ވަކިވުމުގެ ވަގުތު ޖެހުމުން ސާރާ ޝަލީންގެ ކޯތާފަތުގައި ހިފަހައްޓާލުމަށްފަހު އަތް ތިރިކޮށްލިއެވެ. ޖަވާބުގައި ހިނިތުންވެލާފައި ޝަލީން ފަހަތުގައި އަރައި އިށީނުމާއެކު ނުހައިކް ސައިކަލު ދުއްވައިލިއެވެ. ތަންކޮޅަކަށް ދުއްވާފައި ނުހައިކް އެސައިކަލު މަޑުކޮށްލީ ޝަލީންގެ ގެއަކަށް ނޫނެވެ. "އަހަރެން ކައިރީ އެހީމެއްނު އަހަރެން އެހާ ރުޅިއަންނަނީ ކީއްވެހޭ؟" ވާނުވާ ނޭނގިފައި ޝަލީން އިންދާ ނުހައިކް ވާހަކަދައްކަން ފެށިއެވެ. ޝަލީން އިނީ އަޑު އަހާށެވެ. "ފުރަތަމަ ކަމަކަށް، އަހަރެން ވަރަށް ފޫހިވޭ ގޮތްދޫ ނުކުރާ އަންހެން ކުދިންދެކެ." ނުހައިކްގެ ވާހަކައިން ޝަލީންއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. "ތިބުނީ އަހަރެންނަކީ ގޮތްދޫނުކުރާ ކުއްޖެކޭތަ؟' ނުހައިކްގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ އޭނާ އެހެން އަހައިލީ އިތުރަށް ޔަޤީންކުރުމުގެ ގޮތުންނެވެ. "ދެވަނަ ކަމަކަށް، އަހަރެން އެންމެ ގަޔާނުވަނީ އެހެންމީހުންނަށް އިޚުތިރާމް ނުކުރާ ކުދިންދެކެ. އެހެންމީހަކު ވާހަކަދައްކަދައްކާ ހުއްޓާ އެމީހެއްގެ ވާހަކަ މެދުކަނޑާފަ ބަސްބުނުމަކީ އޭގެ ހެއްކެއް." ނުހައިކް ދެވަނައަށް ބުނި ވާހަކައާއެކު ޝަލީން ބުނަން އުޅުނު ޖުމްލަވެސް ބޭއްވީ ހިތުތެރޭގައެވެ. އަތުގެ ބީހުމަކާއިނުލާ ނުހައިކް އޭނާގެ މޫނަށް ވީއްލައިލި އެތިފަހަރެއް ފަދައެވެ.
"ތިކުއްޖާގެ ކިބައިގައި ހުރި އަހަރެންނަށް ކަމުނުދާ ސިފަތަކުގެ ވާހަކަ ކިޔަންޏާ މިއަދު އިރުއޮއްސޭންދެންވެސް ކުރިއަށް ގެންދެވިދާނެ. އެކަމަކު އަހަރެންގެ ކިބައިގައި އެވަރަށް ވަގުތު ނެތުމާއެކު އަހަރެން ބުނާނީ ކުރުކޮށް ފޮނިކޮށް. އެއީ އަހަރެން ގަޔާވާ އެއްވެސް ސިފައެއް ތިކުއްޖާގެ ކިބައިގައެއް ނެތް. އެކަމަކު އެހެންވެއެއް ނޫން އަހަރެން ރުޅިއަންނަން ފެށީ. އަހަރެން ސާފު ބަހުން އަހަރެންގެ ހިތް އޮތްގޮތް ބުނެދިނީމަވެސް އަހަރެންގެ ލޯއްބަށް ސަލާމް ޖަހަމުން ފަހަތުން އައީތީ. އަދި އެވެސް ތެދު ހިތަކުން ނޫން. އެކުވެރިކުއްޖަކާ ދެމެދު ކުރެވުނު ބެޓްއަކަށްޓަކައި އަހަރެންމީ ޓޯއި އަކަށް ހަދަން މަސައްކަތް ކުރަންފެށި ދުވަހުން ފެށީގެން އަހަރެން ރުޅި އަންނަނީ. އަހަރެން ނުބުންޏަސް މިވާހަކަތަކަކީ ތިކުއްޖާ އަމިއްލައަށްވެސް ވިސްނައިލައިފިއްޔާ އެނގޭނެކަންކަން. އުންމީދުކުރަން މިހާރު ސާފުވެއްޖެ ކަމަށް. ދެން އެންމެރަނގަޅު ފޭބިއަސް." ނުހައިކްގެ ބަސްތަކުން ޝަލީން ހައިރާންކޮށްލާފައި އެންމެފަހު ވަގުތު ސައިކަލުން ފައިބަން ބުނީވެސް ޖެހިލުންކުޑަ ރާގެއްގައެވެ.
