ކިހިނެތް ތިހެދީ؟" ޝާހަމް އެނދުގެ މަގަތަށް ޖެހިލާފައި ވިޝާގެ މޫނަށް ބަލަމުން އެހިއެވެ. ތެދުވެ އިށީންއިރު ވިޝާ އިނީ އަނގަ ސަކަރާތްވެފައެވެ. އެހާ ރީތިކޮށް ބޭޒާރުވުމުން ލަދުވެސް ގަތެވެ. އޭނާ އުޅަބޮށީގައި ފިރުމާލަން އިންދާ ދެން އިވުނީ ޝާހަމް ހޭންފެށި އަޑެވެ. އޭނާ ތެޅިގަނެފައި ޤަބޫލު ނުކުރެވިގެން އެދިމާއަށް މޫނު އަނބުރާލުމުން ޝާހަމް އަނގަމަތީ އަތް އެޅިއެވެ. އެވަރުންވެސް ހުނުމުގެ އަޑެއް ނުކެނޑުނެވެ. ވިޝާ އިތުރަށް ރަކިވީ ދެނެވެ. ހަދާނެގޮތެއް ނޭނގިގެން އެހެން އިނދެފައި ޝާހަމް ހުނުން ނުހުއްޓުމުން ރުޅިއައިސްގެން ކުޑަކުއްޖެއްހެން ތުންކޮޅު އޫކޮށްލިއެވެ. ވިޝާ އެންމެފަހުން ތެދުވެ އެންމެކައިރިން އަތުޖެހުނު ބާލީސް ނަގައި ޝާހަމްއާ ދިމާއަށް އެއްލާފައި ދުވެފިލައިފިއެވެ. އޭނާ ނަމާދުކުރަންވެގެން ކޮޓަރިއަށް ވަނީވެސް ޝާހަމް މިސްކިތަށް ދާން ނިކުތީމައެވެ.
އަށެއްގެ ޚަބަރު ބަލަން އިމާދުއާ ޝާހަމް މަޑުކޮށްލައިގެން ތިބިއިރު ކާކޮޓަރީގައި ވިޝާ އައިސް އުޅުނީ ތަށިމަތި ތައްޔާރުކުރާށެވެ. "ސަމެންތާ ކުޑަދޮރުތައް ލައްޕާލަބަލަ! އެތެރެއަށް ވާރޭ ވިއްސަނީނު." ނަޖުމާ ވަދެފައި ސަމެންތާއަށް ބުނެލިއެވެ. "މިއޮތް ވެހޭ ވާރެއެއް ދޯ. އަދިވެސް ހުއްޓަން ހިތަށް ނާރާ." ނަޖުމާ އައިސް ހުއްޓުނީ ވިޝާގެ ކައިރިއަށެވެ. "އާނ މަންމާ. ކަނޑުވެސް އެހާގަދަ. އަހަރެން ވަރަށް ބިރުގަނޭ." ވިޝާ ނޫންކަމަށް ހެދިފައި ފުރުސަތުގެ ބޭނުން ހިފިއެވެ. ނުސީދާ ބަހުން އޭނާ ދެއްކީ ބަހަނާއެކެވެ.
މުހިންމު ޚަބަރުތައް ނިމުނުތަނާ ނަޖުމާ ގޮސް ބުނުމުން ދެފިރިހެނުން ކާން އައިސް ވަންއިރު ސަމެންތާ ދިޔައީ ޝަލީން ބަލައެވެ. އެންމެން ހަމަވުމުން ނަޖުމާއާ ވިޝާވެސް އެމީހުންނަށް ހާއްސަވެފައިވާ ގޮނޑިތަކުގައި އިށީންދެ ކެއުމަށް އިންސާފު ކުރަން ފަށައިފިއެވެ. "ދަރިފުޅުމެން ކޮންއިރަކުން ފުރަނީ؟" ނަޖުމާ އިސްވެ ސުވާލުކޮށްލުމުން ދެންތިބި އެންމެންގެ ސަމާލުކަން ޝާހަމްއާ ވިޝާއަށް ހުއްޓުނެވެ. ވިޝާ ހާސްވެފައި ބަލައިލިތަނާ ޝާހަމް ކޮންމެވެސް އެއްޗެއް ބުނަން ވެގެން ކެއުން މަޑުޖައްސައިލިކަން ފާހަގަވިއެވެ. "އިހަށް މޫސުން ރަނގަޅުވަންދެން އެއްވެސް ތާކަށް ނުފުރާ ލަސްކޮށްލަންވީނު. ވިޝާ އެހުންނަނީ ފުރަން ޖެހޭތީ ބިރުން." ޝާހަމްއަށް ފުރުސަތެއް ނުދީ ނަޖުމާ ހިޔާލުދިނެވެ. މައިދައިގެ ވާހަކަ އޭނާ ބޭނުންވާ ގޮތަށް ދިޔަ އަޑުއަހާފައި ވިޝާއަށް ހިނިތުންވެލެވުނެވެ. އޭނާ ފުން ނޭވައެއް ދޫކޮށްލައިފައި ބަލައިލީ ޝާހަމްއަށެވެ. އިއްތިފާޤުން ޝާހަމްވެސް އެވަގުތު އެމޫނަށް ބަލައިލުމުން އަވަހަށް ނޫންކަމަށް ހެދިފައި އިސްއޮބައިލިއެވެ.
