ވިހި އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނާހިދާގެ އިނގިއްޔެއް އެހަރަކާތް ކޮށްލީ." ނަރުސްމީހާ އިނގިލި ދިއްކޮށްފައި ދެއްކުމުން ޝަލީންވެސް ބަލައިލިއެވެ. އެވަގުތު އޭނާވެސް އެމަންޒަރު ފެނުނެވެ. ހުއްޓުންއަރާފައި ޝަލީން ހުއްޓާ އަންހެންމީހާ ދުވެފައި ދިޔައީ ފޯނު ބަލައެވެ. އެމީހާ ފޯނުން އިމާދުއަށް ގުޅައިގެން ނާހިދާގެ އިނގިއްޔަށް ހަރަކާތް ގެނަ ވާހަކަ ކިޔާ އަޑު އަހަން ހުރެފައި ޝަލީން ހުއްދަ ހޯދުމަކާ ނުލާ އެތަނުން ނިކުމެ ދޮރު ލައްޕައިލިއެވެ.

އެނބުރި އައިސް އޮފީހަށް ވަންއިރު އިމާދުގެ ތުންފަތުގައި ވަނީ ހިނިތުންވުމުގެ އަސަރެވެ. ނަރުސްގެ ކޯލު ލިބުމާއެކު އޭނާ ހުރިހާ މަސައްކަތެއް ދޫކޮށްލާފައި ދިޔައީ އެގެއަށެވެ. އޭރު ޝަލީންއަށް ފެނުނު މަންޒަރު ޚުދު އޭނާއަށްވެސް އެތަނުން ފެނުނެވެ. އެތައް ދުވަހަކަށްފަހު ލޯބިވެރިޔާގެ އިނގިއްޔަށް ހަރަކާތެއް ގެނަތަން ފެނުމުން ލޯ ކަރުނުން ފުރުނެވެ. ޑޮކްޓަރ ބުނެދިނީ މިއަދު ގެ އެކުރިއެރުން އެއީ އެއީ ނާހިދާ ރަނގަޅު ވެދާނެ ކަމުގެ ފެހި ސިގްނަލެއް ކަމުގައެވެ.

ކެބިންގެ ދޮރާއި ހަމައިން އިމާދުގެ ޕީއޭ އައިސް ހުއްޓިފައި އެތެރޭގައި ޝަލީން އިން ވާހަކަ ބުނުމުން ހިތް ތެޅިގަތީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެކަމަކު އެނުތަނަވަސްކަން މޫނުން ފެނުމުގެ ކުރިން އޭނާ ހިނިތުންވެލިއެވެ. ދޮރު ހުޅުވާލުމާއެކު ޝަލީން މޭޒު ދޮށުގައި އިނދެފައި ބަލައިލި ގޮތުން ހަނދާންތައް ދަތުރުކޮށްފައި ދިޔައީ މާ ކުރީގެ ދުވަހަކާއި ދިމާއަށެވެ. އެއީ ޝާހަމްގެ ކައިވެނި ފުރަތަމަ ފަހަރަށް ހަމަޖެހިފައި އޮތް ރެއެވެ. އިމާދު ބޭރުގައި އުޅެފައި އައިސް ތައްޔާރުވާން ކޮޓަރިއަށް ވަނުމާއެކު ޝަލީން އެނދުގައި އިނދެފައި ބަލައިލީވެސް ހަމަ އެފަދަ ނަޒަރަކުންނެވެ. ތަފާތަކީ އެދުވަހު ކަރުނައާއި ރުޅިވެރިކަމުން އަނދައަނދާ ހުރި ލޮލުގައި މިއަދު ތަރުޖަމާކުރަން ދަތި ގޮތެއް ހުރުމެވެ.

