ހެނދުނެވެ. އިރުގެ ފުރަތަމަ ދޯދިތައް ބިއްލޫރިގަނޑު ފުރާނާލައިފައި އައިސް ކޮޓަރިތެރެއަށް ފެތުރިފައި ހުއްޓެވެ. ނިދިން ހޭލެވިގެން ޝާހަމް ފުރަތަމަވެސް ގަޑި ބަލައިލިއެވެ. ދެން ފާރުގައި ހަރުކޮށްފައި ހުރި ކަލަންޑަރަށެވެ. ނިތަށް ރޫ ގިނަކޮށްލެވުނީ ހޮސްޕިޓަލަށް ދާންޖެހޭ ވަގުތު ކުޑަތަންވެފައި ހުއްޓާ ފެނިގެންނެވެ. މިއަދަކީ ޝަލީން ކޮއްކޮގެ ބޭސްގަނޑު ނަގާ ދުވަހެވެ. އަވަހަށް ތައްޔާރުވެލައިގެން ދެވުނުއިރު މަންމައާ ބައްޕަ ތިބީ ތިއޭޓަރ ކައިރީ ހުރި ގޮނޑިބަރީގައެވެ. ޝާހަމް ފެނުމުން އާދައިގެ މަތިން ބައްޕަ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ކުށްވެރިއަކު ފަދައިން އިސްޖެހިފައި ހުރެގެން ޝާހަމް ގޮސް ތަންކޮޅެއް ދުރުން ހުސް ގޮނޑިއެއްގައި އިށީންދެލިއެވެ. ހިތާއި ހިތުން ދުޢާކޮށްލެވުނީ ތިއޭޓަރ ތެރޭގައި ކޮއްކޮއާމެދު ހުރިހާ ކަމެއް ރަނގަޅަށް ދިއުމަށެވެ. ގާތްގަނޑަކަށް މަމީއެއްގެ ސިފައިގައި ހޮސްޕިޓަލުގެ ބަލި އެނދުގައި އެތައް ދުވަހެއް ހޭދަ ކުރުމަށްފަހު މިއަދު ކޮއްކޮގެ ފުރިހަމަ ސޫރަ އަނެއްކާވެސް ފެނިގެންދާނެއެވެ. އެކަމަކު އެހުރިހާ ކަމަކަށްވުރެ ބޮޑީ ސިކުނޑިއަށް ލިބުނު ގެއްލުމެވެ. ނަތީޖާއެއްގެ ގޮތުން ޝަލީންގެ ސިކުނޑީގައި ޅައިރުއްސުރެ ރައްކާކުރެވިފައި ހުރި ހުރިހާ ހަނދާނެއް ވަނީ ފިލައި ގޮއްސައެވެ. އެކްސިޑެންޓަށްފަހު ޝަލީން މިދުނިޔެއަށް ލީ ފުރަތަމަ ނޭވާ ވީ ދެވަނަ ފަހަރަށް އުފަންވުން ކަހަލަ ކަމަކަށެވެ. ޝަލީންއަށް އަމިއްލަ ނަން ނޭނގުނުތާނގައި ޝާހަމްވެސް އެއީ ކާކުކަން ދެނެނުގަނެވުމުން ހިތް ކަތިލެވިގެން ދިޔައެވެ. އޮޕަރޭޝަނަށްފަހު ޝަލީން ހޭއެރުމާއެކުހެން ސައިކޭޓްރިސްޓެއްގެ އެހީ ހޯދީވެސް ލިބިދާނެ އިތުރު ގެއްލުމަކަށް ޓަކައެވެ. ޒަޚަމްތައް ފަސޭހަވަމުން އައި ދުވަސްވަރު ޝަލީން އެންމެ ގިނައިން އެހީ ޅައިރުއްސުރެ މިހާތަނަށް އޭނާގެ ހަޔާތުގައި ހިނގާފައި ހުރި ހާދިސާތަކުގެ ވާހަކައެވެ. އޭނާ ހަމައަކަށް އެޅެން ފެށުމުން އެސެޝަން ތަކުގައި މަންމަ، ބައްޕަ ނޫނީ ޝާހަމް ނީންނަ ވަގުތެއް މަދުވާނެއެވެ.

