އެކަމަކު އަދިވެސް އަހަރެންނަށް ރޭގަވީ ކަންތައް މަތިން ހަނދާން ނައްތާލަން އުދަނގޫވާނެ. އެއީ ރޭގަ ފުރަތަމަ ފަހަރަށް އެހާ ކައިރިން ތިމޫނަށް ބަލަން އޮވެ ނިދާލަން ލިބުނީމަ." ޝަލީން އޮފީސް ކައިރިއަށް ކާރު މަޑުކޮށްފައި އަލޫކް އިތުރަށް ބުނެލިއެވެ. ޝަލީންއަށް އެބުނި އެއްޗެއް ދޭހަ ނުވެގެން ހަތަރުކަޅި ހަމަކޮށްލި ވަގުތު އަލޫކް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެވަގުތު މެއަށް ފިނިވެގެން ދިޔައެވެ. އޭނާ ވިސްނަން ދޫކޮށްލައިފައި އަލޫކް ކާރުގައި ގޮސް ގެއްލުމުން މަޑުމަޑުން ގޮސް އޮފީހަށް ވަންތަނާ ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފިއެވެ.
"ކެއަރފުލް ..." އެއިވުނީ ނުހައިކްގެ އަޑެވެ. ޝަލީން ސިހިފައި އިސްއުފުލާލިއިރު ނުހައިކް އަވަހަށް އޭނާގެ އަތުން ދޫކޮށްލައިފައި ދުރު ބަލާލިގޮތުން ދޭހަކޮށްދިނީ އެހެން ބުނެވިގެން ކަންބޮޑުވި ވަރެވެ. އޭނާ ގޮސް ލިފްޓަށް އަރައި ހުއްޓާ އެދޮރު ލެއްޕުނު އިރު ނުހައިކް އިސްއުފުލާލައިފައި އަދިވެސް އެއްފަހަރު ބަލައިލިކަން ފާހަގަވިއެވެ. އޭނާދެކެ އެހާ ރުޅި އަންނަ މީހަކު އެހާ ރީތިކޮން ބަލައިލުމުން ޝަލީން ހައިރާންވިއެވެ. ބަދަލު އައިސްގެން މިއުޅެނީ އެންމެންނަށް އެއްފަހަރާ ހެއްޔެވެ؟ މިއަދު އަލޫކްވެސް އެދިޔައީ މުޅިން އެހެން ފާޑެއްގެ ވާހަކައެއް ބުނެފައެވެ. އެއީ އަނެއްކާވެސް އަލޫކް ކޮށްލި ސަމާސައަކަށް ނުވެދާނެ ކަމާމެދު ޝަލީންއަށް ޝައްކެވެ.
އޭނާ ދިޔައިރު ކެބިންތެރޭގައި ވިރާޝާއާ އިތުރު ކުއްޖަކު ވެގެން ދައްކަން ހުރީ ނުހައިކް އަނެއްކާވެސް ދަތުރަކަށް ފުރަން އުޅޭ ވާހަކައެވެ. "މަށަށް ހީވަނީ މިފަހަރު ޝަލީއަށްހެން ޗާންސް ލިބޭނީ ނުހައިކްއާއެކު ދާން." ޝަލީން ފެނިގެން ވިރާޝާ ބުނެލިއެވެ. ޝަލީން އެއްޗެއް ނުބުނެ ގޮނޑީގައި އިށީންތަނާ ދެން ހުރި ކުއްޖާ އޭނާއަށް ގޮވާލައިފައި ނިކުމެގެން ދިއުމުން ވިރާޝާވެސް ގޮނޑި މަގަތަށް އަނބުރާލައިފިއެވެ. "އެ ކީއްވެ އަހަރެން؟ ހަމަ ވިރޭއަށްވެސް ޗާންސް ލިބިދާނެއެއްނު." ޝަލީން ދަބަސް މޭޒުމަތީ ބާއްވާފައި ކޮމްޕިއުޓަރ ހުޅުވިއެވެ. "އޭ ދެން ނޫންކަމަށް ހެދޭނެ ކަމެއް ނެތް. މިތާ އެންމެންނަށްވެސް އެނގޭ ބޮސް ޝަލީއަށް ފޭވަ ކުރާވަރު. އެންމެފަހުން ނުހައިކް ދިޔަ ދަތުރުގައިވެސް ޝަލީ ނެތީމަ އެހެން މީހަކަށް ދެވުނީ." ވިރާޝާ ވާހަކަދެއްކީ ޔަޤީންކަމާއެކުގައެވެ. ޝަލީން ހިނިގަނޑެއް ޖަހާލައިފައި މަސައްކަތް ފަށައިގެން ކުރިއަށް ދިޔައިރު އެވާހަކައާމެދު ހިޔާލުކޮށްލެވުނެވެ. ވިރާޝާ ބުނިހެން ނުހައިކްއާއެކު ދެވޭ ގޮތް ވެއްޖެއްޔާ އެވާނީ ލިބޭ ރަނުގެ ފުރުސަތަކަށެވެ. އެހެންމީހެއްގެ އުދަނގުލަކާއި ނުލާ ދެމީހުން ވާހަކަދައްކާލައި އަދި އޭނާ ނުހައިކް ދަސްކޮށްލަން އެއަށްވުރެ މޮޅު ގޮތެއް ނޯންނާނެއެވެ.