ނުހައިކް އޭނާ މަގުމެދަށް ދޫކޮށްލާފައި ދިއުމުން ޓެކްސީއެއް ހޯދައިގެން ގެއަށް ދެވުނުއިރު އެންމެން ތިބީ ވީތަނެއް ނޭނގިގެން ކަންބޮޑުވެފައެވެ. ސިޓިންރޫމް ސޯފާގައި އަލޫކް އިނދެފައި ތެދުވިތަން ފެނިގެން ޝަލީންއަށް ވިސްނުނެވެ. އެމީހުން އެހާވަރެއް އަރުވާލައިގެން އެއުޅެނީ އަލޫކް އައިސް އޭނާގެ ވާހަކަ އަހައިގެންނެވެ.
"އަހަރެން ހީކުރީ ލޫކް ތީ އަހަރެން ސޭވިއަރ ކަމަށް." ޝަލީން ގޮސް ސޯފާތަކުގެ މެދުގައި ހުއްޓިފައި އެހެން ބުނެލީ ހަމައެކަނި އަލޫކްއަށް އިވޭވަރަށެވެ. އޭނާ ހިނިތުންވެ ހުރެގެން މަންމައާއި ބައްޕަ ހިތްހަމަޖައްސަން ކޮންމެވެސް ވާހަކައެއް ހަދާލައިގެން ކިޔައިދިންއިރު އަލޫކް އެމޫނަށް ބެލިއެވެ. އެކަމަކު އަމިއްލަ ދިފާޢުގައި އެއްޗެއް ނުބުނެއެވެ. މަންމަމެންގެ ހުއްދަ ލިބުމުން ހެދުން ބަދަލުކުރަން ވެގެން ކޮޓަރިއަށް ދާން މިސްރާބު ޖެހިތަނާ އަލޫކްވެސް ފަހަތުގައި ހުރެފައި ހިނގައިގަތެވެ.
"އައި ވޯޒް ވޮރީޑް. ފޯނުވެސް ނިއްވާލައިފަ އޮތީ." ޝަލީން ސިޑިން އަރަނިކޮށް އަލޫކް ބާރަށް އައިސް ހަމަކޮށްފައި ވާހަކަދެއްކިއެވެ. "ދެން އެކަމަކު އެންމެނަށް ހީވެފައި އޮންނަނީ އަހަރެން ކޮންމެ ދުވަހަކު ބޭރަށް ގޮސް ހުރިހާ ވަގުތެއް ހޭދަކުރަނީ ލޫކްއާ އެކު ކަމަށް. ދެން މިއަދު ކުއްލިއަކަށް އައިސް އަހަރެން ނުފެނިގެން ހޯދަން ފެށީމަ އެމީހުން ހީކުރާނީ ކީކޭ؟' ޝަލީން އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ. ސިޑިން އަރައިގެން ދެމީހުން ގޮސް ޝަލީންގެ ކޮޓަރިއާ ހަމައިން އޭނާ އެތެރެއަށް ވަދެފައި އަލޫކް ވަންނަން އުޅުމުން ފާޑަކަށް ބަލައިލިއެވެ.
"ވަޓް؟" އަލޫކް ބުމަ އަރުވައިލީ ޝަލީންގެ އެބެލުމާއިމެދު ސުވާލު އުފެދިފައެވެ. "ކީއްކުރަން އެތެރެއަށް ވަންނަން ތިއުޅެނީ؟" ޝަލީން ސުވާލުކޮށްލީ ސީދާ އަލޫކް ރަކިކޮށްލާފަދަ ގޮތަކަށެވެ. "އަހަރެން އަދިވެސް ދައްކަން ބޭނުން ވާހަކަ ހުރީމަ. އަދި މީ އަހަރެން މިގޮތަށް މިކޮޓަރިއަށް ވަންނަ ފުރަތަމަ ފަހަރެއްވެސް ނޫން." ޖަވާބުދިންއިރު އަލޫކްގެ މޫޑު ކުރިއަށްވުރެ ރަނގަޅުވިއެވެ. އޭނާ އެންމެ ހިތްހަމަޖެހެނީ އެގޮތަށް ޝަލީންއާ ދެބަސްވެ ބަހުސްކޮށްލަން ޖެހުމުންނެވެ. ކުރިމަތީ އެހުރީ އޭނާ އެތައް އަހަރެއް ވަންދެން ގާތުގައި ގެންގުޅުނު އަންހެންކުއްޖާ ކަމުގައި އިހްސާސްކޮށްލަން ލިބެނީ މިފަދަ ވަގުތު ތަކުގައެވެ. ނޫނީ ފަހަކަށް އައިސް އޭނާގެ ހިތުގައި އުފެދި ބޮޑުވަމުން އަންނަ ޝައްކު އެހެން ހުރިހާ ކަމެއްގެ މައްޗަށް ކުރި ހޯދަފާނެއެވެ.
