އަހަރެން ކުރި ސުވާލަށް ޖަވާބެއް ނުދެމެއްނު." ޝަލީން ކުރިއަށް ޖެހިލާފައި ނުހައިކްގެ އަތުގައި ހިފަހައްޓައިލި ވަގުތު ނުހައިކްއަށް ތެޅިގަނެވުނެވެ. އޭނާ ޝަލީންގެ އަތް ދުރުކޮށްލާފައި އަތުގައި ހުރި ފެންތައް ފުހެލުމަށްފަހު ޖަވާބެއް ނުދީ ހުއްޓާ ފަހަތުން މަންމަ ނިކުމެފައި އެދެމީހުން ފެނިގެން ހައިރާންވެފައި ޝަލީންއަށް ގޮވައިލިއެވެ.
"ވާރޭގަ ތެމިގެން ކީއްތިކުރަނީ؟ ނުހައިކް އޭނަ އެތެރެއަށް ނުވައްދާ ތިހުންނަނީއޯ؟" ސާރާ ހިތްހަމަނުޖެހިފައި ސުވާލުކޮށްލުމުން ނުހައިކް އެއްޗެއް ނުބުނެ ވަންނަން ތަންދައްކާފައި ފަހަތަށް ޖެހިލިއެވެ. "އާދޭ އެތެރެއަށް!" ސާރާ ޝަލީން އަތުގައި ހިފާލައިގެން އެތެރެއަށް ވަންތަނާ އޭނާ ތަކުރާރުކޮށް ދެފަހަރު މަތިން ކިބިހި އަޅައިލިއެވެ. ސާރާ އިޝާރާތް ކުރި ނަމަވެސް އޭނާ ހުރީ ތަނެއްގައި އިށީންނަން ނުކެރިފައެވެ. "ހުރޭ ދައްތަ އަންނާނަން ތުވާއްޔެއް ހިފައިގެން." ސާރާ އެއަތުން ދޫކޮށްލައިފައި އެތެރެއަށް ދާންވެގެން ހިނގައިގަތެވެ. ނުހައިކް ހަށަން ބަނދެލައިގެން ބަލަން ހުރެފައި ޝަލީން އެނބުރި ބަލައިލުމުން ދިމާކުރީ އެތެރެއަށް ވަންނާށެވެ.
"ތިދަނީތަ؟" ޝަލީންއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. ނުހައިކް އެވަގުތު އެނބުރި ބުމަ އަރުވާލުމުން ޝަލީން ލުއިކޮށް ހިނިތުންވެލިއެވެ. "އަހަރެން މިގެއަށް އައީ ނުހައިކްއާ ބައްދަލު ކުރަން." ޝަލީން ސަބަބު ބުނެދިނެވެ. އޭނާ އިތުރަށް ވާހަކަދައްކަން އުޅެފައި އަނެއްކާވެސް ކިބިއްސެއް އަޅައިލުމުން ނުހައިކް އައިސް ސޯފާތަކުގެ މެދުގައި ހުރި ކުޑަމޭޒު މަތިން ޓިޝޫ ފޮށި ނަގައި ދިއްކޮށްލިއެވެ. "ތޭންކްސް." ޝަލީން ފޮށީގައި ހިފާފައި ޝުކުރު އަދާކުރިއެވެ. ދެވަނަ ފަހަރަށް އެތެރެއަށް ދިއުމުގެ ބަދަލުގައި އޭނާ ސޯފާގެ އެއްކޮޅުގައި ހަމަޖެހިލައިގެން އިށީންދެއްޖެއެވެ. މަންމަ ތުވާއްޔެއް ހިފައިގެން އައިސް ޝަލީންއަތަށް ދީފައި ދެވަނަ ފަހަރަށް އިށީންނަން އެންގުމުން ނުގޮތަކަށް ކިރިޔާ ފޫޖައްސާލައިގެން އިނދެ ބޯހިއްކަން ފެށިއެވެ. ފެނުގެ ސަބަބުން އެމޫނު އިތުރަށް ތާޒާވެ ހިތްގައިމުކަން އެކުލެވިފައި ވެއެވެ.