އިރުގަނޑެއް ފަހުން ތިއޭޓަރގެ ދޮރު ހުޅުވުނު އަޑާއެކު އެންމެން ތިބީ ތެދުވެ ކޮޅަށެވެ. އެވަގުތު ނަރުސްކުއްޖަކު ދުއްވާފައި އައި ފުރޮޅުލީ ގޮނޑިއެއްގައި އެއިނީ އެއާއިލާގެ ދިރުމެވެ. އިސްޖަހާލައިގެން ޝަލީން އިނދެފައި ލަސްލަހުން އެސްފިޔަތައް ދުރުކޮށްލުމާއެކު ކޮންމެ ލޮލެއްވެސް އަމާޒުވީ އެސާފު ދެލޮލަށެވެ. އެއީ ހަމަ އެދެލޮލެވެ. ދިގު އެސްފިޔަތަކުން ހިޔާއަޅާފައިވާ ކަޅުކުލަގަދަ ރީތި ދެލޮލެވެ. ތަފާތަކީ އެލޮލުގައި ކުރިން ފެންނަން ހުންނަ ދިރުން ނެތްކަމެވެ. ތަފާތަކީ އެލޮލުން އެމީހުންނަށް ބީރަތްޓެއްސެއް ފަދައިން ބަލަން އިނުމެވެ.

"ދަރިފުޅާ! އެނގިއްޖެތަ މީ ކާކުކަން؟" ނަޖުމާ ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ޝަލީންގެ ދެއަތުގައި ހިފާލައިގެން ތިރިވެލިއިރު ލޮލުގައި ކަރުނަ ވިދަން ފެށިއެވެ. އިމާދު ހުރީ ޝަލީންގެ ޖަވާބުގެ އިންތިޒާރުގައެވެ. "މަންމަ." ޝަލީން ޅަކުއްޖެއްހާ މައުސޫމުކޮށް ޖަވާބުދިނެވެ. އޭނާ ފާހަގަ ކުރީ ނަޖުމާގެ އަޑުންނެވެ. އެއަޑަކީ ފާއިތުވި ތިންމަސް ދުވަސްތެރޭ އޭނާއަށް އިވި ދަސްވެފައިވާ އަޑެކެވެ. "ހާދަ މޮޅޭ މަންމަގެ ޝަލީ. ހާދަ މޮޅޭ." ނަޖުމާ އުފަލުން ހީގެންފައި ޝަލީންގެ ދެއަތްތިލައިގައި ބޮސްދިންއިރު ލޮލުން ކަރުނަތައް ފައިބައިގަތެވެ. އިމާދުއަށްވެސް ކެތްކޮށްގެން ހުރެވުނީ އެހިސާބަށެވެ. ކުރިއަށް އެޅި ފިޔަވަޅާއެކު ނުހަނު ލޯބިން ޝަލީންގެ ބޮލުގައި އަތް ބާއްވާލިއެވެ. ދުރުގައި ބަލަން ހުރެފައި ޝާހަމް އެވަގުތު ޖެހުނީ ދެފިޔަވަޅު ފަހަތަށެވެ. ލޮލުގައި ގިނަވި ކަރުނަތައް އޭނާ އޮއްބައިލީ ލޮލުތެރެއަށެވެ. މުށްކަވައިލި އަތްތިލަ ޖީބަށް ކޮށްޕާލައިގެން އޭނާ ފުން ނޭވައެއް ދޫކޮށްލީ ދުރު ބަލަން ހުރެގެންނެވެ.

