ކީއްވެ އަހަރެންނަށް މިހީވަނީ ދޮންބެ ކަމެއް ސިއްރު ކުރާހެން؟" ޝަލީން ދެއަތް ތިރިކޮށްލައި ރެއިލިންގައި އަޅުވާލަމުން އެހިއެވެ. "ކޮންކަމެއް؟" ހަތަރުކަޅި ހަމަކޮށްލިއިރު ޝާހަމްގެ އަޑުގައި ހުރީ ހަމަޖެހުމެވެ. "އެރަށުގައި ހުރެފައި ލޫކް ކުރިމަތީ އަހަރެން ބިރުގަތް ކަމަށް ހެދިގެން ވާހަކަ އެދެއްކީ ކިއްވެ ކަމެއް ނޭނގުނު. ފަހުން ބެލިއިރު އަހަރެންނަށް ހީވި ދޮންބެ އަހަރެންނަށް ސްޕައި ކުރާހެންވެސް. ލޫކް ކައިރީ އަހަރެން އެވާހަކަ ބުނެފާނެތީތަ އެވަރަކަށް ބެލީ؟" ޝަލީންގެ ހިތުގައި ހުރި ހުރިހާ ސުވާލެއް ދޮންބެ ކުރިމަތީ ހާމަކޮށްލިއެވެ. އެއަޑު އަހާފައި ޝާހަމް ފެނުނީ ހިނިތުންވެލި ތަނެވެ. "ތިވާހަކަ ދައްކަން މިއައީ." ޝާހަމް ޖަވާބުދިނެވެ.
"ތެދަށް ބުނަންޏާ އަހަރެން ޝަލީންއަށް ކަމެއް ސިއްރުކުރަން މަސައްކަތް ކުރަނީއެއް ނޫން. ކަމެއް ގޯސްވުމުގެ ކުރިން ރަނގަޅުކުރަން މަސައްކަތް ކުރަނީ." ޝާހަމްގެ ވާހަކައިން ޝަލީންގެ ސުވާލުތައް ވީ އިތުރެވެ. "ކޮންކަމެއް؟' އޭނާ ބުމަ އަރުވާލައިފައި އެހިއެވެ. "އެއީ ޝަލީގެ ހަނދާންތައް. ނޯމަލް ކުއްޖެއްގެ ގޮތުގައި އުޅުނު އިރުގެ މިޒާޖާއި ހަނދާންތައް ފިލާފައިވާ ކުއްޖެއްގެ އަމަލުތައް ހާސްބައި ތަފާތުވެދާނެ ކަމުގައި ޑރ ބުނެފަ އޮތީ. އެކަމަކު އެކަން އެހެންމީހުންނަށް ވިސްނަދެވިފަ ނެތިއްޔާ އެމީހުން ސަސްޕެކްޓް ކޮށްފާނެ ހީވެސް ނުކުރާފަދަ ގޮތަކަށް. ލައިކް ޔޫއާ ސަމްވަން އެލްސް." ޝާހަމް ފަހު ޖުމްލަ ބުނެލިއިރު ނިކަން ފުންކޮށް ބަލައިލިއެވެ. ޝަލީން އޭރު ހުރީ ދުރު ބަލަހައްޓައިގެންނެވެ. "އެހެންވެ އަހަރެން ބޭނުންނުވީ ބިރެއް ހާސްކަމެއް ނެތް ޝަލީ ލޫކްއަށް ނުދައްކަން. އެއީ އަހަރުމެންނާއެކު އުޅެބޮޑުވި ޝަލީއަކީ ކިތަންމެ ގަޓުވެފަ އުޅުނަސް އެކަނިވުމުން ބިރުގަންނަ ކުއްޖެއް ވީމަ." ޝާހަމް އިތުރަށް އޮޅުންފިލުވައިދިނެވެ. ދޮންބެގެ މަޤްސަދު އެނގުމުން ޝަލީންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
