ޝަލީ އަހަރެން ބޭނުން ގެއަށް ދާން. ހަވީރު ވަންދެން މަޑެއް ނުކުރެވޭނެ." ޝަލީން އެނބުރި އައިސް ވަންތަނާ ވިޝާ ބުނެލިއެވެ. ޝަލީން ސިހިފައި ބަލައިލިއިރު ވިޝާ ހުރީ ގެއަށް ދާން ތައްޔާރުވެގެން ކޮނޑުގައި އަތް ދަބަސްވެސް އަޅުވާލައިގެންނެވެ. ކޮށްފައިހުރި ލުއި މޭކަޕާއިއެކުވެސް ސިއްރު ނުވީ އޮއްސިފައިވާ މޫނުގެ ކުލައެވެ. "ކިހިނެތްވީ؟ މީހަކު އެއްޗެކޭ ބުނީތަ؟" ޝަލީންއަށް ޝައްކުވެގެން ކައިރިއަށް ދަމުން އެހިއެވެ. "އުހު. އެކަހަލަ ކަމެއް ނޫން. އައިމް ނޮޓް ފީލިން ވެލް." ވިޝާ ހެދީ ދޮގެކެވެ. ބޭނުމަކަށް ވީ ކޮންމެވެސް ގޮތަކުން އަވަހަށް އެގެއިން ނިކުމެގެން ދިއުމެވެ.
"ވިޝާ ކީއްވެ ދަބަސް އަޅުވައިގެން ތިހުރީ؟ މެންދުރު ނުކައި ދާންތަ ތިއުޅެނީ؟" ތިރިއަށް ފޭބިތަނުން ނަޖުމާގެ ސުވާލުތަކާއި ކުރިމަތިވިއެވެ. ޝަލީން ބަލައިލީ ވިޝާގެ މޫނަށެވެ. "ނަޖުމައްތާ އަހަރެން އެހެން ދުވަހަކުން އަދި އަންނާނަން. މިއަދު ދެން ގެއަށް ގޮސްލަން ބޭނުންވަނީ." ވިޝާ ކަންބޮޑުވެފައި ބުނެލިއެވެ. ތަބީއަތުގެ ވާހަކަ ބުނެފިނަމަ އެމީހުން މާ ހާސްވެދާނެތީ އެހެން ބުނާހިތެއްވެސް ނުވިއެވެ. "އެއިރުން ކަމަކު ނުދާނެ. މިހާއިރު މަޑުކޮށްފަ ކައިގެން ދާން ވާނީ." ނަޖުމާ ހުރީ ދެކޮޅަށެވެ. އޭނާ އައިސް ކައިރިއަށް ހުއްޓި އަތުގައި ހިފާލުމުން ވިޝާ ގޮތް ހުސްވެފައި ބަލަންފެށީ ޝަލީންއަށެވެ. "މަންމާ އޭނަ ބަލިވައްތަރު ހުރީމައޭ ދާން އެއުޅެނީ. މިއަދު ދެން ފޮނުވާލާ!" ޝަލީންއަށް ވިސްނިގެން އެކުވެރިޔާއާ އެއްބައިވެފައި ވާހަކަދެއްކިއެވެ. އެއަޑު އިވުނީ ސިޑިން ފޭބި އިމާދުއަށެވެ. "ވިޝާ ހިނގާ ބޭބެ ގެއަށް ލައިދޭން ދާނަން!" އިމާދު ވާހަކަދެއްކި އަޑަށް އެންމެން ފަސްއެނބުރިފައި ބަލައިލިއެވެ. އައިސް އަރައި ހަމަވުމާއެކު ވިޝާ ބޯޖަހާލައިފައި އިމާދުއާ އެކީ ނިކުންނަން ދިޔައެވެ. އޭރު ޝާހަމް ކޮޓަރިން ނިކުމެގެން އައިސް މަތީގައި ހުރީ އެމަންޒަރު ބަލާށެވެ. ވިޝާ ދެރަވެގެން އެގެއިން ނިކުމެގެން ދާތަން ފެނުމުން ހިތަށް ތަދުވި ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ސިކުނޑި އެއްބަސްވިއެވެ.