ދުވަސްކޮޅެއް ފަހުން ފަހުން ޝަލީން ގެއަށް ދިއުމުގެ ހުއްދަ ލިބިގެން އެމީހުން މާލެ ދާން ފުރިއެވެ. އެރައިވަލް އިން ނިކުމެގެން އައިއިރު އިމާދުގެ ދެމުވައްޒަފުން ތިބީ މާކުރިއްސުރެ އައިސް އިންތިޒާރުގައެވެ. މާލެ ގޮސް މަންމަމެން ޝަލީން ގޮވައިގެން އެއްކާރަށް އެރުމުން ޝާހަމް އެރީ އަނެއްކާރަށެވެ. "ގެއަކަށް ނޫން ދާނީ." ޑްރައިވަރ ކާރު ދުއްވާލި ވަގުތު ޝާހަމް ބުނެލިއެވެ. "ދާންވީ ޒެނިތްއަށް." ޝާހަމް ބޭނުންވާ ގޮތް ހާމަ ކުރުމާއެކު ޑްރައިވަރ ކިޔަމަންތެރިކަމާއެކު ބޯޖަހާލައިފިއެވެ. ޒެނިތް އެއީ އާތަނަކަށް ނުވުމުން އިތުރު ސުވާލެއް ނެތި ކާރު ދުއްވާލައިފައި ގޮސް އިރުކޮޅަކުން ފެނުނީ އެގޭ ދޮރުމައްޗަށް މަޑުކޮށްލި ތަނެވެ. "ބަލާ އަންނަން ވީމަ ގުޅާނަން." ޝާހަމް ފައިބަމުން ޑްރައިވަރަށް އަންގައިލިއެވެ.

އިސްކޮޅާއި އެއްވަރުގެ ކުޑަ ގޭޓުގަނޑު ހުޅުވާލައިފައި އެތެރެއަށް ވަދެގެން ދާންފެށިއިރު ހިތް އަވަސްވަމުން އައެވެ. މަންޒިލާއި ހަމައަށް ފޯރުމަށްޓަކައި ސިޑިން އަރަން ފެށި ހިސާބުން އަތްވެސް ތުރު ތުރުލާން ފެށިކަން އެނގުނެވެ. ޝާހަމް ސިޑިގެ ހަރުފަތްތައް ގިރާކޮށްލައިފައި ކޮނޑުގައި އޮތް ދަބަހުން ނެގި ތަޅުދަނޑިއަކުން ކުރިމަތީ ހުރި އެޕާޓްމެންޓްގެ ދޮރު ހުޅުވާލައިފިއެވެ. އެތެރެއަށް އޭނާ އެޅި ފިޔަވަޅާއެކު ކަންފަތުގައި ގުގުމާލިހެން ހީވާން ފެށީ އަންހެންކުއްޖެއްގެ ރީތި ހުނުމުގެ އަޑެވެ. އިސާހިތަކު މާޒީގެ ސޮފްހާތަކުން ހާއްސަ ހަނދާނެއް ސިކުނޑިއާ ގުޅިލާމެހިގެން ދިޔައެވެ.

