ޑޮކްޓަރގެ އިންތިޒާރުގައި ވަގުތު ގުނާލަ ގުނާލާ އިނދެފައި އެއްލި ކަޅިއަކުން އެހެން ދިޔަ މީހަކު ފެނުމުން ފަރުވާވެ ބަލައިލެވުނެވެ. ޖަނާއަށް ލޯ ބޮޑުކޮށްލެވުނީ އެމީހަކީ މާކިންކަން ޔަޤީންވެފައެވެ. މާކިން އެތާ ހޮސްޕިޓަލުގައި ކުރަނީ ކީއް ހެއްޔެވެ؟ 

މާކިން އެހާ އަވަހަށް ވަދެފައި އެނިކުތީ ކާކު ކައިރިއަށް ކަމެއް ބަލަން ބޭނުންވިއެއް ކަމަކު އަކްޔަން އެކަނިކޮށްލެވެން ނެތުމުން ޖަނާ އިންގޮތަށް އިނީއެވެ. ނަސީބަކުން އޭގެ އިރުކޮޅެއް ފަހުން މަންމަ ފޮނުވައިގެން ފަޔާޒް އައެވެ. ދެން ވީ އަދި މާދެރަ ގޮތެކެވެ. ނަރުސް ކުއްޖަކު އައިސް ބުނީ ޑޮކްޓަރ އަދި އިތުރަށް ބަލަން ބޭނުންވާ ކަންތައްތަކެއް ހުރުމުން އަކްޔަން ދޫކޮށްލާނީ ހެނދުނު ކަމުގައެވެ. ފަޔާޒް އޭނާ ނިދަން ފުރުސަތު ދިން ނަމަވެސް އެތާގައި ނުނިދޭނެކަން ކަށަވަރުވިއެވެ. ދެމީހުން އެގޮތަށް އެއްތަނެއްގައި ތިބެން ޖެހުމުން ޖަނާއަށް އިތުރަށް އުދަނގޫވިއެވެ. ބޭނުންވިއަސް ފަޔާޒް އޭނާ އެކަނިކޮށްލައިފައި ނުދާނެކަން އިނގޭތީ ބުނާކަށް ނުކެރުނެވެ. އެނދުގައި ބޯ އަޅައިގެން އޮތްވާ އެންމެ ފަހުން ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގި ހޭލެވުނީ މަންމަ އައިސް ގޮވަނިކޮށެވެ.

"ދަރިފުޅު ދޭ ގެއަށް ނިދަން. މަންމަމެން ތިބޭނަން މިތާ. މުޅި ރޭ މަސައްކަތްކޮށްފަ އައިސް ވަރުބަލިވެފައެއްނު ހުންނާނީ. އަނެއްކޮޅުން ހެނދުނު ޑިއުޓީއަށްވެސް ދާން ޖެހޭ." ޝަރުމީލާ ނިކަން ލޯބިން ޖަނާގެ އިސްތަށިގަނޑުގައި ފިރުމާލައިފައި ވާހަކަދެއްކިއެވެ. ލޯ އުނގުޅަމުން ޖަނާ ތެދުވިއިރު ފަޔާޒް ނަސީބަކުން ހުރީ ތަންކޮޅެއް ދުރުގައި ފޯނެއްގައެވެ. "މަންމާ އެކަމަކު އަކްޔަން ހޭލައިގެން އަހަރެން ހޯދަން ބޭނުންވާނެ." ޖަނާ ދަރިފުޅާމެދު ކަންބޮޑުވުން ފައުޅު ކުރިއެވެ. "ފަތިހު ދަރިފުޅު އަންނާނީއޭ. އޭރުން އަކްޔަން ހޭލާއިރު ހުރެވޭނެއެއްނު. ދޭ ދެން ބަސް ގަބޫލު ކޮށްގެން. ފަޔާޒްބެ ޖަނާ ގެންގޮސްލަދޭން ދާނެ." ޝަރުމީލާ ޖަނާއަށް ވިސްނަދިނެވެ. ޖަނާ އެންމެ ފަހުން ބޯ ޖަހާލައިފައި ފަޔާޒްއާއެކު ދާންވެގެން ނިކުތެވެ. ސައިކަލު ފަހަތަށް އަރާފައި އޭނާ އިނީ އަދިވެސް އާފުރިލަ ފުރިލައެވެ. އިރުކޮޅެއް ފަހުން ފަޔާޒް ސައިކަލު މަޑުކޮށްފައި ވާހަަކަ ދެއްކި އަޑަށް ސައިކަލުން ފައިބާފައި ސިއްސައިގެން ދިޔައެވެ.

