ޖަނާ ގޮސް އިށީނުމާއެކު ލަހެއް ނުވެ ކައިވެނީގެ ރަސްމިއްޔާތު ފެށިއްޖެއެވެ. އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުމުން މާކިން އަނބި ޤަބޫލުކޮށްފީމޭ ބުނެލާ އަޑު އަހަން ކަންފަތް ކެތްމަދުވިއެވެ. އެކަމަކު އޭގެ ކުރިން ރެސްޓޯރެންޓްގެ ދޮރު ހުޅުވުނު އަޑާއެކު އެންމެން އެދިމާއަށް ބަލާލައިފައި ކުރިމަތީ ހުރި މީހަކު ފެނިގެން ސިހިއްޖެއެވެ. "މާކް ކީއްވެ ތިތެދުވީ؟ އިށީންދޭ އިށީންދޭ! އަހަރެން މިއައީ ކައިވެނި ހުއްޓުވާކަށް ނޫން. އަހަރެންގެ އެންމެގާތް އެކުވެރިޔާގެ އުފަލުގައި ބައިވެރިވާން އަހަރެން އައީ." މާކިން ގޮނޑި ދުރުކޮށްލާފައި ތެދުވި ވަގުތު ޒަލަފް އަތުގެ އިޝާރާތުން އެކަން މަނާކޮށްފައި ކައިރިއަށް އައެވެ. އަތުގައި އޮތް އޯކިޑްމާބޮނޑި އޭނާ އައިސް ބޭއްވީ ޖަނާގެ ކުރިމަތީ މޭޒުމަތީގައެވެ. "ކޮންގްރެޖްލޭޝަންސް." ޖަނާ ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ޒަލަފް، ދެފަހަރު ދެމީހުންނަށް ބަލާލައިފައި ކިޔައިލިއެވެ. "އަދިވެސް ހުރީތަ؟ އަވަހަށް އިށީންދޭ. އަވަހަށް ކުރިއަށް ގެންދޭ!" ޒަލަފް ދެވަނަ ފަހަރަށް މާކިންއަށް އިޝާރާތްކޮށްފައި އަދި މޭޒުދޮށުގައި ދެންތިބި މީހުންނަށްވެސް ރަސްމިއްޔާތު ކުރިއަށް ގެންދަން ބުނެލިއެވެ. އެއަށްފަހު އޭނާ ފަހަތަށް ޖެހިލާފައި ގޮސް ހުއްޓުނީ ރަފާހްއާ ހުމާ ކައިރީގައެވެ.

"ޔޫ ޑިޑް ގްރެޓް." މާކިން އަނބި ޤަބޫލުކޮށްފީމޭ ބުނެފައި ޖަނާއާއި ދެމީހުން ހަތަރުކަޅި ހަމަކޮށް ހިނިތުންވެލިތަން ބަލަން ޒަލަފް ހުއްޓާ ހުމާ އޭނާގެ މުލައްދަނޑީގައި ހިފާފައި ބުނެލިއެވެ. ޒަލަފް މޫނު އަނބުރާލައިފައި ހުމާގެ ވާހަކައާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއިރު ލޮލުގެ ކަނުގައި ކަރުނަތައް ފިލާ ހުއްޓެވެ. ގާޟީ އާއި ހެކިވެރިން ތެދުވެ ދެމަފިރިންނާ ސަލާމްކޮށްލައިފައި ޝަރުމީލާ ދެއްކި މަގުން ގޮސް ދުރުގައި ހުރި މޭޒުދޮށުގައި ކެއުމަށް އިންސާފު ކުރަން އިށީންދެލުމުން ދެންތިބި އެންމެން ޖަނާމެން ކައިރިއަށް އެއްވިއެވެ. އެކުވެރިންނާއި އާއިލާގެ މީހުންވެގެން މުބާރިކްބާދީދޭން ޖަނާ އެތާ ބަހައްޓާފައި މާކިން އެވަގުތު އައީ ޒަލަފްގެ ކައިރިއަށެވެ.ހުމާ އާއި ރަފާހްވެސް ޖަނާ ކައިރިއަށް ދިއުމުން ޒަލަފް އެތާ ހުރީ އެކަންޏެވެ. "ޒަލަފްއަށް އިހްސާސެއްވެސް ނުވާނެ އަހަރެންނަށް ތިކޮށްދިނީ ކިހާބޮޑު ކަމެއްކަމެއް." މާކިން ޖީބަށް އަތް ޖަހާލައިފައި ވާހަކަދެއްކިއެވެ. އަދިވެސް އަމިއްލަ ނަފްސް ކުށްވެރި ކުރެވޭތީ ހަތަރުކަޅި ހަމަކޮށްގެން ގިނައިރު ހުންނަން އުދަނގޫވިއެވެ. "މާކްވެސް އަހަރެންނަށްޓަކައި ކިހާ ދުވަހަކު ޖަނާއާއި ދުރުގަ ހުރިންތަ؟" ޒަލަފް ދިން ޖަވާބުން މާކިން ސިހުނެވެ. މިއަދު އެދެމީހުންގެ ލޯބީގައި ކައިވެނީގެ ކުލަ ޖެހުނެއް ކަމަކު އޭނާ ޖަނާއަށް އެދެންފެށީ ކޮންއިރަކުކަން ޒަލަފްއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ ޔަޤީނުންވެސް އޭނާ ކިޔައެއް ނުދެއެވެ.

"ސުވާލު އުފެދިއްޖެދޯ މިހެން ބުނީމަ. ކިހިނެތް އަހަރެން ބުނެދޭނީ... ޑީޕް ޑައުންއަހަރެންނަށް އަބަދުވެސް އިހްސާސްވި މާކްގެ ހިތުގައި ޖަނާއާމެދު ހާއްސަކަމެއް ދެވިފައިވާކަން. އެކަން ދެނެނުގަނެވުނީ. ތެދަށް ބުނަންޏާ އަހަރެނަށް އެނގުނު ވަގުތު ސިހުނެއް ކަމަކު ހަޤީޤަތުގައި އެއީ އަހަރެންނަށް ސަޕްރައިޒަކަށް ނުވި." ޒަލަފް ކިޔައިދެމުން ދިޔަ ވަގުތު ދުރުގައި ހިނިތުންވެފައި ހުރި ޖަނާގެ މޫނަށް ކަޅިއެއް އެއްލިއެވެ. އެތައް ދުވަހަކަށްފަހު ޖަނާ އުފަލުން ހުއްޓާ ފެނުމުން ބަޔާން ކުރަންދަތި އުފަލެއް ހިތަށް ލިބުނެވެ. ޖަނާ ލިބެންޖެހޭ މީހަކީ މާކިން ކަމުގައި މިއަދު އަނެއްކާވެސް ޤަބޫލު ކުރަން ޖެހިއްޖެއެވެ. "ދެން ކަންބޮޑުވާނެ ކަމެއް ނެތް. އަހަރެންގެ ހިތުގައި ތިތަނުން އެކަކާއިމެދަކުވެސް ނެތް ބުރަކަމެއް. އޭގެ ބަދަލުގައި އަހަރެން އެދެނީ ދެމީހުންނަށް އުފާވެރި ދިރިއުޅުމަކަށް." މާކިން އެއްޗެއް ނުބުނެ އިސްޖަހައިގެން ހުރުމުން އަނެއްކާވެސް ވާހަކަދެއްކީ ޒަލަފްއެވެ. އޭނާ ޖަނާގެ މޫނުން ނަޒަރު ވަކިކޮށްލާފައި މާކިންގެ މޫނަށް ހުއްޓާލި ވަގުތު މާކިން އިސްއުފުލައިލުމުން ހިނިތުންވުމަކާއެކު ކޮނޑުގައި ޖަހައިލިއެވެ. އެވަގުތު ދީނާ އައިސް މެހުމާނުން އަންނަ ވަގުތު ޖެހިއްޖެކަން ހަނދާން ކޮށްދީފައި މާކިން އަތުގައި ހިފައިގެން ގެންގޮސް ޖަނާ ކައިރީ ބެހެއްޓިއެވެ.

ޒަލަފް އަނެއްފަރާތަށް އެނބުރިފައި ގޮސް އިނީ އެދެމީހުން ފެންނަ ހިސާބުގައި މޭޒެއްގެ ދޮށުގައެވެ. މެހުމާނުން ވަދެ އެދެމަފިރީންނަށް މުބާރިކް ބާދު އަދާކޮށްފައި ކާތަށިތައް ހިފައިގެން އައިސް މޭޒުތައް ފުރާލިއިރު އޭނާ ހީވަނީ އެތަން އޮބްޒާވް ކުރަން އައިސް އިން މީހަކު ހެންނެވެ. އިރުގަނޑެއް ފަހުން އޭނާ ތެދުވެ މޭޒުމަތިން ފިނިބުއިމެއް ނަގައިގެން ހުމާމެން ބަޔަށް ވަންނަން ދިޔަތަން ފެނުނީ ޖަނާއަށެވެ. ޒަލަފް ޕާޓީ ދޫކޮށްދިއުމާމެދު ވިސްނަން ހުރެފައިވެސް އެކުވެރިއަކު އައިސް ކުރިމައްޗަށް އެރުމުން އެހިޔާލު ހިތުންނެރެ ހިނިތުންވެލަން މަޖުބޫރުވިއެވެ. ނިމުމަކާއި ކައިރިވީފަހުން ޤުރޫޕް ފޮޓޯ ނަގަން ހޯދިއިރުވެސް ޒަލަފް އެއް ނާދެއެވެ. އެންމެން ސުވާލު އުފެދިފައި ހުރެގެން ހުމާ ގުޅަން އުޅެނިކޮށް ޖަނާ ބުނެލީ އޭނާ ޒަލަފް ގޮވައިގެން އަންނާނެ ވާހަކައެވެ. ހެދުމުގެ ފަސްބައިގައި ހިފާ ކުޑަކޮށް ކޮށި ކޮށްލައިގެން ގޮސް ހުމާމެން ބަޔަށް ވަންއިރު މާކިންއާ ދެންތިބި މީހުން ބަލަން ތިބެފައި ހުސް ގޮނޑިތަކުގައި ޖައްސައިލިއެވެ.

