އަހަރެން މިއަހަނީ އެހާ ކުރު ޗުއްޓީއެއް ނަގައިގެން ކީއްހޭ ކުރީ؟" ޝަލީން ޖަވާބު ނުދީ ހުއްޓާ ނުހައިކް ސުވާލު ތަކުރާރުކޮށްލިއެވެ. ދެން ކުޑަކޮށް ހިނިތުންވެލައިފިއެވެ. "ދޮންބެގެ ވެޑިންއަށް ޗުއްޓީއަށް ނެގީ." ނުހައިކް އެހާ އެކުވެރިކޮށް އެހުމުން ޝަލީން ފޮރުވުމެއްނެތި ޖަވާބުދިނެވެ. "އެހެންތަ؟" އެވަގުތު ނުހައިކްގެ ފޯނު ވައިބްރޭޓްވާން ފެށުމުން އެނަގަން ޖީބަށް އަތް ކޮށްޕާލައިފައި ބުނެލިއެވެ. ޝަލީން ބަލަންހުއްޓާ ނުހައިކް ފޯނު ނަގައި ކަންފަތުގައި ޖަހަމުން "އެއް މިނިޓޭ" ބުނާފަދަ ގޮތަކަށް ޝަހާދަތް އިނގިލި އުފުލާލިތަން ފެނުމުން އަދިވެސް އެއްފަހަރު މެއަށް ފިނިވެލިއެވެ. ކުރިން ދުވަހަކު ނުލިބޭ ޝައުޤުވެރިކަމެއް ނުހައިކް ފަރާތުން ލިބިގެން މިއުޅޭ ސަބަބާމެދު އަމިއްލަ ނަފްސާ ސުވާލުކުރެވެން ފެށުނެވެ. ނުހައިކް ފުރަގަސްދީފައި ގޮސް ތަންކޮޅެއް ދުރުގައި ހުރެގެން ފޯނަށް ޖަވާބުދޭން ފެށުމުން އޭނާ ގޮނޑީގައި އިށީންދެ އިނީ އެމޫނުން ނަޒަރު ވަކިކޮށްނުލައެވެ. މިނިޓެއްހާއިރު ފަހުން އެފޯނު ކުރުކޮށްލާފައި އެނބުރުމުން ނޫންކަމަށް ހެދިފައި ކޮމްޕިއުޓަރ ސްކްރީނަށް ބަލަން ފެށިއެވެ.

"ސޯ ޝަލީން. އަހަރެން މިއައީ ދަތުރުގެ ވާހަކަ ދައްކަން." ނުހައިކް އައިސް ހުއްޓިފައި މަޤްސަދު ބުނެދިނެވެ. ޝަލީންއަށް ބުމަ އަރުވައިލެވުނީ ކޮންދަތުރެއްތޯ އަހައިލާފަދަ ގޮތަކަށެވެ. އެއަށްވުރެ ކުރިން އޭނާ އަމިއްލަ ނަފްސާ އެސުވާލުކުރިއެވެ. "ޖަޕާން ދަތުރު. ވިޔަފާރިވެރިންގެ ވޯކްޝޮޕް." ނުހައިކް ހަނދާންކޮށްދޭން މަސައްކަތްކުރިއެވެ. "އޯހ އެދަތުރު." ޝަލީން އެހެން ބުނެލިއިރު އޭނާ ހަނދާންވީ ތަންކޮޅެއް ކުރިން ވިރާޝާ ބުނެފައި އޮތް ވާހަކައެވެ. އެއީ ނުހައިކް ދެން ކުރާ ދަތުރެއްގައި އެކުގައި ދިއުމުގެ ފުރުސަތު އޭނާއަށް ލިބުން ގާތް ވާހަކައެވެ. އެދުވަހު އެވާހަކަ ބުނުމުން އޭނާ ޝައުޤުވެރިވީ ނުހައިކްއާ އޭނާގެ މެދުގައި އޮތް ހަޤީޤީ ގުޅުމަކީ ކޮބައިކަން އޮޅުންނުފިލައިގެން އުޅުނު އިރެވެ.