"ކީއްކުރަން އަހަރެން މިގެއަށް ތިގެނައީ؟" ކުރިމަތިން ފެންނަން ހުރި ފަޔާޒްގެ ގެއަށް ބަލަމުން ޖަނާ ކަންބޮޑުވެފައި އެހިއެވެ. "އަކްޔަން ހެނދުނު ދޫކޮށްލާނެކަން އެނގުނީމަ ޖަނާ މަންމަ ދީނާ އެކަނިވާނެތީ މިގޭގައި ބޭއްވީ. ބޭބެ ބޭނުމެއް ނޫން ޖަނާވެސް އެކަނި އެގޭގައި އޮންނާކަށް. އެހެންވެ މިގެއަށް މިގެނައީ." ފަޔާޒް ކިޔައިދިނެވެ. ދެކޮޅުހަދަން އުޅެފިނަމަ ފަޔާޒްގެ ހިތުގައި އިތުރު ޝައްކުތަކެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެތީ ޖަނާ އެހިޔާލު ދޫކޮށްލީއެވެ. އޭނާ ބޯ ޖަހާލައިފައި ފަޔާޒް ދިން ތަޅުދަނޑީގައި ހިފިގޮތަށް ސައިކަލު ގޮސް އޮބާލަންދެން ބަލަން ހުރެފައި އެތެރެއަށް ވަނެވެ.

ތަޅަށް ތަޅުދަނޑި ޖެހީއްސުރެ ޖަނާގެ ހިތުގައި އޮތީ މާކިންއެވެ. އެގަޑީގައި މާކިންއަށް އޭނަ އެގެއިން ފެނިއްޖެނަމަ ކަންތައް ކުރާނެ ގޮތަކާމެދު ކުރެވޭ ފިކުރެވެ. ފަނޑު އަލިކަމެއް ވެރިވެފައި އޮތް ސިޓިންރޫމް ހުރަސްކޮށްފައި ދީނާގެ ކޮޓަރިއާ ދިމާއަށް ދިޔައިރު މާކިންގެ ކޮޓަރި ހުންނަ ދިމާއަށް ކަޅިއެއް އެއްލުނެވެ. އެތަނުން ހޮޅިބުރި އަލި ފެންނަން ހުރުމުން ހިތް އަވަސްވީ މިހެންނަކުން ނޫނެވެ. އޭނާ އަވަހަށް އެތެރެއަށް ދެމިގަނެފައި ދީނާގެ ބިތްދޮށަށް އަރައި ނިދޭތޯ ދެލޯ މަރައިލިފަހުން ހިތުގައި އުފެދުނު ސުވާލަކީ މާކިން އެހާ ލަސްވީއިރު ނުނިދާ ކޮޓަރީގައި ކުރާ ކަމެކެވެ. އަނެއްކާ އޭނަ ހޮސްޕިޓަލަށް އެދިޔައީ ގާތް މީހަކު ދެކިލަން ހެއްޔެވެ؟ ފަހަރުގައި އެމީހަކީ މާކިންގެ ބައްޕައަށް ނުވެދާނެ ހެއްޔެވެ؟ ހިޔާލުތައް އެދިމާއަށް ދިއުމުން ޖަނާއަށް ފުންމައިގެން ތެދުވެވުނެވެ. ކުއްލިއަކަށް ނިދިވެސް ފިލައިފިއެވެ. އާއެކެވެ. އެމީހަކީ މާކިން ބައްޕައަށް ވުން އެކަށީގެންވެއެވެ. ފަޔާޒް ބުނިގޮތުން މާކިން އެހާ ކަންބޮޑުވެގެން އެއުޅެނީ ކަމަކާއި ދިމާވެގެންނެވެ. ފަޔާޒް މާކިން ކައިރީ ބުނީ ބަލި އެނދުގައި އޮތް ބައްޕަ އާއި ބައްދަލު ކުރަން ދާން ކަމަށް ވެދާނެއެވެ. 

