ވިޝާ ގޮސް ފްރޭމް ނަގައި ބަލައިލިތަނާ މޫނުގައި ހީވީ މީހަކު ބޮނޑިއެއް އެޅިހެންނެވެ. ފްރޭމްގައި ރައްކާކުރެވިފައިވާ ލިޒްގެ ހިނިތުންވުން ފެނުމުން އެފްރޭމް ގަޔާއި ދުރުކޮށްލެވުނީ ނުރައްކާތެރި އެއްޗެއް ގަޔާއި ދުރުކޮށްލިފަދަ ގޮތަކަށެވެ. ޝާހަމް އެނބުރި އަންނައިރު އެފޮޓޯ އެތަނުން ފެންނަން ހިތް ނުރުހުމުން އޭނާ އެހިފައިގެން ގޮސް ހުއްޓުނީ އަލަމާރި ކުރިމައްޗަށެވެ. އެކަމަކު އަލަމާރި ހުޅުވާލެވުމުން ހަމައެކަނި ފްރޭމް ބާއްވާފައި ދުރަށް ދެވޭގޮތެއް ނުވިއެވެ. އަލަމާރި ތެރޭ އޮތް ބޯ އަލްބަމްގެ ބޭރުގަނޑުގައި ހިތެއްގެ ތެރޭގައިވެސް އިނީ ހަމަ އެއަންހެންކުއްޖާގެ ފޮޓޯއެކެވެ. ވިޝާ އަލްބަމް އަތަށް ނަގައިގެން ބުދެއްހެން ގޮސް އެނދުގައި އިށީންދެފައި ގަނޑުތައް އުކަން ފެށުމާއެކު ހިތުން ލޭ ކަރުނަ އޮހިގެން އަންނަން ފެށިއެވެ. އެއަލްބަމްގައި ހުރީ ލިޒްއާ ޝާހަމްގެ ލޯބީގެ ހަނދާންތަކެވެ. އެދެލޯބިވެރިންގެ އުފާވެރިކަމެވެ. އެކަކު އަނެކަކުދެކެ އެމީހުންވީ ލޯއްބެވެ. ކޮންމެ ގަނޑެއް އެއްލާފައި ވިޝާއަށް އަތް ޖައްސާލެވެނީ ޝާހަމްގެ މޫނުގައެވެ. ޝާހަމް ކިޔަވައިގެން އައިސް ފުރަތަމަ ބައްދަލުވީ ދުވަސްވަރަށްފަހު އެގޮތަށް ހިނިތުންވެފައި ހުއްޓާ ދުށް ހަނދާނެއް ވިޝާ ނުވިއެވެ. ޝާހަމްގެ މޫނުން އެހިނިތުންވުން ފޭރިގެން މީހަކީ ޚުދު އޭނާ ހެއްޔެވެ؟ ވިޝާގެ ހިތަށް އެރި އެއްޗަކުން އޭނާ ތުރުތުރު އަޅައިގަތެވެ. އެވަގުތު އަތުގައި އޮތް އަލްބަމް ދޫކޮށްލައިފައި ފުންމައިގެން ތެދުވެވުނީ ކޮޅަށެވެ. ނޫނެކޭ ބުނާފަދަ ގޮތަކަށް މަޑުމަޑުން ދެފަރާތަށް ބޯހޫރަން ފެށިތަނާ ކޮޓަރިތެރޭ ހަރުލީ އަމިއްލަ ޟަމީރުގެ ހުނުމުގެ އަޑެވެ. އަމިއްލަ ޟަމީރުވެސް މިއަދުއޭނާއަށް މަލާމާތްކޮށްފައި ހެނީއެވެ. އިނގިލިދިއްކޮށްފައި އޭނާއަކީ ކުށްވެރިއެކޭ ބުނަނީއެވެ. ކުށްވެރިއަކީ އޭނާކަމަށް ވާނަމަ އޭނާއަށް ކުރެވުނު ކުށަކީ ޝާހަމްދެކެ ލޯބި ވުމެވެ. އިތުރަށް އޭނާއަށް އެނގިގެން އެދެމީހުން ވަކި ކުރަން ކުރި މަސައްކަތެއް ނޯންނާނެއެވެ. އޭނާ ހަމައެކަނި ކުރި ކަމަކީ މާކުރިއްސުރެ ހަމަޖެހިފައި އޮތް ކައިވެނީގެ ހުވަފެން ދުށުމެވެ. އެކައިވެނި ރޫޅާލައިފައި ޝާހަމް ލިޒް ގޮވައިގެން ދިއުމުން އެއީވެސް ތަޤްދީރުގެ ނިޔާ ކަމުގައި ދެކިގެން ކަރުނަ އަޅައަޅާ ހުރީއެވެ.