ޖަނާ ހޯދަމުން ދިޔައިރު ޒަލަފް ހުރީ ހުމާމެން ކޮޓަރިން ނިކުމެވެން ހުރި ބެލްކަނީގައެވެ. އެއްބައި ބޮއިފައި ހުރި މޮކްޓެއިލް ތަށްޓެއް ރެއިލިން ތިރީގައި ފާރުކޮޅުމަތީ ބަހައްޓާފައި ހުއްޓެވެ. ޖަނާ ގޮސް ދާދި ކައިރީގައި ހުއްޓިފައި އެމޫނަށް ބަލައިލިތަނާ ޒަލަފްވެސް ހިޔަނިވެގެން މޫނު އަނބުރާލިއެވެ. ހަތަރުކަޅި ބައްދަލުވެފައި ހިނދުކޮޅެއް ވީއިރު ދެމީހުންނަކަށްވެސް ދައްކާނެ ވާހަކައެއް ނޭނގުނެވެ. ދެން އަނެއްކާވެސް ނަޒަރު ބަދަލުކޮށްލީ މަގުމައްޗަށެވެ. "ޤުރޫޕް ފޮޓޯ ނަގަން ޒަލަފް ހޯދަން މިއައީ." ކުރަން އައިކަންތައް ހަނދާންވެފައި ޖަނާ ހާމަކުރިއެވެ. ޒަލަފް އެހުރިގޮތަށް ހުރެ ބޯ ޖަހައިލާފައި ދާންވެގެން އެނބުރުނުވަގުތު ޖަނާ ގޮވާލުމުން ހުއްޓެވުނެވެ. "އަހަރެންދެކެ ރުޅި އައިސްފާތަ ތިހުރީ؟" ޖަނާ ސުވާލު ކޮށްލުމުން ޒަލަފް އެނބުރި ބަލައިލިއިރު ހުރީ ބަލަހައްޓައިގެންނެވެ. މިއޮތް އުފާވެރި ރޭވެސް ޖަނާގެ ލޯ ފެންކަޅިވެފައި ހުރީ އޭނާގެ ހާލާމެދު ހަމްދަރްދީވެފައި ކަން އެނގުމުން ހިތަށް ތަދުވިއެވެ. "އުހު." ޒަލަފް ދެފަރާތަށް ބޯ ހޫރުވާލިއިރު މަޑުމަޑުން ކިޔައިލިއެވެ. "އެހެންވިއްޔާ އަހަރެންނަށް މަޢާފު ކުރާނަންތަ؟ އަހަރެން މަޢާފަށް މިއެދެނީ މާކިންދެކެ ލޯބިވޭވޭ ހުރެ ޒަލަފްއާ އިންނަން އެއްބަސް ވެވުނީތީ. ހަޤީޤަތް ހާމަނުކޮށް ހިތަށް އަނިޔާ ދެވުނީތީ. އިރެއްގައި ޒަލަފް އަހަރެންނާމެދު ކޮންމެ ގޮތަކަށް ކަންތައް ކޮށްފަ ހުއްޓަސް އަހަރެން ބޭނުމެއް ނުވޭ ޒަލަފްއަށް ދެރައެއް ދޭކަށް. ޓްރަސްޓް މީ އަހަރެންނަކަށްވެސް ނޭނގެ މާކިންދެކެ ލޯބިވެވުނީ ކިހިނެތް ކަމެއް." ޖަނާ އަސަރާއެކު ހާމަކުރި ބަސްތަކަށްފަހު އެދެމެދަށް ވެރިވީ އަނެއްކާވެސް ހިމޭން ކަމެވެ.

