ހަޤީޤަތުގައިވެސް ހަނދާން ނެތިއްޔާ އަހަރެންނަށް އެނގޭ އަލުން ހަނދާންތައް އެނބުރި އަންނަވަރުގެ މެޖިކް ސްޕެލްއެއް." ލާނެތް ހިނިތުންވުމަކާއެކު އަލޫކް ކުރިއަށްވުރެވެސް ކައިރިވެފައި ކުރި ކަމަކުން ޝަލީން މޫނުން ތަރި ބުރައިލިއެވެ. އެބާރުގަދަ އަތުތެރޭގައި އޭނާ ފިއްތައިލި ގޮތުން ޝަލީން ބޭރަށް ލައިލައި ހުރި ނޭވާވެސް ދިޔައީ ކަރުތެރޭ ތާށިވެގެންނެވެ. "ސޯ ގުޑް ޓު ހޭވް ޔޫ ބެކް." އަލޫކް ނުހަނު ލޯއްބާއެކު ޝަލީންގެ ކަންފަތްދޮށުގައި އިއްވައިލިއެވެ.
"ދެން ބުނެބަލަ! ހަނދާންވެއްޖެތަ؟" އިރުކޮޅަކުން ދުރަށް ޖެހިލާފައި ސުވާލުކުރިއިރު ޝަލީން ހުރީ ބިމަށް ޖަހާފައި ހުރި ބުދެއްހެން ގާވެފައެވެ. "ވަޓް؟" އޭނާ ބުމަ އަރުވާލައިފައި ކޯތާފަތުގައި ކޮށްޓާލަން އުޅެނިކޮށް ޝަލީން ތުއި އަޑުން ހަޅޭތްލަވަން ފެށި ގޮތަށް ހުއްޓައިލީ ބޭރުގައި ތިބި އެންމެން އައިސް އެތަނަށް އެއްވި ފަހުންނެވެ. "ކިހިނެތްވީ ދަރިފުޅާ؟" އިމާދު ހާސްކަމާއެކު ސުވާލުކޮށްލިއިރު ނަޖުމާ ކަންބޮޑުވެފައި އައިސް ޝަލީން މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. ފަހަތުގައި ޝާހަމް ހުރީ ވެގެން އުޅޭ ގޮތެއް ސާފު ނުވެފައެވެ. "މަންމާ! ބައްޕާ! މި އަލޫކް........" ޝަލީން ކުޑަކުއްޖެއްހެން ބޮޑާހާކައިލާފައި ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. "ކީއްވެ ހުއްޓައިލީ؟ އަވަހަށް ބުނޭ އަހަރެން ޝަލީއަށް ކުރީ ކީއްކަން!" އޭނާ އަލޫކް މޫނާއި ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެފައި ހުއްޓާލި ތަނުން އަލޫކް ނުލަފާ ގޮތަކަށް ހެވިލާފައި ކޮށްލީ ފާޑެއްގެ މަލާމާތެކެވެ. އެވަގުތު އައި ރުޅިން އިތުރަށް އެމޫނަށް ބަލާކަށްވެސް ޝަލީން ބޭނުމެއް ނުވިއެވެ. އޭނާ ފާޑަކަށް ލޯ އަޅައިލާފައި ގޮސް އިށީނީ ފުރަގަސްދީގެން އެނދުގައެވެ.
"ސޮރީ އިމާދުބޭބޭ. އަހަރެން މަސައްކަތް ކުރީ ޝަލީ އަހަރެން މަތިން ހަނދާންވޭތޯ. ނޭނގެ އެހާ އަވަހަށް ރުޅި އަންނާނެ ކަމެއް." ނަޖުމާ ގޮސް ޝަލީން ރުއްސަން ކައިރީ އިށީންދެލުމުން އެދެމައިން އެކަނިކޮށްފައި ނިކުންނަން ދިޔައިރު އަލޫކް އިމާދުއަށް އިވޭވަރަށް ވާހަކަދެއްކިއެވެ. ކަމެއްނޫނޭ ބުނާފަދަ ބޯ ހޫރާލުމަކާއެކު އިމާދު އޭނާގެ ކޮނޑާއި ހަމައިން ހިފައި ގާތްކޮށްލިއެވެ. އެވަގުތު ދޮރުމަތިން ޝާހަމް ފެނިގެން އެދެމީހުންގެ ނިތަށްވެސް ރޫ ގިނަވިއެވެ. ޝާހަމް އަވަހަށް އިސްޖަހައިލާފައި އެމީހުންގެ ކުރިން ނިކުމެގެން ގޮސް ލޯމަތިން އޮބައިލިއެވެ.
