ކޮޓަރިއަށް ވަދެފައިޝަލީން އަލަމާރި ހާވައިގެން ހޯދަން ފެށީ ކޯއްޗެއްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހުރިހާ އެއްޗެއް އެބަޑި ބަޑި ޖެހުމުންވެސް ހިތްހަމައެއް ނުޖެހުނެވެ. ޑްރެސިން ޓޭބަލް ވަތްގަނޑު ބަލާފައި އެންމެފަހުން އައިސް ލެޕްޓޮޕް ހާކަން ހުއްޓާ ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. "ޝަލީ!" އަލޫކްގެ އަޑު އިވުމުން ޝަލީންގެ އަތް މަޑުޖެހުނެވެ. އޭނާ ތެދުވެގެން ގޮސް ދޮރުމަތީ ހުއްޓާ އަލޫކް ދޮރު ހުޅުވައިލިއެވެ. "ޝަލީ އައިމް ސޮރީ. ސޮރީ ރުޅިއަރުވާލެވުނީމަ. މީގެ ކުރިން އަހަރުމެން އެއްތަންވެއްޖެއްޔާ އަބަދު ކަމަކަށް އޮންނަނީ ޝަލީ ރުޅިއެރުވުން. ނޫނީ ދެމީހުން ކޮންމެވެސް ކަމަކާ ފައިޓްކުރުން. އެހެންވެ ހިތަށް އެރީ މިހާރު ވަކި ތަފާތެއް އައިސްގެން ނުވާނެއޭ. ގެސް އައި ވޯޒް ރޯންގް." އަލޫކް ސީރިއަސްވެފައި ވާހަކަދެއްކުމުން ޝަލީން ހަތަރުކަޅި ހަމަކޮށްލިއެވެ. އެމޫނުން އަލޫކް އެބުނި ބަހުގެ ތެދުކަން ސާބިތުކޮށްދިނެވެ. ޝަލީން އެވަގުތު އެއްޗެއް ބުނަން އުޅެފައިވެސް އިޚުތިޔާރުކުރީ ހިމޭންކަމެވެ. އެހާ ފަސޭހައިން އިތުބާރު ކޮށްފިއްޔާ ދެން ކޮށްލާނީ ކޮންފަދަކަމެއްކަންވެސް ނޭނގެއެވެ.

"އާދޭ އަހަރެންނާއެކު. ލެޓް މީ ޓޭކް ޔޫ ސަމްވެއަރ!" ޝަލީން ޖަވާބު ނުދީ އެހުރިގޮތަށް ހުއްޓާ އަލޫކް ޖީބުން އަތް ނަގާފައި ދިއްކޮށްލިއެވެ. އަލޫކްގެ މިދައުވަތު އަހާފައި ޝަލީންގެ ގައިން ހީބިހި ނަގައިގަތެވެ. މިރޭގަނޑު ނުދަންނަ މީހަކާއެކު ދާކަށް ޟަމީރު އެއްބަހެއް ނޫނެވެ. "މިރޭ ދެން ނުދާނަން ބޭރަކަށް. ނިދަން މިއުޅެނީ." ޝަލީން ޖެހިލުންވިކަން ނާންގާ އެސުވާލަށް ރައްދުދިނެވެ. އެވާހަކަ އިވިގެން އަލޫކްގެ ކުލަ ފަނޑުވިއެވެ. އެކަމަކު އަލުން ބާރު އަޅާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ލުއި ހިނިތުންވުމަކާއެކު "ގުޑްނައިޓް" އޭ ބުނެލާފައި ފުރަގަސްދިނުމުން ޝަލީން އަވަހަށް ދޮރު ލައްޕައިލިއެވެ. އޭނާ އެދޮރުފަތުގައި ބުރަކަށި ޖައްސާލައިގެން ހުއްޓުނުއިރު އަލޫކްވެސް ދާން ހިނގައިގަތުމުގެ ބަދަލުގައި ހުއްޓި ހުރެގެން އަދި އެއްފަހަރު އެނބުރި ބަލައިލިއެވެ.

ތަރުތީބު ގެއްލިފައިވާ ކޮޓަރިއަށް ނަޒަރެއް ދީފައި ޝަލީން ގޮސް އިށީންދެލީ އެނދުގައި ބޯއަޅައިގެން ތިރީގައި ކާޕެޓްމަތީގައެވެ. އެވަގުތު ތިރީގައި އޮތް ފޯނަށް މެސެޖެއް އައިސްގެން ދިއްލުނެވެ. ޝަލީން އެއް އަތް ފޯރުވާލައިފައި ނަގައި ބަލައިލިއިރު ނުދަންނަ ނަންބަރަކުން މެސެޖްކޮށްފައި އިނީ އޭނާ މާލެ އައިކަން އެނގިގެން ބައްދަލު ކުރާނެ އިރެއް އަހައިފައެވެ. މެސެޖް ހަމަ ކިޔާލުމާއެކު ޝަލީން ފޯނު އެއްލައިލީ ދުރަށެވެ. އޭނާ އެއްވެސް މީހަކާ ބައްދަލު ކުރާކަށް ބޭނުމެއް ނޫނެވެ.