*****

ކިޔަވައި ނިންމައިގެން މާލެ އައިސް ފުރަތަމަ ދުވަސްކޮޅު ޝާހަމް ގަސްތު ކުރީ އެކުވެރިންނާއެކު މަޖާކޮށްލުމަށެވެ. ބޮޑު ވިޔަފާރިއެއްގެ ތެރެއަށް ވަނުމުގެ ކުރިން ހުސް ވަގުތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފަން ނިންމިއެވެ. އެގޮތުން ކޮފީއަކަށް ދާންވެގެން އެކުވެރިއެއްގެ އިންތިޒާރުގައި ނިކުމެ ހުރި ދުވަހެކެވެ. ހަވީރު އޮފީސް ނިންމާފައި އައި ދެތިން ކުއްޖަކު ފެނިގެން ކައިރީގައި ހުރި އެކުވެރިޔާ ފޮށެން ފެށިއެވެ. "އޭ އެންމެ ފާރާއި ކައިރިއަށް ހުރި ކުއްޖާގެ ނަންބަރު ދީބަލަ!" ޒިޔާން ގޮވާލިއެވެ. ޝާހަމް މާ ގަޔާވާ ކަމަކަށް ނުވާތީ ހުރީ ފޯނަށް ބަލަހައްޓައިގެން ހިމޭނުންނެވެ. އެކުދިން ވަކި ހިސާބަކަށް ދިޔަ ފަހުން އޭނާ ބަލާލިއިރު ޒިޔާން ގޮވި ކުއްޖާ ހުއްޓި ހުރީ ޒިޔާން ދަންދެންނެވެ. "އޭ މައެބަ އަންނަން." ޒިޔާން ގޮސް ކައިރިވުމާއެކު އެކުއްޖާ ނަންބަރު ދީފައި ގޮސް އެހެން ކުދިންނާއި ބައިވެރިވިފަހުން ހީހީފައި ގޮސް ގެއްލުނުތަން ފެނުނެވެ. އެހިސާބުން ޒިޔާން އައިސް ހީގެންފައި ޝާހަމްއަށް ނަންބަރު ދައްކާލިތަނާ މަތިން ފެން އެއްޗެއް އައިސް އެދެމީހުން ތެންމައިލިއެވެ. ދެމީހުން ސިހިފައި މަތި ބަލައިލިތަނުން ފެނުނީ ބެލްކަނީގައި ހުރެފައި ފިލަން ދުވި ކުއްޖެކެވެ. ސިކުންތެއްގެ ތެރޭ އިތުރު އެހެން ކުއްޖަކު ދުވެފައި އައިސް އެތަނަށް ހުއްޓިފައި ކަންބޮޑުވެފައިވާ ނަޒަރަކުން އެދެމީހުންނަށް ބަލައިލިއެވެ. އެއްވަރަކަށް ތެޅެމުންދިޔަ ޝާހަމްގެ ހިތް ފުރަތަމަ ފަހަރަށް މަޑުޖެހިލީ އެސޫރަ ދެކެފައެވެ. އެއަންހެންކުއްޖާ ދެއަތް ހުރަސްކޮށްލައި ކަންފަތު ފޫޅުގަނޑުގައި ހިފައިގެން މަޢާފަށް އެދެމުން ދިޔަ މަންޒަރު އޭނާއަށް ފެނުނީ ރޯލް ލަސްކޮށް ބަލަމުންދިޔަ ފިލްމެއް ފަދައިންނެވެ.

"ޝާހަމް ހިނގާ ދާން." ޒިޔާން އެއީ ކަމަކަށް ނުހަދައި އަތުގެ އިޝާރާތެއް ދީފައި އެމީހުންގެ އަނެއް އެކުވެރިޔާ ފެނިގެން ވާހަކަދެއްކިއެވެ. ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ތެޅިގެންފައި ޝާހަމް އަރައި އިށީންއިރު އެއަންހެންކުއްޖާވެސް އެނބުރިފައި އެތެރެއަށް ވަންނަނީއެވެ. އެކަމަކު ދާދި ދެންމެއަކު އޭނާ މަޢާފަށް އެދުނު މަންޒަރު ހުރީ ޝާހަމްގެ ސިކުނޑީގައި ތަކުރާރު ވޭވޭއެވެ.

