ބައްޕަ މިއައީ މަޢާފަށް އެދެން." އިމާދު އިނދެފައި ބުނެލި ވާހަކައިން ޝާހަމް ދިޔައީ ސިއްސައިގެންނެވެ. އޭނާ ތެޅިގަނެފައި އިސްއުފުލާލިއިރު ބައްޕަ ބަލަން އިނީ ވަރަށް ސީރިއަސް ނަޒަރަކުންނެވެ. "ކޮންކަމަކާ؟" ޝާހަމްއަށް އުދަނގޫ ވެފައި އެހިއެވެ. "ވިޝާއާ ކައިވެނިކުރަން ދަރިފުޅަށް މަޖުބޫރު ކުރެވުނީމަ." އިމާދު ހާމަކޮށްލިއެވެ. ޝާހަމްއަށް އަމިއްލަ ކަންފަތަށް އިތުބާރެއް ނުކުރެވުނެވެ. އެވަރުގެ ވާހަކައެއް ބައްޕަ ބުނަން ޖެހުނު ސަބަބު އޮޅުންފިލުވަން އޭނާ އިންތިހާއަށް ބޭނުންވިއެވެ. ސުވާލުކުރަން ނުކެރިފައި ޝާހަމް އިންދާ ބައްޕަ ކިޔައިދިނީ އިތުރަށް އޭނާ ހައިރާންކޮށްލި ވާހަކައެކެވެ. ޝާހަމް ފަދައިން އެބައްޕައަށްވެސް ލޯބިވެވުނީ ކައިވެނި ހަމަޖެހިފައި އޮތް ކުއްޖާ ނޫން އެހެން ކުއްޖެއްދެކެއެވެ. އެކަމަކު މައިންބަފައިންގެ ނުފޫޒުން ކައިވެނި ކުރަން މަޖުބޫރުވީއެވެ. ލޯބިވެރިޔާ ހަނދާން ނައްތާލައިފައި އާ ދިރިއުޅުމާއިގެން ކުރިއަށް ދާން އިމާދު ވަރަށް މަސައްކަތް ކުރިއެވެ. ފުރަތަމަ ދަރިފުޅު ލިބުމުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ނާހިދާ މަތިން އޭނާ ހަނދާން ނެތުނެވެ. އެލޯބި އަނބުރާ އައިސް ހަފަރާތުން ވަށައިލީ ދުވަސްތަކަކަށްފަހު އަނެއްކާވެސް ނާހިދާއާ ބައްދަލުވުމުންނެވެ. އެހާ ދުވަހު ވަކިން އުޅުމަށްފަހުވެސް ދެން އަލުން ބައްދަލުވުމާއެކު ޖަޒްބާތުތައް އުތުރި އަރައިގަތެވެ. އިމާދު ވަރަށް ވިސްނުމަށްފަހު ނިންމީ ދެވަނަ ފަހަރަށް ނާހިދާ ދޫކޮށްނުލުމަށެވެ. އެގޮތުން އޭނާ ނާހިދާއާ ކައިވެނި ކުރީ ސިއްރުންނެވެ. ހިތާމައަކީ އިމާދު ބޭނުންވިހާ ސިއްރުން ކުރި ކައިވެނި އެގޮތުގައި ގިނަ ދުވަހު ދެމިނޯތުމެވެ. ކޮންމެވެސް ގޮތަކުން ބައްޕައަށް އެނގިގެން ނާހިދާއާ ބައްދަލުކޮށް ދެއްކި ވާހަކައެއް ވިއްޔާ ދެއްކީ އިމާދު ގޭގައި ނެތް ވަގުތެއްގައެވެ. އެހިސާބުން އިމާދު އެނބުރި ގެއަށް އައިސް ވަންއިރު ނާހިދާ ދޫކޮށްފައި ދިޔަ ކުރު ނޯޓެއް ފިޔަވައި އެކައްޗެއްވެސް ނެތެވެ.