"ވިޝް ބޭނުން ގޮތެއް. ލަސްކޮށްލެވިދާނެ." ޝާހަމް ފަރުވާވެ ވިޝާ މޫނަށް ބަލަން އިނދެފައި ބުނެލިއެވެ. އޭނާގެ ވިސްނުމާއި ގުޅުނީ ވިޝާ ބޭނުންވެގެން އުޅޭ ގޮތެވެ. މިއޮތްހާ ދުވަހު އޭނާގެ އަންބަކަށް ނުވެގެން ވިޝާ ފައިވިއްދާފައި އުޅުނީ ކިހިނެތް ކަން ހަނދާންކޮށްލެވުނެވެ. އެކަމަކު މިހާރު ހީވަނީ ކޮންމެވެސް ސަބަބަކާ ހުރެ ދުރަށް ދާން މަސައްކަތް ކުރާ ހެންނެވެ. ޝާހަމް ނިންމީ ނިދަން ވަދެފައި ވަގުތު ވުމުން ވިޝާއާ ސުވާލުކޮށް އޮޅުން ފިލުވާށެވެ.
"ދަރިފުޅު ޝަލީން ކީއްވެ އެއްޗެކޭ ނުބުނެ މިރޭ ތިއިންނަނީ؟" އިމާދުގެ ސަމާލުކަން ހުއްޓުނީ ޝަލީންގެ އާދަޔާ ޚިލާފް މިޒާޖަށެވެ. ޝަލީންއަށް އެއަޑު އިވިގެން ބަލާލިއިރު އެންމެން އެމޫނަށް ބަލާތަން ފެނުމުން ކުޑަކޮށް ހާސްވިއެވެ. "ކަމެއް ނުވޭ ބައްޕާ. މިރޭ ހަމަ ވާރޭ ވެހޭވަރުން ފޫހިވެފަ މިހުންނަނީ. ބޭރަކަށްވެސް ނުދެވޭނެއެއްނު." ޝަލީން ވާހަކައެއް ހަދައިލިއެވެ.
ކޮޓަރިއަށް ވަދެ ޝަލީން ހުރީ ފޮތިތައް ކަހާލައިގެން ބެލްކަންޏަށް ވެހެމުންދިޔަ ވާރެއަށް ނަޒަރު ހުއްޓާލައިގެންނެވެ. ޕޮޓްތަކުގައި ހެދިފައިވާ ގަސްތައް ދޮވެވި ފެހިކުލަ ގަދަވެފައިވާއިރު ފެންތިކިތަކުގެ ރަހުމެއްނެތް ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ މާތަކުގެ ނާޒުކް ފިޔަތައްވަނީ ރޫޅިފައެވެ. ތިރީގައި ހެދިފައި އޮތް ފެންގަނޑުގައި ވާރޭތިކި ބޮސްދޭއިރު އެއްފަހަރާ އެތައްސަތޭކަ ކުދި ބާންޏެއް އުފައްދަމުން ދިޔައެވެ.
