ރަންކިޔާ މީހުން ނިކުމެގެން ދިޔައިރު ވިޝާ އިނީ ގަނޑުވެފައެވެ. އެސްފިޔަ ޖަހާނުލާ އިންދާ ލޮލުން ފޭދެން ފެށީ އުފާވެރި ކަމުގެ މުތީ ތަކެވެ. ނޭނގުމުގެ ތެރޭގައި އެފިޔާތޮށި ތުންފަތަށް ހިނިތުންވުން ވެރިވެގެން އައެވެ. އެތައް ދުވަހެއް ވީ އިންތިޒާރަށް ފަހު ޝާހަމް ހާސިލް ކުރުމަށްޓަކައި އެއް ފިޔަވަޅު ކުރިއަށް ޖެހިލެވުނީއެވެ. އިރާދަކުރެއްވީތީ މިފަހަރު އޭނާއާ ޝާހަމްގެ މެދުގައި އެއްވެސް ހުރަހެއް ނެތެވެ.
ދެދުވަހެއްގެ މެދުކެނޑުމަކަށްފަހު ޝަލީން ޑޮކްޓަރާއި ބައްދަލު ކުރަން ދިޔައީ އެކަންޏެވެ. އޭނާ ވަންއިރު ޝިވަމް ހުރީ ފޯނެއްގައެވެ. ވާހަކަ ކުރިއަށް ގެންދަމުން ޝިވަމް އަތުގެ އިޝާރާތުން އިށީންނަން ބުނުމުން ޝަލީން ގޮސް އިށީންދެލީ އެހެން ދުވަސް ދުވަހުވެސް އޭނާ އިންނަ ގޮނޑީގައެވެ. ކުޑައިރުކޮޅެއް ފަހުން ޝިވަމް އައިސް އޭނާގެ ގޮނޑީގައި އިށީންދެލިއެވެ. "މިއަދު ހަމަ އިންނާނީތަ؟" ޝިވަމް އަތުގައި އޮތް ގަލަމާއި ނޯޓް ފޮތް މޭޒުމަތީ ބާއްވައިލަމުން އެހިއެވެ. ޝަލީން ޖަވާބެއް ނުދިނެވެ. އުނގުމަތީ އޮތް ދެއަތުގެ އިނގިލިތަކަށް ބަލަން އިންގޮތުން ހީވަނީ އިނގިއްޔެއް މަދުވެގެން ނޫނީ ކުރިން ނުފެންނަ ތަފާތެއް ހޯދަންވެގެން މަސައްކަތް ކުރަނީ ހެންނެވެ. ޝިވަމްވެސް ބާރެއް ނާޅައެވެ. އޭނާ އިންތިޒާރު ކުރީ ޝަލީން އަމިއްލައަށް އިސްނަގަން ދެނެވެ.
"އަހަރެންނަކަށް ނޭނގެ މަސައްކަތް ނުކޮށް ހުންނާނެ ގޮތެއް." ޝަލީން އެންމެފަހުން ފެށިއެވެ. ޝިވަމްއަށް އެބުނި އެއްޗެއް މުޅިން ދޭހަ ނުވެގެން ބުމަ އަރުވާލި ވަގުތު ޝަލީން އިސްއުފުލާލިއެވެ. "ބުނީމެއްނު އަހަރެންގެ މެމޮރީސްތައް އޭގެ އަމިއްލަ ޒާތުގައި އަންނަންދެން އަޅައިނުލާ ހުންނާށޭ. އަދި އެމެމޮރީސްތައް ގެންނަން ސިކުނޑިއަށް ޕްރެޝަރ ނުކުރާށޭ. އެކަމަކު އަހަރެންނަކަށް ނޭނގެ ޕްރެޝަރ ނުކޮށް ހުންނާނެ ގޮތެއް. މިހާރު ބައެއް ކަންތައްތައް ހަނދާންވާން ފެށީމަ އިތުރަށް ހޯދަން ބޭނުންވަނީ މާބޮޑަށް. ހަމައެކަނި ވިސްނެނީ އެކަމާމެދު. ދެން ބޮލުގަ ރިއްސަން ފަށަނީ ތަންދޮރު ވަކިނުވާ ވަރަށް. އެކަމަކު އެތަދު ކެނޑޭއިރަށް އަނެއްކާވެސް ވިސްނެން ފަށަނީ އިތުރު ކަމެއް ހޯދާނެ ގޮތަކާމެދު." ކިޔައިދީ ނިމުނުއިރު ޝަލީންގެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވާން ހުއްޓެވެ.
