"ދޮންތައަށް އެނގޭނެތަ ކޮންމެދުވަހަކު ކިޔަވަނީ ދެންމެ ނިކުތް ގެއިންކަން؟" ޒަލަފް ބޭނުންވާ ގޮތް ނުވާތަން ދެކެފައި އަހައިލިއެވެ. އެއަޑަށް ދީނާ ބިރުން ޒަލަފް މޫނަށް ބަލައިލާފައި އަވަހަށް ގޮސް އަނެއްފަރާތުން ކާރަށް އަރައިފިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ވަންހަނާ ކޮށްލާފައި ޒަލަފް ކާރު ދުއްވާލިއެވެ.
"ކީއްކުރަން އަހަރެން ގޮވައިގެން މިތަނަށް ތިއައީ؟ މީ ޒަލަފްގެ ގެއެއް ނޫންތަ؟" ލައިލަކް ވިއު ކައިރިއަށް ކާރު އައުމާއެކު ދީނާއަށް ހިމޭނުން ނީނދެވިގެން ސުވާލު ކުރިއެވެ. ދުވަހަކު ނައެއް ކަމަކު ދޮންތަ ފަރާތުން އެނގިގެން އެޑްރެސް އޮތީ ހިތުގައި ނޯޓު ކުރެވިފައެވެ. ޒަލަފް ބޯ ޖަހައިލިއިރު ކުޑަކޮށް ހީލާފައި ގޭޓުން ވަދެގެން ގޮސް ކާރު މަޑުކޮށްލީ މައި އިމާރާތުގެ ކުރިމައްޗަށެވެ. ސެކިއުރިޓީ ބަލަހައްޓަން ތިބި ދެމީހުން އައިސް ދެފަރާތުން ދޮރު ހުޅުވާލަ ދިނުމުން ދީނާއަށް ވީ އާ ކަމަކަށެވެ. ނޫ ޔުނީފޯމްގައި ހުރި ޒުވާނާއަށް ފުންކޮށް ބަލައިލާފައި އޭނާ ޒަލަފް ފަހަތުން ގޮސް ގެއަށް ވަނެވެ. އެހިސާބުން އަނެއްކާވެސް ހައިރާން ކުރުވަނިވި އެތައް ކަމެއް ކުރިމަތިން ފެންނަން ފެށިއެވެ. ބޮޑު ބޮޑު ފެންޑާވެސް އެމީހުން އުޅޭ އެޕާޓްމެންޓަށްވުރެ ތަނަވަސްހެން ހީވެއެވެ. ބަލައިލި ކޮންމެ ދިމާއަކުން އަގުބޮޑު ފަރުނީޗަރުތަކާއި ސޮނިވެއްޓޭފަދަ މުއްސަދި ކަމެވެ. ފަހަތުން އަންނަން އިޝާރާތް ކޮށްފައި ޒަލަފް ސިޑިން އަރަން ފެށުމުން އޭނާ ދިޔައިރު ފާރުގެ މެދާކަށް ހިސާބުން ފެށިގެން ސިޑީގެ މަތީ ހަރުފަތާއި ޖެހެންދެން ހަރުކޮށްފައިވާ ފޮޓޯ ލޯގަނޑުތަކަށް ބެލިއެވެ. ޒީކްއާ ޒަލަފް އެކުދިންގެ މައިންބަފައިންނާއެކު ނަގާފައިވާ އެކި ދައުރުގެ ފޮޓޯތައް ވަރަށް ފުރިހަމައެވެ. ބަލާ ބެލުމަށް ކިތަންމެހާވެސް އުފާވެރި އާއިލާ އެކެވެ.
"ކީއްވެ ތި ހުއްޓުނީ؟" ކޮޓަރިއަށް ވަދެގެން ތަންކޮޅަކަށް ގޮއްސައި ދީނާ ނާންނަކަން އިހްސާސްވެގެން ބަލައިލިއިރު ހުރީ ދޮރުކައިރީ ހުއްޓުނު ގޮތަށެވެ. "އިންވައިޓް ނުކުރާތީތަ ތި ހުންނަނީ؟" ޒަލަފް ސަމާސަކޮށްލިއެވެ. އެކަމަކު އޭނާ ހީލިފަހުންވެސް ދީނާ ހުރީ ސީރިއަސްވެފައެވެ. "މިތަނަށް ނުވަދެ ވާހަކައެއް ނުދެއްކޭނެތަ؟" ދީނާ ކަންބޮޑުވުން ފައުޅުކުރިއެވެ. ޒަލަފް ހިނިތުންވެލީ އޭނާ ބޭނުންވި ގޮތަށް ދީނާގެ ވާހަކަ ހުރިތަން ދެކެފައެވެ. "ކިހިނެތްވީ؟ އަހަރެން ކަމެއް ކޮށްފާނެތީ ޖެހިލުންވަނީތަ؟" ޒަލަފް އައިސް ދީނާ ކުރިމައްޗަށް ހުއްޓިފައި ސާފުބަހުން އަހައިލިއެވެ. ދީނާއަށް ޖަވާބު ދޭން ނުކެރިގެން އޭނާއަށް ކުރެވުނު ކަމަކީ އިސްޖަހައިލުމެވެ. ހިތުން އެދެވުނީ އޭނާ ނުބުންޏަސް ޒަލަފްއަށް އެކަން ވިސްނޭނެ ގޮތެއް ވުމަށެވެ. "ތިހިސާބު މީހުން ކައިރީ ކުޑަކޮށް އަހައިލީމަ އެނގިއްޖެ ދީނާ ބައްދަލުކުރާ ފިރިހެންކުއްޖާވެސް މާލެ އައިފަހުން އަދި ގިނަ ދުވަސްތަކެއް ނުވާކަން. އަދި އަހަރެންނަށް ފެނުނު މަންޒަރު ތަކަށް ބަލާފަ ހިއެއްނުވޭ މީހުން ދެނެގަތުމަކީ ދީނާ މާ މުހިންމުކަމެއް ދޭ ކަމެއް ހެނެއް. ދެން ކީއްވެ އަހަރެންދެކެ ޖެހިލުންވެގެން ތިއުޅެނީ؟" ޒަލަފް ރައްދުދިން ގޮތުން ދީނާ ކުއްލިއަކަށް އިސްއުފުލާލިއިރު ރުޅި އައިސްގެން އަތް މުށްކަވައިލެވުނެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތެރެއަށް ވަންނަން ޒަލަފް މީ ކާކު ހެއްޔެވެ؟
ކެތްތެރިވެލައި ރުޅިގަނޑު ހިންދާލަން މަސައްކަތް ކުރަމުން ދީނާ ވަނީ އެތެރެއަށެވެ. އޭނާ ލިޔާމޭޒު ކައިރީ ހުރި ގޮނޑީގައި އިށީންދެލިއިރު ޒަލަފް ވެއްޓިގަތީ އެތާހުރި ބީންބޭގް އަށެވެ. "ސާފު ބަހުން ބުނަން ވީއެއްނު ބޭނުންވެގެން ތިއުޅޭކަމެއް؟" ދީނާ ޖެހިލުން ކަނޑާލައިފައި އަހައިލުމުން ޒަލަފް ޖަހައިލީ ހިނިގަނޑެކެވެ. ދީނާގެ ޅަކަމުން އޭނާއަށް މަޖާވިއެވެ. "ދީނާ. އަހަރެން މިއުޅެނީ ކޮންމެހެން ކަމެއް ބޭނުންވެގެނެއް ނޫން. އަހަރެންނަށް ފެނުނު ކަމެއްގެ ހަޤީޤަތް ބަލަންވެގެން. ތިއުމުރުގެ ކުއްޖަކު ސުކޫލަށޭ ކިޔާފައި ނިކުމެ ހިލޭ ފިރިހެނެއްގެ އެޕާޓްމެންޓްގައި މުޅި ދުވަސް ހޭދަ ކުރުން އެއީ ބޮޑު މައްސަލައެއް. އެކަން އެނގިއްޖެ އެއްވެސް މީހަކު ނުދެކޭނެ ރަނގަޅު ނަޒަރަކުން. އަހަރެން ބޭނުމެއް ނުވޭ ދީނާއަށް ދެރަ ގޮތެއް ވާކަށް. އެހެންވެ މިބުނަނީ އެއީ ރަނގަޅު މީހެއް ހެނެއް ހިއެއް ނުވޭ. ރަނގަޅު މީހެއްނަމަ ސުކޫލް ގަޑީ ދީނާ އެތާ ހުއްޓަކަނުދޭނެ." ވިސްނޭ މީހަކު ފަދައިން ޒަލަފް ދީނާއަށް ނަސޭހަތް ދިނެވެ. "ނިކް އަހަރެން ސުކޫލަށް ފޮނުވަން، އެތާ ނުބަހައްޓަން އެތައް ވަރެއް ކުރީމަވެސް ގަދަ ދައްކާފަ އެތާހުރި މީހަކީ އަހަރެންނޭ ބުންޏަސް ޒަލަފް ބުނާނީ ހަމަ ތިހެންތަ؟" ޒަލަފްގެ ވާހަކަ ނިމުނުއިރަށް ދީނާ އަހާލައިފިއެވެ. އެއަޑުގައިވި ސާބިތުކަން ދެކެފައި ޒަލަފްވެސް ހައިރާންވިއެވެ. ކުޅިއަކުން ބަލިވެފައިވާ މީހަކު ފަދައިން ޒަލަފް އިނުމުން ދީނާ ހިތްހަމަޖެހިފައި ދާންވެގެން ތެދުވިއެވެ. އޭނާ ގެއަށް ދާން ބޭނުންކަން ހާމަކުރުމުން ޒަލަފްވެސް ދެކޮޅެއް ނުހަދައެވެ.
"އެހެންވިއްޔާ ނިކް އެއީ އޭނަގެ ފުރިހަމަ ނަންތަ؟" ދީނާއަށް ތަންކޮޅަކަށް ދެވުނު ފަހުން ޒަލަފް އަހައިލި އަޑު އިވުނެވެ. ސިއްސައިގެން ގޮއްސައި އެނބުރި ބަލައިލި ގޮތުންޒަލަފްއަށް ފާހަގަވީ ދީނާގެ ކުލަ ފަނޑުވެގެން ދިޔަ ކަމެވެ. "ކިހިނެތްވީ؟ ނޭނގޭތަ އޭނާގެ ފުރިހަމަ ނަމެއް؟" ޖަވާބު ދޭން ދީނާ ފަސްޖެހުނުތަން ފެނިގެން ޒަލަފްއަށް އަނެއްކާވެސް ކުރި ލިބުނު ކަހަލައެވެ. އޭނާ ކޮޅަށް ތެދުވިއިރު ކުރިއާ ޚިލާފަށް މޫނަށް ހަމަޖެހުން އަތުވެއްޖެއެވެ. ކައިރިއަށް އައިސް އެއްހަމައެއްގައި ހުއްޓިލިތަން ފެނިގެން ދީނާ ފިނިވިއެވެ. ރީތިގޮތަކަށް މިފަހަރު އޭނަ ބޭޒާރުވާނެއެވެ.