"ކޯއްޗެއް ތި ވިސްނަނީ؟" ފަހަތުން ވިޝާގެ އަޑު އިވުނެވެ. ޝަލީން ބަލައިނުލާ އުޅެނިކޮށް ވިޝާ އައިސް ހުއްޓުނީ އޭނައާ އެއްހަމައެއްގައެވެ. "ނޭނގެ ވިޝް. އެކަމަކު އަހަރެންނަށް ހީވަނީ މިވާރެއަށް ބެލީމަ އަހަރެން ކޮންމެވެސް މީހަކު މިސްވާހެން. އަޖައިބުކަމަކީ އެއީ ކާކުކަމެއްވެސް ނޭނގޭތީ." ޝަލީން ދުރު ބަލަން ހުރެގެން ދެއްކި ވާހަކަ ވިޝާއަށްވީ އަރަތަކަށެވެ. "ވިއަޑް ދޯ؟" ވިޝާ ރައްދު ނުދެނީސް ޝަލީން ހަށަން މޮހާލައިފައި ގޮސް އެނދުގައި އިށީންދެލިއެވެ. "ޝަލީ މާމޫޑިވެފަ ހުރިހެން ހީވެގެން އަހަރެން މިއައީ. ނެތްތަ ނިއު މޫވީއެއް؟" ވިޝާ ޖައްސައިލީ އެތާހުރި ސޯފާގައެވެ. ނިއްކުރިމައްޗަށް ފައިބާފައި އޮތް އިސްތަށިކޮޅެއް އެއްފަރާތް ކޮށްލައިފައި އޭނާ ދެފައި ނަގައިގެން ހަމަޖެހިލިއެވެ. "ބިރުވެރި ފިލްމެއް އެބައިން." ޝަލީން އެވަގުތު ލެޕްޓޮޕް ނަގާފައި ހުޅުވައިލިއެވެ. ވިޝާ ތެދުވެގެން ގޮސް ނަން ބަލާލިއިރު އޭނާ ނުބަލާ ފިލްމެކެވެ.
" އޭ މިހެން އަދި ބަލަން ޖައްސާލިއަކަސް ނުވާނެއެއްނު. އަންނާނަން ޗިޕްސް ޕަކެޓަކާއި އެއްޗެހި ހިފައިގެން." ވިޝާ އުފާވެފައި ޖޯޝާއެކު ބުނެލިއެވެ. "ޔޭ! އިޓްސް މޫވީ ޓައިމް." ޝަލީން ބޯޖަހައިލުމުން ވިޝާ ގޮސް ދޮރާއި ހަމަވެފައި ފޮނިވެގެން ގޮވައިލިއެވެ. ކުޑައިރުކޮޅެއް ފަހުން އޭނާ ތިރިއަށް ގޮއްސައި އައިއިރު ތަބަކެއްގައި ބަހައްޓާފައި ހުރި ޗިޕްސް ބޯތަށްޓަކާއި ދެތަށި ހޫނު މައިލޯ ހުއްޓެވެ. މައިލޯތަށިތައް ސައިޑު ޓޭބަލް މަތީ ބަހައްޓާފައި ޗިޕްސް ބޯތަށި ހިފައިގެން ދެމީހުން އަރައި އިނީ އެނދުގައެވެ. ހެޑްސެޓު ގުޅާފައި ކޮންމެ މީހެއްގެ އެއްކަންފަތަށް ހެޑުސެޓު ޖަހައިގެން ފިލްމުތެރެއަށް ވަނުމުން އިތުރު ކަމެއްގެ ޚަބަރެއް އެމީހުންނަކަށް ނުވެއެވެ.
މޫސުން ގޯސްވެ ބޭރަށް ދާ ހިތްނުވެފައި ޝާހަމްވެސް އިނީ ސިޓިންރޫމްގައެވެ. ބޭނުންވަރަކަށް ހުސް ވަގުތު އޮތުމުން އޭނާ ގަސްތުކުރީ ކޮންމެވެސް މަސައްކަތެއް ކުރުމަށެވެ. ކޮޓަރިއަށް ވަންއިރު އޭނާ ހީކުރީ ވިޝާ އުޅޭނެ ކަމަށެވެ. ފެންނަން ނެތަސް ޝާހަމް މާބޮޑަކަށް އަޅައެއް ނުލައެވެ. ވިޝާ ކޮބައިތޯ ބަލައިލަން އޭނާ ބޭނުންވީ ކޮޓަރިއަށް ނައިސް ގިނައިރުވާން ފެށީމައެވެ. ފޯނަށް ގުޅިއިރު ރިންގްވެއެވެ. އެކަމަކު ވިޝާ ޖަވާބެއް ނުދިނެވެ. "ވެދާނެ ޝަލީ ކައިރީގަވެސް." ޝާހަމް ހިތާއިހިތުން ބުނެލާފައި ފޯނު ބޭއްވީ ދުރުގައެވެ.