ޖެހިގެން އައި ދުވަހަށް އެރި އިރާއެކު ތައްޔާރީތައް ފެށިގެން ކުރިއަށް ދާން ފެށިއެވެ. ޝާހަމްއަށް ހޭލެވުނުއިރު ވިޝާ ފެންނާކަށް ނެތެވެ. އޭނާ ރޭގައި ނިދިއިރުވެސް ވިޝާ ކޮޓަރީގައި ނެތްކަން ހަނދާންވިއެވެ. ޝަލީންއާ ދެމީހުން އަމިއްލަ ވާހަކައެއްގައި ތިބުމުން އޭނާ އައިސް ހުރި ނިންޖާއެކު ޖައްސާލިތަނާ ނިދުނީއެވެ. ފެންވަރާ ތާޒާ ވެލައިގެން ސިޑިން ފައިބަން ދިމާކޮށްލެވުނީ އަލޫކްއާ ދެމީހުން އެކު އެކީގައެވެ. އަލޫކްއަށްވެސް އަދި އެހޭލެވުނީއެވެ. "ރޭގައެއްނު ރަނގަޅަށް ނިދާލެވުނީ. ހަމަ މަރުވީ." އަލޫކް ހީލަމުން ދެއްކި ވާހަކައަށް ޝާހަމް ރައްދު ދިނުމުގެ ގޮތުން ޝާހަމްވެސް ބޯޖަހައިލިއެވެ. ވިޝާއާ އޭނާގެ ކައިވެނީގެ ފަހުން ގިނައިން ފެނިދެނިވި ވަރަކަށް އެދެމެދުގައި އޮތް ދުރުކަންވެސް ދިޔައީ ނެތެމުންނެވެ. އެކަމަކު އަދިވެސް ކުރިންހެން ގާތް އެކުވެރިން ފަދައިން ވާހަކަދައްކައެއް ނުހަދައެވެ.
ތިރިއަށް ފޭބިއިރު ބޭރުގައި އާދަޔާ ޚިލާފަށް އަޑުގަދަ ކަން ދެމީހުންވެސް ފާހަގަކުރިއެވެ. ގޮސް ނިކުމެވުނީ ނުދަންނަ މީހުންތަކެއްގެ ތެރެއަށެވެ. ދޮރުމައްޗަށް ހުއްޓުނުއިރު އެމީހުންނަށް ފެނުނީ ޚިތާނުކުރާގެ އަޅަން އައިސް އުޅޭ ޒުވާން ޓީމެވެ. ރަށުގައި ފެށުނީއްސުރެ އޮންނަ ސަޤާފަތެއްގެ ދަށުން ކޮންމެ ގެއެއްގައިވެސް އެފަދަ ހާއްސަ ހަފްލާއެއް އޮންނަންޏާ ޒުވާން ޓީމު އައިސް މަސައްކަތް ކޮށްދެއެވެ. އަދި އެމީހުންނަށް ފިނި ބުއިމާއި ދުފާ އެއްޗެހި އަދި ސިގިރޭޓްފަދަ ތަކެތި ހުސްނުކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ގޭގެ ވެރިންގެ ޒިންމާއެކެވެ.