ލޮލުގައި ބޮނޑިވެގަތް ކަރުނަތައް ގިނަވެ އެސްފިޔަތައް ކެތްނުވުމުން ފޭދެން ފެށިއެވެ. ތުންފަތުގައި ދަތް އަޅާލައިފައި ވިޝާ އިށީންދެލީ ތިރީގައި އޮތް ކާޕެޓްމަތީގައެވެ. އޭނާ އެނދުގައި ބޯއަޅާލައިގެން އެއިންގޮތަށް އިންދާ ހަނދަށް ނިވާއެޅި ކަޅުވިލާގަނޑުގެ ސަބަބުން ކޮޓަރިތެރެއަށް ފޭދިފައި ހުރި ހަނދުވަރުގެ ރިހިކަން ނެތިގެން ހިނގައްޖެއެވެ. ލުއިވައިރޯޅިތައް ބާރުވެގެން އަންނަން ފެށުމުން އުއްބައްތީގެ ހުޅުކޮޅުތަކަށް ކެތްނުވެގެން އެންމެފަހުން ފަހަރަކު އުއްބައްތިއެއް ނިވި މުޅިތަން އަނދިރިވިއެވެ. އެކަމަކު އެއިން ކަމަކަށް ވިޝާގެ ފަރުވާލެއް ނެތެވެ. އެވަގުތު އޭނާ ހިތް އޮތީ އެއަށްވުރެ މާބޮޑު އަނދިރިކަމެއްގެ ތެރޭގައެވެ.

ޕާޓީ ނިމި މެހުމާނުން ހުސްވިތާ ބައިގަޑިއިރު ފާއިތުވެގެން ދިޔަފަހުން ޝާހަމްގެ އެކުވެރިންގެ ފަރާތުން ފުރުސަތެއް ލިބިގެން މައްޗަށް އަރަން އައެވެ. ސިޑިން ފައިބަމުން ދިޔަ އިމާދުއަށް އޭނާ ފެނުމުން ފުރަތަމަ ފަހަރަށް ހިނިތުންވެލައި ކޮނޑުގައި އަތްޖައްސާލައިފައި އެކުވެރިން ދިޔައީތޯ އެހިވަގުތު މެއަށް ފިނިވެގެން އައީ މިހެންނަކުން ނޫނެވެ. ބައްޕަ އެހުރީ ކައިވެނި ކުރެވެނީމައި ނޫނީ އެކަން ވާނެ ކަމަށް ޤަބޫލު ނުކުރަން ވެގެންނެވެ. ޝާހަމް ފިނިވެފައި ހުރެގެން ގިނަ ވާހަކަ ދެއްކޭ ގޮތް ނުވުމުން ހަމައެކަނި އާއެކޭ ބުނެ އެއްބަސްވެފައި މައްޗަށް އަރައިގެން ދިޔައީއެވެ.

"ލޫކް ކީކޭތަ އޭރު ބުނަން އުޅުނީ؟" ވިއްސާރަ ކުލަވަރު ދައްކަން ފެށުމުން ނޯކަރުންތައް ގޮނޑިތަކާއި މޭޒުތައް އެތެރެ ކުރެވޭތޯ އަވަސް އަރުވާލައިފައި އުޅުނުއިރު ޝަލީންއާ އަލޫކް ތިބީ އެމަންޒަރު ފެންނަ ހިސާބުގައި ގޭގެ މައި ބެލްކަނީގައެވެ. ޝަލީން ސުވާލު ކުރި އަޑަށް އަލޫކް ބަލައިލާފައި ބުމަ އަރުވާލުމުން އޭނާ ގާތަށް ހިނި އައެވެ. "ވަރަށް މޮޅު ނޭނގޭ ކަމަށް ހެދެން. އެކަމަކު އަހަރެން މިއަހަނީ މިދިޔަ އަހަރުގެ ވާހަކައެއް ނޫން. މީގެ ކުޑައިރުކޮޅެއް ކުރިން އަހަރެން ބިޒީކޮށްލައިގެން އުޅެނިކޮށް ކުއްލިއަކަށް އައިސް ބުނި ވާހަކައެއް." ޝަލީން އިތުރަށް ކިޔައިދިނެވެ. "އޭރު ފުރުސަތު ލިބުނުނަމަ ބުނެވުނީސް ކަންނޭނގެ. އެކަމަކު މިހާރު ނެތް މޫޑެއް." އަލޫކް ސީރިއަސްވެފައި ނަޒަރު ހުއްޓައިލީ ދުރަށެވެ. އެކަމަކު ޝަލީން ހީކުރީ އަލޫކް ގަސްތުގައި އޭނާ ތަޅުވައިލަން އުޅެނީ ކަމަށެވެ. އެހެންވެ އޭނާވެސް ދެރަނުވާން އެންމެ ރަނގަޅޭ ބުނެފައި ހަށަން ބަނދެލައިފިއެވެ.

