ޝަލީން ފުރަތަމަ ފަހަރަށް އަލޫކްއަށް އިތުބާރު ކޮށްފައި އެގެއަށް ދާން އެއްބަސްވި ނަމަވެސް ކާރަށް އަރާފައިވެސް ތިގެންދަނީ ކޮންތާކަށް ތޯ އިރުއިރުކޮޅާ އަހައެވެ. ޓްރެފިކަށް މަޑުކޮށްގެން އިން ވަގުތެއްގައި އަލޫކްއަށް ފޯނެއް އައިސްގެން ވާހަކަ ދައްކަން ފެށުމުން ޝަލީން ބޭރު ބަލައިލިތަނާ ދާދި ކައިރީ ސައިކަލެއްގައި އިން މީހަކު ފެނިގެން ސިކުނޑީގައި ކުރީގެ ހަނދާނެއް ކޮށައިލިއެވެ. "ކިހިނެތްވީ؟" އަލޫކް ފޯނު ބޭއްވިއިރު ޝަލީން ބަލަން އިންގޮތުން އަހައިލެވުނެވެ. "އެމީހާ އެއީ އަހަރެން ދަންނަ މީހަކާ ވައްތަރުވެގެން މިބަލަނީ." ޝަލީން ޖަވާބުދީ ނިމުނުތަނާ ލައިޓު ފެހިވެގެން އޭނާ ސައިކަލު ދުއްވައިލިއެވެ. "ލޫކް އަވަސް ފޮލޯކޮށްބަލަ އޭނައަށް." އެތަން ފެނިގެން އޭނާ އަވަހަށް އަލޫކް ކޮނޑުގައި ތަޅައިގެންފައި ބުނެލިއެވެ. "ވަޓް؟...ނޯ..." އަލޫކް ކާރު ދުއްވާލަމުން ވަގުތުން ދެކޮޅުހެދިއެވެ. "ކީއްވެ އެއީ؟" އަލޫކް އެހާ ފައުޅުގައި ދެބަސްވުމުން ޝަލީން ނުހަނު ހައިރާންވިއެވެ. އޭނާ ލޯ ބޮޑުކޮށްގެން ބަލަން އިނދެފައި ޖަވާބެއް ނައުމުން ހިތްހަމަނުޖެހިފައި އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ.
"އަހަރެން މީ ޝަލީގެ އެންމެ ގާތުގައި އުޅުނު މީހާ. އަހަރެން މީ ކާކުކަން ނޭނގުނު މީހަކަށް އެހެން މީހަކު އެނގޭނީ ކިހިނެތް." އަލޫކް ސަބަބު ބަޔާން ކުރިއިރު އެމޫނަށް ކަޅިއެއް އެއްލިއެވެ. "ވެދާނެއެއްނު އަހަރެން ހަނދާން ކުރަން ބޭނުން ނުވަނީ ކަމަށް." ޝަލީން ރުޅިގަދަވެގެން ބޭނުންވީ އަލޫކް ދެރަކޮށްލާށެވެ. އެކަމަކު ހީކުރިގޮތާއި ޚިލާފަށް އަލޫކް ޖަހައިލީ އެވަގުތުވެސް ހިނިގަނޑެކެވެ. އިތުރަށް އަނގައިން ނުބުނަން ހުވާކޮށްގެން އިންދާ ގިނައިރެއް ނުވެ އެގެއަށް ދެވިއްޖެއެވެ. ޝަލީން ދޮރު ހުޅުވާލައިފައި ނިކުތްގޮތަށް އަލޫކްއަށްވުރެ ކުރިން ދުވެފައި ގޮސް ބެލް ޖަހައިލިއެވެ. ނޯކަރު ދޮރު ހުޅުވާލުމާއެކު އޭނާ އަވަހަށް އެތެރެއަށް ދެމިގެންފައި ވިޝާ ކޮޓަރިއަށް ވަންނަން ދިޔައިރު އަލޫކް ހިނި އައިސްފައި ހުރެގެން ފަހަތުން ވަދެއެވެ.
