ދަރިފުޅާ ވިޝާ؟ ދަރިފުޅު ބޭރަށް ނިކުތީތަ؟" ފިރާޝާ އަނގަމަތީ އަތް އަޅާލައިގެން ހުރެފައި ކުރި ސުވާލު އިވިގެން ޝާހަމްވެސް ސިހިފައި އިސްއުފުލައިލިއެވެ. އެވަގުތު ފިރާޝާ ބުނި ވާހަކައިން ދޭހަވި އެއްޗަކަށްވުރެވެސް ބޮޑަށް އޭނާ ހައިރާންކޮށްލީ ވިޝާ ހިކި އަނަރޫފަވެފައިވާ މިންވަރު ފެނިފައެވެ. މާތްކަލާކޯއެވެ. އެއީ ހަމަ ވިޝާ ހެއްޔެވެ؟ ޝާހަމްއަށް ޤަބޫލު ކުރަން ދަތިވިއެވެ. ފުރާނަ ހުއްޓަސް މައްޔިތެކޭ އެސޫރައެކޭ ތަފާތެއް ނެތެވެ. އަހަރެއް ވަންދެން ބަލި އެނދުގައި އޮވެފައި ތެދުވާ މީހާވެސް އެއަށްވުރެ ސިފަ ރީތިވާނެކަން ކަށަވަރެވެ.
"އަޅެ ވިޝް ކީއްތިކުރީ؟ އެހެން މީހަކު ކުރި ކުށެއްގެ ސަޒާ އަމިއްލަ ނަފްސަށް ތިދެނީ ކީއްވެ؟" ޝާހަމްގެ ހިތް ޝަކުވާއިން ފުރިގެން އައި ނަމަވެސް އެސުވާލުތައް ދުލާއި ހަމައަށް ގެންނާނެ ބާރެއް ނުލިބުނެވެ. އަލޫކްގެ އެހީގައި ވިޝާ އައިސް ކުރިމަތީ ހުރި ގޮނޑީގައި އިށީންދެލުމުން އޭނާ އިސްއޮބާލައިގެން އިނދެ ހިތްވަރާއެކު ކެވޭތޯ މަސައްކަތް ކުރިއެވެ. "ޝަލީގެ އިންފްލުއެންޒް ހަމަ ރަނގަޅީ. އަހަންނަށް ފެންނަނީ ޝަލީ ގިނަ ގިނައިން މިގެއަށް އަންނަން. އެއިރުން ވިޝް މުޅިން ހަމައަކަށް އެޅިދާނެ." އެހެން މީހުންގެ ވިސްނުން ޝާހަމްއާ ދިމާއަށް ދަތުރު ކުރުމުގެ ކުރިން އަލޫކް ދިފާއުގައި ބުނެލިއެވެ. ފިރާޝާ ހިނިތުންވެފައި ޝަލީން ބޮލުގައި އަތް ޖައްސާލިއިރު އަލޫކްގެ ބަހަށް ތާއީދު ކުރުމުން އޭނާ ހިތްހަމަޖެހުނެވެ. އެންމެން ކެއުމާއިގެން ކުރިއަށް ދާން ފެށުމުން ވިޝާވެސް ހިތްވަރުން އެތިކޮޅެއް އަރުން އެތެރެ ވޭތޯ މަސައްކަތް ފެށިއެވެ. ޝާހަމް އޭނާގެ ކުރިމަތީ އިންކަމަށްޓަކާވެސް އޭނާގެ ހިތް ވަނީ ފުރިފައެވެ. ލޮލުގައި އުފާވެރި