ޝަލީން ބިރުން ކަރުތެރެ ހިކުނުއިރު ދެފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ނުހައިކް އައިސް ކައިރިއަށް ހުއްޓުމުން ހުރަހަކަށް މޭގައި ޖައްސާލެވުނީ ފޮޓޯ ފްރޭމެވެ. "ގެޓް އައުޓް!" ނުހައިކް އެންމެ މިނިޓަކަށްވެސް އޭނާގެ ކުރިމަތީ ހުންނާކަށް ގަސްތެއް ނުކުރިއެވެ. ބުމަ ކައިރިކޮށްލަމުން އެހަރުކަށި އަޑުން އަމުރުކޮށްލި ގޮތުން ޝަލީން ރަކިވާގޮތްވިއެވެ. ބޭނުންވިއަސް ދައްކަން އުޅުނު އެއްވެސް ވާހަކައެއް ދުލާއި ހަމައަކަށް ނައެވެ. ޖެހިލުންވެފައި ހުރިވަރުން އޭނާއަށް އެތަނުން ނިކުންނަން އާދެވުނީ ނުހައިކް މަންމަގެ ފޮޓޯ ފްރޭމް ހިފައިގެންނެވެ.

"ދެން ތި ފްރޭމް ބަހައްޓާފަ ދޭ!" ދޮރާއި ހަމަވިތަނާ ނުހައިކް ވާހަކަދެއްކި އަޑު އިވުނެވެ. ޝަލީން ސިހިފައި ބަލައިލެވުނީ އަތުގައި އޮތް ފްރޭމަށެވެ. އޭނާ އެނބުރި އައިސް އެބަހައްޓަންދެން ނުހައިކް އަދިވެސް ހުރީ ބުމަ ކައިރިކޮށްލި ގޮތަށް ބޭރު ބަލަހައްޓައިގެންނެވެ. ޝަލީން މަޑުމަޑުން ސޮރީއޭ ބުނެލާފައި ގޮސް ނިކުތެވެ.

ކެބިންގައި އެކަނިވުމުން ނުހައިކް ކަންތައްކުރި ގޮތާއިމެދު ވިސްނުނެވެ. އެހަރުކަށިކަން ހަނދާންވެފައި އޭނާ ކުއްލިއަކަށް ދެރަވާގޮތް ވެއްޖެއެވެ. އެތަނަށް އެއޮފީހަށް ވަދެވުނީ މޮޔަކަމުންނޭ ހިތަށް އެރިއެވެ. ކިތަންމެ ދުވަހެއްވިއަސް ނުހައިކް އޭނައާ އެބަހައްޓާ ދުރުކަން ބަހައްޓަންޏާ އެދެމެދުގައި ވާހަކައެއް ދެކެވޭނެ ގޮތެއް ނެތެވެ. އެހެން އެކަން އޮތްވާ އޭނާ ބޭނުން ސުވާލުތަކުގެ ޖަވާބު ހޯދާނީ ކިހިނެތް ހެއްޔެވެ؟ ކުޑަމިނުން ނުހައިކް އޭނާދެކެ ރުޅި އަންނަ ސަބަބު ބުނެލިއްޔާ ކީއް ހެއްޔެވެ؟

ވިސްނަން އިނދެގެން ޝަލީން ނިޔަފަތި ހަފަން ފެށިއެވެ. ނުހައިކް އޭރު ދެވަނަ ފަހަރަށް ދާންވެގެން އެހިސާބު ހުރަސްކޮށްފައި ދަނީއެވެ. އެއްލިކަޅިއަކުން ޝަލީން ފެނުމުން ނުހައިކްގެ ލޮލުގައި އަޅައިގަތީ ޝަލީން ކުރަން އިން ކަންތަކެވެ. ބަހެއް ނުބުންޏަސް އެކަން އޭނާގެ ސަމާލުކަމަށް އައިކަން އެނގުނީ މޫނަށް ވީ ގޮތުންނެވެ. އެކަމަކު ޝަލީން ބަލައިލަން އުޅުނުހެން ހީވުމުން އަވަހަށް ލިފްޓަށް އަރަން ދިޔައީ އަނެއްފަރާތަށް މޫނު އަނބުރާލައިފައެވެ.

