ވިޝާއަށް ނޯވެވިގެން އެނބުރި ބަލާލިއިރު ޝާހަމް އޮތީ ފުން ނިދީގައެވެ. ޝަކުވާއިން ހިތް ފުރިގެން އައިއިރު ލޮލަށް ކަރުނަތައް ޖަމާވެގެން އޮހިގަތެވެ. ދުނިޔޭގައި ނެތް ފުރާނައަކާމެދު ހަސަދަވެގެން ރޯލަ ރޯލާ އޮވެ ބޭކާރު ކޮށްލެވުނީ ނިދިކޮޅެވެ. ފަތިސް ދަމަށް އަޅާލި ފަހުން ވިޝާ ކޮޓަރިން ނިކުތްއިރު ސިޓިންރޫމް އޮތީ ފަޅަށެވެ. ނިދާ ހެދުން މަތިން ލައިގެން ހުރި ކޮޓަން ޖެކެޓްކޮޅުގައި ހިފާ ކައިރިކޮށްލައިގެން ސިޑި ކަޑައްތު ކޮށްފައި އައިސް ސޯފާގައި އިށީންދެވުނުތަނާ އަޑެއް އިވިއްޖެއެވެ. ސިހޭގޮތް ވެފައި ވިޝާ ދެފަރާތް ހޯދަން އިންދާ މައި ދޮރު ހުޅުވާލައިފައި ވަނީ އިމާދުއެވެ. އެތެރެއިން އެދޮރު ލައްޕާ ތަޅުލާފައި އެދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ގެއްލޭންދެން ވިޝާއަށް އިނދެވުނީ އެސްފިޔަ ޖަހާނުލައެވެ. އޭނާ ނޭވާލީވެސް ބަފާބެ ދޮރު ލައްޕާލީމައެވެ.

*****

ހެނދުނު ނާސްތާ ގަޑިއާއެކު އަނެއްކާވެސް ދޮންދައިތަގެ ވާހަކަ ނަޖުމާ ފެށިއެވެ. "ވިޝް ދާހިތްވޭތަ؟" ދަތުރާ ގުޅޭގޮތުން ޝާހަމްގެ ލަފާ އެހިވަގުތު އޭނާ ސުވާލުކޮށްލީ ވިޝާއާއެވެ. ވިޝާ ހައިރާންވެފައި ފިރިމީހާގެ މޫނަށް ބަލައިލިއެވެ. ޝާހަމް އަވަސް އަރުވާލައިފައި ޕާން ފޮތި ހުސްކޮށްލުމަށްފަހު ކޮފީ ޖޯޑުގައި ބާކީހުރި ބައިވެސް ދަމައިލިއެވެ. "މަޖާވާނެ." ވިޝާ ޝައުޤުވެރިކަން ފައުޅު ކުރިއެވެ. އޭރު ހިމޭނުން އިނީ ޝަލީންއެވެ. ޝާހަމް ތެދުވެގެން ދިއުމާއެކު އޭނާވެސް ގަޑި ބަލާލައިފައި އަވަހަށް ތެދުވެއްޖެއެވެ.

"ލޫކް؟" ދޮރުމައްޗަށް ނިކުމެފައި ޝަލީންއަށް ބުނެލެވުނެވެ. އަލޫކް ހުރީ މަގުގެ އަނެއްފަރާތުގައި ކާރު ޕާކްކޮށްފައި ނިކުމެ ދޮރުފަތުގައި ލެނގިލައިގެންނެވެ. އެވަގުތު އޭނާއަށް ޝަލީން ފެނިގެން ހަނާ އަޅާލައިފިއެވެ. މަގުގެ ދެކޮޅު ބަލާލައިފައި ޝަލީން ގޮސް ކައިރިއަށް ހުއްޓުނެވެ. "އަވަހަށް އަރާ!" އަލޫކް ދޮރު ހުޅުވާލައިފައި އިޝާރާތްކޮށްލިއެވެ. "ތޭންކްސް" އުންމީދުވެސް ނުކޮށް ހުއްޓާ އަލޫކް އައިސް ބައްދަލު ކުރުމުން ޝަލީންގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. އޭނާ ބޯޖަހާލައިފައި އަރައި އިށީންނުމުން އަލޫކް އަވަހަށް ކާރު ދުއްވާލިއެވެ.

