ދެމީހުން ކާރު މަޑުކޮށްފައި ގޮސް ރެސްޓޯރެންޓަށް ވަދެ ތިއްބާ ވޭޓަރު އައިސް ކުރިމައްޗަށް ހުއްޓިފައި ބޭނުންވަނީ ކޯއްޗެއްތޯ އެހިއެވެ. އެވަގުތު ޝާހަމްގެ ސަމާލުކަމާއި ގުޅުނީ އެއަޑެވެ. އޭނާ ތެޅިގަނެފައި ބަލާލި ވަގުތު މެއަށް ފިނިވެގެން ދިޔައެވެ. ކުރިމަތީގައި މެނޫ ދިއްކޮށްލައިގެން ހުރީ ލިޒްއެވެ. "މިއަދު އޯޑަރ ދޭނީ އަހަރެން." ޝާހަމް ވާހަކަދައްކަން އުޅުނުވަގުތު ވިޝާ ކުއްލިއަކަށް އަތުގައި ހިފާލުމުން ދެތުންފަތް ބެދުނެވެ. ވިޝާ އެއަތުގައި ހިފާލުމުން އެކަމާ އެހާ ގަޔާނުވި ފަހަރެއް މިނޫނީ ނާދެއެވެ. ހަތަރުކަޅި ހަމަކޮށްލި ނަމަވެސް ވިޝާގެ ހިނިތުންވެފައިވާ މޫނު ފެނުމުން ހާމައެއް ނުކުރެވުނެވެ.

"ގެންނަންވީ ދެ ކްލަބްސޭންޑްވިޗް، އެއް ކަޕަޗީނޯ، އެއް ލަވާޒާ ބްލެކް ދެން އެއްސްކޫޕް އައިސްކްރީމް." ވިޝާ އޯޑަރ ކިޔާލިއިރު ޝާހަމް ކަޅިޖަހާނުލާ ބަލަން އިނީ ލިޒްގެ މޫނަށެވެ. ލިޒް އިސްޖަހައިގެން ހުރެ އަތުގައި އޮތް ނޯޓްފޮތުގައި ލިޔެލާފައި ދާންވެގެން އެނބުރުނުއިރު ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. ޝާހަމްގެ މެއަށް އަނެއްކާވެސް ފިނިވެގެން ދިޔައީ އެހިނިތުންވުން ދެކެފައެވެ. ލިޒްގެ އެހިތްހެޔޮކަން އޭނާގެ ހިތާއި ކުޅެލައިފިއެވެ. އޭނާ ހީކުރީ ވިޝާއެކު ފެނުމުން ލިޒް އޭނާ ދަންނަކަމަށްވެސް ހަދައިނުލާނެ ކަމަށެވެ. އެކަމަކު ކަންތައް މިވީ މުޅިން އިދިކޮޅަށެވެ.

ޖެހިގެން އައި ހެނދުނު ޝާހަމްއަށް މާ އަވަހަށް ހޭލެވުނެވެ. ތެދަށް ބުނަންޏާ އޭނާ ހުރީ އިރު އެރުންވެސް ލަސްވެފައެވެ. ތައްޔާރުވެލައިގެން ތިރިއަށް އައިސް އައިސް ހުއްޓާ މަންމަ ގޮވާލުމުން ޝާހަމް ދިޔައީ ސިއްސައިގެންނެވެ. "ހާދަ އަވަހަކަށް ތެދުވެގެން ކޮންތާކަށް ތިދަނީ މިހާރަކަށް އައިސް؟" ނަޖުމާ ސުވާލުކޮށްލިއިރު ދަރިފުޅުގެ މޫނަށް ފުންކޮށް ބަލައިލިއެވެ. "މިހެން ހުސްކޮށް ހުންނައިރެއްނު ތަންތަނަށް ދެވޭނީ މަންމާ." ޝާހަމް މަސައްކަތްކުރީ ސުވާލުގެ ޖަވާބު ނުދީ ވާނެ ގޮތަކަށެވެ. އޭނާ އިތުރު ފުރުސަތެއް ނުދީ ދަނީއޭ ބުނެފައި އަވަހަށް ނިކުމެގެން ދިޔައެވެ.