"ތަންކޮޅެއް ގިނަ ވަގުތު އެކަނި ހޭދަ ކުރެވެނީ ކަމަށް ވެދާނެ. އޭގެ ބަދަލުގައި ހުސްވަގުތެއް ނުބާއްވާ އަބަދުވެސް ކުރާނެ ކޮންމެވެސް ކަމެއް ހޯދައިގެން އެކަމެއްގަ ޝާމިލް ވަނިކޮށް ތިބުނިކަންކަން ރަނގަޅު ކުރެވިދާނެ. މިސާލަކަށް ކުރެވިދާނެ ކަމެއް އެއީ ޝަލީން ގަޔާވާ ކޮންމެވެސް ޕްރޮގްރާމެއް ބަލަން ފެށުން. ނޫނީ ހަފްތާއަކަށް ރަށުން ބޭރަށް ގޮސް މަޖާކޮށްލުން. ދެން ހަމަ ރަނގަޅުވާނެ އެކަނި ކޮޓަރީގަ ނިދަން ނޯވެ ގާތްއެކުވެރިޔަކާއެކު ރޫމް ޝެއަރ ކުރުންވެސް. އަދި އަހަރެން ބުނެފާނަން އެއަށްވުރެ ރަނގަޅު ކަމެއްގެ ވާހަކަ. ކުރިއަށް އޮތީ ޝަލީން ދޮންބެގެ ކައިވެންޏެއްނު. ޝަލީ ބޭނުމިއްޔާ އެކައިވެނީގެ ތައްޔާރީތަކުގައި ބައިވެރިވެ އިސްރޯލެއް އަދާކުރެވިދާނެ. ޝަލީ ދޮންބެ ބުނި ވެޑިން ޕްލޭންކުރުމަށް ޝައުޤުވެރިކަން ހުންނަ ވާހަކަ." ޝިވަމް ގާތްއެކުވެރިއެއް ފަދައިން ކިޔައިދިނެވެ.
ސެޝަން ނިންމާލައިފައި ގެއަށް ދިޔައިރު ޝަލީން ހުރީ ގޮތެއް ނިންމައިގެންނެވެ. ދޮރުން ވަންތަނާ މަންމަ ފެނިގެން އޭނާ ދުވެފައި އެދިމާއަށް ދިޔައެވެ. "މަންމާ! އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު އެދެން." ނަޖުމާ ފެންތައްޓެއް ބޯން ހުރެފައި ޝަލީން ފެނިގެން ބަލައިލިއެވެ. "އަހަރެން ބޭނުން ދޮންބެގެ ވެޑިން ޕްލޭންކުރަން. ވެޑިން ޝޮޕިންއިން ފެށިގެން ގޭގެ ޑެކަރޭޝަންއާ ކޭޓަރިންއަށް ދަންދެން ހުރިހާ ކަމެއް ނިންމާނީ އަހަރެން ބޭނުންވާ ގޮތަށް. އެކަމަކު އަހަރެން ބޭނުންވާނެ އަތްދަށުގައި އުޅޭނެ މީހުންނާއި އެމީހުންގެ އެހީތެރިކަން." ޝަލީންގެ ވާހަކަ އަހާފައި ނަޖުމާ ބޯން ހުރި ފެންތަށި ބަންޑުން ނުވީ ކިރިޔާއެވެ. އެކަމަކު އޭނާ ހައިރާންވިކަން ޝަލީންއަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. "ރަނގަޅުވާނެ." ނަޖުމާ އެކަމަށް އެއްބަސްވިއެވެ.
"ޝަލީން ތިހެން ބުނީ؟" ހަވީރު އިމާދު އައިސް ކޮޓަރީގައި ހުއްޓާ ނަޖުމާ ޝަލީންގެ ވާހަކަ ކިޔައިދިނުމުން ހައިރާންކަން ފައުޅު ކުރިއެވެ. އަނބިމީހާ ނޫނެއް ކަމަކު ޚުދު އޭނާއަށްވެސް އެވާހަކަ ޤަބޫލު ކުރަން ދަތިވިއެވެ. އެމީހުން ބަލާބޮޑު ކުރި އަންހެންކުއްޖާއަކީ ދުވަހަކުވެސް އެގޮތަށް ޒިންމާއެއް ނަގަން ބޭނުންވި ކުއްޖެއް ނޫނެވެ. ޝައުޤުވެރިކަންވެސް ނުހުންނަނީއެވެ.
