ޖަނާ ސުވާލު އުފެދިފައި ސިޓިން ރޫމަށް އަންނަނިކޮށް ފަޔާޒް ވާހަކަދައްކާ އަޑު އިވުނުހެން ހީވީ މާކިންގެ ކޮޓަރިންނެވެ. އޭނާ ދެކޮޅު ހޯދައިލައިފައި ގޮސް ކައިރިވެލީއިރު ދޮރު ހުރީ މުޅިން ނުލެއްޕި ކައިރިކޮށްލައިފައެވެ. އަދި އެތެރޭގައި ފަޔާޒް ހުރެގެން ދެއްކި ވާހަކަ އަހާފައި ޖަނާ ހައިރާންވެގެން ލޯ ބޮޑުކޮށްލިއެވެ. ހިނގައިގަންނަން ނޭނގިފައި ހުއްޓާ އިރުކޮޅަކުން ދެން އިވުނީ ކޮންމެވެސް އެކަކު ދޮރާއި ދިމާއަށް އަންނަ އަޑެވެ. ޖަނާ ބިރުން އަނގަމަތީ އަތް އަޅައިލުމާއެކު ވީ އެންމެ ސިއްރުން ދުވެލާފައި ގޮސް ބަދިގެތެރެއަށް ދެމިގަތެވެ.
"މަންމަ ކައިރީ ވާހަކައެއް އަހާލަންތަ؟" ޝަރުމީލާ އެނބުރި ބަލައިލަންވާއިރަށް ޖަނާ ގޮސް ކުރިމަތީ ހުއްޓިފައި ވާހަކަދެއްކިއެވެ. މަންމަ ހުއްދަ ދިނުމުން އަވަސް ނޭވާތަކެއް ލާން ހުރެފައި އޭނާ ބަލައިލީ ދޮރާއި ދިމާއަށެވެ. ހީވީ މީހަކު އެތާ ހުރެދާނެތީ ރައްކާތެރި ވުމުގެ ގޮތުން ހޯދައިލި ހެންނެވެ. "އަހަންނަށް ދެންމެ އިވުނު ވާހަކައެއް ޤަބޫލު ނުކުރެވިގެން މިއައީ." ޖަނާ ބުނި އެއްޗަކުން ޝަރުމީލާ ބުމަ އަރުވައިލިއެވެ. "ފަޔާޒްބެ މާކިން ކައިރީ ބައްޕައާ ބައްދަލު ކުރަން ދާށޭ އެބުނަނީ ކީއްވެ؟ މާކިން ބައްޕައަކީ ފަޔާޒްބެއެއް ނޫންތަ؟" ޖަނާގެ ސުވާލު ނިމުނުއިރަށް ޝަރުމީލާ ސިހިފައި އެމޫނަށް ކަޅި ހުއްޓައިލިއެވެ. "ދެން ދުވަހަކުވެސް ތިވާހަކަ ނުދައްކާތި!" ޝަރުމީލާ އިސްޖަހާލައިފައި މަސައްކަތް ކުރިއަށް ގެންދިޔައެވެ. "ދެން މަންމާ!" މަންމަގެ ޖަވާބާމެދު ހިތްހަމަ ނުޖެހިގެން ޖަނާ އަޑަށް ބާރުލައިފައި ގޮވައިލިއެވެ. ދޮރުމަތިން ފިޔަވަޅު އަޑު އިވިގެން ދެމައިންގެ ނަޒަރު އެދިމާއަށް ދަތުރު ކުރިއިރު ފަޔާޒް ވަންނަނީއެވެ. ޝަރުމީލާ އެވަގުތު ޖަނާ މޫނަށް ކަޅި ހުއްޓާލައިގެން ހުރެ މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލީ ދެން އެވާހަކަ ދައްކައިގެން ނުވާނެއޭ ބުނެ ދިން އިންޒާރެއް ފަދައިންނެވެ. ހިތް އެގޮތާއި ދެކޮޅުވިއެއް ކަމަކު ޖަނާ ހިމޭންކަން އިޚުތިޔާރު ކުރިއެވެ. އޭނާ ގޮނޑީގައި އިން އަކްޔަން މޫނުގައި ވަސްގަނެލާފައި ނިކުންނަން ދަމުން ފަޔާޒްއަށްވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
ޖަނާ ރެސްޓޯރެންޓަށް ވަދެގެން ދިޔައިރު އެތަން އޮތީ ހުސްކޮށެވެ. ހުމާ ކައުންޓަރގައި އިސްޖަހައިގެން އިނދެފައި ޖަނާގެ އަޑު އިވިގެން އިސްއުފުލާލިއެވެ. އެކުވެރިޔާގެ މޫނު ފެނުމާއެކު ޖަނާ ސިހުނެވެ. ހުމާގެ ދެލޮލަށް ބަލާފައި ހީވަނީ މުޅި ރޭ ހޭދަކޮށްލީ ނުނިދާ އިނދެ ރުއިމުގައި ހެންނެވެ.