އަލޫކް ނިކުމެގެން ދިޔަފަހުން ޝަލީން ބޭރަށް ނުނިކުންނާތީ ނަޖުމާ ދިޔައިރު ކޮޓަރިތެރެ އޮތްގޮތުން ސިހުމެއް ލިބުނެވެ. އޭނާ ކަންބޮޑުވެފައި ގޮސް ކައިރިވެލީއިރު އެނދުގައި ބޯއަޅައިގެން ޝަލީން އޮތީ ނިދާފައި ކަމަށް ހީކުރެވުނެވެ. އުދަނގޫވެދާނެތީ ނިކަން މަޑުމަޑުން ފަހަރަކު އެއްޗެއް ނަގާ ތަރުތީބު ކުރަނިކޮށް ހިލަންވެގެން ޝަލީން ބޯހިއްލާލިއެވެ. "ދަރިފުޅު ހޭލާތަ؟ މަންމަ ހީކުރީ ނިދިފަ ކަމަށް." ނަޖުމާ މަސައްކަތް ކުރިއަށް ގެންދަމުން ވާހަކަދެއްކިއެވެ. ޝަލީން ތެދުވެ އިށީންއިރު މަންމަ ކޮށްފާނެ ސުވާލަކާމެދު ކަންބޮޑުވިއެވެ.

"ލޫކް ދިޔައީތަ މަންމާ؟" ޝަލީން އިސްތަށިގަނޑު ރީތިކޮށްލާފައި ބާލީސްތަކުގައި ލެނގިލިއެވެ. "ހޫ އިރުކޮޅެއް ވެއްޖެ." ޖަވާބުދިންއިރު ނަޖުމާ ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އޭނަ މަސައްކަތް ނިންމާލައިފައި ނިކުމެގެން ދިއުމުން ޝަލީން ބޮކި ނިއްވާލައިފައި ލޯމަރައިލީ ނިދޭތޯއެވެ. އިރުގަނޑެއް ފާއިތުވެދިޔަ ފަހުން ނިދި ޖެހޭ ކަހަލަ ގޮތެއް ވިތަނާ ސިއްސައިގެން ގޮއްސައި ތެދުވެވުނީ އެވަގުތުކޮޅަށް ފެނުނު ހުވަފެނަކުންނެވެ. އޭނާއަށް ފެނުނީ ބޯޓެއް ކަމެއް ކޯއްޗެއް ކަމެއް ނޭނގޭ ކޮންމެވެސް އުޅަނދެއްގެ ސީޓުގައި އިންދާ ދެފަރާތަށް ހެލިގެންފައި ހިޔާގަނޑު އުދުހިގެންދިޔަ ތަނެވެ.

ކަރުހިއްކައިގަނެގެން އަވަހަށް ފެންތައްޓެއް އަޅާފައި ދަމައިލުމުން އުދާސްކަން ކުޑަވިއެވެ. އެވަރުންވެސް ހިތުގެ ތެޅުމަކަށް ލުއެއް ނުލިބެއެވެ. ޝަލީން އެނދުން ފައިބައިގެން ދެކޮޅަށް ހިނގަ ހިނގާފައި ގަޑި ބަލަންވެގެން ފޯނު ނެގިއިރު ދިހައެއްވެސް ނުޖަހައެވެ. ދެން އަލުން ނިދަން ފަސޭހަ ނުވާނެތީ ފޯނު އަތަށް ލައިގެން ނިކުމެފައި ޓަކި ޖަހައިލީ ދޮންބެ ކޮޓަރި ދޮރުފަތުގައެވެ.