މުތީތައް ގިނަވެ އޮހިގެންފާނެ ކަމާމެދުވެސް ބިރުވެތިވާން ޖެހިއްޖެއެވެ. ތިން މަސް ދުވަސް އޭނާ އެސޫރަ ނުފެންނަ ހިސާބުގައި ހޭދަ ކުރީ ކިހިނެތްކަން ޝާހަމްއަށް އެނގޭނެ ނަމައެވެ. އޭނާ ކޮންމެ އެތިކޮޅެއް އަނގައަށް ލާއިރު ސިއްރުން ނަމަވެސް ޝާހަމްގެ މޫނަށް ކަޅިއެއް އެއްލައެވެ. އެއިން ކޮންމެ އެތިކޮޅެއް އަރުން އެތެރެ ވަނީ އެއަށްފަހު ގައެވެ. ސިހުރެއް ފަދައިން ޝާހަމްގެ ލޯބި އޭނާގެ މުޅި ދިރިއުޅުމަށް ފެތުރިފައިވެއެވެ. ބޭނުންވިއަސް އެލޯއްބާއި ވަކިން ހަޔާތެއް ވޭތު ކުރާނީ ކިހިނެތް ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. ވަކިވުމުގެ ހިޔާލުން ވިޝާގެ ހިތް ރޮއްވައިލި ވަގުތު އިނދެވުނުތަންވެސް އޭނާ ހަނދާން ނެތުނެވެ. ދެފަރާތަށް ބޯ ހޫރައިގެންފައި ފުންމައިގެން ތެދުވެވުނީ އެންމެން ސަމާލުކަމަށް ގެނުވާފައެވެ. އެވަގުތު ލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ދަތުރު ފަށައިފިއެވެ.
"ކިހިނެތްވީ ދަރިފުޅާ؟ ކުޅިވީތަ؟" ވިޝާ ލޮލުން ކަރުނަ ދެކެފައި ފިރާޝާއަށް ވާނުވާ އޮޅުނެވެ. މަންމަ ތެދުވެފައި އަވަހަށް ފެންތަށި ނަގައި ދިއްކޮށްލުމުން ގަތްލަދުން އޭނާ ބޭނުންވީ ދުވެ ފިލާށެވެ. ކިތަންމެ ބަލިކަށި ހާލެއްގައި ހުއްޓަސް އެގޮތަށް އެންމެން ކުރިމަތީ ރޯކަށް ބޭނުމެއް ނޫނެވެ. "އަހަރެން ބޭނުމީ ކޮޓަރިއަށް ދާން." ވިޝާ އަތުން އެފެންތަށި ދުރުކޮށްލާފައި ފުރަގަސްދިނެވެ. "މަންމަ އަންނާނެ ކަމެއް ނެތް. އަހަރެންނަށް އެކަނި ދެވިދާނެ." ފިރާޝާ އެހީވާންވެގެން އަތުގައި ހިފާލުމުން ވިޝާ އެއަތް ފޮޅުވާލިއެވެ. ދެން އެކަކަށް އެކައްޗެއްވެސް ބުނާނެ ފުރުސަތެއް ނުދީ އަރި އަޅަމުން ކަހަލަ ގޮތަކަށް ގޮސް ލޯމަތިން އޮބާލައިފިއެވެ.