"ކިހިނެތްވީ މާ މޫޑީވެފަ؟' ވިޝާ ޑްރެސިންޓޭބަލް ކުރިމަތީ އިނދެފައި ވާހަކަދެއްކީ ލޯގަނޑުން ޝަލީން ފެނިގެންނެވެ. އެންމެ ނަޒަރަކުން ޝަލީންއަށް ފާހަގަވީ އިއްޔެއަށްވުރެ ވިޝާގެ ތަބީއަތު ރަނގަޅު ކަމެވެ. ސިއްރަކީ ޝާހަމް ކަމުގައިވެސް ވެދާނެއެވެ. "ލޫކްގެ ކަންތައް." ޝަލީން އަނގައަށް ގޮތެއް ހަދާލައިފައި ގޮސް އެނދުގައި އިށީންދެލިއެވެ. "ތިދެމީހުން ފައިޓް ނުކުރާ އެންމެ އިރެއްވެސް ނާންނާނެ." ވިޝާއަށް އެއީ އާ ކަމަކަށް ނުވިއެވެ. އޭނާ ހިނިގަނޑެއް ޖަހާލައިފައި ތެދުވެގެން އައިސް ޝަލީން ކައިރީ އިށީންދެލިއިރު އެމޫނުގައި ކުރިންނުވާ ވިދުމެއްވިއެވެ. "މަގުމަތިން ފެނުނު މީހެއް ދަންނަ ވައްތަރު ޖެހީމަ އަހަރެން ބުނީ އޭނަ ގާތު އެމީހާ ފަހަތުން ދާން. ލޫކް ވަގުތުން ދެކޮޅު ހަދާފަ ބުނަނީ އޭނަ މަތިން ހަނދާން ނުވި މީހަކު އެހެން މީހަކު މަތިން ހަނދާން ނުވާނޯ. ކީއްވާނީ ކުޑަމިނުން އަހަރެންނަށް ޗާންސެއް ދިނިއްޔާ؟ ޓްރައިކުރީމައެއްނު ވާގޮތެއް އިނގޭނީ. އަހަރެން މިހާރު ވަރުބަލިވެއްޖެ އެންމެންގެ ތެރޭ ބީރަތްޓެއްސެއްހެން އުޅެ އުޅެ. އެންމެނަށް އަހަރެން އެނގޭ. އެކަމަކު އަހަރެންނަށް އެކަކުވެސް ނޭނގޭ." ޝަލީން ރައްދު ދިންއިރު ހިތަށް އަސަރުކޮށްގެން ލޯ ފެންކަޅިވިއެވެ. ވިޝާއަށް އެކަން ފާހަގަވުމުން އެކުވެރިޔާގެ އަތުގައި ހިފާލައިފައި ހިތްވަރު ދޭން ބޭނުންވިއެވެ.
"ހިނގާ އަހަރުމެން އަބަދުވެސް ކުރާ ކަންތައް ކުރަން ދާން." އޯގާތެރިކަން ދައްކައިގެން އިތުރަށް ޝަލީން ހިތް ޖެއްސުމުގެ ބަދަލުގައި ވިޝާ އިޚުތިޔާރު ކުރީ އެހެން ގޮތެކެވެ. ޝަލީންއަށް ވާނުވާ ނޭނގިގެން އުޅެނިކޮށް އަތަށް ދަމާލައިފައި ކޮޓަރިން ނެރެގެން ގެންދިޔައީ ކާކޮޓަރިއަށެވެ. މޭޒު ދޮށުގައި ޝަލީން ބައިންދާފައި ވިޝާ ފްރިޖުން ބޮޑު އައިސްކްރީމް ތަށްޓެއް ނަގައިގެން އައިސް އިށީންދެލިއެވެ. "މޫޑީވެފަ ތިބޭއިރު މީ އަހަރުމެންގެ ފޭވަރިޓް." ވިޝާ އެއްލޯ މަރައިލަމުން ޝަލީންއަށް ސަމުސަލެއް ދިނެވެ. އެކުވެރިޔާގެ މިހަރަކާތުން ޝަލީން ތުންފަތަށްވެސް ހިނިތުންވުން ވެރިވިއެވެ. ދެމީހުން ހަމަޖެހިލާފައި އައިސްކްރީމް ބޯން ތިއްބާ ފުރަތަމަ ފެނުނީ ދޮރު ހުރަސްކޮށްލި ފިރުދައުސްއަށެވެ.
"ކިހިނެތްވީ؟"ފިރާޝާ އައިސް ފަހަތުގައި ހުރެފައި ފިރުދައުސް ކުރާކަމެއް ނޭނގިގެން އަހައިލިއެވެ. ފިރުދައުސް އެވަގުތު އަނގައިން ބުނުމުގެ ބަދަލުގައި އެމަންޒަރު ދައްކައިލީ އިޝާރާތުންނެވެ. "އަހަރެން ބުނީމެއްނު އިއްޔެ އެމީހުން އައިފަހުން ވިޝާ ރަނގަޅުވާން ފަށައިފިއޭ. މިހާރު ޤަބޫލުކުރެވިއްޖެ ދޯ އަހަރެން ބުނީ ތެދެއްކަން." ފިރާޝާ ފިރިމީހާގެ ކޮނޑުގައި ހިފާލައިފައި ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ. ބޯޖަހައިލިއިރު ފިރުދައުސްގެ މޫނުމަތިވެސް ހުރީ އުޖާލާވެފައެވެ.