"ކިހާ ދެރަކަމެއް ޖަނާ. ހުއްޓާލާ. ހަމަ މިހާރު ހުއްޓާލާ. ނުބެހޭ ކަންތަކާ ނުބެހި ނުޖެހޭ ކަންތަކާ ނުވިސްނާ ހުރެބަލަ. އެމާކިން އެއީ ކާކުތަ ޖަނާ އޭނަގެ ދިރިއުޅުމާމެދު ތިހާ ޝައުޤުވެރި ވެގެން ތިއުޅެނީ؟" ޖަނާ އަމިއްލަ ނަފްސަށް އަޑުލާން ހުރެފައިވެސް އެންމެ ފަހުން ތެދުވެގެން ދެވުނީ ދޮރާއި ދިމާއަށެވެ. އޭނާ ދެކޮޅު ބަލާލުމަށްފަހު ވަގެއްހެން އިނގިލިތަކު ކުރި ޖައްސައިގެން ދުވެލާފައި ގޮސް ދޮރު ކައިރިއަށް ހުއްޓުނެވެ. ވީ އެންމެ ސިއްރުން ތަޅުގައި ހިފައި އަނބުރާލިއިރު ދޮރު ހުރީ ތަޅު ނުލައެވެ. އެތެރެއިން ޖަނާއަށް ދެން ފެނުނީ އެއަށްވުރެ އަޖާއިބުވި މަންޒަރެކެވެ. އެއީ ކޮޓަރިތެރެ ހުސްކޮށް އޮތްވައެވެ. ވިސްނަން ހުރެފައި ޖަނާ އެތެރެއަށް ވަދެގެން ދަނިކޮށް ބެލްކަންޏާ ދިމާއިން އަޑެއް އަންނަކަން ފާހަގަވިއެވެ. ހުޝިޔާރުވެލައިފައި އޭނާ ގޮސް ބެލްކަންޏަށް ހުޅުވޭ ދޮރު ކައިރީ ހުރި ފޮތިގަނޑު ފުރަގަހުގައި ނިވާވެލައިފިއެވެ. ސިއްރުން ބޯދިންއިރު ބެލްކަނީގައި ބަހައްޓާފައި ހުރި ޓްރެޑްމިލްއަށް އަރައިގެން މާކިން ހޭވައްޓާލައިފައި ދުވަނީއެވެ. ކަންފަތުގައި ހެޑްސެޓެވެ. ދެލޮލުގައި ރުޅިވެރިކަމެވެ. އެކަނި ސޯޓެއްގައި ހުސްގަޔާ ހުރިއިރު މުޅި މީހާ ދަލުން ފެންވެރިފައެވެ. ދަންވަރުގެ އެގަޑީ ޖޮގް ކުރާ މީހުންނެއް ނޫޅެއެވެ. ވީއިރު މާކިން ހުރިހާ ރުޅިއެއް ޓްރެޑްމިލްއަށް އެބާލަނީ ހިތުގެ އުދާސް ބޭރު ކުރަން ހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ނެތް ސުވާލު ތަކެކެވެ.

ފަޅާ ނާރަނިސް އެނބުރި ދާންވެގެން ޖަނާ އެނބުރިލިއިރު މާކިންވެސް ދުވެލި މަޑުކުރަމުން ފައިބަންވެގެން ތައްޔާރުވިއެވެ. އޭނާ ތުވާލި ނަގައި ދާތައް އޮއްބާލައިފައި ކައިރީގައި އޮތް މެޓް މައްޗަށް ވެއްޓިގަތްއިރު ޖަނާ ގޮސް ދޮރާއި ހަމަވަނީއެވެ. އެވަގުތު ޖަނާއަށް މާކިން ވެއްޓިގަތްއަޑު އިވިގެން ކުއްލިއަކަށް އެނބުރި ބަލައިލާފައި ދުވެފައި އެދިމާއަށް އާދެވުނެވެ. އޭނާ ހީކުރީ މާކިން ދުވެ ދުވެ ހަށިގަނޑަށް ނުކުޅަދާނަ ވެގެން ވެއްޓުނީ ކަމަށެވެ.

"އޯހ ނޯ." ޖަނާ ކައިރިވިއިރު މާކިން ލޯމަރައިގެން އޮތް ގޮތުން ބިރުވެރިކަން އިތުރުވިއެވެ. އޭނާ ހަދާނެ ގޮތެއް ނޭނގިގެން ދެއަތް ދެއަތާއި މޮޑެލާފައި މެޓްމަތީ ދެކަކޫ ޖަހާލި ގޮތަށް މާކިންއަށް ގޮވަންވެގެން މަޑުމަޑުން އެމޫނާއި ދިމާއަށް އަތް ގެންގޮސް ގޮސް ހުއްޓާ މާކިން ލޯ ހުޅުވައިލިއެވެ. ލިބުނު ސިހުމުގައި ޖަނާ ގަނޑުވިއިރު މާކިންވެސް އަވަހަށް ދުރަށް ދާންވެގެން ފުންމައިގެން ތެދުވިއިރު ކަންތައްވާނީ އިދިކޮޅަށް ކަމެއް ރޭކައެއް ނުލައެވެ. ޖަނާ އެގޮތަށް ގުދުވެލައިގެން އޮތްވާ މާކިން ތިރީގައި އަތްވިއްދާފައި ފުންމައިގެން ތެދުވިގޮތުން އެކެއްގެ މޫނު އަނެކެއްގައި މޫނާއި ޖެހިފިތިއްޖެއެވެ. ނޭފަތާއި ނޭފަތް، ތުންފަތާއި ތުންފަތް ބީހި ނިމިއްޖެއެވެ. ދެވަނަ ސިކުންތުގައި މާކިން ޖަނާ ބަނޑާއި ދިމާލުގައި އަތް އަޅާފައި ދުރަށް ކޮށްޕައިލީ ވިހަގަދަ ސުއިޕެއް ނަމަވެސް އަތުގައި އޮވެގެން ފޮޅައިލާ އުސޫލުންނެވެ.

