ކިހިނެތްވީ ތިހާ ބިރެއް ތިގަތީ؟" ސުވާލުކޮށްލިއިރު ވިޝާގެ އަތުގައި އޮތް ފޯނަށް ޝާހަމް ނަޒަރެއް ދިނެވެ. ކަމެއްނުވެއޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލައިފައި ވިޝާ ނިކުމެގެން ދިއުމުން ޝާހަމް ދޮރަށް ބަލަން ހުރެފައި ގޮސް ހުއްޓުނީ އެނދު ކައިރިއަށެވެ. ފޯނު ނަގައި ބަލައިލިއިރު ވިޝާ ބަލަން އިނދެފައި ދިޔަ ނަމާއި ނަންބަރު އޮތީ ފެންނާށެވެ.

ޝާހަމް މިސްކިތަށް ދާން ނިކުތްއިރު ވިޝާ ޖޯލިފަތީގައި އޮތީ މާނާއާ ޝަލީންގެ މެދުގައި ދެކެވެމުންދިޔަ ވާހަކައަކަށް ކަންފަތް ދީގެންނެވެ. އެއަށްފަހު އޭނާ ތެދުވީ ޝާހަމް އަންނަންވާއިރަށް ކާތަށިމަތި ތައްޔާރުކޮށްފައި ބެހެއްޓުމަށެވެ. ވިޝާ ގޮނޑިއެއް ދަމާލައިގެން ފާރުގައި ހުރި ގަޑިއަށް ބަލަން އިންއިރު އެނދުމަތީ ބާއްވާފައި އައި ފޯނާމެދު ހިޔާލުކޮށްލެވުނެވެ. އޭނާ އުންމީދު ކުރި ފަދައިން ޝާހަމްއަށް އާރިޒްގެ ނަންބަރު ފެނުނު ކަމާމެދު ސުވާލު އުފެދުނެވެ. އެސުވާލުގެ ޖަވާބު އިރުކޮޅަކުން ލިބިދާނެ ކަމުގައި ޤަބޫލު ކުރެވުނެވެ. ޝާހަމް އާރިޒްއާ ބެހޭގޮތުން އަހައިފިނަމަ އޭނާގެ މަޤްސަދު ކާމިޔާބުވީއެވެ. މީގެ އިރުކޮޅެއް ކުރިން އެދެމީހުން ވާހަކަދައްކަފާނެތީވެސް ބިރުގަތް ކުއްޖާގެ ހިޔާލު ބަދަލުވީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ. އޭނާގެ ހިތުގައި އާރިޒްއާމެދު ދުވަހަކު އިހްސާސެއް އުފެދިފައި ނެތަސް އާރިޒްގެ ހިތް އޭނާއާމެދު އޮތް ގޮތް އެނގިގެން ފަހަރެއްގައި ޝާހަމްގެ ވިސްނުން ބަދަލު ކޮށްލެވިދާނެ ކަމުގައި ޤަބޫލު ކުރެވުނެވެ. އެގޮތުން އާރިޒްގެ މައްޗަށް ޝާހަމްގެ ހިތުން ހަސަދައިގެ ހުޅުކޮޅެއް ރޯކޮށްލެވިއްޖެނަމަ އޭނާގެ މަޤްސަދު ކިތަންމެ ރަނގަޅަކަށްވެސް ކާމިޔާބު ވެދާނެއެވެ.