"މަންމާ! ވިޝާ އައިތަ ތިރިއަށް؟" އެގާރަ ޖަހަން އުޅެނިކޮށް ޝާހަމް މަސައްކަތް މެދުކަނޑާލައިފައި ފޭބިއިރު މަންމަ ފެނިގެން އެހިއެވެ. "ތަންކޮޅެއް ކުރިން އޭނަ އައި ހޮޓްމައިލޯ ހަދަންވެގެން. ބުނި ޝަލީއާ ދެކުދިން ފިލްމެއް ބަލާ ވާހަކަ." ނަޖުމާ އޮޅުންފިލުވައިދިނެވެ. ވީގޮތް އެނގުމުން ޝާހަމް ބޯޖަހާލައިފައި ފްރިޖުން ދަޅެއް ނަގައިގެން އެނބުރި ދިޔައީ މައްޗަށެވެ. އެހާ ފިނީގައިވެސް ފިނި ދަޅެއް ބޯލުމުން ޝާހަމްގެ ސިކުނޑިއަށް ތާޒާކަން ލިއްބައިދިނެވެ. އިތުރަށް މަސައްކަތް ކުރާހިތް ނެތުމުން ލެޕްޓޮޕް ލައްޕާލައިފައި އޭނާ ގޮސް އިނީ ސޯފާގައި ދެފައި ދަމާލައިގެން ފޯނާއި ކުޅޭށެވެ. ޒިޔާން ވައިބަރ ކޮށްފައި ދަތުރުގެ ކަންތައްތައް ދިޔަގޮތުގެ ތަފްޞީލު ދިނުމުން އެމެސެޖްތަކަށް ޖަވާބު ފޮނުވަން އިނދެގެން އިރުއިރުކޮޅާ ދަޅު ނަގާފައި ކަރުތެންމާލައެވެ.
ފިލްމު ނިމުނުއިރު ޝަލީން އިނީ ތާއްޔާއި ޖެހޭގޮތް ވެފައެވެ. ވިޝާ ޝަލީންއާ ވަކިވެގެން ނިކުތްއިރު ބޭރުތެރެއަށް ވެރިވެފައި އޮތް ފަނޑު އަލި ފެނިފައި ޖެހިލުންވިއެވެ. އޭނާ ކޮޓަރިއާ ދިމާއަށް ދިޔައިރު ފިލްމްގެ ބިރުވެރި މަންޒަރުތައް ލޯކުރިމަތީ އޮޅެމުން ނިއުޅެމުން އައި ގޮތުން ކުރިއަށްވުރެ ހިނގުން ބާރުކޮށްލައިފައި އަވަހަށް ގޮސް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ދެމިގަތެވެ. ދޮރުފަތުގައި އޭނާ ބުރަކަށި ޖައްސާލި ގޮތުން ބަލަން ހުރި މީހަކަށް ހީވާނީ ބޭރުން ފެނުނު ކޮންމެވެސް ނުބައި އެއްޗެއްގެ ކިބައިގެން ސަލާމަތްވެގެން އައިސް ވަން ހެންނެވެ.
"ވިޝް! އާ ޔޫ އޯކޭ؟" ދޮރު ހުޅުވުނު އަޑާއެކު ޝާހަމް އެދިމާއަށް ބަލާލައިފައި ސުވާލުކޮށްލިއެވެ. އެއަޑު އަހާފައި ވިޝާ ދިޔައީ ސިއްސައިގެންނެވެ. ތެޅިގަނެފައި ބާރުބާރަށް ހަޅޭތްލަވައިގަތްތަން ފެނިފައި ޝާހަމްވެސް ތެދުވެ ހުރީ ކޮޅަށެވެ. އޭނާ ހާސްވެފައި ހުރެގެން އެދިމާއަށް ގޮސް ހުއްޓުނުއިރު ވިޝާ އަމިއްލައަށް ވީގޮތް އެނގިގެން އަނެއްފަރާތަށް އެނބުރި ހުރީ ދޮރުފަތުގައި ނިއްކުރި ޖައްސާލައިގެންނެވެ.
