ޖޯޝުން ފުރިގެންވީ އަޑަކުން ފަހު ބަސް އިއްވާފައި ޖަނާ ދާން އެނބުރިލުމުން މާކިންއަށް ހީވީ އޭނާގެ މޫނުމަތީގައި ޖަނާ މުށްކަވާފައި ޖެހިހެންނެވެ. މޫނުމަތިން ތަރި ބުރައިގެންދިޔަ ފަދަ އިހްސާސެއް ކުރެވިފައި ލޮލަށް ޖަމާވި ކަރުނައިން މަންޒަރު ފުސްވެގެން ދިޔައިރު ފެނުނީ ޖަނާ ދޮރު ހުޅުވާލައިފައި ނިކުމެގެން ދިޔަތަނެވެ. ދެލޯ ތަގުޅިކޮށްލުމާއެކު މުށްކަވައިލި އަތްތިލަ ގެނެސް ނިއްކުރީ ޖައްސާ ބާރުކޮށްލައިގެން އޭނާއަށް ހުރެވުނީ އިތުރަށް ލޯ ހުޅުވަން ބޭނުން ނުވެފައެވެ. މީގެ ކުރިން އެއް ފަރާތުން ޖަނާދެކެ ލޯބިވިއިރުވެސް މިހާ އަނިޔާއެއް ހިތަކަށް ނުވެއެވެ.
އެނބުރި ދިޔައިރު އެންމެން ތިބީ ހަވީރު ސަޔަށް އިންސާފު ކުރާށެވެ. އެންމެން އަކްޔަންގެ ވާހަކައަށް ޝައުޤުވެރިވެފައި ތިބުމުން ޖަނާ އަޑު އަހައިލިއިރު އަކްޔަން ކިޔައިދެމުން ދިޔައީ ސުކޫލް އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ވާހަކައެވެ. އަލަށް އިތުރު ހަރަކާތްތަކުގައި ބައިވެރި ވެވުމުން އަކްޔަން ހުރީ ނިކަން އުފާވެފައެވެ. ޑްރާމާއެއްގެ ބަޔަކާއި އިތުރަށް ލަވައެއް ހުށައަޅައި ދިނުމަށްވެސް އަކްޔަން ދަނީ ތައްޔާރު ވަމުންނެވެ. ދަރިފުޅުގެ މި އުފާވެރި މިޒާޖު ފެނުމުން ހިނދުކޮޅަކަށް ނަމަވެސް ޖަނާގެ ނުތަނަވަސްކަން ފިލާ ދިޔައެވެ. އޭނާ ލޯބިން ފުރިގެން ވީ ބެލުމަކުން ބަލައިލާފައި އެފަން އިސްތަށިކޮޅުގައި ފިރުމައިލިއެވެ.
"ދެން ކޮންބަޔަކަށްތަ ތި ހަރަކާތްތައް ބަލައިލަން ހޯލަށް ވަދެވެނީ؟" ފަޔާޒް އޮޅުންފިލުވަން ބޭނުންވިއެވެ. "ކޮންމެ ކުއްޖެއްގެ ފަރާތުން ދެ ޓިކެޓް ހިލޭ އިންނަނީ. އިތުރަށް ވަންނަން ބޭނުން މީހުން ޓިކެޓް ގަތީމަ ވަދެވޭނެ." ޖަނާ އެކަން އޮންނަ ގޮތް ކިޔައިދިނެވެ. ފަޔާޒް ހިނިތުންވެފައި ޔަޤީންކަން ދިނީ ކޮންމެ އަގެއް ދީގެންވެސް އެންމެން އަކްޔަންގެ ޝޯވ ބަލަން ދާނެ ކަމުގައެވެ.