"ލުކް ދީނާ. އަހަރެން ކޮންމެހެން ޖަޖް ކުރަނީއެއް ނޫން. ނުފެންނަ ނުދަންނަ މީހަކަށް ގޮތް ކިޔާކަށް އަހަރެންނަކަށް ނުވެސް އެނގޭނެ. އަހަރެން ހަމައެކަނި މިބުނާ އެއްޗަކީ މީހަކަށް އިތުބާރު ކުރުމުގެ ކުރިން އެމީހެއްގެ ގޮތް ރަނގަޅަށް ބަލާށޭ. ސިއްރުން އުޅުމުގެ ބަދަލުގައި ދީނާގެ ދޮންތަ އާ މަންމައަށްވެސް އެނގިގެން ތިބާއްވާ ގުޅުމެއް ބޭއްވީމަ ނުޖެހޭނެ މައްސަލައެއް. ފުރަތަމަ ކަމަކަށް އޭނަގެ ނަންވެސް އެބަ ޖެހޭ އެނގެން. އެވަރު ނޭނގިހުރެ އެފަދަ މީހެއްގެ އެޕާޓްމެންޓަށް ދެވިގެން ނުވާނެ. އެނގޭދޯ މިބުނާ އެއްޗެއް." ޒަލަފް ވާހަކަދައްކަމުން ކޮނޑުގައި އަތް ޖައްސައިލުމުން ދީނާ ފުރަތަމަ ބަލައިލީ އެއަތަށެވެ. ދެން އެއްޗެއް ނުބުނެ ހުރެފައި ބޯ ޖަހައިލިތަން ފެނިގެން ޒަލަފްގެ ހިތަށް ފިނިކަން ލިބުނެވެ. ޓަކި ޖަހާލައިފައި ވަން ނޯކަރު މީހާ އަތުގައި ހުރި ތަބަކުގައި ދެމީހުންނަށް ބޮވޭނެހެން ފިނި ބުއިމަކާއި ރީތިގޮތަކަށް ގާނޭޝް ކޮށްފައި ހުރި މޭވާ ތަށި ފެނުމުން ޒަލަފް ގަދައެޅީ އެއަށް އިންސާފުކޮށްފައި ދިއުމަށެވެ. ދީނާ އެއްބަސްވެގެން އިށީންދެފައި ކުޑަގޮތެއް ހަދައިލިއެވެ. އިރުކޮޅެއް ފަހުން ދީނާ ނިކުމެގެން ގޮސް ގެއްލުމުން ޒަލަފް ލީ ފުން ނޭވައާއެކު އެނދުގައި އިށީންދެލިއިރު އަޖައިބެއްފަދަ ހަމަޖެހުމެއް އިހްސާސްވިއެވެ. ރަނގަޅު ކަމެއް ކުރެވުމުން ލިބޭ އުފަލަކީ މިކަހަލަ އެއްޗެކެވެ.
ދީނާއަށް ސިޑިން ފޭބެން ވާއިރަށް ތިރީގައި ހުރި ފޯނަށް ޒަލަފް ގުޅާފައި ޑްރައިވަރު ކައިރީ އޭނަ ގެއަށް ލައިދޭން އެދުނެވެ. ކާރުގައި އިންއިރު ދީނާގެ ވިސްނުން ހުރީ ޒަލަފްގެ ވާހަކަތަކާ ގުޅިފައެވެ. ނިކް އޭނަ ކައިރީ ފުރިހަމަ ނަން ނުބުނެ އޮތީ އޭނާ ނާހައިގެންނެވެ. އެއީ ފަހަރެއްގައިވެސް އޭނާއަށް ކަމެއް އޮޅުވައިލަން ނިކް ކުރިކަމެއް ނޫނެވެ. ގާތް މީހުން އެނަމުން ކިޔާކަން އެނގުމުން އޭނާވެސް ބޭނުންވީ އެގޮތަށް މުޚާތަބު ކުރާށެވެ. އެހެންވެ އޮޅުންފިލުވުމުގެ ބޭނުމެއްވެސް ނެތީއެވެ. އެކަމަކުވެސް ދެވަނަ މީހަކު އަހައިފާނެ ކަމަށްޓަކައި ފުރިހަމަ ނަން ހޯދާފައި ބޭއްވުން މުހިންމު ކަމުގައި ދީނާ ފުރަތަމަ ފަހަރަށް ޤަބޫލުކުރިއެވެ.
ގޭގައި ކުރަން ހަވާލު ކުރި އެސައިމެންޓެއްގެ މަސައްކަތް ނިންމުމުގައި ޖަނާއަށް ދަތިތަކެއް ކުރިމަތިވެގެން އޭނާ ދިޔައީ ފަޔާޒްގެ އެހީ ހޯދާށެވެ. ފަޔާޒް މިހާރު އުޅޭ އޮފީހަށް ވަނުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ކޮލެޖުގައި ޓީޗަރަކަށް އުޅުނުކަން އޮތީ މަންމަ ފަރާތުން އެނގިފައެވެ. އިރު އޮއްސުނު ގަޑިއަށް އޭނާ އެގެއަށް ދިޔައިރު ފަޔާޒް ނަމާދަށް ގޮއްސައި އެނބުރިއެއް ނާދެއެވެ. ޖަނާ ދޮންބައްޕަގެ އިންތިޒާރުގައި ސިޓިންރޫމްގައި ބައިންދާފައި މަންމަ ވަނީ ނަމާދު ކުރަން ކޮޓަރިއަށެވެ. އިރުކޮޅަކުން މާކިން ގެއަށް ވަން އަޑަށް ޖަނާ ކުއްލިއަކަށް ބަލާލައިފައި މާކިން ފެނިގެން އިސްޖެހިއެވެ. އޭނާ އެވަގުތު ހަނދާންވީ މާކިން އެންމެ ފަހުން ވާހަކަދެއްކި ދުވަހު އޭނާދެކެ ނަފްރަތު ނުކުރާ ކަމަށް ބުނި ބުނުމެވެ. އަދި ނަފްރަތު ކުރާ ކަމަށް ހެދިގެން އުޅުނީ އެގޮތަށް އެކަން ކުރަން ޖެހިގެންނޭ ބުނި ބުނުމުގެ މާނަވެސް ނުހޯދެއެވެ.