އެތައް ދުވަހެއް ނާހިދާ ހޯދުމުގައި އިމާދު ހޭދަކޮށްލިއެވެ. މާޒީ ހަނދާން ނައްތާލައިފައި އަދިވެސް އެއްފަހަރު ދިރިއުޅުމާއިގެން ކުރިއަށް ދާން ހިތްވަރު ލިބުނީ އަލަށް ލިބުނު ތުއްތު ދަރިފުޅާއި ޝާހަމްގެ ސަބަބުންނެވެ. އެކަމަކު ތަޤްދީރުގައި އެގޮތް ލިޔެފައި ވަންޏާ ކޮންމެވެސް ގޮތަކުން އެކަމެއް އޮންނަނީ ކުރިމަތިވެފައެވެ. ގެއްލިފައިވާ ނާހިދާ އަލުން ފެނުނީ އޭގެ ތިން އަހަރު ފަހުންނެވެ. އެކަމަކު ހޭހުސްވެފައިވާ ހާލު ހޮސްޕިޓަލުގައި އޮތްވައެވެ. ތިމާގެ މީހެއް ދަންނަ މީހެއްވެސް އެހީތެރިކަމުގައި އައިހެއް ނެތެވެ. އިމާދުއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށްފަހު އެންމެފަހުން ނާހިދާ ގެއަށް ބަދަލުކުރީ ގެއިން ހުރިހާ ޚިދުމަތެއް ލިބޭނެ އިންތިޒާމް ހަމަޖައްސައިފައެވެ. ނާހިދާގެ އުފަން ރަށަށް ދިޔައިރު އޭނާގެ ތިމާގެ މީހެއް ކަމުގައި ހުރި ދެމީހުން ކުރެ އެކަކު ވަނީ ނިޔާވެފައެވެ. އަނެކަކު ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ހިސާބެއް އެރަށު މީހަކަށްވެސް ބުނެދޭކަށް ނޭނގުނެވެ. ރަށަށް އައިއިރު ނާހިދާ ބަޑުބޮނޑު ކަމާއި ތިންއަހަރު ވަންދެން ކުޑަ އަންހެންކުއްޖަކު ގެންގުޅުމަށްފަހު އެއްބަނޑުމީހާއަށް ބަލަން ދިންކަން އެނގުނީވެސް އެރަށު މީހުންގެ ފަރާތުންނެވެ. އެދަރިފުޅު ހޯދަން އިމާދު ކުރިހާ މަސައްކަތް ނާކާމިޔާބުވުމުން އޭނާ އުންމީދުކޮށްގެން ހުރީ ނާހިދާ ހޭއެރި ދުވަހަކުން އެމައުލޫމާތު ހޯދުމަށެވެ. އެކަމަކު އެއުންމީދު ފުރިހަމަ ނުވަނީސް ނާހިދާ މިއަނިޔާވެރި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ.
އިމާދުގެ ވާހަކަ ނިމުނުއިރު ޝާހަމް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބައްޕަ އެވަރަށް އޭނާގެ ލޯއްބާއި ޚިލާފުވެ ކޮޅަށް ތެދުވީ ޚުދު ބައްޕަގެ ހަޔާތުގައިވެސް ހަމަ އެފަދަ ބޮޑު ސިއްރެއް އޮތްވާކަން އެނގުމުން ހިސާބަކަށް ރުޅިވެސް އައެވެ. އެކަމަކު އޭނާ އެއްޗެކޭ ނުބުނެއެވެ. އިތުރަށް ބަސް ބުނެގެން ވާނެ ފައިދާއެއްވެސް އޮތީއެއް ނޫނެވެ. ކޮންމެ ގޮތެއްވިއަސް ލިޒް އަނބުރާ ދުނިޔެއަކަށް ނާންނާނެއެވެ. ދޮންމަންމަ ފަދައިން ލިޒްވެސް އެވަނީ މިއަނިޔާވެރި ދުނިޔެއަށް އަލްވަދާޢު ކިޔައިފައެވެ.
"އަހަރެން އަހައިލަން ބޭނުންވަނީ ހަމަ އެންމެ ސުވާލެއް. މިހާ ދުވަހު ސިއްރުކޮށްފައި އޮތްކަމެއްގެ ވާހަކަ މިއަދު ކުއްލިއަކަށް އައިސް ކިޔައިދޭން ބައްޕަ ބޭނުންވީ ކީއްވެތޯ؟' ޝާހަމް އިސްއުފުލާލައިފައި ބައްޕަގެ މޫނަށް ބަލައިލިއެވެ.