އިންތިޒާރުގައި އިންދާ ޝާހަމް ވަދެގެން އައީ ފޯނެއްގައި ހުރެގެންނެވެ. ވިޝާ އަވަހަށް ތެދުވެފައި ބަތްކާ ތަށްޓަކާއި ފެންތަށްޓެއް ކައިރިކޮށްލަދީފައި އިށީންދެލިއެވެ. "ވިޝް ކައިފިންތަ؟" ޝާހަމް ފޯނު ކުރުކޮށްލާފައި މޭޒުމަތީ ބާއްވަމުން އަހައިލިއެވެ. "އަހަރެންނާ ބައިވެރިވާންވީނު!" ވިޝާ ޖަވާބެއް ނުދީ ލަސްވުމުން ޝާހަމްއަށް އެހިމޭންކަމުން ޖަވާބު ލިބިގެން ހުށައެޅިއެވެ. މަޑުމަޑުން ބޯޖަހާލުމަށްފަހު އިތުރު ތަށްޓެއް ނަގައިގެން އޭނާވެސް ކާންފެށިއެވެ. އެކަމަކު ހީކުރި ގޮތާއި ޚިލާފަށް ކައި ނިމިގެން ދިޔައިރުވެސް އާރިޒްގެ ވާހަކައެއް ޝާހަމް ނާހައެވެ.

ޝަލީން ފެންވަރަން ދާން އުޅެނިކޮށް މާނާ ގޮވާފައި ހަވީރަށް ތައްޔާރުވާން އެދުނީ ދާން އުޅޭ ވަކި ތަނެއް ނުބުނެއެވެ. ސުވާލުކޮށްލާނެ ފުރުސަތެއް ނުދީ މާނާ ނިކުމެގެން ދިއުމުން ޝަލީން ގޮސް ސިޑިން އަރަން ދިމާކުރެވުނީ އަލޫކްއާ ދެމީހުން އެއްކޮށެވެ. "ލޭޑީސް ފަސްޓް!" އަލޫކް ފަހަތަށް ފިޔަވަޅެއް އަޅާލައިފައި ޝަލީންއަށް ތަން ދައްކަމުން ބުނެލިއެވެ. އެވަގުތު ޝަލީން މައްޗަށް އަރައިގެން ދިޔައީ ދެވަނަ ފަހަރަށް އަލޫކް މޫނަށް ބަލައިވެސް ނުލައެވެ. ލިބުނު މާޔޫސްކަމުގައި ޝަލީން ގޮސް ގެއްލޭތަން ބަލަން ހުއްޓާ ފަހަތުން ނަޖުމާ އައިސް ކޮނޑުގައި އަތް ޖައްސައިލުމުން އޭނާ ސިހުނެވެ.

"ދައްތާ!" އަލޫކް ކުޑަކޮށް އެނބުރިލައިފައި ނަޖުމާ ފެނުމުން ހިނިތުންވެލިއެވެ. "ޝަލީން ރުޅިއައިސްގެންތަ އެދިޔައީ؟ ކިހިނެތް ވެގެން ތިއުޅެނީ؟" ނަޖުމާއަށް ޝައްކުވެގެން ސާފުބަހުން އެހިއެވެ. އަލޫކް އިތުރަށް ކަންބޮޑުވީ ތެދަށް ޖަވާބުދޭށެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގިގެން ހިނިގަނޑެއް ޖަހާލައިފައި ބުނެލީ އެއީ އަބަދުވެސް ޝަލީން އުޅޭ ގޮތް ކަމުގައެވެ. ނަޖުމާއަށްވެސް އެވާހަކަ ޤަބޫލު ކުރެވުނެވެ. އެދެމީހުން ކޮންމެވެސް ކަމަކާ ޒުވާބުކޮށްފައި ދެބަސްނުވާ އިރެއް ނުދާނެއެވެ.

"އަހަރެމެން ތުނޑިއަށްތަ މިދަނީ؟ ކީއްވެ ކުރިން ނުބުނީ؟" މަގުގެ ވަކި ހިސާބަކަށް ދެވުނުފަހުން ޝަލީންއަށް އެއީ ކޮން ހިސާބެއްކަން އެނގިގެން އަހައިލިއެވެ. "ސޮރީ ޝަލީ. ދެން ދާންޖެހޭނީ ޝަލީ އަމިއްލައަށް." މާނާ އެވަގުތު ފަހަތަށް ޖެހިލާފައި ބުނި އެއްޗަކުން ޝަލީން ހައިރާންވިއެވެ. އޭނާ އެނބުރި ބަލާލިއިރު މާނާ އެހާ އަވަހަށް ފުރަގަސްދީފައި އެނބުރި އައިކޮޅަށް ދަނީއެވެ.