"އަޅާނުލިއްޔާ ރަނގަޅު ވާނީ. އިރުކޮޅަކުން ހަމައަކަށް އެޅިދާނެ." ފިރުދައުސް ކަންބޮޑުވި ނަމަވެސް މެހުމާނުންގެ ކުރިމަތީ ހަމަޖެހޭ ގޮތް ދައްކަންވެގެން ބުނެލިއެވެ ތުންފަތަށް ދެއްކުންތެރި ހިނިތުންވުމެއް ވެރިކޮށްލާފައި އޭނާ ތެދުވާ ހިޔާލެއް ނުކުރެއެވެ. ވިޝާގެ އެބަލި ހާލުގެ ޒިންމާދާރަކީ އަމިއްލަ ދަރިފުޅުކަން އެނގޭތީ ނަޖުމާމެން ދެމަފިރީންނަކަށްވެސް އެކަމާއި ބެހޭގޮތުން ލަފައެއް ދީ ވާހަކަ ދައްކާކަށް ނުކެރުނެވެ. ޝަލީން ފެށި ވާހަކައަކުން މާހައުލުގެ ހިމޭންކަން ބަދަލުކޮށްލަންދެން އެމީހުން ތިބީ އެއްޗެއް ބުނަން ނުކެރިފައެވެ. ހަނދާންތައް ފިލާފައި ހުރުމުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އިހްސާސްވި ވަގުތުކޮޅަކީ އެއީއެވެ. ޝަލީން އެތަނުގެ ސީރިއަސްކަން ކަނޑުވައިލަން ވެގެން ފިރުދައުސްގެ މަސައްކަތާއި ބެހޭގޮތުން އެހުމުން އެންމެން ޝައުޤުވެރިވިއެވެ. "ޝަލީއަށް ކިހިނެތް ވެފަ ތިހުރީ؟ ވަޒީފާ އަދާކުރަން ބޭނުން ނުވާ މީހުން ކީއްކުރަން އެހެންމީހުންގެ މަސައްކަތާއި ބެހޭގޮތުން އަހަނީ؟" އަލޫކް ހިނިގަނޑެއް ޖަހާލައިފައި ޝަލީން ބޮލުގައި އަޅައި ކޮށްޕާލުމުން ރުޅިއައިސްގެން ލޯއަޅައިގަތެވެ.
"ބަލަ މޮޔަޔާ ފުރަތަމަ މައުލޫމާތު ލިބިގެނެއްނު ކަމެއް ކުރެވޭނީވެސް. އަހަރެން މިއުޅެނީ އަހަރެން ކުރާ ހިތްވާކަމެއް ހޯދާފަ ވަޒީފާއަށް ނިކުންނަން. ދޯ ބައްޕާ؟" ޝަލީން އަލޫކްއަށް ވައްތަރެއް ޖައްސާލައިފައި އެއްބާރުލުން ދޭން އެދުނީ ބައްޕަ ކައިރިންނެވެ. "އެއީ ތެދެއް. ޝަލީ މިއަދު ބުނެފަ އޮތީ ގަޔާވާ މަސައްކަތެއް ފެނުނީމަ އެކަމެއްގެ ވާހަކަ ބުނާނެ ކަމަށް. އަލޫކް އޭނައަށް އެހީވެބަލަ!" އިމާދު ހަމަޖެހިލާފައި އެއްބައިވިއެވެ.
ކެއުން ނިންމާފައި އެންމެ ފުރަތަމަ ތެދުވީ ފިރުދައުސްއާ އިމާދުއެވެ. އެމީހުންގެ ފަހަތުން ދެއަންހެނުން ދާން ފެށިއިރު އަލޫކްއާ ޝަލީން އެކަކު އަނެކަކަށް ގޯނާ ކުރަން ތިބީ ތެދުވާ ހިޔާލެއްގައެއް ނޫނެވެ. ޝާހަމް ހިފީ އެފުރުސަތުގެ ބޭނުމެވެ. އޭނާ ކާކޮޓަރިން ނިކުމެފައި ބަލައިލިއިރު ބައްޕަމެން ދުފަން ތިބުމުން އެއިން މީހަކަށް ނުފެންނާހެން ވަރަށް ވިސްނައިގެން ގޮސް ވިޝާ ކޮޓަރި ކުރިމައްޗަށް ހުއްޓިއްޖެއެވެ. ޝާހަމް ހިތް ހަމައަކަށް އަޅުވާލަން މަޑުޖެހިލާފައި މަޑުމަޑުން ތަޅުގައި ހިފާ އަނބުރާލުމާއެކު ކިރިޔާ އެތެރެ ފެންނާވަރަށް ދޮރުފަތް ދުރުކޮށްލިއެވެ. އެވަގުތު އެހިމަ ދާރައިން ނިކުމެގެން އައިސް ކަންފަތުގައި ޖެހުނު ހިމޭން ގިސްލުމުގެ އަޑުން ގައިން ހީބިހި ނަގުވާލިއެވެ. ވަގެއްހެން އެތެރެއަށް ލޯ ދިންއިރު ވިޝާ ގިސްލާން އޮތީ ބަންޑުން އެނދަށް ވެއްޓިގަނެގެންނެވެ. އެވަގުތު ޝާހަމްގެ ދެފައި ހަރަކާތް ކުރީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އެކަމަކު އެތެރެއަށް އެޅުނު ފިޔަވަޅާއެކު އަނެއްކާވެސް ހިޔާލު ބަދަލުވެގެން ހުރި ހިސާބަށް ހުއްޓެވުނީއެވެ. ވިޝާ ހިތާމައިގައި ވަނިކޮށް އޯގާތެރިކަން ދައްކައިފިނަމަ އެއީ ދެވޭ ދޮގު އުންމީދަކަށް ނޫނީ ނުވާނެއެވެ. ޝާހަމް އަމިއްލަ ހިތަށް ވިސްނައިދީފައި އެނބުރި ގޮސް ސިޓިންރޫމަށް ނިކުތެވެ.