މެންދުރު ޝަލީން ގެއަށް ދާންވެގެން ގުޅީ ޝާހަމްއަށެވެ. އަލޫކްދެކެ ހިތްހަމަނުޖެހިފައި ހުރިވަރުން އަލޫކް ފަރާތުން އެހީއަކަށް އެދޭހިތް ނުވީއެވެ. ޝާހަމް އައިސް ކާރު މަޑުކޮށްފައި ޝަލީން ފޯނަށް ގުޅިތަން ފެނުނީ ވިޝާއަށެވެ. ޝަލީން މޫނު ދޮވެލަން ވަދެ ފާޚާނާގައި ހުރުމުން ވިޝާ ކަންބޮޑުވެފައި އެފޯނަށް ބަލަން އިނދެވުނެވެ. "ޝަލީ ދޮންބެ މިއޮތް ގުޅަނީ." ވިޝާ އެންމެފަހުން ފޯނު ހިފައިގެން ގޮސް ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. "ވިޝާ ނަގާފަ ބުނެބަލަ އަހަރެން އިރުކޮޅަކުން ނިކުންނަ ވާހަކަ." ޝަލީން މޫނު ދޮވުން ހުއްޓާލައިފައި ކުޑަކޮށް ވިސްނާލުމަށްފަހު ގޮވައިލިއެވެ. މަޤްސަދަކަށް ވީ ދޮންބެއާ ވިޝާ ވާހަކަ ދައްކާނެ ފުރުސަތު ދިނުމެވެ. އެވަގުތު އޭނާ ދިން ޖަވާބު އަހާފައި ވިޝާ އެފޯނަށް ބަލަން ފެށިއިރު އިނގިލިތައްވެސް ތުރުތުރު ލާން ފެށިއެވެ. ނަގަން ނުކެރިފައި ހުއްޓާ ފޯނު ކެނޑުމުން ނުހަނު ބޮޑަށް މާޔޫސްވިއެވެ. ދެވަނަ ފަހަރަށް ރިންގް ވާން ފެށުމާއެކު ވިސްނާކަށްވެސް ނުހަދާ އަވަހަށް ނަގައިފިއެވެ.
"ޝަލީ؟"....ޝާހަމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ހުރިހާ ނާރުތަކެއްގައި ކަރަންޓް ދަތުރުކޮށްލިއެވެ. ނޭވާ ފުންވެ އަތްފައި ފިނިވިއެވެ. "ޝަލީ...." ޝާހަމް ދެވަނަ ފަހަރަށް ގޮވާލައިފައި އެއްޗެއް ވިސްނިގެން ފަދަ ގޮތަކަށް މަޑު ޖެހިލުމަށްފަހު ދެން ގޮވައިލީ ވިޝާގެ ނަމުންނެވެ. "ވިޝްތަ؟....ކޮބާ ޝަލީ؟" ޝާހަމް ސުވާލުކުރިއެވެ. "ފާޚާނާގައި." ޝާހަމްއަށް ފަޅާއެރުމުން ވިޝާ ހިތްވަރުން ޖަވާބުދިނެވެ. "އެހެންތަ؟ ވިޝް ކީއްކުރަނީ؟" ޝާހަމް މަސައްކަތް ކުރީ އާދައިގެ ރާގެއްގައި ވާހަކަ ބެހެއްޓޭތޯއެވެ. ވިޝާ އެވަގުތު ކަރުގައި އޮތް ފަށު ފުލުގައި ހިފާލަމުން ނިކުމެލީ ބެލްކަންޏަށެވެ. "ކަމެއް ނުކުރަން..." ޖަވާބުދިން ވަގުތު ކާރުން ނިކުމެ ދޮރުފަތުގައި ލެނގިލި ޝާހަމް ފެނުމުން ވިޝާގެ މެއަށް ފިނިވެގެން ދިޔައެވެ. އިއްތިފާޤުން ޝާހަމްވެސް މަތި ބަލައިލީ އެވަގުތުއެވެ.
"ހައި!" ޝާހަމް އަތް އުފުލާލައި ކުޑަކޮށް ދެފަރާތަށް ހަލުވާލިއިރު ފޯނުން ކިޔައިލިއެވެ. "ހައި." ޖަވާބުގައި ވިޝާވެސް ހަމައެފަދައިން އަތް ހޫރާލައިފައި ރައްދުދިނެވެ.
"ވިޝް ދޮންބެ ކައިރީ ބުނެފިންތަ؟" ފާޚާނާއިން ނިކުމެގެން އޭނާ ހޯދަމުން ނިކުތް ޝަލީންގެ އަޑާއެކު ވިޝާ ސިހިފައި ފޯނު ކަނޑައިލިއެވެ. "ދޮންބެ ތިރީގައި." އޭނާ ޝަލީންއަށް ޝާހަމް ނުފެންނަނީސް އަވަހަށް އަނެއްފަރާތަށް އަނބުރުވާލައިފައި ބުރަކަށީ އަތް އަޅާ ކުޑަކޮށް ކޮށްޕާލަމުން އެތެރެއަށް ވެއްދިއެވެ. ދެއަންހެންކުދިން ގޮސް އޮބައިލިތަން ފެނިގެން ޝާހަމްވެސް ފޯނު ޖީބަށް ލައިފައި ނަޒަރު ބަދަލުކޮށްލީ ކޮއްކޮ ނިކުމެގެން އަންނާނެ ދިމާއަށެވެ.