ނަޖުމާ ޝަލީން ރުއްސާފައި ތިރިއަށް އައިއިރު ސިޓިންރޫމް ސޯފާތަކުގައި އަލޫކްއާ އިމާދު ތިބީ އަމިއްލަ ވާހަކައިގައެވެ. ނޯކަރަކު އައިސް ޖޫސް ތަބަކެއް ބަހައްޓާފައި ފަހަރަކު މީހަކަށް ޖޫސް ތައްޓެއް ދިނުމަށްފަހު ގޮސް އޮބައިލިއެވެ. "އަހަރެންނަށް ހީވަނީ ލޫކް ފެނުނީމަ ޝަލީ އެއައި ރުޅިއަކީ ފެހި ސިގްނަލްއެއްހެން. ކީކޭ އިމާދު ބުނަނީ؟" ނަޖުމާ އައިސް ހުއްޓިފައި އަހައިލިއެވެ. "ތިހެން އަހަރެންވެސް ހިތަށް އެރި. އޭނަ ރުޅި އައިސްގެން ބޮޑާހާކާލި ގޮތުން އަހަރެން ހަމަ ހަނދާންވީ ކުރީގެ ޝަލީން." އިމާދުވެސް ނަޖުމާގެ ވާހަކައަށް ތާއީދުކުރިއެވެ. އަލޫކް މާނަ އެއް ނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި އިނީ އެއްޗެއް ނުބުނެއެވެ. މިއަދު ޝަލީންއަށް އޭނާ އެއީ ކާކުކަން ނޭނގުމުން ހިތަށް ކުރި އަސަރު ފުނެވެ.
"ޝަލީގެ ހަނދާންތައް ފިލިއޭ ކިޔާފަ އަލޫކް ނުވާނެ މިގެއަށް ނައިސް ހުރެގެނެއް. ކުރިއަށްވުރެ ގިނައިން އަންނަންވާނެ ދެން ޑޮކްޓަރުވެސް ބުނެފަ އޮތީ އޭނަ ގެއަށް އައިސް ދަންނަ މީހުންތެރޭ ވަގުތު ހޭދަކުރި ވަރަކަށޭ ހަނދާންތައް އިއާދަވެގެން އަންނާނީ." ނަޖުމާ ގޮސް ފިރިމީހާގެ ގާތުގައި އިށީންއިރު އެބުނި ވާހަކައަށް އިމާދުގެ ބަހެއްވެސް ބޭނުންވިއެވެ. "އެއީ ތެދެއް." އިމާދުގެ ބަސް ހުރީ ނަޖުމާއާ އެއްގޮތަށެވެ. ބޯޖަހާލުމަށްފަހު މެދާކަށް ހަމައަށް ހުސްވެފައި ހުރި ޖޫސްތަށި ބަހައްޓާފައި އަލޫކް ތެދުވީ ފަހުން އަންނާނެ ވާހަކަ ބުނެފައެވެ. އެދެމީހުންގެ ހުއްދަ ލިބުމުން އޭނާ ނިކުމެގެން ދިޔައެވެ.
މެންދުރުވާން ކައިރިވެފައި ހުއްޓާ ޝާހަމްގެ ކޮޓަރީގައި ކޮންމެވެސް މީހަކު ޓަކި ޖަހައިލިއެވެ. "ވަދޭ!" ޝާހަމް ފަރުވާ ކުޑަ ގޮތަކަށް ޖަވާބު ދީފައި ނިތްމަތީ އަތް ބާއްވާލައިގެން އެނދުގައި އޮތް ގޮތަށް އޮތެވެ. ދޮރު ހުޅުވުނު އަޑަށް އޭނާ ބަލާލިއިރު އެތެރެއަށް ވަނީ މަންމައެވެ. "ސަމެންތާ ކައިރީ އަހާލީމަ އެނގުނީ ދަރިފުޅު ހެނދުނު ސައިވެސް ނުބޯކަން." ނަޖުމާ އަތުގައި ހުރި ތަބަކާއެކު ކައިރިއަށް އަންނަމުން ވާހަކަދެއްކިއެވެ. ޝާހަމް އަތް ތިރިކޮށްލާފައި އެއްޗެއް ނުބުނެ ބަލަން އޮތްވާ އެތަބައް ސައިޑު ޓޭބަލް މަތީ ބަހައްޓާފައި ނަޖުމާ އިށީންދެލީ މަގަތުގައެވެ. "މާފުކުރޭ މިއަށްވުރެ އަވަހަށް ނާދެވުނީމަ. އެކަމަކު ދަރިފުޅުވެސް ތީ ބޮޑުމީހެއްނު. ކީއްވެ މިހާވަންދެން ނުކައި ތިއޮތީ؟' ނަޖުމާ ތަށިތަކުން މަތި ހިއްލާފައި ބަލައިލިއިރު ޝާހަމްގެ ލޯ ފެންކަޅިވިތަން ފެނިގެން ހިތަށް އަސަރު ކުރިއެވެ. "އަހަރެން ކާހިތެއް ނުވޭ މަންމާ. ބަނޑުހައެއް ނުވޭ." ޝާހަމްގެ އަޑުގައި ރިހުމެއްވިއެވެ. ފާއިތުވީ ތިންމަސް ދުވަސްތެރޭ ދަރިފުޅުގެ ރީތިހަށިގަނޑު ނިކަމެތިވެފައިވާ ވަރަކީ މީހަކު ނުބުންޏަސް ފެންނަ އެންމެނަށް ފައުޅުވާން ހުރި ކަންތަކެވެ. އެވިދުން ގަދަ ދެލޮލުގައި މިއަދު ފޮރުވިފައިވަނީ ނާކާމިޔާބު ލޯއްބެއްގެ ފުން ހިތާމައެވެ. ދެރައީ އޭނާ ކިތަންމެ ބޭނުންވިއަސް އެހިތާމަ ފިލުވައިދޭން ކުރެވޭނެ ކަމެއް ނެތްކަމެވެ.