"އަހަރެން ނެތިން ވާހަކަ ދިގު ކުރާކަށް. ޝަލީންއަށް އެގޮތް ކަމުނުދިއަސް އަހަރެން ބުނާނީ ވީ އެންމެ ކުރު އަދި ސާފުކޮށް. އަހަރެން ބޭނުމެއް ނުވޭ އަހަރެންނާއެކު މިދަތުރުގައި ޝަލީން ބައިވެރިވާކަށް. އަހަރެން ނުބުންޏަސް ޝަލީންއަށް އެނގޭނެ އަހަރެން ގަޔާނުވާކަން. އަދި ޝަލީންއަށްވެސް ފަސޭހައެއްނުވާނެ ކަންނޭނގެ ޝަލީންދެކެ ހިތްހަމަނުޖެހޭ މީހަކާއެކު ވޯކްކުރާކަށް. ގޮތެއް ނިންމުމުގެ ކުރިން ވިސްނައިލާތި! މިއޯފަރ ރިޖެކްޓްކޮށްގެން އިހްސާންތެރި އެވެވެނީ އަމިއްލަ ނަފްސަށް." ނުހައިކްގެ ވާހަކަ ނިންމާފައި އޭނާގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލާ ފުރަގަސްދީފައި ދިޔައިރު ޝަލީން ހުރީ ފާޑަކަށް ގަބުވެފައެވެ. ރީތި ހިނިތުންވުމަކާއެކު ހިތް ހަލާކުކޮށްލަން އެއަށްވުރެ މޮޅު މީހަކު ނުހުންނާނެއެވެ. އެއް މިނިޓްގައި ޝައުޤުވެރިކަން ދައްކާފައި އަނެއް މިނިޓްގައި މޫނުމައްޗަށް ދޫކޮށްލި ހޫނު އެތިފަހަރެއް ފަދައިން އެބަސްތައްވިއެވެ. ޝަލީން މަޑުމަޑު ތިރިވެ ގޮނޑީގައި ހަމަ ފޫ ޖެހުމާއެކު ދެން އަނެއްކާ ކުއްލިއަކަށް ތެދުވީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ފެންކަޅިވެފައިވާ ދެލޮލާއެކު އެދެފަޔަށް ލެވުނުހާ ބާރެއް ލައިފައި އޭނާ ހިނގައިގަތީ ނުހައިކް ދިޔަ މަގުންނެވެ. ވިރާޝާ އެވަގުތު ކެބިންއަށް ވަންނަން އައިސް ގޮވައިލުމުން އެއަޑެއްވެސް ޝަލީން ކަންފަތަކު ހަރެއް ނުލިއެވެ.

ހުއްދަ ހޯދުމަކާނުލާ ދޮރު ހުޅުވާލުމާއެކު ނުހައިކް ގޮނޑީގައި އިނދެފައި އިސްއުފުލައިލިއެވެ. އެހާ އަވަހަށް ޝަލީން ކުރިމަތިން ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ނުހައިކް ބުމަ އުފުލާލައިގެން ބަލަން އިންދާ ޝަލީން ވަންގޮތަށް ވަދެގެން އައިސް ހުއްޓުނީ އޭނާގެ ކުރިމައްޗަށެވެ. އެލޮލުގައި ފައުޅުވާންހުރި ކަރުނައާއެކުވެސް އަލިފާންކަނި ބުރާހެން ހީވިއެވެ. "ވަޓް؟" ދެއަތްތިލަ ގުޅުވާލަމުން ނުހައިކް އަހައިލިއެވެ. ހިތް ސުވާލުން ފުރިފައި އޮތަސް މޫނުން އޭނާ ދެއްކީ ހަމަޖެހުމުގެ ކުލަވަރެވެ.