އިތުރަށް މަހެއް ފާއިތުވެގެން ދިޔައީ ނިކަން އަވަހަށެވެ. ޖަނާ އަވަދިނެތި އުޅުނީ އަކްޔަން އަހަރީ ދުވަހަށް ތައްޔާރު ކުރުމުގައެވެ. ރެސްޓޯރެންޓުން ނިންމާފައި ހަވީރުގެ ވަގުތު ކޮންމެ ދުވަހަކު ކަމަކަށް އޮންނަނީ އަކްޔަން ޕްރެކްޓިސްއަށް ގެންދިއުމާއި ގެއަށް ގެނައުމެވެ. ރޭގަނޑު ލިބޭ ވަގުތުކޮޅު ނައިޓް ކުލާހަށް ގޮއްސައި ފިލާވަޅު ތަކައިގެން މަޝްއޫލު ވުމުގައެވެ. މާކިން ފެންނަ ހިސާބަށް ނުދާންވެގެން އޭނާ ލިބޭ މަދު ދުވަހެއްގައިވެސް މަންމަ ގެއަކަށް ނުދެއެވެ. ބައެއްފަހަރު ދީނާއާ ދެމީހުން އެގެއަށް ފޮނުވިއަސް އިރު އޮއްސެން ވާއިރަށް ގުޅައިގެން ގެއަށް ގެނެއެވެ. ޖަނާގެ މޫނު ނުފެނިގެން ޝަރުމީލާއަށްވެސް ޖެހުނީ އެގެއަށް އަންނާށެވެ. އަރާމެއްނެތި އެހާ ވަރަށް މަސައްކަތުގައި އުޅެން ނުވާނެ ކަމަށް މަންމަ ނަސޭހަތްލައި ދިނުމުން ޖަނާ ހިނިގަނޑެއް ޖަހައިލިއެވެ. އޭނާ ހުސް ވަގުތު އެގެއަށް ނުދިޔަސް ގޭގައި އޮވެ އަރާމު ކުރާ ވާހަކަ ބުނެލިއެވެ.
އާދައިގެ މަތިން ހެނދުނު ޖަނާ ރެސްޓޯރެންޓަށް ދިޔައިރު ރަފާހް ހުއްޓިނުލާ ދެކޮޅަށް ހިނގަމުން ފޯނުން ވާހަކަތަކެއް ދައްކާތީ ފެނުނެވެ. ތޫބާވެސް ފެންނަން ނެތުމުން ޖަނާ ގޮސް މޭޒުތައް ފުހެ އެތަން ކުނިކަހާލައިފައި ރަފާހްގެ ވާހަކަ އަޑުއަހާލަން މަޑުކޮށްލުމުން އެނގުނީ އެވާހަކަ ދައްކަނީ ހުމާއަށް ގުޅައިގެން ކަމެވެ. ރަފާހް ހުމާ ރުއްސަން ކުރަމުންދިޔަ މަސައްކަތުގެ ފޮނި ނަތީޖާއެއް އަދިވެސް ނުނިކުންނަނީއެވެ. ބަލަން ހުރެލާފައި ޖަނާ ގޮސް ރަފާހް ކުރިމަތީ ހުއްޓި ފޯނު ދޭށޭ ބުނުމުން ރަފާހްއަށް އަތް ތިރިކޮށްލެވުނެވެ. އޭނާ ދެފިކުރެއްގައި ހުއްޓާ ޖަނާ ފޯނު އަތުލައިގެންފައި ކަންފަތުގައި ޖަހާލިއިރު އެކޮޅުން ހުމާ ރޯއަޑު އިވިގެން ދިޔައެވެ. "ހުމާ!" ޖަނާ ގޮވާލުމުން އެރުއިމަށް ކުއްލި މެދުކެނޑުމެއް އައެވެ. "ހުމާ ވަޓް އިޒް ރޯންގް ވިތް ޔޫ. އަހަރެން މިހުންނަނީ ވަގުތާއެކު ހުމާއަށް ވިސްނޭނެކަމަށް ނިންމައިގެން އަޅައިނުލާން. އެކަމަކު މިހާރު މަހެއްވީއެއްނު ގެއިން ނިކުތް ފަހުންވެސް. ރަފާ އެއީ އަހަރެންގެ ކުށްވެރިއަކަށް ވާއިރު އަހަރެން މިއަދު މޫވްއޮން ކުރަން ގަސްތުކޮށްގެން ރަފާ ކުރިމަތީ އުޅޭއިރު ހުމާއަށް ކީއްވެ މާޒީ ހަނދާން ނައްތާ ނުލެވެންވީ؟ ވިސްނާބަލަ ބަނޑު އޮތް ދަރިފުޅާ ދޭތެރޭ. ހުމާ ގޮތްދޫ ނުކުރަން އުޅެގެން ހުރިހާ ގެއްލުމެއް ލިބޭނީ އެދަރިފުޅަށޭ. ބޭނުންތަ ކުށެއް ނެތް މައުސޫމު ކުއްޖަކަށް ހުރިހާ ދެރައެއް ލިބެން؟" ޖަނާ އެކުވެރިޔާއަށް ވިސްނަދޭން އެއްފައްޗަކަށް ސުވާލުތައް އަމުނާލައިފައި ބަލާލިއިރު ރަފާހް ހުރީ ފެންކަޅިވެފައެވެ. އެވަގުތު އޭނާ ހަތަރުކަޅި ހަމަކޮށްލުމުން ރަކިވެގެން އިސް އޮބައިލާފައި ގޮސް ކައުންޓަރުގައި އިށީންދެލިއެވެ.