"މަންމައަށް އެނގޭ ދަރިފުޅާ. ވަރަށް ރަނގަޅަށް އެނގޭ ދަރިފުޅުގެ ހިތަށް ކުރާނެ އަސަރު. އެކަމަކު ހިތްވަރު ކުރަންވާނެއެއްނު." ޖަވާބުދިންއިރު ނަޖުމާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ޝާހަމް ބަލަން އޮވެލާފައި ކުއްލިއަކަށް ތެދުވެ މަންމަގެ އުނގުގައި ބޯއަޅައިލުމާއެކު މިއޮތް ހުރިހާ ދުވަހު ރައްކާކޮށްފައި ހުރިއްޔާ ހުރި ކަރުނައެއް އެސްފިޔަތައް ފޫދުއްވާލައިފައި އޮހިގަތެވެ. "ކިހިނެތް ހިތްވަރު ކުރާނީ މަންމާ. ކިހިނެތް؟" ބުނަން ބޭނުންވި ވާހަކަތައް ގިނަ ނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. ލިޒް ވަކިވިފަހުން މިނޫނީ އެއުދާސްތައް ބޭރުކޮށްލާނެ ފުރުސަތެއް ލިބިފައެއް ނެތެވެ. މިހާ ދުވަހު އޭނާ ހުރީ ލޯބިވެރިޔާގެ ވަކިވުމުގެ މައްޗަށް އެންމެ ކަރުނައެއްވެސް ވައްޓާނުލައެވެ. އެކްސިޑެންޓަށްފަހު ހުރިހާ މަސައްކަތެއް ގުޅިފައި ހުރީ ކޮއްކޮގެ ފުރާނަ ސަލާމަތް ކުރުމާއެވެ.
"ދެން ތެދުވޭ ދަރިފުޅާ. ނާސްތާ ކޮށްގެން ފެންވަރާ ތާޒާވެލަން އުޅޭ. މިހާރު މެންދުރު ވަނީ. އިރުކޮޅަކުން ބަންގި ގޮވާނެ. ނަމާދުކޮށްލައިގެން އަންނަންވާއިރަށް މީހާ ހަމަޖެހިފަ ހުންނާނީ." ޝާހަމް ކަރުނަ އޮއްސަން ވަގުތުކޮޅެއް ދީފައި ނަޖުމާ ނުހަނު ލޯބިން އެއިސްތަށިގަނޑުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. ބަސްއަހާ ކުޑަކުއްޖެއްހެން ބޯޖަހާލައިފައި ދަރިފުޅު ތެދުވެ އިށީންނުމުން އޭނާ ނިކުމެގެން ދިޔައީ ހަނދާންކޮށް ވަގުތަށް ނަމާދަށް ދާން އަންގާފައެވެ.
ނަމާދުން އައި ގަޑިއަށް އިމާދުއާ ޝާހަމް އަނެއްކާވެސް ގޭތެރެއިން ބައްދަލުވިއެވެ. ޝާހަމްއަށް އައިސް ވަދެވުނީ އިމާދުގެ ފަހަތުން ކަހަލަ ގޮތަކަށެވެ. "އާދޭ ކާން!" ނަޖުމާ ކާކޮޓަރިން ނިކުތްވަގުތު އެދެބަފައިން ފެނިގެން ގޮވާލިއެވެ. އިމާދު އެދިމާއަށް ހިނގައިގަތް ނަމަވެސް ޝާހަމްގެ މިސްރާބު ހުރީ ސިޑިއާ ދިމާއަށެވެ. "ޝާހަމް ކޮންތާކަށް ތިދަނީ؟ އާދޭ ކާން. ކޮއްކޮވެސް އެބައިން." ނަޖުމާ ގޮވާލުމުން ޝާހަމް ހުއްޓިފައި އެވަގުތުވެސް ބަލައިލީ ފުރަގަސްދީފައި ކާކޮޓަރިއަށް ވަންނަން ދިޔަ ބައްޕައަށެވެ. ނަޖުމާ ގޮސް އަތުގައި ހިފާލުމުން އެހެން ގޮތެއް ނެތިގެން އެންމެފަހުން އެކުގައި ދިޔައެވެ.
