އަލޫކް؟" ޝަލީން ވައިއަޑުން ކިޔައިލިތަނާ އަލޫކް އެންމެ ކައިރީ ހުރި ގެސްޓްރޫމް ދޮރު ހުޅުވާލައިފައި އޭނާ ގޮވައިގެން އެތެރެއަށް ދެމިގެންފިއެވެ. "ދެން ކިޔާބަލަ ތިކިޔާ އެއްޗެއް؟" ޝަލީން ދޫކޮށްލައިފައި ދޮރަށް ލެނގިލައިގެން ހުރެ ތަޅުވަޅަށް އޮބާލަމުން އަލޫކް ނުލަފާ ގޮތަކަށް އެހިއެވެ. ރައްދު ދިނުމުގެ ބަދަލުގައި ޝަލީންއަށް އަނގަ ލައްޕާލެވުނީއެވެ. ނިއްކުރިން ދާތިކި ވިދަން ފެށިއިރު ހިތް އަވަސްވިއެވެ. ފެށުނީއްސުރެ އަލޫކްއާ ބެހޭގޮތުން އެންމެން ބުނެދީފައި ހުރި ވާހަކަތަކާއެކުވެސް އެކޮޓަރިތެރޭ ދެމީހުން އެކަނިވުމުން ބިރުގަންނަގޮތްވިއެވެ.

"ގެއަށް ނުގޮސް ކީއްތިކުރަނީ؟ ކާކު ހުއްދަ ދީގެން މަޑުކުރީ؟" ޖެހިލުންވިކަން ނާންގަންވެގެން ޝަލީން ވާހަކަދެއްކީ ބުމަ ކައިރިކޮށްލައިފައެވެ. "ޝަލީ ހީކުރީ ޝަލީ ހުއްދަ ނުދީފިއްޔާ އަހަރެން ޖެހޭނީ ނިކުމެގެން ދާން ކަމަށްތަ؟" ދެއަތް ހައްޔަރުވެފައި އެހުރިގޮތަށް ހުއްޓާ އަލޫކް ހިނިގަނޑެއް ޖަހާލައިފައި އޭނާގެ ދެކޮނޑުގައި ހިފައިގެން ފަހަތަށް ގެންގޮސް ބެއިންދީ އެނދުގައެވެ. ދުރަށް ދިއުމުގެ ބަދަލުގައި މަގަތުގައި އަލޫކް އިށީންދެލުމުން ޝަލީންއަށް އުދަނގޫވިއެވެ. އޭނާ ނޭވާ ހިފަހައްޓާލައިގެން އިންއިރު އަލޫކް ހަމަޖެހިލައިގެން އުއްޑުން އޮށޯވެލިއެވެ. އެވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ހާމަވަމުންދިޔަ އެދޮން ކަނދުރާއަށެވެ. ހުޅިއަކުން ހައްޔަރުކޮށްފައި އޮތްއިރު ތިރިއަށް އެލިފައިވާ ބައެއް އިސްތަށިކޮޅުތައް ފަޚުރުވެރިކަމާއެކު އެރީތި ކަނދުރާގައި ބޮސްދެމުން ދިޔަގޮތުން އެއިސްތަށިކޮޅުތައް ދެކެވެސް އަލޫކްއަށް ހަސަދަވެރި ވެވުނެވެ. އޭނާ ކެތްމަދުވީ ބީހިލާ ހިތުންނެވެ.

"އަދިވެސް ނުބުނަމެއްނު މިއަދު ލަހުން ގެއަށް އައީ ކީއްވެކަމެއް؟" އިޚުތިޔާރެއްނެތި އުފުލުނު އަތްތިލަ ކިޔަމަން ކޮށްފައި ގެނެސް ބޯދަށަށް ލައްވާލަމުން އަލޫކް ބުނެލިއެވެ. "އެވާހަކަ ނުބުނެގެންތަ މަޑުކުރީ؟" ޝަލީން ކުއްލިއަކަށް އެނބުރި ބަލައިލިއެވެ. އަލޫކްގެ މަޤްސަދަކީ އޭނާއަށް ގެއްލުމެއް ދިނުން ނޫންކަން އެނގުމުން ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އެކަމަކުވެސް އަލޫކްއާ ކައިރީގައި އިންނަން ވުމުން ހިތް މި ތެޅެނީ ކީއްވެ ހެއްޔެވެ؟ ނުހައިކް، އޭނަ ނުދަންނަ މީހާ ކައިރީގައި ހުންނައިރުވެސް މިއަށްވުރެ ފަސޭހައެވެ.

