ލިޒް ވަކިވަމުން ހަމައެކަނި އެދުނީ އޭނަގެ ކޮއްކޮ ބަލާ ދިނުމަށް. ލިޒް ފަދައިން އިޝާއާ އަޅައިލާނެ އެކަކުވެސް މިދުނިޔެއަކު ނެތް. ހަނދާންތައް ނެތުނުއިރު އީޝާގެ މޫނުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެ ސާޖަރީ ހަދަން ޖެހިފަ. ކޮއްކޮގެ ސިފައިގައި އޭނަ މިގެއަށް ގެނައުމަކީ އަހަރެންނަށް ފެނިގެން އަހަރެން ކުރި ކަމެއް." އިތުރަށް ސިއްރު ކުރުމުގެ މާނައެއް ނެތްކަން ވިސްނިފައި ޝާހަމް އެސިއްރުވެސް ހާމަކޮށްލިއެވެ.

*****

އިތުރަށް ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު އެކަކުވެސް އަނެކަކާ ވާހަކަ ދައްކާ އުޅޭތަނެއް ނުފެނެއެވެ. އިމާދުއާ ޝާހަމް ގިނަ ވަގުތު ބޭރުގައި ހޭދަކުރަން ފެށިއިރު ވިޝާ އިންނަނީ ފިކުރު ބޮޑުވެފައި އަބަދު ކޮޓަރީގައެވެ. ނުކައި ނުބޮއި ހުރެގެން ނަޖުމާގެ ހާލަތު ދަށަށް ގޮސް އެޑްމިޓް ކުރަން ޖެހުނީ ހަތަރުވަނައަށް ވީ ދުވަހުގެ ރެއެވެ. ޝާހަމްއަށް މަންމަގެ ޚަބަރު ލިބުމުން ދުވެފައި އައެވެ. އެކަމަކު އޭނާގެ ސޫރަ ދެކޭކަށްވެސް އެމަންމަ ބޭނުމެއް ނުވެއެވެ. ހިތް ހަލާކުވެފައިވާ ހާލު އެކަނިމާއެކަނި ނިކުމެގެން ދެވުނީ ދުއްވުނު އެންމެ ބާރަކަށް ކާރު ދުއްވާލައިފައެވެ. ވެހެމުންދާ ބޯވާރެއާ ގަދަ ވައިގެ ހަމަލާތައް ބިއްލޫރިގަނޑަށް ހަމަލާ ދެމުން ދިޔައިރު ޝާހަމްގެ ލޮލުގައިވެސް ކަރުނަތައް ވިދަމުން ދިޔައެވެ. އެންމެފަހުން އޭނާ ކާރު މަޑުކޮށްލީ "ޒެނިތް" ކައިރިއަށް ދެވުނީމައެވެ. ޝާހަމް ކާރު އެއްފަރާތެއްގައި ބާއްވާފައި ދުވެފައި ގޮސް ދޮރާށިން ވަދެވުނުއިރު ހިސާބަކަށް ތެމިއްޖެއެވެ. އިސްތަށިގަނޑުން ފެންފޮޅަމުން އޭނާ މައްޗަށް އަރައިގެން ގޮސް ލިޒް އުޅުނު އެޕާޓްމެންޓްގެ ދޮރު ހުޅުވާލައިފައި ވަނެވެ. ހިރަފުސް ވެފައިވާ ފޮތިތައް އެއްފަރާތް ކޮށްލުމަށްފަހު ސިޓިންރޫމްގައި ހުރި ސޯފާއަށް ވެއްޓިގަނެގެން އޮވެ ލޯ މަރައިލުމުން މާޒީގެ ދުވަސްތައް އަނބުރާ އައި ކަހަލައެވެ. އޭނާގެ ހިޔާލީ ލޯގަނޑަށް އެޅިގެން ދިޔައީ ލިޒް ދިރިހުރި ދުވަސްވަރު އެގޭގައި އެމީހުން ހޭދަކުރި އުފާވެރި ދުވަސްތަކެވެ. ތުންފަތަށް ވެރިވެފައިވާ ލުއި ހިނިތުންވުމާއެކުވެސް ލޮލުގެ ކަނުން ކަރުނަ ތިއްކެއް ފޭދިގެން ގޮސް ކަންފަތު ވޮށީގެ ތެރެއަށް ވެއްޓުނީ ދެން އެދުވަސް އަނބުރާ ނުލިބޭނެކަން ހަނދާންވެފައެވެ. ލިޒް އެވަނީ ދުރަށް، މާދުރަށް ގޮސް ގެއްލިފައެވެ. އެކުގައިވަނީ ހަމައެކަނި ހިތުގައި ރައްކާ ކުރެވިފައިވާ ހަނދާންތަކެކެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ. މިވަރުގެ ހިތާމައެއް އެހެން އެއްވެސް އިންސާނަކަށް ނުޖައްސަވާށިއެވެ! ވަކިވެ ގޮއްސައިވާ ލޯބިވެރިޔާގެ ހަނދާނުގައި ކޮންމެ ދުވަހަކު އެއްފަހަރު މަރުވާން ދެވަނަ އިންސާނަކަށް މިންވަރު ނުކުރައްވާށިއެވެ! ޝާހަމްއަށް ހިތާއި ހިތުން ދުޢާ ކޮށްލެވުނެވެ.

