ކޮންއިރަކު އަތް ލީމަ ނާޙިދާ އިނގިލި ހަރަކާތްކުރީ؟" އިމާދު ދެލޯބޮޑުވެފައި ސުވާލުކުރިއެވެ. ޖަވާބުދޭން ނުކެރިފައި އީޝާ ބަލައިލީ ނުހައިކްގެ މޫނަށެވެ. މީގެ ކުރިން ޝަލީންގެ ނަމުގައި އިމާދުގެ ދަރިއެއްފަދައިން ކުރިމަތީ އުޅުމަށްވުރެވެސް ތަފާތު އިހްސާސެއް އޭނާއަށް ކުރެވުނީ އެއީ އޭނާގެ ބައްޕަކަން އެހާ ބޮޑަށް ޔަޤީންވުމަށްފަހު ކުރިމަތިން ފެނުމުންނެވެ. ޝަލީންގެ ގޮތުގައި އޭނާ އުޅުނުއިރުވެސް ހިތުގެ އަޑިން އެއްވެސް ކަމެއް ޔަޤީންވެފައެއް ނެތެވެ. އެކަމަކު މިއަދު އެދުވަހާއި މުޅިން ތަފާތެވެ.

"ކީއްވެ އަނގައިން ނުބުނެ ތިހުންނަނީ؟ ކޮންމެވެސް އެކަކު އަހަރެންނަށް ބުނެދީބަލަ. އަހަރެން ވާހަކަ މިދައްކަނީ ކަލޭމެންނާއޭ." އީޝާއާ ނުހައިކްގެ ހިމޭންކަމުން އިމާދުއަށް އުދަނގޫވިއެވެ. ބުމަ ކައިރިކޮށްލައިގެން ހުރެ ދެފަހަރު ދެމީހުންގެ މޫނަށް ބަލާފައި އޭނާ އެސުވާލުކޮށްލުމުން ނުހައިކް އެންމެފަހުން ވާހަކަދައްކަން ނިންމިއެވެ. "މީ އީޝާގެ މަންމައާއި ބައްޕަގެ ފޮޓޯ. އީޝާއަކީ ނާހިދާއާ އިމާދުގެ ދަރިފުޅު." އެގެއަށް އަންނަމުން ޖީބަށް ކޮށްޕައިލި ފޮޓޯގަނޑު ނަގާ އިމާދުއަށް ދިއްކޮށްލަމުން ނުހައިކް ބުނެލިއެވެ. އެވަގުތު އީޝާވެސް ދިޔައީ ސިއްސައިގެންނެވެ. ނުހައިކް އެހެން ބުނެފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާ ކަންބޮޑުވެފައި ހުއްޓާ އިމާދު އެފޮޓޯގައި ހިފާފައި އެއްފަހަރު ފޮޓޯއަށް އަނެއްފަހަރު އެމޫނަށް ބަލަންފެށީ ޔަޤީންކުރަން މަސައްކަތް ކުރާ މީހަކު ފަދައިންނެވެ. "ޔަޤީންނުވަންޏާ ޑީއެންއޭ ޓެސްޓެއް ހެދިޔަސް މައްސަލައެއް ނެތް." ނުހައިކް އެވަގުތު އިތުރުކޮށްލިއެވެ.

"ޤަބޫލު ކުރިއަސް ނުކުރިއަސް އަހަރެންގެ މައްސަލައެއް ނެތް. އަހަރެން ހަމައެކަނި ބޭނުންވަނީ މަންމައާ ބައްދަލުކޮށްލަން. އެމޫނު ދެކިލަން." އިމާދުގެ ހިތަށް ލޮޅުން އަރުވައިލީ އެހުރިހާއިރު ހިމޭނުން ހުރެފައި އީޝާ ބުނެލި ޖުމްލައިންނެވެ. "މާފުކުރޭ ދަރިފުޅާ. މަންމަ ނިޔާވެއްޖެ." އިމާދު ހިތްވަރުކޮށްލައިފައި ހަޤީޤަތް ހާމަކުރިއެވެ. އެވަގުތު އޭނާ ހުރީ އިޝާއަށް ވާގޮތް ބަލާށެވެ. އޭނާގެ ޖުމްލަ ނިމުމާއެކު އީޝާ ހަޅޭތްލަވައިގެންފައި އަނގަމަތީ އަތް އެޅިގޮތަށް ދެފަރާތަށް ބޯހޫރަމުން ގޮސް ލައްވީ ފަހަތުގައި ހުރި ނުހައިކްގެ މޭގައެވެ. ނުހައިކް އެދެކޮނޑުގައި ހިފާ މަގަތަށް އަނބުރާލައިފައި ހިތްވަރު ދިނުމުގެ ގޮތުން ބުނެލި ދެތިން ޖުމްލައަށްފަހު ވަކިން ބޮޑަށް އަސަރުކޮށްގެން ގިސްލަ ގިސްލާފައި ރޯންފެށުމުން އިމާދުގެ ހިތަށްވެސް އެނގުންވިއެވެ. ވަކިވެގެން ދިޔަ އަންހެން ދަރިފުޅުގެ ސިފައިގައި އޭނާގެ އަނެއް ދަރިފުޅު ހުއްޓާ ފެނުމުން އީޝާގެ ފައިން ފެށިގެން ބޮލަށް ކަޅި ހިންގާލަ ހިންގާލާ ހުރެވުނެވެ. ހަމައެކަނި ޝަލީންގެ މޫނު ލިބިގެން އައިސް އެގޭތެރޭގައި އެކުއްޖާ އުޅުނުއިރުވެސް އެހެން މީހަކަށް ޝައްކުނުވީ އެދެބެންގެ ހަށިގަނޑުގައި ހުރި އެއްގޮތް ކަންތައްތަކުންކަން ޤަބޫލު ކުރެވުނެވެ. އީޝާއަކީ ނާހިދާއާ އޭނާގެ ދަރިއެއް ކަމުގައި ސާބިތުކުރުމަށްޓަކައި އިތުރަށް ބޭނުންވާނެ ހެއްކެއް ނެތެވެ.