"ތިހެންވެސް ބުނެވިދާނެ." އަލޫކް ހަމަޖައްސައިލީ ނުދައްކާވާން އޮތް ވާހަކަ ފަރުދާގެ ތެރޭ އޮންނަން ފުރުސަތު ދީފައެވެ. އެއާޚިލާފަށް އޭނާގެ ހިތުގެ ގޮވުމުގެ ވާހަކަ ބުނެފިއްޔާ ޝަލީން އޭނަ ރޮލުން ކާނެއެވެ. ގައިމުވެސް ކުރީގެ ޝަލީން ކަންތައް ކުރާނެ ގޮތަކީ އެއީއެވެ.

"ނުހައިކް ފަހަތުން ދިޔައީ." ޝަލީން އޮޅުވައިލާކަށް މަސައްކަތެއް ނުކުރެއެވެ. އެންމެފުރަތަމަ އޭނާއަށް އެތަން ދަސްވީވެސް އަލޫކްގެ ރަނގަޅު ކަމުންނެވެ. އަލޫކް އެއަޑު އިވިގެން "އޯހ" އޭ ކިޔައިލާފައި އިންތިޒާރު ކުރަން ފެށީ އިތުރު ތަފްސީލަށެވެ. ޝަލީން ކިޔައިދިނީ ނުހައިކް ފަހަތުން ދިޔަ ދިއުމުގައި ފެނުނު ތަންތަނުން ދަންނަ ވައްތަރު ޖެހި ވާހަކައެވެ. ނުހައިކް މަންމަގެ މޫނާއި ހިނިތުންވުމަކީ އޭނާ މާކުރިއްސުރެ އެނގި ދަސްވެފައިވާ އެހެނަސް ކިހިނެތްކަން އޮޅުންނުފިލާ ހުރި ކަންކަން ކަމެވެ. އިރުކޮޅެއް ފަހުން ޝަލީންވެސް އުޑުތިލަމަތިން އޮށޯވެ އޮތީ ސީލިންގަށް ބަލަހައްޓައިގެންނެވެ. ދެމީހުން އަމިއްލަ ހިޔާލުގައި ތިބެގެން ހީވާ ގޮތްގޮތުގެ ވާހަކަ ބަދަލުކުރިއެވެ.

ޝަލީން ނައިސް ގިނައިރުވާން ފެށުމުން ވިޝާ ތެދުވެގެން ދޮރާއި ހަމައަށް އައެވެ. އޭނާ ކުޑަކޮށް ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލައިލީ ފެންނަ ހިސާބުގައި ޝަލީން ހުރިތޯއެވެ. އެފަދަ އިޝާރާތެއް ނުފެނުމުން ކޮނޑު އަރުވާލައިފައި އަނެއްކާވެސް އައިސް އޮށޯތީ އެނދުގައެވެ. ބޭރުގެ ތޫފާން ގަދަވީ ވަރަކަށް ހީކަރުވަން ފެށިއެވެ. ޝާހަމް ފަހުން އެއްޗެއް ބުނޭތޯ ފޯނަށް ބަލަން އޮތްވާ އޮފްލައިން ވިތަން ފެނިގެން ވިޝާ މާޔޫސްވިއެވެ. އޭނާ އެފޯނު ބާއްވާފައި ލޯމަރައިގެން އޮތްވާ ޖެހި ގުގުރީގެ އަޑުން ހަތަރެސްފައި ކޮޅަށް ޖެހުނެވެ. އަވަހަށް ތެޅިގެންފައި ފުންމައިގެން ތެދުވިއިރު ކައިރީހުރި ސައިޑު ޓޭބަލްމަތިން ކޮންމެވެސް އެއްޗެއްގައި އަތް ޖެހިފައި ވެއްޓިއްޖެއެވެ. އިއްތިފާޤުން ޝާހަމް އޭރު އެކޮޓަރި ކައިރިން ލާފައި ސިޑިއާ ދިމާއަށް ދަނީއެވެ. ވިޝާ ކަންބޮޑުވެފައި ތެޅުނު ބައްތިއަށް ބަލަން ހުއްޓާ ޝާހަމް ދޮރުގައި ޓަކި ޖަހައިލިއެވެ. އެދޮރަށް ޖަވާބު ދިނުމުގެ ބަދަލުގައި ވިޝާ ފާޑަކަށް ހުއްޓުން އަރާފައި ހުރިގޮތަށް ހުރީއެވެ.