"ފަހުން ސުވާލުކުރޭ. މިވަގުތު އަހަރެން މިއުޅެނީ ޗޭންޖްކޮށްގެން ނިދާލަން." ޝަލީން ބަލަހައްޓައިގެން ހުރެލާފައި އަލޫކް މޫނުމައްޗަށް ދޮރު ޖަހައިލިއެވެ. ބޭނުންވީ އަލޫކްއަށް ގޮން ޖަހާލައިފައި ކުރި ހޯދާށެވެ. ޝަލީންގެ މިއަމަލުން އަލޫކް ގާތަށް ހިނިއައެވެ. އޭނާ ބޮލުގައި އަތް ހާކާލައިފައި އެނބުރި ސިޑިއާ ދިމާއަށް ދަނިކޮށް ޝާހަމް ދޮރު ހުޅުވާލައިފައި ނިކުތްތަން ފެނުނެވެ. ހަތަރުކަޅި ހަމަކޮށްލާފައި ދެމީހުން ދެމިސްރާބަކަށް ދިޔައީ އަނގައިން ބުނެލުމެއް ކީއްކުރަން، ހިނިތުންވުމެއްވެސް ބަދަލުކޮށްލުމެއް ނެތިއެވެ.
ބޭރަށް ދާން އުޅެފައި ފެންތައްޓެއް ބޯންވެގެން ޝާހަމްއަށް ވަދެވުނީ މަންމަ ކުރިމައްޗަށެވެ. އޭނާ ގޮސް ފްރިޖް ހުޅުވާލައިގެން ފެންފުޅި ނަގައި ކޯވަރެއް ބޯލިތަނާ މަންމަ ގޮވާލައިފިއެވެ. "މަންމަ ޕްލީޒް މިހާރަކު ނޫން." ޝާހަމް ބެލީ އަވަހަށް އެތަނުން ނިކުމެގެން ދެވޭތޯއެވެ. ނަޖުމާ ބުނަން އުޅުނު ވާހަކަވެސް ހުއްޓުވައިލީ ދަރިފުޅުގެ އެޖުމްލައެވެ. އޭނާ ފާޑަކަށް ހުއްޓާ ޝާހަމް ފެންފުޅި ބަހައްޓާފައި ގޮސް ނިކުތްއިރު އިމާދު އެދިމާއަށް އަންނަތަން ފެނުމުން އިސްޖަހައިލިއެވެ.
"އަލޫކް ދިޔައީތަ؟" ޝާހަމް ނިކުމެގެން ދިޔަ ދޮރަށް ބަލަން ހުރެފައި އިމާދު އެނބުރި އެހިއެވެ. ނަޖުމާ ބޯޖަހާލައިފައި އަމިއްލަ މަސައްކަތުގެ ތެރެއަށް ގެއްލުނުތަން ފެނިގެން އިމާދުވެސް ފޯނު ކަންފަތުގައި ޖަހައިގެން އެއްފަރާތަކަށް ޖެހިލައިފިއެވެ.
އިރު އޮއްސެން އައިގަޑީ އުދަރެހުގައި ރޮގު ރޮގަށް ފައުޅުވަމުން ދިޔަ ރަތްވިލާތަކުގެ ސަބަބުން މުޅި ސަރަހައްދު އޮތީ ރަތްވެފައެވެ. ތެތް އިސްތަށިގަނޑު ކޮނޑުމައްޗަށް ދޫކޮށްލައިގެން ނިކުމެ ބެލްކަނީގައި ހުއްޓުނުހާއިރުން ވިޝާގެ މޫނުގައި ބީހިލީ ފިނި ވައިރޯޅިއެކެވެ. އެވަގުތު މުޅި ކުއްޖާ ރޫރޫ އަޅައިގަތެވެ. ދެއަތް ހުރަސްކޮށްލައިގެން ހުރެ މުލައްދަނޑީގައި ފިރުމަމުން އޭނާ ނަޒަރު ހުއްޓައިލީ އުދަރެހަށެވެ. އޭރު ސިކުނޑީގައި ހަރުލާފައި ހުރީ މިއަދު މަންމަ ދެއްކި ވާހަކައެކެވެ. ދެވަނަ ފަހަރަށް ޝާހަމްއާ އޭނާގެ ކައިވެނީގެ ވާހަކަ ދެއާއިލާގެ ބޮޑެތި މީހުން ފަށައިގެން އުޅޭ ވާހަކައެވެ. މަންމަ އެވާހަކަ ދެއްކި ފަހުން ހިދުކޮޅަކަށްވެސް އޭނާގެ ހިތް މަޑުޖެހިއެއް ނުލައެވެ. މަދު ދުވަސްކޮޅެއް ކުރިން ކުރަން ޖެހުނު ހިތި ތަޖުރިބާއަށްފަހުވެސް އެވާހަކަ ބުނުމުން ނާރުތަކުގައި ދަތުރުކޮށްލީ ބުނެދޭން ދަތިވާފަދަ ފޮނި މީރު ކަމެކެވެ. ޝާހަމްދެކެ އޭނާއަށް އެހާ ބޮޑަށް ލޯބިވެވެނީ ކީއްވެ ހެއްޔެވެ؟ އެއަނިޔާވެރިޔާ މަތިން ހަނދާން ނައްތާލަން އުދަނގޫ މިވަނީ ކީއްވެ ހެއްޔެވެ؟ އެއްފަހަރު ހިތް ހަލާކު ކޮށްލީމައިވެސް އަދިވެސް އޭނާ ޝާހަމްއަށް ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ ހުރިހާވެސް އެއްޗަކީ އޭނާގެ މޭގެތެރޭގައި ތެޅި ތެޅި އޮތް ހިތެވެ. ވިޝާ އަމިއްލަ ހިތާއި ދިމާލުގައި ފިރުމާލަން ހުރެގެން ފުން ނޭވައެއް ލިއެވެ. އެވަގުތު ޖީބުގައި އޮތް ފޯނަށް މެސެޖެއް އަތުވެއްޖެއެވެ.