"ބައްޕަގެ އެއްކުއްޖަކު މިހާރު އެވަނީ ގެއްލިގެން ގޮއްސަ. ބޭނުމެއް ނުވޭ ދެންހުރި ދަރިފުޅުވެސް ގެއްލޭކަށް. މިހާދުވަހުވެސް ބައްޕަ އުޅުނީ އަމިއްލަ އުފާތަކައިގެން. އެއްފަހަރުވެސް ވިސްނައެއް ނުލެވޭ ދަރިންގެ އުފާތަކާ މެދަކުއެއް. ދެން ބޭނުމެއް ނުވޭ އެގޮތެއް. މިހާރު ވިސްނިއްޖެ އެއީ ކިހާ ގޯސް ގޮތެއްކަން." އިމާދު އެނބުރިފައި ޝާހަމްގެ ކޮނޑުގައި އަތް ޖައްސާލައިގެން އިނދެ ހާމަކުރިއެވެ. ޝާހަމް ހިމޭނުން އިނދެފައި ބައްޕައަށް ގޮވައިލީ ތެދުވެގެން ގޮސް ދޮރާއި ހަމަވީމައެވެ.
"އެހެންވިއްޔާ އަހަރެން ވިޝާ ދޫކޮށްލިއަސް ބައްޕަ ދެން ނުރުހުމެއް ނުވާނަންތަ؟" ޝާހަމް ކުރި ސުވާލު އިވިގެން އިމާދު ސިހުނެވެ. އެނބުރި ބަލައިލިތަން ފެނިގެން ޝާހަމް ހުރީ ބައްޕަ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ކިތަންމެ ރީތިކޮށް ވާހަކަދައްކާފައި ދިޔަސް ބައްޕަގެ ގާތް އެކުވެރިޔާގެ ދަރިފުޅާއި ވަކިވެ ވިޔަފާރިއަށް ބުރޫއަރަން ބޭނުން ނުވާނެކަމުގައި ހިތުގައި ޔަޤީންކަން އޮތެވެ.
"ދަރިފުޅަކީވެސް މިހާރު ނުވިސްނޭ ކުއްޖެއް ނޫން. ހެވާއި ނުބައި އޮޅުންފިލާވަރުގެ ވިސްނުން ލިބިފައި އެބަހުރި. ދަރިފުޅަށް ފެންނަ ގޮތަކަށް ކަންތައް ކުރިއަސް ބައްޕަ ދެކޮޅެއް ނުހަދާނަން." ޝާހަމް ހައިރާން ކޮށްލާފައި އިމާދު ޖަވާބުދިނެވެ. ދެން ނިކުމެ ދޮރު ލައްޕާލުމާއެކު ޝާހަމްއަށް ދެއަތުން ހިފަހައްޓާލެވުނީ ބޮލުގައެވެ. ދެންމެ އެފެނުނީ ދުވަހަކު އުންމީދުކުރި ފަދަ މަންޒަރެއް ނޫނެވެ.
ޝާހަމްއަށްފަހު އިމާދު ފޮރުވާފައި އޮތް ހަޤީޤަތުގެ ވާހަކަ ނަޖުމާއަށްވެސް ސިއްރުކުރާކަށް ގަސްތެއް ނުކުރިއެވެ. އެވާހަކަ އަހާފައި ނަޖުމާ ނިންމާ ކޮންމެ ނިންމުމެއް އިމާދު ހިތުން ރުހުމުން ޤަބޫލު ކުރާނެ ކަމަށް ބުނީ ނުހަނު މަޑުމައިތިރިކަމާއެކުގައެވެ. އެކަމަކު ނަޖުމާ އިޚުތިޔާރު ކުރީ އެގޭގައި ދިރިއުޅުމަށެވެ. ޝަލީން ނެތަސް ބޮޑުވެފައި ހުރި ފިރިހެން ދަރިއަކު ހުއްޓާ ކައިވެނި ރޫޅާލައިފައި ދާކަށް އޭނާގެ ހިތެއް ނުރުހުނެވެ. ދަރިންނަށް މިސާލަކަށް ވާން ޖެހޭނެ ބަޔަކީވެސް މައިންބަފައިން ކަމުގައި ނަޖުމާ ޤަބޫލުކުރެއެވެ.