"ކަމެއްނުވޭ. އެއްވެސް ކަމެއް ނުވޭ." ޝާހަމް އައިސް ހުއްޓިފައި ރަނގަޅަށް ނަންވެސް ނުކިޔެނީސް ވިޝާ އަވަސްއަވަހަށް ޖަވާބުދީފައި މަސައްކަތް ކުރީ އެތަނުން ދެވޭތޯއެވެ. އެކަމަކު ދުރަށްދާން އޭނާއަށް އެޅުނީ އެންމެ ދެފިޔަވަޅެވެ. ޝާހަމްގެ ބާރުގަދަ އަތުން އޭނާގެ މުލައްދަނޑީގައި ހިފާލީ ބޭނުންވިއަސް މިނިވަންކޮށްލެވޭވަރަށްވުރެ ބާރަށެވެ.
"ކޮންމެކަމެއް ސިއްރުކުރިއަކަސް ނުވާނެ." ޝާހަމް ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އެއަޑުގައި ވި ހަރުކަށިކަން ފާހަގަވުމުން ވިޝާ ކަންބޮޑުވެއްޖެއެވެ. ގަދަހެދުން ދޫކޮށްލައިފައި އޭނާ ބަލައިލީ ޝާހަމްގެ މޫނަށެވެ. "އަހަރެން ދެންމެ ޝަލީއާ އެއްކޮށް ބިރުވެރި ފިލްމެއް ބަލާފަ މިއައީ. އެހެންވެ ކުއްލިއަކަށް ޝާހަމް ގޮވާލީމަ ބިރުން ހަޅޭތްލަވައިގަނެވުނީ." ޝާހަމް ރުޅިގަދަކުރަން ނުހަދާ ވިޝާ އަވަހަށް ހަޤީޤަތް ހާމަކުރިއެވެ. ޝާހަމް އެވަގުތު އޭނާގެ އަތުން ދޫކޮށްލައިފައި އަނެއްފަރާތަށް އެނބުރުމުން ވިޝާ އަނެއްކާވެސް ބަލަން ބޭނުންވީ އެމޫނުގެ ކުލަވަރެވެ. އޮޅުންފިލުވަން ބޭނުންވީ އޭނާ އެވާހަކަ ބުނެގެން ޝާހަމްގެ ރުޅި ފިނިވިތޯއެވެ. ތުންފަތުގައި ދަތް އަޅާލަ އަޅާލާ ހުއްޓާ އޭނާ ހައިރާންކޮށްލާފައި ޝާހަމްގެ ހިތްގައިމު ހުނުމުގެ އަޑުން ކޮޓަރީގެ ހިމޭންކަން ނަގާލައިފިއެވެ.
"އަނެއްކާވެސް ހެނީތަ؟" ޝާހަމް އެހެނީ އޭނާއަށް މަލާމާތްކޮށްފައިކަން އެނގިގެން ވިޝާއަށް ޝަކުވާކޮށްލެވުނެވެ. އޭނާ ހިތްހަމަނުޖެހިފައި ބަލަން ހުއްޓާ ޝާހަމް ހެމުން ހެމުން އެނބުރި އައިދިމާއަށް ގޮސް ސޯފާއާ ކައިރިވިތަން ފެނުނެވެ. ދެންވީނުވީވީއެއް ނޭނގި ކުއްލިއަކަށް ފައި ކައްސާލައިގެން އެތަނަށް ވެއްޓިއްޖެއެވެ. ޝާހަމްއަށް އެރުނީ އޭނާ ތެޅިގެންފައި ތެދުވިއިރު އަތުގައި ހުރި ދަޅުން ބަންޑުންވެފައި ހުރި ބުއިމުގެ އެތިފޮދަކަށެވެ. އެވަގުތު ވިޝާ ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްކޮށް ހުއްޓާވެސް ބާރުބާރަށް ހެވިއްޖެއެވެ. ހިނިގަނޑު ފަޅައިގެން ދިއުމުން އޭނާ ކޮންމެހެން ސިއްރު ކުރާކަށްވެސް ނުހަދައެވެ. ޝާހަމް ފޫކޮޅަށް ތަދުވެފައި އިންގޮތް ފެނިފައި އޭނާ ބާރަށް ގޮސް ކުރިމަތީ ހުރި ސޯފާގައި އިށީނެވެ. އޭނާ ހުނުހުނުހެން ޝާހަމްގެ ކުލަވަރު ސަކަރާތްވާ ތަން ފެނިފައި ހައްތަހާ މަޖާވިއެވެ.
