ހޭވެރިކަންވީ ހީވާގޮތުން އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. ލޯ ހުޅުވާލިއިރު ނިއްކުރިމަތިން ދިޔާ އެއްޗެއް ރޮނގު ދެމެމުން އައިސް މޫނަށް ފައިބަމުން ދިޔަކަން އިހްސާސްވިއެވެ. އަތުން މޫނު ފުހެލާފައި ބަލާލިއިރު އަތްތިލައިގައި އޮތީ ހުސް ލެއެވެ. ތެޅިގަނެފައި ފުންމައިގެން ތެދުވިއިރު އޭނާއަށް ފެނުނީ ލެއިން ތަތްތެޅިފައިވާ ހަށިތަކެވެ. ކަންފަތުގައި ހަރުލީ ރޮއި ހަޅޭތްލަވާ އަޑެވެ.
"އާ ޔޫ އޯކޭ؟" ވިޝާގެ އަޑުން ޝާހަމްގެ ހިޔާލީ ދުނިޔެ ފުނޑުފުނޑުވެގެން ފޭބިއެވެ. އޭނާ ބަލާލިއިރު ވިޝާ އިނީ ކަންބޮޑުވެފައެވެ. "އައިމް ފައިން." ޝާހަމް ދޮގެއް ހަދައިލިއެވެ. "ޔަޤީންތަ؟' ވިޝާ އިތުރަށް ކުރި ސުވާލުން ޝާހަމް ހައިރާންވިއެވެ. ވިސްނާލިއިރު އޭނާއަށް އިނދެވުނީ ވިޝާގެ އަތުގައި ނިކަން ބާރަށް ހިފަހައްޓާލައިގެންނެވެ. އެކަން އިހްސާސްވެގެން އެއަތާއި އަތް ވަކިކޮށްލާފައި ސީޓުގައި ރަނގަޅަށް ހަމަޖެހިލައި ލޯމަރާލައިފިއެވެ. ވިޝާ އަދިވެސް ކަޅިޖަހާނުލާ އިނދެގެން ފިރިމީހާގެ މޫނަށް ބަލަމުން ރަތްވެފައި އޮތް އަތުގައި ފިރުމައިލިއެވެ.
ހަނިމާދޫ އެއަރޕޯޓަށް ބޯޓު ޖެއްސިއިރު ދޮންދައިތަ ފޮނުވައިގެން އެމީހުން ބަލާ އައިސް ތިބީ ޒުވާން ފުރައިގެ މީހަކާއި ދޮންދައިތަގެ ފިރިމީހާ ތައްހާނެވެ. އެރައިވަލް އިން ނިކުތްގޮތަށް ނަޖުމާ އަވަހަށް ގޮސް ތައްހާނުމެން ކައިރިއަށް ހުއްޓި ވާހަކަދައްކަން ފެށިއެވެ. ފަހަތުން ދެކުދިންނާ ވިޝާ އަދި އަލޫކް އައެވެ.
"ޝަލީ ދަރިފުޅާ. މީ ތައްހާނުބޭ. ދޮންދައިތަގެ ފިރިމީހާ." ނަޖުމާ ޝަލީން އަތުގައި ހިފައި ކުރިއަށް ގެނެއްސައި ތައާރަފްކޮށްދިނެވެ. ބީރަތްޓެއްސަކަށް ބަލާހެން ޝަލީން ބަލަން ހުރެފައި ތައްހާނު ސަލާމަށް އަތްދިއްކޮށްލުމުން އެއަތުގައި ހިފާލިއިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. ކައިރީގައި ދެން ހުރީ ދޮންދައިތަގެ ދަރިފުޅު މާވިންއެވެ. ޝާހަމްއަށް މާވިން ފެނިގެން ކައިރިއަށް ޖެހިލައި ދެމީހުން ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހެދިއިރު ޝަލީން ހުރީ އަދިވެސް ބީރަތްޓެހިވެފައެވެ.
