ސީ ހައުސްއަށް ދާންވީ." އޭނާ ބޭނުން ނެތިވެސް ދާންވީ މަންޒިލް ބުނެދިނެވެ. އަނގައިން ނުބުނެ ބޭރު ބަލަން އިނދެފައި ވާހަކަދައްކަން ފެށީ އަލޫކް އޮން ކޮށްލި ލަވައެއްގެ ސަބަބުންނެވެ. "ތި ލަވަ ނިއްވާލާ! ބޮލަށް އުދަނގޫ." ޝަލީން ލޯއަޅައިލާފައި އެހެން ބުނެލިއިރު އަލޫކް މޫނުން ހައިރާންކަން ފައުޅުވިއެވެ. އެކަމަކު އޭނާ އެއްޗެއް ނުބުނެއެވެ.

ދެމީހުން އެކުގައި ސީ ހައުސްއަށް ވަދެގެން ދިޔައިރު ޝަލީންގެ ލޯ ކެތްތެރިކަމެއް ނެތި ހޯދަމުން ދިޔައީ ނުހައިކްއެވެ. ދެމީހުން އިށީންދެ ހެނދުނުގެ ނާސްތާއަށް އޯޑަރ ދިންފަހުން މޭޒުތައް ފުރެން ފެށީ ރަސްމީ ހެދުމުގައި އައިސް ވަންނަން ފެށި މީހުންތަކުންނެވެ. ޝަލީންގެ އުންމީދު އާވީ އެތަން ފެނިފައެވެ. އޭނާ ކެތްމަދުވެފައި އިންދާ އިރުކޮޅަކުން މެއަށް ފިނިވެގެން ދިޔައެވެ. މައި ދޮރުން ވަދެގެން އައިސް ދާދި ކައިރީ އިށީންދެލީ ހަމަ އެޒުވާނާއެވެ. ނުހައިކްއެވެ. މުށި ކުލައިގެ އަތްދިގު ގަމީހާއި ކަޅު ފަޓްލޫނާއެކު ކަރުގައި ބައްދާލައިފައި އޮތީ ޗޮކްލެޓް ކުލައަށްދާ ޓައީ އެކެވެ. ފަން އިސްތަށިގަނޑު ފަހަތަށް ފުނާއަޅައި ތަތްކޮށްލާފައި އޮތްއިރުވެސް އެއިން ބައެއް ނިއްމައްޗަށް އައިސްފައި އޮތެވެ. އުޅަބޮށްޓާއި ހަމައަށް އަތް އޮޅާލައިފައި އޮތްއިރު ފިރިހެންވަންތަ މުލައްދަނޑި އޮތީ ހާމައަށެވެ.

"އަހަރެން ކިހިނެތް ހަދަންވީ؟ ހަމަ ގޮސް ވާހަކަދައްކަންވީތަ؟ އޯ ގޯޑް... ކެރޭނެބާ؟" ޝަލީން ހިތާއި ހިތުން ވާހަކަދައްކަން އިނދެގެން ތުންފަތުގައި ދަތް އަޅައިލިއެވެ. އަލޫކް ކޮފީ ބޮމުން ފޯނުން ކޮންމެވެސް މެސެޖެއް ލިޔަން އިނުމުން ޝަލީން ވަކި މީހަކަށް ލޯ ހުއްޓާލައިގެން އިންކަމެއް ނުދެނެހުއްޓެވެ. "ލޫކް ދާންވީނު ކާރުގައި މަޑުކޮށްލަން. އަހަރެން ނިކުންނާނަން އިރުކޮޅަކުން." ގިނައިރުވެއްޖެނަމަ ނުހައިކް ހިނގައިދާނެތީ ޝަލީން އެންމެފަހުން ގޮތެއް ނިންމާފައި ވާހަކަދެއްކިއެވެ. "އެއީ ކީއްވެ؟" އަލޫކްގެ ނަޒަރު ޝަލީން މޫނަށް ހުއްޓައިލިއިރު ލޮލުގައި ސުވާލު މާކުތައް ވިއެވެ. ޝަލީންގެ ހާލަތަށް ވިސްނާފައި ނުދަންނަ ބައެއްގެ ތެރެއަށް ދޫކޮށްލާފައި ދާކަށް ހަމަ ހިލާ އެއްބަހެއް ނުވެވޭނެއެވެ. "އަހަރެން މިހެން ބުނީތީ ނުވާނެތަ؟" ޝަލީން ބުނާކަށް ބޭނުމެއް ނުވިއެވެ. "އޯލްރައިޓް. ސްޓޭ ހިއަރ." އަލޫކް ބަލަން އިންގޮތުން ޝަލީންއަށް ޖަވާބު ލިބިގެން ހިޔާލު ބަދަލުކޮށްލައިފައި ތެދުވިއެވެ. އަލޫކް ކޮންމެ އެއްޗެއް ވިސްނިއަސް ހެޔޮ ކަމަށް ހަދާފައި އޭނާ ގޮސް ނުހައިކްގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އޭރު އަލޫކް ނިތަށް ރޫ ގިނަކޮށްލައިގެން އެމަންޒަރު ބަލަން އިނެވެ.

