ބަނޑުހައިވެގެން އެމީހުން އަނބުރާލައިފައި ގޮނޑުދޮށަށް ނިކުތްއިރު ޝަލީންއެއް ނެތެވެ. އެކަން އެނގުނީ މާނާ ޝަލީން ކޮބައިހޭ އެހީމައެވެ. ފަސްއެނބުރި ބަލާލިއިރު ދުރު ދުރަށް ދާންދެންވެސް ޝަލީންގެ އިޝާރާތެއް ފެންނާކަށް ނެތެވެ. "އަހަރުމެން ބިރުގަންނަވަން ފިލީ ކަންނޭނގެ." ވިޝާ ހިޔާލު ފައުޅުކުރިއެވެ. އެވަގުތު ޝާހަމް ބޯ ހޫރައިލީ ދެފަރާތަށެވެ. އޭނާގެ ކޮއްކޮއަކީ އެހާ ހިތްވަރުގަދަ ކުއްޖެއް ނޫންކަމުގައި ބުނެ ނުނިމެނީސް އަލޫކް މަގު ހުރިގޮތަށް ޝަލީންއަށް ގޮވަމުން ހިނގައިގަތެވެ. "ވިޝާ ދޭ މާނާއާ މާވިންއާއެކު އެހެން މީހުން ގާތަށް. އެކަމަކު އަދި މަންމަމެން ގާތު ބުނާނެ ކަމެއް ނެތް. އަހަރެން އަންނާނަން ޝަލީން ހޯދައިގެން." އަލޫކް ދާތަން ބަލަން ހުރެފައި އެނބުރި ވިޝާއަށް ބަލައިލަމުން ޝާހަމް ބުނެލިއެވެ.

"ޝަލީ! ޝަލީ! ކޮންތާކު ތިއުޅެނީ؟" އަލޫކް ވަށައިގެން ހޯދަމުން ކުރިއަށް ދިޔައެވެ. އޭނާގެ މިސްރާބު ހުރީ އެމީހުން ނިކުމެގެން އައި މަގުންނެވެ. ވަކި ހިސާބަކުން އެމަގު ދެކަފިވުމުން ދާނެ ދިމާލެއް ނޭނގިފައި ހުރެގެން ބޮލުގެ ފުށްކިބައިގައި ދެއަތުން ހިފަހައްޓައިލެވުނެވެ. "ޝަލީ އަޅެ ކޮބާތަ؟" އަލޫކްގެ އަޑުގައި މާޔޫސްކަން ވިއެވެ. ފަހަތުން ޝާހަމް ދުވެފައި އަންނަ އަޑު އިވިގެން ބަލާލިއިރު ހުރީ ދާދި ކައިރީގައެވެ.

"ކޮބާ ޚަބަރެއްވެއްޖެ؟" ކައިރިއަށް އައިސް ހުއްޓިފައި ޝާހަމް އެހިއެވެ. އަލޫކް ޖަވާބެއް ނުދީ ހުރެގެން ތުންފަތުގައި ދަތް އަޅައިލިގޮތުން އޭނާއަށް ސާފުވިއެވެ. ދެކަފިމަގު ކަންމައްޗަށް ހުއްޓި ހުރެފައި ދެމީހުން މިސްރާބު ޖެހީ ދެކޮޅަށެވެ. އުނަގަނޑާއި ހަމައަށް ފަޅާފައިވާ ހުއިތައް ފަޅަމުން ޝާހަމް ހިނގަ ހިނގާ ހުއްޓާ އިރުކޮޅަކުން ކޮންމެވެސް އެއްޗެއްގައި ލައިގަނެފައި އަނގަވަތަށް ވެއްޓެން ދިޔައެވެ. ޝާހަމްއަށް ހަޅޭތްލަވައިގަނެވުނު ނަމަވެސް އަމިއްލަ ހަށިގަނޑު ހިފަހައްޓައެއް ނުލެވުނެވެ.