ކުރު ލޯންޗް ދަތުރަކަށްފަހު ދޮންދައިތަގެ ރަށަށް އެމީހުންނަށް އެރުނުއިރު މެންދުރުވާން އުޅެނީއެވެ. ޕިކަޕަށް ދަބަސްތަކާއި ދެންހުރި ސާމާނު އަރުވާފައި މީހުންކޮޅު ދިޔައީ ފައިމަގުގައެވެ. ގޭ ދޮރުމައްޗަށް އެރުނުއިރު ދޮންދައިތަ ހުރީ ލަސްވެގެން ނިކުމެ ދޮރާށި ކުރިމަތީގައެވެ. "އަހަ މިތިބަ އައީނު." ނަސީމާ އުފާވެރި އަޑަކުން މަރުހަބާ ކިޔާފައި އެމީހުން ވަންނަން ދޮރާށި ހުޅުވައިދިނެވެ. ބިޔަ ޖަނބުރޯލު ގަހަކުން ހިޔާވެފައި އޮތް ގޯތިތެރެއަށް އޮތީ ކަށިވެލި ލައިފައެވެ. ޖޯލިފައްޗަކާއި ބޮޑު އުނދޯއްޔެއް އެލުވާފައި ހުރިއިރު ހިތް ފަސޭހަކަމުން އެންމެންގެ ހިތުން ތައުރީފް އޮހުނެވެ. މަންމަމެން ޖޯލިފަތިތަކުގައި އިށީންނުމުން ޝަލީންއާ ވިޝާ އެކަކު އަނެކަކަށް ބަލާލައިފައި ދުވެފައި ދިޔައީ ބޮޑު އުނދޯއްޔަށް އަރަން ވެގެންނެވެ. އެވަގުތު ބަދިގޭގެ ދޮރު ހުޅުވާލައިފައި ނިކުތް ޒުވާން އަންހެންކުއްޖަކު ޖޫސް ތަބަކެއް ގެނެސް އެތާހުރި މޭޒެއް މަތީ ބެހެއްޓިއެވެ.
"އައި ނޯ ހަރ. އެއީ މާނާ." އުނދޯލި ހެއްލަމުން ވިޝާ ޝަލީންއަށް އެކަނި އިވޭވަރަށް ބުނެލިއެވެ. މާލެދާ ދަތުރު ތަކުގައި މާނާ އެގެއަށް ގޮސް އުޅޭތީ ވިޝާއަށް ދަސްވެފައި ހުރީއެވެ. އެކުވެރިޔާގެ ވާހަކަ އިވިގެން ޝަލީން އެއަންހެންކުއްޖާއަށް ފުންކޮށް ބަލައިލިއެވެ. ދަންނަ ވައްތަރު ނުޖެހިއެއް ކަމަކު ހިތްހެޔޮވާނެކަން އެނގުނެވެ. ނަޖުމާ ގޮވައިލުމުން ކައިރިއަށް ގޮސް ޖޯލީގެ އަރިމަތީ އިށީންދެ އިނދެގެން އެމީހުންގެ ވާހަކައިގައި ބައިވެރިވަމުން ދިޔަތަން ފެނިގެން އަސަރުކުރީ ޝަލީންގެ ހިތަށެވެ. އެ އެކްސިޑެންޓް ނުހިނގިނަމަ އޭނާވެސް ދޮންދައިތަމެން ދެމަފިރިންނާއި ދެކުދިންނާ ވާހަކަދައްކައި ހަދާނީ ކުޑަވެސް ބީރަތްޓެހިކަމެއް ނެތިއެވެ.
ދެބުރިއަށް ނަގާފައިވާ ގޭގެ މަތީ ތިންކޮޓަރި ލިބުނީ ޒުވާނުންގެ ތިން މީހުންނަށެވެ. ޝަލީން އެނދުމައްޗަށް ދަބަސް އެއްލާފައި ނިކުމެ ބެލްކަނީގައި ހުރީ ތިރިން ފެންނަން އޮތް މަންޒަރުތަކަށް ބަލާށެވެ. އޭނާ ފޯނުން ދެތިން ފޮޓޯއެއް ނަގާފައި ހިތްހަމަޖެހުމާއެކު ހަށިފުރާ ނޭވައެއްލިއެވެ. އިރުކޮޅެއް ނުވެ ކޮންމެވެސް މީހަކު އައިސް ކަންފަތަށް ފުމެލުމުން ސިހިފައި ބަލާލިއިރު އަލޫކް ހިނިއައިސްފައި ހުއްޓެވެ.