ޝާހަމް ދޮރު ހުޅުވާލުމުން އޭނާ އެތެރެއަށް ވަދެގެން ދެކޮޅު ހޯދަމުން ގޮސް ލިޔާމޭޒު ކައިރީ އިށީންދެލިއެވެ. "ކިހިނެތްވީ؟" ޝާހަމްއަށް ކޮއްކޮގެ މޫނުން ނުތަނަވަސްކަން ފައުޅުވިއެވެ. "އަހަންނަށް ދެންމެ ފާޑެއްގެ ހުވަފެނެއް ފެނިއްޖެ." ޝަލީން ވާހަކަދައްކަން ފެށުމުން ޝާހަމް ކުއްލިއަކަށް ބަލައިލިއެވެ. "ފެނުނީ، ކޯއްޗެއްކަން ނޭނގޭ އުޅަނދެއްގެ ސީޓެއްގައި އިންދާ އޭގެ ހިޔާގަނޑު މާދުރަށް ވިއްސައިގެން ދިޔަތަން." ޝަލީން ތަފްޞީލު ދިނުމުން ޝާހަމް ހިނިތުންވެލިއެވެ. "ތީ ހުވަފެނެއް ނޫން. ހަނދާނެއް. ހުވަފެނެއްގެ ގޮތުގައި ތިފެނުނީ މަތިންދާ ބޯޓު އެކްސިޑެންޓް." ޝާހަމް ހިތްހަމަޖެހިފައި ރައްދު ދިނުމުން ޝަލީންވެސް ވިސްނަން ބޭނުންވީ އެގޮތަށެވެ. އެކަމަކު އެހިސާބުން އުފެދުނީ އިތުރު ސުވާލެކެވެ. "އެހެންވިއްޔާ ދޮންބެއަށް އެނގޭތަ އެފްލައިޓަށް އަހަރެންނަށް އެރުނީ ކިހިނެތްކަން؟" ބުނެވުނު ވާހަކައާމެދު ޝަލީންއަށް ވިސްނާލެވުނީ އަނގައިން ބޭރުވިފަހުންނެވެ. ސިހިފައި ބަލާލިއިރު ޝާހަމް އިނީ އިސްޖަހައިގެންނެވެ. ދޮންބެގެ ސިއްރު އޭނާއަށް އެނގޭކަން ރީއްޗަށް ބޭޒާރުވީއެވެ.

"ސޮރީ ދޮންބެ. އަހަރެންނަށް ބައްޕައާ ދެމީހުންގެ މައްސަލައެއް އުޅޭކަން ފާހަގަވެގެން އެހިތަނާ ނޯކަރު ކުއްޖަކު ބުނެދިނީ ދޮންބެގެ ވާހަކަ." ޝަލީން ލަދުގަންނަ ގޮތްވެފައި ކިޔައިދިނެވެ. "ދޮންބެ ބުނަންތަ ވާހަކައެއް. ތިގޮތަށް ކުރިން ހިނގި ކަންކަން ހަނދާންކުރަން އުޅެގެން ސިކުނޑިއަށް ޕްރެޝަރ ކުރުމަށްވުރެ ރަނގަޅުވާނެ އާ ފެށުމަކުން ފެށިއްޔާ. އެއީ މާޒީ. މީ މިއަދު. އެދުވަސް އެގޮތުގައި ބާއްވާފަ މިއަދު މުޅިންއާ ހަނދާންތަކެއް ގާއިމު ކުރަންވީ. އޭރުން ލިބޭ ހިތްހަމަޖެހުންވެސް ބޮޑުވާނެ. ދެން އެހަނދާންތަކަކީ އަލުން އަންނާނެ އެއްޗެއް ވެއްޔާ ކޮންމެވެސް ދުވަހަކުން އެކަންވެސް ވާނެއެއްނު." ޝާހަމް ކުރީގެ މައުޟޫއަށް ގޮސް ދިން ހިޔާލުން ޝަލީން ހައިރާންވިއެވެ. ދޮންބެ އެހެން އެބުނީ ހަޤީޤަތުގައިވެސް އެގޮތާއި ރުހިގެން ކަމެއް ނޫނީ އެއީ އޭނާއަށްޓަކައި ދޮންބެ ޤަބޫލުކުރި ގޮތެއްކަން ނިންމަން އުދަނގޫވިއެވެ.

އެރޭ ނިދަން އޮވެގެން ޝަލީންއަށް ޝާހަމްގެ ވާހަކައާމެދު ފުންކޮށް ވިސްނުނެވެ. ދޮންބެ އެހިޔާލަށް އޭނާއަށް ލޮލުން ބޮލުން ތާއީދު ކުރެވުނެވެ. ދޮންބެ ބުނިހެން މާޒީ ހަނދާން ވާނެ ދުވަހެއްގެ އުންމީދުގައި މިއަދުގެ ދުވަސްތައް ބޭކާރު ކުރުމުގެ މާނައެއް ނެތެވެ.

