ޝާހަމް ސިޑިން އަރައިގެން ގޮސް ކޮއްކޮގެ ކޮޓަރި ކައިރިއަށް ހުއްޓުނުއިރު ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އެވަގުތު އެތެރެއިން އަލޫކްގެ އަޑު އިވުމުން މަޑުޖެހިލެވުނެވެ. އަލޫކް ބޭރުގައި ކިޔަވަން ހުރެފައި ވިޝާ ކައިވެންޏާ ދިމާކޮށް މާލެއައީއެވެ. ޝާހަމް ދެފިކުރެއްގައި ގޮސް ކުޑަކޮށް ދޮރުފަތް ހުޅުވާލިތަނާ ޝަލީންއާ އަލޫކް ތިބިގޮތް ފެނުނީ ލޯގަނޑުންނެވެ. އެވަގުތު މޫނުމަތީ މީހަކު އެތިފަހަރެއް ޖެހިނަމަވެސް ނުވާނެ ވަރަށް ތަރި ބުރައިލިއެވެ.
"ޝަލީން..........!!!!!" އަލޫކް އަޑުގާނެތްތަނަށް ހަޅޭތްލަވައިގަތެވެ.
އެއަޑު އައިސް ކޮޓަރީގެ ހަތަރުފާރުތެރޭ ގުގުމާލުމާއެކު ޝަލީންއާ އަލޫކް ތެޅިގަނެފައި އެކަކު އަނެކަކާއި ދުރަށް ޖެހިލިއެވެ. "ދޮންބޭ! މީ ދޮންބެ ތިހީކުރާކަހަލަ ކަމެއް ނޫން." އަލޫކް ކަންބޮޑުވެފައި އިސްޖެހިވަގުތު ޝަލީން އައިސް ހުއްޓުނީ ޝާހަމް ކުރިމައްޗަށެވެ. "އާ ޔޫ ކިޑިން؟ ދެން ކޮންކަހަލަ ކަމެއް މީ؟" ޝާހަމް ރުޅިގަދަވެފައި އެވަގުތުވެސް ބަލައިލީ އަލޫކްއަށެވެ. އޭނާގެ ނަޒަރުގައި ލޫކް އޭނާގެ ކޮއްކޮގެ މައުސޫމުކަމުން ނާޖާއިޒު ފައިދާ ނަގަނީއެވެ. ދެމީހުން އެކުވެރިންގެ ގޮތުގައި އުޅެފައި އެހެން އެކަކަށްވެސް ނޭނގި ކުރަނީ މިފަދަ ކަންތައްތަކެއް ކަމެއް ރޭކާވެސް ނުލައެވެ. "އެކަހަލަ ކަމެއް ނޫނޭ މިބުނީ، އިޓްސް ނޮޓް އިވެން އެ ރިއަލް ކިސް. ލޫކްއެއް ނޫން އަހަރެން އިސްނަގައިގެން ކުރިކަމެއް މީ އެހެންނޫނަސް. ދޮންބެއަކަށް ނުވިސްނޭނެ ވީ ޖަސްޓް...." ޝަލީން ކިޔައިދޭން އުޅެފައި ހުއްޓައިލިއެވެ. ރުޅިއައިސްފައި ހުރި ދޮންބެއަށް ކިތަންމެ ވަރަށް ވިސްނަދޭން މަސައްކަތް ކުރިއަސް ނުވާނެހެން ހީވީއެވެ. "އަހަރެންނަކަށް ނޭނގެ ޝަލީ ތިކިޔާ އެއްޗެއް. އެކަމަކު މިވަގުތުން ފެށިގެން ދެމީހުން އެކަނި ބައްދަލުކޮށްގެން ނުވާނެ. ދައްކަން ހުރި ވާހަކައެއްވިއްޔާ ދެއްކޭނެ ގޭ އެހެން މީހުން ފެންނަ ހިސާބުގައި ސިޓިންރޫމްގައި." ޝާހަމް ގޮތެއް ނިންމާފައި އެންގިއެވެ. ޝަލީން ހިތްހަމަ ނުޖެހިގެން އަނގައަށް ވައްތަރެއް ޖައްސައިލިވަގުތު އަލޫކް ދަނީއޭ ބުނެފައި ދޮރާއި ދިމާއަށް ހިނގައިގަތެވެ. "ސޮރީ ލޫކް. އިޓްސް އޯލް މައި ފޯލްޓް." ޝަލީން އަލޫކްއަށް އިއްވާލަން އެހެން ބުނެލާފައި އެނދަށް ވެއްޓިގަތެވެ. ދޮރު ލައްޕައިލިތަން ބަލަން ހުރެފައި ޝާހަމް އައިސް އެތާހުރި ގޮނޑިއެއް ކައިރިކޮށްލައިގެން އިށީންއިރު ދެފަހަރު މަތިން ނިތުގައި އަތް ހާކައިލިއެވެ.