"ސޮރީ!" ވެއްޓިޖެހުނު ހެނެއް ހިއެއްނުވެ ފަހަތުން ޝަލީންގެ އަޑު އައެވެ. ޝާހަމް ތެދުވިއިރު ޝަލީން ހުއިގަނޑުމަތީ އޮވެފައި ކޮޅަށް ތެދުވީ ކުށްވެރިއަކު ފަދައިން އިސްޖެހިފައި ހުރެގެންނެވެ. ދޮންބެމެން ފެންނަން ނެތުމުން އެމީހުން އޭނާއަށް ލަނޑެއް ދޭން ކުރިކަމެއް ކަމަށް ނިންމާފައި އޮށޯވެލީ ފިނިކޮށްލާށެވެ. އެމޫނުގައި ހާސްކަމެއް ނުވިތާނގައި ބިރުގަނެފައިވާ ކަމުގެ އަސަރެއްވެސް ނެތެވެ. ޝާހަމް ކަޅިޖަހާނުލާ ބަލަން ހުރުމުން އޭނާ އިރުކޮޅަކުން އިސްއުފުލާލައިފައި ދިއްކޮށްލީ އަތުގައި ހުރި ދޮންމޫސާ ތަކެކެވެ.

"ވޯންޓް ސަމް؟" ޝަލީން އެހެން ބުނެލީ ނުރުހިފައި ހުރި ކުޑަކުއްޖަކު ރުއްސަންވެގެން އަތުގައި އޮތް ކުޅޭ އެތި ދޭ އުސޫލުންނެވެ. ޝާހަމް ހިތްހަމަނުޖެހިފައި އެމޫނަށް ބަލަން ހުއްޓާ ފަހަތުން އަލޫކްގެ އަންނަތަން ފެނިގެން ބަލާކަށް ނުހުރެ ޝަލީން ގެނެސް މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ. "ޑޯން ވޮރީ. ދޮންބެ މިހުރީ އައިސް. ދެން އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ." އަލޫކް އައިސް ކައިރިވީއިރު ޝާހަމް ޝަލީން ދުރަށް ދިޔަނުދީ ހިފަހައްޓައިގެން ހުރެ ބިރުގަނެފައިވާ ކޮއްކޮ ހަމައަކަށް އަޅުވާ އުސޫލުން ތަކުރާރުކޮށް ކިޔައިލިއެވެ. އަލޫކް އެވަގުތު ހަށިފުރާ ނޭވައެއް ލައިފައި ހިނިތުންވެލިއެވެ.

"އެކަމަކު އަހަރެން މިހުރީ ބިރުގަނެފައެއ......." ދޮންބެ އޭނާ ދޫކޮށްލިހާއިރުން ޝަލީން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ޝްޝްޝް ކިޔާލައިފައި ހިމޭންވާން އެންގިގޮތުން ހައިރާންވިއެވެ. ދޮންބެ ފަހަތުގައި ހުރި މީހަކަށް ބަލައިލިތަން ފެނިގެން އޭނާ އެނބުރުނުއިރު އެތާހުރީ އަލޫކްއެވެ. "ދެން ހިނގާ ދާން! އެންމެން އުޅޭނެ މިހާރު ވީތަނެއް ނޭނގިގެން." ޝާހަމް އިތުރު ފުރުސަތެއް ނުދީ ޝަލީން އަތުގައި ހިފައިގެން ހިނގައިގަތެވެ. އަލޫކް ހުރީ އެމީހުންގެ ފަހަތުގައެވެ.

ގޮނޑޮދޮށަށް ނިކުމެވުނުއިރު ވިޝާ ހާސްވެފައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ޝަލީން ފެނުމާއެކު އޭނާ ދުވެފައި އައިސް އެއަތުގައި ހިފާލައިފައި އުފާ ފައުޅު ކުރިއެވެ.