ޝަލީން އިރުކޮޅަކު ބަލަން އިނދެފައި ނުހައިކް އިސްއުފުލައި ނުލުމުން ގޮނޑި ދަމާލައިފައި އިށީންދެއްޖެއެވެ. "ކާކުގެ ހުއްދައަކާ ލައިގެން މިތާ ތި އިށިންނީ؟" ޝަލީންއަށް ހަމަޖެހި ނުލެވި އުޅެނިކޮށް ނުހައިކް ރުންކުރު އަޑަކުން ވާހަކަދެއްކިއެވެ. އެވަގުތު އޭނާގެ ހިތް ތެޅިގަތީ އެއަޑު ކަންފަތުގައި ޖެހިފައެވެ. "އަހަރެން މިއަހަނީ ކާކުހޭ ހުއްދަދިނީ މިތާ އިށީންނަން؟" ޝަލީންއަށް އަނަގއިން ނުބުނެވިފައި އިންދާ ނުހައިކް އިސްއުފުލައިލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެވަގުތު މެއަށް ފިނިވެގެން ދިއުމާއެކު ހިޔާލީ ލޯގަނޑަށް އެޅިގެންދިޔައީ ނުސާފު ހަނދާނެކެވެ. ފެނުނީ ދުރުގައި ހުރެގެން އޭނާއަށް ވަދާޢީ ސަލާމް ކުރުމުގެ ގޮތުން ކޮންމެވެސް މީހަކު ހަނާ އަޅަމުންދިޔަ މަންޒަރެވެ. މޫނު ސާފު ނުވެގެން ލޯމަރައިލާފައި ސިކުނޑިއަށް ލީ ބާރަކުން ބޮލުގައި ރިއްސައިގަތެވެ. "ކަލޭ؟...." ދެވަނަ ސިކުންތުގައި އޭނާއަށް ލޯ ހުޅުވައިލެވުނީ ނުހައިކް އަލުން ވާހަކަދެއްކި އަޑަށެވެ. ބަލައިލިއިރު ބުމަ ކައިރިކޮށްލައިގެން އިނީ ދެކެފަރިތަ މީހަކަށް ބަލާ ހެންނެވެ. "އަހަރެން ދަންނަންތަ؟" ޝަލީން ތެޅިތެޅި އޮތް ހިތަކާއެކު އަވަސް އަވަހަށް އަހައިލިއެވެ. އެވަގުތު އޭނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ނުހައިކް ފުންމައިގެން ތެދުވީ ކޮޅަށެވެ. "ކަލޭ....." ނުހައިކް ވާހަކަދައްކަންވެގެން އުޅެފައި އެހިޔާލު ދޫކޮށްލުމަށްފަހު ވޮލެޓުން ނެގި ފައިސާގެ ނޫޓުމަތީ ވާސް ބަހައްޓައިލިއެވެ. "ތިދަނީތަ؟ މަޑުކޮށްބަލަ! އަހަރެން ބޭނުން ވާހަކަދައްކަން. އެބަހުރި ކުރަން ހުރި ސުވާލުތަކެއް...." ޝަލީން ތެދުވެފައި ނުހައިކް ހުއްޓުވޭތޯ މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ. ނަމަވެސް ނުހައިކް އެއަޑެއް ނޭހިއެވެ. ވޮލެޓު ޖީބަށް ކޮށްޕާލައިފައި ފޯނު އަތަށް ލައިގެން ބާރު ބާރަށް ހިނގާފައި ގޮސް އެތަނުން ނިކުމެއްޖެއެވެ. މަންޒަރު ބަލަން އިނދެފައި އަލޫކް ތެދުވެގެން އައިސް ކައިރިއަށް ހުއްޓުނީ އެވަގުތުއެވެ. "ލޫކް. އޭނައަށް އަހަރެން އެނގޭ. އޭނައަށް އެނގޭ އަހަރެން މީ ކާކުކަން..." ޝަލީންއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ފެންކަޅިވެފައި ހުރެގެން ވާހަކަދެއްކިއެވެ. "އެކަމަކު ނަސީބު ދެރަކަމުން އޭނަ ޝަލީއަށް ނަފްރަތު ކުރޭ. ހިތަށް އަރާ ޝަލީ އޭނައަށް ކީއްބާއޭ ކުރީ؟" އުންމީދު އާކޮށްދިނުމުގެ ބަދަލުގައި އަލޫކްގެ ވާހަކަ ހުރީ އޭގެ އިދިކޮޅަށެވެ. އޭނާ ނުހަނު ހަމަޖެހިފައި ހުރެގެން ހަނދާންކޮށްދިނީ ޝަލީން އަހަން ބޭނުން ނުވި ވާހަކައެވެ. އެވަގުތު އެމޫނުގެ އުޖާލާކަން ކެނޑި ނުތަނަވަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. އަލޫކް ނޭހިއަސް ފަހުން ކުރި ސުވާލަކީ ޚުދު އޭނާގެ ހިތުގައިވެސް އުފެދުނު ސުވާލެކެވެ. ހިތަށް އަރަނީ ނުހައިކް އެހާ ރުޅި އަންނަން، އޭނާއަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟

ރައްދު ދިނުމުގެ ބަދަލުގައި ޝަލީން ގޮސް ކުރިން އިން ތާނގައި އިށީންދެފައި ފޯނު ނަގައިގެން ކުޅެން އިންދާ އަލޫކްވެސް އައިސް އަނެއްކާ އިށީންނެވެ. ޝަލީން އެއްޗެއް ނުބުންޏެއް ކަމަކު ރުޅި އައިކަން އެނގުމުން އަލޫކްގެ މަޤްސަދު ކާމިޔާބުވިއެވެ. އޭނާ ވޭޓަރަށް ގޮވާލައިފައި ބިލަށް ފައިސާ ދައްކާ ނިމުމުން ދެމީހުން އެކުގައި ގޮސް ކާރަށް އެރީއްސުރެ ގެއާ ހަމައަށް ދެވޭންދެން އެކަކުވެސް ދެން ވާހަކައެއް ނުދައްކައެވެ. ޝަލީން ބާރު ބާރަށް ދޮރު ޖަހާފައި ގޮސް ކުރިމަތީން ގެއްލޭންދެން އަލޫކް އިނީ ލާނެތް ގޮތަކަށް ހިނިތުންވެފައެވެ. އެހިނިތުންވުން ފިލައިގެން ދިޔައީ ކުރިމަތިން އޭނާ ގެއްލުނީމައެވެ. ސީ ހައުސްތެރޭ ކަންތައް ކުރެވުނު ގޮތުން އަލޫކްއަށް އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. އެކުވެރިޔާގެ ހަނދާންތައް އަނބުރާ ގެނައުމަށްޓަކައި އަލި މަގެއް ފެނުމުން އެކަމާއި އުފާވުމުގެ ބަދަލުގައި އޭނާ ކަންތައް ކުރީ ދުޝްމިނަކު ފަދައިންނެވެ. ސަބަބެއް ނޭނގި ރުޅި އާދެވުނީ ޝަލީން ގޮސް އެޒުވާނާގެ ކައިރީގައި ހުއްޓުމަށްފަހު ގައެވެ. އެއްބާރުލުން ދިނުމުގެ ބަދަލުގައި އޭނާ ޝަލީން ރުޅިއަރުވައިލީ އެރުޅީގެ ސަބަބުންނެވެ. އެކަމަކު މަޤްސަދު ކާމިޔާބުވުމުން މިހާރު އެކަމާއި ހިތާމަ މިކުރަނީ ކީއްވެ ހެއްޔެވެ؟ އަލޫކްއަށް އަމިއްލަ ނަފްސްގެ މި މަސްހުނި އިހްސާސްތަކެއް ނުވިސްނުނެވެ. ނިތުގައި ފިރުމާލުމަށްފަހު އަދި އެއްފަހަރު ޝަލީން ވަދެގެން ދިޔަ ދޮރަށް ނަޒަރެއް ދީފައި އޭނާ ކާރު ދުއްވައިލިއެވެ.