"ކޮން އަޑުފަތްގަނޑެއް؟" ޝާހަމް އެންމެފަހުން ދޮރު ހުޅުވާލައިފައި ގޮވާލިއެވެ. ފުރަގަސްދީގެން ހުއްޓާވެސް ވިޝާގެ މޭގަނޑު ފިނިވެގެން އައެވެ. ކޮޓަރިތެރޭ އަނދިރިކޮށް އޮތީ ނަސީބޭ ހިތަށް އެރިއެވެ. "ޝަލީ؟" ވިޝާ ޖަވާބު ނުދީ ހުންނަން ފެށުމުން ޝާހަމް އަނެއްކާ ގޮވައިލިއެވެ. "އަހަރެން އަތުން ޖެހިފަ މިތާހުރި ލައިޓު ވެއްޓުނު އަޑު." ޝާހަމް ކައިރިއަށް އަންނައަޑު އިވިގެން ވިޝާ އެންމެފަހުން ބުނެލިއެވެ. އެއަޑު ކަންފަތުގައި ޖެހުމުން ޝާހަމްގެ ފިޔަވަޅުތައްވެސް ހުރި ހިސާބުން ހުއްޓިއްޖެއެވެ. "ކޮބާ ޝަލީ؟" ޝައްކު ޔަޤީންކޮށްލަންވެގެން އޭނާ އެހިއެވެ. ވިޝާ ބުނީ ޝަލީން ކޮންމެވެސް ކަމަކު ބޭރަށް ނިކުތްފަހުން އިރުކޮޅެއްވި ވާހަކައެވެ.

"ސާފުކުރަން ނޯކަރަކަށް ގޮވަން ވީތަ؟" ޝާހަމް ނިކުންނަން ވެގެން އެނބުރި ހުރެގެން އެހިއެވެ. "ނޫން އަހަރެން ސާފުކޮށްލަފާނަން." ވިޝާ އަވަހަށް މަނާވެގަތެވެ. ޝާހަމް އެންމެރަނގަޅޭ ބުނެފައި ނިކުމެ ދޮރު ލައްޕައިލި އަޑު އިވުނެވެ. ވިޝާގެ ހިތުގެ ތެޅުން މަޑުވާން ފެށީ އެހިސާބުންނެވެ. އޭނާ ބޮކި ދިއްލާލައިފައި ތިރިވެ ފުޅިތޮށިތައް ހޮވަން އިންދާ އެތަނުން އެތިކޮޅެއް އިނގިއްޔަށް ހެރުމުން ރޮއިގަނެވުނެވެ. ބަލާލިއިރު އޭތިކޮޅު އަދި ހުރީ އިނގިލީގައި ހަރުލާފައެވެ. އޭނާ ހިތްވަރުން ފުޅިތޮށިކޮޅު ދަމައިގަތުމާއެކު ލޭތައް އޮހިގަތެވެ. އަތުގެ ނުފުށުން ކަރުނަ ފުހެލާފައި އަނެއްކާވެސް ސާފުކުރަން ފެށުމުން ކުރިއަށްވުރެ ބޮޑަށް ރޮވެން ފެށިއެވެ. ތަދާއި ގުޅިގެން ކަރުނަ އައެއް ކަމަކު ހަޤީޤަތުގައި އޭނާގެ ހިތަށް ތަދުކުރީ ޝާހަމްގެ ދިން އަނިޔާގެ ހަނދާންތަކެވެ. ހިތްދަތިވީ އެހެންވެއެވެ. އޭނާ މަސައްކަތް ނިންމާލައިފައި އެނދަށް އަރައި އޮތްއިރު ކަރުނަތައް ބާލީސް ފޯކުރަމުން ދިޔައެވެ.