"އާ ޔޫ އޯކޭ؟" އަލޫކް ބޭނުންވި ފުރުސަތު ލިބުނީ ނުވަގަޑި ޖޫސްބޯން އެންމެން ތިބި ގަޑީގައެވެ. އަތުގައި އޮތް ޗިޕްސް ޕެކެޓެއް ކަމުން އޭނާ އައިސް އިށީންދެލީ ޝަލީން ކައިރީ ކިނބި ގަސްދޮށުގައެވެ. ޝަލީން އޭރު އެތަނުން ކިނބިމަލެއް އަތަށް ލައިގެން އޭގެ ވަސް ބަލާލައިފައި ރީތި ފޮޓޯއެއް ނެގޭތޯ މަސައްކަތް ކުރަނީއެވެ. އަލޫކް ވާހަކަދެއްކި އަޑަށް އޭނާ ބަލާލައިފައި ހަމައެކަނި ބޯޖަހައިލިއެވެ. އެއްލި ކަޅިއަކުން ޝާހަމް ފެނުނީ އެވަގުތުވެސް އެދެމީހުންނަށް ސަމާލުކަން ދީގެން ދުރުގައި އިންދައެވެ. އެކަމަކު އޭނާ ބަލައިލިހާއިރުން ނޫންކަމަށް ހެދިފައި ދުރަށް ނަޒަރު ހުއްޓައިލިއެވެ. "ދޮންބެއަށް ކިހިނެތް ވެގެން އެއުޅެނީ؟" ޝަލީން ހިތާއިހިތުން ސުވާލު ކުރިއެވެ.

"މިއަދު ކެއްކުން އޮތީ ފިރިހެނުންނަށް. އަންހެނުން މިއަދު ރެސްޓް." ކައްކާ ގަޑި ކައިރިވުމާއެކު ނަސީމާއާ ނަޖުމާވެގެން ސިއްރެއް ކިޔާފައި އެންމެންނަށް އިއްވިއެވެ. އަލޫކްއާ ޝާހަމް ކަންބޮޑުވެފައި އެކަކު އަނެކަކަށް ބަލައިލިތަނާ ތައްހާނުބެ ގަދަކޮށްފައި އެކަމާއި އެއްބަސްވިއެވެ. އަނގަ ސަކަރާތްވެފައި ނިތުގައި އަތުން ޖަހާލެވުނީ ދެމީހުންނަށް އެއްފަހަރާއެވެ. އޭރު ވިޝާއާ ޝަލީންވެސް ގަދައަށް ހިނި އައިއްސައި ބަލަން ތިއްބެވެ.

ތައްހާނުބެ އުނދުން ރޯކުރަން ހަވާލުވެފައި އެއްޗެހި ކޮށަން ހަވާލުކުރީ ޒުވާން ތިން ފިރިހެނުންނަށެވެ. އަލޫކްއާ ޝާހަމް އަދި މާވިން ވެގެން ކުނަލެއް ފަތުރައިގެން ފިޔަލާއެއްޗެހި ނޮޅަން ތިބިއިރު އަންހެންވެރިން އެމީހުން ފެންނަ ހިސާބުގައި ދެފައި ދަމާލައިގެން ތިބީ ގަސްދޮށުގައި އަރާމުކުރާށެވެ.

"އަހަރުމެންނަށް އެހީއެއްވެސް ނުވެވޭނެތަ؟" ވިޝާއަށް ބަލަން އިންނަން އުދަނގޫވެގެން ބުނެލެވުނެވެ. އެވަގުތު ނަސީމާ އޭނާ ހިމޭންކުރުވާފައި އެކަން މަނާކޮށްފިއެވެ. ޝާހަމް ފިޔާތައް ދޮވެގެން ކޮށަން ތައްޔާރުވިތަން ފެނިފައި ވިޝާއަށް ނިޔަފަތި ހަފަން ފެށިއްޖެއެވެ. ޝާހަމް ވަޅި ގެންގުޅޭ ގޮތުން އެކަނިވެސް އޭނާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ހީވަނީ ދެންމެ ދެންމެ އަތް ކަފާލައިފާނެ ހެންނެވެ.