ހަފްތާއެއް ވެލީއިރު ޝަލީން މަސައްކަތާއިމެދު ގަޔާވާން ފެށިއެވެ. އެތަނަށް ވަނުމުގެ މަޤްސަދު ހަނދާން ނައްތާލައިފައި އޭނާ ދެން އުޅެން ފެށީ ތަނުގެ އެހެން މުވައްޒަފުން ފަދައިން މަސައްކަތުގައެވެ. ނުހައިކް ފެނުނަސް މާބޮޑު އަޅައިލުމެއް ނުބަހައްޓައެވެ. ޚުދު ނުހައިކްއަށްވެސް އެކަން ފާހަގަވީ ނޫންކަމެއް ނޭނގެއެވެ. ޝަލީން އެއްދުވަހަކު ސައިބޯން ގޮސް ސީ ހައުސްގައި އިންދާ ނުހައިކް ބަލަން އިންކަން ފާހަގަވިއެވެ. އޭނާއަށް ހަމަ ފެނުނުކަން އެނގޭއިރަށް ނުހައިކް ބަލަންފެށީ އަތުގައި އޮތް ފޯނަށެވެ. ޝަލީން އަޅައެއް ނުލައެވެ. ބިލަށް ފައިސާ ދައްކާފައި ނުހައިކް ކުރިމަތިން އޭނާ ނިކުމެގެން ދިޔައީ ހަމައެކަނި ލުއި ހިނިތުންވުމެއް ދައްކާލައިފައެވެ.

އެދުވަހު މެންދުރު ބްރޭކުން އައިސް ވަންއިރު ދެމީހުންނަށް އެރުނީ އެއް ލިފްޓަކަށެވެ. ޝަލީން ބަލައިލިއިރު ނުހައިކްވެސް ބަލަން ހުރުމުން އަވަހަށް އިސްޖަހައިލިއެވެ. ޝަލީންއަށް ނޭނގުނަސް ނުހައިކްއަށް ހައިރާންކަން ލިބުނު ވަގުތުކޮޅަކަށް އަނެއްކާ އެވަގުތުކޮޅުވެސް ވެގެން ދިޔައެވެ. މީގެ ދުވަސްތަކެއް ކުރިން އޭނާ ދުށް އަންހެންކުއްޖާއާ މިހާރު މިފެންނަ ކުއްޖާ ތަފާތު ކަމުގައި ހިތް ބުނެލީ ޔަޤީންކަމާއެކުގައެވެ.

"އަޑުއެހިން އެކްސިޑެންޓްވި ވާހަކަ." ލިފްޓްގެ ދޮރު ހުޅުވުމާއެކު ޝަލީން ނިކުންނަނިކޮށް ނުހައިކް ވާހަކަދެއްކިއެވެ. ޝަލީންގެ ދެފައި ބިމުގައި ތަތްލީ އެއަޑު އަހާފައެވެ. މެއަށް ފިނިވެގެން ދިޔައެވެ. އެކަމަކު އެކަން މޫނުން ދައްކާކަށް ބޭނުމެއް ނުވިއެވެ. ޝަލީން ހަމައެކަނި ހޫމ އަޅުވާލައިފައި އަނެއްކާ ހިނގައިގަނެގެން ދާންފެށީ ކެބިންއާ ދިމާއަށެވެ. "ކިހިނެތްވީ؟" ފަހަތުން އަންނަމުން ނުހައިކް އިތުރަށް އަހައިލި އަޑު އިވުނެވެ. "އަހަރެމެން ދަތުރުކުރި ބޯޓު ވެއްޓުނީ." ޝަލީން ޖަވާބުދީފައި އެނބުރިލަން އުޅެނިކޮށް ފެނުނީ ނުހައިކް ބާރުބާރަށް ގޮސް ލޯމަތިން އޮބައިލިތަނެވެ. އެހާ އެކުވެރިކޮށް ވާހަކަދައްކަން ހުރެފައި ކުއްލިއަކަށް އެވީގޮތެއް ނޭނގުނެވެ. ޝަލީން ފާޑަކަށް އަނގަ ހަދާލައިފައި އައިސް ގޮނޑީގައި އިށީންއިރު ވިރާޝާ އިނެވެ.