"ދަރިފުޅު އެކަނިތަ އައީ؟ އަލޫކް ނާދޭތަ؟" ޝަލީން ސިޑިން އަރަން ދިޔައިރު ނަޖުމާއަށް ފެނިގެން ގޮވައިލިއެވެ. އޭނާ ހިތްހަމަނުޖެހިފައި ހުރިވަރުން ދެފަރާތަށް ބޯހޫރާލައިފައި ދުވެފައި މައްޗަށް އަރައިގެން ދިޔައެވެ. އަތްދަބަސް ތިރިއަށް ދޫކޮށްލައިފައި އެނދަށް ބަންޑުން ވެއްޓިގަނެ ބާލީހުގައި މޫނު ފޮރުވާލެވުނުއިރު ލޮލުން ކަރުނަ ހިލިއްޖެއެވެ. ހިތަށް ތަދުވީ އަލޫކް ކަންތައް ކުރިގޮތުންނެވެ. ދޮންބެ ބުނިގޮތުން ވިއްޔާ ބައެއްފަހަރު ދެމީހުން ދެބަސްވެ ހަމަނުޖެހުން ހިންގިއަސް އަލޫކް އެއީ އޭނާގެ އެންމެގާތް އެކަކެވެ. އެކަމަކު ދެވަނަ ފަހަރަށް އޭނާ ލޯ ހުޅުވާލީއްސުރެ އަލޫކްގެ ފަރާތުން އެސިފައެއް ނުފެނުނެވެ. އެކުވެރިއަކަށް އޭނާ އެންމެ ބޭނުންވި ވަގުތު އަލޫކް އެދެނީ ފުރަގަހެވެ. އެއްބާރުލުން ދިނުމުގެ ބަދަލުގައި ކޮންމެ ކަމެއްގައި ދެކޮޅުވެރިކަން ދައްކަނީއެވެ. ދެން އޭނާ އަމިއްލަ އިހްސާސްތައް ފައުޅު ކުރާނީވެސް ވަކި ކާކު ކައިރީ ހެއްޔެވެ؟

ކޮޓަރިން ނުނިކުމެ އޮތްވާ ބައްޕަ ހޯދަން އައެވެ. ޝަލީން އޭރު ތެދުވެ އިނީ ބެލްކަނީ ހުރި ގޮނޑިއަކަށް ދެފައި ނަގައިގެން އިނީ ވާހަކަ ފޮތަކަށް ގެއްލިފައެވެ. އެވަގުތު ބައްޕަ ފެނިގެން ޝަލީންގެ ހަނދާނަށް ފުރަތަމަވެސް އައީ ރޭ ފަތިހުގެ ހާދިސާއެވެ. ސުވާލު ކުރަން ބޭނުންވި ނަމަވެސް އޭނާ އެހިޔާލު ދޫކޮށްލިއެވެ. ހަޤީޤަތް ނޭނގި ހުރެގެން މި ވިސްނެނީ މުޅިން ގޯސް ނިންމުމަކަށްވެސް ވެދާނެއޭ ހިތަށް އެރިއެވެ. ބައްޕަ ވަގެއްހެން އުޅުނީ ކަމެއް ސިއްރު ކުރުމުގެ ބަދަލުގައި ނިދާފައި ތިބި މީހުންނަށް އުދަނގޫ ވެދާނެތީ ކަމަށްވެސް ވުން އެކަށީގެންވެއެވެ.

