އެންމެ ރަނގަޅު އަހަރެން ވިޝާއާ ކައިވެނި ކުރާނަން. އަހަރެންގެ އަންބެއްގެ މަޤާމަށް ވިޝާ ގެންނާނަން. އެއީއެއްނު ވިޝާ ބޭނުންވާ ގޮތަކީ." ޝާހަމް ވިސްނަން ހުރެފައި ކުއްލިއަކަށް އެނބުރި ޖަވާބުދިންއިރު އެލޮލުގައި އެތައް ކުލައެއްވިއެވެ. ވިޝާއަށް އެކުލަތައް ތަރުޖަމާ ނުކުރެވިގެން އުޅެނިކޮށް ޝާހަމް ނިކުމެގެން ދިޔައީ އޭނާގެ ނިންމުން ބައްޕައަށް އިއްވާށޭ ކިޔައިފައެވެ. ގަނޑުވެފައި އޭނާ އިންނަތާ ފަސްވަރަކަށް މިނިޓް ނުވަނީސް ކޮންމެވެސް މީހަކު ދުވެފައި އައިސް ކޮޓަރިއަށް ވަންއަޑު އިވުނެވެ. ވިޝާ އަދިވެސް އިނީ އިންގޮތަށެވެ. އެމީހެއްގެ ފިޔަވަޅު އަޑު އިވިގެން ބޭރަށް ލައިލައި އިން ނޭވާ ކަރުތެރޭ ތާށިވެއްޖެއެވެ.

"ވިޝް....!!" ތެދެއްތަ އެއީ؟ ޔޫ ގައިޒް އާ ގެޓިން މެރީޑް؟" ޝަލީންގެ އަޑުން ވިޝާގެ ގައިގައި ހުރިއްޔާ ހުރި ލޯއްޔެއް ކޮޅަށް ޖެހިގެން ދިޔައެވެ. ތެޅިގެންފައި އެނބުރި ބަލާލެވުނީ އަމިއްލަ ކަންފަތަށް އިތުބާރު ނުކުރެވިގެންނެވެ. ޝާހަމް ހަމަ އަސްލުވެސް މިހާ އަވަހަށް އެންމެން ކައިރީ ބުނީ ހެއްޔެވެ؟ ވިޝާ ބަލަހައްޓައިގެން އިންދާ ޝަލީން އައިސް އަތުގައި ހިފައިލި ވަގުތު ލޮލަށް އުފާވެރި ކަމުގެ މުތީތައް އެއްވެގެން އައެވެ. ފެންނަމުން މިދަނީ ހުވަފެނެއް ނޫންކަން ޔަޤީންކޮށްދިނީ ޝަލީންގެ އެބީހުމެވެ. އެވަގުތު ޝަލީންއަށް އިތުރުއެއްޗެއް ނުބުނެވެނީސް އޭނާ ކުއްލިއަކަށް އަނެއް އަތުން މޫނު ފޮރުވާލައިފިއެވެ. ދެތުންފަތް ފޫދުއްވާލައިފައި ގިސްލުމުގެ އަޑު ބޭރުވާން ފެށުމުން ޝަލީންގެ ހިތަށްވެސް އަސަރުކޮށްފިއެވެ. ވިޝާއަށް ވީގޮތް އޭނާއަށް ވިސްނުނެވެ. އޭނާ އަހާފައިވާ ގޮތުން ވިއްޔާ ޝާހަމްއާ ވިޝާގެ އެކައިވެންޏަކީ ކުޑަދުވަހުއްސުރެ ވިޝާ ދެކެމުން އައި ހުވަފެނެކެވެ. އަދި މިއަދު ވިޝާ އެރޮނީ އުފަލުންނެވެ.