"އައި ފީލް ގުޑް.... ހުރިހާ ކަމެއް ބޭނުންވިގޮތަށް އެންމެ ރަނގަޅަށް ކުރެވުނީމަ ވަރަށް ހިތްހަމަ ޖެހިފަ މިހުންނަނީ." ޖެހެމުންދިޔަ ފިނިރޯޅިތަކުން ހީކަރުވާގޮތް ވާން ފެށުމުން ޝަލީން ދެއަތުގެ މުލައްދަނޑީގައި ފިރުމާލިއެވެ. "ޝަލީ އޮފީހަށް ދިއުން ހުއްޓައިލާފަ ވެޑިން ޕްލޭނަރއަކަށް ކަންނޭނގެ ވާންވީ." އަލޫކް އިރުކޮޅަކުން ވާހަކަދެއްކިއެވެ. "އެހެންނު؟" އަލޫކްގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ ޝަލީން އެއްބައިވެލިއެވެ. "ހީވޭ ބައްޕަވެސް އެއްބަސްވެދާނެހެން. ޔަޤީނުންވެސް ދޮންބެ އޯކޭވާނެ. ދޮންބެ ފުރަތަމަ އަހަރެންގެ ޑޮކް ކައިރީވެސް ބުނީ މީ އަހަރެންގެ އިންޓްރެސްޓް ހުންނަ ކަމެއް ކަމަށް. ފަށައިގަންނަން ދެން އަހަރެންނަކަށްވެސް ނޭނގެ އެއީ ތެދެއްކަމެއް. މިހާރު އެނގިއްޖެ ދޮންބެއަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭކަން." ޝަލީން ހެވިލާފައި ހުރެ ދެއްކި ވާހަކަތައް ނިމުނުއިރު އަލޫކް ހުރީ ހައިރާންވެފައެވެ.

"ޝާހަމްތަ ބުނީ ޝަލީ މިކަހަލަ ކަންތަކަށް އިންޓްރެސްޓް ހުންނަ ވާހަކަ؟" އޭނާ އަހައިލި ގޮތުން ހީވީ އިތުރަށް ޔަޤީންކުރަން ބޭނުންވެގެން އަހައިލި ހެންނެވެ. ޝަލީން ބޯޖަހައިލުމުން ވަކި އެއްޗެއް ނުބުނެ ހުރެފައި އެތެރެއަށް ވަދެގެން ދިޔައެވެ. އެކޮޓަރިން ނިކުމެގެން އޭނާއަށް ދެވުނީ ޝާހަމް ކުރިމައްޗަށެވެ. ދެމީހުން ހަތަރުކަޅި ވެފައި ކޮންމެ މީހަކުވެސް އެއެއްޗެއް ނުބުނެ އިސްއޮބާލައިގެން ހިނގައިގަތީ އެމީހެއްގެ އަމިއްލަ މިސްރާބާ ދިމާއަށެވެ.

