ދޮން....ބެ...!" ޝާހަމްގެ މޫނުގެ ކުލަވަރު ފެނިފައި ޝަލީން ބިރުން ވާހަކަދައްކަން އުދަނގޫވިއެވެ. އޭނާ ހީކުރީ އޮފީހުގެ ކަންތައް ފަޅާއެރީ ކަމަށެވެ. އެއްޗެއް ބުނަން އުޅެފައި ނުހައިކް އިނުމުން އެކަމާ ވިސްނަން ޖެހުނެވެ. ކޮޅަށް ތެދުވި ވަގުތު އޭނާ ހައިރާންކޮށްލީ ދޮންބެއާ ނުހައިކްގެ ނަޒަރު ސީދާވެ އެކަކު އަނެކަކަށް ކަޅި އަޅައިލި ރުޅިވެރިގޮތް ފެނިފައެވެ. "ޝަލީން ހަމަ މިހާރު ދޭ ގެއަށް!" ހަރުކަށި އެހެނަސް މައިތިރި އަޑަކުން ޝާހަމް ބުނެލިއެވެ. ދޮންބެ ބަލައިލި ގޮތުން ޝަލީން ބިރުން ފުށްކޮޅަކަށް ވެގެން ދިޔައިރު އަވަހަށް ކިޔަމަންވެ ބޯޖަހައިލިއެވެ. ބިލަށްވާ ފައިސާ މޭޒުމަތީ ބަހައްޓާފައި ދާންވެގެން އަތް ދަބަސް ނެގިއިރު އޭނާ ނުހައިކް މޫނަކަށް ނުވެސް ބަލައެވެ.

ކެބިންއަށް ވަދެފައި ޝަލީން އިނީ ފޯނާއި ދިމާއަށް ބަލައިލަ ބަލައިލައެވެ. ދެންމެ ދެންމެ ހީވަނީ ގެއިން ގުޅައިފާނެ ހެންނެވެ. ބައެއް ފަހަރު ތެދުވެގެން ގޮސް ކޮރިޑޯއަށް ނަޒަރެއް ދެއެވެ. ނުހައިކް އެނބުރި އައުމުން ނުހައިކްއާ ވާހަކަ ދައްކަން އޭނާ ހުރީ ބޭނުންވެފައެވެ. ދޮންބެއާ ނުހައިކްގެ މެދުގައި އޮތް ރުޅިވެރިކަމުގެ އަސްލު ހޯދުން ކޮންމެހެން މުހިންމު ވެއްޖެއެވެ.

"ކިހިނެތްވެގެން އެއްތާކު މަޑު ނުވެވިގެން ތިއުޅެނީ؟" ވިރާޝާއަށް ސުވާލުނުކޮށެއް ނީނދެވުނެވެ. "ނުހައިކް ނައިސްގެން." ޝަލީން އެކުވެރިޔާގެ މޫނަށް ބަލާލައިފައި ހިނިތުންވެލިއެވެ. އޭނާ ދިނީ އެންމެ ފަސޭހަ ޖަވާބެވެ. "އޯހ....އަދިވެސް އެކަން ނުހުއްޓަން ދޯ. ތިވަރުން އުޅޭތީ ކަންނޭނގެ މިހާރު ނިކްވެސް ހީވޭ ޝަލީއާ ކުޑަކޮށް ލައިކްވާހެން. ޗުއްޓީގަ ހުރި ދުވަސްކޮޅު އަހަރެން ކައިރީ އެހި ޝަލީގެ ވާހަކަ." ވިރާޝާ މަސައްކަތް މެދުކަނޑާލައިފައި ހިނިއައިސް އިނދެ ކިޔައިދިނެވެ. ޝަލީން ރަކި ގޮތަކަށް ހީލައިފައި ދުރުން ފިޔަވަޅުގެ އަޑު އިވުމުން އަވަހަށް ތެދުވެގެން ދިޔައެވެ. ދުރުން އެހެން މީހަކު ފެނުމުން މާޔޫސްވެ ކަރު އެލުވާލެވުނެވެ. އަދި އެންމެ ޖެހިލުންވަނީ ދޮންބެއާ ދެމެދު ބަދަލު ކުރެވުނު ރުޅިވެރި ނަޒަރަށްފަހު ދެން އަލުން އޭނައާ ވާހަކަ ނުދައްކަން ނުހައިކް ނިންމަފާނެތީއެވެ.