ގެއަށް ދިއުމުގެ ކުރިން ޝަލީން ބާރު އަޅައިގެން ވިޝާ އެގެއަށް ދާން އެއްބަސް ކުރުވިއެވެ. އެހެންނޫނީ ދެވަނަ ފަހަރަށް ނާންނާނެ ވާހަކަ ބުނުމުން ނަސީބަކުން ގަދަ ކުރާކަށް ނޫޅުނެވެ. އޭނާ ނިކުންނަން އައިއިރު އަލޫކް ކޮޓަރިން ނިކުންނަތަން ފެނިގެން އަޅައިވެސް ނުލައެވެ. ރުޅިއަރުވަން އަލޫކް އެހާ ވަރު ހުންނަންޏާ އޭނާވެސް މިފަހަރު ހުންނާނީ ރުޅި އައިސްފައޭ ހިތަށް އެރިއެވެ.
ހަވީރު ނިދިޖެހިފައި އޮތް ވަގުތެއްގައި ޝަލީންއަށް ހުވަފެނުގައި ފެނުނީ ހެނދުނު މަގުމަތިން ފެނުނު ޒުވާނާއެވެ. ހޭލެވިގެން ޝަލީން ވަރަށް ވިސްނިއެވެ. ކުއްލިއަކަށް އެޒުވާނާ ހޯދުމުގެ ޝައުޤުވެރިކަން ހިތުގައި ހޭލައިގަތެވެ. ސުވާލަކީ ކިހިނެތް ހެއްޔެވެ؟
ނިދި މޫނާއިއެކު ތިރިއަށް އައިސް ސައިތައްޓެއް ބޯން އިންދާ ބައްޕަ ވާހަކަދެއްކުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ."ހާދަ ވަރަކަށް ތިސިހުނީ؟" އިމާދު ދަރިފުޅުގެ ކޮނޑުގައި ފިރުމާލައިފައި ކައިރީގައި އިށީންދެލިއެވެ. "ރަނގަޅަށް ނުހޭލެވި އިނީމަ ބައްޕާ." ޝަލީން ހިނިތުންވުމަކާއެކު ބައްޕަގެ މޫނަށް ބަލައިލަމުން ޖަވާބުދިނެވެ. "ބައްޕަ ހީކުރީ ފުން ވިސްނުމެއްގަ އިނީކަމަށް." އިމާދު އޮޅުންފިލުވަން މަސައްކަތް ކުރާފަދަ ގޮތަކަށް ރައްދުދިނެވެ. މޭޒުމަތީ އޮތް މަޖައްލާ ނަގާފައި ގަނޑު އުކަން ފެށިތަނާ ފޯނު ރިންގްވެގެން ނަގައި ބަލައިލިއެވެ. އިމާދުގެ ކުލަވަރު ބަދަލުވީ ކުއްލިއަކަށެވެ. އޭނާ ދަރިފުޅަށް ބަލާލައިފައި ޝަލީން އިސްޖަހައިގެން އިނުމުން އަވަހަށް ތެދުވެގެން ދުރަށް ޖެހިލިއެވެ.
އިރުކޮޅަކުން ނަޖުމާ ސިޑިން ފައިބާތަން ފެނުނީ ވަރުގެކޮޅަށް ނަލަ ހެދިގެންނެވެ. ލައިގެން ހުރި ކުރުތާއާ ޖިންސާއެކު ފެޝަނަށް ބުރުގާ އަޅާފައި މޭކަޕްވެސްކޮށްފައެވެ. ޝަލީން އެގެއަށް އައިފަހުން ވީ މަދު ދުވަސްކޮޅު ނަޖުމާ މަޑުކުރީ އެދަރިފުޅު ހަމައަކަށް އެޅެންދެނެވެ. ޝަލީން ކުރިއެކޭ އެއްގޮތަށް އުފާވެރިކޮށް އުޅޭތަން ދެކެފައި އޭނާ އަނެއްކާވެސް ރަތްޓެހިންނަށް ވަގުތުކޮޅެއް ހުސްކޮށްދޭން ކަމެއް ރާވައިލީއެވެ. "ދަރިފުޅު ނުދަންތަ ބޭރަކަށް؟ ލޫކްއަށް ގުޅައިގެން ދުއްވާލަން ދާންވީނު. މަންމަ މިދަނީ ބޭރަށް ގޮސްލަންވެގެން." ނަޖުމާ އައިސް ޝަލީން ކައިރިއަށް ހުއްޓިފައި ވާހަކަދެއްކިއެވެ. އެވަގުތު މަންމަ ފެނިގެން ޝަލީން ބަލައިލިގޮތުން ހީވަނީ މީގެ ކުރިން ދުވަހަކު އެމަންޒަރު ފެނިފައި ނުވާހެންނެވެ. "މަންމަ ކޮންތާކަށް ތިދަނީ؟" ޝަލީން އޮޅުންފިލުވާހިތް ވެފައި