"އަހަރެން އަދި ކޮއްކޮ ކައިރިން ލަފައެއް އަހަން ކަމަށް މިއައީ. ފެނުނު މަންޒަރަކުން އަހާހިތްވެސް ކެނޑިއްޖެ." ޝާހަމް ނުރުހިފައިވާ އަޑަކުން ވާހަކަދެއްކުމުން ޝަލީން އިތުރަށް ލަދުގަތެވެ. ދޮންބެ އެވާހަކަ ގެންގޮސް މަންމަމެން ކުރިމަތީ ފައުޅުނުކޮށް ހުންނާނެބާވައޭ ހިތަށް އެރިއެވެ.
"ޝަލީ ހަނދާން އެބަހުރިތަ މާމަގެ ސަޕްރައިޒް ޕާޓީއަށް ދޮންބެ ގެނަ އަންހެންކުއްޖާ؟" ޝާހަމް ދެންމެވީ ކަންތައް ހަނދާން ނައްތާލައިފައި ދައްކަން އައި ވާހަކައާއިގެން ކުރިއަށް ދެވޭތޯ ފެށިއެވެ. "ހަނދާން އެބަހުރި. އެކުއްޖާއަށް ކިހިނެތްވީ؟" ޝަލީން ކުއްލިއަކަށް ތެދުވެފައި ބަލަން ފެށީ އަހަން ނޭނދޭ ވާހަކައެއް ދޮންބެ ބުނެފާނެތީ ކަންބޮޑުވެގެންނެވެ. ލިޒް އެގެއިން ފެނުނީއްސުރެ އޭނާ އެހުންނަނީ ދޮންބެއާ ދޭތެރޭ ހިތް ޝައްކުވެފައެވެ.
"އެހެންވިއްޔާ ބުނެބަލަ! ކިހިނެތް ފެންނަނީ؟ މިބުނީ އޭނައާ ދޭތެރޭ ކިހިނެތް ހީވަނީ؟" ކޮއްކޮ ބަލަންފެށި ގޮތުން ޝާހަމް ހިސާބަކަށް ހާސްވިއެވެ. "ތިހެން ތިއަހަނީ ދޮންބެ އެކުއްޖާއަށް ފޯލްވެގެން އޭނައާ ގުޅެން ކަމަށްވަންޏާ އަހަރެންގެ ޖަވާބަކަށް ވާނީ ހަމައެކަނި ނޫނެކޭ." ޝަލީން އިތުރަށް ވިސްނާކަށްވެސް ނުހަދާ ވަގުތުން ހިތުގައި އޮތް ގޮތަށް ހާމަކޮށްލިއެވެ. ޝާހަމްއަށް އެއަޑު އިވިގެން މޫނަށްއެރި ކުލަވަރު ދެކެފައި އިތުރަށް ބުނެދޭކަށްވެސް ނުޖެހުނެވެ. އޭނާއަށް ޝައްކުވީ މުޅިން ރަނގަޅަށެވެ. އެވަގުތު ޝަލީންގެ ހިތުގައި ވިކައިލީ ވިޝާގެ ހަނދާނެވެ. އެމައުސޫމު މޫނެވެ. ދޮންބެދެކެ ވިޝާ ވާ ލޯބި އެންމެ ގާތުން ދެކެފައިވާ އެކަކީ އޭނާއެވެ.