ވިޝާ ހަމައަކަށް އެޅުމުން ޝަލީން ބުނީ ބޭރުގައި އެންމެން އޭނާގެ އިންތިޒާރުގައި ތިބި ވާހަކައެވެ. ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީ ކަރުނަ ފުހެން ހުރިއިރު ޝަލީންވެސް ގޮސް އެއިސްތަށިގަނޑު ރީތިކޮށްލަދީ ކުޑަކޮށް އެހީވެދިނެވެ. ތެމިފައިވާ އެސްފިޔަތަކުގެ ސަބަބުން އެލޮލުގެ ކަޅުކަން ގަދަވެ މޫނު ހުރީ ހިސާބަކަށް ރަތްވެފައެވެ. ވިޝާ ކިތަންމެ ވަރަށް އޮމާންކޮށްގެން ދިޔަސް އޭނާ ރުއިކަން ސިއްރު ނުވާނެއޭ ޝަލީން ހިތަށް އެރިއެވެ. ކުޑައިރުކޮޅެއް ފަހުން ދެމީހުން އެކީ ސިޑިން ފައިބައިގެން އައިއިރު އެންމެން ތިބީ ސޯފާތަކުގައެވެ. ފިރުދައުސްގެ ދެމަފިރިން ވަދެގެން އައީ އެމީހުން ގޮސް ނުއިށީންދެވި އުޅެނިކޮންނެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އަލޫކް ގެސްޓުރޫމުން ނިކުމެފައި ހުސްތަނުގައި ޖައްސައިލިއެވެ. އޭނާ އެކި މީހުންގެ މޫނަށް ބަލައިލީ މަންމަ ހާސްވެފައި ވެގެން އުޅޭގޮތެއް ސާފުކޮށްދޭން އެހީމައެވެ. ބައްޕަވެސް ފިކުރުބޮޑުވެފައި ހުރިކަން މޫނުން އެނގުނެވެ. އިމާދު ކުއްލިއަކަށް ގުޅާފައި އެންމެން އަވަހަށް އެގެއަށް އައިސްދޭން އެދުމުން އެމީހުން ހީކުރީ އަނެއްކާ ވިޝާއަށް ކަމެއްވީ ކަމަށެވެ. 
"އަދި ހާސްވާކަށް ނުވެއޭ ފިރުދައުސް. އިހަށް މިތާ އިށީންދެބަލަ!" އިމާދުއަށް އެކުވެރިޔާގެ ކުލަވަރު ފެނިފައި ހިނި އައިސް އިދެގެން ކައިރީގައި އޮތް ހުސްތަނުގައި އަތުން ތަޅައިލީ އިށީންނާށޭ ބުނާފަދަ ގޮތަކަށެވެ. ފިރުދައުސް އެވަގުތު ބަލައިލީ އަނބިމީހާގެ މޫނަށެވެ. އޭނާ ގޮސް އިމާދުގެ ކައިރީގައި އިށީންއިރު ފިރާޝާ ނަޖުމާގެ ކައިރީގައެވެ. ޝަލީންއާ ވިޝާ އެއްތާކު ތިބެފައި އެއްލި ކަޅިއަކުން ޝަލީންގެ ނަޒަރު އަލޫކްއަށް ހުއްޓުނުވަގުތު މެއަށް ފިނިވެގެން ދިޔައީ ހަތަރުކަޅި ބައްދަލު ވެގެންނެވެ. އޭނާ އަވަހަށް އެހެން ދިމާއަކަށް މޫނު އަނބުރާލުމުން އަލޫކް ގާތަށް ހިނި އަންނަން އުޅެފައިވެސް ސަމާލުކަން ދެވުނީ ބޮޑެތި މީހުންގެ ވާހަކައަށެވެ.