"އަނެއްކާވެސް އަހަރެން ކަމެއް ހަނދާންވެއްޖެ. ހޭލާ ހުއްޓާ ފެނުނު ހުވަފެނެއް ފަދައިން އަހަރެންނަށް ފެނުނީ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ އަންހެންކުއްޖެއް. އެކަމަކު ހިތް ބުނީ އެއީ އަހަރެން ނުދަންނަ ކުއްޖެއް ނޫންކަމުގައި. އަދި އެކުއްޖާގެ މައުލޫމާތު އަހަރެންނަށް ދެވޭނެ މީހަކީ ނުހައިކް. އެއީ އަހަރެންގެ ހަނދާނުގައި އޭނަ އަހަރެންގެ ވަށައިގެން ހެމުން ދުވަމުން ވާރެއިން އުފާ ހޯދަމުން ދިޔައިރު ފެންނަ ހިސާބުގައި ހިނިތުންވެފައި ބަލަން ހުއްޓާ ފެނުނު އަނެއް ސޫރައަކީ ނުހައިކްގެ ސޫރަ." ސާރާ ބުނެފާނެ އެއްޗަކަށް ނުބަލައި ޝަލީން ފަށައިގެން ވާހަކަދައްކަން ފެށިތަނާ ނުހައިކް ކުރިއަށް ޖެހިލައިގެން އިނީ ގުޅުވާލެވުނު ދެއަތްތިލަ ދަތްދޮޅީ ވިއްދައިގެން ހާއްސަ ސަމާލުކަމެއް އެވާހަކައަށް ދީގެންނެވެ. ޝަލީން އެވާހަކަ ނިންމާލުމުން އޭނާ ހައިރާންކަމާއެކު ބުމަ އަރުވާލައިފައި މޫނު އުފުލާލުމަށްފަހު ކައިރީ ހުރި މަންމަގެ މޫނަށް ބަލައިލިއެވެ. ހީވީ އެވާހަކަ އިވުމަށްފަހު އޭނާއަށް ކުރިން ކުރެވިފައިވާ ޝައްކެއް އިތުރަށް ޔަޤީންވެގެން ބަލައިލި ހެންނެވެ. ޝަލީން ބަލައިލިއިރު ސާރާވެސް ބަލަހައްޓައިގެން ހުރީ ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް ފަހުމްވެފައި ހުރި މީހަކު ފަދައިންނެވެ. އަނެއްކާ ނުހައިކް އޭނާގެ ވާހަކަ މަންމަ ކައިރީ ހިއްސާކޮށްފައި ހުރީ ބާވައޭ ހިތަށް އެރިއެވެ.
"ބޮޑު ސުވާލެއް." ހިމޭންކަމުގެ ސުކޫތަކަށްފަހު ސާރާ ބުނެލިއެވެ. ޝަލީން ހައިރާންވެފައި އެމޫނަށް ބަލަންފެށިއިރު ނުހައިކް ކަންބޮޑުވީ ހީވާގޮތުން މަންމަ ބުނެފާނެ އެއްޗަކާމެދުގައެވެ.
"އިތުރަށް ކަމެއް ސިއްރުކުރާކަށް ދައްތަ ގަސްތެއް ނުކުރަން ޝަލީން. ނުހައިކް ވަރަށް އަޖައިބުވެގެން އައިސް ޝަލީންގެ ވާހަކަ އަހަރެންނަށް ކިޔައިދީފަ އޮތީ. އޭނަ ކިޔައިދިން ގޮތުން ވިއްޔާ ތިދެމެދުގައި ކުރިން އޮތީ މާ އެދެވޭ ގުޅުމެއް ނޫން. އެކަކުވެސް މާ ބޮޑު އެކުވެރިކަމެއް ނޫނީ ގާތް ކަމެއް ބޭނުން ވެގެނެއް ނޫން އުޅުނީ. އެކަމަކު އެކްސިޑެންޓަށްފަހު އެނބުރި އައިފަހުން ނުހައިކްއާ ގުޅިފައިވާ ހަނދާންތައް ޝަލީންއަށް އަންނައިރު އަންގައިދެނީ މުޅިން ތަފާތު ކުލައެއް. ޝަލީންއަށް ނުކިޔައިދޭ ވަރުގެ ވާހަކަތައް އެބަހުރި އެނގިފަ. ނުވިތާކަށް ޝަލީން ނުހައިކް ހަނދާންވާހެން އާއިލާގެ އެއްވެސް މީހަކު ހަނދާނެއް ނުވޭ. މިހިސާބުން ދައްތަ ކޮށްލަން އެދޭ ސުވާލެއް އެބައޮތް. އެއީ އެކްސިޑެންޓަށްފަހު އެންމެ ފުރަތަމަ ލޯ ހުޅުވާލިއިރު ކައިރީގައި ހުރީ ކާކުތޯ؟" ސާރާގެ ވާހަކަތަކަށްވުރެ ހައިރާންކަމެއް ގެނުވީ ފަހުން ކުރި ސުވާލުންނެވެ.