ޒަލަފް ބުނާ އެއްޗެއް ބަލަން ޖަނާ ހުއްޓާ ލޮލުން ނީރާލި ކަރުނަތިއްކެއް ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދިޔަތަން ފެނިފައި ޒަލަފް ކައިރިއަށް އައެވެ. އޭނާ އަތް އުފުލާލައިފައި ކޯތާފަތުގައި ހިފަހައްޓާލައިގެން ހުރެ ބޮޑުވައި އިނގިލިން ކަރުނަ ފުހެލަދިންއިރު ހިތަށް އުދަނގޫވިއެވެ. "މާކްދެކެ ލޯބިވެވުނީތީ މަޢާފަށް ނޭދޭ ޖާން. އެއީ ޖާންގެ ކުށެއް ނޫން. އޭގެ ބަދަލުގައި އެއީ ޖާންއަށް ދިމާވި އެންމެ ރަނގަޅު ގޮތް. އަހަރެން އުފާކުރަން އަހަރެންނަށް ޖާންއާމެދު ވިސްނަން ނުޖެހޭނެތީ. އެއީ އަހަރެންނަށް އިނގޭ މާކް ދުވަހަކުވެސް ތިލޮލުން ކަރުނަ އަޔަ ނުދޭނެކަން. ސޯ ޕްރޮމިސް މީ ދުވަހަކުވެސް މާކްއާ ވަކި ނުވާނެކަމަށް.. އެއީ އެދުވަހެއް އަތުވެއްޖެއްޔާ އަހަރެން ޖާން އަމިއްލަ ކޮށްލާއިރު ފަހުން މާކް ބޭނުންވިއަސް ނުދޭނަން." ޒަލަފް ލޯއްބާއެކު ދެއްކި ވާހަކަތައް ނިންމާލަމުން ޖަނާ ހެއްވާލުމުގައި ކާމިޔާބު ކުރިއެވެ. އޭނާ އެއްލޯ މަރާލައިފައި ފަހު ޖުމްލަ ބުނެލުމުން ލޮލުގައި ހުރި ކަރުނައާއެކުވެސް ޖަނާއަށް ހެވުނެވެ. އޭނާ އެއްއަތުން ކޯތާފަތް ފުހެލާފައި ނިކުންނަން ހިނގައިގަންނަން އުޅުނު ވަގުތު ޒަލަފް ދިއްކޮށްލި އަތުގައި ހިފައިގެން ދެއެކުވެރިން ފަދައިން ގޮސް އެހެން މީހުން ކުރިމައްޗަށް ނިކުތެވެ. އެތަން ފެނިގެން ބޭއިޚުތިޔާރުގައި ގޮނޑިން ތެދުވެވުނު މާކިންގެ ހިތަށްވެސް ލިބުނީ ބަޔާން ކުރަން ދަތި ހަމަޖެހުމެކެވެ. ޒަލަފްއާ ޖަނާ އެކަކު އަނެކަކަށް ހިނިތުންވެލާފައި އައިސް ކައިރިއަށް ހުއްޓުމުން އޭނާ އުފަލުން ހުރެގެން ދެމީހުންގެ މޫނަށް ބަލާލައިފައި ފޮޓޯނަގަން ވެގެން ގެންދިޔައެވެ.

އެމީހުން ފޮޓޯނަގަންވެގެން އުޅުނުއިރު މެހުމާނުން ހުސްވެފައިވާ ހޯލްތެރޭގައި ހުރި ތަނބެއްގެ ކައިރީ ހުރި ޒުވާނާ ފެނުނީ ތޫބާއަށެވެ. އެވަގުތު ތޫބާގެ ސިކުނޑި ބުނެލީ އެއީ ކޮންމެވެސް ތާކުން ފެނިފައި ހުރި މީހެއް ކަމުގައެވެ. އޭނާ ވިސްނަން ހުރެފައި މަޑުމަޑުން ގޮސް ޖަނާމެން ކައިރީ ހުއްޓާ އަކްޔަން އެތަނުން ދުރަށް ދުއްވައިގެންފައި ގޮސް ތަނބާއި ކައިރިވެފައި ދެން ބަލާލިއިރު ނެތެވެ. ތޫބާގެ ހިތަށް ބިރުވެރިކަން ވަން ވަގުތު އޭނާ ޖަނާއަށް ގޮވައިލާފައި ކައިރިއަށް ގެނެސް، ދުރުގައި ދަންނަ ހެން ހީވާ މީހަކު ހުރިކަން އަންގައިލިއެވެ.

