އީޝް!" ކަންބޮޑުވެފައި ހުއްޓާ ނުހައިކް އަނެއްކޮޅުން އައިސް ކައިރިއަށް ހުއްޓިފައި ކޮނޑުގައި އަތް ޖައްސާލިއެވެ. އެތަން އަލޫކްއަށްވެސް ފެނުނެވެ. "ދަނީ." އެވަގުތު އީޝާ އެޖަވާބުދިނީ އަލޫކްއަށެވެ. ދެން އޭނާ ހައިރާންކަމުގެ ތެރެއަށް ދޫކޮށްލައިފައި ނުހައިކްއާ ދެމީހުން އެކުއެކީގައި އަނބުރާލައިފައި ގޮސް އެންމެ ކައިރިން އޮތް ގޯޅިން އަޅައިފިއެވެ. އަލޫކްއަށް ވީގޮތަކީ ފެނުނު މަންޒަރު ޤަބޫލު ނުކުރެވިފައި އެއިން ގޮތަށް އިނދެވުނީއެވެ. ތަކުރާރުކޮށް އޭނާގެ ސިކުނޑީގައި އެވަގުތު ބުރު އަޅައިލީ އެންމެ ސުވާލެކެވެ. އެއީ އޭނާއަށް އެފެނުނީ ހަޤީޤަތެއްކަން ނުވަތަ ނޫންކަމެވެ.
ފޯނު ރިންގްވާން ފެށުމުން ނަގައި ބަލައިލީއިރު ޝާހަމްއެވެ. ހީވީ އެކަން އެނގިގެން ޝާހަމް ގުޅި ހެންނެވެ. "ކީކޭ؟" އަލޫކް ފޯނު ކަންފަތުގައި ޖައްސާލައިފައި އެހިއެވެ. "އެއްވެސް ސުވާލެއް ނުކޮށް އަހަރެން ކުރާ ސުވާލަކަށް ތެދަށް ޖަވާބު ދީފާނަންތަ؟' ޝާހަމްގެ އަޑުގައި ހުރީ ސީރިއަސްކަމެވެ. "އަހާބަލަ!" އަލޫކް ހުއްދަދިނެވެ. "ފެންނަ ހިސާބުގައި ޝަލީ އެބައިންތަ؟ އިނިއްޔާ އިތުރު ސުވާލެއް ނުކޮށް އޭނަ ގެއަށް ގެނެސްދީބަލަ ޕްލީޒް!" ޝާހަމް އެދުނެވެ. "ކިހިނެތް ވެގެން ތިއުޅެނީ؟" އަލޫކްވެސް ކޮށްލީ ސުވާލެކެވެ. ޝަލީން އެގޮތަށް ނުހައިކްއާ ދެމީހުންވެގެން ދިޔަ ދިއުމާއި ޝާހަމް ކުއްލިއަކަށް ގުޅާފައި ޝަލީން ކޮބައިތޯ އެހުމުން އޭނާގެ ހިތް ބުނީ ބޮޑު ކަންތައްގަނޑެއް ހިނގައިގެން އުޅޭ ކަމުގައެވެ.
"ފުރަތަމަ އަހަރެން މިބުނާ ކަންތައް ކޮށްދީ. ތިސުވާލުގެ ޖަވާބު އަހަރެން ފަހުން ދޭނަން." ޝާހަމް ހުރީ ކެތްމަދުވެފައެވެ. އަލޫކް އާއެކޭ ބުނެފައި ފޯނު ބޭއްވިއިރު ޝަލީން ނެތް ވާހަކައެއް ނުބުނެއެވެ. އޭގެ ބަދަލުގައި އޭނާގެ ނިންމުމަކަށްވީ ޝަލީން ގޮވައިގެން އެގެއަށް ދިއުމެވެ. ފަޞީހުއަށް ގުޅައިގެން ނުހައިކްގެ ގެ ހުންނަތަން އޮޅުންފިލުވުމަށްފަހު އަލޫކް ގޮސް ކާރު މަޑުކޮށްލީ އެގޭ ކައިރިއަށެވެ.