އިމާދުގެ ބާރު އެޅުމުގެ ސަބަބުން ވިޝާ ނިންމީ ގެއަށް އައުމަށެވެ. އޭރު އޭނާވެސް ހުރީ ޝާހަމް ވީތަނެއް ހޯދަން ބޭނުންވެފައެވެ. ގުޅާ ގުޅާ ފޯނު ނުނެގުމުން ވިޝާއަށް މަޖުބޫރުވީ އަލޫކްއަށް ގުޅާށެވެ. ދަންވެފައި ހުރުމުން ހަމައެކަނި ޑްރައިވަރާއެކު ގެއަށް ދާކަށް ވިޝާގެ ހިތެއް އެއްބަހެއް ނުވިއެވެ. އޭނާ ދެފަހަރަކު ގުޅާލިތަނާ އަލޫކް ފޯނު ނެގުމުން ހޮސްޕިޓަލަށް އައިސް ދިނުމަށް އެދުނެވެ. ނަސީބަކުން އަލޫކް އެއްބަސްވިއެވެ. އޭނާ ބޭރަށް ނިކުތީ އަލޫކް އައިސް ގުޅީމައެވެ. ވިޝާ ނިކުތްއިރު ފެންނަ ހިސާބުގައި ކާރު އޮތެވެ. ވާރޭ ތުނިކޮށްލާފައި ހުރުމުން މާބޮޑަށް ނުތެމި ގޮސް އަރައި އިށީންދެވިއްޖެއެވެ. އެވަގުތު އަލޫކް ކާރު ދުއްވައިލީ އެއްވެސް އެއްޗެއް ނުބުނެއެވެ.

"މަންމަމެން ނިދައިފިތަ؟" ވިޝާގެ ބޭނުމަކަށްވީ ކޮންމެވެސް ވާހަކައެއް ދެއްކުމެވެ. ތިން ދުވަހަށްފަހު ބައްދަލުވުމުން އަލޫކްގެ ހާލު އަހައިލަން އޭނާ އިނީ ބޭނުންވެފައެވެ. އެންމެ ގާތް އެކުވެރިޔާ ދުނިޔޭގައި ނެތްކަން އެނގުމަކީ އަލޫކްއަށް ލިބޭނެ ކިހާ ފުން ހިތާމައެއްކަން ވިޝާ ރަނގަޅަށް ދަނެއެވެ. "ރަތްޓެއްސަކާއެކު ކޮފީއެއްގައި އިނދެފައި މިއައީ." އަލޫކް ޖަވާބުދިނެވެ. އެއަޑުގައި މާބޮޑު އަސަރެއް ނެތެވެ. އެކަމަކު އެއީ އަލޫކް ބޭރު ފުށުން ދައްކައިގެން އުޅޭ ކުލައެއްކަންވެސް އެންމެ ރަނގަޅަށް އެނގެނީ ވިޝާއަށެވެ.