"ހިނގާ ކޮޓަރިއަށް. އަހަރެން ޝަލީއަށް ދައްކަން ބޭނުން އެއްޗެއް އެބައޮތް." ކައި ނިމިގެން ތެދުވެފައި އަލޫކް ހުށައެޅިއެވެ. ޝަލީން ސިހިފައި ހަތަރުކަޅި ހަމަކޮށްލީ ބިރެއް ފެނިގެން އުޅޭ މީހަކު ފަދައިންނެވެ. "ސާބަހޭ ދެން. އަހަރެން އެއްވެސް ކަމެއް ނުކުރާނަން. އައި ޕްރޮމިސް." އަލޫކްއަށް އެލޮލުގެ ކުލަވަރު ފެނިގެން ހިނިގަނޑެއް ޖަހައިލި ނަމަވެސް ހަޤީޤަތުގައި ވަރަށް އަސަރު ކުރިއެވެ. "އޯކޭ." އަލޫކްއަށް ފަޅާ އެރުމުން ޝަލީންވެސް ދެކޮޅު ހަދާ ހިޔާލެއް ނުކުރިއެވެ. އެކަމަކު އެގޭތެރޭގައި އެންމެން އުޅެނިކޮށް އަލޫކް ބޭނުންވިއަސް އޭނާއަށް ގެއްލުމެއް ނުދެވޭނެކަން ޤަބޫލު ކުރެވުނެވެ. ދެމީހުން ސިޑިން އަރައިގެން ގޮސް އަލޫކް ކޮޓަރި ހުޅުވާލައިފައި ވަނުމުން ފުރަތަމަވެސް މޫނުގައި ބީހިލީ ތެތް ވައިރޯޅި ތަކެވެ.
"ވާރޭ ވެހެނީތަ؟" ވަޔާއެކު ނަށަމުން ދިޔަ ފޮތިތައް ތެރޭން ބެލްކަންޏަށް ވެހެމުންދިޔަ ވާރޭ ދެކެފައި ޝަލީން ކުއްލިއަކަށް ދުއްވައިގަތެވެ. އޭނާ ގޮސް އެތަނުން ފޮތިގަނޑެއްގައި ހިފައި ހިމޭން ކުރުވާފައި ވާރެއަށް އަތް ދިއްކޮށްލުމުން ފިނި ފިނި ފެންތިކިތައް ބީހިލާފައި އަޖައިބެއްފަދަ އުފަލެއް ލިބުނެވެ. "އައި ލަވް ރެއިން." ޝަލީން އަމިއްލަ ހިޔާލުގައި ހުރެ އިއްވައިލި ބަސްތައް ފަހަތުން އައިސް ހުއްޓުނު އަލޫކްއަށް އިވުމުން ހިނިތުންވެލިއެވެ. "ދެން ތެމެން ވީނު. ލޯބިވާވަރެއް އެނގިދާނެ ފެންކޮޅެއްގަ ޖެހިލަނިކޮށް." އަލޫކް ސަމާސަ ކޮށްލަންވެގެން ޝަލީން ކޮނޑުގައި ހިފާ ކޮށްޕާލުމުން ވާރެއަށް ނިކުމެވުނެވެ. ދުވެފައި އައިސް ގަޔަށް ބޮލަށް އަރައިގަންނާނެ ކަމަށް ހުއްޓާ ޝަލީން ގޮސް ހުއްޓުނީ ބެލްކަނީގެ މެދަށެވެ. އެވަގުތު ބޯކޮށް ވެހެމުންދިޔަ ވާރެއިން މުޅި ކުއްޖާ ތެންމާލަން ނެގީ މަދު ސިކުންތުކޮޅެކެވެ. ފެނުނު މަންޒަރުން ހައިރާންވެފައި ހުއްޓާ ޝަލީން އެދެއަތްތިލަ ހުޅުވާލައިފައި ލޯ މަރައިލަމުން