*****

އިމާދު ވަރަށް އެދިގެންވެސް އީޝާ އެގެއަށް ދާކަށް އެއްބަހެއް ނުވިއެވެ. އޭނާ ޖެހިލުންވީ އޭނާގެ ސަބަބުން އެއާއިލާ ކުރިއަށްވުރެވެސް ބޮޑަށް ރޫޅި ބައިބައި ވެދާނެތީއެވެ. ނުހައިކްއާ ސާރާ ވަރަށް ވިސްނަދީގެންވެސް އޭނާ އިޚުތިޔާރުކުރީ އެކަނި އުޅޭށެވެ. ވަޒީފާއަކަށް ގޮސްގެން ފައިސާ ލިބެން ފެށުމާއެކު ކުލީ ކޮޓަރިއެއް ހޯދައިގެން އެކަނި އުޅެން ދާ ވާހަކަ ބުނުމުން ނުހައިކް ވަގުތުން ދެކޮޅު ހެދިއެވެ. އޭނާ ބުނީ އީޝާ ބޭނުން ދުވަހަކު ދިރިއުޅެން އެގެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމުގައެވެ. އުންމީދުނުކޮށް ހުއްޓާ ދެން ފެނުނީ ޝާހަމް އައިސް ކުރިމަތީ ހުއްޓައެވެ. ބެލްޖަހާ އަޑު އިވިގެން އީޝާ ގޮސް ހުޅުވާލިއިރު ކުރިމަތިން ޝާހަމް ފެނުމުން ބުނާނެ އެއްޗެއް ނޭނގުނެވެ.

"ކަމަކުތަ؟" އީޝާ ނޭނގޭ ކަމަށް ހަދާފައި އެހިއެވެ. ޝާހަމްއަށް އޭނާގެ ހަޤީޤަތް އެނގޭކަމެއް ނުވަތަ ނޫންކަމެއް އޭނާއަކަށް ޔަޤީނެއް ނޫނެވެ. "މިއައީ ކޮއްކޮ ބަލައޭ ބުނެފިއްޔާ އަހަރެންނާއެކު ގެއަށް ހިނގައިދާނަންތަ؟" ޝާހަމް ހަމަޖެހިލައިގެން ހުރެފައި ކުރި ސުވާލުން އީޝާ ދިޔައީ ސިހިގެންނެވެ. "ދެޓްސް ރައިޓް އަހަރެން މިއައީ އީޝް ބަލައި. ބައްޕަ ހުރިހާ ވާހަކައެއްވެސް ކިޔައިދީފި. ދެން އިތުރު ބަހަނާއެއް ނުދައްކާ ހިނގާ ދާން. މަންމަވެސް ހުރީ އިންތިޒާރުގަ." ޝާހަމް ދެއްކި ވާހަކަ އީޝާއަށް ޤަބޫލެއް ނުކުރެވުނެވެ. ޝާހަމް އަދި ޤަބޫލުވިއަސް ނަޖުމާ އެގޮތާއި ރުހޭނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ.

"ކީއްވެ ދުރުގައި ތިހުންނަނީ؟ އާދޭ މިކޮޅަށް." ގެއަށް ވަދެފައި ސިޓިންރޫމުން ނަޖުމާ ފެނިގެން އީޝާ ނުކެރިފައި ހުއްޓާ ގޮވައިލިއެވެ. އީޝާއަށް ބަލައިލެވުނީ ކައިރީގައި ހުރި ޝާހަމްގެ މޫނަށެވެ. ޝާހަމް ބޮލުގެ އިޝާރާތުން މަންމަގެ ވާހަކައަށް ބާރުދިންތަން ފެނިގެން އޭނާ ގޮސް ނަޖުމާގެ ކައިރީ ސޯފާގައި އިށީންދެލިތަނާ ވިޝާ ކާކޮޓަރިން ނިކުތީ ތަބަކެއްގައި އަތުރާފައި ހުރި ކޮފީ ޖޯޑުތަކަކާއި ޖޫސްތައްޓެއް ހިފައިގެންނެވެ.

"އީޝާއަށް ޖޫސް. އީޝާ ނުބޮމެއްނު ކޮފީއެއް." ތަބައް ބަހައްޓަމުން ވިޝާ ހިނިތުންވެލިއެވެ. އީޝާއަށް އެވަރުންވެސް އަނގައަކުން ނުބުނެވުނެވެ. ވިޝާގެ މޫނަށްވެސް އޭނާ ބަލަން އިނީ ބީރަތްޓެހިވެފައެވެ. "އީޝާ ވަރަށް ހައިރާންވާނެ ކަންނޭނގެ މަންމަ އެހާ ފަސޭހައިން އީޝާ ގެންނަން ރުހުނީމަ. ތެދަށް ބުނަންޏާ ފުރަތަމަ އެއްގޮތަކަށްވެސް ޤަބޫލެއް ނުވަން. އެކަމަކު ދެން ހިތަށް އެރީ އެހާ ދުވަހު އީޝާ މިގޭގައި އުޅުނުއިރު ލޯބިން ގެންގުޅެފަ އަހަރެންގެ ދަރިފުޅު ނޫންކަން އެނގޭއިރަށް ހިތް ބަދަލުވުމަކީ ކިހާ ހެއްވާކަމެއްހޭ. އެއިރުވެސް އެއްގޮތް ކަމަކަށް ހުރީ މޫނު އެކަނި. އެހެން ހުރިހާ ކަމެއް އަހަރެންގެ ދަރިފުޅާ މުޅިން ތަފާތު. އެހެންނޫނަސް ދިރިއުޅުމަކީ ކުރު އެއްޗެއް. ނޭނގެ މާދަން ނޫންކަމެއް ނިމުމުގެ ސިއްކަ ޖެހޭނީ. ވަރަށް ވިސްނިފަހުން މަންމައަށް ވިސްނުނީ ދަރިފުޅު ތީ މަންމައަށް ގެއްލުނު ދަރިފުޅުގެ ބަދަލުގައި މާތްރަސްކަލާނގެ ދެއްކި ހަދިޔާއެއް ކަން." ނަޖުމާ ވާހަކަދައްކަމުން އީޝާގެ ދަތްދޮޅީގައި ހިފާ އުފުލައިލިއިރު ދެމައިންގެ ލޮލަށްވެސް ކަރުނަ ގިނަވެފައި ވިއެވެ. ބުނާނެ އެއްޗެއް ނޭނގި އިނދެ ހިތާއި ހިތުން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރަމުން އީޝާ ބޯއަޅައިލީ ދޮންމަންމަގެ ކޮނޑުގައެވެ. އޭރު ވިޝާއާ ޝާހަމްވެސް އެކަކު އަނެކަކަށް ބަލަން ހިނިތުންވެފައި ތިއްބެވެ. މަންމަގެ އެވާހަކައިން އެންމެ ބޮޑަށް އަސަރުކުރީ އެތަނުންވެސް ޝާހަމްއަށެވެ.