ޝަލީން އިނީ މޭޒުމަތީ އަތުރަމުން ދިޔަ ކާއެއްޗެހީގެ ބާވަތްތަކަށް ބަލަން ހައިރާންވެފައެވެ. އެއްފަހަރާ އެހާ ގިނަ ވައްތަރުތައް އެނަގަނީ އެންމެ ވަގުތެއްގެ ކެއުމަށް ބާވައޭ ހިތަށް އަރައިފައެވެ. "މިތާ މިހުރީ އެކި މީހުން ކާން ބޭނުންވާ އެކި ވައްތަރު." ނަޖުމާއަށް ޝަލީންގެ ކުލަވަރު ދެނެގަނެވިގެން އޮޅުންފިލުވައިދިނެވެ. ޝަލީން އިސްއުފުލައި މަންމަގެ މޫނަށް ބަލައިލުމަށްފަހު ތަށި ކައިރިކޮށްލަ ދިނުމުން ނޯކަރު އެއަށް ކާއެއްޗެހި އަޅަން ތައްޔާރުވެލިއެވެ. އެތަން ފެނިގެން ނަޖުމާ އޭނައަށް ސިއްރުން އަންގައިލީ ޝަލީން އަމިއްލައަށް އަޅަން ފުރުސަތު ދިނުމަށެވެ. ޑޮކްޓަރ ކިޔައިދިން ގޮތުން ވިއްޔާ ގެއްލުން ލިބިފައި ހުރީ ހަނދާނުގެ ބަޔަށެވެ. އެކަމަކު ޝަލީންގެ ކަށީގައި ހިފާފައިވާ އަދާކާދައާ ދަސްވެފައި ހުރި ކަންކަން އަދި މީރު ރަހަތައް އެގޮތުގައި ހުންނާނެއެވެ.
"ވާއު!" އެންމެން ބަލަން ތިއްބާ ޝަލީން އަށް ހާއްސަވެފައި ހުރި ތަށިން ކާއެއްޗެހި އެޅުމުން ޝާހަމްއަށް ބުނެލެވުނެވެ. ނަޖުމާ ފޮނިވެގެން ހީގަތުމުން ޝަލީން މޫނު އަނބުރާލައިފައި ބަލައިލީ ވީގޮތެއް ނޭނގިގެންނެވެ. "އަވަހަށް ކާން ފަށާ ދަރިފުޅާ!" އިމާދުއަށްވެސް ވާހަކަދެއްކުނީ އާދައިގެ ވަރަށްވުރެ ބާރަށެވެ. ގެއަށް އައިތާ މަދު ވަގުތުކޮޅެއް ތެރޭ އެލިބުނީ އަނެއްކާވެސް އިތުރު ކާމިޔާބީއެއް ކަމުގައި އެމީހުން ދެކުނެވެ.
މާލެ އައި ނަމަވެސް ސައިކޯތެރަޕީ ސެޝަންތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތް ޝާހަމް ފަހި ކުރިއެވެ. ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް އެސެޝަން ތަކަށް ޝަލީން ގެންގޮސް ގެންނަނީވެސް ޚުދު ޝާހަމްއެވެ. ކޮއްކޮގެ ފަރުވާގައި ކުޑަވެސް އުނިކަމެއް އަންނާކަށް އޭނާ ނޭދެއެވެ. ދުވަހަކަށްވުރެ ދުވަހެއް ޝަލީން ހަމަޖެހި ގޭތެރޭގެ މާހައުލަށް ހޭނެމުން ދިޔައީ އެންމެންގެ ހިތްހަމަޖެހުމާއި ގުޅުވާފައެވެ. މާޒީގެ ހަނދާނެއް އަދި ނައި ކަމުގާވިއަސް ޝަލީން ހުންނަނީ ހިނިތުންވެލާފައެވެ. މަންމައާއި ބައްޕަ އޭނާދެކެ ވާލޯބި ފެނިފައި ހިތް ވަނީ ފުރިފައެވެ. ދޮންބެ އޭނާއަށްޓަކައި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނާތީ އިންތިހާއަށް އަމިއްލަ ނަފްސާމެދު ފަޚުރުވެރިވެއެވެ. އަދި ޝަލީން އެންމެ ގާތީވެސް ޝާހަމްއާއެވެ. އެކްސިޑެންޓަށްފަހު