ދެމީހުން އެކަކު އަނެކަށް ބަލާލުމަށްފަހު އެމީހުންތައް ތެރެއިންލާފައި ގޮސް ބަދިގެ ދޮރުމައްޗަށް ހުއްޓުނުއިރު އެތެރެއިން ވިޝާ ބާރަށް ހޭ އަޑު އިވެއެވެ. އެދެމީހުން ވަންނައިރަށް އެމީހުން އިށީންނަން ތަން ދައްކާފައި މާނާ ތެދުވެ އަވަސްވެގަތީ ސައި އަޅާށެވެ. ޝާހަމް ފެނުމުން ވިޝާ އަވަހަށް ނޫންކަމަށް ހެދިފައި އިސްޖަހައިލިއިރުވެސް ހިނިގަނޑު މައިތިރިނުވެގެން އަނގަމަތީން އަތެއް ނުނަގައެވެ. އަލޫކް އިށީންދެލުމުން ޝަލީން އެތަނުން ތެދުވެގެން ނިކުތީ ބޭރަށެވެ. އެތާގައި ދެން ތިބީ އެމީހުން ކުރިން ދެކެފައިނުވާ ދެއަންހެން ކުދިންނެވެ. ޒީނާއާ ސަރާއަކީ މާނާގެ އެކުވެރިންނެވެ. އެމީހުން އައިސް އުޅެނީ މާނާމެނަށް އެހީވާށެވެ. އަލޫކްއާ ޝާހަމް ފެނިގެން އެދެކުދިންވެސް އަތްމަތި އަވަސްކޮށްލާފައި އެއް ތަބަކުގައި ހުރި ބިއްލޫރި ތަށިތަކަށް ޖޫސް އަޅައި ފުރާލުމަށްފަހު އަނެއް ތަބަކުގައި ފެން ހިފައިގެން ނިކުންނަންމުން ވިޝާ އަތަށް އެއް ތަށި ދިނެވެ. ވިޝާ ކަންބޮޑުވެފައި ބަލައިލީ ޝާހަމްއަށެވެ. ޝާހަމް ރޮށި ފުނޑުވަން އިނުމުން އޭނާ ހަމަޖެހިލާފައި ތެދުވެގެން އެމީހުން ފަހަތުން ނިކުތެވެ.
"ވިޝާ ކީއްވެ އެއްތަށި ހިފައިގެން އެނިކުތީ؟" އަލޫކްއަށް ސުވާލުނުކޮށެއް ނީނދެވުނެވެ. ޝާހަމްއަށް އެއަޑު އިވުމުން މާނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އިނީ ތަށިތެރެއަށް ނަޒަރު ހުއްޓާލައިގެންނެވެ. "އެއީ ވަކި ކަމަކު ނޫން." މާނާ ހެދީ ދޮގެއްކަން އަލޫކްއަށް އެނގުނެވެ. އޭނާ ބަލައިލުމުން ޖެހިލުންވެފައިވާ ގޮތަކަށް ހިންދިރުވާލައިފައި އެހެން މީހުން ފަދައިން އެތަނުން ބޭރަށް ދެމިގަތެވެ.
"ލޫކް އަހައިފި ވިޝާ ތިގެންދާ ޖޫސްތަށީގެ ވާހަކަ." މާނާ ބާރުބާރަށް ގޮސް ވިޝާއާ ހަމަކޮށްފައި ބުނެލިއެވެ. ވިޝާ އެމޫނަށް ބަލައިލާފައި ނިތް އަރުވައިލީ ޖަވާބުގައި އޭނާ ބުނީ ކީކޭތޯ އަހައިލާފަދަ ގޮތަކަށެވެ. "އަހަރެން ނުބުނަން. ދޮގެއް ހަދާފަ މިއައީ." މާނާ ކިޔައިދިނެވެ. މަންމަ ގޮވަން ފެށުމުން އޭނާ އެއްފަރާތަށް ޖެހުނުއިރު ވިޝާ ބޭނުންވާ މަންޒިލާ ހަމައަށް ފޯރިއެވެ. އޭނާ ހުއްޓުނީ ގޭގެ އެންމެ ފާރާއި ކައިރީގައި މަސައްކަތްކުރަން ތިބި މީހުންގެ ތެރެއިން އެކެއްގެ ކުރިމައްޗަށެވެ. ހެއުވަރުގެ އިސްކޮޅާއި އެކަށީގެންވާ ރޫފައިގެ އިތުރުން އޭނާގެ ބަލާލުން އެކަނިވެސް އެތާ ތިބި އެހެން މީހުންނަށްވުރެ ހާއްސައެވެ.