"މާކިން ބިޒީތަ؟" ޖަނާ ވިސްނަން އިނދެފައި މާކިން ފަސްދިން ފަހުން ގޮވައިލިއެވެ. "ކިހިނެތްވީ؟" މާކިން ހުއްޓިފައި އަހައިލިއެވެ. "މިހާރުދެން އަހަރެންދެކެ ހޭޓް ނުކުރާކަން އެނގުނީމަ ކަންކަމުވެސް ކިޔަން ކެރޭވަރު ވެއްޖެ. މިއުޅެނީ އެސައިމެންޓެއް ނިންމަން ނޭނގިގެން. ބަލައިލެވިދާނެތަ؟" ޖަނާ އެނބުރިފައި ވާހަކަދެއްކުމުން މާކިން ވަކި އެއްޗެއް ނުބުނެ އައިސް އިށީންދެލީ ޖެހިގެން ހުރި ސޯފާގައެވެ. މާކިން އެވަގުތު ޖަނާގެ ލެޕްޓޮޕް ކައިރިކޮށްލައިގެން ހުޅުވާފައި ހުރި ވޯކްޝީޓް ބަލަން ފެށުމުން އޭނާއަށް އިނދެވުނީ ދަތްދޮޅީގައި އަތް ވިދެލައިގެން އެމޫނަށް ބަލާށެވެ. އިރުކޮޅަކުން މާކިން އިސްއުފުލައިލުމުން ސިހިފައި ނޫންކަމަށް ހެދިގަތެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހިތް އަވަސްވެލީ މާކިން ތެދުވެފައި އައިސް ކައިރީގައި އިށީންދެލުމުންނެވެ. އެދެމެދުގައި ދެތިން އިންޗިއެއްހާތަން އޮތްވާވެސް އެހަށިގަނޑުން ކަރަންޓް ފޮނުވާހެން ހީވިއެވެ. މާކިން ލެޕް މަގަތަށް ވާގޮތަށް އަނބުރާލައިގެން ކިޔައިދޭން ފެށުމުން ޖަނާއަށް އެއަށް ސަމާލުކަން ދެވުނީ ނިކަން މަސައްކަތުންނެވެ.
"އެނގިއްޖެދޯ މިހާރު؟" ހީނުކޮށް ހުއްޓާ ލިބުނު އަނެއް ސިހުމެވެ. އެހާ ކައިރީގައި އިނދެފައި މާކިން އެސުވާލުކޮށްލިއިރު މޫނު އަނބުރާލައި ބަލައިލި ގޮތުން މޭގަނޑު ދިޔައީ ފިނިވެގެންނެވެ. ޖަނާއަށް ވާހަކަދައްކަން އުދަނގޫވެގެން އަވަހަށް ބޯ ޖަހާލައިފައި ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ. މާކިން ތެދުވެގެން ދިއުމުން އިރުކޮޅަކުން އޭނާއަށް އިހްސާސްވީ ދެންމެ ކިޔައިދިން އެކައްޗެއްވެސް މިހާރު ހަނދާނުގައި ނެތްކަމެވެ. މާކިންގެ އެންމެ ނަޒަރަކުން އެޖެއްސީ ކޮންކަހަލަ ސިހުރެއް ހެއްޔެވެ؟ ޖަނާއަށް ވިސްނާނެ އެއްޗެއްވެސް ނޭނގުނެވެ. އެކަމަކު ހިލާ ދެވަނަ ފަހަރަށް އަހާކަށް ނުކެރޭނެއެވެ. އަދި އެއީވެސް އެނގިއްޖެއޭ ބުނެ އެއްބަސްވިފަހުންނެވެ.