"ދޮންބެ. ޝާހަމް." ޝަލީން ހައިރާންވެފައިވާ އަޑަކުން ޖަވާބުދިނެވެ. ސާރާ ވިސްނައިގެން އުޅެނީ ކޯއްޗެއް ކަމެއް އޭނާއަށް ކުޑަކޮށްވެސް ނޭނގެއެވެ. "އެހެންވިއްޔާ ދޮންބެ ކައިރީ ދެއްކިންތަ ތިއިން އެއްވެސް ވާހަކައެއް؟" ސާރާ އިތުރަށް އަހައިލިއެވެ. "ހުރިހާ ވާހަކައެއް ނޫން. އެކަމަކު ބުނިން ބައެއް ވާހަކަ. ބުނިން އަހަރެންގެ އާއިލާ މީހުން އެއީ ދަންނަ މީހުންހެން ހީނުވާ ވާހަކަ. އެމީހުން ފެނިގެން ހަނދާންތައް އަނބުރާ ނާންނާތީ ކަންބޮޑުވެގެން އެވާހަކަ ދެއްކިން." ޝަލީން ކިޔައިދިނެވެ. "ދެން ދޮންބެގެ ޖަވާބަކީ ކޮބާ؟" ސާރާ އޮޅުންފިލުވަން ބޭނުންވިއެވެ. ޝަލީން ބަލައިލިއިރު ނުހައިކްވެސް އިނީ އޭނާ ބުނާ އެއްޗެއް ބަލަން ޝައުޤުވެރިވެފައެވެ.
"ދޮންބެ ބުނީ ހަނދާން ނެތިފައިވާ ދުވަސްތައް ހަނދާން ކުރަން މާބޮޑަށް މަސައްކަތް ނުކުރުމަށް. ބުނީ އެކަމުން ގެއްލުން ވާނެ ވާހަކަ. ދޮންބެ ތަކުރާރުކޮށް ބުނީ މާޒީ ނުހޯދަން، ހަނދާންކުރަން ނޫޅެ ނިއު މެމޮރީސްތައް ގާއިމު ކުރަން." ޝަލީން ކިޔައިދީ ނިމުމާއެކު ސާރާގެ މޫނުން ހަމަޖެހުން ފެނުނެވެ. ޝަލީންއަށް ނޭނގުނަސް އެޖަވާބުން ސާރާއަށް ވަރަށް ބޮޑު އެއްޗެއް އެނގިއްޖެއެވެ. "ޝަލީންގެ ހުރިހާ ސުވާލެއްގެ ޖަވާބު ދެވޭނީ ޝާހަމްއަށް. އޭނަ އެބަ ސިއްރުކުރޭ ކަންތައް ގަނޑެއް." ސާރާ ޔަޤީންކަމާއެކު ބުނެލިއެވެ. އޭނާ ތެދުވެފައި ނުހައިކް ކައިރީ އެދުނީ އެތެރެއަށް ގޮސް ލެޕްޓޮޕް ގެނެސްދިނުމަށެވެ. "މަންމާ!" ނުހައިކް އެވަގުތު ތެދުވެފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ދަރިފުޅު ބޭނުމެއް ނުވޭތަ މި އޮޅުންގަނޑުން އެއްޗެއް އޮޅުންފިލާކަށް." ސާރާ ރައްދު ދިން ގޮތުން ނުހައިކްއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މިވާން އުޅޭ ގޮތެއް ނޭނގިފައި ދެފަހަރު ދެމީހުންގެ މޫނަށް ބަލަން އިން ޝަލީން މޫނަށް ބަލާލުމަށްފަހު އޭނާ އެތެރެއަށް ވަންނަން ދިޔައެވެ. ތަންކޮޅަކަށް ގޮސް ހުއްޓިފައި ޝަލީންއަށް ނުފެންނަ ހިސާބުގައި ހުރެގެން އިޝާރާތް ކުރިތަން ފެނިގެން ސާރާ ތެދުވީ އެބަ އަންނާނަމޭ ބުނެފައެވެ.