އޮފީސް ނިމުމަކާ ކައިރިވީއިރު ޝަލީން އިނީ އުންމީދު ކަނޑާލައިގެންނެވެ. ނުހައިކް ވަދެގެން ދިޔައީ ހީވާގޮތުން އޭނާ ކޮންމެވެސް މަސައްކަތެއްގައި އިންދައެވެ. އެހެންވިއަސް އޭނައާ ވާހަކަ ދައްކަން ނުހައިކް ބޭނުންވި ނަމަ ކޮންމެވެސް ގޮތަކުން އަންގާނެ ކަމުގައި ޤަބޫލު ކުރެވުނެވެ. ގަޑި ޖެހެން ކައިރިވުމުން ދަބަހަށް އެއްޗެހި ހަމަކޮށްލާފައި ތެދުވިތަނާ ވިރާޝާ އޭނާގެ އަތުގައި ކޮށްޓައިލިއެވެ. ޝަލީން ބަލައިލިއިރު ނުހައިކް އެމީހުންގެ ކެބިން ހުރަސްކޮށްފައި ދަނީއެވެ.

"ނުހައިކް...!!!" ޝަލީންއަށް ގޮވައިލެވުނީ އާދައިގެ ވަރަށްވުރެ ބާރަށެވެ. ނުހައިކް އެވަގުތު ބަލައިލާފައި މަޑުނުކޮށް ނިކުންނަން ދިއުމުން ޝަލީންއަށް ޖެހުނީ ފަހަތުން ދުވާށެވެ. "ވަރަށް އަވަހަށްތަ ތިދަނީ؟" ނުހައިކް ހިނގާ މިނުގައި ފައިތިލަ ސާބިތުކޮށްލެވޭތޯ މަސައްކަތް ކުރަމުން ޝަލީން އެހިއެވެ. އޭރު އެހާ އަވަހަށް އޭނާއަށް ހުރީ މައިނޭވާ ލެވިފައެވެ. "ބޭނުންވެގެން ތިއުޅޭ ކަމެއްގެ ވާހަކަ ބުނެބަލަ!" ނުހައިކްގެ ޖަވާބު ކުރީ އެންމެފުރަތަމަ ބައްދަލުވީއިރު ހުރި ގޮތަށެވެ. ހަރުކަށި އަދި އޯގާތެރިކަމެއް ނެތް އަޑެކެވެ. "ބޭނުންވަނީ ވާހަކަ ދައްކަން. މަޢާފަށް އެދެންވެސް ބޭނުން." ޝަލީން ދިޔަ ގޮތަށް ގޮސް ނުހައިކް ފަހަތުން ލިފްޓަށް އެރިއެވެ. ދޮރު ލެއްޕެން ދަނިކޮށް ފަހަތުން އައި ދެމީހަކު ގޮވާއަޑު އިވިގެން ނުހައިކް އުޅުނީ އެމީހުންނަށް ފުރުސަތު ދޭން ވެގެންނެވެ. އެވަގުތު ޝަލީން ކުއްލިއަކަށް އޭނާ އަތުގައި ހިފާ އެކަން މަނާކުރުމުން ޚުދު ނުހައިކްވެސް ހައިރާންވެފައި ބަލައިލިއެވެ.

"ސޮރީ. އެކަމަކު އެމީހުން މިތަނަށް ވަންނަމަ އަހަރެންނަށް ވަރަށް ގެއްލުން ދައްކާނެ." ފަހަތުން ދޮރު ލެއްޕުމާއެކު ޝަލީން ހަމަޖެހިލާފައި ބުނެލިއެވެ. ބުމަ ގޮށް ޖަހާލައިފައި ނުހައިކް މޫނު އަނބުރާލީ ދުރަށެވެ.