"ޝިޓް.ޝިޓް.ޝިޓް." މާކިން ވަދެ ދޮރުލައްޕާލި އަޑާއެކު ޖަނާ އަމިއްލައަށް ނިތުގައި ތަޅާލަމުން ކިޔައިލިއެވެ. ކަންބޮޑުވެގެން ތެދުވެ ދެކޮޅަށް ހިނގަމުން އޭނާ އަނެއްކާވެސް އިންތިޒާރު ކުރަން ފެށީ ފަޔާޒްއަށެވެ. "ދަރިފުޅު އަދިވެސް އިނީތަ؟ ކޮބާ ފަޔާޒްބެ؟ ނާދޭތަ؟"ޝަރުމީލާ ނިކުތްއިރު ޖަނާ އިންދާ ފެނިގެން ކައިރިއަށް އައެވެ. ފަޔާޒް ނާންނަ ވާހަކަ ބުނުމުން ހާދަ ލަސްވެއްޖެއޭ ކިޔާފައި ޝަރުމީލާ ދިޔައީ ފޯނު ހޯދާށެވެ. އޭނާ ފަޔާޒް ފޯނަށް ގުޅައިގެން ވާހަކަދައްކަން ހުރެފައި އިރުކޮޅަކުން ނިކުތެވެ. "ޖަނާ. ފަޔާޒްބެ ބުނީ މިރޭ ކޮންމެހެން ނިންމަން ޖެހޭ ކަމެއްތޯ އަހައިބަލާށޭ. ފަޔާޒްބެ ރަތްޓެއްސެއްގެ ގޭގަ ކުޑަ މަސައްކަތެއްގަ އުޅޭތީ." ޝަރުމީލާ ފޯނު ކަންފަތާއި ދުރުކޮށްލައިގެން ހުރެ އެހިއެވެ. ޖަނާ ތެދުވެފައި މަންމަގެ މޫނަށް ބަލައިލި ގޮތަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފައި ފަހުން އާދެވިދާނެ ކަމަށް ބުންޏެވެ. މަސައްކަތް ކިތަންމެ މުހިންމުވިއަސް ފަޔާޒްބެ ކަމެއްގަ އުޅެނިކޮށް ގުޅައިގެން ގެންނާކަށް އޭނާއަކަށް ނުކެރުނެވެ. ޖަނާގެ ޖަވާބު ލިބުމުން ޝަރުމީލާ ފޯނު ބާއްވާފައި ވަނީ ބަދިގެއަށެވެ. ޖަނާ ދާންވެގެން ލެޕްޓޮޕް ދަބަހަށް ލައިގެން ދޮރާއި ހަމައަށް ދިޔައީ ދެފިކުރެއްގައި ހުރެގެންނެވެ. ނުކެރި ހުރެވެސް މާކިންގެ އެހީ ހޯދަންވީ ކަމުގައި ހިތް ބުނެލިއެވެ. އެންމެފަހުން އެގޮތަށް ނިންމައިގެން މަންމަ ކޮބައިތޯ ބަލާލައިފައި ސިއްރު ސިއްރުން ގޮސް މާކިން ކޮޓަރީގައި ޓަކިވެސް ނުޖަހައި ދޮރު ހުޅުވާލައިފައި ވަދެއްޖެއެވެ. ބޭނުމަކަށް ވީ މަންމައަށް އޭނާ ހެދީ ދޮގެއްކަން ނޭންގުމެވެ.
"ސޮރީ...މާކިން. މަންމައަށް ދޮގު ހަދާފަ އައީމަ ޓަކި ނުޖަހާ މިވަނީ. މަންމަ ހީކުރާނީ އަހަރެން ގެއަށް ދިޔައީ ކަމަށް." ލިޔާމޭޒު ކައިރީ ލެޕްޓޮޕް ދަށުގައި މާކިން އިނދެފައި ބަލައިލުމާއެކު ޖަނާ ރަކިވެގެން ކިޔައިލިއެވެ. މާކިން އެވަގުތު އެއްޗެއް ނުބުނެ ބަލަން އިންދާ އޭނާ ގޮސް ކައިރިވުމުން ލެޕް ލައްޕާލިއެވެ. ޖަނާ ހައިރާނެއް ނުވެއެވެ. މާކިން އަކީ އަބަދުވެސް ނިކަން ސިއްރުވެރި މީހެކެވެ.
"މިއައީ އަނެއްކާވެސް ކިޔައިދޭށޭ ބުނަން. އޭރު ކީ އެއްޗެހި މިހާރު ނެތް ހަނދާނެއް." މާކިން ސުވާލު ކުރުމުގެ ކުރިން ޖަނާ އޮޅުންފިލުވައިދިނެވެ. އޭނާ ހީކުރި ގޮތާއި ޚިލާފަށް މާކިން އެކައްޗެއްވެސް ނުބުނެ ތެދުވެފައި އިށީންނަން ގޮނޑި ދިނުމުން ޖަނާ ވަކިން ބޮޑަށް ރަކިވިއެވެ. މާކިން ކޮޅަށް ބަހައްޓާފައި އޭނާއަށް އިށީންދެ އިންނަން ކެރޭނީ ކިހިނެތް ހެއްޔެވެ؟ ކުޑަވައި އިނގިލީގައި ދަތް އަޅައިލަމުން ޖަނާ އެނބުރިފައި ކޮޓަރިތެރެ ހޯދައިލީ އިތުރު ގޮނޑިއެއް ނަމަވެސް ހުރިތޯއެވެ. އެވަގުތު އޭނާ ސިއްސައިގެން ގޮސް ގައިގައި ހުރިއްޔާ ހުރި ލޯއްޔަށް ކޮޅަށް ހިއްލުނީ މާކިން ކުއްލިއަކަށް ދެކޮނޑުގައި ހިފައި ގޮނޑީގައި ބޭންދުމުންނެވެ. ނޭވާ ނުލެވިފައި ޖަނާ އިންދާ އެދެއަތް ކޮނޑުން ވަކިކޮށްލި ފަހުންވެސް ހީވަނީ މާކިން ހިފެހެއްޓިތަނުން ކަރަންޓްގެ ރާޅުތައް އުފެދިގެން މުޅި ހަށިގަނޑަށް އޭގެ ބާރު ފޯރުވަމުން ދިޔަހެންނެވެ.