"ބައްޕަ ތީ ކޮންކަހަލަ މީހެއް؟ ކީއްވެ އެވަރުގެ ކަމެއް ސިއްރު ކުރީ؟ ކިހިނެތް މިއޮތްހާ ދުވަހު އަހަރެމެންގެ މުޅި އާއިލާއަށް އޮޅުވާލައިގެން ތިއުޅުނީ؟ އެއްފަހަރުވެސް ވިސްނާލިންތަ މަންމައަށް ވާނެގޮތް؟ ހައު އެބައުޓް ދޮންބެ؟ ދޮންބެ ބޭނުން ނުވާ ކުއްޖަކާ ގުޅެން މަޖުބޫރު ކުރާއިރު ބައްޕަ ކިހިނެތް ތިއުޅެނީ؟" އިމާދު ގޮސް މޭޒުގެ އަނެއްފަރާތުން ޝަލީން ކުރިމަތީ ހުއްޓިފައި ބަލަހައްޓައިގެން ހުއްޓާ ދެންމެ ވީ ކަމެއް ހެން ކަންފަތުގައި ގުގުމައިލީ ޝަލީން އެދުވަހު ރޮވިފައިފައި ހުރެގެން ގޮވި އެއްޗެއްސެވެ. އެހިޔާލުތަކުން ސަލާމަތް ވުމަށްޓަކައި ދެފަރާތަށް ބޯ ހޫރައިލާފައި އަދިވެސް އެއްފަހަރު ހިނިތުންވެލިއެވެ. ފަހަރުގައި ކުރެވިގެން މިއުޅެނީ ކުށްހީ އަކަށް ވެދާނެ ކަމުގައި ސިކުނޑި ބުރަވުމުން ނުތަނަސްވަކަން ކުޑަވިއެވެ.

"ދަރިފުޅާ! ބައްޕަ ހޯދަން ތިއައީ ކަމަކުތަ؟" އިމާދު ސުވާލުކޮށްލީ އެއްވެސް ކަމެއް ނުވާފަދަ ގޮތަކަށެވެ. އޭނާ ޖީބުން އަތް ނަގާފައި ގޮސް ކުރިމަތީ ހުރި އަނެއް ގޮނޑީގައި އިށީނުމާއެކު ޝަލީން ތެދުވިތަން ފެނުނެވެ. "މީހުން ބުނެއެއްނު ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ހަޤީޤަތް ފަޅާ އަރަން އަބަދުވެސް ކޮންމެވެސް ގޮތެއް މެދުވެރިވާނެއޭ." ޖަވާބުގައި ޝަލީން ބުނެލި ހަރު ވާހަކައިން އިމާދު ސިހުނެވެ. އޭނާ އިސްއުފުލާލުމާއެކު ދަރިފުޅު އައިސް ހުއްޓުނީ ކުރިމަތީގައެވެ. "ކޮން ހަޤީޤަތެއްގެ ވާހަކައެއް ދަރިފުޅު ތިކިޔަނީ؟" އިމާދު ހިނިގަނޑެއް ޖަހާލައިފައި މަސައްކަތް ކުރީ އަދިވެސް ފޮރުވުމަށެވެ.

"އޮޅުވާލަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ބައްޕާ. އަހަރެންނަށް ހުރިހާ ކަމެއް އެނގިއްޖެ." ޝަލީން ރައްދު ދިން ގޮތުން އަދިވެސް އެއްފަހަރު އިމާދު ސިހުނެވެ. "ބައްޕައަށް އެކްސްޕްލެއިން ކޮށްދެވިދާނެ." ހަތަރުކަޅި ހަމަކުރުމަށްފަހު ޝަލީންގެ ލޮލުން ފައުޅުވި ވާހަކައިން އިމާދު ނިންމީ ހަތިޔާރު ބެހެއްޓުމަށެވެ. އޭނާ މަސައްކަތް ކުރީ ގޯހުން ގޯހަށް ނުދަނީސް ރަނގަޅު ކުރާނެ މަގެއް ފެނޭތޯއެވެ. އެކަމަކު ކުރިން އެހަޤީޤަތް ކުރިމައްޗަށް އައި ދުވަސް ފަދައިން ޝަލީން އޭނާގެ ވާހަކަ އަޑު ނާހައި ހިނގައްޖެނަމަ ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އެދުވަހު ޝަލީން ނިކުމެގެން ދިޔައީ ދެން ބައްޕަގެ މޫނު ފެންނަ ހިސާބަށްވެސް ނާންނާނެ ކަމަށް ބުނެ ވަޢުދު ވެފައެވެ.