"އޮފް ދުވަހެއް ވީމަ ހިތަށް އެރީ ޝަލީ އޮފީހަށް ލައިދޭން އަންނާނީއޭ. ކިހިނެތްތަ ހާލު؟" އަލޫކް ސެޓު އޮންކޮށްލުމާއެކު ހިމޭން މިއުޒިކެއްގެ އަޑުން ކާރުތެރެ ފުރާލިއެވެ. "އެއްވަނަ." ޝަލީންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އޮފީސް ކައިރިއަށް ދެވުމުން ވަކިވުމުގެ ސަލާމް ކޮށްލާފައި ގޮސް ލިފްޓަށް އެރުނީ ކުރީ ދުވަހު ބޭރުގައި ބައިތިއްބި މީހުންނާއެކުގައެވެ. ޝަލީންއަށް އެމީހުންގެ ހިތްހަމަނުޖެހިފައިވާ ކުލަވަރު ފާހަގަ ވެގެން ރަކިވެފައި ހުރެވުނީ ފާޑަކަށް އަނގަ ހަދާލައިގެންނެވެ. ސޮރީ." އޭނާ ނިކުންނަމުން އެމީހުން ފަރާތުން މަޢާފަށް އެދިފައި އަވަހަށް ދުއްވައިގަތެވެ.

"ކާކަށް ފިލަންވެގެން މާބާރަކަށް ތި ދުވަނީ؟" ގޮނޑިއަށް ވެއްޓިގެންތަނާ ވިރާޝާ ސުވާލު ކުރިއެވެ. އެވަގުތު ޝަލީންގެ ނަޒަރު ހުއްޓުނީ އެކުވެރިޔާގެ އަތުގައި އޮތް ފައިލަށެވެ. "ކޮންތާކަށް ތިދަނީ؟" ޖަވާބުދިނުމުގެ ބަދަލުގައި އޭނާ އެހިއެވެ. "ނިކް ކައިރިއަށް. އޭނަގެ ސޮއި އަތުލަން." ވިރާޝާ ސުވާލު އުފެދިފައި ހުރެގެން ނިތްއަރުވައިލިއެވެ. "ގެނޭ ތި އަހަރެން އަތަށް. އަހަރެން އޭނަގެ ސޮއި ކުރުވައިގެން ގެންނާނަން." ވިރާޝާގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ ޝަލީން ފައިލް ދަމައިގަނެގެން ހިނގައިގަތެވެ.

"އަޅުގަނޑު ވަންނަންތަ؟" ދޮރުފަތް ކުޑަކޮށް ހުޅުވާލުމަށްފަހު ޝަލީން ހުއްދައަށް އެދުނެވެ. ނުހައިކް ވަންނާށޭ ބުނެލިއިރު އެއީ އަދި ޝަލީންކަމެއް ރޭކައެއް ނުލައެވެ. އޭނާގެ ބުމަ ގޮށްޖެހިގެން ދިޔައީ ޝަލީން ގޮސް ކުރިމައްޗަށް ހުއްޓުނީމައެވެ. ދުލުން ބަސް ބުނުމަކާ ނުލާ ޝަލީން ދިއްކޮށްލައިގެން ހުރި ފައިލްގައި ހިފާފައި ގަލަމެއް ނަގައިގެން އަވަހަށް ސޮއިކޮށްލިއެވެ. "ސޮރީ އެބައުޓް ޔޯ ބެސްޓްފްރެންޑް." ޝަލީން ފައިލް އަތަށް ނަގަމުން ބުނެލިއެވެ. ނުހައިކް ކުއްލިއަކަށް ބަލައިލީ އެއަޑު އަހައިފައެވެ. "އެހެންމީހުނާ ދޭތެރޭ ނުހައިކް ތިބަހައްޓާ ދުރުކަމަކީ ހަމަ ޖާއިޒު ކަމެއް. އޭނައަކީ ހަމައެކަނި ނުހައިކްގެ ލޯއްބެއްވެސް ނޫން. ބެސްޓްފްރެންޑްވެސްމެ. އެން އައި އޭމް ޓުރޫލީ ސޮރީ ފޯ ޔޯ ލޮސް. ހައިރާންވޭ ތިވަރުގެ ބޮޑުކަމެއް ހިނގާ ދިއުމަށްފަހު އެހާ އަވަހަށް އަމިއްލަ ނަފްސް ހަމައަކަށް އެޅުވި ގޮތާމެދުވެސް. ތި މަޤާމުގަ އަހަރެން ހުރި ނަމަ އަހަރެން އަދިވެސް އުޅޭނީ ގްރީވިން ޕްރޮސެސްގަ." ޝަލީން ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ހަމްދަރްދީ ފައުޅުކުރިއެވެ. ނުހައިކް އެއްޗެއް ނުބުނެ ބަލަން އިނުމުން އޭނާ އަނެއްފަރާތަށް އެނބުރިފައި ދާންވެގެން ހިނގައިގަތެވެ.