"އައުޗް...!" އެންމެ ފަހުން ނުވެނުދާނެ ގޮތް ވެއްޖެއެވެ. ޝާހަމްގެ އަތް ކެނޑިގެން އަޑެއް ލައްވާލިއިރު އެހާ އަވަހަށް ވިޝާ ތެދުވެ ހުރީ ކޮޅަށެވެ. ދެފަޔަށް އޭގެ އަމިއްލަ ބާރު ލިބިގެން ގޮސް ޝާހަމް ކުރިމައްޗަށް ހުއްޓެވުނުއިރުވެސް އޭނާއަށް މިކުރެވެނީ ކީއްކަމެއް ނޭނގުނެވެ. ޝާހަމް ކުރިމަތީ ކުނާމަތީ އޮތް ހުސްތަނުގައި ދެކަކޫ ޖަހައިގެން އިށީންދެފައި އެއަތުގައި ހިފާ ގެނެސް ކެނޑިފައި އޮތް ބޮޑުވައިއިނގިލި އަނގަށްލުމާއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އޭނާއަށް ހަމަހޭވެރިކަން ގެނުވީ އެތޫނު ނަޒަރުންނެވެ. ދެން ކަންބޮޑުވެފައި ޝާހަމް އަތުން ދޫކޮށްލުމަށްފަހު ތަށްޓާއި ވަޅި އަތުލައިގެން ގޮސް ދުރުގައި އެކޮށަށް އިށީންދެއްޖެއެވެ. ޝަލީން ބޭސްމަލަންގަނޑެއް ގެނެސް އޮޅައިދިނުމުން ޝާހަމް ދެން ތެދުވެގެން ދިޔައީ ތައްހާނުބޭ ކައިރިއަށެވެ.

މެންދުރު ކެއުމަށްފަހު ފުރާގަޑި ކައިރިކޮށްލާފައި އެންމެން މޫދަށް އެރިގެން ސަކަރާތް ޖެހިއެވެ. އެއަށްފަހު ދެން އޮތީ ރަށަށް ދާން ތައްޔާރުވުމެވެ. އަލޫކް ދަބަސް ތައްޔާރު ކުރަން ހުރެފައި ޝަލީން ނުފެނިގެން ހޯދައިލިތަނާ ވަލުތެރެއަށް ވަދެގެން ދާތަން ފެނިގެން ސަމާލުވެވުނެވެ. އެހެން އެންމެން ޕެކް ކުރުމުގައި ޝާމިލް ވެގެން އުޅޭތަން ފެނުމުން އޭނާ އެއިން މީހަކު ކައިރީ ބުނުމުގެ ބަދަލުގައި ޝަލީން ވަން ދިމާއަށް ވަންނަން ވެގެން ހިނގައިގަތެވެ.

ތަންކޮޅަކަށް ދެވުނުއިރު ފެންނާކަށް ނެތެވެ. އަލޫކް ކަންބޮޑުވެގެން މޫނު ފުހެލާފައި ޝަލީން ދާނެހެން ހީވާ ދިމާއަށް ގޮސް ގޮސް ހުއްޓާ ފެނުނު މަންޒަރަކުން ދެފައި ތަތްވީ ބިމުގައެވެ. ޝަލީން ހުރީ އެތާހުރި ގަހެއްގެ ކައިރީގައި ތެތް ހެދުން ބަދަލުކުރާށެވެ. ފުރަގަސްދީގެން ހުރިއިރު އެއޮމާން ބުރަކަށި އެކީ ހާމަވެފައި ހުއްޓާ ފެނުމުން އެއީ ގޯސްކަމެއްކަން އެނގިވެސް ފުރަގަސް ދޭން ނޭނގިފައި ބަލަން ހުރެވުނީއެވެ.