މާބޮޑު ޝައުޤުވެރިކަމެއް ނެތި ހުރެގެން ފޯނު ނަގައި ބަލައިލުމާއެކު މެއަށް ހީވީ ފިނި ފެންއެއްޗެއް އޮއްސައިލި ހެންނެވެ. ޝާހަމް އޮންލައިންގަ ހުރެގެން ވައިބަރކޮށްފައި އޮތީ "ހެލޯ!" މިހެންނެވެ. ޖަވާބު ލިޔެލުމަށްޓަކައި ވިޝާގެ ދެއަތް ކެތްމަދުވުމުން ތެޅިގަނެފައިވެސް އޭނާ މަޑުޖެހިލިއެވެ. އެއަށްފަހު އޭނާ ފޮނުވައިލީ ކުރިމަތިން ފެންނަން އޮތް ރަތް އުދަރެހުގެ ރީތި ފޮޓޯއެކެވެ. އިރުކޮޅެއް ނުވެ ޝާހަމްވެސް ފޮނުވީ ހަމަ އެމަންޒަރެވެ. އެކަމަކު އެހެންތާކު ހުރެގެން ނަގައިފައެވެ. ފޮޓޯ ފެނިފައި ވިޝާގެ ހިތް ނަށައިލިއެވެ. އެއް ވަގުތެއްގައި އެއްކަމެއް ކުރަން ހުރެވުންވެސް އޭނާއަށްވީ ފަޚުރަކަށެވެ.
"ކެން ވީ މީޓް؟" ވިޝާ ފޯނަށް ބަލަން ހުއްޓާ ޝާހަމް މެސެޖްކޮށްލިއެވެ. އެވަގުތު އެމެސެޖް ކިޔާފައި ވިޝާގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ގަނޑުފެން އެއްޗެއްގެ ތެރެއަށް ގެނބިގެން ދިޔަސް އެވަރަށް ފިނިވާނެ ކަމެއް ނޭނގެއެވެ.
"ވިޝް! ޑޯން ބީ ސްޓޫޕިޑް. މީޓް ކުރަން އެދުނީމަ އޭގެ މާނައަކީ ޝާހަމްގެ ހިތް ބަދަލުވުމެއް ނޫން. އެންމެ މޮޅު ގޮތަކީ އެއްވެސް ކަމަކަށް އެކްސްޕެކްޓް ނުކުރުން." ފޯނު މުށުތެރޭ ބޮނޑިކޮށްލާފައި ގެނެސް މޭގައި ޖައްސާލައިގެން ހުރެ ވިޝާ އަމިއްލަ ނަފްސަށް ވިސްނައިދޭ އުސޫލުން ވާހަކަދެއްކިއެވެ. އެއަށްފަހު އޭނާ ޖަވާބު ލިޔެލީ ވީހާވެސް ފަރުވާކުޑަކަން ދައްކައިދޭ ފަދަ ގޮތަކަށެވެ. "ކީއްކުރަން؟" އޭނާ ޖަވާބުގައި ލިއުނެވެ.