"ހޫމ... އަހަރެން ގެއަށް ދާން ތައްޔާރު ވަނީ މި." ހިމޭންކަމުގައި ދެތިން މިނިޓްހާއިރު ހުރެފައި ހުމާ މަޑުމަޑުން އިއްވައިލިއެވެ. "ތޭންކްސް ހުމާ. ތޭންކްސް އެލޮޓް." ވީ އުފަލުން ޖަނާ ބާރު ބާރަށް ކިޔައިލިއިރު ރަފާހްވެސް އިސްއުފުލައިލިއެވެ. "ދޭ އަވަހަށް އޭނަ ބަލާ. ބުނީ މި ތައްޔާރުވަނީއޭ. އަހަރެން މިތަނުގައި ހުންނާނަން." ޖަނާ ފޯނު ތިރިކޮށްލާފައި ރަފާހްއަށް ބަލައިލުމުން އޭނާ ފުންމައިގެން ތެދުވެފައި އަވަސް އަވަހަށް ދޮރާއި ދިމާއަށް ދިޔައިރު ދެއަތް ޖޯޑުކޮށް މޭގައި ޖައްސައިލެވުނެވެ. ރަފާހް އެވަގުތު ދޮރާއި ހަމައިން ހުއްޓިފައި ކުއްލިއަކަށް އެނބުރި ބަލައިލުމުން ޖަނާ ސަމާލުވެލައިފިއެވެ. "އަހަރެންނަށް އިނގޭ ޝުކުރު އަދާކޮށްގެން ޖަނާގެ އިހުސާންތެރިކަން އަދާކޮށް ނުނިމޭނެކަން. އެހެންވީމަ އަހަރެން ފުރުސަތު މިދެނީ ޖަނާ ކަމަކަށް ބޭނުންވާ ދުވަހަކުން، އެއީ ކިތަންމެ ބޮޑު ކަމެއް ވިއަސް ޖެހިލުމެއްނެތި އަހަރެން ކައިރިން އެހީއަށް އެދެން." ރަފާހްގެ ޖުމްލަ ނިމޭއިރަށް ޖަނާ ހިނިތުންވެލައިފައި "ޔަޤީން"އޭ ބުނެލުމުން ރަފާހް ތުންފަތަށްވެސް ހިނިތުންވުން ވެރިވިއެވެ. އޭނާ ބޯ ޖަހާލައިފައި ނިކުމެގެން ދިއުމުން ޖަނާ ފުން ނޭވައެއް ދޫކޮށްލިއެވެ.
އިރުކޮޅަކުން ތޫބާ އައިސް ދެމީހުން މަސައްކަތުގައި މަޝްއޫލުވެ އުޅެނިކޮށް ހުމާމެން އަތުވެއްޖެއެވެ. ޖަނާ އުފަލުން އަވަހަށް ގޮސް ހުމާގެ ގައިގައި ބައްދާލައިފައި މަރުހަބާ ކިޔެވެ. ރަފާހް ހިނިއައިސްފައި ބަލަން ހުރީ ދުރުގައެވެ. ރަފާހް ލޯބިން ހުމާއަށް މަސައްކަތް ނުޖައްސަން އަރާމު ކުރަން އަންގާފައި އޮތްވާ ހިމޭނުން ނޯވެވިގެން ނިކުމެ އުޅުނު ގޮތް ޖަނާއަށް މަޖާވިއެވެ. ހުމާ ހިކިކަމުން ތިން މަހުގައިވެސް ބަނޑުން އެނގެން ފަށައިފިއެވެ. ހުމާ ބުނީ އޭނާއަށް އެނގުނީވެސް ދެމަސް ފުރުނު ފަހުން ކަމަށެވެ. ކުރިން އެންމެ ރީތިވެގެން ލީ ހެދުންތައް ބާރުވެ އެޝަކުވާ ކުރުމުން ޖަނާ ހުށައެޅީ ރޭގަނޑު ދެމީހުން ބާޒާރުކޮށްލަން ދިއުމަށެވެ. ޖަނާވެސް އެހުންނަނީ އަކްޔަންއަށް ބޭނުންވާ ބައެއް އެއްޗެހި ހަމަކޮށްލަން ދާންވެފައެވެ.