"މާނާ!" ޝަލީން ކަންބޮޑުވެފައި ގޮވާލުމުން މާނާ ކުރިއަށްވުރެ ހިނގުން ބާރުކޮށްލައިފައި ގޮސް ގަސްތަކުތެރެއަށް ވަނެވެ. އެހިސާބުން ޝަލީންއަށް މަޖުބޫރުވީ ކުރިމަތިލާށެވެ. މާނާ އެވަރަކުން އޭނާ ގޮވައިގެން އެތަނަށް އައި ސަބަބެއް އޮޅުންފިލުވުމުން ކޮންމެހެން މުހިންމުވެއްޖެއެވެ. ފަސްގަނޑު މަޑުކަމުން ހިނގަން އުދަނގޫވެ ފުރަތަމަ ކަމަކަށް އަރައިގެން ހުރި ބޫޓު ބާލައި އަތަށް ނެގިއެވެ. ދެކޮޅު ހޯދަމުން ތަންކޮޅަކަށް ދެވުނުއިރު ގަސްތަކުން ނެއްޓިއްޖެއެވެ. އެވަގުތު ތުނޑީކޮޅުގައި ފުރަގަސްދީގެން ހުރި ޒުވާނާ ޝަލީންގެ ލޮލުގައި އަޅައިގަތެވެ.

"ލޫކް." އެހާ ދުރުންވެސް ޝަލީންއަށް އަލޫކް ފާހަގަ ކުރަން އެނގުނެވެ. މާނާ އެވަރަކުން އޭނާ ގެނެސް އެކަނިކޮށްލާފައި ދިޔައީ އަލޫކް ބުނެގެންކަން އެނގިގެން ކުޑަކޮށް ރުޅިއައެވެ. އެކަމަކު ދެން އެހިސާބުން ފަސް ދީފައި ދިއުމަށްވުރެ އޭނާއަށް ފެނުނީ އަލޫކް ބުނަން އުޅޭ އެއްޗެއް އަޑު އަހާފައި ދިއުމަށެވެ.

އެތާ އޮތް ގަސްގަނޑާއި ހަމައަށް ދެވުނުއިރު ޝަލީން ހުރީ ވަރުބަލިވާގޮތް ވެފައެވެ. ދެބޫޓު ކިބަ ވައްޓާލައިފައި ގަސްގަނޑުގައި އޭނާ އިށީންދެލިވަގުތު އިއްތިފާޤުން އަލޫކްވެސް އެނބުރި ބަލާލައިފިއެވެ. ރާޅުޖަހާ ހިސާބުގައި އޭނާ ހުރީ ޖިންސްގެ ދެފައިކުރި އޮޅައިގެން ފައިތިލަ ތެންމައިގެންނެވެ. އެއްރާގަކަށް އައި ކުދި ރާޅުތައް އެދެފައިގައި ބޮސްދީފައި އެނބުރި ލޮނުގަނޑާއި ދިމާއަށް ދަތުރު ކުރަމުން ދިޔައެވެ.

"ހިއެއް ނުކުރަން އަންނާނެ ކަމަކަށް." އަލޫކް އައިސް ހުއްޓިފައި ޖީބުން އަތް ނެގުމަށްފަހު އިށީންދެލީ އެދެމެދަށް ހުސްތަންކޮޅެއް ދޫކޮށްފައެވެ. "އޮޅުވާލައިގެން ގެނައީމަ އަންނާނެއެއްނު." ޝަލީން ޖަވާބު ދިނީ ނުރުހިފައެވެ. ވައިބްރޭޓް ވާން ފެށި ފޯނު ނަގައި ބަލައިލުމަށްފަހު އަނބުރާ ދަބަހަށް ލައިފައި އޭނާ މޫނަށް ނިވާ އެޅި އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ. އޭރު އަލޫކް ކަޅި ޖަހާނުލާ އެމޫނަށް ބަލަން އިނދެފައި ޝަލީން ބަލައިލުމުން ދުރަށް ނަޒަރު ހުއްޓާލައިފިއެވެ.

