ތާޒާ ވައިރޯޅިތައް އައިސް މޫނުގައި ބީހެން ފެށިއިރު އުޑުމަތި ފުރިފައި އޮތީ ތަރިތަކުންނެވެ. އަނދިރީގެ ތެރޭ ދިއްލާފައިވާ ހުދު ބޮކިތަކެއް ފަދައެވެ. ޝަލީން ޑޭޓާ އޮންކޮށްލިތަނާ ފުލުފުލުގައި މެސެޖްތައް އަންނަން ފެށިއެވެ. ޖަވާބު ދޭ ހިތް ނުވެފައި އޭނާ މެސެޖްތަކަށް ދިނީ ބީރު ކަންފަތެކެވެ. "ކީއްވެ އަހަރެންނާ ދުރުން ތިއުޅެނީ؟" އިރުކޮޅެއް ފަހުން އަލޫކް ވާހަކަދެއްކި އަޑު އިވުނީ ކަންފަތްދޮށުންނެވެ. ޝަލީންގެ ގައިން ހީބިހި ނަގައިގަތް ނަމަވެސް ހަށިގަނޑަށް ގުޑުމެއް އަރުވައިނުލެވިފައި ހުރެވުނެވެ. އަލޫކް އޭނާގެ ފަހަތުގައި ހުރެފައި ކޮނޑުގައި ދަތްދޮޅި އަޅުވާލުމުން ތުނބުޅީގައި ތުނިކޮށް ހުރި އިސްތަށިތަކުން ކުރުވި އިހްސާސަކުން ހީލިކަރުވައިގަތެވެ.

"ލޫކް..!!! ވަޓް އާ ޔޫ ޑުއިން؟" ކަންބޮޑުވެފައި ޝަލީންއަށް ބުނެލެވުނެވެ. "ކިހިނެތްވީ؟" އަލޫކް ހުރީ ދުރަށް ޖެހޭ ކަހަލަ މޫޑެއްގައެއް ނޫނެވެ. ކުރިއަށްވުރެވެސް ބޮޑަށް ޝަލީން ކޮނޑުގައި ދަތްދޮޅި ކާއްތާލަމުން ދެއަތުން އެއުނަގަނޑު ވަށާލި ވަގުތު ޝަލީން ތޫލިއަޑުން ހަޅޭތްލަވައިގެންފައި ދުރަށް ޖެހުނެވެ. "ހީލިކަރުވައޭ..." ޝަލީން ރަކިގޮތަކަށް އަލޫކް މޫނަށް ބަލާލައިފައި އިތުރު މީހަކު ފެންނަ ހިސާބުގައި ހުރިތޯވެސް ޗެކްކޮށްލިއެވެ. އޭނާ ހިތްހަމަޖެހުނީ ހީކުރިގޮތަށް ނުވީމައެވެ.

"އަދިވެސް އަހަރެން ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު؟" އަލޫކް ކުރިއަށް ޖެހިލާފައި ރެއިލިންގައި ބުރަކަށި އަޅުވާލައިގެން ހުއްޓުނީ ޝަލީންގެ މޫނު ފެންނާނެ ހެންނެވެ. "އަހަރެން ނޫޅެން ދުރަކުންނެއް. ދެން ލޫކްއަށްވެސް އިނގެއެއްނު ވިޝްއާ ދޮންބެ އުޅޭހެނެއް އަހަރުމެންނަކަށް ނޫޅެވޭނެކަން؟" ޝަލީން ހީގަތެވެ. "އެކަމެއް ނޭނގެ މީގެކުރިން ޝަލީން އެންމެގިނައިން އަރާ އިންނަނީ އަހަރެންގެ ކޮނޑުގަ." އަލޫކް ކުރީގެ ހަނދާނެއް އާކޮށްލިއެވެ. "އޭރާއި މިހާރާ ތަފާތެއްނު." އަލޫކް ބަލަން ހުރުމުން ޝަލީންއަށް އުދަނގޫވިއެވެ. ރަކިވާގޮތް ވެގެން ތުންފަތުގައި ދައިގެންފައި އޭނާ ބަލަންފެށި ތިރިއެވެ.