ދޮންބެ ނުރުހުންވިކަން އެނގުމުން ޝަލީން ގަސްތުކުރީ ވަޒީފާގެ ކަންތައް އެހިސާބުން ދެން ދޮންބެއަށްވެސް ސިއްރު ކުރުމަށެވެ. ހެނދުނު ހެނދުނާ ތެދުވެ ތައްޔާރުވާން ހުއްޓާ އަލޫކް ގުޅަން ފެށިއެވެ. "ލޫކް!" ޝަލީން ފޯނު ނަގައި ސްޕީކަރަށް ލައިފައި ޑްރެސިންޓޭބަލް މަތީ ބާއްވަމުން ބުނެލިއެވެ. ލޯގަނޑަށް ބަލަހައްޓައިގެން އޭނާ ހުރީ ކަންފަތުގައި އެހެއް ހަރުކޮށްލަން ވެގެންނެވެ. ފަން އިސްތަށިގަނޑުގައި ރީތި ގޮތަކަށް ހުޅިއެއް ޖަހައި ހައްޔަރުކޮށްލާފައި ތުންފަތުގައިވެސް މަޑު ފިޔާތޮށި ކުލައެއް ޖައްސައިލިއެވެ. "ބަލާ އައިސް މިއިނީ. ރެޑީ ވެގެން ނިކުމޭ ބޭރަށް." އަލޫކް އެކޮޅުން ވާހަކަދެއްކި އަޑު އިވުނެވެ. ޝަލީން އޯކޭ އޭ ކިޔާފައި އަތް ދަބަސް ތެރެއަށް އެއްޗެހި ހަމަ ކުރަން ހުއްޓާ އަލޫކް ފޯން ކަނޑާލިކަން އެނގުނެވެ. ދަބަސް ކޮނޑުގައި އަޅުވާލައިފައި އަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލެވުނެވެ. މޫދުފެހި ކުލައިގެ އަތްދިގު ގަމީސް ދަށަށް ޖަހާފައި ހުރީ ތިރިން ލައިގެން ހުރި ކަކޫ ނިވާވާ ވަރުގެ ކުކުޅުބިސް ކުލައަށްދާ ޕެންސިލް ސްކާޓްކޮޅާއެކުގައެވެ. ތިރި ބޫޓަކަށް އަރާލައިފައި ހުރިއިރު ވާތުގައި އޮތް ރަން ކެވެލިފަށް ނޫނީ އެހެން އިތުރު ގަހަނާއެއް ނެތެވެ.
މީހަކު ފެނޭތޯ ބަލަމުން ވަށައިގެން ހޯދަމުން ސިޑިން ފޭބިއިރު މަންމަ ކޮންމެވެސް ނޯކަރާއި ވާހަކަދައްކާ އަޑު އަންނަނީ ކާކޮޓަރިންނެވެ. ޝަލީން ފުރުސަތުގެ ބޭނުން ހިފާފައި އަވަހަށް ގޮސް ގެއިން ނިކުތްތަނާ ކާރުގައި އިން އަލޫކްގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު އެސްފިޔަޖަހާލާކަށް އޭނާ ހަނދާނެއް ނުވިއެވެ. ބިމަށް ޖަހާފައި އިން ބުދެއްހެން އިންގޮތަށް އިންދާ ޝަލީން އައިސް ކާރަށް އަރާފައި ގޮވާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ހާސްކަން ފޮރުވަން ވެގެން އަލޫކް ޖެހީ ލަވައެކެވެ. އެއީ މީގެ ކުރިންވެސް އޭނާ ޝަލީންގެ ގޮތް ބަލައިލަން ޖެހި މަޑުމައިތިރި ލަވައެކެވެ. ކާރު ދުއްވާލުމުން ޝަލީންވެސް ހީވަނީ ލަވައިގެ ޖާދޫގައި ޖެހިފައި އިން ހެންނެވެ. ބަހެއް ނުބުނެ އިނދެގެން ބިއްލޫރިގަނޑުން ބޭރު ބަލަމުން ދިޔައިރު އެސިކުނޑީގައި ވަނީ ކޯއްޗެއް ކަމެއް ނޭނގެއެވެ.
