ލިޒްގެ ހިޔަނިހެން އީޝާ އުޅުނީ. ދެމީހުންނަކީ ކަޒިންސް. އަހަރެން އެގެއަށް ގޮސް އުޅޭއިރު ޝަލީންއާ އޭނަ ވައްތަރުވެ އަބަދު ކިޔަން. ފަހުން އަހަރެން ލިޒްއާ ގުޅުނު ހިސާބުން އޭނަ ދެން ކިޔާ އުޅުނީވެސް ދޮންބެ. މާލެ ދޫކޮށް ދާން އުޅުމުން ލިޒް އެދުނީ އަހަރެމެން ދާ ތާކަށް އީޝާވެސް ގެންދަން. އެއީ ލިޒް ފަދައިން އޭނާއަށް އަޅައިލާނެ މީހަކު ނެތީމަ. ލިޒް އީޝާދެކެ ލޯބިވީ މަންމައަކު އަމިއްލަ ދަރިއަކުދެކެ ލޯބިވާހެން." ޝާހަމް ހިމޭނުން އިނދެގެން ކިޔައިދިނެވެ.
"ޝިވަމް އައީ ކަންނޭނގެ." ދޮރުފަތުގައި މީހަކު ޓަކިދޭން ފެށުމާއެކު ޝާހަމް ބުނެލިއެވެ. ވިޝާ އެދިމާއަށް ބަލާލައިފައި ގޮސް ދޮރު ހުޅުވާލިއިރު ތެދެކެވެ. އެމީހުންނަށް ފުރުސަތު ދީފައި އޭނާ ނިކުމެގެން ގޮސް ތިރި ބަލަން ހުއްޓާ އިރުކޮޅަކުން ޝާހަމްވެސް އައިސް ކައިރިއަށް ހުއްޓުނެވެ. "ސޯ؟" ސުވާލުކޮށްލިއިރު ވިޝާގެ ނަޒަރު ހުއްޓިފައި ހުރީ ސިޓިންރޫމްގައި އިން ނަޖުމާއަށެވެ. "އަހަރެންނަކަށް ނޭނގެ ވިޝް ތިކުރަން އުޅޭ ސުވާލުގެ ޖަވާބެއް." ޝާހަމް ބުނެލިއެވެ. އެއަޑަށް ވިޝާ ހައިރާންވެފައި މޫނު އަނބުރައިލިއެވެ. "ދެން ކާކަށް އެނގެނީ؟ ކޮންމެ ގޮތެއްވިއަސް އެކުއްޖާގެ ނުރުހުމުގަ އެއީ ޝަލީއަށް ހަދައިގެން ދެން ނުގެންގުޅެވޭނެ. ދެން ޖެހޭނީ އެވާހަކަތައް މިގޭ އެހެން މީހުންނަށް އަންގަން." އަޑު އަހަން ކިތަންމެ އުދަނގޫވި ނަމަވެސް ވިޝާ ހާމަކުރީ ހަޤީޤަތެވެ. ޝާހަމް ފާޑަކަށް ހުރެގެން ނިތުގައި ދެފަހަރަކު ފިރުމާލައިފައި އަނެއްކާވެސް އެނބުރުނީ އަނެއްފަރާތަށެވެ. ތިރިއަށް ފޭބުމުގެ ބަދަލުގައި އޭނާ ގޮސް މައި ބެލްކަންޏަށް ނިކުމެ ގޮނޑިއަކަށް ވެއްޓިގަނެގެން އިނެވެ.