"ކޮބާ ތަފާތަކީ؟...މިބުނީ އެޕާޓް ފްރޮމް ދި މެމޮރީ ތިންގ..؟" އަލޫކް ސުވާލުކޮށްލައިފައި ޝަލީން ހައިރާންވެގެން ބަލައިލުމުން އިތުރަށް ތަފްޞީލުކޮށްލަދިނެވެ. އޭނާ އަހަން ބޭނުންވީ ފަހަކަށް އައިސް އެދެމެދުގައި އުފެދެމުންދާ އެކުވެރިކަމަށްވުރެ ގާތް އިހްސާސްގެ ވާހަކައެވެ. ބޭނުންވީ އޭނާ ފަދައިން ޝަލީންވެސް އެކަން ޤަބޫލު ކުރާކަން އަޑުއަހާށެވެ.

"ނުވިސްނުނު." ޝަލީން ހަމަ ގަސްތުގައި ނޭނގޭކަމަށް ހަދައިލިއެވެ. އެއްވެސް ކަމެއް އޮޅުންނުފިލައިގެން އުޅެނިކޮށް އަލޫކްއާ ދެމީހުންގެ ގުޅުމަށް އާ ނަމެއް ދޭން އުޅުމަކީ އަދި ރަނގަޅު ގޮތެއް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހިސާބަށް ދާ ފަހުން އޭނާ އެއްދުވަހަކު ނިދިން ހޭލާއިރު ހުރިހާ ކަމެއް ހަނދާންވެ އެކުރެވުނީ މޮޔަކަމެއްކަން އެނގިއްޖެއްޔާ ހަދާނެ ގޮތެއް އެބަ އެނގޭ ހެއްޔެވެ؟

"ވަރަށް ނިދިއާދޭ އެބަ. ގުޑްނައިޓް." ޝަލީން އަލޫކްގެ ހުއްދައަކާ ނުލާ އަނެއްފަރާތަށް އެނބުރިފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. "ގުޑްނައިޓް." އަލޫކް ޖަވާބުދިނީ ޝަލީން ގޮސް ގެއްލުނު ފަހުންނެވެ. އެހިސާބުން އޭނާ މަގާއި ވީ ފަރާތަށް އެނބުރި ފޯނު ނަގައިގެން ކުޅެން އިރުކޮޅަކު ހުއްޓެވެ. ޝަލީން ބޮކި ނިވާލުމުން ގަޑިއަށް ނަޒަރެއް ދީފައި ގޮސް ކޮޓަރިއަށްވަދެ އެނދަށް ވެއްޓިގަން ނަމަވެސް ނިދާކަށް ފަސޭހައެއް ނުވިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ވަރުބަލިވި ފަހުންވެސް ލޯމަރައިލުމުން ޝަލީންގެ ސޫރަ ނޫން އެއްޗެއް ނުފެނެއެވެ. ނޭނގިހުއްޓާ އެންމެ ގާތް އެކުވެރިޔާގެ ލޯބީގައި އޭނާ ދީވާނާ ވެދަނީއެވެ.

"ފެންފުޅިއެއް އެބަހުރިތަ؟" ޝާހަމް ފާޚާނާއިން ނިކުމެފައި ސުވާލުކުރިއިރު ވިޝާ އިނީ ޑްރެސިންޓޭބަލް ކުރިމަތީ ދެއަތުގައި ލޯޝަން ހާކާށެވެ. އޭނާ އަތުގެ އިޝާރާތުން ފެންފުޅި ދައްކާފައި މަސައްކަތަށް އެނބުރުނެވެ. ޝާހަމް ފެންފުޅި ނަގައި ކަރުހިއްކުން ފިލުވާލައިގެން އެނދުގައި އޮށޯވެ އޮތްއިރު ވިޝާގެ ހަރަކާތްތަކަށް ސަމާލުކަން ދެވުނެވެ. ފިޔާތޮށިކުލައިގެ ނިދާހެދުމުގައި ވިޝާ އިންއިރު މޫނުގައި ނިދީގެ އަސަރެއް ނެތެވެ. ލޯޝަންލައި ނިމިގެން އިސްތަށިގަނޑު އޮމާންކޮށްލުމަށްފަހު އޭނާ ތެދުވެގެން އައިސް އެނދުގެ އަނެއްފަރާތުން އަރައި އިށީންއިރު ސައިޑު ޓޭބަލް މަތީ އޮތް ފޯނު ނެގިއެވެ. ޝާހަމް ލޯމަރާލައިގެން އޮވެފައި ހުޅުވާލިއިރު ވިޝާ އިނީ ފޯނާއި ކުޅޭށެވެ.