"އަދިވެސް ނުދާ މީހުން ހުރީތަ؟ ނޫނީ ފަހުން އައި މީހެއްތަ ތިކިޔަނީ؟" ޖަނާ އެވާހަކައަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ހުރެގެން ހިނގައިގަތީ އަކްޔަން ފެންނަން ނެތިގެންނެވެ. "ތޫ ދުށިންތަ އަކްޔަން؟" ޖަނާ ހިނގައިގެންފައި އަހައިލިއެވެ. ތަންކޮޅަކަށް ދެވުނުތަނާ ތޫބާ ގޮވާލައިފައި އަކްޔަން ދިޔައީ އެމީހާ ކައިރިއަށޭ ބުނުމުން ހިތަށް އުދަނގޫ ގޮތެއްވިއެވެ. ޖަނާ ދެފަޔަށް ބާރުލައިފައި އަކްޔަންއަށް ގޮވަމުން ގޮސް ތަނބާއި ކައިރިވެލިތަނާ އަކްޔަން އުރާލައިގެން ހުރެފައި އެނބުރުނު މީހާ ފެނިގެން މޫނުން ތަރި ބުރައިލިއެވެ. ދެފައިކޮޅުން ވާގި ދޫވާހެން ހީވެގެން ހިފަހައްޓާލެވުނީ އެތާހުރި ގޮނޑިއެއްގެ އަތްގަނޑުގައެވެ. އަކްޔަން އޭރު ހެވިލާފައި އިނީ ނާއިކްގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ނަ...ނާއިކް؟ ކި...ހިނެތް... މި...ތާ؟" ޖަނާގެ އަޑު ދިޔައީ ކެނޑިކެނޑިގެންނެވެ. "ޖާން. އުފާވެރި ކައިވެންޏަކަށް މަރުހަބާ." ނާއިކް އެމޫނަށް ކަޅި ހުއްޓާލައިފައި ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ. މާކިންއަށް ޖަނާ ހުއްޓި ހުރެގެން ކޮންމެވެސް މީހަކާއި ވާހަކަދައްކާތަން ފެނުމުން އެދިމާއަށް އައިސް ކައިރިވެފައި ޖަނާ ފަދައިން ސިހުމެއް ލިބުނެވެ. "ނާއިކް ކަލޭ މިތަނަށް ވަނީ ކިހިނެތް؟" މާކިން ހަރުކަށި އަޑަކުން ސުވާލުކޮށްފައި އަކްޔަން އުރުން ބާލުވަން އަތުގައި ހިފާލުމުން ނާއިކް ޖެހުނީ ފަހަތަށެވެ. ޖަނާގެ މެއަށް ގުޑުން އަރައިގެން ދިއުމާއެކު އަކްޔަން ދޭށޭ ކިޔައި ރޮއިގެންފައި ހިފެހެއްޓީ މާކިން އަތުގައެވެ. ދުރުގައި ތިބި މީހުންނަށް އަޑު އިވިގެން އެއެންމެންވެސް އައިސް އެތަނަށް ޖަމާވެއްޖެއެވެ. ދީނާ ބިރުން ފަހަތަށް ދެފިޔަވަޅު އަޅާލިތަނާ ގޮސް ތަތްވީ ޒަލަފް ގައިގައެވެ. އޭނާ އެނބުރި ބަލައިލިތަނުން އެލޮލުގައިވި ބިރުވެރިކަން ދެކެފައި ޒަލަފްވެސް ހަމްދަރްދީވިއެވެ. ދީނާ ހަމައަކަށް އަޅުވަން ޒަލަފް އެއަތުގައި ހިފާ ބާރުކޮލުމުން ފުން ނޭވާތަކެއް ލަމުން ޒަލަފްގެ އަތުގައި އަނެއް އަތުން ހިފަހައްޓާލިއެވެ.