"ތެންކިއު ލޫކް. ލޫކް ނެތްނަމަ އަހަރެންނަކަށް ނޭނގެ އަހަރެން ހަދާނެ ގޮތެއްވެސް." މަންޒިލަށް ފޯރުމުން ޝަލީން ކާރުން ފައިބަން އުޅެފައި ވާހަކަދެއްކިއެވެ. އެވަގުތު އަލޫކް ކުއްލިއަކަށް އަތުގައި ހިފުމުން އޭނާ ސިހުނެވެ. "ޝަލީ...! އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ހަނދާންކޮށް އަހަރެންނަށް ގުޅާތި!" އަލޫކް ހަތަރުކަޅި ހަމަކޮށްލިއިރު އެލޮލުގައި ފޮރުވިފައިވާ އިންޒާރެއްގެ ކުލަވަރު ވިއެވެ. ޝަލީން ބޯޖަހައިލިއިރު އަލޫކްގެ އަތްމަތީ އަނެއް އަތް ބާއްވާލައި ހިނިތުންވެލިއެވެ. ހަމަޖެހިފައި އިންކަން ދެއްކި ނަމަވެސް ހަޤީޤަތުގައި ޝަލީންގެ ހިތްވެސް ވަނީ ބިރުގެންފައެވެ. އޭނާ މާލެ އައިފަހުން އެގޮތަށް އާއިލާ މީހަކާ ނުލާ ނުދަންނަ ބައެއްގެ ތެރޭ އުޅެން އެދަނީ އަލަށެވެ.
އެތެރެއަށް ވަދެ ޝަލީން ކަންތައްކުރީ އެތާ ތިބި އެހެން ކުދިންވެސް ކަންތައް ކުރި ގޮތަށެވެ. ފަހަރަކު ކުއްޖަކު އޭނާ ފެނިގެން މަރުހަބާ ކިޔާފައި ފިންގަރޕްރިންޓް ޖަހަން ދިއުމުން އޭނާވެސް އެވާޖިބު އަދާކުރިއެވެ. އޭނާ ޖެހިލުންވީ އަމިއްލަ ކެބިންއަށް ދާން ހަދާނެ ގޮތެއް ނުވިސްނިފައެވެ. އެއިން މީހަކު ކައިރީ އަހައިގެން ހަޤީޤަތް ފަޅާ އެރުމުގެ ބަދަލުގައި ޝަލީން ގަސްތުކޮށްފައި ވަނީ ކުރީގެ ޝަލީންގެ ގޮތުގައި އެތާ އުޅުމަށެވެ. ލޫކް ބުނިހެން އެހާ ދުޝްމަނުން ގިނަ ކުއްޖަކަށް ވަންޏާ އެތާވެސް އޭނާއާ ޖައްސާލައިގެން ކުދިން ނޫޅޭނެ ކަމާމެދު ޝައްކެއް ނެތެވެ. އެއިން ކުއްޖަކަށް އޭނާގެ މިހާރުގެ ހާލަތު އެނގިގެން ނާޖާއިޒު ފައިދާއެއް ނަގާކަށް ޝަލީން ނޭދެއެވެ.
"ޝަލީ ކީއްވެ ތިހުންނަނީ އާދޭ އަވަހަށް ދާން!" އެންމެން ގޮސް ލިފްޓަށް އެރިއިރު ޝަލީން ފަސްޖެހިފައި ހުރުމުން އެތަނުން ކުއްޖަކު ގޮވައިލިއެވެ. އެކުއްޖާ އެހެން އެބުނާނީ އޭނާގެ ކެބިން މަތީގައި ހުރީމަކަން ވިސްނިފައި ޝަލީން އެއްބަސްވެގެން އެރިއެވެ. ބަސްމަދުވެފައި ހުރެގެން އޭނާ ކިޔައިލީ އެކި މީހުންގެ ހެދުމުގައި ހަރުކޮށްފައިވާ ނޭމް ޓެގްތަކެވެ. އެއީވެސް އޭނާއަށް ލެއްވި ނަސީބެއް ކަމުގައި ސާބިތުވިއެވެ.
