ސުވާލު އުފެދިފައި ހުރެގެން އިތުރު ފޮޓޯތަކަށް ބަލާލުމުން ޝައުޤުވެރިވި ޒާތުގެ އިތުރު ފޮޓޯތަކެއް ފެނުނެވެ. ގެއާއި އޮފީހުގެ އިތުރުން ބައްޕަ ތަކުރާރުކޮށް އެއް އެޑްރެހަކަށް ގޮސް ނިކުމެވާތަން ހުރި ހުރުމުން އަންގައިދޭ ހާއްސަ ކަމެއް އޮންނާނެ ކަމުގައި ޤަބޫލު ކުރެވުނެވެ. ޝަލީން ވަގުތުން ނޯޓް ފޮތް ނަގާފައި ފޮޓޯގައި ފެންނަން ހުރި ނަންބޯޑުގައިވާ ގޭގެ ނަން ނޯޓުކޮށްލައިފިއެވެ. ޖެހިގެން އަންނަ ދުވަހު އަރާ އިރާއެކު އޭނާ ކުރިމަތިލާނީ އެގެއާ ބައްޕައާ އޮތް ގުޅުން އޮޅުންފިލުވާށެވެ.
"އަދިވެސް ނުނިދަންތަ؟" ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއިރު އަލޫކް މެސެޖްކޮށްފައި އޮތެވެ. އަލޫކް އެސުވާލުކުރީ އޭނާ އޮންލައިނުގައި އިނުމުންކަން ޝަލީންއަށް އެނގުނެވެ. އޭނާ ފޯނު ނަގައި މެސެޖް ހުޅުވާލައިފައި ޑޭޓާ އޮފްކޮށްލީ ޖަވާބު ދިނުމަކާ ނުލައެވެ. އަދިވެސް އެއްފަހަރު ނޯޓް ފޮތުގައިވާ އެޑްރެހަށް ބަލައިލާފައި ދެން އަރައި އޮށޯވެއްޖެއެވެ.
ހެނދުނު ތެދުވެ ބައްޕަ ނާސްތާ ކުރާ ގަޑިއާ ދިމާކޮށް ތިރިއަށް އައިއިރު ބައްޕަ ހުރީ ފޯނެއްގައެވެ. ޝަލީން ސިޓިންރޫމްގައި މަޑުނުކޮށް ބަދިގެއަށް ވަންއިރު ނާސްތާ ތައްޔާރުކުރަން ހުރީ ސަމެންތާއެވެ. "ކޮބާ މަންމަ އަދި ނާންނަނީތަ؟" ޝަލީން ސުވާލު ކުރުމުން ސަމެންތާ ބޯޖަހައިލިއެވެ. ބައްޕަ ވަދެގެން އައީ އެވަގުތުއެވެ. އިމާދު ފޯނު ކަންފަތާއި ވަކިކޮށްލާފައި ފަޓްލޫނު ޖީބަށް ކޮށްޕާލުމަށްފަހު އާންމުކޮށް އިންނަ ގޮނޑި ދަމާލައިގެން އިށީންދެ ނާސްތާ ކުރަން ފެށިއެވެ.