މެންދުރެއްހާއިރު ނުހައިކް ކުރިމައްޗަށް ދާނެ ފުރުސަތު ޝަލީންއަށް ލިބުނެވެ. ލިއުމެއްގައި ސޮއި ކުރުވަން އެންމެ ބޭނުންވި ގަޑިއާ ދިމާވީ ބްރޭކް ގަޑިއަށެވެ. ޝަލީން މަޑުކުރީ ނުހައިކް ބްރޭކް ނިންމާފައި އަންނާނެ ވަގުތަކަށެވެ. އޭނާ އިންތިޒާރުގައި އިނދެ އިރުއިރުކޮޅާ އަތުކުރީ ގަޑިއަށް ނަޒަރެއްދެއެވެ. އެންމެފަހުން ނުހައިކްގެ ޚަބަރެއް ނުވެގެން އެދިމާއަށް ދިޔައީ އެތެރޭ އިންތޯ ޗެކްކޮށްލަން ވެގެންނެވެ.
ދޮރާއި ހަމައިން އަތުގައި އޮތް ފައިލް ގެނެސް މެއާއި ހަމައިގައި ޖައްސާ ބާރުކޮށްލައިފައި އަނެއް އަތުން ދޮރުފަތް ހުޅުވައިލީ ނިކަން ކުޑަކޮށެވެ. އެވަގުތު އެހިމަ ދާރައިން ފެނުނު މަންޒަރުން އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ނުހައިކް އެކަނިމާއެކަނި އިނީ ކަޕްނޫޑްލްސް ތަށްޓެއް ކާށެވެ. "ޝަލީން؟" އެވަގުތު އެހާ ސިއްރުން ދޮރު ލައްޕައިލަން އުޅެނިކޮށްވެސް ނުހައިކްއަށް ފެނިއްޖެއެވެ. ދޮރުލައްޕާލެވުނު ނަމަވެސް އޭގެ ކުރިން ކަންފަތުގައި އެއަޑު ޖެހުމުން ހިނގައެއް ނުގަނެވުނެވެ. ފުންނޭވައެއް ދޫކޮށްލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި އޭނާ އެންމެފަހުން އެތެރެއަށް ވަނެވެ.
"އަޅުގަނޑަށް ފަހުންވެސް އާދެވިދާނެ." ޝަލީން އަދަބުވެރިކަމާއެކު ވާހަކަދެއްކިއެވެ. "މިހާރު ވަނަސް އެންމެ ރަނގަޅު. ކޯއްޗެއް ހިފައިގެން ތިއައީ؟" ނުހައިކް ކާން ހުރި ތަށި މޭޒުމަތީ ބަހައްޓާފައި އެތާ އޮތް ޓިޝޫއަކުން ތުންފުހެލިއެވެ. ޝަލީން ރަކިވެފައި ހުރެގެން ފައިލް ގެންގޮސް މޭޒުމަތީ ބޭއްވުމުން އެ ނަގާފައި ހުޅުވައިލިއެވެ. "މީގެ ޚަބަރެއް ނުވެގެން ގުޅަން ވެފަ މިއިންނަނީ." ނުހައިކް ފައިލްގައި ސޮއިކޮށްލަމުން ބުނެލިއެވެ. ޝަލީން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި ފައިލް ދިއްކޮށްލުމުން އެނބުރުނީ ނިކުންނަން ވެގެންނެވެ. ތަންކޮޅަކަށް ގޮއްސައި އެދެފައި ހުއްޓުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ.