*****
ޒެނިތްގައި ހުރި އީޝާގެ އެއްޗެހި ބަލައި އޭނާ ދިޔައީ ޝާހަމްއަށް ގުޅައިގެން އެގޭގެ ތަޅުދަނޑި ހޯދައިގެންނެވެ. އީޝާ ގުޅާލުމުން ޝާހަމް އައީ ކާރުގައި އޭނާ ބަލައެވެ. ނުހައިކް ހިތްހަމަ ނުޖެހިފައި ޝާހަމްއާ ދިމާކޮށްލަން އުޅެން ފެށުމުން އީޝާ އެކަން މަނާކުރިއެވެ. "ނިކް ހާސްނުވޭ. މީ އެންމެ ފަހަރެއްގެ ކަމެއް. ދެވަނަ ފަހަރަށް އަހަރެން އެގެއަކަށް ނުދާނަން." އީޝާ ނުހައިކްގެ ހިތްހަމަޖައްސައިދިނެވެ. އޭނާ ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ނިކުމެ ފަހަތުގައި އިށީނުމާއެކު ޝާހަމް ކާރު ދުއްވާލައިފައި ގޮސް ޒެނިތް ކައިރިއަށް ހުއްޓިއެވެ.
ދޮރު ހުޅުވާފައި ކުރިން ވަނީ ޝާހަމްއެވެ. އޭނާ ކުރީގައި ގޮސް ސޯފާތައް މަތީ އަޅާފައި ހުރި ފޮތިތައް އެއްފަރާތްކޮށް ދޮރުތައް ހުޅުވާހެދިއެވެ. އޭގެ ބަދަލުގައި އީޝާ ފެނުނީ ނިކަން ހިމޭންކޮށެވެ. އެތެރެއަށް ވަނީއްސުރެ ވަށައިގެން ބެލުން ނޫންކަމެއް އޭނާ ނުކުރެއެވެ. އެންމެ ފަހުން ލިޒް އުޅުނު ކޮޓަރިއާ ކައިރިވެފައި އެތަނަށް ވންއިރު އެމީހުން ދޫކޮށްފައި ދިޔަ ގިނަ އެއްޗެހި ހުރީ އަދިވެސް ބެހެއްޓި ގޮތަށެވެ. އެތަން ދޫކޮށްފައި ދިޔަ ނަމަވެސް ބައެއް ފޮޓޯ ފްރޭމްތަކާއި ގެންގުޅުނު އެހެނިހެން ތަކެތި އެމީހުން ދިޔައީ ދޫކޮށްލައިފައެވެ. އީޝާ ހިތްހަމަ ނުޖެހިގެން ވާހަކަދެއްކުމުން ލިޒް އޭނާގެ ދަތްދޮޅީގައި ހިފާ ތުއްތު ކުއްޖަކު ރުއްސާ އުސޫލުން ބުނެލީ ބޭރަށް ގޮސް އާ ހަނދާންތައް ގާއިމު ކުރާނީ ކަމުގައެވެ. ދައްތަގެ އެޖުމްލަ ދެންމެ ވީކަމެއްހެން ކަންފަތުގައި ގުގުމާލި ވަގުތު އިޝާގެ ލޮލަށް ކަރުނަތައް ގިނަވިއެވެ. އޭނާ ތުންފަތުގައި ދަތް އަޅާލައިފައި ގޮސް ފަހަރަކު އެއްޗަކަށް ފުންކޮށް ނަޒަރެއް ދެމުން ކޮޓަރި ވަށައިގެން ހިނގިއެވެ. ބޭނުންވާ އެއްޗެހި ފޮށިގަނޑަކަށް އަޅައިގެން ދޮރާއި ހަމައަށް ގެނައުމުން އެއަތުލައިގެން ގެނެސް ކާރަށް އަރުވައިދިނީ ޝާހަމްއެވެ. އީޝާވެސް ދެކޮޅު ހަދާކަށް މަސައްކަތެއް ނުކުރެއެވެ.