"ހަންޓިން ބޯއީސް؟." އަލޫކް ދިމާކޮށްލިއެވެ. "މާލެ ދާން ވާއިރަށް އިންނާނެމީހަކު ވޭތޯ." ޝަލީންވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. "ލޫކް ބަލާބަލަ ހިތްފަސޭހަކަން. އަހަރެން ނިންމައިފިން މިރަށުން ނުދާން." ޝަލީން ވިސްނާލުމެއްނެތި އަމިއްލަ އިހްސާސްތައް ބޭރުކޮށްލި ގޮތުން އަލޫކް ގާތަށް އައީ ހިންޏެވެ. "ރަނގަޅުވާނެ." އަލޫކް އެއްބައިވެލިއެވެ. ފެންވަރަންވެގެންނޭ ބުނެފައި އަލޫކް ވަދެގެން ދިއުމުން ޝަލީން ފޯނު ޖީބަށް ލައިފައި ދެކަކޫ ނަގައި މޭގައި ޖައްސާލައިގެން އިށީންދެލީ ތިރީގައެވެ. ލޯމަރައިލުމުން ތަކުރާރުކޮށް ފެނުނީ ނުހައިކްގެ ސޫރައެވެ. އޭނާދެކެ އެހާ ރުޅިއަންނަ މީހަކު ހިނިތުންވުމާއެކު އައިސް އޭނާއަށް ވަދާޢުގެ ސަލާމް ކުރަން ހުންނަ ހަނދާނެއް އާވަންވީ ގޮތެއް ޝަލީންއަކަށް ނުވިސްނުނެވެ.
"ކީއްވެ ނުހައިކް؟ ކީއްވެ....ކީއްވެ؟" ޝަލީން ނިތުގައި ދެއަތުން ތަޅައިލިއެވެ. ރެއިލިންމަތީ ދުވެފައި އޮތް ވެލަކުން މަލެއް ވެއްޓި ފައިކައިރިއަށް ލައްވިތަން ފެނުމުން އެނަގާ ކައިރިން ބަލަން އިނދެވުނެވެ. މޫނުގައި އައިސް ބީހުނު ވައިރޯޅިން އިސްތަށިތަކާއި ސަމާސަކޮށްލީ އޭނާ އެހެން އިންދައެވެ. ޝަލީން ދެރަވީ ވަކިވާން ސިޓީ ލައިފައި އާދެވުނު މޮޔަ ހީވެފައެވެ. ހިތުގައި ކިތަންމެ ސުވާލު ގިނަވިއަސް ނުހައިކް ކުރިމައްޗަށް ހުށައަޅާލެވޭނެ ފުރުސަތެއް ދެން ނެތެވެ. ނަންބަރ އެނގުނަސް ނުހައިކް އޭނާގެ ފޯނަށް ޖަވާބު ނުދޭނެކަމީ ކަށަވަރު ކަމެކެވެ. އެކަމަކު ކުރިމަތިން ބައްދަލުވެ އުދަނގޫ ކޮށްގެން ކޮންމެވެސް ތަފްޞީލެއް ލިބިދާނެ ކަމުގައި ޤަބޫލު ކުރެވުނެވެ.