"އެގޮތް ބޭނުން ވެގެނެއްނޫން. އެކަމަކު ރީތިކޮށް ބުނީމަ ނާންނާނެކަން ޔަޤީންވާތީ މިހެން ކަންތައްކުރީ." އަލޫކް ލުއި ހިނިތުންވުމަކާއެކު އަމިއްލަ ކުށަށް އެއްބަސްވިއެވެ. "ދެން ބުނަންވީނު ތިބުނަން އުޅޭ އެއްޗެއް. އަހަރެން މިހުރީ އަޑުއަހަން." ޝަލީން ކުރިންވެސް ބުނި ރާގުގައި ބުނެލިއެވެ.

"އައިމް ސޮރީ..." ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު އަލޫކް އިއްވައިލިއެވެ. އެވަގުތު ޝަލީން ހައިރާންވެގެން އެމޫނަށް ބަލައިލިއެވެ. "އެންމެ ފުރަތަމަ ކަމަކަށް އެދުވަހު އެރަށުގައި ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. ގަސްތުގައި ނޫނަސް އެއީ އަހަރެންގެ ފަރާތުން ހެދުނު ގޯހެއް. އަދި އެގޮތަށް ކުއްލިއަކަށް އަހަރެންގެ އިހްސާސްތައް ޝަލީ ކުރިމަތީ ހާމަކޮށްލެވުނީތީ އެކަމާއިވެސް އަހަރެން މަޢާފަށް އެދެން. ބަޓް ނޯ.. އައި ޑޯން ރިގްރެޓް މައި ފީލިންގްސް ފޯ ޔޫ. އެކަމަކު ޝަލީގެ މިހާރުގެ ހާލަތާއިމެދު ވިސްނާނުލައި ހާމަކުރެވުނީތީ މައާފަށް މިއެދެނީ. އަހަރެންނަށް އިނގޭ ޝަލީ އޮޅުންފިލުވަން، އެނގެން ބޭނުން ކިތަންމެ ކަމެއް ހުރިކަން. އެހެންވެ އަހަރެންނަށް އިނގޭ ޝަލީއަށް ފަސޭހަ ނުވާނެކަން އަހަރެންނަށް ޖަވާބެއް ދޭކަށް." އަލޫކް ވާހަކަދައްކަމުން އެނބުރި ހަތަރުކަޅި ހަމަކޮށްލިއެވެ.

"އިން ސިމްޕަލް ވޯޑްސް... އަހަރެން ޝަލީ ބޭނުންހާ ވަގުތެއް ޝަލީއަށް ދީފިން. ޝަލީ ބޭނުން ދުވަހަކުން އަހަރެންނަށް ޖަވާބު ދިނީމަ އޯކޭވާނެ. ހާމަކުރެވިފައި އޮތް އެއްޗެއް އަލުން ސިއްރުކުރެވެން ނެތީތީ އެކަމެއް ނުކުރެވޭނެ. އެކަމަކު އައި ޕްރޮމިސް އަހަރެން އެއްވެސްކަމަކަށް ފޯސްއެއް ނުކުރާނަން. އޭގެ އިތުރުން އަހަރެން ޝަލީ ފަރާތުން އެދޭ އެހެން އެދުމެއް އެބައޮތް." ޝަލީން ހިމޭނުން އިންދާ އަލޫކް އަދިވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ކޮންކަމެއް؟" ޝަލީންއަށް މިފަހަރު ސުވާލުނުކޮށެއް ނީނދެވުނެވެ. "ކުރިންހެން އެކުވެރިން ގޮތުގައެއް ނޫޅެވޭނެތަ؟" އަލޫކްގެ ސުވާލާއެކު އެއަތްތިލަ ހުޅުވާލައި ޝަލީންއާ ދިމާއަށް ދިއްކޮށްލިއެވެ. "ޝުއަރ." ޝަލީން އިރުކޮޅަކު ބަލަން އިނުމަށްފަހު އަލޫކްގެ އަތުގައި ހިފާލަމުން ހިނިތުންވުމާއެކު ޖަވާބުދިނެވެ.