"ޝަލީ އާދޭ އަވަހަށް!" ހަވަނަ ބުރިއަށް ލިފްޓް ހުޅުވުމާއެކު ވިރާޝާ ޝަލީން އަތުގައި ހިފައިގެން އެތަނުން ނެރުނެވެ. "ޝަލީ ނެތި މިދިޔަ ދުވަސްކޮޅު އަހަރެން ހާދަ ފޫއްސެއް ވިޔޭ. އެކަނި އިންނަން ޖެހުނީމަ ނުވޭ މަސައްކަތެއް ކުރާހިތެއްވެސް." ވިރާޝާ އޭނާ އަތުން ދޫނުކޮށްލާ ހުރެ ވާހަކަދައްކަމުން ކުރިއަށްދިޔައިރު ޝަލީން ވަށައިގެން ހޯދަމުން ސިކުނޑިއަށް ބާރުލިއެވެ. ރިސެޕްޝަނާއި ޖެހިގެން ހުސް ތަންކޮޅެއް އޮވެފައި ދުރުން ފެންނަން ހުރި ކެބިންތައް ކައިރިއަށް ވިރާޝާ ގޮސް އަތުން ދޫކޮށްލުމުން އޭނާގެ ހިތް މަޑުޖެހިލިއެވެ. ވިރާޝާއަށް ފޯނެއް އައިސްގެން ނަގައި ބަލައިލާފައި އޭނާއަށް އަތުގެ އިޝާރާތްތަކެއް ދެމުން އެންމެ ކައިރިއަށް ހުރި ކެބިންއަށް ވަދެ އިށީންދެލައިފިއެވެ. ޝަލީން ފިނިވެފައި ހުރެގެން ދެކޮޅު ހޯދާލައިފައި އަނެއްފަރާތުން ހަމަ އެދިމާގައި ދެން ހުރި ކެބިން ތެރެއަށް ބޯދިއްކޮށްލި ވަގުތު މެއަށް ފިނިވެގެން ދިޔައެވެ. ކޮމްޕިއުޓަރާއި ދިމާލު މަތީގައި ޕާޓިޝަންގައި ހަރުކޮށްފައި ހުރީ ރީތި ޑިޒައިނަކަށް ލިޔެލާފައިވާ އޭނާގެ ނަމެވެ. ހަމަޖެހުމުގެ ނޭވައަކާއެކު ޝަލީން ވަދެ ގޮނޑީގައި އިށީންދެލިތަނާ ވިރާޝާވެސް ފޯނު ބާއްވާފައި އޭނައާ ވީ ފަރާތަށް ގޮނޑި އަނބުރާލައިފިއެވެ.
"ކީއްވެ އެހާ ބަސްމަދުވެފަ ތި އިންނަނީ؟ އަދިވެސް ރިކަވަ ނުވަނީތަ؟" ވިރާޝާއަށް އެހާ އަވަހަށް ފާހަގަ ކުރެވުނު ކަންތަކުގެ ވާހަކައިން ޝަލީންއާ ސުވާލު ކުރިމަތި ކުރިވިއެވެ. "އެހެން ހީވަނީ." ޝަލީން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައި ފޯނު ނެގިއިރު އަލޫކް އެހާ އަވަހަށް މެސެޖްކޮށްފައި އޮތީ ސުވާލު މާކެއް ޖަހައިފައެވެ. "އާދެވިއްޖެ. މިއިނީ އަހަރެންގެ ކެބިންގައި." ޝަލީން ހިތްހަމަޖެހިފައި އިނދެގެން މެސެޖްގެ ޖަވާބު ފޮނުވާލިއެވެ.
"ތޭންކ ގޯޑް." އަލޫކް ފުން ނޭވައެއް ދޫކޮށްލައިފައި ފޯން މޭޒުމަތީ ބާއްވައިލިއެވެ. ވޭޓަރ އައުމުން ކޮފީއަކަށް އޯޑަރ ދީގެން އިންއިރު ދޮރުން ވަންނަމުންދިޔަ މީހުންނަށް އިރުއިރުކޮޅާ ކަޅިއެއް އެއްލައެވެ. އޭނާ ހީކުރި ފަދައިން ގިނައިރެއް ނުވެ ރަސްމީ ހެދުމުގައި ތިބި އެކި އުމުރުގެ މީހުންތަކުން މޭޒުތައް ފުރެން ފެށިއެވެ. އެކަމަކު އަލޫކްގެ އިންތިޒާރާއި ގުޅިފައިވާ މޫނެއް އަދި ދައްކައެއް ނުލައެވެ.
