ޝަލީން އެތެރެއަށް ވަދެގެން ގޮސް އެތަނުން ހުސް މޭޒެއްގެ ދޮށުގައި އިށީންއިރު ދުރުގައި އިން އެހެން މީހެއްގެ ނަޒަރު އެމޫނަށް ހުއްޓިފައި ހުއްޓެވެ. އިރުކޮޅަކުން އެމީހަކު ތެދުވެގެން އައިސް ގޮނޑި ދަމާލައިފައި އިށީންދެލީ ޝަލީންގެ ކުރިމަތީގައެވެ. ޝަލީން ބަލައިލިއިރު ނުހައިކް އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. "ތި ނޫނީ ހުސް ގޮނޑިއެއް ނެތީތަ؟" ޝަލީން އަނެއްފަރާތަށް މޫނު އަނބުރާލަމުން ފަރުވާކުޑަ ރާގެއްގައި އެހިއެވެ. ވޭޓަރ އައިސް މެނޫ ދިއްކޮށްލުމުން އޭނާ އޭގެ ގަނޑުތައް އުކަން އިނދެފައި ބޭނުންވާ އެއްޗެއްސަށް އޯޑަރ ދިނެވެ. ވޭޓަރ މީހާ ދާންވެގެން އެނބުރިލތަނުން ނުހައިކްވެސް ކުއްލިއަކަށް އެމީހާ ހުއްޓުވާފައި އޭނާ އޯޑަރ ކުރި ކޮފީ ގެންނަންވީ އެމޭޒުދޮށަށް ކަން އަންގައިލިއެވެ. އެނބުރި ބަލާލިއިރު ޝަލީން އިނީ ފާޑަކަށް ބަލަހައްޓައިގެންނެވެ. އޭނާދެކެ އެހާ ފޫހިވާ މީހަކު އައިސް ކުރިމަތީގައި ކޮފީ ބޯން އިންނަންވީ ސަބަބެއް ޝަލީންއަކަށް ނުވިސްނުނެވެ.

"ހުސް ގޮނޑިއެއް ނެތިގެނެއް ނޫން. މިތާ އިށީންނަން ބޭނުންވެގެން މިތަނަށް މިއައީ." ނުހައިކް އެވަގުތު ސުވާލުގެ ޖަވާބު ދިނުމުން ޝަލީންއަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަން އިނދެވުނެވެ. "ނާހާންނަންތަ ކީއްވެ ކަމެއް؟" ޝަލީން ބުނަން ބޭނުންވި ވާހަކަ އެހީ ނުހައިކްއެވެ. އޭނާ އެވަރުންވެސް ޝައުޤުވެރިކަން ނުދައްކަންވެގެން ބަހެއް ނުބުނެ އިންގޮތަށް އިނެވެ.

"ޓުބީ އޮނެސްޓް، އަހަރެން ހީކުރީ ކޮންމެ އެއްކޮޅެއްގެ ޖައްސާފަ ކަމަށް ހުއްޓައިލާނީ. އެއްފަހަރުވެސް ހިއެއް ނުކުރަން އެހާ ފަސޭހައިން ގިވްއަޕްކޮށްފަ ވަޒީފާއިން ވަކިވެގެން ހިނގައިދާނެ ކަމަކަށް." ނުހައިކްއެ ޖުމްލަ ވީ ނުސީދާ ބަހުން ކޮށްލި މަލާމާތަކަށެވެ. "އެހެން ބުނަންތަ އަހަރެން ކައިރީ އައިސް ތި އިށީންނީ؟" ޝަލީން ވަގުތުން ރުޅިގަދަވެފައި ބުނެލިއެވެ. ޖޯޝުގައި އޭނާއަށް ވާހަކަދެއްކުނީ އާދައިގެ ވަރަށްވުރެ ބާރަށްކަން އެނގުނީ ވަށައިގެންތިބި މީހުންތައް ބަލަންފެށީމައެވެ. ޝަލީން އެވަގުތު ކަންބޮޑުވެގެން އިސްޖަހައިލިއެވެ.