"ހަމަ މިހާރު ހުއްޓޭ!" ދޮރާއި ހަމައަށް ނުދެވެނީސް ޝަލީންގެ ދެފައިގައި ކަސްތޮޅު އެޅުވީ ނުހައިކްގެ އަޑެވެ. ހުރި ފިޔަވަޅުމައްޗަށް ހުއްޓިފައި އެނބުރި ނުލެވިގެން އުޅެނިކޮށް ނުހައިކް ތެދުވެގެން ކައިރިއަށް އަންނަ އަޑު އިވުނެވެ. "އަހަން ބޭނުންތަ އަހަރެންގެ މިހާރުގެ ހާލަތު؟ އޮޅުންފިލުވަން ބޭނުންތަ އަހަރެން އަހަރެންގެ އަމިއްލަ ނަފްސް ހަމައަކަށް އެޅުވީ ކިހިނެތްކަން؟" ނުހައިކް އައިސް ކުރިމައްޗަށް ހުއްޓިފައި ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގިފައި ޝަލީންއަށް ބަލަން ހުރެވުނީއެވެ.

"ތެދެއް. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވަކިވެގެން ދިއުން އެއީ ލިބުނު އެންމެ ބޮޑު ގެއްލުން. އެކަމަކު ދެވަނަ ފަހަރަށް ތިއަންހެންކުއްޖާއާ ބައްދަލުވަންދެން އަހަރެން ހުރީ ރަނގަޅަށް. އަހަރެން ހުރީ އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިގެން. އެކަމަކު ދެވަނަ ފަހަރަށް އަހަރެން ކުރިމައްޗަށް އައިސް ލިޒްގެ ހަނދާންތައް އާރޯކުރި މީހަކީ ތީ. އަހަރެން ނުވިސްނަން ހުއްޓާވެސް ލިޒްއާ ދޭތެރޭ ވިސްނަން މަޖުބޫރު ކުރި މީހަކީވެސް ތީ. ސޯ ޕްލީޒް. ތިހާވަރަށް އަހަރެންނާމެދު ހަމްދަރްދީ ވަންޏާ ވައި ޑޯންޓް ޔޫ ގެޓް ދަ ހެލް އައުޓް މައި ސައިޓް އެން ލީވް މީ އެލޯން!" ފަހަރަކަށްވުރެ ފަހަރެއް ނުހައިކްގެ އަޑު ގަދަވަމުން ގޮސް ފަހު ޖުމްލަ ބުނެލިއިރު ބާރުބާރަށް ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސާލިއެވެ. ބަސްހުސްވެ ފެންކަޅިވެފައި ޝަލީން ހުއްޓާ އޭނާ އަނެއްފަރާތަށް އެނބުރިފައި ގޮސް ގޮނޑީގައި އިށީންއިރު އަދިވެސް ހަމައަކަށް ނޭޅެއެވެ.