ކޮޓަރިއަށް ގޮސް އެކަނި ވުމުން މަންމަގެ އެވާހަކައާ އޭނާއަށް ފުންކޮށް ވިސްނުނެވެ. ބައްޕަގެ ދެވަނަ ކައިވެނީގެ ސިއްރު އެނގުމަށްފަހުވެސް މަންމަ ހިޔާރުކުރީ އޭނާގެ އުފަލެވެ. ނުވިތާކަށް ދެވަނަ ކައިވެނިން ލިބިފައިވާ ދަރިފުޅުވެސް މަންމަ ބަލައިގެންފިއެވެ. ވިޝާ އިރުކޮޅަކުން ކޮޓަރިއަށް ވަދެ ދެކޮޅަށް ހިނގަ ހިނގާފައި ކޮންމެވެސް މަސައްކަތެއް ކުރާތަން ފެނުމުން އެހަރަކާތްތަކަށް ބަލަން ޝާހަމްއަށް އޮވެވުނެވެ. އެވަގުތު ހިތުގައި އުފެދުނު ސުވާލަކީ އޭނާ ވިޝާ ދޫކޮށްލައިފިނަމަ ދެން ވެދާނެ ގޮތެވެ. ޅައިރުއްސުރެ އޭނާ ނޫން ފިރިހެނަކަށްވެސް ރުހުމުގެ ލޮލަކުން ބަލައިނުލި އަންހެންކުއްޖާ އޭނާގެ ދިރިއުޅުމުން ވަކިކޮށް އެއްލައިލަން ހެޔޮވެދާނެ ހެއްޔެވެ؟ އަދި އެވެސް ބަދަލުގައި އޭނާއަށް ލިބެން އެއްވެސް މޮޅެއް ނެތިއެވެ. ވިޝާ ދޫކޮށްލަން ވިސްނާއިރު ލިޒް ދުނިޔޭގައި ހުރިނަމަވެސް އެންމެ ރަނގަޅެވެ. އެކަމަކު ހަޤީޤަތަކީ އެކައިވެނި ރޫޅާލައިގެން ދެމީހުންނަށްވެސް އެކަނިވެރިކަން ނޫން އެއްޗެއް ނެތްކަމެވެ.

ދެފިކުރެއްގައި ޝާހަމް އޮތްވާ ވިޝާ ނިތްކުރީގައި ހިފަހައްޓާލިތަން ފެނުނެވެ. ދެން ފެނުނީ އޭނާއަށް އެހަށިގަނޑު ނުހިފޭއްޓިގެން އަރި އަޅައިލިތަނެވެ. ޝާހަމްއަށް ދެވުނު އެންމެ އަވަހަކަށް ގޮސްގެން ވިޝާ ސަލާމަތް ކުރެވުނީ ކިރިޔާއެވެ. "އާ ޔޫ އޯކޭ؟" ވިޝާގެ އަތުން ދޫނުކޮށް އެހަށީގަނޑު ތެދުކޮށްލައިގެން ހުރެ ޝާހަމް ސުވާލު ކުރިއެވެ. "ފައިން... އައިމް ފައިން." ވިޝާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. "ކިހިނެތްވީ އަސްލު؟ ނުކަނީތަ؟" ޝާހަމް ކަންބޮޑުވިއެވެ. އެމޫނަށް ބަލައިލުމުން ވިޝާ ވަރުބަލިވެފައިވާ މިންވަރު ލޮލުން އެކަނިވެސް ހާމަކޮށްދިނެވެ. "ނޫން. އެއްވެސް ކަމެއް ނޫން. ފައި ކަހާލީ ކަންނޭނގެ." ވިޝާ ޝާހަމްގެ އަތްދަށުން ފޮޅުވިގެން އެތަނުން ނިކުންނަން ދިޔައެވެ. ޝާހަމްގެ ހިތް ބުނެލީ ވިޝާ ކަމެއް ސިއްރު ކުރަން އުޅޭ ކަމުގައެވެ. އެއީ ވިޝާ ދެންމެ އަރިއަޅައިލީ ފައި ކައްސާލައިގެން ނޫންކަން އެނގޭތީއެވެ.

ހަފްތާއެއްގެ ތެރޭގައި އީޝާގެ ސާޖަރީއަށް އެމީހުން އެމެރިކާއަށް ފުރިއެވެ. އެކުގައި ދިޔައީ އިމާދުއާ ޝާހަމްއެވެ. ނަޖުމާ ގޭގައި ހުރެގެން ކޮންމެ ދުވަހަކު އެއްފަހަރު ގުޅައިގެން ވާނުވާ ބަލައެވެ. ސާޖަރީއަށްފަހު އެހެންމީހުންނެކޭ އެއްފަދައިން އީޝާގެވެސް އިންތިޒާރާއި ގުޅިގެން ދިޔައީ ބޭސްގަނޑު ނަގާނެ ދުވަހެކެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އެހެން އިންސާނެއްގެ ގޮތުގައި ދިރިއުޅުމަށްފަހު އޭނާގެ އަމިއްލަ ދިރިއުޅުމަށް އިއާދަ ވެވޭނީ އަމިއްލަ ސޫރަ ލިބުމުންނެވެ. ނަސީބު ރަނގަޅުކަމުން ގެއްލުނު ހަމައެކަނި އާއިލާގެ ބަދަލުގައި އޭނާއަށް މިފަހަރު އެންމެ ފުރިހަމަ އާއިލާއެއް އެސޫރައާއެކު ލިބިގެން ދާނެއެވެ. މަންމައާ ބައްޕައާ ދޮންބެގެ އިތުރުން ލޯބިލޯބި ފަހަރިއެކެވެ. ފުރުމުގެ ކުރިން ވިޝާ ވަކިން ބައްދަލުކޮށްފައި މަޢާފަށް އެދެން ފެށުމުން އީޝާ އެކަން މަނާކުރިއެވެ. އޭނާގެ ދައްތަގެ ލޯބިވެރިޔާދެކެ ވިޝާ ލޯބިވުން އެއީ ފަހަރެއްގައިވެސް ކުށެއް ކަމަށް އޭނާ ޤަބޫލު ނުކުރާކަން އެންގިއެވެ. ހަޤީޤަތް ބަދަލުވިއަސް އޭނާ ބޭނުންވަނީ ޝަލީންއަށް ވިޝާގެ ފުށުން ލިބުނުފަދަ އެކުވެރިކަމެވެ. ޝަލީންގެ ގޮތުގައި އޭނާ އުޅުނު ދުވަސްވަރުވެސް އެންމެބޮޑު ހިތްހަމަޖެހުމަކާއި ގާތްކަމެއް ލިބިފައިވަނީ ވިޝާގެ ފަރާތުންނެވެ.