"ޝާހަމް!" ދެފިޔަވަޅެއް އަޅައިލިތަނާ އަލޫކް ގޮވާލިއަޑަށް ޝާހަމް ހުއްޓުނެވެ. "ބުނަން ތިއުޅެނީ ލޫކްގެ ކޮއްކޮއަށް ރަނގަޅަށް ކަންތައް ކުރުމަށް ކަމަށްވަންޏާ އަހަރެން ބުނެލަން އޮތީ އަހަރެންގެ ހިތަށްވެސް ވަކި ހަމަޖެހުމެއް ނުލިބޭނެއޭ ވިޝްއަށް ދެރަގޮތެއް ހަދައިގެނެއް. ލޫކް އޭނަދެކެ ވާލޯބި އަހަރެންނަށް ފަހަރެއްގަ ނުވެވިދާނެ. ބަޓް އައި ޑޫ ކެއަރ ފޯ ހަރ މޯ ދެން އެނީތިން." ޝާހަމް ފުރަގަސްދީގެން ހުއްޓި ހުރެފައި އެއްފައްޗަކަށް އަމުނާލައިފިއެވެ. "ބުނަން މިއުޅެނީ އަދި ތިވާހަކައެއް ނޫން." އެވަގުތު އަލޫކް ރައްދު ދިނުމުން ހައިރާންވެފައި އެނބުރި ބަލައިލެވުނެވެ.

"ޝާހަމްއަށް ރަނގަޅަށް އެނގޭނެ ޝަލީއަކީ ކޮންކަހަލަ ކުއްޖެއްކަން. އެންމެ ރަނގަޅަށް އެނގޭނެ އޭނައަކީ ޒިންމާ ނަގައިގެން ކަންކަމުގަ އިސްވެ ހަރަކާތްތެރިވާން ބޭނުންވާ ކުއްޖެއް ނޫންކަން، ދެން ކީއްވެ އޭނަގެ ޑޮކްޓަރ ކައިރީ އޭނަ ވެޑިންޕްލޭން ކުރާހިތްވާ ވާހަކަ ބުނީ؟ އަހަރެންނަށް ނޭނގޭ ކޮންމެ ކަމެއް ޝާހަމްއަށް އެނގިގެން ތިއުޅެނީ؟" އަލޫކް ޖާސޫސެއްހެން ސުވާލުތައް ކުރުމުން ޝާހަމްގެ މޫނުގެ ކުލަ ބަދަލުވެއްޖެއެވެ. "މާލެ ދޫކޮށްފަ އެންމެންނާ ފިލަންދިޔަ މީހަކާ އެއް ފްލައިޓަށް ޝަލީއަށް އެރުނީ ކިހިނެތް؟" ޝާހަމްއަށް ބަހެއް ނުބުނެވެނީސް އަލޫކް އަނެއް ސުވާލު ކޮށްފިއެވެ.

"ނޭނގެ. އަހަރެން ފެނުނީ އޭނަ ފްލައިޓަށް އެރިތަން. އެހިސާބުން އެނގުނީ އޭނަ އަހަރުމެންނާ އެކީ ދަތުރުކުރާކަން. އަދި އެހެންނޫނަސް އަހަރެން ނުޖެހޭނެ ލޫކްގެ ތިސުވާލުތަކަށް ޖަވާބުދޭކަށް. ގުޑްނައިޓް." ޝާހަމް ހަރުކަށި ޖަވާބެއްދީފައި ބާރުބާރަށް ގޮސް ދޮރު ހުޅުވާލައިފައި ވަނެވެ.

"ވިޝް!" ކޮޓަރިތެރެއަށް ވެރިވެފައި އޮތް ކަނު އަނދިރިކަން ފެނިގެން ޝާހަމްއަށް ގޮވައިލެވުނެވެ. ދާނޭ ދިމާލެއް ނޭނގިފައި ހުރެގެން ސްވިޗް ބޯޑު ހޯދާލައިފައި ލައިޓް ދިއްލާލުމާއެކު ފަނޑު އައްޔަކުން އެތަން އަލިވެގެން އައެވެ. އޭރު ވިޝާ އިނީ އެނދުގައި ބޯއަޅައިލިގޮތަށް އިށީންދެ ތިރީގައެވެ. އޭނާ ހީކުރީ އޭނާ ލަސްވެގެން ވިޝާ މާބޮޑަށް ދެރަވީ ކަމަށެވެ. ދެކޮޅު ހަދަމުންދިޔަ ހިތަށް ބީރު ކަންފަތެއް ދީފައި ގޮސް ވިޝާގެ ކައިރިއަށް ހުއްޓުނު ވަގުތު ނަޒަރު ހުއްޓޭ ގޮތްވީ އެތާ ކައިރީގައި އޮތް އަލްބަމްއަށެވެ. ޝާހަމް ތިރިވެ އެނަގައި ބަލާލުމާއެކު ލިޒްގެ މޫނު ދެކެފައި މާޒީގެ ހަނދާންތައް ހިތުގައި ހަރުލައިގެން ދިޔައީ ދެންމެ ވީކަމެއް ހެންނެވެ. ކައިވެންޏަށްޓަކައި ލިޒް ކުރި ފޮނި އުންމީދާއި ދެމީހުން އެކައިވެނީގެ ކަންކަން ނިންމަން ރޭވި ގޮތްތައް ހިތަށް އަރައި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ވިޝާ އެހުރިތަނަށް ދޫކޮށްލައިފައި އޭނާއަށް ދެވުނީ ދުރުގައި ހުރި ސޯފާއާ ގާތަށެވެ. އެތަނުގައި އިށީންދެ ފޮޓޯތަކަށް ބަލަން އިންދާ ލިޒްގެ އެންމެ ފަހުވަގުތު ކޮޅު ކުރިމަތިން ސިފަވިއެވެ. ލެއިން ތަތްތެޅިފައި އޮވެގެންވެސް އޭނާއަށްޓަކައި ހިނިތުން ވަމުން އުފަލުގައި އުޅުމަށް ބުނެލީ ހާދަ ކެތްތެރިކަމާ އެކުގައެވެ.