މެންދުރުފަހު އޮފީސް ނިމޭގަޑީއަށް ވާރޭ އޮއްސާލިއެވެ. އަލޫކް ކުޑަ ވަގުތުކޮޅެއް ކުރިން މެސެޖްކޮށްފައި ބަލައި ނާދެވޭނެ ވާހަކަ ބުނެފައި އޮތުމުން ޝަލީން ހުރީ ޓެކްސީއެއް ހޯދަން ޖެހޭނެކަން ވިސްނައިގެންނެވެ. އެކަމަކު އެންމެ ފަހު ވަގުތު ޓެކްސީއެއް ނުލިބުނެވެ. އެންމެން ނިކުމެގެން ދިޔައިރު އޭނާއަށް ހުންނަން ޖެހުނީ ޓެކްސީ ނައިސްގެން އިންތިޒާރުގައެވެ. ޝަލީން ވާރެއަށް އަތްދިއްކޮށްލައިގެން އެއިން އުފާލިބިގަންނަން ހުރިއިރު ވަޔާއެކު އައި ބައެއް ތިކިތައް އެދޮން މޫނުގައި ބޮސްދީފައި ތިރިއަށް ފިރުކިގަނެއެވެ. ކުޑަކޮށް ތެމިފައި އިސްތަށިގަނޑު އޮތްއިރު ކަޅުކުލަ ގަދައެވެ. ނުހައިކް ނިކުމެގެން ދަމުން އޭނާއަށް ކަޅިއެއް އެއްލާފައިވެސް އެއްޗެއް ނުބުނެއެވެ. ޚުދު ޝަލީންވެސް އަޅައެއްނުލައެވެ. ނަސީބު ރަނގަޅުކަމުން ނުހައިކް ގޮސް ޓެކްސީއަށް އެރިތަނާހެން ޝަލީންގެ ޓެކްސީވެސް އަތުވެއްޖެއެވެ.

"އެހެރަ ދާ ޓެކްސީއަށް ފޮލޯކުރަންވީ!" ޝަލީން އަރައި އިށީންދެފައި ހިޔާލު ބަދަލުވެގެން ބުނެލިއެވެ. ޑްރައިވަރ ބޯޖަހާލައިފައި ނުހައިކް ޓެކްސީގެ ފަހަތުން ދުއްވަން ފެށުމުން އޭނާ ދަބަހުން ޓިޝޫ ނަގައިގެން މޫނު ހިއްކަން ފެށިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައިސްގެން ބަލާލިއިރު އަލޫކްއެވެ. އޮތީ ފްރީވި ވާހަކައެވެ. "މިހާރު ގެއަށް މިދަނީ." ޝަލީން ޖަވާބު ލިޔެފައި ފޮނުވައިލިއެވެ.