"ބައްޕަގެ އެއަމަލުގެ ފަހަތުގައި އޮވެދާނެ އެކަށީގެންވާ ބޮޑު ސަބަބެއް. އަހަރެން ޤަބޫލު ކުރަން އެކަން. އެހެންނޫން ނަމަ ވިހި އަހަރުވަންދެން އެންމެ މީހެއްގެ ޚިދުމަތުގަ ހުރުމަކީ ފަސޭހަ ކަމެއް ނޫން. ވެދާނެ އެމީހަކީ ބައްޕަގެ ހަޔާތުން ވަކިކޮށްލެވޭ ވަރަށްވުރެ ހާއްސަ ފަރާތަކަށް. އެކަމަކު އެކަން ސިއްރުކޮށްގެން މިހާ ދުވަހު ހުރި ހުރުމަކީ ބައްޕައަށް ހެދުނު ގޯހެއް." ޝަލީން ދިން ޖަވާބު އިމާދުއަށް ޤަބޫލެއް ނުކުރެވުނެވެ. ފުންމައިގެން ތެދުވެފައި ހައިރާންވެގެން އެމޫނަށް ބަލަން ފެށުނެވެ.

"އެހެންވެ މިއަދު އަހަރެން ބައްޕަ ކައިރީ އެދެން މިއައީ އެންމެ ކަމަކަށް. އެއީ އަހަރެންނަށް ފައުޅުވިހެން ފައުޅު ނުވަނީސް ބައްޕަ އަމިއްލައަށް އެހެން މީހުންނަށް ބުނެދޭން. މިކަމުގަ ނާއިންސާފީ ވެވިފައި ވަނީވެސް މަންމައާ ދޮންބެއަށް. މަޢާފަށް އެދެން ޖެހޭ ބަޔަކީވެސް އެއީ." ޝަލީން އިތުރުކޮށްލިއެވެ.

"ތިހެން ތިބުނަނީ ހަމަ ދަރިފުޅުތަ؟ ބައްޕަގެ ޝަލީންތަ ތިހެން ތިބުނަނީ؟" ޒުވާން ވަންދެން ބަލާ ބޮޑުކުރި ދަރިފުޅުގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު ބަދަލުން އިމާދު ސިއްސުވާލައިފިއެވެ. ކޮޅަށް ތެދުވެފައި ޝަލީންގެ މޫނުގައި ދެއަތުން ހިފާލެވުނުއިރު އެދެއަތްތިލައަށް މަޑު ތުރުތުރެއް ވެރިވެއްޖެއެވެ. އޭނާގެ ޝަލީންއަކީ ކުޑަ ކަމަކާވެސް ނުވާވަރަށް ރުޅިދައްކާ ކުއްޖެކެވެ. ހަނދާންތައް ފިލިއަސް މިވަރުގެ ބަދަލެއް ޝަލީންގެ މިޒާޖަށް އަތުވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިވަނީ ކީއް ހެއްޔެވެ؟

"އާ ބައްޕާ އަހަރެން ރުޅިއެއް ނާދޭ. އެންމެ ހައިރާންވި ކަމަކީ ދެވަނަ ފަހަރަށް އެއް ހަޤީޤަތަކާއި ކުރިމަތި ވުމަށްފަހުވެސް އެއީ ހިނގި ކަމެއްކަން ޔަޤީންވާ ފަދަ އެއްވެސް ހަނދާނެއް ނައީތީ. އެހެންނަމައެއްނު ރުޅި އާދެވޭނީ. އަހަރެން ހަމައެކަނި ބޭނުންވެގެން މިއައީ ދޮންބެއާ މަންމައަށް ހަޤީޤަތް އަންގާށޭ ބުނަން." ޝަލީން ބައްޕަގެ ދެއަތުގައި ހިފާ ތިރިކށްލައިފައި ބުނެލިއެވެ. އޭނާ ދާންވެގެން ފުރަގަސްދިން ވަގުތު ބައްޕަ ކުއްލިއަކަށް ގޮވާލިއިރު އެއަޑުގައިވި ބިރުވެރިކަމުގެ އަސްލު ވިސްނުނެވެ. ހަނދާނުގައި ނެތަސް ވެދިޔަ ކަންކަމަށް ފަހު އޭނާއަށް ހުރީ ވިސްނިފައެވެ. ދޮންބެއާ އެއް ފްލައިޓަކަށް ގޮސް އެރުނީ ދޮންބެގެ ކައިވެނީގެ ރޭ ބައްޕައާ ދެބަސްވެފައި ނިކުމެގެން ގޮހެވެ. "ހާސްނުވޭ ބައްޕާ. އަހަރެން ނޫޅެން އެއްވެސް ތާކަށް ދާކަށް. އަހަރެން ދާނީ ގެއަށް." ޝަލީން ބައްޕައަށް އިއްވާލައިފައި ނިކުތެވެ. އެވަގުތު އިމާދުއަށް ވެއްޓިގަނެވުނީ އަނެއްކާވެސް ކުރިން އިން ގޮނޑިއަށެވެ. ނިތްކުރީގައި އަތުން ހިފަހައްޓާލައިގެން އިނދެ ވިސްނާލެވުނީ އޭނާގެ އާއިލާ ކުރިމަތީ ނާހިދާގެ ވާހަކަ ބުނާނެ ގޮތަކާމެދުގައެވެ.