"މިފަހަރު ކިޔައިދޭނީ ފަހަރަކު ބައެއް. އެއްބައި ނިމުނީމަ އަނެއްބައި ކިޔައިދޭނީ." މާކިން މޭޒުގައި އެއް އަތްއަޅައި ކުޑަކޮށް ގުދުވެލައިގެން އޮވެފައި ވާހަކަދައްކަން ފެށުމުން ޖަނާގެ ހިއްސުތަކަށް އިތުރަށް އުދަނގޫވިއެވެ. އެހާ ކައިރީގައި މާކިން ހުރުމުން އެޖިސްމުގެ މީރުވަސް އެކަނިވެސް ހިތާއި ކުޅެލަން މަސައްކަތް ކުރަނީއެވެ. މިވަރުން ދަންޏާ އެއްޗެއް ބޮލަށް ވަންނާނީ ކިހިނެތް ހެއްޔެވެ؟ އޭނާއަށް ނޭނގުނީ ކައިރީ ހުންނަން ޖެހުމުން މާކިންގެ ހިތަށް ވަމުންދިޔަ ގޮތެވެ. ޖަނާގެ އަމިއްލަ ހިތަށް ކުރާ ކޮންމެ އަސަރެއްގެ ދެގުނަ މާކިންގެ ހިތަށް އޭނާގެ ގާތްކަން އަސަރު ފޯރުވަމުން ދާނެ ކަމެވެ. ޖަނާ އަމިއްލަ އިހްސާސްތަކަށް ދޭނެ ނަމެއް ނޭނގިގެން އުޅޭއިރު މާކިން އޭނާގެ ލޯބީގައި ދީވާނާ ވެފައިވާތާ މިހާރު އެތަކެއް އަހަރުވެފައިވާ ކަން އެނގޭނީ ކިހިނެތް ހެއްޔެވެ؟ ފައުޅު ކުރުން އެއްކިބައިގައި އޮތްވާ މާކިން އެއީ އެލޯއްބަށް ނަފްރަތުން ފަރުދާ އެޅި މީހާއެވެ.
ކިޔައިދީ ނިމުމުން ފުރަތަމަ މަސައްކަތް ހަވާލުކޮށްފައި މާކިން ޖެހިލީ ފޯނެއް އައިސްގެން ބެލްކަންޏަށެވެ. ޖަނާ ވަރަށް ވިސްނައިގެން މަސައްކަތް ކުރަމުން ދަނިކޮށް މާކިން ހީގަތް އަޑު އިވިގެން އިނގިލިތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އޭނާ ކެތްމަދުވެފައި އެނބުރުނުއިރު ރެއިލިންގައި ބުރަކަށި ޖައްސައިގެން މާކިން އަދިވެސް ހުރީ ހީލަ ހީލައެވެ. ޖަނާއަށްވެސް އެވަގުތު ހިނިތުންވެލެވުނެވެ. މާކިންގެ އުފާވެރިކަން ދެކިފައި އެހިތް އުފަލުން ފޮޅިއްޖެއެވެ. އެހެން މީހުންނަށްޓަކައި އުފާވުމަކީ މީ ހެއްޔެވެ؟ އެހެން މީހުންގެ އުފާވެރިކަން އެއީ ތިމާގެ އަމިއްލަ އުފާކަމުގައި ވުމޭ ކިޔަނީ މިއަށް ހެއްޔެވެ؟ އެހެންނޫންނަމަ މާކިން އެ ހެނީ ކީއްވެކަންވެސް ނޭނގި އިންދާ އޭނާގެ ތުންފަތަށް ހިނިތުންވުން ވެރިވާންވީ ކީއްވެ ހެއްޔެވެ؟
"ވާހަކައެއް އަހައިލަންތަ؟" މާކިން ފޯނު ނިންމާފައި އައި އަޑު އިވިގެން ޖަނާ އެހިއެވެ. އޭނާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމިތަން ދެކެފައި ނާއިކް ކައިރިވެލީ ދެން އޮތްބައި އޮޅުންފިލުވައިދޭށެވެ. "އަހާބަލަ!" މާކިން ހުއްދަ ދިނެވެ. އޭނާ ލެޕަށް ބަލަން ފެށުމުން ޖަނާ ބަލަން އިނީ މާކިންގެ މޫނަށެވެ. "މިހާރު ދެން އެކުއްޖާއެއްކޮށް ފަސްޓް ޑޭޓްއަކަށް ގޮއްސިންތަ؟" ޖަނާގެ ސުވާލު އިވޭއިރަށް މާކިން ބަލާލައިފިއެވެ. "އަސްލު ކީއްވެތަ ޖަނާއަށް އޭނައަށް ކަމުނުދިޔައީ؟" މާކިންވެސް ކޮށްލީ ސުވާލެކެވެ. "އެއީ މައުވާ ވީމަ. އަހަންނަށް އޭނަގެ ގޮތް ރަނގަޅަށް އެނގޭތީ." ޖަނާ އޮޅުންފިލުވައިދިނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެފައި އިރުކޮޅަކުން މާކިން ބަލައިލީ އަނެއްކާވެސް ލެޕަށެވެ. "އަދި ނުދަން." މާކިން އިއްވައިލިއެވެ. ޖަނާ ބޭނުންވިއެއް ކަމަކު އިތުރަށް އެމައުޟޫއަށް ވާހަކަ ނުދެއްކީ އޭނާ މައުވާއާ ބެހޭގޮތުން ދިން ޖަވާބާމެދު މާކިން އެއްވެސް ހިޔާލެއް ފައުޅު ނުކުރީމައެވެ.