"އީޝް. އަހަރެން ބުނަން ބޭނުން ވާހަކައެއް އެބައޮތް." ކާރަށް އަރައި ހަމަޖެހިލާފައި ޝާހަމް ބުނެލިއެވެ. އީޝާ އެއްޗެއް ނުބުނެ އިނީ ފުރުސަތު ދީގެންނެވެ. އެކަމަކު އޭނާ ވަކި އެހެނެއްވެސް ނުބުނެއެވެ. "އީޝްގެ އަސްލު ސޫރައަށް ވާސިލް ވުމަށްޓަކައި ހަދަންޖެހޭ ސާޖަރީގެ ހުރިހާ ހަރަދެއް ކޮށްދޭން އަހަރެން މިހުރީ ތައްޔާރަށް." ޝާހަމްގެ ޖުމްލަ އަހާފައި އީޝާއަށް ކުއްލިއަކަށް ބަލައިލެވުނެވެ. "އަހަރެން ނޭދޭނަން މަޢާފަކަށް. އަހަރެން އަދިވެސް ޤަބޫލު ކުރާ ގޮތުގައި އަހަރެން ކަންތައްކުރީ ލިޒް އެދުނު ފަދައިން އިޝްއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭތޯ. އަހަރެން މިއަދުވެސް މިހުރީ އީޝް ބަލަން ތައްޔާރަށް. އެކަމަކު މިހާރު ދެން އެނގޭ އީޝް އަހަރެން ދޭ އެހީ ޤަބޫލު ނުކުރާނެކަން. އެހެންވެ އަހަރެން މިއެދެނީ އެންމެ ކަމަކަށް. އެއީ އަހަރެންގެ ސަބަބުން ގޯސްވި ކަންތައް ރަނގަޅުކޮށްދޭނެ އެންމެ ފުރުސަތަކަށް. އުންމީދުކުރަން ވިސްނާލައިފަ ރަނގަޅު ޖަވާބެއް ދޭނެ ކަމަށް." އީޝާ ބަލަހައްޓައިގެން އިންދާ ޝާހަމް ބޭނުންވާ ވާހަކަތައް އިއްވާލައިފައި އޮންކޮށްލީ ހިމޭންލަވައެކެވެ. ކާރު ދުއްވާލުމަށްފަހު ގޮސް ގެއާ ކައިރިވަންދެން ހިމޭންވެފައި އީޝާ އިނީ ފުން ވިސްނުމެއްގައެވެ.
ގެއަށް ގޮސް ވަދެފައި ޒެނިތްއިން ގެނަ ފޮށިގަނޑު ހިފައިގެން އީޝާ އިނީ އެނދުމަތީގައެވެ. އެގެއިން ގެނަ ފޮޓޯފްރޭމްތަކާއި އަދިވެސް ބައެއް އެއްޗެހިތައް ނަގައިގެން ބަލަމުން އެނދުމަތީ ބަހައްޓަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފައި ވަންއަޑު އިވިގެން ބަލާލިއިރު ނުހައިކް ހުއްޓެވެ. ހަތަރުކަޅި ހަމަވި ވަގުތު ނުހައިކް ހީލިއެވެ. އައިސް މަގަތުގައި އިށީންދެފައި އޭނާ ނެގީ ދެއަންހެންކުދިން ބައްދާލައިގެން ނަގާފައި ހުރި ފޮޓޯއެކެވެ. އޭނާ އެފޮޓޯއަށް ފުންކޮށް ބަލާލައިފައި ތިރިކޮށްލި ވަގުތު އީޝާ ކުރާކަމެއް ފެނިގެން ހާއްސަ ސަމާލުކަމެއް ދެވުނެވެ. އީޝާ އެތަނުން ވަކި ހާއްސަ ފްރޭމެއް ނަގައި ފޮޓޯގަނޑާއި ވަކިކޮށްލިއިރު އޭގެ ދަށުން ވެއްޓުނީ ބަންޑުން އޮތް އިތުރު ފޮޓޯއެކެވެ. ނުހައިކް އެނަގާފައި ބަލައިލަން އުޅެނިކޮށް އީޝާ އެއަށްވުރެ ކުރިން ޖަހައިގެންފައި ރަނގަޅު ފުށަށް ޖަހާލުމަށްފަހު ބަލައިލިތަން ފެނުނެވެ. ދެވަނަ ސިކުންތުގައި އޭނާ އެފޮޓޯގަނޑު އެއްލައިލީ މާދުރަށެވެ. ހީވީ ވިހަގަދަ ސުއިއްޕެއް ނަމަވެސް އެއްޗެއް ކަށި ޖަހައިގެން ފޮޅައިލިހެންނެވެ.
"ކިހިނެތްވީ؟" ނުހައިކްއަށް ތެދުވެވުނެވެ. އީޝާ އޭރުވެސް ބަލަން ހުރީ ދުރުގައި ބަންޑުން ޖެހިފައި އޮތް ފޮޓޯގަނޑަށެވެ. އޭނާ ޖަވާބެއް ނުދިނުމުން ނުހައިކް ގޮސް އެދިމާއަށް ގުދުވެފައި ފޮޓޯގަނޑު ނަގައި ބަލައިލިއެވެ. ފޮޓޯގައި އިން ޒުވާން ޖޯޑުގެ ތެރެއިން ފިރިހެންމީހާގެ މޫނުން ދަންނަ ވައްތަރެއް ޖެހިގެން ހީވެގެން ފުންކޮށް ބަލައިލެވުނެވެ. އެވަގުތު އޭނާއަށްވެސް އެއީ ކާކުކަން އެނގިއްޖެއެވެ.