"އަވަހަށް ތައްޔާރީތައް ފަށަން އުޅޭ. އަހަރެން މިއުޅެނީ ފިރުދައުސްގެ ހުރި ހަމައެކަނި އަންހެންދަރިފުޅު އަމިއްލަ ކުރަން ވެގެން." އިމާދު ނުސީދާ ބަހުން ބުނި ވާހަކަ ފިރުދައުސްއަށް ދޭހަވި ނަމަވެސް ޔަޤީންކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ހައިރާންވެފައި އެއްފަހަރު އެކުވެރިޔާއަށް އަނެއް ފަހަރު އަނބިމީހާއަށް ބަލާލި ވަގުތު ހިނިތުންވެފައިވާ ނަޖުމާގެ މޫނު ފެނުމުން އެބުނީ ތެދެއްކަން ރޭކާލައިފިއެވެ. "ޝާހަމް ބޭނުންވަނީ ވީ އެންމެ އަވަހަކަށް ވިޝާ އޭނާގެ އަންބަކަށް ހަދަން. އޭނާ ތާރީޚެއްވެސް ކަނޑައަޅައިފި. އެއީ މިހިނގާ މަހުގެ ތިރީސް. އެހެންވެ ކައިވެނީގެ ތައްޔާރީތަކާއި ބެހޭގޮތުން މަޝްވަރާ ކުރަން އެހާ ކުއްލިގޮތަކަށް މިގެނައީ." އޮޅުންފިލުވައިދިންއިރު ހިނދުކޮޅަކަށްވެސް އިމާދުގެ ތުންފަތުން ހިނިތުންވުން ފިލައި ނުދެއެވެ. "ތެދެއް އެއީ." ނަޖުމާ އުފަލުން ފުރިފައިވާ އަޑަކުން ޔަޤީންކޮށްދިންއިރު ފިރާޝާގެ އަތުގައި ހިފައިލިއެވެ. އެވަގުތު ފިރާޝާގެ ނަޒަރު ސީދާވީ ދަރިފުޅުގެ މޫނަށެވެ. އޭނާގެ ލޯ ފެންކަޅިވީ ވިޝާ އުފާވާނެ ވަރު އިހްސާސްވެފައެވެ. ހިތާއި ހިތުން ހެއްދެވި ފަރާތަށް ހަމްދު ކިޔުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. އިރާދަކުރެއްވިއްޔާ މިފަހަރު އޭނާގެ ދަރިފުޅުގެ ހުރިހާ ހުވަފެނެއް ސީދާވެގެން ދާނެއެވެ. މަޔަކަށްވެހުރެ އެއަށްވުރެ ބޮޑު އުފަލެއް ކޮބައި ހެއްޔެވެ؟

އެހިސާބުން އެންމެން އެންމެނަށް ކައިވެނީގެ ތައްޔާރީތަކާއި ބެހޭގޮތުން ހިޔާލު ފައުޅުކުރަން ފެށުމުން ޝާހަމް ބަހަނާއެއް ހޯދާލައިގެން ތެދުވިއެވެ. އޭނާގެ ބަހަކީ ހަފްލާ ކިތަންމެ ކުޑަކޮށް ބޭއްވިއަސް ހަމަޖެހުނު ތާރީޚަށް އެކަން ކުރެވުމުން ނިމުނީކަމުގައެވެ. އަދި އޭނާއަށް ރަނގަޅީވެސް ވީހާވެސް އާދައިގެ، ސާދާ ހަފްލާއެކެވެ. އެކަމަކު އެހެންމީހުންގެ ހިޔާލު ތަފާތިއްޔާ އެކަމާއިވެސް އޭނާ ރުހޭނެއެވެ. އޭރު ހިމޭންވެފައި އިނީ އަލޫކްއެވެ. އެހެން އެންމެންނާއި ޚިލާފަށް ކޮއްކޮގެ ކައިވެނި ޝާހަމްއާ ކުރެވެން އުޅޭ ޚަބަރު ލިބުމުން އޭނާގެ ނިތަށް ގިނަވީ ރުލެވެ. އޭނާގެ ކުރިމަތީ ކުރިންވެސް އެއްފަހަރު މިހުރިހާ މަރުހަލާއެއް ހިނގިއެވެ. އެކަމަކު އެންމެ ފަހު ވަގުތު ޝާހަމް ކޮއްކޮގެ ހިތް ހަލާކުކޮށްލައިފައި ދިއުމުން ދެން ދެކުނު ދުވަސްތަކަކީ ދުރުގައި ތިބި އެކަކަށްވެސް އެނގޭނެ ކަންކަމެއް ނޫނެވެ. ވިޝާގެ އެންމެ ގާތުގައި ހުރީ އޭނާއެވެ. އެންމެގާތުން އެހުރިހާ ހިތާމައެއް ދުށީވެސް އޭނާއެވެ. ޝާހަމްގެ ލޯބީގައި ކޮއްކޮ މަރުނުވީ ކިރިޔާއެވެ. އެވަރުގެ މީހަކާއި ކޮއްކޮގެ ދިރިއުޅުން ދެވަނަ ފަހަރަށް ހަވާލު ކުރާކަށް އަލޫކްގެ ހިތެއް ދެން ދުވަހަކުވެސް ނުރުހޭނެއެވެ. ދެވަނަ ފަހަރަށްވެސް ހަމަ އެގޮތަށް ލަނޑުދީފައި ފިލައިގެން ނުދާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟

"މަންމަމެން ހަމަ އެކައްޗެކޭ ހިތަކަށް ނޭރިތަ އެހާ އަވަހަށް ކައިވެންޏަށް ތިއެއްބަސްވީ؟" އަލޫކްއަށް ނީނދެވިގެން ވާހަކަދެއްކިއެވެ. އެއަޑަށް އެންމެން ސިހިފައި ބަލާލިއިރު މާހައުލުގެ އުފާވެރިކަން ކުއްލި ހިމޭންކަމަކަށް ބަދަލުވެގެން ދިޔައެވެ. "ހަނދާންކޮށްބަލަ ކުރީފަހަރު އޭނަ ވިޝްއަށް ހެދިގޮތް. ހުރިހާ ތައްޔާރީއެއްކޮށްފަ ނުވިތާކަށް ރަންވެސް ކިޔައިފަ އެހެން އަންހެނެއް ގޮވައިގެން ފިލައިގެން ދިޔައީ. އެވަރުގެ މީހަކާ އަހަރެންގެ ކޮއްކޮގެ ކައިވެނި ކުރުވާކަށް އަހަންނެއް ގަބޫލެއް ނޫން." އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރި ނަމަވެސް އަލޫކް ތެދުބުނާކަށް ކުޑަކޮށްވެސް ޖެހިލުމެއް ނުވިއެވެ. އެވަގުތު ފިރުދައުސް ރުޅިއައިސް ރަތްވެގެން ތެދުވަން އުޅުނުތަން ފެނިގެން ފިރާޝާ އަވަހަށް ދެފަރާތަށް ބޯހޫރާލީ އެކަން އޭނާއަށް ދޫކޮށްލާށޭ ބުނާފަދަ ގޮތަކަށެވެ. އޭނާ ކަންބޮޑުވީ ހިލޭބައެއްގެ ކުރިމަތީ ދެބަފައިންގެ އަރާރުމެއް ފެށިދާނެތީއެވެ.

އެ"އަލޫކް..!!" ފިރާޝާ އަޑަށް ބާރުލައިފައި ހިމޭންވުމަށް އަންގައިލިއެވެ. އެހެން ނަމަވެސް އަލޫކް ހުރީ ހުއްޓާ މޫޑެއްގައެއް ނޫނެވެ. އިސްޖެހިފައިވާ އިމާދުއާ ނަޖުމާއަށް ބަލާލުމަށްފަހު އޭނާ ހައްތަހާ އެވާހަކަ ކުރިއަށް ގެންދަން ފެށިއެވެ. އޭރު ޝަލީންވެސް އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ކޮއްކޮގެ ދިފާޢުގައި އަލޫކް އެހާ ސީރިއަސްވެފައި ވާހަކަދައްކާތަން ފެނުމުން އެތައް އެއްޗެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. " އަހަރެންނަށް އެއްވެސް ޔަޤީންކަމެއް ނެތް އޭނަ ދެވަނަ ފަހަރަށްވެސް ކޮއްކޮއަށް އެލަނޑު ނުދޭނެކަމާމެދަކު. އެއިރުން ދެން ކޮއްކޮ އުފުލާ ވޭން މިހާރަށްވުރެ އެތައް ގުނައެއް އިތުރުވާނެ. މަންމަ ދުށީމެއްނު ކޮއްކޮ އުޅުނު ގޮތް. ކިތައްފަހަރު ހިތަށް އެރި އޭނަ ދެން އެހެން އޮވެ ފަހުނޭވައޭ ދޫކުރާނީ. ހަނދާންނެއްތަ މިހާރު އެދުވަސްތަކެއް؟" އަލޫކް ހުއްޓާނުލާ ހުރެގެން ކުރި ސުވާލުން ފިރާޝާ ވަކިން ކަންބޮޑުވިއެވެ. އެމީހުންގެ އަމިއްލަ ދަރިފުޅުގެ ސަބަބުން ލަދުގަނެފައިވާ އިމާދުއާ ނަޖުމާ ފެނުމުން މޮޅިވެރިކަން ހިތަށް ވަނެވެ. ޝާހަމް އެދުވަހު ދިޔައީ އެމީހުންގެ އަބުރަށްވެސް ހިރަފުސް ބުރުވާފައެވެ. އެކަމާއި އެދެމީހުން ނުރުހުންވިވަރު އެންމެ ރަނގަޅަށް އޭނާ ދެނަހުއްޓެވެ.