ތިރީގައި އުޅެލާފައި ވިޝާ އައިސް ކޮޓަރިއަށް ވަންއިރު ޝާހަމް ހުއްޓުމެއްނެތި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. "އަދިވެސް ޚަބަރެއް ނުވޭތަ؟" ވިޝާ ސުވާލުކޮށްލުމުން ޝާހަމް ބަލައިލިއެވެ. އޭނާ ބޯޖަހައިލިތަން ފެނިގެން ވިޝާއަށްވެސް ނިތުގައި އަތް ހާކައިލެވުނެވެ. "ދެންމެ މަންމަވެސް އަހައިފި ޝަލީ ނުފެނިގެން އޭނަ ކޮބައިހޭ. ބައްޕައާ ދެމީހުން އެބަތިބި ތިރީގަ ކާން. އަހަރެން މިއައީ އެމީހުން ބުނެގެން ޝާހަމްއަށް ގޮވަން. ދެވަނަ ފަހަރަށް އެމީހުން ޝަލީގެ ވާހަކަ އަހައިފިއްޔާ އަހަރެންނަކަށް ނޭނގެ ސިއްރު ކުރެވޭނެ ކަމެއް. އަހަރެން ޝާހަމްހާ މޮޅެއް ނުވާނެ ކަންކަން ސިއްރުކުރާކަށް." ވިޝާ ގޮސް އެނދުގައި އިށީންދެފައި ގޮތް ހުސްވެފައިވާ މީހަކު ފަދައިން ވާހަކަދެއްކިއެވެ. އެމޫނުގެ އުޖާލާކަން ކެނޑި ނިތުގައި ހުރީ ދާތިކިތައް ހަރުލައިފައެވެ. ވިޝާ އެންމެ ކަންބޮޑުވަނީ ޝަލީން ދުނިޔޭގައި ނެތްކަން އެނގޭވަގުތު އެދެމީހުންނަށް ވާނެ ގޮތެއް ނޭނގިފައެވެ.
ކާރުގައި އިނދެގެން ޝަލީން ނަންބަރަށް ގުޅަން ފެށިއިރު އަނެއްކާވެސް މޫސުން ގޯސްވާން އުޅޭކަމުގެ އަލާމާތްތައް ދައްކަން ފެށިއެވެ. އެކޮޅުން ޖަވާބު ނުދިނުމުން އަލޫކްގެ ހިތްހަމަ ނުޖެހުން އަމާޒު ކުރެވުނީ ހުންގާނަށެވެ. އިރުކޮޅަކު މަޑުކޮށްލާފައި ދެވަނަ ފަހަރަށް ގުޅަން ފެށިތަނާ ނަސީބަކުން ފޯނު ނެގިއެވެ. "ވަޓް އިޒް ގޯއިން އޮން؟" އީޝާ ހަލޯއޭ ބުނެލުމާއެކު އަލޫކް އެހިއެވެ. އެވަގުތު އީޝާ ހިމޭންކަން އިޚުތިޔާރު ކުރީ ދޭނެ ޖަވާބެއް ނޭނގިގެން ކަމެއް ނޫނީ ބުނަން ބޭނުން ނުވެގެން ކަމެއް ކަނޑައަޅަން އުދަނގޫވިއެވެ. އަލޫކްއަށް ޖެހުނީ އީޝާގެ އަޑުއަހަން ދެވަނަ ފަހަރަށްވެސް ގޮވައިލާށެވެ. އެވަގުތު އީޝާ ސިހިފައި ކުއްލިއަކަށް ހޫމ އަޅުވައިލިއެވެ.
"އަހަރެން ޝަލީއާ އޭ މިވާހަކަދައްކަނީ؟ ކިހިނެތްހޭ ވެގެން ތިއުޅެނީ؟ ކީއްވެ ޝަލީ ދޮންބެ ޝަލީ ނުފެނިގެން އެއުޅެނީ؟ ދޮންބެއާ ފިލައިގެންތަ ތިއުޅެނީ؟ އެހެންވިއަސް ކީއްވެ ނުހައިކްގެ ގެއަށް އަންނަން ޖެހުނީ؟" އަލޫކް އެއްފައްޗަކަށް ސުވާލުތައް އަމުނައިލިއެވެ.