"އައްދޯއި...!" ވިއްސައިގެން ގޮސް މާދުރަށް ޖެހުނު ގޮތުން ޖަނާއަށް ރޮއިގަނެވުނެވެ. ތިރީގައި ފައި ޖެހުނު ގޮތުން އޭނާ އޮތީ ގުޑި ނުލެވިފައެވެ. "މިދެން ކިހާ ބޮޑުވެއްޖެ ކަމެއް. ކާކު ހުއްދަދީގެން ކަލޭ ދެވަނަ ފަހަރަށް މިތަނަށް އައީ؟" މާކިން ތެދުވެ ހެޑްސެޓް ނައްޓާލައިފައި ހަތަރުކަޅި ހަމަކޮށްލިއިރު ލޮލުން އަލިފާންކަނި ބުރައެވެ. "އަހަރެން ހީކުރީ މާކިން ދުވެ ދުވެ ހުއްޓާ ހޭނެތިގެން ވެއްޓުނީ ކަމަށް." ޖަނާ ރޮމުންވެސް މާކިން ކުރި ސުވާލަށް ޖަވާބުދިނެވެ. މާހައުލު އިތުރަށް ހޫނު ނުވަނީސް އޭނާ އެތަނުން ނިކުންނަން ބޭނުންވިއެވެ. ކިތަންމެ ތަދުވިއަސް ނުރޯންވެގެން ދެތުންފަތް ޖައްސާ ބާރުކޮށްލައިފައި ގަދަ ހިތްވަރުން ކޮޅަށް ތެދުވެވޭތޯ ކުރި މަސައްކަތުން މީހާ ހީވީ ކުދި ކުދިވިހެންނެވެ. މީހެއްގެ އެހީއާ ނުލާ އެތަނުން ނުތެދުވެވޭނެކަން އެނގުމުން ކަރުނަތައް ގިނަވެގެން ފައިބަން ފެށިއެވެ. "ދެން ތިތާ އިނދެގެން ރޯންވީއެއް ނޫން. އަހަރެން ފެންވަރައިގެން އަންނައިރު މިތަނުން ފެނިގެން ނުވާނެ!" މާކިން ޖަނާގެ މޫނަށް ނުބަލަން ފުރަގަސްދީފައި ދިޔައެވެ. 