އެހިއެވެ. "މިދަނީ ސީމައްތަ ގެއަށް. ވަފީއާ ޒޫނީވެސް ވެއްޖެ ދާން ނިކުމެ. ދަރިފުޅު ބޭނުމިއްޔަ ހިނގާ މަންމައާއެކު. ސީމައްތަގެ ދަރިފުޅު ޔަނާލްއަކީ ދަރިފުޅުގެ އެކުވެރިއެއްނު." ޝަލީން ފުރަތަމަ ފަހަރަށް އޭނާ ދާ ތަނަކާމެދު ޝައުޤުވެރިކަން ފައުޅު ކުރުމުން ނަޖުމާ އުފާވެފައި ވާހަކަދެއްކިއެވެ. ޝަލީން އެވަގުތު ބޯޖަހާލައިފައި ވަދެގެން ދިޔައީ ތައްޔާރުވެލައިގެން އަންނަ ވާހަކަ ބުނެފައެވެ. އޭނާ ކޮޓަރިއަށް ވަދެ މޫނު ދޮވެލުމަށްފަހު ބޭރަށް ދާން އަލަމާރި ހުޅުވާލުމުން ކަމުދާ އެއްޗެއް ފެނުނު ކަމަކަށް ނުވިއެވެ. ފާއިތުވި ދެތިން ދުވަހުވެސް އޭނާ ލީ އެއަލަމާރިން ފެނުނު އެންމެ ނިވާކަންބޮޑު ކުރުތާއާ ޖިންސްފަދަ އެއްޗެއްސެވެ. ދޮންނަ މީހާ އެހުރިހާ އެއްޗެއް ގެންދިއުމުން މިވަގުތަށް ހުރީ ކަކުލާއި ހަމައަށް އަންނަ ސްކާޓްކޮޅުތައް ފަދަ ކުރު އެއްޗެއްސެވެ. މިހާރު އޭނާ އެއެއްޗެހި ފެނިގެން ލާން ކަމުނުދާއިރު މީގެ ކުރިން އެއެއްޗެހި ގަނެފައި ވަނީ ހަމަ ލާހިތްވެގެން ބާވައޭ ބައެއްފަހަރު ހިތަށް އަރައެވެ.
ގިނައިރު ވެގެން މަންމަ ގޮވާއަޑު އިވުމުން ޝަލީން އެންމެފަހުން ސްކާޓަކާއިއެކު ބެޓްވިންގްކޮޅެއް ލައިގެން ތައްޔާރުވެލިއެވެ. އޭނާ ބޮލު މެދަށް ވޫލް ޖަހައިގެން ނިކުތްތަން ފެނިފައި ނަޖުމާ އެވޫލް ދަމައިގަތީ އެކްސިޑެންޓްގެ ފަހުން ރީތިވާންވެސް ހަނދާން ނެތުނީހެއްޔޭ ކިޔައިފައެވެ. އިސްތަށިގަނޑު ދޫކޮށްލައިފައި ބާއްވަން ހިތްހަމަ ނުޖެހުނު ނަމަވެސް ޝަލީން އެއްޗެއް ނުބުނެއެވެ. "ސީރިއަސްކޮށް މަންމަ ހިތަށް އަރާ ދަރިފުޅަށް ކިހިނެތް ވެފަ ބާއޭ މިހާރު ހުންނަނީ. މިފާއިތުވި މަދު ދުވަސްކޮޅު ތެރޭ މަންމަ މިހުންނަނީ ދަރިފުޅު އުޅޭ ނޫޅޭ ގޮތް ބަލަން. ކުރީގެ ރުޅިއާ ސަކަ މިޒާޖަށް ބަދަލު އައިއްސަ ނެތަސް އުޅުމަށް ބަދަލު އަތުވެއްޖެ. ހެދުން އެޅުމާއި ރީތި ވުމަށް ބަދަލު އަތުވެއްޖެ. ރީތިވާށޭ ކިޔާފަ ގޮސް ތުންފަތުގައި ލިޕް ގްލޮސް އެއް އެކަނި އުނގުޅާލައިގެން ތިނިކުތީ. މަންމަ އެކުވެރިންނަށް ފެނުނީމަ ބުނާނެ އެއްޗެއް ނޭނގޭތީ މިހާރު އެންމެ ކަންބޮޑުވަނީ." ކާރުގެ ފަހަތުގައި ސީޓުގައި ދެމައިން ތިބެފައި ނަޖުމާ ޝަލީންއާ މުޚާތަބުކޮށް ވާހަކަދެއްކިއެވެ. ޝަލީން ބޭރު ބަލަން އިންއިރު މަންމަގެ ވާހަކަތައް އަޑު އިވުނު ނަމަވެސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފެނި ގެއްލެމުން ދިޔަ މަންޒަރު ތަކުން އޭނާގެ ލޯ ހޯދަމުން ދިޔައީ ކޯއްޗެއްކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.