"ހުމާ! ކިހިނެތް ވެފަ ތިއިނީ؟" ޖަނާ ގޮސް ކޮނޑުގައި ހިފަހައްޓާލުމާއެކު ހުމާއަށް އިތުރަށް ކެތެއް ނުވިއެވެ. މޫނުގައި ދެއަތް އަޅާލުމާއެކު ކުޑަކުއްޖެއްހެން އޭނާއަށް ރޮއިގަނެވުނެވެ. ޖަނާއަށް ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. އެތަނަށް އިތުރު މުވައްޒަފުންނާއި ކަސްޓަމަރުން އަންނައިރު ހުމާ އެގޮތަށް އިނދެގެން ނުވާނެއެވެ. އެކަމަކު އޭނާ ހުއްޓުވާކަށްވެސް ޖަނާ ބޭނުމެއް ނުވިއެވެ. އޭނާއަށް އިނގެއެވެ. ހުމާ ހަމައަކަށް އެޅޭނީ ކޮންމެވެސް ސިފައެއްގައި އުދާސްތައް ބޭރު ވެގެންނެވެ. ގޮތެއް ނުނިންމިފައި ހުއްޓާ ތޫބާ ދޮރު ހުޅުވާލައިފައި ވަނެވެ. ތޫބާ އެއީ އެތާގައި މަސައްކަތް ކުރާތާ އެންމެ ގިނަދުވަސް ވެފައި ހުރި ކުއްޖާއެވެ. ޖަނާ އައުމާއި ހަމައަށް ހުމާގެ ގާތް އެކުވެރިއެއްގެ މަޤާމު ފުރާފައި ހުރި މީހަކީވެސް އެއީއެވެ.
"ޖަނާ ދޭ ހުމާ ގޮވައިގެން އެތެރެއަށް. އަހަރެން މިކަން ކޮށްލަފާނަން. މިގަޑީ އެހާ މީހުން ގިނައެއްވެސް ނުވާނެ." ތޫބާ އަމިއްލައަށް ވިސްނިގެން ހުށައެޅިއެވެ. ޖަނާ ބޯ ޖަހާލައިފައި ހުމާ އެތަނުން ނަގައިގެން ދެމީހުން އެކީ ގޮސް ގެއަށް ވަނެވެ. "ރަފާ އުޅޭނެތަ؟" ޖަނާ ސުވާލުކޮށްލުމުން ހުމާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ސޯފާގައި އެކުވެރިޔާ ބައިންދާފައި ޖަނާ އެނބުރި ރެސްޓޯރެންޓަށް އައީ އިރުކޮޅަކުން އަންނާނެ ވާހަކަ ބުނެފައެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ފިނި ކޮފީއެއް ހަދާލައިގެން އައިއިރު ހުމާ އިނީ ސޯފާއަށް ދެފައި ނަގައިގެން ހިމޭންވެފައެވެ. އަޑު ކެނޑިފައި ހުއްޓަސް އޭރުވެސް ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ޖަނާ ކޮފީތަށި ކުޑަމޭޒުމަތީ ބަހައްޓާފައި ހުމާގެ ކުރިމަތީ އަނެއް ސޯފާގައި އިށީންދެލިއެވެ. އޭނާ އިނީ ހުމާ އިސްވެ ވާހަކަ ދައްކަން ފުރުސަތު ދީގެންނެވެ.
"މީ އެވަރު ކަމެއް ނޫން. މީ އެހެން ދެމަފިރީންގެ މެދުގައިވެސް ޖެހޭ ކަހަލަ އާދައިގެ މައްސަލައެއް. އަހަންނަށް މާފުކުރޭ ޖަނާއަށް މިތަން ދެކެން ޖެހުނީތީ. އަހަންނަށް ޔަޤީން ޖަނާގެ އަމިއްލަ ދިރިއުޅުމުގައިވެސް ވިސްނަން ޖެހޭ ކަންކަން ހުންނާނެ." ހުމާ ކަރުނަ ފުހެލާފައި ދެފައި ތިރިކޮށްލި ގޮތަށް ވާހަކަދައްކަން ފެށިއެވެ. ހަތަރުކަޅި ހަމަވުމުން ޖަނާ ހިނިތުންވުމެއް ވެރިކޮށްލައިފައި ދާންވެގެން ތެދުވިއެވެ. ކޮފީތަށި ނަގައި އެއިން ކޯވަރެއް ބޯލައިފައި ހުމާ ދެން އަނެއްކާވެސް އިނީ ސޯފާއަށް ދެފައި ނަގައިގެންނެވެ. އެހެން އިނދެފައި އޭނާ އިތުރަށް ވާހަކަދެއްކީ ޖަނާ ގޮސް ދޮރާއި ހަމަވިތަނާއެވެ.