"ބައްޕަ މިއަދު މާ އަވަހަށް ދާން ޖެހޭ ދުވަހަކީތަ؟" ޝަލީން ސުވާލުކޮށްލި އަޑަށް އިމާދު ބަލައިލިއެވެ. "ކިހިނެތްވީ ތިހެން ތިއެހީ؟" އިމާދުވެސް ކޮށްލީ ސުވާލެކެވެ. "މަންމަ ނާންނަނީސް ނާސްތާކުރަން ފެށީމަ." ޝަލީން ޖަވާބުދިނެވެ. އިމާދު އެވަގުތު ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި ދެފަރާތަށް ބޯ ހޫރައިލިއެވެ. "މަންމަ ރޭގަ ބޮލެއްގަ ރިއްސާތީ ނުނިދިގެން އުޅުނު. އެހެންވެ ބައްޕަ ބުނީ ނުތެދުވެ އޮންނާށޭ." އިމާދު ސަބަބު ބުނެދިނެވެ. "މަންމަ ބަލިވީތަ؟" އެއަޑު އަހާފައި ޝަލީން ފުންމައިގެން ތެދުވީ ބިރެއް ފެނުނު ކުއްޖެއް ފަދައިން ދެލޯ ބޮޑުކޮށްފައެވެ. "އެހާވަރު ކަމެއް ނޫން. ބޭސްގުޅައެއް ކައިގެން ރޭގަ އޮށޯތީވެސް. ނިދާލީމަ ރަނގަޅުވެދާނެ. ދަރިފުޅު މަންމަ ތެދުވީމަ ދޭ ބައްދަލު ކުރަން." ޝަލީންގެ ހާސްކަން ދުރުކޮށްދިނުމުގެ ގޮތުން ހިނިތުންވެފައި އިނދެގެން އިމާދު ކިޔައިދިނެވެ. ނާސްތާކޮށް ނިމުމުން ނެޕްކިން ނަގައި ތުން ފުހެލާފައި ތެދުވަން ވާއިރަށް އެހާ އަވަހަށް ކޮންމެވެސް މީހަކު ގުޅައިފިއެވެ. ޝަލީން އިނީ ނޫންކަމަށް ހެދިގެން ބައްޕަ ކަންތައްކުރާ ގޮތެއް ބަލާށެވެ. އޭނާގެ ސަމާލުކަން ހުއްޓުނީ ފޯނުގެ ސްކްރީނަށް ބަލާފައި ބައްޕަގެ މޫނަށް ވެރިވި ހާސްކަން ފެނިފައެވެ. ޖަވާބުދޭން އުޅެފައި ޝަލީން މޫނަށް ބަލާލުމުން ޝަލީން އަވަހަށް އިސްޖެހިއެވެ. ބައްޕަ ވާހަކަދެއްކި އަޑު އިވުނީ ދޮރުން ނިކުމެފައެވެ. އެކަމަކު ދެއްކި އެއްވެސް ވާހަކައެއް ސާފެއް ނުވިއެވެ.
"ސަމެންތާ އަހަރެން މިދަނީ ބޭރަށް. މަންމަ ހޭލައިގެން ތިރިއަށް އައީމަ މަންމައަށް ރަނގަޅަށް ނާސްތާ ތައްޔާރުކޮށްދޭތި!" ބައްޕަ ނިކުމެގެން ދިޔަތާ ކުޑައިރުކޮޅެއް ފަހުން ޝަލީންވެސް ނިންމާލައިފައި ތެދުވިއެވެ. ސަމެންތާ އަދަބުވެރިކަމާއެކު ބޯޖަހައިލިތަން ބަލަން ހުރެފައި އޭނާ އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ހަރުކޮށް ހިނގާލައިފައި ދޮރާއި ދިމާއަށް ދިޔައެވެ. ގޭގައި އުޅޭ ދެ ޑްރައިވަރުން ކުރެ އެކަކު ޗުއްޓީގައި ހުރުމުން އެވަގުތު އޭނާ އެހީ ހޯދާނެ މީހަކު ނެތެވެ. ދެން ހުރި މީހާ ދިޔައީ ބައްޕަ ގޮވައިގެންނެވެ. އެހެންނޫނަސް ބައްޕައަށް ފާރަލާން ދާ ތަނަކަށް ގޭގައި ގެންގުޅޭ ޑްރައިވަރެއް ގޮވައިގެން ދާކަށް ޝަލީންގެ ހިތް ކުޑަކޮށްވެސް ޤަބޫލެއް ނުވިއެވެ. އޭނާ މަގުމައްޗަށް ނިކުމެ ޓެކްސީއެއްގެ އިންތިޒާރުގައި ހުއްޓާ ނަސީބު އަތުގައި ހިފީ ނިކަން ފަސޭހައިންއެވެ. ޓެކްސީއެއް އެތަނަށް ހުސްކުރިތަން ފެނިގެން އަވަހަށް އަތް ހޫރާލައިފައި ގޮސް އޭގެ ފަހަތަށް އަރައި އިށީންދެއްޖެއެވެ.