އަނދިރީގެ ތެރޭގައި އޭނާ ހޭދަ ކުރި ވަގުތުތަކުގައި ފުރަތަމަ އެހީ ޝާހަމްގެ އަޑެވެ. އެއަނދިރިން އޭނާއަށް އަލިކަމުގެ އުންމީދެއް ފޯރުކޮށްދިނީ ޝާހަމް މުޚާތަބު ކުރި އޯގާތެރި ކަމެވެ. އޭނާއަށް ކަމެއް ވިޔަ ނުދޭނެ ކަމާއި އަބަދުވެސް ކައިރީގައި ހުރެދޭނެ ކަމަށް ވީ ވަޢުދެވެ. ދުވަސްވީ ވަރަކަށް އޭނާއަށް ގޭތެރޭގެ މާހައުލުވެސް ދަސްވާން ފެށިއެވެ. މަންމަ އާއި ބައްޕަ އޭނާދެކެ ކިތަންމެ ލޯބިން އުޅުނަސް ބައްޕަ ދޮންބެއާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާކަން ފާހަގަވިއެވެ. އޭނާގެ ކުރިމަތީ ހިނިތުންވެފައި ހުންނައިރުވެސް ދޮންބެގެ ލޮލުގައި ފޮރުވިފައިވާ ހިތާމައެއް ވާކަމުގައި ހިތް އަންގައިދިނެވެ. އެމީހުން އޭނާއަށް އެކައްޗެއްވެސް ނުކިޔައިދެނީ އޭނާގެ ހާލަތު ނާޒުކް ކަމަށް ބަލާފައި ކަމަށް ވެދާނެ ކަމުގައި ޝަލީން ޤަބޫލު ކުރިއެވެ. އެކަމަކު ނޭނގުމުގެ ތެރޭގައި މާގިނަ ދުވަހު ހުންނާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.
"ސަމެންތާ އާދެބަލަ!" ޝަލީން ކޮޓަރީގައި ލެޕްޓޮޕާއި ކުޅެން އިން ދުވަހެއްގައި ސަމެންތާ ވަނުމުން ގޮވައިލިއެވެ. ސަމެންތާ އެއީ އޭނާގެ އެންމެ ގާތް މެއިޑް ކަމުގައި ބައްޕަވެސް ބުނެދީފައި އޮތުމުން ސިއްރެއް ކިޔާލާކަށް ޖެހިލުމެއް ނުވިއެވެ. "ކީކޭ؟" ސަމެންތާ އަތުގައި ހުރި ޖޫސްތަށި ޝަލީން އަތްފޯރާ ފަށުގައި ބަހައްޓާފައި ސުވާލު ކުރިއެވެ. "އަހަރެން ވާހަކައެއް އަހަންވެގެން މިއުޅެނީ. ސަމެންތާ ވާނެ ތެދަށް ޖަވާބު ދޭން." ޝަލީން ސީރިއަސްވެފައި ބަލައިލި ގޮތުން ސަމެންތާ ކަންބޮޑުވިކަން އެނގުނެވެ.
"ސަމެންތާއަށް އެނގޭތަ މިގޭތެރޭގަ މައްސަލައެއް ޖެހިގެން އުޅޭކަން؟ އެނގޭތަ އަހަރެންގެ ދޮންބެއާ ބައްޕަގެ މެދުގައި އުފެދިގެން އުޅޭ ރުޅިވެރިކަމުގެ އަސްލަކީ ކޮބައިކަމެއް؟" ޝަލީން ތެދުވެ އިށީންދެފައި ހަތަރުކަޅި ހަމަކޮށްގެން އިނދެ ސުވާލުތައް އަމުނައިލިއެވެ. ސަމެންތާ އެވަގުތު ދެކޮޅު ބަލައިލީ ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުންނެވެ. މިހާރު އަދި ހަނދާނުގެ ބައި ފިލާފައި ހުއްޓަސް އާދަތައް ހުންނާނެ ވާހަކަ ނަޖުމާ ބުނެފައި އޮތުމުން ޝަލީންގެ އެދުމަކަށް ދެކޮޅު ހަދަން އޭނާ ބިރުގަތެވެ. ޝަލީން އަކީ ބޭނުން ކަމެއް ނުވެއްޖެނަމަ ނިކަން ރުޅިގަދަވާ ކުއްޖެކެވެ.