"މިރޭ ނުނިދަނީތަ؟" ޝާހަމް އެހިއެވެ. "ތަން ބަދަލުވީމަ ފުރަތަމަ ރޭ ވަރަށް އުދަނގުވާނެ ނިދަން. ނިދި ނައިސްގެން މިއިންނަނީ." ފޯނުން ނަޒަރު ވަކިކޮށްނުލައި އިނދެފައި ވިޝާ ޖަވާބުދިނެވެ. "އަހަރެންވެސް." އިރުކޮޅަކުން ޝާހަމް ބުނި އެއްޗަކުން ވިޝާއަށް ބަލައިލެވުނެވެ. "އަހަރެން ވާހަކައެއް ބުނަންތަ؟" ހަތަރުކަޅި ހަމަވެފައި ސިކުންތުކޮޅެއް ވޭތުވެގެން ދިޔަފަހުން ވިޝާ ބުނެލިއެވެ. ޝާހަމް ބަހެއް ނުބުނެ ބަލަން އޮތްގޮތުން އޭނާ ޔަޤީންކުރީ އެއީ އާބަސް ކަމުގައެވެ.

"ބުނަން މިއުޅެނީ އެއެކްސިޑެންޓްގެ ވާހަކަ. ޤަބޫލުކުރަން ޝަލީގެ ހާލަތު ތަފާތުކަން. އަދި އަހަރެން މިބުނަނީ ޝަލީފަދައިން ސައިކޭރިޓްރިސްޓެއްގެ އެހީ ހޯދާށެކޭ ނޫން. ބަޓް ޔޫ ކޭން ޓޯކް ޓު މީ. ބޭނުމިއްޔާ އަހަރެން މިހުރީ އަޑުއަހަން. އެގޮތުންވެސް ހިތަށް އުދަނގޫކުރާ ކަންކަން ޖެހޭނެ ހިތުން ނެރެލަން. އަހަރެން ދުށިން އަހަރެންގެ ގާތް އެކުވެރިއަކު އެތައް ދުވަހެއް ވަންދެން ކަމެއް ސިއްރުކޮށްގެން އެކަކާއިވެސް ޝެއަރ ނުކޮށް އުޅުނު ދުވަސް. އޭނައަށްވެސް ހަމަޖެހުން ލިބުނީ އަހަރުމެންނަށް ކިޔައިދިނީމަ." ވާހަކަދެއްކިއިރު ޝާހަމް ރުޅިއަތުވެދާނެތީ ވިޝާ ކަންބޮޑުވިއެވެ. ދެޖުމްލަ މެދަށް ހުއްޓަ ހުއްޓާފައި ފުރިހަމަ ކުރިއިރު ޝާހަމްގެ ތޫނު ނަޒަރު އެމޫނަށް އަމާޒުވެފައި ހުރުމުން އުދަނގޫވިއެވެ.

"ކަމް ހިއަރ!" ޝާހަމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އޮތްވާ އެދެއަތަށް ދަމާލައިފައި ގެނެސް ތުންފަތުގައި ބޮސްދިނުމުން ވިޝާ ސިހުނެވެ. "ޝާހަމް މަޑުކޮށްބަލަ!.. އިހަށް އަހަރެން މިބުނާ އެއްޗަކަށް ރައްދު ދީބަލަ...!" ގަދަކަމުން ދުރަށް ޖެހިލިއިރު އެހާ އަވަހަށް އޭނާގެ ނޭވާ ހުރީ އުފުރިފައެވެ. އެކަމަކު ޝާހަމްއަށް އެއަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ. ނޫނީ ހަމަ ގަސްތުގައި އެވާހަކަ އޮތްބައިލާނެ ގޮތެއް ހިޔާރުކުރީއެވެ. "ޝާހަމް އަހަރެންނަށް އިނގޭ ޝާހަމް ތިކުރާކަމެއް. ތިއުޅެނީ މިވާހަކަ ކުރިއަށް ގެންދިޔަ ނުދޭށެއްނު. އަޑުއަހާބަލަ! ޔޫ ނީޑް ޓު ޓޯކް!" ވިޝާ އަދިވެސް އެއްފަހަރު ޝާހަމްގެ އަތްދަށުން ސަލާމަތްވެގެން ތެދުވެ އިށީންދެފައި ވާހަކަދެއްކިއެވެ. ފަހަތުން ޝާހަމްވެސް ތެދުވެ އިށީންނުމުން އޭނާ ހީކުރީ ކޮންމެވެސް އެއްޗެކޭ ބުނަން އުޅެނީ ކަމަށެވެ. ވިޝާ ހީކުރިގޮތާއި ޚިލާފަށް ޝާހަމް އޭނާ އެނދަށް ވައްޓާލައިފައި ނުތެދުވެވޭނެހެން އަރައި އިށީންދެލީ ގައިމަތީގައެވެ. އެވަގުތު އޭނާ ޝާހަމްގެ ބަނޑުގައި ދެއަތް ވިއްދާފައި ދުރަށް ޖައްސަން އުޅެނިކޮށް ގިލިގިލި ކޮށްޓާލުމުން ހީގަނެވުނެވެ.