"އައެމް ސޮރީ." ވިޝާ އިރުކޮޅަކުން ބުނެލިއެވެ. "ކިހިނެތްވީ؟" އަލޫކް މޫނު އަނބުރައިލީ ދެނެވެ. "އެބައުޓް ޔޯ ބެސްޓްފްރެންޑް." ވިޝާ އޮޅުންފިލުވައި ދިނުމުން އަލޫކް ހިޔާރު ކުރީ ހިމޭންކަމެވެ. "ޔޫ ކެން ޓޯކް ޓު މީ ދޮންބެ. އަހަރެން މިހުރީ އަޑުއަހަން." ވިޝާ އަތް އުފުލާލައިފައި އަލޫކްގެ އަތްމަތީގައި އަތް ބާއްވާލިއެވެ. ރައްދު ދިނުމުގެ ބަދަލުގައި އަލޫކް ބަލަންފެށީ ދުރެވެ. އަލޫކް ބަހެއް ނުބުނެ އިނދެގެން ކާރު މަޑުކޮށްފައި ވިޝާ ފޭބުމުން އެނބުރި ގޮސް ގެއްލޭން ދެން އޭނާ އެދިމާއަށް ބަލަން ހުއްޓެވެ.

"ޝާހަމް އަތުވެއްޖެތަ؟" ސިޓިންރޫމުން ސަމެންތާ ފެނިގެން ވިޝާ އެހިއެވެ. އެވަގުތު ސަމެންތާ ބޯ ހޫރައިލީ ދެފަރާތަށެވެ. ސިޑިން އަރައިގެން ގޮސް ކޮޓަރީގައި އޭނާ އޮތީ ލޮލަށް ނިދި ނައިއްސައެވެ. އިރު އިރުކޮޅާ ފޯނަށް ބަލައިލެވެނީ އޭނާ ގުޅާފައި ހުއްޓާ ފެނިގެން ނަމަވެސް ޝާހަމް ގުޅައިފާނެ ކަމަށް އުންމީދު ކުރެވިފައެވެ.

ގަޑިއެއްހާއިރު ފަހުން ޝާހަމް އައިސް ކޮޓަރިއަށް ވަންއިރު ވިޝާ އޭރުވެސް އޮތީ ހޭލައެވެ. ދޮރު ހުޅުވާލި އަޑާއެކު އޭނާ ލޯ ހުޅުވާލައިފައި ތެދުވެ އިށީންދެއްޖެއެވެ. "އަދިވެސް ނުނިދަނީތަ؟" ޝާހަމް ޓީޝާޓް ބާލައި ބޮލުން ވަކިކޮށްލާފައި ވިޝާ މޫނަށް ކަޅި ހުއްޓައިލިއެވެ. ވިޝާ ބޯޖަހައިލިތަން ފެނިގެން އެއްޗެއް ނުބުނެ ދެން ވަނީ ފާޚާނާއަށެވެ. އިރުކޮޅަކުން އޭނާ ނިކުމެގެން އައިސް ނިދަން ލާ ސޯޓަށް ބަދަލުކޮށްލައިގެން އެނދަށް އެރިއެވެ. ވިޝާ ހިމޭނުން ބަލަން އޮވެފައި ޝާހަމްގެ މޭމަތީގައި އަތް ބާއްވާލުމުން ސިއްސައިގެންދާފަދަ ގޮތަކަށް އެދެލޯ ހުޅުވާލައިފައި ބަލާލައިފިއެވެ. "ކިހިނެތްވީ؟" ވިޝާއަށް އެކަން ފާހަގަވިއެވެ. "މިރޭ އަހަރެން ބޭނުމީ ނިދާލަން." ޝާހަމް ވިޝާގެ އަތް ދުރަށް ލާފައި އެނބުރުނީ އަނެއްފަރާތަށެވެ. ޝާހަމްގެ އުދާސްކަން ދުރުކޮށްދިނުމަށްޓަކައި ވިޝާ ފުރަތަމަ ފަހަރަށް އިސްނެގުމުން ދިން ޖަވާބުން ހިތް ކަތިލެވިގެން ދިޔައެވެ. ޝާހަމް އޭނާގެ ފުށުން އެދޭ ހަމައެކަނި އެދުމަށްވެސް މިރޭ ފުރަގަސްދިނީއެވެ. ވިޝާގެ ލޮލުގައި ކަރުނަ ގިނަވީ ޝާހަމްގެ ހަޔާތުގައި އޭނާ އެއީ އެއްވެސް މާނައެއް ހުރި މީހެއް ނޫންކަން އިހްސާސްވެފައެވެ. ކުޑަމިނުން ހިތްދަތިކަން ފިލުވާލަދޭނެ ބައިވެރިއެއް ކަމުގައިވެސް ޝާހަމް އޭނާ ބަލައެއް ނުގަތެވެ. ލޮލުން ފައިބަންފެށި ކަރުނަތައް ފޭދިގެންދާން ދޫކޮށްލައިގެން ވިޝާ އޮތީ ނޭފަތް ދަމައިލަންވެސް ނުކެރިފައެވެ. ކިތަންމެ ހިތްދަތިވެފައި އޮތަސް އޭނާ ރޯކަން ޝާހަމްއަށް އަންގާކަށް ބޭނުމެއް ނުވިއެވެ.