ޝިވަމް ގުޅަން ފެށުމުން ޝާހަމް ދިޔައިރު ނިކުމެ ހުރީ ކޮޓަރި ދޮރުމަތީގައެވެ. "ހައު އިޒް ޝީ؟" ޝާހަމް އަވަސް އަވަހަށް އެތެރެއަށް ނަޒަރު ހިންގާލައިފައި އެހިއެވެ. "އީޝާއަށް ބޭނުންވަނީ ރެސްޓް. އަހަރެން އޭނައަށް ނިދާ އިންޖެކްޝަނެއް ދީފަ މިއައީ. އެއްޗެއް ބުނަން އެނގޭނީ އޭނަ ހޭލައިގެން ވާހަކަ ހުންނަ ގޮތަކުން." ޝިވަމް ކިޔައިދިނެވެ. ޝާހަމް އަދިވެސް އެތެރެއަށް ބަލަހައްޓައިގެން ހުއްޓާ ކޮނޑުގައި މަޑުމަޑުން ޖަހާލައިފައި ސިޑިއާ ދިމާއަށް ދިޔައީ ހޭލާއިރަށް ގުޅަން ބުނެފައެވެ. އެހިސާބުން ޝާހަމް އަނެއްކާވެސް ވަނީ ކޮޓަރި ތެރެއަށެވެ.
ކުދި ފިޔަވަޅުތަކެއްގައި ގޮސް އީޝާ އޮތް ސޯފާގެ ކުރިމަތީ އެމޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ގުދުވެލާފައި އީޝާ ނަގައި އަތުތެރެއަށް ލައިގެން ނިކުމެ ޝަލީންގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އެތެރެއަށް ވަދެ އެނދުގައި އީޝާ ބާއްވާފައި އޭނާ ޖެހިލީ ހުޅުވާފައި ހުރި ބެލްކަނީ ދޮރާއި ދިމާއަށެވެ. އީޝާއަށް ފިނިވެދާނެތީ އެދޮރުތައް ލައްޕައި ފޮތިތައް ދަމާލައިފައި އޭނާ ގޮސް އިނީ ތަންކޮޅެއް ދުރުގައި ހުރި ސޯފާއަށް ވެއްޓިގަނެގެންނެވެ. ޝާހަމްގެ ނަޒަރު އީޝާގެ މޫނަށް ހުއްޓިފައި ދެތިން ސިކުންތު ތެރޭގައި ލޮލުން ކަރުނަ ތިކިތައް ފޭދިގެން ތިރިއަށް ދެމިގަތެވެ. ލޯމަރައިލުމާއެކު އެނުރައްކާތެރި އެކްސިޑެންޓްގެ ވަގުތު އަދިވެސް އެއްފަހަރު ސިކުނޑި ވަށައިލިއެވެ. މިއަދު އީޝާއަށް ހަޤީޤަތް ވުމާއެކު ހީވީ އަލުން ކޮއްކޮ އޭނައާ ވަކިވެގެން ދިޔަ ހެންނެވެ. ދެފައި މައްޗަށް ކޮޅަށް ތެދުވެވުމާއެކު މޮޔައެއްހެން އޭނާ ކޮއްކޮއަށް ގޮވަމުން ހަޅޭތްލަވަމުން ދުވިއެވެ. ފެނުނުއިރު އެރީތި މޫނު ލެއިން ކަޅިވެ ނާޒުކް ހަށިގަނޑަށް ވެފައި ހުރި އަނިޔާތައް ފެނިފައި ހިތް ކުދި ކުދި ވިއެވެ. ނަސީބު ދެރަކަމުން ލިޒްއަށް ލިބުނު ނަސީބުވެސް އޭނާގެ ކޮއްކޮއަކަށް ނުލިބުނެވެ. ފެނުނުއިރުވެސް އެހަށިގަނޑާއި ފުރާނަ ވަނީ ވަކިވެފައެވެ. ކުޑަމިނުން ވަދާޢު ކިއުމުގެ ފުރުސަތުވެސް އޭނާއަށް ނުލިބުނެވެ
ބަންޤި ގޮވަން ފެށުމުން ޝާހަމް ތެދުވެގެން ދިޔައިރު އީޝާ އޮތީ އަދިވެސް ފުން ނިދީގައެވެ. އޭނާ ގޮސް ކައިރިވެލުމަށްފަހު ގައިމަތީ އޮތް ރަޖާގަނޑު ރީތިކޮށްލަދީފައި ނިކުމެގެން ދިޔައެވެ. ޝާހަމް ނިކުމެގެން ދަމުން އީޝާގެ ޚަބަރު ބަލަން ހަވާލުކުރީ ވިޝާއަށެވެ. ކޮޓަރީގައި ނަމާދު ކޮށްލައިގެން ނިކުމެ ވިޝާ ހުރީ ފުރަތަމަ އެތެރެއަށް ވަންނަން ޖެހިލުންވާ ގޮތް ވެފައެވެ. އެއަންހެންކުއްޖާއަށް ހަޤީޤަތް އެނގުމަށްފަހު އޭނާއާ ދޭތެރޭ ދެކޭނެ ގޮތެއް ނޭނގޭތީ ވިޝާ ކަންބޮޑުވިއެވެ. ކޮންމެގޮތެއްވިއަސް ޝާހަމްއަކީ ލިޒްގެ ލޯބިވެރިޔާއެވެ.