"ރައިޓް ނައު.....އައި ނީޑް ދިސް." ދޫދެވުނު ދެއަތްތިލައިގައި ހިފާ ގެންގޮސް ދެފަރާތުން އެނދަށް ތަތްކޮށްލާފައި ގުދުވެ އޭނާގެ ނޭފަތާއި ނޭފަތް ކާއްތައިލަމުން ވައިއަޑުން ޝާހަމް ކިޔައިލިއެވެ. އެވަގުތު އެއަޑުގައިވި މަސްތުކަން އެކަނިވެސް ވިޝާގެ ހިއްސުތަކުގައި ހުޅު ރޯކުރުވިއެވެ. ދާދިކައިރިން ފެންނަން ހުރި ޝާހަމްގެ ރީތި ލޮލުތެރެއަށް ބަލާލުމާއެކު ހިތް އެދި ގޮވަން ފެށީ އެންމެ ކަމަކަށެވެ. ފިރިމީހާއަށް މަރުހަބާ ކިއުމަށްޓަކައި އޭނާ ލަސްލަހުން އެސްފިޔަތައް ކައިރިކޮށްލި ހިސާބުން ޝާހަމްގެ ބީހުންތަކުން އޭނާ ދީވާނާ ކުރުވިއެވެ. އިރުގަނޑެއް ފަހުން ޝާހަމް ހިތް ފުރޭވަރުވުމުން އެނދުގެ އަނެއްފަރާތަށް ވެއްޓިގަންއިރު ވިޝާ އަވަހަށް ރަޖައިން ހަށިގަނޑު ނިވާކޮށްލިއެވެ.

" އައި ލަވް ޔޫ..." ވިޝާ މަގަތަށް އެނބުރި ޝާހަމްގެ މޫނަށް ބަލަން އޮވެފައި ބުނި އެއްޗަކުން ޝާހަމް ސިއްސައިގެން ދިޔައެވެ. އޭނާ ހަތަރުކަޅި ހަމަކޮށްލުމުން ވިޝާ ހިނިތުންވެލީ އުންމީދުން ފުރިފައިވާ ގޮތަކަށެވެ. އެލޮލުގައިވާ އުފާވެރިކަމާއި ތެދުވެރިކަން ދެކެފައި ޝާހަމްއަށް ބަލަހައްޓައިގެން އޮވެވުނީއެވެ.

*****

އަރައިގެން އައި އިރާއެކު ވިޝާ ފެންވަރާ ތާޒާ ވެލައިގެން ތިރިއަށް ފޭބިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އެކަމަކު ގޭގެ މައިދޮރު ހުޅުވާފައި ހުރުމުން ކޮންމެވެސް ބަޔަކު ހޭލާ އުޅޭކަން އެނގުނެވެ. ވިޝާ ގޯތިތެރެއަށް ނިކުތްއިރު އެހާ ހެނދުނާ ގޯތިތެރެވެސް އޮތީ ކުނިކަހައި ސާފުކޮށްފައެވެ.