"ފަސްޓް އޮފް އޯލް، ވޯކްޝޮޕްގައި ބައިވެރިވާކަށް އަހަރެންގެ ޝައުޤުވެރިކަމެއް ނެތް." ޝަލީންގެ ފުރަތަމަ ޖުމްލައާއެކު ނުހައިކްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. "ގުޑް." އޭނާ ހިނިތުންވެލީ ހަމަޖެހިލައިފައެވެ. "ސެކަންޑް، އެކަމަކު އަހަރެންގެ މިނިންމުމަކީ ނުހައިކްގެ އެދުމަށް ނިންމި ނިންމުމެއް ނޫން." ޝަލީން އިތުރަށް ބުނެލިއެވެ. ނުހައިކް މަޑުމަޑުން ބޯޖަހާލައިފައި ޝައުޤުވެރިވެފައި އިން މީހަކު ފަދައިން ދަތްދޮޅީގައި އަތް ވިދެލިއެވެ. ޝަލީންގެ ކުލަވަރަށް ބަލާފައި އޭނާއަށް ވިސްނުނީ ބުނަން ބޭނުންވާ އިތުރު ވާހަކަތަކެއްވެސް ހުރި ކަމުގައެވެ.

"އެން ތާޑް. އަހަރެންނަށް އެނގޭ ނުހައިކް އަހަރެންނަށް ނަފްރަތު ނުކުރާކަން." ޝަލީން ބުނެލި ތިންވަނަ ޖުމްލައާއެކު ނުހައިކްއަށް ނީނދެވިގެން ކޮޅަށް ތެދުވެވުނެވެ. ބަސްބުނާހައި ހިނދުން އޭނާގެ ސިކުނޑި ވަށައިލީ ސުވާލު ތަކުންނެވެ. "ކޮން މޮޔައެއް ތިގޮވަނީ؟" ހާސްކަން ފޮރުވަންވެގެން ނުހައިކް ޖަހައިލީ ހިނިގަނޑެކެވެ. އެކަމަކު ޝަލީން ހުރީ ސީރިއަސްވެފައެވެ. "އޮޅުވާލަން މަސައްކަތް ނުކުރޭ ނިކް. އަހަރެން ވަރަށް ޔަޤީންކަމާއެކު މިބުނަނީ. އަހަރެންނަށް އިނގޭ ނުހައިކް އަހަރެންނަށް ނަފްރަތު ނުކުރާކަން. ރުޅިއަންނަކަމަށް ހެދިގެން ތިދައްކާ އެކްޓްގެ ފަހަތުގައިވާ މަޤްސަދުވެސް އަހަރެންނަށް އިނގޭ. ނުހައިކްގެ ބޭނުމަކީ އެންމެނާ ދުރުހެލި ވެގެން އުޅުން. ނުހައިކްގެ މަޤްސަދަކީ އެހެން މީހުންވެސް ދުރުހެލިކޮށްފަ ބެހެއްޓުން. އެއީ އެގޮތުން އެއްފަހަރު ހެދުނު މިސްޓޭކެއްގެ ސަބަބުން. ނުހައިކް އެންމެބޮޑަށް ރިޖެކްޓްކުރާ ކަމަކީ އަންހެންކުއްޖަކު ނުހައިކްގެ ހަޔާތަށް އަޔަދިނުން. އެކުއްޖާ ނުހައިކްއާ ގާތްވާން ފުރުސަތު ދިނުން. އަދި މިހާރު ނުހައިކް ބިރުގަންނަނީ ދެވަނަ ފަހަރަށްވެސް ހަމަ އެމިސްޓޭކް ހެދިދާނެތީ. ހިތް އެދެންނުވާ ކުއްޖަކަށް ހިތް ލެނބިދާނެތީ. ފަހުން ހިތާމަކުރަން ޖެހިދާނެތީ...." ޝަލީން ވާހަކަދައްކާ ނިންމާލިއިރު ހީވީ ނުހައިކްގެ އެންމެގާތުން ހުރިހާކަމެއް ފެނި އެނގިގެން ދެއްކި ވާހަކަތަކެއް ހެންނެވެ. ޚުދު ނުހައިކްވެސް ހުރީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހުރިހާ ވާހަކައެއް އަހައި ވިސްނުމުން އޭނާއަށް ބުރަވެވުނީ އެންމެ ނަތީޖާއަކަށެވެ.