"ކިހިނެތްވީ ތިތާ ތިހުރީ؟" ނަޖުމާ މައްޗަށް އަރާފައި ވިޝާ ފެނިގެން ސުވާލުކުރި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. "ޝަލީންއަށް ކަމެއްވީތަ؟"ނަޖުމާ އޭނާގެ މޫނުން ހޯދައިގެން އިތުރަށް އަހާފައި އެކޮޓަރީގެ ތަޅުގައި ހިފާލަން އުޅުމުން ވިޝާގެ ހިތް ފުންމަ ފުންމައިގެން ދިޔައެވެ. މިވަގުތު އީޝާ އެއޮތީ އެގޭ އެހެން މީހުންނާއި ބައްދަލު ކުރުވަން ޝާހަމް އެދޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެވަރަކުން އޭނަ ކައިރީ އީޝާއަށް ބަލައިލައްޗޭވެސް ޝާހަމް ބުނީ ވަކި ބޭނުމެއްގައެވެ. "އެތެރެއަށް ވަންނަން އުޅެފަ ފޯނެއް އައިހެން ހީވެގެން ބަލައިލަން މިމަޑުކޮށްލީ." ވިޝާ އަވަހަށް ވާހަކައެއް ހަދާލައިފައި ޖީބުން ފޯނު ނަގައި ދައްކައިލިއެވެ. ނަޖުމާ ހިނިތުންވެފައި އެހެން ހެއްޔޭ ބުނެލުމަށްފަހު ފަސްދީފައި ދިއުމުން އޭނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އިތުރަށް މަޑުނުކޮށް ދޮރު ހުޅުވާލައިފައި ވަންއިރު ކޮޓަރިތެރެއަށް ވެރިވެފައި އޮތީ ފަނޑު އައްޔެކެވެ. ވިޝާ ގޮސް އީޝާ އޮތް އެނދު ކައިރިއަށް ހުއްޓި އެމޫނަށް ކަޅި ހުއްޓައިލިއެވެ. އެކުވެރިޔާގެ ސޫރައިގައި އޮތަސް އެއީ އެކުވެރިޔާ ނޫންކަން ހަނދާންވެފައި ލޮލުގައި ކަރުނަ ފާއްދައިލިއެވެ. އަދި ނަޖުމާއާ އިމާދުއަށް ހަޤީޤަތް އެނގޭ ވަގުތު ވާނެ ގޮތެއްވެސް ނޭނގެއެވެ. އެމީހުން ދެލޯ ފަދައިން ލޯބިވި ދަރިފުޅު ދުނިޔޭގައި ނެތްކަން އެނގޭ ވަގުތު ހިތާމައިން އެދެމީހުން ކުދިކުދި ވެގެން ދާނެކަން ކަށަވަރެވެ.