"ވަޓް ދަ....." ހެދުން ބަދަލުކޮށް ނިމިގެން އެނބުރިލުމާއެކު ކުރިމަތިން އަލޫކް ފެނިފައި ޝަލީން ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުވިއެވެ. ބިރެއް ފެނިގެން ބަލާހެން ދެލޯ ބޮޑުކޮށްގެން ބުދެއްހެން ހުއްޓާ ސިކުންތުކޮޅެއް ފަހުން ފެނުނީ އެދެލޯ ފުރިގެން ފައިބަން ފެށި ކަރުނަ ތިކިތަކެވެ. އެންމެގާތް އެކުވެރިޔާގެ މަޤާމުގައި ހުރެ އަލޫކް އެހާ ދަށު ދަރަޖައަކަށް ވެއްޓުނުތަން ފެނިފައި ހިތް ކަތިލެވިއްޖެއެވެ. ގަތްލަދާއި އައި ރުޅި އިތުރުވެގެން ގޮސް ކަރުނައިގެ ސިފަ އިޚުތިޔާރު ކުރީއެވެ. ޝަލީން އެވަގުތު ތުންފިއްތާލައިފައި އެތަނުން ދުރަށް ދާން ދުއްވައިގަތް ވަގުތަކީ އަލޫކްއަށްވެސް ހަމަހޭވެރިކަން އައި ވަގުތެވެ.

"ޝަލީ ވެއިޓް!" އަލޫކްއަށް ހަޅޭތްލަވައިގަނެވުނެވެ. އޭނާ ކަންބޮޑުވީ ޝަލީން ނިކުމެ އެހެން މީހުން ކައިރީ ބުނެފާނެ އެއްޗަކާމެދުގައެއް ނޫނެވެ. އެކަމަކު އެގޮތަށް އޮޅުމެއްގައި ހުރެގެން ނިކުތުމަށްފަހު ޝަލީން އޭނައާ އޮތް ހުރިހާ ގުޅުމެއް ކަނޑާލައިފާނެތީއެވެ.

"ޝަލީން ޕްލީޒް!" ޝަލީން ދުވެ ދުވެ ހުއްޓާ އަލޫކް ފަހަތުން ގޮސް އެއްވަރުކޮށްފައި އެއަތުގައި ހިފާ ފަހަތަށް ވާނެހެން ހިފަހައްޓާލުމުން ޝަލީންއަށް ވަރަށް ތަދުވިއެވެ. ތެމިފައިވާ ލޮލުން އަދިވެސް ގިނައިން ކަރުނަތައް އޮހިގަތެވެ. އެނާޒުކް އަތަށް ކޮށްލެވުނީ ކިހާވަރެއްކަން އިހްސާސް ވާވަރަށްވުރެ އަލޫކްގެ ހާސްކަން އޭރު ބޮޑެވެ.