*****

ހަރުގެ ތައްޔާރު ވުމަށްފަހު ދެދުވަހެއް ތެރޭ އެގޭ ދެކުދިން ޚިތާނު ކުރެވުނެވެ. ތިން އިރުގެ ކެއުމާއި ކޮފީ އަދި ސައި ބުރުތައް އޮންނައިރު ކެއްކުމުގެ ކަންތަކުގައި އެހީވާން ތިމާގެ ކުދިންތައް އައިސް އުޅެއެވެ. އޭގެ އިތުރުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މިއުޒިކް ޝޯވ އެއް ނޫނީ އެފަދަ ކޮންމެވެސް ހާއްސަ ކަމެއް އޮވެއެވެ. ޒުވާން ކުދިންގެ ސަކަރާތް ޖެހުންވެސް އެހާ ބޮޑެވެ. އަބަދު ކޮންމެވެސް މީހެއްގެ ކޮފީއަށް ލޮނު އަޅާފައި ދީގެން ނޫނީ، ކޮންމެވެސް މީހެއްގެ ގަޔަށް ފެން ޖަހައިގެން އޮންނަނީ ޝަކުވާ އައިއްސައެވެ. އެހޫނުގަނޑު ތެރޭގައި އެންމެ ހާއްސަ ކަމަކަށް ފާހަގަކޮށްލެވުނީ މާނާ ކުރި ކަންތަކެވެ. އެއީ ކުޅިވަރުގެ ފަހު ރެއަށް ވުމުން އެހެން ހުރިހާ ރެއަކަށްވުރެ ފޯރި ގަދައެވެ. ބަލަން އައިސް ތިބި މީހުންވެސް ގިނައެވެ. ބޮޑުބެރު ލަވައެއް އޭގެ އެންމެ ޖޯޝުގައި ކިޔަމުން ދިޔައިރު ނަށަން ނިކުމެ އުޅޭ ދެތިން މީހަކު އުޅެއެވެ. ޝަލީން ހުރީ މީހުންގަނޑުގެ ފަހަތުގައި އަތްޖަހާށެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު އައިސް އޭނާގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލާފައި ފަހަތަށް ގޮސް ގެއްލުމުން ޝަލީންވެސް ފުރުސަތެއް ހޯދައިގެން އެތަނުން ނިކުތެވެ.

"ލޫކް! ކޯއްޗެއްތަ؟" ޝަލީން ގޮސް ގޭގެ ވަލުފަރާތަށް ނިކުމެފައި އެތަނުން އަލޫކް ފެނުމުން ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަލޫކް ވައި އަޑުން ހިމޭންވާން އަންގާފައި އޭނާގެ އަތުގައި ހިފައިގެން ގެންދަން ފެށި ގަސްތަކާއި ދިމާއަށެވެ. ޝަލީން ކުޑަކޮށް ޖެހިލުންވި ނަމަވެސް އަލޫކް ހުރުމުން ހުއްޓޭ ހިޔާލެއް ނުކުރިއެވެ. ތަންކޮޅަކަށް ގޮއްސައި އަލޫކް އިޝާރާތުން ދުރުގައި ތިބި ޖޯޑު ދެއްކިއެވެ. މާނާގެ ކައިރީގައި ހުރީ ކުރިން ދެފަހަރަކު ފެނި ދަސްވެފައިވާ މޫނެކެވެ.