"ހާދަ ހޫނު ދުވަހެކޭ ދޯ." އިމާދު އައިސް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކިއެވެ. ޝަލީން ފޮތުގެ ކިޔަން އިންތަން ފާހަގަ ކުރަން ސަފްހާ ކަން ލަނބާލައިފައި ފޮތް ބޭއްވީ އުނގުމަތީގައެވެ. އޭނާ ބޯޖަހާލައިފައި ޖޫސް ގެނެސްދެންތޯ އެހުމުން އިމާދު ހިނިގަނޑެއް ޖަހައިލިއެވެ. "ދަރިފުޅު ކީއްކުރަން ގެންނަނީ؟ އެމަސައްކަތް ކުރަން މިގޭގައި މީހުން ތިބޭނެ." އިމާދުއަށް ޝަލީންގެ ސަމާސާ ވަރަށް ކަމުދިޔައެވެ. "ނޫނޭ ބައްޕާ. ނޯކަރުން ހުންނާނެ އެހެން މަސައްކަތް ކުރަން. އެކަމަކު އަހަރެން މާ އުފާވާނެ އަހަރެން އަތުން ބައްޕައަށް ޖޫސްތައްޓެއް ތައްޔާރުކޮށްގެން ގެނެސްދެވުނީމަ." ޝަލީން އެގޮތް ބޭނުންވެގެން އާދޭސް ކުރުމް އިމާދު ހައިރާންވެފައި ހުރެގެން ބޯޖަހައިލިއެވެ. ޝަލީން އެވަގުތު ހިނިގަނޑެއް ޖަހާލައިފައި ގޮސް ގެއްލުމުން އޭނާއަށް ހުރެވުނީ އެދިމާއަށް ބަލާށެވެ. މީގެ ކުރިންވެސް އޭނާގެ ދަރިފުޅަކީ އަތުން ފެންތައްޓެއްވެސް ނަގަން ބޭނުންވާ ކުއްޖެއް ނޫނެވެ. މިހާރަކަށް އައިސް ދަރިފުޅުގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާ ކަމުގައި ނަޖުމާ އެބުނަނީ ތެދެއްބާވައޭ ހިތަށް އެރިއެވެ.

ވާހަކަ ދެއްކިދާނެކަމުގެ އުންމީދު ނެތި ޝަލީން ޖެހިގެން އައި ދުވަހު އަނެއްކާވެސްސީ ހައުސްއަށް ދިޔައެވެ. ޑްރައިވަރ ކައިރީ ބޭރުގައި މަޑުކުރަން ބުނެފައި ގޮސް ކުރީ ދުވަހުވެސް އިން މޭޒު ދޮށުގައި ކޮފީ ބޯން އިނދެގެން އިންތިޒާރު ކުރަން ފެށިއެވެ. ކުރި އުންމީދު ފެނަށް ވެގެން ދިޔައީ ގަޑިއެއްހާއިރު ވެ ދިޔައިރުވެސް ނުހައިކް ދައްކައިނުލީމައެވެ. މާޔޫސްކަމުގައި ގެއަށް ގޮސް މާގިނަ އިރު ކެތް ނުވެގެން އަނެއްކާވެސް ޔަނާލް ކައިރިއަށް ދިޔައެވެ. ޔަނާލްގެ އޮފީސް ގަޑިއަށް ވުމުން ޝަލީންއަށް ޖެހުނީ މަޑުކުރާށެވެ. ޔަނާލް މަންމަ ހުއްދަ ދިނުމުން އޭނާ އެކޮޓަރިއަށް ވަދެ ވަށައިގެން ނަޒަރު ހިންގަން އިނދެލާފައި ބެލްކަންޏަށް ނިކުތެވެ. ނުހައިކް ފެނުނު ބެލްކަންޏަށް ނަޒަރު ހުއްޓާލިއިރު އެތެރެއިން ހުޅުވެން ހުރި ދޮރު މިއަދު ހުރީ ލައްޕާފައެވެ. ނުހައިކް ގެއިން ނުނިކުންނަ ދުވަހަކަށް ވެދާނެ ބާވައޭ ހިތަށް އެރިއެވެ. ބަލިވެ ގޭގައި އޮތީ ކަމަށް ވެދާނެ ހެއްޔެވެ؟ ނޫނީ ރަށުގައި ނެތީ ކަމަށްވެސް ވެދާނެއެވެ.