"އަހަރެން ދަރިފުޅާ ބައްދަލު ކުރަން އައީމަ ޖަނާއަށް ކޮންވަރެއްތަ ތިވަނީ؟" ނާއިކް ހަމަޖެހިލާފައި އެވަގުތުވެސް ފިރުމައިލީ އަކްޔަންގެ އިސްތަށިގަނޑުގައެވެ. ބައްޕަގެ އުރުގައި އިނދެވުމުން އުފާވި ނަމަވެސް މަންމަ ރޯތަން ފެނުމުން އަކްޔަންގެ މޫނުންވެސް ނުތަނަވަސްކަން ފައުޅުވާން ފެށިއެވެ. އަކްޔަން މަންމަ ކައިރިއަށް ދާން ބޭނުންވެގެން އަތް ދިއްކޮށްލުމުން ނާއިކް ހައްތަހާ ފަހަތަށް ޖެހިލުމުން އެޅަހިތުގައިވެސް ފުރަތަމަ ފަހަރަށް ބިރުވެރިކަން ހިނގައިލިއެވެ. ތުންފިތާލުމާއެކު އަކްޔަން ފެށީ ރޯށެވެ. އެކަމަކު ނާއިކް އެދަރިފުޅަށް ގެއްލުމެއް ދީފާނެތީ ގަދަކަމުން އަތުލަން އެންމެންވެސް ޖެހިލުންވިއެވެ. "ޕޮލިހަށް ނުގުޅަނީސް މިތަނުން ނިކުމެގެން ދޭ!" ފަޔާޒްވެސް ކުރިއަށް ޖެހިލާފައި ނާއިކް ބިރުގަންނަވާލެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އެއަޑު އަހައިގެން ނާއިކް ޖަހައިލީ އިތުރު ހިނިގަނޑެކެވެ. "ބަލަ ޕޮލިހުން އަހަރެން ނުހިފަހައްޓަން ދޫކޮށްލީމައެއް ނޫންތަ މަ އައިސް މިތާ މިހުރީ. ދެން އެމީހުންނަށް ކީއް ކުރެވޭނީ." ނާއިކް ޖަވާބުދިނީ ފަޚުރުވެރިވެފައެވެ. ޖަނާގެ ކެތްތެރިކަން ކޮޅުން ލުމުން އޭނާ މާކިން އަތުން ދޫކޮށްލައިފައި ކުރިއަށް ގޮސް ނާއިކްގެ އަތުގައި ހިފެހެއްޓުމުން އެންމެންނަށް ލޯ ބޮޑުކޮށްލެވުނެވެ. "ޕްލީޒް ނާއިކް އަހަރެންނަށް އަހަރެންގެ ދަރިފުޅު ގެނޭ! ހެޔޮނުވާނެ." ޖަނާ ރޮމުން އާދޭސް ކުރާތަން ބަލަން މާކިންގެ ހިތަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އޭނާ އަތް މުށްކަވާލަމުން އެނބުރި ޒަލަފްއަށް ލޮލުން އިޝާރާތެއް ދީފައި ނާއިކްއާ ކުރިމަތިލާން ކުރިއަށް ހިނގައިގަތެވެ. ދެމީހުން ތަންކޮޅަކަށް ގޮއްސައި ފިޔަވަޅުތައް މަޑުޖައްސައިލެވުނީ ނާއިކް އަކްޔަން ތިރީގައި ބެހެއްޓިތަން ދެކެފައެވެ. ޖަނާ އަވަހަށް އެދަރިފުޅު އަތުގައި ހިފާ ދަމާލި ނަމަވެސް ނާއިކް އަކްޔަން ދުރަށް ގެންދިޔަ ނުދޭން ފަހަތުން ހިފެހެއްޓުމުން ކާމިޔާބެއް ނުވިއެވެ. އެނބުރި ބަލައިލިއިރު ނާއިކް ތިރީގައި ކުޑަކަކޫ ޖަހައިލުމުން ޖަނާގެ އަތަށްވެސް ދުލެއް ދެވުނެވެ. އެމޫނުން ފެންނަން ހުރި ނުލަފާ ގޮތްގަނޑު ބަދަލުކޮށްލައި ނިކަން ލޯބިން އަކްޔަންގެ މޫނުގައި ބޮސްދިންއިރު އެންމެން ފަދައިން އޭނާއަށްވެސް ނޭވާ ހިފަހައްޓާލެވުނެވެ.

"ޑެޑީ މިއަދު އަކްޔަންއާ ދުރަށް މިދަނީ އަކްޔަންދެކެ ޑެޑީ ލޯބިވާވަރުން އަކްޔަންއަށްޓަކައި. ފަހަރެއްގައިވެސް އަކްޔަން މަންމައަށްޓަކައެއް ނޫން. އެއީ ޑެޑީ ބޭނުމެއް ނުވޭ އަކްޔަން ބޮޑުވެގެން ޑެޑީއަށް ނަފްރަތު ކުރާކަށް. ތީ ޑެޑީގެ އަމިއްލަ ކުއްޖަކަށް ނުވިއަސް ވަރަށް ލޯބިވޭ." ނާއިކްގެ ފަހު ޖުމްލަ އެއީ ތަނުގައި ގޮއްވާލެވުނު ބޮމެކެވެ. ސިހިގެންދިޔަ ޖަނާ ތެޅިގަތްއިރު ދެންތިބި އެންމެންގެ ހިތްތަކަށްވެސް ގުޑުން އަރުވައިލިއެވެ. މާކިން ފިޔަވައެވެ. އޭނާ ކަންބޮޑުވީ އެކަން ހާމަ ކުރަން ތައްޔާރު ނުވެ ހުއްޓާ ކުއްލިއަކަށް ނާއިކް އެހެން ބުނީމައެވެ.