"ޝަލީ އައެމް ސޮރީ. ޝަލީ ތިހީކުރާ ގޮތަކަށް ނޫން ކަންތައްވީކީ. ޝަލީ އެކަނިމާއެކަނި ވަލުތެރެއަށް ވަންނާތީ ފެނުނީމަ އަހަރެން އައީ ދާތަނެއް ބަލަން. އަހަރެންނަށް ކިހިނެތް އެނގޭނީ ޝަލީ އައީ ޗޭންޖް ކުރަން ކަމެއް. ޕްލީޒް ބިލީވް މީ!" ޝަލީން ދާންވެގެން ގަދަހަދާވަރުން އަނެއް އަތުން އެއުނަގަނޑު ވަށާލައިފައި ގެނެސް ގައިގައި ފިއްތާލައިގެން ފަހަތުގައި ހުރެ އަލޫކް އާދޭހާއެކު ވާހަކަދެއްކިއެވެ. "އެހާ ރަނގަޅު އިންޓެންޝަންއެއްގަ އައީމަތަ އަހަރެން ނޭކެޑްކޮށް ފެނުނީމަވެސް ފުރަގަސްދޭން ނޭނގުނީ؟" ރޮވޭވަރުން ޝަލީންއަށް ވާހަކަދައްކަން އުދަނގޫވިއެވެ. އެވަރުންވެސް އަޑުގައި ރުޅިވެރިކަންވިއެވެ. އަލޫކް ހިމޭންވީ އެއަޑު އަހާފައެވެ. އަމިއްލަ އިހްސާސްތައް ބޭޒާރުވިއަ ނުދީ އެސުވާލަށް ރައްދު ދޭން އޭނާ ނުކުޅެދުނެވެ. ގޯސްކަމެއް އެނގޭއިރުވެސް ފުރަގަސް ނުދެވުނީ ކީއްވެކަން ބުނެދޭނީ ކިހިނެތް ހެއްޔެވެ؟

"ފުރަގަސްދޭން އަހަރެން ބޭނުންވި. އެކަމަކު..." ޖަވާބުދޭން ކުރި މަސައްކަތް ކާމިޔާބު ނުވަނީސް ހުއްޓާލެވުނީއެވެ. ޝަލީންގެ ހަށިގަނޑުން އަތް ވަކިކޮށްލާފައި ދުރަށް ޖެހުނު ގޮތަށް އޭނާ ހުއްޓުނީ ފުރަގަސްދީގެންނެވެ.

"ކީއްވެ؟ ކީއްވެ ދުރަށް ނުދެވުނީ؟ އޮޅުންފިލުވަދީބަލަ އަހަރެންގެ ބެސްޓްފްރެންޑަށް އަހަރެން ނޭކެޑްކޮށް ހުއްޓާ ފެނުނީމަ މޫނު އަނބުރާނުލެވުނީ ކީއްވެކަމެއް." ޝަލީންގެ ބަސްތަކުން އަލޫކްގެ ދެފައިގައި އަދިވެސް އެއްފަހަރު ހިފެހެއްޓިއެވެ. ދުރަށް ގޮސް ގެއްލުމުގެ ބަދަލުގައި އޭނާއަށް އެނބުރެވުނީ މަގަތަށެވެ. ރުޅިއާއި ކަރުނުން ފުރިފައިވާ ލޮލުގައިވި ސުވާލުތަކަށް ޖަވާބުދޭން އެހާ ބޭނުންވި ވަގުތެއް ނާދެއެވެ. ފަހުން ކޮންމެ ގޮތެއް ވިއަސް ހެޔޮ ކަމަށް އޭނާ ނިންމީ ޝަލީން އެދުނު ފަދައިން ހުރިހާ އެއްޗެއް ހާމަކޮށްލާށެވެ.

"ވެލް، އިފް ޔޫ އިންސިސްޓް... އަހަރެން ބުނެފާނަން އެއީ ކީއްވެކަމެއް..." އަލޫކް ކުރިއަށް ފިޔަވަޅެއް އަޅާލުމުން އެދެމެދުގައި އޮތް ކައިރިމިންދެކެ ޝަލީން ފުރަތަމަ ފަހަރަށް ޖެހިލުންވިއެވެ. އެކަމަކު އޭނާ ހުރީ ނުގުޑާ އަޒުމެއްގައި އަލޫކް ބުނާ ހުރިހާ އެއްޗެއް އަޑުއަހާށެވެ. އެހާ ދަށު ދަރަޖައިގެ އަމަލެއް ކޮށްފައި ދޭ ޖަވާބެއްވެސް އެނގިދާނެއެވެ.