"ދޮންބެގެ ފަރާތުން އަހަރެން މައާފަށް އެދެން." ޝަލީން ހިމޭން އަޑަކުން ކިޔާލައިފިއެވެ. ނުހައިކް އޭރުވެސް ހުރީ ދުރު ބަލަހައްޓައިގެންނެވެ. ޝަލީންގެ ވާހަކައިން އޭނާއަށް އެއްވެސް ބަދަލެއް އައިކަމަކަށް މޫނަކުން ނުދައްކައެވެ. "އަހަރެންނަކީ ޝާހަމްގެ ކޮއްކޮއެއްކަން އެނގުނީމަތަ އެހާ ރުޅިއެއް ތިއައީ؟" ޝަލީން އިތުރަށް އަހާލިއެވެ. ނުހައިކް އެއްޗެއް ނުބުނެ ހުރުމުން އޭނާ ނިންމީ އެހިމޭންކަމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައ ހިފާށެވެ.

"ކީއްވެ ތިދެމީހުން އެކަކު އަނެކަކުދެކެ އެހާ ރުޅި އަންނަނީ؟ އަންހެންކުއްޖެއްގެ މައްސަލައެއްތަ؟ ނޫނީ އެހެން ކަހަލަ ކަމެއްތަ؟" ޝަލީން އެކި ގޮތްގޮތަށް ވިސްނަމުން ހިތަށް އައި ސުވާލެއްވިއްޔާ ނުހައިކް ކުރިމައްޗަށް ހުށައަޅަމުން ދަނިކޮށް އެމީހުންގެ ފްލޯރއަށް އާދެވިއްޖެއެވެ. ނުހައިކް އެވަގުތު ނިކުމެގެން ދާން ފެށުމުން ޝަލީންވެސް ފަސްފަހަތުން ދިޔައެވެ. އަނގަ ހުއްޓާނުލާ އަދިވެސް އެސުވާލުތައް ތަކުރާރު ކުރަމުން ދަނިކޮށް އޭނާއަށް ހުއްޓެން މަޖުބޫރުކުރީ ނުހައިކް އެނބުރި އެމޫނަށް ކަޅިއަޅައިލި ނުރައްކާތެރި ގޮތުންނެވެ.

"ތިހާ އޮޅުންފިލުވަން ބޭނުމިއްޔާ އަމިއްލަ ދޮންބެ ކައިރީ އަހާބަލަ!" ނުހައިކް ހަޅޭތްލަވައިގަތް އަޑު މުޅިތަނުގައި ގުގުމާލުމާއެކު ވަށައިގެން ހިނގާބިގާވަމުން ދިޔަ އެންމެންވެސް ހުއްޓިފައި އެދެމީހުންނަށް ބަލަން ފަށައިފިއެވެ. ޝަލީން ގަނޑުވެފައި ހުއްޓާ ނުހައިކް އޭނާ އެކަނި ދޫކޮށްލާފައި ނިކުމެގެން ގޮސް ލޯމަތިން ގެއްލުނުއިރު ލޮލަށް ކަރުނަ ގިނަވެފައި ހުރެގެން އަމިއްލައަށްވެސް ހައިރާންވެވުނެވެ. ނުހައިކްގެ އެހަރުކަށި ކަމުން އޭނާގެ ހިތަށް އަސަރުކުރީ ގާތްމީހަކު އެގޮތަށް މުހާތަބު ކުރިއަސް ކުރާނެ ވަރަކަށެވެ. ސުވާލަކީ ނުހައިކްއާ އޭނާގެ މެދުގައި އޮތް ގޮތް ނޭނގޭ ގުޅުމެވެ.

ގެއަށް ގޮސް ވަންއިރު މަންމަ ނިކަން ހަމަޖެހިފައި އިނީ ފޯނެއްގައެވެ. ޝަލީން ފެނުމުން އަވަހަށް ކައިރިއަށް ދިއުމަށް އިޝާރާތް ކުރިއެވެ. "މިހާރަކު ނޫން މަންމާ. އަހަރެން ވަރަށް ވަރުބަލިވެފަ މިއިނީ." ޝަލީން މަނާވެގަތެވެ. ކޮޓަރިއަށް ވަދެ އުޑުތިލަމަތިން އެނދަށް ވެއްޓިގަން ގޮތަށް ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮވެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ.