ގަޑީގައި ތަން އޮތުމުން ލަވައެއް އޮންކޮށްލައިގެން އިނދެފައި އެއްލުނު ކަޅިއަކުން ލިޒް ފެނުނީ ބެލްކަންޏަށް ނިކުމެ މޯޅިއަކަށް ދެމިލިތަނެވެ. ދެވަނަ ސިކުންތުގައި އެމޫނުގައިވި ނިދީގެ ކުލަވަރު ފިލައިގެން ދިޔައީ ޔަޤީނުންވެސް އޭނާގެ ކާރު ފެނިގެންނެވެ. ޝާހަމް ލޯގަނޑު ތިރިކޮށްލިވަގުތު ލިޒް ފަހަތަށް ޖެހިލާފައި އަވަހަށް އެތެރެއަށް ދެމިގަތެވެ. އިރުކޮޅެއް ފަހުން ނިކުތްއިރު ހުރީ ހެދުން ބަދަލުވެފައެވެ. ލިޒް އެހާ ކަންބޮޑުވީ އޭރު ލައިގެން ހުރި ހެދުމަކުން ކަމަށް ވެދާނެއެވެ. ޝާހަމް ފަރުވާވެ ބަލަން އިންދާ ލިޒް އޭނާއަށް ނަޒަރެއް ދީފައި އަތުގައި އޮތް ކުރާގަނޑަކުން ގަސްތަކަށް ފެންދޭން ފެށިއެވެ.

ލުއިވައިރޯޅިތައް އައިސް އެމޫނާއި އިސްތަށިގަނޑުގައި ބޮސްދޭއިރު ގަސްގަހުގައި ފޮޅިފައިވާ މާމެލާމެއްޔަށްވެސް އެވަރަށް ގޯނާ ކުރެއެވެ. އެތަނުން ހިތްގައިމީ ކޮން މަލެއްކަން ނިންމަން ނޭނގިފައި ޝާހަމް އިނީ ކަޅި ޖަހާނުލައެވެ. އިރުކޮޅަކުން ލިޒް މަސައްކަތް ނިންމާފައި ވަނުމުން އޭނާ ދެން އިންތިޒާރު ކުރަން ފެށީ ތިރިއަށް އަންނާނެ ވަގުތަކަށެވެ. އެއިންތިޒާރަށް ނިމުމެއް އަންނަން ގިނައިރެއް ނުނެގިއެވެ. ގަދަ ފެހިކުލައިގެ ކުރުތާއަކާއި މުށި ސްކިނީއެއްގައި ލިޒް ކައިރިއަށް އައިއިރު އެއީ ފަތްގިނަ ގަހެއްގައި ފޮޅިފައި އިން ތާޒާ މަލެއް ފަދައިން ސިފަވިއެވެ. "ގުޑްމޯނިން!" އާދައިގެ މަތިން ލިޒް ހުއްޓި ލޯގަނޑު ކައިރިއަށް ގުދުވެލުމުން ޝާހަމް ލޯގަނޑު ތިރިކޮށްލާފައި ބުނެލިއެވެ. "މޯނިން." ޝާހަމް ކޮފީ މަގުގައި ހިފިއިރު ލިޒް ޖަވާބުދިނެވެ. ދެން ފެނުނީ ފަސްދީފައި ދާން ހިނގައިގަތް ތަނެވެ. ޝާހަމް ހައިރާންވީ ވިޝާއާ ބެހޭގޮތުން ލިޒް އެއްވެސް ސުވާލެއް ނުކުރީމައެވެ.