ގެއަށް ގޮސް ވަންއިރު ސިޓިންރޫމުން އަލޫކް ފެނިގެން ހުއްޓެވުނެވެ. އަލޫކްވެސް ތެދުވީ ޝަލީން ފެނިފައެވެ. "ކޮންތާކު ތިއުޅެނީ؟" އަލޫކް އައިސް ޝަލީން ކައިރިއަށް ހުއްޓި ސުވާލުކޮށްލިއިރު އެމޫނަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވާލަދިނެވެ. އެތަން ފެނުނީ ކާކޮޓަރިން ނިކުތް ނަޖުމާއަށެވެ. މަންމަ ބަލަން ހުރިކަން ޝަލީންއަށް ފާހަގަ ވުމާއެކު އެދެމީހުންނަށް ތިބެވުނުލެއް ގާތްކަން އިހްސާސްވެފައި އަވަހަށް ދުރަށް ޖެހިލިއެވެ. "ބޭރަށް ގޮސްލާފަ މިއައީ." ޝަލީން ގޮސް ސޯފާގައި ޖައްސައިލިއެވެ. "އަހަރެންނަށްވެސް އިނގޭ ބޭރުންކަން ތިއައީ. މިބުނީ މިހާރަކަށް އައިސް ޚަބަރެއް ނުވާ ވާހަކަ. ގުޅިއަސް ދިމައެއް ނުވޭ." އަލޫކް އައިސް އެހާ ގާތުގައި އިށީންދެލުމުން ޝަލީން ފިނިވިއެވެ. އެވަގުތުވެސް އޭނާއަށް ބަލައިލެވުނީ އެދެމީހުންނަށް ބަލާފައި އެނބުރި ކާކޮޓަރިއަށް ވަން މަންމައަށެވެ.

"ހިނގާ މިރޭ ބޭރަށް ކާން ދާން!" ޝަލީން ކާކޮޓަރި ދޮރަށް ނަޒަރު ހުއްޓާލައިގެން އިންދާ އަލޫކް ބުނެލިއެވެ. "ވަޓް؟" އެވަގުތު ޝަލީން ފާޑަކަށް ބަލައިލުމުން އަލޫކްއަށް ބުމަ އަރުވާލެވުނެވެ. "ލޫކްއާ އެކު ގިނަ ވަގުތު ހޭދަ ކުރި ވަރަކަށް އަހަރެންގެ ޝައްކު ޔަޤީން ވަމުން އަންނާތީ ވިސްނާލެވުނީ." ޝަލީން ބުނި އެއްޗެއް އަލޫކްއަކަށް ދޭހައެއް ނުވިއެވެ. "ކޮން ޝައްކެއް؟" އަލޫކް އަނެއްކާވެސް އަހައިލިއެވެ. "ކުރިން އަހަރެން ލޫކް ނުދަންނަކަން." ޝަލީން ސީރިއަސްވެފައި ބުނެލި ނަމަވެސް އަލޫކް ހީކުރީ ކޮށްލި ސަމާސައެއް ކަމަށެވެ. އޭނާ ހީގެންފައި ބަލާލިއިރު ޝަލީން ސީރިއަސްވެފައި ބަލަން އިންގޮތުން ހިނިގަނޑު މަތަވިއެވެ. "ޔޫ އާ ނޮޓް ސީރިއަސް. އާ ޔޫ؟" އަލޫކް ދެވަނަ ފަހަރަށް އެހުމުން ޖަވާބު ދޭނެ ހިތްވަރެއް ޝަލީންއަކަށް ނުލިބުނެވެ. އޭނާ ދާންވެގެން ތެދުވެފައި ހުއްޓެން މަޖުބޫރުވީ ފަސްދެވުނުފަހުން އަލޫކް އެއަތުގައި ހިފައިލީމައެވެ.