ގެސްޓްރޫމްގައި ޝަލީންއާ އަލޫކް ތިބިއިރު ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނާތާ އިރުކޮޅެއް ވެއްޖެއެވެ. އާފުރެން ފެށުމުން އަލޫކް އަރިއަކަށް އެނބުރިފައި ބަލާލިއިރު ޝަލީން އޮތީ ލޯމަރާލައިގެންނެވެ. އަލޫކް ހީކުރީ ޝަލީން އަދިވެސް ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮތުމުން ލޯމަރާލައިގެން އޮތީކަމަށެވެ. އޭނާ ނިދަންވެއްޖެއޭ ބުނެފައި ތެދުވެ ގަމީސް ބޭލުމަށްފަހު ފާޚާނާއަށް ވަނެވެ. އޭގެ އިރުކޮޅެއް ފަހުން ނިކުމެ ބަލާލިއިރު ޝަލީން އަދިވެސް އޮތްގޮތަށް އޮތެވެ.

ޝައްކުގައި ހުރެގެން ގޮސް ކުޑަކޮށް ގުދުވެލާފައި ކޯތާފަތުގައި އަތް ޖައްސާލުމުން ޝަލީންއަކަށް އެނގުމެއް ނުވިއެވެ. "ޝަލީ ނިދީތަ؟" އަލޫކް އެމޫނުގައި ކޮށްޓާލައިފައި ސުވާލުކުރިއެވެ. އެކަމަކު ޝަލީން އޮތީ ފުން ނިދީގައެވެ. ހައިރާންވެގެން އޭނާއަށް އަތް ހާކާލެވުނީ ބޮލުގައެވެ. އޭނާގެ ޝަލީންއަކީ އެހާ ފަސޭހައިން ނިދާ ކުއްޖެއް ނޫނެވެ. ޝަލީންއަށް ނުނިދިގެން އޭނާއަށް ގުޅާފައި ބައެއްފަހަރު ލަވަ ކިޔަން ބުނާ ރޭރޭވެސް ޝަލީންއަށްވުރެ ކުރިން އޭނާއަށް ނިދުމުން އަނެއް ދުވަހު އޭގެ އަޒާބު ދައްކާލައެވެ.

"މާބޮޑަށް ވަރުބަލި ވީ ކަންނޭނގެ." އަލޫކް އަމިއްލަ ހިތަށް ވިސްނައިދިނެވެ. އޭނާ ކުރިންވެސް އޮތްތާ އޮށޯވެފައި ޝަލީންގެ މޫނު ފެންނާނެހެން އަރިއަކަށް ޖެހިލިއެވެ. ވެހޭ ވާރޭގެ އަޑު ގަދަވަމުން އައިއިރު އެތެރެހަށީގެ ތޫފާންވެސް ވަކިން މައިތިރިއެއް ނޫނެވެ. އެކަމަކު އޭނާ ކެތްކުރިއެވެ. އަތުން ފައިން ގޯހެއް ހެދުމުގެ ކުރިން ޝަލީން އެތަނުން ނެރެން ގަސްތުކޮށްފައި ނޭފަތުގައި ހިފައިލުމުން ނިދީގައި މޫނު ކުނިކޮށްލާފައިވެސް އަތް ދޫކޮށްލިހާއިރުން އަނެއްކާ ހަމަޖެހިލައިފިއެވެ. އަލޫކްއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބަލަހައްޓައިގެން އޮތްވާ އެންމެފަހުން އޭނާގެ ލޮލަށްވެސް ނިދި ސަވާރުވެ ކުރި ހޯދައިފިއެވެ.