"އާ ޔޫ އެ ސްޓޯކަރ؟" ތަނަށް ވެރިވެފައި އޮތް ހިމޭންކަން ނަގާލަމުން ނުހައިކް ސުވާލުކޮށްލިއެވެ. "ވެދާނެ ތިހެން ކަމަށްވެސް." ޝަލީން ޖަވާބުދީފައި އަނެއްފަރާތަށް އެނބުރި ގޮސް ދޮރު ހުޅުވާލައިފައި ނިކުތެވެ. އެވަގުތު ނުހައިކް އޭނާގެ ހިތްހަމަނުޖެހުން އަމާޒުކުރީ މޭޒުމަތީ ބަރިއަކަށް އަޅާފައި އޮތް ފައިލްތަކަށެވެ. އަތުން ޖަހައި އެފައިލްތައް ބުރުއްސާލައިފައި ގޮނޑިއަށް ވެއްޓިގަނެވުނެވެ.

އޮފީސް ނިންމައިލާފައި އެންމެފަހުން އާދެވުނީ ޝާހަމްއަށެވެ. ގެއަށް އައިސް ވަނުމާއެކު ފުރަތަމަވެސް ސިކުނޑިއަށް އެރީ ތާޒާ ވެލުމުގެ ހިޔާލެވެ. ސިޓިންރޫމުން ފެންނަން ހުރި ނޯކަރަށް ގޮވާލައިފައި ފިނި ދަޅެއް ގެންނަން ބުނަމުން އޭނާ ބޫޓު ބާލައި ހަރުގަނޑުގައި ބެހެއްޓިއެވެ. ސަމެންތާ އައިސް ރެޑްބުލް ދަޅު ދިނުމުން އެކަނޑާލައި ބޮޑު ކޯވަރެއް ބޯލައިފައި ބެހެއްޓުމަށްފަހު މައްޗަށް އަރަން ވެގެން ދިޔައެވެ.

ކޮޓަރި ދޮރާއި ހަމައިން ފޯނެއް އައިސްގެން ވާހަކަދައްކަން ހުރެފައި ތަޅުދަނޑިން ދޮރު ހުޅުވާލިއިރު އެތެރެ އޮތީ ހުހަށެވެ. ކައިވެންޏަށް ދެދުވަސް ވީތަނާ ވިޝާ މަންމަ ކައިރީ ހުންނަން ދިއުމުން ޝާހަމް ހުރީ އަނެއްކާވެސް އެކަނި އުޅެން އާދަވެފައެވެ. ފޯނު ކަންފަތުން ނައްޓާނުލައި ހުރެގެން ޓައީއާ ބެލްޓް ބާލައި އެނދުމައްޗަށް އެއްލާފައި ގަމީހު ގޮށްނައްޓަމުން އޭނާ ގޮސް ފާޚާނާ ކައިރިއަށް ހުއްޓުނުއިރު އެތެރޭގައި މީހަކު އުޅޭކަމެއް ކުޑަކޮށްވެސް ރޭކައެއް ނުލައެވެ. ޝާހަމް އެއްފަރާތަށް ބޯއަރިކޮށްލައިގެން ކޮނޑާއި ކަންފަތާއި ދެމެދު ފޯނު ފިއްތާލައިގެން ހުރިއިރު މާގަނޑުން އޮހެމުންދިޔަ ފެނުގެ އަޑު ފާހަގައެއް ނުކުރެވެއެވެ. އެފޯނު ނިމުމުން ގަމީސް ބާލައި ދާވަށިގަނޑަށް ވައްޓާލައިފައި އެތެރެއަށް ވަނުމާއެކު މާގަނޑު ދަށުގައި ހުރި ވިޝާ ފެނިފައި ސިހުމެއް ލިބުނެވެ.