"ކިހިނެތްވީ؟" ޝަލީން ބަލައިލިއިރު އަލޫކްވެސް އިނީ ސީރިއަސްވެފައެވެ.

ކުޑައިރުކޮޅެއް ފަހުން ދެމީހުން ތިބީ ޝަލީން ކޮޓަރި ދޮރުމަތީގައެވެ. ޝަލީން ވަދެގެން ގޮސް އެނދުގައި އިށީންއިރު އަލޫކް ފަހަތުން ވަދެ ދޮރު ލައްޕާލައިފައި އިށީންދެލީ ކުރިމަތީ ހުރި ސޯފާގައެވެ. "މިއަދު އަހަރެންނަށް ވަރަށް ބޮޑު ސީކްރެޓްއެއް އޮޅުންފިލީ. އެކަމަކު އެވަރުންވެސް ހަނދާނެއް ނުވި އެދުވަހު ކަންކަން ވީ ގޮތެއް. މިހާރު ކިހާ ދުވަހެއް މިވަނީ އައިސް މިގޭގައި މިއެންމެންތެރޭ އުޅޭތާ. މިހާރު އަނެއްކާވެސް އަހަރެންނަށް ހީވާން ފަށައިފި މިގޭގައި މިއުޅޭ އެއްވެސް މީހަކީ އަހަރެން ކުރިން ބައްދަލުވެ އެނގިފައިވާ ބައެއް ނޫނޭ. ލޫކް އަހަރެން ވަރުބަލިވެއްޖެ ޓްރައިކޮށްކޮށް. އެކަމަކު އެދެވޭ ނަތީޖާއެއް ނުފެނުނު." ޝަލީން ފެންކަޅިވެފައި އިނދެގެން ވާހަކަ ދައްކާ ނިންމާފައި އިސްޖަހައިލުމުން ކަރުނަތިއްކެއް ވެއްޓި ކޯތާފަތުން ތިރިއަށް ދަތުރު ކުރަން ފެށިއެވެ. އަލޫކްއަށް އެވަގުތު އެންމެ އުދަނގޫވީ ދުރުގައި އިންނަން ޖެހި ގެންނެވެ. ހިތްވަރުދީ އަތުތެރޭ ބޮނޑިކޮށްލަން ބޭނުންވި ވަގުތު އޮބިއަޅައި އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ކުރުން ނޫން ގޮތެއް ނެތެވެ.

"ކޮންއިރަކު އެންމެފަހުން ޑޮކްޓަރާ ބައްދަލު ކުރަން ދިޔައީ؟" އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަލޫކް އެހިއެވެ. "ދުވަސްކޮޅެއް ވެއްޖެ ނުދަނީ." ޝަލީން ޖަވާބުދިނެވެ. "އެއީ ކީއްވެ؟" އަލޫކްގެ އަޑުގައި ހުރީ ހިތްހަމަ ނުޖެހުމެވެ. "ބޭކާރު ކަމެއް ހެން ހީވަނީ. އޭނަ ކިޔައިދޭ އެއްވެސް ވާހަކައެއް އަހަރެން ހަނދާނެއް ނުވޭ. އަހަރެންގެ އަމިއްލަ އިހްސާސްތައް ކިޔައިދިނުމަށްވުރެ އޭނަ އިސްކަން ދެނީ ކިޔައިދޭ ވާހަކަތަކަށް. އަޑުއަހަން ހުންނައިރު ހީވަނީ ވާހަކައެއް އަޑުއަހަން އިނދެވޭހެން." ޝަލީން އޮޅުންފިލުވައިދިނެވެ. "ކޮން ކަހަލަ ވާހަކަތަކެއް؟" އަލޫކް އޮޅުންފިލުވާ ހިތްވިއެވެ.