"ވޯހ. ހިނގާ ބަސްޓްކޮށްލަން." ޝަލީން ހިނި އައިސްފައި އަލޫކް ކަންފަތްދޮށުގައި ކިޔައިލިއެވެ. އަލޫކް ވަގުތުން އެކަން މަނާކުރުމުން ޝަލީން ފާޑަކަށް އަނގަ ހަދާލައިފައި ހުރީ ހިމޭނުންނެވެ. "އަދިވެސް ނުނިމޭތަ؟"ގިނައިރުވާން ފެށުމުން އަލޫކްއަކަށްވެސް ނުހުރެވުނެވެ. އޭނާ ވާހަކަދެއްކި އަޑަށް އެދެމީހުން ތެޅިގެންފައި އެޒުވާނާ ދުވީ ދުރަށެވެ. "މާނާ މާނާ ކޮންތާކަށް؟" މާނާވެސް ފިލަންވެގެން އެތާހުރި ގަހެއްގެ ފުރަގަހަށް ވަނުމުން ޝަލީންއަށް އެނގުނުކަން އަންގައިލިއެވެ.

"އަޅެ ހެޔޮނުވާނެ އަހަރެން މަންމަ ކައިރީ ނުބުނައްޗޭ!" ފަޅާ އެރިކަން ޔަޤީންވުމުން މާނާ އައިސް އާދޭސް ކުރިއެވެ. ޝަލީން ހީގެންފައި ބަލައިލީ އަލޫކް މޫނަށެވެ. ދެން ބޯޖަހާލައިފިއެވެ.

*****

ނިދަންވެގެން ކޮޓަރިއަށް ވަންއިރު ޝާހަމް ކުރިން އައިސް އޮތީ ކޮޓަރީގައެވެ. ވިޝާ ދޮރު ހުޅުވައިލި އަޑަށް އޭނާ އެދިމާއަށް ބަލައިލާފައި ކުރިންހެން ނިތްމައްޗަށް އަތް ނަގައިގެން ހަމަޖެހިލިއެވެ. "ބޮލުގަ ރިއްސަނީތަ؟" ވިޝާ އައިސް އެނދުގެ އަނެއްފަރާތުގައި އިށީންދެފައި އަހައިލިއެވެ. "އުހު." ޝާހަމް ޖަވާބު ދިންއިރު އެމޫނަކަށް ނުބަލައެވެ. ވިޝާ ކޮނޑު އަރުވާލައިފައި ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްގެން ނިކުތްއިރު ޝާހަމް ފެންނާކަށް ނެތެވެ. ޑްރެސިންޓޭބަލް ކައިރީ އިށީންދެ އަތުގައި ލޯޝަން ލާން ފެށިތަނާ ޝާހަމް ވާހަކަދެއްކި އަޑު އިވުނީ ބެލްކަންޏާއި ދިމާއިންއެވެ. ވިޝާ ތެދުވެގެން ގޮސް ބަލާލިއިރު ޝާހަމް ހުރީ ފޯނެއްގައެވެ. އޭނާ އިރުކޮޅަކު ހުރެފައި ގޮސް ޝާހަމް ފަދައިން ރެއިލިންގައި ދެއަތް އަޅުވާލައިގެން ހުއްޓުނެވެ.