"ދެން އެންމެން ހަމަޖެހޭ. އަހަރެން މިދަނީ." ނާއިކް ކޮޅަށް ތެދުވެ އަކްޔަންގެ ބޮލުގައި ފިރުމާލައިފައި އެހެން މީހުންނާ ކުރިމަތިލީއިރު ކިޔައިލިއެވެ. ޖަނާ އިސްޖަހައިގެން ހުއްޓާ ފެނުމުން އޭނާ ހައިރާންވެގެން ބަލައިލާފައި ދެވަނަ ސިކުންތުގައި ވީގޮތް ސާފުވުމުން ހިނިގަނޑެއް ޖަހައިލެވުނެވެ. "އަދިވެސް އެކަކަށްވެސް ނޭނގެ ދޯ އަކްޔަންގެ ބައްޕަ އަކީ ކާކުކަމެއް؟" ޖަނާ ކަންބޮޑުވެފައި ހުރި ގޮތުން ނާއިކްއަށް މަޖާވިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލައިފައި ނިކުމެގެން ދިއުމުން ޝަރުމީލާ އައިސް ހިފެހެއްޓީ ޖަނާގެ ކޮނޑުގައެވެ. ޖަނާ އެވަގުތު އިސްއުފުލާލައިފައި އެމޫނަށް ހުއްޓިފައިވާ ލޯތައް ފެނިގެން އެސްފިޔަތައް ތިރިކޮށްލެވުނީ ކަންބޮޑުވެގެންނެވެ. ކޮންމެވެސް ދުވަހަކުން ހާމަ ކުރަން ޖެހޭނެކަން އެނގުނަސް މިހާ އުދަނގޫ ވާނެ ކަމަކަށް ހިއެއް ނުކުރެއެވެ.

"އަކްޔަންއަކީ އަހަރެންގެ ދަރިއެއް." ހިމޭންކަން ފޫދުއްވާލައިފައި މާކިން ބުނެލިއެވެ. އެންމެންގެ ސަމާލުކަން މާކިން މޫނަށް ހުއްޓުނުއިރު އެމީހުން ހީކުރީ މާކިން ޖަނާއާ ކައިވެނި ކުރުމުން އެދަރިފުޅު އަމިއްލަ ދަރިއަކަށް ހަދަން ވިސްނައިގެން ބުނި ޖުމްލައެއް ކަމަށެވެ. "އަހަރެން މިބުނީ އަކްޔަންގެ ބައްޕައަކީ އަހަރެންނޭ. މިއަދަށްފަހު އަކްޔަންއަށް ބައްޕަގެ ލޯބި އުންޏެއް ނުވާނެ." މާކިން އިތުރަށް ޔަޤީންކޮށްދެމުން އައިސް ޖަނާގެ ޖަނާގެ އަތުގައި ހިފާލިއިރު އެބަހުގެ ތެދުކަން ދެމީހުންގެ ލޮލުން ހާމަ ކޮށްދިނެވެ. އެވަގުތު ބުނާނެ އެއްޗެއް އެތަނުން އެކެއްގެ ސިކުނޑިއަކަށްވެސް ނުވަނެވެ. އެހާ ދުވަސްވަންދެން ޖަނާ އެކަން ސިއްރު ކުރީވެސް ކިހިނެތް ހެއްޔެވެ؟ އަދި އެންމެބޮޑު އަސަރެއް ކުރީ ޒަލަފްގެ ހިތަށެވެ. ނޭނގުމުގެ ތެރޭގައި އޭނާއަށް ބާރުކޮށްލެވުނީ ދީނާގެ އަތަށެވެ. ދީނާއަށް ތަދުވެގެން ރޮވެން އުޅުމުން ތުންފަތުގައި ދަތް އަޅާލައިފައި ބަލައިލިއިރު ޒަލަފް ލޮލުގައިވި ކުލައިން ޚުދު އޭނާވެސް ޖެހިލުންވިއެވެ. އެހާ އުދަނގުލުން އަމިއްލަ ހިތަށް ވިސްނަދީގެން މާކިންއާ ޖަނާގެ ލޯބި ބަލައިގަތުމަށްފަހު މިހާރު މިކުރިމަތިވީ އަދި އެއަށްވުރެ ބޮޑު ކަމަކާއެވެ. ދީނާއަށް ކެތްނުވެގެން މަޑުމަޑުން ގޮވާލުމުން އޭނާ ކުއްލިއަކަށް ބަލާލައިފައި އަވަހަށް އަތް ދޫކޮށްލިއިރު އެލޮލުން ކަރުނަ އޮހިގަންނަން ހުރީ ތައްޔާރުވެފައެވެ. މިނިވަން ވުމުން ދިނާ އަވަހަށް އަނެއް އަތުން ފިރުމާލިއިރު އެތަން ރަތްވެފައި ހުއްޓާ ޒަލަފްއަށްވެސް ފެނުނެވެ. އޭނާ އިތުރު އެކައްޗެއްވެސް ނުބުނެ އަނެއްފަރާތަށް އެނބުރިފައި ދޮރާއި ދިމާއަށް ދާ އަޑު އިވިގެން އެންމެންގެ ލޯތައް އެދިމާއަށް ދަތުރުކޮށްލިއެވެ. ޖަނާ ތުންފަތުގައި ދަތް އަޅާލައިފައި އެހެން މީހުންގެ ލޯތަކުން ސަލާމަތްވާން މޫނު ފޮރުވައިލީ މާކިންގެ މޭގައެވެ. ފަޔާޒްއާ ޝަރުމީލާވެސް އެއްޗެއް ނުބުނެ އަކްޔަން އުރާލައިގެން ދާންވެގެން ހިނގައިގެންފިއެވެ. ފަހަތުން ދީނާވެސް ގޮސް ގެއްލުމުން ތޫބާ އާއި ހުމާމެން ދެމަފިރީން ނޫނީ އެތާގައި އިތުރު މީހަކު ނެތެވެ.