"އޯލްޑް މެމޯރީސް. ކުޑައިރުގެ ހާދިސާތައް. މަންމައާ ބައްޕަ. ދޮންބެއާ އަހަރެން." ޝަލީން ޖަވާބު ދިނެވެ. އަލޫކް އެއްޗެއް ނުބުނި ނަމަވެސް އެޖަވާބާމެދު ފުންކޮށް ވިސްނާލެވުނެވެ.

"ކިހިނެތްވެފަ ތިއިންނަނީ؟" ޝާހަމް އޮފީސް ނިންމާފައި އައިސް ވަންއިރު ވިޝާ އެނދުގައި އިނުމުން ސުވާލުކޮށްލިއެވެ. އެމޫނުގެ އުޖާލާކަން ކެނޑި މޫނުމަތިން ބަލިވައްތަރު ޖަހާލައިފިއެވެ. "ބޮލުގަ ރިއްސަނީ." ވިޝާ އިންގޮތަށް އިނދެފައި ޖަވާބުދިނެވެ. "ބޭސް ކާންވީނު." ޝާހަމް ބޫޓު ބާލާފައި ލައިގެން ހުރި އެއްޗެއްސާއެކު ގޮސް ޑްރެސިން ޓޭބަލް ވަތްގަނޑެއް ހުޅުވާފައި ބޭސް ކާޑެއް ނަގައިގެން ކައިރިއަށް އައެވެ. ވިޝާ އެއިން ގޮތަށް އިންދާ އެތާހުރި ޖަގަކުން ތަށްޓަކަށް ފެން އަޅާފައި އެހިފައިގެން މަގަތުގައި އިށީންދެލައިފައި ބޭސްކާޑު ދިއްކޮށްލިއެވެ. ވިޝާ ބަހެއް ނުބުނެ ބޭސްކާޑުގައި ހިފައި ގުޅައެއް ނަގާފައި ޝާހަމް ދިއްކޮށްލި ފެންތަށީގެ އެހީގައި ބޭސްކައިފިއެވެ. އޭނާ ކުރިންވެސް އިންގޮތަށް ބާލީސް ތަކުގައި ލެނގިލައިގެން ލޯ މަރައިލިއެވެ. ދުރަށް ދިއުމުގެ ބަދަލުގައި ޝާހަމް ނުހަނު ކައިރިން އެރީތި މޫނަށް ފުންކޮށް ބަލައިލިއެވެ. ވިޝާގެ ނިތުގައި އަތް ޖައްސާލައިފައި ކޯތާފަތް މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވާލަދިންއިރު ނިކަން ލޯބިން "ދެން ނިދާލާށޭ" ކިޔާފައި ތެދުވެގެން ދުރަށް ދިޔައެވެ.

ހަވީރު އަލޫކްއާ ބައްދަލުކުރަން ބުނެވިފައި އޮތުމުން ޝަލީން ފެންވަރާލައިގެން ނިކުމެ ތައްޔާރުވާން ހުއްޓާ ވިއްސާރައިގެ އަލާމާތްތައް ފެންނަން ފެށިއެވެ. ދަބަސް އަޅުވާލައިގެން ނިކުންނަން އުޅެފައި ބެލްކަނި ބަލާލިއިރު ތުނިކޮށް ވެހެން ފަށައިފިއެވެ. ޝަލީން ހިޔާލު ބަދަލުވެގެން ދަބަސް ބާއްވާފައި ވާރެއަށް ނިކުމެ ހުއްޓާ ގަދަ ވަޔާއެކު އައި ފެންތިކިތަކުން މޫނާއި ހަށިގަނޑު ތެންމާލިއިރު ބަންދު އެސްފިޔަތަކު ތެރޭން ކުރީގެ ހަނދާނެއް އާވެގަތީ ސިކުނޑީގައި ޓައްކެއް ޖަހައިލި ހެންނެވެ. ލޯ މަރައިގެން ހުއްޓާ ކަންފަތުގައި ހަރުލީ ހެމުން ސަކަރާތް ޖަހަމުން ދިޔަ ޒުވާން އަންހެންކުއްޖެއްގެ އަޑެވެ. އޭނާ އެތާ ހުއްޓިއިރު އެކުއްޖާ ވާރެއިން އުފާ ހޯދަމުން ދުވަން ފެށީ ޝަލީންގެ ވަށައިގެންނެވެ. ލޯ ހުޅުވާލުމުން އެއަޑާއި އެމަންޒަރުވެސް ގެއްލުނެވެ. އެކަމަކު ދެން ދާންވީ ކޮން ތާކަށްކަން ޝަލީންއަށް އެނގުނެވެ.