"މިގޭ ކައިރީގައިތަ ތިހުރީ؟" އީޝާ އަޅައިގަތީ އެތަންކޮޅުގައެވެ. "ކިތަންމެ ކައިރީގަ އިނދެގެން ގުޅިއަސް ޝަލީ ތިހުންނަނީ ނުނިކުންނާށެއްނު." އަލޫކް ޖަވާބުދިނެވެ. ދެން އިވުނީ ނިކަން ހިމޭން އަޑަކުން "މި ނިކުންނަނީއޭ" ބުނެލި އަޑެވެ. އަލޫކް ފޯނު ބާއްވާފައި ބަލައިލިއިރު ވަޔާއެކު އައި ވާރޭ ތިކިތައް ބިއްލޫރިގަނޑަށް ހަމަލަ ދޭން ފަށައިފިއެވެ. އީޝާ ނިކުތީ އޭގެ ފަހުންނެވެ. ދޮރާށި ދޮށުގައި ހުރެލާފައި އަތުގައި އޮތް ކުޑައިން ހިޔާވަހިކަން ހޯދައިގެން އައިސް ކައިރިއަށް ހުއްޓުމާއެކު އަލޫކް ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.
"އަރާ އިށީންދޭ!" އަލޫކް އެހެން ބުނެލީ ދުރުބަލަން އިނދެފައެވެ. އީޝާ އެވަގުތު އެއްޗެކޭ ބުނަން އުޅެފައި އަލޫކް ދޮރުފަތް ހުޅުވާލަދިނުމުން އެންމެފަހުން އަރައި އިށީންދެއްޖެއެވެ. ކުޑަ ލައްކޮށްލާފައި އޭނާ އަލޫކް ދިއްކޮށްލި ޓިޝޫ ފޮށިން ދެތިން ޓިޝޫ ދަމައިގެންފައި މޫނު ހިއްކައިލުމަށްފަހު ބޮނޑިކޮށްލީ މުށުތެރޭގައެވެ. "ލޫކް!" އެވަގުތު އަލޫކް ކާރު ދުއްވާލުމުން އީޝާ ކުއްލިއަކަށް ގޮވައިލިއެވެ. "ކިހިނެތްވީ؟" އަލޫކް އެމޫނަށް ބަލައިލިނަމަވެސް ކާރު މަޑުކުރާކަށް ނޫޅުނެވެ. "އަހަރެން ބޭނުމެއް ނޫން އެގެއަށް ދާކަށް." އީޝާ އިސްޖަހައިލިއެވެ. އޭނާ އިނީ އަލޫކްއަށް އެވާހަކަ ކިޔައިދޭނެ ގޮތެއް ނޭނގިފައެވެ. އޭނާ އެއީ ޝަލީން ނޫންކަން ބުނާ ހިސާބުން އެދެމެދުގައި ބޯ ފާރެއް ލެވޭނެކަން ވިސްނިފައި ހިތަށް ފާޑެއްގެ ތޫނު ތަދެއް ވެލައިފިއެވެ.
"އަހަރެންނަކަށް ނުވިސްނުނު. މައްސަލައެއް ޖެހިގެން އަދި ގެއިން ނިކުތަސް ނުހައިކްއަކަށް ނޫނެއްނު ގުޅަންވީ؟ ކީއްވެ އަހަރެންނަށް ނުގުޅީ؟" އަލޫކް އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނު ސަބަބު ހާމަކޮށްލިއެވެ. "ނޭނގެ މިވާހަކަ ބުނާނެ ގޮތެއްވެސް....ލޫކް އައި ޑޯން ބިލޯންގް ދެއަރ. އެގެއާ އެއެއްޗެއްސަކީ އަހަރެންނަށް ހައްޤު އެއްޗެއްސެއް ނޫން. ނޭނގުމުގެ ތެރޭގައި ނަމަވެސް މިހާ ދުވަހު އަހަރެން ކުރީ އެހެން މީހެއްގެ ދިރިއުޅުމުން ވައްކަން. ހަމައެގޮތަށް ލޫކްގެ ގާތްކަމަކީވެސް ނުހައްޤުން އަހަރެންނަށް ލިބިފައިވާ ގާތްކަމެއް" އީޝާގެ ވާހަކަ އަހާފައި އަލޫކްއަށް ބުރަކި ޖައްސާލެވުނީ ކުއްލިއަކަށެވެ. ދެހަށިގަނޑަށް އެރި ލޮޅުމާއި އެއްވަރުގެ ޝޮކެއް އެވަގުތު އަލޫކްގެ ސިކުނޑިއަށްވެސް ލިބުނުކަން ގައިމެވެ.