"ވިޝް!" ޝާހަމްއަށް ބުނެލެވުނެވެ. އެވަގުތު ވިޝާވެސް ތެޅިގަނެފައި ބިރެއް ފެނުނު މީހަކު ފަދައިން ލޯ ބޮޑުކޮށްލައިފިއެވެ. ދެވަނަ ސިކުންތުގައި އެމޫނު ރަތްވެގެން އައީ ސާފުފެނަށް ލޭތިއްކެއް ޖެހިއަސް ފެތުރިގެންދާނެ އަވަސް މިނުގައެވެ. ވިޝާ ހަނދާނެގޮތެއް ނޭނގިފައި ހުއްޓާ ޝާހަމް "ސޮރީ" އޭ ބުނެފައި ފުރަގަސްދިނެވެ. އެކަމަކު ނިކުންނަން ވެގެން ހުޅުވައިލި ދޮރުން ބޭރަށް ނިކުންނާކަށް އޭނާގެ ދެފައި ހަރަކާތެއް ނުކުރިއެވެ. އިތުރަށް ވިސްނާކަށް ޝާހަމް އެވަގުތު ބޭނުމެއް ނުވިއެވެ. ވިޝާގެ ރީތި ހަށިގަނޑުގައި އަދިވެސް އެއްފަހަރު ބީހިލަން ހިތް އެދުނީ ދެކޮޅު ހެދޭވަރަށްވުރެ މާބޮޑަށެވެ.

ބޭރަށް ނިކުތުމުގެ ބަދަލުގައި ޝާހަމް ދޮރު ލައްޕައިލިތަން ފެނުމުން ވިޝާގެ މޭގަނޑު ފިނިވެގެން އައެވެ. އޭނާއަށް ފެނުނީ ޝާހަމް އެމޫނުން ނަޒަރު ވަކިކޮށްނުލައި ހުރެގެން ޖިންސްގެ ގޮށް ނައްޓައި ބާލަންފެށި ތަނެވެ. އެތޫނު ލޮލާއި ލޯ ސީދާކޮށްގެން ހުންނަން ނުކުޅެދުމުން އޭނާ އިސްޖަހައިލިއެވެ. ދެން ފެނުނީ އެދިމާއަށް ހިނގާފައި އައިސް ކައިރިއަށް ހުއްޓުނު ދެފައިތިލައެވެ. ވިޝާ އަވަހަށް އަނެއްފަރާތަށް އެނބުރުނު ވަގުތު ޝާހަމް ކައިރިވެލާފައި އެޖާދުވީ އިނގިލިތައް ބެހެއްޓީ އޭނާގެ ބުރަކަށީގެ މެދާކަށް ހިސާބުގައެވެ. ވިޝާގެ ހަށިގަނޑަށް ވާގޮތް ބަލަމުން ޝާހަމް އިނގިލިތައް ހިންގާލައިފައި ގެންގޮސް ކޮނޑާއި ހަމަވުމުން އަތް ތިރިކޮށްލާފައި އެއޮމާން ކަނދުރާގައި ބޮސްދިނެވެ. ނޭވާ ފުންވެފައި ހުރެގެން ވިޝާއަށް ދެއަތް ވިއްދާލެވުނީ މުށިޖަހާފައިވާ އޮމާން ފާރުގައެވެ. ޝާހަމް އޭނާގެ ކަނދުރާގެ އެއްކޮޅުން އަނެއްކޮޅަށް ތުންފަތް ހިންގާލައިފައި ކަނާތު ކަންފަތު ފޫޅުގަނޑަށް ގޯނާކޮށްލުމުން ތެޅިގަނެވުނެވެ. އޭނާ މަގަތަށް އެނބުރިލުމުން ޝާހަމް ބޯ ތެދުކޮށްލިއިރު ލޮލުގައިވި މަސްތުގެ އަސަރު ވިޝާގެ ހަށިގަނޑަށްވެސް ފޯރިއެވެ. ފަސްޖެހުމެއްނެތި އޭނާ ކުޑަކޮށް ކޮރައިލުމަށްފަހު ޝާހަމްގެ ތުންފަތުގައި ބޮސްދިނުމުން އެފިނީގައިވެސް އަލިފާންގަނޑު ހުޅުފަޅައިގަތެވެ.