ވިޝާއަށް ބަލަން އުދަނގޫވެގެން މޫނު އަނބުރާލެވުނީ އަނެއްފަރާތަށެވެ. ކަރުނަ ފުހެން އޭނާ ހުރީ ފުރަގަސްދީގެންނެވެ. ހަޤީޤަތް އެނގިހުރެ އީޝާގެ މޫނަށް ބަލާކަށް އޭނާއަކަށް ދެން ކުޅަދާނައެއް ނުވާނެއެވެ. އީޝާ ކޮންމެފަހަރަކު ހަނދާންވާނީ ވަކިވެ ގޮސްފައިވާ ޝަލީން މަތިންނެވެ. އެއިން ކޮންމެފަހަރަކު ހަނދާންވާނެ އެއްޗަކީ ޝަލީން ދެން ދުވަހަކުވެސް ފެންނަ ހިސާބަށް ނާންނާނެ ކަމެވެ. އެދުވަހު އަދި ޝާހަމްއަށް ކިހާ ވަރެއް ވާނެހޭ ހިތާއި ސުވާލު ކުރެވިފައި ހަމްދަރްދީ ވެވުނެވެ. އެދުވަހު ވަކިވެގެން ދިޔައީ އެންމެ ފުރާނައެއް ނޫނެވެ. ޝާހަމް އެންމެ ލޯބިވި މީހުންގެ ތެރެއިންވެސް ދެފުރާނަ އެކީގައެވެ.
"ވިޝް؟ އީޝާ ހޭލައިފިތޯ ބެލިންތަ؟ ދިޔައިންތަ އެކޮޓަރިއަށް؟' ޝާހަމް ނަމާދުން އައިސް ވަދެފައި ކޮޓަރިން ވިޝާ ފެނިގެން ސުވާލުކޮށްލިއެވެ. ވިޝާ އޭރު އިނީ އެނދަށް އަރައި ލެޕްޓޮޕުން ފޮޓޯތަކެއް ބަލާށެވެ. ޖަވާބެއް ނުލިބުމުން ޝާހަމް ގޮސް ބަލައިލާފައި ވިޝާ ބަލާއެއްޗެއް ފެނިގެން ގަނޑުވިއެވެ. ސްލައިޑުވެގެން ފެންނަމުން ދިޔައީ ޝަލީންއާއެކު ނަގާފައިވާ ފޮޓޯތަކެވެ.
"އަހަރެން ވަރަށް މަސައްކަތް ކޮށްފިން. އެކަމަކު ހަނދާނެއް ނުވި އެންމެފަހުން ޝަލީއާ ބައްދަލުވެ ވާހަކަދެއްކި ވަގުތެއް. ކައިވެނީގެ ދުވަހު އަހަރެން އުޅުނީ އަހަރެންގެ އަމިއްލަ އުފާތަކަށް ހުރަސް އެޅިދާނެތީ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ޝާހަމްގެ އަންބަކަށް އަހަރެން ވާނެ ވަގުތަކަށް. އެދުވަހު އެއްފަހަރުވެސް ޝަލީއާ އަހަރެން ބައްދަލުވި ކަމެއް ކުޑަކޮށްވެސް ހަނދާނެއް ނުވި." ކަރުނައިގެ ތެރެއިން ވިޝާ ވާހަކަދެއްކިއެވެ. ރޮއިރޮއި އެދެލޯ ދުޅަވެފައި ހުއްޓާ ފެނުމުން ޝާހަމްގެ ހިތަށްވެސް އަސަރުކޮށްފިއެވެ. ނޭފަތު ކުރިއާއެކު މުޅި މޫނު ރަތްވެ އިސްތަށިގަނޑު އޮތީ ތަރުތީބު ގެއްލިފައެވެ.ޝާހަމް ތިރިވެ މަގަތުގައި އިށީންދެލައިފައި ވިޝާ އަތަށް ފިއްތައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެކަމަކު ބުނަންވީ އެންމެ ލަފްޒެއްވެސް ދުލަކަށް ނައެވެ. ވިޝާ ފަދައިން ޚުދު އޭނާވެސް އެދުވަހު އުޅުނީ އަމިއްލަ އުފާތަކައިގެންނެވެ. އޭނާ މަސައްކަތް ކުރީ މުޅިއާއިލާ ދޫކޮށްލާފައި ލޯބިވެރިޔާ ގޮވައިގެން މާދުރަށް ގޮސް ފިލާށެވެ.