*****
ވިޝާ އިސްތިރި ހޯދައިގެން އައިސް ވަންއިރު ޝާހަމް ފެންވަރައިގެން ނިކުމެ އިނީ އެނދުގައެވެ. "މިގޭ ކުދިންގެ ކިބައިގައި ދަންނަ ގޮތެއް ނުހުރެގެން ޝަލީ ހުރީ ކުޑަކޮށް އަޕްސެޓް ވެފަ." ވިޝާ އިސްތިރިކުރަން ފަށާފައި ވާހަކަދެއްކިއެވެ. ޝާހަމް އެދިމާއަށް ބަލައިލާފައި ހިޔާރުކުރީ ހިމޭންކަމެވެ. "ބައެއްފަހަރު އަހަރެންވެސް ވަރަށް ދެރަވޭ ޝަލީއާ ދޭތެރޭ ވިސްނާފަ. އަސްލު ކިހާ އުދަނގޫ ލައިފަކަށް ވާނެ. އޭނަގެ ޑޮކްޓަރ ކީކޭތަ މިހާރު ދެން ބުނަނީ؟ ގައިމު މެދުކެނޑުމެއްނެތި ސެޝަންތައް ނަގާތާވެސް މަންތަކަށްވުރެ ގިނަވެއްޖެ. ކޮންމެވެސް ބަދަލެއް އަންނަހައެއް ނުވޭތަ؟" ޝަލީންއާމެދު ކަންބޮޑުވާކަން ވިޝާ ހާމަކުރީ ފުރަތަމަ ފަހަރަށެވެ. "ކޮންމެ ކޭސްއެއްވެސް ތަފާތުވާނެ. ޝަލީ އޮޕަރޭޝަން ކުރި ޑޮކްޓަރ ޔަޤިންކަމެއް ނުދޭ އޭނަގެ ހަނދާންތައް އަނބުރާ އަންނާނެ ކަމަކަށް. ބުނީ ފަހަރެއްގަ ދުވަހަކުވެސް އެހަނދާންތައް އަނބުރާ ނައުން އެކަށީގެންވެއޭ." ކައިރީ އައިސް ހުއްޓިފައި ޝާހަމް ހާމަކޮށްލި ވާހަކައިން ވިޝާއަށް ލޯ ބޯޑުކޮށްލެވުނެވެ. "އެހެންވެ އަހަރެން އޭނަ ކައިރީ ބުނީ މާޒީ ފަހަތުން ދުވަން ނުހަދާ ނިއު މެމޯރީސް ގާއިމުކުރިއްޔާ ރަނގަޅުވާނެއޭ." ޝާހަމް ވިޝާ އިސްތިރިކޮށްފައި ނެގި ޖިންސް އަތުލައިގެން ދުރަށް ޖެހިލިއެވެ. އޭނާ ރީތިވާންވެގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުމާއެކު ވިޝާ އެކުވެރިޔާގެ ހާލާމެދު ހިތާއިހިތުން ކަރުނަ އަޅަމުން މަސައްކަތް ނިންމައިލިއެވެ. ޝާހަމް ނިކުމެގެން ދިއުމުން ފެންވަރަން ވަދެ ހުއްޓާ އަލޫކް ދެފަހަރަށް ގުޅާފައި ހުއްޓެވެ. ވިޝާ ނިކުމެގެން އަލޫކް ހޯދަމުން ދިޔައިރު މާނާއާ އިސްތިރި ކުރަން ހަވާލުކޮށްގެން އޭނާ އިނީ ސިޓިންރޫމް ސޯފާގައެވެ.
"ލޫކް މީހަކު ހޯދައިފިހެން ހީވަނީ." ވިޝާ ދޮރުމަތީ ހުއްޓާ ޝަލީންގޮސް ފުރަގަހަށް ހުއްޓިފައި ކަންފަތްދޮށުގައި ބުނެލިއެވެ. ދެއަންހެންކުދިން އެއަޑުން ހީގަތްތަނާ އަލޫކް ކުއްލިއަކަށް އެދިމާއަށް ބަލާލައިފައި ތެދުވެއްޖެއެވެ. "މިހާރު ކީކޭ ތިކިޔަނީ؟" މާނާއަށް ނަޒަރެއް ދީފައި އަލޫކް އައިސް ހުއްޓުނީ އެމީހުން ކުރިމައްޗަށެވެ. "އަދި ނުވެއެއްނު ތިހާ ހާސްވާކަށް. އެހެންނޫނަސް ވިޝް އެބުނީ މަންމަމެންނާ ދޭތެރޭ ނުވިސްނާށޭ. އެމީހުން އެއްބަސްކުރުވުމުގެ ޒިންމާ އޭނަ ނަގައިފީމޭ." ޝަލީންގެ ޖަވާބު ނިމުނުތަނާ އަލޫކް އޭނަ ހިފަހައްޓަން އަތްއެލިއެވެ. ޝަލީން އެވަގުތު ފަހަތަށް ޖެހިގަތުމުން ކާމިޔާބެއް ނުވިއެވެ. ވިޝާ ތަންދެއްކުމުން އަލޫކް ހިނގައިގަތީ އަދިވެސް ޝަލީން ހުއްޓުވަން ވެގެންނެވެ. ޝަލީންއަށް އެކަން އެނގިގެން ދެފަޔަށް ލެވުނުހާ ބާރެއް ލައިފައި ސިޑިންއެރިއެވެ. ފަހަތުން އަލޫކްއަށް ދެވުނުއިރު ޝަލީން ކޮޓަރިއަށްވަދެ ދޮރު ލައްޕާލަނީއެވެ. ތަޅުގައި ހިފޭ ގޮތްވުމުން އަލޫކްގެ ބާރުގެ ކުރިމަތީ ޝަލީންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އޭނާ ހެމުން ހަޅޭތްލަވަމުން ދެފައި ވިއްދާލައިފައި ހުއްޓާވެސް އަލޫކް އެދޮރު ހުޅުވާލައިފައި އެތެރެއަށް ދެމިގަތެވެ.