"މާނާ!" ވިޝާ ނިކުންނަމުން ގޮވައިލިއެވެ. އޭނާ ގޮސް ޖޯލިފަތީ އިށިންދެ އިންދާ މާނާ ނިކުތީ ދެޖޯޑު ކޮފީ ހިފައިގެންނެވެ. "ކޮފީ؟" މާނާ އައިސް ހުއްޓިފައި އެއްޖޯޑު ވިޝާއަށް ދިއްކޮށްލިއެވެ. "ތޭންކްސް މާނާ." ވިޝާ ހިނިތުންވުމާއެކު ޝުކުރު އަދާކޮށްފައި ޖޯޑުގައި ހިފިއެވެ. "މާނާތަ ކުނިކަހާފަ މިއޮތީ؟" މާނާވެސް އޭނައާ ބައިވެރިވެގެން ކޮފީ ބޯން ކައިރީގައި އިށީންނުމުން ވިޝާ ސުވާލުކޮށްލިއެވެ. މާނާ ހޫމ އަޅުވާލުމުން އޭނާ ހީލައިފައި ޖޯޑުން ފުރަތަމަ ކޯވަރު ރަހަ ބަލައިލިއެވެ.

"ކޮފީ ބޭނުންތަ؟" އިރުކޮޅެއް ފަހުން މާނާ ވާހަކަދެއްކި އަޑަށް ވިޝާ ބަލައިލިއިރު އަލޫކް ގެއިން ނިކުންނަނީއެވެ. އޭނާ ބޯޖަހައިލިތަނާ މާނާ އަވަހަށް ތެދުވެގެން އެތެރެއަށް ވަނުމުން އައިސް އިށީންދެލީ ޖެހިގެން ހުރި ޖޯލީގައެވެ. "ދޮންބެ ލޯބިވާ މީހަކު ދޮންބެއާ ދިމާއަށް އައި ލަވް ޔޫ އޭ ބުނެފިއްޔާ ޖަވާބުގައި ބުނާނީ ކީކޭ؟" ވިޝާ ވިސްނަން އިނދެފައި ކުއްލިއަކަށް ބުނެލިއެވެ. އަލޫކް ބަލައިލިތަނާ ވިޝާވެސް އެމޫނަށް ބަލައިލާފައި ބުމަ އަރުވައިލިއެވެ. "ބުނާނީ އަހަރެންވެސް ލޯބިވެއޭ. ދެން ކީކޭ ބުނާނީ؟" އަލޫކް ހިނިގަނޑެއް ޖަހާލައިފައި ޖަވާބުދިނެވެ. "އެކަމަކު އޭނަ ބުނީ ގުޑްނައިޓްއޭ." ވިޝާ ދުރު ބަލާލަމުން ހިޔާލެއްގެ ތެރެއަށް ގެއްލިގެން ދިޔައިރު އަމިއްލަ ހިތަށް އެކަނި އިވޭވަރަށް ބުނެލިއެވެ.

"އެއްޗެކޭ ބުނިންތަ؟" އަލޫކްއަށް ޝައްކުވެގެން ސުވާލުކުރުމުން އޭނާ ބޯ ހޫރާލީ ދެފަރާތަށެވެ. މާނާ އައިސް ކޮފީ ޖޯޑު ދިއްކޮށްލުމުން އަލޫކް އޭގައި ހިފިތަނާ ވިޝާ ތެދުވެގެން ދުރަށް ދިޔައެވެ.

"ދެން އަހަރެން ކީކޭތަ ބުނާނީ؟ އޭނަ އޮތީ އަހަރެންގެ ދެލޮލަށް ބަލަން. އެގަޑީ އަހަރެން އައި ލަވް ޔޫ އޭ ބުނި ނަމަވެސް ވިޝާއަށް އެނގޭނެ އަހަރެން ހެދީ ދޮގެއްކަން." ޝާހަމް ބެލްކަނީ ދެކޮޅަށް ހިނގަން ހުރެގެން އެއް އަތުގެ އިނގިލިތައް ބޮލުގެ އިސްތަށިގަނޑު ތެރެއަށް ވައްދާލައިފައި ތިރިކޮށްލިއެވެ. "އަހަރެން ކުރިންވެސް ބުނީމެއްނު ދުވަސްކޮޅެއް ވާއިރަށް އޭނައަށް އަމިއްލައަށްވެސް އެނގޭނެއޭ ލޯއްބާއި ލަސްޓްގެ ހުރި ތަފާތު. މީ އަހަރެން ބުނި ދުވަސް." ޝާހަމް އެކުވެރިޔާއާ ވާހަކަދައްކަމުން ކުރީގެ ހަނދާނެއް އާކޮށްލިއެވެ. ގިނައިރެއް ނުވެ ފަހަތުން ފިޔަވަޅުގެ އަޑު އިވުނުހެން ހީވެގެން އޭނާ ކުއްލިއަކަށް އެނބުރި ބަލާލިއިރު ވިޝާ އެކޮޓަރިއަށް ވަނީއެވެ. "ފަހުން ގުޅާނަން." ޝާހަމް ފޯނު ކުރުކޮށްލާފައި އެތެރެއަށް ވަނެވެ. އޭނާ ފާޚާނާއަށް ވަންނަން ދިޔައިރު ވިޝާ ހަތަރުކަޅި ހަމަނުކުރަން އުޅުނުކަން ފާހަގަވިއެވެ.