"ހ. އެރޯވިލާ." ޝަލީން އެޑްރެސް ބުނެދީފައި ސީޓުގައި ހަމަޖެހިލިއެވެ. އެކަމަކު އޭނާ އިނީ ދުއްވަމުންދިޔަ މަގުތަކަށް ފަރުވާވެ ބަލާށެވެ. ޓްރެފިކަށް މަޑުކޮށްގެން ހުރި ވަގުތެއްގައި އަލޫކް ގުޅާތަން ފެނުމުން ޝަލީންއަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ފޯނަށް ޖަވާބުދީފިނަމަ އޭނާ ހުރީ ކޮންތާކުތޯ އަލޫކް އަހާނެއެވެ. ދޮގު ހެދުމަށްވުރެ ފޯނަށް ޖަވާބު ނުދިނުން ރަނގަޅު ވާނެ ކަމުގައި ޤަބޫލު ކުރެވުނެވެ. ސައިލެންޓަށް ލައިފައި އޭނާ ފޯނު ލީ ދަބަސްތެރެއަށެވެ.
"ޝުކުރިއްޔާ." އެރޯވިލާ ކުރިމައްޗަށް ކާރު މަޑުކޮށްލުމުން ޝަލީން ފީ ދައްކާފައި ފޭބިއެވެ. އެރޯވިލާ ޖަހާފައިވާ އެޑްރެހުގެ ފުރަގަހުން ފެންނަން ހުރި އުސް އިމާރާތަށް ނަޒަރު ހުއްޓާލެވުނީ އެއަށްފަހުގައެވެ. އެއޮތްބޮޑު ގެއިން އޭނާއަށް ބައްޕައާ ބެހޭ މައުލޫމާތު ލިބޭނީ ކިހިނެތް ކަމާމެދު ވިސްނެން ފެށިއެވެ. ކުޑަވައި އިނގިލި އަނގައަށް ލައިގެން ހުއްޓާ އިތުރު ޓެކްސީއެއް މަޑުކޮށްފައި އެއިން ފޭބި ދެމީހަކު އެތެރެއަށް ވަންނަން ދާން ފެށުމުން ޝަލީން ގޮވައިލިއެވެ.
"އޭތް!" އެދެމީހުން ހުއްޓިފައި ބަލައިލުމުން ޝަލީންއަށް ދެން ބުނާނެ އެއްޗެއް ނޭނގުނެވެ. "ނަތިން. އިޓްސް ނަތިން." ޝަލީން ރަކިވާގޮތްވެފައި ދެފަރާތަށް ބޯ ހޫރާލަމުން ބުނެލިއެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލާލައިފައި ފާޑަކަށް ހީލުމަށްފަހު ދޮރާށިން ވަދެގެން ދިޔައެވެ.
މަގުހިނގާފައި ދިޔަ ދެތިންމީހެއްގެ ނަޒަރު އޭނާއަށް ހުއްޓުނުތަން ފެނުމުން ޝަލީން އިތުރަށް މަޑުކުރާ ހިޔާލެއް ނުކުރިއެވެ. ދައްކާނެ ވާހަކައެއް ނޭނގުނަސް އޭނާ ނިންމީ ކުޑަމިނުން ދޮރާށި އެތެރެއަށް ވަނުމަށެވެ. ވަންއިރު ތިރީގައި އޮތް ހުސް ތަނުގައި ކުޑަވަރެއްގެ ދެފިރިހެން ކުދިން ކުޅެން އުޅެއެވެ.