"ރުޔަކަސް ވާނެ ފައިދާއެއް ނޯންނާނެ. ދެން ހުއްޓާލާ! ހިތްވަރު ކުރަންވާނެ." ޝާހަމް އިރުކޮޅެއް ފަހުން ކަރުކެހިލާފައި ވާހަކަދެއްކިއެވެ. މޫނު ދޮވެލައި ތާޒާ ވެލަން ލަފާ ދީފައި އޭނާ ނިކުތީ އީޝާ ކޮބައިތޯ ބަލަން ވެގެންނެވެ. މަޑުމަޑުން އެކޮޓަރީގެ ތަޅުގައި ހިފާ އަނބުރައިލީ ނިދިފައި އޮތަސް ނުހޭލެވޭނެހާ މަޑުންނެވެ. ފަނޑުއަލީގެ ތެރޭގައި އީޝާ އަދިވެސް އެނދުގައި އޮތްހެން ހީވެގެން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދޮރުލައްޕާލަން އުޅެފައި އޭނާއަށް ޝައްކުވީ ފޮތިގަނޑު ކަހާލައިފައި ހުއްޓާ ފެނިގެންނެވެ. ވިޝާ އައެއް ކަމަކު ވިޝާވެސް ރޭގަނޑުގެ އެގަޑީގައި އެހެން ހަދައިފާނެހެން ހީނުވީއެވެ. ޝާހަމް ވިސްނަން ހުރެލާފައި ގޮސް އީޝާ ގައިމަތީ އަޅާފައި އޮތް ރަޖާ ހިއްލާލުމާއެކު މެއަށް ފިނިވެގެން ދިޔައެވެ. އެނދުގައި އޮތީ ބަރިއަކަށް އަތުރާފައި އޮތް ބާލީސްތައް އެކަންޏެވެ.
*****
"ޝުކުރިއްޔާ." ޑްރައިވަރ ޓެކްސީ މަޑުކޮށްލުމާއެކު އީޝާ ބުނެލިއެވެ. އަތްދަބަހުން ފައިސާ ނަގައި ހަވާލުކުރިއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން ފެންނަމުން ޒެނިތްއޭ ކިއުނު އިމާރާތަށެވެ. ދެން ނިކުމެ ދޮރުލައްޕާލި ގޮތަށް ޓެކްސީ ގޮސް ގެއްލޭންދެން އޭނާ ބަލަން ހުރީ ހަމަ އެއިމާރާތަށެވެ. އެއީ ދުވަސްތަކެއް ވާންދެން އޭނައާއި އޭނާގެ ދައްތަ އުޅުނު ގެއެވެ. ބެލްކަނީ ގިނަ އަދަދަކަށް އަތުރާފައިވާ ޕޮޓްތައް އަދިވެސް ހުއްޓެއް ކަމަކު ދައްތަގެ ބަގީޗާއަށް އައިސްފައިވާ ހީނަރުކަން އެހިސާބުންވެސް އޭނާއަށް ފާހަގަ ކުރެވުނެވެ. ފޯނު ރިންގް ވާންފެށި އޭނާ އެފިޔަވަޅުމަތީ ހުއްޓައެވެ. ނަގައި ބަލައިލާފައި ސްކްރީނަށް އަރާފައިވާ ޝާހަމްގެ ނަން ފެނުމުން ފޯނު އަނބުރާލީ ދަބަސް ތެރެއަށެވެ.
