ޝަލީން ނިކުމެ ދޮރުމަތީ ހުރީ އޭރުވެސް ލައިގެން ހުރި ގަމީސްކޮޅާއި ސްކިނީގައެވެ. އެކަމަކު އިސްތަށިގަނޑު އޮތީ ނިއުޅާލައިފައެވެ. އަލޫކް ކާރު މަޑުކޮށްލިތަން ފެނިގެން ދުވެފައި އައިސް އެރިއެވެ. ހިތް އަވަސްވެފައި އިނދެގެން، އެޑްރެހެއް ބުނެނުދީ ވަކި ސަރަހައްދެއް ސިފަކޮށްދޭން މަސައްކަތް ކުރަން ފެށުމުން އަލޫކްއަށް ދާންވީ މިސްރާބު އޮޅުނެވެ. ޝަލީން ވަރަށް ކިޔައިދީގެން އަލޫކް އެންމެ ފަހުން ގޮސް އެހިސާބަށް މަޑުކޮށްލިއިރު އެތާހުރީ ކުޑަވަރެއްގެ ކޮފީ ޝޮޕެކެވެ. "އޯ މައި ގޯޑް. އިޓްސް ރިއަލް. ލޫކް އަހަރެންގެ ހަނދާނަށް އައީ ހަމަ ހަޤީޤީ ތަނެއް. މީ އަހަރެންނަށް ފެނުނުތަން. އަދި މިތަނުގައި އަހަރެން އިންއިރު މިތަނަށް ވަދެ ނިކުމެވި އެންމެން ދިޔައީ އަހަރެންނަށް ނިތް އަރުވާލައިފަ ނޫނީ ހިނިތުންވެލާފަ. ހީވަނީ އަހަރެންނަކީ އާންމުކޮށް އައިސް މިތާ އިންނަ ކުއްޖެއްހެން." ޝަލީންއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ހީގަނެފައި ބުނެލިއެވެ. އަލޫކް ބުމަ އަރުވާލުމަށްފަހު ޝަލީން ފައިބަން ފެށުމުން އެކުގައި ފައިބައިގެން ގޮސް އެތެރެއަށް ވަދެއްޖެއެވެ.

ހުސް މޭޒެއް ހޯދައިގެން ދެމީހުން އިށީންދެލުމުން އޯޑަރ ނަގަން އައިސް ހުއްޓިލި އަންހެންކުއްޖާ ކަޅިޖަހާނުލާ ބަލަންފެށީ އަލޫކްއަށެވެ. ޝަލީން އެކުއްޖާއަށް ސަމާލުކަން ނުދީ ވަށައިގެން ހޯދަން އިނުމުން ކޮފީއަށް އޯޑަރ ދިނީ އަލޫކްއެވެ. އެވަގުތު އެކުއްޖާ ރަކި ގޮތަކަށް ހީލާފައި ދުރަށް ދިޔައެވެ. "އޭރު ފެނުނު އެއްވެސް މީހަކު މިހާރު އެބައިންތަ މިތާ؟" އަލޫކް ސުވާލުކޮށްލިއިރު ޝަލީން ބަލަން އިނީ ދޮރާއި ދިމާއަށެވެ. ބިއްލޫރިދޮރުގެ އަނެއްފަރާތުން ފެންނަން އޮތް ސަރަހައްދުވެސް އެއީ ދަންނަ ތަނެއްކަން ޔަޤީންވިއެވެ. ހިތް އަވަސްވެ އަތްފައި ފިނިވެފައި އިންދާ ކުރިމަތިން ފެންނަމުންދިޔަ ހުރިހާ މަންޒަރެއް އެކުލަވާފައި ދެން މުޅިން ހުދަށް ބަދަލުވިއެވެ. އެހުދު ކުލަ ފިލައިގެން ދިޔައިރު ފެނުނީ އެދޮރު ހުޅުވާލައިފައި ވަން ޒުވާން ފިރިހެނެކެވެ. ޝަލީން އިސްތިރިކޮށްލައިގެން އިންގޮތުން ނަޒަރު ހުރީ އެމީހެއްގެ ދެފަޔަށެވެ. އާދައިގައި އަރާކަހަލަ ހުދާއި ކަޅުކުލައިގެ ބޫޓެއްގައި ހުރި މީހާގެ ފިޔަވަޅުތައް އައިސް ހުއްޓުނީ ސީދާ އޭނާގެ ކައިރިއަށެވެ. އެއަށްފަހު އެމީހަކު އިށީންދެލީ ކުރިން އަލޫކް އިން، އެކަމަކު މިހާރު ހުހަށް ހުރި ގޮނޑީގައެވެ. އެވަގުތު އެމީހެއްގެ މޫނު ފެނިފައި ޝަލީންއަށް ހަމަ ހޭވެރިކަން އައިސް ފުންމައިގެން ތެދުވެވުނީ ކުއްލިއަކަށެވެ.