"ކަމް ވިތް މީ!" ނޭވާއަކަށް މެދުކަނޑާލައިފައި ޝާހަމް ވާހަކަދެއްކިއެވެ. ވިޝާގެ އަތުގައި ހިފާ އަދިވެސް އެއްފަހަރު ގެނެސް ގަޔާލައި ފިއްތާލައިގެން ހުރެ އަނެއް އަތުން މާގަނޑު ބަންދުކޮށްލުމަށްފަހު ލުއިފަތެއްހެން އުރާލައިގެން ނިކުތެވެ. ގައިގައި ނުހިކި ހުރި ފެނާއެކު ޝާހަމް ގޮސް އެނދާއި ކައިރިވީއިރު ކެތްތެރިކަން އޭގެ އިން ފަހަނައަޅާ ހިނގައްޖެއެވެ. ދުވަހަކު އެހެން މީހަކަށް ބޭނުން ނުވާވަރަށް އޭނާ ވިޝާއަށް ބޭނުންވިއެވެ. ކާނާ ލިބުނު ވަރަކަށް ޖިސްމުގެ ހައިހޫނުކަންވެސް ފަހަރަކަށްވުރެ ފަހަރެއް ދިޔައީ އިތުރުވަމުން ބޭނުންވަމުންނެވެ. އެހައިހޫނުކަން ފިލައި ހިތްހަމަޖެހޭ ވަރު ވީއިރު ވަރުބަލި ވެގެން ނިދި ޖެހޭގޮތްވިއެވެ. އެކަމަކު ވިޝާ އޮތީ މަގަތަށް އެނބުރި ކަޅިޖަހާނުލާ އެމޫނަށް ބަލާށެވެ. ނިދީގައި ޝާހަމް މައުސޫމުކަމުން ނަޒަރު ވަކިކޮށްލާ ހިތް ނުވެފައެވެ. އޭރު އުފާވެރި ކަމުގެ މުތީތައް ލޮލުގައި ގިނަވެގެން އޮހިގަތުމަށް ކޮންމެވެސް މަގެއް ފެނޭތޯ މަސައްކަތް ކުރަނީއެވެ. ވިޝާ ބަލަން އޮވެފައި ކަރުނަތައް އޮހިގެންދާނެހެން ހީވުމުން އެންމެފަހުން ލޯ ފުހެލިއެވެ. އިއްތިފާޤުން ޝާހަމްއަށް ލޯ ހުޅުވައިލެވުނީ އެވަގުތުއެވެ. އޭނާއަށް ފެނުނީ ވިޝާ ކަރުނަ ފުހެލައި ނޭފަތް ދަމާލަމުން އުޑުތިލަމަތިން ވާނެހެން އެނބުރުނު ތަނެވެ.

"ވިޝް!" ޝާހަމް އޮތްގޮތަށް އޮވެފައި ކޮނޑުގައި ހިފައިލި ވަގުތު ވިޝާ ސިހުނެވެ. "ކީއްވެ ތިރޮނީ؟ ޑިޑް އައި ހާޓް ޔޫ؟" ޝާހަމް ކަންބޮޑުވީ އޭނާއަށް ނޭނގުމުގެ ތެރޭގައި ވިޝާއަށް އަނިޔާދެވުނީ ކަމަށް ހީކޮށްފައެވެ. އެހެންވެއްޖެނަމަ ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުދެވޭނެއެވެ. ޝާހަމް ހާސްވެގެން ބަލަން ފެށުމުން ވިޝާ އަވަހަށް ބޯ ހޫރާލައިފައި ދެކޮޅު ހެދިއެވެ.