"ދޮންބެ އަހަރެން ހަމަ ހައިރާންވެއްޖެ. ވިޝްގެ ކިބައިގައި ކޮންކަމެއް އުނިވެގެން ދޮންބެ އެހެން މީހެއް ފަހަތުން ތިދުވަންފެށީ؟ އެންމެފަހަރަކުވެސް ވިސްނާލިންތަ ވިޝްއަށް ވާނެގޮތާމެދު؟ ވިސްނާލިންތަ މިގެއާ މިއާއިލާގެ މީހުން ނުރުހުންވާނެ ވަރާމެދު...؟" ޝަލީން ބާރަށް ދެތިން ބަސް ބުނެލާފައި ދުވެފައި ގޮސް ކޮޓަރިން ނިކުތްއިރު ޝާހަމް އެހުރިގޮތަށް އިސްޖެހިފައި ހުއްޓެވެ.
ލިޒް ދޫކޮށްލަން ޝާހަމް ފުރަތަމަ ފަހަރަށް ނިންމީ އެދުވަހު ކޮއްކޮ ދެއްކި ވާހަކައަށްފަހުގައެވެ. އެއީ ހަމައެކަނި ވަގުތީ އިހްސާސްތަކެއް ކަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެކަމަކު އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ވާން ޖެހޭނީ ހަމައެކަނި ވިޝާއެވެ. ކައިވެނީގެ ކަންކަމުގައި އޭނާ ކުރިއަށްވުރެ ބޮޑަށް ބައިވެރިވެ އުޅެން ފެށުމުން ޝަލީންވެސް އަދި މަންމަވެސް ހީކުރީ ލިޒްގެ ކަންތައްގަނޑު މުޅިން ނިމުނީ ކަމުގައެވެ. ޚުދު ޝާހަމްވެސް އުންމީދުކޮށްގެން ހުރީ އެގޮތަށެވެ. އެކަމަކު އޭނާގެ އަޒުމް ގުޑުވައިލީ އަނެއްކާވެސް އެންމެ ނާޒުކް ފައްތަރުގައެވެ. ކައިވެންޏަށް ރަންކިޔައި ދެއާއިލާ ތައްޔާރުވެފައި ވަނިކޮށް އެކައިވެންޏާ ހިތް ދެކޮޅުވީއެވެ. ޝާހަމް ސިޑިން ފައިބައިގެން ބައްޕަ ހޯދަން ދިޔައިރު ޝަލީންގެ ކޮޓަރީގައި ވިޝާ އިނީ ބިއުޓީޝަނުންގެ މެދުގައެވެ. ކައިވެނީގެ ހެދުމުން ޒީނަތްތެރިވެފައިވާއިރު ކޮށްފައިވާ މޭކަޕްގެ އިތުރަށްވެސް އޭނާގެ ލަދުވެތިކަން ހާކާލެވިފައިވާ ބްލަޝްއެއްހެން ފައުޅުވެއެވެ.
"ޝާހަމް! ދަރިފުޅު ކިހިނެތްވެގެން ތިއައީ؟ ގުޅާލިނަމަ ބައްޕަ ދިޔައީމުހޭ ދަރިފުޅާ ބައްދަލު ކުރަން." ޝާހަމް ވަންތަން އިމާދުއަށް ފެނުނީ ލޯގަނޑުންނެވެ. އޭނާ އެނބުރި އައިސް ދަރިފުޅު ކުރިމައްޗަށް ހުއްޓިފައި ޝާހަމްގެ ވެސްޓް ރީތިކޮށްލަދިނެވެ. ޝާހަމް އެވަގުތު ފުން ނޭވައެއް ދޫކޮށްލައިފައި އޭނާގެ ހިތުގެ ހާލު ބަޔާންކުރި ވަގުތު މޫނަށް އަރައިގެން ދިޔައީ ދިލަ ހޫނެއްގެ އަސަރެވެ. ފުރަތަމަ ފަހަރަށް ބައްޕަގެ ފުށުން ލިބުނު އަނިޔާއިން ލޯ ފެންކަޅި ކޮށްލިއެވެ. އެކަމަކު އަޒުމް ގުޑުވައެއް