"ތެންކިއު ވިޝް." ޒުވާނާ ވިޝާ ދިއްކޮށްލި ޖޫސްތަށީގައި ހިފީ އެއަތުގެ އިނގިލިތަކާއެކުގައެވެ. "އާރިޒް." ވިޝާ އަވަހަށް އަތް ދަމައިގަތްއިރު ކިޔައިލިއެވެ. އޭނާ ކަންބޮޑުވެފައި އެހެން މީހަކަށް ފެނުނުތޯ ޔަޤީންކުރަން ވަށައިގެން ލޯ ހިންގައިލިއިރު އާރިޒްގެ ލާނެތް ނަޒަރު ވިޝާގެ މޫނަކުން ނުނެއްޓެއެވެ. "ހާދަ ހާސްވީ." ޖޫސްތަށިން ކޯވަރެއް ދަމާލައިފައި އާރިޒް ހިނިތުންވެލިއެވެ. ވިޝާ ބޯ ހޫރައިލީ ދެފަރާތަށެވެ. ދެން ފުރަގަސްދީފައި ގޮސް ދުރުގައި ހުރި ޝަލީން ކައިރިއަށް ހުއްޓިއްޖެއެވެ.
"ހަމަ އަސްލުވެސް ޝަލީ ހަނދާންނެތްތަ އާރީއަކީ ކާކުކަމެއް؟" ވިޝާ އެތާހުރި ހުސް ޖޯއްޔަށް ވެއްޓިގެންފައި އެހިއެވެ. ޝަލީން އެވަގުތު އެމޫނަށް ބަލައިލާފައި އައިސް އިށީންދެލިއިރު މަސައްކަތު މީހުންގެ ހަރަކާތްތަކުން ނަޒަރު ވަކިނުވެއެވެ. "އަހަރެންގެ މުޅި ފެމެލީންވެސް އަދި ކިރިޔާ ދޮންބެ އެކަނި އަހަރެންނަށް އެނގެނީ. ދެން ކިހިނެތް އަދި ވިޝާގެ އެކްސްއިންނާ ކްރަޝްއިން ހަނދާން ވާނީ؟" ޝަލީން ޖަވާބުދިނުމުން ވިޝާ ކަންބޮޑުވެފައި ޝްޝްޝް ކިޔައިލީ އެހެން މީހަކަށް އަޑު އިވުނަ ނުދޭން ވެގެންނެވެ.
މެންދުރުފަސް ވާން ވާއިރަށް ހަރުގެ ނެގެހެއްޓުމާއި ހިޔާ ކުރުން އޮތީ މުޅިން ނިމިފައެވެ. އިތުރަށް ކުރިއަށް ދިޔައީ އޭރު ޒީނަތްތެރި ކުރުމުގެ މަސައްކަތެވެ. ލައިޓިންގެ ކަންތަކުގައި އެކަމަށް ހާއްސަ ދެމީހަކު އުޅެއެވެ. މެންދުރަށް ގަދައަށް ކައްކާފައި ކާން ހެދުމުން ފަހަރަކު ޤުރޫޕެއް ވަދެ ކައިގެން ނިކުތްއިރު އަދި ދެތިން މީހަކު ހުއްޓެވެ. ނުކާމީހުންގެ ތެރޭގައި އާރިޒްއާ ޝާހަމް ހުރިކަން އެނގުމުން ވިޝާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ތައްހާނުބެ މަނާކޮށްކޮށް ހުއްޓާވެސް ޝާހަމް ގޮސް އެހެން މީހުންނާއި ބައިވެރިވެ އުޅުނުއިރު ކިތަންމެ ފަހަރަކު އެދެމީހުން އެއްތަންވެ ވާހަކަދައްކާތީ ވިޝާއަށް ފެނުނެވެ. އެކަމަކު އެމީހުން ދައްކާނީ ހަމައެކަނި މަސައްކަތާއި ގުޅޭ ވާހަކަކަން އެނގޭއިރުވެސް ހިތް ވަނީ ނުތަނަވަސްވެފައެވެ. ޝާހަމްއަށް އާރިޒް ނޭނގުނަސް އާރިޒްގެ ހުންނަ ލާނެތް މިޒާޖުގެ ސަބަބުން ކޮންމެވެސް އެއްޗެއް ބުނެލުމަކީ ނުވެނުދާނެ ގޮތެކެވެ.