"އޯކޭ މިހާރު ފުދިއްޖެ." ޝާހަމް ބަލަން އިނދެލާފައި އެހެން ބުނެލީ ކޮން މަޤްސަދެއްގައި ކަމެއް ނޭނގުނެވެ. ވިޝާ ހީލަހީލާ އިންދާ އަތަށް ދަމާލައިފައި ގެނެސް ތިރީގައި ބޭންދުމަށްފަހު މޫނުގެ ދެފަރާތުން ހިފަހައްޓާލައިފައި ޝާހަމް ދެންކޮށްލީ ވިޝާ ހީވެސް ނުކުރާކަމެކެވެ. ވަގުތުން އޭނާގެ އަޑު ތާށިވެ ލޯ ބޮޑުކޮށްލެވުނެވެ. މަޤްސަދު ހާޞިލްވުމުން ޝާހަމް މޫނު ދުރުކޮށްލިއިރަށް އޭނާއަށް ފުންމައިގެން ތެދުވެ އަނެއްފަރާތަށް އެނބުރެވުނެވެ.
ފުން ފުން ނޭވާތަކެއް ލާން ހުރިއިރު މޭގެ ތެރޭގައި އޮތް ހިތް ތެޅެމުންދިޔައީ އެންމެ ބާރުމިނުގައެވެ. އަތްފައި ދާހިއްލާލައި އެތެރެހަށި އާދަޔާޚިލާފަށް އުދާސްވެލައިފިއެވެ. ނޭވާ ފުންވެ އެފިނީގައިވެސް އޭނާ ކަރުހިއްކައިގަތެވެ.
"ވިޝް!" ގުނޑާނުލެވިފައި ހުރިފިޔަވަޅު މަތީ ހުއްޓާ ޝާހަމް ވާހަކަދެއްކިކަން އިހްސާސްވީ ހަމައިސްކޮޅަށް ތެދުވެފައެވެ. ވިޝާއަށް ކުރެވުނުހާވެސް ކަމަކީ ކަނާއަތްތިލަ މުށްކަވާލައިފައި ގެނެސް ހިތާއި ދިމާލުން މޭގައި ޖައްސާ ބާރުކޮށްލުމެވެ. އޭރު ޝާހަމް ހުރީ ކުށްވެރިއަކު ފަދައިން އިސްއޮބާލައިގެންނެވެ. އަމިއްލަ "އީގޯ"އަށްޓަކައި ވިއަސް އޭނާއަށް ހެދުނީ ގޯހެކެވެ. ދެން އެކަމަކު ދުރަށް ހިނގައްޖެއްޔާ ވިޝާގެ އުންމީދުތައް ފުނޑުފުނޑުވެގެން ހިނގައިދާނެތީ ވިސްނަން ޖެހިއްޖެއެވެ. ބަލަން ހުރެފައި އޭނާ އެންމެފަހުން ކޮނޑުގައި ހިފާ މަގަތަށް އަނބުރުވާލިއިރު ވިޝާ ދެލޯ މަރާލައިގެން ހުރި ނަމަވެސް އިހްސާސްތައް މޫނުން އަންގައިދިނެވެ. ކޮނޑުން އަތް ވަކިކޮށްލުމުގެ ބަދަލުގައި ޝާހަމް އެއިނގިލިތައް ކަނދުރާގައި ފިރުކާލައިފައި ގޮސް ކޯތާފަތަށް ހުއްޓާލިއިރު ވިޝާއަށް ވީގޮތް ފެނިފައި ޝައުޤުވެރިވެވުނެވެ. ޝާހަމް މޫނު ކައިރިކޮށްލާފައި ވިޝާގެ ކޯތާފަތުގައި ބޮސްދިންއިރު އަނެއް އަތް ފަހަތަށް ގެންގޮސް ވިޝާ ލައިގެން ހުރި ހެދުމުގެ ޒިބުގައި ހިފާލިއެވެ. އޭނާ އެޒިބު ތިރިކުރަމުން ކުޑަކޮށް ގުދުވެލާފައި ކޮނޑުގައި ތުންފަތް ޖައްސާލިއިރު ވިޝާގެ ނޭވާ ފުންވެފައިވާރު ކަންފަތަށްވެސް އިވުނެވެ. ހާމަވެފައި އޮތް އޮމާން ބުރަކަށީގައި އަތް ކާއްތާލުމުން ހިތަށް ލިބުނު ހިތްހަމަޖެހުމަކީ ގިޓައެއްގެ ނަރުތަކާ ކުޅެލުމުންވެސް މީގެކުރިން ލިބުނު ހިތްހަމަޖެހުމެއް ނޫނެވެ. އެހުރިގޮތަށް ހުރެގެން ވިޝާގެ ހެދުން ދެކޮނޑުގައި ހިފާ މަތީކޮޅު ބަނޑާއި ހަމައަށް ތިރިކޮށްފައި އޭނާ ދުރަށް ޖެހިލީ ފުރަތަމަ ފަހަރަށް އެރީތިހަށިގަނޑު ދެކިލުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދުނުލެއް ބޮޑުކަމުންނެވެ.