"މަންމަ ކައިރީ އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެންނަށް އަދި ހީވިއެއް ކަމަކު އެއީ އެކަށީގެންވާ ކަމަކަށްވެސް ނުވެދާނެއޭ. އަހަރެން އެހެން ބުނެފަ އޮތީމަ ދޯ މަންމަ ތިހެން ކަންތައް ތިކުރަނީ؟' ނުހައިކް ހިތްހަމަ ނުޖެހިފައި ތަންކޮޅެއް މަޑުން ވާހަކަދެއްކިއެވެ. "އެހެންވެއެއްނު މަންމަ މިއުޅެނީ. މަންމަވެސް މިހާރު ބޭނުންވެއްޖެ މިކަމުގެ ހަޤީޤަތް ބަލަން. އަނެއްކޮޅުން އެކުއްޖާ ފެނިފަ މަންމަ ބޭނުމެއް ނުވޭ ކަމެއްނުކޮށް އަތް އުރާލައިގެން ހުންނާކަށް." ސާރާ ހުރީ ގޮތުގައި ހިފަހައްޓައިގެންނެވެ. ނުހައިކް ވަދެގެން ދިއުމުން އޭނާ އެނބުރި އައިސް ޝަލީން އަތުގައި އޮތް ތުވާލި ނަގާފައި ކުރިމަތީގައި އިށީންދެލިއެވެ. އިރުކޮޅެއް ފަހުން ނިކުމެގެން އައިސް މަންމަ އަތަށް ލެޕްޓޮޕް ދިންއިރު ހުޅުވާފައި ހުރި ފޮޓޯ ފޯލްޑާއެއްގެ ތެރޭގައި ގިނަ އަދަދެއްގެ ފޮޓޯތައް ހުއްޓެވެ. ޝަލީން ކުރިމަތިލައިގެން އިނުމުން ސާރާ ކުރާކަމެއް ނޭނގުނަސް އޭނާ އިނީ ޝައުޤުވެރިވެފައެވެ.
"ނުހައިކް ހަޔާތުން މިހާ ދުވަސްވީއިރު އޭނާ ގާތް ގުޅުމެއް ބާއްވާފަ އޮތީ އެންމެ އަންހެންކުއްޖަކާ. ދައްތައަށް ހީވަނީ ޝަލީންއަށް މިހާރު އެނގިފައި ތިވާ އެއްޗެއް ވިއްޔާ އެނގިފައި ހުންނާނީ އެކުއްޖެއްގެ ފަރާތުންހެން." ސާރާ ފޮޓޯ ފޯލްޑަރއިން ފޮޓޯއެއް ހުޅުވާލިއިރު ނުހައިކް އިނީ ބަލާށެވެ. އޭނާ ތުންފަތުގައި ދަތް އަޅައިލީ މަންމަ ޝަލީން ކުރިމައްޗަށް ލިޒްގެ އެފޮޓޯ ފައުޅުކުރަން ތައްޔާރުވެ ލެޕްޓޮޕް އަނެއްފަރާތަށް އަނބުރާލީމައެވެ. އެވަގުތު ކުރިމަތިން އެއަންހެންކުއްޖާގެ ސޫރަ ދެކެފައި ޝަލީން ފުންމައިގެން ތެދުވީ ކުއްލިއަކަށެވެ. އެއީ ހަމަ އެސޫރައެވެ. ވާރޭ ތެރޭ ލޯމަރައިގެން ހުއްޓާ ފެނުނު ސޫރައެވެ.
"މީ ލިޒް. ނުހައިކްގެ އެންމެ ގާތް އެކުވެރިޔާ. އޭނަ ނިޔާވެފައި ވަނީ ޝަލީން ދޮންބެއާއެކު ކުރި ދަތުރުގައި އެބޯޓު ވެއްޓިގެން ހިނގި ހާދިސާގައި." ސާރާ ތަފްޞީލު ދީ ނިމުމާއެކު ޝަލީން މެއަށް ފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ. އެކި މީހުންގެ ފަރާތުން އެކި ފަހަރުމަތިން ލިޒްގެ ވާހަކަ އިވިފައި ވިއަސް ފުރަތަމަ ފަހަރަށް އެސޫރަ ފެނުމުން ކަޅި ޖަހާލަން ނޭނގިފައި ހުއްޓާ ބޮލުގައި ރިއްސައިގަތީ ހަފަރާތުން އައިސް ސިކުނޑިއަށް ވާން ކުރަންފެށި ހިޔާލުތައް ގިނަ ކަމުންނެވެ. ބަލަހައްޓައިގެން ހުއްޓާ ލޯ ކުރިމަތިން ފެންނަން ފެށި ފިލްމެއް ފަދައިން އޭނާއަށް ކުރިން ނޭނގި އޮތް އެތައް ކަމެއް ހަނދާނުގައި ހަރުލައިގެން ދިޔައީ ހުރި ފިޔަވަޅުމަތީ ހުއްޓައެވެ. ދެފަރާތަށް ބޯ ހޫރަމުން ފަހަތަށް ޖެހިލުމާއެކު ސޯފާގައި ފައިން ޖެހިފައި އިށީންދެވުނުތަން ފެނިގެން ނުހައިކްއަށް ތެދުވެވުނެވެ.