"ދެން ނަޖުމާ ކީކޭ ބުނީ؟" އިމާދު ބޭލި ގަމީސް ނަޖުމާއަތަށް ދިނުމަށްފަހު އެނދުގައި އިށީންދެލިއެވެ. "އަހަރެން ކީކޭ ވަކި ބުނާނީ. އަހަރެން ބެލީ ޝަލީން ހިތްހަމަޖައްސައި ދެވޭތޯ. އަހަރެން ބުނީ އާއެކޭ. އޭނަ އަދި އެކަމުގަ ބައިވެރިވިއެއް ކަމަކު އޭނާގެ މަސައްކަތް ބަލަން އަހަރެމެން ހަޔަރ ކުރި މީހާ ބެހެއްޓިދާނެއެއްނު." ނަޖުމާ އަތުގައި ކޮނޑުގައި ގަމީސް އަޅުވާފައި ގޮސް އަލަމާރިއަށް ލަމުން ޖަވާބުދިނެވެ. އޭނާ އެނބުރި އައިސް ހުއްޓުނުއިރު އިމާދު އަދިވެސް އިނީ ވިސްނާށެވެ. "އެވަރުގެ ބޮޑު ކަންތައްގަނޑެއްގަ އުޅެންފެށީމަ ޝަލީންއަށް އެކަމުން ގެއްލުމެއް ނުލިބި ހުންނާނެތަ؟" އޭނާ ކަންބޮޑުވީ ޝަލީންގެ ހާލަތު ނާޒުކްކަމަށް ވިސްނައިފައެވެ. އިމާދު ނިންމީ ޝިވަމްއަށް ގުޅައިގެން އެވާހަކަ ދައްކާށެވެ.
އޮފީހުން ހަފްތާއެއްގެ ޗުއްޓީ ހޯދައިގެން ޝަލީން ދޮންބެގެ ކައިވެނީގެ ތައްޔާރީތަކުގައި ޝާމިލުވިއެވެ. އިމާދުއާ ނަޖުމާ ހީކުރީ ފުރަތަމަ ދުވަހުގެ މަސައްކަތަށްފަހު ޝަލީންއަށް ބޮޑުކަމަކަށް ވެގެން އިސްތިއުފާ ދޭނެ ކަމަށެވެ. އެކަމަކު ކަންތައް ވެގެން ދާތަން ފެނުނީ އެމީހުން ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. މުޅި ދުވަހު މަސައްކަތުގައި އުޅުނުއިރު އެކުއްޖާގެ މޫނުން ވަރުބަލި ކަމުގެ ކަންފުޅެއް ފެންނަން ނެތެވެ. ހީވަނީ ކުރިއްސުރެ ކޮށް އާދަވެފައިވާ ކަންތައްތަކެއް ހެންނެވެ. ބޭރުން އޯޑަރ ކޮށްގެން ގެނަ އެއްޗެހި ހަމަ ވާން ވާއިރަށް ތަނުގެ ޒީނަތްތެރިކަން ހުންނާނެ ހުރިހާ ގޮތެއް ރާވައި ނިންމައިފިއެވެ. އިރުއިރުކޮޅާ ކޮންމެވެސް މީހަކަށް ގުޅައިގެން ފޯނުން ވާހަކަދައްކާތީ ފެނެއެވެ. އަލަތު ދެމަފިރިންގެ ހެދުން ފައްސަން އެމީހުންގެ ލަފާ ހޯދަން ކުރި މަސައްކަތުން ވިޝާގެ އެހީތެރިކަން އެންމެ ރަނގަޅަށް ލިބުނެވެ. އެކަމަކު ޝާހަމް މާބޮޑު އަޅައިލުމެއް ނުބަހައްޓައެވެ. އޭނާ ޝަލީން ހިތްހަމަޖައްސައި ދީފައި ބުނީ ޝަލީން ނިންމާގޮތެއް ރަނގަޅުވާނެ ކަމުގައެވެ.