"މިނޫން ގޮތަކަށް ވާހަކަދެއްކޭނެ ގޮތެއް ނުވާނެތަ؟" ޝާހަމް ލިޒް ފަހަތުން ކާރު ދުއްވާލައިފައި ގޮސް އެއްވަރު ކުރަމުން ގޮވައިލިއެވެ. ލިޒް އެވަގުތު ހުއްޓިފައި ބުމަ އަރުވައިލީ އިވުނު ގޮތް ޔަޤީން ނުވެގެން ކަހަލައެވެ. "ފޯނު ނަންބަރު ދޭންވީނު!" ޝާހަމް އާދޭހާއެކު އެދުނެވެ. "ދުވަހަކުވެސް ރިގްރެޓް ކުރާކަށް ނުޖައްސާނަން." ޝާހަމް ލިޒްއަށްވުރެ ކުރިން ބުނެލިއެވެ. ލިޒް އެވަގުތު ވިސްނަން ހުރެލާފައި ދަބަހުން ފޯނު ނަގައި ޝާހަމް އަތަށް ދިނެވެ. "ކޯލް މީ!" ޝާހަމް އޭގައި އަމިއްލަ ނަންބަރު ޖަހާފައި އަނބުރާ ރައްދުކުރަމުން ހިނިތުންވެލިއެވެ. ޝާހަމްގެ އެހިނިތުންވުން ފެނިފައި ލިޒްވެސް ރަކި ގޮތަކަށް ހީލިއެވެ. ދެން ފޯނު ހިފައިގެން ބާރު ބާރަށް ގޮސް އޮބާލައިފިއެވެ.

ފޯނަށް މިސްކޯލު އައީ ލިޒް ހަމަ ގެއްލުނުތަނާއެވެ. އެކަނި އިނދެވެސް ޝާހަމްއަށް ހީލެވުނެވެ. ލިބުނު ކާމިޔާބުގެ މައްޗަށް އުފާކުރަމުން އޭނާ ގެއަށް ދާން ނައްޓައިލީ އިތުރު ހަރުފަތަކަށް ގިރާކުރެވުނު ކަމުގެ ފޮނި އުންމީދާއެކުގައެވެ.

"ނާހަމެއްނު ރެސްޓޯރެންޓުން އަހަންނާއެކު ފެނުނީ ކޮންކުއްޖެއް ކަމެއް؟" މެންދުރެއްހާއިރު ޝާހަމް ލިޒްއަށް ކޮށްލި ފުރަތަމަ މެސެޖްގައި ލިއުނެވެ. އިރުކޮޅަކުން ޖަވާބު އައިއިރު ލިޒް ލިޔެލާފައި އޮތީ " ޤަބޫލެއް ނުކުރަން އަދި އެވަރުގެ ހައްޤެއް ލިބިފައިވާ ކަމަކަށް." މިހެންނެވެ. "ވެލް، ތީ އަހަރެންނަށް ފުރަތަމަ ނަޒަރުން ހާއްސަކަމެއް ދެވުނު ހަމައެކަނި އަންހެންކުއްޖާ. ދެން ވިސްނަބަލަ ތިކުއްޖާއަށް އަހަރެންގެ ހިތުން އޮތް މަޤާމާމެދު. ކޮންމެ ސުވާލެއް ކުރިއަސް ޖަވާބު ދޭނަން." ޝާހަމް ޖަވާބު ލިޔަން ހުރެގެން ނިކުތީ ބެލްކަންޏަށެވެ. މެންދުރު އަވީގައި ގަސްތައް މޯޅިވެފައި ހުއްޓާ ފެނުމުން އެއަށް ފެންދޭން ބޭނުންވީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ ލިޒްގެ މެސެޖަކަށް އިންތިޒާރު ކުރަމުން ކުރާގަނޑެއް ހޯދައިގެން އެއަށް ފެން އަޅަން ހުއްޓާ ޖަވާބު އައިސްގެން ވައިބްރޭޓްވިއެވެ. ފޯނު ބަލައިލީ އަލުން އަނބުރާ ބެލްކަންޏަށް ނިކުމެފައެވެ. އެވަގުތު މެންދުރުގެ ރަން އަވީގައިވެސް ލިޒްގެ މެސެޖް ކިޔާލުމުން ޝާހަމްގެ މުޅިހަށިގަނޑު ފިނިވެގެން އައެވެ.