*****

"ސަމެންތާ ތަންކޮޅެއް އަތްމަތި އަވަސްކޮށްބަލަ މިހާރު އެމީހުން އަންނަން އުޅޭނެ. ހަމަދު އެމީހުން ބަލައި އެއަރޕޯޓަށް ދިޔަފަހުންވެސް ކޮންއިރެއް." ދެކޮޅަށް ދުވެ ދުވެފައި އުޅުނު ސަމެންތާއަށް ގޮވާފައި ނަޖުމާ ވާހަކަދެއްކީ ދޮރާއި ދިމާއަށް ބަލަން ހުރެގެންނެވެ. ފިރިމީހާއާ ދެދަރިންގެ އިންތިޒާރުގައި އޭނާ ހުރީ ކެތްމަދުވެފައެވެ. އީޝާގެ ސާޖަރީ ކާމިޔާބުވުމަށްފަހު އެމީހުން މިއަދު މާލެ އަންނަނީއެވެ. ނަޖުމާ އުޅެނީ އީޝާއަށް ސަޕްރައިޒް ޕާޓީއެއް ދޭންވެގެންނެވެ. ގާތް އެކުވެރިންގެ ގިނަ ބަޔަކާއި ފަރުހޫދުމެން ދެމަފިރިންވެސް އައިސް ތިއްބެވެ. ދޮރުމަތިން ކާރެއްގެ އަޑު އިވިގެން އެންމެ ހަރުކޮށް ދުވެފައި ގޮސް ފޮތިގަނޑު ހިއްލައިގެން ބަލައިލިއިރު ޝާހަމް ނިކުންނަނީއެވެ. ނަޖުމާ ފުން ނޭވައެއް ދޫކޮށްލައިފައި ފަހަތަށް ޖެހިލައިގެން ހުރީ ގޭގެ އެތެރޭގައެވެ. ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ގޭގެ މައިދޮރު ހުޅުވަން ހަމަޖެހިފައި އޮތީ އެތިންމީހުންނެވެ. ޕާޓިއަށް އައިސްތިބި ގާތްމީހުންނާއި ގޭގެ އެހެން މެމްބަރުން ތިބޭނީ އިންތިޒާރުގައެވެ.

"ގޭގައި އެކަކުވެސް ނޫޅެނީތަ؟ ހަމަދު ނަޖުމާކައިރިއަކު ނުބުނަންތަ އެއަރޕޯޓަށް ދިޔައިރަކު؟" ކާރުން ފައިބައިގެން ތިންމީހުން ގެއާ ދިމާއަށް ހިނގަމުން އިމާދު އެހިއެވެ. ހަމަދު ބޯ ހޫރައިލީ ދެފަރާތަށެވެ. ސުވާލު އުފެދިފައި ހުރެގެން ގޮސް ދޮރު ހުޅުވައިލީ އިމާދުއެވެ. އޭނާ އެއްޗެއް ބުނަން އުޅެފައި އެތަން ދައްކައިލީ ޝާހަމްއަށެވެ. އޭރު ފަހަތުގައި އީޝާ ހުރީ ފުން ވިސްނުމެއްގައި ހުރި މީހަކު ފަދައިން އިސްޖަހައިގެންނެވެ.

"އީޝް!" ޝާހަމް ގޮވާލައިފައި އިޝާގެ އަތުގައި ހިފާ ކުރިއަށް ގެނައެވެ. ދޮންބެގެ މޫނަށް ބަލާލުމަށްފަހު ކުރި ބަލާލި ވަގުތު އީޝާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ސިޓިންރޫމްގައި ދޮންމަންމައާ އެހެން އެންމެންތިބީ އޭނާގެ އިސްތިޤްބާލުގައެވެ. އެންމެ ފުރިހަމައަށް ޒީނަތްތެރިކުރެވިފައިވާ ގޭތެރެއަށް ލޯ ހިންގާލައިގެން ހުރެ އެތެރެއަށް އެޅި ފިޔަވަޅާއެކު ބޮލަށް ފައިބައިގެން ޖަރީ ކުނޑިތަކުން އެކަނިވެސް އޭނާ ހާއްސަވެފައިވާ މިންވަރު އަންގައިދިނެވެ. އޭރު އެހެން އެންމެން ކަޅި ޖަހާނުލާ ތިބެގެން ބަލަމުންދިޔައީ އޭނާގެ ސޫރައަށެވެ. ކަޅުކުލަގަދަ ބޮޑު ދެލޮލަށް ތައުރީފްނުކޮށްލާ އެންމެ އިންސާނަކު އެތާ ނުވިއެވެ. ޝަލީންއަށް ޚިލާފަށް އީޝާއަށް ލިބިފައިވަނީ ވަށް ތުންފަތެކެވެ. ކުޑަ ނޭފަތަކާއި ހެއުވަރުގެ މޫނުކޮޅެކެވެ. ފަންއިސްތަށިގަނޑު ދެފަރާތުން ފައިބައި ކޮނޑުމައްޗަށް ވިހުރިފައި އޮތްއިރު ލައިގެންހުރި ކަޅުކުލައިގެ ހެދުން އެހަށިގަނޑާއި ނިކަން ގުޅެއެވެ.