"އީޝާ ޕްލީޒް ފޯނު ނަގާބަލަ. ހެޔޮނުވާނެ!" ޝާހަމް ފޯނު ހިފައިގެން ހުރެ ދެކޮޅަށް ހިނގަމުން ވާހަކަދެއްކިއެވެ. އޭރު ވިޝާ މޭގައި އަތް އަޅާލައިގެން އެމަންޒަރު ބަލަން ހުރީ ޝާހަމްއާ އެއް ހާލަތެއްގައެވެ. އެހާބޮޑު ޝޮކެއް ލިބުމަށްފަހު އެއަންހެންކުއްޖާ އެކަނިމާއެކަނި ނިކުމެގެން ގޮސް ލިބިދާނެ ގެއްލުމަކަށްޓަކައި ޝާހަމް ފަދައިން އޭނާވެސް ކަންބޮޑުވެއެވެ.
ފޯނު ރިންގް ވޭވޭ ގޮސް ކެނޑުމުން ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް ޝާހަމް ގުޅިއެވެ. އެކަމަކު ނަތީޖާ ސުމެކެވެ. "އޭނަ ދާނެ ތަނެއް ނޭނގޭތަ؟ އޭނަގެ ތިމާގެ މީހުން ނޫޅޭތަ މިކޮޅަކު؟" ފިރިމީހާ ހާސްވެގެން އުޅޭގޮތް ބަލަން ނުކުޅެދިފައި ހުރެ ވިޝާ ބުނެލިއެވެ. ޝާހަމް ހުއްޓުނީ އެއަޑު އަހައިފައެވެ. "އޭނަ ދާނެ ހުންނާނީ އެންމެ ގެއެއް." ޔަޤީންކަމާއެކު ޝާހަމް އެހެން ބުނެލިއިރު ހިތުގައި އޮތީ ނުހައިކްގެ އެޑްރެހެވެ. ދެން އެންމެ ސިކުންތެއްވެސް މަޑުކުރުމަކާ ނުލާ ކޮޓަރިން ނިކުމެގެން ގޮސް ގެއްލުނެވެ. ވިޝާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ޝާހަމް ނިކުތްތަން ފެނުމުން އަތް ދިއްކޮށްލި ގޮތަށް ބަލަން ހުރެވުނީއެވެ. ދެން އެނބުރިފައި ގޮސް އިނީ އެނދުގައި އިށީންދެ ތުންފަތުގައި ދަތް އަޅާލައިގެންނެވެ.
ބެލް ޖަހަން ފެށުމުން ސާރާ ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ޝާހަމްއެވެ. ޝާހަމްއަށް ސާރާ ނޭނގުނަސް ސާރާއަށް ޝާހަމް އެނގިގެން ބަލަން ހުރެވުނެވެ. "ނުހައިކް އުޅޭތަ؟" ބީރަތްޓެހި ބެލުމަކުން ބަލާލައިފައި ޝާހަމް އެހިއެވެ. "އެބަ އުޅެން. ކީއްކުރަން އަހަރެން ހޯދަން ތިއައީ؟" ސިޓިންރޫމާއި އެންމެ ކައިރިއަށް ހުރި ކޮޓަރިން ނިކުތްތަނާ ނުހައިކްއަށް ޝާހަމް ފެނިގެން އެދިމާއަށް އަންނަމުން ވާހަކަދެއްކިއެވެ. ސާރާ އެނބުރިފައި ދަރިފުޅުގެ މޫނަށް ބަލައިލުމަށްފަހު އެމީހުންނަށް ފުރުސަތު ދީފައި ވަދެގެން ދިޔައެވެ. ޝާހަމް އެތެރެއަށް ވަނީ ދެނެވެ.