އެރޭ ދެއެކުވެރިން ބާޒާރަށް ނިކުމެ އުޅެފައި އަންނަން ވެގެން ކާރަށް އެރި ހިސާބުން ހުމާ ބަނޑުހައިވެއްޖެއެވެ. ގެއަށް ގޮސް އެއްޗެއް ތައްޔާރު ކުރުމުގެ ބަދަލުގައި ހުމާ ބޭނުންވީ ރެސްޓޯރެންޓެއްގައި އަރާމުގައި އިނދެކަން ކާށެވެ. އެކުވެރިޔާ އިން ހާލަށް ވިސްނާފައި ޖަނާއަށް ދެކޮޅެއް ނުހެދުނެވެ. އެމީހުން ރެސްޓޯރެންޓަށް ވަދެ ހުސް މޭޒެއް ހޯދައިގެން އިށީންދެފައި ހުމާ އޯޑަރ ދިން އެއްޗެހި ގިނަކަމުން ޖަނާ އިނީ ލޯބޮޑުވެފައެވެ. އެހުރިހާ އެއްޗެއް ގެނެސްގެން ނުކެވޭނެ ކަމަށް ބުނީމައިވެސް ޤަބޫލެއް ނުކުރިއެވެ. ދެން ޝަކުވާ ކުރަން ފެށީ ކާއެއްޗެހި ލަސްވެގެންނެވެ.
"ހުމާއަށް އިނގޭތަ ހުމާ މިހާރު އެންމެ ވައްތަރީ ކާކާކަން؟" ޖަނާ ހެމުން ސުވާލު ކުރުމުން ހުމާ އެއީ ކާކުތޯ އަހާލައިފިއެވެ. "ކުޑަ ކުއްޖަކާ." ޖަވާބުދިން ވަގުތު ޖަނާގެ މެއަށް ފިނިވެގެން ދިޔައީ ހުސްކޮށް ހުރި ދެގޮނޑީގައި އިށީންދެލި ޒަލަފްއާ މާކިން ފެނިފައެވެ. އެދެމީހުން ރެސްޓޯރެންޓަށް ވަންތަނުން ޖަނާމެން ފެނިގެން ޒަލަފް ބާރުއެޅުމުން މާކިން ބޭނުންވިއަސް ދެކޮޅު ހަދަން ނުކެރުނީއެވެ. "ދެމީހުން އެކަނި ކާލަން އަންނައިރު އަންގާނުލައޭ ދޯ. ހުމާވެސް ބަލާބަ ރަފާ ގޭގައި ބައިންދާފަ ބޯއިޒް ހަންޓަށް އައިސް އިންވަރު." ޒަލަފް ދިމާކޮށްލުމުން ހުމާ އަނގަ ހަދާލައިފައި ބަނޑުބޮޑުކަން ހަނދާންކޮށްދިނުމުން ޒަލަފް ރަކިވެއްޖެއެވެ. "އޭ ސޮރީ އިނގޭ އެކަން ހަނދާން ނެތުނީ. އަނެއްކާ ބޭބީއަށް އަޑު އިވޭނެތަ މިހާރު؟" ޒަލަފް އަވަހަށް މަޢާފަށް އެދުނެވެ. "އަދި ނީވޭނެ ކަންނޭނގެ. ގޫގަލްކޮށްލާފަ މައުލޫމާތު ހޯދަން ޖެހޭނީ." ހުމާ ސީރިއަސްވެފައި ޖަވާބު ދިންއިރު ޖަނާ ފޯނު ނަގާފައި ކޮއްކޮއަށް މެސެޖްކޮށްލީ ކާންއިން ވާހަކައެވެ. އޭނާ ފޯނުން ނަޒަރު ވަކިކޮށްލާފައި އިސްއުފުލާލި ވަގުތު މާކިން ބަލަން އިނުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އޭނާ އަވަހަށް ނަޒަރު ބަދަލުކޮށްލީ ހުމާގެ މޫނަށެވެ.