"އާ ޔޫ އޯކޭ؟" ނުހައިކް އަވަހަށް އައިސް ކޮނޑުގައި ހިފާލުމާއެކު ޝަލީން އިސްއުފުލާލިއިރު އެދެލޯ ފުރިފައި ހުރީ ބޮޑެތި ބޮޑެތި ކަރުނަ ތިކިތަކުންނެވެ. "ނިކް ބޭޓްމެން." ކަރުނައިގެ ތެރެއިން އޭނާ ބުނެލި ވާހަކަ އިވިފައި ނުހައިކްއަށް ފަހަތަށް ޖެހިލެވުނީ ބިރެއް ފެނިގެން ދުއްވައިގަތް މީހަކު ފަދައިންނެވެ. އެނަމުން އޭނާއަށް ގޮވާ އުޅުނީ އެންމެ ފަރާތެކެވެ. "އޯހ ގޯޑް." އޭނާ އަނގަމަތީ އަތް އަޅައިލިތަން ފެނިގެން މަންމަ ބަލައިލުމުން އެމަންމައަށް ދޭނެ ޖަވާބެއްވެސް ފުރަތަމަ ނޭނގުނެވެ. "ކީކޭ ބުނީ؟" ދަރިފުޅުގެ މޫނަށް އަރާފައި ހުރި ކުލައިން ސާރާއަށް ސުވާލު ނުކޮށް ހުންނަން އުދަނގޫވެފައި އަހައިލިއެވެ. "އޭނަ އަހަރެންނަށް ގޮވި ނަމަކީ އެންމެ މީހަކު އަހަރެންނަށް ގޮވާ އުޅޭ ނަމެއް. ނުހައިކް ގަބުވެފައި ހުރެގެން ޖަވާބުދިނެވެ. ސާރާއަށް އެއްޗެއް ދޭހަ ނުވެފައި ހުއްޓާ ޝަލީން ކަރުނަ ފުހެލާފައި ތެދުވިއިރު ތުންފަތުގައި ވި ހިނިތުންވުމުގައި އެތައް އަސަރެއް އެކުލެވިފައި ވިއެވެ. އެތައް ދުވަހަކަށްފަހު އޭނާ ނުވެގެން އުޅުނު ކަންތައް ކާމިޔާބު ވުމުން އިތުރަށް އޮޅުންފިލުވަން ބޭނުންވާ އެތައް ސުވާލެއް އެބަހުއްޓެވެ.
"ދައްތަމެންގެ ހުއްދަ އޮތިއްޔާ އަހަރެން ހަމަ މިހާރު މިވަގުތު ގެއަށް ދާން ބޭނުން." ޝަލީން ބޭނުންވާ ގޮތް ހާމަކުރިއެވެ. އޭނާ މަޑުކުރުވައިގެން އަހަން ބޭނުން ވާހަކަތައް ގިނަ ނަމަވެސް ނުހައިކްއަށް ބޯޖަހައިލެވުނީ އަމިއްލަ އިޚުތިޔާރެއް ނެތިއެވެ. ޝަލީން ކުރީގައި ނިކުމެގެން ދިއުމުން ނުހައިކް ނިކުންނަން ދަމުން ބުނި ވާހަކައިން ސާރާވެސް ކުއްލި ސިހުމެއް ލިބިފައި ބުދެއްހެން އެދެމީހުން ގޮސް ގެއްލޭތަން ބަލަން ހުއްޓެވެ.