"ކޮބާ މަންމަ؟" ޝަލީން އެކުދިންގެ ސަމާލުކަން ހޯދާފައި އެހިއެވެ. އެކުދިން އެކަކު އަނެކަކަށް ބަލާލުމަށްފަހު އަތުގެ އިޝާރާތުން ދެއްކީ ދޮރެއް ހުޅުވާލައިފައި ނިކުތް އަންހެނެކެވެ. ބަލާ ބެލުމަށް މެދު އުމުރުގެ މީހަކާއި ވައްތަރެވެ. އެވަގުތު އެމީހާ ބަލައިލި ގޮތް ޝަލީންއަށް ފާހަގަވިއެވެ. އެއީ ބީރަތްޓެހި ބެލުމެއް ނޫނެވެ. އެމީހާއަށް މީގެ ކުރިން އޭނާ ފެނިފައިވާކަން ކަށަވަރެވެ.
"އަހަރެން ދަންނަންތަ؟" ޝަލީން ކުރި ސުވާލުގެ ޖަވާބުގައި އެމީހާ ބޯ ހޫރައިލީ ދެފަރާތަށެވެ. "އެހެންވިއްޔާ ކުރިން އަހަރެންނާ ބައްދަލުވިތަ؟" ޝަލީން ވިސްނާލައިފައި އިތުރަށް އެހިއެވެ. އޭނާއަށް ފުން ނޭވައެއް ދޫކޮށްލެވުނީ މިފަހަރު އެމީހާ ބޯޖަހައިލީމައެވެ. "އަހަރެންނަށް މިހީވަނީ ގޯސްކޮށް ނޫނިއްޔާ މިގޭގައި އުޅެނީ އެންމެ އާއިލާއެއް ނޫން. އެކި އެޕާޓްމެންޓްތަކުގަ އެކި އާއިލާ. އެހެންވެ އަހަރެންނަށް ބުނެދީފާނަންތަ އަހަރެން މިގެއަށް އައި ދުވަހު ވަނީ މިތަނުން ކޮން އެޕާޓްމެންޓަކަށް ކަމެއް." ޝަލީން ދެއްކި ވާހަކައިން އެމީހާ ހައިރާންވިކަން މޫނުން ފާހަގަވިއެވެ. "ކުރިން ދުށްކަން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެކަމަކު ވަނީ އެތަނުން ކޮން އެޕާޓްމެންޓަކަށް ކަމެއް ޔަޤީންކޮށް ބުނާކަށް ނޭނގެ. ލިފްޓުގެ އިންތިޒާރުގަ އަހަރެން ހުއްޓާ ފެނުނީ ތިކުއްޖާ ރޮމުން ލިފްޓުން ނިކުތްތަން. ހަނދާންވާ ގޮތުން އެދުވަހު ފޭބީ ދެވަނަ ފަންގިފިލާއިން." އަންހެންމީހާ ވަރަށް ހަނދާންކޮށްގެން ކިޔައިދިނެވެ. ޝަލީން ވީ އުފަލުން ޝުކުރު އަދާކޮށްފައި ގޮސް ލިފްޓަށް އެރުމާއެކު ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެން ފެށިއެވެ. އެވަރަށް އޭނާ ރޯނީ އެތަނުން ކޮން މަންޒަރެއް ފެނިގެން ބާވައޭ ހިތަށް އަރާފައި މިހާރުވެސް އަތްފައި ފިނިވާން ފަށައިފިއެވެ.