"ޖާން ދިޔައީމަ އަހަރެން ވަރަށް އެކަނިވި." ހުމާ ވާހަކަދެއްކި އަޑަށް ޖަނާ ހުއްޓުނެވެ. "އަހަންނަށް ހީވީ އަހަރެންގެ ދިރިއުޅުމުން ބައެއް މަދުވިހެން. އަހަރެން ކުޑައިރުއްސުރެ ޖަނާ ނޫނީ އަހަރެންގެ އެކުވެރިއެއް ނެތް. ޅައުމުރުގައި މަންމަ ނިޔާވުމަށްފަހު އަހަރެންގެ މަންމަ އަކީވެސް އަދި ކޮއްކޮ އާއި ދައްތައަކީވެސް ހަމަ ޖާން. އަހަރެން ދުވަހަކުވެސް ހިޔާލެއް ނުކުރަން ޖަނާ ނުފެންނަ ހިސާބުގައި އުޅޭކަށް. އަހަރެން އަބަދުވެސް ހީކުރީ ދިމާވާ ކޮންމެ އުދަނގޫ ވަގުތެއްގައި ކަންތައް ކުރާނެ ގޮތް ކިޔައިދޭން، ނިންމުންތަކާމެދު މަޝްވަރާ ކުރަން ޖާން ހުންނާނެ ކަމަށް. އެކަމަކު...." ހުމާ ވާހަަކަ މެދުކަނޑާލައިފައި އެނބުރުނުއިރު އެލޮލުން ކުރިއަށްވުރެ ގިނައިން ކަރުނަ ފައިބަނީއެވެ. އެކުވެރިޔާގެ ލޮލުގައިވި އަސަރަކުން ޖަނާގެ ހިތަށްވެސް ގުޑުން އެރިއެވެ. ހުމާ ބުނަން އެއުޅެނީ ކީކޭ ހެއްޔެވެ؟
"ޖާން ބުނެބަލަ! ޖާން ކީއްވެ އަހަރެން ދޫކޮށްލާފަ ދިޔައީ؟ ޒަލަފްގެ ބޭވަފާތެރިކަން ޖާންއަށް އެދުވަހު އެނގުނީ އަލަށްތަ؟ އަހަރެން ކުރިންވެސް ކިތައް ފަހަރު ބުނިން ޒަލަފްއާ އަންހެން ކުދިން ގުޅުން އޮންނަ ވާހަކަ. ދެން އެރޭ ފުރަތަމަ ފަހަރަށް އެމަންޒަރު ލޮލަށް ފެނުނޭ ކިޔާފަ ޖަނާ ޖެހޭތަ އެންމެންނާ ދުރަށް ފިލަން ދުވަން؟" ހުމާގެ ކަރުނަތައް ގިނަވީވަރަަކަށް އަޑަށް ހަރުކަށިކަން އައިސް އެންމެފަހުން ހަޅޭތްލަވަން ފެށިއެވެ. ޖަނާ އެހުރިހާ ވާހަކައެއް އަހަން ހިމޭނުން ހުރެފައި ބާރު ބާރަށް ހިނގައިގަނެގެން ގޮސް ހުމާ ކުރިމައްޗަށް ހުއްޓި ދެކޮނޑުގައި ހިފައިލިއެވެ. "ތެދެއް ތިބުނީ. އަހަރެން ކައިރީ ހުމާ ބުނި. އިތުރު އެހެން މީހުންވެސް ބުނި. އެކަމަކު ލޮލަށް ފެނުނީމަ ނޫނީ ޤަބޫލު ނުކުރަން ހުރީ. އަދި އެރޭ އަހަރެންނަށް ލޮލަށް ފެނުނީ. ހުމާއަކަށް ނޭނގޭނެ އެރޭ އެމަންޒަރު ފެނުން އެއީ އަހަރެންނަށް ކިހާވަރެއްގެ ކަމެއްކަމެއް. ހުމާ އަހަރެންނާމެދު ތިހުރިހާ ގޮތަކަށް ދެކޭފަދައިން ޒަލަފް އެއީ ހަމައެކަނި އަހަރެންގެ ލޯއްބެއް ނޫން. ޒަލަފް އެއީ އަހަރެންގެ ދިރިއުޅުން. އެއީ އަހަރެންގެ ދިރިއުޅުމުގެ މަޤްސަދު. އޭރު އެއީ އަހަރެންގެ ހުރިހާވެސް މީހަކީ. ބައްޕަ ނިޔާވުމަށްފަހު ޔަތީމެއްގެ ގޮތުގައި އުޅުނުއިރު މަންމަ އެއީ އެކަނި ނަމެއްގައި އުޅުނު މީހެއް. އެދުވަހު އަހަރެން މަންމަ އާއި ބައްޕަ ފަރާތުން ބޭނުންވި ހިމާޔަތް އަހަރެންނަށް ދިނީ ޒަލަފް. އެމީހުންނަށް ނުދެވުނު ލޯބި އަހަރެންނަށް ދިނީ ޒަލަފް. އެހެންވެ އެރޭ ޒަލަފްގެ ހަޤީޤަތް އެނގުމުން އަހަރެންގެ ހިތް ކުދި ކުދި ވީ. އަހަރެންގެ ހިތްވަރު އެލުނީ. ދުނިޔެއަށް އެކަނި ވީ." ވާހަކަ ކުރިއަށްދިޔަ ވަރަކަށް ޖަނާގެ ލޮލަށްވެސް ކަރުނަ ގިނަވެ އަޑަށް ބަދަލު އައެވެ. އޭނާ ހުމާގެ ކޮނޑުން އަތް ވަކިކޮށްލައިފައި އަނެއްފަރާތަށް އެނބުރި ދޮރާއި ދިމާއަށް ދިޔަފަހުން ހުމާ ބުނި އެއްޗަކުން އަދިވެސް އެއްފަހަރު ހުއްޓެވުނެވެ.