"ކާކު އެއީ؟" ދެމީހުން އެކަނިވުމުން ޝާހަމް ޒިޔާން ކުރެން އެއަންހެންކުއްޖާގެ ތައާރަފް އެހީ ޖެހިގެން އައި ދުވަހެވެ. "ލިޒް ކިޔަނީ." ޒިޔާން ފަރުވާކުޑަ ގޮތަކަށް ޖަވާބު ދީފައި އިރުކޮޅަކުން ބަލައިލިއިރު ޝާހަމް ގެއްލިފައި އިންގޮތުން ލޮލުގައި އަޅައިގަތެވެ. "އޭ އަނެއްކާ އެކުއްޖާއަށް ހިތް ނުކިޔައްޗޭ! ތީ މީހެއްގެ ހައްޤެއްނު." ޒިޔާން ސީރިއަސްވި ކަމަށް ހެދިގެން ހަނދާންކޮށްދިނެވެ. "އަހަރެން މީ އެކަހަލަ މީހެއް ނޫން." ޝާހަމް ޔަޤީންކަން ދިނެވެ.

*****

ރިންގްވާންފެށި ފޯނާއެކު ޝާހަމްގެ ހިޔާލުތައް ފުނޑުފުނޑުވެ ހަމަ ބިމަށް އާދެވުނެވެ. އަދިވެސް އެއްފަހަރު ހުރެވުނުތަނާމެދު ވިސްނާލެވުނީ އެހިސާބުންނެވެ. ފާރުގައި ހަރުކޮށްފައި ހުރި ލިޒްގެ ފޮޓޯގަނޑުގައި ފިރުމާލުމަށްފަހު ދެން އޭނާ ހިނގައިގަތީ ފޯނު ނަގައިގެން އަނެއްކާވެސް ދޮރާއި ދިމާއަށެވެ.

ފަސްބުރިއަށް ނަގާފައިވާ އިމާރާތެއްގެ ކައިރިއަށް ކާރު މަޑުކޮށްލާފައި ޑްރައިވަރ ނިކުމެ ފޮށިތައް ބޭލިއިރު ދެންތިބި ދެމީހުން ފައިބާފައި ޝަލީން ބޭލުވިއެވެ. ބީރަތްޓެއްސެއްހެން ބަލަމުން މަންމަގެ ކައިރީ ހުރެގެން އޭނާ ދިޔައިރު ފެނުނު ކޮންމެ މަންޒަރެއްވީ އަލަށް ފެނުނު މަންޒަރަކަށެވެ. ޝާހަމް ތަފްޞީލުކޮށް އެތަންތަން ސިފަކޮށްދީފައި ވިއަސް ދަންނަ ގޮތެއް ނެތެވެ. އެތެރެއަށް ވަދެފައި ނަޖުމާ އޭނާ ގެންގޮސް ސޯފާގައި ބެއިންދުމުން ބަސްއަހާ ކުޑަ ކުއްޖެއްހެން އިންގޮތަށް އިނެވެ. ދުލުން ބަހެއް ނުބުނި ތާނގައި ވަށައިގެން ހޯދާކަށްވެސް ނޫޅެއެވެ.

ނަޖުމާ ކައިރީގައި އިށީންދެފައި އެއްޗެއް ކާނަންތޯ އެހުމުން ޝަލީން ބޯ ހޫރައިލީ ދެފަރާތަށެވެ. އެހިސާބުން އެމީހުންނަށް ވިސްނުނީ އަރާމު ކުރަން ކޮޓަރިއަށް ފޮނުވުން އެންމެ ރަނގަޅުވާނެ ކަމުގައެވެ. ދެމައިން އެކުގައި ސިޑިން އަރައިގެން ގޮސް ޝަލީންގެ ކޮޓަރިއަށް ވަދެފައި ތަނުގެ ތައާރަފް ދިނުމުން ޝަލީން ހުރީ ބަލާށެވެ. ދެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އެތެރެއަށް ވަދެ ވަށައިގެން ހޯދަން ފެށިއެވެ.