"ޝާހަމް ދާންވީނު އެމީހުންނާއެކު ކާން އަރަން. އެތާ އެބަހުރި އަދި ދެ ގޮނޑި ހުހަށް." މަސައްކަތް މެދުކަނޑާލައިފައި ފެންފުޅިއެއް ހިފައިގެން ޝާހަމް ހުއްޓާ ދޮންދައިތަ ގޮސް ކޮނޑުގައި އަތް ޖައްސާލައިފައި ބުނެލިއެވެ. ވިޝާއަށް އެއަޑު އިވިގެން މޭގަނޑު އައީ ފިނިވެގެންނެވެ. ކަންބޮޑުވެގެން ތުންފަތް ހަފަން ފެށިތަނާ ޝާހަމްގެ ނަޒަރު އެމޫނަށް ހުއްޓުނުތަން ފެނިގެން އަވަހަށް އިސްޖަހައިލިއެވެ.
"ވިޝް ހިނގާބަލަ އެތެރެއަށް!" ޝާހަމް ފެންފުޅި ބަހައްޓާފައި އެތެރެއަށް ދަމުން އެހެން ބުނެލިގޮތުން ވިޝާގެ ހިތް ކުރިއަށްވުރެ އަވަސްވިއެވެ. އޭނާ އެކި މީހުންގެ މޫނަށް ބަލައިލާފައި ގޮސް ޝާހަމް ފަހަތުން ސިޑިން އެރިއިރު ކިތަންމެ ފަހަރަކު ހިތް އެފުށް މިފުށަށް ޖެހިލިހެން ހީވިއެވެ. "މާބޮޑަށް ހަޑިވެފަ ހުރީމަ ފެންވަރައިލަން މިއައީ. ކާނީ އޭގެ ފަހުން. އަދި މެންދުރު ނަމާދުވެސް ނުކުރެވޭ." ޝާހަމް ޓީޝާޓް ބޮލުން ވަކިކޮށްލާފައި ދާވަށިގަނޑަށް ވައްޓާލިއިރު އެނބުރި ވިޝާއަށް ބަލައިލިއެވެ. ވިޝާއަށް ހަމަ ނޭވާލެވުނީ އަދި ދެނެވެ. ކަމަކާ ނުލާ ހާސްވިކަން އެނގުމުން އަމިއްލަ ނަފްސަށް މަލާމާތް ކޮށްލެވުނެވެ. އޭނާ ޝާހަމް ނިކުންނަން ވާއިރަށް ލާނެ އެއްޗެހި އިސްތިރިކޮށްފައި ގޮސް އިނީ އެނދުގައެވެ. ފޯނުގައި ސޭވްކޮށްފައިވާ އާރިޒްގެ ކުރީގެ ނަންބަރަކަށް ބަލަހައްޓައިގެން އިންއިރު އެމާޒީގެ ހަނދާންތައް ހިތުގެ ލޯގަނޑަށް އެރިއެވެ.
އާރިޒްއާ އޭނާގެ ގުޅުން ބަދަހި ވީ ޝާހަމް ކޯހަށް ގޮސް އުޅުނު ދުވަސްވަރެވެ. އެއީ ވިއްސާރަ ރެއެކެވެ. ވިޝާ ބޮޑުދައިތަ ގޭގައި ހައްޔަރުވެފައި ހުރީ ގޭގެ އެއްވެސް ފޯނަކަށް ނުގުޅިފައެވެ. ވެހޭ ވާރޭ ބޯކަމުން ފައިމަގު ހިޔާރު ކުރުމަކީ މޮޔަ ކަމެކެވެ. ޓެކްސީއެއް ލިބޭތޯ ނިކުމެ މަޖީދީ މަގުގައި ހުރިއިރު ދެފަހަރު މަތިން ކުޑަ ފުށުން ޖަހައިލިއެވެ. ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލީ އުންމީދު ގެއްލި މާޔޫސްކަން ހަފަރާތުން ވަށައިލިތަނާއެވެ. ލޯގަނޑު ތިރިކޮށްލިއިރު ޑްރައިވަރު ސީޓުގައި އިން ޒުވާނާ ފާހަގަ ނުވިއަސް ދެން އިން ޒުވާނާ އޭނާއަށް ފާހަގަވިއެވެ. މާގާތް ކަމެއް ނެތަސް އާރިޒްއާ އޭނާ ކުރިއްސުރެ ދަނެއެވެ. އެހެން ގޮތެއް ނެތުމުން ވިޝާ އާރިޒްއަށް އިތުބާރުކޮށްފައި ކާރަށް އެރިއެވެ. ގެއާއި ހަމައިން ދެމީހުން ވަކިވީ ފޯނު ނަންބަރު ބަދަލު ކުރުމަށްފަހު ގައެވެ.