"ޖާން ދުނިޔެއަށް އެކަނިވި ކަމަށް ދެކުނުއިރު އަހަރެން ހުރިން. އަަދި އަހަރެން ހުރީ ޖާންގެ އެންމެ ކައިރީގައި. އަހަރެން ހީކުރީ އަހަންނަށް ޖާން މުހިންމު ވިހެން ޖާންއަށްވެސް އަހަރެން މުހިންމުވި ކަމަށް. އަހަރެން ހީކުރީ އަހަރެން އަމިއްލަ ދިރިއުޅުމުގައި ދިމާވާ ދަތިތަކުގައި ޖާންއަށް ބަރޯސާވިހެން. ޖާންވެސް އަމިއްލަ ދަތިތަކުގައި އަހަރެންމީ އެހީތެރިއެއް ކަމަށް ބަލާނެ ކަމަށް." ހުމާ އެހިތުގައި އެތައް އަހަރެއް ވަންދެން ރައްކާކޮށްފައިވި އެންމެ ބޮޑު ޝަކުވާ އެކުވެރިޔާގެ ކުރިމަތީ ހާމަކޮށްލިއެވެ. ޖަނާ އެވަގުތު އެނބުރި ބަލައިލާފައި ލޮލުގައި ހުރި ކަރުނައާއެކުވެސް ހިނިތުންވެލި އިރު ހީވީ ހުމާގެ އެވާހަކައަށް މަލާމާތް ކޮށް ދަށްކޮށްލި ހެންނެވެ.
"ތެދެއް ތިބުނީ. ޚުދު އަހަރެންވެސް ހީކުރީ ތިގޮތަށް. ހީކުރީ އަހަރެންގެ ދަތި ވަގުތު ހުމާއަށް ބަރޯސާ ވެވޭނެ ކަމަށް. އެކަމަކު އެކުށްހީ އަހަރެންގެ ހިތުގައި އޮތީ ހަޤީޤަތް ހާމަ ވަންދެން." ޖަނާގެ ޖުމްލަ ނިމޭއިރަށް ހުމާ އެއީ ކޮން ހަޤީޤަތެއްހޭ އަހާލައިފިއެވެ. އޭނާ ހުރީ ޖަނާ ބުނަން އުޅޭ އެއްޗެއް ނޭނގިގެން ބިރުގަނެފައެވެ. "އަހަރެން ބޭނުމެއް ނޫން ހުމާ ކުރިމަތީ މިވާހަކަ ބުނާކަށް. އެކަމަކު މިހާރު މިބުނަނީ ކޮންމެހެން ބުނަން ޖެހިގެން. އެރޭ އަހަރެންނަށް އެނގުނީ ޒަލަފް ގުޅުން ބޭއްވި އަހަރެން ކުދިންގެ ތެރޭގައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާވެސް ހިމެނޭކަން. އެރޭ އަހަރެން ރޮމުން ގޮސް ހުމާއަށް ގޮވަން ވަންއިރު ފެނުނީ އަތުގައި މިހާރުވެސް ތިއޮތް ކެވެލި ފަށް. އެއީ ޒަލަފް އަހަރެންދެކެ ވާލޯބި ހާމަކޮށްދޭން އޯޑަރަށް ހެދި ކަމަށް ބުނެ ދެއްކި ކެވެލިގަނޑެއް. ފަހުން އަހަރެންނަށް ދޮގު ހެދީ އޭނަ މަންމަ ބޭނުންވެގެން ދިނީއޭ ކިޔާފަ. އޭނަ ހީކުރީ އެތައް ދުވަހެއް ފަހުން ހުމާ އަތުގައި އޮތަސް އަހަރެންނަށް އެ ފާހަގަ ނުވާނެ ކަމަށް." ޖަވާބު ދީފައި ތުންފަތަށް ވެރިކޮށްލި ހިނިތުންވުމާއެކު ޖަނާ ނިކުމެގެން ދިޔައިރު ހުމާ ހުރީ އަނގަމަތީ އަތް އަޅާލައިގެން އަނެއްފަރާތަށް އެނބުރިއެވެ. ފަސްއަހަރު ކުރިން ޖަނާ އޭނަ ނިދާފައި އޮތްވާ އައިސް ގޮވާފައި ވީގޮތް ކިޔައި ނުދީ ކުރިމަތިން ދުރަށް ދިޔައީ ކޮށްފައި ހުރި އަސަރުން ވާހަކަ ނުދެއްކި ގެނެއް ނޫނެވެ. ޖަނާގެ ލޯބިވެރިޔާ ފަދައިން އެންމެގާތް އެކުވެރިޔާވެސް ދިނީ ކެހިކަން އެނގިގެންނެވެ.