ޖަނާ ނިންމާފައި މަންމަމެނަށް ސިއްރުން ބޭރަށް ދެމިގަނެގެން ގެއަށް ދިޔައިރު ދީނާ އަކްޔަން ގޮވައިގެން ސިޓިންރޫމްގައި އިނެވެ. ދޮންތަ ހަމަ ފެނުމާއެކު އޭނާ އަކްޔަން ހަވާލުކޮށްފައި ކޮޓަރިއަށް ވަދެއްޖެއެވެ. އެނދަށް ވެއްޓިގަނެފައި އޭނާ ޗެކްކޮށްލީ ނާއިކް ފޯނު ހުޅުވައިފިތޯއެވެ. ރިންގް ވާ އަޑު އިވުމުން ފޮނިވެގެން ހީލިތަނާ ނާއިކް އެކޮޅުން ބިޒީކޮށްލައިފައި އަލުން ގުޅިއެވެ. "ހެލޯ ބޭބީ." ނާއިކްގެ އަޑުގައި ހުރީ ނިދީގެ އަސަރެވެ. އެތެދުވީ ނިދާލައިފައިކަން ކަށަވަރު ކުރަން ދީނާއަށް އެވަރު ފުދުނެވެ. ފޯނު ނިއްވާލައިގެން އެހާ ގިނައިރު އުޅުމުން ދީނާ ޅަކުއްޖެއްހެން ޝަކުވާކޮށްފައި ވާހަކަދެއްކިއެވެ. "އަހަރެން ވާހަކައެއް އަހައިލަންތަ؟ ނިކް އަހަރެން ކައިރީ ނުބުނަމެއްނު ފުރިހަމަ ނަމެއް." ވާހަކައިގެ މެދުތެރޭން ދީނާގެ އަޑަށް ސީރިއަސްކަން ގެނުވީ ޒަލަފް ދެއްކި ވާހަކަ ހަނދާންވެފައެވެ. އޭނާ ތެދުވެގެން ގޮސް ނާއިކްގެ ބެލްކަނި ފެންނާހެން ފޮތިގަނޑު ހިއްލާލައިގެން ބަލާލައިފިއެވެ. ނާއިކް ހުރީ ބެލްކަނީގައެވެ. އެކަނި ޖިންސާއެކު އެރީތި ހަށިގަނޑު އިޝްތިހާރު ކޮށްލައިގެން ހުރިއިރު މިހާރުވެސް ބެލްކަނިތަކުން ބޯދީގެން އަންހެން ކުދިންތައް ބަލާނެކަން ކަށަވަރެވެ."ނުބުނެވޭތަ؟" ނާއިކްގެ އަޑުގައި މާ ހާއްސަކަމެއް ނެތެވެ. ދީނާ ބޯ ޖަހައިލުމާއެކު ނާއިކް ފޯނުގައި ހުރެގެން އެދިމާއަށް މޫނު އަނބުރާލި ގޮތުން ހީވީ ދީނާ އެތާ ހުރިކަން އެނގިގެން ބަލައިލިހެންނެވެ. ދީނާ އެވަގުތު ނޭވާ ހިފަހައްޓާލައިގެން ހުއްޓާ ނާއިކް ޖަވާބު ދިން އަޑުން ހޭވެރިކަން ނުފިލީ ކިރިޔާއެވެ. "ނާއިކް." ޖަވާބު ދިންއިރު އެއަޑުގައި ޖެހިލުންވުމުގެ ކަންފުޅެއްވެސް ނެތެވެ. ޚުދު ނާއިކްވެސް މިހާރު އެހުންނަނީ ހަޤީޤީ ކުލަ ދައްކައިލަން ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ. ބޭނުން ކަންތައް ވުމުން މިހާރު ދެން ސިއްރު ކުރުމުގެ ބޭނުމެއް ނެތެވެ.
ނޭވާ ނުލެވިފައި ދީނާ ހުރިއިރު އެތަކެއް ހިޔާލު އޭނާގެ ސިކުނޑި ހުރަސްކޮށްފައި ދިޔައެވެ. އެއީ ދޮންތަގެ ނާއިކް ހެއްޔެވެ؟ ނޫނީ އެއީ ކޮންމެވެސް އެހެން މީހަކު ހެއްޔެވެ؟ ދުނިޔޭގައި އެއް ނަން ކިޔާ އެތައް ބަޔަކު އުޅޭއިރު އެއް ނަމެއްގައި ތަފާތު އެތައް ބަޔަކު އުޅޭނެ ވިއްޔާއެވެ. ދޮންތަގެ ނާއިކް ނަމަ އެހާ ފަސޭހައިން އެއްބަސް ނުވާނެކަން ކަށަވަރެވެ. އަދި ދޮންތަގެ ނާއިކް އެއީ އަނިޔާވެރިކަމުގައި ހައްދު ފަހަނަ އަޅާފައިވާ ފިރިހެނެކެވެ. އޭގެ ބަދަލުގައި އޭނާގެ ލޯބިވެރިޔާ އެއީ އެންމެ އޯގާތެރި އިންސާނާއެވެ. އެކަމަކު ދެން ހިތުގައި ކަށި ހަރަން ފެށީ އޭނާގެ ނާއިކްވެސް ކުރިން މީހަކާއި އިނދެ ދަރިއަކު ހުރިކަމަށް އިއުތިރާފްވެ ދައްކާފައި ހުރި ވާހަކަތަކެވެ. އެހެންވިއަސް އަދިވެސް ދޮންތަ އާއި އޭނާގެ ލޯބިވެރިޔާގެ ވާހަކަ ތަކުގައި އުޑާއި ބިމުގެ ތަފާތު އެބަހުއްޓެވެ.