"އިތުރު ކަމެއް އޮތީތަ؟" ޝަލީން އެނބުރި ބަލައިލުމުން ނުހައިކް އެހިއެވެ. "އަހަރެން ކުރާ ސުވާލެއްގެ ޖަވާބުގައި ހަމައެކަނި އާއެކޭ ނޫނީ ނުނެކޭ ބުނެވިދާނެތަ؟" ޝަލީންގެ ޖުމްލަ ނިމޭއިރަށް ނުހައިކް އެއް ބުމަ އަރުވައިލިއެވެ. "ކުރިން ދުވަހަކުވެސް ކުރާކަމެއް ނޫން ތިގޮތަށް ހުއްދަ ހޯދުމަކީ." ނުހައިކް ފުރަތަމަ ފަހަރަށް ޝަލީންއަށް އައިސްފައިވާ ބަދަލުގެ ވާހަކަ ފާހަގަކޮށްލިއެވެ. "އެހެންވިއްޔާ ބުނެބަލަ. އަހަރެންނަށް އެއްވެސް ގޮތަކުން ނުހައިކްގެ މަންމަ އެނގޭނެތަ؟" ޝަލީން ސުވާލުކޮށްލިއެވެ. އޭނާ ބަލާލިއިރު ނުހައިކް ހީވަނީ ވަކި ޖަވާބެއް ދޭން ނޭނގިފައި އިން ހެންނެވެ. "ތީ ކޮންކަހަލަ ސުވާލެއް؟ ޝަލީން އަހަރެންގެ މަންމަ ދަންނަންޏާ ޝަލީންއަށް އެނގޭނެއެއްނު." ނުހައިކްގެ ރާގު ކުއްލިއަކަށް ބަދަލުވިއެވެ. އޭނާ ހިތްހަމަ ނުޖެހުނީ ޝަލީން ޒާތެއްގެ ސަމާސައެއް ކުރަނީ ކަމަށް ހީކޮށްފައެވެ.
"ނޭނގޭ ދޯ. އެންމެ ރަނގަޅު." ޝަލީން ނިންމީ އެހިސާބުން ކުރުކޮށްލުމަށެވެ. ނުހައިކް ރުޅިއަތުވެދާނެތީ ބިރުން އޭނާ ދާންވެގެން އެނބުރި ދޮރާއި ހަމައަށް ދިޔަފަހުން މިފަހަރުވެސް ނިކުމެވޭ ވަރެއް ނުވިއެވެ. "މަޑުކޮށްބަލަ!" ނުހައިކް އެދުނީ ދެކޮޅުހެދޭ ފަދަ ރާގެއްގައެއް ނޫނެވެ. "އެކްސިޑެންޓްގަ ލިބުނު ގެއްލުމަކީ ކޮބާ؟" ޝަލީން ފުރަގަސްދީގެން ހުއްޓާ ނުހައިކް އެހިއެވެ. މިފަހުން އޭނާ އޮފީހަށް ވަންފަހުން ހިނގާފައި ހުރި ކަންކަމަށް ވިސްނާފައި ނުހައިކްއަށް އެއްޗެއް ދޭހަވީ ކަމަށް ވެދާނެއެވެ.