ނުލެވުނެވެ. ބައްޕަދެއްކި ހުރިހާ ވާހަކައެއް އެއްކަންފަތުން އަހައިގެން އަނެއްކަންފަތުން ނެރެ އެއްލާލުމަށްފަހު އޭނާ ނިކުމެގެން ދިޔައީ ސިކުނޑީގައި މާ ނުރައްކާތެރި ކަންތައްގަނޑެއް ރާވައިގެންނެވެ. ދެން އައީ އެރޭވުމުގައި ހަޤީޤީ ކުލަ ޖެއްސުމުގެ ގަޑިއެވެ. ލިޒްގެ ކުރިމައްޗަށް ގޮސް އޭނާ ބުނީ މަދު ވާހަކަކޮޅެކެވެ. އެއީ އެފަސްގަނޑުގައި ހުރެ ދުވަހަކުވެސް ލިޒްގެ މީހަކަށް ނުވެވޭނެ ކަމާއި އޭނާގެ މީހަކަށް ލިޒް ވާން ބޭނުންނަމަ ހުރިހާ އެއްޗެއް ދޫކޮށްލައިފައި އެކުގައި ދާން އެއްބަސްވުމަށެވެ. ލިޒް ވަރަށް ގިނައިރު ބަހެއް ނުބުނެ ހުރެފައި އެތުނި އަތްތިލަ އޭނާގެ އަތްމަތީ ބާއްވައިލި ވަގުތަކީ ޝާހަމްއަށް ދުނިޔެއިން ހުރިހާ އުފަލެއް މިލްކުވިހެން ހީވިފަދަ ވަގުތުކޮޅެކެވެ. އޭނާއަށް ނޭނގުނީ ވަގުތު ޖެހުމުން އެއުފާވެރިކަން ނިގުޅައިގަނެވިގެން ދާނެ ކަމެވެ.
*****
ކޮޓަރީގައި ކޮންމެވެސް މީހަކު ޓަކި ޖަހާލި އަޑާއެކު ޝާހަމްގެ ހިޔާލީ ދުނިޔެ ފުނޑުފުނޑު ވެގެން ފޭބިއެވެ. "ދަރިފުޅު ނުކަންތަ؟" ޝާހަމް އޮތްގޮތަށް އޮތްވާ ނަޖުމާ ވަދެފައި ވާހަކަދެއްކިއެވެ."ނެތް ކާހިތެއް." ޝާހަމްގެ އަޑުގައި ހުރީ ފަރުވާކުޑަ ގޮތެކެވެ. "އޭރުން ކަމަކު ނުދާނެ. ހިނގާބަލަ ކާން! ބައްޕަވެސް އެބައިން. ބުނި ދަރިފުޅު ކޮބާހޭ." ނަޖުމާ އައިސް ކައިރިއަށް ހުއްޓިފައި އިތުރަށް ބުނެލިއެވެ. ޝާހަމް އެއަޑު އަހާފައި އެނބުރި ބަލައިލީ ހައިރާންކަމުގެ ލޮލަކުންނެވެ. ބައްޕަ އޭނާއާމެދު ފިކުރު ކުރަން ފެށީ ކޮންއިރަކު ހެއްޔެވެ؟
"ހިނގާ!" ޝާހަމް ބަލަން އޮވެފައި މަޑުމަޑުން ބުނެލިއެވެ.
ނަޖުމާ ހިތްހަމަޖެހިގެން އެނބުރިފައި ދާން ނިކުތްއިރު ޝާހަމްވެސް ތެދުވެގެން ހިނގައިގަތެވެ. ދެމީހުން ގޮސް ވަންއިރު ޝަލީން ނިންމާލައިފައި ނިކުންނަނީއެވެ. "ދޮންބެ ހާދަ ލަހުން." ޝަލީން އައިސް އަރާ ހަމަވެފައި ޝާހަމް ކޮނޑުގައި އަތް ޖައްސާލުމަށްފަހު ނިކުމެގެން ދިޔައެވެ. އޭރު އިމާދު އިނީ އިސްޖަހައިގެންނެވެ. ޝާހަމް ގޮސް އިށީންދެފައި ބައްޕަގެ މޫނަށް ބަލައިލިތަނާ އިމާދުވެސް އިއްތިފާޤުން އިސްއުފުލާލުމުން ހަތަރުކަޅި ބައްދަލުވިއެވެ.