"މަރުހަބާ އީޝާ ދަރިފުޅާ!" ނަޖުމާ ކުރިއަށް ޖެހިލާފައި އެންމެކުރިން ވާހަކަދެއްކިއެވެ. އީޝާ ރަކިވެފައި ހުއްޓާ އެއަތުގައި ހިފާލައިގެން ގެންގޮސް އޭނާގެ އެކުވެރިންނަށް ތައާރަފްކޮށްދޭން ފެށިއެވެ. ފަހަތުގައި ޝާހަމް ހުރެފައި ހޯދައިލީ ވިޝާއެވެ. އެމެރިކާގައި އޭނާ ހުރެފައި އަންނަންވީއިރު ވިޝާއަށް ގުޅުނީ މަދު ފަހަރަކުއެވެ. ގެއަށް ގުޅާލާއިރު އަބަދުވެސް މަންމަ ގޭގައެވެ. މޯބައިލް އޮންނަނީ ގިނަފަހަރު ނިއްވާލައިފައެވެ. ވާހަކަދައްކާ ފަހަރަކުވެސް ހީވަނީ އަވަހަށް ބާއްވަން މަސައްކަތް ކުރާހެންނެވެ. ވިޝާ އެގޮތަށް ކަންތައް ކުރަނީ ކަމެއް ސިއްރުކުރަން ވެގެން ކަމުގައި ޝާހަމްއަށް ޔަޤީނާ ގާތަށް ހީވިއެވެ.

ޕާޓީ ފެށީގެން ކުރިއަށް ދާން ފެށުމާއެކު އީޝާ ބޭނުންވިފަދައިން ތާޒާވެލަން އެތެރެއަށް ދިއުމުގެ ފުރުސަތު ދޮންމަންމަ ދިނެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ޝާހަމްވެސް މައްޗަށް އަރައިގެން ދިޔައެވެ. ދޮރު ހުޅުވާލިއިރު ވިޝާ ފެންނަން ނެތުމުން ޝާހަމް ވަށައިގެން ހޯދައިލިއެވެ. އެވަގުތު ވިޝާގެ އަޑު އަންނަކަން ފާހަގަވީ ފާޚާނާތެރެއިންނެވެ. އޭނާ ހަރުކޮށް ހިނގާފައި ގޮސް ދޮރުމައްޗަށް އެރިއިރު ވިޝާ އޮތީ ފާޚާނާ ތަށްޓާއި ދިމާއަށް ގުދުވެގެން ހޮޑުލާށެވެ. ޝާހަމް ބަލާކަށް ނުހުރެ އެތެރެއަށް ވަދެފައި ވިޝާއަށް ފަސޭހަވާނެހެން ނިތުގައި އަތުން ހިފަހައްޓައިލަދިނެވެ. ވިޝާ ސިހިގެން ދިޔަނަމަވެސް އެނބުރި ބަލައިލާނެ ފުރުސަތެއް ނުލިބި އަނެއްކާވެސް ހޮޑުކޮޅެއް ލެވިފައި ހިންދެމިލެވޭވަރުވިއެވެ.

"ޝާހަމް!" ފާޚާނާ ފްލެޝްކޮށްލާފައި ތެދުވި ވަގުތު ޝާހަމް ފެނުމުން ވިޝާއަށް ބުނެލެވުނެވެ. ޝާހަމް އެއްޗެއް ނުބުނެ ހުރެފައި ދިއްކޮށްލީ ފެންތައްޓެކެވެ. ވިޝާ ބަސްއަހާ ކުއްޖެއްފަދައިން ފެންތަށީގައި ހިފައި އަނގަ ސާފުކޮށްލައިފައި ދެމީހުން އެކީ ނިކުންނަން އައެވެ. ވިޝާ ބަލިކަށިވެފައިވާވަރު ޝާހަމްއަށް އިހްސާސްކުރެވުނީ އެވަގުތުއެވެ. އޭނާ އަތުގައި ނުހިފޭއްޓިނަމަ ވިޝާއަށް ހިނގާފައި އެނދާއި ހަމައަށްވެސް ނާދެވުނީހެވެ.

"ވިޝް ޕްލީޒް އަހަރެންނަށް ކިޔައިދީބަލަ ކިހިނެތް ވެގެން ތިއުޅެނީ؟" ޝާހަމް ވިޝާއަށް އެހީވެގެން އެނދަށް އަރުވާފައި މަގަތުގައި އިށީންދެލުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ބަލަހައްޓައިގެން އިނދެފައި ލޮލުން ކަރުނަ ފޭދިގަތުމުން ވިޝާ އަތްއެޅީ މޫނުގައެވެ. "ނުކެރޭނެ. ނުކެރޭނެ." ޝާހަމް ދެވަނަ ފަހަރަށް އެދުމުން ވިޝާ އެއިންގޮތަށް އިނދެގެން ދެފަރާތަށް ބޯހޫރާލައިފައި ރޯންފެށިއެވެ. ކަންބޮޑުވެގެން ޝާހަމްއަށް އަތް އުނގުޅާލެވުނީ ބޮލުގައެވެ. "ކީއްވެތަ ނުކެރެންވީ؟" ޝާހަމްއަށް ވިޝާގެ ޖަވާބުވީ އަރަތެއްފަދަ އެއްޗަކަށެވެ. އޭނާ ގަދަކަމުން ވިޝާގެ އަތް ނައްޓާލުމުން ދެންވެސް އިނީ އިސްޖަހައިގެން މޫނަށް ނުބަލަންވެގެންނެވެ. "ބަލިވުމަކީ ކުށެއް ނޫނޭ." ޝާހަމްއަށް އަދިވެސް ހީވެގެން އުޅެނީ ވިޝާ ބަލިވެގެން އުޅެނީ ކަމަށެވެ. "ހިނގާ ޑޮކްޓަރަށް ދައްކަން ދާން. އަހަރެންނަކަށް އުދަނގުލެއް ނުވާނެ. ތެދުވޭ އަވަހަށް!" ޝާހަމް ވިޝާގެ އަތުގައި ހިފާ ނަގަން އުޅުމުން ވިޝާ ވަކިން ބިރުގަތެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިގޮތް ފެނިފައި ޝާހަމްއަށް ޝައްކެއް ވެއްޖެއެވެ. "ޑޮކްޓަރަށް ނުދާން ތިއުޅެނީ ކަމެއް ފަޅާއަރާފާނެތީތަ؟" ޝާހަމް ހަތަރުކަޅި ހަމަކޮށްލިއެވެ. އެތޫނު ލޮލުން ބަލަން ފެށުމުން ވިޝާގެ ތަލިން ކުޅުހިކޭ ގޮތްވިއެވެ. ދޮގުހަދަން ނުކެރިފައި އޭނާ އިނީ އެއްވެސް ޖަވާބެއް ނުދީއެވެ.