"ގެއްލުން ލިބުނީ ސިކުނޑިއަށް. އަހަރެން ހަނދާން ނެތުނީ އަހަރެން މީ ކާކުކަން." ޝަލީން ޖަވާބުދީފައި މަޑުކޮށްލި ދެތިން ސިކުންތު ނޭވާ ފުންވިއެވެ. ހިތް އަވަސްވީ ނުހައިކް ދޭނެ ރައްދެއް ނޭނގިފައެވެ. އެހަޤީޤަތް އެނގިގެން ހަމްދަރްދީ ލިބުނަސް ނުލިބުނަސް އެވާހަކަ ނުހައިކްގެ ހިތުގެ އަޑިން ޤަބޫލު ކުރުމަށް އެހާ ބޭނުންވީ ކީއްވެ ކަމެއް ނޭނގުނެވެ. ހިމޭންކަމުގައި ގިނައިރު ވާން ފެށުމުން ޝަލީން ނިކުމެ ދޮރުލައްޕައިލިތަނާ ނުހައިކް ތިރިވީ ގޮނޑިއަށެވެ. އަޖައިބުވެފައި އިނދެގެން ނިތުގައި ދެފަހަރަކު އަތް ހާކާލުމަށްފަހު މޫނު ފުހެލެވުނެވެ. ސިކުނޑި އެންގީ އެއަންހެންކުއްޖާގެ ވާހަކައިގައި ކޮންމެވެސް ހަޤީޤަތެއް ފޮރުވިފައިވާނެ ކަމުގައެވެ. އެއީ މުޅިއަކުން ދޮގަކަށް ނުވާނެ ކަމުގައެވެ. ޝަލީން ދެވަނަ ފަހަރަށް އޮފީހަށް ވަނީއްސުރެ އޭނާ ދެކެމުން އައީ މުޅިން އެހެން އަންހެންކުއްޖެކެވެ. ކޮންމެ އަމަލެއްގައި ވަނީ އުޑާއި ބިމުގެ ތަފާތެވެ. ކުރީގެ ޝަލީންއަކީ އޭނާ ރުހުމުގެ ލޮލުން ބަލައިލަންވެސް ބޭނުންވި ކުއްޖެއް ނޫނެވެ. އެކަމަކު ފަހަކަށް އައިސް އެކުއްޖާގެ ފަރާތުން ފެންނަން ފެށި ހައިރާން ކުރުވަނިވި ބަދަލާއެކު ޚުދު އޭނާވެސް އެވަނީ ވިސްނުމެއްގެ ތެރެއަށް ގެއްލެން މަޖުބޫރުވެފައެވެ. ސިއްރުން ވިއަސް އެހަރަކާތްތަކަށް ބެލެނީ ޔަޤީނުންވެސް ކުރީގައި ނުފެންނަ ކަންތަކެއް ތަކެއް ފާހަގަ ކުރެވޭތީއެވެ. އެކަމަކު ހަނދާންތައް ފުހެވިގެންވެސް ކަށީގައި ހިފާފައި ހުރި އާދަތަކަށް އެހާބޮޑު ބަދަލެއް އަތުވެދާނެ ހެއްޔެވެ؟
އެނބުރި ގޮސް ކެބިންއަށް ވަނީއްސުރެ ޝަލީންގެ ހިތް މަޑުވާ އިރުކޮޅެއް ނައެވެ. ކުރެވުނު ކަންތަކާމެދު އޭނާ ހިތާމަކުރަން ފެށީ ވާނެ އެއްޗެއް ވެ ނިމުނު ފަހުންނެވެ. މިހާރު ބިރުގަންނަނީ އޭނާގެ ސިއްރު ނުހައިކް އެހެން މީހަކަށް އަންގަފާނެތީއެވެ. ކުރީގެ ހަނދާންތައް ފިލާފައިވާކަން އެނގިއްޖެނަމަ އޭނާގެ ފަރާތުން ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކުރާނެ ކިތަންމެ ބަޔަކު އުޅޭނެކަން ކަށަވަރެވެ. ޝަލީން ފޯނަށް ބަލަން އިނދެގެން ނުހައިކްއަށް ފޮނުވަން މެސެޖް ލިޔެފަވެސް ދެފަހަރު މަތީން ފުހެލީއެވެ. ހިތަށް އެރީ އެގޮތަށް އެދިއްޖެނަމަ ނުހައިކް އެކަން ކުރަން މާބޮޑަށް ބޭނުން ވެދާނެ ކަމުގައެވެ.