ނޭނގުމުގެ ތެރޭގައި ލޮލުން ފޭދިގެން ވެއްޓި ކަރުނަތިއްކެއް އަލްބަމް މައްޗަށް ވެއްޓުމާއެކު ޝާހަމްއަށް އަތުން ޖަހައިލެވުނީ އަމިއްލަ މޭގައެވެ. އޭނަ އެއީ ލިޒް ރައްކާތެރިކޮށްދޭނެ ކަމަށް ވަޢުދުވި މީހާއެވެ. އުމުރަށް އެކު އުޅޭނެ ކަމަށް ހުވަފެން ދައްކާފައި އުފަން ބިމުން ފިލުވައިގެން ގެންދިޔަ މީހާއެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ހާސިލް ނުކުރެވެނީސް ލިޒް އޭނާ ދޫކޮށްލާފައި ދުރަށް، މާދުރަށް ގޮސް ގެއްލުނީއެވެ.

*****

ޖެހި ގުގުރީގެ އަޑުފަތްގަނޑާއެކު ވިޝާއަށް ހޭލެވިގެން ތެދުވެވުނެވެ. ވަށައިގެން ހޯދާލިތަނާ ޝާހަމްވެސް ސޯފާގައި އިނދެފައި ބަލާލައިފިއެވެ. ފަނޑުއަލީގައިވެސް އޭނާ ފެނިގެން ވިޝާ ކަންބޮޑުވެ ކުލަ ބަދަލުވިތަން ފާހަގަވިއެވެ. އޭރު ބާރުވައިރޯޅިތައް ދޮރުންވަދެ ފޮތިތަކަށް ހަމަލާދީފައި ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ. ވެހޭ ވާރޭގެ އަޑުވެސް އެހާމެ ގަދައެވެ. ވިޝާ ޝާހަމްއަށް ބަލަން ނުހުރެ އަވަހަށް ގޮސް ދޮރު ލައްޕައި ބަންދުކޮށްފައި ފޮތިތައް ރީތިކޮށްލިއެވެ. ދާންވެގެން އެނބުރުނުއިރު ޝާހަމް ތެދުވެ ހުރީ ކޮޅަށެވެ. އިސްޖެހިފައި ހުރެގެން ގޮސް އެނދާއި އަރާ ހަމަވީތަނާ ޝާހަމް ނަސީބަކުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ހަށިފުރާ ނޭވައެއް ލައިފައި ވިޝާ އައިސް އިށީންދެލީ އެނދުގައެވެ. ބޮލުގައި ހުރި ދައްޗާއި ގަހަނާތައް ބާލައި ޑްރެސިން ޓޭބަލް މަތީ ބަހައްޓާފައި ބިތްދޮށަށް އެނބުރި އޮތްވާ އަނެއްކާވެސް ލޮލުން ކަރުނަ ފޭދިގެން އަންނަން ފެށިއެވެ. އަޑު ބޭރުވިޔަ ނުދޭން ތުންފަތުގައި ދަތް އަޅާލައިގެން އޮވެ ދޭތެރެއަކުން ނޭފަތް ދަމައިލެވެއެވެ. އިރުކޮޅަކުން ޝާހަމް ނިކުތް އަޑު އަހާފައި ހިތަށް ކުރި އަސަރު ފުންވެގެން ކެތްނުވާ ހިސާބަށް ދިއުމުން މޫނު ހަރައިލެވުނީ ބާލީހަށެވެ.