"މިހާރު ކީއްވެ ތިހުންނަނީ؟" މިނިޓެއްހާއިރު ފަހުން ނުހައިކް އިސްއުފުލާލިއިރުވެސް ޝަލީން އެހުރިގޮތަށް ގާވެފައި ހުރުމުން ގޮވައިލިއެވެ. ދެފަޔަށް ބާރު ލިބުމުން ޝަލީން އަނެއްކާވެސް ގޮސް ހުއްޓުނީ ނުހައިކް ކުރިމައްޗަށެވެ. "އެކްސިޑެންޓަށްފަހު އަހަރެން ލޯ ހުޅުވައިލީ މުޅިންވެސް ނުދަންނަ މީހުންގެ ތެރެއަށް. ކުޑަމިނުން އަހަރެންގެ ނަމަކީ ކޮބައިކަމެއްވެސް ނޭނގުނު. އަހަރެންގެ މައިންބަފައިން ކަމަށް ބުނި މީހުންނާއެކު ގެއަށް އައީ ގިނަދުވަހެއް ނުވެ އަހަރެންގެ ހަނދާންތައް އަނބުރާ އަންނާނެ ކަމުގެ އުންމީދުގަ. އެދުވަހަކުން އަހަރެންގެ ބީރަތްޓެހިކަން ފިލައި އަމިއްލަ ވަންތަކަމާ ރައްކާތެރިކަން އިހްސާސް ކުރެވޭނެ ކަމުގައި ޔަޤީންކޮށްގެން. އެކަމަކު އެމީހަކު ފެނިގެން އަހަރެންގެ ސިކުނޑީގައި ފުރަތަމަވެސް މާޒީގެ ހަނދާން އާވެގަތް މީހަކަށްވީ އަހަރެންގެ ގާތްމީހުންގެ ތެރެއިން މީހަކު ނޫން. އަހަރެންގެ ދޮންބެއާ މަންމަ ބައްޕަ ހުއްޓާ އަހަރެން ދަންނަ މީހެއް ކަމުގައި ސިކުނޑި އެންގީ ނުހައިކް. ހަޤީޤަތް ހޯދަން ކުރިމައްޗަށް އައިސް ހުއްޓުނީމަ އެނގުނީ އަހަރެން މީ ނުހައިކް ދެކެން ބޭނުންވާ އެންމެ ފަހު މީހާކަން. އެކަމަކު އެވަރުންވެސް އަހަރެން ނިންމީ ނުހައިކްއާ ކުރިމަތިލާން. ކީއްވެ؟ ދެވަނަ ފަހަރަށް ނޯމަލް ދިރިއުޅުމެއް ލިބިދާނެ ކަމުގެ އުންމީދުގަ. އަހަރެންގެ ގާތްމީހުންގެ ތެރޭގައި ބީރަތްޓެއްސެއްހެން އުޅެން ޖެހޭ ދުވަސްތައް ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދުގަ. އެހެންނޫންނަމަ ކާކު އެމީހާދެކެ އެންމެ ނަފްރަތު ކުރާ މީހާ ފަހަތުން ދުވާނީ؟ ހީވޭތަ އަހަރެން ނުހައިކް ފަހަތުން އައީ އެގޮތް ބޭނުން ވެގެންހެން؟" ޝަލީން މަޑުމައިތިރިކަމާއެކު ދެއްކި ވާހަކަތައް ނިމުނުއިރު ނުހައިކްވެސް އިނީ އެއަޑު އިވިގެން ހައިރާންވެފައެވެ. އޭނާ އެއްޗެއް ބުނަން ބޭނުންވެގެން ތުންފަތް ހަލުވާލައިފައިވެސް ހުއްޓާލެވުނީއެވެ. ޝަލީން ފުރަގަސްދީފައި ނިކުންނަން ދާން ފެށުމުން ބޭއިޚުތިޔާރުގައި އެދިމާއަށް ދިއްކޮށްލެވުނު އަތްތިލަ ތިރިކޮށްލައިފައި މުށްކަވައިލެވުނީ އަމިއްލަ ނަފްސްދެކެ ހިތްހަމަ ނުޖެހިފައެވެ.