"އަސްލު އަހަރެން ވަރަށް ޖޭވެފަ މިހުންނަނީ ހުމާމެން ދެމީހުންދެކެ. އަހަންނަށް ހީވަނީ އަހަރެން މިހެން ހުއްޓާ ތިދެމީހުން ފުޓްބޯޅަ ޓީމެއް ހަމަ ކުރާނެހެން. މަޑުޖައްސައެއް ނުލެވޭނެތަ؟ އެއިރުންނެއްނު ތިމީހުންގެ ދަރިއަކާ އަހަރެންނަށް ލިބޭ ދަރިއަކާ ވެޑިން ހަމަޖެއްސޭނީވެސް." ޒަލަފް ސަމާސަ ކޮށްލިއިރު ސިއްރުން ބަލައިލީ ޖަނާއަށެވެ. ޒަލަފްގެ ބޭނުމަކީ އޭނާއަށް އިއްވުންކަން އިހްސާސްވެގެން ޖަނާއަށް ދަތް އަޅައިލެވުނީ ތުންފަތުގައެވެ. އޭނާ އަނެއްކާވެސް ފޯނާއި ކުޅޭކަމަށް ހެދުނީ ހާސްކަން ފޮރުވުމަށެވެ.
"އުހު. ފުރަތަމަ އަހަރެންނަށް ލިބޭ ގާރލްއަކާ އަކްޔަންގެ ވެޑިން އިންނާނީ. ދޯ ޖާން." ހުމާ ދޯދިން ވަގުތު ކޮނޑުގައި އަތް ބާއްވާލުމުން ޖަނާ ސިއްސައިގެން ގޮސް ފޯނު ވެއްޓުނީ ތިރިއަށެވެ. "އޯހ ސޮރީ." ފޯނު ގޮސް ތިރިއަށް ޖެހުނުތަން ދެކެފައި ހުމާ ދެރަވެގެން ކިޔައިލިއެވެ. "އެއީ އެވަރު ކަމެއް ނޫން." ޖަނާ ގުދުވެ ފޯނު ނަގާފައި ހިނިތުންވެލިއެވެ. ވޭޓަރު ކާއެއްޗެހި ގެނެސް އަތުރާލިއިރު ޒަލަފްމެން އޯޑަރ ދިން ކޮފީވެސް ގެނެސްދިނެވެ. "ހުމާގެ ބަނޑެއްތަ ކަނޑެއްތަ ތިއޮތީ؟" ޒަލަފް އެވަގުތުވެސް ހުމާއާ ދިމާކޮށްލިއެވެ. ޖަނާވެސް ޒަލަފްއާ ބައިވެރިވެގެން ހީހީފައި މެދުކަނޑާލެވުނީ މާކިން ބަލަން އިންތަން ފެނިފައެވެ. މާކިން އެތާ އިށީންނީއްސުރެ އަނގައިން ބަހެއް ނުބުނި ތާނގައި އެންމެފަހަރަކު ހިނިތުންވެސް ވެނުލައެވެ.
ކެއުމުން ނިމިގެން ޒަލަފް ކާރުގައި ދެމީހުން ގެއަށް ލައިދޭން ދިޔައިރު މާކިންވެސް ޑްރައިވަރާއި ޖެހިގެން ހުރި ސީޓުގައި ހިމޭނުން އިނެވެ.
"ޒަލަފް ކޮންއިރަކުން ފްރީވާނީ؟ އަހަރެން އެބަޖެހޭ ބައްދަލު ކޮށްލަން." ރެސްޓޯރެންޓް ކައިރިއަށް ކާރު މަޑުކޮށްފައި ހުމާ ފޭބިފަހުން ޖަނާ ވާހަކަދެއްކިއެވެ. "ކޮންއިރަކުން ފްރީ ވާންވި؟" ޒަލަފް އެނބުރިފައި ދިން ޖަވާބުން ޖަނާ ގާތަށް ހިނި އައެވެ. "ތޭންކްސް. އެކަމަކު މާދަމާ ރޭގެ ފަހުން ބޭނުމީ. މާދަމާ ރޭ އަކްޔަންގެ ޝޯވ އޮންނާނެ." ޖަނާ އޮޅުންފިލުވައިދިނެވެ. "ޖާން ތައްޔާރުވެފަ ގުޅާއިރަށް އަހަރެން ހުންނާނީ އައިސް." ޒަލަފް ޔަޤީންކަމާއެކު ބުނެލިއެވެ. ޖަނާ ބޯ ޖަހާލައިފައި ފައިބައިންގެން ދަމުން މާކިންއަށް ނަޒަރެއް ދިންއިރު އިނީ ބަލަހައްޓައިގެންނެވެ. ޖަނާ ވަގުތުން މޫނު އަނބުރައިލީ އަނެއްފަރާތަށެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހޭލައިގެން އަކްޔަން ކަމަކީ ފަހަރަކު މީހަކަށް ލަވަ ކިޔައިދިނުމެވެ. ޖަނާ ނާސްތާއް ތައްޔާރު ކުރަން އުޅުނުއިރު ދެފަހަރުމަތިން ކިޔައިދިނެވެ. އެއަށްފަހު ދީނާއަށް ލަވަ ކިޔައިދީފައި އެންމެފަހުން މަންމަ ފޯނަށް ގުޅައިގެން އެގޭ މީހުންނަށްވެސް ކިޔައިދޭ އަޑު އިވުނެވެ. ދަރިފުޅު ކަމާވެގެން އުޅުނު ގޮތް ބަލަމުން ޖަނާ އިރުއިރުކޮޅާ ހިނިތުންވެލައެވެ.