އިރުކޮޅެއް ފަހުން ހުމާ މޫނު ދޮވެ ތާޒާ ވެލައިގެން ނިކުމެ ބެލްކަނީގައި ހުރިއިރު ޖަނާގެ ވާހަކަތައް ސިކުނޑީގައި ތަކުރާރު ވެގެން އަނެއްކާވެސް މާޒީގެ ތެރެއަށް ހިޔާލުތައް ދަތުރު ފެށިއެވެ.
ލައިލަކް ވިއުގައި އޮތް ޒުވާނުންގެ ޕާޓީއަކަށް އޭނާ ދިޔައީ އާދައިގެ މަތިން ޖަނާގެ އެކުވެރިއެއްގެ ގޮތުގައެވެ. ކުރިންވެސް ދެތިން ފަހަރަކު އެގެއަށް ދެވި ޒަލަފްގެ އެކުވެރިންނާ ގުޅުން ބަދަހިވެފައި ވުމުން އޭނާއަށް އެތަން އަލެއް ނޫނެވެ. ޕާޓީ ތެރޭގައި އެމީހުން ޓުރުތް އޯ ޑެއަރ ކުޅެން ތިބެފައި ހުމާ ޓުރުތް ނެގުމުން ރަފާހް ކުރި ސުވާލެކެވެ. އެއީ ޒަލަފްއާ އޭނާ ގަޔާވޭތޯއެވެ. މަޖަލަކަށް ހަދާފައި ނަމަވެސް އެއްފަހަރު ހަޤީޤަތް ދުލާއި ހަމައަށް ގެންނަން ހުމާ ބޭނުންވިއެވެ. އޭނާ ޖަވާބުދިނީ ޒަލަފްއަކީ ނުހަނު ރީތި މީހެއް ކަމަށާއި އެގޮތުން ބަލާއިރު ގަޔާވާ ކަމަށެވެ. ޖަވާބު ދިނުމުން އެރޭ ހިތަށްވެސް ނުހަނު ލުއި ވިއެވެ. އޭނާއަށް ނޭނގުނީ ބުނެވުނު އެބަސް އޭނާއަށް ބުރަވާނެ ވަރެވެ. އެރޭ ޒަލަފް ކާރުގައި ދެއަންހެން ކުދިން ގެއަށް ލާން ދިޔައިރު އާދައިގެ މަތިން ފުރަތަމަ ޖަނާ ބާލައިފައި ހުމާމެން ގެއަށް މިސްރާބު ޖެހިފައެވެ.
"އޭރު އެބުނީ ތެދެއްތަ؟" ދެމީހުން އެކަނި ވުމުން ޒަލަފް އެހިއެވެ. ހުމާއަށް ނުވިސްނިގެން އެމޫނަށް ބަލައިލާފައި ސުވާލު ކުރިއެވެ. "ބުނީމެއްނު އަހަރެންނާ ގަޔާވެއޭ." ޒަލަފް ހަނދާން ކޮށްދިނުމުން ހުމާގެ ހިތް އަވަސްވިއެވެ. "އަހަރެން އެކަންޏެއް ނޫންކަން ނޭނގެ ޒަލަފްއާ ގަޔާވާނީ. ރީތި މީހުންނާ އެންމެންވެސް ގަޔާވެއެއްނު." ހުމާ ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަ ބެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ޒަލަފް ހީލީ ފަޚުރުވެރިކަމާއެކު ގައެވެ. އޭނާގެ ސިފައާމެދު އަންހެންކުދިން ކުރާ ތައުރީފް ދުވަހަކު ނުނިމޭނެއެވެ.
"ދެން ހަމަ ދަނީތަ؟" ޒަލަފް ކާރު މަޑުކުރުމުން ހުމާ ފައިބަން އެނބުރިލިތަނާ އަހައިލި އަޑު އިވުނެވެ. އަނެއްފަރާތަށް އެނބުރުނުއިރު ޒަލަފް އިނީ އެތޫނު ދެލޯ އޭނާ މޫނަށް ހުއްޓާލައިގެންނެވެ. ހުމާގެ އަތްފައި ފިނިވެ ގުޑިލަން އުދަނގޫވި ވަގުތު ޒަލަފް ކުއްލިއަކަށް މޫނު ކައިރިކޮށްލުމުން އަވަަހަށް ލޯ މަަަރައިލެވުނީއެވެ. ޒަލަފްގެ ނޭވާ މޫނަށް އެޅުން ފިޔަވައި އިތުރު ކަމެއް ނުވެ ހިނދުކޮޅެއް ދިއުމުން ލޯ ހުޅުވާލިއިރު އެމޫނު ފެންނަން ހުރީ އަދިވެސް ނުހަނު ކައިރިންނެވެ. ހީވަނީ އޭނާ އިސްނަގަން ބޭނުންވަނީ ހުމާގެ އިޝާރާތެއް ލިބުމަށްފަހު ހެންނެވެ. ބަލަން އިނދެފައި ހުމާ ދެވަނަ ފަހަރަށްވެސް ލޯމަރައިލީއެވެ. އެ އެންމެ ހަރަކާތަކުން ހުރިހާ ކަމެއް ބަދަލުވާނެ ކަން އެނގުނަސް ވަގުތީ އުފަލަކަށް ހިތް އެދުނު ވަރުންނެވެ. ބަސްމޮށުން ތެރިކަމާ ނުލާ ހުމާ ދިން ދައުވަތު ޒަލަފްއަށް ރަނގަޅަށް ދޭހަވިއެވެ. އިތުރު މަޑުޖެހުމެއްނެތި ހުމާގެ އެކުޑަ މޫނު ދެއަތްތިލަ ތެރޭ ހިފަހައްޓާލި ގޮތަށް ނޭވާ ހުސްވާންދެން އޭނާ ދެން ދުރަކަށް ނުޖެހުނެވެ. އެރޭގެ އެވަގުތު ކޮޅަށްފަހު ދެން އައީ ސިއްރު ބައްދަލު ވުންތަކެވެ. ކިތަންމެ ފަހަރަކު އެކުވެރިޔާއަށް ކެހި ދެވެނީއޭ ހީވެގެން ހުމާ ފަސްޖެހުނެވެ. އެކަމަކު ދެން އަނެއްކާވެސް ނިމެނީ ޒަލަފްގެ އަވައިގައި ޖެހިގެންނެވެ.