"ދަރިފުޅު ކޮންއިރަކުންތަ ދެން ވަޒީފާއަށް ނިކުންނަން ފަށަނީ؟ ކަމެއް ނެތި ތިހުންނަން ވީމަ ކިހާ ފޫހި." ނަޖުމާ ތަށިތައް ކައިރިކޮށްލަދެމުން ވާހަކަދައްކަން ފެށިއެވެ. ޝާހަމް އަވަހަށް ބައްޕަގެ މޫނަށް ނުބަލަން އިސްޖަހާލި ނަމަވެސް މަންމަގެ ވާހަކައަކީ ހަޤީޤަތުގައި ބައްޕަގެ ބަސްކަން ދެނެގަތެވެ. އޭރު ބައްޕަ އިނީ ހީވާގޮތުން އޭނާ ބުނާ އެއްޗެއް ބަލަން ބޭނުންވެފައެވެ.
"ނިކުންނަންވީ." ޝާހަމް ދިނީ ކުރު ޖަވާބެކެވެ.
ޖެހިގެން އައި ހެނދުނު ޝާހަމް ފުން ނިދީގައި އޮތްވާ ނަޖުމާ ވަދެ ދޮރުފޮތިތައް ކަހައިލިއެވެ. އަރައިގެ އައި އިރުގެ ރަން ދޯދީތައް ބިއްލޫރިގަނޑު ފުރާނާލައިފައި ވަދެ ކޮޓަރިތެރެ ފުރާލުމާއެކު ޝާހަމްގެ އެފުން ނިދިވެސް ހަލާކުވާގޮތް ވިއެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލައިފައި ބަލައިލިއިރު މަންމަ އުޅެނީ އޭނާ އޮފީހަށް ދާން ލާނެ އެއްޗެހި އިސްތިރިކޮށްގެން އައި ހެވެ. ރޭގައި އޮފީހަށް ނިކުންނަން އެއްބަސްވެވުނުކަން ޝާހަމް ހަނދާންވީ އެވަގުތުއެވެ. އޭނާ އެހެން އަދި ބުނެލިއެއްކަމަކު މަންމަ މިހާ އަވަސް އަރުވައިލަފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. ނިދަން ބޭނުންވެފައި އޮތެއް ކަމަކު ޝާހަމް އެއްޗެއް ނުބުނެއެވެ. ވާހާ ދުވަހު ނިދިއްޖެއެވެ. މިއަދު މީ ކޮންމެވެސް ކަމަކާއި ކުރިމަތިލާންވީ ދުވަހެވެ.
އަނެއްކޮޅުން ޝަލީންވެސް ފެންވަރާލައިގެން ނިކުމެ ހުރީ އޮފީހަށް ދާން ތައްޔާރު ވުމުގައެވެ. އަލޫކް އައިސް ހުރިކަން އަންގާލުމުން އޭނާ ދަބަސް ހިފައިގެން ނިކުމެ ނިކުމެ ހުއްޓާ ޝާހަމް ނިކުތްތަން ފެނުނީ ކުރިމައްޗަށެވެ. ވަގުތުން ތެޅިގަނެފައި އަވަހަށް އެތެރެއަށް ދެމިގަތެވެ. ނަސީބަކުން ޝާހަމްއަކަށް އޭނާއެއް ނުފެނުނެވެ. "ލޫކް ދޮންބެ އެބަ ފައިބާ ތިރިއަށް." ޝަލީން އަލޫކްއަށް ގުޅާފައި ފޯނު ނެގިތަނުން އަވަސް އަވަހަށް ކިޔައިލިއެވެ. "ރަނގަޅެއްނު. އޭރުން އޭނައަށް ހީވާނީ އަހަރެން ޝަލީ ގޮވައިގެން ތަނަކަށް ދަނީއޭ." އަލޫކް ޖަވާބުދިނީ ހަމަޖެހިލައިފައެވެ.