"މާބޮޑަށް އުފާވީ." ވިޝާ ލަދުރަކި ގޮތަކަށް ޖަވާބުދިނެވެ. ޝާހަމް އެއްޗެއް ނުބުނެ އޮވެގެން ގަޑިން ވީ އިރެއް ބަލާލުމަށްފަހު ތެދުވެގެން ދުރަށް ދިޔައެވެ.

*****

ޖެހިގެން އައި ދުވަހު ޝަލީން އޮފީހަށް ދިޔައީ ނުހައިކް ފުރާފާނެކަމަށް ހީކޮށްގެންނެވެ. ވޯކްޝޮޕްގައި ބައިވެރިވާން ލިބުނު ފުރުސަތު އޭނާ ޤަބޫލު ނުކުރީ އަމިއްލަ ނަފްސަށްޓަކައެވެ. ރާއްޖެ އަންނަން ކުރި ދަތުރަށްފަހު އަދިވެސް ފްލައިޓަށް އަރަން ޖެހިލުންވިއެވެ. އަދި ގާތްމީހެއްގެ ގޮތުގައި ނުހައިކްފަދަ އޭނާއާ ދުރުހެލިވާން ބޭނުން މީހަކު ދާއިރު އޭނާއަށް ކެރޭނީ ކިހިނެތް ހެއްޔެވެ؟

ޝަލީން މަސައްކަތުގައި އުޅެނިކޮށް ވިރާޝާ އައިސް ވޯކްޝޮޕަށް ދިޔަ ދެމީހުންގެ ވާހަކަ ކިއުމުން އިންތިހާއަށް ހައިރާންވިއެވެ. އެދަތުރުގައި ނުހައިކް ބައިވެރި ނުވި ސަބަބާމެދު ފުންކޮށް ވިސްނެން ފެށުނެވެ. ސައިގަޑިއަށް އޭނާ ދިޔައީ އެހެން މީހުންނަށްވުރެ ތަންކޮޅެއް ލަހުންނެވެ. ޝަލީން ކާއެއްޗެއްސަށް އޯޑަރ ދީގެން އިނދެ ނުހައިކް އާންމުކޮށް އިންނަ މޭޒަށް ބަލަނިކޮށް ފަހަތުން އައި ކޮންމެވެސް މީހަކު އޭނައާ ޖެހިގެން ހުރި ގޮނޑި ދަމާލައިފައި އިށީންދެއްޖެއެވެ. ޝަލީން ބަލައިލިއިރު ކުރިމަތިން ނުހައިކް ފެނުމުން ސިހުނެވެ. އެކަމަކު އޭނާ އެއްޗެއް ނުބުނެއެވެ. ވޭޓަރ ނާސްތާ ގެނެސްދިނުމުން އެކަނި އިން މީހަކު ފަދައިން ޖޫސްތަށިން އެތިފޮދެއް ރަހަ ބަލާލައިފައި ކާން ފެށިއެވެ.