"ތީ މިހާތަނަށް އަހަރެންގެ ހަޔާތަށް އައި ހަމައެކަނި ފިރިހެނަކީ." ލިޒްގެ ޖަވާބުން އެތައް ވާހަކައެއް ބުނެދިނެވެ. ޝާހަމްގެ ހިތަށް ކުރި ފުން އަސަރުގައި އިތުރަށް އެއްޗެއް ނުލިޔެވިފައި އެކިޔަން އެތައް އިރަކު ހުރެވުނެވެ. މާމަގެ ސަރޕްރައިޒް ޕާޓީއަށް ލިޒް ގެންނަން ވެގެން ޝާހަމް ނިންމީވެސް އެފިޔަވަޅުމަތީ ހުރެފައެވެ. ނަސީބަކުން ޝަލީންގެވެސް ދެތިން އެކުވެރިއަކާއި މަންމަމެންގެ ގާތް ބައެއް މީހުން އަންނަން އޮތީ ހަމަޖެހިފައެވެ.

*****

އެރޭ ކޭކު ފަޅާފައި އެންމެން ކާމޭޒު ދޮށަށް ކެއުމަށް އިންސާފު ކުރަން އެރިއިރު ޝާހަމް ދިޔައީ ލިޒް ބަލައި މައިދޮރާއި ދިމާއަށެވެ. ޑިއުޓީ ނިންމާފައި ތައްޔާރު ވެލައިގެން ލިޒް އައީ ޓެކްސީއެއްގައެވެ. ފޯނަށް މެސެޖް އައުމުން ޝާހަމް ދޮރު ހުޅުވާލިއިރު ލިޒް ހުރީ ކުރިމަތީގައެވެ. ރިހި ކުލައިގެ މެކްސީއެއްގައި ހަވައިން ފޭބި ޕަރީއެއްފަދައެވެ. "ޔޫ ލުކް ލަވްލީ!" ޝާހަމް ލިޒް ވަންނަން ތަންދައްކަމުން ތައުރީފްކޮށްލިއެވެ. އެއަޑު އަހާފައި ލިޒްގެ މޫނު ރަތްވެގެން އައީ ސާފު ފެންއެއްޗަކަށް ލޭ ތިއްކެއް ޖެހުމުން ފެތުރިގަންނަހެންނެވެ. ޝާހަމްގެ ހިތް އެދުނީ ވަގުތުން އެރީތިކުއްޖާ ގެނެސް މޭގައި ޖައްސާ ބާރުކޮށްލުމަށެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އޭނާ ލިޒް ގޮވައިގެން ގޮސް ކާގެއަށް ވަނެވެ.

"މަންމާ! ބައްޕާ! މީ ލިޒް. އަހަރެންގެ އެކުވެރިއެއް." އެދެމީހުން ވަނީއްސުރެ ހުއްޓިފައިވާ ލޯތަކަށް ސަމާލުކަން ދެމުން ޝާހަމް ތައާރަފްދިނެވެ. ނަޖުމާ ހިތްހެޔޮ ހިނިތުންވުމަކާއެކު ލިޒް އިށީންނަން ތަންދެއްކިއިރު އިމާދު ބަލަން އިނީ ފާޑަކަށެވެ. ޝަލީން ކޮށްޓާލައިފައި ވިޝާ ކަންފަތްދޮށުގައި ސިއްރެއް ބުނެލުމުން ވިޝާގެ އުޖާލާ މޫނު ބަނަވިއެވެ. ކެއުން ނިމޭންދެން އޭނާގެ ނަޒަރު އިރު އިރުކޮޅާ ލިޒްއާ ޝާހަމްއަށް ހުއްޓެން ފެށީ ޝަލީން ޖައްސާލި ދޭތެރެއަކުންކަން ޔަޤީނެވެ.