ދެދުވަހަށް ވެލީއިރު ނޯކަރުން އަތްދަށުގައި ބައިތިއްބައިގެން އެމީހުން ލައްވާ ގުދަނުން ފޮށިގަނޑުތައް ގެނެސް އެތަކެތިން ގެއާއި ގޯތިތެރެ ޒީނަތްތެރި ކުރާނެ ގޮތް ކިޔައިދެމުން ދިޔައިރު ޚުދު ޝަލީންވެސް އަމަލީ ގޮތުން ބައިވެރިތަން ފެނެއެވެ. ހެނދުނު އޮފީހަށް ދާން ނިކުމެ އިމާދު ހުރީ ކަޅި ޖަހާލަން ނޭނގިފައި އެމަންޒަރު ބަލާށެވެ. ނަޖުމާ އައިސް ދަބަސް ދިއްކޮށްލާފައި އިމާދުއަށް ރޭކާ ނުލުމުން ޖެހުނީ ނަމުން ގޮވައިލާށެވެ. އިމާދު އެވަގުތު ކުޑަކޮށް ސިހޭގޮތްވެފައި ބަލައިލިއެވެ. ދަބަސް ހިފައިގެން ނިކުންނަން ދަމުން ޝަލީންއަށް ބަލައިލާފައި އޭނާ ހިނިތުންވެލީ ފަޚުރުވެރިވެފައެވެ.
"އަލޫކް! ކިހިނެތް؟" ދޮރާއި ހަމައިން އަލޫކްއާ ދިމާވެގެން އިމާދު ވާހަކަދެއްކިއެވެ. ދުވަސްކޮޅެއް ކުރިން އޭނާ އެމީހުންގެ ޤަދަރު ކުޑަކޮށްލާފައި ދެއްކި ވާހަކައަށްފަހު ވެސް އިމާދުގެ ފަރާތުން ފެނުނު ގާތްކަމުން އަލޫކް ހިތްހަމަޖެހުނެވެ. އޭނާ ހިނިތުންވެލަމުން ރަނގަޅޭ ބުނެ އެތެރެއަށް ވަދެގެން ދިޔައެވެ. ތަންކޮޅެއް ދުރުގައި ޝަލީން ހަރުގަނޑަކަށް އަރާ ހުރެގެން ތިރީގައި ސަމެންތާ ހުރި ކަމަށް ހީކޮށް އެހީއަކަށް އެދުނީ އޭނާ ގޮސް އަރާހަމަވި ތަނާއެވެ. އެއްޗެކޭ ބުނުމުގެ ބަދަލުގައި ޝަލީން އެދުނު ފަދައިން ތިރީގައި ހުރި ވަށިގަނޑުން މަލެއް ނަގަން ބެލިއިރު ތަފާތު ކުލަތައް ހުއްޓެވެ. އަލޫކް އެތަނުން ރަތް ފިނިފެންމަލެއް ނަގައި އޭގެ ދިގުތަނޑީގައި ހިފާ އުފުލާލުމުން ޝަލީން ނުބަލައި ހުރެގެން އޭގައި ހިފިއެވެ. "ސަމެންތާ މިކޯއްޗެއް. އަހަރެން ބުނީ މިކުލައެއް ނޫނޭ..." ޝަލީން ނުރުހުން ފައުޅުކޮށްފައި އެނބުރި ބަލައިލިއެވެ. އެވަގުތު ތިރިން އަލޫކް ފެނުމުން ތެޅިގަނެވުނުތަނާ ވީނުވީއެއް ނޭނގި އަރި އަޅާލައިފިއެވެ. ޚުދު އަލޫކްވެސް ހުރީ އެފަދަ ހާލަތަކަށް ތައްޔާރުވެގެނެއް ނޫނެވެ. އޭނާއަށް ފެނުނީ ޝަލީން އަރިއަޅާލައިގެން ތިރިއަށް ވެއްޓެން އައި މަންޒަރެވެ. ސަލާމަތް ކުރަންވެގެން ދެއަތް ދިއްކޮށްލުމުން އެދެއަތުގައި ހިފުނު ނަމަވެސް އަމިއްލަ ހަށިގަނޑު ވެއްޓުމުން ސަލާމަތެއް ނުކުރެވުނެވެ. ވެއްޓި ޖެހުނުއިރު ނަސީބަކުން އޭނާއަށް އޮވެވުނީ ޝަލީންގެ ދަށުގައެވެ.