މަޑު ފިޔާތޮށި ކުލައިގެ ހަތަރު ފާރު ތެރޭގައި މަދު އެއްޗެއް ނެތެވެ. ކުއީން ސައިޒްގެ އެނދާއި ފިހާރައެއް ވަރުގެ އަލަމާރީގެ އިތުރުން އެއްކޮޅުގައި ސޯފާ ސެޓަކާއި ބޮޑު ފަތި ޓީވީއެކެވެ. ލިޔާމޭޒު މަތީ ޝަލީންގެ އެޕަލް ލެޕްޓޮޕާއި ބޮޑު ކެމެރާއެއްގެ އިތުރުން އަދިވެސް އެތައް އެއްޗެކެވެ. ނަޖުމާ ގޮސް އަލަމާރި ހުޅުވައިލުމުން ޚުދު ޝަލީންވެސް ހައިރާންވިއެވެ. އެއީ ހަމަ ކުޑަވަރެއްގެ ފިހާރައެކެވެ. މެދުން ހިމަ މަގެއް ލާފައި ދެފަރާތުގައި އެތައް ބައިވަރު ވަތްގަނޑުތަކާއި އެހާމެ ދިގު ކޮނޑު އަޅުވާ ބައެއް ހުއްޓެވެ. ކޮނޑު އަޅުވާ ބައި ފުރޭންދެން ކުލަ ކުލައިގެ ހެދުންތައް ހުރިއިރު ދެން ހުރި ވަތްގަނޑު ތަކުގައި ޖެކެޓްކޮޅު ތަކާއި ޖިންސް، ސްކާޓް އަދި އެންމެ ތިރީގައި ފައިވާން ފިހާރައެއް ހުޅުވާ ވަރަށް އަތުރާފައިވާ ފައިވާން ތަކާއި ބޫޓުތަކެވެ. ނަޖުމާ ޝަލީންއަށް ދައްކަން އެތަނުން ލެއްޕޭ ގޮތަށް ހުރި ބައެއް ވަތްގަނޑު ހުޅުވައިލުމުން ގަހަނާ ފޮށިތައްވެސް ފެނުނެވެ. ޝާހަމް، އޭނާއަކީ ކާކުކަމާއި ދިރިއުޅުނީ ކޮން ފެންވަރެއްގައިކަން ބުނެދީފައި އޮތަސް މިވަރު އިއްޒަތުގައި އޭނާގެ ދިރިއުޅުން އޮތް ކަމެއް ނޭނގެއެވެ. "ތިހަމަ ހުސް ދަރިފުޅުގެ އަމިއްލަ އެއްޗެހި." ނަޖުމާ އެނބުރި ލައިފައި ނިކުމެގެން ދިއުމުގެ ކުރީން ބުނެލިއެވެ. މަންމަ ދޮރު ލައްޕާފައި ދިއުމުން އޭނާ ގޮސް އެނދަށް ވެއްޓިގަނެ ލޯމަރައިލިއެވެ.

ޝާހަމްއަށް އާދެވުނުއިރު އިމާދުއާ ނަޖުމާ ސިޓިންރޫމްގައި ތިބީ ޝަލީންގެ މަޝްވަރާގައެވެ. "ދަރިފުޅު ކީއްވެ ލަސްވީ؟ ދޭބަލަ ކޮއްކޮ ކުރަނީ ކީއްތޯ ބަލައިލަން. ވެއްޖެ ކޮޓަރީގަ." ޝާހަމް ވަދެގެން އަންނަތަން ފެނިގެން ނަޖުމާ ފުރަތަމަވެސް ވާހަކަދެއްކިއެވެ. މަންމަ އެމޫނަށް ބަލައިލި ގޮތާއި ދެއްކި ވާހަކައިން ޝާހަމްއަށް ދޭހަވީ އެންމެ ކަމެކެވެ. އެއީ މަންމަ އޭނާ މައްޗަށް އެފޮނުވާލަނީ ބައްޕަ ފަރާތުން ސަލާމަތް ކޮށްދޭން ވެގެން ކަމެވެ. ހިތާއި ހިތުން ޝުކުރު ކޮށްލާފައި އެންމެ ސިކުންތަކަށްވެސް މަޑުނުކޮށް އޭނާ އަރައިގެން ދިޔައެވެ.