"ޝަލީ ދޮންބެ ކުރިން އިންނަން ވެގެން އުޅުނީ ބައްޕަގެ ބެސްޓްފްރެންޑްގެ އަންހެން ދަރިފުޅާ. ޝަލީވެސް ވަރަށް ގާތް ކުއްޖެއް އެއީ ވިޝާއަކީ. ދެން ދޮންބެ ފަހުން އެހެން ކުއްޖަކާ އިންނަން ބޭނުންވެގެން ބުނީމަ ގޭގަ މައްސަލަ ޖެހުނީ. ދޮންބެ ބައްޕައާ ދެކޮޅަށް އެކުއްޖާ ގޮވައިގެން ފިލީ. ދެން މިހާރު އެނބުރި އެއައީ ޝަލީން ގޮވައިގެން." ސަމެންތާ ޖެހިލުންވެ ހުރެވެސް ތަފްޞީލު ދިނެވެ. އެއަޑުތައް އަހާފައި ޝަލީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ދެން ކޮބާ އެއަންހެންކުއްޖާ މިހާރު؟" ޝަލީން އިރުކޮޅަކުން އަހައިލިއެވެ. ސަމެންތާ ކޮނޑު އަރުވައިލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. "ތޭންކްސް." ޝަލީން ޖޫސްތަށި ދަމާލައިފައި ކޮޓަރިން ނިކުތެވެ. އޭނާ ތިރި ބަލާލިއިރު ސިޓިންރޫމްގައި ބައްޕައާ ވާހަކަދައްކަން އިން މީހަކު ފެނިފައި މަޑުޖެހިލެވުނެވެ. އެމޫނުން ދަންނަ ވައްތަރު ޖެހީ ކުރިން ބައްދަލުވެފައި ހުރެގެން ކަމެއް ނޫނީ އެއީ ފެނުނު އެހެން މީހަކާއި ވައްތަރުވެ ކަމެއް ޔަޤީނެއް ނުވިއެވެ. ޝަލީން މަޑުނުކޮށް އެދިޔަ ގޮތަށް ގޮސް ދޮންބެ ކޮޓަރީ ޓަކި ދިންތަނާ އިރުކޮޅަކުން ހުޅުވައިލިއެވެ.
"ޝަލީ! އާދޭ އެތެރެއަށް." ޝާހަމް ހިނިތުންވުމާއެކު ދައުވަތު ދިނެވެ. ޝަލީން ވަދެ ލޯ ހިންގައިލީ އަލަށް ވަދެވިގެން ބަލައިލިފަދަ ގޮތަކަށެވެ. "ވާހަކަދައްކާލަންވެގެން މިއައީ." ޝަލީން ގޮސް އެތާ އޮތް ބީންބޭގްއަށް ވެއްޓިގަތެވެ. ޝާހަމް އޭނާއަށް ނަޒަރެއް ދީފައި އުޅުނީ ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރުމުގައެވެ. "އެހެންވިއްޔާ ދޮންބެއަށް އެނގޭތަ އަހަރެންގެ ހުރިހާ އެކުވެރިން؟" ޝަލީން އިރުކޮޅަކުން އަހައިލިއެވެ. އެއަޑަށް ޝާހަމް މޫނު އަނބުރާލިއިރު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. "އެމީހުންނާ ބައްދަލު ކުރަން ބޭނުންވަނީތަ؟" ޝާހަމް މަސައްކަތް މަޑު ޖައްސާލައިފައި ރީތިކޮށް ހަމަޖެހިލިއެވެ. "ހޫމ. ގޭގައި އިންނަން ވަރަށް ފޫހި. އެހެންވެ ހިތަށް އެރީ އަހަރެން އެންމެ ގާތްކޮށް އުޅުނު މަދު އެކުވެރިއަކާ ބައްދަލުކޮށްލާނީއޭ. ދޮންބެ ވީއެއްނު އެމީހުންނާ ކޮންޓެކްޓް ކޮށްދޭން!" ޝަލީން އާދޭހާއެކު އެދުމުން ޝާހަމް ހިނިތުންވެލިއެވެ. "ޝަލީ ދާންވީނު ވިޝް ގާތަށް. ދޮންބެއަކަށް ނޭނގޭނެ އެމީހުންގެ ނަންބަރެއް. ކުރީގަވެސް ވިޝްއާ ދެމީހުން ވެގެން އަބަދު އެކުވެރިންގެ ޕާޓީތަކަށް ގޮސް އުޅުނީ." ޝާހަމް ހިތާއި ދެކޮޅަށް ވިއަސް ވިޝާގެ ވާހަކަދެއްކިއެވެ. ޝަލީން އެވަގުތު އެމޫނަށް ފުންކޮށް ބަލައިލިކަމެއް އޭނާއަށް ކުޑަކޮށްވެސް ނޭނގެއެވެ. އޭނާ ހިތުން ކޮއްކޮ ކުރިމަތީ އަދި އެއްވެސް ސިއްރެއް ބޭޒާރެއް ނުވެއެވެ.