ޝާހަމް މެސެޖަށް ޖަވާބު ދޭނެ ކަމަށް ހުއްޓާ ބަންޤި ގޮވަންފެށިއެވެ. މަންމަގެ އާދައިގެ މަތިން އޭނާ ނަމާދުކޮށްފިތޯ ބަލަން އައުމުން ވިޝާ ފޯނު ބާއްވާފައި އަވަސްވެގަތީ ވާޖިބު އަދާކުރުމަށެވެ. ބަލި އެނދު ތެދުވުމަށްފަހު އޭނާއަށް މިހާރު އުޅެލެވޭވަރު ވެއްޖެއެވެ. ކޮންމެ ވަގުތަކު ނަމާދުކޮށް ނިމިގެން ވިޝާ އެންމެ ގިނައިން ކުރާ ދުޢާއަކީ ހިތްވަރާއެކު ދިރިއުޅުމުގައި ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމަށް އެދި ކުރާ ދުޢާއެވެ. ޝާހަމްގެ ލޯބި އެއީ އޭނާގެ ނަސީބުގައި ވާ އެއްޗެއްނަމަ ކޮންމެވެސް ދުވަހަކުން ކާމިޔާބު ވާނެއެވެ.
ފޯނުގައި އަތްލާނެ ވަގުތެއް ނުވެ އިޝާ ވަގުތުވެސް ފަހަނަ އަޅައިގެން ދިޔައެވެ. ރޭގަނޑު ކެއުމަށް މޭޒުމަތި ތައްޔާރު ކުރިއިރު މަންމައަށް އެހީވާން ވިޝާ ނިކުތެވެ. "ދަރިފުޅު ދެދުވަހަކު ބޭރަށް ނިކުމެލާފަ މިހާރު ނުދަނީތަ އެއްވެސް ތާކަށް؟" ކެއުމުގެ ވަގުތުގައި ފިރުދައުސް ބުނި ވާހަކައިން އެންމެންގެ ސަމާލުކަން ވިޝާއަށް ހުއްޓުނެވެ. ޝާހަމްގެ ގެއިން ހިތަށް ލިބުނު އަނިޔާއާއިގެން އައިފަހުން އޭނާ އަނެއްކާވެސް ގެއިން ނުނިކުންނަކަން ބައްޕައަށް ފާހަގަވީއެވެ. ވިޝާ އެވަގުތު އިސްއުފުލާލައިފައި ދޭނެ ޖަވާބަކާމެދު ވިސްނަން ފެށިތަނާ މަންމަ ނަސީބަކުން އޭނާ ސަލާމަތް ކޮށްފިއެވެ. "ޝަލީންވެސް ނާދެއެއްނު މިހާރު. އަލޫކް އޭނަ ރުޅިއަރުވާލީތަ؟" މަންމަ ސުވާލުކުރުމުން އަލޫކް އަނގައިގައި އޮތް ކާ އެތިކޮޅާއެކު ނޫނެކޭ ބުނެ ދެކޮޅު ހެދިއެވެ. ފިރާޝާ ބަލައިލުމުން ފިރުދައުސްވެސް ސިއްރުން ހިނިތުންވެލިއެވެ. "މަށަށް ވަރަށް ވައްތަރު. އަހަރެން ކުރީ ދުވަހަކު ހެނދުނު ގުޅާލީމަ އޭނަ މާބިޒީއޭ ކިޔައިގެން އަންނާކަށް އެއްބަހެއް ނުވި. އެހެންވެ މިބުނީ. މީގެކުރިން ޝަލީ އަކީ ދުވަހަކު ބިޒީވެގެން ނާދެވުނު ކުއްޖެއް ނޫން." ވިޝާ އެއްބައިވެލީ މަންމައާއެވެ. އޭނާ ބަލައިލުމުން އަލޫކް އެއްޗެއް ނުބުނީ ކަމުގެ ހަޤީޤަތް ރަނގަޅަށް އެނގޭތީއެވެ. ޝަލީން ސިއްރުން ވަޒީފާއަށް ދާކަން ވިޝާއަށްވެސް ސިއްރު ކުރީއެވެ.
"ކޮބާ ނުބުނެވުނެއްނު އެއްޗެކޭ..." ވިޝާ އިތުރަށް ދިމާކޮށްލިއެވެ. "ތީ ހަމަ ހީވެގެން އުޅޭ އެއްޗެއް . އަހަރެން މިހާރުވެސް ދާއިރަށް އޭނަ ހުންނާނީ ލޯބި އަރައިގަނެގެން ކޮނޑަށް އަރާ ހިސާބުގަ. އަޅެ ހިނގާބަލަ އަހަރެން މިކިޔަނީ ދޮގެއްތޯ ބަލައިލަން!" އަލޫކް ބޭނުންވީ ޝަލީންގެ ކުރިމައްޗަށް ދިއުމަށްޓަކައި އެކަށީގެންވާ ބަހަނާއެކެވެ. ކަމަކާ ނުލާ ވިޝާ މަގު ކޮށައިދިނުމުން އޭނާ އެންމެނަށް ނޭނގޭނެހެން އެމަގު ޚިޔާރުކުރީއެވެ. އޭރު އަނެއްކޮޅުން ވިޝާވެސް ހުރީ އެގެއަށް ދާން ބޭނުންވެފައެވެ. ޝާހަމް އޭނައާ ބައްދަލު ކުރަން ބޭނުންވެގެން އުޅޭ ސަބަބެއް ހޯދުން ކޮންމެހެން މުހިންމު ވެއްޖެއެވެ.