ދޮރުފަތުގައި ޓަކި ޖަހާލައިފައި ވަންއިރު ޝަލީން ބަންޑުން އެނދުގައި އޮވެފައި ތެދުވެ ބަލައިލިއެވެ. "ނިދަނީތަ؟" ޝާހަމް ގޮސް ހުއްޓުނީ ދާދި ކައިރިއަށެވެ. "ދޮންބެ ބުނީމެއްނު ގެއަށް އާދެވުނީމަ އަހަރެން ހަނދާންވާން ފަށާނެއޭ. އެކަމަކު މިގެއާ މިކޮޓަރި ފެނިގެން ކުޑަމިނުން ކޮށައިވެސްނުލާ." ޝަލީން ހަތަރުކަޅި ހަމަކޮށްލިއިރު ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. "އަދި ވާނެއޭ. އަދި ގެއަށް އައިފަހުން ނުވެއެއްނު އިރުކޮޅެއްވެސް. އެހެންނޫނަސް ޑޮކްޓަރ ބުނެފަ އޮތީ މާޒީ ހަނދާން ކުރަން މާބޮޑަށް ސިކުނޑިއަށް ބާރުނުލާން." ޝަލީންގެ ވާހަކައިން އަސަރުކޮށްގެން ޝާހަމް ގޮސް ހުއްޓުނީ ފުރަގަސްދީގެން ދުރަށެވެ. ބަހެއް ނުބުނެ ހުރެލާފައި އިރުކޮޅަކުން އަނެއްފަރާތަށް އެނބުރިފައި ގޮސް ލެޕްޓޮޕް ކައިރީ އިށީންދެލިއެވެ. ޝަލީން ދޮންބެ ކުރާ ކަމެއް ބަލަން އިންދާ ލެޕްޓޮޕް ހުޅުވާފައި ފޮޓޯ ފޯލްޑަރއެއް ހުޅުވައިގެން އައިސް ކައިރީގައި އިށީންދެލިއެވެ.

"މީ އަހަރުމެން ދިޔަ ޕިކްނިކްއެއްގެ ފޮޓޯތަކެއް." ޝާހަމް ފަހަރަކު ފޮޓޯއެއް ދައްކަމުން ކިޔައިދޭން ފެށިއެވެ. ޝަލީން ޝައުޤުވެރިވެފައި ބަލަން އިންއިރު ނުދަންނަ ބައިވަރު މޫނުތައް ފެނުނެވެ. އެތަނުންވެސް އެންމެ ގިނައިން ފެނުނު ދެމީހުންނާއި ބެހޭގޮތުން ޝާހަމްއާ ސުވާލު ކުރިއެވެ. "މީ ލޫކް. ޝަލީގެ ފްރެނިމީ. ދެމީހުން އެހާ ގާތްވާނެ އަދި އެހާ ގިނައިން ފައިޓް ކުރާނެ. ބައްޕަގެ ބެސްޓްފްރެންޑްގެ ފިރިހެން ދަރިފުޅު." ފޮޓޯތަކުން ފެންނަން ހުރި ރީތި ޒުވާނާގެ ތައާރަފް ދިންއިރު ޝަލީން ފުންކޮށް ބަލައިލިއެވެ. އެމޫނު އެއީ ކޮންމެވެސް ތާކުން ފެނިފައިވާ ސޫރައެއް ކަމުގައި ހިތް ބުނެލިއެވެ.