ހަވީރު އަކްޔަން ތައްޔާރުކޮށްގެން ޖަނާ ދިޔައިރު ދީނާ އަދި ހުރީ ތައްޔާރު ވާށެވެ. ފެށުމުގެ ކުރިން ކުދިން ތައްޔާރު ކުރުމުގައި ޖަނާ ބައިވެރިވެގެން އުޅޭތީ އޭނާއަށް ކުރިން ދާން ޖެހުނީއެވެ. ފުރަތަމަ އައިޓަމްއަށް އަކްޔަން ހެދުން އަޅުވާފައި ލޯގަނޑު ބަލައިލުމުން ތައުރީފުން ޖަނާގެ ހިތް ބަންޑުންވިއެވެ. ރަސްކަލެއްގެ ހެދުމުގައި ތުއްތު އަކްޔަން ރީތިކަމުން ބަލަހައްޓައިގެން ހުންނަހާ ވެއެވެ. ފަންއިސްތަށިކޮޅު ދިގުކޮށް އޮންނާތީ ކެރެކްޓަރ އާއިވެސް ގުޅެނީ މާބޮޑަށެވެ. ވަގުތު ކައިރިވުމުން އޭނާ ފޮތިގަނޑު ދުރުކޮށްލާފައި ބަލައިލިއިރު ބައެއް ބެލެނިވެރިން ތިބީ ގޮނޑިތަކުގައި އިށީންދެގެންނެވެ. ޖަނާ އަކްޔަންއަށް ހިތްވަރުދީފައި ނިއްކުރީގައި ބޮސްދިނުމަށްފަހު އޭނާއަށް ހާއްސަކޮށްފައިވާ ގޮނޑި ކައިރިއަށް ގޮސް އިށީންދެ ދީނާއަށް މެސެޖް ކުރިއެވެ. ޖެހިގެން ހުރި ގޮނޑީގައި އިންނަން ޓިކެޓް ކޮޅު ދީފައިވީ ދީނާ އަތަށެވެ. އެކަމަކު ގޮނޑިތައް ފުރި ނިމެން ކައިރިވީއިރުވެސް ދީނާގެ ޚަބަރެއް ނުވިއެވެ.
"ހޭއި ދޮންތި. އަހަރެން މިއިނީ އައިސް." އިރުކޮޅަކުން ދީނާ ޖަވާބު ފޮނުވާފައި ލިޔެފައި އޮތީ މިހެންނެވެ. ޖަނާ ހައިރާންވެފައި އިނދެގެން މެސެޖްކިޔާ ނިންމާލިތަނާ ޖެހިގެން ހުރި ގޮނޑީގައި ދީނާ އިށީންދެއްޖެއެވެ. "ކޮބާ މަންމަމެން؟" ޖަނާ ސުވާލު ކުރުމުން ދިނާ އިޝާރާތުން ދެއްކިއެވެ. ޝޯވ ފެށި ނަމަވެސް ޖަނާ އެނބުރިފައި އެދެމީހުންނަށް ނަޒަރެއް ދިނެވެ. އެނބުރި ސްޓޭޖާއި ކުރިމަތިލީ ވަގުތު ހިތަށް ފިނިވެގެން ދިޔައީ ކީއްވެ ކަމެއް ނޭނގުނެވެ. ޖަނާއަށް ވިސްނުނީ އޭނާ އެނބުރި ބެލި ބެލުމުގައި ކޮންމެވެސް އާދަޔާ ޚިލާފު ކަމެއް ފާހަގަ ކުރެވުނީ ކަމަށެވެ. ޔަޤީން ކުރަންވެގެން އަދި އެއްފަހަރު އެނބުރި ބަލައިލުމާއެކު ހިތް ތެޅިގަތީ ބިރުގަންނަހާ ބާރަށެވެ. ޖަނާއަށް ފެނުނީ ހޯލުގައި ހުރި ގޮނޑިތައް ފުރިގެން ކޮޅަށް މަޑުކޮށްލައިގެން ތިބި މީހުންގެ ތެރޭގައި މާކިން ހުއްޓައެވެ.ދެވަނަ ފަހަރަށް ސްޓޭޖަށް ނަޒަރު ހުއްޓާލިއިރު މުޅި ހަށިގަނޑުން ހީބިހި ނަގައިފިއެވެ. މާކިން އެހެން އެކަކަށްވެސް ނޭނގި އެޝޯވ ބަލަން އައުމުގެ ފަހަތުގައި ވަނީ ކޮން ސަބަބެއް ހެއްޔެވެ؟ އަނެއްކާ މާކިންއަށް އަކްޔަންގެ މައުލޫމާތު އެނގުނީ ހެއްޔެވެ؟