ޖެހިގެން އައި ދުވަހު ޝަލީން ހެނދުނު ހެނދުނާ ތާޒާ ވެލައިގެން ތިރިއަށް އައިއިރު ކާކޮޓަރީގައި ބައްޕަ އިނީ ނާސްތާ ކުރާށެވެ. ރަސްމީ ހެދުމުގައި ބައްޕަ ހުރީ އޮފީހަށް ދާންވެގެންކަން ޝަލީންއަށް ވިސްނުނެވެ. އޭނާ ގޮސް ހުސްގޮނޑިއެއްގައި އިށީންދެފައި ދޮންބެ ކޮބައިތޯ އެހުމުން ނަޖުމާ މަޑުޖެހުނުކަން އެނގުނެވެ. "ދޮންބެ އަދިވެސް ޗުއްޓީގަތަ އުޅެނީ؟ ނުދޭތަ އޮފީހަކަށް؟" ޝަލީން ނޭނގޭ ކަމަށް ހެދިގެން ސުވާލު ކުރިއެވެ. "ދަރިފުޅު ދޮންބެގާތު އަހާބަލަ ކޮންއިރަކުންތޯ ދެން މަސައްކަތަށް ނިކުންނަނީ." އިމާދު ޖަވާބުދިންއިރު އަންހެނުންނަށް ނަޒަރެއް ދިނެވެ. "ދެން އަހަރެންނޯ. އަހަރެންވެސް ބޭނުން ކޮންމެވެސް މަސައްކަތެއް ކުރަން." ޝަލީން އިތުރަށް ބުނި ވާހަކައިން އެންމެން ސިހުނެވެ.

"ދަރިފުޅު މަސައްކަތް ކުރަން ބޭނުންވަނީ؟" އިމާދު ބޯން އިން ސައިތަށި ދުރުކޮށްލައިފައި ހައިރާންވެގެން އެހިއެވެ. އޭނާ ދަންނަ ޝަލީންއަކީ ދުވަހަކުވެސް ޒިންމާއެއް ނަގައި ވަޒީފާއެއް އަދާކުރަން ބޭނުންވާ ކުއްޖެއް ނޫނެވެ. "ބައްޕަ ތިހާ ހައިރާން ތިވީ އަހަރެންނަށް ކުރިން ބުނެވިފަ އޮތް އެއްޗަކުންތަ؟ އެހެންވިއްޔާ އަޑު އަހާ. މިއަދުން ފެށިގެން ކުރީގެ ވާހަކަ ދައްކާނެ ކަމެއް ނެތް. މިއަދުން ފެށިގެން އަހަރެން ހުރިހާ ކަމެއްވެސް އާ ފެށުމަކުން ފަށާނީ" ޝަލީން މޭޒުގައި ދެއަތް އަޅާފައި ތެދުވެ އިޢުލާނެއް އިއްވިހެން ބޭނުންވާ ގޮތް ހާމަކުރިއެވެ.

"އެންމެ ރަނގަޅު ދަރިފުޅަށް ފެންނަ ގޮތެއް." އިމާދުއާ ނަޖުމާ އެކަކު އަނެކަކަށް ބަލައި ހިނިތުންވެލުމަށްފަހު އިމާދު އެގޮތާއި ރުހޭކަން އަންގައިލިއެވެ. " ކުރަން ބޭނުންކަމެއް ވިސްނާފަ ބައްޕަ ކައިރީ ބުނާނަން." ޝަލީން ޖޫސްތަށްޓާއިއެކު ސޭންޑްވިޗް އަޅާފައި ހުރި ތަށްޓެއް ހިފައިގެން ބޭރަށް ނިކުންނަން ދަމުން ބުނެލިއެވެ. "ކިހާވަރަކުން ދާނެބާ." އިރުކޮޅަކުން އިމާދު ދާންވެގެން ތެދުވެފައި ހިނިއައިއްސައި ހުރެގެން މުޚާތަބު ކުރީ އަނބިމީހާއަށެވެ. އޭރު ނަޖުމާވެސް ހުރީ ދަތްތައް ދިލުވާލައިގެންނެވެ.

ހުކުރު ދުވަހު ރޭގަނޑު ކެއުމަށް ދައުވަތު ލިބުމުން ޝަލީން އެރޭ ދާން ތައްޔާރުވިއެވެ. ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ އިތުރުން ވިޝާއާ އަލޫކްވެސް އެގެއިން ފެންނާނެތީ އޭނާ ހުރީ ޝައުޤުވެރިވެފައެވެ. ލޯގަނޑުކައިރީ ހުއްޓާ މީހަކު ދޮރު ހުޅުވާލުމުން ބަލައިލިއިރު ބައްޕައެވެ. "ބައްޕަ ކަމަކުތަ؟' ޝަލީން ސުވާލު ކޮށްލުމުން އިމާދު އަތް ހާކައިލީ ނިތުގައެވެ. ހީވީ ކަމެއްގެ ވާހަކަ ބުނަން ނުކެރިގެން އުޅުނުހެންނެވެ. "ދަރިފުޅު ދޮންބެ ކައިރިއަކު ނުބުނަންތަ ދާކަށް." އިމާދު ނޫންކަމަށް ހެދިފައި ބުނެލިއަސް ޝަލީންއަށް ވިސްނުނެވެ. އޭނާ ހެވިލާފައި މިދަނީއޭ ބުނެ އަވަހަށް ނިކުމެގެން ގޮސް އެކޮޓަރީ ޓަކި ޖަހައިލިއެވެ.