"ދެން ކޮންއިރަކުން ނިކް އަހަރެންގެ ފެމެލީއާ މީޓް ކުރާނީ؟" ހިމޭންކަމުގައި ސުކޫތްކޮޅެއް ދިޔަފަހުން ނޭވާ ހަމައަކަށް އަޅުވާލައިފައި ދީނާ ސުވާލު ކުރިއެވެ. ބޭނުމަކަށް ވީ ހިތުގައި އޮތް ޝައްކު ފިލުވައިލުމެވެ. އެއީ ދޮންތަގެ ނިކް ކަމަށް ވަންޏާ މިފަހަރު އެނގިދާނެއެވެ. "ޑީ ބޭނުމިއްޔާ މިހާރުވެސް ރެޑީ ވެލައިގެން ހިނގައިދާނަން ދޮންތައާ މީޓް ކުރަން. ދާންވީތަ؟" ނާއިކް ހަމަޖެހިލާފައި ރައްދުދިނެވެ. "އުހު މިހާރަކު ނޫން. ފުރަތަމަ އަހަރެން ޖެހޭނެ ދޮންތަ ގާތު ނިކްގެ ވާހަކަ ކުޑަކޮށް ބުނެލަން. ދެން ހަމަ ހުރެލާފަ އައީމަ ކަމަކު ނުދާނެ. ރަނގަޅު ވަގުތަކުން ޑިނަރއަށް ނަމަވެސް އަންނާނީ. އަންގާލާނަން ވަގުތެއް." ދީނާ ވިސްނާލައިފައި ރާވައިލިއެވެ. ނާއިކް އެގޮތާއި ރުހުމުން އޭނާ ފޯނު ބާއްވާފައި ނިކުތްއިރު އަދިވެސް ހިތުގެ ތެޅުން މަޑެއް ނުވެއެވެ. ދޮންތަ ކުރިމައްޗަށް ނާއިކް ގެނައުމުގެ ކުރިން ދެން ކުރަން އޮތް ކަންތައް ހިތަށް އަރުވާލައިފައިވެސް އޭނާ ޖެހިލުންވީ މިހެންނަކުން ނޫނެވެ.
ދީނާ ވަރަށް ހިތްވަރުން ބޯއިފްރެންޑެއް ހުންނަ ވާހަކަ ޖަނާ ކައިރީ ބުނީ ޖެހިގެން އައި ދުވަހެވެ. ބަންދު ދުވަހަކަށް ވުމުން ހެނދުނުއްސުރެ ދެބެން އުޅުނީ ގޭގައެވެ. މެންދުރު ކައްކަން އުޅެފައި ދީނާ ހަމަ ކުއްލިއަކަށް ބުނީއެވެ. ކިޔާ ނަމެއް އޮޅުންފިލުވައިދޭން އެދުމުން ދީނާއަށް މަޖުބޫރުވީ ނަމެއް ހަދާލާށެވެ. އޭނާ ބުނީ ކިޔަނީ އަހުމަދެއް ކަމަށެވެ. އެނަން އިވުނަސް ދޮންތަ ބިރުން ހޭ ހުސްވެދާނެ ކަމަށް ގަބޫލު ކުރެވުނީއެވެ. ޖަނާގެ ހުއްދަ ލިބުމުން ދެމީހުން ވެގެން ނާއިކްއަށް ކެއުން ތައްޔާރު ކުރީ ރޭގަނޑަށެވެ. ކޮއްކޮގެ ލޯބިވެރިޔާ އާއިލާގެ މީހަކާއި ބައްދަލު ކުރަން އެދޭކަން ފައުޅުވުމުން ޖަނާ ބޭނުންވީ މަންމަމެންނަށް ނާންގައި ފުރަތަމަ އޭނާ އެމީހަކާއި ބައްދަލު ކުރާށެވެ. މަންމަގެ ކަންފަތާއި ހަމައަށް ވާހަކަ ގެންދާނީ އޭނާއަށް ކަމުހިނގައްޖެ ނަމައެވެ. ކޮއްކޮ ފަހަކަށް އައިސް މާ ސިއްރުވެރިކޮށް އުޅުނު ސަބަބު އެނގުމުން ޖަނާ ހިތްހަމަ ޖެހުނެވެ. ދީނާ އަމިއްލައަށް އެވާހަކަ ކިޔައި ދިނުމުން އޭނާ ހުރީ ހަމަޖެހިފައެވެ.
މާކިން ކުއްލިއަކަށް ހަނދާންވެގެން ޖަނާއަށް ގުޅާފައި ޒަލަފް ދެއްކި ވާހަކަ ކިޔައިދިންއިރު ޖަނާ ހުރީ ނާއިކްއާ ބައްދަލު ކުރަން ހުރިހާ ތައްޔާރީއެއް ކޮށްފައެވެ. އޭނާ ހަމައެކަނި ހިތްހަމަ ނުޖެހުނީ ކޮއްކޮ އެގެއިން ނިކުތް ވާހަކަ މާކިން ބުނީމައެވެ. ކޮންމެ ގޮތެއްވިއަސް މިހާރު ދެން އެމީހަކު ފެންނަނީއެވެ. އެކަން ކަމާއި ބެހޭގޮތުން ވާހަކަ ދެއްކިދާނެއެވެ.
"މާކް. ފޯނު ބާއްވަނީ އިނގޭ. ބެލް ޖަހާ އެބަ. ދީނާގެ ބޯއިފްރެންޑް އައީ ކަންނޭނގެ." ޖަނާ ފޯނު ބާއްވާފައި ދޮރު ހުޅުވަން އެދިމާއަށް ދިޔައިރު ދީނާ އަދި ތައްޔާރުވެގެން ނުއެއް ނިކުމެއެވެ.