"ދެން ކިޔާބަލަ ތިކިޔާ އެއްޗެއް!" ދޮރު ލައްޕާލިއިރު އަލޫކްގެ މޫނުގައި ހުރީ ލާނެތް ކަމެވެ. ޝަލީންއަށް ހެވޭވަރުން ވާހަކަދައްކަން އުދަނގޫވިއެވެ. އޭނާ އަތުނުވާން ވެގެން ދުރުގައި ގޮސް ހުރެގެން އެނދުން ނަގައި އެއްލާ ކޮންމެ ބާލީހެއް އަލޫކް ހުޝިޔާރުކަމާއިއެކު ހިފާފައި ތިރިއަށް ދޫކޮށްލައެވެ. ފަހަރަކަށްވުރެ ފަހަރެއް އެދެމެދުގައި އޮތް ދުރުމިން ކައިރިވަމުން ދިޔަ ވަރަކަށް ޝަލީންގެ ބާރުވެސް ދިޔައީ ކެނޑެމުންނެވެ.
"އޯކޭ ސޮރީ. ސޮރީ. އަހަރެން ބަލިވީ. ލޫކްއަށް ކުރި ލިބުނީ." ފަހަތަށް ގޮސް ފާރުގައި ލައްވެފައި ހުއްޓާ އަލޫކް ގޮސް އޭނާގެ ދެފަރާތުން އަތް ވިއްދާލުމުން ޝަލީން މަޢާފަށް އެދެން ފެށިއެވެ. ދެލޯ މަރާ ތަގުޅިކޮށްގެން ހުރެފައި އެދެލޯ ހުޅުވާލިއިރު ނުހަނު ކައިރިން އަލޫކްގެ ނަޒަރު ހުއްޓިފައި ހުރުމުން ހިތް މަޑުޖެހިލިއެވެ. ސަމާސަގޮތް ކެނޑި ސީރިއަސްވެފައި ދެމީހުންނަށް ތިބެވުނީ ކަޅިޖަހާލަން ނޭނގިފައެވެ. އަމިއްލަ އިޚުތިޔާރެއްނެތި އުފުލުނު އަތްތިލަ އިން ޝަލީންގެ ކޯތާފަތުގައި ހިފަހައްޓާލެވުނުއިރު ހިތް އެދެމުން ދިޔައީ އެންމެ ކަމަކަށެވެ. އެއިނގިލިތަކުގެ ބީހުމުން އަސަރުކޮށްގެން ޝަލީންއަށް ކުރެވުނު ހަމައެކަނި ކަމަކީ ލޯމަރައިލުމެވެ. އިތުރަށް ކުރިއަށް ދާން އެވަގުތު އަލޫކްއަށް ހިތްވަރު ދިނީ ޝަލީންގެ މިހަރަކާތެވެ. ނޭވާނުލައި ހުރެފައި އެދެމެދުގައި އޮތް ހަމައެކަނި ދުރުމިންވެސް ނެތިކޮށްލަން އޭނާ އިސްނެގިއެވެ. އެކަމަކު ކާމިޔާބު ވުމުގެ ކުރިން ކޮންމެވެސް މީހަކު ދޮރުފަތުގައި ޓަކި ޖަހާލުމާއެކު ދެމީހުންނަށް ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ތެޅިގެންފައި ދުރަށް ޖެހިލިއިރު އެކަކު އަނެކަކަށް ބަލައިލާކަށްވެސް ނުކެރުނެވެ. ޝަލީން އެތާ ނުހުންނަން ބާރުބާރަށް ގޮސް ދޮރު ހުޅުވާލިއިރު އަލޫކް ފަހަތުގައި އިސްޖެހިފައި ހުއްޓެވެ.