"ޝަލީ! ކިހިނެތްވީ؟" އަލޫކް ސުވާލުކުރިއިރު ޝަލީންގެ ދެލޯ ހުރީ ބޮޑުވެފައެވެ. "ޝަލީ މަޑުކޮށްބަލަ! ކޮންތާކަށް ތިދަނީ؟" ޖަވާބުދިނުމުގެ ބަދަލުގައި ޝަލީން ނިކުންނަން ވެގެން ދާން ފެށުމުން އަލޫކްވެސް ފަހަތުން ތެދުވިއެވެ. "ޑޭމް އިޓް!" އޭނާ ކިޔާ އެއްޗަކަށް ނުބަލާ ޝަލީން ނިކުމެގެން ދިއުމުން ކަންބޮޑުވެފައި ބުނެލެވުނެވެ. އޭނާ އަވަހަށް ވޮލެޓް ނަގާފައި ކައުންޓަރ ކައިރިއަށް ޖެހިލުމަށްފަހު ފައިސާ ދައްކަންވީ ވަރު އޮޅުން ފިލުވައިގެން ދެކޮފީގެ އަގު ދެއްކިއެވެ. އެނބުރި މަގުމައްޗަށް ނިކުމެފައި ފުން ނޭވައެއް ދޫކޮށްލެވުނީ ޝަލީން ކާރަށް އަރައި އިންދާ ފެނިފައެވެ. އަލޫކްއަށް ހިތާއިހިތުން ޝުކުރުކޮށްލެވުނެވެ.

"އަހަރެންނަށް ފެނުނީ އަހަރެންގެ ދޮންބެ. ޝާހަމް. އަދި އަހަރެން މާލެ އައި ފަހުން ނުހައިކް ފިޔަވައި އަހަރެންގެ ހަނދާނަށް އިތުރު މީހަކު އައި ފުރަތަމަ ފަހަރު މީ. ދޮންބެ ހަނދާންވި ފުރަތަމަ ފަހަރު މީ." ޝަލީން ސީޓުގައި ބޯޖައްސާލައިގެން އިނދެފައި ވާހަކަދެއްކިއެވެ. ނިތަށް ރޫ އަރުވާލައިގެން އިންގޮތުން ބޮލުގައި ރިއްސަނީކަން އަލޫކް ދެނެގަތެވެ. ޝަލީން ލޯމަރާލުމުން އަލޫކް ސުވާލުކުރުމަކާ ނުލާ ކާރު ގެންގޮސް މަޑުކޮށްލީ އަމިއްލަ ގޭ ދޮރުމައްޗަށެވެ. ނަސީބަކުން ޝަލީންވެސް ދެކޮޅުހަދާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ އެހީވެގެން ޝަލީން ގެންގޮސް އެޕާޓްމެންޓަށް ވެއްދިތަނާ މަންމައަށް ފެނިގެން ކަންބޮޑުވެފައި އައެވެ.