"އަހަރެންގެ އަމިއްލަ ބޭނުމަކަށްޓަކާ އެހެންމީހުންގެ ދިރިއުޅުމަށް ދަތިކުރަން ބޭނުމެއް ނުވޭ. އަހަރެންނަށް އަހަރެންގެ މަޤްސަދު ހާޞިލް ނުވިއަސް އަހަރެން ކެނޑުނީމަ ނުހައިކްއަށް އެތާ އުޅެން ފަސޭހަވެއްޖެއެއްނު." ޝަލީން މިފަހަރު ތަންކޮޅެއް މަޑުން ޖަވާބުދިނެވެ. ވޭޓަރ ކާއެއްޗެހި ގެނެސް ބެހެއްޓުމުން އައިސްކޮފީ ތަށިން ކޯވަރެއް ބޯލާފައި ކޭކު ނަގައިގެން ކާންފެށިއެވެ. އެއަށްފަހު ދެން ހޭދަވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ޝަލީން ކެއުމާއިގެން މަޝްއޫލުވެފައި އިންއިރު ނުހައިކްވެސް އޭނާގެ ކުރިމަތީ ހުރި ކޮފީ ޖޯޑުން އިރު އިރުކޮޅާ އެތިފޮދެއް ބޯލާފައި ބަހައްޓައެވެ. ފޯނެއް އަންނަން ފެށުމުން ސްކްރީނަށް ނަޒަރެއް ދީފައި އޭނާ ތެދުވިއިރު ފަޓްލޫނު ޖީބުން ނެގި ކޮންމެވެސް އެއްޗެއް ޝަލީންއަށް ފެންނާނެހެން މޭޒުމަތީ ބާއްވައިލިއެވެ. ޝަލީން ބަލައިލިއިރު އެއީ ކުޑަކުޑަ ޕެންޑްރައިވްއެކެވެ.

"ތީ ކޯއްޗެއް؟" ނުހައިކް އެޕެންޑްރައިވް އޭނާގެ ކައިރިއަށް ޖައްސާލަދިނުމުން ޝަލީންއަށް ސުވާލުނުކޮށެއް ނީނދެވުނެވެ. "އެކްސިޑެންޓްގެ ކުރިން އަހަރެންނަށް ޝަލީން އެންމެފަހުން ބައްދަލުވި ދުވަހު އަތުން ވެއްޓުނު އެއްޗެއް. ނަގައިފަ ދޭން ބަލާލިއިރު މާ އަވަހަށް ހިނގައްޖެ. އޭރު ހިތަށްއެރީ އަނބުރާ އޮފީހަށް އައީމަ އެހެން ކުއްޖަކާ ހަވާލުކޮށްފަ ރައްދުކުރާނީއޭ. ބަޓް ޔޫ ނެވަ ކޭމް. ހަނދާން ނެތިފަ ހުއްޓާ މިއަދު އަނެއްކާވެސް ފެނުނީމަ އޮފީސް ކުއްޖަކާ ހަވާލުކުރަންވެގެން ޖީބަށް ލައިގެން މިއުޅެނީ. އެނީވޭ... ފަހަރެއްގަ މިއިންވެސް ތިހޯދަން އުޅޭ ހަނދާންތަކަށް އަލިމަގެއް ފެނިދާނެ." ނުހައިކް އަދިވެސް އެއްފަހަރު ފޯނަށް ބަލައިލާފައި ޝަލީން މޫނަށް ބަލަން ހުރެގެން ކިޔައިދިނެވެ. ދެން އަނެއްފަރާތަށް އެނބުރިފައި ގޮސް ކައުންޓަރ ކައިރިއަށް ހުއްޓުމުން ޝަލީން އެޕެންޑްރައިވް އަތަށް ނެގިއިރު އަޖައިބެއްފަދަ މަޑު ތުރުތުރެއް އިނގިލިތަކުގައި ހަރުލާފައި ހުއްޓެވެ. ވަގުތުން އޭނާ ކާހިތް ކެނޑި އެހެން ހުރިހާ ކަމަކަށްވުރެ އޭގެ ތެރޭގައި އޮތް އެއްޗެއް ބަލަން ބޭނުންވެއްޖެއެވެ.

އިސްއުފުލާލިއިރު ނުހައިކް ފުރަގަސްދީފައި ނިކުމެގެން ދާތަން ފެނުމުން އަވަހަށް އަތް ދަބަސް ހިފައިގެން ދުވެފައިގޮސް ކައުންޓަރ ކުރިމައްޗަށް ހުއްޓިއްޖެއެވެ. ބިލަށްވާ ފައިސާ ހަވާލުކޮށްފައި ނިކުމެވުނުއިރު ކިރިޔާ ދެފައި ބިމުގައި ހަރުލާ ކަމެވެ. "އަވަހަށް ގެއަށް ދާންވީ!" ޝަލީން ކާރަށް އަރައި އިށީންދެފައި ޑްރައިވަރަށް އެންގިއެވެ.