"އާ ޔޫ އޯކޭ؟" އަލޫކް ވާހަކަދެއްކިއިރު ޝަލީން އަދިވެސް އޮތީ އެމޭގައި ބޯޖެހި ގޮތަށް ދެލޯމަރައި ބާރުކޮށްލައިގެންނެވެ. އޭނާއަށް ވާނުވާ އެނގުނީ އަދި އެހިސާބުންނެވެ. އަވަހަށް ތެދުވަންވެގެން ތިރީގައި އަތް ވިއްދާފައި ބޯހިއްލައިލުމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ހިތް މަޑުޖެހިލިކަން ޝަލީންއަށް އިހްސާސްވިއެވެ. އެހާގާތުން އަދި އެހާ ތޫނުކޮށް ބަލައިލުމުން އަޖައިބެއްފަދަ ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ. ބަސްބުނާހައި ހިނދުން އޭނާ ރަކިވެ މޫނަށް ރަތްކުލަ ވެރިވެގެން އައެވެ.
"ފައިން." ޝަލީން ނަޒަރުވަކިކޮށްލާފައި ކޮޅަށް ތެދުވިއެވެ. އަލޫކް ތެދުވީ އޭގެ ފަހުންނެވެ. އޭނާ ދެއަތް ފޮޅާލައިފައި ތައްޔާރު ވަމުންދިޔަ ހޯލްތެރެއަށް ނަޒަރު ހިންގާލައިފިއެވެ. "ހިތަށް އަރަނީ މިފަހަރުވެސް މިކަން ވާނެބާވައޭ." ކުރީގެ ހަނދާނެއް އާކޮށްލަމުން އަލޫކް ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. ވައިބްރޭޓް ވާންފެށި ފޯން ނަގައި މެސެޖެއްގެ ޖަވާބުލިޔަން ފެށި ވަގުތު ޝަލީން އެދިމާއަށް ބަލައިލިއެވެ. އަލޫކް އެބުނީ ކުރީގެ ކައިވެނީގެ ވާހަކަކަން އެނގިގެން އެދުވަސްތަކާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ.
"އެހެންވިއްޔާ ލޫކްއަށް އެނގޭތަ ދޮންބެ ކައިވެނިން ފިލަންވެގެން އެރި ފްލައިޓަށް އަހަރެންނަށް އެރުނީ ކިހިނެތް ކަމެއް؟ ތީ އަހަރެންގެ ބެސްޓްފްރެންޑްވީމަ ބުނެފަވެސް އޮވެދާނެއެއްނު." އަލޫކް އެނބުރި އައިސް ކައިރިއަށް ހުއްޓުމުން ޝަލީން ސުވާލުކުރިއެވެ. ޖަވާބުދިނުމުގެ ބަދަލުގައި އަލޫކް ބަލަހައްޓައިގެން ހުރީއެވެ. އެހިމޭންކަމުން ޝަލީންއަށް ވިސްނުނެވެ. އަލޫކްގެ މަޤްސަދަކީ ކޮންމެހެން އޭނާއަށް އެހީ ނުވުމެއްވެސް ނޫނެވެ. އެކަމަކު އަލޫކް ނުރުހެނީ އެކަމުން އޭނާއަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ.
"ކޮބާ ވިޝް؟" ޝަލީން މައުޟޫ ބަދަލުކޮށްލަންވެގެން އެހިއެވެ. "ގޭގަ އެބައުޅޭ." ޝަލީން މަސައްކަތަށް އެނބުރުމުން އަލޫކްގެ ކަމަކީ ފަރުވާވެ އެހަރަކާތްތަކަށް ބެލުމެވެ. ތިރީގައި ހުރެގެން ޝަލީން އެދުނު އެދުނުހެން އޭނާ ފަހަރަކު އެއްޗެއް ނަގައި ދިއްކުރަން ފެށިއެވެ. ބައެއްފަހަރު އަތާއި އަތް ބީހިލާ ވަގުތު އޭނާގެ ހަށިގަނޑަށް އަންނަ ކަރަންޓްގެ އަސަރު ޝަލީންގެ ހަށިގަނޑަށްވެސް ފޯރުވައެވެ. ދެވަނަ ފަހަރަށް ވެއްޓިދާނެތީ ބިރުން ޝަލީން މަސައްކަތް މެދުކަނޑާލައިފައި ދިޔައީ ފިނި އެއްޗެއް ބޯލާށޭ ކިޔައިފައެވެ. ހުސް ވަގުތެއް ހޯދައިގެން އައިސް ހުރުމުން އަލޫކްވެސް ގިނައިރު މަޑުކުރާކަށް ނުހަދައެވެ. ޝަލީންއަށް އިހްސާސްވީ އޭނާގެ ހިތުގެ ތެޅުން އެތައް ތަނެއް މަޑުވެ ހަމައަކަށް އެޅުނު ކަމެވެ. ކުރިމަތީ އަލޫކް ފެންނަން ހުރުމުން އެހާވަރެއް ހިތަށް ވާންވީ ސަބަބަކާމެދު ވިސްނެން ފެށުނީ ދެނެވެ.
