވެ. ވިޝާ އެފޯނު ގެނެސް މޭގައި ޖައްސައިގެން ހުރެފައި ހިނިތުންވެލިއެވެ.
އެރޭ މަންމައަށް ކާންދީފައި ތަބައް ހިފައިގެން ނިކުންނަނިކޮށް މީހަކު ބެލްޖެހިއަޑު އިވުނެވެ. ނޯކަރުމީހާއަށް ދޮރު ހުޅުވަން ހަވާލުކޮށްފައި އޭނާ ދިޔައީ ކާކޮޓަރިއަށެވެ. އިރުކޮޅެއް ފަހުން ނިކުތްއިރު ސިޓިންރޫމް ސޯފާގައި ޝާހަމް އިންދާ ފެނިގެން ދެފައި ބިމުގައި ތަތްލައިފިއެވެ. "މަންމަ ކިހިނެތް މިހާރު؟" ޝާހަމްއަށް ވިޝާ ފެނުމުން ކޮޅަށް ތެދުވެފައި އަހައިލިއެވެ. "ރަ...ރަނގަޅެއް ނުވޭ." ވިޝާ އަޅައަޅައިގަނެފައި ޖަވާބުދިނެވެ. ޝާހަމް ބަލަން ހުރުމުން އޭނާއަށް ވާހަކަދައްކަން އުދަނގޫވިއެވެ. ޝާހަމް އެވަގުތު މަންމަ ކޮޓަރިއަށް ވަންނަން ވެގެން ދާންފެށުމުން އޭނާވެސް ފަހަތުން ދިޔައެވެ.
ދަނބިދަރިފުޅު ފެނުމުން އެހާލުގައިވެސް ފިރާޝާއަށް ހިނިތުންވެލެވުނެވެ. ޝާހަމްއާމެދު ހިތުގައި އޮތް ލޯބި އިތުރަށް ފުންވެގެން ދިޔައެވެ. "ދަރިފުޅު ދާންވީނު ޝާހަމްއަށް ކާންދޭން!" ކޮޅަށް ހުރި ވިޝާއަށް ބަލާލައިފައި ފިރާޝާ ބުނެލިއެވެ. "ކައިގެން އައީ." ޝާހަމް މަނާވެގަތެވެ. އޭނާ ވިޝާ މޫނަށް ބަލައިލި ވަގުތު ވިޝާ ރަކިވެފައި އިސްއޮބައިލިތަން ފެނުނެވެ. ފަހުން އަންނާނެކަމަށް ބުނެފައި ތެދުވެގެން ދާން ފެށުމުން މަންމަގެ އިޝާރާތުގެ ސަބަބުން މަޖުބޫރުވެގެން ވިޝާވެސް ހިނގައިގަތެވެ.
ދޮރާއި ހަމައަށް ދެވުނުއިރު ދެމީހުން އެކަނިވިއެވެ. ވިޝާ އޭރު އަތުގެ އިނގިލިތަކާ ކުޅެލަ ކުޅެލާ ހުރީ ތިރި ބަލަހައްޓައިގެންނެވެ. "ގުޑްނައިޓް" ޝާހަމް ދޮރު ހުޅުވާލަން އުޅެފައި ބުނެލިއެވެ. ވިޝާއަށް އިސްއުފުލައިލެވުނީ ދެނެވެ. ހަތަރުކަޅި ހަމަވުމުން އޭނާއަށް އޭގެ ޖަވާބުވެސް ނުދެވުނެވެ. ޝާހަމް ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި ނިކުމެ ލޯމަތިން ގެއްލުމުން ދޮރުފަތް ލައްޕާލައިފައި އޭނާއަށް ޖެހުނީ ފުރަތަމަ ހިތް ހަމައަކަށް އަޅުވަން އެދޮރުފަތުގައި ލެނގިލާފައި މޭގައި ހިފާ އޮތްބާލައިގެން ހުންނާށެވެ. ހީވީ މިހުރިހާއިރު އޭނާއަށް ހުރެވުނީ ޝާހަމް ކުރިމަތީ އެންމެ ނޭވައެއްވެސް ނުލައި ހެންނެވެ.