"ޝާހަމްގެ ބައްޕަ އިމާދުގެ ފޮޓޯއެއް؟...ކީއްވެ ތިފްރޭމްތެރޭގަ މިއޮންނަންވީ؟ ދެން ކޮން އަންހެނެއް މީ؟" ނުހައިކް އައިސް ކުރިން އިންތާ އިށީންދެފައި އެހިއެވެ. "މިފްރޭމަކީ މާކުރިން ދައްތަ ދީފައި އޮތް އެއްޗެއް. ދައްތަ ބުނީ އަހަރެންގެ މަންމައާ ބައްޕަގެ ފޮޓޯއެއް މީގަ އިންނާނެ ކަމަށް. އެކަމަކު އަހަރެން ބަލާބޮޑުކުރީ އެހެން ބަޔަކަށްވެފަ އެމީހުން ދެކެ ވެވުނު ލޯއްބަކުން މިހާ ދުވަހު ނުބަލައި ބޭއްވުނީ. އަހަރެން މަންމަ ބައްޕަ ކިޔައިގެން އުޅުނީ ލިޒްދައްތަގެ މައިންބަފައިންނަށް. ހަޤީޤަތުގައި އެއީ އަހަރެންގެ ބޮޑުދައިތައާ ޅިޔަނު. ހިތަށްއެރީ ކޮންމެވެސް ދުވަހަކުން ބަލަން ބާއްވާނީއޭ." އީޝާ ކިޔައިދިން ވާހަކައިން ނުހައިކްއަށްވެސް ލިބުނީ ސިހުމެކެވެ. "އަހަރެންނަކަށް ނުވިސްނުނު." ނުހައިކް ބުމަ ކައިރިކޮށްލިއެވެ. "އެކަމަކު އަހަރެންނަށް މިހާރު ވިސްނިއްޖެ. އަހަރެން މީ ޝަލީންގެ ގޮތުގައި ހުރިއިރު އޭނަ ބައްޕަގެ ބޮޑު ސިއްރެއް އަހަރެންނަށް އޮޅުންފިލި. އެއީ ޝަލީންބައްޕަގެ ސިއްރު އަންބެއް ހުންނަކަމާއި ގެއްލިފައިވާ ދަރިއަކު ހުންނަކަން. އެއީކާކުކަން ޝަލީން ބައްޕައަށް ނުހޯދުނަސް އަހަރެންނަށް އެނގިއްޖެ. މިފޮޓޯގައި ދެން އެހުރި އަންހެނަކީ އަހަރެންގެ މަންމަ." އީޝާ އެވާހަކަ އޮޅުންފިލުވައިދިންއިރު ހަނދާނުގައި ހަރުލީ އޭނާ އެގެއަށް ގޮސް ނާހިދާގެ މޫނު ފެނުމުން ކުރެވުނު ގޮތް ނޭނގޭ އިހްސާސެވެ. އޭނާ އަތް ޖައްސާލުމުން ނާހިދާ އިނގިލި ހަރަކާތް ކުރި ވަގުތު ނަރުސްމީހާ ހަޅޭތްލަވައިގެންފައި ބުނީ ވިހި އަހަރުތެރޭ އެއިނގިލި ހަރަކާތް ކުރި އެއީ ފުރަތަމަ ފަހަރު ކަމަށެވެ. އެވަގުތު ހިތުގައި އަނެއްކާވެސް އުތުރިގަތީ އަމިއްލަ ބާރެއް ނުހިންގުނު އިހްސާސްތަކެކެވެ. އެމަންމައާ ބައްދަލުކުރާ ހިތުން ކެތްމަދުވިއެވެ.
"އޯހ ގޯޑް.... މަންމަ... ނިކް އަހަރެންގެ މަންމަ....އަހަރެން ބޭނުން މަންމައާ ބައްދަލު ކުރަން ދާން." އީޝާ ކުއްލިއަކަށް ހަޅޭތްލަވައިގެންފައި އައިސް ނުހައިކްގެ އަތުގައި ހިފެހެއްޓިއެވެ. ނުހައިކްއަށް އިތުރު އެއްޗެއް ނުބުނެވި ހުއްޓާ އެއަތަށް ދަމާލައިފައި ދޮރާއި ދިމާއަށް ގެންދިޔައެވެ.