ނުހައިކް އައިސް ސައިކަލު ކައިރިކޮށްލުމުން ފަހަތަށް އަރަން ޝަލީން ޖެހިލުންވީ ސަބަބެއް ނެތިއެއް ނޫނެވެ. ހަޤީޤަތް އެނގުމާއެކު ފަޅި ސިކުންތެއްގެ ތެރޭގައި ހުރިހާކަމެއް ބަދަލުވެއްޖެއެވެ. "އެމީހުން ކައިރީ ބުނަންތަ ތިދަނީ؟ ހީވޭތަ ޤަބޫލު ކުރާނެހެން؟" ނުހައިކް ސައިކަލު ދުއްވާލުމުގެ ކުރިން އެހިއެވެ. "އަހަރެން ފުރަތަމަ ބޭނުމީ އަހަރެންގެ ސުވާލު ތަކުގެ ޖަވާބު. އޭގެ ފަހުން އަހަރެން އެހެން މީހުން ކައިރީ އެއްޗެއް ބުނާނީ." ޝަލީން ސީރިއަސްވެފައި ޖަވާބުދިނެވެ.
ކުޑައިރުކޮޅެއް ފަހުން ނުހައިކް ސައިކަލު މަޑުކޮށްލުމާއެކު ޝަލީން ފައިބައިފިއެވެ. "ދެން އަހަރެން ދާންވީތަ؟' ނުހައިކް ސުވާލުކޮށްލީ ނުހަނު އޯގާތެރި އަޑަކުންނެވެ. ފަޅި ސިކުންތެއްގެ ތެރޭ ނުހައިކް އޭނައާ ދޭތެރޭ ކަންތައް ކުރާ ގޮތްވެސް މުޅިން ބަދަލުވީއެވެ. ޝަލީން އެކަމާ ހިޔާލުކޮށްލަން ހުރެފައި ދެފަރާތަށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އޭނާ އަނެއްފަރާތަށް އެނބުރިފައި ހިނގައިގަތް ގޮތަށް ފަސްއެނބުރި ބެލުމެއްނެތި ގެއަށް ވަދެގެން ދިޔައެވެ.
ޝަލީން ހުއްޓުނީ ޝާހަމް ކޮޓަރި ދޮރާއި ހަމައިންނެވެ. ދޮރުފަތުގައި ޓަކި ޖަހާލުމާއެކު ދާދި ފަސޭހައިން ޖަވާބު އައެވެ. ޝާހަމް ވަންނާށޭ ބުނެލުމުން ދޮރު ހުޅުވާލިއިރު ވިޝާ އޮތީ ހީވާގޮތުން ފުން ނިންޖެއްގައެވެ. "ވާރެއާ ތެމިފަތަ ތިހުރީ؟ އާ ޔޫ އޯކޭ؟" ޝާހަމް އަލަމާރި ކައިރީ ޓީޝާޓެއް ލާން ހުރެފައި އެނބުރި ޝަލީން ފެނިގެން ސުވާލު ކުރިއެވެ. "ކީއްވެ؟ ކީއްވެ އަހަރެން؟ ކީއްވެ އަހަރެންނާ ދޭތެރޭ މިހެން ކަންތައް ކުރަން ޖެހުނީ؟" ޝަލީން ވިޝާގެ މޫނަށް ކަޅިއެއް އެއްލާފައި އެދިމާއަށް އަންނަންފެށި ޝާހަމްއަށް ބަލަން ހުރެގެން ސުވާލުތައް އަމުނައިލިއެވެ. އެއަޑު އިވުމުން ޝާހަމް މޫނުން ކުއްލި ހައިރާންކަމެއް ފައުޅުވާން ފެށިއެވެ. ކައިރިއަށް އައިސް ހުއްޓުނުއިރު އޭނާއަށް ހުރެވުނީ ނިތަށް ރޫ ގިނަކޮށްލައިގެންނެވެ.