"ކިހިނެތްވީ؟" ޖަނާ ވިސްނަން އިނދެގެން ދެފަރާތަށް ބޯ ހޫރާލިތަން ފެނިގެން ދީނާ އެހިއެވެ. ކަމެއް ނުވެއޭ ބުނުމުގެ ގޮތުން އޭނާ އަނެއްކާވެސް ބޯ ހޫރާލައިފައި ސްޓޭޖަށް ސަމާލުކަން ހުއްޓާލެވޭތޯ މަސައްކަތް ކުރިއެވެ. ޝޯވ ފެށިގެން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އަކްޔަންމެންގެ ޑްރާމާ ކުރިއަށް ދާން ފެށުމުން އެންމެން ޝައުޤުވެރިވިއެވެ. ރަސްކަމުގެ ދަރުބާރުގައި އަކްޔަން އިންދާ ފެނިގެން ދީނާ އަތް ތަޅައިގެންފައި ކޮޅަށް ތެދުވިތަނާ އެންމެން ބަލަން ފެށިއެވެ. ޖަނާ ލަދުން އިސްޖަހާލައިފައި ދީނާ އަތުގައި ހިފާ ބޭންދިއިރު ދީނާވެސް އިނީ ފާޑަކަށް ރަކިވެގެން ތުންފަތުގައި ދަތް އަޅާލައިގެންނެވެ. "މީހުން ކީއްވެތަ މަށަށް ބަލަނީ؟ ސްޓޭޖް ޝޯވ ބަލަން އައިސް ސްޓޭޖްއަށެއްނު ބަލަން ޖެހޭނީ." ދީނާއަށް ކުށްވެރިވީ އާންމުންގެ މީހުންނެވެ. އޭނާ ހަށަން ބަނދެލައިގެން އިނދެ ދަތްކުނޑި ވިކާފައި އަކްޔަންގެ މޫނު ފެނުނުއިރަށް އަނެއްކާ ހުރިހާ ދަތެއް އެކީ ދައްކާލައިފިއެވެ.
"ދީނާ ދޮންތަ އަކްޔަން ގޮވައިގެން ނިކުންނާނަން. ދީނާ ދޭ މަންމަމެން ގޮވައިގެން ބޭރަށް ނިކުންނަން." ޝޯވ ނިމުމުން ކުދިންކޮޅު އެތެރެއަށް ވަނުމާއެކު ޖަނާ ތެދުވީ އަކްޔަން ކައިރިއަށް ދާން ވެގެންނެވެ. އޭނާ ކުދިންގެ ތައްޔާރީގައި އުޅޭ މީހަކަށް ވުމުން ދިޔައެއް ކަމަކު އެހެން މީހުން ތިބި ގޮތަށް ތިއްބެވެ. އޭރު މާކިންވެސް އެހުރި ތަނުން ނިކުމެގެން ބެކްސްޓޭޖާ ދިމާއަށް ދާން ނައްޓާލީއެވެ. ޖަނާ ކުރީގައި ހުރެފައި މާކިން ފަހަތުން ގޮސް ކިރިޔާ ހަމަ ނުވެ އުޅެނިކޮށް ފޯނު ރިންގް ވެގެން ބަލައިލާފައި ހުއްޓުނު ވަގުތު މާކިންއަށް ނޭނގި ކުރި އަރައިގެން ދިޔައެވެ. "ހަލޯ." ޖަނާ ޒަލަފްގެ ފޯނަށް ޖަވާބުދީފައި އަނެއްފަރާތަށް އެނބުރުނީ މާކިން ދޮރު ހުޅުވާލަން ހުއްޓުނު ވަގުތެވެ. އެހެންވެ ދެމީހުންކުރެ އެކަކަށްވެސް އަނެކަކު ފެންނަ ވަރެއް ނުވިއެވެ.