އެއަށްފަހު އާރިޒްގެ ކޯލެއް ފުރަތަމަ ލިބުނީ އެއް ހަފްތާ ވަނިކޮށެވެ. ވިޝާ ފޫހިވެފައި ގޭގައި އޮތް ރެއެއްގައި ގުޅާފައި ކާރު ދުއްވައިލަން ދާން ދައުވަތު ދިނެވެ. އާރިޒްއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ކާރުގައެވެ. އެވިއްސާރަ ރޭ ދެމީހުން ބައްދަލުވި ކާރުގައެވެ. އަދި އެރޭ އޭގެ ކުރިން ދުވަހަކު ނުދެކެވޭ ވަރަށް ދެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ކިޔަވަން އުޅުނުއިރު އެމީހުންނަށް އެނގުނީ އެކަކު އަނެކަކުގެ ނަމެވެ. އެކަމަކު އާރިޒްއަށް އޭނާއާ ބެހޭގޮތުންނާއި އޭނާގެ އާއިލާއާ ބެހޭގޮތުން އަދި އޭނާ ގަޔާވާ ކަންތައްތަކަށް ދާންދެން އެނގޭކަން އެނގުމުން ވިޝާ ހައިރާންވިއެވެ.
"ބުނެބަލަ. އަހަރެންނަށް އާރީގެ ނަން އެކަނި އެނގެނީ. އަދި ތީ އަހަރެންނާއި އެއްކުލާހެއްގައި ކިޔެވި ކުއްޖެއްކަން. އެކަމަކު އާރީއަށް އަހަރެންނާ ބެހޭގޮތުން ތިހުރިހާ އެއްޗެއް އެނގެނީ ކިހިނެތް؟" ވިޝާ އޮޅުންފިލުވާހިތްވިއެވެ. އެވަގުތު އާރިޒް ޖަހައިލީ ހިނިގަނޑެކެވެ. އޭނާގެ ޖަވާބަކީ ޝައުޤުވެރިކަން ހުންނަ ފަރާތަކާމެދު ހޯދާ އޮޅުންފިލުވުމަކީ ކޮންމެ މީހަކުވެސް ކުރާނެ ކަމެއް ކަމުގައެވެ.
އެރެއަށްފަހު ދެމީހުން ގިނައިން ބައްދަލުވާން ފެށިއެވެ. އެދުވަސްވަރުގެ ބައެއް އެކުވެރިންނާއި އާރިޒްއާއެކު ގެޓް ޓުގެދަރ ޕާޓީތަކަށް ގޮސް ވަގުތު ހޭދަކުރެވުނެވެ. ދެމީހުން ކޮފީތަކުން ބައްދަލުވެ އެކުވެރިކަން އިތުރުވިއެވެ. އަދި އެހެން އެންމެންނާ އާރިޒް ތަފާތުވި އިތުރު ކަމެއްވެސް ވިޝާއަށް އެނގުނެވެ. އެއީ އެހެން ކޮންމެ މީހެއްގެ ހަޔާތުގެ ބައިވެރިއެއްވާއިރު އާރިޒްގެ ހަޔާތުގައި އެމަޤާމު ހުސްކޮށް އޮތުމެވެ. އޭނާ ސުވާލު ކުރުމުން އާރިޒް ބުނެލީ އެސުވާލު ނުކޮށްގެން ރަނގަޅުވާނީ ޚުދު އޭނާއަށް ކަމުގައެވެ. ވިޝާ އިތުރަށް ޝައުޤުވެރިވީ އެޖަވާބު އަހައިފައެވެ. އެކަމަކު އާރިޒް ނުބުންޏެވެ.