" އެއީ ޝަލީން ފެނުނީމަ އެހެންޏާ ނުކުރާ އަސަރުތަކެއް ހިތަށް ކުރާތީ. ތީ ހަމައެކަނި އަހަރެންގެ އެކުވެރިއެއް ކަމުގައި މިހާރު ޤަބޫލު ނުކުރެވޭތީ. އެހެން އެކަކުވެސް ނުފޯރުވާ ބާރެއް ޝަލީން އަހަރެންގެ ހިތަށް ފޯރުވާތީ. ނުފެނޭތަ އަހަރެންގެ ލޮލަށް ބެލީމައެއް؟ ނުވިސްނޭތަ އަހަރެންގެ އަމަލުތަކަށް ބެލީމައެއް؟ އަދިވެސް އިތުރަށް ކިޔައިދޭންވީތަ؟ ކިހާ ވަރަކަށް ބުނިއްޔާ އިނގޭނީ؟ ކިހާ ވަރަކަށް ތަފްޞީލުކުރިއްޔާ ވިސްނޭނީ؟" އަލޫކް ވާހަކައިގައި ޖޯޝް އެކުލެވި އަޑަށް ބާރުދެވުނުއިރު ޝަލީންގެ ދެކޮނޑުގައި ހިފާލައިގެން ގެނެސް ބެހެއްޓުނީ އެންމެ ހަރަކާތަކުންވެސް ދެ ނޭފަތް ކޭއްތިދާނެހާ ކައިރީގައެވެ. ޝަލީން ބަސްހުސްވެފައި އެލޮލުގެ ތެރެއަށް ގެއްލިފައި ހުއްޓާ އަލޫކް ކުއްލިއަކަށް އެމޫނުގައި ދެއަތުން ހިފާ ނިކަން ފުންކޮށް ތުންފަތުގައި ބޮސްދިނުމަށްފަހު ދުރުކޮށްލިއެވެ. "އައި ލަވް ޔޫ......ޝަލީ......އައި ލަވް ޔޫ...." އިތުރަށް ސިއްރު ކުރާކަށް އެކައްޗެއްވެސް އޮތް ކަމަކަށް އަލޫކް ނުދެކުނެވެ. މިއޮތް ހާ ދުވަހު ތަޖުރިބާކޮށްލަން އޭނާ ކެތްމަދުވި މީރުކަން މިއަދު ލިބިގަތީ ކުޑަވެސް ޖެހިލުމެއް ނެތިއެވެ.

*****

ފުރަންވީއިރު ޝަލީންއާ އަލޫކްވެސް އައިސް އެހެން މީހުންނާއި ބައިވެރިވެއްޖެއެވެ. އެކަމަކު ވަލުން ނިކުތްފަހުން ދެމީހުންގެ މިޒާޖަށް ހުރީ ބޮޑު ބަދަލެއް އައިއްސައެވެ. ގޮނޑި ބަރީގައި އެހެން އެންމެންނާ ދުރުގައި ޝަލީން އިށީންދެ އިންއިރު އަލޫކް ގޮސް އިނީ ހިޔާގަނޑުމަތީގައެވެ. ރަށަށް ލެފުމުން ގެއަށް ގޮސް ފެންވަރާލައިގެން އެހެން މީހުން ހަވީރު ފިންޏަށް ގޯތިތެރެއަށް ނިކުތްއިރު އެދެމީހުން ތިބީ އަމިއްލަ ކޮޓަރީގައެވެ. ވިޝާ ދިއުމުން ޝަލީން ދެއްކީ ވަރުބަލި ކަމުގެ ބަހަނާއެވެ. އޭނާ ނިދާލަން ވެގެން ބާލީހަށް މޫނު ހަރާލައިގެން އޮތް ނަމަވެސް ނިދީގެ އަސަރެއް ލޮލަކު ނެތެވެ. ތަކުރާރުކޮށް ސިކުނޑިއަށް އަރާ ފައިބަމުން ދިޔައީ އަލޫކް ދެއްކި ވާހަކައާ އަދި އެންމެ ފަހު ވަގުތު އޭނާއަށް ދިން ހަދިޔާއެވެ. ދެފަހަރަކު އޭނާއަށް ތުންފަތުގައި އަތް ޖައްސައިލެވުނެވެ. އޭރު އަނެއްކޮޅުން އަލޫކްވެސް ކޮޓަރީގައި އިނީ އެއް ހިޔާލެއްގައެވެ. އޭނާގެ ސިކުނޑިއަށް އެންމެ ބޮޑަށް އުދަނގޫ ކުރަމުން ދިޔައީ ޝަލީން ކުރިމަތީ ހަޤީޤަތް ހާމަކޮށް ތުންފަތުގައި ބޮސްދިނުމަށްފަހު ބަހެއްވެސް ނުބުނެ ނިކުމެގެން އައި ގޮތް ހަނދާންވެފައެވެ. އެމޫނަށް ބަލާފައި ސިކުނޑީގައިވި އަސަރުތައް ތަރުޖަމާ ކުރަން އެއީ އެންމެ އުދަނގޫވި ވަގުތު ކޮޅެވެ.