*****

މުޅިން އާ ދުވަހަކަށް އިރު އަރައިގެން އައިއިރު ވިއްސާރައިގެ ކުލަ ނެތިގޮސް އުޑުމަތި ސާފުވެއްޖެއެވެ. ވިޝާ ހޭލައިގެން އާފުރެމުން ބެލްކަންޏަށް ނިކުތްވަގުތު ޖެހިލި ވައިރޯޅިން ހީކަރުވައިގަތެވެ. ރޭ ވެހުނު ވިއްސާރައިގައި ގަސްތައް ތެމި ފެހިކުލަ ގަދަވެފައިވާއިރު މުޅި ހިސާބުގައި ފިނި ހިފާފައެވެ. ޝަލީން ނެތްކަން އޭނާއަށް އެނގުނީ އަލުން ކޮޓަރިއަށް ވަންތަނާއެވެ. ލައިގެން ހުރި އެއްޗެހީގެ މަތިން ޖެކެޓްކޮޅެއް މަހާލައި ދެފަރާތުން ކައިރިކޮށްލައިގެން ހުރެ ސިޑިން ފޭބިއިރު ޝަލީން އުޅެނީ ބަދިގޭގައެވެ.

"ގުޑްމޯނިން!" ވިޝާ ގޮސް ގޮވައިލިތަނާ ޝަލީން ސިއްސައިގެން ގޮއްސައި އެނބުރި ބަލައިލީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ. "ކިހިނެތްވީ؟" އެކަން ވިޝާއަށްވެސް ފާހަގަވިއެވެ. އޭނާ ސުވާލުކޮށްލައިފައި ކޮފީމޭކަރު ކައިރިއަށް ދިޔައިރު ޝަލީންއާ ހަތަރުކަޅި ހަމަވިއެވެ. އެމޫނުން ހީވަނީ ރޭގަނޑުގެ ބޮޑުބައި ހޭލާ ހުރިހެންނެވެ. އޭނާ ސުވާލުކުރަން އުޅެނިކޮށް ޝަލީން މާ އަވަސް އަރުވާލައިފައި ނިކުމެގެން ދިއުމުން އެއްޗެއް އަހައެއްނުލެވުނެވެ.

ކޮފީމަގު ހިފައިގެން ނިކުންނަނިކޮށް ފޯނަށް މެސެޖެއް އައެވެ. "ކޮފީ ބޯން އާދޭ އަހަރެންގެ ކޮޓަރިއަށް. އައި ވޯނަ ޓޯކް." މެސެޖް ކިޔާލައިފައި ވިޝާގެ ހިތް އެފުށް މިފުށަށް ޖެހިލިއެވެ. އޭނާ މަތި ބަލާލިއިރު ޝާހަމް ބަލަން ހުރެފައި ކޮޓަރިއަށް ދާންވެގެން ފުރަގަސްދެނީއެވެ. އަވަހަށް އެނބުރިފައި އޭނާ ދިޔައީ އިތުރު ކޮފީތަށްޓެއް ތައްޔާރު ކުރަންވެގެންނެވެ. އިރުކޮޅެއް ފަހުން ތަބައް ހިފައިގެން ސިޑިން އެރިއިރު ފައި ކައްސާނުލާނެ ކަމަކަށްވެސް ހިއެއް ނުކުރެއެވެ. އެކޮޓަރިއާ ހަމައަށް ދެވުނީ ތުރުތުރުލާ ހާލުގައެވެ. އޭރު ހިތް ހީވަނީ މޭ ފޫއަޅުވާލައިފައި ނިކުމެދާނެ ހެންނެވެ.