"ދެން ހުއްޓާ!" ހެންވޭރު ސަހަރާ ކައިރިން ނުހައިކް ޓެކްސީ މަޑުކުރުވާފައި ފޭބުމުން ޝަލީންއަށް ބާރުބާރަށް ބުނެލެވުނެވެ. އޭނާ އަވަހަށް ފައިސާ ދައްކާފައި ފޭބިއިރު ނުހައިކް ކުޑަ ހުޅުވާލައިގެން ހިނގާލައިފައި ދިޔައީ ސަހަރާތެރެއިން ފެންނަމުންދިޔަ މަހާނަތަކަށް ލޯހިންގަމުންނެވެ. އާދައިގައި ހިނގާވަރަށްވުރެ ފިޔަވަޅުތައްވެސް ލަސްކަން ފާހަގަވިއެވެ. ވާރޭ ތުނިކޮށްލާފައި ހުރުމުން ޝަލީންވެސް ފަސްފަހަތުން ހިނގައިގަތެވެ. އޭނާ ކުރިއަށް އަޅަންފެށި ކޮންމެ ފިޔަވަޅަކާއެކު އައިނައި ތަނެއް ނޭނގި ސިކުނޑި ވަށައިގެން އެނބުރެން ފެށީ މާކުރީގެ ހަނދާންތަކެކެވެ. އެއީ އެމަގުން އެތަކެއްފަހަރު އޭނާ ދަތުރުކޮށްފައިވާ ކަމުގެ ހަނދާންތަކެކެވެ. ކުރިއަށް ދިޔަ ދިޔަހެން އެމަގު އޮންނާނެ ގޮތާއި އެންމެ ކައިރިން ޖެހެން ހުރި ގެތައް ހުންނާނެ ގޮތްވެސް ހިތަށް ކުލަވެގެން އަންނަން ފެށިއެވެ. ބޮލުގައި ރިއްސަން ފެށީ އިތުރަށް ހަނދާންކުރަން ވެގެން ސިކުނޑިއަށް ލާންފެށި ބާރަކުންނެވެ. ނުހައިކް ގޮސް ކޮންމެވެސް ގޯޅިއަކުން އެޅުމުން އެވަންތަނެއް ނޭނގިފައި ހުންނާކަށް ނުޖެހުނެވެ. އޭނާއަށް ދެވުނީ ނުހައިކް ދިޔަ މަގުން އެދިމާއަށެވެ. ގޮސް އެގޭ ކުރިމައްޗަށް ހުއްޓެވުނުކަން އެނގުނެވެ. ދެން އެނގުނީ މޫނުމައްޗަށް އަނދިރިވެ އަރިއަޅައިލިކަމެވެ. ވެއްޓިދާނެތީ ފާރުގައި އަތް ޖައްސާލެވުނު ނަމަވެސް އޭރު މާލަސްވެއްޖެއެވެ.

*****

އޮފީހުން އައިސް ޝާހަމް އެނދަށް ވެއްޓިގަނެގެން އޮތްވާ މަންމަ ދޮރު ހުޅުވައިލީ ހޫނު ކޮފީ ތަށްޓެއް ހިފައިގެން އައިހެވެ. މަންމަ ގޮވާލުމުން ޝާހަމް ބޯހިއްލާލައިފައި ތެދުވެ އިށީންނެވެ. ފިނި ހިފާފައިވާ އެގަޑީގައި މަންމަ ގެނެސްދިން ހަދިޔާ އޭނާއަށް ކަމުދިޔައެވެ. މެދާކަށް ހަމައަށް ގޮށް ނައްޓާފައިވާ ގަމީސް ބާލައި އެނދުމައްޗަށް ދޫކޮށްލުމަށްފަހު އޭނާ ކޮފީތަށީގައި ހިފިއެވެ. "ބައްޕަ ބުނި ދަރިފުޅުގެ މަސައްކަތް ރަނގަޅު ވާހަކަ." ނަޖުމާ ޝާހަމްގެ ގަމީސް ނަގައިގެން ގެންގޮސް ކޮނޑުގައި އަޅުވަން ހުރެފައި ވާހަކަދެއްކިއެވެ. ޝާހަމް މަންމަގެ މޫނަށް ބަލައިލާފައި އެއްޗެއް ނުބުނެއެވެ. އެކަމަކު ބައްޕަ އެހެން ބުނިކަން އެނގުމުން ހިތްހަމަޖެހުނެވެ.