"އެހެންވިއްޔާ ދަރިފުޅު ހަނދާން އެބަހުރިތަ ވިޝާ އެނދުން ތެދުވި ދުވަސް؟ ހަނދާން އެބަހުރިތަ އެކުއްޖާ ފުރަތަމަ ފަހަރަށް މީހުންގެ ތެރެއަށް ނިކުތް ދުވަސް؟ ވިޝާ މިހާރު އެހުރިހާ ހާލަތުގައި އެހުރީ ކާކުގެ ސަބަބުންކަން އެނގޭނަމަ ތިހެން ނުބުނާނެ." ފިރާޝާ ހަނދާންކޮށްދިނީ ޝާހަމް އެގެއަށް ދިޔަ ދުވަހެވެ. އެދުވަހު ވިޝާ ފުރަތަމަ ފަހަރަށް އެނދުން ތެދުވެގެން ނިކުތްތަން ފެނިފައި އެންމެން އަންތަރީސްވިއެވެ.

"ދޮންބޭ! އަހަރެން ވަރަށް އުފާވެއްޖެ ދޮންބެ އަހަރެންދެކެ ލޯބިވާވަރު އިހްސާސްވެފަ. އެކަމަކު މީ އަހަރެންގެ ދިރިއުޅުން. އަދި އަހަރެން އިންނަން ބޭނުންވާ ހަމައެކަނި މީހަކީ ޝާހަމް. ވަރަށް ރަނގަޅު ދޮންބެ އިތުރަށް ޝާހަމްއޭ ކިޔައިގެން އެއްވެސް އެއްޗެއް ނުކިއްޔާ." ކެތްނުވާ ހިސާބަށް ދިއުމުން އެންމެފަހުން ވިޝާއަށްވެސް ބަސް ބުނަން މަޖުބޫރުވެއްޖެއެވެ. ކަރުނައިގެ ސަބަބުން ތެމިފައިވާ ދެލޮލުން ދޮންބެއާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު އޭނާ އެވާހަކަތައް ބުނެލިއިރު ހިތަށް ތަދުވިއެވެ. މިނޫނީ ދުވަހަކު ދޮންބެއާ ދިމާއަށް އިސްވެ އެއްޗެއް ނުބުނެއެވެ. އެކަމަކު ޝާހަމްއަކީ އޭނާގެ ލޯއްބެވެ. ޝާހަމްއާ ދިމާއަށް އެހުރިހާ އެއްޗެއް ގޮވާއަޑު އަހަން ހުރެވޭނީ ވަކި ކިހާއިރެއް ވަންދެން ހެއްޔެވެ؟