"އޯކޭ. ރެޑީވާން މިދަނީ. ދޮންބެ އިރުކޮޅަކުން އާދޭ!" ޝަލީން ފުންމައިގެން ތެދުވެފައި ނިކުންނަން ދިޔައެވެ. އޭނާ ކޮޓަރިއަށް ދަމުން ބަލާލިއިރު ކުރިން ފެނުނު މީހާ މިހާރަކު ނެތެވެ.
ޝާހަމް އިރުކޮޅެއް ފަހުން ތެދުވެ ޓީޝާޓް ބޮލަށް މަހާލައިފައި ގަޔަށް ސެންޓް ބުރުވައިލިއެވެ. އަތު ކުރީ ގަޑި ހެއުވަރު ކޮށްލަމުން ނިކުމެ ކޮއްކޮ ކޮޓަރި ދޮރުފަތުގައި ޓަކި ދިނުމުން ޖަވާބެއް ނައެވެ. ވިސްނަން ހުރެލާފައި ދޮރު ހުޅުވާލިއިރު ޝަލީން އިނީ އެނދުގައި އިށީންގޮތަށް ހުއްޓުން އަރައިފައެވެ. އޭނާ ގޮސް ކައިރިވެފައި ގޮވައިލުމުން އިސްއުފުލާލިއިރު އެސްފިޔަތައް ހުރީ ތެމިފައެވެ. އެދެލޮލުން ކަމަކާއި ބިރުގެންފައިވާކަން ދޭހަވުމުން ޝާހަމް ހަމްދަރްދީ ވިއެވެ.
"ކިހިނެތްވީ؟" ޝާހަމް ކޮއްކޮ ކައިރީ އިށީންދެފައި ނުހަނު ލޯބިން ސުވާލު ކުރިއެވެ. "ނުކެރޭނެ ބޭރަށް ދާކަށް. ނުކެރޭނެ ނުދަންނަ ބައެއްގެ ތެރެއަށް ދާކަށް. ދޮންބެއަށް އެނގެއެއްނު އަހަރެން އައި ފަހުން ޑޮކް ގާތަށް ނޫނީ އަދި ނުދަން." ޝަލީންގެ ކަންބޮޑުވުން ފައުޅުކުރި ވަގުތު ޝާހަމްގެ ހިތަށް ކޮށްފައިވާ އަސަރު ފުންވިއެވެ. "ކަމެއް ނޫން ތީ. ދޮންބެއަށް ވިސްނޭ ޝަލީއަށް އުދަނގޫވާނެ ވަރު." ޝާހަމް ކޮއްކޮގެ ކޮނޑާއި ހަމައިން ވަށާލައިފައި ގެނެސް މޭގައި ޖައްސައިލިއެވެ.
އެރޭ ކެއުމުގައި އަލޫކްވެސް ބައިވެރިވިއެވެ. ފުރަތަމަ ބައްދަލު ވުމާއި ޚިލާފަށް ޝަލީންވެސް އަލޫކްއާ ހަތަރުކަޅި ހަމަވެގެން ދެފަހަރު މަތިން ހިނިތުންވެލިއެވެ. "އަލޫކް ބައްޕަ މިއަދު އައިސް އުޅުނުއިރު ބުނި ވިޝާ ބަލި ވާހަކަ. ކިހިނެތްތަ މިހާރު؟" ކެއުމުގެ ތެރެއިން ނަޖުމާ އަހައިލިއެވެ. މެންދުރު ގެއިން ފެނުނު މީހާއާ މެދު ޝަލީންއަށް ވިސްނައިލެވުނީ އެވަގުތުއެވެ. "ހީވޭ ރަނގަޅުވަމުން އަންނަހެން." އަލޫކް ޖަވާބުދިންއިރު ކަނެއްގައި އެކަނި އިން ޝާހަމްއަށް ނަޒަރެއް ދިނެވެ. އެހެން މީހަކަށް ފާހަގަ ނުވިއަސް ޝާހަމްވެސް އިނީ އަލޫކްގެ ޖަވާބު ލިބެންދެން ކެއުން ކުރިއަށް ނުގެންދެވިފައެވެ.
"އެހެންވިއްޔާ މިއަދު މެންދުރު ބައްޕަކައިރީ އެއިނީ ލޫކް ބައްޕަތަ؟" ޝަލީން ފުރުސަތުގެ ބޭނުން ހިފައިލިއެވެ. އޭނާ ސުވާލު ކުރިއަޑަށް އަލޫކް ބަލައިލުމުން އަދިވެސް އެއްފަހަރު ހަތަރުކަޅި ހަމަވިއެވެ. "އޯ އެހެން ދޯ." އިމާދު ބޯ ޖަހާލި ވަގުތު ޝަލީންއަށް ކިޔައިލެވުނެވެ.