ހަލުވި ދުވެލީގައި ކާރު ގޮސް މަޑުކޮށްލުމުން ޝަލީން ފައިބައިގެން ދުވެފައި ގޮސް ގެއަށް ވަނެވެ. އަވަހަށް ސިޑިން އަރަން ހަދައިގެން އޭނާ ގޮސް ލައްވީ ޝާހަމްގެ ގައިގައެވެ. "ޝަލީ ތަންކޮޅެއް ބަލައިގެން އުޅެބަލަ!" ޝާހަމް ހުޝިޔާރުވެފައި ކޮއްކޮ ވެއްޓުނަ ނުދީ ހިފަހައްޓަމުން ބުނެލިއެވެ. ބޯޖަހައިލިއިރު ޝަލީންގެ ނިއްކުރީގައި ހުރި ދާތިކިތައް ޝާހަމްއަށް ފާހަގަވިއެވެ. އޭނާ ސުވާލުކުރަން ބޭނުންވި ނަމަވެސް ޝަލީން އެފުރުސަތެއް ނުދިނެވެ. އެއްފަހަރު ކިރިޔާ ސަލާމަތްވީމައިވެސް އަނެއް ބައި ކަޑައްތު ކުރީ ކުރިހެން ދުވެލައިފައެވެ.

ކޮޓަރިއަށް ވަދެފައި ޝަލީން ފުރަތަމަވެސް ދޮރު ތަޅުލިއެވެ. ޕެންޑްރައިވްގައި އޮތީ ކޯއްޗެއްކަމެއް ނޭނގުނަސް އޭގައި އޮތް އެއްޗެއް އެހެން މީހަކަށް ފެނިގެން ނުވާނެ ކަމުގައި ޤަބޫލު ކުރެވުނީ ކީއްވެކަމެއް ނޭނގުނެވެ. އަވަހަށް ދަބަސް އެއްލާލައިފައި ލެޕްޓޮޕް ހިފައިގެން އެނދަށް އަރައި އިށީންދެލިއިރު އަދި ޗާޖެއް ނެތެވެ. އަވަސް ކުރަން އުޅެންޏާ ހުރިހާ ކަމެއްވެސް ވާނީ އިދިކޮޅަށޭ ކިޔައި ކުދި ކިޔައިލެވުނީ އަމިއްލަ ނަފްސާ މުޚާތަބުކޮށްފައެވެ. ލެޕް ޗާޖަށް ޖަހައިގެން ބޭނުން ކުރުމަކީ ގޯސް އާދައެއްކަން އެނގުނަސް އެވަގުތަށް އޭނާއަށް ރަނގަޅު ނުބައި ނިންމުމަށްވުރެ މުހިންމުވީ ކުރަން ބޭނުންވެފައި ހުރި ކަންތަކެވެ. އަވަހަށް ލެޕް ޗާޖަށް ޖަހާފައި ހުޅުވައިލި ގޮތަށް ޕެންޑްރައިވް ޖަހާލުމާއެކު އޭގައި ހުރި ކަމަށް ދެއްކީ ފޮޓޯ ތަކެކެވެ. ފުރަތަމަ ގަނޑު ބަލާލައިފައި އަނގަމަތީ އަތް އަޅައިލެވުނީ ހައިރާންވެގެންނެވެ. ފޮޓޯއަކަށްފަހު ފޮޓޯއެއް ބަލަން ފެށުމުން އެހައިރާންކަން އޭގެ ދެގުނައަށް އިތުރުވެގެން ދިޔައިރު ހިތުގައި އުފެދުނީ އިތުރު ސުވާލު ތަކެކެވެ. އެއިން ފެންނަން ހުރީ އޭނާގެ ބައްޕަގެ ފޮޓޯ ތަކެކެވެ. ގެއިން ނިކުމެ ކާރަށް އަރާ މަންޒަރާއި އޮފީހަށް ވަންނަ މަންޒަރުގެ އިތުރުންވެސް ބައްޕަ ގޮއްސައި ހުރި ތަންތަން ދޭހަވާފަދަ ގިނަ ފޮޓޯތައް ހުއްޓެވެ.