"ކިހިނެތްވީ ޝަލީންއަށް؟" ފިރާޝާ އެހިއެވެ. "މާބޮޑު ކަމެއް ނުވޭ. އޭނަ ބޮލުގަ ރިއްސަނީ. އެހެންވެ އަހަރެން މިދަނީ ގޮވައިގެން މައްޗަށް." އަލޫކްގެ ބަހުރުވަ ބެހެއްޓީ ވީހާވެސް އާދައިގެ ގޮތަކަށެވެ. މަންމަ ހާސްވެގެން އިމާދުމެނަށް ގުޅާފައި ކަންތައް ބޮޑުކޮށްލާކަށް ޝަލީންވެސް ބޭނުމެއް ނުވާނެއެވެ. ފިރާޝާ އެވަގުތު ޖޫސްތައްޓެއް ބަލައޭ ކިޔާފައި ބަދިގެއަށް ވަންނަން ދިއުމުން އަލޫކް ޝަލީން ގޮވައިގެން ކޮޓަރިއަށް ދިޔައެވެ.

މަންމަ އެނބުރި އަންނަން ވާއިރަށް އޭނާ ހުރީ ބޭސްކާޑެއް ނަގައިގެން އައިސް އެތާހުރި ފުޅިން ތަށްޓަކަށް ފެން އަޅާށެވެ. ޝަލީން އޭރު ނިތުގައި އަތް އަޅައިގެން އޮތީ އެނދުގައެވެ. "އަވަހަށް މިޖޫސްތަށި ބޯލާ!" ފިރާޝާ ގޮސް ޝަލީންގެ މަގަތުގައި އިށީންދެލިއެވެ. ޝަލީން ފާޑަކަށް އިނދެފައިވެސް ދެކޮޅު ހަދަން ނުކެރިގެން ތެދުވެ ބާލީސްތަކުގައި ލެނގިލައިފިއެވެ. އޭނާ ޖޫސްތަށީގައި ހިފާފައި ދެތިން ފަހަރު މަތިން މެދާކަށް ހަމައަށްވުރެ ތިރިއަށް ބޯލުމަށްފަހު ތަށި އަނބުރާ ދިނުމުން ފިރާޝާ ތެދުވިއެވެ. އަލޫކް ހިނގައިގަތީ ދެނެވެ. މަންމަ ގޮސް ދޮރު ލައްޕާލުމުން އޭނާ ގުދުވެލާފައި ފެންތަށްޓާއި ބޭސްގުޅަ ދިއްކޮށްލިއެވެ. "ތެރަޕިސްޓް ކައިރީ ބުނިންތަ ހަނދާންތައް އަނބުރާ އަންނަންފެށި ވާހަކަ؟" ޝަލީން ފެންތަށީ ހިފާފައި އަނެއް އަތުގައި އޮތް ބޭސްގުޅަ ނެގި ވަގުތު އަލޫކް އެހިއެވެ. ބޯޖަހާލައިފައި ޝަލީން ބޭސްގުޅަ ދިރުވާލުމުން ފެންތަށި ބަހައްޓާފައި އޭނާ އިށީންދެލީ މަގަތުގައެވެ. "އޭނަ ބުނީ އަމިއްލައަށް ވާކަމެއް ވާނެއޭ. އެކަމަކު އެއްވެސް ކަމެއް ހަނދާންކުރަން އަމިއްލައަށް ޕްރެޝަރ ނުކުރައްޗޭ އެއިރުން ބޮލުގައި ރިއްސާނެއޭ." ޝަލީން ކުށްވެރިއަކު ފަދައިން އިސްޖަހާލަމުން ކިޔައިދިނެވެ. އޭނާ ހީކުރީ އެވާހަކަ ބުނެގެން އަލޫކް ރުޅިއައިސް އެތިވަރު ގޮވައިގަންނާނެ ކަމަށެވެ.