"ޝަލީ މޮޔަވީތަ؟ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ކޮންއިރަކު އެންމެފަހުން ޑޮކްޓަރ ކައިރިއަށް ދިޔައީ؟ އާ ޔޫ އޯލްރައިޓް؟" އަލޫކް ކަންބޮޑުވެގެން އިޝާގެ މޫނުގެ ދެފަރާތުން ހިފާލައިފައި އެހިއެވެ. އީޝާގެ ލޮލަށް ކަރުނަ ޖަމާވީ އަލޫކްގެ އެގާތްކަން އިހްސާސްވެފައެވެ. އެލޮލުގައިވި ބެލުމާއި އެހިތުގައި އޮތް ލޯއްބަކީ ފަޅި ސިކުންތެއްގެ ތެރޭގައި އޭނާގެ ހިއްސާއިން ނެތި ދާނެ އެއްޗެހިކަން ހަނދާންވެފައެވެ.
"އައިމް ފައިން ލޫކް. އަދި އަހަރެން މިދައްކަނީ މުޅިންވެސް ރަނގަޅު ވާހަކަ. ސާފުބަހުން ކުރިމަތީ ހާމަކޮށްފައި ނެތްކަން އެކަނި. އެކަމަކު ހިތުގެ އަޑިން ލޫކްއަށްވެސް އިހްސާސްވެފަ ވަނީ އަހަރެން ބުނަން މިއުޅޭ ވާހަކައަކީ ތެދެއްކަން. އަހަރެންނަކީ ޝަލީންއެއް ނޫން. ޝަލީންގެ ސިފައިގައި ހުރި އެހެން އަންހެންކުއްޖެއް. އަހަރެންނަށް ހަމައެކަނި ލިބިފައިވަނީ ޝަލީންގެ މޫނު." އީޝާގެ ވާހަކަ މުޅިން ނުނިމެނީސް އަލޫކް ކުއްލިއަކަށް އެމޫނުން ދެއަތް ވަކިކޮށްލިއެވެ. އޭނާ ދެލޯ ބޮޑުކޮށްފައި ބަލަން ފެށުމުން އީޝާ ބޯޖަހައިލީ އެހުރިހާ ވާހަކައަކީވެސް ތެދުކަން ޔަޤީންކޮށްދިނުމުގެ ގޮތުންނެވެ. އެވަގުތު އިތުރަށް ބުނާނެ އެއްޗެއްވެސް އަލޫކްގެ ވިސްނުމަކަށް ނައެވެ.
"އަހަރެން ފައިބަނީ. ލޫކް ބޭނުމިއްޔާ ގެއަށް ގޮސް ޝާހަމްއާ ސުވާލުކުރަނިކޮށް ދެން ހުރި ސުވާލުތަކުގެ ޖަވާބުވެސް ލިބިދާނެ." އީޝާ އިރުކޮޅަކު މަޑުކޮށްލާފައި ފައިބަންވެގެން އެނބުރުނުވަގުތު އަލޫކް އެއަތުގައި ހިފާލުމުން ސިހުނެވެ. އެކަމަކު އޭނާ އެނބުރި ބަލައިލުމުން އަލޫކް އެއްޗެއް ނުބުނެ އަތް ދުރަށް ޖައްސާލައިފައި ބަލަން ފެށީ ދުރެވެ. އަރިމަތީން ފެންނަން ހުރުމުން އީޝާއަށް އެމޫނުގެ ކުލަ ދިރާސާ ކުރަން ފަސޭހައެއް ނުވިއެވެ. އޭނާ ފުން ނޭވައެއް ދޫކޮށްލައިފައި ފައިބައި ދޮރު ޖަހާލުމާއެކު އަލޫކް ކާރު ދުއްވާލައިފައި ގޮސް ލޯމަތިން ގެއްލުނު ދިމާއަށް ބަލަން ހުރިއިރު ކުޑައިގައި ފެންތިކިތައް ބީހޭ އަޑު މިއުޒިކެއް ފަދައިން އިވި އިވި ހުއްޓެވެ. އޭރު އީޝާގެ ލޯވެސް ފުރިފައި ހުރީ ކަރުނައިންނެވެ. މިރޭގެ އެވަކިވުމަކީ އަލޫކްއަށް އަބަދަށް ކިޔާލެވުނު އަލްވަދާޢުއެއްކަން ވިސްނިފައި ހިތުގައި ރިއްސައިގަތީ ކެތްނުވާ ވަރަށެވެ. އޭނާ އެއީ ޝަލީން ނޫންކަން ޔަޤީންވުމަށްފަހު އަލޫކްދެން އޭނާ ފެންނަ ހިސާބަކަށް ނާންނާނެއެވެ. ކުޑަމިނުން އުޅޭ މީހެއްތޯވެސް ބަލައިނުލާނެ ކަންނޭނގެއެވެ.