ސީމާގެ ގެއަށް ހުރިހާ އެކުވެރިން އެއްވެތިބީ ހަވީރު ސައި ޕާޓީއަކަށެވެ. މަންމަމެން އަމިއްލަ ވާހަކައިގައި ތިބެން ދޫކޮށްލައިފައި ޝަލީން ވަނީ ޔަނާލް ކޮޓަރިއަށެވެ. ފިޔާތޮށި ކުލަ ލާފައިވާ ކުޑަ ކޮޓަރިގަނޑުގެ ތަރުތީބު ރީތިވެފައި ނިކަން ހިތްގައިމެވެ. "މަންމަ ބުނި ޝަލީ މިހާރު ކުރީގެ އެއްވެސް ހަނދާނެއް ނެތް ވާހަކަ" ޝަލީން ފާރުގައި ހުރި ފޮޓޯތަކަށް ނަޒަރު ހުއްޓާލައިގެން އިންދާ ޔަނާލް ފަހަތުން ވަދެ ދޮރު ލައްޕާލަމުން ވާހަކަދެއްކިއެވެ. ޝަލީން ބޯޖަހައިލާފައި އިތުރު ތަފްޞީލު ދޭކަށް ނޫޅުނެވެ. ޔަނާލް އަޖައިބެއް ފެނިގެން ލޯ ބޮޑުކޮށްގެން ބަލަން އިންދާ އޭނާ ތެދުވެގެން ގޮސް މަޑުކޮށްލީ ދޮރުފޮތިތަކާއި ދިމާއަށެވެ. ފޮތިގަނޑު ކަހާލުމުން ތިރިން ފެންނަން އޮތް މަންޒަރު ރީތިވެގެން ހިނިތުންވެލެވުނެވެ. ޖެހިގެން ހުރި ގޭގެ ފުރާޅު މަތީ އަތުރާފައިވާ އެތައް ބައިވަރު ޕޮޓްތަކުން މުޅި އެތަން ޒީނަތްތެރި ވެފައެވެ. އިތުރަށް ޔަނާލްގެ ބެލްކަނީ ހައްދާފައިވާ މާގަސްތައްވެސް ޝަލީންއަށް ކަމުދިޔައެވެ. އޭނާ ނިކުމެ އެތަނުން މަލެއްގައި ފިރުމާލަން ހުރެފައި އެއްލި ކަޅިއަކުން މެއަށް ފިނިވެގެން ދިޔައީ ޖެހިގެން ހުރި ގޭ ބެލްކަނީ ހުރި ޒުވާނާ ފެނިފައެވެ. އެއީ ހަމަ އެޒުވާނާއެވެ. މިއަދު ހެނދުނު މަގުމަތިން ފެނިގެން ދަންނަ ވައްތަރުޖެހި ޒުވާނާއެވެ.
ހަމައެކަނި ޖިންސެއްގައި ނިދި މޫނާއިއެކު ނިކުމެ ރެއިލިންގައި ބަނޑުއަޅާލައިގެން އޮތް ގޮތުން ހީވަނީ ދެންމެ ނިދާ ހޭލައިގެން ނިކުތް ހެންނެވެ. ޝަލީން ފަރުވާވެ ބަލަން ހުރެފައި ޔަނާލްއަށް ގޮވައިލުމުން ފަހަތުން ނިކުމެ ކައިރީގައި ހުއްޓިލިއެވެ. "އިނގޭތަ އެއީ ކާކުކަން؟" ޔަނާލް ހިތަށް އަރާނެ އެއްޗަކަށް ނުބަލައި ޝަލީން އެހިއެވެ. "....ނުހައިކް." ޔަނާލް ދިން ޖަވާބު އަދި އެއްފަހަރު އަމިއްލައަށް ތަކުރާރުކޮށްލުމުން އެއްކަމެއް ޔަޤީންވިއެވެ. އެއީ އެނަމަކީ އޭނާ ފުރަތަމަ ފަހަރަށް ކީ ނަމެއް ނޫނެވެ. "ސުވާލުނުކޮށް އަހަރެންނަށް ދޭންވީނު އޭނަގެ މައުލޫމާތުކޮޅެއް. އައި ތިންކް އައި ނޯ ހިމް." ޝަލީން އާދޭހާއެކު އެދުމުން ޔަނާލް ހިނިތުންވެލިއެވެ. "މާބޮޑު އެއްޗެއް ނޭނގެ އަހަރެންނަކަށްވެސް. އޭނަ ވަރަށް ވާހަކަ ނުދައްކާނެ މީހުންނާ. ވެދާނެ ނުދަންނަ މީހުންނާ ނުދައްކަނީ ކަމަށް." ޔަނާލްގެ ޖަވާބު ޝަލީންއަށް ކަމަކު ނުދިޔައެވެ. "ކުޑަމިނުން އަހަރެނަށް އޭނައާ ވާހަކަދެއްކޭނެ ގޮތެއް ނުވާނެތަ؟" ޝަލީން ކެތްމަދުވިއެވެ. "އެބައޮތް ގޮތެއް. ކޮންމެ ދުވަހަކު ހެނދުނު ނުހައިކް ސައިބޯން ދާނެ ސީ ހައުސްއަށް އެތަނުން ދިމާކުރެވިދާނެ. މަވެސް ބައެއްފަހަރު އޮފީހުގަ އުޅެލާފަ ދާއިރު ކޮންމެ ފަހަރަކު ފެންނާތީ އެނގެނީ." ޔަނާލް ކިޔައިދިނެވެ. "ތޭންކްސް." ޝަލީން އުފާވެފައި ޔަނާލްގެ ކޮނޑުގައި ޖަހައިލިއެވެ.