"ކޯއްޗެކޭ ތިކިޔަނީ؟" ޝާހަމްއަށް އެއްޗެއް އޮޅުމެއް ނުފިލިއެވެ. އޭނާ ކޮއްކޮގެ ކޮނޑުގައި ހިފައިލި ވަގުތު ޝަލީން ނުރުހިގެން ފޮޅުވައިލާ ޒާތަކަށް ފަހަތަށް ޖެހިލުމުން ސީރިއަސް ވެވުނެވެ. "ކިހިނެތްވީ؟" ޝާހަމް ސުވާލުކުރިއެވެ. "ސުވާލުނުކޮށް އަހަރެންގެ ސުވާލުތަކަށް ޖަވާބު ދީބަލަ. ލައްކަ ދުވަހު އުޅެފީމެއްނު އޮޅުވާލައިގެން. އެކަމަކު އަހަރެންނަށް އެނގޭ ކަމެއް ސިއްރުކުރަން ބޭނުން ނުވާނަމަ މާޒީ ހަނދާން ނައްތާލަން އެހާ ބާރެއް ނާޅާނެކަން." ޝަލީން ޖެހިލުންކުޑަކޮށް ރައްދުދިން ގޮތުން ޝާހަމްއަށް ލިބުނު ހިތްހަމަ ނުޖެހުން ފައުޅުކޮށްލެވުނީ ތަންކޮޅެއް ބާރަށް އެނަމުން ގޮވާލައިފައެވެ.
"ޝަލީންއެއް ނޫން. އީޝާ ކިޔާ. އަހަރެންގެ އަސްލު ނަމަކީ އީޝާ." އީޝާގެ ޖަވާބު އިވިފައި ޝާހަމްގެ މޫނުން ތަރި ބުރައިގަތެވެ. މެއަށް ފިނިވެގެން ދިޔައިރު އަނގަ ހުޅުވުނު ގޮތަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ހުރެވުނެވެ. "އާ އަހަރެން ހަނދާންވެއްޖެ. ހުރިހާ ކަމެއް ހަނދާންވެއްޖެ. އަހަރެންނަށް އެނގިއްޖެ ކީއްވެކަން ޝާހަމްގެ މަންމައާ ބައްޕަގެ ފަރާތުން އަމިއްލަވަންތަކަން އިހްސާސް ނުކުރެވެނީ. އެނގިއްޖެ އަހަރެންގެ އެންމެގާތް އެކުވެރިޔާއޭ ކިޔާފަ ދެއްކި އަލޫކްއަކީ ނުދަންނަ މީހެއްކަމުގައި އެތަކެއްފަހަރު ހިތް ބުނީ ކީއްވެކަން. ވިޝާއާ ކިތަންމެ ގާތްކޮށް އުޅުނަސް އަހަރެމެން އެކުގައި ހޭދަކުރި އެއްވެސް ހަނދާނެއް ނާންނަނީ ކީއްވެކަންވެސް އެނގިއްޖެ. ކިތަންމެ ވަރަށް މަސައްކަތް ކުރިއަސް އެހެން އިންސާނެއްގެ ހަނދާންތައް ދެވަނަ މީހަކަށް އަންނާނެ އެއްވެސް ގޮތެއް ނޯންނާނެ. އަހަރެން ހަމައެކަނި ބޭނުންވަނީ މިވަރުގެ އޮޅުވާލުމެއް އޮޅުވާލަން ޖެހުނު ސަބަބު ބުނެދޭން." ޝާހަމް ބަސްހުސްވެފައި ހުއްޓާ އީޝާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު ހުރީ ނޭވާ އަވަސްވެފައެވެ. ނިތުގައި ދާތިކިތައް ހަރުލައި ބޮލަށް ބަރުވާކަމުގެ އިހްސާސް އޭނާއަށް ކުރެވެން ފެށިއެވެ. އެވަރުންވެސް ޝާހަމް ޖަވާބު ނުދެނީސް ދުރަށް ދާކަށް ބޭނުމެއް ނުވިއެވެ.