ގެއަށް ދާންވެގެން އައިސް ކާރަށް އެރުމުން އަލޫކްއަށް އެމޫނުގެ ކުލަވަރު ފެނިފައި އެނގިއްޖެއެވެ. "ކިހިނެތްވީ މާ މޫޑީވެފަ ތިއިނީ؟" އަލޫކް ސުވާލުކުރީ ކާރު ދުއްވާލައިފައެވެ. ޝަލީން އެއަޑަށް އެނބުރި ބަލާލައިފައި ޖަވާބު ދޭން ބޭނުންވީ އަލޫކް އެހާ ފަސޭހައިން ދެނެގަތުމުންނެވެ. "ބުނެބަލަ!" ޝަލީން ފަސްޖެހުނުތަން ފެނިގެން އަލޫކް އިތުރަށް ބާރު އެޅިއެވެ. "ނުހައިކް ކައިރީ އަހަރެންނަށް ބުނެވިއްޖެ އަހަރެންގެ މިހާރުގެ ހާލަތުގެ ވާހަކަ." ޝަލީން ކިޔައިދިނެވެ. "ވަޓް؟" އަލޫކް ބާރުބާރަށް ސުވާލުކޮށްލި ވަގުތު ބްރެއްކަށް ފިތާލެވުނެވެ. އޭނާ ނުތަނަވަސްވެފައި ބަލައިލުމުން ޝަލީން ބަލަންފެށީ ދުރެވެ. ފެންކަޅިވެފައި އިންދާ ފެނުމުން އެކަމާ ހިތްހަމަ ނުޖެހުން ފައުޅުކޮށް ބަސްބުނާކަށް އަލޫކްގެ ހިތެއް ނޭދުނެވެ. ހިމޭނުން އިނދެފައި އޭނާ ބުނެލީ އެއީ މާބޮޑު ކަމެއް ނޫންކަމުގައެވެ. "ސީރިއަސްކޮށޭ މިބުނީ. އެއީ ތިހާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން." އަލޫކް ޔަޤީންކަން ދީފައި ހިތާއިހިތުން ނިންމީ ކޯއްޗެއްކަމެއްވެސް ނޭނގެއެވެ. ޝަލީން ފުން ނޭވައެއް ދޫކޮށްލިތަން ފެނުމުން އޭނާއަށް އެވަގުތަށް ފުދުނެވެ.
"ހިނގާ ލޮލީ ބޯން ދާން!" ވަކި ހިސާބަކުން ޝަލީން ކުއްލިއަކަށް ބުނެލިއެވެ. އަލޫކް ބަލާލިއިރު ޝަލީންގެ ނަޒަރު ހުއްޓިފައި ހުރީ މަގުގެ އަނެއްފަރާތުން ހިނގާފައި ދިޔަ ދެކުއްޖެއްގެ އަތުގައި އޮތް ލޮލީއަށެވެ. އަލޫކް ނިތަށް ރޫ ގިނަކޮށްލަފައި އެއްޗެއް ބުނަން އުޅެނިކޮށް ޝަލީން ފެނުނީ ކާރުން ފައިބައިގެން ދޮރުފަތް ޖަހައިލިތަނެވެ. ދެން ދުވެފައި އައިސް އޭނާ އިން ފަރާތުގެ ދޮރުފަތް ހުޅުވާފައި އަތުގައި ހިފާ ދަމައިގެންފިއެވެ. "އޯކޭ އޯކޭ މިނިކުންނަނީ." ޝަލީންގެ މި ޅައަމަލުން އަލޫކް ގާތަށް ހިނިއަންނަ ގޮތްވެފައި ބުނެލިއެވެ. ދެމީހުން ގޮސް ކައިރިވެލިއިރު އެތާހުރި ގެއެއްގެ ދޮރާށީގައި ހުރި ނޯޓިސްގައި ލޮލީ ވިއްކާ ވާހަކަ ހުއްޓެވެ. އަލޫކް ފާޑަކަށް ރަކިވެފައި ވަންނަން ނުކެރިފައި ހުއްޓާ ޝަލީން ޖެހިލުމެއްނެތި ވަދެގެން ދިޔައެވެ. ބޯ ކަހާލުމަށްފަހު އަލޫކްވެސް އެތެރެއަށް ބޯދިއްކޮށްލިއެވެ. އިރުކޮޅެއް ނުވެ ޝަލީން އެނބުރި އައީ ފިޔާތޮށްޓާއި ނޫ، ދެކުލައިގެ ދެ ލޮލީ ހިފައިގެންނެވެ.