ކަޅިޖަހާލަން ނޭނގިފައި ހުއްޓާ ވިޝާ ލޯހުޅުވައިލިއިރު ފަނޑުއަލީގައިވެސް މޫނުގެ ރަތްކަން ފާހަގަވާން ހުއްޓެވެ. ލަދުރަކި ގޮތަކަށް ތިރީ ތުންފަތުގައި ދައިގެންފައި އޭނާ ކުއްލިއަކަށް މޫނު ފޮރުވައިލީ ޝާހަމްގެ މޭގައެވެ. ހޭލާފައިވާ ޝާހަމްގެ ހިއްސުތަކުގައި އިތުރަށް ހުޅުރޯކުރުވީ މޭގައި ބީހެންފެށީ ވިޝާގެ ހޫނު ނޭވާތަކެވެ. ތުނިތުނި ދަތްދޮޅީގައި ހިފާ މައްޗަށް އުފުލުވާފައި ކެތްމަދުވެފައިވާ މީހަކު ފަދައިން ތުންފަތުގައި ބޮސްދޭން ފެށުނެވެ. ހިމަހިމަ އުނަގަނޑުގައި ދެއަތް ވަށާލައިފައި ނަގައި ވިޝާ އުރާލުމަށްފަހު ގެންގޮސް އެނދުގައި ބާއްވާލިއިރު ވެހޭ ވާރޭގެ އަޑުވެސް ގަދަވިހެން ހީވިއެވެ. އެކަމަކު ބޭރުގެ ފިންޏަށްވުރެ އެމީހުންގެ ޖިސްމުގެ އުދާސްކަން މާބޮޑެވެ. އެވާރޭތިކިތައް ފުރާޅުގައި ބީހެމުންދިޔަ މިއުޒިކީ އަޑުން ފުން ނިންޖެއް ހޯދުމުގެ ބަދަލުގައި ދެމީހުންވެސް އަވަދިނެތިވީ ނަފްސްގެ ހައިހޫނުކަން ފިލުވާލަދިނުމުގައެވެ. ނިދިވަނީ އެމީހުންގެ ލޮލާއި ރުޅިވެފައެވެ. ވަރުބަލިކަމެއް ފޫހިކަމެއް ނެތި ގަޑިއިރުތައް ފާއިތު ގޮސް އެންމެފަހުން ފަތިސް ދަމަށް އެޅިއިރު ފާރުގައި ހަރަކާތްކުރި ދެހިޔަނި ގެއްލި ކޮޓަރިތެރެ ހިމޭންވެއްޖެއެވެ. އޭރު ވެހުނު ވާރޭވެސް ތުނިކޮށްލައި ވައިގަނޑު ކުރިއަށްވުރެ މައިތިރިވެއްޖެއެވެ.
ޝަލީންއަށް ހޭލެވުނީ ހުވަފެނެއްގައި އޮވެގެން ރޮވެނިކޮށެވެ. ފުންމައިގެ ތެދުވެ އިށީންއިރު ގިސްލެވޭ ވަރުން މުޅިކުއްޖާ ތުރުތުރުލައެވެ. އެކަމަކު ސިކުނޑިއަށް ބާރުލައިލައި ހުވަފެނުގައި ވީގޮތެއް ނޭނގުނެވެ. އެނގުނުހާވެސް އެއްޗަކީ ދެރަކަމެއް ވެއްޖެކަމެވެ. އަދި އެއީ ވަރަށް ބޮޑު ކަމެކެވެ.