ދެފިކުރެއްގައި ހުރެފައި ޝަލީން އެންމެފަހުން ތިރިއަށް ދިޔައެވެ. ޝާހަމް ފެންނަން ނެތުމުން އޭނާ ގެއިން ނިކުމެގެން ގޮސް ކާރަށް އެރިތަނާ އަލޫކް ބުނެދިނީ ޝާހަމް ކުރީގައި ދިޔަ ވާހަކައެވެ. ޝަލީންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
އޮފީހަށް ވަދެގެން ދިޔައިރު އެހެން ދުވަސް ދުވަހަށްވުރެ އަޑުގަދަހެން ހީވިއެވެ. އޭނާ ފެނިގެން އެންމެން ބެލީވެސް ކުރިއަށްވުރެ ހާއްސަ ނަޒަރަކުންނެވެ. ޝަލީން ގޮސް ކެބިންގައި އިންދާ ވިރާޝާ އައިސް ޕޮއް ކިޔާފައި ސިއްސާލުމުން އޭނާއަށް ތެޅިގަނެވުނެވެ. "ނިކް އަތުވެއްޖެ." ދަބަސް ބަހައްޓާފައި ވިރާޝާ ގޮނޑި އަނބުރާލީ ޝަލީންއާ ދިމާއަށެވެ. ޝަލީން އޭރު އިނީ އަދި ވާނުވާ ނޭނގިފައެވެ. "ނިކް؟ ނުހައިކް؟" ސުވާލުކޮށްލިއިރު ޝަލީންގެ ހިތް ތެޅިލިއެވެ. ވިރާޝާ ބޯ ޖަހައިލުމުން އޭނާ ކެތްމަދުވީ ނުހައިކްގެ ކެބިން އިންނަ ހިސާބެއް ބަލާހިތުންނެވެ. އެކަމަކު އަހާކަށް ނުކެރުނެވެ. ނަސީބަކުން ކަންތައްވީ އެއަށްވުރެ ރަނގަޅަށެވެ. އެންމެން ސައިބޯން ނައްޓާލި ގަޑީގައި ޝަލީން މަޑުކޮށްލައިގެން އިންދާ ނުހައިކް ދުރުން ހިނގާފައި އަންނަތަން ފެނިއްޖެއެވެ. ވިރާޝާވެސް މިއަދު އޭނާ ގެންދަން އެކުން ބާރު ނޭޅީ މިފުރުސަތު ދޭން ކަމަށް ވެދާނެއެވެ.
މަޑު ނޫކުލައިގެ އަތްދިގު ގަމީހާއިއެކު ކަނޑުނޫ ޓައީއާ ކަޅު ފަޓްލޫނުގައި ނުހައިކް ނިކަން ސްމާޓެވެ. ފަންފަން އިސްށިގަނޑު ފަހަތަށް ފުނާއަޅައި ތަތްކޮށްލާފައިވާގޮތުން އެހާމެ ޝާހީއެވެ. ފޯނު ވާހަކަދައްކަމުން އައިސް ޝަލީން ފަސްދީ ލިފްޓާދިމާއަށް މިސްރާބު ޖެހުމުން އޭނާ ފުންމައިގެން ތެދުވިއެވެ. ދެކޮޅު ބަލަން ހުރެފައި ގޮސް އެތެރެއަށް ދެމިގަތީ ނުހައިކްއާ ދާދި އެކުއެކީގައެވެ.
"ވަޓް ދަ..." ނުހައިކްއަށް އޭނާ ފެނުމުން އަނގައިން ނުކުންނަން އުޅުނު ޖުމްލަ މުޅިން ފުރިހަމަ ނުވަނީސް މެދުކަނޑާލައިފިއެވެ. ބުމަ ގޮށް ޖަހާލައިފައި އޭނާ އެނބުރުނީ އަނެއްފަރާތަށެވެ. ޝަލީން ލޯގަނޑާއި ދިމާއަށް ބަލަން ހުރިއިރު ނުހައިކްގެ ހަރަކާތްތައް ރީތިކޮށް ފެނެއެވެ.
"ކީއްވެ އަހަރެންދެކެ ތިހާ ރުޅިއެއް އަންނަނީ؟" ޝަލީން ހުރެފައި ކުއްލިއަކަށް އެހިއެވެ. އެވަގުތު ނުހައިކް އެނބުރި ބަލައިލީ އަޖައިބެއް ފެނިގެން ބަލާލި ފަދަ ގޮތަކަށެވެ. ބަލަބަލާ ހުއްޓާ އެލޮލުން އަލިފާންކަނި ބުރަން ފެށިއެވެ. އެހެންމީހުން ފަދައިން ނުހައިކްވެސް ދެކޭނީ އޭނާ ޑްރާމާ ޖައްސަނީ ކަމަށް ކަން ޝަލީން ދެނެގަތީ އެތަން ފެނިފައެވެ. އޭނާ ވިސްނާލައިފައި އިތުރަށް ވާހަކަދައްކަން އުޅެނިކޮށް ލިފްޓްގެ ދޮރު ހުޅުވިއްޖެއެވެ.