އެއަޑު އަހާފައި ޝާހަމްގެ މޫނު ބަނަވެގެން ދިޔައިރު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ކޮއްކޮގެ މޫނަށް އޭނާ ބަލައިލީ ޤަބޫލު ކުރަން ދަތިވެފައެވެ. އަތުގެ ބީހުމަކާއި ނުލާ، އެންމެންގެ ތެރޭ ކޮއްކޮ އޭނާގެ މޫނަށް އަމާޒުކޮށްލި ގޮށްމުށުގެ އެތިފަހަރެކޭ އެބަސް އެއްވަރެވެ. ލިބުނު ކުއްލި ސިހުމާއި އެއްވަރަށް ހިތަށްވެސް ތަދުވެއްޖެއެވެ. އެއްޗެއް ބުނަން އުޅޭފަދަ ގޮތަކަށް ތުންފަތް ހަލުވާލައިފައިވެސް ބަހެއް ނުބުނެ އޭނާ ހިނގައިގަތީ އެތަނާއި ދުރަށެވެ. ބާރުބާރަށް ގޮސް ކާރަށް އަރާފައި ފުރަތަމަވެސް ހުންގާނަށް ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލެވުނެވެ. ދެން އެންމެ މިނިޓަކަށްވެސް އެތާ މަޑުނުކޮށް ކާރުގައި ނިކުމެގެން ދިޔައެވެ.

ކޮޓަރީ އޮވެފައި ބޭރަށް ދާންވެގެން ޝާހަމް ނިކުމެގެން އައިވަގުތު ތިރީގައި ދެކެވުނު ހުރިހާ ވާހަކައެއް އިވުނެވެ. އަލޫކް ނިކުތްފަހުން ޝަލީންއާ ވިޝާ ތެދުވެގެން ސިޑިން އަރަން އަންނަން ފެށުމުން އޭނާ އަނބުރާލައިފައި އައިސް އަނެއްކާ ވަނީ ކޮޓަރިއަށެވެ. އަމިއްލަ ނަފްސް ކުށްވެރި ކުރެވުނީ އަލޫކްގެ ވާހަކަތަކުގެ ތެދުކަން އިހްސާސްވެފައެވެ. އަލޫކް ބުނިހެން ދެވަނަ ފަހަރަށްވެސް އޭނާ ފަހަތަށް ނުޖެހޭނެކަމުގެ އޮތީ ކޮން ކަމެއް ޔަޤީންކަމެއްކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ލިޒްއަށްފަހު އޭނާ އުމުރު ހުސްކޮށްލަން ގަސްތުކުރީ އެކަނިމާ އެކަނި ކައިވެންޏެއް ނުކޮށެވެ. މިއަދު އެނިންމުން ބަދަލުކުރީ ވިޝާގެ އާދޭހުގެ ސަބަބުންނެވެ. އެކަމަކު ކައިވެނި އަދި ކުރެވުނަސް ވިޝާ ބޭނުންވާފަދަ ލޯބިވެރިއަކަށް ވެވޭނެ ކަމުގެ ކުޑަވެސް އުންމީދެއް ނެތެވެ. އެހާ ފޮނި ހުވަފެންތަކާއެކު ކުރެވޭ ކައިވެންޏަށްފަހު އިތުރަށް އެނާޒުކް ހިތް ކުނޑިކުނޑި ކޮށްލެވިދާނެތީ ބިރުގަނެއެވެ.

އެންމެން ގެއަށް ދިޔަ ފަހުން ޝަލީން ކޮޓަރިތެރޭ ތައްޔާރުވާން ހުރެފައި އިރުއިރުކޮޅާ ނިކުމެ ބެލްކަނިން ބޭރު ބަލާލެވެއެވެ. އޭނާ ޔަޤީންކުރީ އަލޫކްދެން އެގެ ފެންނަ ހިސާބަށްވެސް ނާންނާނެ ކަމުގައެވެ. ފުރަތަމަ ފަހަރަށް އެހާ ހިތްހަމަ ނުޖެހިގެން ދާތަން ފެނުމުން ޝަލީންގެ ހިތަށް އުދަނގޫވިއެވެ. އެވަގުތު އަލޫކްގެ ހިތަށް ކުރާނެ އަސަރު ކޮންމެވެސް ވަރަކަށް ލަފާކޮށްލެވުނެވެ. ޝަލީން ބޭނުންވީ އަލޫކްގެ ފަހަތުން ދާށެވެ. އުދަނގޫ ވަގުތު، އެކުވެރިއެއްގެ މަޤާމު ފުރާދޭން ހިތަށް އަރާފައި ފަސްޖެހެވުނީ ރޭގެ ހާދިސާ ހިތަށް އަރައިފައެވެ. އޭނާ އުޅުނީ އިރު އެރީއްސުރެ އަލޫކްގެ މޫނު ފެންނަ ހިސާބަށްވެސް ނުގޮސްވޭތޯއެވެ.