ދެން ކުއްލިއަކަށް އަންގައިނުލާ އާރިޒް ފުރައިގެން ބޭރަށް ދިއުމުން ވިޝާއަށް ހީވީ ފަޅު ރަށެއްގައި އުޅެވެން ފެށި ހެންނެވެ. ގިނަ ވަގުތު ތަކެއްގައި އެކުގައި ހޭދަކޮށްފައި ޚަބަރެއް ނުވެގެން އޭނާ ނުހަނު ކަންބޮޑުވިއެވެ. އާރިޒް އުޅޭ އެޑްރެއް ނޭނގިގެން ބައްދަލު ކުރީ އޭނާގެ އެކުވެރިޔާއާއެވެ. ނަދީމް ބުނީ އާރިޒް ދައްތައެއް ބަލިވެގެން ކުއްލިއަކަށް ބޭރަށް ފުރި ވާހަކައެވެ. ހަފްތާއެއް ތެރޭ އަންނާނެ ވާހަކަ ބުނެފައި އާރިޒްގެ އެޑްރެސް ދިނެވެ.
ހަފްތާއެއް ވުމުން އާރިޒް އުޅޭތަނަށް ދިޔައީ ވިޝާ އަމިއްލައަށެވެ. ބެލް ޖެހުމުން ޖަވާބެއް ނުލިބިގެން އޭނާ ތަޅުގައި ހިފާލިއިރު ދޮރު ހުރީ ހުޅުވައިފައެވެ. ވިޝާ އެތެރެއަށް ވަންއިރު ކުޑަ ސިޓިންރޫމް ކޮޅަކާއި އެންމެ ކޮޓަރިއެކެވެ. ފިރިހެނަކު އުޅޭތަނެއްކަން އެނގުނީ ތަރުތީބެއްނެތި އެކި ތަނުގައި ބަހައްޓާފައި ހުރި އަންނައުނުތައް ފެނިފައެވެ. އެކަމަކު ތަނުގެ ހާލަތު މާ ގޯހެއް ނޫނެވެ. ވިޝާ ސިޓިންރޫމްގައި ހުރެލާފައި ގޮސް އާރިޒްގެ ކޮޓަރި ދޮރުފަތުގައި ޓަކި ޖެހިއެވެ. އެފަހަރުވެސް ޚަބަރެއް ނުވެގެން ދޮރު ހުޅުވާލިއިރު ތަޅެއް ލައިފައެއް ނެތެވެ. އެތެރެއަށް ވަނުމާއެކު ވިޝާގެ ނަޒަރު ހަތަރު ފަރާތަށް އެނބުރެން ފެށީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. އާރިޒްގެ ކޮޓަރި ފާރުގައި ހުރީ އޭނާގެ ތަސްވީރެވެ. މީގެ އަހަރުތަކެއް ކުރިން އޯލެވެލް ހެދި ދުވަސްވަރު ހުރި ގޮތާއި އަދި މިހާރުގެ ތަސްވީރުތަކެވެ. ގާތް އެކުވެރިއަކު އޭނާގެ ތަސްވީރު ފާރުގައި ހަރުކޮށްފައި ބަހައްޓަންވީ ސަބަބެއް އެވަގުތު ވިޝާގެ ސިކުނޑިއަކަށް ނައެވެ. އޭނާ ގަނޑުވެފައި ހުއްޓާ އާރިޒް ފާޚާނާއިން ނިކުމެގެން އައިސް ފަހަތުގައި ހުއްޓުނުއިރުވެސް ހުރެވުނީ ގުޑިނުލެވިފައެވެ.
"ވިޝް!" ދާދިކައިރިން ވާހަކަދެއްކުމުން ވިޝާ ސިއްސައިގެން ގޮސް އެނބުރި ބަލައިލިއެވެ. އެންމެ ކަންބޮޑުވީ އާރިޒް ހުރި ހާލަތުންނެވެ. އަބަދު ސްމާޓްކޮށް ހެދުން އަޅައިގެން ހުންނަ ޒުވާނާ އެވަގުތު އޭނާގެ ކުރިމަތީ ހުރީ އެރީތި ހަށިގަނޑު ހާމަކޮށްލައިގެން ހަމައެކަނި އުނުގައި އޮތް ތުވާލިން ނިވާކަން ހޯދައިގެންނެވެ. އަދި އެލޮލުގައި ފުރަތަމަ ފަހަރަށް ސާފުކޮށް ފައުޅުވާން ހުރި ކުލައިން ވިޝާގެ ހިތް ތެޅިގަތެވެ.