ހަފްތާއެއް ވަންދެން ވިޝާ ހުރީ މަންމަގެ ޚިދުމަތުގައި އެގޭގައެވެ. ޝާހަމްވެސް ފުރަތަމަ ދުވަހަށްފަހު އެގެއަކަށް ނާދެއެވެ. އެކަމަކު ގުޅައިގެން ދޭތެރެއަކުން މަންމަގެ ހާލު ބަލައިލައެވެ. ދޮންބެ ހަނީމޫން ލަސްކޮށްލާފައި އޮފީހަށް ނިކުންނަން ފެށުމުން އެންމެ ހިތްހަމަޖެހުނީ ޝަލީންއެވެ. އެވީގޮތުން އޭނާއަށްވެސް ޖެހިލުމެއްނެތި އޮފީހަށް ދެވޭ ގޮތްވިއެވެ. ހަފްތާއެއް ފަހުން ފުރަތަމަ ފަހަރަށް އޮފީހަށް ދާން ތައްޔާރުވި ދުވަހު އާދަޔާ ޚިލާފަށް ހިތް އަވަސްވެފައިވާކަން އިހްސާސް ކުރެވުނެވެ. ހިތް އޮތީ އުފާވެރިކަމެއްގެ ތެރޭގައެވެ. އަލޫކް ފަހަކަށް އައިސް މާ އަވަދިނެތި އުޅޭތީ އޭނާ ގެންގޮސް ގެނެސްދިނުން ހުއްޓިފައިވާ ދުވަސްކޮޅަކަށް ވާތީ ޝަލީން އޮފީހަށް ދިޔައީ ޑްރައިވަރާއެކު ގޭ ކާރުގައެވެ.
އޭނާ ވަދެގެން ދާތަން ފެނުމުން ފަހަރަކު މީހަކު މަރުހަބާ ކިޔާލައެވެ. ލިފްޓާ ހަމައިން ވިރާޝާ ދިމާވެގެން ވާހަކަ ދައްކަން ފެށިގޮތަށް ކެބިންއަށް ދެވުނުއިރު ނިމުމަކަށް ނާދެއެވެ. ހަފްތާއެއްގެ ތެރޭގައި އޭނާމަތިން އެންމެ ބޮޑަށް ހަނދާންވެ އޭނާ ނެތުމުގެ ފަޅުކަން އިހްސާސްކުރީ ވިރާޝާކަން ޝަލީންއަށް ޔަޤީންވިއެވެ. އޭނާ ހިނިތުންވެފައި ހުރެގެން ފޫހިކަމެއް ނެތި އެކުވެރިޔާގެ ހުރިހާ ވާހަކައެއް އެހިއެވެ.
އެއީ މެންދުރެއްހާއިރެވެ. ފަޞީހު އެދިގެން ވިރާޝާ ކޮންމެވެސް މަސައްކަތެއްގައި ބޭރަށް ދިއުމުން ޝަލީން އިނީ އެކަނިވެފައެވެ. އެކުވެރިޔާ އަނގަ ހުއްޓާލުމުން އެވަގުތު މުޅި އެތަންވެސް އޮތީ ހިމޭންވެފައެވެ. ޝަލީން މަސައްކަތުގައި ގެއްލިފައި އިންދާ ކޮންމެވެސް މީހަކު ހިނގާފައި އައިސް އެތަނަށް ހުއްޓުނުކަން އެނގުނެވެ. އޭނާ ބަލައިނުލާ އިންދާ ދެން އިވުނީ އެމީހަކު ވާހަކަދެއްކި އަޑެވެ. ދެވަނަ ސިކުންތުގައި ޝަލީންއަށް ފުންމައިގެން ތެދުވެ ހުރެވުނީ ކޮޅަށެވެ. ކުރިމަތީ ހުރި ނުހައިކް މޫނަށް އޭނާ ބަލައިލީ ޤަބޫލު ކުރަން ދަތިވެފައެވެ.
"އަހަރެން މިއަހަނީ އެހާ ކުރު ޗުއްޓީއެއް ނަގައިގެން ކީއްހޭ ކުރީ؟" ޝަލީން ޖަވާބު ނުދީ ހުއްޓާ ނުހައިކް ސުވާލު ތަކުރާރުކޮށްލިއެވެ. ދެން ކުޑަކޮށް ހިނިތުންވެލައިފިއެވެ.