"ވަދޭ!" ޝާހަމް އޮތީ ނިތްމަތީ އަތް ބާއްވާލައިގެން އެނދުގައެވެ. "ދޮންބެ ރެޑީ ނުވަންތަ؟ މިހާރު ގަޑި ޖެހެނީ؟" ޝަލީން އަވަސްއަވަހަށް ގޮސް ކައިރިއަށް ހުއްޓިފައި އެހިއެވެ. ދޮންބެގެ ލޯބިވެރިޔާގެ ވާހަކަ އިނގުނަސް އަދި ވިޝާއާ ދެމީހުންގެ ކަންތައްގަނޑު އެނގޭ ކަމަކަށް އޭނާ ނުދައްކައެވެ. "މަންމަ ބުނެގެންތަ ތިއައީ؟" ޝާހަމް އަތް ތިރިކޮށްލާފައި އެހިއެވެ. "ބުނި މީހެއް ނުބަލާ އަވަހަށް ރެޑީވެބަލަ!" ޝަލީން ދޮންބެގެ އަތަށް ދަމާލިއެވެ. "ބޮލުގައި ރިއްސާތީ މިއޮތީ." ޝާހަމްގެ އަޑުގައި ވަނީ ފަރުވާކުޑަކަމެވެ. "ދެން ނޫން. ތިރިހުން ރަނގަޅުވެދާނެއޭ ބޭރަށް ނިކުމެލީމަ. އެހެންނޫނަސް އަހަރެން މާލެ އައިފަހުން ފުރަތަމަ ފަހަރަށް ފެމެލީ އެއްކޮށް ތަނަކަށް މިދަނީ. ދޮންބެ ޕްލީޒް އަހަރެންނަށްޓަކައި." ޝަލީން ކުރުނުކޮށް އާދޭސް ކުރަން ފެށުމުން ޝާހަމް އެއްބަސްވިތަން ފެނިގެން ފޮނިވެފައި އަތް ތަޅައިލިއެވެ. ތައްޔާރުވެގެން ނިކުންނަން ވަކި ވަގުތެއް ކަނޑައަޅާފައި އޭނާ އަނެއްކާވެސް ދިޔައީ ކޮޓަރިއަށެވެ.

އެންމެން ތައްޔާރުވެގެން ތިރިއަށް އައިއިރު އަދި ޝާހަމް ދައްކައެއް ނުލައެވެ. އިމާދު އެވަގުތުވެސް ނޫންކަމަށް ހެދިފައި ދަރިފުޅު ފެނޭތޯ މަތި ބަލައިލިއެވެ. ކާރަށް އަރަން ދާންވެފައި ހުއްޓާ ޝާހަމް ފެނުނީ ސިޑިން ފައިބަން ފެށިތަނެވެ. ޝަލީން އުފާވެފައި އަވަހަށް ގޮސް ސިޑީގެ ވަކި ހިސާބަކަށް އަރައި ޝާހަމްގެ އަތުގައި ހިފާލައިގެން އެކުގައި އައެވެ.

"ރޯޔަލް" ކުރިމައްޗަށް ކާރު މަޑުކޮށްލިއިރު ޝަލީން އިނީ ފަރުވާވެ ބަލާށެވެ. އެތެރެއަށް ވަދެގެން ދިޔައިރު ފެނުނު ކޮންމެ މަންޒަރަކަށްވެސް އޭނާ ނިކަން ފަރުވާވެ ނަޒަރެއް ދެއެވެ. ކުރިއާ ޚިލާފަށް އޭނާ މިއަދު ކޮންމެހެން އެމަންޒަރުން މާޒީ ހަނދާންކުރާކަށް މަސައްކަތެއް ނުކުރެއެވެ.

"އެންމެން ބަލާބަލަ ސެލްފީއެއް ނަގަން!" ލިފްޓްގައި ހުރެފައި ޝަލީން ކުއްލިއަކަށް ލޯގަނޑާއި ދިމާއަށް ފޯނު ދިއްކޮށްލާފައި އެދުނެވެ. އެވަގުތު އެންމެން ބަލައިލިތަނާ އަވަހަށް ކްލިކް ކޮށްލާފައި ފަހަރަކު މީހަކަށް ދައްކައިލިއެވެ. ދަރިފުޅު ކުރިއެކޭ އެއްގޮތަށް އުފާވެރިކޮށް އުޅޭތަން ފެނުމުން އިމާދު ހިނިތުންވެފައި ޝަލީން ބޮލުގައި ފިރުމައިލިއެވެ.