"ނުބުނަންޏާ އަހަރެން ޑޮކްޓަރަށް ގުޅައިގެން ގެންނަނީ މި." ޝާހަމް އެންމެފަހުން ވިޝާ ބިރުގަންނަވާލިއެވެ. "އޯލްރައިޓް ބުނެފާނަން." ވިޝާ އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ. "ޝާހަމް އަހަރެން ބަނޑުބޮޑު." ޖަވާބުދީފައި ވިޝާ ކުރިކަމަކީ ދެލޯމަރައި ތަގުޅިކޮށްލުމެވެ. އެވަގުތު ޝާހަމްގެ މެއަށް ހީވީ ފިނި ފެންއެއްޗެއް އޮއްސައިލި ހެންނެވެ. އޭނާ ތެޅިގަނެފައި ވިޝާގެ މޫނަށް ބަލާލީ ޔަޤީން ނުކުރެވިފައެވެ. "ކީކޭ ތިބުނީ؟ ބަނޑުބޮޑޭ؟" ޤަބޫލުނުކުރެވިގެން ޝާހަމްއަށް އަދި އެއްފަހަރު އެހުނެވެ. ވިޝާ މިފަހަރު ބޯޖަހައިލީ އަދިވެސް ލޯމަރައިގެން އިނދެފައެވެ.

"ވާއު...!" ޝާހަމްގެ މޫނަށް އެރިކުލައެއް ނޭނގިގެން ކަންބޮޑުވެފައި އިންދާ އޭނާގެ ކަންފަތުގައި ހަރުލީ އެއަޑެވެ. ދެން ކުއްލިއަކަށް އެމޫނުގެ ދެއަތުން ހިފަހައްޓާލިކަން އިހްސާސްވެފައި ތުންފަތަށް ޝާހަމް ދިން ހަދިޔާއަކުން ކުއްލިއަކަށް ލޯ ހުޅުވައިލެވިއްޖެއެވެ. "އައި ލަވް ޔޫ ވިޝް. އައި ލަވް ޔޫ...." ޝާހަމް މޫނު ދުރުކޮށްލައިފައި ޖޯޝުގައި ދެފަހަރުމަތިން ތަކުރާރުކޮށްލިއެވެ. އޭރު ވިޝާ އިނީ އަޖައިބުވެގެން ބަސް ބުނަން ނުކުޅެދިފައެވެ.

"ރުޅިއެއް ނާދޭތަ؟" ވިޝާއަށް ބުނެލެވުނެވެ. "ވަޓް؟' ޝާހަމްއަށް ބުމަ ކައިރިކޮށްލެވުނެވެ. "ކީއްވެ ރުޅިއަންނަންވީ؟ އަހަރެން ރުޅި އަތުވެދާނެތީތަ ބުނަން ނުކެރިގެން ތިއުޅުނީ؟" ޝާހަމް ކުރިއަށްވުރެ ހައިރާންވެފައި އެހިއެވެ. "ކުރީ ދުވަހަކު ޝާހަމް ބައްޕައާ ވާހަކަދައްކަމުން އަހަރެން ދޫކޮށްލާ ވާހަކަ ކިޔާފަ އޮތީމަ އަހަރެން ހީކުރީ ޕްރެގްވެއްޖެއްޔާ ކައިވެނި ރޫޅާލަން ފެމެލީ ނުގަބޫލުވެދާނެތީ ރުޅިއަންނާނެ ކަމަށް. އެހެންވެ ނުބުނީ." ވިޝާ އެންމެފަހުން ހަޤީޤަތް ހާމަކުރިއެވެ. އެއަޑު އިވުމުން ޝާހަމްވެސް ހިމޭންވިއެވެ.

"ޓުބީ އޮނެސްޓް، އަހަރެން ނިންމައިފިން ދުވަހެއްގެ ކޮޅުންވެސް ވިޝް ދޫކޮށްނުލާން." ހިމޭންކަމުގެ ސުކޫތުކޮޅަކަށްފަހު ޝާހަމްގެ ވާހަކައިން ވިޝާ ސިއްސުވައިލިއެވެ. "އެއީ މިޚަބަރު ލިބުނީމައެއް ނޫން. އަހަރެން ވަރަށް ވިސްނާފަ ނިންމައިގެން ހުރީ މިކައިވެންޏަށް އަދިވެސް ފުރުސަތު ދޭން. އަހަރެން ބޭނުމެއް ނޫން ވިޝް ދެރަކޮށްލާކަށް. މިފަހަރު ގެއަށް އައިސް ބުނަން ހުއްޓަ ވިޝް ތިދިނީ މާ އުފާވެރި ޚަބަރެއް." ޝާހަމްގެ ވާހަކަ ނިންމާލުމަށްފަހު ތުންފަތަށް ވެރިކޮށްލި ހިނިތުންވުމާއެކު ވިޝާގެ ދަތްދޮޅީގައި ހިފާ ތިރިކޮށްލުމަށްފަހު ނުހަނު ލުއިކޮށް ނިތުގައި ބޮސްދިނެވެ. ބޭއިޚުތިޔާރުގައި ދެލޯ މަރައިލެވުނުއިރު ވިޝާއަށް އެވަގުތު އިހްސާސްވި ލޯއްބާއި ހިތްހަމަޖެހުމަކީ މީގެކުރިން ދުވަހަކުވެސް އިހްސާސްވި ކަންކަމެއް ނޫނެވެ.