"މިރަށުގައި އުޅޭ އަހަރެން ދަންނަ މީހަކު." ޝާހަމް ފޯނު ނިންމާލައިފައި ޖީބަށް ލުމުން ވިޝާ އަމިއްލައަށް ބުނެލިއެވެ. "އާރިޒްތަ؟" ޝާހަމް ދުރު ބަލަން ހުރެފައި އެހެން އަހައިލި ގޮތުން ވިޝާއަށް ހީވީ މެއަށް ފިނި ފެންއެއްޗެއް އޮއްސައިލިހެންނެވެ. އޭނާ ތެޅިގަނެފައި ބަލާލިއިރު ޝާހަމް ހަމަޖެހިލައިގެން އަދިވެސް ހުރީ ދުރު ބަލާށެވެ. "ކިހިނެތް އެނގުނީ؟" ވިޝާ އޮޅުންފިލުވަން ބޭނުންވިއެވެ. "އޭނަ ބުނީ ތިދެމީހުންނަކީ ކުރިއްސުރެ އެކުވެރިން ކަމަށް." ޝާހަމް ޖަވާބުދިނެވެ. "އެހެން އެކަނިތަ އާރިޒް ބުނީ؟" ވިޝާއަށް ޝައްކުވިއެވެ. "ނުއެއްބުނޭ އެކަމަކު އޭނަ ވިޝާގެ ވާހަކަ ކީއިރު އެމޫނަށް ބަލާފަ އެނގުނު ހިތުގައި އޮތީ އެހެން އެއްޗެއްކަން. އެއީ އަހަރެން ބޭރުގަ ކިޔަވަން އުޅުނު ދުވަސްވަރުގެ ކަމެއް ދޯ. ދެން ވިޝް ކީއްވެ އޭނައާ ރަތްޓެހިނުވީ؟ ކިހާ ރަނގަޅު ކުއްޖެއް އެއީ؟" ތަކުރާރުކޮށް ތިން ހަތަރު ފަހަރުމަތީން މޫނު މަތީ ޖަހާލި ނަމަވެސް ނުހުންނާނެ ވަރަށް އެޖުމްލަތަކުގައި ދިލަ އެކުލެވިގެން ދިޔައެވެ. ވިޝާއަށް ޤަބޫލު ނުކުރެވިފައި ޝާހަމްގެ މޫނަށް ބަލަހައްޓައިގެން ހުއްޓާ އޭނާ ވަދެގެން ދިޔައީ އެއްޗެއް ހިތަށް ނާރާ މީހަކު ފަދައިންނެވެ. ވަގުތުން ދެލޯ ފުރި ކަރުނަތައް ފައިބައިގަތީ މިހެންނަކުން ނޫނެވެ. އަންބެއްގެ މަޤާމު ދިނަސް ޝާހަމްގެ ހިތުން އޭނާއަށް ޖާގައެއް ނެތްކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފިއެވެ.

"އަދިވެސް ބޭރުގައިތަ؟ އަންނަންވީނު އެތެރެއަށް. އައި ނީޑް ޔޫ!" ކަރުނަ ހިކި ހިތް މައިތިރިވެލަންދެން އެތެރެއަށް ނުވަންނަން ހުއްޓާ އިރުގަނޑެއް ފަހުން ޝާހަމް ގޮވައިލި އަޑު އިވުނެވެ. ކޯތާފަތް ފުހެލާފައި އަނެއްފަރާތަށް އެނބުރުމަށްފަހުވެސް ވިޝާ ނިންމީ އެތެރެއަށް ނުވަންނާށެވެ. ޝާހަމް އެހެން އެބުނި މަޤްސަދަކީ ކޮންމެވެސް ގޮތަކުން އޭނާގެ ހިތަށް އަނިޔާ ދިނުން ނޫނީ ރުޅިއެރުވުންކަން އޭނާއަށް ވިސްނުނީއެވެ.

"ފިނިވެގެން ގޮސް ހުން އަތުވެދާނެ މިތާ ހުއްޓާ..." ވިޝާ ސިއްސުވާލައިފައި ޝާހަމް ވާހަކަދެއްކިއަޑު އިވުނީ އޭނާގެ ކަންފަތް ދޮށުންނެވެ. ފުރަގަހުން އެހަށިގަނޑުގައި ބައްދާލައިފައި ކޮނޑުގައި ދަތްދޮޅި އަޅުވާލުމުން ހީލިކަރުވައިގަތެވެ. ވިޝާ ތެޅިގަނެފައި ދުރަށް ދާން އުޅުމުން ޝާހަމް ހައްތަހާ ބޮޑަށް އެދެއަތުގެ ތެރޭ އޭނާ ބޮނޑިކޮށް ގަޔާލައި ފިއްތާލައިފިއެވެ.