ތަފާތު ހިޔާލުތަކެއްގައި ހުއްޓާ ޔަނާލް އެނބުރި އައިސް ވަނެވެ. އޭނާ ފެނުމުން އުފަލާއެކު މަރުހަބާ ކިޔާލައިފައި ވަނީ ހެދުން ބަދަލުކޮށްގެން އަންނާނެ ވާހަކަ ބުނެފައެވެ. ޝަލީން އިންތިޒާރުގައި ހުރީ ނުހައިކްގެ ބެލްކަނިން ނަޒަރު ވަކިކޮށް ނުލައެވެ. އިރުކޮޅަކުން ފޯނު ރިންގްވާން ފެށުމުން ނަގައި ބަލައިލިއިރު އަލޫކް ގުޅަނީއެވެ. ޝަލީން ދެފިކުރެއްގައި ހުރެފައި ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

"ހަނދާން އެބަހުރިތަ އިއްޔެ ސީހައުސްއިން ފެނިގެން ޝަލީ ވާހަކަދައްކަން އުޅުނު ޒުވާނާ؟" އަލޫކް އެހި ސުވާލުން ޝަލީން ސިއްސައިގެން ދިޔައެވެ. ހައިރާންވި ވަރުން އޭނާއަށް ފުރަތަމަ ޖަވާބު ދެވުނީވެސް ބޯ ޖަހައިލުމަކުންނެވެ. "ޝަލީ؟ އަޑު އަހަންތަ އެބަ؟" ޖަވާބު ނައިސްގެން އަލޫކް ގޮވާލިތަނާ ޝަލީން ތަކުރާރުކޮށް ދެފަހަރު މަތިން ހަނދާން އެބަހުއްޓޭ ބުނެލިއެވެ. "އަހަރެން މިހުރީ އޭނަ ވަޒީފާ އަދާކުރާ އޮފީސް ކުރިމަތީ. މިތާގެ ބޮޑު މީހާއަކީ އަހަރެންގެ ގާތް އެކުވެރިއެއް ވީމަ މިބުނަނީ، ޝަލީ ބޭނުމިއްޔާ އޭނަގެ އިތުރު މައުލޫމާތުތައްވެސް ހޯދަދީފާނަން. ބޭނުންތަ؟" އަލޫކް ޖޯޝުގައި ވާހަކަ ދައްކާ ނިމުނުއިރު ޝަލީން ހުރީ ހިމޭންވެފައެވެ. ހިތް ބުނެލީ އެއީ އަނެއްކާވެސް އަލޫކްގެ ލާނެތް ސަމާސައަކަށް ވެދާނެ ކަމުގައެވެ. އެހެން ނޫންނަމަ އަލޫކް އޭނާއަށް އެހީވެދޭން މަސައްކަތް ކޮށްފާނެ ހެއްޔެވެ؟ ޝަލީންއަށް ޤަބޫލު ކުރަން ދަތިވިއެވެ. އެހިމޭންކަމުން އަލޫކްއަށް އެއްޗެއް ވިސްނުނެވެ. ހިތުގައި އުފެދުނު ރިހުންގަނޑު އޮއްބައިލާފައި އެވަގުތުވެސް އޭނާ ނިންމީ ޝަލީންގެ އުފަލަށެވެ.

"ބުނޭ ކޮންތާކު ތިހުރީ. އަހަރެން މިހާރު މިދަނީ ޝަލީ ބަލާ. އެއިރުން ޔަޤީން ވެދާނެ އަހަރެން މިބުނީ ތެދެއްކަން." އަލޫކް އެދުނު ގޮތުގެ މަތިން ޝަލީން އެޑްރެސް ބުނެދިނެވެ. އޭނާ ގޮސް ދޮރާއި ހަމަވީތަނާ ޔަނާލް ފާޚާނާއިން ނިކުމެފައި ގޮވައިލިއެވެ. "މިހާރު މިދަނީ ތަނަކަށް ދާން ވެގެން. ފަހުން އަންނާނަން." ޝަލީން ޔަނާލްއަށް ހިނިތުންވުމެއް ދައްކާލައިފައި ކުޑަކޮށް އަތް ހޫރާލިއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު ސިޑިން ފައިބައިގެން ގޮސް މަގުމަތީ ހުއްޓާ ދާދި އަވަހަށް އަލޫކް އައިސް ކާރު މަޑުކޮށްލިއެވެ.