"ވިޝް! އާ ޔޫ އޯކޭ؟" ކައިރިއަށް އައިސް ހުއްޓުމާއެކު ވިޝާ އޮތްގޮތް ފެނިފައި ޝާހަމްއަށް ޝައްކުވެގެން އަހައިލެވުނެވެ. އެއަޑު ކަންފަތުގައި ޖެހުނީ ކިތަންމެ މަޑުން ކަމަށްވިއަސް ވިޝާގެ ކެތްތެރިކަމުގެ އިން ފަހަނައަޅަން ފުދުނެވެ. ބަނޑިފަޅައިގެން ދިއުމާއެކު ޅަކުއްޖެއްހެން މުށްކަވާފައި އެނދުގައި ތަޅަންފެށިއެވެ. ޝާހަމްއަށް ހުރެވުނީ ފުރަތަމަ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް ވިޝާ އެހާ ވަރަށް ރޯން ޖެހުނު ސަބަބެއް ނުވިސްނުނެވެ. އެހެންވިއަސް އެކަރުނަތައް ކޮންޓްރޯލްގެ ދަށަށް ގެންނަން އޭނާ ބޭނުންވިއެވެ.

"ކަމްއޯން ވިޝް. ހުއްޓާލަބަލަ! ކިހިނެތްތަ ތިވަނީ؟ އަހަރެން ލަހުން އައިސްގެންތަ ތިހާ ދެރަވެގެން ތިއުޅެނީ؟" ޝާހަމް ގުދުވެލާފައި ވިޝާގެ ދެކޮނޑުގައި ހިފާ ނެގުމުން ބޭނުންނުވިއަސް ވިޝާއަށް އިތުރަކަށް ނޯވެވުނެވެ. ޝާހަމްގެ ބާރުގެ ކުރިމަތީ އޭނާއަކީ އެއްވެސް އެއްޗަކަށް ނުވިއެވެ.

"އައެމް ސޮރީ ޝާހަމް، އައެމް ސޯ ސޮރީ. އައެމް ސޯ ސޮރީ..." ވިޝާ މޫނު ފޮރުވާލަން އުޅުނު ވަގުތު ޝާހަމް އެދެއަތުގައި ހިފާ ތިރިކޮށްލުމުން ކަރުނައިގެ ތެރެއިން ބުނަން ފެށިއެވެ. އެރީތި ދެލޯ ފުރި ކަރުނަތައް ބަންޑުން ވަމުންދިޔައިރު ނޭފަތުކުރިއާއެކު މޫނު ހުރީ ރަތްވާގޮތްވެފައެވެ. ތެމިފައިވާ އެސްފިޔަތަކުގެ ސަބަބުން ލޮލުގެ ކަޅުކަން އިހުނަށްވުރެ ގަދައެވެ.

"ސޮރީ ފޯ ވަޓް؟" ވީގޮތެއް ނޭނގިގެން ޝާހަމް ތަންކޮޅެއް ބާރުލައިފައި އެހިއެވެ. އެވަގުތު ދެންވެސް ވިޝާ ކިޔަން ފެށީ އެކައްޗެކެވެ. ރޮއި ރޮއިފައި އޭނާ ހަމަ ހުއްޓާނުލާ މަޢާފަށް އެދެނީއެވެ. " ކަމްހިއަރ!" ހަދާނެ ގޮތް ހުސްވެގެން ޝާހަމް އެންމެފަހުން ވިޝާ ގެނެސް މޭގައި ޖައްސާލައިފިއެވެ. އެހޫނު ކަރުނަތައް ހުރެހެއްނެތި ބީހެން ފެށުމުން ޝާހަމްގެ ހަށިގަނޑަށްވެސް ކުރުވީ ތަފާތު އިހްސާސެކެވެ. އެއް އަތުން ވިޝާގެ ބުރަކަށި ވަށާލައިގެން އިނދެ އަނެއް އަތުން އޭނާ އެއިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.