ޕާޓީ ނިމުނުފަހުން ޝާހަމް ތިރިއަށް ގޮސް ދިން ޚަބަރުން ގޭތެރޭގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ކޮންމެ މީހަކުމެ އުފަލާއެކު ވިޝާއާ ޝާހަމްއަށް މަރުހަބާ ކިއެވެ. އެއެންމެންގެ ތެރޭގައި އީޝާއިންއިރު އޭނާގެ ތުންފަތުންވެސް ހިނިތުންވުން ފިލާ ނުދެއެވެ. އެކަމަކު އޭނާގެ ހިތުގެ ކަނެއްގައި ފޮރުވިފައިވި ނުތަނަވަސްކަމެއް ވިއެވެ. ފިރުދައުސްއާ ފިރާޝާ އައިއިރު އެތަނުން އަލޫކް ނުފެނުމުން އަޖައިބެއްފަދަ މާޔޫސްކަމެއް ހިތަށްވަނީ ވެރިވެފައެވެ. އޭނާއަށްޓަކައި ނޫނަސް ވިޝާގެ އާއިލީ ކަމެއްގައި ބައިވެރިވުމުގެ ގޮތުން ނަމަވެސް އަލޫކް އެތަނުން ފެނިދާނެ ކަމުގައި އީޝާ ހުރީ އުންމީދުކޮށްގެންނެވެ. އެކަމަކު އެއީ ހަމައެކަނި ކުށްހީ އެކެވެ. އޭނާ އެއީ ޝަލީން ނޫންކަން އެނގުނު ހިސާބުން އަލޫކް އެވަނީ އެދެމެދުގައި އޮތް ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ. ކުޑަމިނުން އޭނާގެ ސޫރަ ފެންނަ ހިސާބަށްވެސް އަލޫކް އައިއްސައެއް ނުވެއެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށްފަހު ފިރުދައުސްމެން ދިއުމުން ގޭޔެރެ ފެނުނީ ހިމޭންކޮށެވެ. ވިޝާއާ ޝާހަމް މައްޗަށް އެރިފަހުން އިޝާވެސް އިރުކޮޅަކު މަޑުކޮށްލާފައި ކޮޓަރިއަށް އަތުވެއްޖެއެވެ. ނިދާގަޑި ކައިރިވެގެން އައިއިރު އޭނާގެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. އީޝާ ފޯނަށް ބަލަން ހުރެލާފައި ފޮތިގަނޑު ކަހާލިއިރު ދުރުން ވިދައިލިތަން ފެނުނެވެ. އެތެރެއަށް ވަދެ ރަޖާދަށުން ހޫނުކަން ހޯދުމުގެ ބަދަލުގައި އޭނާ ދޮރުފަތް ހުޅުވައިލީ ވައިވަންނަން ފުރުސަތު ދީފައެވެ. ޖެހެމުންދިތަ ވައިގައި ތެތްކަމެއް އެކުލެވިފައި ވުމުން އަރާމުވިއެވެ. އީޝާ ދޮރުކަނީގައި ލެނގިލައިގެން ހުއްޓާ ތުނިކޮށް ވާރޭ ވެހެން ފެށުމުން އަތް ދިއްކޮށްލީ ވާރެއަށެވެ. އިސާހިތަކު ވާރޭ ތިކިތަކުން އެއަތްތިލަ ތެންމައިލިއެވެ.

"އެހެންވީމަ އީޝާ އިމާދު މާލޯބިކުރާ އެއްޗެއް ދޯ ވާރެއަކީ." އެއިވުނީ ފިރިހެނެއްގެ އަޑެވެ. ވިޝާގެ މެއަށް އެއްފަހަރާ އެތައް ސަތޭކަ ގަނޑުގެންކޮޅުތަކެއް އޮއްސައިލި ނަމަވެސް ނުވާނެ ވަރަށް ފިނިވެގެން ދިޔައީ އެއީ ކާކުގެ އަޑެއްކަން ފާހަގަވެފައެވެ. ތެޅިގެންފައި މޫނު އަނބުރާލިއިރު އަލޫކް ލެނގިލައިގެން ހުރީ ދޮރުގެ އަނެއްފަރާތުގައެވެ. އޭނާގެ ނަޒަރު ދުރަށް ހުރުމުން އީޝާވެސް ނަޒަރު ބަދަލުކޮށްލާފައި ދުރު ބަލަން ފެށިއެވެ.

"ހައި. އަހަރެންނަށް ކިޔަނީ އަލޫކް." އީޝާ އެއްޗެއް ނުބުނެ ހުއްޓާ އަލޫކް އަތްދިއްކޮށްލާފައި އަމިއްލަ ތައާރަފް ދިނެވެ. އަލޫކް އެކުރާ ކަމެއް ވިސްނުމުން އީޝާގެ އެއަތުގައި ހިފާލަން ވެގެން އަމިއްލަ އަތް ދިއްކޮށްލިއެވެ. "އީޝާ އިމާދު." އީޝާ އަމިއްލަ ނަން ބުނެލި ވަގުތު އަލޫކް އެއަތުގައި ހިފައި ފިއްތައިލި ގޮތުން ހުރިހާ ނާރަކަށް އެނގުންވެލިއެވެ. އޭނާ އަވަހަށް އަތް ފޮޅުވާލުމުން އަލޫކް ލުއި އަޑަކުން ހީލައިފައި އަނެއްކާވެސް ދުރަށް ނަޒަރު ހުއްޓައިލިއެވެ.