"ދަރިފުޅު ރުޅި ނާންނަމަތިން މަންމަ އެހެން ވާހަކައެއް އަހަންތަ؟' ނަޖުމާ އެނބުރި އައިސް އެތާހުރި ގޮނޑީގައި އިށީންދެފައި އެހިއެވެ. ޝާހަމް އަނެއްކާވެސް މަންމަ މޫނަށް ބަލައިލަމުން ހަމައެކަނި ބޯޖަހައިލިއެވެ. "އިނގޭ މިވާހަކަ ދައްކަން އަދި މާ އަވަސްކަން. ލިޒް ވަކިވުމުގެ ހިތާމަ ނުފިލަނީސް މިވާހަކަދެއްކުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫން. އެކަމަކު މަންމައަށް ހީވަނީ އެކަން ހަނދާން ނައްތާލަން ފަސޭހަ ވާނީ ދަރިފުޅު އެހެން ކުއްޖަކާ ގުޅިގެންހެން. މަންމަ މިދައްކަނީ ކައިވެނީގެ ވާހަކަ. ދަރިފުޅު ދެން ކޮންއިރަކުން މީހަކާ އިންނަން ގަސްތުކުރަނީ؟" ނަޖުމާގެ ވާހަކައިގެ ވަކި ހިސާބަކުން ޝާހަމް ކޮފީތަށި ދުރުކޮށްލައިފައި ފުންމައިގެން ތެދުވިއެވެ. އޭނާ ކޮފީބޯހިތް ކެނޑުމުން ތަށި ބަހައްޓާފައި ގޮސް ހުއްޓުނީ ކަހާލައިފައިވާ ފޮތިގަނޑު ކައިރީ ބޭރު ފެންނަ ހިސާބުގައެވެ.

"މަންމާ އަހަރެން ދެން މީހަކާ އިންނާކަށް ގަސްތެއް ނުކުރަން." ޝާހަމް ފުރަގަސްދީގެން ހުރެފައި އިއްވައިލިއެވެ. އެއަޑު އިވުމުން ނަޖުމާވެސް ސިހުނެވެ. އޭނާ ބަލަން ހުރެލާފައި ގޮސް ޝާހަމްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޝާހަމް އެއަތުގައި ހިފާ ފިއްތާލައިގެން ހުރީ އަދިވެސް ދުރު ބަލަހައްޓައިގެންނެވެ.

"ދަރިފުޅު ނުވިސްނަންތަ އަލުން ވިޝާއާ ގުޅޭކަށް؟ އެކުއްޖާ އަދިވެސް އެހުންނަނީ ދަރިފުޅު ނޫންކުއްޖަކާ ނުގުޅެން ވެގެން. އެގޭ މީހުން ކިތަންމެ ވަރަކަށްވެސް މަސައްކަތްކޮށްފި އެހެން މީހުންނާ ވިޝާ ގުޅުވަން. އެކަމަކު އޭނަވެސް ބުނަނީ ދުވަހަކު ދެން މީހަކާ ނީންނާނެ ކަމަށް. ދަރިފުޅަށް ކުރިންވެސް އޭނަ ކަމުދިޔައެއްނު. އަދި މިއަދު ތިދެމެދުގައި އިތުރު އެއްވެސް ހުރަހެއް ނެތް." ނަޖުމާގެ ވާހަކަ ނުނިމެނީސް ޝާހަމް ކުއްލިއަކަށް އެނބުރި ބަލައިލިއެވެ. އެލޮލުން ފެނުނު ކުލައަކުން ނަޖުމާއަށް އިސްޖަހައިލަން މަޖުބޫރުވިއެވެ. އޭނާއަށް އައިސް މިދެއްކުނީ ދައްކަންވާވަރުގެ ވާހަކައެއް ކަމާމެދު ސުވާލު އުފެއްދުނެވެ. ކަރުނައާއި ރުޅިވެރިކަން އެކުވެގެން ނާރު ހިލިފައިވާ ޒުވާން ދަރިފުޅުގެ ލޮލުން އެތައް ވާހަކައަކާއި ޝަކުވާއެއް ހާމަކޮށްފިއެވެ.