އިރުގަނޑެއް ފަހުން ވިޝާގެ ރުއިން މެދުކެނޑުނުއިރު ވިއްސާރަވެސް ވަނީ މައިތިރިވެފައެވެ. ގުގުރީގެ އަޑު ކެނޑި ވައިރޯޅި މަޑުވެއްޖެ ކަހަލައެވެ. ޝާހަމް ދުރުކޮށްލަން ނުކެރިފައި އިންދާ ވިޝާ ދުރަށް ދާން އުޅުނުހެން ހީވެގެން ދެއަތް ތިރިކޮށްލިއެވެ. އެވަގުތު ވިޝާ ތެދުވެގެން ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. ޝާހަމް ބަލަން އޮތްވާ ވިޝާ ނިދާ ހެދުން ހެދުން ހިފައިގެން ވަދެފައި އެނބުރި އައިސް ހުރީ އަނެއްކާވެސް ކޮޅަށެވެ.

"އަހަރެން ނިދިއަސް ހެޔޮތަ؟ ..." ޝާހަމް މަތި ބަލަން އޮވެފައި ވިޝާ ވާހަކަދެއްކުމުން ކުއްލިއަކަށް ބަލައިލިއެވެ. "ވަރަށް ނިދިއައިއްސަ މިރޭ މިހުރީ. އެހާ ޓަޔަޑް." ވިޝާ އަވަހަށް ދޮގެއް ހަދައިލިއެވެ. ޝާހަމް ފާޑަކަށް އަނގަ ސަކަރާތްވީ އެއީ އޭނާ ބުނަން އުޅުނު ވާހަކައަކަށް ވީތީއެވެ. ރައްދު ދިނުމުގެ ގޮތުން މަޑުމަޑުން ބޯޖަހައިލިތަނާ ވިޝާ އެނދު ބިތްދޮށަށް އަރައި ފުރަގަސްދީގެން އޮށޯވެއްޖެއެވެ. އޭނާގެ ބޭނުމަކަށްވީ އަމިއްލަ ކުށް ދައްކާފައި ޝާހަމް ސަލާމަތް ކުރުމެވެ. އޭރުން ޔަޤީނުންވެސް ޝާހަމް އަމިއްލައަށް އަމިއްލަ ނަފްސް ކުށްވެރި ކުރާކަށް ނުޖެހޭނެއެވެ.

*****

ޖެހިގެން އައި ދުވަހަށް އަރައިގެން އައި އިރާއެކު ވިޝާ ނިކުމެ ހުރީ ބެލްކަނީގައެވެ. ފަތިހުގެ ފިންޏާއި ރޭ ވެހުނު ވިއްސާރައިގެ އަސަރު އެކުވެގެން ޖެހެމުންދިޔަ ވައިރޯޅިތަކުގައިވެސް ވީ ތެތް ފިނިކަމެއް އެކުލެވިފައެވެ. ވިޝާ މޯޅިއަކަށް ދެމިލާފައި ޕޮޓްތަކުގައި ހުރި މާތަކުގައި ނުހަނު ލޯބިން ފިރުމައިލިއެވެ. ހީކަރުވަން ފެށުމުން ހޫނު އެއްޗެއް ބޯހިތްވެގެން ތިރިއަށް ދާން ހިޔާލުކޮށްލައިފައި އެތެރެއަށް ވަންތަނާ ޝާހަމް ލޯ ހުޅުވައިލިތަން ފެނިގެން ރަކިވެފައި ދެފައި ތަތްލީ ހުރި ހިސާބުގައެވެ. އޭނާ ކަންބޮޑުވީ ރޭގައި ވީގޮތެއް ނުބުނެ ރުއި ރުއިމާއި މަޢާފަށް އެދުނު ސަބަބަކީ ކޮބައިކަން އަހައިފާނެތީއެވެ.

"ގުޑްމޯނިން!" ވިޝާ ފާޑަކަށް ހުރެލާފައި ދުއްވައިގަނެގެން ގޮސް ބޭރަށް ނިކުތެވެ. "ގުޑްމޯނިން ވިޝް." ވިޝާ ގޮސް ގެއްލުމުން ޝާހަމް އެނދުން ތެދުވެފައި އެކަނި ހުރެ ކިޔައިލިއެވެ. ފާޚާނާއަށް ނުދެވި އުޅެނިކޮށް ސައިޑު ޓޭބަލް މަތީ އޮތް ފޯނަށް މެސެޖެއް އައިސްގެން ބަލައިލެވުނެވެ

 

ކޮމެންޓް 0