ލިފްޓްގެ ދޮރު ހުޅުވުނު ވަގުތު ޝަލީންއަށް ހީވީ ހުވަފެނަކުން ހޭލެވުނުހެންނެވެ. އަވަހަށް ތެޅިގެންފައި ބޭރަށް ދެމިގަންއިރު ކުރިމަތިން ދެދޮރެއް ފެންނަން ހުއްޓެވެ. އެކަމަކު އެތަނުން އޭނާ ދާން އޮތް މަންޒިލު އޮތީ އެންމެ ސާފުކޮށް ފެންނާށެވެ. ފުރަތަމައަށް ޖެހެން ހުރި ދޮރުފަތުގެ ކަނާތް ފަރާތުން ފާރުގައި ހަރުކޮށްފައިވާ ނަން ބޯޑުގައި ލިޔެފައި އޮތީ ބައްޕަގެ ނަމެވެ. އަމިއްލަ ގެއާއި ދުރުގައި އެހެން އިމާރާތެއްގައި ބައްޕަ އަމިއްލަ ކޮށްފައިވާ އެ އެޕާޓްމެންޓުން އެކަނިވެސް ބައްޕަގެ ސިއްރު ބޮޑުވާނެ ވަރު ޝަލީންއަށް ލަފާކޮށްލެވިއްޖެއެވެ. އަނެއްކާ އެތާގައި ބައްޕަގެ އެހެން އާއިލާއެއް އުޅެނީބާވައޭ ހިތަށް އަރާފައި މޭގަނޑު ރޫރޫ އަޅައިގަތެވެ. ކޮންމެ ގޮތެއްވިއަސް މިހާ ހިސާބަށް އައިސް ފުރަގަސްދީފައި ދިއުމެއް ނެތެވެ. ޝަލީން ހުރީ ކޮންމެފަދަ ހަޤީޤަތަކާއި ކުރިމަތިލާން ޖެހުނަސް އެދޮރުން ވަދެފައި ނޫނީ ގެއަށް ނުދާން ހުވާކޮށްގެންނެވެ. ބެލް ޖަހާފައި އޭނާއަށް އިންތިޒާރު ކުރަން ޖެހުނީ އެންމެ މިނިޓެއް ވަންދެންނެވެ. ދެން ކުއްލިއަކަށް ދޮރު ހުޅުވާލައިފިއެވެ.
"ކީއްކުރާ ކުއްޖެއް؟" ދޮރުމަތީ ހުރި އަންހެންމީހާއަށް ޝަލީން ފެނުމުން ލިބުނު ހައިރާންކަން ވަންހަނާކޮށްފައި ނުދަންނަ މީހަކަށް ބަލާހެން ބަލައިލި ނަމަވެސް ޝަލީންއަށް އެކަން ފާހަގަވިއެވެ. "ދައްތައަށް އަހަރެން އެނގޭ ދޯ؟" ޝަލީން އަހައިލި ގޮތުން އެމީހާއަށް ދޮގު ހަދަން އުދަނގޫވިއެވެ. އެކަމަކު އެވަރުންވެސް އޭނާ އެތެރެއަށް ވައްދާކަށް ނޫޅުނެވެ. "މާފުކުރޭ. ނުދަންނަ މީހުން މިދޮރުން އެތެރެއަށް ވެއްދުމުގެ ހުއްދައެއް ނެތް." އެމީހާ ދޮރުލައްޕާލަން އުޅުނު ވަގުތު ޝަލީން އަވަހަށް އެދޭތެރެއަށް އަތްލިއެވެ. "ހެޔޮނުވާނެ. އަހަރެން މިތަނަށް މިއައީ ވަރަށް އުންމީދާއެކު." އެމީހާ ޝަލީން އަތް ފިތިދާނެތީ ދޮރު ލައްޕަން ނުކެރިފައި ހުރެގެން ހަތަރުކަޅި ހަމަކޮށްލުމުން ޝަލީން އާދޭސްކުރިއެވެ. ބަލަން ހުރެފައި އެމީހާގެ ހިތަށް އެންމެފަހުން ހަމްދަރްދީ ވަނީ ކަންނޭނގެއެވެ. ޝަލީން ފެންކަޅިވެފައި ބަލަން ހުއްޓާ އިރުކޮޅަކުން އޭނާ ވަންނަން ތަން ދައްކާފައި ދޮރުފަތް އެކީގައި ހުޅުވާލައިފިއެވެ.