"ދެން މީ؟" ޝަލީން އަންހެންކުއްޖާގެ ތައާރަފްވެސް ބޭނުންވިއެވެ. "ލޫކްގެ ކޮއްކޮ ވިޝާ." ޖަވާބުދިންއިރު ޝާހަމްގެ އަޑަށް ބަދަލުއައެވެ. "ދެން ޝަލީ އަމިއްލައަށް ބަލާ. ދޮންބެ ވެއްޖެ ބޭރަށް ޖެހިލަން." އިތުރު ސުވާލެއް ކުރާނެ ފުރުސަތު ނުދީ ޝާހަމް ތެދުވެގެން ހިނގައިގަތެވެ. ޝަލީން ޝައުޤުވެރިވެފައި ފަހަރަކު ފޮޓޯއެއް ފަހަރަކު ފޮޓޯއެއް ބަލަން އެތައް އިރެއް ހޭދަކޮށްލިއެވެ. އިރުގަނޑެއް ފަހުން ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފައި ވަނުމުން ހީކުރީ މަންމަ ނޫނީ ޝާހަމް ކަމަށެވެ. ޝަލީން ނުވިސްނާ އިނދެފައި އިސްއުފުލާލެވުނު ގޮތަކުން ކުރިމަތީ ހުރި ޒުވާނާ ފެނިފައި ސިއްސައިގެން ގޮސް ފުންމައިގެން ތެދުވިއެވެ. ދިގު އިސްކޮޅަކާއި އެކަށީގެންވާ ރީތި ހަށިގަނޑެއްގެ ވެރިޔެއެކެވެ. ފަން އިސްތަށިކޮޅަކާއި އަލި މޫނެކެވެ. ކަޅު ދެލޮލާއި ހިތްކަތިލާފަދަ ހިނިތުންވުމެކެވެ. އެއީ ޝާހަމް ކިޔައިދިން ގޮތުންނަމަ ލޫކްއެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކަކެވެ. އެކަމަކު މިހާރު އެއީ ދުވަހަކު ބައްދަލު ނުވާ ބީރަތްޓެއްސެއް ފަދައެވެ.

" އެއީ ތެދެއް މިހާރު އަހަރެން މަތިންވެސް ހަނދާން ނައްތައިލީ؟" އަލޫކް ލާނެތް ގޮތަކަށް ހެވިފައި ހުރެގެން ކައިރިއަށް އަޅަންފެށި ކޮންމެ ފިޔަވަޅަކާއެކު ޝަލީންގެ ހިތުގެ ތެޅުން އަވަސްވެގެން އައެވެ. "އަހަންނެއް ޤަބޫލެއް ނުކުރާނަން. ޑްރާމާ ކުއީންގެ އިތުރު ޑްރާމާއަކަށް މިވެސް ވާނީ." އަލޫކްގެ ވާހަކައިން ޝަލީން ހައިރާންވިއެވެ. ހަމަ ހަޤީޤަތުގައިވެސް އަލޫކްއަށް ޤަބޫލު ނުކުރެވެނީ ހެއްޔެވެ؟

އަލޫކް އައިސް ކައިރިއަށް ހުއްޓުމުން ޝަލީން ބިރުން ދެއަތް މުށްކަވާލައިފައި މޭގައި ޖައްސާލައިގެން ހުއްޓާ ހުއްޓުނެވެ. ދެން ކަމަކާ ވިސްނައިލާފަދަ ގޮތަކަށް ދަތްދޮޅީގައި ފިރުމާލައިފައި ހަތަރުކަޅި ހަމަކޮށްލިއިރު ލޮލުގައި ހުރި ކުލަވަރު ބުނެދިނީ އަލޫކް ކުރަން އެއުޅެނީ އާދައިގެ ކަމެއް ނޫންކަމެވެ. "ހަޤީޤަތުގައިވެސް ހަނދާން ނެތިއްޔާ އަހަރެންނަށް އެނގޭ އަލުން ހަނދާންތައް އެނބުރި އަންވަރުގެ މެޖިކް ސްޕެލްއެއް." ލާނެތް ހިނިތުންވުމަކާއެކު އަލޫކް ކުރިއަށްވުރެވެސް ކައިރިވެފައި ކުރި ކަމަކުން ޝަލީން މޫނުން ތަރި ބުރައިލިއެވެ.

ކޮމެންޓް 0