"ޝާހަމް!" ކެއުން ނިންމާފައި ޝާހަމް ނިކުތްވަގުތު ވިޝާ ސިޓިންރޫމްގައި އިނދެފައި ގޮވައިލިއެވެ. ޝާހަމް އޭރު އައީ ލިޒްއާ ވާހަކަދައްކަމުން އޭނައާ އެއްވަރެއްގައި ހުރެގެންނެވެ. "އަހަރެން ތަންކޮޅެއް ކުރިން ގެއަށް ދާން ކަމަށް. އަހަރެން ގެންގޮސްދޭން ވީނު." ވިޝާގެ މަޤްސަދަކަށްވީ އެނުދަންނަ އަންހެންކުއްޖާއާ ޝާހަމް ވަކިކުރުމެވެ. އޭނާ ޝައްކުގެ ލޮލަކުން ބަލަމުންވެސް ލިޒް ބަލައިލިތަން ފެނިގެން ހިނިތުންވެލިއެވެ. ވިޝާގެ މިޒާޖު ހުންނަގޮތުން އެއްވެސް މީހަކަށް ރުޅިމޫނު ދައްކާ ހިތްހަމަ ނުޖެހުން ފައުޅުކުރާކަށް ނުކެރެއެވެ. ޝަލީން ސިއްރުން، އެއީ ދޮންބެގެ ބިޓެކޭ ބުނީމައިވެސް އޭނާ ލިޒްއަށް ހިތް ގޯހެއް ނުކުރެއެވެ. ޖެހިލުންވީ އޭނާއަށް ޝާހަމް ގެއްލިދާނެތީއެވެ. އޭނާގެ ފުށުން އުނިކަމެއް ފެނިގެން ޝާހަމް އެއަންހެންކުއްޖާ ހިޔާރުކޮށްފާނެތީއެވެ.

"ލިޒް އަހަރެން މިދަނީ ވިޝް ގެއަށް ލައިދޭން. އަހަރެން އައުން ލަސްވަންޏާ އެންމެރަނގަޅު ދިޔަސް." ޝާހަމް އައިސް ލިޒްގެ ކޮނޑުގައިއ އަތްލާފައި ވާހަކަދެއްކިއިރު ވިޝާ ހުރީ ކަޅިޖަހާނުލާ ބަލާށެވެ. ލިޒް އެވަގުތު ބޯޖަހައިލުމުން އޭނާ ކުރީގައި ހިނގައިގެންފައި ގޮސް ކާރަށް އެރިއެވެ. ޝާހަމްއަށް އާދެވުނުއިރު އޭނާއަށް ފެނުނީ ވިޝާ ކަރުނަ ފުހެނިކޮށެވެ. އޭނާ ސުވާލުކުރަން އުޅުމުން އަނެއްފަރާތަށް މޫނު އަނބުރާލައިގެން އިނީ ލޯގަނޑުން ބޭރު ބަލާށެވެ. ހިތުގައި އުފެދުނު ކުޑަ ޝައްކަކާހެދި ވިޝާއަށް އެވަރުވީތަން ފެނުމުން ޝާހަމްގެ ހިތް ފުރަތަމަ ފަހަރަށް ބިރުގަތެވެ. ބާރެއްނެތް ހިތުގައި ލިޒްއަށްޓަކައި އުފެދި ބޮޑުވަމުން އައި އިހްސާސްގެ ވާހަކަ އޭނާ ވިޝާއަށް ބުނެދޭނީ ކިހިނެތް ހެއްޔެވެ؟