ވެހޭ ވާރޭގެ ތެރެއަށް މޫނު އުފުލައިލިއެވެ. އެތަން ފެނިފައި އަލޫކްއަށް ހުރެވުނީ ކަޅި ޖަހާލަން ނޭނގިފައި ބަލާށެވެ. މީގެ ކުރިން އެސޫރަ ދެކެގެން ނުވާ ގޮތެއް ހަމަ ކުއްލިއަކަށް ހިތަށް ވެއްޖެ ކަމުގެ އިހްސާސް ކޮށްދިނީ މުޅިން އާ ވައްތަރަކަށް ވިންދު ޖަހައިލި ހިތެވެ.
"އޭ މޮޔަ ކުއްޖާ. ހީކަރުވައިގަނެގެން ތުރުތުރު ނުލަނީސް އާދޭ އެތެރެއަށް!" ވިދުވަރުގެ އައްޔާއެކު އަލޫކްގެ ހިޔާލީ ވާފަށް ކަނޑައިގެން ދިޔަ ވަގުތު ދެފަރާތަށް ބޯ ހޫރާލައިފައި ގޮވައިލިއެވެ. އެކަމަކު ޝަލީން އެއަޑު އިވޭކަމަށްވެސް ނުހެދިއެވެ. ނޫނީ ގެއްލިފައި ހުރިވަރުން ހަޤީޤަތުގައިވެސް ކަންފަތާއި ހަމައަށް ނުފޯރީއެވެ. ދެން އިވުނީ ގުގުރައިގަތް އަޑެވެ. އަލޫކް ހީކުރީ މިފަހަރުވެސް ޔަޤީނުންވެސް ޝަލީން ދުވަމުން އަންނާނެ ކަމަށެވެ. އެކަމަކު ދެންވެސް ޝަލީން ކަންތައް ކުރީ ހީކުރިގޮތާއި ޚިލާފަށެވެ. "ގޯޑް! ވަޓްސް ރޯންގް ވިތް ހަރ؟" އަލޫކް އަމިއްލައަށް އެސުވާލު ކޮށްލައިފައި އެހެން ގޮތެއް ނެތިގެން ވެހޭ ވާރޭގެ ތެރެއަށް ނިކުމެ ޝަލީން އަތުގައި ހިފައިލިއެވެ. އެވަގުތު ސިއްސައިގެން ގޮސް ލޯ ހުޅުވައިލާފައި ޝަލީން އުޅުނީ އެތެރެއަށް ނުވައްދަން ފައިވިއްދާށެވެ. އެކަމަކު އަލޫކްގެ ބާރުގެ ކުރިމަތީ އޭނާއަށް މަޖުބޫރުވީ ބަލި ޤަބޫލު ކުރާށެވެ. އަތަށް އެންމެ ކުއްލިއެއް ޖެހީނުން ދަމާލައިފައި ގެނެސް ކޮޓަރިއަށް ވައްދާފައި ފަހަތުން ބެލްކަނީ ދޮރުފަތް ކަހައިލިއެވެ. "ގުގުރާ އަޑު ދެކެވެސް ބިރެއް ނުގަނޭތަ؟" އަލޫކް ތުވާލި ހިފައިގެން އައިސް ޝަލީން ބޮލަށް އެއްލާފައި ޖެހިގަތީ އެނދަށެވެ. "ގުގުރީމަ ބިރުގަންނަން ޖެހޭތަ؟ އެއަޑުވެސް ވަކި ވާރޭގެ އަޑަށްވުރެ ހިތްގައިމުކަން ކުޑައެއް ނޫން." ޝަލީން ބޯހިއްކަން ހުރެގެން ޖަވާބުދިނެވެ. އަލޫކް ވަކި އެއްޗެއް ނުބުނެ އިނދެލާފައި ކުރަން އުޅުނު ކަންތައް ހަނދާންވެގެން ގޮސް އަލަމާރި ހުޅުވައިލިއެވެ.