"މަންމަ ނުޖެހޭނެ ބައްޕަގެ ސްޕޯކްސް ޕާރސަންއަކަށް ވެގެން އައިސް ކޮންމެފަހަރަކު ބައްޕަގެ ވާހަކަތައް އަހަރެންގެ ކަންފަތަށް އިއްވާކަށް. އަހަރެންނަށް އެނގޭ ތީ މަންމަގެ ބަހެއް ނޫންކަން. ބައްޕަ އެހާ ބޭނުންވަންޏާ ކީއްތަ ވާނީ އަމިއްލަ އައިސް އަހަރެންނާ ކުރިމަތިލިއްޔާ. އަހަރެންނަށް އިނގޭ ވިޝާވެސް މިހާރު ބޭނުމެއް ނުވާނެކަން އަހަރެންނާ ގުޅޭކަށް. އޭނަގެ އަމިއްލަ ނަފްސަށް އޭނަ ކިރިޔާވެސް ޤަދަރު ކުރަންޏާ އަހަރެންކަހަލަ މީހަކާ ނުގުޅޭނެ." ޝާހަމް ހިތްހަމަ ނުޖެހިގެން ރައްދުދީފައި ދިޔަ ގޮތަށް ގޮސް އަލަމާރިން ޓީޝާޓެއް ނަގައިގެން ބޮލަށް މަހާލުމަށްފަހު ކޮޓަރިން ނިކުތެވެ. ނަޖުމާ ދަރިފުޅަށް ގޮވަމުން ފަހަތުން ނިކުތްއިރު ޝާހަމް ހަރުކޮށް ސިޑިން ފައިބައިގެން ގޮސް ގޭގެ މައިދޮރުން ނިކުންނަނީއެވެ. ދެން އަތު ނުވާނެކަން އެނގުމުން އޭނާއަށް ޖެހުނީ ހުއްޓައިލާށެވެ.

ކޮޓަރިއަށް ގޮސް ވަނުމުން އިމާދު ބަލައިލިއެވެ. އެބެލުމުން އެކަނިވެސް އޭނާ ދައްކަން ބޭނުންވި ވާހަކަ ނަޖުމާއަށް އެނގުނެވެ. ހާސްކަން ފޮރުވުމަށްޓަކައި ނަޖުމާ ގޮސް އަލަމާރި ހުޅުވައިގެން ހެދުމެއް ނަގާކަމަށް ހެދުނެވެ. "ޝާހަމް ކޮބާ؟ އެއްޗެކޭ ބުނެވޭވަރު ވެއްޖެތަ؟" އިމާދުއަށް ނީނދެވިގެން އެހިއެވެ. އޭނާ ކިޔަން އިން ފޮތް ބާއްވާލުމަށްފަހު އައިނު ނަގަމުން އެނދުން ފައިބައިގެން އައެވެ.

"އިމާދު އަނެއްފަހަރު އެދެމީހުންގެ ކައިވެނީގެ ވާހަކަ ތިދައްކަނީ އެގޭ މީހުންނާ މަޝްވަރާ ކޮށްފަތަ؟ ވިޝާ ރުހޭތަ އެކަމާ؟" ނަޖުމާ ހުށައަޅައިލީ ޝާހަމްގެ ސުވާލުތަކެވެ. އިމާދު އެވަގުތު ހީލުމުން ނަޖުމާއަށް އޭގެ ޖަވާބުލިބުނެވެ. އެހެންނޫނަސް އިމާދުއާ ފިރުދައުސްއަކީ އެއް ހިޔާލެއްގެ ދެމީހުންނެވެ. އެއްގޮތުން ނޫނީ އަނެއް ގޮތުން އެމީހުން ތިބޭނީ ވިޝާއާ ޝާހަމް ގުޅުވަން ތައްޔާރަށެވެ.