"އަހަރެން ވިޝްއާ ކައިވެނި ކުރީ ޝަލީގެ މަރު ފޫބައްދަން އެޅުނު ފިޔަވަޅުގެ ސަބަބުން." އިރުގަނޑެއް ފަހުން ޝާހަމް މަގަތަށް އެނބުރިފައި ކުއްލިއަކަށް ބުނެލައިފިއެވެ. ވިޝާއަށް އެބުނި ބަހުގެ މާނަ މުޅިން ދޭހަ ވާގޮތެއް ނުވިއެވެ. ނޭނގޭ ގޮތަށް ކަރުނަ ފުހެލާފައި އޭނާ ނިތް އަރުވައިލީ އިތުރަށް އޮޅުންފިލުވަދޭން ބާރު އެޅި ފަދަ ގޮތަކަށެވެ. "ބައްޕަމެނަށް އޮޅުވާލައިގެން އީޝާ ގެނެސް ގެންގުޅުމަކީ އަހަރެން ޤަބޫލުކުރާ ގޮތުގައި ހެދުނު ވަރަށް ބޮޑު ގޯހެއް. އެހެންވެ އެކަމުގެ ގިލްޓް އަބަދުވެސް ހިތުގަ އޮންނާތީ ބައްޕަގެ އެދުމުގެ މަތިން މިކައިވެންޏާ އެއްބަސްވީ. އަހަރެންނަށް އަދިވެސް ލިޒްގެ ހިޔާލުތަކާ ދުރަކަށް ނުދެވޭ. ނޭނގެ ދުވަހަކުވެސް އެއީ ވެދާނެ ކަމެއްކަމެއް. އަދި ވިޝް ބޭނުންވާފަދަ ބައިވެރިއަކަށްވެސް އަހަރެންނަކަށް ނުވެވޭނެ. ވިޝް އަމިއްލައަށްވެސް މިހާރު ޤަބޫލު ކުރާނެ އެކަން." ވިޝާގެ ހިތަށް ވާނެގޮތް އެނގި ހުރެވެސް ޝާހަމް ހަޤީޤަތް ހާމަކުރިއެވެ. ހަތަރުކަޅި ހަމަކޮށްލައިގެން ވިޝާ އޮވެފައި އެސްފިޔަތައް ތިރިކޮށްލީ ވަކި ޖަވާބެއް ނުދީއެވެ. ސާފުބަހުން ނުބުންޏެއް ކަމަކު ޝާހަމް ބުނި އެންމެ ބޮޑު ވާހަކަ ވިޝާއަށް ދޭހަވިއެވެ. އެއީ ފަޅާއަރާފާނެ ކަމަށް ބިރުން އުޅުނު އީޝާގެ ހަޤީޤަތް ހާމަވުމަށްފަހު އިތުރަށް އެކައިވެނީގެ ގުޅުން ދަމަހައްޓަން ބޭނުން ނުވާ ވާހަކައެވެ. އިތުރަށް އެގުޅުން ކުރިއަށް ގެންދިއުމުގެ މާބޮޑު މާނައެއް އޮތް ކަމަކަށް އެވަގުތު ވިޝާގެ ހިތެއްވެސް އެއްބަހެއް ނުވިއެވެ. ކައިވެނީގެ ކުރިން އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ޝާހަމްގެ ހިތް އަނބުރާ ހޯދުމެވެ. އެކަމަކު ގުޅިގެން ހޭދަކުރި މަދު ދުވަސްތަކުގެ ތަޖުރިބާއިން އެހުރިހާ އުންމީދެއް ވަނީ ވިއްސިވިހާލި ވެގެން ގޮއްސައެވެ. ޝާހަމްގެ ހިތަކީ އޭނާގެ ތަޤްދީރުގައި ވާ އެއްޗެއް ނޫނެވެ.