ފިރުދައުސްގެ އާއިލާ އުޅޭ އެޕާޓްމެންޓް ދޮރުމައްޗަށް އަރާފައި އިމާދު ބެލް ޖެހުމުން އެންމެންގެ ނަޒަރު ހުރީ ދޮރާއި ދިމާއަށެވެ. ޝާހަމް ފިޔަވައެވެ. އޭނާ އެއްފަރާތަކަށް ޖެހިލައިގެން ހުރީ އިސް އޮބާލައިގެންނެވެ. ކޮށިގަނޑަށް ހާޟިރުކޮށްފައިވާ ކުށްވެރިއެކޭ އޭނާއެކޭ ތަފާތެއް ނެތެވެ. ދޮރު ހުޅުވުމުގެ ކުރިން އަދިވެސް އެނބުރި ދާން އޭނާ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު ވިޝާ ކުރިމައްޗަށް އަރަން ކެރޭނީ ކިހިނެތް ހެއްޔެވެ؟

"އަހަ މިއޮތް އައީނު." ފިރުދައުސް ދޮރު ހުޅުވާލައިފައި ކުރިމަތީ ތިބި އެންމެން ފެނިގެން ހިނިތުންވެލިއެވެ. "އަވަހަށް ވަދޭ!" އޭނާ ފަހަރަކު މީހަކު ވަންނަން ތަން ދައްކާފައި އެނބުރި ފިރާޝާއަށް ގޮވައިލިތަނާ އެތެރެއިން އަންހެނަކު ނިކުމެގެން ހަރުކޮށް އަންނާތީ ފެނުނެވެ. ހައުސް ކޯޓާއި ބޮޑު ބުރުގާ އަޅާފައި ހުރި އަންހެން މީހާ މާ އިސްކޮޅުން ދިގެއް ނޫނެވެ. އުމުރުން ފަންސާހާ ގާތްވެފައިވާއިރުވެސް ހަންގަނޑު އޮމާންވެފައި ޒުވާން ކަމަށް ދައްކައެވެ. ހުރިވަރަށްވުރެވެސް ފަލަކަމަށް ދައްކަނީ ލައިގެން ހުރި ދޫ ހެދުމުގެ ސަބަބުންނެވެ.

"އަވަހަށް އިށީންދޭ! ދަރިފުޅާ އަލޫކް. އެމީހުން މިހިރި އައީޔޭ." ފިރާޝާ އައިސް އެންމެން އިށީންނަން ސޯފާތައް ދައްކާފައި އެނބުރި ގޮވައިލީ ފިރިހެން ދަރިފުޅަށެވެ. ތަނަވަސް ސިޓިންރޫމްގައި ސޯފާސެޓު ބަހައްޓާފައި އޭގެ އިތުރަށްވެސް ކުރާނެ ކަމެއް ކުރަން ހުސް ތަން އޮތެވެ. ޝަލީން އެއަންހެންމީހާގެ މޫނަށް ފުންކޮށް ބަލާލައިފައި ގޮސް އިށީންދެލީ ދޮންބެގެ ގާތުގައެވެ. އޭރު ޝާހަމް ތުންފަތުގައި ދަތް އަޅާލައިގެން އިނީ އަދިވެސް ވިޝާ މަތިން ހަނދާންވެފައެވެ.

"ޝަލީން ނެތި މިދިޔަ ދުވަސްކޮޅު ދައްތަ ވަރަށް ހަނދާންވި އިނގޭ. ވިޝާވެސް އަބަދު ކިޔާނެ ޝަލީންގެ ވާހަކަ. އޭނަ ބަލިވެ އުޅޭތީ އަދި ނުދެވިގެން އެއުޅެނީ." ފިރާޝާ ޝަލީންއާ ހަތަރުކަޅި ހަމަކޮށްލަމުން ގާތްގޮތަކަށް ވާހަކަދެއްކިއެވެ. ޝަލީން ބޯޖަހާލައިފައި ބަލަން އިންދާ އަލޫކް ނިކުމެގެން އައީ ކާކޮޓަރިންނެވެ. "މިއޮތް އައީނު އަލޫކް. ދަރިފުޅު ދޭބަލަ ޝަލީންއަށް ވިޝާގެ ކޮޓަރި ދައްކަން!" ފިރާޝާ އަލޫކް ފެންނައިރަށް މަސައްކަތް ހަވާލުކޮށްފިއެވެ. ޝަލީން އެވަގުތު ތެދުވެގެން ގޮސް ކައިރިވުމުން އަލޫކް އަނެއްފަރާތަށް އެނބުރިފައި ދެމީހުން އެކީ ގޮސް ދުރުގައި ހުރި ކޮޓަރިއެއް ހުޅުވާލައިފިއެވެ. ކޮއްކޮ ދިއުމުން އުދަނގޫވެފައި އިނީ އެވަގުތުވެސް ޝާހަމްއެވެ. ފިރާޝާއާ މަންމަވެގެން އަމިއްލަ ވާހަކަ ދައްކަން ފެށިއިރު އަނެއްކޮޅުން ބައްޕައާ އިމާދު ވިޔަފާރީގެ ވާހަކައެވެ. ޝާހަމް އެމޫނުގެ ނުތަނަވަސްކަން ފޮރުވަން ވެގެން ފޯނު ހާކަން ފެށިއެވެ.