"ތެދަށް ބުނަންޏާ ފިރުދައުސްވެސް ބޭނުމެއް ނުވާނެ ދެވަނަ ފަހަރަށް ޝާހަމްގެ ފައިބުޑަށް ވެއްޓިގަންނާކަށް. އެކަމަކު ދަރިންގެ އުފާތަކުގެ ކުރިމަތީ މައިންބަފައިންނަށް ކޮން ގޮތެއް ހެދޭނީ؟ ވިޝާ ކޮޅަށް ތެދުވީވެސް ޝާހަމް އައި ޚަބަރުލިބިގެން. އޭނައަށް ކިރިޔާ އުޅެލަން އެފެށުނީވެސް ޝާހަމް ފެނުނީމަ. އެވަރު ކުއްޖެއްގެ އުފަލަށް ހުރަސް އަޅަން ކެރޭނެ ބަފައެއް ނުހުންނާނެ. ދެން ހުރީ އަހަރުމެން. އަހަރެން ބޭނުން ކޮންމެ ގޮތެއް ހަދާފަވެސް މިފަހަރު ޝާހަމްއާ ވިޝާ ކައިވެނި ކުރުވަން. ޝާހަމްގެ ކިބައިގައި ލަދުވެތިކަމުގެ ކަންފުޅެއްވެސް ހުރިއްޔާ އަހަރެން ޤަބޫލެއް ނުކުރަން ދެވަނަ ފަހަރަށް ފުރަގަސްދޭނެ ކަމަކަށް. އޭނަ ނުބުންޏަސް އަހަރެންނަށްވެސް އެނގޭ އޭނަވެސް ވިޝާއަށް އެހެން ހެދުނީމަ ދެރަ ވާނެކަން. އެއަންހެންކުއްޖާ މިދޭތެރެއަށް ނުވަންނަމަ...." އިމާދު ވާހަކަދައްކަމުން އަނެއްފަރާތަށް އެނބުރިފައި ގޮސް ދޮރުފަތުގައި ގޮށްމުށުން ޖަހައިލީ ލިޒް ހަނދާންވެފައެވެ. އެމައުސޫމު ސިފައިގައި ހުރި އަންހެންކުއްޖާ އޭނާގެ މުޅި އާއިލާއަށް ވިހަ ލައިފިއެވެ.

*****

ހޭވެރިކަން ވީއިރު ޝަލީންގެ ބޮލުގައި ރިހުމެއް ހުއްޓެވެ. އޭނާ ނިތުގައި ފިރުމާލަން އޮވެފައި މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލި ވަގުތު ލޯ ހުއްޓުނީ ފެހި ސީލިންގާއި މެދުގައި ހަރުކޮށްފައި ހުރި ޗާންދަލިއާއަށެވެ. ތެޅިގަންނަން ނޫޅުނީ އެއީ އާތަނެއްކަން ނޭނގުނީމައެވެ. ތެދުވެ އިށީންއިރު ކޮޓަރި ތެރޭ އިތުރު މީހަކު ނެތެވެ. ފެހި ފާރުތަކުގެ މެދުގައިވާ ހިތްގައިމު ބެޑްރޫމް ސެޓުގެ އިތުރުން އެންމެ ކުރެހުމެއް ނޫނީ ފާރުގައި ނެތެވެ. ޝަލީން ވިސްނަން ހުރެގެން ތެދުވެފައި ޖެހިލެވުނީ ދަމާލައިފައި ހުރި ދޮރުފޮތިތަކާއި ދިމާއަށެވެ. އެފޮތިތައް ކަހާލިއިރު އަދިވެސް ބޭރަށް ވާރޭ ވެހެނީއެވެ. ޝަލީން ބަލަން ހުއްޓާ ފުރަގަހުން މީހެއްގެ ހިލަންވީހެން ހީވެގެން ބަލައިލިއިރު ކުރިމަތީ ހުރީ ނުހައިކްގެ މަންމައެވެ. ސާރާއެވެ.