ޝަލީން އަރައި އިށީންއިރު އަލޫކް މޫނަށް ބަލައިލުމުން ތުންފަތަށް ވެރިކޮށްލި ހިނިތުންވުން އޭނާއަށް ކަމުދިޔައެވެ. އަލޫކްގެ ފަރާތުން އޭނާ ބޭނުންވެގެން މިއުޅެނީ މިއޯގާތެރިކަމެވެ. ކުރިއާ ޚިލާފަށް އަލޫކް އޮންކޮށްލި ހިމޭން ލަވަވެސް އޭނާއަށް ކަމުދިޔައެވެ. "މިލަވަ ވަރަށް ހިތްގައިމު." ޝަލީން ތައުރީފްކޮށްލުމުން އަލޫކް މިފަހަރު ބަލައިލީ ކުރިއްސުރެ އެޖަވާބަށް އުންމީދުކޮށްގެން އިންފަދަ ގޮތަކަށެވެ. ޝަލީން ނުބުންޏަސް އޭނާއަށް އޮތީ އެކަން ލަފާ ކުރެވިފައެވެ. ހައިރާން ކުރުވާ ކަމަކީ ހަނދާންތައް ފިލުމުގެ ކުރިން ޝަލީންގެ ހުރި "ޓޭސްޓާއި" މިހާރުގައި އުޑާއި ބިމުގެ ތަފާތު ހުރުމެވެ. އެތަފާތު އައިސްގެން އުޅެނީ ހޭ އެރިއްސުރެ ދެމުން އައި ސައިކޯތެރަޕީ ސެޝަން ތަކުގައި ކިޔައިދެވިފައި ހުރި އެއްޗެހިން ކަމަށްވެސް ވެދާނެއެވެ. ނޫނީ އެއީ ހުރިހާ ކަމެއް އާ ފެށުމަކުން ފެށިގެން އައި ކަމުން ދައްކާ ތަފާތެވެ.

އިރުގަނޑެއް ފަހުން އަލޫކް ކާރު މަޑުކުރީ ހަތް ބުރިއަށް ނަގާފައިވާ އިމާރާތެއްގެ ކައިރިއަށެވެ. ތަނުގެ ތައާރަފް ދެމުން އަލޫކް ބުނީ އެއީ އަމިއްލަ މީހަކު ހިންގަ އޮފީހެއް ކަމުގައެވެ އަދި ނުހައިކް އެއީ އެތަނުގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުންގެ ތެރެއިން އެކަކެވެ. ދޮރުމައްޗަށް ޝަލީން ބާލާފައި އަލޫކް ދިޔައީ ކާރު ޕާކްކުރަން ވެގެންނެވެ. އިންތިޒާރުގައި އޭނާ މަޑުކޮށްލައިގެން ހުއްޓާ އޮފީހުން ނިކުމެގެން އައި ޒުވާން ޖޯޑަކަށް ފެނިގެން އެކަކު އަނެކަކު ކައިރީ ކޮންމެވެސް ވާހަކައެއް ދައްކާފައި އައިސް ކުރިމައްޗަށް ހުއްޓިއްޖެއެވެ.

"ހާދަ ދުވަހެއް ވެއްޖެއޭ ނުފެންނަތާ. ކޮންތާކު އުޅެލާފަ ތިއައީ؟" އެތަނުން ފިރިހެންކުއްޖާ ގާތް އެކުވެރިއެއްހެން ހީލައިފައި ސުވާލު ކުރިއެވެ. ޝަލީން ލޯ ބޮޑުކޮށްލާފައި މޭގައި އަތް ޖައްސައިލީ ވާހަކަ އެދައްކަނީ އޭނާއާހޭ އަހައިލާފަދަ ގޮތަކަށެވެ. "އޮފްކޯސް އަހަރުމެން ޝަލީއާ އޭ މިވާހަކަ ދައްކަނީ. އިތުރު މީހަކު ނެތެއްނު މިތާކު. ގިނަ ދުވަސްވެގެން ހަނދާން ނެތުނީތަ މިހާރު." ދެން ހުރި އަންހެންކުއްޖާ ޝަލީންއަށް ރައްދު ދިނެވެ. އެމީހުންގެ އެވާހަކައިން ޝަލީންއަށް އެއްކަމެއް ޔަޤީންވިއެވެ. އެއީ އެތަނަށް އޭނާ އައި އެއީ ފުރަތަމަ ފަހަރު ނޫންކަމެވެ. ހިތް ބިރުގަތީ އެހިސާބަށް އައިސް އޭނާއަށް ކުރެވިފައި ވަނީ ކޮންކަމެއް ބާވައޭ ހިތަށް އަރައިފައެވެ.