"ބުލޫ ފޮ ޔޫ." ޝަލީން ނިކުމެފައި ނޫ ލޮލީ އަލޫކްއަށް ދެމުން ކިޔައިލިއެވެ. ދެމީހުން ގޮސް ކާރަށް އަރަންދެން އަލޫކް ވަށައިގެން ހިނގާ މީހުންނަށް ލޯ ހިންގިއެވެ. އޭނާ ލޮލީ ރަހަ ބަލައިލީވެސް ޝަލީން މާ މީރުކޮށް ބޯތަން ފެނިފައެވެ. "މްމްމް...ނޮޓް ބޭޑް." ރަހަ އެނގުމާއެކު އަލޫކްއަށް ކަމުދިޔަކަން އަންގައިލިއެވެ. ޝަލީން އުފާވެރިކޮށް ހީގެންފައި ނަޒަރު ހުއްޓައިލީ ކުރިމައްޗަށެވެ. "އަޅެ ވާރޭ ވެހޭނެ ނަމަ.. ލޫކްއަށް އެނގޭތަ ލޮލީ އެންމެ މީރުވާނީ ވާރޭ ވެހޭއިރު ވާރޭގަ ތެމިގެން ހުރެ ބޯއިރު." ނޫ އުޑަށް ބަލަން އިނދެގެން ޝަލީން ދެއްކި ވާހަކައިން އަލޫކް ސިހިފައި އެމޫނަށް ބަލަން ފެށިއެވެ. އޭނާ ހައިރާންވީ އެވާހަކަ އެއީ އޭނާ ދަންނަ ޝަލީން ދުވަހެއްގައިވެސް ބުނެފާނެ ކަމަށް ލަފާކުރެވިފައި ނުވާ ވާހަކައަކަށް ވީތީއެވެ. އޭނާގެ ޝަލީންއަކީ ވާރޭ ދެކެ ނުހަނު ފޫހިވާ ކުއްޖެކެވެ. ވާރޭ ވެހޭ މަންޒަރުން އުފާ ލިބިގަތަސް ފަހަރެއްގައިވެސް ތެމޭކަށް މަސައްކަތެއް ނުކުރެއެވެ. ނޫނީ ހަނދާންތައް ފިލުމަށްފަހު އަދި ކިރިޔާ ޝަލީންގެ އަސްލު ސިފަ ފެންނަން ފެށީ ކަމަށް ވެދާނެއެވެ.
"ޔޫ އޯކޭ؟" އަލޫކް ކާރު މަޑުކޮށްލިއިރު ޝަލީން ފާޑަކަށް އިނދެފައި ނިއްކުރީގައި އަތުން ހިފެހެއްޓިތަން ފެނިގެން ކިޔައިލެވުނެވެ. ހަތަރުކަޅި ހަމަކޮށްލިއިރު އެލޮލުން ފެނުނީ ވަރުބަލި ކަމެވެ. ދެން އިސާހިތަކު އަނބުރައިގަނެގެން ކާރުތެރެއަށް އަރި އަޅާލައިފިއެވެ. "ޝަލީ!" އަލޫކްއަށް ގޮވައިލެވުނީ ނިކަން ބާރަށެވެ. އޭނާ ތެޅިގަނެފައި ޝަލީން މޫނުގައި ދެއަތުން ހިފާ އަދިވެސް އެއްފަހަރު ނަމުން ގޮވައިލިއެވެ. އޭނާ ކާރު އެތެރެއަށް ވައްދާފައި ޝަލީން އަތްދަނޑި މައްޗަށް ލައިގެން ގޮސް ގެއަށް ވަނުމުން އެންމެންގެ ސަމާލުކަން އަތުވެއްޖެއެވެ.