"މާކިން!" ތަންކޮޅަކަށް ދިޔަފަހުން ކަންފަތުގައި ހަރުލީ ޖަނާ ގޮވާލި އަޑެވެ. އޭނާ ހުއްޓިފައި އެނބުރި ބަލައިލިއިރު ޖަނާ އިނީ ދެއަތް ދިއްކޮށްލައިގެންނެވެ. "ޕްލީޒް އަހަރެންނަށް އެހީވެދީ! އަހަރެންނަށް އެކަނި ކޮޓަރިއާ ހަމައަކަށް ނުދެވޭނެެ." އަމިއްލަ މަޖުބޫރީއާމެދު ކަރުނަ އަޅަމުން ޖަނާ އެދުނެވެ. ތިމާގެ ދުޝްމަނު ކައިރީ އެހީއަށް އެދެން ޖެހޭނީ ކިހާވަރެއް ވީމައި ހެއްޔެވެ؟ އޭނާގެ ނިކަމެތިކަން މިއަދު އެހިސާބަށްވެސް ފޯރީއެވެ. މާކިން ބަލަން ހުރިގޮތުން ޖަނާ ކަންބޮޑުވެގެން އިސްއޮބައިލިތަނާ ބާރުބާރަށް އައިސް ތިރީގައި ކުޑަކަކޫ ޖަހާލައިފައި ފައިގައި ހިފާލުމުން ހަތަރެސްފައި އެކީ ފިނިވެގެން ދިޔައެވެ. ތިރިކޮށްލި ދެއަތްތިލަ އުނގުގައި ބާއްވައި ބާރަށް މުށްކަވާލެވުނީ ހިތުގެ މައްޗަށް ބާރުފޯރުވަން އުޅޭ މީހަކު ފަދައިންނެވެ. އޭރު މާކިން އޭނާ ހައިރާންކޮށްލައިފައި އެއްޗެއް ދެނެގަންނަން މަސައްކަތް ކުރާ މީހަކު ފަދައިން ފައިތިލައިގެ އެކި ހިސާބުގައި އިނގިލިތައް ހިންގައި އޮބާ ހަދަމުން ދިޔައެވެ. ތަދުވާ ތަނުގައި އެއަތް ޖެހުމުން ޖަނާއަށް ކެތްނުވެގެން ރޮއިގަތުމުން މާކިން ކުއްލިއަކަށް އެމޫނަށް ބަަލައިލިއެވެ. ދެން އިތުރު ބަހެއް ނުބުނެ ލުއިފަތެއް އުފުއްލައިލިހެން އެބާރުގަދަ އަތުތެރެއަށް އޭނާ ލައިގެން ހިނގައިގަތެވެ. އިންޒާރަކާ ނުލައި މާކިން މިކުރި ކަމަކުން ޖަނާއަށް ނޭވާ ހިފަހައްޓައިލެވުނީއެވެ. ތެޅި ތެޅި އޮތް ހިތް އިތުރަށް އަވަސްވީ މާކިން ކޮޓަރިން ނިކުތުމުގެ ބަދަލުގައި އޭނާ ގެންގޮސް އެނދުގައި ބޭންދީމައެވެ. ޖަނާއަށް ވާހަކަ ނުދެއްކި އުޅެނިކޮށް މާކިން އަނެއްފަރާތަށް އެނބުރި ރީތިވާ މޭޒު ވަތްގަނޑު ތެރެއިން ތަދުކަނޑާ ބޭސްފުޅިއެއް ނަގައިގެން މަގަތުގައި އިށީންދެއްޖެއެވެ. ދެން އަތުގައި ބޭސްކޮޅެއް ޖަހާފައި ހަންގަނޑު ތެރެއަށް ވަންނާނެހެން މަސާޖްކުރާ އުސޫލުން ބޭސްއުނގުޅައިދިނެވެ. ކަޅި ޖަހާނުލައި މާކިން މޫނަށް ބަލަން ޖަނާ އިންއިރު ކިތަންމެ ސުވާލެއް އޭނާގެ ސިކުނޑިއަށް އަރާ ފައިބައިގެން ދިޔައެވެ. އެކަމަކު ފުރަތަމަ އެސުވާލުތަކަށް ސުވާލުތަކެއްގެ ދަރަޖަވެސް ލިބޭނީ މާކިން އެއަށް ޖަވާބު ދީގެން ނޫންހެއްޔެވެ؟ ޖަނާއަށް އެނގޭ އެއްޗަކީ މާކިން އޭނާ ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ދިނުން މުހިންމު ކަމެއް ގޮތުގައި ނުބަލާނެ ކަމެވެ.

"އަހަރެން މިކަން ކޮށްދިނޭ ކިޔާފަ ފާޑު ފާޑަށް ނުވިސްނާތީ. އަމިއްލަ އަތުން ވީކަމެއް ނޫންނަމަ އިރު އަރަންދެން އެތާ ނުތެދުވެވިފަ އޮތަސް އަޅައިނުލާނަން." މާކިން ދެވަނަ ފަހަރަށް ޖަނާ އަތްދަނޑިމައްޗަށް އުފުލާލައިގެން އެތަނުން ނިކުންނަމުން ވާހަކަދެއްކިއެވެ. ޖަނާގެ ހިތް ވަގުތުން އެވާހަކަ ދޮގު ކުރިއެވެ. މާކިން އެއުޅެނީ އޭނަ ރަނގަޅު އެއްޗެއް ވިސްނަފާނެތީއެވެ. އޭނާގެ ކުރިމަތީ ގޯސްމީހެއްގެ ގޮތުގައި ހުންނަން ބޭނުންވުމުގެ ފަހަތުގައިވެސް ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. މިރޭ އޭނާއަށް އެއްކަމެއް ޔަޤީންވެއްޖެއެވެ. އެއީ މާކިންއަކީ ބޭރުފުށުން ދައްކާ ކަހަލަ ހިލަ ހިތެއްގެ ވެރިއެއް ނޫނެވެ. އެހިތުގެ ފުނުގައި ފޮރުވައިފައި އޯގާތެރިކަން އެބަވެއެވެ. ފައުޅު ކުރަން މާކިން ބޭނުން ނުވިއަސް ހަޤީޤަތަކީ އެއީއެވެ.
*****