"މަންމާ. ހެނދުނު ދެއްކީމެއްނު ދަތުރެއްގެ ވާހަކައެއް. އެދަތުރު އަދިވެސް އޮތީ ކުރިއަށްތަ؟" ޝަލީން އޮފީސް ނިންމާފައި ގޮސް ވަންއިރު ގޭތެރެއިން މަންމަ ފެނިގެން އަހައިލިއެވެ. "ވިޝާ ބުނެފި ދާހިތްވާ ވާހަކަ. އެހެން އެކަކުވެސް ވަކި އެއްޗެއް ނުބުނޭ. ކިހިނެތްވީ؟ ދަރިފުޅު ދާހިތްވީތަ؟" ޝަލީން އިސްވެ އެވާހަކަ ދެއްކުމުން ނަޖުމާގެ ދެލޯ ވިދައިލިއެވެ. "އާ މަންމާ. އަހަރެން ބޭނުން އެދަތުރު ދާން. ބޭނުމީ އަދި ވީހާ އަވަހަކަށް ދާން." ޝަލީން ބޭނުންވާ ގޮތް ހާމަކޮށްލައިފައި ހަރުކޮށް ސިޑިން އަރައިގެން ގޮސް ގެއްލުނެވެ.

ޝަލީން އެދިގެން ނަޖުމާ ދެން އެވާހަކަ ދެއްކީ އެރޭ ކެއުމުގެ ވަގުތުގައެވެ. ދުވަސްވަރުގެ ގޮތުން އިމާދުއަށް ދެވެން ނެތަސް ޝާހަމް ފޮނުވާނެ ކަމަށް ބުންޏެވެ. "ދޮންބޭ. ދާންވާނެ." ޝަލީން އާދޭހާއެކު އެދުނެވެ. އޭރު ވިޝާވެސް އިނީ ޝާހަމް އާއެކޭ ނުބުނެގެންނެވެ. "އެންމެ ރަނގަޅު." އެކި މީހުންގެ މޫނަށް ވަކި ވަކިން ބަލާލުމަށްފަހު ޝާހަމް އެއްބަސްވިއެވެ. ޝަލީން ފޮނިވެގެން އަތް ތަޅާލައިފައި ބައްދާލީ ކައިރީ އިން ވިޝާގެ ގައިގައެވެ.

ދެދުވަސްތެރޭ ދަތުރު ހަމަޖެހިގެން ދިޔައިރު އެމީހުންނާއެކު އަލޫކްވެސް ދާން ހަމަޖެހުނެވެ. ފުރަން ހަމަޖެހިފައިވާ ގަޑިއަށް އެއަރ ޕޯޓަށް ދިޔައިރު ޝަލީން ހުރީ ނުތަނަވަސް ވެފައެވެ. ޗެކިން ނިންމާފައި ބޯޓަށް އަރާ ވަގުތު ނުޖެހިގެން ތިބިއިރު އޭނާ މިނިޓަކަށްވެސް އަނގަ ހުއްޓައެއް ނުލައެވެ. އަލޫކް ބަލައިލިއިރު ޝަލީން ފައި ހަލުވާލަ ހަލުވާލާ އިނީ ނިކަން ހާސްވެފައެވެ.

"ޝަލީ. ހާސްނުވޭ. އަހަރެން ހުއްޓާ ޝަލީއަށް އެއްވެސް ދެރަގޮތެއް ވިޔަކަ ނުދޭނަން." އަލޫކް ކުއްލިއަކަށް ޝަލީން އަތަށް ފިތާލައިފައި ޔަޤީންކަމާއެކު ބުނެލިއެވެ. ޝަލީން ބަލައިލުމުން އެތުންފަތަށް ވެރިކޮށްލި ހިނިތުންވުމުން އެކަނިވެސް މެއަށް ފިނިކަން ގެނެސްދިނެވެ. އޭނާ ބޯޖަހައިލީ އަލޫކްގެ އެބަހަށް އިތުބާރުކުރަމޭ ބުނާފަދަ ގޮތަކަށެވެ. ދުރުގައި ޝާހަމްވެސް ހުރީ ހީވާގޮތުން ޝަލީންއާ އެއް ހާލެއްގައެވެ ތަފާތަކީ ކޮއްކޮއަށްވުރެ އޭނާ އަމިއްލަ އިހްސާސްތައް ފޮރުވަން މޮޅުކަމެވެ.