ހެނދުނު ނަޖުމާ ގެއަށް ގެނައުމަށްފަހު އިމާދު ދިޔައީ ނާހިދާ އޮންނަ ގެއަށެވެ. ކުޑައިރުކޮޅެއް ކުރިން ނަރުސްމީހާ ދެފަހަރަކު ގުޅާފައި ހުއްޓާ ފެނުމުން ޚަބަރު ބަލައި ނުލައި ހުންނަން އުދަނގޫވިއެވެ. ޑްރައިވަރ ކާރު ދުއްވާލުމުން އޭގެ ފަހަތުގައި އިންއިރު އިމާދުގެ ސިކުނޑީގައި ހަރުލާފައި ހުރީ ޝާހަމް ދެއްކި ވާހަކައިން ބައެކެވެ. އެއީ އެދުވަހު ޝަލީން ފްލައިޓަށް އެރީ އޭނާއަށް އޮޅުންފިލި ބޮޑު ސިއްރެއްގެ ސަބަބުން ކަމެވެ. ޝާހަމް އެވާހަކަ ބުނި ވަގުތު އިމާދުގެ މޭގަނޑު އާދަޔާ ޚިލާފަށް ފިނިވެގެން އައިގޮތުން އޭނާގެ ސިއްރު ބޭޒާރުނުވެ ހުންނާނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އޭނާގެ ރުޅިގަނޑު ފިނިވީ ޝަލީންގެ މަރުގައި އޭނާވެސް ހިއްސާއެއް އޮތްކަން ޤަބޫލު ކުރެވިގެންނެވެ. އެހެންނޫންނަމަ އެވަގުތުން އެވަގުތަށް އޭނާ ޝާހަމް ގެއިން ނެރެލީހެވެ.

އެނބުރި އަންނަންވީ ވަގުތެއް އަންގާލާނެ ކަމަށް ބުނެފައި އިމާދު މައްޗަށް އަރައިގެން ދިޔައެވެ. ބެލް ޖަހާލައިފައި މިނިޓެއްނުވެ ނަރުސްމީހާ ދޮރު ހުޅުވާލަދިނެވެ. "ކިހިނެތްވީ؟" އިމާދު ވަދެގެން ދަމުން އެހިއެވެ. ފަހަތުން ޖަވާބެއް ނައިސް އުޅެނިކޮށް އިމާދުގެ ލޮލުގައި އަޅައިގަތީ އެތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޑޮކްޓަރާއި ނާހިދާގެ ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އިތުރު ނަރުހެކެވެ. އިމާދުއަށް އެވަގުތު ހުރެވުނުތަންވެސް ނޭނގުނެވެ. އޭނާ ބާރު ބާރަށް ގޮސް ކައިރިވާން އުޅެނިކޮށް ޑޮކްޓަރަށް ފެނިގެން އިތުރަށް ކުރިއަށް ނުދީ ހިފެހެއްޓިއެވެ.

"އިމާދު. ހަޤީޤަތަކީ ގިނަ ފަހަރު ވަރަށް ހިތި އެއްޗެއް. އެކަމަކު ހަޤީޤަތް ޖެހޭނީ ޤަބޫލުކުރަން. ވަރަށް ދުވަހު އަހަރެމެން ބަލަހައްޓައިގެން ތިބެފިން. އެކަމަކު ނާހިދާގެ ހާލަތު އޮތް ވަރަށްވުރެ އެންމެ ތަންފުކެއްވެސް ރަނގަޅެއް ނުވި. އަދި މިއަދު ފެނުނީ ކުރިއަށްވުރެވެސް ގޯސްވަމުން އައިތަން. އަހަރެންގެ ނަސޭހަތެއް އަހަންޏާ އޭނާއަށް ވަދާޢުކިޔަން އަމިއްލަ ނަފްސް ތައްޔާރުކުރޭ!" ޑޮކްޓަރމީހާ އިމާދުގެ ކޮނޑުގައި ހިފާލައިގެން ހުރެ ވިސްނަދޭ އުސޫލުން ވާހަކަދެއްކިއެވެ. އިމާދު ވަގުތުން އޭނާގެ އަތް ފޮޅުވާލައިފައި ޖެހިލީ އަދިވެސް ކުރިއަށެވެ.