"ޝަލީ! އަހަރެންނަށް އެނގޭ އެހަނދާންތައް އަނބުރާ ގެންނަން ޝަލީ ބޭނުންވާވަރު. އެކަމަކުވެސް އެކަމަކުން ޝަލީއަށް ވޭނެއް ލިބޭ އެއްވެސް ކަމެއް ކުރާކަށް އަހަރެން އެއްބާރުލުމެއް ނުދޭނަން." އަލޫކް ބަލަން އިނދެފައި އަތުގައި ހިފައިލިވަގުތު ޝަލީންގެ މެއަށް ފިނިވިއެވެ. އެތޫނު ލޮލުގައިވި ކުލުނާއި ލޯއްބަކުން ހިތަށް އެނގުން ވެލިއެވެ. ބަލަން އިންނަން އުދަނގޫ ވެގެން އިސްޖަހައިލި ވަގުތު އަލޫކް ތެދުވެގެން ދަމުން ދެން ނިދާލާށޭ ބުނެފައި ފޮތިގަނޑުތައް ދަމާލުމުން ކޮޓަރިތެރެ އަނދިރިވިއެވެ. ޝަލީން ތިރިއަށް ސޮހިލައިފައި ބާލީހުގައި ރީތިކޮށް ބޯއަޅާލައިގެން އޮވެ ލޯމަރައިލުމުން އަލޫކް ނިކުމެ ދޮރު ލައްޕައިލިއެވެ.

ޝަލީންއަށް ވީގޮތެއް ނޭނގިގެން އެގޭ މީހުން އުޅެފާނެތީ އޭނާ އިމާދުއަށް ގުޅާފައި އެގޭގައި އުޅޭކަން އަންގައިލިއެވެ. އިރުއޮއްސޭ ނަމާދު ވަގުތު ކައިރިވެފައި ހުރުމުން ބަންޤި ގޮވަންދެން މަޑުކޮށްލައިގެން އިންދާ ފިރާޝާ އައިސް ޝަލީންއާ ބެހޭ ތަފްޞީލު އަހަން ފެށިއެވެ. "މަންމައަށް އެނގެއެއްނު ޝަލީގެ ހާލަތު. އޭނަގެ ހަނދާންތައް އަންނަން ފެށީމަ ގިނަ ގިނައިން މިހާރު ބޮލުގަ ރިއްސަނީ." އަލޫކް އޮޅުންފިލުވައިދިނެވެ.