ކޮޓަރިތެރޭގައި ވިޝާ އިނީ އެނދުގެ ފަޑިއަށް ބާލީސްތައް ލައްކޮށްލައިގެން އޭގައި ލައްގަނެގެންނެވެ. ދޮރު ހުޅުވުނު އަޑަށް އޭނާ ބަލައިލާފައި ޝަލީން ފެނިގެން ހައިރާންވެފައި ލޯބޮޑުކޮށްލިއެވެ. "ޝަލީ!" މިލާފައިވާ މޫނު މައްޗަށް ވެރިވި ހިނިތުންވުން އެމޫނު އުޖާލާ ކޮށްދިނެވެ. ޝަލީން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ގޮސް މަގަތުގައި އިށީންއިރު ވިޝާގެ ފައިން ފެށިގެން ބޮލަށް ފުންކޮށް ބަލައިލިއެވެ. ފޮޓޯތަކުން ފެނުނު ރީތި އަންހެންކުއްޖާ މިހާރު އެއޮތީ ހިކި އަނަރޫފަވެފައެވެ. އޮމާން މޫނުން ފައުޅުވާން ހުރި ބެބުޅުން ނެތިގޮސް ރީނދޫވެފައެވެ. ހާވާލެވިފައި އޮތް ފަން އިސްތަށިގަނޑުގައި ހީވަނީ މީން ދުވަހަކު ފުނާ ކާއްތައިނުލާ ހެންނެވެ. އެފިޔާތޮށި ތުންފަތް ހިކި ކުރަކި ވެފައެވެ. ބޮޑު ބޮޑު ދެލޮލުގައި ވީރާނާ ކަމެވެ.

"ހައި!" ޝަލީން ގާތްގޮތަކަށް ކިޔާލުމުން ވިޝާ އޭނާގެ އަތުގައި ހިފާލިއިރު ލޯ ފެންކަޅިވިއެވެ. "ވަރަށް އުފާވެއްޖެ ޝަލީ އައީމަ. އަހަރެންވެސް ތިގެއަށް ދާން ބޭނުންވެފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ. އެކަމަކު ހަމަ ނުދެވިގެން." އަލޫކްގެ ފުށުން ޝަލީން ކަންތައް ކުރިގޮތް އެނގިފައި އޮތުމުން ވިޝާ ކޮންމެހެން ކުރީގެ ވާހަކަ ދައްކާކަށް ގަސްތެއް ނުކުރެއެވެ. "ބަލި ރަނގަޅު ވެގެން ދާންވާނެ އިނގޭ." ޝަލީން އެދުނު ކަންތަކަށް އެއްބަސްވާން ވިޝާ ހިނދުކޮޅެއް ނެގިއެވެ. އޭނާ ދުރުގައި ހުރި އަލޫކްއަށް ނަޒަރެއް ދީފައި ހޫމ އަޅުވައިލި ނަމަވެސް އެބަހުގައި މާބޮޑު ޔަޤީންކަމެއް ނެތެވެ.

"މަންމަވެސް އައިތަ؟" ނުސީދާ ބަހުން ވިޝާ އޮޅުންފިލުވަން ބޭނުންވީ ޝާހަމް އައިތޯއެވެ. "ހޫމ އެންމެން އައި." ޝަލީން ޖަވާބުދިންއިރު ވިޝާގެ މޫނަށް އެރި ކުލަ ރީތިކޮށް ފާހަގަކުރިއެވެ. އެވާހަކަ ބުނެގެން އަވަހަށް އިސްތަށިގަނޑުގައި އަތް ފުނާ އަޅައި އަވަސް އަވަސްކޮށް ދެފަހު މަތިން ބަލާލި ގޮތުންވެސް ވިޝާ ބުނެގެން ކެތްތެރިކަން ކުޑަވި މިންވަރު ދޭހަވިއެވެ. ދޮންބެއާހެދި މިހާވަރެއް ވެފައި ހުރި އަންހެންކުއްޖާގެ އިހްސާސްތައް ދޮންބެއަށް ހަމަ ރޭކައި ނުލަނީ ހެއްޔޭވެސް ހިތާއި ސުވާލު ކޮށްލެވިއްޖެއެވެ.