ކައުންޓަރ ކައިރިއަށް އައިސް މަޑުކޮށްލި މީހަކު ނަމުން ގޮވާލުމުން ހުމާ ސިހިފައި ބަލައިލިއިރު ޒަލަފް ހިނިތުންވެފައި ހުއްޓެވެ. އަތް ދަމާލައިފައި ޒަލަފް މޫނުގައި ޖަހަން ހުމާ އެހާ ބޭނުންވި ވަގުތެއް ނާދެއެވެ. އެކަމަކު އޭނާ ކެތްތެރި ވެލީ މާހައުލަށް ވިސްނާފައެވެ. ވެ ނިމިފައި އޮތް ކަމަކާމެދު އެހެން މީހުންގެ ކުރިމަތީ އަމިއްލައަށް ބޭޒާރުވިއަސް އެދުވަސް ބަދަލު ކުރެވޭނެ ގޮތެއް ނެތެވެ.
"ރަފާއެއް ނެތް." ހުމާ އިސްޖަހާލަމުން ޒަލަފްއަށް އިއްވައިލިއެވެ. "އަހަރެން ނާހަމެއްނު. މަށަށް ހެވޭ ހުމާ ވިއަސް މަގޭ ބޭނުން ފުއްދަދެނިކޮށް." ޒަލަފް ރައްދުދިނެވެ. ޖަނާ ތަބަކެއްގައި ކޮފީ ޖޯޑުތައް އަތުރާލައިގެން އެހެން ދަމުން އެދެމީހުންނަށް ބަލައިލި ވަގުތު އިއްތިފާޤުން ޒަލަފްވެސް ޖަނާގެ މޫނަށް ބަލައިލީއެވެ. ދެވަނަ ސިކުންތުގައި ދެމީހުންވެސް މޫނު އަނބުރާލީ އަނެއްފަރާތަށެވެ. "މިތަނުން ކާއެއްޗެހި ގެންދާ ވާހަކަ ބުނިއިރު ވޭޓަރުން ބޭނުންވާ ވާހަކަ ނުބުނެވި އޮތީމަ އެވާހަކަ ދައްކަން މިއައީ. މާގިނައެއްކޮށް ނޫން. މަދުވެގެން ދެމީހުން ރަނގަޅުވާނެ. އުދަނގޫ ނޫނިއްޔާ ތިންމީހުން ބޭނުން އަސްލު. ކީކޭ ބުނަނީ؟" ޒަލަފް ހުމާގެ މޫނަށް ބަލަން ހުރެގެން އޮޅުންފިލުވައިދިނެވެ. ހުމާގެ ޖަވާބަަކަށް ވީ އެމައުޟޫއާމެދު ރަފާހް އާވެސް ވާހަކަދެކެވި އަދި ވޭޓަރުންނަށް ޚަބަރު ކޮށް އެމީހުން ބުނާ އެއްޗެއް ބަލާފައި ނޫނީ ޖަވާބެއް ނުދެވޭނެ ކަމުގައެވެ.
ޑިއުޓީ ނިންމާފައި ޖަނާ މެންދުރު ފަހު ގެއަށް ދިޔައިރު ދީނާ އިނީ އަކްޔަން ބަލައި ނުގޮސް ފޮތްތައް ހުޅުވާލައިގެންނެވެ. ކޮއްކޮގެ ފަރުވާ ކުޑަކަމުން ޖަނާ ހިތްހަމަ ނުޖެހުނެވެ. އޭނާ ދަމުންވެސް ބުނެފައި އޮތީ ދީނާ މެންދުރު ސުކޫލުން އަންނަ ގޮތަށް އަކްޔަން ގެނެސްގެން އިނުމަށެވެ. އެގޭގައި މަންމަ އެކަނި އުޅޭއިރު އެހުރިހާއިރު އަކްޔަން ބަލަން އުދަނގޫ ވާނެތީ ޖަނާ އެކަމާއި ކަންބޮޑުވެއެވެ. ގޮތެއް އޮތްނަމަ އޭނާވެސް އަކްޔަން އެގެއަކަށް ނުލީހެވެ.