*****
"ޝަލީ އަންނާނެ ލޫކްއާއެކު." ކާން އަރާފައި ބައްޕަ ޝަލީން ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބުދެމުން ޝާހަމް ބުނެލިއެވެ. އޭނާ ބަލާލިއިރު ވިޝާ އިނީ ކުރިއްސުރެ އެމޫނަށް ބަލާށެވެ. ޝާހަމް އަޅައެއް ނުލައެވެ. އަލޫކްގެ ބަސް އަހައިގެން އީޝާ އެނބުރި ގެއަށް އައުމަށް އެދި ދުޢާކުރަމުން އެތިކޮޅެއް ނަމަވެސް އެތެރެވޭތޯ މަސައްކަތްކޮށް ކޮށް އިންދާ ކާކޮޓަރި ދޮރުމަތިން ފިޔަވަޅުގެ އަޑު އިވިއްޖެއެވެ. އެވަގުތު ޝާހަމް ފަދައިން އެހެން އެންމެންގެ ނަޒަރުވެސް އެދޮރުން ވަން އަލޫކްއަށް ހުއްޓުނެވެ.
"ކޮބާ ޝަލީން؟" އަލޫކް އައިގޮތަށް އައިސް ޝާހަމް ކައިރިއަށް ހުއްޓިފައި ސުވާލުކޮށްލުމާއެކު ޝާހަމްއަށް ކޮޅަށް ތެދުވެވުނެވެ. އޭނާ ފަދައިން އެހެން އެންމެންގެ ހައިރާންވެފައިވާ ނަޒަރުވެސް އެވަގުތު އަމާޒުވީ އަލޫކްއަށެވެ. "ލޫކް ޝަލީ ގޮވައިގެނެއް ނޫންތަ ތިއައީ؟" ޝާހަމް އެކިމީހުންގެ މޫނަށް ވަކި ވަކިން ނަޒަރެއް ދީފައި އާދައިގެ ގޮތަކަށް އެހިއެވެ. "އަހަރެން މިއަހަނީ ޝަލީންގެ ވާހަކަ. ބުނޭ އޭނައަށް ކިހިނެތް ހެދީ؟ ކޮންތާކަށް އޭނަ ލައިފަ އައިސް ތިއުޅެނީ؟" ޝާހަމް އަދިވެސް އޮޅުވާލަން މަސައްކަތް ކުރާތަން ފެނުމުން އަލޫކް ގާތަށް ރުޅި އައިސްގެން ޝާހަމް ގަމީހު ގިރުވާނުގައި ހިފުމާއެކު ދެންތިބި މީހުންވެސް ކޮޅަށް ތެދުވެއްޖެއެވެ. ވިޝާ ފާޑަކަށް ހަޅޭތްލަވައިގެންފައި އަނގަމަތީ އަތް އެޅިއިރު އިމާދު އާ ނަޖުމާ ތިބީ ވެގެން އުޅޭ ގޮތެއް ނޭނގިގެން ހައިރާންވެފައެވެ.