*****

ފުންނިދީގައި އޮވެފައި ލޯ ހުޅުވާލުމުން ކުރިމަތިން ފެނުނީ އަލޫކްއެވެ. ދާދި ކައިރީގައި ނުހަނު އަރާމުކޮށް ނިދާފައި އޮތްވާ ފެނުމުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަދި އޮތީވެސް ހުސްގަޔާއެވެ. ޝަލީން ހަނދާންވީ ދެމީހުން ވާހަކަދައްކަން އޮވެފައި ވީނުވީއެއް ނޭނގި ނިދި ޖެހުނު ކަމެވެ. ގަޑި ބަލާލިއިރު ފަތިސްވެއްޖެއެވެ. އަވަހަށް ބޭރަށް ދެމިގަންނަން ވެގެން ތެދުވިއިރު ލައިގެން ހުރި ޓީޝާޓް ކަރާއި ދިމާލުން އަޅުވަން ހުރި ދެގޮށުން ކުރެ އެއްގޮށް ނާޅުވާ ހުރިކަން އެނގުނެވެ. އޭނާ އިތުރަށް ކަންބޮޑުވީ އެހެންވެއެވެ. އެނބުރި ގޮސް ކޮޓަރިތެރޭ އިނދެގެން ހިޔާލު ކުރެވުނީ އޭނާއަށް ނޭނގުމުގެ ތެރޭގައި ދެމީހުންގެ މެދުގައި ކަމެއް ހިނގާފައި ހުރެދާނެ ކަމާމެދުގައެވެ. ނޫނީ އަލޫކް އޭނަ ނިދާފައި އޮތްވާ ކޮންމެވެސް އެހެން ގޮތަކުން ފައިދާ ނުނަގައި ހުރެދާނެ ބާވައެވެ؟ އެހިޔާލެއްގައި އިނދެގެން އިތުރަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. އަނެއްކޮޅުން ރަނގަޅަށް އިރު ނާރަނީސް އަލޫކް ބައްދަލުވީ ކާކޮޓަރި ތެރެއިންނެވެ. އޭނާ ކޮފީ ބޯން ވަދެ އިންދާ ނިދި މޫނާއެކު އައިސް ވަނީ ގަމީސް ނުލައި ހުސްއެކަނި ޖިންސްގައި ހުރެގެންނެވެ.

"ރޭގަވީ ކަންތައް ދުވަހަކު ހަނދާން ނުނެތޭނެ." ޝަލީން ނޫންކަމަށް ހެދިފައި ހުރެގެން ކޮފީތަށީގައި ތުނބު ޖެހިތަނާ އަލޫކް ބުނި އެއްޗަކުން ތެޅިގަނެވުނެވެ. އެވަގުތު ކޮފީ ބަންޑުންވީ އޭނާގެ އަތަށެވެ. އައި ރުޅިން ކޮފީތަށި ސިންކަށް އަޅައިލިއެވެ. "ކޮފީތަށި ފަރާތުން ރިވެންޖް ނެގީމަ ވީކަމެއް ނުވާކަމަކަށް ނުވާނެ." އަލޫކް މޭޒު ދޮށުގައި އިނދެފައި ވާހަކަދެއްކީ ސީދާ ޝަލީންގެ މޫނުގެ ކުލަ ދިރާސާ ކުރަމުންނެވެ. "ވަޓް ޑިޑް ޔޫ ޑޫ؟" އެވަގުތު ޝަލީން ތަށި ސިންކަށް ދޫކޮށްލައިފައި އައީ ސީދާ އޭނާއާ ދިމާއަށެވެ.