"މާނާ. ލޫކްގެ ގަމީސް ދޯ. ދޭ ކޮނޑުގައި އަޅުވަން އިނގޭ!" ކުރިމަތިން މާނާ ފެނުމުން ޝަލީން ހަމަޖެހުމާއެކު ވާހަކަދެއްކިއެވެ. ފަސްއެނބުރި ބަލައިވެސް ނުލާ އަވަހަށް ނިކުމެގެން ދިޔައިރު އަލޫކް ދުރުގައި ހުރެފައި މާނާ ބަލައިލުމުން ޝުކުރު އަދާކުރިއެވެ.
ހަވީރު ރަށުތެރެ ބަލައިލަން ދާން ވާއިރަށް މާވިންގެ އެކުވެރިއެއްގެ ގެއިން ދެސައިކަލު ގެނެއްސައި ހުއްޓެވެ. ހަވީރު ފިންޏަށް ބުރު ޖަހާލަން ނިކުތްއިރު ޝަލީން އަރާ އިނީ މާވިން ފަހަތުގައެވެ. ވިޝާ އަލޫކް ފަހަތަށް އަރާފައި ޝާހަމް ފަހަތުގައި ބެއިންދީ މާނާއެވެ. ރަށުގެ އެތަން މިތާ ދުއްވާފައި އެންމެފަހުން އެމީހުން ދިޔައީ ތުނޑީކޮޅަށެވެ.
ފަސްގަނޑުމަތީ ހިނގާލައިފައި ދުރު ދުރަށް ދެވެން އޮތްއިރު ދެފަރާތުން ކުދި ރާޅުތައް އައިސް ބޮސްދޭ މަންޒަރު ނުހަނު ހިތްގައިމެވެ. އޮއްސެމުން އައި އިރުގެ އޮރެންޖް ދަޅަތައް ލޮނުގަނޑުމައްޗަށް އެޅިފައި ހުރިއިރު ކުރެހުންތެރިއެއްގެ ފިއްސަކުން ކޮށްފައިވާ މަސައްކަތެއް ފަދައެވެ. ފަސްގަނޑުމަތީ އޮތް ގަސްގަނޑެއްގައި ޝަލީން އިނދެގެން ސެލްފީތަކެއް ނަގާފައި ފޯނު އަނބުރާ ދަބަސް ތެރެއަށް ލިއެވެ. ވިޝާއާ މާނާ އޭރުވެސް ހުރީ ފައިކުރި އޮޅައިގެން ގޮސް ރާޅުޖަހާ ހިސާބުގައެވެ. ދެމީހުން އަމިއްލަ ވާހަކައިގައި ތިބެ އިރުއިރުކޮޅާ ހިނިގަނޑެއް ޖަހައިލައެވެ. ޝަލީންގެ ނަޒަރު އަލޫކްއަށް ހުއްޓުމުން އިސްޖަހައިލަން މަޖުބޫރުވީ ލަދުންނެވެ. މެންދުރު ހިނގާދިޔަ ހާދިސާއަށްފަހު އޭނާ ހުރީ އަލޫކް ކުރިމައްޗަށް އަރަންވެސް ޖެހިލުންވެފައެވެ. ފަހަކަށް އައިސް އަލޫކްގެ ފުށުން އޭނާއަށް ފޯރުވަމުންދާ އަސަރަކީ ވިސްނާ ވިސްނާވެސް އޮޅުންނުފިލާފައި އޮތް ކަމެކެވެ. ޝަލީން ކަންބޮޑުވަނީ އަލޫކްގެ އެންމެގާތް އެކުވެރިޔާގެ މަޤާމުގައި ހުރެ ނުކުރަންވީ އިހްސާސެއް ހިތުގައި އަށަގަންނަމުންދާ ކަމުގެ ބިރު އިހްސާސްވެފައެވެ.