"ޝާހަމް. އަހަރެން ބޮލުގަ ރިއްސާވަރުން މިއައީ. މަންމަމެން އަންނަން ދެން މަޑެއްނުކޮށްދޭނަންތަ؟" ގޭގެ މައިދޮރުން ވަދެފައި ވިޝާ އެނބުރި ބަލައިލިއެވެ. ޝާހަމްގެ ސަމާލުކަން ދަމައިގަތީ ރުއިމުގެ ސަބަބުން ރަތްވެފައިވާ ދޮން މޫނެވެ. އެވަރުންވެސް ވިޝާ އެއުޅެނީ އެކަން ސިއްރުކޮށްގެންނެވެ. "ހިނގާ!" ބުނާނެ އެއްޗެއް ނޭނގިގެން ޝާހަމް އެއްބަސްވިއެވެ. ދެމީހުން އެކީ ސިޑިން އަރައިގެންގޮސް ވިޝާގެ ކޮޓަރިއަށް ވަދެފައި ދެމީހުން ގޮސް އެނދު ކައިރިއަށް ހުއްޓުނެވެ. ވިޝާ އެނދުގައި ދިގު ދިގަށް އޮށޯވެލުމުން ޝާހަމް ބަލަން ހުރެފައި އިށީންދެލީ ފުރަގަސްދީގެން މަގަތުގައެވެ. އޭނާ އެކޮޓަރީގެ ބަދަލުވެފައިވާ ތަރުތީބާއި ފާރުގައި ހަރުކޮށްފައިވާ ފޮޓޯތަކަށް ބެލިއިރު އެންމެ ހާއްސަކޮށް ފާހަގަ ކުރެވުނީ އެދެމީހުން ޅައިރުއްސުރެ އެކީ ނަގާފައިވާ ފޮޓޯތަކެވެ. ވިޝާ އަދިވެސް އެހުރިހާ ފޮޓޯއެއް ރައްކާކޮށްގެން ގެންގުޅެއެވެ.

"އެންމެ ރަނގަޅު ޖައްސާލިއަސް." އިރުކޮޅަކުން ވިޝާ ބުނެލިއަޑު އިވުނެވެ. ޝާހަމް ފަސްއެނބުރި ބަލާލިއިރު ވިޝާ ތަންކޮޅެއް ބިތްދޮށަށް ޖެހިލައިގެން އޮތީ އޭނާއަށް ތަންދީގެންނެވެ. ބުރަކަށި ޖައްސާލަން ބޭނުންވެފައި ހުރިވަރުން ޝާހަމް އުއްޑުން އޮށޯވެލިއެވެ. އެވަގުތު ހިތް އެދުނީ ވިޝާގެ ޝައްކު ޔަޤީންކަމަށް ބަދަލުކޮށްދިނުމަށެވެ. އެންމެ ފަސޭހައިން ހާމަކުރެވޭނީ އެއިރުންނެވެ. "ވިޝް އަހަރެން ވާހަކައެއް ބުނަން ބޭނުން." ޝާހަމް މަތި ބަލަން އިރުކޮޅަކު އޮވެފައި ވާހަކަދައްކަން ފެށިއެވެ. " އަހަރެން ވަރަށް ޖެހިލުންވޭ މިވާހަކަ ބުނެގެން ވިޝްއަށް ވާނެގޮތެއް ނޭނގޭތީ. ވަރަށް ކެއަރ ކުރަން ވިޝްއަށް. ދުވަހަކު ބޭނުމެއް ނުވޭ ދެރަގޮތެއް ހަދާކަށް. އަހަރެންގެ ނަޒަރުގައި ތީ އަހަރެންގެ ހަޔާތަށް ގެނެވޭނެ އެންމެ ޕަރފެކްޓް އަންހެންކުއްޖަކީ. އެކަމަކު ނޭނގެ ކީއްވެކަމެއް. ލިޒް ފެނުނު ފަހުން އަހަރެންނަށް އެހެންޏާ ނުވާ ގޮތްތަކެއް ވާން ފަށައިފި." ޝާހަމް ވަކި ހިސާބަކުން ހުއްޓާލައިފައި ބަލާލިއިރު ވިޝާއަށް އޮތީ ނިދިފައެވެ.

"ނިދީތަ؟" ޝާހަމް އަރިވެލާފައި ވިޝާގެ ކޯތާފަތުގައި އިނގިލިތައް ބީއްސައިލިއެވެ. ވިޝާ ރައްދު ނުދީ އޮތްގޮތަށް އޮތުމުން ރަޖާ ރަނގަޅުކޮށްލަދީފައި ގޮސް ނިކުތެވެ.