"އީޝާ ގަޔާވާ އިތުރު ކޮންކަންތައްތަކެއް ހުރީ؟" ދެވަނަ ފަހަރަށްވެސް ވާހަކަފެށީ އަލޫކްއެވެ. "އައި ލަވް ލޮލީ. އެން އައިސްކްރީމް. ކޮފީއެއް ނުބޮން. ކޮންމެ ގަޑިއެއްގަ ވެހުނަސް ވާރެއާ ތެމޭހިތްވޭ. ހަމައެގޮތަށް މޫދުގަ އުޅެންވެސް ފަރިތަ ވާނެ. ފަޅުރަށަރަށް ގޮސް ކައްކާ ކެއުމަކީވެސް ލިސްޓްގެ ކުރީގައި އުޅޭކަންކަން." އީޝާ ގަޔާވެފައި ހުރެގެން ކިޔައިދިނެވެ. "ދެން ބޯއިފްރެންޑް؟ އެއްވެސް އިރެއްގަ ބޯއިފްރެންޑެއް ނުގެންގުޅެންތަ؟" އަޑުއަހަން ހުރެފައި އަލޫކް ކުއްލިއަކަށް އަހައިލިއެވެ. އީޝާ ސިހިފައި އެމޫނަށް ބަލާލިއިރު އަލޫކްވެސް ހުރީ ބަލާށެވެ. "ބޯއިފްރެންޑެއް ނުހުރޭ. އެކަމަކު ނުހައިކް އެއީ ކްރަޝްއެއް. އޭނަ ދައްތައާ ހެދި މޮޔަވެފަ ހުންނަވަރު އެނގުނީމަ ފަހުން ފަހުން އެހިޔާލު ދޫކޮށްލީ." އީޝާ ކިޔައިދިނެވެ. "އެހެންވީމަ ހުސް ދޯ؟" އަލޫކްގެ އަޑު މިފަހަރު އައީ ކަންފަތްދޮށުންނެވެ. އީޝާ ބަލައިލިއިރު އައިސް ހުރީ ފޫބުޑުގައި ޖައްސާފައެވެ. "ކީކޭ ކިޔަން ތިއުޅެނީ؟" އީޝާ ސީރިއަސްވެލިއެވެ. އަލޫކް ބޭނުންހާ އެއްޗެއް ކިޔައިގެން އޭނާގެ އިހްސާސްތަކާއި ކުޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ދޭކަށް ބޭނުމެއް ނުވިއެވެ.

"ސޮރީ." ޖަވާބުގައި އަލޫކް ބުނެލި ބަހުގެ ސީދާ މާނައެއް އީޝާއަކަށް ނޭނގުނެވެ. "ސޮރީ މިބުނަނީ މިވާހަކަ ބުނުން ލަސްކުރެވުނީމަ." އަލޫކް އިތުރަށް ބުނެލިއެވެ. އީޝާ އެމޫނަށް ބަލަހައްޓައިގެން ހުއްޓާ އަލޫކް އޭނާގެ ދެކޮނޑުގައި ހިފާފައި ކުރިމަތިވާނެހެން ދޮރުކަނީގައި ތަތްކޮށްލިއެވެ. އީޝާ ކަންބޮޑުވެފައި އަވަސްއަވަސްކޮށް އެސްފިޔަ ޖަހަން ފެށިއިރު އަލޫކް އެބުނަން އުޅޭ އެއްޗެއް އޮޅުން ނުފިލައިގެން ހިތް އަވަސްވިއެވެ.

"ތެދެއް. އަހަރެންނަށް އީޝް ކަމުދާން ފެށީ ޝަލީގެ ސޫރައިގައި ހުއްޓަ. އެކަމަކު އަހަރެން ޝަލީގެ ކުރިމަތީ މުޅި ލައިފް ހޭދަކުރިއިރު ދުވަހަކުވެސް ނުކުރޭ އިހްސާސްތައް ކުރެވެން ފެށީ އީޝް ޝަލީގެ ސިފައިގައި އަހަރެންގެ ކުރިމައްޗަށް އައީމަ. އަހަރެން ވަރަށް ވިސްނިން. އަދި އަހަރެންނަށް އެނގުނު އަހަރެންނަށް ލޯބިވެވުނީ ޝަލީދެކެ ނޫންކަން އެކަމަކު އެސިފައިގައި ހުރި އެހެން ކުއްޖަކުދެކެކަން. އަހަރެންނަށް ކަމުދިޔައީ އީޝްގެ ސިފަތައް. ހަރަކާތްތައް. އަމަލުތައް. ސޫރައެއް ނޫން. އަހަރެން އަދިވެސް އީޝް ބޭނުން. ބުނެބަލަ އަހަރެންނާ މެރީކުރާނަންތަ؟" އަލޫކްގެ ވާހަކައިގެ ވަކި ހިސާބަކުން އެއަތުގައި ހިފާ އުފުލާލުމަށްފަހު ފަހު ޖުމްލައާއެކު ކަށި އިނގިލީގައި އަނގޮޓިއެއް އަޅުވާލަދިންކަން އިހްސާސްވިއެވެ. އީޝާއަށް އެކަން އިހްސާސްވެގެން އެއްޗެއް ނުބުނެވި އުޅެނިކޮށް އަލޫކް އޭނާ އަތުގައި ހިފައިގެން ހުރެފައި ތިރިވެ ކަކޫ ޖަހައިލީ ތިރީގައެވެ.

"މިހާރު ހުރިހާ އެއްޗެއް ސާފުވެއްޖެއެއްނު. ނެތެއްނު އޮޅުންއަރާ އެއްވެސް ކަމެއް. ދެން މިއަދު ވީއެއްނު އަހަރެންނަށް ޖަވާބުދޭން. ބުނެބަލަ އަހަރެންނާ މެރީކުރާނަންތަ؟" އަލޫކް ކަޅިޖަހާނުލާ އެމޫނަށް ބަލަން އިނދެގެން އާދޭހާއެކު ތަކުރާރުކޮށްލިއެވެ. އޭރު އީޝާގެ ލޮލަށް ޖަމާވި ކަރުނައިން މަންޒަރު ފުސްވެ ލޯ ފުހެލަން މަޖުބޫރުވެއްޖެއެވެ. އެސްފިޔަ ޖަހާލުމާއެކު ބޮޑު ބޮޑު ދެކަރުނަތިކި ތިރިއަށް ރޮނގުދެމިގެން ގޮސް ކޯތާފަތް މަތިން ތިރިއަށް ވެއްޓުނެވެ. ވާހަކަ ނުދެއްކިގެން އޭނާ ތަކުރާރުކޮށް ދެފަހަރު ބޯޖަހާލުމާއެކު އަލޫކް ހަމައިސްކޮޅަށް ތެދުވެފައި އޭނާ ގެންގޮސް ދެއަތުގެތެރޭގައި ފިއްތައިލިއެވެ. ދުވަހަކު ވަކިވުމެއްނެތް ފަދަ ގޮތަކަށެވެ.

ނިމުނީ

ކޮމެންޓް 0