އެތެރެއަށް ފުރަތަމަ އެޅި ފިޔަވަޅާއެކު ޝަލީންގެ ހިތް އާދަޔާ ޚިލާފަށް ތެޅިގަތެވެ. ސާފުތާހިރުކޮށް އޮތް ސިޓިންރޫމަށް ބަލައިލުމުން މާގިނަ ބަޔަކު އުޅޭ ތަނެއް ހެނެއް ހިއެއް ނުވެއެވެ. ޝަލީން ގޮސް ސިޓިންރޫމް މެދަށް ހުއްޓިފައި ބަލައިލިއިރު ފޮޓޯ ލޯގަނޑެއްހާ ހިސާބުވެސް ނެތެވެ. ޝަލީން ވަށައިގެން ހޯދަ ހޯދާފައި ގޮސް އެންމެ ކައިރިން ފެނުނު ކޮޓަރީގެ ދޮރު ހުޅުވާލުމުން ސިހުމެއް ލިބުނެވެ. ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ ލޯގަނޑުތަކުގައި ހުރީ ބައްޕައާއި އެހެން އަންހެނަކު ގައިގޯޅިކޮށް ނަގާފައިވާ މަންޒަރުތަކެކެވެ. ހިތަށް ލިބުނު ކުއްލި ޝޮކާއި ހައިރާންކަން އެކުވެގެން ގުޑިލަން ނޭނގިފައި ހުރެވުނެވެ. އެދެފަޔަށް ބާރު ލިބުމުން ބާރުބާރަށް ގޮސް އަލަމާރި ހުޅުވާލިއިރު ކޮނޑުގައި އަޅުވާފައި ހުރި ގަމީހާއި ޓީޝާޓްތައް ފެނިގެން އެއީ އެންމެ ރެއަކު ދެރެއަކު އައިސް މަޑުކޮށްލާ މަންޒިލެއް ނޫންކަން ސާބިތުވިއެވެ. އެއީ ބައްޕަގެ ދެވަނަ ގޮވައްޗެވެ. ގޭގައި އުޅޭ މީހާ ވަދެ ދޮރުކައިރީ މަޑުކޮށްލީ ޝަލީން އެއަލާމާރީގައި ހުރި އަންނައުނުތަކަށް ބަލަން ހުއްޓައެވެ.
"އެދުވަހު ޝަލީން އައިއްސަ ދިއުމުން އަހަރެންނަށް އަހަރެންގެ ވަޒީފާ ނުގެއްލުނީ ކިރިޔާ. އަހަރެންނަށް ކުޑަކޮށްވެސް ނޭނގެ ތީ އިމާދުގެ ދަރިއެއްކަމެއް. ޝަލީން އޮޅުވާލައިގެން އަހަރެންގެ ފުށުން ހުރިހާ މައުލޫމާތެއް ހޯދައިގެން ދިއުމުން އަހަރެންގެ ހުރިހާ އެއްޗެއް އަހަރެން އަތުން ބީވެގެން ނުދިޔައީ ކިރިޔާ. އެކަމަކު އަހަރެންގެ މަސައްކަތް ރަނގަޅުވެފަ އަހަރެންމީ ނާހިދާއަށް އެހާދިސާ ދިމާވީއްސުރެ ޚިދުމަތުގައި ހުރި މީހާ ކަމަށް ވީތީ ދެވަނަ ފުރުސަތެއް ދިނީ. އަދި ޝަލީންގެ އެކްސިޑެންޓްގައި ހަނދާންތައް ފިލުން އެއީ އަހަރެންގެ ނަސީބު." ފުރަގަސްދީގެން ހުއްޓާ އަންހެންމީހާ ވާހަކަދެއްކި އަޑަށް ޝަލީންގެ މެއަށް ފިނިވެގެން އައެވެ. ސުވާލުނުކޮށް ހުއްޓާ ހުރިހާ ކަމެއް އެނގެނީއެވެ. އެވަގުތު ޝަލީންއަށް ވިސްނުނީ އޭނާގެ ފިލާފައިވާ ހަނދާންތަކުގެ ވާހަކަ ބުނެގެން އެނގެން އޮތް މައުލޫމާތުވެސް ނުލިބޭނީ ކަމެވެ. އެމީހާ ހިތުން އޭނާ އެތަނަށް އެއައީ ދެވަނަ ފަހަރަށް ހުރިހާ ކަމެއް ހަނދާންވެގެންނެވެ. ދޮގު ހަދައި އޮޅުވާލަން ނުކެރުނީ އެހެންވެއެވެ.