"ވިޝާއަކީ އަހަރެން އިންނަން ހަމަޖެހިފައިވާ އަންހެންކުއްޖާ." އެރޭ ޝާހަމް ނިދަން އޮވެގެން ފޯނުން ލިޒްއާ ވާހަކަދައްކަމުން އޮޅުންފިލުވައިދިނެވެ. "ހަމަޖެހިފައޭ ބުނީމަ ހީވަނީ ހަމަޖެއްސީ ޝާހަމް ނޫންހެން." ލިޒް އޮޅުންފިލުވަން ބޭނުންވެގެން އެހިއެވެ. "އަހަރެން ބޭނުން ނުވެއެއް ނޫން. މަންމަމެން ކުރިއްސުރެ ޕްލޭންކޮށްފަ އޮތް ކަމެއް. އަދި އަހަރެންވެސް ނުދެކެން އަހަރެންގެ ހަޔާތަށް ގެންނަން އެއަށްވުރެ ރަނގަޅު ކުއްޖަކު ހުރި ކަމަކަށް. އެހެންވެ އެއްބަސްވީ. އެކަމަކު އެއީ އަހަރެންނަށް ލިޒް ފެންނަންދެން." ޝާހަމް އެއްވެސްކަމެއް އޮޅުވާނުލާ ކިޔައިދިނެވެ. "ލިޒް ފެނުނު ފަހުން އަހަރެން މިހުންނަނީ ކޮންފިއުޒް ވެފަ. ވިޝްއަށް ދެރައެއް ދޭން ބޭނުމެއް ނުވޭ. އެކަމަކު މެރީކުރާ ހިޔާލު ހިތަށް ގެނަޔަސް ތިނޫން ސޫރައެއް ހިތަށް ނާރާ." ލިޒް ޖަވާބުދޭނެ ފުރުސަތެއް ނުދީ ޝާހަމް އިތުރުކޮށްލިއެވެ.

"އެބައޮތް މޮޅުގޮތެއް. ދެއަންބަށް އިންނާނީ. އޭރުން ވިޝާއަށްވެސް ޝާހަމް ލިބުނީ. އަދި ޝާހަމްއަށް އަހަރެންވެސް ލިބުނީ." ލިޒް ހޭންފެށިއެވެ. "ކެރޭނެތަ އެހެންމީހަކާ އަހަރެން ޝެއަރކުރަން؟" ޝާހަމް އެޖާދުވީ ހުނުމުގައި ޖެހިގެން އޮވެފައި އެހިއެވެ. އެވަގުތު ލިޒް އިރުކޮޅަކަށް ހިމޭންވިއެވެ. "އެހެންމީހަކަށް ދެރައެއް ދީފަ އުފަލަކު ނޫޅެވޭނެ. އަހަރެން ބޭނުމެއް ނުވޭ ވިޝާއަށް ދެރައެއް ދޭކަށް. އޭނަ ޤަބޫލިއްޔާ އޯކޭ. އޭނަ ޤަބޫލު ނޫނިއްޔާ އަހަރެން ޝާހަމްއާ ގުޅުން ކަނޑާލާނީ." ލިޒް ސީރިއަސް ރާގުގައި ޖަވާބުދިނެވެ. އެއަޑު އަހާފައި ޝާހަމްއަށް ފުންމައިގެން ތެދުވެ ހިނގައިގަނެވުނެވެ.

"އަޅެ ތެދަށް ބުނެބަލަ. ސީރިއަސްކޮށްތަ ތިހުރިހާ އެއްޗެއް ތިކިޔަނީ؟" ޝާހަމްއަށް ޝައްކުވެގެން އެހިއެވެ. ލިޒްގެ ޖަވާބަކީ ހަމަ ކުރީގެވެސް ޖަވާބެވެ. "އަހަންނަށް ހީވީ ރަނގަޅަށް. ތީ އެހެން އަންހެންކުދިން ކަހަލަ ކުއްޖެއް ނޫން." ޝާހަމްއަށް ބުނެވުނެވެ.