"ވަދޭ!" ވިޝާގޮސް ޓަކި ޖަހާލުމާއެކު އެތެރެއިން ޖަވާބު އައެވެ. ވިޝާ އެއްއަތުން ތަބަކުގައި ހިފައިގެން ހުރެ އަނެއް އަތުން ދޮރު ހުޅުވާލައިފައި ވަންއިރު ޝާހަމް ފުރަގަސްދީގެން ހުރީ ޑްރެސިންޓޭބަލް ކުރިމަތީގައެވެ. ބެލްކަނިން ވަން ފުރަތަމަ ރޯޅިއާއެކު ނޭފަތުގައި ހަރުލީ ޝާހަމް ޖަހާފައި ހުރި ހިތްގައިމު ސެންޓްގެ ވަހެވެ. ވިޝާ ނޭފަތް ދަމާލައިފައި ގޮސް ތަބައް ކުޑަމޭޒު މަތީ ބެހެއްޓިވަގުތު ޝާހަމް އެނބުރުނެވެ.

"ތޭންކްސް." ވިޝާ ކޮފީތަށި ދިއްކޮށްލުމުން ޝާހަމް އޭގައި ހިފަމުން ބުނެލިއެވެ. އެތޫނު ލޮލުން ވިޝާގެ މޫނަށް ބަލާލައިފައި އޭނާ ހަމަޖެހިލީ އެތާހުރި ސޯފާގޮނޑީގައެވެ. ވިޝާ ކޮޅަށް ހުރުމުން އެނދުގައި އިށީންނަން އިޝާރާތްކޮށްލިއެވެ. "ރޭގަ އަތް ކެނޑުނީތަ؟" ޝާހަމް އިރުކޮޅަކުން އަހައިލިއެވެ. އިނގިލީގައި އަޅާފައި އޮތް މަލަންގަނޑު އޭނާއަށް ފެނުނީ ވިޝާ ކޮފީ ބޯންވެގެން ޖޯޑުގައި ދެއަތުން ހިފާފައި ނެގިތަނާއެވެ. ވިޝާ އެވަގުތު ސިހިފައި ބަލާލުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.

"ކުޑަކޮށް." ވިޝާ އަވަހަށް އިސްއޮބައިލިއެވެ. ކޮފީގެ ހޫނު އެތިފޮދުތައް އަރުން ދިރުވަމުން ދިޔައިރުވެސް އޭނާގެ އެތެރެހަށި އޮތީ ފިނިވެފައެވެ. އޭނާ އިރުއިރުކޮޅާ ސިއްރު ނަޒަރެއް ދޭއިރު ޝާހަމް އިންނަނީ ކޮންމެ ފަހަރަކު ބޭރު ބަލާށެވެ. އެހެން އިނދެފައި ދެފަހަރަކު ނިތުގއި އަތް ހާކާލިއެވެ. ވާހަކައިގެ ގޮތުން ބުނަން ނުކެރިގެން އުޅޭ ވައްތަރު ޖެހިއެވެ.

"އަޑު އެހިންތަ މިހާރު އަހަރުމެން ދެގޭ މީހުން ފަށައިގެން އުޅޭ އާ ވާހަކަ؟" ޝާހަމް އެންމެފަހުން ކޮފީތަށ ބަހައްޓާފައި ފެށިއެވެ. އެއަޑު އިވިގެން ވިޝާ ސިހިފައި ބަލައިލި ގޮތުން އޭނާގެ ސަމާލުކަން ހުއްޓުނެވެ. "ކޮން ވާހަކައެއް؟" އެކަމަކު ވިޝާ ހެދީ ނޭގޭކަމަށެވެ. "ކުރިންވެސް ދެއްކި ވާހަކަ." ޝާހަމް މަސައްކަތް ކުރީ ވިޝާގެ އަނގައިން ބުނުވާށެވެ. އެނގޭކަމަށް އެއްބަސް ކުރުވާށެވެ. އޭނާއަށް ޔަޤީންވާ ގޮތުގައި މިހާރު އެކަން އޮންނާނީ އެނގިފައެވެ. އަދި އެކަމެއް ހިނގާނީވެސް ވިޝާގެ ރުހުމުގައެވެ. ހައިރާންވަނީ އޭނާވަރުގެ އަނިޔާވެރިއަކާ ގުޅެން ވިޝާ އަދިވެސް ހުވަފެން ދެކޭތީއެވެ.