"އަހަރެން އަހަރެންގެ ބައްޕައަށް ސްޕައި ކުރުމުގެ ބޭނުމަކީ ކޮބާ؟ ކީއްވެ އަހަރެން ކުރިކަމެއް މީ؟ މީފޮޓޯތަކުގެ އެހީގައި އަހަރެންނަށް އޮޅުންފިލީ ކޮންކަމެއް؟" ޝަލީން ފޮޓޯ ބެލުން މެދުކަނޑާލައިފައި ބާލިސްތަކުގައި ބުރަކަށި ޖައްސާލައިގެން އިނދެ އަމިއްލަ ނަފްސާ ސުވާލު ކުރިއެވެ. ވިސްނަ ވިސްނާ ޖަވާބެއް ނުލިބުމުން އޭނާ ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުމެ ހުރެގެން ނިންމީ އަދިވެސް އެއްފަހަރު ވިސްނައިގެން ފޮޓޯތައް ބަލާލުމަށެވެ.

"ކީއްތިކުރަނީ؟" ޝާހަމް ބޭރުގައި އުޅެލާފައި އައިސް ވަންއިރު ވިޝާ ދަބަހަކަށް އެއްޗެހި އަޅަން ހުރުމުން ސުވާލުކުރިއެވެ. "ބްލައިންޑް ނޫނިއްޔާ ފެންނާނެ މިކުރާ ކަމެއް." ރުން ކުރު ޖަވާބަކާއެކު ވިޝާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ. "ގެއަށް ދާން ތިއުޅެނީ ކާކުގެ ހުއްދައަކާ ލައިގެން؟" ހިތްހަމަ ނުޖެހިފައި ޝާހަމް ގޮސް އަތުގައި ހިފެހެއްޓުމުން ވިޝާ އެމޫނަށް ބަލައިލިއިރު އައިސް ހުރި ރުޅިއާއެކުވެސް ކަރުނައިން ލޯ ފުރިފައި ހުއްޓެވެ. ވިޝާ އެސުވާލަށް ޖަވާބު ނުދީ އަތް ފޮޅުވާލުމުން ޝާހަމް ރަނގަޅަށްވެސް ރުޅިއައެވެ. އޭނާ އަތުން ޖަހައި އެނދުގައި ހުރި ދަބަހާއި އަންނައުނު ތަކާއެކު ހޫރާލުމުން ވިޝާވެސް ދިޔައީ ސިއްސައިގެންނެވެ.

"ދެން އަހަރެން ކިހިނެތްތަ ހަދަންވީ؟ ޝާހަމް ކުޅެން ގެނެސް ހުރި ޓޯއިއަކަށް ވެގެން ހުންނަންވީތަ؟" ވިޝާ ރޮއިގެންފައި އެނދުގައި އިށީންގޮތަށް ދެއަތުން މޫނު ފޮރުވައިލިއެވެ. "އަހަރެންތަ ވިޝާ ޓޯއިއަކަށް މިހަދަނީ؟ ނޫނީ ވިޝާތަ އަހަރެންގެ ދިރިއުޅުން ކުޅޭ ކުޅިވަރަކަށް ހަދައިގެން ތިއުޅެނީ؟" ޝާހަމް ދުރުބަލަން ހުރެފައި ކުރި ސުވާލު އިވިގެން ވިޝާ ކުއްލިއަކަށް ދެއަތް ތިރިކޮށްފައި ބަލައިލިއެވެ. "އަހަރެން ކިހާ ވަރަކަށް ވޯން ކުރިން. ކިހާ ވަރަކަށް ކިޔައިދިނިން އަހަރެންނަށް ވިޝާ ބޭނުން ހުރިހާ އުފަލެއް ހޯދައިނުދެވޭނެއޭ. އެކަމަކު އެއްފަހަރުވެސް އެއަޑު އެހިންތަ؟ ނޯ... ވިޝާ ފައިވިއްދާފަ ހުރީ އުމުރު ދުވަހު ހުހަށް ހުންނަން ޖެހުނަސް އަހަރެން ނޫން މީހަކާ ނުގުޅެން. އެންމެފަހުން ކައިވެނި ކުރީވެސް ވިޝާ ބޭނުންވެގެން. ދެން މިހާރު ތިއުޅެނީ ދޫކޮށްލާފަ ގެއަށް ދާން. ހީވޭތަ ދެން އަހަރެން ވިޝާ ބޭނުންހާ ގޮތަކަށް ކަންތައް ކުރަން ފުރުސަތު ދޭނެހެން. އެގޮތަށް ވިސްނަންޏާ އަހަރެން ވަރަށް ސާފު ބަހުން މިބުނަނީ. އިރެއްގައި އަމިއްލަ ބާރު އޮތަސް މިހާރު ތީ އަހަރެންގެ އަންބެއް. ވިޝާއަށް ދެން އުޅެވޭނީ އަހަރެން ބުނާ ގޮތަކަށް." ޝާހަމް ފަހު ޖުމްލަތައް ބުނެލިއިރު ކުޑަކޮށް ގުދުވެލައި ޝަހާދަތް އިނގިލި ދިއްކޮށްލިގޮތުން ވިޝާ ބިރުން ފަހަތަށް ޖެހިލެވުނެވެ. އޭނާ ނޭވާ ލީވެސް ޝާހަމް އަނެއްފަރާތަށް އެނބުރި ހިނގައިގަތީމައެވެ.