މުޅިން އާ ދުވަހަކަށް އަރައިގެން އައި އިރާއެކު ވިޝާގެ ހުވަފެން ތަކުގައި ހަޤީޤީ ކުލަ ޖެހިގެން ދިޔައެވެ. ކައިވެނީގެ ވަގުތު ކައިރިވެގެން އައިއިރު އޭނާ އިނީ ޑްރެސިން ޓޭބަލް ކުރިމަތީ ބައިންދާފައި އިން ބުދެއްހެނެވެ. ހުދު ހެދުމާއިއެކު ކޮށްފައިވާ ލުއި މޭކަޕުން ރީތިކަން އިތުރުވެފައިވެއެވެ. ފަރިގޮތަކަށް ފުނާ އަޅައިފައި އޮތް އިސްތަށިގަނޑުގައި ހަރުކޮށްލާފައި އިން ކުޑަ ތާޖަކީ އެވަގުތާއި އެންމެ އެކަށޭނެ އެއްޗަކަށް ވިއެވެ. އެއީ އޭނާ އެއީ އެވަގުތު ދުނިޔެމަތީ ހުރި އެންމެ އުފާވެރި އިންސާނާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެތައް އަހަރުވީ އިންތިޒާރަށް ނިމުމެއް އައިސް ޝާހަމްގެ ހަޔާތުގެ ރާނީއަށް ވުމަށްޓަކައި ދެން ބާކީ އޮތީ އެންމެ ދެތިން މިނިޓެވެ.
ޝަލީންއާ ފިރާޝާ އައިސް ރަނިކަނބަލެއްގެ އިއްޒަތުގައި އޭނާ ތިރިއަށް ގެންދިޔައެވެ. އޭރު ހޯލްތެރޭގައި ހުރި މޭޒުގެ ވަށައިގެން ކައިވެނި ކޮށްދޭ މީހުންނާއި ވާން އުޅޭ ފިރިމީހާ އިނީ އޭނާގެ އިންތިޒާރުގައެވެ. ހިނދުކޮޅަކަށް ވިޝާގެ އަތްފައި ފިނިވެ ދެފައިކޮޅުން ވާގި ދޫވާން އުޅުނުހެން ހީވިއެވެ. އޭނާއަށް ހިތްވަރު ލިބުނީ ޝާހަމްގެ މޫނު ފެނިފައެވެ.
"އަނބި ޤަބޫލުކޮށްފިން." ގިނައިރެއްނުވެ ވިޝާ އެންމެ އަހަން ބޭނުންވި ލަފްޒްވެސް ކަންފަތުގައި ހަރުލައިފިއެވެ. އެވަގުތު ލޮލަށް ގިނަވި ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އިސްޖަހާލައިގެން އިންދާ ދެލޮލުން ވެއްޓުނު ދެކަރުނަތިކި ތިރިއަށް ދޮނގު ދެމިގެން ދިޔައެވެ. ޝާހަމް ތެދުވެ ކުރިމަތީ ތިބި މީހުންނާއި ސަލާމްކޮށް މުބާރީކް ބާދީއަށް ޝުކުރުން ރައްދު ދިންއިރު އޭނާ އިނީ އިންގޮތަށެވެ. އެވަގުތު އޭނާއަށް އެހީވެދިނީ ޝަލީން އައިހެވެ. ޝާހަމް ތެދުވި ގޮނޑީގައި އިށީންދެފައި ނުހަނު ލޯބިން އޭނާގެ ކަރުނަތައް ފުހެދެމުން ހިނިތުންވެލުމަށް އެންގިއެވެ.