"އަހަރެން މަސައްކަތް ކުރިން ވިޝްއަށް ބުނެދޭން. އެކަމަކު އެހިތްވަރެއް ދުވަހަކުވެސް ނުލިބުނު. އަބަދުވެސް ހިތަށް އަރަނީ ފެންގަނޑެއްގައި އޮތް ބޮކަކާއި ޕްރިންސެސްއެއްގެ ވާހަކައަކަށްވުރެ އިތުރަށް އެކައްޗެއްވެސް އަހަރެމެންގެ ވާހަކައަކު ނުވެއޭ." އާރިޒް ކައިރިއަށް ޖެހިލައި ކޮނޑުގައި ހިފާލުމުން ވިޝާ ލައިލައި ހުރި ނޭވާވެސް ތާށިވީ ކަރުތެރޭގައެވެ. "އެކަމަކު މިއަދު ހުރިހާ އެއްޗެއް ވިޝްގެ ލޯމައްޗަށް ފައުޅުވީމަ އަހަރެންނަށް މަޖުބޫރުވެއްޖެ މިވާހަކަ ބުނަން. އައި ލަވް ޔޫ.. ވިޝް." އާރިޒް ކުރިއަށްވުރެވެސް ކައިރިވެލުމުން އޭނާ ކުރަން އުޅެނީ ކީއްކަން ވިޝާއަށް އެނގުނެވެ. އެކަމަކު ދުރަށް ދާން އުޅެވުނުއިރު މާލަސްވެއްޖެއެވެ.
"އާރިޒް. އަހަންނަކަށް ނުވާނެ. އައިމް ސޮރީ." ވިޝާގެ ދެއަތަށް ލެވުނުހާ ބާރެއްލައި އާރިޒްގެ މޫނު ދުރު ކުރުވާފައި ބުނެލިއެވެ. ދެން އެންމެ ސިކުންތަކަށްވެސް މަޑުކުރަން ނުހަދާ ފަސްއެނބުރިފައި ދުއްވައިގަތީ އެތަނުން ނިކުންނާށެވެ.
*****
ފާޚާނާއިން ނިކުމެގެން ގޮސް ޑްރެސިންޓޭބަލް ކުރިމައްޗަށް ހުއްޓުނުތަނާ ޝާހަމް އަތުން ޖެހިފައި އެތަނުން ފުޅިއެއް ވެއްޓި ޖެހުނީ ކުއްލިއަކަށެވެ. ވިޝާ ހަޅޭތްލަވައިގެންފައި ފުންމައިގެން ތެދުވީ އެއަޑަށެވެ. އޭނާގެ ހިޔާލުތައް ވިއްސާލި ވިހާލިވެގެން ދިޔައިރު ޝާހަމް ހައިރާންވެފައި ބަލަން ހުރިގޮތުން ދާހިތްލައިލިއެވެ.
"ކިހިނެތްވީ ތިހާ ބިރެއް ތިގަތީ؟" ސުވާލުކޮށްލިއިރު ވިޝާގެ އަތުގައި އޮތް ފޯނަށް ޝާހަމް ނަޒަރެއް ދިނެވެ. ކަމެއްނުވެއޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލައިފައި ވިޝާ ނިކުމެގެން ދިއުމުން ޝާހަމް ދޮރަށް ބަލަން ހުރެފައި ގޮސް ހުއްޓުނީ އެނދު ކައިރިއަށެވެ. ފޯނު ނަގައި ބަލައިލިއިރު ވިޝާ ބަލަން އިނދެފައި ދިޔަ ނަމާއި ނަންބަރު އޮތީ ފެންނާށެވެ.