"ލިސެން. އަހަރެން މިބުނާ އެއްޗެއް އަހާފަ ތިމީހުންނަށް ޤަބޫލު ކުރަން ދަތިވެދާނެ. އެކަމަކު ތެދަށް މިބުނަނީ. މީގެ ދުވަސްތަކެއް ކުރިން ދިމާވި އެކްސިޑެންޓެއްގައި އަހަރެންގެ ހަނދާންތައް ވަނީ ފިލައިގެން ގޮއްސަ. އަހަރެންނަކަށް ނޭނގެ ތީ ކޮންބައެއް ކަމެއް. އަދި އަހަރެން ވަރަށް އުފާވާނެ އަހަރެންނަށް ތިދެމީހުންގެ ތައާރަފް ދީ މިތަނަށް މީގެ ކުރިން އަހަރެން އައި ސަބަބު ސާފުކޮށް ކިޔައިދިނިއްޔާ." ޝަލީން މަޑުން ހުރެފައި އެދެމީހުންނަށް ވިސްނައިދޭންވެގެން ހަޤީޤަތް ބުނެދިނެވެ. އެއަޑު އިވިގެން އެމީހުން ކުއްލިއަކަށް ހިމޭންވެ އެކަކު އަނެކަކަށް ބަލާލުމަށްފަހު ދެން ފެނުނީ ހިނިގަނޑު ފަޅައިގެންދިޔަ ތަނެވެ.

"ޑްރާމާ ކުއީން. ދުވަހަކު ނުވާނެ އިސްލާހެއް." ޝަލީން އަޖައިބުވެފައި ހުއްޓާ އަންހެންކުއްޖާ ހެމުން ހެމުން އޭނާގެ ކޮނޑުގައި ޖަހައިލިއެވެ."ޝިޓް. އަހަރެންނަށް ކީއްބާ ކުރެވުނީ؟" ކަންބޮޑުވެފައި ޝަލީންއަށް އަމިއްލަ ނަފްސާ ސުވާލު ކުރެވުނެވެ. ދެމީހުން އޭނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހީހީ ތިއްބާ އަލޫކް އައިސް ފަހަތުގައި ހުއްޓިފައި ދާން ހިނގާށޭ ބުނެލުމުން އެމޫނަށް ބަލައިލެވުނީވެސް ނުތަނަވަސްވެފައި ހުރެގެންނެވެ. އެވަގުތު އެދެމީހުންނަށް އަލޫކް ފެނިގެން ހިނިގަނޑު މައިތިރިކޮށްފައި އޭނާއަށް ހަނާ އަޅަމުން ގޮސް މަގު ހުރަސްކުރިއެވެ.

"ލޫކް އަހަރެން އެބަ ބިރުގަނޭ." މައި ދޮރުން ވަންއިރު ޝަލީންއަށް އަލޫކް އަތަށް ބާރުކޮށްލެވުނެވެ. ސިހޭގޮތްވެފައި އަލޫކްއަށް ބަލައިލެވުނީ ފުރަތަމަ އެއަތަށެވެ. ދެން ޝަލީންގެ ރީނދޫވަމުން އައި މޫނަށެވެ. "އަހަރެންނަކަށް ނޭނގެ އެކައްޗެއްވެސް. އެކަމަކު އަހަރެންނަށް އިހްސާސް އެބަކުރެވޭ ނުހައިކް އަހަރެންދެކެ ރުޅި އެއަންނަނީ އަހަރެންނަށް ކުރެވިފަ ހުރި އެފަދަ ބޮޑު ކަމެއްގެ ސަބަބުންކަން." ޝަލީން ހަތަރުކަޅި ހަމަކޮށްލާފައި ކިޔައިދިނެވެ.

 

ކޮމެންޓް 0