"ހިނގާ އަވަހަށް ދާން!" ވަގުތު ޖެހުމުން އެންމެން ތެދުވެގެން ދާން ހިނގައިގަތެވެ. ޝަލީން ތެދުވެފައި އެވަގުތުވެސް ހިފައިލީ އަލޫކްގެ މުލައްދަނޑީގައެވެ. ދެމީހުން އެންމެކުރީގައި ގޮސް ބޯޓަށް އަރަން ދިމާކުރިއިރު ނަޖުމާއާ ދެންތިބި މީހުންގެ ސަމާލުކަން އެދެމީހުންނާއި ގުޅިގެން ދިޔައެވެ.

"ކިހިނެތްވީ؟" ސިޑީގެ މެދާކަށް ހިސާބަށް އެރިފަހުން ޝަލީން ކުއްލިއަކަށް ހުއްޓުމުން އަލޫކް އަހައިލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޝަލީން ފަސްއެނބުރި ބަލައިލީ ބޯޓަށް އަރާ މީހުން ފުރުވަން އައިސް ތިބި ބައިގަނޑާއި ދިމާއަށެވެ. ދުވަސްތަކެއް ކުރިން އޭނާއަށް ނުސާފުކޮށް ފެނުނު ސޫރަ އެއްވެސް ކޫރުމެއްނެތި ސިފަވެގެން އައުމުން ގަނޑުވެފައި ބަލަން ހުރެވުނީއެވެ. އޭނާއަށް ވަދާޢު ކިޔަން އައިސް ހުރެގެން ހަނާ އަޅާލަ އަޅާލާ ހުރި މީހަކީ ކާކުކަން އެނގުމުން ކުރިއަށްވުރެ ސުވާލުތައް ވީ އިތުރެވެ. އަލޫކް ދެވަނަ ފަހަރަށް ގޮވައިލުމުން އޭނާ ކަމެއް ނުވެއޭ ބުނެ ބޯހޫރާލައިފައި ބޯޓަށް އެރި ނަމަވެސް ދެން އެހިޔާލު ހިތުން ނެރެއެއް ނުލެވުނެވެ.

ބޯޓު ނައްޓާލިއިރު އަލޫކް އިނީ ފަރުވާވެ ޝަލީންގެ ހަރަކާތްތަކަށް ބަލާށެވެ. ދެލޯ މަރައި ބާރުކޮށްގެން އިންއިރު ދެއަތްތިލަ ދާހިއްލައި ނިއްކުރީގައިވެސް މުތީތައް ވިދަން ފެށިއެވެ. ނޭވާ ލާން އުދަނގު ވެގެން އުޅޭ މީހަކު ފަދައިން ފުންކޮށް ނޭވާލާތަން ފެނުމުން އަލޫކް ހާސްވެއްޖެއެވެ. ހަދާނެ ގޮތެއް ނޭނގިގެން އޭނާ ޝަލީންގެ ކޮނޑާއި ހިސާބުން އަތް ވަށާލައިފައި ގެނެސް ގަޔާއި ކައިރިކޮށްލައިފިއެވެ. ލޯ ނުހުޅުވާ އިނދެފައި ޝަލީންވެސް ކީ މަރުހަބާއެވެ. އަލޫކްގެ މޭގައި މޫނު ޖައްސާލެވުމުން ހިތަށް ހިސާބެއްގެ ލުއި ކަމެއް އައިސް އޭނާ ހަމައަކަށް އެޅޭގޮތްވިއެވެ.

ޝާހަމް ފުރަތަމަވެސް އައިޕޮޑް ނަގާފައި ހިތްގައިމު ލަވައެއް އޮންކޮށްލައިގެން އެޅީ ހެޑްސެޓެވެ. ލޯމަރައިލުމުން ހިނދުކޮޅަކަށް ނަމަވެސް ހަމަޖެހިލައިގެން އިނދެވުނެވެ. ދެން އައި ނައިތަނެއް ނޭނގި އެދުވަހުގެ މަންޒަރުތައް ހިތުގެ ލޯގަނޑަށް އެޅިގެން ސިފަވެގެން އައީ އަމިއްލަ ބާރަކާ ނުލައެވެ.