ނަމާދުން ފައިބައިގެން އަލޫކް އައިއިރު ވިޝާ އެކޮޓަރިން ނިކުންނާތީ ފެނުނެވެ. "ނިދާފަ އޮތީ." ދޮރުމަތިން އަލޫކްއާ ދިމާވެގެން ވިޝާ ބުނެލިއެވެ. އަލޫކް އެއްޗެއް ނުބުނެ އަނބުރާލައިފައި ދިޔައީ އެހެން ދިމާއަކަށެވެ. އާންމުކޮށް ހަވީރު ސައިބޯލަން އެމީހުން ތިބޭ ސަރަހައްދަށް ނިކުމެފައި އުޑުމަތި ބަލާލިއިރު ތަރި ގިނައެވެ. ވަށް މޭޒަކާއިއެކު ހަތަރު ގޮނޑި ބަހައްޓާފައި ދެން އޮތްބައި ފަޅުފިލުވާފައި އޮތީ މާގަސްތަކުންނެވެ. އަލޫކް އެތަނުން ގޮނޑިއެއްގައި އިށީންދެ ފޯނު ނަގާ މޭޒުމަތީ ބާއްވާލުމަށްފަހު ބަލަން ފެށީ ދުރެވެ. އޭނާގެ ސިކުނޑީގައި އޭރު ވަކި ހިއްޕާލައިފައި ވީ ޝަލީން ކުރިން ދެއްކި ވާހަކައެވެ. ގެއްލިފައިވާ އެކުވެރިޔާގެ ހަނދާންތައް އަނބުރާ އަންނާތީ އެކަމާ އުފާކުރަން ޖެހޭ ވަގުތު އެއުފާ ނުވާންވީ ސަބަބާމެދު ފުންކޮށް ވިސްނެނީއެވެ. ހިތަށް އަރަނީ ޝަލީންއަށް ހުރިހާ ކަމެއް ހަނދާންވާ ދުވަހަކުން ކަންތައްތައް ބަދަލުވެގެން ދާނެކަމެވެ. އެދުވަހަކުން ޝަލީން އޭނާ ފުށުން އެދޭނީ ހަމަ އެންމެ ކަމަކަށެވެ. ޝަލީން އޭނާއާމެދު ދެކޭނީ އެންމެ ނަޒަރަކުންނެވެ. އެއީ މީގެ ކުރިންވެސް ދެކެމުން އައި ނަޒަރުންނެވެ. ހަމައެކަނި އެކުވެރިއެއްގެ ނަޒަރުންނެވެ. އަދި އެދުވަހަކުން އޭނާ ޖެހޭނީ ހިތުގައި ކުރިލާ ހެދެމުން މިދާ ހުރިހާ އިހްސާސްތަކެއް ބުޑާއި ހަމައިން ކޮށައި އަޅައިލާށެވެ. އޭނާ ޖެހޭނީ އެއިހްސާސްތަކަށް ފަސް އަޅައި ފޮރުވާލާށެވެ. ސުވާލަކީ.. އޭނާއަށް އެކަން ވާނެ ހެއްޔެވެ؟ ލޯބި ސިއްރު ކުރެވިދާނެ ހެއްޔެވެ؟

އިރުކޮޅެއް ފަހުން ނޯކަރަކު އެހިސާބުން ލާފައި ދާތަން ފެނިގެން އަލޫކް ގޮވާފައި ކޮފީއެއް ހަދައިދޭން އެދުނެވެ. އެހެން އެއްއިރަކުވެސް ބޭނުން ނުވާވަރަށް ކޮފީއަކަށް އޭނާ ބޭނުންވިއެވެ. ފޯނު ވައިބްރޭޓް ވާން ފެށުމުން ބަލާލައިފައި ޖަވާބު ނުދީ ބޭއްވީ ބަންޑުންނެވެ. އޭނާ އެވަގުތު އެކަކާވެސް ވާހަކަދައްކާ ހިތެއް ނުވިއެވެ. ނޯކަރު މީހާ ކޮފީ ގެނެސް ދިނުމުން އެބޯން އިނދެގެން ގެލެރީގައި ރައްކާކޮށްފައި ހުރި ފޮޓޯތައް ހާވަން ފެށުނެވެ. މީގެ ދުވަސްތަކެއް ކުރިން ޝަލީންއާ ދެމީހުން އެކީ ނަގާފައިވާ ސެލްފީތަކަށް ބަލަން އިނދެވުނީ ދުވަހަކު ހީނުކުރާފަދަ ނަޒަރަކުންނެވެ. މީގެ ކުރިން އޭނާ އެފޮޓޯތައް ނެގިއިރު އެއީ ފަހަރެއްގައިވެސް ހިޔާލު ނުކުރާ ކަމެކެވެ. އެކަމަކު މިއަދު މިވަނީ ހުރިހާ ކަމެއް ބަދަލުވެފައެވެ. މިއަދު އެއީ ހަމައެކަނި އެކުވެރިއެއް ނޫނެވެ.