*****

"ކޮބާ ޝަލީ؟" ޝާހަމް ހަވީރު އައިސް ކޮޓަރިއަށް ވަދެފައި ވިޝާ ކުރެން އެހިއެވެ. "ނުދެކެން އަދި. އަހަރެންވެސް އޭނަ ނުފެނިގެން އެހީމަ މަންމަ ބުނި ކޮޓަރީގަ ނިދާފައި އޮތް ވާހަކަ." ވިޝާ ޖަވާބުދިނެވެ. އޭނާ ތެދުވެގެން ގޮސް ޝާހަމްގެ ބޫޓު ބާލުވައިދޭން އުޅުމުން ޝާހަމް އެއަތް ދުރަށް ޖައްސައިލިއެވެ. ރަކިވާ ގޮތްވެފައި ވިޝާ ތެދުވެ ހުރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ޝާހަމް ބޫޓު ބާލާފައި ބެހެއްޓުމަށްފަހު ގަމީސް ގޮށް ނައްޓަމުން ގޮސް ފާޚާނާއަށް ވަނުމުން އޭނާ އެބޫޓު ގެންގޮސް ހަރުގަނޑުގައި ބެހެއްޓިއެވެ.

ޝަލީންގެ ޚަބަރު ބަލައިލަން ހީކޮށްގެން ނިކުމެ އެކޮޓަރި ދޮރުފަތުގައ ޓަކި ޖަހާލުމުން އަދި ޖަވާބެއް ނުލިބުނެވެ. ވިޝާ އިންތިޒާރުގައި ހުރެލާފައި އެންމެފަހުން ދޮރު ހުޅުވާލައިފިއެވެ. ޝަލީން ފުން ނިދީގައި އޮތީ އޮފީހުން އައިގޮތަށެވެ ބޫޓުވެސް ފައިގައި ހަރުލާފައި އޮތެވެ. ވިޝާ ޝަލީންގެ ކައިރިއަށް ގުދުވެ ބޫޓު ބާލައިދެނިކޮށް ޝަލީން ހޭލައިގެން ބޯހިއްލާލައިފައި ބަލައިލިއެވެ.

"ވިޝް ކޮންއިރަކު އައީ؟" ޝަލީން އާފުރިލައިފައި އަނެއްކާވެސް އޮށޯތީ އެނދުގައެވެ. "ދެންމެ. ޝަލީ ދޮންބެ ޝަލީގެ ވާހަކަ އެހީމަ މިބަލައިލެވުނީ." ވިޝާ ކިޔައިދިނެވެ. އެއަޑު އަހާފައި ޝަލީން ފުންމައިގެން ތެދުވީ ބިރެއް ފެނުނު ކުއްޖަކު ފަދައިންނެވެ. "ދޮންބެ ކީކޭ ބުނީ؟" އޭނާ އޮޅުންފިލުވަން ވެގެން އެހިއެވެ. "އުހު.. ކޮބާހޭ އެހީ." ވިޝާ ނިތަށް ރޫ އަރުވައިލިއެވެ. ޝަލީންގެ އެހާސްކަމާއި ގުޅިފައި ކޮންމެވެސް ސަބަބެއް ވާނެކަމުގައި އޭނާއަށް ޤަބޫލު ކުރެވުނެވެ.