"އެކަމަކު ޝާހަމް އަހަރެންނަކަށް ބޭނުމެއް ނުވޭ. ދެން ކީއްވެ...؟" ޝާހަމް ގޮސް ފާޚާނާއަށް ވަދެ ދޮރު ޖަހައިލުމުން ވިޝާ ރޯން އިނދެފައި ސުވާލުކުރިއެވެ. ކަރުނަތައް ފޭދިގެން ދާން ދޫކޮށްލައިފައި އޭނާ އެނދު ހުރަހަށް އުއްޑުން އޮށޯވެލިއެވެ.

މަންމަ ބަލާ އައުމުން ހަވީރު ވިޝާ ދިޔައީ އެގެއަށެވެ. ތިމާގެ ދެކުއްޖަކު އައިސް އެމީހުންނާއެކު މަޖާ ވަގުތުތަކެއް ހޭދަކުރަން ލިބުމުން ހިނދުކޮޅަކަށް ނަމަވެސް އަމިއްލަ ހިތާމަތައް މަތިން އޭނާ ހުރީ ހަނދާން ނެތިފައެވެ. އަނެއްކާވެސް ލޯ ފެންކަޅިވީ ގެއަށްދާ ވަގުތު ޖެހުނީމައެވެ. ވިޝާ އެރޭ ގެއަށް ދާން އުޅެނިކޮށް މީހަކު ބެލް ޖަހައިލުމުން ބަލައިލިއިރު ޝާހަމް އައިސް ހުއްޓެވެ. "ގެއަށް ދާކަށް ނުވޭތަ؟" ޝާހަމް އާދައިގެ ގޮތަކަށް އަހައިލިއެވެ. ވިޝާއަށް ޖަވާބެއް ނުދެވެނީސް މަންމައަށް ޝާހަމް ފެނިގެން އެތެރެއަށް ވަންނަން ދައުވަތު ދީފިއެވެ. މަންމައާ ޝާހަމް ވާހަކަދެއްކިއިރު ދާދި ކައިރީގައި އޭނާ އިނީ ފޯނާއި ކުޅޭކަމަށް ހެދިގެންނެވެ.

"އަހަރެން ގެއަށް ނުގޮއްސާނެތީތަ ތިއައީ؟" ކާރަށް އަރާފައި ވިޝާ އެހިއެވެ. ޝާހަމް އެވަގުތު އެމޫނަށް ބަލައިލުމުން ވިޝާ ނަޒަރު ހުއްޓައިލީ ދުރަށެވެ. "މިހެން ދަމުން ކައިރިކޮށްލީ. އެހެންނޫނަސް އަހަރެން ބޭނުމެއް ނޫން މިރޭ ވިޝާއާ ނުލާ ނިދާކަށް." ޖަވާބުދިންއިރު ޝާހަމް ވާތްތިލަ ހުންގާނުން ވަކިކޮށްލާފައި އިނގިލިތަކުގެ ނުފުށުން ވިޝާގެ ކޯތާފަތުގައި ހިންގައިލިއެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް ޝާހަމްގެ އެބީހުމުން ވިޝާގެ ހަށިގަނޑަށް އެނގުންވިއެވެ. ކިތަންމެ ބޮޑު ހަނގުރާމައެއް ކޮށްގެންވެސް އޭނާއަށް ޝާހަމްގެ އެދުންތަކަށް ފުރަގަސް ނުދެވޭނެކަން އެވަގުތުވެސް ސާބިތުވިއެވެ.