ޝަލީން އިނީ ކޮމްޕް ހުޅުވައިގެން ކޮށްފައިވާ މަސައްކަތްތައް ބަލައި ދަސްކޮށްލަން ވެގެންނެވެ. "ޝަލީ ސައިވެސް ނުބޮއި މަސައްކަތަށް ފަށައިގަތީތަ؟ ހިނގާބަލަ ބަނޑަށް އެއްޗެއް ލާން." އިރުކޮޅެއް ފަހުން ވިރާޝާ އައިސް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކިއެވެ. ޝަލީން ބަލައިލުމުން ވިރާޝާ ގޮތް ބޮޑު ކޮށްލައިފައި ބަނޑުގައި އަތް ހާކާލިއެވެ. "ކޮންތާކަށް ދާނީ؟" ސުވާލު ކުރިއިރު ޝަލީންގެ ހަނދާނުގައި ހަރުލީ ނުހައިކްއެވެ. އެވަގުތު މޭޒުމަތީ ހުރި ފޯނު ރިންގް ވުމުން ނަގައި ހަލޯއޭ ބުނެލިއެވެ. އެކޮޅުން ފަޞީހު އެދުނީ ކެބިންއަށް ދިއުމަށެވެ. "ފަހުން ދޯ ދާނީ. މިދަނީ ބޮސް ބުނެގެން." ޝަލީން ވިރާޝާއަށް ނިތް އެއްލާފައި ތެދުވިއެވެ. އަލޫކްއާއެކު ކުރިން ގޮއްސަ ހުރުމުން އެތަނަށް ދާކަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.
ގިނަ ދުވަސްތަކަކަށްފަހު އަލަށް މަސައްކަތަށް ނިކުތް ދުވަހު ފަޞީހު ވަކިން ބައްދަލު ކުރުމުން ޝަލީން ހިތްހަމަޖެހުނެވެ. ޚުދު އޭނާވެސް ހުރީ ފަޞީހުގެ އެހީއަށް ބޭނުންވެފައެވެ. ގެނެއްސައިހުރި އާ ބަދަލުތަކާއި އަލަށް ތައާރަފް ކުރެވުނު ކަންކަމުގެ ތަފްޞީލު ވިރާޝާ ދޭނެ ވާހަކަ ފަޞީހު ބުނިއިރު އިތުރަށްވެސް މަސައްކަތުގެ ހުރިހާ އެހީއެއްހެން ވިރާޝާގެ ފުށުން ލިބޭނެ ކަމުގައި ބުނެލިއެވެ. ޝަލީން ޝުކުރު އަދާކޮށްފައި ނިކުންނަން ދިޔައިރު ފިޔަވަޅުތައް ހުއްޓުނީ ނުހައިކްއާ ބެހޭގޮތުން ސުވާލު ކުރަން ހިތަށް އަރައިފައެވެ. އެހިޔާލު ބަދަލުވީ އެވާހަކަވެސް ވިރާޝާގެ ފުށުން ހޯދަން ހިތަށް އަރައިފައެވެ.
"ތިއައީތަ؟ ހިނގާ އަވަހަށް!" ވިރާޝާއަށް ޝަލީން ފެނުމާއެކު ފުންމައިގެން ތެދުވިއެވެ. "އަހަރެން ސުވާލެއް ކޮށްލަންތަ؟ ކޮބާ ނުހައިކް؟" ޝަލީ ނުކެރި ހުރެގެން އެހިއެވެ. އެވަގުތު ވިރާޝާ ލާނެތް ގޮތަކަށް ބުމަ އަރުވާލައިފައި އައިސް އަތުގައި ހިފިއެވެ. "މަވެސް މިހުންނަނީ ތިވާހަކަ އަހަންވެގެން. ހިތަށް އެރީ މީނަ ނުހައިކް ވާހަކަ ނުދައްކާ މިހުންނަނީ އެކްސިޑެންޓާއެކު ހަނދާނުން އޭނަ ފުހެވުނީ ބާވައޭ." ވިރާޝާ ދިމާކޮށްފައި ހިނިގަނޑެއް ޖަހާލިއިރު ބުނެވުނީ މުޅިން ތެދު ވާހަކައެކެވެ. ތަފާތަކީ އެކްސިޑެންޓަށްފަހު ނުހައިކް ނޫން އެހެން މީހަކު މަތިން އޭނާ ހަނދާން ނުވާ ކަމެވެ.