މަރީ ގެއަށް ލައިފައި ޒަލަފް އައިސް ވަންއިރު މަންމަ އިންތިޒާރުގައި އިނީ ސިޓިންރޫމް ސޯފާގައެވެ. "ދަރިފުޅަށް އާދެވިއްޖެ ދޯ." ޒަލަފް ފެނިގެން ނާސިހާ ތެދުވިއެވެ. ވިސްނުމެއްގައި ހުރެގެން ޒަލަފް ސިޑިއާ ދިމާކުރިއިރު މަންމައަށް ރައްދު ދިނުންވެސް މުހިންމު ކަމަކަށް ނުދެކުނެވެ. ދަރިފުޅުގެ އަޅާލުން ކުޑަކަމާމެދު ނާސިހާ ހިތްހަމަ ނުޖެހިފައި ޒަލަފް ގެއްލޭން ދެން ބަލަން ހުއްޓެވެ. "ދޮރުތައް ލައްޕާފަ ނިދަން ދިޔަސް އެންމެ ރަނގަޅު ދެން." ކާކޮޓަރިން ނިކުތް ނޯކަރަށް އެވާހަކަ އިއްވައިލާފައި އޭނާވެސް ޒަލަފް ފަހަތުން ސިޑިން އަރައިގެން ދިޔައެވެ. ނާސިހާ ގޮސް ޒަލަފް ކޮޓަރި ދޮރުމައްޗަށް ހުއްޓުނުއިރު އެދޮރު ހުރީ މުޅިން ނުލެއްޕި ކައިރިކޮށްލައިފައެވެ. އަދި ޒަލަފް އިނީ އެނދު ކޮޅުގައި ބަހައްޓާފައި ހުންނަ ގޮނޑިއަށް ވެއްޓި ގަނެގެން ވިސްނުމަކަށް ގެއްލިފައިވާ މީހަކު ފަދައިން މަތި ބަލަހައްޓައިގެންނެވެ. ޒުވާން ދަރިފުޅުގެ މިއާދަޔާ ޚިލާފު އަމަލާމެދު ހައިރާންވެ ހުރެ ނާސިހާ ޓަކި ޖަހާލުމުން ޒަލަފްއަށް އެއަޑުވެސް އިވުނު ކަމަކަށް ނުވިއެވެ. 

"ދަރިފުޅާ!" ނާސިހާ ވަދެގެން ގޮސް ކައިރިއަށް ހުއްޓި ކޮނޑުގައި އަތްބާއްވާލުމުން ޒަލަފް ދިޔައީ ސިއްސައިގެންނެވެ. އޭނާ ހަށިގަނޑު ތެދުކޮށްލަމުން ސުވާލު ކުރީ މަންމަ އެތަނަށް ވަނީ ކޮންއިރަކު ހެއްޔޭ ކިޔައިފައެވެ. ކަމެއް ގޯސްވެއްޖެކަން ނާސިހާއަށް ޔަޤީންވި ހިސާބަކީ އެޔެވެ. އެހެންނޫންނަމަ ޒަލަފް އެގޮތަށް ގެއްލިފައެއް ނީންނާނެއެވެ. "ކޮންކަމަކާ ތިވިސްނަނީ؟ މަންމަ ކައިރީ ބުނެބަލަ!" ނާސީހާ ސުވާލު ކުރުމުން ޒަލަފް ލުއި އަޑަކުން ހީލިއެވެ. "ކަމެއް ނުވެއޭ މަންމާ. އަހަރެން ހަމަ އާދައިގެ ކަަމަކާ ވިސްނައިލީ." ޒަލަފް މަންމައަށް ކިޔައިދޭ ހިތެއް ނުވިއެވެ. "އެންމެ ރަނގަޅު. ދަރިފުޅު ބުނީމަ މަންމަ ޤަބޫލުކޮށްފިން. ދެން އެހެންވިއްޔާ ކައިގެންތަ ތިއައީ. ބޭނުންތަ އެއްވެސް އެއްޗެއް." ނާސިހާ ވާހަކަ ބަދަލުކޮށްލިއެވެ. ޒަލަފް އެދުނީ ކޮފީއެއް ގެނެސް ދިނުމަށެވެ. މަންމަ ނިކުމެގެން ދިއުމުން އޭނާ އެއްޗެހި ބަދަލުކޮށް ސޯޓަކަށް ހަދާލައިގެން އިށީންދެލި ލެޕްޓޮޕް ކައިރީގައެވެ. އެތައް ދުވަހަކަށްފަހު ޖަނާގެ ފޮޓޯތައް ރައްކާކޮށްފައި ހުރި ފޯލްޑަރ ހުޅުވާލެވުނީ ހިތް އެދުނު ވަރުންނެވެ. އިސާހިތަކު ކުރިމަތިން ފެންނަން ފެށީ ފަސް އަހަރު ކުރީގެ މައުސޫމު އަންހެން ކުއްޖާއެވެ. ފަސްއަހަރު ކުރީގެ އުފާވެރި ހިނިތުންވުމެވެ. ފިކުރެއް ހިޔާލެއް ނެތް ލޯބި މޫނެވެ. އެކަމަކު މިއަދު އޭނާ އާ ބައްދަލު ކުރީ މުޅިން އެހެން ކުއްޖެކެވެ. އެމޫނުގައި ކުރީގެ އުފާވެރި ކަމެއް ނެތެވެ. އަބަދު ޒުވާން ޖޯޝުން ވިދަ ވިދާ ހުންނަ ދެލޮލުގައި މިއަދު ފޮރުވިފައިވަނީ ބުނެދޭން ދަތި ހިމޭން ކަމެކެވެ. ޖަނާ އެހާލަތަށް ގެންދިޔައީ ހަމަ އޭނާގެ ބޭވަފާތެރިކަން ހެއްޔެވެ؟ ޖަނާ ހަމަ އެހާ ބޮޑަށް އޭނާދެކެ ލޯބިވީ ހެއްޔެވެ؟