ގެއަށް ދިޔައިރު އޭނާ ހުރީ ރަނގަޅަށް ރާވައިގެންނެވެ. އެކަމަކު އެހިސާބުން ސުވާލު އުފެދުނީ އެކުގައި ގެންދާނެ މީހަކާ މެދުގައެވެ. ދޮންބެ ކައިރީ އެފަދަ ކަމަކަށް އެދެން ޖެހިލުންވީ އެޒުވާނާއާ އޭނާ އޮތް ގުޅުމެއްވެސް ނޭނގޭތީއެވެ. ދެން ހުރީ އަލޫކްއެވެ. އަލޫކް ކައިރީ ކަމަކު ކީމަށްވުރެ ނުކިއުން ބުއްދިވެރިއެވެ. ޝަލީން ވިސްނަން އޮވެފައި ވިޝާއަށް ގުޅާލުމުން ވަރަށް ފަސޭހައިން ފޯނު ނެގިއެވެ. "ވިޝް މިހާރު އޯކޭތަ؟" ޝަލީން ކެތްމަދުވެފައި ހުރިވަރުން ގިނަ ވާހަކަތަކެއް ނުދައްކައެވެ. އޭނާގެ މައުޟޫ ބަހައްޓާފައި ހުރީ ސީދާ އަމިއްލަ ބޭނުމާއި ދިމާއަށެވެ. "ހޫމ... ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު." ވިޝާ އެކޮޅުން ޖަވާބުދިނެވެ. "އެހެންވިއްޔާ އަހަރެން ކަމަކު ކިޔަންތަ؟ މާދަން އަހަރެންނާއެކު އަހަރެން ބުނާ ތާކަށް ދެވިދާނެތަ؟" ޝަލީން ސުވާލު ކޮށްފައި ނޭވާވެސް ނުލައި ވިޝާ ދޭނެ ޖަވާބަކަށް އިންތިޒާރު ކުރަން ފެށިއެވެ. "އަމްމް...އައި ކެން ޓްރައި....." ވިޝާގެ އަޑުގައި މާބޮޑު ޔަޤީންކަމެއް ނެތެވެ. އެކަމަކު އެވަރުވެސް ޝަލީންއަށް ފުދުނެވެ. އޭނާ އުފާވެފައި މާދަން ތައްޔާރުވާންވީ ގަޑި ބުނެލުމަށްފަހު ފަހުން ގުޅާނެ ވާހަކަ ބުނެ ކަނޑައިލިއެވެ.
އެރޭ ޝަލީންއަށް ރަނގަޅަކަށް ނުނިދުނެވެ. އުންމީދުގެ ހަނި އެންމެ ދޯދިފަށެއްވެސް ނެތި އެތައް ދުވަހެއް ދިއުމަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ މާޒީން ކަމެއް އޮޅުން ފިލާފާނެ ކަމުގެ ފެހި ސިގްނަލް ތަކުން ކެތްތެރިކަން ކޮޅުންލިއެވެ. އެޒުވާނާ ކުރިމައްޗަށް އަރާފައި އެދެމެދުގައި އޮތް ގުޅުމަކާއި އެމީހުން އެކަކު އަނެކަކަށް އެނގެނީ ކިހިނެތްކަން އޮޅުންފިލުވަދޭން އެދޭ ހިސާބުންވެސް ހަނދާންތައް އަނބުރާ އައުން އެކަށީގެންވެއެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅިފައި އޭނާ ތެދުވެގެން ލެޕްޓޮޕް ކައިރީ އެތައް އިރަކު އިނެވެ. ފަހުން ފަހަރު ނިދި ޖެހިލާފައި ތެދުވެވުނީ ފަތިސް ވާން ނުހަނު ކައިރިވެފައި ހުއްޓައެވެ. މުށިގަނޑު ފިނިވެ މަޑު ފައިވާނަކަށް އަރާލައިގެން އޭނާ ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ފައިބަނިކޮށް އަޑެއް އިވޭހެން ހީވިއެވެ. ބިރުގަންނަ ގޮތްވެފައި ބަލަން ހުއްޓާ ގޭގެ މައި ދޮރު ހުޅުވާލައިފައި ކޮންމެވެސް މީހަކު ވަދެއްޖެއެވެ. ޝަލީން ގުޑިވެސް ނުލާ އެހުރިގޮތަށް ހުއްޓާ އެމީހަކު ވަގެއްހެން ދެކޮޅު ހޯދާ ބަލާފައި ގޮސް ވަނީ މަންމަ ކޮޓަރިއަށެވެ. ފަނޑު އަލީގައިވެސް އެއީ ކާކުކަން އެނގުމުން ޝަލީން ލޯ ބޮޑުވިއެވެ. ފަތިހު އެގަޑީ ބައްޕަ ސިއްރުން އުޅެފައި އެއައީ ކޮންތާކު ހެއްޔެވެ؟
ވިސްނަން އިނދެވުނީ ކާކޮޓަރިއަށް ވަދެފައި ބޯންވެގެން އެޅި ޖޫސްތަށި ހިފަހައްޓައިގެންނެވެ. ފަތިސް ނަމާދު ބަންޤީގެ އަޑާއެކު ޝާހަމް ނިކުމެގެން އައިސް ވާހަކަ ދެއްކުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. "ކީކޭ؟" ދޮންބެ ބުނި އެއްޗެއް ސާފު ނުވެގެން ޝަލީން އެހިއެވެ. "ނުނިދަނީހޭ." ޝާހަމް އައިސް ފެންތައްޓެއް ބޯން ހުރެގެން އެހިއެވެ. ޝަލީން ދެފަރާތަށް ބޯ ހޫރާލައިފައި ޖޫސްތަށި ހިފައިގެން އެރީ މައްޗަށެވެ.