އަލޫކް ސޯފާތައް ކައިރިއަށް ހުއްޓިފައި އެތަނުން ސޯފާއެއްގައި ބާއްވާލުމުން ނަޖުމާއާ އިމާދު ދުވެފައި އައިސް އެތަނަށް ހުއްޓުނެވެ. "ނޭނގެ ވީގޮތެއް. ހަމަ ކުއްލިއަކަށް އަނބުރައިގަތްތަން ފެނުނީ." ނަޖުމާ ކުރި ސުވާލުގެ ޖަވާބުގައި އަލޫކް ބުނެލިއެވެ. އެވަގުތު ނޯކަރު އައިސް ފެންތަށްޓެއް ދިނުމުން ނަޖުމާ އެހިފައިގެން ޝަލީންގެ މަގަތުގައި އިށީންދެ މޫނުގައި ފެން ހާކަން ފެށިއެވެ. އަލޫކް ހަށަން ބަނދެލައިގެން ފަހަތަށް ޖެހިލިއިރު ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ.
"ޝަލީން! ދަރިފުޅާ! ލޯ ހުޅުވާލަބަލަ!" ނަޖުމާ ފެންހާކަމުން ދެފަހަރަކު ގޮވައިލިތަނާ ޝަލީން އެސްފިޔަތައް ތަޅުވައިލިއެވެ. "މަންމާ...! ޝަލީން ގޮވައިލީ ބަލި އަޑަކުންނެވެ. "ކިހިނެތްވީ؟" އިމާދު އަނެއް ފަރާތުގައި އިށީންދެފައި އެހިއެވެ. އޭރުވެސް އަލޫކްގެ ނަޒަރު ޝަލީންގެ މޫނަކުން ނުނެއްޓެއެވެ.
"ބޮލުގައި ރިއްސަނީ. ރެސްޓްކޮށްލަން ބޭނުން." ޝަލީން ޖަވާބުގައި އިއްވައިލިއެވެ. އެވަގުތު އިމާދުއަށްވުރެ ކުރިން އަލޫކް އިސްވެ އެތެރެއަށް ދާން ހިނގާށޭ ކިޔާފައި ކައިރިވެލުމުން އެންމެން އޭނާއަށް ތަންދިނެވެ. ޝަލީން ކޮޅަށް ތެދުވިތަނާ އަލޫކް ކުއްލިއަކަށް އޭނާ އުރާލުމުން ޝަލީންވެސް ދިޔައީ ސިހިގެންނެވެ. އޭނާ ސިޑިއާ ދިމާއަށް ދިޔައިރު ނަޖުމާ ފަހަތުން ދިޔައެވެ.
އެނދުގައި ޝަލީން ބާއްވާފައި އަލޫކް ދުރަށް ޖެހިލައިގެން ހުއްޓުނީ ޑްރެސިންޓޭބަލާއި ހިސާބުގައެވެ. ނަޖުމާ ނުހަނު ލޯބިން ޝަލީން ބޮލުގައި ފިރުމަ ފިރުމާފައި ނިދާލުމަށް އެންގުމުން ބަސްއަހާ ޅަކުއްޖެއްހެން ބާލީހުގައި ބައްދާލައިގެން ލޯމަރައިލިއެވެ. އެވަގުތު އަލޫކްވެސް ދާން ކަމަށް ހީކޮށް ހިނގައިގަނެފައި ނަޖުމާ ކުރީގައި ނިކުތުމުން އަދި އެއްފަހަރު އެނބުރި ބަލައިލިއެވެ. ބާރަށް ތެޅެމުންދިޔަ ހިތާއި ދިމާލުގައި އަތް ފިރުމާލައި ހިފަހައްޓައިލީ ދެން މައިތިރިވާށޭ ބުނާފަދަ ގޮތަކަށެވެ. އޭނާ ހިތާއިހިތުން ހަމްދު ކުރީ ޝަލީންއަށް ދެރަގޮތެއް ނުވި ކަމަށްޓަކައެވެ.