"ޔޫ އާ ރައިޓް. އަހަރެން ބިރުގަތީ." ނުހައިކް ވާހަކަދައްކަންފެށި އަޑަށް ޝަލީން އިސްއުފުލާލިއެވެ. އެމޫނުގައިވި ސާބިތުކަމަށް ބަލާފައި ހީވަނީ މިއަދު ހުރިހާ ހަޤީޤަތެއް ކިޔައިދޭން އައިސް އިން ހެންނެވެ. "ބިރުގަތީ އަނެއްކާވެސް ނުބައި ކުއްޖަކަށް ލެނބިދާނެތީ. އަނެއްކާވެސް ނުބައި ކުއްޖެއްދެކެ ލޯބިވެވިދާނެތީ ޖެހިލުންވަނީ. އެކަމަކު އަހަރެން އަޖައިބުވެއްޖެ ޝަލީންއަށް އެކަންކަން އެނގުނު ގޮތަކާމެދު. ޔަޤީނުންވެސް އަހަރެންގެ ހިތާއި އެހާ ގާތް އިހްސާސްތަކެއް ކިޔައިދޭ ވަރަށްވުރެ އަހަރެމެން ދެމީހުންގެ ގުޅުން އޮތީ ހީނަރުކޮށް. ހިއެއްނުވޭ އެހެން މީހެއްގެ ފަރާތުންވެސް އޮޅުންފިލައިފާނެ ފަދަ ވާހަކަތަކެއް ހެނެއް އެނގިގެން ތިއުޅެނީ." ނުހައިކް ވާހަކަ ނިންމައިލީ ސުވާލަކުންނެވެ. އޭނާ ބަލަން ފެށުމުން ޝަލީން އިސްޖަހައިލީ އެވާހަކަ ބުނާނެ ގޮތެއް ނޭނގިފައެވެ.

"ތެދު ތެދަށް ބުނަންޏާ އަހަރެންނަކަށްވެސް ނޭނގެ އަހަރެންނާ ހަމައަށް ތިވާހަކަތައް އައިގޮތެއް. އެކަމަކު އަހަރެން ދެއްކީ އަހަރެންގެ ހަނދާނަށް އައި ކަންކަމުގެ ވާހަކަ. ނިދާފައި އޮތްވާ ފެނުނު ހުވަފެނެއްގެ ތެރެއިން އަހަރެންނަށް ނުހައިކް ފެނުނީ ގާތް އެކުވެރިއެއް ފަދައިން." ޝަލީން ޖަވާބުދިންއިރު ޚުދު އޭނާވެސް އިނީ އެދެއްކި ވާހަކަ ޤަބޫލު ކުރަން އުދަނގޫވެފައެވެ. އަދި ނުހައިކްއަށް އެކަން ވާނީ ކިހާބޮޑު އަރަތަކަށް ހެއްޔެވެ؟

"ޝަލީން....!!!!" ވިސްނަންވީ އެއްޗެއް ނޭނގިފައި އެކަކު އަނެކަކަށް ބަލަން ދެމީހުން ތިއްބާ ދާދި ކައިރިން އިވުނީ ޝާހަމްގެ އަޑެވެ. ޝަލީން އިސްއުފުލާލިއިރު ޝާހަމް ހުރީ ކުރިމަތީގައެވެ. ރަސްމީކޮށް ހުރުމުން އޭނާ އެއައީ އޮފީހުގައި އުޅެފައިކަން އެނގުނެވެ. ކައިރީގައި ޝާހަމްގެ އެކުވެރިޔަކުވެސް ހުއްޓެވެ. "ދޮން....ބެ...!" ޝާހަމްގެ މޫނުގެ ކުލަވަރު ފެނިފައި ޝަލީން ބިރުން ވާހަކަދައްކަން އުދަނގޫވިއެވެ. އޭނާ ހީކުރީ އޮފީހުގެ ކަންތައް ފަޅާއެރީ ކަމަށެވެ. އެއްޗެއް ބުނަން އުޅެފައި ނުހައިކް އިނުމުން އެކަމާ ވިސްނަން ޖެހުނެވެ. ކޮޅަށް ތެދުވި ވަގުތު އޭނާ ހައިރާންކޮށްލީ ދޮންބެއާ ނުހައިކްގެ ނަޒަރު ސީދާވެ އެކަކު އަނެކަކަށް ކަޅި އަޅައިލި ރުޅިވެރިގޮތް ފެނިފައެވެ.

 

ކޮމެންޓް 0