"ނުހައިކް އިއްޔެ ހަވީރު އައްޑުއަށް ދާން ފުރީ. ދެތިން ދުވަސްތެރޭ އަންނާނެ ވާހަކަ ފަޞީހު ބުނި. އައީމަ ދެން އަނެއްކާ ދެމީހުންގެ ޑްރާމާ ފެށޭނެ ދޯ؟ އަހަރުން ހުންނާނަން ކުޅި ބަލަން." ވިރާޝާގެ ސައިކަލު ޕާކްކޮށްފައި ދެމީހުން ގޮސް ސީހައުސްއަށް ވަންނަމުން ވިރާޝާ ވާހަކަދެއްކިއެވެ. ޝަލީން ތަނެއް ދޮރެއް ނޭނގި ހުރެވެސް އެކުވެރިޔާއާ އެއްބައިވުމުގެ ގޮތުން ހީލިއެވެ. ހުސް މޭޒެއް ހޯދައިގެން ވަދެ ނާސްތާއަށް އޯޑަރ ކޮށްގެން ތިބެފައި ވިރާޝާ ކުއްލިއަކަށް ޝަލީން އަތުގައި ކޮށްޓައިލިއެވެ.
"އެހެރަ މޭޒުގައި އިން ރީތި މީހާ އެބަ ބަލާ އަހަރުމެންނަށް. ޝަލީ ދަންނަ މީހެއްތޯ ބަލާބަ.!" ވިރާޝާ ނޫންކަމަށް ހެދިފައި އިނދެގެން ސިއްރުން ބުނެލުމުން ޝަލީން ބަލައިލިތަނާ އަލޫކް ހަނާ އަޅައިލިއެވެ. އެތަން ފެނުނީ ތަންކޮޅެއް ކައިރީގައި ތިބި އެއޮފީހުގެ އެހެން ދެކުއްޖަކަށެވެ. ސޫދާ އާ އައިންތުއަކީ ޝަލީން ދެ ދުޝްމަނުން ކަން ވިރާޝާ ކުރިން ދެއްކި ވާހަކައަކުން އޮތީ އެނގިފައެވެ. އެކަން ސާބިތުކޮށްދިނީ އޮފީސް އެންމެން ކަހަލަ ގޮތަކަށް މަރުހަބާކިޔާ ހެދިއިރު އެދެމީހުން ތުން އަނބުރާފައި ދިޔައީމައެވެ. ދެމީހުން ވަރު އަރާފައި އެކަކު އަނެކަކު ކައިރީ އެތިވަރެއް ކީއިރު އަލިފާން ދޫކުރާފަދަ ދެލޮލުން ޝަލީންއަށް ކަޅި އެޅިއެވެ. "އޭރުއްސުރެ މިތާގަ ތަ؟" ޝަލީން ފޯނު ނަގާފައި މެސެޖް ކޮށްލިއެވެ. "ބަނޑުހައިވެފަ އިނީމަ." އަލޫކް ވާހަކައެއް ހަދާލައިފައި ފޮނުވިއެވެ. ޝަލީން ހަމަޖެހިފައި އިނުމުން އޭނާގެ ބޮލުން ހީވަނީ ބަރު އެތިގަނޑެއް ނެގުނު ހެންނެވެ. އަލޫކް ނިންމީ އެހިސާބުން އޭނާވެސް މަސައްކަތަށް އެނބުރި ދިއުމަށެވެ. ޝަލީން ހިނިތުންވެފައި ބަލަން އިންދާ އޭނާ ތެދުވެ ހަނާ އަޅައިލައިފައި ނިކުމެގެން ދިޔައެވެ.
"ހާދަ ސަޅި ބިޓެއް. ކާކު އެއީ؟ ކުރިން ނުވެސް ދައްކަމެއްނު." ފުރުސަތު ލިބުމުން ވިރާޝާ އެހިއެވެ. "އެއީ ބެސްޓްފްރެންޑް." ޝަލީން ފަޚުރުވެރިވެލާފައި ޖަވާބުދިނެވެ.