އިޝާ ވަގުތު ޖެހުމުން ކޮޓަރިއަށް ނުވަދެ އަނެއްކާވެސް ނިކުމެގެން ދެވުނީއެވެ. ދެން އޭނާ އެނބުރި އައިއިރު މަންމަ އުޅެނީ ކާން ހަދާށެވެ. ވިޝާވެސް ނިކުމެ ސިޓިންރޫމްގައި އިނދެފައި އޭނާ ފެނުނުތަނާ ގޮސް މަންމަ ކައިރިއަށް ކާކޮޓަރިއަށް ވަނެވެ. އަލޫކް ހުއްޓުމެއްނެތި ގޮސް ސިއްރު ސިއްރުން ދޮރު ހުޅުވާލިއިރު ކޮޓަރިތެރެ އޮތީ ފުން އަނދިރިކަމެއްގެ ތެރޭގައެވެ. ޝަލީން އަދިވެސް އޮތީ ނިދާފައިކަން ޔަޤީންވުމުން ހަމަ އެހާ ސިއްރުން ގޮސް ނިދާބޮކި ދިއްލާލައިފިއެވެ.

ފުން ނިދީގައި އެމޫނު މައުސޫމުކަމުން އެސްފިޔަ ޖަހައިލާކަށް ހަނދާނެއް ނުވިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ އަލޫކްއަށް ދެވުނީ ހައްތަހާ ކައިރިއަށެވެ. ހީވީ ދަމާ ބާރަކުން އޭނާ އެދިމާއަށް ގެންދިޔަ ހެންނެވެ. މަގަތުގައި އިށީންދެލެވުނުއިރު އިނގިލިތައް ކެތްމަދުވީ އެއޮމާން މޫނުގައި ބީހިލާ ހިތުންނެވެ. އަލޫކް ކުޑަކޮށް ގުދުވެލާފައި ނުހަނު ލުއިލުއިކޮށް އަތް ބީއްސާލުމުން އިތުރަށް ބޭނުންވިއެވެ. ކުރެވެން މިއުޅެނީ ކުށެއްކަން ސިކުނޑި އެންގި ނަމަވެސް ހިތް ކިޔަމަނެއް ނުވިއެވެ. އެންމެފަހުން ދެވަނަ ފަހަރަށްވެސް ގުދުވެލާފައި ޝަލީންގެ ކޯތާފަތުގައި ތުންފަތް ޖައްސައިލިއެވެ. ދެން އެތެދުވި މީހާ ދުރަށް ދެވުނުއިރު ހުރީ ހޫނު ދަލެއް ހިއްލާލައިފައެވެ. އަލޫކް ލައިގެން ހުރި ގަމީހުގެ މަތީ ދެގޮށް ނައްޓަމުން ބެލްކަންޏަށް ނިކުމެ ހުއްޓިލުމުން ހިސާބަކަށް އުދާސްކަން ފިލިއެވެ. އެވަގުތު އޭނާ ހަނދާންވީ ޝަލީންގެ އެކްސިޑެންޓްގެ ކުރިން އެގޭ ކޮޓަރިތެރޭ ހުއްޓާ ކަންތައްވީ ގޮތެވެ. ރިހާސަލް ކިސްއެކޭ ކިޔާފައި ޝަލީން އައިސް ބޮސްދިނީ ސީދާ އޭނާގެ ތުންފަތުގައެވެ. އެކަމަކު އެދުވަހަށް ވުރެ މިއަދު އޭނާ ޝަލީންގެ ކޯތާފަތުގައި ބޮސްދިނުމުން ކުރި އަސަރު އިތުރެވެ. އެދުވަހު އޭނާއަށް ލިބުނު ހައިރާންކަމުގެ އިތުރަށް އެވަގުތަށް ލިބުނު ކުއްލި ސިހުން އިސާހިތަކު ފިލާ ދިޔައެވެ. އަދި އޭގެ ފަހުން ދެމީހުން ކުރެ އެކަކުވެސް އެކަމާއިހުރެ އެކަކު އަނެކަކާއި ކުރިމަތިލާން ނުކެރިގެނެއްވެސް ނޫޅެއެވެ. އެކަމަކު މިއަދު ޝަލީންގެ ކޯތާފަތުގައި ތުންފަތް ޖައްސާލެވުނު ކަމަށްޓަކާ އޭނާގެ އެތެރެހަށީގައި ހީވީ ކަރަންޓްގެ ރާޅުތަކެއް ދުއްވައިގެން ހެންނެވެ. އޭރާއި މިހާރު ހުރި ތަފާތަކީ ޝަލީންއަށްޓަކައި އުފެދި އިތުރު ވަމުން މިދާ ލޯބި ހެއްޔެވެ؟ އަލޫކް ސުވާލުކޮށްލީ އަމިއްލަ ހިތާއެވެ.