*****

"ބިރުންތަ ތިއިނީ؟" ޝާހަމް ސުވާލުކޮށްލުމުން ލިޒް ލޯ ހުޅުވައިލިއެވެ. "ދުވަހަކުވެސް އަދި މިނޫނީ ބޯޓަކަށް ނާރަން." ލިޒް ދިން ޖަވާބު އަހާފައި ޝާހަމްއަށް ބުމަ އަރުވައިލެވުނެވެ. "ތެދެއް މިބުނީ." އިތުރަށް ޔަޤީންކޮށް ދިނުމުގެ ގޮތުން ލިޒް ބުނެލިއެވެ. ޝާހަމް ބޯޖަހާލައިފައި ދުރު ބަލައިލި ވަގުތު އޭނާގެ ހިތް ތެޅިގަތީ ނުހަނު ބާރަށެވެ. ފެނުނު މަންޒަރު ޔަޤީން ނުވެގެން ލޯ ފުހެލާފައި ބަލާލި ނަމަވެސް ބަދަލެއް ނުވިއެވެ. މެދުގައި އޮތް މަގުގެ އަނެއް ފަރާތުން ފުރަތަމަ ޖެހޭ ގޮނޑީގައި އެއިނީ ޝަލީންއެވެ. "ލިޒް އަހަރެން އެބަ އަންނަން." ލިޒް ބޯޖަހައިލިތަން ދެކެފައި އޭނާ ގޮސް ކޮއްކޮ ކުރިމައްޗަށް ހުއްޓި އަތުގައި ކޮށްޓާލުމުން ޝަލީން ލޯ ހުޅުވައިލިއެވެ. ދެވަނަ ސިކުންތުގައި ފުންމައިގެން ތެދުވެ ހުރީ ކޮޅަށެވެ. ކެބިންކުރޫންގެ ކުއްޖަކަށް ފެނިގެން އައިސް އަމިއްލަ ސީޓަށް އެނބުރިދާން އެދުމުން ޝާހަމް އެދުނީ ކުޑަ ވަގުތުކޮޅަކަށެވެ.

"ކީއްތިކުރަނީ؟" ޝާހަމް ހައިރާންކަމާއެކު އެހިއެވެ. ޖަވާބުދިނުމުގެ ބަދަލުގައި ޝަލީން އިސްޖަހައިލީ މޮޅިވެފައެވެ. "ދޮންބެ ކައިރީ ބުނެފިއްޔާ ޤަބޫލެއްވެސް ނުކުރާނެ." އޭނާގެ ޖަވާބުވީ އިތުރު ސުވާލަކަށެވެ. ޝާހަމްއަށް އެއްޗެއް އޮޅުން ނުފިލައިގެން ނިތް އަރުވައިލި ނަމަވެސް ޝަލީން އިތުރަށް ކިޔައިދޭން ފަސް ޖެހުނެވެ. އޭނާ ތުންފަތުގައި ދަތް އަޅާލައިފައި ބޯ ހޫރާލީ ދެފަރާތަށެވެ. އެވަގުތު ބޯޓަށް ބާރުގަދަ ލޮޅުމެއް އަރައިގެން އެކި މީހުން އެކި ދިމާއަށް ދިޔަ ވަގުތު ޝާހަމްވެސް ވިއްސައިގެން ގޮސް ޖެހުނީ މާދުރަށެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ހޭވެރިކަންވީ ހީވާގޮތުން އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. ލޯ ހުޅުވާލިއިރު ނިއްކުރިމަތިން ދިޔާ އެއްޗެއް ރޮނގު ދެމެމުން އައިސް މޫނަށް ފައިބަމުން ދިޔަކަން އިހްސާސްވިއެވެ. އަތުން މޫނު ފުހެލާފައި ބަލާލިއިރު އަތްތިލައިގައި އޮތީ ހުސް ލެއެވެ. ތެޅިގަނެފައި ފުންމައިގެން ތެދުވިއިރު އޭނާއަށް ފެނުނީ ލެއިން ތަތްތެޅިފައިވާ ހަށިތަކެވެ. ކަންފަތުގައި ހަރުލީ ރޮއި ހަޅޭތްލަވާ އަޑެވެ.

 

ކޮމެންޓް 0