"ކެން ވީ ޓޯކް އައުޓް ސައިޑް؟" ޝާހަމް ބޭނުންވީ މަންމައާ ބައްޕައަށް ނާންގާ އަލޫކް ހަމައަކަށް އަޅުވާށެވެ. އެކަމަކު އަލޫކް ހުރީ އެފުރުސަތު ދޭން ތައްޔާރަކަށް ނޫނެވެ. "މިހާރު މިތާގަ މިއެންމެން ކުރިމަތީ ހުރެ ޖަވާބުދޭންވީ. އަހަރެން އެކަންޏެއް ނޫން މިތާ ތިބި އެހެން މީހުންނަށް އެނގެން ޖެހޭނެ ޝާހަމް ތީ ކިހާވަރެއްގެ މަކަރުވެރިއެއްކަން. މިހާދުވަހު ޝަލީންއޭ ކިޔައިގެން ގެނެސް ގެންގުޅުނު އަންހެންކުއްޖާގެ ހުރިހާ ސިއްރެއް ކިޔައިދީފަ މިއަދު ހުއްޓާލެވޭނީ." ރުޅިއާ ނަފްރަތުން މީހާ ހަލާކުވާވަރު ވީއިރު އަނެއްކޮޅުން ކަރުނަތައްވެސް އައިސް އަލޫކްގެ އެސްފިޔަތައް ފުރަގަހަށް ޖަމާވަމުން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާގެ ޚަބަރު ޝާހަމް ދޭނެ ގޮތެއް ނޭނގިފައި މިހާރުވެސް ހިތް ހީވަނީ މޭ ފޫއަޅުވާލައިފައި ނިކުމެދާނެ ހެންނެވެ.
"އަލޫކް! ކޯއްޗެކޭ ތިކިޔަނީ؟ ޝަލީންގެ ސިފައިގައި ހުރި އެހެން އަންހެންކުއްޖެކޭ؟ ހަމަހޭގައިތަ ތިހުރީ؟" އިމާދުއަށް ނުހުރެވިގެން އެސުވާލުތައް ކުރީ އަލޫކްއާ މުޚާތަބުކޮށްފައެވެ. ޝާހަމް އޭރު ގޮތް ހުސްވެގެން ކަރު އެލުވާލައިފިއެވެ. ކިތަންމެ ވަރަށް މަސައްކަތް ކުރިއަސް ދެން އެއްވެސް ކަމެއް ސިއްރު ކުރެވޭނެ މަގެއް ނެތެވެ. މިއަދު މީ ހުރިހާ ކަމެއް ބޭޒާރުވާނެ ދުވަހެވެ.
"އަހަރެންނަށް އެކަންޏެއް ނޫން. ދައްތައާ ބޭބެއަށްވެސް އިހްސާސްވެފަ ހުންނާނީ މިގޭގައި އެއުޅުނު އަންހެންކުއްޖާއާ ޝަލީންގެ އުޅުން ތަފާތުކަން. އެކްސިޑެންޓަށްފަހު އޭނަ މިގެއަށް އައިސްގެން އުޅުނީ އެހެން އަންހެންކުއްޖެއް ފަދައިން. ދައްކާ ވާހަކައާ ހުރިހާ އަމަލެއް އުޑާއި ބިންހާ ތަފާތު. ނުވިތާކަށް އޭނަ ހަނދާނެއް ނުވިއެއްނު ބޭބެއާ ދައްތަ މަތިންނެއް. އޭނަ ހަނދާނެއް ނުވި އަހަރެންނާ ވިޝްއަކީ ކާކުކަމެއްވެސް. އޭނަ ހަމައެކަނި ހަނދާންވީ ޝާހަމް މަތިން." އަލޫކް އަތް ތިރިކޮށްލާފައި އިމާދުއާ ދިމާއަށް އެނބުރި ހުރެ މަޑުމައިތިރި އަޑަކުން ކިޔައިދިނެވެ. އެވާހަކަތައް ނިމުމުން އިމާދު އައިސް ޝާހަމް ކޮނޑުގައި ހިފާފައި އެއީ ތެދެއްހޭ އެހުމުން ޝާހަމް ހުރީ އިސްއުފުލައިލަން ޖެހިލުންވެފައެވެ.