ތައްޔާރުވާން ވަގުތު ދިނުމުން ޝަލީން ދުވެފައި ގޮސް ފޯނު ބެލިއިރު ޝާހަމް މެސެޖް ކޮށްލާފައި އޮތީ "ވާހަކަ ދައްކަން" މިހެންނެވެ. އޭނާ އެފޯނު ގެންގޮސް އަތްދަބަސް ތެރެއަށް ލައިފައި ތައްޔާރުވާން ފެށިއެވެ. މާބޮޑަށް ފަރިވެގެން ހިނގައްޖެއްޔާ އެންމެންގެ ލޮލުގައި އަޅައިގެންފާނެތީ އެކަމާއި ކަންބޮޑުވިއެވެ. ވީހާވެސް ސާދާ ގޮތެއްގައި ހުންނަންވެގެން ވިޝާ ލީ ދޫ ގަމީހަކާއި ސްކިނީއެކެވެ. އެއިސްތަށިގަނޑުގައި އާންމުކޮށް ފުނާ އަޅާހެން ކުޑަކޮށް އޮޅާލުމަށްފަހު ވައްތަރެއްގެ ހުޅިއަކަށް ވާނެހެން ދައްޗަކުން ހައްޔަރުކޮށްލިއެވެ. ތުންފަތުގައި މަޑު ކުލައެއް ޖައްސާލުމަށްފަހު ސެންޓް ޖަހައިލިއެވެ.
ބޭރަށް ނިކުތްއިރު އަލޫކް ހުރީ އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. ކުޑައިރުކޮޅެއް ކުރިން ތަރިތަކުން ފުރިފައި އޮތް އުޑުގައި މިހާރު އެފަދަ އެއްވެސް ނިޝާނެއް ނެތްކަން ޚުދު ވިޝާވެސް ފާހަގަކުރިއެވެ. ދެބެން ކާރުން ފައިބައިގެން ގޮސް ބެލް ޖަހާލުމުން ދޮރު ހުޅުވީ ނަޖުމާއެވެ. "ހަމަ ދެންމެ މިދެއްކީ ވިޝާ މިގެއަށް ނާންނަ ވާހަކަ." ނަޖުމާގެ މޫނު އުޖާލާވެގެން އައުމާއެކު ޖޯޝުގައި ބުނެލިއެވެ. ވިޝާ ހިނިއައިސްގެން އެނބުރި އަލޫކްއަށް ބަލައިލުމަށްފަހު ނަޖުމާ ތަންދެއްކުމުން ވަދެގެން ދިޔައެވެ. ކާކޮޓަރިން ނިކުތް އިމާދުއަށް ފެނުމުން އިމާދުގެ މޫނުންވެސް ފެނުނީ ނަޖުމާގެ މޫނުން ފެނުނުފަދަ ކުލަވަރެވެ.
"ސަމެންތާ ދޭ އަވަހަށް ޝަލީންއަށް ގޮވަން. ޝަލީން ހަމަ ދެންމެ މައްޗަށް އެދިޔައީ." އިމާދު އެދެޒުވާނުން އިށީންނަން އިޝާރާތް ކުރަމުން ވާހަކަދެއްކިއެވެ. އިމާދުގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ ސަމެންތާ ބޯ ޖަހާލައިފައި މައްޗަށް އަރައިގެން ދިޔައެވެ. އެއަށްފަހު އޭނާ އެނބުރި އައީ ޝަލީންގެ ފަހަތުންނެވެ.