"ދޮންބެއަށް ފެނުނީ އަހަރެން ނުހައިކްއާއެކު އެއްމޭޒު ދޮށުގަ ބްރޭކްފާސްޓް ކުރަން އިންދަ."ޝަލީން އޮޅުންފިލުވައިދިނެވެ. ވިޝާ ނިތް އަރުވާލައިފައި އެއްޗެއް ނުބުނެއެވެ. "އެހެންވިއްޔާ ވިޝްއަށް އެނގޭތަ ދޮންބެއާ ނުހައިކްގެ ރުޅިވެރިކަމެއް އޮންނަކަން؟" ޝަލީން ކުއްލިއަކަށް ހަނދާންވެގެން އަހައިލިއެވެ. އޭނާ ބަލާލިއިރު ވިޝާ ވިސްނަން އިނދެފައި ބޯހޫރާލީ ދެފަރާތަށެވެ. އެކަމަކު އެހިސާބުން އެވާހަކަ ވިޝާގެ ވިސްނުމާއިވެސް ގުޅި ލާމެހިއްޖެއެވެ. "އަހަންނަކަށް ނޭނގެ ޝާހަމްއާ ނުހައިކްއަށް އެކަކު އަނެކަކު އެނގޭ ކަމެއްވެސް." ވިޝާ އިތުރަށް ބުނެލިއެވެ.

ކެއުމުގެ ވަގުތުގައި ދޮންބެއާ އެއްމޭޒު ދޮށުން ދިމާވުމުން ޝަލީން އިނީ ޖެހިލުންވެފައެވެ. ބައްޕަގެ ހުއްދަ ލިބިގެން ދިޔަ ކަމުގައިވިއަސް ދޮންބެ ނުހައިކްއާ ބެހޭގޮތުން ބުނާ އެއްޗަކުން ބައްޕަމެން ޖެހޭނީ ދޮންބެ ކޮޅަށް ކަމަށް ޔަޤީން ކުރެވުނެވެ. އޭނާ ހައިރާންވީ ޝާހަމް އެފަދަ އެއްވެސް އެއްޗެއް ނުބުނެ ކެއުން ނިންމާލައިފައި ތެދުވީމައެވެ.

"މިއަދު ދޮންދައިތަ ގުޅި." ކެއުން ނިންމާފައި ނިކުމެ ސިޓިންރޫމްގައި ތިބެގެން ނަޖުމާ ވާހަކަ ދެއްކީ އިމާދުއާއެވެ. "ކީކޭ ބުނީ؟" އިމާދު އުނގުމަތީ ހުރި ތަބަކުން ތިންފޮތި ފޯއް ނަގައި އަނގައަށް ލައި ހަފާލަމުން އެހިއެވެ. އޭނާގެ ނަޒަރު ހުރީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަކަށް ހުއްޓިފައެވެ. "ބޮޑު ޗުއްޓީއަށް އެރަށަށް ދާންވީނޫންހޭ ކިޔައިގެން ކީ. ދޮންދައިތަގެ މާމަކުދިން ހިތާނުކުރުމާއި ގުޅުވައިގެން އެގޭގައި ވަރަށް ކަންތައް ހުންނާނެ ކަމަށް ބުނި." ނަޖުމާ އޮޅުންފިލުވައިދިނެވެ. "ދެން ނަޖުމާ ކީކޭ ބުނީ؟" އިމާދު އެހިއެވެ. "އަހަރެން ކީކޭ ބުނާނީ؟ އަހަރެން ބުނީ އިމާދުއާ ދެކުދިން ދާން ބޭނުންވެއްޖެއްޔާ ދާނަމޭ." ނަޖުމާ ކިޔައިދިނެވެ. ޝަލީން ތިރިއަށް އަންނަތަން ފެނުމުން ނަޖުމާ ގޮވައިލިތަނާ ނިކަން ފަސޭހައިން ކައިރިއަށް އައިސް ހުއްޓުނެވެ.

"ދަރިފުޅު ބޭނުންތަ ބޮޑުދައިތަމެން ރަށަށް ޗުއްޓީ ހަދާލަން ދާން؟" ނަޖުމާގެ ސުވާލު ނިމޭއިރަށް ޝަލީން ދެބުމަ އުފުލައިލީ ސުވާލު އުފެދިފައެވެ. އެވީގޮތް ފުރަތަމަ އެނގުނީ އިމާދުއަށެވެ. "ދަރިފުޅު މަންމަ އެއްބަނޑު މީހަކު އުޅޭނެ ހއ ގައި. އެރަށަށް ދާ ވާހަކަ މިކިޔަނީ." އިމާދު ކިޔައިދިނެވެ. "ރަނގަޅުވާނެ ހަމަ." ޝަލީން މާބޮޑު ޝައުޤުވެރިކަމެއްނެތި އިއްވާލިއެވެ. މަންމައާ ބައްޕަ އެވާހަކަ ކުރިއަށް ގެންދަން ފުރުސަތު ދީފައި އޭނާ ގޮސް ވަނީ ބަދިގެއަށެވެ.