ޖަނާ އަކްޔަން ބަލައި އެގެއަށް ދިއުމުން ދޮރު ހުޅުވީ މަންމައެވެ. އަކްޔަން ކޮބައިތޯ އެހުމުން މަންމަ އިޝާރާތް ކުރީ މާކިންގެ ކޮޓަރިއާ ދިމާއަށެވެ. ޖަނާ ހީކުރީ މަންމައަށް އޮޅުމަކުން އެދިމާއަށް އިޝާރާތް ކުރެވުނީ ކަމަށެވެ. އެހެންވެ އަދިވެސް ޔަޤީން ކުރަންވެގެން މާކިން ކައިރީހޭ އަހައިލެވިއްޖެއެވެ. "މަންމަ ކީއްކުރަން އޭނަ އެކޮޓަރިއަށް ފޮނުވީ؟" ޝަރުމީލާ ބޯޖަހާލުމާއެކު ޖަނާ ހިތްހަމަ ނުޖެހިފައި ސުވާލު ކުރިއެވެ. "މަންމަ ކީއްކުރާނީ އޭނަ އެހެންތާކު ނީންނަންޏާ. މާމަ މުސްކުޅިވީމަ ކަމަކު ނުދެއޭ ކިޔާފައި މާކިން ގެއަށް އައިތަނާ އޭނަ ފަހަތުން އަޅުވާލައިގެން އެއުޅެނީ." ޝަރުމީލާ ގޮސް ސޯފާގައި އިށީންއިރު ކަނދުރާއަށް ގުޑުމެއް އައިސްދާނެތީ އުޅުނުކަން ޖަނާ ފާހަގަ ކުރިއެވެ. "އަނެއްކާ ކަނދުރާގައި ރިއްސަން ފެށީތަ؟" ޖަނާއަށް އަހައިލެވުނެވެ. އޭނާ މާކިން ކޮޓަރިއާ ދިމާއަށް ބަލައިލިއިރު ދޮރު ހުރީ ލައްޕައިފައެވެ. "ހޫމ ކުރިން ބޭހެއް އުނގުޅައިގެން ރަނގަޅުވެފަ ހުރެފަ އަނެއްކާ މިއަދު މެންދުރެއްހާއިރު ރިއްސަން ފެށީ. ދާދި ދެންމެއަކު ތަދުކަނޑާ ބޭސް ގުޅައެއް ކައިގެން މިއިނީ." ޝަރުމީލާ ކިޔައިދިނެވެ. ޖަނާ މަންމަގެ ވާހަކަ އަހަން ހުރެފައި ގޮސް ދޮރާއި ހަމަވީއިރު އެތެރެއިން އަކްޔަން ވާހަކަދައްކާ އަޑު އިވެއެވެ.
ޖަނާ ނިކަން ސިއްރުން ދޮރު ހުޅުވާލިއިރު އަކްޔަން އާއި މާކިން ތިރީގައި ތިބީ ރޮބެޓްތަކެއް ރާވާށެވެ. އަކްޔަން ހުއްޓާ ނުލައި ތަފާތު އެކި ސުވާލު ކުރަމުން ދިޔައިރު މާކިންގެ މޫނުން ފެންނަނީ އަބަދު އެހުންނަ ސީރިއަސް ކަމެވެ. ހީވަނީ އުދަނގޫވެފައި އިންހެންނެވެ. ޖަވާބު ދެނީވެސް އެތައް ފަހަރަކު އަހައިގެން ޖަވާބު ނުދީ ނުވާ ސުވާލު ތަކަށެވެ. މާކިން އެއީ ކޮންކަހަލަ މީހެއްބާއޭ ޖަނާ އެވަގުތު ހިތަށް އެރިއެވެ. ހީވަނީ ޒަލަފް ނޫނީ އޭނާ ހިތުން ރުހުމުން އަނގައިން ބުނާ ހިތްވާ އެހެން އެކަކުވެސް ނޫޅޭހެންނެވެ. އަދި ޒަލަފް އެއީ ރަނގަޅު މީހެއްނަމަ ނޫން ހެއްޔެވެ؟
ބަލަން ހުރެފައި ޖަނާ އެންމެފަހުން ދޮރުފަތުގައި ޓަކިޖަހައިލިއެވެ. އެއަޑަށް އަކްޔަން އެނބުރި ބަލައިލައިފައި ޖަނާ ފެނިގެން ދުވެފައި އައިއިރު މާކިން ފުންމައިގެން ތެދުވެ ހުރީ ކޮޅަށެވެ. ޖަނާ އަކްޔަންގައިގައި ބައްދާލައިފައި ތިރީގައި ބަހައްޓަމުން ގެއަށް ދާންވީ ވާހަކަ ބުނުމާއެކު އެކުއްޖާ ނިކުމެގެން ސިޓިންރޫމާއި ދިމާއަށް ދުވިއެވެ. ޖަނާވެސް އަކްޔަން ފަހަތުން ދާންވެގެން އެނބުރިފައި ހުއްޓެވުނީ މާކިން ބުނި އެއްޗެއް އިވިފައެވެ. "ކީކޭ ތިބުނީ؟" ޖަނާއަށް ޤަބޫލު ނުކުރެވިގެން އެނބުރިފައި އަހާލެވުނެވެ. "އަހަރެން މިބުނީ ދަރިން ނުބެލެންޏާ ނުހޯދީމަވީ ނޫންހޭ. އޭރުން ޔަޤީނުންވެސް އެހެން މީހުންނަށް އުދަނގުލެއް ނުވާނެ." މާކިން ޖަވާބު ދިންއިރު ޖަނާއަށް ހީވީ އޭނާގެ މޫނުމަތީ މާކިން ގޮށްމުށުގެ އެތިފަހަރެއް ޖެހިހެންނެވެ. ކުރި އަސަރުން ލޮލަށް ޖަމާވި ކަރުނައާއެކުވެސް އަލިފާން ކަނި ބުރައިލިއެވެ. އޭނާ އެވަރުންވެސް އެއްޗެއް ނުބުނެވޭތޯ ބެލިއެވެ. މާކިން އަކީ ފެށުނީއްސުރެ އޭނާދެކެ ރުޅި އަންނަ މީހެކެވެ. އޭނާ ކުރާ ކޮންމެ ކަމެއްވެސް މާކިންއަށް ވާނީ އުދަނގުލަކަށެވެ.