"ވިޝް މިރޭ މިގޭގައި ނިދަން ޖެހޭނީ." ޝަލީން އައިސް ވިޝާގެ ކައިރިއަށް ޖެހިގެންފައި ފުރަތަމަވެސް އެދުނެވެ. ވިޝާ އެވަގުތު ކަންބޮޑުވެފައި އަލޫކްގެ މޫނަށް ބަލައިލުމުން ޝަލީންއަށް އެކަން ފާހަގަވިއެވެ. "ލޫކް؟" އޭނާ ބުމަ އަރުވާލުމުން އަލޫކް ކޮނޑުއަރުވައިލީ އޭނައަށް ހުއްދައެއް ނުދެވޭނެއޭ ބުނާފަދަ ގޮތަކަށެވެ. "ވެލް.. އަހަރެން ހުއްދަ ދީފިން." ޝަލީން ރުޅި އައިސްގެން ގަދަކޮށްލިއެވެ. އޭނާ އެންމެ މިނިޓަކަށްވެސް މަޑުނުކޮށް ބައްޕަ ކައިރީ އިށީންދެފައި ޅަކުއްޖަކު ބޮޑާ ހާކާހެން ދެފަހަރަކު ބުނެލިތަނާ އިމާދު ފޯނު ނަގައިފިއެވެ. އިމާދު ފިރުދައުސްއަށް ގުޅައިގެން ވާހަކަދައްކަން ފެށުމުން އޭނާ އަލޫކްއަށް ބަލަން ހުރެގެން ޖެއްސުނުހާ ވައްތަރެއް ވިއްޔާ ޖެއްސިއެވެ. އެކޮޅުން ފިރުދައުސްއާ ފިރާޝާގެ ޖަވާބު ލިބުމުން އަލޫކްއާ ދިމާއަށް ދޫ ނެރެފައި އަވަހަށް ވިޝާ ގޮވައިގެން މައްޗަށް އެރިއެވެ.
"އަހަރެންވެސް މިރޭ މިގޭގައި އޮންނަންތަ؟" ދެމީހުންނަށް ކޮޓަރިއަށް ނުވަދެވި އުޅެނިކޮށް އަލޫކް މެސެޖްކުރިއެވެ. ޝަލީން ވިޝާ އަތުން ދޫކޮށްލުމަށްފަހު މެސެޖްގެ ޖަވާބު ފޮނުވަން ވެގެން ގޮސް ވެއްޓިގަތީ ކޮޓަރިތެރޭ ހުރި ބީންބޭގް މައްޗަށެވެ. "އޯކޭ މަޑުކުރިއަސް. ގުދަނުގައި ތަން އޮންނާނެ." ޝަލީން ޖަވާބު ފޮނުވާލައިފައި ބާރުބާރަށް ހިނިގަނޑެއް ޖަހައިލިއެވެ. އޭނާ ހިޔާލަށް ގެނައީ މެސެޖް ކިޔާފައި އަލޫކް މޫނަށް އަރާނެ ކުލައެވެ. އޭރު ވިޝާ ދޮރު ހުޅުވާލައިފައި ނިކުމެ ހުރީ ބެލްކަނީގައެވެ. އޭނާ ނޫންކަމަށް ހެދިފައި ބަލައިލީ ޝާހަމް ކޮޓަރިއާ ދިމާއަށެވެ. ހޮޅިބުރި އަލި ހުރުމުން ޝާހަމް ކޮޓަރީ އުޅޭކަން ޔަޤީންވިއެވެ. ގަދަ ވަޔާއެކު އައި ފުރަތަމަ ވާރޭ ތިކިތައް ހަމަލަ ދިނީ ވިޝާ އެތާ ހުއްޓައެވެ. އޭނާ ދުވަމުން އެތެރެއަށް ވަންއިރު ކުޑަކޮށް ތެމިއްޖެއެވެ. ވިޝާ އަވަހަށް ދޮރު ލައްޕާފައި ބަލައިލިއިރު ޝަލީން އުޅެނީ އަލަމާރި ތެރެއިން ވިޝާއަށް ހެދުން ނަގައިދޭން ވެގެންނެވެ.
ވިޝާ ލައިގެން ހުރި ގަމީހުގެ ބަދަލުގައި ޝަލީންއާ ދެކުދިން އެއްވައްތަރުން ޓީޝާޓާއި ހަރުވާޅު ލައިގެން އެނދަށް ޖެހިގެންއިރު މާޒީގެ ހަނދާންތައް ތާޒާ ކުރިވިއެވެ. އެކަމަކު ހަމައެކަނި ވިޝާގެ ސިކުނޑީގައެވެ. ޝަލީންއަށް ވީ މުޅިން އާ ކަމަކަށެވެ. އެކަމަކު އޭނާ ދިޔައީ އިންތިހާއަށް އުފާކުރަމުންނެވެ. މޫޑު ރަނގަޅުކޮށް ހުރި ވަގުތަކަށް ވުމުން ނުހައިކްގެ ވާހަކަ ކުރު ގޮތަކަށް ކިޔައިދިން ތަނާ ވިޝާއަށް އެނގިއްޖެއެވެ.