"ޝަލީ ކޮޓަރިން އަހަރެން ވަގަށް ނެގި ޑައިރީއެއް މީ." އަލޫކް އަލަމާރިން ނެރެފައި ދައްކައިލި އެއްޗެއް ފެނިފައި ޝަލީންގެ ލޯ ބޮޑުވިއެވެ. "ވަޓް؟" އޭނާ ހަޅޭތްލައިގެންފައި ތުވާލި ކޮނޑުމައްޗަށް ދޫކޮށްލުމަށްފަހު އައިސް އެފޮތް ޖަހައިގަތެވެ. "މި ގެއްލުނީމަ ޝަލީ ބިރުން ދެން ނުވެސް ލިއުނު ޑައިރީއެއް. އަހަރެންވެސް ކިޔަންވެގެން ގެނެއްސަ އެކަމަކު ކިޔާނެ ވަގުތެއް ނުވެ ތިއޮތީ. މިހާރު ދެން އިނގޭ މިވާހަކަ ބުންޏަސް ކުރިން އައި ރުޅި ނާންނާނެކަން." އަލޫކް ނުލަފާ ގޮތަކަށް އެއްލޯ މަރާލައިފައި ކިޔައިދިނެވެ. ޝަލީން ފޮތް ކިޔަން ވެގެން ގަނޑުތައް އުކަން ފެށިތަނާ އަލޫކްގެ ނަޒަރު އަނެއްކާވެސް އެމޫނަށް ހުއްޓުނެވެ. ބޯ ރަނގަޅަށް ނުހިކި ހުރުމުން ދެކޮނޑަށް ފައިބަމުންދިޔަ ފެންތިކިތައް ފެނިފައި ހިތަށް އެރީ އެއިސްތަށިގަނޑު ދުރުކޮށްލާފައި ތުންފަތުގެ އެހީގައި އެފެންތިކިތައް ނެތިކޮށްލުމަށެވެ. "ވަޓް އިޒް ހެޕެނިން ޓު މީ؟" އަލޫކް އަމިއްލަ ނަފްސަށް އަޑުލައިގެންފައި އަވަހަށް ދުރު ބަލައިލިއެވެ. ޝަލީން ފޮތަށް ގެއްލިފައި ހުރިވަރުން ނަސީބަކުން އޭނާގެ ނަޒަރުގައި ވި ތަފާތުކަމެއް ރޭކައެއް ނުލައެވެ.