ޝާހަމް ބަލަން އިނދެލާފައި ތެދުވެގެން ކައިރިއަށް ދާން ފެށުމުން ވިޝާ ހާސްވިއެވެ. އެވަގުތު ޝާހަމް އައިސް އޭނާގެ ކުރިމަތީ ދެކަކޫ ޖަހައިގެން އިށީންދެފައި އަތުގައި ހުރި ކޮފީތަށި އަތުލުމަށްފަހު ބެހެއްޓީ ސައިޑު ޓޭބަލް މަތީގައެވެ. މިވާން އުޅޭ ގޮތެއް ނޭނގި ކަންބޮޑުވެފައި ވިޝާ އިންދާ ޝާހަމް އޭނާގެ ދެއަތުގައި ހިފާލައި މުށުތެރޭ ބޮނޑިކޮށްލި ގޮތުން ހުރިހާ ނާރެއްގައި ކަރަންޓްގެ ރާޅުތައް ދުއްވައިގަތެވެ.

"މިއަތް... އިޓްސް ލައިކް އައިސް. މިވެސް އަހަރެން ކުރާ ކަމެއްތަ؟" ޝާހަމް ހައިރާންވެގެން އިނދެ ވިޝާގެ މޫނަށް ބަލާލައިފައި ސުވާލުކުރިއެވެ. ޖަވާބު ނުދިނަސް އެދެލޮލުން ޖަވާބު ލިބުނެވެ. ޝާހަމްއަށް މަޑުމަޑުން ބޯ ހޫރާލެވުނީ ދެފަރާތަށެވެ.

"ވިޝް..... ކީއްވެ ވިޝްއަށް ނުވިސްނެނީ؟ ކީއްވެ އެއްޓާމްއެއްގަ ހިފަހައްޓައިގެން ހުރެ އަމިއްލަ ދިރިއުޅުން ބަރުބާދު ކުރަން ތި މަސައްކަތް ކުރަނީ؟ އަހަރެންނާ ގުޅިގެން ވިޝްއަށް އޮތީ ހުސް ހިތާމަ. ކީއްވެ ޤަބޫލު ނުކުރެވެނީ ތިހާ ރަނގަޅު މާތް ކުއްޖަކާ އަހަރެން އެކަށީގެން ނުވާކަން. ޔޫ ޑިޒާވް މަޗް ބެޓަރ." ޝާހަމް އަސަރާއެކު ވާހަކަދެއްކިއިރު ލޯ ފެންކަޅިވިއެވެ. އޭނާއާހެދި ވިޝާ ވެފަ ހުންނަވަރާއި އޭނާގެ ސަބަބުން ވިޝާ އުފުލި ހިތާމައިގެ މައްޗަށް ޚުދު އޭނާވެސް ހިތާމަކުރެއެވެ. އެންމެ ދެރަވަނީ ދުވަހެއްގާވެސް ވިޝާ ބޭނުންވާ ލޯބި ދެވެން ނެތުމުންނެވެ. އެއިން އެއްވެސް ކަމެއް ވިޝާ ޤަބޫލު ނުކުރަނީ ކީއްވެ ހެއްޔެވެ؟