"ބައްޕަ މިއަދު މިހާރު އެއްފަހަރު އަތުވެއްޖެ ދޯ؟" ޝަލީން އެނބުރި ގޮސް ދޮރާއި ހަމަވެފައި އެހިއެވެ. "އަހަރެން ގުޅިން. އެކަމަކު މަސައްކަތް ހުރިގޮތުން ނާދެވުނީ. ބުނި އޮފީސް ނިންމާފަ އަންނާނެ ވާހަކަ. އިމާދު ފޮނުވައިގެން ޑޮކްޓަރ އައިއްސަ އެދިޔައީ." އަންހެންމީހާ އޮޅުންފިލުވައިދިނެވެ. ޝަލީންގެ ތެޅެމުންދާ ހިތުން އެންގީ އެގެއަށް ޑޮކްޓަރުން ފޮނުވަންވީ ސަބަބު ދެނެގަތުމަށެވެ. އެބުނާ ނާހިދާއަކީ ބައްޕައާއެކު ފޮޓޯގައި ހުރި އަންހެންމީހާ ކަންނޭނގެއެވެ. އޭނާ އެތާ މަޑުނުކޮށް ނިކުމެގެން ގޮސް ދެން ހުރި ކޮޓަރި ދޮރު ހުޅުވާލުމުން ފުރަތަމަވެސް ކަންފަތުގައި ޖެހުނީ މެޝިން ތަކުގެ ބީޕް އަޑެވެ. ތަންކޮޅަކަށް ދިޔައިރު އެނދުގައި އޮތް ބަލި އަންހެންމީހާގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތައް ފެނިގެން ހުދު އޭނާވެސް ބިރުގަތެވެ. އެއީ ހަމަ އެއަންހެންމީހާއެވެ. ފޮޓޯގައިވާ ރީތި ސޫރައެވެ.
"އަދިވެސް އަހަރެންގެ ގިނަ ހަނދާންތަކެއް އަނބުރައެއް ނާދޭ. އަހަރެންނަށް ބުނެދީފާނަންތަ މިމީހާ ކޯމާގައި އޮންނަތާ ވީ ދުވަހެއް؟" ޝަލީން އެނބުރި ބަލާލިއިރު އެއްކަލަ އަންހެންމީހާ ދޮރުމަތީ ހުރުމުން އެހިއެވެ. ކޯމާއެއްގައޭ އޭނާ ބުނީ ލަފާކޮށްލާފައި ކަމަށް ވިއަސް އަންހެންމީހާ އެވާހަކައާ ދެކޮޅު ނުހެދުމުން އެއީ ތެދެއްކަން ސާބިތުވިއެވެ. އަދި އެއަންހެންމީހާ އެއީ ނާހިދާގެ ހާއްސަ ނަރުހެވެ.
"ވިހި އަހަރު ވެދާނެ. ނާހިދާގެ އަންހެން ދަރިފުޅަށް ތިން އަހަރު ވަންދެން ގެންގުޅުނު ފަހުން މިކަމެއް ހިނގީ." ނަރުސްމީހާގެ ޖަވާބާއެކު ޝަލީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. "އޯ ގޯޑް. އަހަރެންގެ ހާފް ސިސްއެއް ހުންނަނީތަ؟" ޝަލީންގެ ހިތުން އަޑު އައެވެ.