ޝަލީން ތެދުވި ގަޑިއަށް ޝާހަމް އޭނަ ބަލާ އައުމުން އެންމެބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ އަލޫކްއަށެވެ. ނިދާފައި އޮތްވާ ސިއްރުން ކުރެވުނު ކަންތަކަށްފަހު އޭނާުރީ ޝަލީން ކުރިމައްޗަށް އަރަން ޖެހިލުންވެފައެވެ. ޝަލީންއަށް ނޭނގުނަސް ކުށްވެރިކަމުގެ އިހްސާސް ކުރެވުނެވެ. އަދި ގިނައިރު ކާރުތެރޭ އިންނަން ޖެހިއްޖެނަމަ އޭނާގެ މޫނުގެ ކުލައިން ޝަލީންއަށް ޝައްކެއް ވެދާނެތީ ވިސްނާލެވުނީއެވެ.

އެންމެން ކާން ތައްޔާރުވެފައި ހުއްޓާ ޝާހަމް އައުމުން އެހާ ފަސޭހައިން ނިކުމެގެން ދެވޭ ގޮތެއް ނުވިއެވެ. ކާހިތް ނެތިވެސް ޝާހަމްއަށް ޖެހުނީ މޭޒުދޮށުގައި އިށީންނާށެވެ. "އަހަރެން ރަހަ ބަލައިލާނީ ހަމައެކަނި ޑެޒަޓް." ފިރާޝާ ތަށްޓަށް ބަތް އަޅަން އުޅުމުން ޝާހަމް މަނާވެގަތެވެ. އެވަގުތު ވިޝާ އަވަހަށް ތެދުވެފައި ކުޑަ ބޯތަށްޓަކަށް ފޮނި އެއްޗެހި އެޅުމަށްފަހު ޝާހަމް ކައިރީ ބަހައްޓައިފިއެވެ. އޭނާ ތަށި ކައިރިކޮށްލާފައި ކާން ފެށުމުގެ ކުރިން ބަލައިލިއެވެ. ވިޝާ ރަކި ގޮތަކަށް ހިނިތުންވެލުމުން އަވަހަށް އިސްޖަހާލެވިއްޖެއެވެ.

ޝަލީން ކައި ނިމިގެން ތެދުވިތަނުން ޝާހަމްވެސް އަވަސް އަރުވާލައިފައި ދާން ތައްޔާރުވިއެވެ. އޭރު އަލޫކް ސިޓިންރޫމްގައި އިނީ ޓީވީއަށް ބަލަހައްޓައިގެންނެވެ. "ކޯލް މީ!"ޝަލީން ނިކުންނަން ދާން ފެށުމުން އޭނާ ވީހާވެސް އާދައިގެ ގޮތެއް ދައްކަންވެގެން ގޮވާލިއެވެ. ޝަލީން ހަނާ އަޅާލައިފައި ނިކުތްވަގުތު ފުރަތަމަވެސް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. ހީވީ ބޮލުގައި އޮތް ބަރެއް ނެތުނު ހެންނެވެ. ޝަލީންއަށް އޭނާ ކުރި ކަންތައް ފަޅާ އަރާފާނެތީ މިހާ ޖެހިލުންވި ދުވަހެއް ހަނދާނެއް ނެތެވެ. އިރުކޮޅަކުން ވިޝާވެސް ނިކުމެ އެތާ އިށީންދެލިއެވެ. އަލޫކްގެ ސަމާލުކަން ދަމައިގަތީ މަންމަ ނިކުމެފައި ވިޝާ ކައިރީ ބުނި ވާހަކަ އަކުންނެވެ. އެއީ މާދަމާގެ ވަގުތެއްގައި ރަން ކިޔަން މީހުން އަންނަން ވާއިރަށް ތައްޔާރުވެގެން ހުންނަންވާނެ ކަމެވެ.