ޝަލީން އާފަލެއް ހިފައިގެން ކަމުން މައްޗަށް އެރިއިރު ޝާހަމް މައި ބެލްކަންޏާ ދިމާއަށް ދާތަން ފެނިގެން ހުއްޓިފައި ބަލައިލިއެވެ. ދެކޮޅު ބަލާލުމަށްފަހު އޭނާ ގޮސް ދޮންބެ ފުރަގަހަށް ހުއްޓިފައި ގޮވާލިއެވެ. ފޯނު ކުރުކޮށްލަމުން ޝާހަމް ބަލައިލިއިރު ޝަލީން ބަލަހައްޓައިގެން ހުއްޓެވެ. "އަހަރެން ވާހަކައެއް ދައްކަން ބޭނުން." ޝަލީން ބުނެލިއެވެ. "ކިޔާބަލަ. ދޮންބެވެސް ވާހަކައެއް ބުނަންވެފަ މިހުންނަނީ." ޝާހަމްގެ އަޑުގައި މިފަހަރު މާ ހަރުކަށިކަމެއް ނެތެވެ. ޝަލީން ބޯޖަހާލައިފައި ކުރިއަށް ޖެހިލައި ދޮންބެފަދައިން ރެއިލިންގައި ދެއަތް އަޅުވާލައިގެން ހުއްޓުނެވެ.

"ރުޅި ނައިސް ބުނެދީފާނަންތަ ދޮންބެއާ ނުހައިކްގެ މެދުގައި ތިއޮތް ރުޅިވެރިކަމުގެ އަސްލަކީ ކޮބައިކަން!" ޝަލީން ސީދާ މައުޟޫއަށް ދިޔައެވެ. ޝާހަމް ސިހިފައި ބަލައިލިގޮތުން އެކަނިވެސް އޭނާ ހިތްހަމަ ނުޖެހުނުވަރު އެނގުނެވެ. އެކަމަކު ޝަލީން ހުރީ ހުއްޓާ ގޮތަކަށް ނޫނެވެ. "އަހަރެން އެހީމަ އޭނަ ބުނީ ދޮންބެ ގާތު އަހަން. ބުނެބަލަ. ދޮންބެ ކުރިން އިންނަން އުޅުނު ކުއްޖާގެ ކަމެއްތަ އެއީ؟" ޝަލީން އިތުރަށް އެހުމުން ޝާހަމްއަށް އެވާހަކަ އޮތްބައިލެވޭނެ މަގެއް ނުފެނުނެވެ. އޭނާ ނުކިޔައިދެނީސް ޝަލީން އެހާ ކުރިއަށް ވިސްނާފައި ހުއްޓާ ފެނުމުން ކޮންމެވެސް މިންވަރެއް އޮޅުންފިލުވަދޭން ނިންމިއެވެ.