"ދަރިފުޅާ ޝާހަމް. އަލޫކް އެބުނަނީ ތެދުވާހަކައެއްތަ؟ މިގޭގައި އުޅުނީ އެހެން އަންހެންކުއްޖެއް ކަމަށް ވަންޏާ ކޮބާ ޝަލީން؟ ކޮބާ ދަރިފުޅުގެ ކޮއްކޮ؟" ނަޖުމާ ކުރިއަށް ޖެހިލާފައި ގޮސް ޝާހަމް ކުރިމަތީ ހުރެގެން އެހިއެވެ. އެއްޗެއް ނުބުނެ ހުރެފައި ޝާހަމް ކުރިކަމަކީ ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް ބޮޑުވައި އިނގިލިން ނެތިކޮށްލުމެވެ. އޭރު ދުރުގައި ވިޝާ އަނގަމަތީ އަތް އަޅައިގެން ހުއްޓާވެސް ބަނޑި ފަޅާލައިފައި ގިސްލެވެން ފެށިއްޖެއެވެ. އެއަޑު އިވުމުން ނަޖުމާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ޝާހަމްގެ ދަތްދޮޅީގައި ހިފާ މައްޗަށް ނަގުވާފައި ތަކުރާރުކޮށް ހަމަ އެސުވާލު ކުރިއެވެ. "މަންމާ! ޝަލީކޮއްކޮ.....ޝަލީކޮއްކޮ ނެތް މިދުނިޔެއަކު." މަޖުބޫރުވެގެން ޝާހަމް ހާމަކޮށްލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ކޯތާފަތަށް ދިލަ އަރައިގެން ދިޔައީ މަންމަ ދޫކޮށްލި ހޫނު އެތިފަހަރުގެ ބީހުން އިހްސާސްވެފައެވެ. އިމާދުއަށް އެވަގުތު އަތުން ބާރުކޮށްލެވުނީ އެތާހުރީ ގޮނޑީގެ އަތްގަނޑަށެވެ. ވިޝާގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައިރު އަލޫކް ދެފަރާތަށް ބޯ ހޫރަމުން ފަހަތަށް ފަހަތަށް ގޮސް ފާރަށް ލައްވެފައި ހުއްޓެވެ.
"ކޮއްކޮއާ އަހަރެން އެންމެފަހުން ދިމާވީ ލިޒް ގޮވައިގެން ކުރި ދަތުރުގައި. ކޮއްކޮ ބުނީ އޭނައަށް ބޮޑު ސިއްރެއް އެނގިގެން އުޅޭ ވާހަކަ. އޭނަ އެބޯޓަށް އެރީ އެސިއްރުގެ ހުރި ބުރަދަނެއްގެ ސަބަބުން. އޭނަ މަސައްކަތް ކުރި އެވާހަކަ ބުނަން. އެކަމަކު ނުބުނެވި އުޅެނިކޮށް އެއެކްސިޑެންޓް ހިނގީ. ދެން އަހަރެންނަށް ފެނުނުއިރު ކޮއްކޮގެ ފުރާނަވަނީ މިދުނިޔެއާ ވަކިވެފަ." ޝާހަމް ކަރުނައިގެ ތެރެއިން ތަފްޞީލުކޮށްދިނެވެ. ނަޖުމާ އޭރު އޭނާގެ ގަމީހު މޭމަތީ ދެއަތުން ހިފައިގެން ހުރެ ރޮމުން މަޑުމަޑުން ތިރިވެފައި ޓައިލްސްމަތީ އިށީންތަން ފެނިގެން އިމާދު ގުދުވެފައި އަނބިމީހާގެ ގައިގައި އަތް ޖައްސާލިއެވެ.
"ލިޒް ވަކިވަމުން ހަމައެކަނި އެދުނީ އޭނަގެ ކޮއްކޮ ބަލާ ދިނުމަށް. ލިޒް ފަދައިން އިޝާއާ އަޅައިލާނެ އެކަކުވެސް މިދުނިޔެއަކު ނެތް. ހަނދާންތައް ނެތުނުއިރު އީޝާގެ މޫނުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެ ސާޖަރީ ހަދަން ޖެހިފަ. ކޮއްކޮގެ ސިފައިގައި އޭނަ މިގެއަށް ގެނައުމަކީ އަހަރެންނަށް ފެނިގެން އަހަރެން ކުރި ކަމެއް." އިތުރަށް ސިއްރު ކުރުމުގެ މާނައެއް ނެތްކަން ވިސްނިފައި ޝާހަމް އެސިއްރުވެސް ހާމަކޮށްލިއެވެ.