"އަދިވެސް އޮޅުވާލެވުނުވަރު ކުޑަވެގެންތަ މިތަނަށް ތިއައީ؟" ޝާހަމްއަށް އެއްޗެއް އަހައިނުލެވި އުޅެނިކޮށް ނުހައިކް ރުންކުރުކޮށް އެސުވާލު ކުރިގޮތުން އޭނާއަށް ބުމަ އަރުވައިލެވުނެވެ. އީޝާއަށް ހަޤީޤަތް އެނގުމުގައި މެދުވެރިއަކަށް ވެފައި ހުންނާނީ ނުހައިކްކަން އޭނާ ލަފާކޮށްލެވިއްޖެއެވެ. "އަހަރެން ކުރި ކަންތައްތަކުގެ ތަފްޞީލު އެހެން މީހުންނަށް ކިޔައިދިނުން މުހިންމުކަމެއްގެ ގޮތުގައެއް ނުދެކެން. އަހަރެން ކުރިކަމެއް ވިއްޔާ ކުރީ އަހަރެންނާ އެކަން ހަވާލުކުރި ފަރާތުން އެދުނު ގޮތަށް." ޝާހަމް އަމިއްލަ ދިފާޢުގައި ބުނެލިއެވެ. "އޯހ." އެއަޑު އިވުމުން ނުހައިކް މަލާމާތް ކުރާ ވައްތަރަށް އިއްވައިލިއެވެ. ކައިރިއަށް އައިސް ހުއްޓުނުއިރު ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާކަން އިހްސާސް ވެގެން ނަގައި ބަލައިލިއިރު ޝާހަމްވެސް ސްކްރީނަށް ކަޅިއެއް އެއްލިއެވެ. އެކަމަކު އޭނާއަށް އޭގައި އޮތް ނަން ރީތިކޮށް ފެންނަވަރެއް ނުވިއެވެ.
"ކިހިނެތްވީ؟" ނުހައިކް ތަންކޮޅެއް ފަހަތަށް ޖެހިލާފައި ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ދެއްކި ވާހަކަ އަހަން އޭނާ ހުރީ ޝާހަމް މޫނަށް ބަލަހައްޓައިގެންނެވެ. އޭރު ޝާހަމްވެސް ހުރީ އެފޯނުގެ ހަޤީޤަތް ހޯދަން ބޭނުންވެފައެވެ. ނުހައިކްއަށް ގުޅައިގެން އެހުރީ އީޝާކަން ނުވަތަ ނޫންކަން ބަލަން ބޭނުންވިއެވެ. "ޝަލީގެ ސިކުނޑީގެ ހާލަތު އަދިވެސް ވަރަށް ނާޒުކް. އޭނަގެ ޑޮކްޓަރ ބުނެފަ އޮތީ ބައްދަލުކުރަން. އެހެންވެ އަހަރެން މިއައީ އޭނަ ހޯދަން." ނުހައިކްއަށް އެނގޭ މިންވަރެއް ޔަޤީން ނުކުރެވޭތީ ޝާހަމް ބޭނުންކުރީ ޝަލީންގެ ނަމެވެ. "އަދިވެސް އިތުރު ދޮގުތަކެއް ހަދައިގެން އެހެން މީހެއްގެ ހަނދާންތައް އީޝާގެ ސިކުނޑިއަށް ވައްދަން ވެގެންތަ؟" ނުހައިކް ހުރީ ފަސޭހައިން ބުނާ އެއްޗެއް ޤަބޫލުކުރާފަދަ މޫޑެއްގައެއް ނޫނެވެ. "ނުހައިކް ބޭނުން ކޮނެމް ގޮތަކަށް ވިސްނާ. އެކަމަކު އަހަރެން މިބުނީ ކަމުގެ ހަޤީޤަތް އޮތް ގޮތަށް. އަހަރެންވެސް ބޭނުމެއް ނުވޭ އީޝާއަށް ދެރަ ގޮތެއް ވާކަށް. މިއަދު އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ މަޤާމުގަވެސް ހުރި ކުއްޖަކީ އެއީ. އޭނަގެ އެއްވެސް މައުލޫމާތެއް ލިބުނުހާ އަވަހަކަށް އަހަރެންނަށް އަންގަލާ ދިނިއްޔާ ވަރަށް ރަނގަޅު." ޝާހަމް ގަސްތުކުރީ އިތުރު ވަގުތުތަކެއް ބޭކާރުނުކޮށް ނިކުމެގެން ދިއުމަށެވެ. އޭނާއަށް އިތުރު ތަނަކަށް ގޮސް ހޯދޭނީސް އެއިރުންނެވެ.