"ކުއްލިއަކަށް ޖަނާގެ ފޮޓޯތައް ތިބަލަނީ އޭނަ މާލެއިން ފެނުނީތަ؟" ނާސިހާ އެނބުރި އައިސް ވާހަކަދެއްކި އަޑަށް ޒަލަފް ސިއްސައިގެން ގޮސް ފުންމައިގެން ތެދުވެވުނެވެ. "މަންމަ އަޅެ ތިހާ މަޑުން އައިސް ފަހަތުގަ ހުންނާކަށް ނުވާނެއެއްނު." ޒަލަފް ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ކުއްލިއަކަށް ލެޕްޓޮޕް ލައްޕާފައި ނާސިހާ އަތުން ކޮފީމަގު އަތުލައިގެން ބެލްކަންޏާ ދިމާއަށް ދިޔައެވެ. އޭނާ ކަންތައް ކުރިގޮތުން އެވާހަކަ ދައްކަން ބޭނުން ނުވާކަން ޤަބޫލުކޮށްގެން ނަސީބަކުން މަންމަ ނިކުމެގެން ދިޔައެވެ. ޒަލަފްއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. ކޮފީ ޖޯޑުން ބޯލި ކޯވަރާއެކު އޭނާއަށް ހިތާއި ދިމާލުގައި މަޑުމަޑުން ތަޅާލެވުނެވެ. ޖަނާގެ ރުޅިވެރި ބަސްތަކުން މިއަދު އޭނާގެ ހިތަށް ފުރަތަމަ ފަހަރަށް އަނިޔާވެއްޖެއެވެ. އެބަސްތަކަކީ އޭނާއަށް ހައްޤު އެއްޗެއްކަން އެނގޭއިރުވެސް އަޑުއަހަން ޖެހުމުން ހިތަށް އަސަރު ކޮށްފިއެވެ. މީގެ ކުރިން ދުވަހަކު ނުވި ގޮތެއް މިހާރު ކުއްލިއަކަށް ވާން މިފެށީ ކީއްވެ ހެއްޔެވެ؟ އޭނާ ކުޅިވަރަށް ގެންގުޅުނު އެއްވެސް އަންހެން ކުއްޖަކު ފަހުން ރުޅި އައިސްގެން ގޮވި އެއްވެސް އެއްޗަކާހެދި ހިތުގައި ކޫރުމެއްހާ ހިސާބުވެސް ނޭޅެއެވެ. ވީއިރު މިއަދު ޖަނާގެ ދެތިން ޖުމްލައަކާހުރެ ހިތުގައި މި ރިއްސަނީ ކީއްވެ ހެއްޔެވެ؟

"ފުރަތަމަ ޖަނާއަށް ފިރިއަކާ ދަރިއަކު ލިބިފަ އެހުރީވެސް އަހަރެންގެ ސަބަބުން. އެރޭ އެގޮތަށް ދިމާނުވިނަމަ ޖަނާ އަދިވެސް ހުންނާނީ ދިރިއުޅުމެއް ނުފެނި އަހަރެންގެ ޓޯއިއެއް ގޮތުގައި. ނޫނީ އަހަރެން ދޫކޮށްލީތީ ހިތް ހަލާކުވެފަ. ފަސް އަހަރު ކުރިން އަހަރެން ފޫހިވެގެން ދޫކޮށްލުމުގެ ކުރިން ޖަނާ އަމިއްލައަށް ދުރަށް ދިޔަކަން އެއީ ޖަނާގެ ނަސީބު. އަހަރެން މީ އޭނަ ޝުކުރު އަދާ ކުރަން ޖެހޭ މީހާ." ޒަލަފް އަމިއްލަ ހިތް ހަމަޖައްސައިދޭންވެގެން އެކަނިމާއެކަނި ވާހަކަދެއްކިއެވެ.
މާކިން އޭނާ ބާއްވާފައި ދިއުމުން ފުން ނިންޖަކުން ނިދާލައިފައި ޖަނާއަށް ހޭލެވުނީ ފަތިހު ބަންގި ގޮވާ އަޑަށެވެ. އެނދުން ފޭބިއިރު އޭނާއަށް އިހްސާސްވީ ފައިގެ ރިހުން މުޅިން ޣާއިބު ވެފައިވާ ކަމެވެ. ވީ އުފަލުން އަވަހަށް ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދު ކޮށްލިއެވެ. ދީނާއަށް ގޮވާ ހޭލައްވާފައި ގެއިން ނިކުންނަން ދިޔައިރު އިޚުތިޔާރެއް ނެތި މާކިންގެ ކޮޓަރިއާ ދިމާއަށް ބަަލައިލެވުނެވެ.