އަލޫކް ގޮސް ގެއަށް ވަންއިރު ސިޓިންރޫމް ސޯފާގައި ވިޝާ އޮތީ ލެޕްޓޮޕް އުނގަށް ލައިގެންނެވެ. ދެބެންގެ ހަތަރުކަޅި ބައްދަލުވެފައި ދެވަނަ ސިކުންތުގައި ވިޝާ އިސްޖަހައިލީ ލަދުން ކަންނޭނގެއެވެ. އޭރު ޖޯޝުގައި އޭނާ ޝާހަމް ދިފާޢުކުރަން ތެދުވިއަސް ދޮންބެއާ ދެކޮޅަށް ވާހަކަދެއްކުމުން ފަހުން ދެރަވެ ލަދުގަތެވެ. އަލޫކް އެއްޗެއް ނުބުނެ މައްޗަށް އަރައިގެން ދާތަން ފެނުމުން ވިޝާގެ ހިތަށް ތަދުވިއެވެ.
ކޮޓަރިއަށް ވަދެ އަލޫކް އޮތީ އެނދަށް ވެއްޓިގަނެގެންނެވެ. ވަރުބަލިވެފައި ހުރުމުން ކުޑަކޮށް ނިދާލަން ގަސްތުކޮށްގެން ލޯމަރައިލުމުން ބަންދު އެސްފިޔަތަކުތެރޭން ފެންނަން ފެށީ ޝަލީންގެ ސޫރައެވެ. "އެމް އައި ފޯލިން ފޮ ހަރ؟" އަލޫކް އަވަސް އަވަހަށް ލޯ ހުޅުވާލައިފައި ހިތާއިހިތުން ކިޔައިލިއެވެ. ދެވަނަ ފަހަރަށް ލޯ މަރާލުމުންވެސް ހަމަ އެއް ނަތީޖާއެކެވެ. އަލޫކް ބޯ ހިއްލާލައިފައި ބާލީހުގައި އަތުން ޖަހާލުމަށްފަހު ތެދުވެގެން ބެލްކަންޏަށް ޖެހިލިއެވެ. ހަވީރު ފިންޏަށް ފޮޅިފައިވާ މާމެލާމެލިވެސް މިއަދު މާ ހިތްގައިމުހެން ހީވިއެވެ. އަލޫކް ރެއިލިންގައި ބަނޑު އަޅާލައިގެން ތިރިން ދަތުރު ކޮށްފައި ދިޔަ އުޅަނދު ތަކަށް ބަލަން އޮތްވާ ފޯނު ވައިބްރޭޓް ވާން ފެށިއެވެ.
"އަވަހަކަށް މަރެއްވެސް ނުވާނެ." ސްކްރީނަށް އަރާފައިވާ ޝަލީންގެ ފޮޓޯ ފެނުމުން ހިނިތުންވެލެވުނެވެ. "ޔެސް ބޭބީ." އަލޫކް ފޯނު ނަގާފައި ޖެހިލުމެއްނެތި ބުނެލައިފިއެވެ.
"ލޫކް އަހަރެންނަށް ހީވަނީ އަހަރެންނަށް ކަމެއް ހަނދާންވެއްޖެ ހެން. އިތުރު ސުވާލުނުކޮށް އަހަރެން ބަލައި އާދެވިދާނެތަ އަހަރެން ބުނާ ތާކަށް ގެންދަން؟ ޕްލީޒް." ޝަލީން އަވަސް އަވަހަށް ވާހަކަދެއްކީ ދެކޮޅަށް ހިނގަމުންކަން އަޑުން އެނގުނެވެ. އަލޫކް ވަގުތުން އެއްބަސްވެ ފޯނު ކަނޑާލައިފައި ކޮޓަރިއަށް ވަދެ ޓީޝާޓެއް ބޮލަށް މަހާލައިގެން ނިކުތެވެ. އެހިސާބަށް ދެވުނުއިރު ޚުދު އޭނާވެސް ހުރީ ހިތް އަވަސްވެފައެވެ. ޝަލީން ނިކުމެ ދޮރުމަތީ ހުރީ އޭރުވެސް ލައިގެން ހުރި ގަމީސްކޮޅާއި ސްކިނީގައެވެ. އެކަމަކު އިސްތަށިގަނޑު އޮތީ ނިއުޅާލައިފައެވެ. އަލޫކް ކާރު މަޑުކޮށްލިތަން ފެނިގެން ދުވެފައި އައިސް އެރިއެވެ.