"ކީއްތި ކުރަނީ؟ ކީއްވެ ތި މެޝިންތައް ނައްޓަނީ؟" ނަރުސްކުއްޖާ ކުރާކަމެއް އެނގުމުން އިމާދުއަށް ހަޅޭތްލަވައިގަނެވުނެވެ. "އިމާދު!...އިމާދު އަޑުއަހާބަލަ! އިމާދުއަށް ހީވޭތަ ނާހިދާއަށް ފަސޭހަވާނެހެން އެހާލުގައި ދިރި އޮންނަން. އެއްވެސް އިންސާނަކަށް ފަސޭހައެއް ނުވާނެ. އެއަށްވުރެ މާ ރަނގަޅުވާނެ އޭނަ ދިޔަ ދިނިއްޔާ. އިމާދުގެ ހިތުގައި ނާހިދާއަށް އޮތް ލޯއްބަށްޓަކައިވެސް އަހަރެން މިބުނާ އެއްޗެއް އަޑުއަހާ!" ޑޮކްޓަރ އަދިވެސް އެއްފަހަރު އިމާދު ހިފަހައްޓައިގެން ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ.

"ދެން އޭރުން އަހަރެން ކިހިނެތް ހަދާނީ؟ އަހަރެން މިހާ ދުވަހު ކުރި އުންމީދުތަކަށް ވާނީ ކިހިނެތް؟ ނުވިތާކަށް އަހަރެންގެ ދަރިފުޅަށް ވާނީ ކިހިނެތް؟ ކިހިނެތް އަހަރެން އެދަރިފުޅު ހޯދާނީ؟" އިމާދުގެ ހިތަށްކުރި ފުން އަސަރާއެކު ކުރިއަށްވުރެ ބާރަށް ހަޅޭތްލަވައިގަތެވެ. އޭނާ އަނެއްފަރާތަށް އެނބުރިފައި ގޮސް ފާރުގައި ގޮށްމުށުން ތަޅައިގެންފައި ހުއްޓާލިއިރު ލޮލުން ކަރުނަ ހިލިއްޖެއެވެ. ފާރުގައި ވިއްދައިގެން ހުރި އަތް ނޫން އަނެއް އަތުން އަނގަމަތި ފޮރުވައިލީ ރުއިމުގެ އަޑު ބޭރުވެދާނެ ކަމަށްޓަކައެވެ. އޭރު ފަހަތުގައި ހުރި ޑޮކްޓަރގެ ހިތަށްވެސް އިމާދުގެ މިހަރަކާތްތަކުން ފުން އަސަރެއް ކުރިއެވެ. ވިހި އަހަރުން ފެށީގެން އިމާދުގެ ހިތުގައި ނާހިދާގެ މައްޗަށް އޮތް ލޯބި އޭނާ ވަނީ ލޮލުންދެކެފައެވެ. ދިރި ހުރި މީހަކާ ވާހަކަދައްކާހެން އިމާދު އައިސް ނާހިދާގެ ކައިރީ އިނދެގެން ދުވަހުގެ ތާވަލް ކިޔައިދެއެވެ. ދިމާވެފައި ހުންނަ މަޖާ ވާހަކަތައް ކިޔައިގެން ހެއެވެ. ނިދާގަޑީގައި ނާހިދާއަށް ރީތިވާނެހެން ހީވާ ވާހަކަ ފޮތްތައް ކިޔަން އިނދެއެވެ. އިތުރަށް ހިތްގައިމު ލަވަތައް އަމިއްލަ އަޑުން ނާހިދާގެ ކަންފަތަށް އިއްވައިދެއެވެ. އަދި އެންމެ ގިނައިން ބުނެލަނީ ނާހިދާދެކެ ލޯބިވާ ވަރެވެ. އިމާދުގެ އެހުރިހާ އަމަލަކީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް ކަމުގައި ބަލައިގެން ހުއްޓާ އިމާދު ވަނީ އޭނާގެ ހީ ކުށްހީއަކަށް ބަދަލުކޮށްލައިފައެވެ. ވިހި އަހަރުވެގެން ދިޔައިރު އެހިތުގައި ނާހިދާއަށް އޮތް ލޯބި ފަނޑުވެގެން ނުދިޔައެވެ.