"މާދަން ރަން ކިޔަނީ؟" އަލޫކް އިތުރަށް ޔަޤީން ކުރަންވެގެން އެހިއެވެ. ވިޝާ ދޮންބެގެ މޫނަށް ބަލައިލާފައިވެސް ޖަވާބުދޭން ދޫކޮށްލީ މަންމައަށެވެ. މަންމަ އެބަހުގެ ތެދުކަން ހާމަކޮށްދިނުމުން ތެދުވެގެން ދިޔައީ އެއްޗެއް ނުބުނެއެވެ.

*****

މުޅިން އާ ދުވަހަކަށް އިރު އަރައިގެން ދިޔައީ މުޅިން އާ ކުލަ ތަކާއެކުގައެވެ. މުޅި ރޭ ފޮނި ހިޔާލުތަކެއްގައި ނުނިދިފައި އޮވެ ފުރޮޅުމަށްފަހު ވިޝާ ތެދުވީ އާ އުންމީދު ތަކަކާއެކުގައެވެ. ކޮޓަރިން ނިކުމެގެން އައިއިރު އެރީތި މޫނު ހީވަނީ ތާޒާ މަލެއްހެންނެވެ. އެވަގުތު ގޭގައި ތިބި އެންމެނަށްވެސް ވިޝާގެ މި އުފާވެރިކަން ފާހަގަ ކުރެވުނެވެ. ނުރުހި ހުރެވެސް އަލޫކް އެންމެ ފަހުން ކުރެވެން އުޅޭ ކައިވެންޏަށް މަރުހަބާ ކިޔައިލިއެވެ. ކޮއްކޮގެ އުފާވެރި ދުވަހު އެއުފަލުގައި ބައިވެރިވާން ހިތް ބޭނުންވީއެވެ.

މެންދުރެއް ހާއިރު ރަން ކިޔަން އައީ ވިޝާ ކުރިން ދުވަހަކުވެސް ދެކެފައި ނުވާ ދެމީހުންނެވެ. މޭޒު ދޮށުގައި އެމީހުންގެ ކުރިމަތީ އިށީންއިރު އަތްފައި ފިނިވެ ހިތް އަވަސްވިއެވެ. ނާރުތަކުގައި ދައުރު ވޭވޭ ހުރީ އަޖައިބެއްފަދަ ފޮނި މީރު ކަމެކެވެ. ދާދި ކުޑަ ވަގުތުކޮޅެއްގައި އެރަސްމިއްޔާތުވެސް ނިމިގެން އެމީހުން ދާން ތެދުވިއެވެ. އޭރު ވިޝާ އިނީ ގަނޑުވެފައެވެ. އެސްފިޔަ ޖަހާނުލާ އިންދާ ލޮލުން ފޭދެން ފެށީ އުފާވެރި ކަމުގެ މުތީ ތަކެވެ. ނޭނގުމުގެ ތެރޭގައި އެފިޔާތޮށި ތުންފަތަށް ހިނިތުންވުން ވެރިވެގެން އައެވެ. އެތައް ދުވަހެއް ވީ އިންތިޒާރަށް ފަހު ޝާހަމް ހާސިލް ކުރުމަށްޓަކައި އެއް ފިޔަވަޅު ކުރިއަށް ޖެހިލެވުނީއެވެ.

 

ކޮމެންޓް 0