"ޝާހަމް ދޫކޮށްލާ!" ރުޅިއާ ކަރުނައިން ވިޝާގެ އަޑުގައި ތުރުތުރެއް އުފެދުނެވެ. "އަހަރެންނަށް އިނގޭ ޝާހަމް ތިކުރާ ކަމެއް. ތިއުޅެނީ އަހަރެން ރުޅިއަރުވާށެއްނު. އަހަރެންނަށް އިނގޭ ޝާހަމް އަހަރެން ފަރާތުން ބޭނުންވަނީ އެންމެ ކަމެއްކަން." ދޫލިބުމުން އަނެއްފަރާތަށް އެނބުރި އިތުރަށް ވާހަކަދެއްކިއިރު ނަފްރަތަށްވުރެ ކުރި ހޯދީ ކަރުނައެވެ. ލޮލުން އަނެއްކާވެސް ކަރުނަ އޮހިގަތުމުން އޭނާ ޝާހަމްއަށް ނުދައްކަންވެގެން ދުވެފައިގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފަހަތުން ޝާހަމް ވަދެ ދޮރު ލައްޕާލިއިރު ވިޝާ ހުރީ ފާޚާނާއަށްވަދެ ދޮރު ތަޅުލައިގެންނެވެ. އޭނާ ނިކުތީ ގަޑިއެއްހާއިރު ފާއިތުވެ ދިޔަފަހުން ޝާހަމް ނިދާފާނެ ކަމަށް ޔަޤީންވީމައެވެ. ލޮލުގައި ނިދީގެ އަސަރު ނެތުމުން ނިކުމެ އުޅުނީ ފޮށްޓަށް އެއްޗެހި އަޅާށެވެ. ވަރުބަލިވެގެން ޖައްސާލަން މަޖުބޫރުވެގެން ނޫނީ އޭނާ އެނދާއި ހަމައަކަށް ނުދެއެވެ. ޝާހަމް އަނެއްފަރާތަށް އެނބުރި އޮތުމުން ވީހާވެސް ދުރުގައި ފުރަގަސްދީގެން އޮތްވާ އެންމެފަހުން ފުން ނިންޖަކުން ނިދާލެވުނެވެ.

ޖެހިގެން އައި ދުވަހު އެއާއިލާ މާލެ ހިނގައްޖެއެވެ. ގެއަށް އާދެވުމާއެކު ޝަލީން ދޫކޮށްފައި ދިޔަ ހަނދާންތައް އައިސް ސިކުނޑި ވަށާލިއެވެ. ކޮޓަރިއަށްވަދެ ފެންވަރާލައިގެން ނިކުމެފައި އަރާމުކޮށްލުމަކާ ނުލާ އޭނާ ޑްރައިވަރ ކައިރިން އެދުނީ ބުނާ ތާކަށް ގެންގޮސް ދިނުމަށެވެ. ފެނި ގެއްލެމުން ދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން އިންދާ އިރުކޮޅަކުން ކާރު މަޑުކޮށްލީ ކޮފީ ޝޮޕެއްގެ ކައިރިއަށެވެ. އެއީ އޭނާ ކުރިންވެސް އައި ތަނެވެ. އަދި އެއީ އެތަނަކުން އޭނާއަށް ޝާހަމްގެ ހަނދާން ގެނުވި ކޮފީ ޝޮޕެވެ. ޝަލީން އެތެރެއަށް ވަދެގެން ގޮސް އެތަނުން ހުސް މޭޒެއްގެ ދޮށުގައި އިށީންއިރު ދުރުގައި އިން އެހެން މީހެއްގެ ނަޒަރު އެމޫނަށް ހުއްޓިފައި ހުއްޓެވެ. އިރުކޮޅަކުން އެމީހަކު ތެދުވެގެން އައިސް ގޮނޑި ދަމާލައިފައި އިށީންދެލީ ޝަލީންގެ ކުރިމަތީގައެވެ.

 

ކޮމެންޓް 0