ޖަނާ ހަސްފަތާލަށް ވަދެގެން ދިޔައިރު އޭނާ ކޮބައިތޯ ބަލަން ވެގެން މަންމަ ގުޅަނީއެވެ. ސުވާލު ކޮށްލިއިރު އަކްޔަން އަދިވެސް ނިދާފައި އޮތްކަން އެނގުމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ފިޔަވަޅުތައް އަވަސް ކޮށްލާފައި ދަނިކޮށް ޖަނާގެ ނަޒަރު ހުއްޓުނީ މާކިން ރޭގައި ވަދެފައި ނިކުތް ކޮޓަރީގެ ދޮރަށެވެ. އޭނާ ވިސްނައިލަން ހުރެފައި އެދޮރުން އެތެރެއަށް ދެމިގަތްއިރު ބަލި އެނދުގައި އޮތީ މެދުއުމުރަކަށް ދާ ފިރިހެނެކެވެ. އައިވީ ގުޅާފައި ހުރިއިރު ބޮލުގެ ބޮޑުބައެއް އޮތީ ބެންޑޭޖް ކޮށްފައެވެ. އެހީތެރިޔަކު ކީއްކުރަން ނަރުސް ކުއްޖަކުވެސް އެވަގުތު އެމީހާ ކައިރިއަކު ނެތެވެ. ޖަނާ ނޭވާ ހިފަހައްޓާލައިގެން ބަލަން ހުރެފައި ކުރިއަށް ޖެހިލީ އެމީހާގެ އެއްވެސް މައުލޫމާތެއް ލިބޭފަދަ ލިއުމެއް ނަމަވެސް އެތަނުން ފެނޭތޯއެވެ. އިސާހިތަކު ލޮލުގައި އަޅައިގަތީ އެތާހުރި ކަބަޑު މަތީ އޮތް ފައިލެކެވެ. ޖަނާ ވީ އުފަލުން ފައިލު އަތަށް ނެގިތަނާ ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފައި ވަން އަޑަށް ސިއްސައިގެން ގޮސް އެނބުރި ބަލައިލެވުނެވެ. އެވަގުތު ކުރިމަތީ މާކިން ހުއްޓާ ފެނިގެން ގަތް ބިރުން ފައިލުވެސް ދޫކޮށްލެވުނީ ތިރިއަށެވެ.

"މާކް އަހަރެން...." ޖަނާ ވާހަކަދައްކަން މަސައްކަތް ކުރި ވަގުތު މާކިން އައިގޮތަށް އައިސް އޭނާގެ އަނގަމަތީ ހިފަހައްޓާފައި އަނެއް އަތުން އަމިއްލަ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައި މަޑުމަޑުން ބޯ ހޫރައިލީ ހިމޭންވާށޭ ބުނާފަދަ ގޮތަކަށެވެ. ފައިލު ބިންމައްޗަށް ވެއްޓުނު އަޑަށް ފުން ނިދީގައި އޮތް ބަލިމީހާ ބޯހިއްލައިގެން އޮވެ ކާކުކޭ ކިޔަން ފެށުމުން ޖަނާއަށް އެދިމާއަށް ބަލައިލެވުނެވެ. އެކަމަކު މާކިން ހުރީ އޭނާއަށް ވާހަކަ ނުދެއްކޭނެހެން އަނގަމަތީ ހިފަހައްޓައިގެންނެވެ. އެކަކުވެސް އަނގައިން ނުބުނުމުން އެމީހާ އަލުން އެނދުގައި އޮށޯތްތަން ބަލަން ހުރެފައި މާކިން ޖަނާ އަނގަމަތީން ދޫކޮށްލައިފައި ހިފެހެއްޓީ އަތުގައެވެ. ދެން ކުއްލިއެއް ޖަހާ އެއަތަށް ދަމައިގެންފައި އެތަނުން ނެރެގެން ބާރު ބާރަށް އެހެން ދިމާއަކަށް ހިނގައިގެންފިއެވެ.

ކޮމެންޓް 0