"އެންމެ ރަނގަޅު." އިރުގަނޑެއް ފަހުން އިމާދު އެނބުރިފައި ބުނެލިއެވެ. ޑޮކްޓަރގެ އިޝާރާތުގެ މަތިން މަސައްކަތް ހުއްޓާލައިގެން ހުރި ނަރުހަށް އިތުރަށް ކުރިއަށް ގެންދަން ބުނެފައި ހިނިތުންވެލީ އެވަގުތުއެވެ. މެޝިންތައް ނައްޓާ ނިމުމުން އިމާދު ކައިރިވެލިއިރު ނާހިދާ ފެނުނީ ނުހަނު ހިތްހަމަޖެހިފައި އޮތް މީހަކު ފަދައިންނެވެ. އުމުރުން ދުވަސްވެފައި ވިއެއް ކަމަކު ޅަދުވަހު ފެނުނު ރީތިކަން އަދިވެސް މޫނުން ފައުޅުވޭވޭ ހުއްޓެވެ. ބަލަހައްޓައިގެން ހުރެލާފައި ގުދުވެ ނާހިދާގެ ނިތުގައި އޭނާ ބޮސްދިނީ ފަހު ފަހަރަށް ކީ އަލްވަދާޢުއެއްކަމުގައި ދެކިގެންނެވެ. އެއަށްފަހު ޑޮކްޓަރާއި ނަރުހަށް ފުރުސަތު ދީފައި ފަހަތަށް ޖެހިލައިފިއެވެ.

*****

ޅަދުވަހުގެ ލޯބިވެރިޔާއަށް ވަދާޢު ކިޔާފައި އިމާދު އައިސް ގެއަށް ވަންއިރު މެންދުރުން އަނބުރައިފިއެވެ. ގޭގައި އުޅެނީ ކޮންބައެއްތޯ އަހާލައިފައި ޝާހަމް އުޅޭކަން އެނގުމުން އޭނާގެ މިސްރާބު ބަދަލުކޮށްލީ މައްޗަށެވެ. އިމާދު ގޮސް ދޮރުގައި ޓަކި ޖަހާލިތަނުން ޝާހަމް އެތެރެއިން ވަންނާށޭ ގޮވާލައިފިއެވެ. ދޮރު ހުޅުވާލިއިރު ނަސީބަކުން ވިޝާ ފެންނާކަށް ނެތެވެ.

"ވިޝާ ނެތީތަ؟" އިމާދު އިތުރަށް ޔަޤީންކުރަންވެގެން އެހިއެވެ. ޝާހަމް ބޯޖަހާލައިފައި ވަކި އެއްޗެއް ނުބުނެ ބަލަން ހުރީ ޤަބޫލު ނުކުރެވިފައެވެ. ދެދުވަސް ވަންދެން ފެންނަ ހިސާބަށް ނައިސް ހުރެފައި ބައްޕަ ކުއްލިއަކަށް އައުމުން އޭނާގެ ހިތް ހުރީ އަވަސްވެފައެވެ.

"ވަގުތު އޮތިއްޔާ ވާހަކައެއް ދައްކާލަން ކަމަށް." އިމާދު ފެށްޓިއެވެ. ޝާހަމް ބޯޖަހާލައިފައި ގޮސް އެނދުގައި އިށީންދެލީ ބައްޕަ އިށީންނަން ކައިރީ ހުރި ސޯފާ ދައްކައިފައެވެ. ޝާހަމް ބަލާލިއިރު ބައްޕަ ސޯފާގައި އިށީންދެ އިނީ ދެއަތް ދެއަތާއި ހާކައިލަ ހާކައިލައެވެ. ހީވަނީ ބޮޑު ވާހަކައެއް ބުނަން އުދަނގޫވެގެން އުޅޭ ހެންނެވެ. ބައްޕަގެ ފުށުން ފުރަތަމަ ފަހަރަށް އެފަދަ ކަމެއް ފެނުމުން ވިސްނަންވީ އެއްޗެއް ނޭނގިފައި ޝާހަމްއަށް އިނދެވުނެވެ. ބައްޕަ ނުފަށަނީސް ސުވާލެއް ކުރާކަށްވެސް ނުކެރުނެވެ.

"ބައްޕަ މިއައީ މަޢާފަށް އެދެން." އިމާދު އިނދެފައި ބުނެލި ވާހަކައިން ޝާހަމް ދިޔައީ ސިއްސައިގެންނެވެ. އޭނާ ތެޅިގަނެފައި އިސްއުފުލާލިއިރު ބައްޕަ ބަލަން އިނީ ވަރަށް ސީރިއަސް ނަޒަރަކުންނެވެ. "ކޮންކަމަކާ؟" ޝާހަމްއަށް އުދަނގޫ ވެފައި އެހިއެވެ. "ވިޝާއާ ކައިވެނިކުރަން ދަރިފުޅަށް މަޖުބޫރު ކުރެވުނީމަ." އިމާދު ހާމަކޮށްލިއެވެ.

 

ކޮމެންޓް 0