"އެއީ ލިޒްއަށްޓަކައި." ޝާހަމް އެންމެފަހުން އިއްވައިލިއެވެ. "ލިޒްގެ ފަހު ވަގުތު އަހަރެންގެ ފަރާތުން އެދުނީ އެންމެ ކަމަކަށް. އެއީ އޭނާގެ ކޮއްކޮ ބަލައިދިނުމަށް. އަހަރެން އެވަޢުދު ފުއްދަދޭން އެއްބަސްވިން. އެކްސިޑެންޓްގައި އަހަރެންގެ ކޮއްކޮވެސް ނެތިގެން ދިޔައީ އަހަރެންގެ ލޯ ކުރިމަތީ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ކުރަން އުޅުނުއިރު އީޝާ ލޯ ހުޅުވައިލާފަ ދެއްކި ވާހަކައަށްފަހު ޑޮކްޓަރ ބުނެދިނީ ސިކުނޑިއަށް ލިބިފައިވާ ގެއްލުމަކުން ހަނދާންތައް އެކީ ފިލާފައިވާ ކަމަށް. އަދި މޫނުގެ ގިނަ ޓިޝޫތައް ހަލާކުވުމުގެ ސަބަބުން ސާޖަރީ ހައްދަންވެސް ޖެހޭކަމަށް. އަހަރެންނަށް އެނގޭ އަހަރެންގެ އާއިލާއިން ދުވަހަކުވެސް ލިޒްގެ ކޮއްކޮ އެކްސެޕްޓް ނުކުރާނެކަން. އަދި އަހަރެންގެ ހިތްވަރެއް ނެތް އެމީހުން ކައިރީ ޝަލީ ވަކިވި ޚަބަރު ދޭކަށް. އެއަށްވުރެ މާ ހިތްދަތި ހާލެއްގައި އަހަރެން ހުރީ. ކޮއްކޮގެ ސޫރައިގައި އީޝާ އާއިލާ ކުއްޖަކަށް ހަދަން ބޭނުންވީ ލިޒް އެދުނު ފަދައިން އީޝާއަށް އާއިލީ ލޯއްބާއި އުފާވެރިކަން ހޯދަދޭން." ޝާހަމް އިސްޖަހާލައިގެން ހުރެ އޭނާ ފޮރުވާފައި އޮތް ބޮޑު ހަޤީޤަތް އީޝާއަށް ހާމަކޮށްދިނެވެ. ޖަވާބެއް ނުދީ ހުރެފައި ދެން ފެނުނީ އިޝާ އަރި އަޅާލައިގެން ވެއްޓެން ދިޔަ ތަނެވެ. ޝާހަމް ހުޝިޔާރުވެފައި ހިފަހައްޓާލުމާއެކު ދުރުން ވިޝާވެސް ހާސްވެފައިވާ އަޑަކުން ހަޅޭތްލަވައިގަތްކަން އެނގުނެވެ. ޝާހަމް އީޝާ އަތުތެރެއަށް ލައިގެން އެނބުރުނުއިރު ވިޝާ ތެދުވެ އިނީ ބަލާށެވެ. އޭނާ އީޝާ ގެންގޮސް ސޯފާމަތީ ބާއްވާލުމާއެކު ވިޝާ ދުވަމުން އައިސް ކައިރިއަށް ހުއްޓުނެވެ.
"އަޑު އިވުނުތަ؟" ޝާހަމް ވިޝާ މޫނަށް ބަލާލައިފައި މަޑުމަޑުން އަހައިލިއެވެ. ވިޝާ ބޯޖަހައިލުމުން އޭނާއަށް އިތުރަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. ތިރިވެ ސޯފާގައި އިށީންދެފައި އީޝާގެ ސައިކޭޓްރިސްޓަށް ގުޅައިގެން ވާހަކަ ދައްކާލުމަށްފަހު ފޯނު ބޭއްވިތަނާ ވިޝާވެސް ކައިރީގައި އިށީންދެލިއެވެ. އެމޫނަށް ބަލާފައި ވިޝާ ހޯދަން ބޭނުންވާ ސުވާލުތަކެއްގެ ޖަވާބު ވާކަން ޝާހަމް ދެނެގަތެވެ.
"ލިޒްގެ ހިޔަނިހެން އީޝާ އުޅުނީ. ދެމީހުންނަކީ ކަޒިންސް. އަހަރެން އެގެއަށް ގޮސް އުޅޭއިރު ޝަލީންއާ އޭނަ ވައްތަރުވެ އަބަދު ކިޔަން. ފަހުން އަހަރެން ލިޒްއާ ގުޅުނު ހިސާބުން އޭނަ ދެން ކިޔާ އުޅުނީވެސް ދޮންބެ. މާލެ ދޫކޮށް ދާން އުޅުމުން ލިޒް އެދުނީ އަހަރެމެން ދާ ތާކަށް އީޝާވެސް ގެންދަން. އެއީ ލިޒް ފަދައިން އޭނާއަށް އަޅައިލާނެ މީހަކު ނެތީމަ. ލިޒް އީޝާދެކެ ލޯބިވީ މަންމައަކު އަމިއްލަ ދަރިއަކުދެކެ ލޯބިވާހެން." ޝާހަމް ހިމޭނުން އިނދެގެން ކިޔައިދިނެވެ.