"ކައިގެންތަ އައީ؟" ގެއަށް ވަދެގެން ދަމުން ޝާހަމް އެހިއެވެ. "ނުކައި ހުރެގެން ނުވާނެ. ދޭ ކައިގެން އަންނަން. އަހަރެން އިންތިޒާރު ކުރާނަން!" ސިޑިއާ ހަމައިން ޝާހަމް ވިޝާ ހުއްޓުވާފައި މައްޗަށް އަރައިގެން ދިޔައެވެ. ދެފިކުރެއްގައި ހުރެފައި އޭނާ އެތެރެއަށް ވަންއިރު ޝަލީން ހުރީ ބަދަން ދަޅެއް ކައިރިކޮށްލައިގެން އެކާން ތައްޔާރު ވެގެންނެވެ. "ކީއްތިކުރަނީ؟ ބަދަން ތީ ޝަލީއަށް ނުބައި އެއްޗެއްނު." ވިޝާ ފާޑަކަށް އަނގަ ކުނިކޮށްލާފައި ބުނެލިއެވެ. އޭނާ އެތެރެއަށް ވަދެ ކާންވެގެން ގޮނޑި ދަމާލައިގެން އިށީންތަނާ ފަހަތުން ވަން ނޯކަރަކު އެއްޗެހި ހޫނު ކޮށްދެންތޯ އެހިއެވެ. ވިޝާ ބޯހޫރައިލީ ދެފަރާތަށެވެ. މޫޑު ނެތުމުން އޭނާ ކާން ގަސްތުކުރީ ނިކަން ކުޑަކޮށެވެ.

"މިއެކަމަކު ހާދަ މީރޭ. ދެން ކީއްވެބާ ކުރިން އެހާ ނުބައީ؟" ޝަލީން ވާހަކަދެއްކި އަޑަށް ވިޝާ ބަލައިލިއިރު ބަދަންކޮޅެއް ރަހަ ބަލާލައިފައި ބޮޑު މުށެއްހާ އެއްޗެހި އަނގައަށް އަޅައިގެން އަނގަ ނުހެލުވިގެން އުޅެއެވެ. އެތަން ފެނުމުން ވިޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

މައްޗަށް ގޮސް ކޮޓަރިއަށް ވަންއިރު ޝާހަމް އިނީ ލެޕްޓޮޕް އުނގަށް ލައިގެން ކޮންމެވެސް އެއްޗެއް ބަލާށެވެ. ވިޝާ ވަންހާއިރުން ޝާހަމް އިސްއުފުލާލައިފައި ހެޑްސެޓު ކަންފަތާއި ވަކިކޮށްލިއެވެ. "ކައިގެން ތިއައީ؟" ޝާހަމް ބޭނުންވީ ޔަޤީން ކުރާށެވެ. ވިޝާ ބޯޖަހާލައިފައި ޝާހަމް ކައިރިއަށް ނުދާންވެގެން ދުރުގައި ހުރި ސޯފާއަށް ދެފައި ނަގައިގެން އިށީންދެފައި އެތާ އޮތް ވާހަކަ ފޮތެއް ހުޅުވައިލިއެވެ. އޭނާ ނުބަލައި އިންދާވެސް ޝާހަމް ތެދުވެގެން ކައިރިއަށް އަންނަން ފެށިކަން އެނގުނެވެ. ވިޝާ ފޮތަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކޮށްކޮށް އިންދާ ޝާހަމް އައިސް އިށީންދެލީ ކުރިމަތީ ހުރި ކުޑަ މޭޒުގަނޑުގައެވެ. ލައިގެން ހުރި ޓީޝާޓް ބޮލުން ވަކިކޮށްލާފައި ޓައިލްސް މައްޗަށް ދޫކޮށްލުމަށްފަހު ބަސްބުނުމަކާ ނުލާ އޭނާ އަތުން ވާހަކަ ފޮތް އަތުލާފައި ފަހަތުގައި ބާއްވާލުމުން ވިޝާގެ ނަޒަރު ޝާހަމްގެ މޫނަށް ހުއްޓުނެވެ. އޭރު ޝާހަމްވެސް ބަލަން އިނީ ސީދާ އޭނާގެ މޫނަށެވެ.