ޝަލީން ބޯ ހާސްވާން ފެށި ސައިން ނިމިގެން އެނބުރި ދިޔަ ފަހުންނެވެ. މަސައްކަތް ހަވާލު ކުރުމުން އެއިން ކަމެއް ފަށާނެ ގޮތް ނޭނގިފައި އިންދާ ވިރާޝާއަށް ފެނިގެން އައިސް އެހީވިއެވެ. ދެން މައްސަލައަކަށް ވީ ކޮމްޕިއުޓަރ މޭޒު ވަތްގަނޑު ނުހުޅުވުމެވެ. އޭގެ ތަޅުދަނޑި ފެންނަން ނެތިގެން އެވަތްގަނޑު ތެރެއަށް މުހިންމު އެއްޗެއްވެސް ލައި ފޮރުވޭނެ ގޮތެއް ނެތެވެ. ޝަލީން ބޭނުންވީ އެވަގުތުވެސް ގެއަށް ގޮސް ކޮޓަރި ތެރެއިން ތަޅުދަނޑި ހޯދުމަށެވެ. އޭނާ ހާސްވެފައި އިންއިރު ނިއްކުރިން ދާތިކި ހިލިފައި ހުއްޓާ ފެނިގެން އެހެން ކުއްޖަކުވެސް އައިސް ހާލު ރަނގަޅު ތޯ އެހިއެވެ. ވިރާޝާ ހުރީ އަލަށް މީހަކު ފެނިގެން ބަލާ ފަދަ ނަޒަރެއް ދީގެންނެވެ. އޭނާ ދުށް ޝަލީންއަކީ އެއްވެސް ކަމަކާ ހާސްވެ ކަންބޮޑުވި ކުއްޖެއް ނޫނެވެ. އެކަމަކު މިހާރު މިފެންނަ ޝަލީން އެޝަލީންއާ އުޑާއި ބިންހާ ތަފާތު ކަމުގައި ހިތް ބުނަން ފެށިއެވެ.
"ޝަލީ. ހާސްނުވެބަލަ. އަދި ތިހާ ހާސްވާކަށް ނުވެއެއްނު. ގިނަ ދުވަސްވީމަ ކޮށް ފަރިތަ މަސައްކަތްވެސް ކުރަން އުދަނގޫވާނެ. އަހަރެންނަށް ޤަބޫލު ކުރެވެއޭ އެކަން. ފަޞީހު ރުޅިއެއް ނާންނާނެ ޝަލީ ކުރިންހާ ސްޕީޑްގަ މަސައްކަތްތައް ނުނިންމިއަސް. ހީ ވިލް އަންޑަސްޓޭންޑް. ޖަސްޓް ރިލޭކްސް..." މަސައްކަތް ނުނިމިގެން ޝަލީން ހާސްވެ އިރު އިރުކޮޅާ މޫނު ފުހެން ފެށުމުން ވިރާޝާ އައިސް ވިސްނައިދިނެވެ. ޝަލީން ގަދަކަމުން ހިނިތުންވެލައިފައި ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ގަޑި ޖެހުމުން ފަހަރަކު މީހުންތަކެއް ޤުރޫޕް ޤުރޫޕަށް ނިކުންނަން ދިޔައިރު އޭނާވެސް އިނީ އެތަނުން ނިކުންނަން ބޭނުންވެފައެވެ. ވިރާޝާ ލަފާދިން ފަދައިން އޭނާވެސް ދާންވެގެން ތައްޔާރުވެލިއެވެ.
އޮފީހުން ނިކުމެފައި މޫނުގައި ބީހުނު ފުރަތަމަ ވައިރޯޅިއާއެކު މުޅިން އާ ދުނިޔެއަކަށް އާދެވުނު ކަހަލައެވެ. އަލޫކް ކާރުގައި އައިސް ކައިރިކޮށްލިތަން ފެނިފައި ހުރެވުނުތަންވެސް ނޭނގުނެވެ. އަވަހަށް ދުވެލާފައި ގޮސް އަނެއްފަރާތުން އަރައި އެތެރެއަށް ޖެހިގަތެވެ. "ލޫކް ތީ އަހަރެންގެ ސޭވިއަރ." ޝަލީން ފުން ނޭވާތަކެއް ލައި ނަފްސް ހަމައަކަށް އަޅުވާލައިފައި ބުނެލިއެވެ. އަލޫކް ކާރު ދުއްވާލުމުގެ ކުރިން ފުން ނަޒަރެއް ދީފައި އެއްބައިވުމުގެ ގޮތުން ހިނިތުންވެލިއެވެ.
ގެއަށް ގޮސް ހެދުން ބަދަލު ނުކުރެވި އުޅެނިކޮށް ވައިބަރ އިން އައީ މެސެޖެކެވެ. ޝަލީން ފޯނު ނެގިއިރު ނުދަންނަ ނަންބަރުން ފޮނުވާފައި ހުރި ފޮޓޯ ފެނިފައި މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.