"އަހަރެންނަށް އުދަނގޫ ވެގެނެއް ނޫން. އެކަމަކު އެކުއްޖާ މާމަ މިއަދުވެސް އެއުޅެނީ ބަލިވެ. ގެނެސް ބަހައްޓާފަ ކުރާ ކަމެއް ނިމުނީމަ ވީއެންމެ އަވަހަށް ގެންދަން އަންނަން ޖެހޭނެއެއްނު." ޖަނާ ދެވަނަ ފަހަރަށް ދޮރާއި ދިމާއަށް އެނބުރުނުތަނާ މާކިން ބުނި އަޑު އިވުނެވެ. އޭނާ ހުއްޓުނީ އަނެއްކާވެސް އެވާހަކަ އަހައިފައެވެ. އެނބުރި ބަލައިލިއިރަށް މާކިން ތިރިވެ އުޑަފައިން އިނދެގެން ކުޅޭ އެއްޗެހިތައް ނަގައި އެތާހުރި ފޮށިގަނޑަށް އަޅަން ފެށިއެވެ.
"މާކިން އަހަރެންގެ އެންމެ ސުވާލަކަށް ޖަވާބު ދީ! ހަމަ އެންމެފަހަރަކު... އެންމެފަހަރަކު އަހަރެންނަށް ބުނެދީބަލަ އަހަރެންދެކެ ތިހާ ރުޅިއެއް ތިއަންނަނީ ކީއްވެކަން؟" ޖަނާ ސާބިތު ކަމާއެކު ސުވާލު ކުރިއެވެ. އެވަގުތު ޖަނާގެ އެވާހަކަ އަހައިގެން މާކިން އަތަށް މަޑުޖެހުމެއް އައެވެ. އޭނާ އިސްއުފުލައި ބަލާލި ގޮތުން ހީވީ ޖަވާބު ދޭން އުޅުނުހެންނެވެ. އެކަމަކު ދެން އަނެއްކާވެސް އިސްޖެހި ގޮތަށްމަސައްކަތް ކުރިއަށް ގެންދިޔައެވެ. ރުޅިގަދަވެގެން ޖަނާ ލޮލުން ކަރުނަ ހިލުނެވެ. ކެތްތެރިކަން ކޮޅުންލާ ގޮތްވުމުން އޭނާ ބާރުބާރަށް އައިސް ފޮށިގަނޑުގައި އެއްއަތުން ހިފައި އަރިކޮށްލައި އޭގައި ހުރިއްޔާ ހުރި އެއްޗެއް މުޅިތަނަށް އޮއްސާލައިފިއެވެ.
"ހުއްޓާލާ!....." ޖަނާ މިކުރި ކަމަކުން މާކިން ފުންމައިގެން ތެދުވެފައި ހަޅޭތްލަވައިގަތް އަޑަށް އަކްޔަންއާއި ޝަރުމީލާވެސް ދުވަމުން އައިސް ދޮރުމައްޗަށް ހުއްޓުނެވެ. ޖަނާ އޭރު ހުރީ ބިރުން ލޯބޮޑުކޮށްލައިގެންނެވެ. މާކިންގެ ލޮލުން އަލިފާންކަނި ބުރަނީއެވެ. ޝަރުމީލާ ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ފަހަތުން އިވުނީ ފަޔާޒްގެ އަޑެވެ. ފަޔާޒް ގެއަށް އައިސް ވަންއިރު މާކިންގެ ހަޅޭކުގެ އަޑު އިވިފައި ދެން ފެނުނީ ޝަރުމީލާމެން އެކޮޓަރިއާ ދިމާއަށް ދުވާތަނެވެ. "ކިހިނެތްތަ ވީ؟" ފަޔާޒް ގޮސް ޖަނާ އާއި މާކިންގެ ކުރިމައްޗަށް ހުއްޓިފައި ސުވާލު ތަކުރާރު ކޮށްލިއެވެ.