ކައިރީގައި އޮތް ފަޅު ރަށަކަށް ޕިކްނިކް ދާން އެންމެން އެއްޗެހި ހަމަކޮށްގެން ނިކުތްއިރު ޕިކަޕް އައިސް ތައްޔާރުގައި އޮތެވެ. އެންމެން ޕިކަޕަށް އަރާފައި އަޑި ގުޑަން މަގުތަކުން ދުއްވާފައި ދިޔައިރު އެންމެ މަޖާވެގެން ހަޅޭތްލެވީ ޝަލީންއެވެ. ވިޝާއަށް ބިރުން ހިފަހައްޓާލެވުނީ ޝާހަމްގެ މުލައްދަނޑީގައެވެ. ޝާހަމް ބަލައިލުމުން އޭނާ އެސްފިޔަތައް ތިރިކޮށްލިއެވެ. ފާލަން މައްޗަށް މުދާތައް ހަމަކޮށްފައި ފަހަރަކު މީހަކު ގޮސް ދޯންޏަށް އެރިއިރު ވިޝާ އިށީންދެލީ ޝަލީންއާ އަލޫކް ކައިރީގައެވެ. ގިނައިރެއް ނުވެ ދޯނި ގޮސް ރަށަށް ކައިރިކޮށްލާފައި އެންމެން ފައިބަން އަވަސްވެގަތެވެ. ޝާހަމްއަށްވުރެ ކުރިން އަލޫކް އައުމުން ވިޝާ އަލޫކް އަތްމަތީގައި ފޭބިއެވެ. ބިމުގައި ދެފައި ޖެހުމުން ތެދުވެ ހިންދެމިލިއިރު ޝާހަމް ބަލަން ހުއްޓާ ފެނުނެވެ. ވިޝާ ލައިގެން ހުރި ސްކިނީގައި ފައިކުރި ތިރިއަށް ޖައްސާލައިފައި ދުވެފައި އެއްގަމަށް ދިޔައެވެ. ކިރުކުލައިގެ ފަސްގަނޑުގައި ދިގު ދިގަށް އޮށޯވެލަމުން މޫނަށް އަވި ނުވާނެހެން ތޮފި ބޭއްވިއެވެ. ދުރުން ޝަލީން ހަޅޭތްލަވާ އަޑަށް އޭނާ ބޯހިއްލާލިއިރު އަލޫކް އުޅެނީ ޝަލީން މޫދަށް ވައްޓާލައިގެންނެވެ. ފެނުގައި ނުޖައްސާ ބާލަން އުޅުނު ކަމަށް ހަދާފައި ވަކި ހިސާބަކުން ވައްޓާލީއެވެ. ޝަލީން ރުޅި އައިސްގެން އަލޫކް ކޮނޑުގައި ދަތްވެސް އެޅިއެވެ. ވިޝާ އަނެއްކާވެސް އޮތް ގޮތަށް އޮތްވާ ޝަލީން އައިސް އޭނާގެ ކައިރީގައި އިށީންދެފައި ކުދިކިޔަން ފެށިއެވެ. ވިޝާ އޮތީ އެއްޗެއް ނުބުނެއެވެ.