"ދެން ކޮބާ މީނަގެ ދަރިފުޅު އެހެންވިއްޔާ؟" ޝަލީން އޮޅުންފިލުވަން ބޭނުންވިއެވެ. "ނޭނގެ. އިމާދުވެސް ވަރަށް މަސައްކަތް ކުރި އެކުއްޖާ ހޯދަން. އެކަމަކު ނާހިދާ ނޫން އެއްވެސް މީހަކަށް އެކުއްޖާގެ މައުލޫމާތެއް ނޭނގެ. އަދި ނާހިދާ އޮތް ހާލުން މިހާތަނަށް އެކަން އެއްވެސް މީހަކަށް އޮޅުން ފިލާފަ ނުވަނީ." އޭނާ ކިޔައިދިނެވެ. އަޑު އިވުނު ވާހަކަތަކަށްފަހު ޝަލީން ފުން ވިސްނުމެއްގައި ހުރެގެން ކުރިއަށް ޖެހިލައި އަންހެންމީހާގެ މޫނަށް ރީތިކޮށް ބަލައިލި ވަގުތު އާދަޔާ ޚިލާފަށް މެއަށް ފިނިވިއެވެ. ކީއްވެ ކަމެއް ނޭނގި އެމީހާ އޮތް ހާލާމެދު ހަމްދަރްދީ އުފެދި ލޮލުގައި ކަރުނަ ގިނަވިއެވެ. އެވަގުތު ހިތް އެދުނީ އެމީހާގެ މޫނުގައި އަތް ބީއްސާލުމަށެވެ. އެއަތުގައި ހިފާލުމަށެވެ. މިގޮތް ނޭނގޭ އިހްސާސްގައި ބަނދެވިފައި ހުރެގެން ޝަލީން އެހިތުގެ މުރާދު ހާޞިލް ކުރިއެވެ. ލަސްލަހުން އުފުލުނު އަތްތިލައިން އަންހެންމީހާގެ ކޯތާފަތުގައި ބީއްސާލެވުނު ވަގުތު އިނގިލިތަކަށް މަޑު ތުރުތުރެއް ވެރިވެގެން އައީވެސް ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުން ކަންނޭނގެއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އޭނާގެ މަންމަގެ ދުޝްމިނަކީ ޚުދު އޭނާގެވެސް ދުޝްމިނެކެވެ. ވީއިރު އެފަދަ މީހަކަށްޓަކައި ހިތުގައި ހަމްދަރްދީ އުފެދި ލޮލުގައި ކަރުނަ ގިނަވާންވީ ކީއްވެ ހެއްޔެވެ؟
"މާތްކަލާކޯ! ދުށިންތަ ދެންމެ އެވީގޮތް." ޝަލީން ގެއްލިފައި ހުއްޓާ ފަހަތުގައި ހުރި އަންހެންމީހާ ކުއްލިއަކަށް ހަޅޭތްލަވައިގަތް އަޑުން ސިއްސައިގެން ދިޔައެވެ. އެނބުރި ބަލާލިއިރު އޭނާ ބަލަން ހުރީ ނާހިދާއަށެވެ. "ކޯއްޗެއް؟" ޝަލީން ހައިރާންވެފައި އެހިއެވެ. "ވިހި އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނާހިދާގެ އިނގިއްޔެއް އެހަރަކާތް ކޮށްލީ." ނަރުސްމީހާ އިނގިލިދިއްކޮށްފައި ދެއްކުމުން ޝަލީންވެސް ބަލައިލިއެވެ. އެވަގުތު އޭނާވެސް އެމަންޒަރު ފެނުނެވެ. ހުއްޓިފައި ޝަލީން ހުއްޓާ އަންހެންމީހާ ދުވެފައި ދިޔައީ ފޯނު ބަލައެވެ. އެމީހާ ފޯނުން އިމާދުއަށް ގުޅައިގެން ނާހިދާގެ އިނގިއްޔަށް ހަރަކާތް ގެނަ ވާހަކަ ކިޔާ އަޑު އަހަން ހުރެފައި ޝަލީން ހުއްދަ ހޯދުމަކާ ނުލާ އެތަނުން ނިކުމެ ދޮރު ލައްޕައިލިއެވެ.