"ނުހައިކް އަހަރެން ވާހަކައެއް ދައްކަން ބޭނުން...." ޝަލީން ފަހަތުން ނިކުމެފައި ނުހައިކް ހުއްޓުވޭތޯ ބެލިއެވެ. އެކަމަކު ނުހައިކް ދިނީ ބީރު ކަންފަތެކެވެ. އެހިސާބުން ޝަލީން އަނބުރާލައިފައި އެރީ އަނެއްކާވެސް ލިފްޓަށެވެ. އޭނާ އެތެރެއަށް ވަދެފައި ނުހައިކް އައި ދިމާ ހޯދަމުން ގޮސް އެންމެ ދުރުގައި ހުރި ކޮޓަރީގެ ނަންބޯޑު ފެނިގެން ހުއްޓެވުނެވެ. ދެކޮޅު ބަލާލައިފައި ވަދެ ފުރަތަމަވެސް ބްލައިންޑްސް ތިރިކޮށްލީ އިތުރު މީހަކަށް ފެންނަން ބޭނުން ނުވާތީއެވެ. އޭނާ ވަށައިގެން ލޯ ހިންގާލިއިރު ނުހަނު ތަރުތީބުން ބަހައްޓާފައިވާ މޭޒާއި ގޮނޑީގެ އިތުރުން އެއްފަރާތެއްގައި ސޯފާއަކާއި އިތުރަށް ހުރީ ފައިލްތަކުން ފުރާފައިވާ ކަބަޑުތަކެވެ. ޝަލީން ގޮސް ފަހަރަކު ވަތްގަނޑެއްގައި އަތްލާ ޗެކްކުރިއިރު ހުޅުވާފައި ހުރި ތަނަކާ ދިމައެއް ނުވިއެވެ. މޭޒުމަތީ ބަހައްޓާފައި ހުރި ފޮޓޯ ފްރޭމްގައި ލޯ އަޅައިގަތީ ތެދުވެ ހިންދެމިލިތަނާއެވެ.
"ސާރާ ރަމީޒް...." ޝަލީންގެ ދުލަށް އެނަން އައީ ކިހިނެތް ކަމެއް ނޭނގުނެވެ. ދެވަނަ ސިކުންތުގައި ޚުދު އޭނާވެސް ހައިރާންވެގެން އަނގަމަތީ އަތް އަޅައިލެވުނެވެ. ފޮޓޯގައި ނުހައިކްއާއެކު ހުރި އަންހެންމީހަކީ ނުހައިކްގެ މަންމަ ސާރާ ރަމީޒްކަން އޭނާއަށް އެނގިއްޖެއެވެ. ސުވާލަކީ ކިހިނެތް ހެއްޔެވެ؟ އޭނާ އެއަންހެންމީހާ ދަންނަނީ ކިހިނެތް ހެއްޔެވެ؟
ބަލަން ހުރެލާފައި ފޮޓޯގަނޑު ނަގައިގެން ހުއްޓާ ފެނުނީ ނުހައިކް ދޮރު ހުޅުވާލައިފައި ވަންތަނެވެ. އޭނާ އައީ، ފޯނުގައި ހުރެގެން ތަޅުދަނޑި ހަނދާން ނައްތާލައިފައި ދެވުމުން އެބަލައެވެ. އެވަގުތުން އެތެރެއިން ޝަލީން ފެނުމުން ބާރު ބާރަށް އެދިމާއަށް ދާން ފެށިއެވެ. ޝަލީން ބިރުން ކަރުތެރެ ހިކުނުއިރު ދެފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ނުހައިކް އައިސް ކައިރިއަށް ހުއްޓުމުން ހުރަހަކަށް މޭގައި ޖައްސާލެވުނީ ފޮޓޯ ފްރޭމެވެ.