"ދައްކަބަލަ ތި ބޯހިއްކައިދޭނަން." އަލޫކްއަށް ކެތްނުވެގެން ޝަލީންގެ ފުރަގަހުން ދެކޮނޑުގައި ހިފާ ގެންގޮސް އެތާހުރި ސޯފާގައި ބައިންދާފައި ފަހަތުގައި ކުޑަކޮށް ގުދަށް އޮވެ ބޯ ހިއްކައިދޭން ފެށިއެވެ. ޝަލީން ތެޅިގަނެފައި އެނބުރި ބަލައިލި ވަގުތު އަލޫކް ބުމަ އަރުވާލުމުން ނޫންކަމަށް ހެދިފައި ސަމާލުކަން އަނބުރައިލީ އަނެއްކާވެސް ފޮތަށެވެ. އޭނާ ފޮތުގައި ހުރި ފޮޓޯތަކާއި ލިއުން އަދި ކުރެހުންތައް ބަލަމުން ދަނިކޮށް އަލޫކް މަސައްކަތް ނިންމާފައި އޭނާއަށް އިހްސާސް ނުވާނެހެން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ.
ގެއަށް ދެވުމުން ޝަލީން ހެދުން ބަދަލުކޮށްގެން އެރީ އެނދަށެވެ. ވާރޭ ވެހޭ މަންޒަރު ފެންނާނެހެން ފޮތިތައް ދުރުކޮށްލާފައި ހަމައެކަނި ސައިޑު ޓޭބަލް މަތީ އިން ލައިޓް ދިއްލައިގެން ބާލީސްތަކުގައި ލައްގަނެލިއެވެ. ޑައިރީ ފެށިފައި ވަނީ އޭނާ މާ ހިތް އެދޭ ފިރިހެންކުއްޖެއްގެ ވާހަކައިންނެވެ. ބުނެފައި ވަނީ އެއީ މާ ދުރުގައި އުޅޭ ކުއްޖެއް ނޫން ކަމުގައެވެ. އަދި އޭނާއަށް އެކުއްޖާ ކަމުދާން ފެށީ މާ ކުރިން ފެށިގެންނެވެ. މާގިނަ ގަނޑުތަކެއް ލިޔެފައި ނެތް އެމުޅި ޑައިރީ ކީއިރު އެފިރިހެންކުއްޖާގެ އެކަށީގެންވާ މައުލޫމާތެއް އެނގޭކަށް ނެތެވެ. މުޅިންވެސް ހުންނަނީ އެކި ދުވަސް މަތިން އޭނާ ފެނިގެން ދެކެފައި ހުރި ކުދި ކުދި ވާހަކަ ތަކާއި އޭނާ ލައިފަ ހުންނަ ހެދުން އަދި އެސޫރައަށް ތައުރީފް ކޮށްފައެވެ. ފޮޓޯތަކާއި ކުރެހުން ތަކަކީވެސް އޭނާގެ އަމިއްލަ ހިޔާލީ މަންޒަރުތަކެވެ.
"މިދެން ޑައިރީއެއް؟" ޝަލީން ފޫހިވެގެން އެފޮތް ސައިޑު ޓޭބަލްމައްޗަށް އެއްލާލައިފައި ނިދަން އޮށޯތެވެ.
ގެއަށް އެނބުރި އައީއްސުރެ ހިނދުކޮޅަކަށްވެސް ޝާހަމްގެ ހިތުން ވިޝާގެ ސޫރަ ފިލާ ނުދެއެވެ. މަދު ދުވަސްކޮޅެއް ތެރޭ ވިޝާއަށް އައިސްފައިވާ ބަދަލު ފެނުމުން ހިތަށް ނުހަނު އަސަރު ކޮށްފިއެވެ. ލޯބިނުވާ މީހަކު ދެކެ ލޯބި ވުމަކީ ވިޝާގެ ކުށެއް ނޫނެވެ. އަދި އޭގެ ސަޒާވެސް ވިޝާއަކަށް ހައްޤެއް ނޫނެވެ. އޭގެ ބަދަލުގައި ވިޝާ އުޅެން ޖެހޭނީ އޭނާއަށްވުރެ ރަނގަޅު ބައިވެރިއަކު ހޯދައިގެން އޭނާއަށްވުރެ އަރާމު ދިރިއުޅުމެއް ކަމުގައި ޤަބޫލު ކުރެވުނެވެ.
ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ހުރެފައި ފޯނު ނެގީ ވިޝާއަށް ގުޅަން ވެގެންނެވެ. ބުނަން ބޭނުންވި ވާހަކަތައް ގިނަ ނަމަވެސް އޭގެ ފަހުން ދެން ވިޝާއަށް ކޮށްފާނެ އަސަރަކާމެދުވެސް ވިސްނައިލަން މަޖުބޫރުވިއެވެ. ހާލު ދެރަވެފައި އޮތް ބަލި ކުއްޖަކަށް އެހީގެ އަތެއް ފޯރުކޮށްނުލާ އިތުރަށް ބަލި ކޮށްލަންވީ ހެއްޔެވެ؟
"ވިޝް. އަހަރެންނަށް ކަމެއް ކޮށްދީފާނަންތަ؟ ޕްލީޒް ޑޯން ޕަނިޝް ޔޯސެލްފް. އީޓް ވެލް އެން ބީ ހެލްތީ!" ޝާހަމް އެންމެފަހުން މެސެޖެއް ލިޔެލާފައި ވިޝާއަށް ފޮނުވައިލިއެވެ.
*****
ޖެހިގެން އައި ދުވަހު ޝަލީން ހޭލައިގެން ތިރިއަށް ފޭބިއިރު ކާކޮޓަރިން އަލޫކްގެ އަޑު އިވެއެވެ. އޭނާ ގޮސް ވަންއިރު އަލޫކް އައިސް އުޅެނީ ވިޝާ ބުނެގެން އޭނާ ބަލައެވެ. "ޑައިރީއެކޭ ކިޔާފަ ފޫހި އެއްޗެއް ދިނީ." ޝަލީން ނާސްތާ ކުރަން އިށީންދެފައި ހަމައެކަނި އަލޫކްއަށް އިއްވަން ބުނެލިއެވެ. "ހަނދާނެއް ނުވި ދޯ. އެއީ އަހަރެންނަށް ތުއި ދެއްކެން ޝަލީ ލިޔުނު އެއްޗެއް. އަހަރެން ކައިރީ ޑައިރީ ލިޔާ ވާހަކަ ބުނީމަ ވަގަށް ނަގާނަމޭ ބުނެގެން ކޮށްފަ އޮތް ކަމެއް. މާފަހުން ހަޤީޤަތް ބުނީ. އެހެންވެ ނުކިޔާ އަލަމާރީގަ ބޭއްވީ. ކުރިން ނުބުނީ އެކިޔާފަ އެކަން ހަނދާންވެދާނެއޭ ހިތަށް އަރާފަ." އަލޫކް ހެވިފައި އިނދެގެން އޮޅުންފިލުވައިދިނެވެ.
"މީހުން އެހެން މީހުންނަށް ލަނޑުދޭން އެކަހަލަ ކަންތައްވެސް ކުރޭތަ؟" ޝަލީންއަށް ޤަބޫލު ކުރަން ދަތިވިއެވެ. އޭނާ ފާޑަކަށް އަނގަ ހަދާލައިގެން އިނދެފައި އަލޫކް ހޭން ފެށުމުން ރުޅިގަދަވިއެވެ. ޝަލީން ފުރަތަމަ ފަހަރަށް އަލޫކްއަށް އިތުބާރު ކޮށްފައި އެގެއަށް ދާން އެއްބަސްވި ނަމަވެސް ކާރަށް އަރާފައިވެސް ތިގެންދަނީ ކޮންތާކަށް ތޯ އިރުއިރުކޮޅާ އަހައެވެ. ޓްރެފިކަށް މަޑުކޮށްގެން އިން ވަގުތެއްގައި އަލޫކްއަށް ފޯނެއް އައިސްގެން ވާހަކަ ދައްކަން ފެށުމުން ޝަލީން ބޭރު ބަލައިލިތަނާ ދާދި ކައިރީ ސައިކަލެއްގައި އިން މީހަކު ފެނިގެން ސިކުނޑީގައި ކުރީގެ ހަނދާނެއް ކޮށައިލިއެވެ.