"ވިޝް. ޝަލީ ގެންދަނީ އިނގޭ އިހަށް. މިހާރު އެމީހުން ކާން އަރަން އުޅޭނެ." އަލޫކް އައިސް ކައިރިއަށް ހުއްޓިފައި އެމީހުންގެ ވާހަކަ މެދުކަނޑާލިއެވެ. "ވިޝް ނުދަންތަ؟" އަލޫކް އައިސް އަތުގާ ހިފާ ނެގުމުން ދާން އުޅެފައި ޝަލީން ސުވާލު ކޮށްލިއެވެ. "އޭނަ މިތަނަށް ގެނެސްގެން ކަނީ." ވިޝާއަށްވުރެ ކުރިން އަލޫކް ޖަވާބުދިނެވެ. އޭނާ ޝަލީން އަތަށް ދަމައިލިފަހުންވެސް ޝަލީން ދާހިޔާލެއް ނުކުރިއެވެ. "ކަމަކުނުދާނެ އެގޮތެއް. ބޭރަށް ނިކުމެ އެންމެންނާ ބައިވެރިވީމަ ކާހިތްވާނީވެސް. މިތާ އޮތީމަ ބަލިބޮޑުވާނެ. ބަލީގެ އިހްސާސް ކުރެވޭލެއް ބޮޑުވާނެ. ވިޝް ހިނގާ އަހަރުންނާ ބައިވެރިވާން." ޝަލީން އާދޭހާއެކު އެދުމުން އަލޫކް ކަންބޮޑުވެފައި ކޮއްކޮއަށް ބަލައިލިއެވެ. "ހިނގާ ދެވޭތޯ!" އެވަގުތު ވިޝާ ބުނެލީ އޭނާ ދުވަހަކު އިވޭނެ ކަމަށް އުންމީދު ނުކޮށް ހުރި ވާހަކައެކެވެ. ފާއިތުވި ތިންމަސް ދުވަސް ތެރޭ ވިޝާ އެކޮޓަރިންވެސް ނިކުންނާކަށް އެއްބަހެއް ނުވިއެވެ. ފުރަތަމަ ދެތިން ދުވަސް ދިޔައީ ބަނޑަށް އެއްޗެއް ނުލައެވެ. ހާލު ދަށްވެގެން ހޮސްޕިޓަލުގައި އެނދުމަތިވެސް ކުރެވުނެވެ. ފަހުން ގެއަށް ގެނެސްގެންވެސް ކޮޓަރިއަށް އެއްޗެހި ގެނެސްގެން ކާންދެވެނީ ގަދަކަމުންނެވެ. އެކަމަކު މިއަދު ޝާހަމް އެގޭ ހަތަރުފާރުތެރޭ ހުރި ކަމަށްޓަކާވެސް ވިޝާ ކޮޓަރިން ނިކުންނަން އެއްބަސްވީއެވެ.

"ހިނގާ!" ވިޝާ ތެދުވަން އުޅުމުން އަލޫކް ކައިރިވެފައި އެހީވެދިނެވެ. ކުދި ފިޔަވަޅުތަކެއްގައި ނުހަނު މަޑުމަޑުން ކުރިއަށް ދިޔައިރު އޭނާ ހުރީ ހިނދު ކޮޅަކަށްވެސް އެއަތުން ދޫކޮށްނުލައި ނިކަން ސަމާލުވެގެންނެވެ. ޝަލީން ހުރީ އެދެމީހުންގެ ފަހަތުގައެވެ. އަލޫކް ދޮރު ހުޅުވާލައިފައި ނިކުތުމުން ޝަލީން ފަހުން ނިކުމެފައި އެދޮރު ލައްޕައިލިއެވެ. ސިޓިންރޫމްގައި ތިބި އެންމެންގެ އަޑު އޭރު އިވެން ފެށީ ކާކޮޓަރިންނެވެ. އެމީހުން ގޮސް ދޮރާއި ކައިރިވެފައި ހުއްޓާ ނޯކަރު ނުކުތީ ޝަލީންމެން ބަލައެވެ އެވަގުތު އެމީހާއަށްވެސް ވިޝާ ފެނިގެން ޝޮކެއް ލިބުނުކަން ދޭހަވިއެވެ. ދެން އެއްޗެއް ނުބުނެ އެތެރެއަށް ވަނުމުން އެތިންމީހުން ގޮސް ދޮރުން އެތެރެ ވީތަނާ އެންމެން އެދިމާއަށް ބަލައިލާފައި ލޯ ބޮޑުވިއެވެ.

"ދަރިފުޅާ ވިޝާ؟ ދަރިފުޅު ބޭރަށް ނިކުތީތަ؟" ފިރާޝާ އަނގަމަތީ އަތް އަޅާލައިގެން ހުރެފައި ކުރި ސުވާލު އިވިގެން އިސްޖަހައިގެން އިން ޝާހަމްވެސް ސިހިފައި އިސްއުފުލައިލިއެވެ. އެވަގުތު ފިރާޝާ ބުނި ވާހަކައިން ދޭހަވި އެއްޗަކަށްވުރެވެސް ބޮޑަށް އޭނާ ހައިރާންކޮށްލީ ވިޝާ އަނަރޫފަވެފައިވާ މިންވަރު ފެނިފައެވެ.

 

ކޮމެންޓް 0