"ނުހައިކް އެބުނީ އަހަރެންގެ ވާހަކަ. އަހަރެމެން ބެޓްކޮށްގެން ޝަލީ އޭނަ ފަހަތުން ފުރަތަމަ އަޅުވައިލީ. ދެރަބަސް ދިނީމަ ދެރަ ގަބޫލު ނުކުރަން އޭނަ އުޅޭ އޮފީހަށްވެސް ވަން. ސީރިއަސްކޮށް އަހަރެން ހުރީ އަންތަރީސްވެފަ. މީހަކު ދެރަބަހެއް ދިނަސް ޝަލީ އެވަރުކޮށްލާނެ ކަމެއް ނޭނގެ. އަދި އެވެސް ނުހައިކް މާލޯބިވާ ކުއްޖަކު ހުއްޓާ." ވިޝާ ދެއްކި ވާހަކައިން ކުރިން ނޭނގޭ އެއްޗެއް އޮޅުންފިލިއެވެ. ޝަލީން ޝައުޤުވެރިވެފައި އެހީ ނުހައިކްގެ ލޯބިވެރިޔާއާ ބެހޭގޮތުންނެވެ. އެކަމަކު ބޭނުންވިފަދަ ޖަވާބެއް ނުލިބުނެވެ. ވިޝާ ބުނީ އެކުއްޖަކު ނޭނގޭ ކަމަށެވެ. ލޯބިވެރިއެއް ހުންނަކަމަށް ބުނީވެސް ނުހައިކް އަމިއްލައަށެވެ.
ދަންވަރުގަޑިއަށް ވާރޭ ބޯކޮށްލިއެވެ. ޝަލީންއާ ވިޝާ އަމިއްލަ ސަކަރާތުގައި ތިބީ ނިދީގެ ހިޔާލެއް ނެތިއެވެ. ވިޝާ ސިއްރުން ފޯނު ޗެކްކޮށްލިއިރު ޝާހަމް އިނީ އޮންލައިންގައެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ލިޔަން އުޅެނިކޮށް ޝާހަމް ސުވާލުކުރީ ނުނިދަންހޭ ކިޔައިފައެވެ. "ޝަލީ އަދިވެސް ނިދާކަށް ނޫޅޭ ދޯ؟" ޝާހަމްއަށް އޭނާ އެގޭގައި އުޅޭކަން ނޭނގޭނެ ކަމަށް ހީކޮށްގެން ހުއްޓާ މެސެޖް އައެވެ. "ކިހިނެތް އެނގުނީ؟" ވިޝާގެ ހިތް އަވަސްވިއެވެ. "ބޭރަށް ނިކުތްތަނާ މަންމަ ބުނީ." ޝާހަމް އޮޅުންފިލުވައިދިނެވެ. އޭނާ ފޯނަށް ބަލަން އޮތްވާ ޝަލީން ކޮންމެވެސް އެއްޗެކޭ ކިޔާފައި ކޮޓަރިން ނިކުތެވެ.
ސިޓިންރޫމްގައި މީހަކު ނެތުމުން ޝަލީން ދެކޮޅު ބަލަމުން ގޮސް ބަދިގެއަށް ވަންއިރު ފަހަތުން މީހަކު އަންނަހެން ހީވިއެވެ. އޭނާ ކުއްލިއަކަށް އެނބުރިފައި ބަލައިލުމުން އެމީހަކު ވަންހެން ހީވީ އެތާހުރި ތަނބުގެ ފުރަގަހަށެވެ. ހީވިގޮތެއް ކަމަށް ބަލައި ކޮނޑުއަރުވާލައިފައި ގޮސް ފްރިޖުން އާފަލެއް ނަގައިގެން އެތިކޮޅެއް ކާލާފައި އިތުރަށް ޖޫސް ޕެކެޓެއްވެސް ހިފައިގެން އޭނާ އެނބުރިދާން ނައްޓައިލިއެވެ. މިފަހަރު ހަމަ ރަނގަޅަށްވެސް އޭނާ ފަހަތުން މީހަކު އުޅޭކަން ޔަޤީންވިއެވެ. އޭނާއަށް ފެނުނީ ފަހަތުގައި ހުރި ހިޔަންޏެކެވެ. ޝަލީން އެނބުރި ބަލައިލަން އުޅެނިކޮށް އެމީހަކު އައިސް އޭނާގެ ފަހަތުގައި ހުއްޓި ކޮނޑާއި ހަމައިން ވަށާލުމުން ކާކުކަން އަންގައިދިނީ އެހަށިގަނޑުން އެރި ސެންޓް ވަހެވެ.
"އަލޫކް؟" ޝަލީން ވައިއަޑުން ކިޔައިލިތަނާ އަލޫކް އެންމެ ކައިރީ ހުރި ގެސްޓްރޫމް ދޮރު ހުޅުވާލައިފައި އޭނާ ގޮވައިގެން އެތެރެއަށް ދެމިގެންފިއެވެ. "ދެން ކިޔާބަލަ ތިކިޔާ އެއްޗެއް؟" ޝަލީން ދޫކޮށްލައިފައި ދޮރަށް ލެނގިލައިގެން ހުރެ ތަޅުވަޅަށް އޮބާލަމުން އަލޫކް ނުލަފާ ގޮތަކަށް އެހިއެވެ.