"އަކްޔަން...!" ދޮރު ބަލަހައްޓަން ހުރި މީހާ ފަރާތުން ހުއްދަ ލިބިގެން ވަދެ އެތެރޭގައި އެއްވެފައި ތިބި ކުދިންތަކު ތެރެއިން އަކްޔަން ފާހަގަ ވުމުން މާކިން އެދިމާއަށް ގޮސް އަކްޔަން ނަގައި އުރައިލިއެވެ. "ހާދަ މޮޅޭ. ސޯ ޕްރައުޑް އޮފް ޔޫ ބޭބީ." މާކިން އަކްޔަން ކޮލުގައި ވަސްގަނެލާފައި ބޯ ހަޑިކޮށްލިއެވެ. "ދެން ކޮބާ ހަދިޔާ؟" އަކްޔަން އުފާވެފައި އިނދެގެން އަތް ދިއްކޮށްލުމުން މާކިން ހިނިއައިސް ހުރެގެން ޖީބުން ނެގި ޗޮކްލެޓެއް ދައްކާލައިފައި އަކްޔަން އަތުލަންވާއިރަށް ދުރަށް ޖައްސާލިއެވެ. އޭނާ އިޝާރާތުން އެންގީ ކޮލަށް ދޮނެއް ދިނުމަށެވެ. އަކްޔަން އެވަގުތު ޗޮކްލެޓްގެ ބޭނުމުގައި މާކިން ކޯތާފަތުގައި ޖެހިޖެހިގެން ތިންފަހަރު ބޮސްދީފައި ދުރަށް ޖެހިލައި އަނެއްކާ އަތް ދިއްކޮށްފިއެވެ. "ގުޑްބޯއި." އަކްޔަން އަތަށް ޗޮކްލެޓް ދެމުން މާކިން ކިޔައިލިއެވެ. އޭނާ ހިނި އައިސް ހުރެގެން އަކްޔަން ތިރީގައި ބަހައްޓާފައި ހިންދެމިލުމާއެކު ދޮރުން ވަން ޖަނާ ފެނިފައި ދެމީހުން ސިހިއްޖެއެވެ.
"މަންމީ...!" އަކްޔަންއަށް ޖަނާ ފެނިގެން ދުވެލާފައި ގޮސް ދެފައިގައި އޮޅުލައިގަތުމުން ޖަނާއަށް މަޖުބޫރުވީ އެދަރިފުޅާ ވާހަކަދައްކާށެވެ. މާކިން ހިފީ އެފުރުސަތުގެ ބޭނުމެވެ. އޭނާ އަވަހަށް ހިނގައިގަނެފައި ގޮސް ދޮރާއި ހަމަވީތަނާ ފަހަތުން މީހަކު ގޮވާލުމުން ޖަނާވެސް ދިޔައީ ސިއްސައިގެންނެވެ. އޭނާ ގޮވާލަން އުޅެނިކޮށް މާކިންއަށް ގޮވީ ކާކުތޯ ބަލަން ހޯދާލިއިރު އަކްޔަންގެ މިސް ސުޒާން ބަލަހައްޓައިގެން ހުއްޓެވެ. ޖަނާ އެދެމީހުންގެ މޫނު ފެންނާނެހެން އެނބުރިލި ވަގުތު މާކިންވެސް އެނބުރި ބަލައިލީއެވެ. ސުޒާންގެ މޫނުން ހައިރާންކަން ފައުޅު ވަމުން ދިޔައިރު މާކިންގެ ލޮލުގައިވީ ނޭނގޭ ބިރުވެރި ކަމެކެވެ. ޖަނާ ދެފަހަރު ދެމީހުންނަށް ބަލައިލާފައި ސުޒާންއާ ވާހަކަ ދައްކަން އަނގަ ހުޅުވާލި ހެނެއް ހިއެއްނުވެ މާކިން ކުއްލިއަކަށް އައިސް އޭނާގެ އަތުގައި ހިފައިފިއެވެ. ޖަނާއަށް އެއްޗެއް ނުބުނެވެނީސް މާކިން އެއަތަށް ދަމަމުން ގޮސް ދޮރު ހުޅުވާލައިފައި އަކްޔަންއާ ދެމީހުން ބޭރަށް ނެރުނެވެ.