ދޮރުގައި ޓަކި ޖަހާލުމުން ޝަލީން ބޯހިއްލައިލިއިރު ޝާހަމް ދޮރުމަތީ ހުއްޓެވެ. "ކޮންކަމާ ތިވިސްނަނީ؟" ޝާހަމް ވަދެގެން އަންނާތީ ފެނުމުން ޝަލީން ތެދުވެ އިށީންދެލިއެވެ. "ދޮންބެ ތިއައީ އަހަރެންނަށް ބުނެދޭންތަ؟" ދޮންބެގެ މޫނުން ޝަލީންއަށް އެއްޗެއް ދޭހަވިހެން ހީވެގެން އެހިއެވެ. "ވަރަށް މޮޅު." ޝާހަމް އެއްބަސްވިއެވެ. "އަހަރެންވެސް މިހުންނަނީ އެއްޗެއް އަހަން ބޭނުންވެފަ." ޝަލީން ތެދުވެ އިސްތަށީގަނޑުގައި ވޫލް ޖަހަމުން ނިކުތީ ބެލްކަންޏަށެވެ.

"ކީއްވެ އަހަރެންނަށް މިހީވަނީ ދޮންބެ ކަމެއް ސިއްރު ކުރާހެން؟" ޝަލީން ދެއަތް ތިރިކޮށްލައި ރެއިލިންގައި އަޅުވާލަމުން އެހިއެވެ. "ކޮންކަމެއް؟" ހަތަރުކަޅި ހަމަކޮށްލިއިރު ޝާހަމްގެ އަޑުގައި ހުރީ ހަމަޖެހުމެވެ. "އެރަށުގައި ހުރެފައި ލޫކް ކުރިމަތީ އަހަރެން ބިރުގަތް ކަމަށް ހެދިގެން ވާހަކަ އެދެއްކީ ކިއްވެ ކަމެއް ނޭނގުނު. ފަހުން ބެލިއިރު އަހަރެންނަށް ހީވި ދޮންބެ އަހަރެންނަށް ސްޕައި ކުރާހެންވެސް. ލޫކް ކައިރީ އަހަރެން އެވާހަކަ ބުނެފާނެތީތަ އެވަރަކަށް ބެލީ؟" ޝަލީންގެ ހިތުގައި ހުރި ހުރިހާ ސުވާލެއް ދޮންބެ ކުރިމަތީ ހާމަކޮށްލިއެވެ. އެއަޑު އަހާފައި ޝާހަމް ފެނުނީ ހިނިތުންވެލި ތަނެވެ. "ތިވާހަކަ ދައްކަން މިއައީ." ޝާހަމް ޖަވާބުދިނެވެ.

 

ކޮމެންޓް 0