ނުހައިކްގެ އިންތިޒާރުގައި އީޝާ މަޑުކޮށްލައިގެން ހުރީ ޒެނިތް ކުރިމައްޗަށް ވާގޮތަށް ހުރި ފިހާރަ އަސްކަނި ދޮށުގައެވެ. މަގު ހިނގާފައިދާ ބައެއް މީހުންގެ ނަޒަރު އޭނާއަށް ހުއްޓޭ ގޮތް ވުމުން ކުޑަކޮށް ނުތަނަސްވެފައި ބަލައިލެވެނީ އަތުގައި އޮތް ފޯނަށެވެ. އެކަމަކު ނުހައިކް މާބޮޑަށް ލަސްވެއްޖެނަމަ އޭނާ އެތާކު ނުހުންނާއެވެ. އެއް ތަނެއްގައި ހުރެ ބައެއްގެ ލޮލުގައި އަޅައިގަތީމަށްވުރެ އެކަނި ހިނގާފައި ދިއުންވެސް ބުއްދިވެރި ކަމުގައި ދެކުނެވެ.
"ނިކް އަޅެ ހާދަ ލަސްވަނީ!" އީޝާ ފޯނަށް ބަލައިލާފައި ދެވަނަ ފަހަރަށް ޑައިލްކޮށްލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ދެފަހަރަކު ރިންގްވެލިތަނާ ނުހައިކް ފޯނު ނަގާފައި މިހާރު މިހުރީ ވަރަށް ކައިރީގައޭ ބުނެލިއެވެ. ބަހަނާއަކަށް އޭނާ ދެއްކީ ސައިކަލު މައްސަލަ ޖެހިފައި ހުރުމުން ހިނގާފައި އަންނަ ވާހަކައެވެ. އީޝާ ހަމަޖެހުމުގެ ނޭވައެއް ލައިފައި އެހުރި ހިސާބުގައި ހުއްޓުނުތަނާ އެމަގުން ދިޔަ ކާރެއް މަޑުކޮށްލީ ސީދާ އީޝާ ކައިރިއަށެވެ.
"އެކަނިމާއެކަނި ފައިމަގުގަ ކީއްތިކުރަނީ؟" އެއިވުނީ އަލޫކްގެ އަޑެވެ. އީޝާ ސިހިފައި ބަލާލިއިރު އަލޫކް ލޯގަނޑު ތިރިކޮށްލައިގެން އިނީ އޭނާއަށް ބަލާށެވެ. ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓާ އަލޫކް އެދުނީ ކާރަށް އެރުމަށެވެ. އީޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެކޮޅު ހަދާފައި އެހެން މީހެއްގެ އިންތިޒާރުގައި ހުރި ވާހަކަ ބުނާކަށް ނުކެރުނެވެ.
"އީޝް!" ކަންބޮޑުވެފައި ހުއްޓާ ނުހައިކް އަނެއްކޮޅުން އައިސް ކައިރިއަށް ހުއްޓިފައި ކޮނޑުގައި އަތް ޖައްސާލިއެވެ. އެތަން އަލޫކްއަށްވެސް ފެނުނެވެ. "ދަނީ." އެވަގުތު އީޝާ އެޖަވާބުދިނީ އަލޫކްއަށެވެ. ދެން އޭނާ ހައިރާންކަމުގެ ތެރެއަށް ދޫކޮށްލައިފައި ނުހައިކްއާ ދެމީހުން އެކުއެކީގައި އަނބުރާލައިފައި ގޮސް އެންމެ ކައިރިން އޮތް ގޯޅިން އަޅައިފިއެވެ.