ފަހަރަކު މީހަކު ކެއުން ނިންމާފައި ދިޔައިރު އަލޫކްއާ ޝަލީން މޭޒުދޮށުގައި އެކަނިވިއެވެ. ޝަލީން ނިމުނަސް އޭނާ މަޑުކޮށްލީ އަލޫކްއާ ވާހަކަދައްކަން ވެގެންނެވެ. ބީރަތްޓެހިކަން ފިލުމުން ބައެއް ސުވާލުކޮށްލަން އޭނާ ހުރީ ބޭނުންވެފައެވެ. އެކަމަކު އެސުވާލުތައް ކުރަން އަލޫކް ކޮޓަރިއަށް ގެންދާކަށް ހިތެއް އެއްބަހެއް ނުވިއެވެ. ކުރިން އެމީހުންގެ ގުޅުން ކޮންމެ ގޮތަކަށް އޮތަސް މިހާރު މީ އެހެން ވަގުތެކެވެ.
"އަހާބަލަ ތިއަހަން އުޅޭ އެއްޗެއް!" ޝަލީން ތަށި ތެރެއަށް ސަމުސާ ލައިގެން ހާވަން އިނދެފައި ދެފަހަރަކު ބަލައިލިތަނާ އަލޫކްއަށް ވިސްނިއްޖެއެވެ. އޭނާ އެހެން ބުނެލުމުން ޝަލީން ސިހިފައި އިސްއުފުލައިލިއެވެ. "ކޮންއިރަކުން އަހަރެންނާއި ވާހަކަދައްކާލެވޭނީ؟ އެބަހުރި ކުރަން ބޭނުން ސުވާލުތައް. މިސާލަކަށް އަހަރުމެން އެކުގައި ކޮށްފައި ހުރި ކަންކަމާ. ހާއްސަ ހަނދާންތައް." ޝަލީން ސީރިއަސްވެފައި ވާހަކަދެއްކިއިރު އެއަޑު އިވިގެން އަލޫކްގެ ސިކުނޑިއަށް ވަނީ ލާނެތް ހިޔާލުތަކެވެ. އޭނާއަށް ވިސްނުނު ގޮތުގައި ޝަލީން އެންމެ ފަސޭހައިން އޭނަ މަތިން ހަނދާންވާނީ ކުރިންވެސް ކަންތައް ކުރާ އުސޫލުން ކުރީމައެވެ.
"އެކުގައި ކޮށްފަ ހުރި ކަންކަން ކިޔަންޏާ، ހަގް ކުރުމާ ކިސް ކުރުމާ...." އަލޫކްގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދީ ޝަލީން ކުއްލިއަކަށް މޭޒުގައި ތަޅައިގަތެވެ. އޭނާ ކަންބޮޑުވެފައި ބަލައިލީ ފެންނަ ހިސާބުގައި މީހަކު ހުރިތޯއެވެ. "ނުވާނެ އެހެނެއް. ދޮންބެ ބުނީ ތީ އަހަރެންގެ ހަމައެކަނި އެކުވެރިއެކޭ." ޝަލީން ލޯ ބޮޑުކޮށްފައި އެވާހަކަ ދޮގު ކުރިއެވެ. "ދޮންބެއަކަށް ނޭނގޭނެއެއްނު ޝަލީ ސިއްރުކޮށްފަ އޮތީމައެއް. ސީރިއަސްކޮށޭ މިބުނީ. ފޮޓޯވެސް ދައްކަފާނަން." އަލޫކް ޔަޤީންކޮށްދޭން މަސައްކަތް ކުރަމުން އަތުގައި ހިފާލިއެވެ. ޝަލީން ތެޅިގެންފައި އެއަތް ދަމައިގަތް ގޮތަށް ތެދުވީ ކޮޅަށެވެ. އޭނާ ދެފަރާތަށް ބޯހޫރާލައިފައި އެތާ ނުހުންނަން ނިކުމެގެން ދިޔައިރު އަލޫކް ދެފަހަރެއްގެ މަތިން ގޮވާލުމުންވެސް ނުހުއްޓުނެވެ.
ކޮޓަރިއަށް ވަދެފައިޝަލީން އަލަމާރި ހާވައިގެން ހޯދަން ފެށީ ކޯއްޗެއްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހުރިހާ އެއްޗެއް އެބަޑި ބަޑި ޖެހުމުންވެސް ހިތްހަމައެއް ނުޖެހުނެވެ. ޑްރެސިން ޓޭބަލް ވަތްގަނޑުވެސް ބަލާފައި އެންމެފަހުން އައިސް ލެޕްޓޮޕް ހާކަން ހުއްޓާ ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. "ޝަލީ!" އަލޫކްގެ އަޑު އިވުމުން ޝަލީންގެ އަތް މަޑުޖެހުނެވެ. އޭނާ ތެދުވެގެން ގޮސް ދޮރުމަތީ ހުއްޓާ އަލޫކް ދޮރު ހުޅުވައިލިއެވެ.