"ހާދަ ހޮޓޭ. ހީވަނީ ހަމަ މިރުހެއްހެން." ފޮށިގަނޑުތައް ބާލައި ނިމިގެން އަލޫކް އައިސް ޝަލީން ކައިރިއަށް ހުއްޓި ބޮލުގައި ޓައްކެއް ޖަހާލައިފައި އިތުރަށް ރުޅި އަރުވައިލިއެވެ. ޝަލީން އިސްއުފުލާވެސް ނުލައި އިނީ ލޯ އަޅައިގެންނެވެ. އޭނާ ރައްދު ނުދިނުމުން އަލޫކް ފަސްދީފައި ތަންކޮޅަކަށް ދިޔަތަނާ މޮޅު ހިޔާލެއް އައިސްގެން ކޮޅަށް ތެދުވީ ދެއަތް ފުރާ ދޮންވެލި ހިފައިގެންނެވެ. އަލޫކް ފަސްދީ ހިނގަ ހިނގާ ހުއްޓާ ޝަލީން ސިއްރު ސިއްރުން ގޮސް ހަމަކޮށްފައި ކުއްލިއަކަށް ގޮވާލުމުން އެނބުރި ބަލައިލިއެވެ. ޝަލީން ތައްޔާރުވެ ހުރީ އެފުރުސަތަށެވެ. ބަލާކަށް ނުހުރެ ތެމިފައިވާ އަލޫކްގެ މޫނުގައި ދެއަތުހުރިއްޔާ ހުރި ވެއްޔެއް ހާކައިގެންފައި އަތުނުވާން ދުއްވައިގަތެވެ. ތައްޔާރު ނުވެ ހުއްޓާ ޝަލީން މިކުރި ކަމަކުން އަލޫކް އަނގައަށްވެސް ވެލި ވަނެވެ. އޭނާ ދެއުކުޅުގައި އަތް ވިދެލައިގެން ހުރެ އަނގައިގައި ހުރި ވެލިތައް ބޭރުކުރަން ކުޅުގަނޑެއް ޖަހާލައިފައި ޝަލީން ގޮސް ގެއްލުނު ދިމާއަށް ބަލަން ހުއްޓެވެ.

ގޮނޑުދޮށުގައި އުނދުން ޖަހައިގެން ސައިކައްކާ ހަދަން އެންމެންވެސް ނުހަނު ގަޔާވިއެވެ. އެއްވެސް ކަމެއްގައި ބައިވެރިވާހިތް ނުވާކަމަށް ނަން އަރާފައި އޮންނަ ކުއްޖާ އުޅުނީ އެންމެ ކުރީގައެވެ. އާ ތަޖުރިބާއެއް ކުރާ ކުއްޖަކަށްވުރެ ޝަލީންގެ ފުށުން ފެނުނީ ފަރިތަކަމެވެ. އެންމެން ހީކުރީ ޝަލީން މާގަޔާވެގެން ހުރެ އެކަންކަން ކުރުމުގެ ނަތީޖާ ކަމަށެވެ.

ހެނދުނު ސަޔަށްފަހު ރަށުތެރެ ބަލައިލަން އެންމެން ޤުރޫޕް ހަދާފައި ވަދެގެން ދާން ފެށިއެވެ. ފަޅެއް ކަމަކު ގިނަ އަދަދަކަށް މީހުން އައިސް ގޮސްވާ ރަށެއްކަން އިނގެނީ ކޮށާފައިވާ މަގު ތަކުންނެވެ. ދެފަރާތުގައި ވިނަ ފަޅާފައިވާ ހިމަ މަގުތަކުން ހިނގާލައިފައި ދިޔައިރު މާވިން ފަހަތުގައި ހުރެގެން ބިރުވެރި ވާހަކައެއް ކިޔާފައި އަންހެން ކުދިން ބިރުގަންނަވަނިކޮށް އަލޫކް އަޑެއް ލައްވާލުމުން ހީވީ އެތާގައި އަލިފާން ރޯވި ހެންނެވެ. ވިޝާ ދުވެފައި ގޮސް އެންމެ ކުރީގައި ހުރި ޝާހަމް ގައިގައި ހިތްޕައިގެންއިރު ޝަލީންއާ މާނާ އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ވަށައިގެން ހޯދައިލިއެވެ. ފަޅާ އެރީ އަލޫކް ހޭން ފެށީމައެވެ. އެހިސާބުން ދެން އަނެއްކާވެސް ދިޔައީ ކުރިއަށެވެ.

ބަނޑުހައިވެގެން އެމީހުން އަނބުރާލައިފައި ގޮނޑުދޮށަށް ނިކުތްއިރު ޝަލީންއެއް ނެތެވެ. އެކަން އެނގުނީ މާނާ ޝަލީން ކޮބައިހޭ އެހީމައެވެ. ފަސްއެނބުރި ބަލާލިއިރު ދުރު ދުރަށް ދާންދެންވެސް ޝަލީންގެ އިޝާރާތެއް ފެންނާކަށް ނެތެވެ.

ކޮމެންޓް 0