އީޝާ ހިމޭނުންކުރުވަން ނިކަން ވިސްނަދީފައި ނުހައިކް ގުޅީ ޓެކްސީއަކަށެވެ. އެވަގުތުކޮޅުވެސް އީޝާއަށްވީ ޤަރުނެއްހާ ދިގު ވަގުތުކޮޅަކަށެވެ. ދެއަތް ދެއަތާއި ގުޅުވާލައިގެން ހުރެ މެދުކެނޑުމެއްނެތި ދެކޮޅަށް ހިނގިއެވެ. ޓެކްސީ އައިސް ކައިރިކޮށްލިހާއިރުން އެންމެ ކުރިން ދޮރު ހުޅުވާފައި ފަހަތު ސީޓަށް ޖެހިގަތެވެ. އޭގެ އިރުކޮޅެއް ފަހުން ކާރުގޮސް އެރޯވިލާއަށް މަޑުކޮށްލިއިރު ހިތް ތެޅެމުން ދިޔައީ އެންމެ ބާރުމިނުގައެވެ. އީޝާގެ ބޭނުމަކަށްވީ އިމާދުއަށް ނޭނގި މަންމައާ ސިއްރުން ބައްދަލު ކުރުމެވެ. ފަހަރުގައި މަންމަ ވިހި އަހަރު ވަންދެން ދުނޔޭގައި އެއޮތީވެސް އޭނާއާ ބައްދަލުވާން ވެގެން ކަމަށް ވެދާނެއެވެ. އަދި މަންމަ ތެދުވަން މެދުވެރިވާނެ ސަބަބަކީ އޭނާ ނޫންކަމެއް އެނގެނީ ކިހިނެތް ހެއްޔެވެ؟
ހިތުގައި އެތައް ފޮނިއުންމީދެއް ރައްކާކޮށްގެން ގޮސް ބެލް ޖަހާ ޖަހާ ޖަވާބެއް ނައެވެ. އީޝާގެ ކެތްތެރިކަން ކޮޅުންލާ ގޮތް ވެގެން ތަކުރާރުކޮށް އެތައް ފަހަރަކު ބެލް ޖަހައިލިއެވެ. "އީޝް. ކާމް ޑައުން. މީހަކު ނެތީ ކަންނޭނގެ. ޔަޤީންތަ މީކަން އީޝް ކުރިން އައި ތަނަކީ؟" ނުހައިކްއަށް ނުހުރެވިގެން އީޝާ ހުއްޓުވާފައި ވިސްނަދޭން މަސައްކަތް ކުރިއެވެ. އެވަގުތު އީޝާ ބޯ ހޫރާލީ ދެފަރާތަށެވެ. "ނުވާނެ އެހެނެއް. އަހަރެން މަންމަ އޮންނަނީ މިއެޕާޓްމެންޓްގަ. އަހަރެން ދުށީމޭ. އަހަރެން އަތްލީމަ މަންމަ ފުރަތަމަ ފަހަރަށް އިނގިލި ހަރަކާތް ކުރީވެސް." އީޝާ ނުހައިކްގެ ވާހަކަ ދޮގުކޮށްފައި ބުނެލިއެވެ. ކަންބޮޑުވުމާއި ހާސްކަން އެކުވެގެން ލޮލުން ކަރުނަ އަންނަން ފެށުމުން އެދެލޯ ފުހެލަން ހުއްޓާ ފަހަތުގައި މީހަކު ހުރެފައި ކޮނޑުގައި އަތްޖައްސާލިކަން އިހްސާސްވެގެން ތެޅިގަނެވުނެވެ. އެނބުރި ބަލާލިއިރު އެތަނުން އިމާދު ފެނުމުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އޭރު އިމާދުގެ މޫނުގައިވެސް ހުރީ އިޝާގެ މޫނުން ފެނުނު ފަދަ ކުލަވަރެކެވެ.
"ކޮންއިރަކު އަތް ލީމަ ނާޙިދާ އިނގިލި ހަރަކާތްކުރީ؟" އިމާދު ދެލޯބޮޑުވެފައި ސުވާލުކުރިއެވެ.