ތިންގަޑިއެއްހާއިރަށް ދެމިގެންދިޔަ ޕާޓީ ނިމި މެހުމާނުންތައް ހުސްވުމުން ވިޝާއަށް ކޮޓަރިއަށް އާދެވިއްޖެއެވެ. ޝަލީން އައިސް ދޮރާއި ހަމައިން އޭނާ އަތުން ދޫކޮށްލައިފައި ދިއުމުން އެދޮރު ހުޅުވައިލީ ޚުދު އޭނާގެ ދެއަތުންނެވެ. އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ފައިދަށުން އިހްސާސްވީ މަޑު ފިޔަތަކެކެވެ. އެނދާއި ހަމައަށް ފަތުރާލެވިފައިވާ ފިނިފެންމާ ފިޔައިގެ ދޫލަ އޮތީ އޭނާއަށްޓަކައި ހާއްސަ ކުރެވިފައެވެ. އޭރު އުއްބައްތީގެ ރަތް އަލިން މުޅި އެތަން ވަނީ ޖަރީ ކުރެވިފައެވެ. ލައިޓު ދިއްލާލުމުގެ ބަދަލުގައި ވިޝާ އެހުރިގޮތަށް ވަދެގެން ދާން ފެށިއެވެ. ހެދުމުގެ ފަސްބައިގައި ހިފާ ކުޑަކޮށް އުފުލާލައިގެން ހުރެ ގޮސް މެދުގައި ހުއްޓުނެވެ.
ނިދާ އެނދުގެ މެދުގައި ރަތް ހިތެއް ޑިޒައިން ކޮށްލާފައި ސައިޑު ޓޭބަލް މަތީ އުއްބައްތީގެ މެދުގައި ހުރި ބޯތަށްޓެއްގައި ހިތް ޗޮކްލެޓްތަކެއް ހުއްޓެވެ. ވިޝާ ގޮސް އެތަނުން ޗޮކްލެޓެއް ނަގައި އަނގައަށް ލައިގެން ކާން ފެށިތަނާ ބެލްކަނިން ވަން ވައިރޯޅިއެއް މޫނުގައި ފިރުމާލައިފިއެވެ. ހެލިލަ ހެލިލާ ހުރި ލޭސް ފޮތިތަކަށް ލޯ ހުއްޓުނީ ދެނެވެ. އެދިމާއަށް ގޮސް ހުއްޓުނުއިރު މެދު އުނޑުގައި ރަނިކަން ކުރަމުން ދިޔަ ބުރު ހަމަ ހަނދުވެސް ހީވަނީ އޭނާގެ އުފަލުގައި ބައިވެރިވަމުން ދިޔަ ހެންނެވެ.
ހިނިތުންވެލައިގެން ހުއްޓާ ދެން އައި ވައިރޯޅިއާއެކު ކޮންމެވެސް އެހެން އެއްޗެއް ވެއްޓުނު އަޑަށް ސިއްސައިގެން ދިޔައެވެ. އެނބުރި ހޯދާލިއިރު ތަންކޮޅެއް ދުރުގައި އޮތީ ބަންޑުން ޖެހިފައި އޮތް ފޮޓޯ ފްރޭމެކެވެ. ވިޝާ ގޮސް ފްރޭމް ނަގައި ބަލައިލިތަނާ މޫނުގައި ހީވީ މީހަކު ބޮނޑިއެއް އެޅިހެންނެވެ. ފްރޭމްގައި ރައްކާކުރެވިފައިވާ ލިޒްގެ ހިނިތުންވުން ފެނުމުން އެފްރޭމް ގަޔާއި ދުރުކޮށްލެވުނީ ނުރައްކާތެރި އެއްޗެއް ގަޔާއި ދުރުކޮށްލިފަދަ ގޮތަކަށެވެ. ޝާހަމް އެނބުރި އަންނައިރު އެފޮޓޯ އެތަނުން ފެންނަން ހިތް ނުރުހުމުން އޭނާ އެހިފައިގެން ގޮސް ހުއްޓުނީ އަލަމާރި ކުރިމައްޗަށެވެ. އެކަމަކު އަލަމާރި ހުޅުވާލެވުމުން ހަމައެކަނި ފްރޭމް ބާއްވާފައި ދުރަށް ދެވޭގޮތެއް ނުވިއެވެ.