"އަހަރެންނަށް އެނގޭ ގޮށް ނައްޓަން..." ޝާހަމް އެމޫނުން ނަޒަރު ވަކިކޮށްނުލައި އިނދެފައި ވިޝާގެ ގަމީހު ގޮށްފައްޗަށް އަތް ފޯރުވާލުމުން އޭނާއަށް ބުނެލެވުނެވެ. "ޑޫ އިޓް!" އެންމެ ގޮށެއް ނައްޓާފައި ޝާހަމް ވަގުތުން އަތް ތިރިކޮށްލީ އެއަޑު އަހާފައެވެ. އެވަގުތު ވިޝާ ލަދުގަތީ އެހެން ބުނެވިގެންނެވެ. ޝާހަމް ބަލަން އިނުމުން ނުކޮށް ދެވޭކަށްވެސް ނެތެވެ.

"ގުޑް ގާރލް." އިސްޖަހައިގެން އިނދެ ލަސްލަހުން ފަހަރަކު ގޮށެއް ނައްޓާ ނިމުމާއެކު ޝާހަމް ބުނެލިއަޑު އިވުނެވެ. ވިޝާ އެއިންގޮތަށް އިންދާ އެދެއަތުހިފާ ދަމާލައިފައި ގެނެސް އުނގަށްލިއެވެ.

*****

ޝަލީން ބަދަން ދަޅު ހިފައިގެން ކޮޓަރިއަށް ވަދެ އިށީންދެލީ ލެޕްޓޮޕް ހިފައިގެންނެވެ. ޕެންޑްރައިވް ޖަހާފައި ދެވަނަ ފަހަރަށް އޭގައި ހުރި ފޮޓޯތައް ބަލަމުން ދަނިކޮށް ކުރިން ފާހަގަނުވާ ކަމެއް ފާހަގަވިއެވެ. ދެފޮޓޯއެއްގައި ބައްޕަ ރޭގަނޑު ގަޑީގައި ގެއަށް ވަންނަ މަންޒަރު ނަގާފައި ހުރިއިރު ތިރީގައި އަރާފައިވާ ގަޑިއަށް ބަލާލުމުން އެނގުނީ މެންދަމުން އަލިވެ ތިނެއް ޖެހިފަހުން ނަގާފައިވާ ދެގަނޑު ކަމެވެ. ވަގުތުން ޝަލީންގެ ހަނދާނަށް އައީ އޭނާ މާލެ އައިތާ މަދު ދުވަސްކޮޅެއް ފަހުން ނުނިދިގެން ތެދުވި ރެއެއްގައި ބައްޕަ އައިސް ހަމަ އެގޮތަށް ގެއަށް ވަން މަންޒަރު ފެނިފައިވާ ކަމެވެ. ސުވާލު އުފެދިފައި ހުރެގެން އިތުރު ފޮޓޯތަކަށް ބަލާލުމުން ޝައުޤުވެރިވި ޒާތުގެ އިތުރު ފޮޓޯތަކެއް ފެނުނެވެ. ގެއާއި އޮފީހުގެ އިތުރުން ބައްޕަ ތަކުރާރުކޮށް އެއް އެޑްރެހަކަށް ގޮސް ނިކުމެވާތަން ހުރި ހުރުމުން އަންގައިދޭ ހާއްސަ ކަމެއް އޮންނާނެ ކަމުގައި ޤަބޫލު ކުރެވުނެވެ. ޝަލީން ވަގުތުން ނޯޓް ފޮތް ނަގާފައި ފޮޓޯގައި ފެންނަން ހުރި ނަންބޯޑުގައިވާ ގޭގެ ނަން ނޯޓުކޮށްލައިފިއެވެ. ޖެހިގެން އަންނަ ދުވަހު އަރާ އިރާއެކު އޭނާ ކުރިމަތިލާނީ އެގެއާ ބައްޕައާ އޮތް ގުޅުން އޮޅުންފިލުވާށެވެ.

 

ކޮމެންޓް 0