"އައިމް އިނޮސެންޓް. ހަމަތެދެއް. ކުރިކަމެއް ވިއްޔާ ކުރީ ޝަލީ." އަލޫކް ބިރުގަންނަ ކަމަށް ހެދިގެން ފަހަތަށް ޖެހިލަމުން މޭމަތީ ދެއަތް ހުރަސްކޮށްލިއެވެ. ޝަލީން ލަދުގަތީ ދެނެވެ. ބަލަ ބަލާ ހުއްޓާ އެމޫނު ރަތްކުލަ ވެރިވެގެން އައީ ފެނުނު ހުވަފެނެއް ހަނދާންވެފައެވެ. އެހުވަފެން ފެނުނުއިރު އޭނާއަށް އެހެން އުޅެވުނީ ކަމަށް ވެދާނެއޭ ހިތަށް އެރުމުން އަވަހަށް ދުވެފައި ގޮސް ލޯމަތިން ގެއްލުނެވެ.

*****

ޓެކްސީއަކަށް ގުޅަމުން ނިކުމެ މަގުމަތީ ހުއްޓުނުތަނާ ދުރުން ބަރުގޮނު އަޅައިލިއެވެ. ޝަލީން ބަލާއިރު އަލޫކް ކާރު މަޑުކޮށްގެން އިނީ ތަންކޮޅެއް ދުރުގައެވެ. ދެފިކުރެއްގައި ހުއްޓާ އައިސް ކައިރިއަށް މަޑުކޮށްލުމުން ނާރައެއް ނުކެރުނެވެ. ހާއްސަކޮށް މިއަދު ވިޝާގެ ކައިވެނީގެ ވާހަކައާ ގުޅިގެން ހިނގާދިޔަ ކަންތަކަށްފަހު އަލޫކް ދެރަވެދާނެފަދަ އެއްވެސް ކަމެއް ކުރާކަށް ހިތެއް ނުރުހުނެވެ.

"ނަތިން ހެޕެންޑް." ޝަލީން އަރާ އިށީނުމުން އަލޫކް ކާރު ދުއްވާލައިފައި އިރުކޮޅަކުން ވާހަކަދެއްކިއެވެ. "ތިބުނީ އަހަރެމެން ދެމީހުން ދެމެދުގަތަ؟" ޝަލީން ސިހިފައި އަވަސް އަވަހަށް އަހައިލެވުނެވެ. އޭނާ ބަލާލިއިރު އަލޫކް އިނީ މަގަށް ބަލާށެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ސަމާސަ ކުރާކަށްވެސް ނޫޅުނެވެ. ވީފޫހިން ޝަލީން އަނގައަށް ގޮތެއް ހަދާލައިގެން އިނެވެ.

"އެކަމަކު އަދިވެސް އަހަރެންނަށް ރޭގަވީ ކަންތައް މަތިން ހަނދާން ނައްތާލަން އުދަނގޫވާނެ. އެއީ ރޭގަ ފުރަތަމަ ފަހަރަށް އެހާ ކައިރިން ތިމޫނަށް ބަލަން އޮވެ ނިދާލަން ލިބުނީމަ." ޝަލީން އޮފީސް ކައިރިއަށް ކާރު މަޑުކޮށްފައި އަލޫކް އިތުރަށް ބުނެލިއެވެ. ޝަލީންއަށް އެބުނި އެއްޗެއް ދޭހަ ނުވެގެން ހަތަރުކަޅި ހަމަކޮށްލި ވަގުތު އަލޫކް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެވަގުތު މެއަށް ފިނިވެގެން ދިޔައެވެ. އޭނާ ވިސްނަން ދޫކޮށްލައިފައި އަލޫކް ކާރުގައި ގޮސް ގެއްލުމުން މަޑުމަޑުން ގޮސް އޮފީހަށް ވަންތަނާ ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފިއެވެ.

 

ކޮމެންޓް 0