ހެނދުނު ކޮޓަރީ އުޅެނިކޮށް ކާރުގެ ބަރުގޮނު އަޑު އިވިގެން ދުވެފައި ގޮސް ބެލްކަނިން ތިރި ބަލާލިއިރު ވިޝާ ކާރުގައި އައީއެވެ. ޝަލީން ވީ އުފަލުން އަވަހަށް އެތެރެއަށް ވަދެ ފޯނު އަތް ދަބަސް ތެރެއަށް ކޮށްޕާލައިފައި ކޮނޑުގައި އެދަބަސް އަޅުވައިގެން ދުވެފައި ނިކުތެވެ. ބާރު ހިނގުމެއްގައި ގޮސް ކާރުގެ ދޮރުފަތް ހުޅުވާލިއިރު ޑްރައިވަރ ސީޓުގައި އަލޫކް އިނުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. "ވަޓް ދަ....." ޝަލީން އަނގަށް ވައްތަރެއް ޖައްސާލައިފައި ޖުމްލަ ފުރިހަމަ ނުކޮށް މޫނު އަނބުރައިލީ އަނެއްފަރާތަށެވެ. "ބުނެބަލަ އަނެއްބައިވެސް....މިސް އެންގްރީބާޑް." އަލޫކް ލާނެތް ގޮތަކަށް ހީލިއިރު ނިކަން ހިތްގައިމެވެ. ދެންމެ ފެންވަރާލައިގެން އައިސް އިންއިރު ކާރުގައިވެސް ސެންޓްލެވިފައެވެ. "ކޮބާ ވިޝާ؟" ޝަލީން އަރާ ހިޔާލެއް ނުކުރިއެވެ. އަލޫކް ގޮވައިގެން އެޒުވާނާ ކުރިމައްޗަށް ގޮއްސިއްޔާ ވާނެ ގޮތް ލަފާކޮށްލަން ދައްޗެވެ. "ބަލި މީހުން ތަންތަނަށް ގެންދަން ޕްލޭން ކުރާއިރު ވެދާނެ ގޮތްވެސް ވިސްނާލައިގެން ހުންނަ ނަމައެއްނު. ޝަލީ ފަހަތުން ދާން އުޅެގެން އޭނަ މިއަދު ސިޑިން ފައިބަނިކޮށް އަރި އަޅައިލާފަ އޮތްވާ ފެނުނީ." އަލޫކް ހިތްހަމަނުޖެހިފައި ތަފްޞީލު ދިންގޮތުން ޝަލީން އިތުރަށް ރުޅިގަދަވިއެވެ. "ދެން އޭގެ މާނައަކީ ލޫކް އަންނާށޭތަ؟ އަހަރެން ނުވެސް ދާނަން." ޝަލީން ދޮރުލައްޕަން އުޅުނުވަގުތު އަލޫކް ކުއްލިއަކަށް އަތުގައި ހިފެހެއްޓިއެވެ. ދަމާހަދާލައިފައި ކާރުގައި ބޭންދުމަށްފަހު ކުރިއަށް ދުއްވާލުމުން ޝަލީން ރުޅި އައިސްގެން އެމޭގައި ދެއަތުން ތަޅައިގެންފައި އަނެއްފަރާތަށް އެނބުރި އިނީ ލޯގަނޑުން ބޭރު ބަލާށެވެ.
"ސީ ހައުސްއަށް ދާންވީ." އޭނާ ބޭނުން ނެތިވެސް ދާންވީ މަންޒިލް ބުނެދިނެވެ.