"ދެން އެކަމާ ނުވިސްނާ ގެއަށް ދޭ! މީ ތިގޮތަށް މޮޅިވެފަ ތިބެންވީ ރެއެއް ނޫން." ހުމާ ރަފާހްއަށް ބަލައިލާފައި އައިސް ޖަނާއަށް ނަސޭހަތް ދިނެވެ. މާކިން ބުރަކަށީ ފިރުމާލައިފައި ޖަނާ މޫނުގައި ހިފައި ހިއްލައިލިއިރު އޭނާ ހުރީ ރޮވެން ކައިރިވެފައެވެ. މާކިން އެވަގުތު ނުރޯށޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލުމުން ބޯ ޖަހައިލާފައި އޭނާ ގަދަކަމުން ހިނިތުންވެލިއެވެ. ދެމަފިރިން ގޮވައިގެން އެޕާޓްމެންޓާއި ހަމައަށް އެމީހުން ގޮއްސައި މާކިން ވަދެގެން ދިއުމުން ޖަނާ މަޑުކުރީ ހުމާގެ ކައިރީގައެވެ. ރަފާހްއާ ތޫބާ އެދެމީހުންނަށް ވަގުތު ދީފައި ދިއުމުން ހުމާ ވަރަށް ވިސްނައިދީގެން ޖަނާ އެންމެފަހުން ހަމައަކަށް އެޅުނެވެ. އޭނާ އެކުވެރިޔާގެ ގައިގައި އޮޅުލައިގެންފައި އެތެރެއަށް ވަންއިރު ފައިދަށުގައި އޮތީ ފިނިމަލުން ހަދާފައި އޮތް މަގެކެވެ. އެމަގު ގޮސް ހުރީ ޖަނާ އުޅުނު ކޮޓަރިއަށް ވަންނަން އިރުޝާދު ދީފައެވެ. ޖަނާ ދޮރުލައްޕައި ބަންދުކޮށްފައި މާކިން ހޯދަމުން ގޮސް ކޮޓަރިއަށް ވަންއިރު އެނދު ކައިރީ ހުރެފައި އެނބުރުނުއިރު މުށުގައި ކޮންމެވެސް އެއްޗެއް އޮތެވެ.

"ޖާން އާދެބަލަ!" މާކިން ހުރިގޮތަށް ހުރެފައި ގޮވާލުމުން ޖަނާ ގޮސް ކައިރިއަށް ހުއްޓުމުން އެދުނީ ލޯ މެރުމަށެވެ. އަސަރެއްނެތް ގޮތަކަށް ދެތިންފަހަރު އެސްފިޔަ ޖަހާލައިފައި އޭނާ ލޯމަރައިލުމުން މާކިން އަތުގައި ހިފާ އުފުލާލައިފައި ތިރިނުކޮށް ބަހައްޓަން އެދުނެވެ. ޖަނާ މާކިން ބުނިހެން ހުއްޓާ އަތުގެ ކުޑަހުޅާއި ހަމައިގައި ފިނި އެއްޗެއް ކޭއްތިގެން ދިޔައެވެ. ނުބަލައި ހުއްޓަސް އިހްސާސްވީ މާކިން އޭނާ އަތުގައި ކޮންމެވެސް އެއްޗެއް އެޅުވި ކަމެވެ. ހުއްދި ލިބުމުން އޭނާ ލަސްލަހުން އެސްފިޔަތައް ދުރުކޮށްލައިފައި ބަލާލިއިރު އަތުގައި އޮތް ކެވެލިކޮޅު ފެނިފައި މޭގަނޑު ފިނިވެގެން ދިޔައެވެ. އެއީ އަހަރުތަކެއް ކުރީން އޭނާ އަތުން ގެއްލިފައިވާ ކެވެލި ކޮޅެވެ.

ކޮމެންޓް 0