"ދޮންބެއާ ދިމާވުމުގެ މާކުރިން ނުހައިކްއާ ދެމީހުން އެއީ އެންމެގާތް އެކުވެރިން. އެކަމަކު ނުހައިކްގެ ނަޒަރު ތަފާތުކަން ފުރަތަމަ ދުވަހުވެސް ދޮންބެއަށް އެނގުނު. އެވާހަކަ ބުނެގެން އޭނަ ގަބޫލެއް ނުކުރި. ނުހައިކްއާ ގުޅުން ނުބާއްވަން ދޮންބެ ބުނީ ބައެއްފަހަރު ގެއްލިދާނެހެން ހީވާލެއް ބޮޑުކަމުން. އެކަމަކު އެގުޅުން ކަނޑައެއް ނުލި. އެންމެފަހުން އެއެކްސިޑެންޓްގަ ދެމީހުންނަށްވެސް އޭނަ ގެއްލުނީ." ޝާހަމް ތަފްޞީލު ދިންއިރު ލިޒްގެ ސޫރަ ލޯކުރިމަތީ އެނބުރި އެނބުރި ހުއްޓެވެ. ޝަލީން އޭރު ހުރީ މޭގައި އަތް އަޅާލައިގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުހައިކް އެދުވަހު ކިޔައިދިން ވާހަކައިގެ ތަފްޞީލުވެސް އަދިކިރިޔާ މި ލިބުނީއެވެ. ނުހައިކްއަށް ލޯބިވެވުނީ އެންމެގާތް އެކުވެރިޔާދެކެއެވެ. އެލޯބި ނުލިބުނު ތާނގައި އެކުވެރިއެއްގެ މަޤާމުގައިވެސް ބަހައްޓާކަށް ނުލިބުނެވެ.

ޝާހަމް ވިސްނުމަކަށް ގެއްލިފައި ހުއްޓާ ޝަލީން "ގުޑްނައިޓް" އޭ ބުނެފައި އެތެރެއަށް ވަންނަން އައިއިރު އަޑުއިވޭ ހިސާބުގައި ވިޝާ ހުއްޓެވެ. ޝަލީންއަށް ނުފެންނަނީސް އޭނާ އެތެރެއަށް ދެމިގެންފައި ދުވެ ގޮސް ކޮޓަރިން ނިވާކަން ހޯދިއެވެ. ޝާހަމްގެ ދުލުން ލިޒްގެ ވާހަކަ ކިޔައިދިން އަޑު އަހާފައި އޭނާގެ ހިތަށް ކުރީ ނުބައި އަސަރެކެވެ. ޝާހަމްގެ ހަޔާތުން މަޤާމެއް ލިބުނަސް ޝާހަމްގެ ހިތުން ލިޒްއަށް ދިން މަޤާމު އަދިވެސް އޮތީ އެގޮތުގައި ކަމުގައި ޝައްކު ވާންފެށިއެވެ. އެހެންނޫންނަމަ ލިޒް ނެތް ދުނިޔެއެއްގައި މިހާރުދެން ނުހައިކްދެކެ އަންނަންވީ ކޮން ރުޅިއެއް ހެއްޔެވެ؟

ހެދުން ބަދަލުކޮށްގެން އައިސް އެނދަށް އަރައި އޮތްވާ ޝާހަމް އައިސް ހުޅުވައިލީ ލެޕްޓޮޕެވެ. ވިޝާ ނުނިދިފައި އެކަމަކު ދެލޯ މަރާލައިގެން އޮތްހާ އިރަކު ޝާހަމް ފޫހިކަމެއް ނެތި މަސައްކަތުގައި ދެމި އިނެވެ. ލެޕްޓޮޕް ލައްޕާލައިފައި ތެދުވެގެން ފާޚާނާއަށް ދިއުމުން އޭނާ އަދިވެސް އޮތްގޮތަށް އޮތެވެ. އެނބުރި އައިސް އެނދުގެ އަނެއްފަރާތަށް އަރައި އޮށޯތީ އޭނާގެ ގައިގައި ކޮށްޓައިވެސް ނުލައެވެ.

ވިޝާއަށް ނޯވެވިގެން އެނބުރި ބަލާލިއިރު ޝާހަމް އޮތީ ފުން ނިދީގައެވެ. ޝަކުވާއިން ހިތް ފުރިގެން އައިއިރު ލޮލަށް ކަރުނަތައް ޖަމާވެގެން އޮހިގަތެވެ. ދުނިޔޭގައި ނެތް ފުރާނައަކާމެދު ހަސަދަވެގެން ރޯލަ ރޯލާ އޮވެ ބޭކާރު ކޮށްލެވުނީ ނިދިކޮޅެވެ.

 

ކޮމެންޓް 0