"ޝާހަމްއަށް ކިހިނެތް އެނގެނީ ޝާހަމްއާ ގުޅިގެން އަހަރެންނަށް އޮތީ ހުސް ހިތާމަކަމެއް؟ ކިހިނެތް އެނގެނީ މިހާރު އަހަރެން މިއުޅޭ ދިރިއުޅުން އެދިރިއުޅުމަށްވުރެ ހިތާމަވެރި ނޫންކަމެއް؟ ކިހިނެތް އެނގެނީ އަހަރެންގެ ދިރިއުޅުން ވާނީ ބަރުބާދުކަމެއް؟ އަދި ޝާހަމްއަށް ކިހިނެތް އެނގެނީ އަހަރެންނަށް މޮޅުގޮތާއި ރަނގަޅު ގޮތް؟ އަހަރެން ބުނަންތަ އަހަރެންނަށް މޮޅުގޮތް. އެއީ ޝާހަމްގެ ބައިވެރިއެއްގެ މަޤާމު ލިބުން. އެމަޤާމު ލިބިއްޖެނަމަ އަހަރެން އުފުލާނީ ހިތާމައެއް ނޫން. އަހަރެން ހުންނާނީ އުފަލުން. ކޮންމެ ދުވަހަކު އެއްފުރާޅެއްގެ ދަށުގައި އުޅެން ލިބުންވެސް އަހަރެން އެއީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑު އުފަލެއް. އެންމެ ފަހަރަކު... ހަމަ އެންމެފަހަރަކު އަހަރެންނަށް ޗާންސެއް ނުދެވޭނެތަ؟ އެންމެފަހަރަކު އަހަރެންގެ ލޯބި ޤަބޫލުކޮށްފަ އެކުގައި އުޅެން މަސައްކަތެއް ނުކުރެވޭނެތަ؟ އޭގެ ފަހުން.... އޭގެ ފަހުން ޝާހަމް ބޭނުން ކޮންމެ އެއްޗެއް ކިޔަންވީ. އެކަމަކު އަހަރެންނަށް އެނގޭ އެއްޗަކީ ކަމެއް ނުކޮށް ހުރެ ލިބޭ ނާކާމިޔާބަށްވުރެ ކަމެއް ކުރަން މަސައްކަތް ކޮށްގެން ލިބޭ ބަލިވެސް އެތައް ހާސް ގުނައެއް މޮޅުކަން. ރަނގަޅުކަން. ދެން ނިކަން ބުނެބަލަ! އަހަރެން އެކަނިތަ އެއްޓާމްއެއްގަ ހިފަހައްޓައިގެން މިހުންނަނީ؟ ޝާހަމް ކީއްވެ ޤަބޫލު ކުރަނީ ލިޒް ނޫންމީހަކާ އެކު ޝާހަމްއަށް ދިރިއުޅުމެއް ނެތްކަމަށް؟" އިރުކޮޅެއް ވަންދެން އަނގައިން ނުބުނެ އިނދެފައި ވިޝާ ފަށައިގެން ކުރިއަށް ދިޔައިރު އެދެލޯ ފުރިގެން ކަރުނަ ފައިބަމުން ދިޔައެވެ. ވަކި ހިސާބަކުން ޝާހަމްވެސް އެއަތުން ދޫކޮށްލައިފައި ކޮޅަށް ތެދުވެއްޖެއެވެ. ވިޝާ ފަހު ޖުމްލަތައް ބުނެލީ ޝާހަމް ދުރަށް ގޮސް ފުރަގަސްދީގެން ހުއްޓައެވެ.

"އެންމެ ރަނގަޅު އަހަރެން ވިޝާއާ ކައިވެނި ކުރާނަން. އަހަރެންގެ އަންބެއްގެ މަޤާމަށް ވިޝާ ގެންނާނަން. އެއީއެއްނު ވިޝާ ބޭނުންވާ ގޮތަކީ." ޝާހަމް ވިސްނަން ހުރެފައި ކުއްލިއަކަށް އެނބުރި ޖަވާބުދިންއިރު އެލޮލުގައި އެތައް ކުލައެއްވިއެވެ. ވިޝާއަށް އެކުލަތައް ތަރުޖަމާ ނުކުރެވިގެން އުޅެނިކޮށް ޝާހަމް ނިކުމެގެން ދިޔައީ އޭނާގެ ނިންމުން ބައްޕައަށް އިއްވާށޭ ކިޔައިފައެވެ.

 

ކޮމެންޓް 0