ވަގުތުން ޝަލީންއަށް ލޯބޮޑު ކޮށްލެވުނެވެ. އޭނާ ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ސާރާ އައިސް ކައިރިވެފައި ނިތުގައި އަތް ޖައްސައިލިއެވެ. "މިހާރު ކިހިނެތް؟" އެއަޑު ކަންފަތުގައި ޖެހުނު ވަގުތު އާދަޔާ ޚިލާފަށް މެއަށް ފިނިވެލިއެވެ. "ރަ.. ރަނގަޅު." ޝަލީންއަށް ވާހަކަދައްކަން އުދަނގޫވިއެވެ. "ކިހިނެތް އަހަރެން މިގެއަށް އައީ؟" ހާސްވެގެން ދެއަތް ދެއަތާއި ކުޅެލަމުން ޝަލީން އިތުރަށް އެހިއެވެ.

"ދައްތަގެ ދަރިފުޅު ނުހައިކް ގެނައީ." ސާރާ ޖަވާބުދިންވަގުތު ޝަލީން އިތުރަށް ފިނިވިއެވެ. ސާރާ އެވަގުތު އަނެއްކާވެސް ހިނިތުންވެފައި ދާން ހިނގާށޭ ބުނެ އަތުގައި ހިފައިގެން ކޮޓަރިން ނިކުތްއިރު އޭނާއަށް ބެލެނީ ވަށައިގެން އެތަން މިތަނަށެވެ. ކޮޓަރިން ނިކުމެ ސިޓިންރޫމް ސޯފާގައި ދެމީހުން ތިބެފައި ސާރާ ގޮވައިލުމުން ނުހައިކް ކޮޓަރިން ބޭރަށް ބޯދިއްކޮށްލައިފިއެވެ. ޝަލީން ކަންބޮޑުވެގެން ފުރަތަމަވެސް ކުރެވުނު ކަމަކީ އިސްޖަހައިލުމެވެ.

"ވާރޭ ހުއްޓަން އުޅޭހެން ހީވަނީ. ދަރިފުޅު ދާންވީއެއްނު މީނަ ގެއަށް ލައިދޭން." ސާރާ އެދުނީ ޝަލީން އުންމީދު ނުކުރާވަރު ކަމަކަށެވެ. އޭނާ އިތުރަށް އަޖައިބުކޮށްލީ ނުހައިކް ވަގުތުން މަންމައަށް ކިޔަމަންވެ އެއްބަސްވިތަން ފެނިފައެވެ. ސާރާއާއެކު ދެމީހުން ނިކުމެފައި ނުހައިކް ސައިކަލު ކައިރިކުރަންދެން ޝަލީންމެން ތިބީ އިންތިޒާރުގައެވެ. އޭރު ވާރޭ ހުއްޓައި އުޑުމަތި ސާފުވެއްޖެއެވެ.

ވަކިވުމުގެ ވަގުތު ޖެހުމުން ސާރާ ޝަލީންގެ ކޯތާފަތުގައި ހިފަހައްޓާލުމަށްފަހު އަތް ތިރިކޮށްލިއެވެ. ޖަވާބުގައި ހިނިތުންވެލާފައި ޝަލީން ފަހަތުގައި އަރައި އިށީނުމާއެކު ނުހައިކް ސައިކަލު ދުއްވައިލިއެވެ. ތަންކޮޅަކަށް ދުއްވާފައި ނުހައިކް އެސައިކަލު މަޑުކޮށްލީ ޝަލީންގެ ގެއަކަށް ނޫނެވެ.

 

ކޮމެންޓް 0