ކައިވެނީގެ ތާރީޚު ކައިރިވަމުން އައިއިރު ޝާހަމް ހުންނަނީ ވިސްނާ ވިސްނާ ބޯ ގޮވަން ކައިރިވެފައެވެ. ލިޒްއާއެކު ކިތަންމެ އުފާވެރިކޮށް ބައްދަލުވެ އުޅުނަސް ގެއަށް ދެވޭއިރަށް ހާސްވެއެވެ. ޖެހިލުންވަނީ އާއިލާ މީހުން ކައިރީ އެވާހަކަ ބުނާނެ ގޮތެއް ނޭނގިފައެވެ. އަނެއްކޮޅުން އެކަނި ލިޒްއާ ކައިވެނި ކުރަން ވިޝާ ދޫކޮށްލަން ހަދާނެ ގޮތެއްވެސް ނުވިސްނުނެވެ. ލިޒް ބުނިހެން ދެއަންބަށް އިންނަން ވިޝާ ދުވަހަކު ޤަބޫލު ނުވާނެކަމީ ޝާހަމްއަށް ދުވާލު އަލިކަން ފަދައިން އެނގި ކަށަވަރު ވާކަމެކެވެ. އެހެންނޫނަސް އޭނާ ހަޔާތަށް ގެންނަން މިހާރު ބޭނުންވަނީ ހަމައެކަނި ލިޒްއެވެ.

ކައިވެންޏަށް ހަފްތާއަކަށް ވެފައި އޮތްވާ ޝާހަމް ފުރަތަމަ އެވާހަކަ ބުނީ މަންމަ ކައިރީގައެވެ. އެއަޑު އަހާފައި ނަޖުމާ ހިމޭންވި ގޮތަށް ކޮޓަރިން ނިކުމެގެން ދިޔައީ އަނގައިން ނުބުނެ ފުން ވިސްނުމެއްގައި ހުރެގެންނެވެ. އެޚަބަރު ދީގެން ގެއަށް އަންނަން އޮތް ތޫފާނުގެ ބޮޑުކަން މަންމައަށް ފުރަތަމަވެސް އިހްސާސްވީކަން ޔަޤިނެވެ. ޝާހަމް ކަންބޮޑުވެގެން ދެކޮޅަށް ހިނގަ ހިނގާފައި ހިތަށް އެރީ ކޮއްކޮއާ ވާހަކަދައްކާ ލުމަށެވެ. ކޮއްކޮގެ ބަހެއް ލިބުނަސް ތަންކޮޅެއް ހިތަށް ފަސޭހަ ވާނެ ކަންނޭނގެއެވެ. އަނެއްކޮޅުން ކޮއްކޮ އަންގަ ގަދަވެގެން ބައްޕައާ ހަމައަށް ގެންދިޔަސް އޭނާ އަދާކުރަން ޖެހޭ ރޯލު ކުޑަވާނެއެވެ.

ޝާހަމް ސިޑިން އަރައިގެން ގޮސް ކޮއްކޮގެ ކޮޓަރި ކައިރިއަށް ހުއްޓުނުއިރު ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އެވަގުތު އެތެރެއިން އަލޫކްގެ އަޑު އިވުމުން މަޑުޖެހިލެވުނެވެ. އަލޫކް ބޭރުގައި ކިޔަވަން ހުރެފައި ވިޝާ ކައިވެންޏާ ދިމާކޮށް މާލެއައީއެވެ. ޝާހަމް ދެފިކުރެއްގައި ގޮސް ކުޑަކޮށް ދޮރުފަތް ހުޅުވާލިތަނާ ޝަލީންއާ އަލޫކް ތިބިގޮތް ފެނުނީ ލޯގަނޑުންނެވެ. އެވަގުތު މޫނުމަތީ މީހަކު އެތިފަހަރެއް ޖެހިނަމަވެސް ނުވާނެ ވަރަށް ތަރި ބުރައިލިއެވެ.

 

 

ކޮމެންޓް 0