ސިޓިންރޫމްގައި ސަމެންތާ ހުރެފައި ގޮވައިލި ނަމަވެސް ޝަލީން އެއަޑެއް ނާހައެވެ. ދުވެފައި ނިކުމެ ޑްރައިވަރ ކައިރީ ކާރު ނެރެން ބުނެފައި ގޮސް ހުރީ ގޭޓު ކައިރީގައެވެ. އިރުކޮޅެއް ފަހުން ޑްރައިވަރ ކާރުގައި އައިސް ކައިރިކޮށްލުމުން އަރައި އިށީންދެފައި މަންޒިލާ ހަމައަށް ފޯރާނެ އިރަކަށް އިންތިޒާރު ކުރަން ފެށިއެވެ. ޑްރައިވަރ އޭނާ ބުނި ތަނަށް ކާރު މަޑު ކުރުމުން ނިކުމެ ބަލާލިއިރު ގޭގެ ދޮރާށި ހުރީ ލައްޕާފައެވެ. ޝަލީން ދޮރާށިން ވަދެ ގޭގެ ބެލް ޖަހާފައި ފުރަގަސްދީގެން ހުއްޓި ހުރީ އަސްކަނިން ވެހެމުން ދިޔަ ވާރެއަށް އަތް ދިއްކޮށްލައިގެންނެވެ. އެއިސްތަށިގަނޑު ތެމިފައި އޮތްއިރު ހެދުން ގައިގައި ތަތްވެފައެވެ.

އިރުކޮޅެއް ފަހުން ގޭގެ ދޮރު ހުޅުވާލައިފައި ނިކުތް ނުހައިކްއަށް އޭނާ ފެނިގެން ސިހިފައި ނަމަކުން ގޮވާލައިފިއެވެ. ފުރަގަސްދީގެން ޝަލީން ހުރިއިރު އޭނާގެ ހިތް ބުނީ ކުރިމަތީ ހުރީ ހަމަ އެއަންހެންކުއްޖާ ކަމުގައެވެ. އެކަމަކު އެހެން ވާނީ ކިހިނެތް ހެއްޔެވެ؟ ލޮލުގެ ފެނުން އޭނާއަށް ސަމާސަ ކުރަނީ ހެއްޔެވެ؟ ނޫނީ މީ ފެންނަ ހުވަފެނަކީ ހެއްޔެވެ؟

"ޝަލީން؟" އެނބުރި ބަލާލުމާއެކު ޝަލީންގެ މޫނު ފެނިގެން ނުހައިކް ދެވަނަ ފަހަރަށްވެސް ހަމަ އެ އަޑާއި ރާގުގައި ގޮވައިލިއެވެ. "ހޫމ ޝަލީން. އެކަމަކު އީޝާ އަކީ ކާކު؟" ޝަލީން ނުހައިކް މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެގެން ސީރިއަސް އަޑަކުން އެހިއެވެ. "ކީއްކުރަން ތިއައީ؟" ނުހައިކް އުޅުނީ ވާހަކަ ބަދަލުކޮށްލާށެވެ.

"އަހަރެން ކުރި ސުވާލަށް ޖަވާބެއް ނުދެމެއްނު." ޝަލީން ކުރިއަށް ޖެހިލާފައި ނުހައިކްގެ އަތުގައި ހިފަހައްޓައިލި ވަގުތު ނުހައިކްއަށް ތެޅިގަނެވުނެވެ. އޭނާ ޝަލީންގެ އަތް ދުރުކޮށްލާފައި އަތުގައި ހުރި ފެންތައް ފުހެލުމަށްފަހު ޖަވާބެއް ނުދީ ހުއްޓާ ފަހަތުން މަންމަ ނިކުމެފައި އެދެމީހުން ފެނިގެން ހައިރާންވެފައި ޝަލީންއަށް ގޮވައިލިއެވެ.

 

ކޮމެންޓް 0