"ކޮބާ ދާންވީއެއްނު. އަނދިރިވީމަ ދާންވެސް އުދަނގޫވާނެ." ޝާހަމް ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރެފައި އެނބުރި އައިސް ޝަލީންއާ މުޚާތަބު ކުރިއެވެ. ޝަލީން ބޯޖަހާލައިފައި ތެދުވެ ފައިން ކުޑަކޮށް ވެލި ފޮޅައިލިއެވެ. ވިޝާމެންނާއެކު އަލޫކްމެންވެސް އައިސް ހަމަވުމުން އެންމެން އެކީގައި ގޮސް ގަސްތަކުތެރެއިން ނިކުތެވެ. ދުރުގައި ބަހައްޓާފައި ހުރި ސައިކަލު ތަކާއި ހަމައަށް ދެވުނުއިރު މަޣްރިބް ނަމާދު ބަންޤި ގޮވަން ފެށީއެވެ.
އެރޭ ކައިގެން ދޮންދައިތައާ މަންމަ އަތުގުޅާފައި ބޭރަށް ދިއުމުން ގޭގައި ތިބީ ޅަ ކުދިންކޮޅެވެ. ފަތިސް ނަމާދު ބަންޤި ގޮވަން ހޭލަން ޖެހޭނެތީއޭ ކިޔާފައި ތައްހާނުގެ އާދައިގެ މަތިން ކޮޓަރިއަށް ވަދެ ނިދައިފިއެވެ. ސިޓިންރޫމްގައި ލައްކޮށްފައި ހުރި ކެރަމް ބޯޑެއް ފެނިގެން ޝަލީން އެދަމާ ނެރެފައި ކެރަމް ކުޅެން އެންމެނަށް ދައުވަތު ދިނެވެ. އެކަމަކު އެންމެކުރިން ފޫހިވީވެސް އޭނާއެވެ. އޭނާ އިން މަޤާމުގައި މާނާ ބައިންދާފައި ތެދުވެގެން މައްޗަށް އައިއިރު އެގާރަ ޖަހަން އުޅެއެވެ. ޝަލީން އަންނަމުން ގެނަ ޖޫސް ޕެކެޓު ބޮމުން ނިކުތީ ބެލްކަންޏަށެވެ.
ތާޒާ ވައިރޯޅިތައް އައިސް މޫނުގައި ބީހެން ފެށިއިރު އުޑުމަތި ފުރިފައި އޮތީ ތަރިތަކުންނެވެ. އަނދިރީގެ ތެރޭ ދިއްލާފައިވާ ހުދު ބޮކިތަކެއް ފަދައެވެ. ޝަލީން ޑޭޓާ އޮންކޮށްލިތަނާ ފުލުފުލުގައި މެސެޖްތައް އަންނަން ފެށިއެވެ. ޖަވާބު ދޭ ހިތް ނުވެފައި އޭނާ މެސެޖްތަކަށް ދިނީ ބީރު ކަންފަތެކެވެ. "ކީއްވެ އަހަރެންނާ ދުރުން ތިއުޅެނީ؟" އިރުކޮޅެއް ފަހުން އަލޫކް ވާހަކަދެއްކި އަޑު އިވުނީ ކަންފަތްދޮށުންނެވެ. ޝަލީންގެ ގައިން ހީބިހި ނަގައިގަތް ނަމަވެސް ހަށިގަނޑަށް ގުޑުމެއް އަރުވައިނުލެވިފައި ހުރެވުނެވެ. އަލޫކް އޭނާޣެ ފަހަތުގައި ހުރެފައި ކޮނޑުގައި ދަތްދޮޅި އަޅުވާލުމުން ތުނބުޅީގައި ތުނިކޮށް ހުރި އިސްތަށިތަކުން ކުރުވި އިހްސާސަކުން ހީލިކަރުވައިގަތެވެ